-

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-17)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(.ހ) މިއީ، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ،ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް، އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ދާއިރާތަކުން އިންތިހާބުކުރާ މެންބަރުން އިންތިހާބު ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގެ ގޮތުން، އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބުގެ ކަންކަން އިންތިޒާމު ކުރުމާއި ބެލެހެއްޓުން

(ހ) އިންތިހާބުގެ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ހިންގުމާބެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުމުގެ ޒިންމާ އޮންނަ މިނިސްޓްރީންނެވެ.

(ށ) އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ޓަކައި، އިންތިހާބާބެހޭ 3 (ތިނެއް) މެންބަރުންގެ ކޮމެޓީއެއް، އިންތިހާބު އިއުލާނު ކުރުމުގެ ކުރިން، މިނިސްޓްރީން އުފައްދަންވާނެއެވެ. ކޮމެޓީގެ މެންބަރުންގެ ގޮތުގައި ތިބޭނީ އަންނަނިވި ފަރާތްތަކެވެ.

  1. މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  2. މިނިސްޓްރީގެ ކޮލިޓީ އެށުއަރެންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއަރ އިންސްޓިޓިއުށަންސް ޑިވިޒަނުގެ އިސްވެރިއެއް؛
  3. މިނިސްޓްރީގެ އިދާރީ ހިންގުމުގެ އިސް މުވައްޒަފެއް.

 

3 ވަނަ މާއްދާ - މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލުން

(ހ) ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރުމަށް ބޭނުންވާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އާންމުކޮށް އަންގައި، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު، އިންތިހާބު އޮންނަ ތާރީހުގެ 10 (ދިހައެއް) ދުވަހުގެ ކުރިން މިނިސްޓްރީން އިއުލާނު ކުރަންވާނެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނީ، ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްގެންނެވެ.

(ނ) އިންތިހާބު އިއުލާނު ކުރާއިރު، ޓީވީއާއި ރޭޑިއޯއާއި، މަދުވެގެން 2 (ދޭއް) ނޫހެއްގައި އިއުލާނު ށާއިއު ކުރަންވާނެއެވެ.

(ރ) އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމަށް ކުރާ އިއުލާނުގައި،އަންނަނިވި މައުލޫމާތުތައް ހިމަނައިފައި އޮންނަންޖެހޭނެއެވެ.

  1. އެއީ ކޮން އިންތިހާބެއްކަމާއި، އިންތިހާބުކުރެވޭ ދާއިރާގެ ފުރިހަމަ މައުލޫމާތު؛
  2. ކެންޑިޑޭޓުންގެ ށަރުތުތައް؛
  3. އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތީގެ ތަފުސީލު؛
  4. އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހާއި ވަގުތު؛ 
  5. އިންތިހާބުގައި ވާދަކުރުމަށް އެޕްލިކޭށަން ހުށަހަޅަންވީ ގޮތާއި ،އެޕްލިކޭށަން ހުށަހަޅަންވީ ތަން؛
  6. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ،ތަކެތި ހުށަހަޅަންޖެހޭ ތަނާއި ތާރީހާއި ވަގުތު؛

 

4 ވަނަ މާއްދާ - މެންބަރުކަމަށް ކުރިމަތިލުމުގެ ށަރުތުތައް

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރުގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން؛
  2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން؛
  3. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުކޮށްފައިވާ ފަރާތެއްކަމުގައި ވުން؛
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް މަސައްކަތް ކުރަމުންދާ ފަރާތެއް ކަމުގައި ވުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރީންގެ ތެރެއިން ނުވަތަ ބަލަދުވެރީންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރުގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން؛
  2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން؛
  3. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ދަފުތަރުކޮށްފައިވާ ފަރާތެއް ކަމުގައި ވުން؛
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް މަސައްކަތް ކުރަމުންދާ ފަރާތެއް ކަމުގައި ވުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމްއިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ ޖަމްއިއްޔާތަކުން އިންތިހާބުކުރާ މެންބަރުގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއެއް ކަމުގައިވުން؛
  2. ތަމްސީލުކުރާ ޖަމްއިއްޔާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހު އަމަލީގޮތުން މަސައްކަތްކޮށްފައިވާ ޖަމްއިއްޔާއެއް ކަމުގައި ވުން؛
  3. ޖަމްއިއްޔާ ތަމްސީލުކުރާ ފަރާތަކީ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މި ދާއިރާގެ މަސައްކަތުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

(ރ) ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރީންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރުގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން؛
  2. މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ 
    ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މި ދާއިރާގެ މަސައްކަތުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  3. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައި ވުން.

(ބ) ސިއްހީ ދާއިރާގައި މަ ސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރުގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން؛
  2. މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 (ތިނެއް) އަހަރަށްވުރެ ކުރު ނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެށަލްޓީއަކުން ހާސިލުކުރުމަށްފަހު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 (ދޭއް) އަހަރަށްވުރެ ކުރުނޫން ފެލޯށިޕް ޕްރޮގްރާމެއް މެޑިކަލް ސަބް- ސްޕެށަލްޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައި ވުން؛
  3. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައި ވުން.

(ޅ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

  1. ކުޑަކުއްޖަކަށް، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް، ނުވަތަ އުމުރުން ދުވަސްވީ މީހަކަށް ނުވަތަ ހާއްސަ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  2. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޓެކުން، ނުވަތަ މަކަރާއި ހީލަތް ހެދުން، ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ސަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛
  3. ޖިނާއީ ބޮޑެތި ކުށްކަމުގައި ބެލެވޭ ކުށެށް ކުރިކަން ށަރީއަތަށް ށާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ކ) އިންތިހާބުކުރާ މެންބަރުގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓުން، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯ ބެލުމަށް، ކުށުގެ ރިކޯޑާއި ޕޮލިސް ރިކޯޑު ސާފުކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - މެންބަރުކަމަށް ކުރިމަތިލުން

(ހ) ކައުންސިލުގެ މެންބަރުކަމުގެ އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލުމުން، މެންބަރުކަމަށް ކުރިމަތިލުމުގެ ހައްގު، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ވެސް އޮންނާނެއެވެ.

(ށ) އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ކުރިމަތިލާން އެދޭ، ދާއިރާގެ މެންބަރުކަމުގެ ށަރުތު ފުރިހަމަނުވާ ފަރާތްތަކުގެ އެޕްލިކޭށަން ބާތިލުވާނެއެވެ.

(ނ) އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާނީ، އިންތިހާބުގެ އިއުލާނުގައިވާ ގޮތުގެ މަތީން، އިއުލާނުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

(ރ) އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކު، އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެ ހާލަތެއްގައި، އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިއުލާނު ކުރުމުގެ ކުރިން، އެ މީހެއްގެ ނަން އަނބުރާ ގެންދެވިދާނެއެވެ.

 

6 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމާއި، ކެންޑިޑޭޓް ނަންބަރު ދިނުން

(ހ) މެންބަރުކަމަށް ކުރިމަތިލުމަށް ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ށަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އިންތިހާބާބެހޭ ކޮމެޓީންނެވެ.

(ށ) މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތާ 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި، ށަރުތު ހަމަވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުލުން ބާއްވަންވާނެއެވެ. ގުރުއަތުލުމުގައި ބައިވެރިވާންވާނީ، ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓް އައްޔަނުކުރާ ފަރާތެކެވެ.

(ނ) ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ހާޒިރުވާ ފަރާތެއް ހާޒިރުވާއިރު، ކެންޑިޑޭޓުގެ ސިޓީއެއް ގެންނަންވާނެއެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި އެހެން މީހަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ މިނިސްޓްރީގެ ފަރާތުންނެވެ.

(ރ) ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން ބޭއްވުމަށް، ގުރުއަތުލުން އޮންނަ ވަގުތުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން އިއުލާނުކޮށް އަންގަން ވާނެއެވެ.

(ބ) ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާނީ، ގުރުއަތުން ނެގޭ ނަންބަރުތަކުގެ ތަރުތީބުންނެވެ.

(ޅ) ގުރުއަތުލުން ކުރިޔަށްގެންދާއިރު، ގުރުއަތުލުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އެ ތަނެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމާއި ވޯޓުލުން ބޭއްވުން 

(ހ) ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނިމުމުން، ވޯޓުލުން އޮންނަ ދުވަހުގެ ކުރީދުވަހުގެ ނިޔަލަށް ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭންކުރުމުގެ ހަމަތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.

(ށ) ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް ނިމުމުން، އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ނ) އިއުލާނު ކުރާއިރު، ޓީވީއާއި ރޭޑިއޯއާއި، މަދުވެގެން 2 (ދޭއް) ނޫހެއްގައި އިއުލާނު ށާއިއު ކުރަންވާނެއެވެ. އަދި ސަރުކާރުގެ ގެޒެޓުގައި ވެސް އިއުލާނު ށާއިއު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ކެމްޕެއިން ކުރުމުގައި ދިމާވާ ކަންކަމާ ގުޅިގެން ށަކުވާ ހުށަހެޅުން

(ހ) ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެ ކަމުގެ ށަކުވާ މިނިސްޓްރީއަށް ހުށަހަޅައި، އެ ކަމެއް ހުއްޓުވައިދިނުމަށް މިނިސްޓްރީގައި އެދުމުގެ ހައްގު އެ ކެންޑިޑޭޓަކަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީން ލަސްނުކޮށް އެ މައްސަލައެއް ބަލައި، އެކަމާމެދު ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަކުވާތައް، ލިޔުމުން މިނިސްޓްރީއަށް ހުށަހެޅޭނެއެވެ.

 

9 ވަނަ މާއްދާ - ވޯޓު ލުމުގެ ހައްގު

ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3 (ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހުރިހާ ދާއިރާއަކުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވައިލަންވާނެއެވެ.

 

10 ވަނަ މާއްދާ - ވޯޓުލާ ފަރާތްތަކުގެ ދަފުތަރު

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުގެ ކަންކަން ކުރިޔަށްގެންދިއުމަށް ޓަކައި، ވޯޓުލާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު އެކުލަވައިލުމަށްފަހު، ދަފުތަރާ ގުޅިގެން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައި އިއުލާނު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ވޯޓު ކަރުދާސް

(ހ) ވޯޓު ކަރުދާސް ޗާޕްކުރާނީ، ވޯޓުގެ ކަންކަން ކުރިޔަށްގެންދާ މިނިސްޓްރީން، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް، ކެންޑިޑޭޓު ނަންބަރު ތަރުތީބުން ހިމަނައިފައި އޮންނަންވާނެއެވެ. އަދި ނަމާ ދިމާގައި ފާހަގަ ޖަހާނެ ގޮޅިއެއް އޮންނަންވާނެއެވެ.

(ނ) ވޯޓު ކަރުދާހުގެ މޫނުމަތީގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރަށް، އިންތިހާބުގެ ނަމާއި، އިންތިހާބު ބާއްވާ މިނިސްޓްރީގެ ނަމާއި، ދައުލަތުގެ ނިށާނާއި، ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ވޯޓުލަނީ ކޮން ދާއިރާއެއްގެ މެންބަރަކަށްކަން އޮންނަންވާނެއެވެ.

(ރ) ވޯޓު ކަރުދާހުގެ ނުފުށުގައި (ފަހަތުގައި) ވޯޓުލުން ކުރިޔަށްގެންދާ މިނިސްޓްރީގެ ތައްގަނޑު (ސްޓޭމްޕް)، ކޮންމެ ކަރުދާހެއްގައި ވެސް ވަކިވަކިން ޖަހައިފައި އޮންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ވޯޓު ލުން

(ހ) ވޯޓުލުން ކުރިޔަށް ގެންދަންވާނީ ދެފުށް ފެންނަގޮތަށް، ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ އޮބްޒާވަރުންނަށް، ވޯޓުލާ މަރުކަޒުގައި ތިބެވޭނެ އިންތިޒާމެއްގެ ދަށުންނެވެ. މި ގޮތަށް ތިބޭއިރު، އެ ތިބޭ ބަޔަކަށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ހާއްސަކޮށްފައިވާ ޕޯސްޓް ހުންނަ ސަރަހައްދާ 10 (ދިހައެއް) ފޫޓަށްވުރެ ގާތްވެވިގެން ނުވާނެއެވެ.އަދި ވޯޓު ފޮށްޓާ ވެސް ގާތްވެވިގެން ނުވާނެއެވެ. އެގޮތުން އޮބްޒާވަރުން ތިބެންޖެހޭނެ ތަން، ވޯޓުލާން ފެށުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން، އިންތިހާބުގެ ކަންކަންކުރިޔަށްގެންދާ ވޯޓްލާ މަރުކަޒުގެ ވެރިޔާ ކަނޑައަޅަންވާނެއެވެ.

(ށ) އިންތިހާބުގައި ލާ ވޯޓަކީ ސިއްރު ވޯޓެކެވެ. އެހެންކަމުން ، ސިއްރު ހިފެހެއްޓުމުގެ ހައްގު ހުރިހާ ފަރާތަކަށް ވެސް ލިބިގެންވެއެވެ. އަދި އެ ހައްގަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް އެހެން ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ނ) އަންނަނިވި ހާ ލަތްތަކުގައި މެނުވީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވާނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތުން އަމިއްލައަށެވެ.

  1. ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މީހަކަށް ވޯޓު ކަރުދާހުގައިވާ ނަންތައް ނުފެންނަ މީހުން؛
  2. ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަމިއްލަ އަތުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އުޒުރުވެރިވާ މީހުން.

(ރ) ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ، އެކަމަށް ހާއްސަކޮށްފައިވާ ގޮޅީގައެވެ. ޖަހަންވާނީ ހަމައެކަނި ހެޔޮ/ރަނގަޅު ފާހަގައެވެ.

(ބ) ވޯޓު ލާނީ، ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށީގެ ތެރެޔަށް ވޯޓު ކަރުދާސް ވައްޓައިލައިގެންނެވެ.

(ޅ) ވޯޓު ލާން އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ނުވަތަ އެ މީހެއްގެ ފޮޓޯ ޖަހައިފައިވާ، ސަރުކާރުގެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ވޯޓް ލެވޭނީ، އެ ލިޔުން ޗެކް ކުރުމަށް ފަހުގައެވެ.

(ކ) އިންތިހާބުގެ ވޯޓުލުން އިއުލާނުކުރާއިރު، ވޯޓުލުން ކުރިޔަށްދާނެ ވަގުތު އާންމުކަރަންވާނެއެވެ. ވަގުތު ހަމަވާއިރު ވޯޓުލުމަށް ބަޔަކު ހާޒިރުވެ ތިބިނަމަ، އެ ބަޔަކު ވޯޓުލައި ނިމެންދެން ވޯޓުލުމުގެ ފުރުސަތު ދޭންވާނެއެވެ. އެހެންނަމަވެސް، ވޯޓުލާން ކަނޑައަޅައިފައިވާ ވަގުތު ހަމަވާއިރު ކިއުގައި ޖެހިފައި ނުވާ ބަޔަކަށް ފުރުސަތެއް ނުލިބޭނެއެވެ.

 

13 ވަނަ މާއްދާ - ވޯޓު ބާތިލުވާ ގޮތް

ވޯޓު ބާތިލުވާނީ ، އަންނަނިވި ސަބަބުތަކުން ސަބަބެއް މެދުވެރިވެގެންނެވެ.

(ހ) އެއް ފާހަގައަށްވުރެ ފާހަގަ އިތުރުވުން.

(ށ) އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވުން.

(ނ) އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅައިފައިވާ ކަރުދާސް ނޫން ކަރުދާހެއްގައި ވޯޓުލައިފައިވުން.

(ރ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވޯޓުލުން.

 

14 ވަނަ މާއްދާ - އޮބްޒާވްކުރުން

(ހ) ވޯޓުލާ ތަނުގައްޔާއި، ވޯޓު ގުނާ ތަނުގައި، ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓް ކަނޑައަޅާ ފަރާތަކަށް، އިންތިހާބާބެހޭ ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތީން ،އިންތިހާބު އޮބްޒާވް ކުރުމަށް ހުރެވޭނެއެވެ.

(ށ) ކައުންސިލް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި، ކޮންމެ ކެންޑިޑޭޓަކަށް ވެސް، ވޯޓު ނެގުން އޮންނަ ދުވަހު ، ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު އައްޔަނު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މަންދޫބުން އައްޔަނު ކުރުމަށް ފުރުސަތު ހުޅުވައިލުމުގެ ގޮތުން މިނިސްޓްރީން އިއުލާނު ކުރަންވާނެއެވެ.

(ރ) ވޯޓުލާ މަރުކަޒުގައި އޮބްޒާވަރެއްގެ ގޮތުގައި ހުރުމަށް ކަނޑައަޅާ ފަރާތްތަކަށް އެ ތަނުގައި ތިބެވޭނީ، ވޯޓުގެ ކަންކަން އިންތިޒާމުކުރާ ފަރާތަކުން ދޫކުރާ ކާޑު އަބަދުވެސް ފެންނާނޭ ގޮތަށް ޖަހައިގެންނެވެ.

(ބ) ވޯޓުލާ ވަގުތާއި ވޯޓު ގުނާއިރު، އޮބްޒާވް ކުރުމުގެ ފުރުސަތަށް އެދޭ މީޑިއާތަކަށް އެ ފުރުސަތު މިނިސްޓްރީން ހުޅުވައިލަންވާނެއެވެ. އަދި މީޑިއާގެ ފަރާތްތަކުން އެ ފަރާތްތައް އެނގޭނޭހެން މީޑިއާ ފާސް ބޭނުންކުރަންވާނެއެވެ.

(ޅ) ވޯޓުލާ ވަގުތުގައްޔާއި، ވޯޓު ގުނާއިރު، އޮބްޒާވަރުންނަށް ދޫކޮށްފައިވާ ކާޑު ނުޖަހައި ހުރެގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - ވޯޓު ގުނުމާއި، ނަތީޖާ އިއުލާނު ކުރުން

(ހ) ވޯޓު ގުނަންވާނީ، ވޯޓުލުމަށް ކަނޑައެޅި މަރުކަޒުގައެވެ. އެއްވެސް ސަބަބަކާ ހުރެ އެހެން ތަނެއްގައި ވޯޓު ގުނަން ޖެހޭނަމަ، ވޯޓު ގުނަން ފެށުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން، އޮބްޒާވަރުންނަށް އެކަން އަންގަންވާނެއެވެ. އަދި ވޯޓުފޮށި އެއްތަނުން އަނެއްތަނަށް ގެންދެވޭނީ ،ވޯޓުލާ މަރުކަޒާ ހަވާލުވެ ހުންނަ ވެރިޔާގެ ހާޒިރުގައެވެ.

(ށ) ވޯޓުލައި ނިމި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމުން،ވޯޓު ގުނުމަށްފަހު ، ވޯޓުގެ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.

(ނ) ވޯޓުލާ ދުވަހު، ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނު ކުރުމަށްފަހު، އެ ނަތީޖާ މިނިސްޓްރީއަށް ފޮނުވުމުން، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ނަތީޖާ އެ ދުވަހު އިއުލާނު ކުރަންވާނެއެވެ. އެކަން ކުރާނީ މިނިސްޓްރީންނެވެ.

(ރ) ވޯޓުގެ ވަގުތީ ނަތީޖާ ޓީވީއާއި ރޭޑިއޯއާއި ދުވަހުނޫސްތަކުންކުރެ މަދުވެގެން 2 (ދޭއް) ނޫހެއްގައި އާންމުކަރަންވާނެއެވެ. އަދި ސަރުކާރުގެ ގެޒެޓުގައި ވެސް ށާއިއު ކުރަންވާނެއެވެ.

(ބ) އިންތިހާބުގެ ވަގުތީ ނަތީޖާއާ ގުޅޭ ށަކުވާ، ވަގުތީ ނަތީޖާ އިއުލާނުކުރާ ވަގުތުން ފެށިގެން، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ދިމާވާ މައްސަލަތައް ހައްލުކުރުން

(ހ) އިންތިހާބާ ގުޅިގެން ށަކުވާ ހުށަހެޅުމަށް 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ.

(ށ) އިންތިހާބާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ ކަމެއް ހައްލުކުރާނީ، އިންތިހާބާބެހޭ ކޮމެޓީގެ އެހީތެރިކަމާއެކު އިންތިހާބުގެ ކަންކަން ކުރިޔަށްގެންދާ މިނިސްޓްރީންނެވެ.

(ނ) އިންތިހާބާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް 3 (ތިނެއް) މެންބަރުންގެ ކޮމެޓީއެއް، އިންތިހާބު އިއުލާނު ކުރުމުގެ ކުރިން، މިނިސްޓްރީން އުފައްދަންވާނެއެވެ. ކޮމެޓީގެ މެންބަރުންގެ ގޮތުގައި ތިބޭނީ އަންނަނިވި ފަރާތްތަކެވެ.

  1. މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ؛
  2. މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަނޑައަޅާ ފަރާތެއް؛
  3. މިނިސްޓްރީގެ ހިޔުމަން ރިސޯސް އެންޑް ޓްރެއިނިންގ ޑިވިޒަނުގެ އިސްވެރިއެއް.

(ރ) އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް، އެ މައްސަލަ ހުށަހެޅޭތާ 2 (ދޭއް) ދުވަހުގެ ތެރޭގައި ބަލައި ނިންމައި، މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) ކައުންސިލުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވަގުތީ ނަތީޖާ މިނިސްޓްރީން އިއުލާނުކުރާ ދުވަހުން ފެށިގެން، ގިނަވެގެން 4 (ހަތަރެއް) ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ މިނިސްޓްރީން އިއުލާނުކޮށް، ސަރުކާރުގެ ގެޒެޓުގައި އެ ނަތީޖާ ށާއިއު ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ވޯޓުގެ ނަތީޖާ އެއްވަރު ވެއްޖެނަމަ އަމަލުކުރާނެ ގޮތް

އެ ދާއިރާއަކަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނީ އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ކަމުގައި ވާނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މަގާމަކަށް އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި، އެ މަގާމަށް ކެންޑިޑޭޓަކު ހޮވެންދެން މި ގޮތުގެ މަތީން ވޯޓު ނަގަމުން ގެންދާންވާނެއެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން 2 ވަނަ ބުރަށް އިލެކްށަން ބާއްވަންވާނެއެވެ.

 

18 ވަނަ މާއްދާ - އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފިނަމަ އަމަލުކުރާނެ ގޮތް 

ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކަށް ކުރިމަތިލައިފައިވަނީ ށަރުތު ހަމަވާ އެންމެ ކެންޑިޑޭޓެއް ނަމަ، އެ ކެންޑިޑޭޓަކު، އެ ދާއިރާއެއްގެ މެންބަރުކަމަށް ހޮވޭނެއެވެ.

 

19 ވަނަ މާއްދާ - ހިލާފުވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ކެންޑިޑޭޓަކު ހިލާފުވެއްޖެކަން މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، އެ ކެންޑިޑޭޓެއްގެ ނަން، ކެންޑިޑޭޓުންގެ ލިސްޓުން އުނިކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދުށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު ތިރީގައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ތިރީގައި ދީފައިވާ މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލު" ނުވަތަ "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ކައުންސިލަށެވެ.

(ނ) "އިންތިހާބާ ބެހޭ ކޮމެޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލަންޖެހޭ ކައުންސިލުގައި ހިމެނޭ، އިންތިހާބުކުރާ މެންބަރުންގެ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ޓަކައި، މިނިސްޓްރީން އުފައްދާ ކޮމެޓީއަށެވެ.

 

މައި ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 8/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު