-

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-32)

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 3 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

43.  (އ) އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީއާއި ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީތަކުގައި ރަޖިސްޓަރީކޮށްދެވޭނީ، 2023 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެއަށްފަހު މި ކެޓަގަރީ އުވި، ބިލްޑިންގ ކޯޑާއި ގަވާއިދުތަކާ އެއްގޮތަށް ޑިޒައިން ކުރުމުގެ އެންމެހައި ޒިންމާ އުފުލާނީ ލައިސަންސެއް ދެވިފައިވާ  ފަރާތްތަކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

44.  (ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީ ކުރެވޭ ފަރާތަށް ޗެކަރގެ ކެޓަގަރީގެ ހުއްދައެއް ދޫކުރަންވާނީ، 2023 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ނިޔަލަށް ވުރެ އިތުރުނުވާ ގޮތަށް އިންށުއަރަންސް ހުށަހަޅާ މުއްދަތަށެވެ. އަދި ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 2023 ސެޕްޓެންބަރު 22 ގެ ނިޔަލަށް، މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ހަމަވާނަމަ، ހުއްދަ ދޫކުރަންވާނީ، މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި 2023 ސެޕްޓެންބަރު 22 ގެ ނިޔަލަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ހަމަނުވާނަމަ ހުއްދަ ދޫކުރަންވާނީ ބާކީ އޮތް މުއްދަތަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

47.  (ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާރިޗު 2022 އަށް މުއްދަތު ހަމަވާ ޗެކަރުންގެ ތެރެއިން 1 (އެކެއް) އަހަރަދުވަހަށް ވުރެ ކުރު މުއްދަތަކަށް ރަޖިސްޓަރީކޮށްފައިވާ ޗެކަރުންގެ ތެރެއިން މި މާއްދާގެ (ނ) ގެ ދަށުންރަޖިސްޓްރޭށަން އައުކޮށްފައި ނުވާ ޗެކަރެއްގެ ރަޖިސްޓްރޭށަން އައުކުރަން އެދޭނަމަ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ރަޖިސްޓަރީ އައުކޮށްދެވިދާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރަން އެދޭ ޗެކަރގެ ކެޓަގަރީއާ ގުޅޭ ފަންނުވެރިންގެ ކެޓަގަރީގެ މުއްދަތު ހަމަނުވާ ހުއްދައެއް އޮތުން؛
  2. މި ގަވާއިދުގެ ދަށުން އެ ކެޓަގަރީއަކަށް ހޯދަންޖެހޭ އިންށުއަރަންސް ހޯދައި، އެ އިންށުއަރަންސް ހުށަހަޅައިފައިވުން؛
    (i) ކުރިން ދޫކޮށްފައިވާ ހުއްދައަށް ހުށަހަޅައިފައިވާ އިންށުއަރަންސްގައި ބާކީ މުއްދަތެއް އޮތްނަމަ، އެ އިންށުއަރަންސް ހުށަހެޅުން؛ ނުވަތަ
    (ii) އައު އިންށުއަރަންސެއް ހޯދައި، އެ އިންށުއަރަންސް ހުށަހެޅުން.
  3. އެ ފަރާތަކީ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ އާކިޓެކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން؛ އަދި
  4. އެ ފަރާތަކީ ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީގެ ހުއްދަ އައުކުރަން އެދޭ ފަރާތެއް ނަމަ، ހުއްދަ އައުކުރަން އެދޭއިރު، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގެ ސަބަބުން އެ ފަރާތުގެ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީ ނުވަތަ ސްޓްރަކްޗުރަލް ޗެކަރގެ ކެޓަގަރީގެ ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

52.  (ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ ހާލަތްތަކުގައި ފީ ނެގުމަކާ ނުލައި ޗެކަރުންގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު