-

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-97)

(މި ގަވާއިދުން ވަނީ ގަވާއިދު ނަންބަރު 2010-07 އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 ( ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅު ކުއްޔަށް ދީފައިވާ މުއްދަތު، ކުއްޔަށްދީފައިވާ ތާރީހުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ޓަކައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން މުއްދަތު އިތުރުކޮށްދިނުމުގެ ފީ ނަގާނެ އުސޫލު ކަނޑައެޅުމަށާއި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި އެ ގާނޫނުގެ 52 ވަނަ މާއްދާއިން ބާރުލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅު ކުއްޔަށް ދީފައިވާ މުއްދަތު، ކުއްޔަށް ދީފައިވާ ތާރީހުން ފެށިގެން ޖުމުލަ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ޓަކައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދިނުމުގެ ފީ ނަގާނެ އުސޫލުތައް ކަނޑައެޅުމާއި، ގާނޫނު ނަންބަރު 1999-02  ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ކުއްޔަށް ދީފައިވާ މުއްދަތު 50 އަހަރަށްވުރެ ކުރުނަމަ، 50 އަހަރާ ހަމަޔަށް އިތުރުކުރުމަށް ހުށަހެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުފަޅުގެ ތެރެއިން އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 50 (ފަންސާސް) އަހަރަށްވުރެ ކުރުނަމަ، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާނީ، މިނިސްޓްރީން ކަނޑައަޅާ އެޕްލިކޭށަން ފޯމަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ކުލީގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، ކުލީގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތުން މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތްތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ ދެއްކުމަށް އިހްތިޔާރުކުރާ ގޮތެއް ހިމަނަންވާނެވެ.

(ރ) ކުލީގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންވާނީ، ތަން ކުއްޔަށް ދޫކޮށްފައިވާ ޖުމުލަ މުއްދަތު 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާ ގޮތަށް، އިތުރުކުރުމަށް އެދޭ ޖުމުލަ މުއްދަތަށް އެކީ އެއްފަހަރާއެވެ. އަދި މުއްދަތު އިތުރުކުރުމަށް އެދެނީ، 50 (ފަންސާސް) އަހަރަށްވުރެ ކުރު މުއްދަތަކަށް ނަމަވެސް، މުއްދަތު އިތުރުކުރުމަށް ފަހުން ހުށައެއް ނޭޅޭނެއެވެ.

(ބ) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުން ފުރިހަމަވިކަމަށް ގަބޫލުކުރެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ހުށަހެޅުން ފުރިހަމަކުރެވޭ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކޮށްދިނުމަށް ދައްކަންޖެހޭ ފީގެ އަދަދާއި، ފީ ދައްކަންޖެހޭ މުއްދަތު ޓޫރިޒަމާބެހޭ މިނިސްޓްރީން ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ބ) ގައިވާ ހާލަތުގައި ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އަލުން ހުށަހެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ގިނަވެގެން 50 އަހަރަށް މުއްދަތު އިތުރުކުރުމަށް ފީ ދެއްކުމުގެ މުއްދަތު

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރުކުރުމަށް، ފީ ދެއްކުމުގައި އަންނަނިވި ގޮތްތައް ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް އިހުތިޔާރު ކުރެވިދާނެއެވެ.

(ހ) އިތުރުކުރެވޭ ކޮންމެ އަހަރަކަށް 100،000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ރޭޓުން،އިތުރުކުރުމަށް އެދޭ ޖުމުލަ މުއްދަތަށް ޖެހޭ މިންވަރު ހަމަހަމަ 6 (ހަޔެއް) އިންސްޓޯލްމަންޓަށް ބަހައިލައިގެން 26 ޑިސެންބަރު 2022 ގެ ނިޔަލަށް ދެއްކުމަށް އެއްބަސްވުން؛ ނުވަތަ

(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި ފީ ދައްކަން ހުށަހަޅާނަމަ،އިތުރުކުރެވޭ ކޮންމެ އަހަރަކަށް 000,200( ދެލައްކަ (އެމެރިކާ ޑޮލަރުގެ މަގުން ޖެހޭ މިންވަރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުން އެއްބަސްވުމުގައި ބާކީ އޮތް މުއްދަތުގައި ކޮންމެ އަހަރަކު 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން ދައްކަން އެއްބަސްވުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތަކުންކުރެ ގޮތެއް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރި ނަމަވެސް، 26 ޑިސެންބަރު 2022 ގެ ކުރިން، ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށް އިތުރުކުރެވޭ ކޮންމެ އަހަރަކަށް 100،000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ މަގުން ޖެހޭ މިންވަރު، އެކީ އެއްފަހަރާ ދެއްކުމުގެ ހައްގު ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތް އިހްތިޔާރުކުރާ ފަރާތްތަކުން ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ކޮންމެ ކުއާޓަރަކަށް ދައްކަންޖެހޭ މިންވަރު އެ ކުއާޓަރެއް ފެށުމުގެ ކުރިން ދައްކަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތް އިހްތިޔާރުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތާރީހުތަކުގެ ކުރިން ފައިސާ ދައްކައި ހަލާސްކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

5 ވަނަ މާއްދާ - މުއްދަތު އިތުރުކުރުމަށް ފީ ދެއްކުން

(ހ) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ ދައްކާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ށ) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދައްކާނީ އެމެރިކާ ޑޮލަރުންނެވެ.

(ނ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފަތުރުވެރިކަމުގެބޭނުމަށް ކުއްޔަށް ދީފައިވާ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ޖުމުލަ 50 (ފަންސާސް) އަހަރަށް އިތުރުކުރުމަށް އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތަކުން ފައިސާއެއް ދައްކައިފައިވާނަމަ، އެ ފައިސާއެއް، މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީގެ މިންވަރުން އަޅައި ކަނޑައިދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ގިނަވެގެން 50 އަހަރަށް މުއްދަތު އިތުރުކުރުމަށް ފީ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތަށް ފައިސާ ނުދައްކާނަމަ އަމަލުކުރާނެ ގޮތް

ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް މި ގަވާއިދުގެ 7 ވަނަ މައްދާގައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތާރީހުތަކަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ ދައްކަމުން ނުދާނަމަ، އަންނަނިވި ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) ފައިސާ ދެއްކުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް އިހްތިޔާރުކޮށްފައިވާ ފަރާތަކުން 26 ޑިސެންބަރު 2022 ގެ ނިޔަލަށް ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދައްކައި ހަލާސްކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ފީ ދެއްކުމަށް ހުށަހެޅުމުގެ ފުރުސަތު، ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް އޮންނާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތް އިހްތިޔާރުކޮށްފައިވާ ފަރާތަކުން 26 ޑިސެންބަރު 2022 ގެ ނިޔަލަށް ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދައްކާ ހަލާސްކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ފީ ދެއްކުމަށް ހުށަހެޅުމުން ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ޖުމުލަ ފީ އަހަރަކަށް 200،000 (ދެލައްކަ) ޑޮލަރުގެ މަގުން އަލުން ހިސާބުކޮށް، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ވެފައިވާ އެއްބަސްވުން އިސްލާހު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ފީ އަލުން ހިސާބުކުރެވޭ ހާލަތުގައި، އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެހައިތަނަށް އެއްވެސް ފައިސާއެއް ދައްކައިފައިވާނަމަ، އެ ފައިސާއެއް، މި މާއްދާގެ (ށ) ގައިވާ ގޮތަށް އަލުން ހިސާބުކުރެވޭ ޖުމުލަ އަދަދުން އުނިކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އެ ތަނެއް ކުއްޔަށް ހިފައި ފައިވާ ފަރާތުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ފީ ދެއްކުމަށް 26 ޑިސެންބަރު 2022 އިން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އަލުން ހުށަހަޅައިފައި ނުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހު ބާތިލުވާނެއެވެ. އަދި މިފަދައިން އެއްބަސްވުން ބާތިލުވާ ހާލަތުގައި ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެހައިތަނަށް އެއްވެސް ފައިސާއެއް ދައްކައިފައިވާނަމަ، އެ ފައިސާއެއް، ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް އަނބުރާ ލިބިނުދެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް، ކުލީގެ އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރާ ހާލަތުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އަލުން ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހެޅިދާނެއެވެ. އަދި މި ހާލަތުގައި، އޭގެ ކުރިން ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެއްވެސް ފައިސާއެއް ދައްކައި ފައިވާނަމަ، އެ ފައިސާއެއް އަޅައިކަނޑައެއްނުދެވޭނެއެވެ.

(ޅ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތް އިހްތިޔާރުކޮށްފައިވާ ފަރާތްތަކުން ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ވެފައިވާ އެއްބަސްވުމާއެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، އެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަ ށް ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެއްވެސް ފައިސާއެއް ދައްކައިފައިވާނަމަ، އެ ފައިސާއެއް ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް އަނބުރާ ލިބިއެއް ނުދެވޭނެއެވެ.

 

7 ވަނަ މާއްދާ - ގިނަވެގެން 50 އަހަރުގެ މުއްދަތަށް ކުލީގެ މުއްދަތު އިތުރުކުރުން

(ހ) ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުންތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަމަށްވާނަމަ، އެ ހުށަހެޅުން ފުރިހަމަކުރެވުނުކަމަށް ބަލައިގަނެވުނު ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ތަން ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމަށް އިސްލާހެއް ގެންނަންވާނެއެވެ.

(ށ) ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިން ކަމަށް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސްލާހުގައި ސޮއިކުރުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސްލާހުގައި، މި ގަވާއިދުގެ ދަށުން ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތައް ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސްލާހުގައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން ފީ ދެއްކުމުގެ އިހްތިޔާރު، ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެންވާކަމާއި، އެކަމާ ގުޅޭގޮތުން އަދާކުރަންޖެހޭ އިލްތިޒާމުތައް ބަޔާންކުރަންވާނެއެވެ.

8 ވަނަ މާއްދާ - 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރުން

(ހ) ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމާއި ފަޅުފަޅުގެ ތެރެއިން 50 (ފަންސާސް) އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅު ކުއްޔަށް ހިފައިފައިވާ ފަރާތަކީ ތިރީގައި ބަޔާންވެފައިވާ ށަރުތުތައް ހަމަވާ ފަރާތެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދިނުމަށް އެދުމުން، އެފަދައިން މުއްދަތު އިތުރުކޮށްދެވޭނެއެވެ.

  1. ރަށް ނުވަތަ ބިން ކުއްޔަށް ހިފައި ފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިނުވާ ފަރާތެއް ކަމުގައި ނުވުން؛ މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނެއެވެ.
  2. ރަށުގައި ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު، ނުވަތަ ޓޫރިސްޓް ހޮޓެލް، ނުވަތަ ޓޫރިސްޓް ގެސްޓްހައުސް، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ނުވަތަ ޔޮޓް މެރީނާ ހުޅުވާފައިވުން.
  3. މުއްދަތު އިތުރުކުރުމުގެ ފީ އެކީ އެއްފަހަރާ ދައްކައިފައި ވުން.

(ށ) 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ ކަނޑައަޅާނީއަންނަނިވި ގޮތަށެވެ.

  1. 26 ޑިސެންބަރު 2022 ގެ ނިޔަލަށް ފީ ދައްކައި ހަލާސްކުރާނަމަ،ޖުމުލަ ފީ އަކީ 5،000،000 (ފަސް މިލިޔަން) އެމެރިކާ ޑޮލަރެވެ.
  2. 26 ޑިސެންބަރު 2022 ގެ ފަހުން ފީ ދައްކާނަމަ، ޖުމުލަ ފީއަކީ 10،000،000 (ދިހަ މިލިޔަން) އެމެރިކާ ޑޮލަރެވެ.

(ނ) މި މާއްދާގައިވާ ގޮތަށް މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެޕްލިކޭށަން ފޯމަކުންނެވެ.

(ރ) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުން ފުރިހަމަވިކަމަށް ގަބޫލުކުރެވޭނީ، މި މާއްދާގެ (ނ) ގައިވާ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް ހުށަހެޅުން ފުރިހަމަކުރެވޭ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކޮށްދިނުމަށް ދައްކަންޖެހޭ ފީގެ އަދަދާއި، ފީ ދައްކަންޖެހޭ މުއްދަތާއި، މި ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އެހެން ށަރުތުތައް ފުރިހަމަކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެކަމަށް އެދި ހުށަހަޅައިފައިވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ފީ ދެއްކުމަށާއި އެހެން ށަރުތުތައް ފުރިހަމަކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ އަދަދަށް ފީ ދެއްކުމަށްދެވޭނެ ފަހުގެ މުއްދަތަކީ 26 ޑިސެންބަރު 2022 އެވެ.

(އ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ތާރީހުގެ ކުރިން މިނިސްޓްރީން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ނުކޮށްފިނަމަ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބާތިލުވާނެއެވެ.

(ވ) މި މާއްދާގެ (ބ) ގައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ތާރީހުގެ ކުރިން މިނިސްޓްރީން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށް އެކަން މިނިސްޓްރީއަށް އަންގާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ގޮތުން ތަން ކުއްޔަށް ދިނުމަށްވެފައިވާ އެއްބަސްވުން އިސްލާހުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

  1. "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.
  2. "ތަން" ނުވަތަ "ތަންތަން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަމަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކަށެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ގުނަން ފަށާނީ، އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ ތާރީހުކަމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2010-07 (ޓޫރިސްޓް ރިޒޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

އުވުނު ގަވާއިދު

ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2010)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 02/1999)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު