-

އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(ގަވާއިދު ނަންބަރު 2022-15)

1 ވަނަ މާއްދާ - ތައާރުފު

މި އުސޫލަކީ، އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހަޅައިފައިވާ މައްސަލަތަކާއި ހުށަހަޅާ މައްސަލަތައް ކޮމިށަނުން ތަހުގީގުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައެޅުމަށް އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ "އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - އުސޫލު ހިނގާނެ ދާއިރާ

މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތްތަކުގެ މައްޗަށް އަމަލުކުރާނީ ، އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހަޅައިފައިވާ މައްސަލަތަކާއި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައެވެ.

 

4 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިށަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމުގައި އަމަލުކުރާނެ މިންގަނޑުތައް އެކަށައެޅުން.

(ށ) ކޮމިށަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމުގައި އަމަލުކުރެވެނީ، އެއްހަމައަކުންކަމާއި،ދެފުށްފެންނަ ގޮތުގައިކަން ޔަގީންކުރުން.

(ނ) ކޮމިށަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމުގައި އަމަލުކުރަނީ، ޖަވާބުދާރީކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުން.

(ރ) ކޮމިށަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތައައްސުބުންނާއި ނުފޫޒުން އެއްކިބާވެގެން ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުން.

 

5 ވަނަ މާއްދާ - މައްސަލައަކަށް އިސްކަން ދެވޭނެ މަރުހަލާތައް

މި އުސޫލުގެ ދަށުން މައްސަލައަކަށް އިސްކަންދިނުމަށް ނިންމޭނެ މަރުހަލާތައް، ތިރީގައި މިވަނީއެވެ.

(ހ) ޕްރިލިމިނަރީ އިންވެސްޓިގޭށަނުގެ މަރުހަލާގައި.

(ށ) ތަހުގީގުކުރުމުގެ މަރުހަލާގައި.

 

6 ވަނަ މާއްދާ - ހާއްސަ އިސްކަމެއް ދިނުމުގައި ބަލާނެ ހާލަތްތައް

(ހ) ކޮމިށަނަށް ހުށަހަޅާ މައްސަލައެއް ނުވަތަ ކޮމިށަނުން ތަހުގީގު ކުރަމުންދާ 
މައްސަލައެއް، އާންމު އުސޫލެއްގެ ގޮތުން، ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރުމަށް ނިންމޭނީ، ތިރީގައިވާ ހާލަތްތަކަށް ރިއާޔަތް ކޮށްގެންނެވެ.

  1. ވަކި މުއްދަތެއްގެ ކުރިން ނުވަތަ އަވަހަށް ކޮމިށަނުން މައްސަލަތަހުގީގުކޮށް ނުނިންމައިފިނަމަ، ފޫނުބެއްދޭފަދަ ބޮޑު ގެއްލުމެއް ދައުލަތަށް ލިބިދާނެކަމުގެ އިހުތިމާލު އޮތުން؛ 
  2. މައްސަލައަކީ މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވުން؛ 
  3. މައްސަލައިގެ ހެކި ނައްތައިލައިފާނެކަމުގެ އިހުތިމާލު އޮތުން؛ 
  4. މައްސަލައިގެ ބާވަތުން، އިސްކަމެއް ނުދީފިނަމަ، މައްސަލަ ކުރިޔަ ށް ގެންދިޔުމުގައި ދަތި ކަންތައްތަކެއް ކުރިމަތިވެދާނެކަމުގެ ފުރުސަތު އޮތުން؛ 
  5. މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަށް ރިއާޔަތްކޮށްގެން؛ 
  6. މައްސަލައަކީ، ދައުލަތުގެ މުހިންމު މަސްލަހަތެއް ހިމެނޭ ކަމަކާ ގުޅިގެން ދައުލަތުގެ އިދާރާއަކުން ތަހުގީގު ކުރުމަށް ނުވަތަރިވިއު ކުރުމަށް ފޮނުވައިފައިވާ މައްސަލައަކަށް ވުން؛
  7. މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ކުށްކުރިއިރު ހުރި ނުވަތަ މައްސަލަ ތަހުގީގުކުރާއިރު ހުރި މަގާމަށް ރިއާޔަތްކޮށްގެން؛
  8. މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް ތުހުމަތުވާ ގޮތަށް ކޮމިށަނުން ތަހުގީގު ކޮށްފައިވާ، އަދި ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ އަދަދަށް ރިއާޔަތްކޮށްގެން؛
  9. މައްސަލައަށް ހާއްސަ އިސްކަމެއް ނުދީފިނަމަ، ބައެއްގެ ނުވަތަ ފަރުދެއްގެ ހައްގެއް ގެއްލިދާނެކަމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތުން؛
  10. މައްސަލައާ ގުޅުންހުރި ފައިސާގެ މުއާމަލާތެއް މަޑުޖައްސައިފައި އޮތުން؛
  11. މައްސަލައާ ގުޅިގެން ދައުލަތުގެ މަށްރޫއެއް އެއްވެސް އިދާރާއަކުން ހުއްޓުވައިފައިވުން ނުވަތަ މަޑުޖައްސައިފައިވުން؛
  12. މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާ ވަޒަންކުރުމަށްފަހު، ދައުވާ ކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ މައްސަލައަކަށްވުން؛
  13. މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާ ވަޒަންކުރުމަށްފަހު، އެ މައްސަލައިގައި ދައުލަތަށް އަނބުރާ ހޯދުމުގެ ފުރުސަތު އޮތް މުދަލާއި ފައިސާއަށް ރިއާޔަތްކޮށްގެން؛
  14. ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަމެއް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައިވާ ކަމެއް އެ މައްސަލައިގައި ހިމެނުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ނޫން ހާލަތެއް މެދުވެރިވެގެން މައްސަލައަކަށް އިސްކަންދޭން ޖެހިއްޖެނަމަ، އެ މައްސަލައަކަށް އިސްކަންދިނުމަށް ކޮމިށަނުން ނިންމަންވާނެއެވެ. އަދި މި ހާލަތުގައި އެ މައްސަލައަށް އިސްކަންދޭން ނިންމި ސަބަބު، ލިޔުމުން އެނގެން އޮންނަންވާނެއެވެ.

 

7 ވަނަ މާއްދާ - އުސޫލުގައި ނުހިމެނޭކަމެއް ދިމާވުމާއި މާނަކުރުން

(ހ) މައްސަލައަކަށް އިސްކަންދިނުމާ ގުޅޭގޮތުން މި އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި ގޮތެއް ނިންމާނީ ކޮމިށަނުގެ މެންބަރުންނެވެ.

(ށ) މި އުސޫލުގައި ހިމެނޭ ކަމެއް މާނަކުރުމުގައި ދެބަސްވުމެއް ނުވަތަ ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.

 

8 ވަނަ މާއްދާ - އުސޫލު އި ސްލާހުކުރުން

މި އުސޫލަށް އިސްލާހެއް ގެނެވޭނީ، އެ އިސްލާހެއް މެންބަރުންގެ ބައްދަލުވުމަށް ހުށަހަޅައި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ އިސްލާހެއް ފާސްވުމުންނެވެ. އަދި އެ އިސްލާހަށް އަމަލުކުރަން ފަށާނީ، އެ އިސްލާހެއް ފާސްކޮށް،ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ކޮމިށަނުން މި އުސޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، ތަހުގީގު ކުރުމުގެ މަރުހަލާގައިވާ މައްސަލަތަކާއި ޕްރިލިމިނަރީ އިންވެސްޓޭށަންގެ މަރުހަލާގައިވާ މައްސަލަތައް،މި އުސޫލުގެ ދަށުން އަވަސް މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު