-

ކްރެޑިޓް އިންފޮމޭށަން ސިސްޓަމް ގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-120)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖުލައި 2022 ގައި)

(މި ގަވާއިދުގެ 18 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2011-29 އުވާލެވިފައި)

 

ފުރަތަމަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، އޮތޯރިޓީން ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގައި ބައިވެރިވާންޖެހޭ ފަރާތްތައް ކަނޑައެޅުމާއި، އެ ސިސްޓަމަށް އަޅާ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަޅާ ފިޔަވަޅުތައް ކަނޑައެޅުމާއި، ސިސްޓަމް ހިންގުމާ ގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މިއީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 1-24 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގެ (5) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގެ ގަވާއިދު" އެވެ.މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދައިފައިވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

(ށ) "ކްރެޑިޓް" ކަމަށް ބުނެފައި އެވަނީ، ލޯނާއި، ފަހުގެ ތާރީހެއްގައި އަނބުރާ ދައްކަންޖެހޭ ފައިސާއާއި، އެހެންވެސް ބާވަތެއްގެ ދަރަނީގެ ވަސީލަތަށެވެ. މީގެ ތެރޭގައި އަންނަނިވި ކްރެޑިޓް ނުހިމެނޭނެއެވެ.

  1. މާލީ އިދާރާއަކުން އެހެން މާލީ އިދާރާއަކަށް ދޫކުރާ ކްރެޑިޓް؛
  2. ދިވެހި ސަރުކާރަށް، ނުވަތަ ދިވެހި ސަރުކާރުގެ އިދާރާއަކަށް، ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ދޫކުރާ ކްރެޑިޓް؛
  3. ކުންފުންޏަކުން އެ ކުންފުންޏެއްގެ ސަބްސިޑިއަރީއަކަށް ނުވަތަ ހޯލްޑިންގ ކުންފުންޏަކަށް ދޫކުރާ ކްރެޑިޓް؛
  4. އެ ފަރާތެއްގެ މުވައްޒަފުން ނޫން ފަރާތަކަށް ކްރެޑިޓްދޫނުކުރާ ފަރާތަކުން، އެ ފަރާތެއްގެ މުވައްޒަފުންނަށް ދޫކުރާ ކްރެޑިޓް؛
  5. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކްރެޑިޓް.

(ނ) "ކްރެޑިޓް އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކުން އެހެން ފަރާތަކަށް ކްރެޑިޓް ދޫކުރުމަށް ޓަކައި އެ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަށެވެ.

(ރ) "ކްރެޑިޓް އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓް ހޯދުމަށް އެދި، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ހުށަހަޅާ ހުށަހެޅުމަށެވެ.

(ބ) "ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށާއި، 4 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިސްޓަމްގައި ބައިވެރިކޮށްފައިވާ ކޮންމެ ފަރާތަކަށެވެ.

(ޅ) "ކްރެޑިޓް އިންފޮމޭށަން ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ސިސްޓަމަށް އަޅާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ސިސްޓަމުން ނަގާ ރިޕޯޓަކަށެވެ.

(ކ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަށް، ނުވަތަ ރަށު ކައުންސިލަށް، ނުވަތަ ސިޓީ ކައުންސިލަށެވެ.

(އ) "މައުލޫމާތު ނިސްބަތްވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ. އަދި އެ މާނައިގައި، މައުލޫމާތު ނިސްބަތްވާ ފަރާތަކަށް މުސްތަގުބަލުގައި ވުން ގާތް ފަރާތްތައްވެސް ހިމެނޭނެއެވެ.

  1. ކްރެޑިޓް އެޕްލިކޭށަނެއް ހުށަހަޅައިފައިވާ ފަރާތެއް؛
  2. ކްރެޑިޓް އެއްބަސްވުމެއް ވެފައިވާ ފަރާތެއް؛ ނުވަތަ
  3. ކްރެޑިޓް އެއްބަސްވުމެއްގެ ގެރެންޓަރ.

(ވ) "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގައި މާލީ އިދާރާއަށް ދީފައިވާ މާނަކުރުމަށެވެ.

(މ) "ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަން ދޭ، ނުވަތަ ދިނުމަށް ހުށަހަޅާ، ނުވަތަ ދީފައިވާ ފަރާތަކަށެވެ.

(ފ) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސުތަކާއި ގާނޫނީ ށަހްސުތައް ހިމެނޭ ގޮތުންނެވެ.

(ދ) "ސެލްފް-އިންކުއަރީ ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން އެދުމުން، ސިސްޓަމުން ނަގާ އެ ފަރާތުގެ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓަކަށެވެ.

(ތ) "ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކްރެޑިޓް އިންފޮމޭށަން ސިސްޓަމަށެވެ.

 

 

ދެވަނަ ބާބު

ކްރެޑިޓް އިންފޮމޭށަން ސިސްޓަމް

 

4 ވަނަ މާއްދާ - ކްރެޑިޓް އިންފޮމޭށަން ސިސްޓަމް 

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އޮތޯރިޓީން ހިންގަމުންގެންދާ ކްރެޑިޓް އިންފޮމޭށަން ސިސްޓަމަކީ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 1-24 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން ގާއިމްކޮށްގެން ހިންގާސިސްޓަމް ކަމުގައި ބެލެވޭނެއެވެ.

(ށ) އަންނަނިވި އިދާރާތަކުން ސިސްޓަމްގައި ބައިވެރިވާންވާނެއެވެ.

  1. އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތައް؛ އަދި 
  2. އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ފައިނޭންސިންގް ކުންފުނިތައް.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ސިސްޓަމްގައި ބައިވެރިވެފައިވާ ބޭންކުތަކާއި ފައިނޭންސިންގް ކުންފުނިތަކަކީ، މި މާއްދާގެ (ށ) ގެ ދަށުން ސިސްޓަމްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ގޮތުގައި ބެލެވޭނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން ގާއިމުކުރާ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތައް އެފަރާތުގެ ވިޔަފާރި ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ނުވަތަ އޮތޯރިޓީން މި މުއްދަތު އިތުރުކޮށްދީފައިވާނަމަ، އިތުރުކޮށްދީފައިވާ މުއްދަތުގައި ސިސްޓަމްގައި ބައިވެރިވާންވާނެއެވެ.

(ބ) އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއް ސިސްޓަމްގައި ބައިވެރިވާން އެދޭނަމަ، އެކަމަށް އެދި ލިޔުމުން އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ. މިގޮތުން ސިސްޓަމްގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓުގައި އެކަމަށް ކަނޑައަޅައިފައިވާ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ، އޮތޯރިޓީއަށެވެ.

  1. އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުނިތަކުގެ ތެރެއިން ކްރެޑިޓް ދޫކުރާ އިންށުއަރެންސް ކުންފުނިތައް؛
  2.  ކްރެޑިޓަށް ޓެލެކޮމިއުނިކޭށަނުގެ ހިދުމަތްދޭ ކުންފުނިތައް؛ 
  3. ކްރެޑިޓަށް ޔުޓިލިޓީ ހިދުމަތް ދޭ ކުންފުނިތައް؛
  4. ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކައުންސިލްތަކުގެ ތެރެއިން އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ނަމަވެސް ކްރެޑިޓް ދޫކުރާ ތަންތަން؛
  5. ކްރެޑިޓް އުސޫލުން ބިން ނުވަތަ އެޕާޓްމަންޓް ނުވަތަ ބިލްޑިންގ ވިއްކާ އިދާރާތައް؛އަދި
  6. އާންމުންނަށް މުދަލާއި ހިދުމަތް ކްރެޑިޓަށް ފޯރުކޮށްދޭ ގާނޫނީ އެހެނިހެން ށަހްސުތައް. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ސިސްޓަމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބުމުން، އެ ހުށަހެޅުމަށް ބަލައި، ވަކި ށަރުތުތަކަކާއެކު ނުވަތަ ށަރުތަކާ ނުލައި ސިސްޓަމްގައި ބައިވެރިކުރުމަށް ނުވަތަ ބައިވެރި ނުކުރުމަށް އޮތޯރިޓީއަށް ނިންމިދާނެއެވެ.

(ކ) ސިސްޓަމްގައި ބައިވެރިވުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ސިސްޓަމްގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

  1. ބައިވެރިވުމަށް އެދި ހުށަހެޅި ފަރާތުގެ ހިންގުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ ކަންކަމާއި އޮތޯރިޓީން ކަނޑައަޅާ އިތުރު އެހެން ކަންކަން، އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތަކަށް ނުވަތަ ފެންވަރަކަށް ހުރުން؛ އަދި
  2. ބައިވެރިވުމަށް އެދި ހުށަހެޅި ފަރާތް ސިސްޓަމްގައި ބައިވެރިކުރުވުމުން އާންމު މަސްލަހަތަށް ފައިދާ ކުރާނެކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވުން.

(އ) މި މާއްދާގެ (ށ) ގެ ދަށުން ސިސްޓަމްގައި ބައިވެރިވާ ފަރާތްތަކަށް، ސިސްޓަމްގައިވާ މައުލޫމާތުގެ ތެރެއިން އެކްސެސް ދޭނެ މައުލޫމާތު އޮތޯރިޓީން ކަނޑައަޅައި، އެ ފަރާތްތަކަށް އެ މައުލޫމާތަށް އެކްސެސް ދެވޭނެއެވެ.

(ވ) މި މާއްދާގެ (ޅ) ގެ ދަށުން ސިސްޓަމްގައި ބައިވެރިކުރާ ފަރާތްތަކަށް، ސިސްޓަމްގައިވާ މައުލޫމާތަށް އެކްސެސް ދިނުމަށް ނުވަތަ ނުދިނުމަށް، ނުވަތަ ސިސްޓަމްގައިވާ ވަކި މައުލޫމާތަކަށް އެކްސެސް ދިނުމަށް އޮތޯރިޓީން ކަނޑައެޅިދާނެއެވެ. މިގޮތަށް ކަނޑައެޅުމުގައި އެކިއެކި އިދާރާތަކަށް ތަފާތު މައުލޫމާތަށް އެކްސެސް ދެވިދާނެއެވެ.

(މ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު ސިސްޓަމްގައި ބައިވެރިންގެ ގޮތުގައި ތިބި ފަރާތްތަކުން ސިސްޓަމަށް އަޅައިފައިވާ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތަކީ މި ގަވާއިދުގެ ދަށުން ސިސްޓަމަށް އަޅައިފައިވާ މައުލޫމާތު ކަމުގައި ބެލެވޭނެއެވެ.

(ފ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން އޮތޯރިޓީން ކަނޑައަޅާ ސިސްޓަމްގެ އޮޕަރޭޓިންގ ރޫލްސްއާއި، ސުލޫކީ މިންގަނޑުތަކާއި، އޮތޯރިޓީން އަންގާ އެހެން އެންގުންތަކަށް ވެސް އަމަލުކުރަންވާނެއެވެ.

(ދ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އަމަލުކުރި ގޮތެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން، މައުލޫމާތު ނިސްބަތްވާ އެއްވެސް ފަރާތަކާ ގުޅޭގޮތުން ސިސްޓަމްގައިވާ އެއްވެސް މައުލޫމާތެއް، ސައްހަ މައުލޫމާތަކަށް ނުވު މަކުން، ނުވަތަ ފުރިހަމަ މައުލޫމާތަކަށް ނުވުމަކުން، ނުވަތަ އެންމެ ފަހުގެ މައުލޫމާތަކަށް ނުވުމަކުން، އޮތޯރިޓީން އެކަމަކަށް ޒިންމާއެއް ނުވާނެއެވެ.

 

5 ވަނަ މާޢްދާ - ޒާތީ މައުލޫމާތު

(ހ) އަންނަނިވި މައުލޫމާތަކީ، މައުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރުދަކާ ގުޅޭގޮތުން ޒާތީ މައުލޫމާތެވެ.

  1. އެ މީހެއްގެ ފުރިހަމަ ނަމާއި، ކުރިން އެހެން ނަމެއް ދެވިފައިވާނަމަ އެ ނަމެއް (އޭނާއަށް ނިސްބަތްކޮށް މުހާތަބު ކުރެވޭ އެހެން ނަންނަން ހިމެނޭ ގޮތުން)؛
  2. އެ މީހެއްގެ އުފަން ތާރީހު؛
  3. އެ މީހެއްގެ ދާއިމީ އެޑްރެހާއި، އެ ވަގުތަކު ދިރިއުޅޭ އެޑްރެސް؛
  4. އެ މީހަކާ ގުޅޭނެ ފޯނު ނަންބަރު؛
  5. އެ މީހެއްގެ ނެށަނަލް އައިޑެންޓިޓީ ކާޑު ނަންބަރާއި، ޓެކްސް ދެއްކުމުގެ ބޭނުމަށް އޭނާއަށް ނިސްބަތްކޮށް ދޫކޮށްފައިވާ ނަންބަރު ފަދަ، ކާކުކަން ދެނެގަނެވޭނެ އެހެނިހެން މައުލޫމާތު؛
  6. އެ މީހެއްގެ ވަޒީފާގެ ހާލަތާއި، ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އެހެން ހަރަކާތެއް ހިންގާނަމަ، ކުރާ މަސައްކަތާއި އިގްތިސާދުގައި ހަރަކާތްތެރިވާ ދާއިރާ؛ އަދި
  7. އޮތޯރިޓީން ކަނޑައަޅާ އެހެންވެސް މައުލޫމާތު.

(ށ) އަންނަނިވި މައުލޫމާތަކީ، އަމިއްލަ ފަރުދެއް ކަމުގައި ނުވާ މައުލޫމާތު ނިސްބަތްވާ ފަރާތަކާ ގުޅޭގޮތުން ޒާތީ މައުލޫމާތެވެ.

  1. މައުލޫމާތު ނިސްބަތްވާ ފަރާތުގެ ނަމާއި، އެއީ ކޮން ބާވަތެއްގެ އިދާރާއެއްކަމާއި، ކަމާބެހޭ އިދާރާއިން އެ ފަރާތަށް ނިސްބަތްކޮށް ކަނޑައަޅައިފައިވާ ރަޖިސްޓްރޭށަން ނަންބަރު؛
  2. މައުލޫމާތު ނިސްބަތްވާ ފަރާތުގެ ހަރަކާތްތައް ހިންގާ ތަނާއި، އެއް ތަނަށްވުރެ ގިނަ ތަނުގައި ހަރަކާތްތައް ހިންގާނަމަ، ހަރަކާތްތައް ހިންގާ މައި ތަނާއި، އެއީ ގާނޫނީ ށަހްސެއްނަމަ، ރަޖިސްޓަރީ ކޮށްފައިވާ އެޑްރެސް؛
  3. މައުލޫމާތު ނިސްބަތްވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ފެކްސް ނަންބަރު؛
  4. ޓެކްސް ދެއްކުމުގެ ބޭނުމަށް، މައުލޫމާތު ނިސްބަތްވާ ފަރާތަށް، ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ނަންބަރު؛
  5. މައުލޫމާތު ނިސްބަތްވާ ފަރާތުން އިގްތިސާދުގައި ހަރަކާތްތެރިވާ ދާއިރާ؛ އަދި
  6. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތު.

 

6 ވަނަ މާއްދާ - ކްރެޑިޓްއާބެހޭ މައުލޫމާތު 

މައުލޫމާތު ނިސްބަތްވާ ފަރާތަކުން ހުށަހަޅައިފައިވާ ކްރެޑިޓް އެޕްލިކޭށަނަކާ ގުޅޭގޮތުން ނުވަތަ ވެފައިވާ ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން، ނުވަތަ މައުލޫމާތު ނިސްބަތްވާ ފަރާތަކުން ގެރެންޓަރެއްގެ ގޮތުގައި ހިމެނޭ އެއްބަސްވުމަކާ ގުޅޭގޮތުން، އަންނަނިވި މައުލޫމާތަކީ ކްރެޑިޓްއާބެހޭ މައުލޫމާތެވެ.

(ހ) ކްރެޑިޓްގެ އަދަދު ނުވަތަ އެންމެ ގިނަވެގެން ނެގޭނެ ކްރެޑިޓްގެ އަދަދާއި، އެ އަދަދު ކަނޑައަޅައިފައިވަނީ ކޮން ބާވަތެއްގެ ފައިސާއަކުންކަ މާއި، ކްރެޑިޓް ފައިސާ ދޫކުރުމަށް ނުވަތަ އަނބުރާ ދެއްކުމަށް ކަނޑައަޅައިފައިވާ ށަރުތުތައް ހިމެނޭގޮތުން، އެޕްލިކޭށަން ހުށަހަޅައިފައިވާ ނުވަތަ އެއްބަސްވެފައިވާ ކްރެޑިޓްގެ ބާވަތާއި މުއްދަތު.

(ށ) ދީފައިވާ ނުވަތަ ދިނުމަށް ހަމަޖެހިފައިވާ ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ބާވަތާއި، މުއްދަތާއި، އަދަދާއި، އެއާ ގުޅިގެން ކުރެވޭ އަގުކުރުމެއްގެ ތަފުސީލު.

(ނ) ދައްކަންޖެހިފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓް ރޭޓް ނުވަތަ ސަރވިސް ޗާޖް ނުވަތަ ފައިނޭންސް ޗާޖް.

(ރ) ކްރެޑިޓް އެޕްލިކޭށަނަށް، ނުވަތަ ކްރެޑިޓް އެއްބަސްވުމަށް، ނުވަތަ މައުލޫމާތު ނިސްބަތްވާ ފަރާތަށް، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުން ކަނޑައަޅައިފައިވާ ހާއްސަ ނަންބަރު.

(ބ) އެއްބަސްވެފައިވާ ކްރެޑިޓްގެ ސެކިއުރިޓައިޒޭށަންގެ ތަފުސީލު.

(ޅ) އެއްބަސްވެފައިވާ ކްރެޑިޓްގެ ބާވަތަށް، ނުވަތަ މުއްދަތަށް، ނުވަތަ ކްރެޑިޓް އެއްބަސްވުމާ ގުޅިގެން ދީފައިވާ ގެރެންޓީއަކަށް ނުވަތަ ސެކިއުރިޓީއަކަށް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމަކަށް އަންނަ ބަދަލުތައް.

(ކ) ކްރެޑިޓް އެއްބަސްވުމުގެ ދަށުން ނުވަތަ ކްރެޑިޓް އެއްބަސްވުމާ ގުޅިގެން ދީފައިވާ ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ދަށުން އަދާކުރަންޖެހޭ ދަރަންޏަކާ ގުޅޭގޮތުން ހުށަހަޅާ ހުށަހެޅުމެއް ނުވަތަ ކޮށްފައިވާ އިންތިޒާމުތައް.

(އ) ކްރެޑިޓް އެއްބަސްވުމުގެ ނުވަތަ ކްރެޑިޓް އެއްބަސްވުމާ ގުޅިގެން ދީފައިވާ ގެރެންޓީއެއްގެ ނުވަތަ ސެކިއުރިޓީއެއްގެ ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ދަށުން ނުވަތަ އެއިން ކަމަކާ ގުޅިގެން، އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާބެހޭ އެހެންވެސް މައުލޫމާތު.

(ވ) އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތު.

 

 

ތިންވަނަ ބާބު

ސިސްޓަމަށް މައުލޫމާތު އެޅުމާއި އެކްސެސް ދިނުން

 

7 ވަނަ މާއްދާ - ސިސްޓަމަށް މައުލޫމާތު އެޅުން 

(ހ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތަށް ހުށަހަޅައިފައިވާ ކްރެޑިޓް އެޕްލިކޭށަންތަކާއި، އެ ފަރާތުން ވެފައިވާ ކްރެޑިޓް އެއްބަސްވުންތަކާއި، މައުލޫމާތު ނިސްބަތްވާ ފަރާތްތަކާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތު، ސިސްޓަމްގެ އޮޕަރޭޓިންގ ރޫލްސްގައި ބަޔާންކުރާ ނުވަތަ އެހެންވެސް ގޮތަކުން އޮތޯރިޓީން ކަނޑައަޅައިފައި އަންގާ ފޯމެޓްތަކާ އެއްގޮތަށް އަދި ކަނޑައަޅާ މުއްދަތުތަކުގައި ސިސްޓަމަށް އަޅަންވާނެއެވެ.

(ށ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް، ސިސްޓަމަށް އަޅާ މައުލޫމާތަކީ، އޮޕަރޭޓިންގ ރޫލްސްގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން،ސިސްޓަމަށް އެ މައުލޫމާތު އަޅާ ހިނދު އަދި ދެމިގެންދާ ގޮތެއްގައި، ހުރިހާ ގޮތަކުން ވެސް ސައްހަ، މައުލޫމާތުކަމާއި، ފުރިހަމަ މައުލޫމާތުކަމާއި، އެންމެފަހުގެ މައުލޫމާތުކަން ކަށަވަރުކުރަންވާނެއެވެ.

(ނ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތުން ސިސްޓަމަށް އަޅައިފައިވާ މައުލޫމާތު އޮތޯރިޓީން އަންގާ އަވަސް މިނެއްގައި އަޕްޑޭޓް ކުރަންވާނެއެވެ.

(ރ) ސިސްޓަމަށް އަޅައިފައިވާ މައުލޫމާތު ސައްހަ ނޫންކަން ނުވަތަ ފުރިހަމަ ނޫންކަން ނުވަތަ އެ މައުލޫމާތުގައި ކުށް ހުރިކަން، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް އެނގުމާއެކު، އެފަދަ މައުލޫމާތު އިސްލާހުކޮށް ރަނގަޅު ކުރަންވާނެއެވެ.

(ބ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކުން ސިސްޓަމަށް އަޅައިފައިވަނީ ސައްހަ މައުލޫމާތު ނޫންކަން ނުވަތަ ފުރިހަމަ މައުލޫމާތު ނޫންކަން ނުވަތަ އަޕްޓޭޑް މައުލޫމާތު ނޫންކަން ނުވަތަ ކުށްހުރި މައުލޫމާތުކަން ނުވަތަ ސިސްޓަމަށް މައުލޫމާތު އަޅައިފައިވަނީ އޮޕަރޭޓިންގ ރޫލްސް ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަކަށް ނޫންކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އޮތޯރިޓީއަށް ފެނިއްޖެނަމަ، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެ ފަރާތަކާމެދު އެޅިދާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ނިސްބަތްވާ ފަރާތްތަކަށް ކަންކަން ހާމަކުރުމުގެ ޒިންމާ 

ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން، މައުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ކްރެޑިޓް އެޕްލިކޭށަންތަކާއި ކްރެޑިޓް އެއްބަސްވުންތަކާބެހޭ މައުލޫމާތު ސިސްޓަމަށް އަޅަންޖެހޭކަން އެ ފަރާތްތަކަށް އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ކްރެޑިޓް އިންފޮމޭށަން ރިޕޯޓް ނެގުން ލާޒިމްވުން 

ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކޮންމެ މާލީ އިދާރާއަކުން ވެސް ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ ކުރިން، ނުވަތަ އާކުރުމުގެ ކުރިން،ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމުން ކްރެޑިޓް އިންފޮމޭށަން ރިޕޯޓެއް ނަގަންވާނެއެވެ.

 

10 ވަނަ މާޢްދާ - ސިސްޓަމް ގައިވާ މައުލޫމާތަށް އެކްސެސްވުން 

ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ސިސްޓަމްގައިވާ މައުލޫމާތަށް އެކްސެސް ލިބިފައިވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ސިސްޓަމްގައިވާ މައުލޫމާތަށް އެކްސެސްވެވިދާނެއެވެ.

(ހ) އެ ފަރާތަށް ހުށަހަޅައިފައިވާ ކްރެޑިޓް އެޕްލިކޭށަނަކާ ގުޅިގެން އެ އެޕްލިކޭށަން ހުށަހެޅި ފަރާތަކާ ގުޅޭގޮތުން ސިސްޓަމްގައިވާ މައުލޫމާތު.

(ށ) އެ ފަރާތަކަށް ހުށަހަޅައިފައިވާ ކްރެޑިޓް އެޕްލިކޭށަނަކާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއް ދިނުމަށް ހުށަހަޅާ ފަރާތަކާ ގުޅޭގޮތުން ސިސްޓަމްގައިވާ މައުލޫމާތު.

(ނ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އެ ފަރާތަކާއެކު ވެފައިވާ ކްރެޑިޓް އެއްބަސްވުމަކާ ގުޅޭ މައުލޫމާތު ނިސްބަތްވާ ފަރާތެއް ކަމުގައި ހިމެނޭ ފަރާތަކާ ގުޅޭގޮތުން ސިސްޓަމްގައިވާ މައުލޫމާތު.

  1. ކްރެޑިޓް އެއްބަސްވުމަކާ ގުޅޭ މައުލޫމާތު ނިސްބަތްވާ ފަރާތަކުން، އެ ކްރެޑިޓް އެއްބަސްވުމުގެ ނުވަތަ އެ ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ދީފައިވާ ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ބާވަތް ނުވަތަ މުއްދަތު ބަދަލުކުރުމަށް ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ކިބައިން އެދުން، ނުވަތަ، އެނޫން ކްރެޑިޓް އެއްބަސްވުމެއްގެ ނުވަތަ ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ދީފައިވާ ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ބާވަތް ނުވަތަ މުއްދަތު ބަދަލުކުރުމަށް ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ އެހެން ފަރާތެއްގެ ކިބައިން އެދުން؛ ނުވަތަ
  2. ކްރެޑިޓް އެއްބަސްވުމަކާ ގުޅޭ މައުލޫމާތު ނިސްބަތްވާ ފަރާތަކުން، އެ ކްރެޑިޓް އެއްބަސްވުމުގެ ދަށުން ނުވަތަ ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ އެހެން ފަރާތަކާއެކު ވެފައިވާ އެނޫން ކްރެޑިޓް އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމެއް އަދާކޮށްފައި ނުވުން، ނުވަތަ އެ ކްރެޑިޓް އެއްބަސްވުމާ ގުޅޭގޮތުން ނުވަތަ އެނޫންވެސް ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ދީފައިވާ ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައި ނުވުން، އަދި އެ ހިލާފުވީ ހިލާފުވުން ރަނގަޅުކޮށްފައި ނުވުން.

(ރ) އެ ފަރާތަކުން ވެފައިވާ ކްރެޑިޓް އެއްބަސްވުންތަކާ ގުޅޭގޮތުން ސިސްޓަމްގައިވާ މައުލޫމާތު.

 

11 ވަނަ މާއްދާ - ސިސްޓަމް ގައިވާ މައުލޫމާތު ބޭނުން ކުރެވޭނެ ކަންކަން 

ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ސިސްޓަމުން ނަގާ ކްރެޑިޓް ރިޕޯޓް ނުވަތަ ސިސްޓަމުން ނަގާ އެހެނިހެން މައުލޫމާތު ބޭނުންކުރެވޭނީ، އަންނަނިވި ކަންކަމަށް އެކަންޏެވެ.

  1. ކްރެޑިޓް އެޕްލިކޭށަނެއްގައި ހިމަނައިފައިވާ ނުވަތަ ކްރެޑިޓް އެޕްލިކޭށަނަކާ ގުޅިގެން ފޯރުކޮށްދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން؛
  2. މައުލޫމާތު ނިސްބަތްވާ ފަރާތަކަށް ކްރެޑިޓް ދޫކުރުމުގައި ނުވަތަ އެ ފަރާތުގެ ކިބައިން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއް ހޯދުމުގައި ހުރި ރިސްކް އިވެލުއޭޓްކުރުން؛
  3. ކްރެޑިޓް އެއްބަސްވުމެއްގެ ނުވަތަ ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ދީފައިވާ ގެރެންޓީއެއްގެ ނުވަތަ ސެކިއުރިޓީއެއްގެ ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަމެއްގެ ބާވަތް ނުވަތަ މުއްދަތު ބަދަލުކުރުމުގައި ހުރި ރިސްކް އިވެލުއޭޓްކުރުން؛
  4. ކްރެޑިޓް އެއްބަސްވުމެއްގެ އިލްތިޒާމަކާ ހިލާފުވެ ނުވަތަ ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ދީފައިވާ ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު
  5. އުފުލުމުގެ ޔަގީންކަމެއްގައިވާ ށަރުތުތަކާ ހިލާފުވެ، އެ ހިލާފުވުން ރަނގަޅުކޮށްފައި ނުވާނަމަ، އެކަން މޮނިޓަރކުރުން؛ މައުލޫމާތު ނިސްބަތްވާ ފަރާތަކުން އެފަދައިން އެދިފައިވާ ހާލަތުގައި، މައުލޫމާތު ނިސްބަތްވާ ފަރާތެއްގެ ދަރަންޏަކާ ގުޅޭގޮތުން ހުށަހެޅުމެއް ހުށަހެޅުމާމެދު ނުވަތަ އިންތިޒާމެއް ހަމަޖެއްސުމާމެދު ގޮތެއް ނިންމުމަށް ޓަކައި އިވެލުއޭޓްކުރުން؛ އަދި
  6. ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ކްރެޑިޓް ޕޯޓްފޯލިއޯގެ އެނެލިސިސް ހެދުން.

(ށ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން، ސިސްޓަމުން ނަގާ މައުލޫމާތު ބޭނުންކުރެވޭނެ ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަމަކަށް އެ މައުލޫމާތަށް އެކްސެސްވެ، ނަގައި ނުވަތަ ބޭނުންކޮށްގެން ނުވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ސިއްރު ހިފެހެއްޓު މާއި، މައުލޫމާތުގެ ރައްކާތެރިކަން

 

12 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް އެ ފަރާތުން ސިސްޓަމުން ނަގާ ކްރެޑިޓް އިންފޮމޭށަން ރިޕޯޓްތަކާއި އެނޫންވެސް މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި، ސިސްޓަމުން ނަގާ ކްރެޑިޓް އިންފޮމޭށަން ރިޕޯޓްތަކާއި އެނޫންވެސް މައުލޫމާތު، އެ ރިޕޯޓް ނުވަތަ މައުލޫމާތު ނިސްބަތްވާ ފަރާތުގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ، ސީދާގޮތުން ނުވަތަ ނުސީދާގޮތަކުން ވިޔަސް، އެހެން އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.

(ށ) ކްރެޑިޓް އިންފޮމޭށަން ރިޕޯޓް ނުވަތަ ސިސްޓަމުން ނަގާ އެހެންވެސް މައުލޫމާތެއް، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރަކު، ނުވަތަ މުވައްޒަފަކު، ނުވަތަ ކޮންސަލްޓަންޓަކު، ނުވަތަ އެޖެންޓަކު، ނުވަތަ ސިސްޓަމުން ނަގާ އެއްވެސް މައުލޫމާތަކަށް އެކްސެސް އޮންނަ އެހެންވެސް ފަރާތަކުން، ނުވަތަ އެއްވެސް އިރެއްގައި އެއިން މަގާމެއްގައި ހުރި ފަރާތަކުން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ނ) ކުރިން އެހެން ގޮތްގޮތުން އާންމުކޮށް ލިބެން ހުރި މައުލޫމާތުގެ މައްޗަކަށް، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަނޑައަޅާފައިވާ މައުލޫމާތު ހާމަ ނުކުރުމަށް އޮތް އޮތުމެއް ނުހިނގާނެއެވެ.

(ރ) ތިރީގައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުން، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.

  1. މައުލޫމާތު ނިސްބަތްވާ ފަރާތުގެ ހުއްދައާއެކު ހާމަކުރުން؛
  2. ޖިނާއީ ނުވަތަ މަދަނީ ށަރީއަތެއްގެ ބޭނުމަށް މައުލޫމާތު ށަރީއަތަށް ހާމަކުރުން؛ނުވަތަ
  3. ކޯޓުން އަންގައިގެން މައުލޫމާތު ހާމަކުރުން.

(ބ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް، ސިސްޓަމުން ނަގާ ކްރެޑިޓް އިންފޮމޭށަން ރިޕޯޓާއި ސިސްޓަމުން ނަގާ އެހެން މައުލޫމާތެއް ވެސް ހާމަކުރެވެނީ، އެ ފަރާތުގެ ކަމާބެހޭ މުވައްޒަފުންނަށް އަދި ކޮންމެހެން އެނގެންޖެހޭ މުވައްޒަފުންނަށް އެކަނިކަން ޔަގީންކުރުމަށް ޓަކައި އެކަށީގެންވާ އިޖުރާއަތުތައް ކަނޑައަޅާ ތަންފީޒުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ސިސްޓަމުން ނަގާ ރިޕޯޓްތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް 

ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް، ސިސްޓަމުން ނަގާ ކްރެޑިޓް އިންފޮމޭށަން ރިޕޯޓްތަކާއި އެހެންވެސް މައުލޫމާތުގެ ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި، ކްރެޑިޓް ރިޕޯޓްތަކާއި އެހެންވެސް މައުލޫމާތާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ހާސިލު ކުރުމަށް އެކަށީގެންވާ އިންޓަރނަލް ކޮންޓްރޯލްތައް އެކަށައަޅައި، ތަންފީޒު ކުރަންވާނެއެވެ.

(ހ) ގެއްލުނަ ނުދިނުމަށާއި، ހުއްދަނެތް ފަރާތްތަކަށް ލިބުނަނުދިނުމަށް؛

(ށ) ގަވާއިދުގައި ހުއްދަ ކޮށްފައިވާ ބޭނުންތައް ފިޔަވައި އެހެން ބޭނުމަކަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް؛ 

(ނ) ގަވާއިދުގައި ހުއްދަ ކޮށްފައިވާ ހާލަތްތަކުގައި މެނުވީ ހާމަ ނުކުރުމަށް؛ އަދި

(ރ) ބަދަލެއް ނުގެނައުމަށް.

 

 

ފަސްވަނަ ބާބު

އެހެނިހެން ކަންކަން

 

14 ވަނަ މާއްދާ - ށަކުވާ ބެލުމުގެ ނިޒާމު 

(ހ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުން ސިސްޓަމަށް އަޅައިފައިވާ މައުލޫމާތާ ގުޅޭގޮތުން، އެ މައުލޫމާތެއް ނިސްބަތްވާ ފަރާތްތަކުން ހުށަހަޅާ ށަކުވާ ބަލައިގަނެ،އިންސާފުވެރި ގޮތެއްގައި އަދި އަވަސް މިނެއްގައި އެ ށަކުވާ ބަލައި ހައްލުކުރެވޭނެ ނިޒާމެއް ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވެސް ގާއިމުކުރަންވާނެއެވެ.

(ށ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކުން، މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކޮށްފައިވާ ނިޒާމަކީ އިންސާފުވެރި ގޮތެއްގައި ނުވަތަ އަވަސް މިނެއްގައި ށަކުވާ ބަލައި ހައްލުކުރެވޭނެ ނިޒާމެއް ނޫންކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ނިޒާމެއް ރަނގަޅުކުރުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ. މިގޮތުން އޮތޯރިޓީން އަންގާ ގޮތަކަށް ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އަމަލުކުރަންވާނެއެވެ.

(ނ) މައުލޫމާތު ނިސްބަތްވާ ފަރާތާއެކު ގުޅުން ގާއިމުކުރެވޭ އިރު އަދި މައުލޫމާތު ނިސްބަތްވާ ފަރާތަކުން އެދިއްޖެ ކޮންމެ ވަގުތެއްގައި، އެ ފަރާތަށް އަންނަނިވި މައުލޫމާތު، ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުން ދޭންވާނެއެވެ.

  1. ށަކުވާއަށް ހައްލެއް ހޯދުމަށް ކްރެޑިޓްއާބެހޭ މައުލޫމާތު ނިސްބަތްވާ ފަރާތަށް އޮތް ހައްގުގެ މައުލޫމާތު؛ އަދި
  2. ށަކުވާ ބަލައިގަނެ، އެކަން ހައްލުކުރުމުގައި ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އަމަލުކުރާ ނިޒާމާބެހޭ މައުލޫމާތާއި، ށަކުވާ ބަލައި އެކަން ހައްލުކުރުމަށް ކަނޑައަޅައިފައިވާ މުއްދަތާބެހޭ މައުލޫމާތު.

 

15 ވަނަ މާއްދާ - ފީއާއި ޗާޖުތައް

ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ސިސްޓަމުން ނަގާ ރިޕޯޓުތަކާއި މައުލޫމާތަށް، އޮޕަރޭޓިންގ ރޫލްސްގައި ކަނޑައަޅައިފައިވާ ފީ އާއި ޗާޖު އެ ފަރާތްތަކުން ދައްކަންވާނެއެވެ.

 

16 ވަނަ މާއްދާ - ރަނގަޅުކުރުމުގެ ފިޔަވަޅު 

(ހ) ކްރެޑިޓްއާބެހޭ މައުލޫމާތު ފޯރުކޮށްދޭ އެއްވެސް ފަރާތަކުން ނުވަތަ އެ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ނުވަތަ މުވައްޒަފަކު ނުވަތަ ކޮންސަލްޓަންޓަކު، އަންނަނިވި ކަމަކުންކުރެ ކަމެއް ކޮށްފިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެ ފަރާތަކާމެދު އެޅިދާނެއެވެ.

  1. މި ގަވާއިދު ނުވަތަ އޮޕަރޭޓިންގ ރޫލްސް ނުވަތަ އޮތޯރިޓީން އަންގާ އެންގުމެއްގައި ކަނޑައަޅައިފައިވާ މައުލޫމާތު، އޮތޯރިޓީން އަންގާ ގޮތަށް ސިސްޓަމަށް އަޅައިފައިނުވުން؛
  2. މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުންތައް ފިޔަވައި، އެހެން ބޭނުމަކަށް ސިސްޓަމުން ނަގާ މައުލޫމާތު ބޭނުންކުރުން؛ ނުވަތަ
  3. މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވުން، ނުވަތަ ސިސްޓަމްގެ އޮޕަރޭޓިންގ ރޫލްސްއާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކަށް އަމަލުނުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ބޭންކަކުން ކޮށްފިނަމަ، ގާނޫނު ނަންބަރު 24-2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅިދާނެއެވެ. އަދި އެފަދަ ކަމެއް ބޭންކު ނޫން އިދާރާއަކުން ކޮށްފިނަމަ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 39 ވަނަ މާއްދާއާއި 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅިދާނެއެވެ. އަދި، މީގެ އިތުރުން، އެ ފަރާތަކަށް ދީފައިވާ ސިސްޓަމް އެކްސެސް ސަސްޕެންޑްކުރުން ނުވަތަ ސިސްޓަމްގައި ބައިވެރިވުން ނިމުމަކަށް ގެނެވިދާނެއެވެ.

 

17 ވަނަ މާއްދާ - ސެލްފް-އިންކުއަރީ ރިޕޯޓް 

(ހ) އޮތޯރިޓީން ކަނޑައަޅާ ށަރުތުތަކާއި ހަމަތަކުގެ މަތީން، ކޮންމެ ފަރާތަކަށް ވެސް އެ ފަރާތުގެ ސެލްފް-އިންކުއަރީ ރިޕޯޓެއް ހޯދުމަށް އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް "ކްރެޑިޓް އިންފޮމޭށަން ބިއުރޯ ވެބްސައިޓް" މެދުވެރިކޮށް ނުވަތަ އެކަމަށް ކަނޑައަޅައިފައިވާ 
އެޕްލިކޭށަން ފޯމު މެދުވެރިކޮށް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސެލްފް -އިންކުއަރީ ރިޕޯޓަށް އެދި ހުށަހެޅުމުން، ކޮންމެ ފަރާތަކަށްވެސް އެ ފަރާތުގެ ސެލްފް-އިންކުއަރީ ރިޕޯޓް، މީލާދީ އަހަރަކު އެއްފަހަރު ފީއަކާނުލައިދޫކުރެވޭނެއެވެ. މީލާދީ އަހަރަކު އެއްފަހަރަށް ވުރެ ގިނައިން ސެލްފް-އިންކުއަރީ ރިޕޯޓް ދޫކުރެވޭނީ، އޮތޯރިޓީން އެކަމަށް ކަނޑައަޅާ ފީ ދެއްކުމުންނެވެ.

 

18 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2011-29 "ކްރެޑިޓް އިންފޮމޭށަނާބެހޭ ގަވާއިދު 2011" އުވުނީއެވެ.

 

މައި ގާނޫނު

  1. މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06)
  2. ބޭންކިންގއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-24)

 

އުވުނު ގަވާއިދު

ކްރެޑިޓް އިންފޮމޭށަނާބެހޭ ގަވާއިދު 2011 (ގަވާއިދު ނަންބަރު 2011-29)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު