-

ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-102)

 

ފުރަތަމަ ބައި: ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގަވާއިދު ނަންބަރު 2022-99 (އާއިލާއާބެހޭ ގަވާއިދު) ގެ 75 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 96 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، އާއިލީ މައްސަލަތައް ބެލުމުގައި ފެމިލީ ކޯޓުން އަމަލުކުރާނެގޮތުގެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދު އޭގެ މައްޗަށް ހިނގާނެ މައްސަލަތައް

ފެމިލީ ކޯޓުގައި މައްސަލަތައް ބަލައި ހިންގާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ހާއްސަ ގާނޫނަކުން އާއިލީ މައްސަލަތައް ބަލާ ކޯޓަކުން ބެލުމަށް ކަނޑައަޅައިފައިވާ ނުވަތަ އާއިލީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކުން ބެލުމަށް ކަނޑައަޅައިފައިވާ މައްސަލަތައް ފެމިލީ ކޯޓުން ބަލައި ހިންގާނީ މި ގަވާއިދުގައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތައް، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް ގޮތެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުމެވެ.

 

 

ދެވަނަ ބައި: ކޯޓުގެ އިހްތިސާސް

 

4 ވަނަ މާއްދާ - މައުޒޫއީ އިހްތިސާސް

ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ނުވަތަ ވަކި ހާއްސަ ގާނޫނެއްގައި، އާއިލީ މައްސަލަތައް ބެލުމަށް ފެމިލީ ކޯޓަށް ލިބިދޭ ކަމަށް ބަޔާންކޮށްފައިވާ އިހްތިސާސް، ފެމިލީ ކޯޓަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ސަރަހައްދީ އިހްތިސާސް

(ހ) އާންމު އުސޫލުން، އާއިލީ މައްސަލައެއް ބެލުމުގެ ސަރަހައްދީ އިހްތިސާސް ލިބިގެންވާ ކޯޓަކީ، މައްސަލަ ރައްދުވާ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކޯޓެވެ. މިހެން އޮތްނަމަވެސް، މައްސަލަ ހުށަހަޅާ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކޯޓަކަށް މައްސަލަ ހުށަހެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، މައްސަލައެއް އުފުލާއިރު މައްސަލަ ރައްދުވާ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަނެއް ނެތްނަމަ، އޭނާ އެންމެ ފަހުން ދިރިއުޅުނު ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓަކީ އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ 
ކޯޓުކަމުގައި ބެލެވޭނެއެވެ. އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ދާއިރާގެ ކޯޓު ކަމަށް ބަލާނީ، އެ ފަރާތެއް އާންމުގޮތެއްގައި ކައިބޮއި، ނިދައި، ރަށުގައި ގާއިމުވެފައިވާ ފުރަތަމަ މަރުހަލާގެ ކޯޓު، ނުވަތަ އެ ރަށުގައި ގާއިމުވެފައިވާ ކޯޓުތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި އާއިލީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓެވެ.

(ނ) މި މާއްދާގެ ބޭނުމަށް ޓަކައި، މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ދިރިއުޅޭ ތަން ކަނޑައެޅުމުގައި އެ ފަރާތަކުން އެ ތަނެއްގައި ވަކި މުއްދަތަކަށް ދިރިއުޅުންލާޒިމެއް ނޫނެވެ.

(ރ) މި މާއްދާގެ (ހ) ގެ އިތުރުން، އާއިލީ މައްސަލައަކީ ކުއްޖަކާ ގުޅޭ މައްސަލައެއްނަމަ، އެ ކުއްޖާއާ ގުޅޭ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކުއްޖާ އެ ވަގުތަކު ހުރި ރަށެއްގެ ކޯޓަށް ވެސް ލިބިގެންވެއެވެ.

(ބ) މައްސަލަ ރައްދުވާ އެއް ފަރާތަކަށްވުރެ ގިނަ ފަރާތް ތިބިނަމަ، އޭގެ ތެރެއިން އެއް ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓުގައި އެފަދަ މައްސަލައެއް އުފުލިދާނެއެވެ.

(ޅ) ހުކުމެއް ތަންފީޒުކުރުމާ ގުޅޭ މައްސަލައެއްނަމަ، އެ މައްސަލައެއް ބެލުމުގެ ސަރަހައްދީ އިހްތިސާސް ލިބިގެންވަނީ އެ ހުކުމެއް ކުރި ނުވަތަ ހުކުމް ތަންފީޒުކުރަންޖެހޭ ތަންނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓަށެވެ.

 

6 ވަނަ މާއްދާ - ވަގުތީ ފަރުވާގެ ފިޔަވަޅުތައް ބެލުން

އެ މައްސަލައަކީ މައުޒޫއީގޮތުން ނިންމުމުގެ އިހްތިސާސް ފެމިލީ ކޯޓަށް ލިބިފައިވާ މައްސަލައެއް ނަމަ ނުވަތަ އެ ފިޔަވަޅެއް ތަންފީޒުކުރުމުގެ ބާރު ލިބިފައިވާ މައްސަލައެއްނަމަ، ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވަނީ ފެމިލީ ކޯޓަށެވެ.

 

7 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އެއް ކޯޓަކަށްވުރެ ގިނަ ކޯޓަށް ހުށަހެޅޭ މައްސަލަތައް 

(ހ) މައްސަލަ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ހަސްމުންތަކެއް ހިމެނޭ އެއް މައްސަލައަށްވުރެ ގިނަ މައްސަލަ ދިވެހިރާއްޖޭގެ ތަފާތު ދެ ކޯޓަކަށް (ނުވަތަ އެއަށްވުރެ ގިނަ ކޯޓުތަކަށް) ހުށަހެޅިއްޖެކަން އެނގޭ ހިސާބުން، އެ މައްސަލަ ފުރަތަމަ ހުށަހެޅުނު ކޯޓުން އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވޭތޯ ބަލައި، އެކަމާމެދު ގޮތެއް ކަނޑައަޅަންދެން، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ ކޯޓުގައި ހިނގަމުންދާ މައްސަލަ ބެލުން މެދުކަނޑައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓަކުން، އެ ކޯޓަށް މައްސަލަ ހުށަހެޅުނު ތާރީހު، ފުރަތަމަ މައްސަލަ ހުށަހެޅުނު ކޯޓަށް ލަސްނުކޮށް އަންގަންވާނެއެވެ.

(ނ) ފުރަތަމަ މައްސަލަ ހުށަހެޅި ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިވާނަމަ، އެ މައްސަލަ ބަލާނީ، ފުރަތަމަ އެ މައްސަލަ ހުށަހެޅުނު ކޯޓުންނެވެ. މިފަދައިން ފުރަތަމަ މައްސަލަ ހުށަހެޅުނު ކޯޓުން އެ މައްސަލަ ބެލުމަށް އެ ކޯޓުން ނިންމިކަން، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓަށް އެންގުމުން، މި ސަބަބަށް ބިނާކޮށް، މައްސަލަ ފަހުން ހުށަހެޅި ކޯޓުން އެ މައްސަލަ ބާތިލުކުރަންވާނެއެވެ.

 

 

ތިންވަނަ ބައި: ހަސްމުން އަދި ހަސްމުން ތަމްސީލުކުރުން

 

8 ވަނަ މާއްދާ - ހަސްމަކަށް ވެވޭ ހައިސިއްޔަތު

ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޮންމެ ފަރާތަކީ، އާއިލީ މައްސަލައެއްގައި ހަސްމަކަށް ވެވިދާނެ ފަރާތެކެވެ.

 

9 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގެ މަސްލަހަތު އޮތުން

މި ގަވާއިދުގެ 8 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކަށް އާއިލީ މައްސަލައެއް ހުށަހެޅޭނީ، އެ މައްސަލައިގައި އެ ފަރާތުގެ އެކަށީގެންވާ މަސްލަހަތެއް އޮވެގެންނެވެ.

 

10 ވަނަ މާއްދާ - ބަދަލު ހަމަޖެއްސުން

(ހ) ހަސްމުގެ ފަރާތުން ބަދަލުގައި އެހެން ފަރާތެއް ށަރީއަތަށް ހާޒިރުވުމަށް އެދޭނަމަ، ބަދަލުގައި ހާޒިރުވާނެ ފަރާތެއް އައްޔަނު ކުރަންވާނެއެވެ.

(ށ) މައްސަލައިގެ ހަސްމެއްގެ ގޮތުގައި ހިމެނޭ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާ ހާލަތުގައި ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ކަމުގައިވާ ހާލަތުގައި، އެއިން ފަރާތެއް ތަމްސީލުކުރުމަށް އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް އައްޔަނު ކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށް "ރައްކައުތެރިކަން ލިބިގެންވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަ ތްކޮށްދޭނެ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ، އާއިލީ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިޔަށްގެންދިޔުމުގެ ގާބިލުކަން ނެތް ކޮންމެ ފަރާތަކަށެވެ.

(ރ) މި މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖަކު، ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް އައްޔަނުކުރުމުގައި، އެ ފަރާތެއްގެ ގާނޫނީ ބެލެނިވެރިޔާ، ނުވަތަ ށަރުއީ ބަލަދުވެރިޔާ، ނުވަތަ އެ ފަރާތެއް ބަލަމުންދާ ފަރާތް، ނުވަތަ ކުޑަކުދިންނާ ގުޅޭ އެންމެހައި ސިޔާސަތުތައް އެކަށައަޅައި އާއިލާއާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީން ކަނޑައަޅާ ފަރާތަށެވެ.

 

11 ވަނަ މާއްދާ - ބަދަލުގައި ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެއްވެސް ހަސްމެއްގެ ބަދަލުގައި ކޯޓަށް ހާޒިރުވާނެ އެހެން ފަރާތެއް ހަމަޖެއްސޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ބަލިހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުވުމަށް ނުކުޅެދުން؛ ނުވަތަ 
  2. ތިމާ ވަޒަންވެރިވެގެން ދިރިއުޅެމުންދާ އަތޮޅުނޫން އަތޮޅެއްގެ ކޯޓަކަށް ހާޒިރުވާންޖެހުން؛ ނުވަތަ 
  3. ތިމާގެ ގޯތިގެދޮރު ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކު ދޫކޮށް ކޯޓަށް ދިއުން ދަތިވުން؛ ނުވަތަ 
  4. ރަށުގައި ހުރެވެން ނެތުން، ނުވަތަ 
  5. ކޯޓަށް ގަބޫލުކުރެވޭ އެހެން ސަބަބެއް މެދުވެރިވުން.

(ށ) ބަދަލުގައި ށަރީއަތަށް ހާޒިރުވާ މީހާއަކީ މައްސަލައާ ގުޅޭގޮތުން ށަރީއަތަށް ބޭނުންވާ މައުލޫމާތު އެނގިހުރި މީހަކަށް ވާންވާނެއެވެ. އެ މީހަކީ އެފަދަ މީހަކަށް ނުވާނަމަ ބަދަލު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވާންޖެހޭނީ މައްސަލައިގެ ހަސްމުންނެވެ.

(ރ) ބަދަލުގައި ށަރީއަތަށް ހާޒިރުވާ ފަރާތަށް ވަކީލު އައްޔަނުކުރާ ފޯމުގައި ސޮއިކުރެވޭނީ، ޕަވަރ އޮފް އެޓަރނީއަކުން އެ ބާރު ދީފައިވާނަމައެވެ.

(ބ) މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ބަދަލުގައި ށަރީއަތަށް ހާޒިރުވާނެ ފަރާތެއް ހަމަޖައްސާނަމަ، ށަރީއަތަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑީގެ 30 (ތިރީސް) މިނިޓުގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ "ބަދަލު ހަމަޖައްސަން އެދޭ ފޯމު" އާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ޅ) ކޯޓުން ކަނޑައަޅައިފައިވާ "ބަދަލު ހަމަޖައްސަން އެދޭ ފޯމު" ގެ ބަދަލުގައި އެ ފޯމުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ހިމެނޭ ގޮތަށް، ރަޖިސްޓަރީކޮށްފައިވާ ނުވަތަ ނޮޓަރައިޒްކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ނަމަ ރަސްމީ އިދާރާއަކުން ތައްގަނޑު ޖަހައިފައިވާ ޕަވަރ އޮފް އެޓަރނީއެއް ހުށަހެޅިދާނެއެވެ.

(ކ) ބަދަލުގައި މީހަކު ހަމަޖައްސައިފައިވަނިކޮށް، ބަދަލު ހަމަޖެއްސި ފަރާތުން އަޑުއެހުމަށް ހާޒިރުވާން އެދޭނަމަ، ނުވަތަ ބަދަލު ހަމަޖައްސައިފައި އޮތް އޮތުން ބާތިލުކުރަން އެދޭނަމަ،އެކަމަށް ކަނޑައެޅިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(އ) ބަދަލުގައި ހާޒިރުވާ މީހާ ތަނާޒުލުވާން އެދޭނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(ވ) ބަދަލުގައި މީހަކު ހަމަޖައްސައިފައިވަނިކޮށް، އެ މީހާގެ ބަދަލުގައި އެހެން މީހަކު ހަމަޖެއްސޭނީ، ކުރިން ހަމަޖެއްސި ބަދަލު ބާތިލު ކުރުމަށްފަހުގައެވެ.

(މ) ބަދަލުގައި ހަމަޖެއްސޭ ފަރާތަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ސަސްޕެންޑް ކޮށްފައިވާ ވަކީލަކު ކަމުގައި ވެގެން ނުވާނެއެވެ.

(ފ) ބަދަލުގައި ކޯޓަށް ހާޒިރުވުމަށް ހަމަޖެއްސޭ ފަރާތަކީ މީހަކަށް (ތަބީއީ ށަހްސަކަށް) ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ވަރީގެ މައްސަލަތަކުގައި ބަދަލު ހަމަޖެއްސުން

(ހ) ވަރިވުމަށް ނުވަތަ ވަރިކުރުމަށްއެދި ހުށަހަޅާ މައްސަލަތަކުގައި ބަދަލުގައި ހާޒިރުވުމަށް އެހެން މީހަކު ހަމަޖައްސާނަމަ، ރަޖިސްޓަރީކޮށްފައިވާ ނުވަތަ ނޯޓަރައިޒް ކޮށްފައިވާ ނުވަތަ ރާއްޖެއިންބޭރުގައި ނަމަ ކަމާބެހޭ ރަސްމީ އިދާރާއަކުން ތައްގަނޑު ޖަހައިފައިވާ ޕަވަރ އޮފް އެޓަރނީއެއް ހުށަހަޅަން ޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ފަދަ މައްސަލައަކާ ގުޅިގެން ހުށަހަޅާ ޕަވަރ އޮފް އެޓަރނީގައި ވަރިކުރަން ހަވާލުކޮށްފައިވާކަން ނުވަތަ ވަރިވުމަށް އެއްބަސްވެފައިވާކަން ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރުން

(ހ) އައްޔަނުކުރާ ގާނޫނީ ވަކީލަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަކީލުންގެ ލިސްޓުގައި ހިމެނޭ ފަރާތަކަށް ވާންވާނެއެވެ.

(ށ) އައްޔަނުކުރާ ގާނޫނީ ވަކީލަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ސަސްޕެންޑް ކޮށްފައިވާ ވަކީލަކަށް ވެގެން ނުވާނެއެވެ.

(ނ) މައްސަލައިގެ ހަސްމަކު ގާނޫނީ ވަކީލަކު އައްޔަނުކުރާނަމަ، ށަރީއަތަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑީގެ 30 (ތިރީސް) މިނިޓުގެ ކުރިން، އެކަމަށް ކަނޑައަޅައިފައިވާ ފޯމާއި،އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

(ރ) މައްސަލައެއްގައި އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލަކު، އެ މައްސަލައިގައި ށަރީއަތަށް ހާޒިރުވާންޖެހޭ މީހާގެ ބަދަލުގައި ހާޒިރުވުމަށް އެދޭނަމަ، މުވައްކިލުގެ ފަރާތުން ހުށަހަޅައިފައިވާ ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އެދޭ ފޯމު ބާތިލުކުރަން އެދޭކަމަށް ބަޔާންކޮށް، ނުވަތަ ގާނޫނީ ވަކީލުގެ ފަރާތުން އެ މައްސަލައިގެ ގާނޫނީ ވަކީލުކަމުން ތަނާޒުލްވާން އެދޭކަމަށް ބަޔާންކޮށް، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(ބ) މައްސަލައެއްގައި އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލު ވަކިކުރަން ނުވަތަ ބަދަލުކުރަން އެދޭނަމަ، މުވައްކިލުގެ ފަރާތުން، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

(ޅ) މައްސަލައެއްގައި އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލު ތަނާޒުލުވުމަށް އެދޭނަމަ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ށަރީއަތުގެ އެންގުމަށް ފޯމުގެ އަސްލު ކޯޓަށް ހުށަހެޅުން

ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އެދޭ ފޯމާއި ބަދަލު ހަމަޖެއްސުމަށް އެދޭ ފޯމާއި ޕަވަރ އޮފް އެޓާރނީގެ އަސްލު ހުށަހަޅަން ށަރީއަތުން އަންގައިފިނަމަ، އެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ހަސްމުން އިތުރުކުރުމާއި، ބަދަލުކުރުމާއި، ވަކިކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މައްސަލައެއްގެ ހަސްމުންގެ ގޮތުގައި އިތުރު ފަރާތްތައް (ކޯޓުގެ އިސްނެގުމަށް) ހިމެނިދާނެއެވެ.

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަން ކޯޓަށް ނިންމޭނީ، އެ މައްސަލައަކާ ގުޅޭ އިތުރު ހަސްމެއް ހިމަނައިގެން ކަމަށްވުން؛ ނުވަތަ 
  2. ކޯޓުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ހަސްމަކާއި އެހެން ފަރާތަކާ ދެމެދު އުފެދިފައިވާ އެހެން މައްސަލައަކީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސީދާ އަސަރުކުރާ މައްސަލައެއް ކަމުގައިވާ ހާލަތުގައި، އެ މައްސަލައަށް ހައްލެއް ހޯދު މަށް ޓަކައި އެ ފަރާތެއް ހަސްމެއްގެ ގޮތުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ވުން.

(ށ) މައްސަލައެއްގައި ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއް އެއީ ހަސްމެއް ކަމުގައި ވާންޖެހޭ ފަރާތެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، އެއީ އެ މައްސަލައިގެ ހަސްމެއް ނޫންކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ނިންމުމެއް ނިންމޭނީ، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމަނައިފައިވާ ފަރާތަކީ ، އެ މައްސަލައާ ގުޅުންހުރި ފަރާތެއް ކަމުގައި ނުވާނަމަ، ނުވަތަ އެ ފަރާތުގެ މަސްލަހަތެއް އެ މައްސަލައިގައި ނުހިމެނޭނަމަ، ނުވަތަ އެ ހަސްމަށްވުރެއެ މައްސަލައިގައި ބޮޑު މަސްލަހަތެއް އޮތް އެހެން ފަރާތެއް ހުރިނަމައެވެ.

(ރ) މައްސަލައެއްގައި ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއްގެ މަސްލަހަތު ނުވަތަ އިލްތިޒާމު އެހެން ފަރާތަކަށް ބަދަލުވެފައިވާ ހާލަތުގައި، އަދި އެ މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމާމެދު ގޮތެއް ކަނޑައެޅެން އަންނަނީ، އެ ދެވަނަ ފަރާތް ހަސްމެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމުގައިވާ ހާލަތުގައި، ފުރަތަމަ ހަސްމުގެ ބަދަލުގައި އެ ދެވަނަ ފަރާތް މައްސަލައިގެ ހަސްމެއްގެ ގޮތުގައި ކޯޓަށް ހަމަޖެއްސިދާނެއެވެ.

(ބ) ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، އެ މައްސަލައިގައި އިތުރު ހަސްމުން ހިމެނޭނީ، ނުވަތަ ބަދަލުކުރެވޭނީ، ނުވަތަ ވަކިކުރެވޭނީ، ކޯޓުގެ ހުއްދަޔާއެކުގައެވެ.

 

16 ވަނަ މާއްދާ - މައްސަލައަށް ތަދައްހުލުވުން

(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، އެހެން ފަރާތެއްގެ މަސްލަހަތު ހިމެނޭކަމަށް ބަޔާންކޮށް އެކަން އެފަރާތުން ކޯޓަށް ހުށަހެޅުމުން، އެ ފަރާތެއްގެ މަސްލަހަތު ހިމެނޭކަމަށް ކޯޓުން ނިންމައިފިނަމަ، މައްސަލައަށް ތަދައްހުލުވުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، އެހެން ފަރާތެއްގެ މަސްލަހަތު ހިމެނޭކަމަށް ށަރީއަތަށް ފެނިއްޖެނަމަ، މައްސަލައަށް ތަދައްހުލުވުމަށް އެ ފަރާތަށް އެންގުމުގެ ބާރު ގާޒީއަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ހަސްމަކު މަރުވުން

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އާއިލީ މައްސަލައެއްގައި ހިމެނޭ ހަސްމަކު މަރުވެއްޖެނަމަ، އެ މައްސަލައެއް ކުރިޔަށް ގެންދިޔުމާމެދު ށަރީއަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

 

ހަތަރު ވަނަ ބައި: މައްސަލަ ހުށަހެޅުން

 

18 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) މައްސަލަ ހުށަހަޅާނީ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން، ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުންނެވެ. މައްސަލަ ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ނުވަތަކޯޓުން ކަނޑައަޅާ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

(ށ) ކޯޓުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން، ކޯޓަށް ހުށަހަޅާ ފޯމަށް ފީ ދައްކަންވާނެއެވެ.

(ނ) މައްސަލައެއް ފެށޭނީ، ކޯޓުގައި އެ މައްސަލައެއް އުފުލައި، ކޯޓުން އެ މައްސަލަ ފޯމު ބަލައިގަނެ، ރަޖިސްޓަރީކުރުމުންނެވެ.

 

19 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފޯމުގައި ހިމަނަންޖެހޭ ތަފުސީލުތައް

(ހ) މައްސަލަ ހުށަހަޅާ ފޯމުގައި، އަންނަނިވި ތަފުސީލުތައް ހިމަނަންވާނެއެވެ.

  1. މައްސަލައިގެ ބާވަތާއި މައްސަލައިގެ ހުލާސާ؛
  2. މައްސަލަ އެ މައްޗަށް ބިނާވެފައިވާ، އަދި މައްސަލަ ހުށަހަޅާ ފަރާތުން ބަރޯސާވާ ވާގިއާތައް؛
  3. މައްސަލަ ހުށަހަޅާ ފަރާތުން ހޯދުމަށް އެދޭ ފަރުވާ؛
  4. ހެކިން ހުށަހަޅާނަމަ، ހެކިވެރިޔާގެ މައުލޫމާތާއި ހެކި ހުށަހަޅާ ސަބަބު.

(ށ) ދައުލަތާ ދެކޮޅަށް ހުށަހަޅާ މައްސަލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މައްސަލަ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަން؛ އަދި
  2. ދައުލަތުން ޒިންމާ އުފުލަންޖެހޭ ހާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން.

(ނ) މައްސަލަ ހުށަހަޅަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުން ކަމުގައި ވާނަމަ، މައްސަލަ ހުށަހަޅާ ފޯމުގައި އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.

(ރ) ހަރަދު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއްނަމަ، ނުވަތަ ހަރަދު ތަންފީޒުކުރުމާ ގުޅޭ މައްސަލައެއްނަމަ، ފައިސާގެ ތަފުސީލު، މައްސަލަ ހުށަހަޅާ ފޯމުގައި ހިމަނަންވާނެއެވެ.

 

20 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ހުށަހަޅާއިރު، ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) މައްސަލަ ހުށަހަޅާ ފަރާތުން އެ މައްސަލަ ކޯޓުގައި ކުރިޔަށްގެންދަން ގަސްތުކުރަނީ އަމިއްލައަށް ކަމުގައި ވާނަމަ، އެ ފަރާތާބެހޭ އަންނަނިވި މައުލޫމާތު ހިމަނައި، ކޯޓަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. މައްސަލަ ހުށަހަޅާ ފަރާތުގެ ދާއިމީ އެޑްރެހާއި، އެ އިރެއްގައި ދިރިއުޅެމުންގެންދާ އެޑްރެސް؛
  3. މައްސަލަ ހުށަހަޅާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
  4. މައްސަލަ ހުށަހަޅާ ފަރާތުގެ އީމެއިލް އެޑްރެހެއް އޮތްނަމަ އެ މައުލޫމާތު.

(ށ) މައްސަލަ ހުށަހަޅާ ފަރާތް އެ މައްސަލަ ކޯޓުގައި ކުރިޔަށްގެންދަން ގަސްތުކުރަނީ ގާނޫނީ ވަކީލަކު މެދުވެރިކޮށްގެން ކަމުގައި ވާނަމަ، އަންނަނިވި މައުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ގާނޫނީ ވަކީލުގެ ނަމާއި ދާއިމީ އެޑްރެސް؛ އަދި އެ ގާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައި ވާނަމަ، އެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްގެ ނަމާއި އެޑްރެސް؛
  3. ދައުލަތުގެ ވަކީލަކު ކަމުގައި ވާނަމަ، އެ ގާނޫނީ ވަކީލުގެ ނަމާއި މަގާމު؛
  4. ގާނޫނީ ވަކީލާ ގުޅޭނެ ފޯނު ނަންބަރު؛
  5. ގާނޫނީ ވަކީލުގެ އީމެއިލް އެޑްރެސް.

(ނ) މައްސަލަ ފޯމުގައި މައްސަލަ ހުށަހަޅާ ފަރާތުން ސޮއިކުރަންވާނެއެވެ. އަދި ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާނަމަ، ގާނޫނީ ވަކީލު ސޮއިކުރަންވާނެއެވެ. އެ ގާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައި ވާނަމަ، އެ ލޯ ފަރމެއް ނުވަތަ އެ ލީގަލް ޕްރެކްޓިސްއެއްގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ. އަދި އެ ގާނޫނީ ވަކީލަކީ ދައުލަތުގެ އޮފީހެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައި ވާނަމަ، ދައުލަތުގެ އޮފީހެއްގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.

(ރ) މައްސަލަ ހުށަހަޅާ ފޯމު ކޯޓަށް ހުށަހަޅަންވާނީ، ކޯޓަށް ހުށަހަޅާ މައްސަލަ ފޯމުގެ އަސްލުގެ އިތުރުން، މައްސަލަ ރައްދުވާ ކޮންމެ ފަރާތަކަށް ވެސް އެ ފޯމުގެ އަސްލެއް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތީންނެވެ.

 

21 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް މައްސަލަ ހުށަހެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، އެންމެ ކުޑަމިނުން އީމެއިލްގެ ޒަރީއާއިން، މައްސަލަ ހުށަހެޅޭނެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތެއް މެދުވެރިކޮށްގެން ހުށަހަޅާ ފޯމެއް އެ ތާރީހުގައި ކޯޓަށް ހުށަހެޅި ކަމުގައި ބަލާނީ، ކޯޓުގެ ރަސްމީ މަސައްކަތުދުވަހު ކޯޓު ބަންދުކުރާ ގަޑީގެ ކުރިން އެ ފޯމެއް ފޮނުވައިފައިވާނަމައެވެ. ކޯޓު ބަންދުކުރާ ގަޑީގެ ފަހުން ފޮނުވާ ފޯމުތައް ފޮނުވި ތާރީހު ކަމުގައި ބަލާނީ، ޖެހިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހުގެ ތާރީހެވެ.

(ނ) ވަގުތީ ފިޔަވަޅެއް އެޅުމަށް ނުވަތަ އަވަސް އަމުރަކަށް އެދިފައިވާ މައްސަލަތަކުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އަމަލުކުރުން އިސްތިސްނާވާނެއެވެ.

(ރ) އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ފޯމާއި އެހެނިހެން ލިޔެކިޔުން ކޯޓަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައި އޮތްނަމަވެސް، ކޯޓަށް ހާޒިރުވެ ފޯމާއި ލިޔެކިޔުން ކޯޓަށް ހުށަހެޅުމަކަށް ހުރަހެއް ނެތެވެ.

 

 

ފަސްވަނަ ބައި: މައްސަލަ ބަލައިގަތުމަށްފަހު އަމަލުކުރާގޮތް

 

22 ވަނަ މާއްދާ - މައްސަލަ ބަލައިގަތުމާއި، މައްސަލަ ރަޖިސްޓަރީކުރުން

(ހ) މި ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު، އެ މައްސަލައަކާ ގުޅޭ އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ކޯޓުން ބަލަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށް، މައްސަލަ ހުށަހެޅުމާއި، އެ މައްސަލަ ރައްދުވުމުގެ ހައިސިއްޔަތު ލިބިފައިވޭތޯ؛
  2. މައްސަލަ ހުށަހެޅުމަށް އެކަށީގެންވާ މަސްލަހަތެއް މައްސަލަ ހުށަހަޅާ ފަރާތުގެ ކިބައިގައިވޭތޯ؛
  3. އެ މައްސަލައާ ގުޅޭގޮތުން، ތަންފީޒީ ބާރު ހިނގާ ހުކުމެއް ކުރިން ކޮށްފައިވޭތޯއާއި،ހަސްމުންނާ ގުޅުންހުރި އެހެން މައްސަލައެއް ކޯޓުގައި ހިނގަމުންދޭތޯ؛
  4. މައްސަލައަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ގަވާއިދުގައި ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވޭތޯ؛
  5. މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހިމެނޭގޮތުން، މައްސަލައާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅަ އިފައިވޭތޯ؛
  6. ކަމާގުޅޭގޮތުން ކޯޓަށް ދައްކަންޖެހޭ އެންމެހައި ފީ ދައްކައިފައިވޭތޯ.

(ށ) މައްސަލަ ހުށަހަޅާ ފޯމާއި މައްސަލަތަކުގެ އެހެނިހެން ލިޔުންތައް ކޯޓަށް ލިބުމާއެކު، އެ ފޯމު ނުވަތަ ލިޔުން ލިބުނު ތާރީހާއި ގަޑި އެނގޭނެ ގޮތަކަށް ކޯޓުން އެ ފޯމުގައި ނުވަތަ ލިޔުމުގައި ތައްގަނޑު ޖަހަންވާނެއެވެ.

(ނ) ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ ފޯމު، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފުރިހަމަވާކަން ނުވަތަ ނޫންކަން،އެ ފޯމު ހުށަހެޅި ފަރާތަށް ކޯޓުގެ ރަޖިސްޓްރާރ އަންގަންވާނެއެވެ.

(ރ) ފޯމު އިސްލާހުކުރަންޖެހޭނަމަ އެކަން ކުރަން ނުވަތަ އިތުރު ލިޔުމެއް ހުށަހަޅަންޖެހޭނަމަ، ވަކި މުއްދަތެއްގައި އެ ކަމެއް ކުރަން ރަޖިސްޓްރާރ ލިޔުމަކުން އަންގަންވާނެއެވެ. ކަމެއް ކުރަން ރަޖިސްޓްރާރ ދޭ މުއްދަތަކީ އެ ކުރަންޖެހޭ ކަމެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ވާންޖެހޭނެއެވެ.

(ބ) ފޯމު އިސްލާހުކޮށް ހުށަހެޅުމަށް ދޭ މުއްދަތުގައި އެ ފޯމު އިސްލާހު ނުކޮށްފިނަމަ، ނުވަތަ، ފުރިހަމަކުރަން އަންގާ ކަމެއް ފުރިހަމަ ނުކޮށްފިނަމަ، އެ ފޯމް ބާތިލުކުރުމުގެ ފުރިހަމަ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. މި ބަޔާންކުރި ގޮތަށް ރަޖިސްޓްރާރ ފޯމެއް ބާތިލުކުރުމަކީ، އަލުން މައްސަލަ ފޯމެއް ހުށަހެޅުމަށް އޮތް ހުރަހެއް ނޫނެވެ.

(ޅ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓުގެ ވަގުތީ ފަރުވާގެ އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅައިފައިވާނަމަ، އެ ފަދަ ފޯމުތަކާމެދު، ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ރަޖިސްޓްރާރ ގޮތެއް ނިންމައި، އަދި އިތުރަށް ފުރިހަމަކުރަންޖެހޭ އެހެނިހެން އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، އެ މައްސަލައިގެ ފައިލާއެކު، އެ ފޯމު، ކޯޓުގެ އިސް ގާޒީއާ ހަވާލުކުރަންވާނެއެވެ.

(ކ) ކޯޓުގެ ރަޖިސްޓްރާރ ފޯމު ބަލައިގަނެ އެ މައްސަލައެއް ރަޖިސްޓަރީކުރުމާއެކު ކޮންމެ މައްސަލައަކަށް ގަޒިއްޔާ ނަންބަރެއް ދޭންވާނެއެވެ. އަދި އެ ފޯމު، އިސް ގާޒީއާ ހަވާލުކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފޯމު ނުވަތަ މައްސަލައިގެ ބަޔާންތައް އިސްލާހުކުރުން

(ހ) ފޯމަށް އެއްވެސް އިސްލާހެއް ގެންނަނަމަ، އެ ފޯމެއް ކޯޓަށް ފޮނުވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިސްލާހެއް ގެންނަން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ށަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހު މައްސަލަ ފޯމަށް ނުވަތަ ހުށަހަޅާ ބަޔާނަށް އެއްވެސް ބަދަލެއް ގެނެވޭނީ، މައްސަލަ ބަލާ ގާޒީގެ ހުއްދަ ލިބިގެންނެވެ.

 

24 ވަނަ މާއްދާ - ލިޔެކިޔުންތައް ބަލައިގަތުމާއި ބަދަލުކުރުން

(ހ) ފޯމު ބަލައިގަނެ ގަޒިއްޔާއެއްގެ ގޮތުގައި ކޯޓުގައި ރަޖިސްޓަރީ ވުމުން، އެ ފޯމުގެ ކޮޕީއާއި ހުށަހެޅިފައިވާ ލިޔުންތަކުގެ ކޮޕީ، މައްސަލަ ރައްދުވާ ފަރާތާ ކޯޓުން ހަވާލުކުރަންވާނެއެވެ.

(ށ) މައްސަލައިގެ ށަރީއަތް ކުރިޔަށް ގެންދަން އެދެނީ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ވާނަމަ، ނުވަތަ މައްސަލަ ރައްދުވާ ފަރާތުން އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ށަރީއަތް ކުރިޔަށް ގެންދިޔުމަށް އެދިއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުން ފޯރުކޮށްދީފައިވާ އީމެއިލް އެޑްރެހަކަށް މައްސަލަ ފޯމުގެ ކޮޕީއާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ، ކޯޓުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ލިޔެކިއުން ހަވާލުކުރުމުން، މައްސަލައަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ކޯޓުން އަންގާ މުއްދަތެއްގެ ތެރޭގައި، އަންނަނި ގޮތްތަކުގެ ތެރެއިން ގޮތަކުން، އެކަމާ ގުޅޭ ފޯމެއް މެދުވެރިކޮށް މައްސަލައަށް ޖަވާބުދާރީވާންވާނެއެވެ.

  1. މައްސަލައަށް އެއްބަސްވުން؛
  2. މައްސަލައަށް އިންކާރުކޮށް، ދިފާއު ހުށަހެޅުން؛
  3. ރައްދު މައްސަލަ ހުށަހެޅުން.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މައްސަލަ ރައްދުވާ ފަރާތުން މައްސަލައަށް ޖަވާބު ހުށަހެޅުމުން، މައްސަލައިގެ ޖަވާބުފޯމު، މައްސަލަ ހުށަހަޅާ ފަރާތަށް ފޮނުވަންވާނެއެވެ.

 

 

ހަވަނަ ބައި: ކޯޓަށް ހާޒި ރުވުން

 

25 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުން

(ހ) އާންމު އުސޫލެއްގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ، އަތުން އަތަށެވެ. އަތުން އަތަށް ހަވާލުނުކުރެވޭ ހާލަތެއްގައި، ހާޒިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ، ތަސައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ މީހާއާ އަމުރު ހަވާލުކުރުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އީމެއިލް ނުވަތަ އެނޫންވެސް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް، ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވިދާނެއެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ފޮނުވުމުން، އެ އަމުރު ލިބިފައިވާކަން އެ ފަރާތުން ހާމަކޮށްފައިވާނަމަ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ނ) އެހެން ގޮތަކަށް މައްސަލަ ރައްދުވާ ފަރާތުން ކޯޓަށް އަންގައިފައި ނުވާނަމަ، ނުވަތަ އެނޫން ހުށަހެޅުމެއް މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅައިފައި ނުވާނަމަ، މައްސަލަ ރައްދުވާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ، މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ކަމަށް ބުނެ މައްސަލަ ހުށަހަޅާ ފަރާތުން ދީފައިވާ އެޑްރެހަށެވެ.

(ރ) އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މައްސަލަ ހުށަހަޅާ ފަރާތުން ދީފައިވާ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެހަށް އަމުރު ރައްދުކުރުމަށް، ކޯޓުން މަދުވެގެން 3 (ތިނެއް) ފަހަރު މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސްކަމަށް ބުނެ ދީފައިވާ އެޑްރެހުގައި މައްސަލަ ރައްދުވާ ފަރާތް ނޫޅޭކަމަށް ބުނާނަމަ، އިތުރު 1 (އެކެއް) ފަހަރު އަމުރު ރައްދުކުރަން މަސައްކަތްކުރިޔަސް ފުދޭނެއެވެ. އަދި އެފަދައިން މަސައްކަތްކޮށްގެން 
ވެސް އެ އެޑްރެހަށް އަމުރު ރައްދު ނުކުރެވިއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެހަކީ ކޮބައިކަން ސާފުކުރުމަށްފަހު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އެންގުމަށް، މައްސަލަ ހުށަހަޅާ ފަރާތަށް، ކޯޓުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މައްސަލަ ހުށަހަޅާ ފަރާތުން، މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ސާފުކުރުމަށް މަސައްކަތްކޮށްގެން ވެސް އެ ފަރާތުގެ އެޑްރެސް ސާފުކުރެވިފައި ނުވާނަމަ، ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި އެގޮތަށް މައްސަލަ ހުށަހަޅާ ފަރާތުން އެންގުމުން، މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތް ކުރަންވާނެއެވެ.

(ޅ) މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދު ނުކުރެވިއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހުގައި އަމުރުގެ ރަތް ނޯޓިހެއް ހަރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަތް ނޯޓިސް ހަރުކުރުމަށްފަހުގައި ވެސް، މައްސަލަ ރައްދުވާ ފަރާތުން ކަނޑައަޅައިފައިވާ ތާރީހަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވުމަށް، މައްސަލަ ރައްދުވާ ފަރާތަށް އަންގައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް އިއުލާނުކުރުމުންވެސް މައްސަލަ ރައްދުވާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ އައިރު ހާޒިރުގައި މައްސަލަ ކުރިޔަށްގެންދިޔުމާއި، ހުކުމްކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތަކީ ބިދޭސީއަކަށް ވެފައި، މައްސަލަ ހުށަހަޅާ ފަރާތަށް މައްސަލަ ރައްދުވާ ފަރާތް އުޅޭ ވަކި ތަނެއް ނޭނގުން

(ހ) މައްސަލަ ރައްދުވާ ފަރާތަކީ ބިދޭސީއެއްނަމަ، އަދި މައްސަލަ ރައްދުވާ ފަރާތް އުޅޭ ވަކި އެޑްރެހެއް ނޭނގޭކަމުގައި މައްސަލަ ހުށަހަޅާ ފަރާތުން ބުނާނަމަ، މައްސަލަ ރައްދުވާފަރާތް ދިވެހިރާއްޖޭގައި އުޅޭތޯ ކަމާގުޅޭ އިދާރާއިން ސާފުކުރަންވާނެއެވެ. މައްސަލަ ރައްދުވާ ފަރާތް ރާއްޖެއިން ބޭރަށް ފުރާފައިވާކަން ނުވަތަ ދިވެހިރާއްޖެ ދޫކޮށް ގޮސްފައިވާކަން ކަމާގުޅޭ އިދާރާގެ ރިކޯޑުތަކުން ދައްކާނަމަ، ވަކި މުއްދަތެއްގެ ތެރޭގައި ކޯޓާ މުއާމަލާތުކުރުމަށް ނުވަތަ ކޯޓަށް ހާޒިރުވުމަށާއި، އެ މުއްދަތުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތް ކޯޓާމުއާމަލާތުކޮށްފައި ނުވާނަމަ ނުވަތަ ހާޒިރުވެފައިނުވާނަމަ، މައްސަލަ ރައްދުވާ ފަރާތުގެ އައިރުހާޒިރުގައި މައްސަލަ ބަލައި ހުކުމްކުރެވޭނެކަން އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މައްސަލަ ރައްދުވާ ފަރާތް ދިވެހިރާއްޖޭގައި ނެތްކަން ކަމާގުޅޭ އިދާރާގެ ރިކޯޑުތަކުން އެނގޭނަމަ، އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މައްސަލަ ރައްދުވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރެއް ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ އީމެއިލް އެޑްރެސް ސާފުކުރުމަށް ،މައްސަލަ ހުށަހަޅާ ފަރާތަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތަށް ގުޅޭނެ ފޯނު ނަންބަރެއް ނުވަތަ އީމެއިލް އެޑްރެސް، މައްސަލަ ހުށަހަޅާ ފަރާތުން ސާފުކޮށްދީފައި، ކޯޓަށް އެކަން ހުށަހަޅައިފިނަމަ، މައްސަލަ ރައްދުވާ ފަރާތަށް އީމެއިލް މެދުވެރިކޮށް އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތް ކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުން

ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު، އަމުރުގައި ކަނޑައަޅައިފައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެއެވެ.

 

28 ވަނަ މާއްދާ - ގަޑިއަށް ހާޒިރުނުވުން

(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތީންކޯޓަށް ހާޒިރުވުމަށް އަންގާ ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެ މީހަކު 150 (އެއްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަންވާނެއެވެ.

 

29 ވަނަ މާއްދާ - ހާޒިރުވެވެން ނެތްނަމަ ސަބަބު އެންގުން

(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަގުބޫލު އުޒުރެއް ދިމާވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކޯޓަށް އެކަން އަންގަންވާނެއެވެ.

(ށ) މި ގަވާއިދުގައި މަގުބޫލު ސަބަބެއް ކަމުގައި ބެލެވޭނީ، ތިރީގައިވާ ކަމަކުން ކުރެ ކަމަކަށެވެ.

  1. ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން؛
  2. މޫސުން ގޯސްވުމުގެ ސަބަބުން ހާޒިރުނުވެވުން؛
  3. ގާޒީ ގަބޫލުކުރާ އެހެނިހެން ސަބަބުތައް.

 

30 ވަނަ މާއްދާ - މެޑިކަލް ސެޓުފިކެޓު ހުށަހެޅުން

ކޯޓަށް ހާޒިރުނުވެވެން ދިމާވި ސަބަބަކީ މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ 
ނަންބަރުގައިވާ ސަބަބުކަމަށްވާނަމަ، ސިއްހީ ފަރުވާދޭ ތަނަކުން އެ މީހާގެ ސިއްހީ ހާލަތު ބަޔާންކޮށް، 
ސޮއިކޮށް ތައްގަނޑު ޖަހައިފައިވާ މެޑިކަލް ސެޓުފިކެޓު، 2 (ދޭއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

31 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވިކަމަށް އިންކާރުކުރުން

މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތަށް ހާޒިރުވުމުގެ އަމުރު ހަވާލުކޮށްފައިވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނުކަމަށް އިންކާރުކުރާ ހާލަތުގައި، ކޯޓުގެ ފަރާތުން އަމުރު ހަވާލުކުރި މުވައްޒަފު އަމުރު ހަވާލުކުރިކަމަށް ބުނެ، ދޭ ހެކިބަހަކީ ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.

 

32 ވަނަ މާއްދާ - ބަންދުގައި ތިބޭ މީހުންނަށް އަމުރުރައްދުކުރުން

(ހ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އަމުރު ފޮނުވާނީ، އެ މީހަކު ބަންދުކޮށްފައިވާ ނުވަތަ ހައްޔަރުގައި ބަހައްޓައިފައިވާ އިދާރާއަށެވެ.

(ށ) ބަންދުގައި ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން، އެ އިދާރާއަކުން، އަމުރުގައިވާ ތާރީހާއި ގަޑިއަށް އެ މީހަކު ކޯޓަށް ހާޒިރުކޮށްދޭންވާނެއެވެ. އަމުރުގައިވާ ގަޑިއަށް ހާޒިރުކޮށްދެވެން ނެތްނަމަ، އަޑުއެހުން ފެށުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން އެކަން ކޯޓަށް އަންގަންވާނެއެވެ. 

 

33 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން ރަށެއްގައި ހުރި މީހަކު ހާޒިރުކުރުން ނުވަތަ ބަޔާންނެގުން

(ހ) މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން އެހެން ރަށެއްގައި މައްސަލަ ރައްދުވާ ފަރާތް ހުއްޓައި، އެ މީހާގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ، އެ މީހަކު ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި މިގޮތަށް މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ހާޒިރުވުމުގެ އަމުރު ފޮނުވާ ހާލަތުގައި، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ކުރިޔަށް ގެންދާނީ، މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެ ގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގައި ބައިވެރިވުމަށް މައްސަލަ ރައްދުވާ ފަރާތުން އެދޭނަމަ، މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުކޮށް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް، މައްސަލަ ރައްދުވާ ފަރާތުގެ ބަޔާން ނެގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ކޯޓަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ރައްދުވާ ފަރާތް، މައްސަލަ ހުށަހެޅުނު ރަށުގައި ނޫޅެނަމަ، އޭނާ އެ ވަގުތަކު ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ބަޔާން ނެގުމުގެ އިހުތިޔާރު، މައްސަލަ ބަލާ ގާޒީއަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ބަޔާން ނެގުން

(ހ) މައްސަލަ ހުށަހެޅުނުއިރު، މައްސަލަ ރައްދުވާ ފަރާތް ހުރީ ދިވެހިރާއްޖެއިން ބޭރުގައިނަމަ، އަދި އޭނާ ހުރި ގައުމަކީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ގާއިމުކޮށްފައިވާ ގައުމެއްނަމަ، ކަމާގުޅޭ ވުޒާރާއެއް މެދުވެރިކޮށް އެމްބަސީ ނުވަތަ ރަސްމީ އޮފީހަކަށް ހާޒިރުކޮށްގެން އޭނާގެ ބަޔާން ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ކުރިޔަށް ގެންދިއުމަށް ކޯޓުން ނިންމާ ހާލަތުގައި، އެމްބަސީއަކަށް ނުވަތަ ރަސްމީ އޮފީހަކަށް މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުކޮށް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަ ރައްދުވާ ފަރާތުގެ ބަޔާން ނެގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

35 ވަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން

(ހ) ހާޒިރުކުރަންޖެހޭ ފަރާތެއް ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަކީ، އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ކޯޓަށް ފެންނަ ހާލަތްތަކުގައި، އެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ނުވަތަ މީހުން ބަންދުކުރުމުގެ ބާރު ލިބިފައިވާ އެހެން އިދާރާއެއް މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ޓަކައި، ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރުމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށެވެ.

  1. ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކުރިން ފޮނުވި، އެ އަމުރަށް ހާޒިރުވެފައިނުވާ ފަރާތެއް ކަމުގައި ވުން؛
  2. އެ މީހަކީ ފިލައިފާނެފަދަ މީހެއްކަމަށް ކޯޓަށް ފެންނަ މީހަކަށް ވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުން، އެ އަމުރުގައިވާ ތާރީހާއި ގަޑިއަށް ދިވެހި ފުލުހުންގެ ހިދުމަތް ނުވަތަ މީހުން ބަންދުކުރުމުގެ ބާރު ލިބިފައިވާ އެހެން އިދާރާއަކުން އެ މީހަކު ކޯޓަށް ހާޒިރުކޮށްދޭންވާނެއެވެ.

 

36 ވަނަ މާއްދާ - އެޑްރެސް ބަދަލުވުން

(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވިތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ބަދަލުވި އެޑްރެސް އެނގޭގޮތަށް ލިޔުމުން އެކަން ކޯޓަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެޑްރެސް ބަދަލުވިކަން ކޯޓަށް އަންގައިފައި ނުވާނަމަ، މި ގަވާއިދުގެ 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - މައްސަލަ ރައްދުވާފަރާތަށް އަމުރު ލިބި ހާޒިރުނުވުން

ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގްބޫލު އުޒުރެއް ނެތި، އަމުރުގައިވާ ގަޑިއާއި ތާރީހަށް، މައްސަލަ ރައްދުވާ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަމައްސަލަ ރައްދުވާ ފަރާތް ދީފައިވާ އެޑްރެހުގައި ނެތި، ވީތަނެއް ނޭނގޭނަމަ، އައިރު ހާޒިރުގައިމައްސަލަ ހިންގޭނެކަން އެނގޭގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ ހަބަރު ފަތުރާ އެނޫންވަސީލަތެއް މެދުވެރިކޮށް ވެސް އިއުލާނު ކުރުމަށްފަހު، އިއުލާނުގައިވާ ތާރީހާއި ގަޑިއަށްކޯޓަށް ހާޒިރު ނުވެއްޖެނަމަ، ކޯޓަށް ހާޒިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އެ މީހާގެ އައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތް ހާޒިރުނުވުން

ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގްބޫލު އުޒުރެއް ނެތި، އަމުރުގައިވާ ގަޑިއާއި ތާރީހަށް، މައްސަލަ ހުށަހަޅާ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ އުޅޭ އެޑްރެސް ބަދަލުވެގެން މި ގަވާއިދުގެ 36 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކޮށްފައި ނުވާނަމަ، ތިރީގައިމިވާ ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ހ) އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތުން ވަކި ގޮތަކަށް ކޯޓުން އަމަލުކޮށްދިނުމަށް އެދި ހުށަހަޅައިފައި ނުވާނަމަ، އެ މައްސަލައެއް ބާތިލުކުރުން.

(ށ) އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތުން ވަކި ގޮތަކަށް ކޯޓުން އަމަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާނަމަ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ނިންމުން.

 

39 ވަނަ މާއްދާ - ހެކިން ހާޒިރުކުރުން

(ހ) ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، ހެކިން ހާޒިރުކުރަން ޖެހިއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މީހާ ކޯޓަށް ހާޒިރުކުރަންވާނެއެވެ.

(ށ) ހެކިބަސް ދިނުމަށް ހާޒިރުވާންޖެހޭ މީހާ ހުރީ މައްސަލަ ހުށަހަޅައިފައިވާ ރަށް ނޫން އެހެން ރަށެއްގައި ނަމަ، އެ މީހާ ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް އެ މީހަކު ހާޒިރުކޮށް، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގަންވާނެއެވެ.

 

 

ހަތްވަނަ ބައި: ގިންތި ކަނޑައެޅުން

 

40 ވަނަ މާއްދާ - މައްސަލައިގެ ގިންތި ކަނޑައެޅުން

(ހ) ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި، އެ މައްސަލަ އަވަސް މިންކުރުމުގައި ގިންތި ކަނޑައަޅަންވާނެއެވެ. ގިންތި ކަނޑައަޅާނީ، އިބްތިދާއީ އަޑުއެހުމުގައި އެ މައްސަލަ ބަލާ ގާޒީއެވެ.ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާއެކު ވަގުތީ އަމުރަކަށް އެދިފައިވާނަމަ އަމަލުކުރާނީ، މި ގަވާއިދުގެ 75 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މައްސަލައިގެ މުހިއްމުކަމަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށާއި، މައްސަލައިގެ ބާވަތަށް ބެލުމަށްފަހު، އަންނަނިވި ގިންތިތައް ކަނޑައެޅުމުގެ އިހްތިޔާރު، މައްސަލަ ބަލާ ގާޒީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ގިންތި: އަވަސް ނިޔާގެ މައްސަލަތައް؛
  2. ދެވަނަ ގިންތި: އަވަހަށް ނިންމަންޖެހޭ މައްސަލަތައް؛
  3. ތިންވަނަ ގިންތި: ދިގުލައިގެންދާނެކަމަށް ފެންނަ މައްސަލަތައް.

(ނ) މައްސަލައިގެ ގިންތި ކަނޑައެޅުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ފުރަތަމަ ގިންތި:
    މި ގިންތީގައި ހިމެނެނީ، ރުޖޫއު ކުރުމަށް ބޭނުންވުމާއެކު، ވަރިސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވަރިއާމެދު ށައްކުވެގެން ހުށަހަޅާ މައްސަލަތަކާއި، ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލަތަކާއި، ގެވެށި އަނިޔާއިން ރައްކައުތެރިކުރުމުގެ އަވަސް އަމުރަކަށް އެދޭ މައްސަލަތަކާއި، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކޯޓު އަމުރަށް އެދޭމައްސަލަތަކާއި، އަދި އަވަސްގޮތެއްގައި ނިންމަންޖެހޭކަމަށް މައްސަލަބަލާ ގާޒީ ކަނޑައަޅާ މައްސަލަތަކެވެ.
  2. ދެވަނަ ގިންތި:
    ފުރަތަމަ ގިންތީގައި ނުހިމެނޭ މައްސަލަތަކުގެ ތެރެއިން، އެކި އިދާރާތަކުން މައުލޫމާތު ސާފުކުރަން ނުޖެހޭ މައްސަލަތަކާއި، ށަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ގާނޫނީ ބޮޑެތި ނުކުތާތައް ނުހިމެނޭ، އަވަހަށް ނިންމޭނެކަމަށް ފެންނަ މައްސަލަތަކެވެ.
  3. ތިންވަނަ ގިންތި:
    އެކި އިދާރާތަކުން މައުލޫމާތު ސާފުކުރަންޖެހޭ މައްސަލަތަކާއި، ށަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ގާނޫނީ ބޮޑެތި ނުކުތާތައް ހިމެނޭ މައްސަލަތަކެވެ.

 

 

އަށްވަނަ ބައި: އިބްތިދާއީ އަޑުއެހުން 

 

41 ވަނަ މާއްދާ - ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިބްތިދާއީ އަޑުއެހުމާއި ށަރީއަތް ހިންގުން

ކޯޓުގެ ށަރީއަތްތަކާއި، ށަރީއަތުގެ ކުރިން ބޭއްވުމަށް ކަނޑައަޅާ އިބްތިދާއީ އަޑުއެހުންތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވިދާނެއެވެ.

 

42 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން ބޭއްވުން

(ހ) ށަރީއަތްކުރާ ސެކްށަނަށް މައްސަލަ ލިބުމާއެކު، ލަސްނުކޮށް ، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ށަރީއަތުން މައްސަލައިގެ އިބްދިތާއީ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގައި ހިމެނޭ ކަމެއް އިތުރަށް ސާފުކުރަންޖެހޭކަމަށް މައްސަލަ ބަލާ ގާޒީއަށް ފެނިއްޖެނަމަ، އިބްތިދާއީ އަޑުއެހުމެއް ބޭއްވުމުގެ ކުރިން، މި އަކުރުގައިބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި ރަޖިސްޓްރާރއަށް އެ މައްސަލަ އަނބުރާފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރއަށް ފޮނުވާ މައްސަލަތަކުގައި މައުލޫމާތު ސާފުކުރުމަށް ޓަކައި ހަސްމުން ކޯޓަށް ހާޒިރުކުރަންޖެހޭނަމަ، ހަސްމުން ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރުމަށް ޓަކައި އިބްތިދާއީ ބައްދަލުވުން ބާއްވާނީ، ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކުންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ފޮނުވޭ މައްސަލައިގައި ފުރިހަމަކުރަން އެދިފައިވާ ކަންކަން ފުރިހަމަވުމުން، މައްސަލަ ބެލުމަށް ކަނޑައަޅައިފައިވާ ސެކްށަނަށް މައްސަލަ އަނބުރާ ފޮނުވަންވާނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށް ޓަކައި ރަޖިސްޓްރާރއަށް ފޮނުވާ މައްސަލައިގައި އެއްވެސް ސަބަބަކާހުރެ އިބްތިދާއީ 2 (ދޭއް) ބައްދަލުވުމަށް ހަސްމުންހާޒިރުނުވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ މައުލޫމާތު ސާފުކުރެވިފައި ނުވާނަމަ، ސަބަބު ބަޔާންކޮށްފައި، ށަރީއަތް ކުރުމާ ބެހޭ ސެކްށަނަށް މައްސަލަ ފޮނުވަންވާނެއެވެ.

(ބ) ށަރީއަތްކުރުމާ ބެހޭ ސެކްށަނަށް މައްސަލަ ލިބުމުން، ލަސްނުކޮށް މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށަންވާނެއެވެ.

(ޅ) އިބްތިދާއީ އަޑުއެހުން ފަށަމުން، އިބްތިދާއީ އަޑުއެހުންތައް ފެށުނީކަން ގާޒީ އިއުލާނު ކުރުމަށްފަހު، ފޯމުގެ ކޮޕީއާއި މައްސަލައާ ގުޅޭ ގޮތުން ހުށަހަޅައިފައިވާ ސިއްރު ކުރުމަށް އެދި ނުވަތަ ވަކި މިންވަރަކަށް ހާމަކުރުމަށް އެދި ހުށަހަޅައިފައިވާ ލިޔުންތައް ފިޔަވައި އެހެން ހުރިހާލިޔުންތަކެއް، މައްސަލަ ރައްދުވާ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ. އިބްތިދާއީ އަޑުއެހުމުގެ ކުރިޔަށް މައްސަލަ ރައްދުވާ ފަރާތަށް ފޯމާއި ލިޔުންތައް ހަވާލުކުރެވިފައި ނުވާނަމަ، މައްސަލަ ރައްދުވާ ފަރާތް ހާޒިރުވާ ފުރަތަމަ އަޑުއެހުމުގައި، ފޯމުގެ ކޮޕީއާއިލިޔުންތައް މައްސަލަ ރައްދުވާ ފަރާތަށް ރައްދުކުރަންވާނެއެވެ.

(ކ) ސިއްރުކުރުމަށް އެދޭ ލިޔުން ހުށަހަޅަނީ އިބްތިދާއީ އަޑުއެހުމަށްފަހު ކަމުގައި ވާނަމަ،ސިއްރުކުރުމަށް އެދޭ ލިޔުން ހުށަހަޅަން ބޭނުންވާކަން އެ ފަރާތުން ހާމަކުރަންވާނެއެވެ.

(އ) ހުށަހަޅައިފައިވާ ލިޔުންތަކުގެ ތެރޭގައި ސިއްރު ކުރުމަށް ނުވަތަ ވަކި މިންވަރަކަށް ހާމަކުރުމަށް އެދި ލިޔުމެއް ހުށަހަޅައިފައިވާނަމަ، އެ ލިޔުން ސިއްރުކުރުމާމެދު ނުވަތަ ވަކި މިންވަރަކަށް ހާމަކުރުމާމެދު ގާޒީ ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި އެ ލިޔުން ސިއްރު ނުކުރަން ނުވަތަ އެއްކޮށް ހާމަކުރަން ގާޒީ ނިންމާ ހާލަތެއްގައި، މައްސަލައިގެ އަނެއް ހަސްމަށް އެ ލިޔުން ދޭންވާނެއެވެ.

(ވ) ލިޔުމެއް ސިއްރުކުރަން ގާޒީ ކަނޑައަޅާ ހާލަތުގައި، އެނޫން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އެ ލިޔުން އަނެއް ހަސްމަށް ދުލެއް ނުކުރެވޭނެއެވެ. އަދި ވަކި މިންވަރަކަށް ލިޔުން ހާމަކުރަން ގާޒީ ގޮތެއް ކަނޑައަޅާ ހާލަތުގައި، ހާމަކުރަން ކަނޑައެޅި ބައި، ލިޔުން ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތަށް ދޫކުރަންވާނެއެވެ. މި ގޮތުން ދޫކުރާ ލިޔުމުގައި ހާމަނުކުރަން ގާޒީ ކަނޑައެޅި ބައި އުނިކުރުމަށްފަހު ލިޔުން ރައްދުކުރަންޖެހޭ ފަރާތަށް ލިޔުން ރައްދުކުރުމަށްޓަކައި، އުނިކުރި ލިޔުން، ލިޔުން ހުށަހެޅި ފަރާތުން ކޯޓަށް ހުށަހަޅަން، ލިޔުން ހުށަހެޅި ފަރާތަށް ގާޒީ އަންގަންވާނެއެވެ.

(މ) މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅައިފައިވޭތޯއާއި އެ ޖަވާބު ފޯމުގެ ކޮޕީއެއް، މައްސަލަ ހުށަހަޅާ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ. މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅައިފައި ނުވާނަމަ، ގާޒީ ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލައަށް ޖަވާބު ހުށަހަޅަން، މައްސަލަ ރައްދުވާ ފަރާތަށް އަންގަންވާނެއެވެ.

(ފ) މައްސަލައާ ގުޅޭ އެންމެހައި ލިޔުންތައް މައްސަލައިގެ ހަސްމުންނަށް ލިބިފައިވާކަންކަށަވަރުކުރުމަށްފަހު، މައްސަލަ ކުރިޔަށް ގެންދާނެ ގޮތުގެ ގިންތި ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ގާޒީ ކަނޑައަޅަންވާނެއެވެ.

(ދ) ގިންތި ކަނޑައެޅުމަށްފަހު، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް މައްސަލަ ފޮނުވައިގެން މައްސަލަ ހައްލުކުރުމުގެ ފުރުސަތު އޮތްކަން، ނުވަތަ ދެ ފަރާތުން އެއްބަސްވާނަމަ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު އޮތްކަން ގާޒީ ސާފުކޮށްދޭންވާނެއެވެ.

(ތ) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ސާފުކޮށްދިނުމަށް މައްސަލަ ހުށަހަޅާ ފަރާތަށް ގާޒީ އަންގަންވާނެއެވެ.

(ލ) މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ސާފުކޮށްދިނުމުން، މައްސަލައަށް ރައްދުދިނުމާ ގުޅޭގޮތުން ގާޒީ ދޭންޖެހޭ އިރުށާދުތައް، މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.

(ގ) ވަރި ސާބިތުކުރުމުގެ މައްސަލަތަކާއި، ނަސަބު ސާބިތުކުރުމުގެ މައްސަލަތައް ފިޔަވައި، ކޯޓަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެފަރާތުން ބޭނުންވާނަމަ، އެކަމަށް ވަގުތު ކަނޑައަޅައި، އެކަން އިއުލާނުކޮށް މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސައިލަންވާނެއެވެ.

(ޏ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އާންމު އުސޫލެއްގެ ގޮތުން ދެވޭނީ، ގިނަވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށްދިނުމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މައްސަލައިގައި ހިމެނޭ ހަސްމަކު އެދިއްޖެނަމަ، 14 (ސާދަ) ދުވަހުގެ މުއްދަތެއް އިތުރުކޮށްދެވިދާނެއެވެ.

(ސ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލުކުރެވުނުކަން ނުވަތަ ހައްލު ނުކުރެވުނުކަން މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް އަންގަންވާނެއެވެ. އަދި މައްސަލަ ހައްލުކުރެވިދާނެކަމަށް މައްސަލަ ހުށަހަޅާ ފަރާތަށް ނުފެންނަ ހާލަތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިންވެސް އެކަން ކޯޓަށް އެންގިދާނެއެވެ.

(ޑ) މައްސަލަ ހައްލުވެއްޖެކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް އަންގައިފިނަމަ، އަޑުއެހުމެއްގައި އެކަން ކަށަވަރުކޮށް، ށަރީއަތުން މައްސަލަ ބާތިލުކޮށް، މައްސަލައިގެ ހަސްމުންނަށް އެކަން އަންގަންވާނެއެވެ.

(ޒ) މައްސަލަ ހައްލު ނުކުރެވޭކަން މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް އަންގައިފިނަމަ، މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދާނެގޮތް ކަނޑައަޅައި، ހަސްމުންނަށް އެކަން އަންގަންވާނެއެވެ.

 

43 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފެއްދުން

މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ހަވާލުވުމަށްފަހު، އެ މައްސަލަ ބަލައި، އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާކަމަށް ނުވަތަ އެ ހާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެން ނުވާނެ ހާލަތެއް ވުޖޫދުގައިވާކަމަށް މައްސަލަ ރައްދުވާ ފަރާތަށް ފެނިއްޖެނަމަ، މައްސަލައަށް ރައްދު ދިނުމުގެ ބަދަލުގައި، އެ މައްސަލަ ބެލުމުގެ ނުވަތަ ކުރިޔަށް ގެންދިއުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާކަމަށްކަނޑައަޅައިދިނުމަށް މައްސަލަ ރައްދުވާ ފަރާތަށް އެދެވިދާނެއެވެ. މައްސަލަ ރައްދުވާ ފަރާތުން ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފައްދައިފިނަމަ، އިބްތިދާއީ އަޑުއެހުމުގައި ނުވަތަ ށަރީއަތުގައި ވެސް މިކަމާމެދު ގޮތެއް ކަނޑައެޅިދާނެއެވެ.

 

44 ވަނަ މާއްދާ - މައްސަލައަށް އިންކާރުކުރުން

(ހ) މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ވަކި ބަޔަކަށް އެއްބަސްވެ، ވަކި ބަޔަކަށް އެއްބަސްނުވާނަމަ، ނުވަތަ މުޅި މައްސަލައަށް އިންކާރުކުރާނަމަ، އެއްބަސްނުވެވޭ ބަޔާ ގުޅޭ ގޮތުން ދެފަރާތަށް ހެކި ހާމަކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ހެކި ހާމަކުރަން ފުރުސަތު ދޭންވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހެކި ހުށަހެޅުމަކާ ނުލައި ކުރިޔަށް ގެންދެވިދާނެ ކަމަށް ށަރީއަތުން ކަނޑައަޅާ މައްސަލަތަކުގައި ހެކި ހާމަކުރާކަށެއް ނުޖެހޭނެއެވެ.

(ނ) ދެފަރާތުން ހުށަހަޅާ ހެކި ބަލައިގަތުމާމެދު ށަރީއަތުން ގޮތެއް ކަނޑައަޅައި، އިބްތިދާއީ އަޑުއެހުންތައް ނިންމައިލަންވާނެއެވެ. އަދި އިބްދިތާއީ އަޑުއެހުންތައް ނިންމައިލިކަން އިއުލާނު ކުރަންވާނެއެވެ.

 

45 ވަނަ މާއްދާ - އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން

ށަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމާ ހާލަތެއްގައި، މައްސަލައިގެ ނިންމުމުގެ އިތުރުން، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައިވާ ލިޔުމެއް، ހަސްމުންނަށް ފޮނުވަންވާނެއެވެ.

 

 

ނުވަވަނަ ބައި: ށަރީއަތް ހިންގުން

 

46 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުންތައް

(ހ) މައްސަލައިގައި ށަރީއަތް ފެށުމަށް ޓަކައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމުމުން، މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ކޯޓުން ބާއްވަންވާނެއެވެ. ށަރީއަތުގެ އަޑުއެހުންތައް ފަށައި، ށަރީއަތުގެ އަޑުއެހުންތައް ފެށުނުކަން އިއުލާނު ކުރަންވާނެއެވެ.

(ށ) ށަރީއަތުގެ އަޑުއެހުންތައް ކުރިޔަށްދާނެ ގޮތުގެ އިރުށާދު ހަސްމުންނަށް ދޭންވާނެއެވެ.

(ނ) ވަރިވުމަށް ނުވަތަ ވަރިކުރުމަށްއެދި ހުށަހަޅައިފައިވާ މައްސަލައެއް ނަމަ، ވަރިވާން ދެފަރާތުން އެއްބަސްވާ ހާލަތުގައި، ވަރިކުރުމުގެ ހުއްދަ ދޭންވާނެއެވެ.

(ރ) ހެކި ހުށަހެޅުމަކާ ނުލައި ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅާ މައްސަލަތަކުގައި މައްސަލައަށް ޖަވާބުދާރީވުމުން، މައްސަލައާމެދު ށަރީއަތުން ގޮތެއް ކަނޑައަޅައި، ހުކުމް ކުރާނެ ތާރީހު އިއުލާނު ކުރަންވާނެއެވެ.

(ބ) ވަރިއާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ދެފަރާތަށް ވަކި ގޮތަކަށް އެއްބަސްވެވިފައިނުވާ މައްސަލަތަކާއި، ދެފަރާތަށް ވަކި ގޮތަކަށް އިބްތިދާއީ އަޑުއެހުމުގައި އެއްބަސްވެވިފައިނުވާ އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ތަހުވީލުކުރަން ށަރީއަތަށް ފެންނަ މައްސަލަތައް، ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ތަހުވީލުކުރަންވާނެއެވެ.

(ޅ) ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ތަހުވީލުނުކުރާ އަދި އިބްތިދާއީ މަރުހަލާގައި ހެކި ހުށަހަޅައިފައިވާ މައްސަލަތަކުގައި، އެ ހެއްކަކީ ށަރީއަތަށް ބަލައިގަނެފައިވާ ހެއްކެއް ކަމަށް ށަރީއަތުން ކަނޑައަޅައިފައިވާނަމަ، މި ގަވާއިދުގެ އެގާރަވަނަ ބައި (ހެކި ހުށަހެޅުން) ގައިވާ ގޮތުގެ މަތީން ހެކިބަސް ނަގަންވާނެއެވެ.

(ކ) ކިތާބީ ހެކި ބަލައިގަނެފައިވާނަމަ، ދެފަރާތުން ހުށަހަޅައިފައިވާ ށަފަހީ ހެކިންގެ ހެކިބަސް ނަގައި ނިމުމުން، ށަފަހީ ހެކިންގެ ހެކިބަހާ ގުޅޭ ގޮތުންނާއި، ކިތާބީ ހެއްކާ ގުޅިގެން ވާހަކަ ދައްކައި އަދި/ނުވަތަ ބަޔާން ހުށަހަޅަން ދެފަރާތަށް ފުރުސަތު ދޭންވާނެއެވެ. މިގޮތުން ހެއްކާ ގުޅިގެން ފުރަތަމަ ވާހަކަދައްކަން ފުރުސަތު ދޭންވާނީ، މައްސަލަ ހުށަހަޅާ ފަރާތަށެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތުން ހެއްކާ ގުޅިގެން ވާހަކަދެއްކުމުން، މައްސަލަ ރައްދުވާ ފަރާތުން ހެއްކާ ގުޅިގެން ވާހަކަދައްކަން ފުރުސަތު ދޭންވާނެއެވެ.

(އ) ހެއްކާ ގުޅިގެން ވާހަކަދެއްކުމަށްފަހު، ދެފަރާތުން ވެސް ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދޭންވާނެއެވެ.

(ވ) ހުލާސާ ބަޔާން ހުށަހަޅައި ނިމުމުން، މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން އިއުލާނުކޮށް، ހުކުމް ކުރާނެ ދުވަހެއް އިއުލާނު ކުރަންވާނެއެވެ.

(މ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ތަހުވީލުކުރާ މައްސަލައެއް، ށަރީއަތްކުރާ ސެކްށަނަށް، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ފޮނުވުމުން، އެ މައްސަލައަކީ ހެކި ހުށަހަޅައި، ހެކި ބަލައިގަނެފައިވާ މައްސަލައެއްނަމަ، މި ގަވާއިދުގެ އެގާރަވަނަ ބައިގައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދަންވާނެއެވެ.

(ފ) ހެކި ހުށަހަޅައިފައި ނުވާ މައްސަލައެއް ނަމަ، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ތައްޔާރުކޮށްފައިވާ ރިޕޯޓު ށަރީއަތަށް ލިބިފައިވާކަން ހަސްމުންނަށް އަންގައި، ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދޭންވާނެއެވެ.

 

 

 

ދިހަވަނަ ބައި: އާއިލީ މައްސަލަތައް ހައްލު ކުރުމުގައި އަމަލު ކުރާނެ ގޮތް

 

47 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމުގައިއަމަލުކުރާނެ ގޮތް

ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތުން ވަރިވުމަށް ނުވަތަ ވަރިކުރުމަށް އިންކާރުކޮށްފިނަމަ، ނުވަތަ ވަރިކުރުމަށް އެދި ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އިބްތިދާއީ އަޑުއެހުމުގައި މައްސަލައިގައި ހަސްމަކު އެ މައްސަލައިގައި ކޯޓު މެދުވެރިކޮށް ދެ ފަރާތުގެ މައްސަލަ ހައްލުކުރުމަށް އެދޭނަމަ، ނުވަތަ ށަރީއަތަށް އެ މައްސަލައަކީ އެ މައްސަލައެއްގައި ހިމެނޭ ދެ ފަރާތުން ވާހަކަދައްކައި ސުލްހަވެރި ހައްލަކަށް ވާސިލުވެވިދާނެކަމަށްފެންނަ މައްސަލައެއްނަމަ، އެ މައްސަލަ "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް" ފޮނުވަންވާނެއެވެ.

 

48 ވަނަ މާއްދާ - މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ގާނޫނީގޮތުން ލިބިދޭ ފުރުސަތުތަކާއި ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް މައްސަލައެއް ފޮނުވައިފިނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް، ހުށަހެޅިފައިވާ މައްސަލައިގައި ދެފަރާތަށް ގާނޫނީގޮތުން ލިބިދޭ ފުރުސަތުތަކާއި ހައްގުތަކުގެ މައުލޫމާތު ވީވަރަކުން ދެފަރާތަށް ގާނޫނީގޮތުން ލިބިދޭނެ މަގު،އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ފަހިކޮށްދޭންވާނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް މައްސަލައެއް ފޮނުވައިފިނަމަ، އެ މައްސަލައިގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް އެ ފަރާތްތައް އެއްބަސްވާ ސުލްހަވެރި ގޮތަކަށް މައްސަލަހައްލުކުރުމަށް، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން މަސައްކަތް ކުރަންވާނެއެވެ. މިގޮތަށް މަސައްކަތްކުރާއިރު، ދެފަރާތުގެ މަސްލަހަތަށް އިސްކަންދޭންވާއެވެ.

 

49 ވަނަ މާއްދާ - ސުލްހަކުރުމުގެ މަރުހަލާގައި ބައިވެރިކުރެވިދާނެ އެހެން ފަރާތްތައް

(ހ) ދެމަފިރިންގެ މެދުގައި ސުލްހަކުރުމަށް ޓަކައި ދެފަރާތުގެ އާއިލާގެ މެންބަރެއް ނުވަތަ ގާތް މީހެއް ހާޒިރުކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެންނަ ހާލަތުގައި، ސުލްހަކުރުމުގެ މަރުހަލާގައި އެފަދަ ފަރާތެއް ހާޒިރު ކުރެވިދާނެއެވެ.

(ށ) ދެފަރާތުގެ އާއިލާގެ ފަރާތުން އައްޔަނުކުރާ ފަރާތަކީ ސުލްހަކުރުމުގައި ލިބިދޭންޖެހޭ އެހީ ފޯރުވައިނުދެވޭ ފަރާތެއްނަމަ، ނުވަތަ މައްސަލައަށް އެ ފަރާތެއްގެ ސަބަބުން އިތުރު ހީނަރުކަމެއް ފޯރާކަމަށް ފެނިއްޖެނަމަ، އެފަދަ ފަރާތެއް މައްސަލައިން ވަކިކުރުމުގެ ބާރު ،އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - ވަރީގެ މައްސަލަތައް ސުލްހަ ނުކުރެވޭނަމަދަރިންނާމެދު ގޮތެއްކަނޑައެޅުން

.ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ދެމަފިރިންގެ ދެމެދުގައި ސުލްހަކުރުމަށް އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން މަސައްކަތް ކުރުމަށްފަހުވެސް ސުލްހަ ނުކުރެވިއްޖެނަމަ،އަދި އެ ދެމީހުން ކައިވެނިކޮށްގެން ތިބެ ދަރިން ލިބިފައިވާނަމަ، މައްސަލަ ށަރީއަތް ކުރުމާބެހޭ ބަޔަށްފޮނުވުމުގެ ކުރިން، ދަރިންގެ މަސްލަހަތަށް ޓަކައި ނިންމަންޖެހޭ ކަންތައްތަކުގައި ދެމަފިރިން އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމަށް، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން މަސައްކަތް ކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ދެމަފިރިން ސުލްހަކުރުމުގެ ގޮތުން ކައުންސެލިންގ ހޯދުމަށް ކަނޑައެޅުން

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ދެމަފިރިން ސުލްހަކުރުމަށް މަސައްކަތްކޮށް ސުލްހަ ނުކުރެވި ށަރީއަތްކުރުމާބެހޭ ބަޔަށް މައްސަލަ ފޮނުވައިލެވޭ ހާލަތްތަކުގައި، ދެމަފިރިން ކައުންސެލިންގ ހޯދުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ށަރީއަތަށް ފެނިއްޖެނަމަ، އެ ގޮތަށް ކަނޑައެޅިދާނެއެވެ.

 

52 ވަނަ މާއްދާ - ދަރިންގެ މަސްލަހަތުގައި ބަލަންޖެހޭ ކަންކަން

(ހ) ދަރިންގެ މަސްލަހަތުގައި ބަލަންޖެހޭ ކަންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ދަރިންގެ ހަރަދަށް ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ ބޮޑު އަދަދެއް ހަމަޖައްސަން ބޭނުންވާނަމަ، އެކަމުގައި ދެފަރާތުން އެއްބަސްވާ އެންމެ މަސްލަހަތު ހުރި ގޮތް؛
  2. ދަރިންގެ ހަޒާނަތު ހަވާލުކުރާނެ ފަރާތަކާއި ކުއްޖާއަށް ޒިޔާރަތްކުރުމުގައި އެއްބަސްވާ ގޮތް؛
  3. ކުއްޖާގެ ސިއްހަތާއި ތައުލީމާއި ޒަރޫރީ އެހެނިހެން ބޭނުންތައް ފުއްދުމަށް ޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާއި، ހަރަދާ ބެހޭގޮތުން އެއްބަސްވުމަކަށް ވާސިލުވުމަށް.
  4. މިނޫންވެސް ދަރިންގެ މަސްލަހަތުގައްޔާއި ދަރިން ތަރުބިއްޔަތު ކުރުމަށް ޓަކައި ނިންމަންޖެހޭކަމަށް އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ނުވަތަ ދެމަފިރިންކުރެ މީހަކަށް ފެންނަ ކަންތަކުގައި އެއްބަސްވުމަކަށް ވާސިލުވުމަށް.

(ށ) މިނޫން ގޮތެއް ސާބިތުނުވާހައި ހިނދަކު، ކުއްޖާގެ ހައްގުގައި އެންމެ މަސްލަހަތުހުރި ގޮތްކަމުގައި ބަލަންވާނީ، ކުއްޖާގެ މަންމަޔާއި ބައްޕަޔާ ވެސް ބައްދަލުކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށެވެ.

(ނ) ކުއްޖާއަށް ޒިޔާރަތްކުރުމުގެ ހައްގު ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކުއްޖާގެ އާއިލާގެ އެހެން މެންބަރުންނަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ކުދިންނާ ގުޅޭ ގޮތުން ކޯޓުން ހޯދާ މައުލޫމާތު

އެއްވެސް ކައިވެންޏެއް ރޫޅައިލުމުގެ ކުރިން، ދެމަފިރިންގެ ދަރިން ތިބިނަމަ، އެ ކުދިންނާބެހޭ އަންނަނިވި މައުލޫމާތު ކޯޓުން ހޯދަންވާނެއެވެ.

(ހ) ކުދިންގެ އުމުރާއި އުފަންދުވަސް.

(ށ) ކުދިން ސްކޫލަށް ދާކަން ނުވަތަ ނޫންކަން.

(ނ) ކުދިން ސްކޫލަށް ދާ ގަޑި.

(ރ) މައްސަލަ ހުށަހެޅިއިރު ކުދިން ދިރިއުޅެމުންދަނީ ކޮން ފަރާތަކާ އެކުގައިކަން.

(ބ) ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަން ނުވަތަ ނޫންކަން.

(ޅ) ކުދިންގެ ހަޒާނަތު ހަވާލުކުރަން ބޭނުންވަނީ ކޮންފަރާތަކާކަން.

(ކ) ކުއްޖާގެ ހަޒާނަތު ހަވާލުކުރެވޭ ފަރާތުން ދެންހުރި ފަރާތާއި ކުއްޖާއާ ބައްދަލުކޮށްދޭން ބޭނުންވަނީ ކޮން ގޮތަކަށްކަން.

(އ) ކުއްޖާ ބެލެހެއްޓުމުގެ ކަންތަކުގައި ހަރަދު ބޭނުންވާނެ މިންވަރު.

 

54 ވަނަ މާއްދާ - ދެމަފިރިންގެ މެދުގައި އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމުގައި އެހީތެރިވުން

(ހ) މި ގަވާއިދުގެ 50 ވަނަ މާއްދާގައިވާ ހާލަތުގައި، އަންނަނިވި ކަންތައްތަކާ ގުޅޭ ގޮތުން ދެމަފިރިން އެއްބަސްވާ ގޮތެއް ނުވަތަ ހައްލުކުރުމަށް ހުށަހަޅާ ގޮތް، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ބަލަންވާނެއެވެ.

  1. ކުދިންގެ ހަޒާނަތާއި އެ ކުދިންނަށް ޒިޔާރަތްކުރުން.
  2. ކުދިންގެ މަސްލަހަތުގައި ދެމަފިރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  3. ކުދިންގެ ހަރަދުބަރަދު ހަމަޖެއްސުން.
  4. ދެމަފިރންގެ ދަރިން ތިބިނަމަ، މުސްތަގްބަލުގައި ދަރިންނާ ގުޅޭގޮތުން އެ ދެފަރާތުން އަމަލުކުރާނެ ގޮތް.

(ށ) މި މާއްދާގެ (ހ) ގައިވާ މައުލޫމާތުތައް ހޯދުމަށްފަހު، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން އެ ކަންކަން ހައްލުކުރެވިދާނެ ގޮތްތަކެއްގެ މައުލޫމާތު ދެމަފިރިންނަށް ދޭންވާނެއެވެ. އަދި އެ ގޮތްތަކުން ކުރެ ދެމަފިރިންނަށް އެއްބަސްވެވިދާނެ ގޮތްތައް ދެނެގަތުމަށް އެހީތެރިވެވިދާނެއެވެ.

 

55 ވަނަ މާއްދާ - އެއްބަސްވާގޮތް، ށަރީއަތްކުރުމާބެހޭ ބަޔަށް އެންގުން

ދެމަފިރިން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، އެ އެއްބަސްވިގޮތް، ށަރީއަތް ކުރާ ސެކްށަނަށް ލިޔުމަކުން އަންގަންވާނެއެވެ.

 

56 ވަނަ މާއްދާ - އެއްބަސްވާގޮތް ލިޔެ، މައްސަލައިގައި ހިމެނޭ ދެފަރާތުން ސޮއިކުރުން

އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، އެ އެއްބަސްވި ގޮތް ލިޔެ، އެ ލިޔުމުގައި ދެފަރާތުން ސޮއިކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތްކުރުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތަކުގައި، ވީ އެންމެ އަވަހަކަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން އާންމު އުސޫލެއްގެ ގޮތުން އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް މައްސަލަ ހުށަހެޅޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ނުވަތަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް ސަމާލުކަން ދޭންވާނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެންމެ ލަސްވެގެން ނިންމަންވާނެއެވެ.

 

58 ވަނަ މާއްދާ - ލަސްނުކޮށް ށަރީއަތާބެހޭ ބަޔަށް މައްސަލަ ފޮނުވުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރެއިން ސުލްހަވެރި ހައްލަކަށް ވާސިލު ވެވޭނެކަމަށް އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެންނަ މައްސަލަތައް ވެސް، މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި ލަސްނުކޮށް ކޯޓުގެ ށަރީއަތް ކުރުމާބެހޭ ބަޔަށް ފޮނުވަންވާނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެ މައްސަލައަކީ ހައްލުނުވެ، ނުރައްކަލަކަށް ވެދާނެކަމަށް ފެންނަ މައްސަލައެއްނަމަ، މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި ލަސްނުކޮށް ކޯޓުގެ ށަރީއަތްކުރުމާބެހޭ ބަޔަށް ފޮނުވަންވާނެއެވެ.

 

59 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެންނަ ކަންތައްތައް ށަރީއަތްކުރުމާބެހޭ ބަޔަށް އެންގުން

އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ހުށަހެޅިފައިވާ މައްސަލައިގައި ދެފަރާތުން އެއްބަސްވެފައިވާ ކަންތައްތަކާއި، މައްސަލަގައި އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެންނަ ލަފައެއް ށަރީއަތް ކުރުމާބެހޭ ބަޔަށް އަންގަންވާނެއެވެ.

 

60 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ދީފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ށަރީއަތުން ގޮތެއް ނިންމުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ފޮނުވާ މައްސަލަތަކުގައި ށަރީއަތުން ގޮތެއް ނިންމުމުގައި އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ދީފައިވާ މައުލޫމާތާއި ލަފަޔަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން މައްސަލައިގައި ސުލްހަވެރި ހައްލަކަށް ވާސިލު ނުވެވިއްޖެނަމަ، މައްސަލައިގައި ގޮތެއް ނިންމާނީ، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ދީފައިވާ ލަފަޔަށް ރިއާޔަތްކޮށް ށަރީއަތުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ށަރީއަތުން ގޮތެއް ނިންމާ ހާލަތުގައި ކުދިން ތިބިނަމަ، އެ ކުދިންނާ ބެހޭގޮތުން ގޮތެއް ނިންމުމުގައި، މި ގަވާއިދުގެ 52 ވަނަ މާއްދާގައިވާ ކަންތައްތަކަށް ބަލައި، ކުދިންގެ މަސްލަހަތުގައި އެންމެ ރަނގަޅު ގޮތަށް ރިއާޔަތް ކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ސުލްހަ ނުވުމުން ރިޕޯޓު ހުށަހެޅުން

އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގެ ބައްދަލުވުމުގައި ދެފަރާތުގެ ދެމެދުގައި ދިމާވެފައިވާ މައްސަލަތައް ހައްލުނުވާނަމަ، އެ މަޖިލީހުގައި ނެގިފައިވާ ބަޔާންތަކާއި މައްސަލަ ހައްލުކުރުމަށްސުލްހަ ހިންގާ ފަރާތުން ކުރި މަސައްކަތާއި އަދި އެ ފަރާތަށް މައްސަލައާމެދު ފެންނަ ގޮތުގެ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު ށަރީއަތަށް ފޮނުވަންވާނެއެވެ.

 

62 ވަނަ މާއްދާ - ސުލްހަ ރިޕޯޓުގައި ހިމަނަންޖެހޭ ނުކުތާތައް

ސުލްހަ ރިޕޯޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގަޒިއްޔާ ނަންބަރު.

(ށ) ސުލްހައަށް ހުށަހެޅުނު ތާރީހު.

(ނ) ސުލްހައިން ނިމުނު ތާރީހު.

(ރ) މައްސަލަ ފޮނުވި ސެކްށަން.

(ބ) ސުލްހަވީ ގޮތުގެ ހުލާސާ.

(ޅ) ސުލްހަވީ ގޮތް.

(ކ) ދެފަރާތުން އެއްބަސްވާ ކަންކަމާއި އެއްބަސްނުވާ ކަންކަން.

(އ) ސުލްހަ ނުވާނަމަ، ސުލްހަ ނުވާކަމާއި، ސުލްހަނުވާ ސަބަބު.

(ވ) ސުލްހައިގެ ހަސްމުންގެ ނަމާއި އެޑްރެހާއި އެ މީހުންގެ ސޮއި.

(މ) ސުލްހަ ހިންގި ފަރާތުގެ މަގާމާއި ސޮއި.

 

63 ވަނަ މާއްދާ - ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުން

(ހ) ހަސްމުންގެ މެދުގައި އޮތް ހުސޫމާތު އެއްކޮށް ހައްލުވެއްޖެނަމަ، ނުވަތަ އެއިން ބައެއް ހައްލުވެއްޖެނަމަ، ލިޔުމުން ވެވޭ ސުލްހައިގެ އެއްބަސްވުމެއްގައި ހަސްމުން ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ނުވަތަ ކޯޓުން ބޭރުގައިވިޔަސް މައްސަލަ އެކުގައި ނުވަތަ އެއިން ބައެއް ހައްލުވާ ހާލަތުގައި ހަސްމުންގެ މެދުގައިވާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުވުމާއެކު، އެ މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ އެ ބަޔާމެދު ގޮތެއް ކަނޑައެޅި ނިމުނީއެވެ. އެއަށްފަހު އެ މައްސަލަ ދެން ކޯޓަކަށް ހުށައެއްނޭޅޭނެއެވެ

(ނ) ސުލްހައިގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ހަސްމުންނަށް ސާފުވެފައިވާކަން ގާޒީ ޔަގީންކުރަންވާނެއެވެ. ސުލްހައިގެ އެއްބަސްވުން އެކުލަވައިލުމުގައި ގާޒީ ހަސްމުންނަށްއެހީތެރިވެދިން ނަމަވެސް، އެއްވެސް ހަސްމަކު ގަބޫލުނުކުރާ އިލްތިޒާމެއް އޭނާގެ ރުހުމާ ނުލައި، އެ އެއްބަސްވުމަށް އިތުރުކޮށްގެން ނުވާނެއެވެ.

(ރ) ސުލްހައިގެ އެއްބަސްވުމުން ހައްލުވަނީ މައްސަލައިގެ ބައެއް ކަމުގައި ވާނަމަ، ށަރީއަތަށްފޮނުވާ ބައިގެ ތަފުސީލުތައް ބަޔާންކޮށްފައިވާ ލިޔުމެއްގައި ހަސްމުން ސޮއިކުރުމަށް އެންގުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެއެވެ.

 

 

އެގާރަވަނަ ބައި: ހެކި ހުށަހެޅުން

 

64 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ ކުރިން ހުވައިކުރުން

(ހ) ހެކިބަސް ދިނުމުގެކުރިން ހެކިބަސް ދޭ މީހާ ހަތިމުގައި އަތްލައިގެން އަންނަނިވި އިބާރާތުން ހުވައި ކުރަންވާނެއެވެ. "ފެމިލީ ކޯޓުގައި ހިނގަމުންދާ މި ގަޒިއްޔާގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދުބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް މާތްالله ގަންދީ ހުވައިކުރަމެވެ."

(ށ) ހަތިމުގައި އަތްނުލެވޭ ހާލަތުގައި ހުރި މީހަކު ނަމަ، އެ މީހަކު ހުވައި ކުރާއިރު އޭނާގެ ކުރިމަތީގައި ހަތިމު ބޭއްވިދާނެއެވެ.

(ނ) ހެކިބަސްދޭން ހުރީ އައިރު މުސްލިމެއްނަމަ، ހެކިބަސް ނަގަންވާނީ، ތެދުބުނުމަށް އޭނާ އިގްރާރުވާކަމަށާއި، ދޮގުވާހަކައެއް ބުނެފިނަމަ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަން އޭނާއަށް އެނގޭކަން ބަޔާންކޮށް، އޭނާގެ ބަޔާންނެގުމަށްފަހުއެވެ.

 

65 ވަނަ މާއްދާ - ދެފަރާތުން ވަކިގޮތަކަށް އެއްބަސް ނުވެއްޖެނަމަ، ހެކި ހުށަހެޅުން

(ހ) ދެފަރާތުން ވަކިގޮތަކަށް އެއްބަސްނުވާ ހާލަތުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ދަފްއު ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ށަރީއަތުން އެ ފަރާތްތަކަށް ދޭންވާނެއެވެ.

(ށ) ހެކި ހުށަހަޅާއިރު، ހެކި ހުށަހަޅަނީ ކޮން ވާގިއާއެއް ސާބިތުކުރުމަށްކަމާއި، ހުށަހަޅަނީ ށަފަހީ ހެކިނަމަ ހުށަހަޅަން އެދޭ ހެކިވެރިޔާގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަންބަރު އެނގޭނަމަ، ފޯނު ނަންބަރު ކޯޓަށް ހުށަހަޅަންވާނެއެވެ. ކިތާބީ ހެކި ހުށަހަޅާނަމަ، ހުށަހަޅާނީ ސާފު ލިޔުމެކެވެ.

(ނ) ހުށަހަޅަނީ ކިތާބީ ހެކި ކަމުގައި ވެފައި، އެ ހެއްކާ ގުޅިގެން އެއްވެސް ފަރާތަކުން ސުވާލު އުފައްދައިފައި ނުވާނަމަ، އެ ހެއްކަށް މައްސަލައިގައި ރިއާޔަތް ކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ހެކިބަސް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) ހެކީންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ށަރީއަތުގެ އަޑުއެހުމެއްގައި ހެކީންގެ ހެކިބަސް ނަގަންޖެހޭ ހާލަތްތަކުގައި، އެ ހެކީންގެ ހެކިބަސް ނަގަންވާނީ، ށަރީއަތުގެ މަޖިލީހެއްގައި ނުވަތަ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބެއްވޭ އަޑުއެހުމެއްގައި ހުވައިމަތީގައި އެ މީހުންނާ 
    ސުވާލުކޮށްގެންނެވެ.
  2. އެފިޑެވިޓް ހުށަހެޅުމަށް ހުއްދަކުރާ ހާލަތުގައި، ނުވަތަ އެފިޑެވިޓް ހުށަހެޅުމަށް އެހެން ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި، އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅިދާނެއެވެ.
  3. ފުރަތަމަ ހެކިބަސް ނަގާނީ، މައްސަލަ ހުށަހަޅާ ފަރާތުން ހާޒިރުކުރާ ހެކީންގެއެވެ.މައްސަލަ ހުށަހަޅާ ފަރާތުން ހާޒިރުކުރާ ހެކީންނާ މައްސަލަ ހުށަހަޅާ ފަރާތުން އެގްޒެމިންކުރުމުގެ ގޮތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް- އެގްޒެމިންކުރުމުގެ ހައްގު، މައްސަލަ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ.
  4. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން މައްސަލަ ރައްދުވާ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ،އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުންއެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
  5. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތުގެ ހެކީން މައްސަލަ ރައްދުވާ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
  6. މައްސަލަ ހުށަހަޅާ ފަރާތުން ހާޒިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، ދެން ހާޒިރުކުރާނީ، މައްސަލަ ރައްދުވާ ފަރާތުން ހާޒިރުކުރަން ބޭނުންވާ ހެކީންނެވެ.
  7. މައްސަލަ ރައްދުވާ ފަރާތުން ހާޒިރުކުރާ ހެކީންނާ މައްސަލަ ރައްދުވާ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު، މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
  8. މި މާއްދާގެ (7) ވަނަ ނަންބަރުގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
  9. މި މާއްދާގެ (8) ވަނަ ނަންބަރުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުގެ ހެކީން މައްސަލަ ހުށަހަޅާ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، މައްސަލަ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ.
  10. ހެކިން އެގްޒެމިންކުރުމާއި، ކްރޮސް-އެގްޒެމިންކުރުމާއި، ރީ-އެގްޒެމިންކޮށް ނިމުމަށްފަހު ހެއްކާ ގުޅިގެން ސުވާލެއް އުފެދޭނަމަ، ށަރީއަތުން އެކަން ސާފުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ހަސްމަކު ލިޔުމެއް ހާމަކުރާނީ، ވަކި ލިޔުމެއް ވުޖޫދުގައި ވާކަން ނުވަތަ ކޮންމެވެސް އިރެއްގައި ވުޖޫދުގައި ވީކަން ބަޔާންކޮށްގެންނެވެ. މި މާއްދާގެ ބޭނުމަށް ޓަކައި "ލިޔުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ހިމެނިފައިވާ ނުވަތަ ރައްކައުކުރެވިފައިވާ ކޮންމެ އެއްޗަކަށެވެ. ލިޔުމުގެ މާނައިގެ ތެރޭގައި، އަތުން ލިޔެފައިވާ ލިޔުންތަކާއި، އޯޑިއޯއާއި، ވީޑިއޯއާއި، ފޮޓޯއާއި، އީމެއިލާއި، އެހެނިހެން އިލެކްޓްރޯނިކް މުއާސަލާތުތައް ހިމެނޭގޮތުން އިލެކްޓްރޯނިކް ލިޔުންތަކާއި، ވޯޑް-ޕްރޮސެސްކޮށްފައިވާ ލިޔުންތަކާއި، ޑޭޓާބޭސްތަކާއި، ފޮހެ ލައިފައިވާ ލިޔުންތަކާއި، މެޓަޑޭޓާ ހިމެނެއެވެ.

(ނ) ހުށަހެޅޭ މައްސަލައަކާ ގުޅިގެން ހެކި ހުށަހަޅަންޖެހޭނީ، ހުވާމަތީގައިކަމަށް އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅައިފައިވާނަމަ، ހެކި ހުށަހަޅަންވާނީ، އެފިޑެވިޓް މެދުވެރިކޮށެވެ.

(ރ) ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކަކީ ހުވާމަތީގައި ދިނުމަށް އެހެންގައުމެއްގެ ކޯޓަކުން ލާޒިމުކުރާ ހެއްކެއްކަމަށް ހަސްމަކަށް ގަބޫލުކުރެވޭނަމަ، ހުށަހަޅާ އެއްވެސްހުށަހެޅުމެއް ހުށަހެޅޭނީ، އެފިޑެވިޓް މެދުވެރިކޮށްކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައިއެދެވިދާނެއެވެ.

(ބ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނުވަތަ މައްސަލައިގެ ހަސްމެއްގެ ފަރާތުން ހުށަހަޅާހުށަހެޅުމަކާ ގުޅިގެން، އެ މައްސަލައެއްގައި ހުށަހަޅާ ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ މައްސަލަގެ ލިޔެކިޔުންތަކުގެ ބަދަލުގައި ނުވަތަ އެ ލިޔުންތަކުގެ އިތުރުން، ހެކީގެ ގޮތުގައި އެފިޑެވިޓް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.

 

67 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ހުރެ އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅުން 

ހެކިބަސްދޭ ފަރާތް ހުރީ ދިވެހިރާއްޖެއިން ބޭރުގައިނަމަ، މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ނުވަތަ އެ ގައުމެއްގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ބޭރު ގައުމުގައި ހުރެގެން ވެސްއެފިޑެވިޓް މެދުވެރިކޮށް ހެކިބަސް ދެވިދާނެއެވެ.

 

68 ވަނަ މާއްދާ - އެފިޑެވިޓް އޮންނަންވީ ގޮތް

(ހ) އެފިޑެވިޓެއް ދޭ ފަރާތަކުން އެ އެފިޑެވިޓްގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އޭނާއަށް އެނގިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ގަބޫލުކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަން ވަކިން އެނގޭނެ ގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ މައުލޫމާތެއް ނުވަތަ ގަބޫލުކުރުމެއް ބިނާކޮށްފައިވާ މަސްދަރުތައް ވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) އެފިޑެވިޓެއްގައި، އެ އެފިޑެވިޓެއް ދެނީ ކޮން ހަސްމެއްގެ ފަރާތަކުން ކަމާއި، އެފިޑެވިޓް ދޭ ފަރާތުގެ ނަމާއި، ހުވާކުރި ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އެފިޑެވިޓް ދޭ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހައިފައި އޮންނަންވާނެއެވެ. އަދި އެ ފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކޮށްފައިވާ ފަރާތުގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި ، އެ ފަރާތުގެ ސޮޔާއި، އިނގިލީގެ ނިށާން ވެސް އޮންނަންވާނެއެވެ.

 

69 ވަނަ މާއްދާ - އެފިޑެވިޓް ހުށަހަޅާ ފަރާތް ނޫން ފަރާތަކުން އެފިޑެވިޓްގައި ސޮއިކުރުން

(ހ) މައްސަލައެއްގައި އެފިޑެވިޓް ހުށަހަޅައިފައިވާ ފަރާތަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން އެ އެފިޑެވިޓް ކިޔުމަށް ނުވަތަ އެ އެފިޑެވިޓްގައި ސޮއިކުރުމަށް ނުކުޅެދިފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކުރި ފަރާތުން، އެ އެފިޑެވިޓްގައި އަންނަނިވި ކަންކަން ބަޔާންކޮށް، ސޮއިކުރަންވާނެއެވެ.

  1. އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭނާ އެ އެފިޑެވިޓް ކިޔައިދީފައިވާކަން ؛
  2. އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން؛ އަދި
  3. އެފިޑެވިޓް ހުށަހަޅާ ފަރާތުން އެ އެފިޑެވިޓް ދީފައިވަނީ އޭނާގެ ހާޒިރުގައި ހުވާކުރުމަށްފަހުގައިކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނައިފައިނުވާ އެފިޑެވިޓެއް ކޯޓުން ބަލައިގަންނަންވާނީ، އެ އެފިޑެވިޓް ހުށަހަޅާ ފަރާތަށް އެފިޑެވިޓް ކި ޔައިދީ، އެ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމުވެފައިވާކަން ކޯޓަށް ގަބޫލުކުރެވޭނަމަ އެކަންޏެވެ.

(ނ) އެފިޑެވިޓްގެ ބޭނުމަށް ހުވާ ކުރަންވާނީ އަންނަނިވި ފަރާތްތަކުގެ ކުރިމަތީގައެވ

  1. ގާޒީ
  2. ގާނޫނުގައި ކަނޑައަޅައިފައިވާ އެހެން ފަރާތެއް.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކީ، މައްސަލައިގެ ހަސްމަކު ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

 

70 ވަނަ މާއްދާ - އެފިޑެވިޓް ތަރުޖަމާކުރުން

(ހ) ހުށަހަޅަން އެދޭ އެފިޑެވިޓަކީ ދިވެހިބަސް ނޫން އެހެން ބަހަކުން އޮތް އެފިޑެވިޓެއްނަމަ، އެ އެފިޑެވިޓަށް ރިއާޔަތްކުރުމަށް އެދޭ ފަރާތުން އެ އެފިޑެވިޓްގެ ދިވެހި ތަރުޖަމާއަކާއި ބޭރު ގައުމެއްގެ ބަހުން އޮތް އެފިޑެވިޓްގެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެފިޑެވިޓެއްގެ ތަރުޖަމާ ހުށަހަޅާނަމަ، އެފިޑެވިޓް ތަރުޖަމާކުރިފަރާތުން އެ އެފިޑެވިޓްގެ ތަރުޖަމާ ކަށަވަރުކުރުމާއެކު، އެފިޑެވިޓްގެ ތަރުޖަމާއާއި ބޭރު ގައުމުގެ ބަހުން އޮތް އެފިޑެވިޓްގެ ކޮޕީ، އެ އެފިޑެވިޓަށް ރިއާޔަތްކުރުމަށް އެދޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

71 ވަނަ މާއްދާ - އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭ ލިޔެކިޔުން

(ހ) ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރިކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުމަކީ އެ ލިޔެކިޔުމުގެ ސައްހަކަމާއި އެ ލިޔެކިޔުމުން ދޭހަވާ ކަންކަން އިތުރަށް ސާބިތުކުރުމަކާ ނުލައި ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވޭނެ ލިޔެކިޔުމެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ވަކި ލިޔުމަކީ ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރިކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް ބެލެވޭނީ، އެ ލިޔުމެއް ނިސްބަތްވާ ވިޔަފާރިއެއް ނުވަތަ އިދާރާއެއްގެ އޮފިސަރަކު އެ ލިޔުމުގައި ސޮއިކޮށް، އެ ތަނެއްގެ ސިއްކައެއް އެ ލިޔުމުގައި ޖަހައިފައިވާނަމައެވެ.

(ނ) މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ވަކި ލިޔުމަކާ ގުޅޭގޮތުން މި މާއްދާގެ (ހ) އަދި/ނުވަތަ (ށ) އަށް އަމަލުނުކުރެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

72 ވަނަ މާއްދާ - ހަބީރުންގެ ހެކިބަސް ނެގުމުގައި ކޯޓަށް ލިބިގެންވާ ބާރުތައް

(ހ) މައްސަލައެއްގައި ހަބީރުންގެ ހެކިބަސް ނަގަންވާނީ، އެ މައްސަލައެއް ފައިސަލާ ކުރުމަށް ޓަކައި ހަބީރުންގެ ހެކިބަސް ބޭނުންވާ ކަންކަމުގެ މައްޗަށް އެކަންޏެވެ.

(ށ) ހަބީރަކަށް ލިބިފައިވާ ފަންނީ މައުލޫމާތާއި ތަޖުރިބާގެ އަލީގައި ކޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ހަބީރެއްގެ ވެސް ޒިންމާއެކެވެ. އެގޮތުން، ހަބީރަކަށް އިރުށާދު ދޭ ފަރާތް ނުވަތަ އުޖޫރަ ދޭ ފަރާތުގެ މައްޗަށް އޮތް ޒިންމާއަށްވުރެ، ކޯޓަށް އޮންނަ ޒިންމާ އިސްވާންވާނެއެވެ.

(ނ) ށަރީއަތުގައި ހެކިބަސް ނެގުމަށް ޓަކައި ހަބީރަކު ހާޒިރުކުރެވޭނީ، އަދި މައްސަލައިގެ ހެކީގެ ތެރޭގައި، ހަބީރެއްގެ ރިޕޯޓު ހިމެނޭނީ ކޯޓުގެ ހުއްދަޔާއެކުގައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހަސްމުން ހުށަހަޅާއިރު، ހަބީރުގެ ހެކި ބޭނުންވާ ދާއިރާއާއި، އެ ހެކިބަސް ނަގަނީ ކޮން ކަންތައްތަކަކާ ގުޅިގެންކަމާއި، ހަބީރުގެ ނަން ބަޔާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ކޯޓުން ދޭ ހުއްދައިގައި، ހެކިބަސް ނެގޭނީ ކޮން ކަންތައްތަކަކާ ގުޅިގެން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ޅ) ށަރީއަތުގެ ބޭނުމަށް ހަބީރުން ހާޒިރުކޮށް ރިޕޯޓާ ގުޅިގެން ސުވާލުކުރުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

(ކ) ށަރީއަތުގެ ބޭނުމަށް ހަބީރުން ހާޒިރުކޮށް، ހަބީރު ހާޒިރުކުރެވޭ ފަންނާ ގުޅޭގޮތުން ށަރީއަތުން ހަބީރާއި ސުވާލުކުރުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

73 ވަނަ މާއްދާ - ހުށަހަޅާ ރިޕޯޓާއި ގުޅިގެން ހަބީރުންނާ ސުވާލުކުރުން

(ހ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ހަބީރުންގެ ހެކިބަސް ދޭންވާނީ، ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައެވެ. މައްސަލައެއްގައި އިންސާފު ގާއިމު ކުރުމަށް ޓަކައި ހަބީރު ށަރީއަތަށް ހާޒިރުކުރުމަށް ކޮންމެހެން ބޭނުންވާކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ހަބީރުގެ ހެކިބަސް ނެގުމަށް މައްސަލައިގެ އަޑުއެހުމަކަށް އޭނާ ހާޒިރުކޮށް ސުވާލުކުރެވިދާނެއެވެ.

(ށ) މައްސަލައެއްގައި ހުށަހަޅައިފައިވާ ހަބީރެއްގެ ރިޕޯޓަކާމެދު އެ ހަބީރަކާ ލިޔުމުން ސުވާލުކުރެވިދާނެއެވެ. ހަބީރަކާ ލިޔުމުން ސުވާލުކުރެވޭނީ އެއްފަހަރުއެވެ. ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅައިފައިނުވާނަމަ، އަދި ހަބީރުގެ ރިޕޯޓު ހުށަހެޅި ހަސްމު އިތުރު ސުވާލެއް ކުރުމަށް އިއުތިރާޒުކުރާނަމަ، ހަބީރުގެ ރިޕޯޓާ ގުޅިގެން ސުވާލުކުރެވޭނީ، ހަމައެކަނި އޭގައިވާ ކަމެއް ސާފުކުރުމަށްޓަކައެވެ. މި މާއްދާގެ ދަށުން ހަބީރާ ކުރާ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ ހަބީރުގެ ރިޕޯޓުގެ ބައެއް ކަމުގައި ބެލެވޭނެއެވެ.

(ނ) ހަސްމަކު ހުށަހަޅައިފައިވާ ހަބީރެއްގެ ރިޕޯޓަކާ ގުޅިގެން މި މާއްދާގެ ދަށުން އެ ހަބީރަކާ ކުރާ ސުވާލަށް އޭނާ ޖަވާބު ނުދީފިނަމަ، ހަބީރުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

74 ވަނަ މާއްދާ - އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނެގުން

އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނަގައިދިނުމަށް ހެކި ހުށަހެޅި ފަރާތުން ބޭނުންވާ ހާލަތުގައި،އިބްތިދާއީ މަރުހަލާގައި އެކަން ހާމަކުރަންވާނެއެވެ. އަދި ހުށަހެޅި ސަބަބަށް ރިއާޔަތްކޮށް ގާޒީ ގޮތެއް ކަނޑައަޅަންވާނެއެވެ. އިބްތިދާއީ މަރުހަލާ ނިމުމަށްފަހު އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސްނަގައިދޭން އެދިއްޖެނަމަ، އިބްތިދާއީ މަރުހަލާގައި ހުށަހެޅުން ހުށަހަޅައިފައިވާ ނުވާ ސަބަބާއި، އެއް ހާޒިރުގައި ނޫން ގޮތަށް ހެކިބަސް ނަގައިދިނުމަށް އެދިފައިވާ ސަބަބަށް ރިއާޔަތްކޮށް އެކަމާމެދުގައި ގޮތެއް ކަނޑައަޅަންވާނެއެވެ.

 

 

ބާރަވަނަ ބައި: ވަގުތީ އަމުރު

 

75 ވަނަ މާއްދާ - ވަގުތީ އަމުރު

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަމައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއްލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް ހުރުމާއެކު، އެކަމާ ގުޅިގެން ކަމެއް ކުރުމަށް ނުވަތަ ކަމެއްނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅެވެ.

(ށ) އާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގެ ހައްގު މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. އަދި މީގެ އިތުރުން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް އާއިލީ މައްސަލައެއްގައި ވަގުތީ އަމުރަކަށް އެދެވިދާނެއެވެ.

(ނ) ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅާނީ، އެކަމަށްހާއްސަކޮށްފައިވާ ފޯމުންނެވެ.

(ރ) ވަގުތީ އަމުރުގެ ގޮތުގައި އަންނަނިވި ބާވަތުގެ އަމުރުތައް ކޯޓަށް ނެރެދެވިދާނެއެވެ.

  1. ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛
  2. ވަކި ކަމެއް ނުކުރުމަށް އަންގައި، ކުރާ ވަގުތީ އަމުރެއް.

(ބ) ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް މައުޒޫއީ މައްސަލަގައި އެދިފައިނުވިނަމަވެސް، އެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައިދެވިދާނެއެވެ.

(ޅ) އާއިލީ މައްސަލައެއްގައި ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން އެފަދަ އަމަރެއް ނުރެންޖެހޭތޯ ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެ އަމުރެއް ނެރުމަކީ އެ މައްސަލައިގައި އޮތް އެންމެ އަދުލުވެރިގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ކ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅިދާނެއެވެ.

  1. މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ފިލައިގެން ހިނގައިދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  2. ދެމީހުންނަށް ލިބިފައިވާ ދަރިއަކު ނުވަތަ ދަރިން، އެކެއްގެ ރުހުމާނުލައި ރާއްޖެއިންބޭރަށް ގެންގޮސްފާނެކަމުގެ ބިރު ހީވުން؛
  3. ހަޒާނަތު މައްސަލަތަކާ ގުޅިގެން ހަޒާނަތުގެ ހައްގު ލިބުމުގެ ކުރިން ކުއްޖާއަށް ނުވަތަ ދަރިންނަށް ގެއްލުން ލިބިދާނެކަމުގެ ބިރުހީވުން؛
  4. މައްސަލައިގައި ހުކުމް ކުރެވޭއިރު އެ ހުކުމުގެ މަގުސަދު ހާސިލުނުވެ ހިނގައިދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  5. މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށްގަބޫލުކުރެވޭފަދަ ކަމެއްވާނަމަ ވަކިކަމެއް ކުރުވުމުގެ ގޮތުން ނުވަތަ ހުއްޓުވުމުގެ ގޮތުން؛
  6. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކޯޓުން ހުކުމް ކުރުމުގެ ކުރިން އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިހުރި ދަރިއަކު ނުލިބި އެ ދަރިއަކަށް ގެއްލުމެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ ހަވާލުވެގެން ހުރި ފަރާތުން އެ ކުއްޖާއަށް ގެއްލުމެއް ދީފާނެކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރުން؛
  7. ކުއްޖާގެ ހަޒާނަތުގެ ހައްގު ވަކިފަރާތަކަށް ލިބިފައިވާކަމަށް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ފަރާތުގެ އިޒުނައާނުލާ ދަރިފުޅު ގެންދިޔުން؛
  8. ވަގުތީ އަމުރެއް ނެރެދިނުމަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅަންޖެހޭކަމަށް ގަބޫލުކުރެވޭފަދަ ސަބަބެއް އޮތުން.

(އ) ވަގުތީ އަމުރު ނުވަތަ ފިޔަވަޅު ދެމިއޮންނާނީ، ކޯޓުން ކަނޑައަޅާ މުއްދަތަކަށެވެ. ނުވަތަ އެ މައްސަލައެއްގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.

(ވ) ކޯޓުން ނެރޭ ވަގުތީ އަމުރު ނުވަތަ ވަގުތީ ފިޔަވަޅާމެދު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފު ކުރުމުގެ ހައްގު، މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.

 

76 ވަނަ މާއްދާ - ވަގުތީ އަމުރަށް އެދޭނެގޮތް

(ހ) ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމާއެކު، އެ އަމުރު ނެރެދިނުމަށް އެދޭ ސަބަބުތައް ސާފުކޮށް ބަޔާންކުރުމާއެކު، ހެކި ހުރިނަމަ، އެކަމަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.

(ށ) ވަގުތީ އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތް އޮންނަން އެދޭ ގޮތް ބަޔާންކޮށްފައިވާ ލިޔުމެއް ހިމަނަންވާނެއެވެ. އަދި އެ ލިޔުމުގެ ސޮފްޓް ކޮޕީ، ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އަމުރު ރައްދުވާ އެންމެހައި ފަރާތްތަކަށް ބޭނުންވާ އަދަދަށް އެ ފޯމާއި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

 

77 ވަނަ މާއްދާ - އެއް ހަސްމުގެ އައިރު ހާޒިރުގައި އަމުރު ނެރުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް އެ އަމުރު ރައްދުވާ ހަސްމުގެ އައިރު ހާޒިރުގައި ށަރީއަތުގެ ކުރިން ނުވަތަ ށަރީއަތުގެ ތެރޭގައި ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ނެރެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް ހޯދަން އެދިފައިވަނީ އަނެއް ހަސްމުގެ އައިރު ހާޒިރުގައި ކަމަށް ވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު، އަމުރު ރައްދުވާ ފަރާތަށް ފޮނުވައި އެ ހުށަހެޅުމާމެދު އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެއް ހަސްމުގެ އައިރު ހާޒިރުގައި އަމުރެއް ނެރެދޭންވާނީ، އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ.

  1. އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށްވުން؛ ނުވަތަ
  2. ހެކި ނައްތައިލައިފާނެ ކަމުގެ ބިރު އޮތުން؛ ނުވަތަ 
  3. ކުއްޖާ ގައުމުން ބޭރަށް ނުވަތަ އެހެން ތަނަކަށް ގެންގޮސްފާނެކަމުގެ އިހްތިމާލު އޮތުން؛ ނުވަތަ 
  4. އެފަދަ އަމުރެއް އައިރު ހާޒި ރުގައި ނެރެންޖެހޭ އެހެންވެސް ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުން.

(ރ) މި މާއްދާގެ ދަށުން އައިރު ހާޒިރުގައި ނެރޭ އަމުރެއް، އެ އަމުރު ރައްދުވާ ފަރާތަށް ލިބުމުން، އެ އަމުރު މުރާޖާ ކޮށްދިނުން އެދި ހުށަހަޅާނަމަ، އެ އަމުރު ނެރުނު ކޯޓަށް ހުށަހެޅިދާނެއެވެ. މި އުސޫލުން މުރާޖާ ކުރުމަށް އެދި ހުށަހަޅާ މައްސަލައެއް މުރާޖާ ކުރާނީ އެ އަމުރު ނެރުނު ގާޒީ ނުވަތަ އެ މައްސަލައާ ހަވާލުވެހުރި ފަނޑިޔާރެވެ.

(ބ) ހަސްމެއްގެ އައިރު ހާޒިރުގައި ނެރެފައިވާ އަމުރެއް މުރާޖާ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިމިވާ ފަދަ ސަބަބެއް އޮތްނަމައެވެ.

  1. އައިރު ހާޒިރުގައި އަމުރެއް ނެރެދިނުމަށް ހުށަހެޅި ހުށަހެޅުމުގައި ހާމަކުރަންޖެހޭ ހަގީގަތެއް ހާމަނުކޮށް އޮތުން؛ ނުވަތަ
  2. އަމުރަށް އެދިފައިވާ ފަރާތުން އެ އަމުރުގައިވާ ށަރުތަކާ ހިލާފުވުން؛ ނުވަތަ
  3. މައްސަލައިގެ ހާލަތަކަށް ބަދަލު އައުން؛ ނުވަތަ 
  4. އަމުރެއް ނެރެދިނުމަށް މައްސަލައިގެ ހާލަތު ތަންދޭ ކަމަށް ނުފެނުން؛ ނުވަތަ
  5. އަމުރު ނެރެދިނުމަށްފަހު، އަމުރަށް އެދުނު ފަރާތުން މައްސަލަ އަވަހަށް ކުރިޔަށްގެންދިއުމަށް ފިޔަވަޅު ނޭޅުން؛ ނުވަތަ
  6. އަމުރު ނެރުމުގެ ސަބަބުން ހައްގުނޫން ބުރައެއް އެއްވެސް ފަރާތަކަށް އުފުލަން ޖެހުން.

(ޅ) އަމުރު ނެރުނުއިރު ހިނގަމުންދާ މައްސަލައެއް ނެތްނަމަ، މިފަދަ އަމުރެއް މުރާޖާ ކުރުމުގެ މައްސަލަތައް ބަލާނީ، ވަކި ގަޒިއްޔާއަކުންނެވެ.

(ކ) ވަގުތީ އަމުރަށް ނުވަތަ ރައްކައުތެރިކަމުގެ ފިޔަވަޅަށް އެދޭ ފޯމުގައި ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު، އަމުރަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވާގޮތް ބަޔާންކުރަންވާނެއެވެ.

 

78 ވަނަ މާއްދާ - މައްސަލައި ގެ ހުކުމްކުރާ ހާލަތުގައި ވަގުތީ އަމުރު ނިމުމަކަށް އައުން

ކޯޓުން މައްސަލައެއްގެ ހުކުމްކުރާ ހާލަތުގައި، އެ މައްސަލައާ ގުޅިގެން ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާނަމަ، އެ މައްސަލައެއްގެ ހުކުމްކުރާ ވަގުތު، ކޯޓުން އެ ވަގުތީ އަމުރެއްގެ ތަންފީޒީ ބާރު ނެތިގެންދާނެއެވެ.

 

 

ތޭރަވަނަ ބައި: ހުކުމްކުރުން 

 

79 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ބާތިލުކުރުމަށް އެދުން

(ހ) މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ، މައްސަލަ އަނބުރާ ގެންދިޔުމުގެ އިހްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ

(ށ) މިގޮތުން މައްސަލައެއް އަނބުރާ ގެންދެވޭނީ، އެ މައްސަލަ ހުށަހެޅި ފަރާތުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ، މައްސަލަ ދޫކޮށްލުމަށް އެދުމުންނެވެ.

 

80 ވަނަ މާއްދާ - ހުކުމްކުރުން

(ހ) އާއިލީ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ހުކުމް ކުރަންވާނެއެވެ.

(ށ) މައްސަލައެއްގެ އަޑުއެހުންތައް ނިމުމާއެކު ވަގުތުން ހުކުމް ނުކުރާނަމަ، ހުކުމް ކުރާނެ ތާރީހެއް، ށަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ހަސްމުންނަށް އަންގަންވާނެއެވެ. ނުވަތަ ށަރީއަތުގެ ފަހު އަޑުއެހުމުގައި ހުކުމްކުރާނެ ތާރީހެއް ކަނޑައެޅެން ނެތްނަމަ، އެ އަޑުއެހުން ބާއްވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ހުކުމްކުރާނެ ތާރީހެއް ކަނޑައަޅައި، ހަސްމުންނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީހަކީ، ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީހެއް ކަމުގައި ވެގެންނުވާނެއެވެ.

(ރ) ހުކުމްކުރުމުގެ މަޖިލީހުގައި ގާޒީ ހުކުމް އިއްވުމަށްފަހު، އެ ހުކުމުގެ އަސްލު، ހަސްމުންނަށް ވަގުތުން ދޭންވާނެއެވެ.

 

81 ވަނަ މާއްދާ - ހުކުމެއްގައި ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން

(ހ) މައްސަލައަކާމެދު ގޮތެއް ކަނޑައަޅައިފައި ކުރާ ހުކުމުގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. އެ ހުކުމް އިއްވި ގާޒީގެ ނަމާއި ، މަގާމު ބަޔާންކޮށްފައި އޮތުމާއި، ސޮއިކޮށްފައި އޮތުން؛
  2. ހުކުމްކުރި ތާރީހު ބަޔާންކޮށްފައި އޮތުން؛
  3. ކޯޓުގެ ސިއްކަ ޖަހައިފައި އޮތުން؛
  4. ހުކުމް ތަންފީޒުކުރެވޭ ތާރީހަކީ ހުކުމްކުރި ތާރީހު ކަމުގައި ނުވާނަމަ، އެފަދައިން ހުކުމް ތަންފީޒުކުރެވޭނެ ތާރީހެއް ހިމަނައިފައި އޮތުން؛
  5. ހުކުމަށް ގާޒީ ރުޖޫއަވި ސަބަބުތައް ބަޔާންކޮށްފައި އޮތުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަފުސީލުތައް ހުކުމުގައި ހިމަނާއިރު، މައްސަލަގައި ވަކި ކަމެއް ހިނގި ގޮތާމެދު ސުވާލު އުފައްދައިފައިވާނަމަ، އަދި އެ ކަންކަމާ ގުޅޭ ވަކިވަކި ގާނޫނީ ސުވާލު އުފައްދައިފައިވާނަމަ، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

82 ވަނަ މާއްދާ - ކޮންމެ ކަމަކާމެދު ނިންމާ ނިންމުން ބަޔާންކުރުން

މައްސަލައެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭނަމަ، މައްސަލައިގެ ހުކުމް ކުރުމުގައި، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ. އަދި، އެއިން ކޮންމެ ނިންމުމަކަށް ގާޒީ ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

83 ވަނަ މާއްދާ - ހުކުމުގައިވާ ލިޔުމުގެ ކުށް ނުވަތަ މައުލޫމާތުގެ ކުށް އިސްލާހުކުރުމުގެ އިޖުރާއަތު

(ހ) ކޯޓުން ކޮށްފައިވާ ހުކުމެއްގައި ލިޔުމުގެ ކުށެއް ނުވަތަ މައުލޫމާތުގެ ކުށެއް އެކުލެވިގެންވާނަމަ، ކޯޓުން އަމިއްލައަށް އިސްނަގައިގެން ނުވަތަ ހަސްމަކު އެކަމަށް އެދި ހުށަހެޅުމުން، މައްސަލައިގެ ހުކުމް އިސްލާހުކުރަންވާނެއެވެ. އެގޮތުން، ހަސްމަކު ހުށަހަޅާ ހުށަހެޅުމުގައި މައްސަލަ އެކުލެވޭ ބައިތަކާއި އެ ހުކުމަށް ގެންނަންޖެހޭކަމަށް ފެންނަ އިސްލާހުތައް ބަޔާންކުރަންވާނެއެވެ.

(ށ) ހުކުމެއް އިސްލާހުކުރުމަށް ހަސްމަކު ހުށަހަޅާ ހުށަހެޅުމަކީ ކޯޓަށް ބަލައިގަނެވޭހުށަހެޅުމެއްނަމަ، ނުވަތަ އެކަށީގެންވާ ސަބަބެއް އޮވެގެން ހުށަހަޅައިފައިވާ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން އަނެއް ހަސްމު ޖަވާބުދާރީވުމަށް ޓަކައި ކޯޓުން އަނެއް ހަސްމަށް އެ ހުށަހެޅުން ފޯރުކޮށްދޭންވާނެއެވެ.

(ނ) ހުކުމް އިސްލާހުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވިޔަސް، އެ ހުކުމުގެ ގާނޫނީ ނަތީޖާ ނުވަތަ އެ ހުކުމް ތަންފީޒުކުރުން ފަސްވެގެންނެއް ނުދާނެއެވެ.

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޯޓުން ކޮށްފައިވާ ހުކުމުގައިވާ އިމްލާ ކުށް ނުވަތަ ހިސާބުކުރުމުގެ ކުށް އިސްލާހުކުރުމަށް ޓަކައި ހަސްމުންގެ ބަހެއް ހޯދާކަށެއް ނުޖެހޭނެއެވެ.

(ބ) ހުކުމެއް އިސްލާހުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ކޯޓުން ނިންމާ ނިންމުމަކީ އެ ކަމާމެދު ސުވާލު އުފެއްދޭނެ ނިންމުމެއް ނޫނެވެ.

(ޅ) އިސްލާހުކުރެވޭ ހުކުމް، އެންމެހައި ހަސްމުންނަށް ފޯރުކޮށްދޭންވާނެއެވެ.

(ކ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު އިސްލާހު ކުރުމުގައި ވެސް އަމަލުކުރަންވާނީ، މި މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

 

84 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު ކަނޑައަޅައިފައިނުވާ ހާލަތުގައި، ކޯޓުން މައްސަލައިގެ ހުކުމްކުރުމަށްފަހު، އެ ހުކުމް އިސްތިއުނާފުކުރުމުގެ ހައްގު އެ ހަސްމަށް ލިބިގެންވާ ކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފު ކުރަންޖެހޭ ވަގުތު ހަސްމުންނަށް ސާފުކޮށްދޭންވާނެއެވެ.

 

85 ވަނަ މާއްދާ - ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު

(ހ) ހުކުމް ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއްގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ކޯޓުން އެކުލަވައިލަންވާނެއެވެ.

(ށ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް؛
  3. މައްސަލަގެ ތަފުސީލުތައް؛
  4. މައްސަލަ ނިމުނު ގޮތް؛
  5. މައްސަލައިގައި ހުށަހެޅުނު އެންމެހައި ބަޔާންތަކާއި ހެކި.

(ނ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، ގާޒީގެ ނަމާއި ސޮއި ހިމަނައިފައި އޮންނަންވާނެއެވެ.

(ރ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށްއެދި މައްސަލައިގެ ހަސްމަކު އެދިއްޖެނަމަ، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރިޕޯޓު ހަވާލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ހުލާސާއެއް، މައްސަލައިގައި ހުކުމްކުރާ ދުވަހު ހަސްމުންނާ ހަވާލުކުރަންވާނެއެވެ.

 

86 ވަނަ މާއްދާ - އައިރު ހާޒިރުގައި ހުކުމްކުރުން

މި ގަވާއިދުގެ ހަވަނަބައި (ކޯޓަށް ހާޒިރުވުން) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، އާއިލީ މައްސަލަތަކުގައި، ތިރީގައި މިވާ ހާލަތްތަކުގައި އައިރު ހާޒިރުގައި މައްސަލަ ހިންގައި، މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ހ) މައްސަލައެއް ބަލަން ފެށުމަށްފަހު ނުވަތަ މައްސަލައެއް ހިންގުމަށް ޓަކައި ހާޒިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭނަމަ، ނުވަތަ އެ މީހަކު ވީރާއްޖެއިން ބޭރުގައި ކަމަށް ވާ ނަމަ، އައިރު ހާޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ ހަބަރު ފަތުރާ އެނޫން ވަސީލަތަކުން ވެސް އިއުލާނު ކުރުމަށްފަހު،އިއުލާނުގައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ކޯޓަށް ހާޒި ރުވުމަށް އެންގުނީކަމަށް ބަލައި، އެ މީހާގެ އައިރު ހާޒިރުގައި މައްސަލަ ބަލައި ނިންމުން.
(ށ) މައްސަލައިގެ އަޑުއެހުން ނިމުމަށްފަހު މައްސަލައިގެ ހުކުމްކުރުމަށް ޓަކައި، ހާޒިރުވުމަށް އެންގުމުން، މަގުބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އޭނާގެ އައިރު ހާޒިރުގައި މައްސަލައިގެ ހުކުމް އިއްވުން.

 

87 ވަނަ މާއްދާ - ދެ ގަޒިއްޔާ އެކީ ހުކުމްކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދެ ގަޒިއްޔާއަކުން ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ނުވަތަ ދެ މައްސަލައެއް ބަލައި ހުކުމްކުރަންވާނީ ދެ ގަޒިއްޔާ އެއްކޮށް، އެކުއެކީގައެވެ.

  1. ދެ މައްސަލަގައި ނުވަތަ ދެ މައްސަލައިގައި ވެސް ހިމެނޭ ސުވާލަކީ އެއް ސުވާލެއް ކަމަށްވުން؛ ނުވަތަ 
  2. އެއް ގަޒިއްޔާގައި ކުރާ ހުކުމުން އަނެއް ގަޒިއްޔާގެ ހުކުމަށް އަސަރުކުރާނެނަމަ ނުވަތަ އެއް މައްސަލަ ނިމުމުން އަނެއް މައްސަލަވެސް ނިމޭނެ ކަމަށް ވާނަމަ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި މައްސަލަ ހުށަހަޅާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ރުހުން އޮންނަން ނުޖެހޭނެއެވެ.

 

88 ވަނަ މާއްދާ - ގުޅުންހުރި ދެ ގަޒިއްޔާ

ކޯޓަށް ހުށަހެޅިފައިވާ ދެ ގަޒިއްޔާއަކީ ކޯޓުގެ ނަޒަރުގައި ގުޅުންހުރި ދެ މައްސަލައެއް ނުވަތަ ދެ މައްސަލައެއް ށާމިލުވާ ދެ ގަޒިއްޔާ ކަމުގައި ވާނަމަ ، ދެ ގަޒިއްޔާ ބަލާނޭ ތަރުތީބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

89 ވަނަ މާއްދާ - މައްސަލަތަކުގެ ރަޖިސްޓަރީ

ކޯޓުން ބަލަހައްޓާ މައްސަލަތަކުގެ ރަޖިސްޓަރީއެއް، ކޯޓުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

 

 

ސާދަވަނަ ބައި: ހުކުމް ތަންފީޒުކުރުން

 

90 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން

(ހ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، މި ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒު ކުރެވޭނެއެވެ. އަދި އެފަދަ ހުކުމެއް ބަލައިގަންނަން ނުވަތަ ތަންފީޒުކުރަން އިއުތިރާޒުކުރެވޭނީ އެހެން ގާނޫނަކުން ނުވަތަ މި ގަ ވާއިދުގައިބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

(ށ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރަން އެދި ހުށަހަޅާ މައްސަލައެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި މައުޒޫއީގޮތުން ނުބެލޭނެއެވެ.އެފަދަ މައްސަލައެއްގައި ބެލެވޭނީ، ހަމައެކަނި މި ބާބުގައި ބަޔާންކޮށްފައިވާ ސަބަބުތައް ތަތުބީގު ކުރުމަށް ޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކެވެ.

(ނ) ބޭރު ގައުމެއްގެ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެވޭނީ، އެ ހުކުމަކީ އެ މައްސަލަ ހުށަހެޅުނު ގައުމުގައި ބާރު ހިނގާ ހުކުމެއް ނަމައެވެ. އަދި އެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނީ،އެ ހުކުމަކީ އެ ގައުމުގައި ތަންފީޒުކުރެވޭނެ ހުކުމަކަށް ވާނަމައެވެ.

(ރ) އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާނަމަ، ބޭރު ގައުމެއްގެ ހުކުމަކީ ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހުކުމެކެވެ.

  1. އެ ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަތުމަށާއިތަންފީޒުކުރުމަށް ހުށަހަޅާ ހުށަހެޅުން ރައްދުވާ މީހާއަކީ، އެ ގައުމެއްގެ ކޯޓުގައިމައްސަލަ ހިނގިއިރު އެ ގައުމެއްގައި އާންމުގޮތެއްގައި ދިރިއުޅޭ މީހަކަށް ވެފައި، އެ މައްސަލައިގެ ހަސްމަކަށްވުން؛
  2. އެ ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަތުމަށާއި ތަންފީޒުކުރުމަށް ހުށަހަޅާ ހުށަހެޅުން ރައްދުވާ މީހާއަކީ، ރައްދު މައްސަލަނުހިމެނޭގޮތުން، ހުކުމް އެ މައްޗަށް ބިނާވި މައްސަލަ ހުށަހެޅި މީހާކަމަށްވުން؛
  3. ހުކުމް ކުރެވުނު މައްސަލަ ހިނގަމުން ދިޔައިރު، މައްސަލަ ރައްދުވާ ފަރާތުންމައްސަލަ ހުށަހެޅުނު ކޯޓުގެ އިހްތިސާސަށް ސަރީހަ ބަހުން އެއްބަސްވެފައިވުން؛
  4. އިހްތިސާސާމެދު ނުވަތަ އިހްތިސާސް ހިންގުމާމެދު މައްސަލަ ރައްދުވާ ފަރާތުން ކުރާ އިއުތިރާޒަކީ މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން ކާމިޔާބުނުވާނެ އިއުތިރާޒެއްކަން އެނގެން އޮތް ހާލަތުގައި ފިޔަވައި، މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން އިހްތިސާސާމެދު އިއުތިރާޒުކުރުމަށް އޮތްމުއްދަތުގެ ތެރޭގައި އިއުތިރާޒުނުކޮށް، މައްސަލަ ހުށަހެޅުނު ކޯޓުގައި މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ މައުޒޫއަށް ވާހަކަދެއްކުން.

 

91 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުން

(ހ) ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނެރެފައިވާ ވަގުތީ އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ، އެ މައްސަލައެއް ބަލާ ގާޒީއެވެ.

(ށ) ސާބިތު ހަރަދެއް އޮވެ، ކޯޓަށް އެ ހަރަދު ނުދައްކާނަމަ، ކޯޓުން އިސްވެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އަންނަނިވި ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

  1. ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ ހުކުމްތައް ފާހަގަކޮށް، އެ ފަދަހުކުމްތައް ތަންފީޒުކުރަމުންދޭތޯ ކަށަވަރުކުރުން؛
  2. ކޯޓުން އިސްވެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ، 1 (އެކެއް) ފަހަރު ބެލުން.

(ނ) ކޯޓުގެ އިސްނެގުމުގެ މަތިން މައްސަލަ ބެލުމަށްފަހު، ދެން އެފަދަ މައްސަލައެއް ބެލޭނީ، ހުކުމާ އެއްގޮތަށް އަމަލުނުކޮށްގެން ހައްގު ލިބެންވާ ފަރާތުން އެ ހުކުމެއް ތަންފީޒުކޮށްދިނުން އެދި ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުންނެވެ.

(ރ) ތަންފީޒީ ބާރު ހިނގާ ހުކުމެއް، އެ ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީޒުކުރުމަށް އޭނާ ދެކޮޅުހަދާ ހާލަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ނުވަތަފިޔަވަޅުތަކުން އެ ވަގުތަކަށް ކޯޓަށް ފެންނަ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ކޯޓަށްލިބިގެންވެއެވެ.

  1. ހަރަދު ދޭންޖެހޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހެއްނަމަ، އޭނާގެ މުސާރައިން ކެނޑުމަށްފަހު، ކޯޓަށް ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގައި އަމުރުކުރުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރު ގައިވާ ގޮތުގެ މަތީން އަމަލުކުރުމުން ވެސް ނުވަތަ ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވުމުގެ ސަބަބުން ކޯޓަށް ފައިސާ ނުލިބޭނަމަ، ފުރަތަމަ ފަހަރު، 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް، ދެވަނަ ފަހަރު 2 (ދޭއް) މަސްދުވަހަށް ހަރަދު ދައްކަންޖެހޭ ފަރާތް ގޭގައި ބަންދުކުރުމަށް އަމުރުކުރުން؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އަމަލުކުރުމުން ވެސް ކޯޓަށް ފައިސާ ނުލިބޭނަމަ، 2 (ދޭއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހަރަދުދައްކަންޖެހޭ ފަރާތް ޖަލަށްލުމަށް އަމުރުކުރުން؛
  4. ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުން؛
  5. ހަރަދު ދައްކަންޖެހޭ ފަރާތުގެ ބޭންކް އެކައުންޓް ބަލައި ޗެކްކޮށް، އެކައުންޓްތައް ފްރީޒްކުރުން؛
  6. ހަރަދު ދައްކަންޖެހޭ ފަރާތުގެ އެކައުންޓުގައި ހުރި ފައިސާއިން އުނިކުރުމަށްފަހު،ކޯޓުން އަންގާ މިންވަރެއް ކޯޓަށް ޖަމާކުރުމަށް ބޭންކަށް އަމުރުކުރުން.
  7. ހަރަދު ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލެއް ނުވަތަ އެ މުދަލެއް ކުއްޔަށްދީގެން ލިބޭ ކުލި ކޯޓަށް ނެގުން؛
  8. ހަރަދު ދައްކަންޖެހޭ ފަރާތުގެ މުދަލެއް އެހެން ފަރާތަކަށް ކުއްޔަށްދީ، ނުވަތަ ހިބަކޮށްދީ ނުވަތަ ވިއްކައި، ނުވަތަ ވަސިއްޔަތްކޮށް، ނުވަތަ ރަހުނުކޮށްފައިވަނީ ސާބިތު ހަރަދުގެ މައްސަލަ ކޯޓުން ބަލަމުންދަނިކޮށް ނުވަތަ ބަލައި ނިމުނުފަހުންކަމަށް ވާނަމަ، އެ މުއާމަލާތެއް ބާތިލުކުރުން؛
  9. ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުން؛
  10. ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މައުލޫމާތު އާންމުކޮށް ށާއިއުކުރުން.

(ބ) ހުކުމް ތަންފީޒުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، ދެފަރާތުން އެއްބަސްވި ގޮތަކަށްއަމަލުކުރުމަށް އަންގައި، މައްސަލަ ނިންމުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ފައިސާ ނުދައްކައިގެން ބަންދުކޮށްފައިވާ މީހަކު ނުވަތަ ޖަލަށް ލައިފައިވާ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ، އެ މީހަކު ބަންދުން ނުވަތަ ޖަލުން ދޫކޮށްލުމަށްއަންގަންވާނެއެވެ.

(ކ) ހަރަދު ނުދައްކައިގެން ހުކުމް ތަންފީޒުކުރުމަށްއެދި މައްސަލަ ހުށަހެޅުމުން، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅައި ހުކުމެއް ކޮށްފައިވާނަމަ، އަލުން އެ މައްސަލަ ހުކުމް ތަންފީޒުކުރުމަށް އެދި ހުށަހެޅޭނީ، ހުކުމް ތަންފީޒު ކުރުމަށް ޓަކައި ކޮށްފައިވާ ހުކުމް ކުރި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފާއިތުވެފައިވާނަމައެވެ.

(އ) ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއް، އެ ހުކުމް ތަންފީޒުކުރުން ލާޒިމުވާ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީޒުކޮށްފައި ނުވާނަމަ، އެ ހުކުމް ކޯޓު މެދުވެރިކޮށް ތަންފީޒުކުރާނީ،އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއް، އެ ހުކުމް ކޯޓު މެދުވެރިކޮށް ތަންފީޒުކުރާނީ، ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތް ޖޫރިމަނާ ކޮށްގެންނެވެ.
  2. މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާއަކީ، ކަނޑައަޅައިފައިވާ ވަކި އަދަދެއް ކަމުގައި، ނުވަތަ އިތުރުވަމުންދާ އަދަދެއް ކަމުގައި، ނުވަތަ ތަންފީޒުނުކުރާ ހުކުމުގެ ކޮންމެ ބަޔަކަށް ހިނގާ ޖޫރިމަނާއެއްގެ ގޮތުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
  3. މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާ ހިނގަން ފަށާނީ، ޖޫރިމަނާ ކުރުމަށް ނިންމި ނިންމުން، ހުކުމް ތަންފީޒު ކުރަންޖެހޭ ފަރާތަށް ރައްދުކުރުމަށްފަހުގައެވެ.
  4. ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއްގައި ހިމެނޭ މައިގަނޑު އިލްތިޒާމުތަންފީޒުކުރުމަކީ މުސްތަހީލުކަމެއް ކަމުގައި ކޯޓަށް ފެނިއްޖެނަމަ، ޖޫރިމަނާގެ އަދަދު ކޯޓަށް ދަށްކުރެވިދާނެއެވެ.
  5. މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ފައިސާގެ އަދަދެއް ހިމެނޭ ހުކުމެއް ތަންފީޒުކުރުމަށް މި މާއްދާގައި ކަނޑައަޅައިފައިވާއިޖުރާއަތުގެ ދަށުން އެ ޖޫރިމަނާގެ ފައިސާ ހޯދިދާނެއެވެ.
  6. ހުކުމާ އެއްގޮތަށް އަމަލު ނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބަލައި، އެ ކަމަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބެއް ދަރަނިވެރިޔާގެ މައްޗަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
  7. ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުން.

 

 

ފަނަރަ ވަނަ ބައި: އެހެނިހެން ކަންކަން

 

92 ވަނަ މާއްދާ - ށަރީއަތްކުރެވޭ ބަސް

(ހ) މި ކޯޓުގައި ހިންގާ މައްސަލަތަކުގެ ށަރީއަތްތައް ކުރެވޭނީ ދިވެހިބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުން ބަލައިގަތުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ. މިގޮތަށް ބިދޭސީ ބަސްބަހުން ހުންނަ ބަޔާންތަކާއި ލިޔެކިޔުމުގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހެޅުމަށް ކޯޓުން އަންގައިފިނަމަ، އެ ލިޔުމެއްގެ ދިވެހި ތަރުޖަމާ ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީއެއްގެ ހެކިބަސް އިނގިރޭސިބަހުން ނެގުމަށް ނުވަތަ އިނގިރޭސިބަހުން ހެކިބަހުގެ ބަޔާނެއް ނުވަތަ އެފިޑެވިޓެއްހުށަހެޅުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ރ) ދިވެހިބަސް ނޭނގޭ ހަސްމުންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމްވެފައިވާ ހަސްމުން، ތަރުޖަމާނަކު ހޯދުމަކީ، އެ ހަސްމަކު އަމިއްލަޔަށް ކުރަންޖެހޭ ކަމެކެވެ.

(ބ) ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ބިދޭސީއެއްގެ ހެކިބަސް ށަރީއަތުގެ މަޖިލީހުގައި ނެގުމަށް ހަސްމަކު ހުށަހަޅައިފައިވާނަމަ، ތަރުޖަމާކުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ ހެއްކަކު ހުށަހެޅި ފަރާތުންނެވެ. 
(ޅ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީ ބަހަކުން ކޯޓު އަމުރެއް ނެރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

93 ވަނަ މާއްދާ - ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން

(ހ) ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިންގައިފިނަމަ، އެ އަމަލު ހިންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކޯޓުގެއަމިއްލަ އިސްނެގުމުގައި، އެ އަމަލު ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅިދާނެއެވެ.

(ށ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުގެ ތެރޭގައި، ސަބަބެއް ނެތި ނުވަތަ ބޭނުމެއް ނެތި ކުރާ އަމަލުތައް، ނުވަތަ ވަގުތު ބޭކާރުކުރުމުގެ އަމަލުތައް، ނުވަތަ އެހެންމީހުންނަށް އުނދަގޫވާގޮތަށް ހިންގާ އަމަލުތައް ހިމެނެއެވެ. އަދި ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، އާންމު މަށްވަރާކުރުމުގައިއެހެން ފަރާތަކަށް ލިބިގެންވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ އަމަލުތަކަކީ ވެސް ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުތައް ކަމަށް ބެލެވޭނެއެވެ.

(ނ) އެއް ހަސްމަކު ހުށަހަޅައިފައިވާ ހުށަހެޅުމަކީ ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ހަސްމަކު ކޯޓުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ހުށަހަޅައިފައިވާ ހުށަހެޅުމެއް ނޫންކަމާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅަން ގާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ، ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާއި ދިފާއެއް އަނގަބަހުން ހުށަހެޅުމަށްފަހު، ލިބިފައިވާ ހެއްކަށް ރިއާޔަތްކޮށް، ކޯޓުންގޮތެއް ނިންމަންވާނެއެވެ.

(ރ) ހުށަހެޅުމެއް ހުށަހެޅުމުގައި ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އެފަދަ ހުށަހެޅުމެއް ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ފެނިއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. ހުށަހެޅުމާ ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވަކި ށަރުތުތަކެއްކަނޑައެޅުން؛
  2. ކަމާ ގުޅޭ ހަސްމުގެ ފަރާތުން ށަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެޔަގީންކަން ހޯދުން؛

 

94 ވަނަ މާއްދާ - އަސާސެއް ނެތް މައްސަލަ ހުށަހެޅުން ހުއްޓުވުމަށް ކޯޓަށް ލިބިގެންވާ ބާރު

(ހ) އެކަށީގެންވާ އަސާސެއް ނެތް ދެ ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ހަސްމަކު ހުށަހަޅައިފިނަމަ، އަސާސެއް ނެތް މައްސަލަ ހުށަހެޅުން ހުއްޓުވުމުގެ ގޮތުން، ކޯޓަށް ލިބިދޭ ބާރުގެ ދަށުން،އެ ހަސްމަކާ ދެކޮޅަށް ކޯޓަށް އަމުރެއް ނެރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކާ ދެކޮޅަށް ކޯޓުން އަމުރެއް ކުރާއިރު، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ކަނޑައެޅިދާނެއެވެ.

  1. ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅައިފައިވަނީ ގާޒީގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައި ވާނަމަ، އެ ފަނޑިޔާރެއްގެ ހުއްދަ ލިބިގެން މެނުވީ ށަރީއަތުގައި އިތުރުހުށަހެޅުމެއް ހުށަހެޅުން މަނާކުރުން ؛
  2. ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅައިފައިވަނީ ގާޒީގެ ހުއްދަ ހޯދައިގެން ކަމުގައި ވާނަމަ، އެ ހުށަހެޅުން އިސްލާހުކުރަން އެންގުން ނުވަތަ ބާތިލުކުރުން.

(ނ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ކޮށްފައިވާ ހަސްމަކު ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅައިފައިވަނީ ގާޒީގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައި ވާނަމަ، އަދި އަމުރު ނެރުނު ފަހުންށަރީއަތުގައި އިތުރު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އިތުރު އަމުރެއް ނެރުމަކާ ނުލައި، އަދިއަނެއް ހަސްމަށް އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަކާ ނުލައި، އެ ހުށަހެޅުން ވަގުތުން ފަނޑިޔާރަށް ބާތިލުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރަކާ ގުޅިގެން، ތަކުރާރުކޮށް އެއްވެސް އަސާސެއް ނެތް އިތުރު ހުށަހެޅުމެއް ހުށަހެޅުމަށް ޓަކައި ކޯޓުގެ ހުއްދައަށް އެދޭނަމަ، އެފަދަ ހުށަހެޅުމެއް ހުށަހެޅުމަށް ޓަކައި އިތުރަށް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުން ބާތިލުކުރެވިދާނެއެވެ. އަދި އެ ހާލަތުގައި، އިސްތިއުނާފު ކުރުމުގެ އާންމު އިޖުރާއަތާ އެއްގޮތަށް އެ ނިންމުން އިސްތިއުނާފު ކުރުމުގެ ހައްގު އެ ހަސްމަށް ލިބިގެންވެއެވެ.

(ބ) އެ ހަސްމަކާ ދެކޮޅަށް މި މާއްދާގެ ދަށުން އަމުރެއް ނެރެފައިވާ ހަސްމަކަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެވޭނީ، އެކަމުގެ ނޯޓިސް ކޯޓަށް ދިނުމާއެކު، ކޯޓުންއަނެއް ހަސްމަށް އެކަން އެންގުމަށް ފަހުގައެވެ. އެގޮތުން، ކޯޓުން އަންގާ އެންގުމުގައި ކޯޓުގެހުއްދައަށް އެދުނު ސަބަބުތަކާއި، މައްސަލައިގެ ތަބީއަތް ބަޔާންކުރުމާއެކު، އެކަމަށް ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެންވާނީ ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ނޯޓިހަށް އަނެއް ހަސްމު ދިން ޖަވާބާއެކު، ލިޔުމުންނެވެ. އެފަދަ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމާނީ، އަޑުއެހުމެއް ބޭއްވުމަކާ ނުލައެވެ.

(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ހިނގާނީ، އެ އަމުރު ނެރުނު ށަރީއަތާ ގުޅިގެން އެކަންޏެވެ. ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހައި ހިނދަކު، އެ އަމުރު، އެ އަމުރުނެރެނު ށަރީއަތުގެ މުއްދަތަށް ދެމިއޮންނާނެއެވެ. އަދި އަމުރުގައި، މި މާއްދާގެ (ށ) އާއި

(ނ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހުށަހަޅަންވީ ކޮން ފަނޑިޔާރެއް ނުވަތަ ފަނޑިޔާރަކަށްކަން ބަޔާންކުރަންވާނެއެވެ.

 

95 ވަނަ މާއްދާ - ށަރީއަތުގެ ނިޒާމާ ހިލާފުވުން

ށަރީއަތުގެ މަޖިލީސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއްނެތި، ށަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ށަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑު މި ނަށް ބަލައި، 10،000 (ދިހަހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 1 (އެކެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ބާރު, މައްސަލަ ބަލާ ގާޒީއަށް ލިބިގެންވެއެވެ.

 

96 ވަނަ މާއްދާ - އެހެން ގާނޫނެއްގައި މުއްދަތު ކަނޑައަޅައިފައިވާ މައްސަލަތަކާ ގުޅޭގޮތުން ދެވޭނެ އިސްތިސްނާ

އާއިލީ މައްސަލަތަކުގެ ތެރެއިން އެހެން ގާނޫނަކުން މުއްދަތު ކަނޑައަޅައިފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި މުއްދަތަށެވެ.

 

97 ވަނަ މާއްދާ - ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ސިއްރުކުރުމަށް އެދުން

(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ށަރީއަތަށް ހުށަހެޅޭ ލިޔުމެއް، ށަރީއަތް ހިނގަމުންދާ ކޮންމެ ވަގުތެއްގައި ވެސް ބެލުމުގެ ފުރުސަތު ހަސްމުންނަށް ލިބިގެންވެއެވެ.

(ށ) ހެކިބަސްދޭ ފަރާތުގެ ބަޔާން ހަސްމުން ބެލުމަށް ލިބިދޭން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި ކޮންމެ ފަރާތަކަށް ވެސް ކޯޓުގައި އެދެވިދާނެއެވެ.

(ނ) ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ހަސްމުން ބެލުމަށް ލިބިދޭން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތް ކަމަށް ބުނެ، ކޮންމެ ފަރާތަކަށް ވެސް ކޯޓުގައި އެދެވިދާނެއެވެ.

  1. އަދުލު އިންސާފު ގާއިމުކުރުމަށް ޓަކައި؛
  2. އާންމު މަސްލަހަތަށް ޓަކައި؛
  3. އެ ލިޔުމަކީ ސިއްހީ ދާއިރާގެ ހަބީރެއްގެ ބަޔާނަކަށް ވެފައި، އެ ލިޔުމުގައި ހައްސާސީ މައުލޫމާތު ހިމެނިފައިވުން؛
  4. އެ ލިޔުމުގައި ސިއްރު މައުލޫމާތު ހިމެނިފައިވުން؛
  5. ރައްކައުތެރިކުރެވިފައިވާ ފަރާތެއްގެ ނުވަތަ ކުޑަކުއްޖެއްގެ ހައްގުތައް ރައްކައުތެރިކުރުމަށް ޓަކައި.

(ރ) ކޯޓަށް ފެނިއްޖެ ހިނދެއްގައި، ށަރީއަތަށް ހުށަހެޅޭ ލިޔުމެއް ބެލުމަށް ފުރުސަތު ދޭއިރު، އެ ލިޔުމުގައި ހިމެނޭ ވަކި ލަފުޒުތަކެއް ނުވަތަ އިބާރާތްތަކެއް ހާމަނުކުރުމަށް އެންގިދާނެއެވެ.

 

98 ވަނަ މާއްދާ - ލިޔެކިޔުން ތައްޔާރުކުރުން

(ހ) މި ގާނޫނުގެ ދަށުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމުގައި، ކޯޓުން އެ ނޫން ގޮތަކަށް އަންގައިފައި ނުވާހައި ހިނދަކު، ކޯޓުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް އެ ލިޔެކިޔުން ހުށަހަޅާ ހަސްމަކަށް ނުވަތަ ފަރާތަކަށް އެ ލިޔެކިޔުން ތައްޔާރުކުރެވިދާނެއެވެ.

(ށ) ލިޔެފައި ހުރި އެއްޗެއް ކިޔަން ނޭނގޭގޮތަށް ހުންނަ ލިޔެކިޔުންތަކާއި، ހުއްދަނެތި ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކާއި، އެނޫންވެސް ސަބަބުތަކަށް ޓަކައި ކޯޓަށް ގަބޫލުނުކުރެވޭނެ ލިޔެކިޔުންތައް ބަލައިނުގަތުމަށް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް މި މާއްދާއިން އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

(ނ) މި ގާނޫނުގެ އެއްވެސް މާއްދާއަކުން ލިޔުމެއްގައި ސޮއިކޮށްފައި އޮތުން ލާޒިމުކޮށްފައިވާނަމަ، ކޮމްޕިއުޓަރަކުން ޕްރިންޓުކޮށްގެން ނުވަތަ އިލެކްޓްރޯނިކް އެ ނޫން ގޮތަކުން ވެސް ސޮއިކޮށްފައިވާނަމަ، ބުނެވިދިޔަ ބޭނުމަށް ޓަކައި ފުދޭނެއެވެ.

 

99 ވަނަ މާއްދާ - ކޯޓުގެ ލިޔުންތަކުގައި ސިއްކަ ޖެހުން

(ހ) އަންނަނިވި ލިޔުންތައް ދޫކުރުމުގެ ކުރިން، އެ ލިޔުމުގައި ކޯޓުން ސިއްކަ ޖަހަންވާނެއެވެ.

  1. ހުކުމް؛
  2. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު؛
  3. މި ގަވާއިދުގެ ނުވަތަ އެހެން ގާނޫނަކުން ސިއްކަ ޖެހުމަށް ކޯޓަށް ލާޒިމުކުރާ އެ ނޫން އެހެން ކޮންމެ ލިޔުމެއް.

(ށ) އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ނުވަތަ އެ ނޫން ގޮތަކަށް ވެސް ލިޔުމެއްގައި ކޯޓުން ސިއްކަ ޖެހިދާނެއެވެ.

(ނ) ކޯޓުގެ ސިއްކަ ޖަހައިފައިވާ ލިޔުމެއް އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވޭނެއެވެ.

 

100 ވަނަ މާއްދާ - ފޯމުތައް

(ހ) ކޯޓުން އެ ނޫން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މައްސަލައަކާ ގުޅޭގޮތުން ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ފޯމުތައް، އެ މައްސަލައެއް ހުށަހެޅުމުގައި ބޭނުންކުރެވޭނެއެވެ.

(ށ) ވަކި ކަމަކާ ގުޅިގެން އުފެދޭ ހާލަތެއްގައި ފޯމަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ކޯޓަށް އެ ބަދަލެއް ގެނެވިދާނެއެވެ.

(ނ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކޮށްފައި ނުވާ ހާލަތެއްގައި، ކޯޓަށް ހުށަހެޅުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރުމަށް ކޯޓުން ހަސްމުންނަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

101 ވަނަ މާއްދާ - އީމެއިލްގެ ޒަރީއާއިން ލިޔުންތައް ހުށަހެޅުމާއި މުއާމަލާތުކުރުން

މައްސަލައަކާ ގުޅިގެން ކޯޓުން ހަސްމުންނާ މުއާމަލާތު ކުރުމުގަ އްޔާއި، މައްސަލަ ފޯމު ހުށަހެޅުމާއި، ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުންތައް ފޮނުވުމާއި، މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައްފޮނުވުމުގައި، އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ކޯޓުތަކުން ގާއިމުކުރަންވާނެއެވެ.

 

102 ވަނަ މާއްދާ - ކޯޓަށް ލިޔެކިޔުން ހުށަހެޅުމާއި ކޯޓުން ކުރަންޖެހޭ މުއާމަލާތްތައް ކުރުން

(ހ) މައްސަލައާއި މައްސަލައާ ގުޅޭ ލިޔެކިޔުމާއި އެނޫންވެސް ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ސީދާ ކޯޓަށް ހުށަހެޅުން؛
  2. އީމެއިލް މެދުވެރިކޮށް ހުށަހެޅުން؛
  3. ވަކި ޕޯޓަލެއް ހާއްސަކޮށްފައިވާނަމަ، އެގޮތަކަށް ހުށަހެޅުން.

(ށ) މައްސަލަ ފޯމާއި، ކޯޓަށް ފޮނުވަންޖެހޭ އެނޫން ލިޔެކިޔުން ވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ފޮނުވުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ކޯޓުތަކުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ނ) ކޯޓަށް ހުށަހެޅޭ މައްސަލައެއް ނުވަތަ މައްސަލައަކާ ގުޅިގެން ކޯޓުން މައްސަލައިގެ ހަސްމުންނާ މުއާމަލާތުކުރުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށް އެ މުއާމަލާތްތައް ކުރެވިދާނެއެވެ.

(ރ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ހަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ހުށަހެޅުންތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅުމުން ނުވަތަ ފޮނުވުމުން، މި ގަވާއިދުގެ ބޭނުމަށް އެ އިޖުރާއަތެއް ފުރިހަމަކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

 

103 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހިދުމަތްތައް ދިނުން

އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަ ހުށަހެޅުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމާއި، ށަރީއަތް ހިންގުމާއި، އެހެނިހެން ހިދުމަތްތައް ދިނުމުގައި އަމަލުކުރާނީ، "ށަރީއަތްތަކާއި ކޯޓުންދޭ ހިދުމަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

104 ވަނަ މާއްދާ - މުއްދަތު ގުނުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އާއިލީ މައްސަލަތައް ބެލުމުގައި އެއްވެސް ކަމެއް ކުރުމުގައި މުއްދަތު ގުނަންޖެހިއްޖެނަމަ އަމަލުކުރަންވާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއްނުހިމެނޭނެއެވެ.
  2. މުއްދަތު ގުނުމުގައި އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައެއް ނުހިމެނޭނެއެވެ.
  3. މި ގާނޫނުގައި، ނުވަތަ ކޯޓު ހުކުމެއްގައި ނުވަތަ ކޯޓު އަމުރެއްގައި ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން، އެ މުއްދަތުގެ ތެރޭގައި އެ ކަމެއް ކުރެވުނީ ކަމުގައި ބެލޭނެއެވެ.
  4. ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގައި އިސްތިސްނާކޮށްފައިވާ ހާލަތުގައި މެނުވީ، ހުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި މަހަކަށް ހަވާލާދީފައިވާނަމަ، އެ ހަވާލާދެނީ، މީލާދީ މަހަކަށެވެ.

(ށ) ކޯޓަކުން ކުރާ ހުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެނޫންވެސް ނިންމުމެއްގައި، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ބަޔާންކުރާނަމަ، އެ މުއްދަތު ހަމަވާ ތާރީހު،މީލާދީ ތާރީހުން ކޯޓުގެ އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެއީ އެ ތާރީހުގެ ވަކި ވަގުތެއްގެ ކުރިން ފުރިހަމަކުރަންޖެހޭކަމެއް ކަމުގައި ވާނަމަ، އެ ވަގުތެއް ވެސްބަޔާންކުރަންވާނެއެވެ.

(ނ) ވަކި ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ ތާރީހެއް އެއްވެސް ލިޔުމެއްގައި ބަޔާންކުރާނަމަ، އެ ލިޔުމެއްގައި އެ ތާރީހު ބަޔާންކުރަންވާނީ މީލާދީ ތާރީހުންނެވެ.

 

105 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި، އެ އިސްލާހެއް ގެނައުމުގެ ބާރު ލިބިގެންވަނީ ފެމިލީ ކޯޓަށެވެ.

 

106 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

  1. އާއިލާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-99)
  2. ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)

 

ފެމިލީ ކޯޓުގެ ފޯމްތަކުގެ ލިންކް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު