-

ޑީލިންގ ކުންފުނި (ޑީލާޒް) އާއި ޑީލާޒް ތަމްސީލުކުރާ ފަރާތް (ބްރޯކާޒް) ތަކަށް ލައިސަންސް ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-15)

 

1 ވަނަބައި

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާއިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޑީލިންގ ކުންފުނި (ޑީލާޒް) އާއި ޑީލާޒް ތަމްސީލުކުރާ ފަރާތް (ބްރޯކާޒް) ތަކަށް ލައިސަންސް ދިނުމުގެ ގަވާއިދު'' އެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ބޭނުންކޮށްފައިވާ ގޮތަކުން ކަނޑައެޅިގެން އެހެން ގޮތަކަށް އެ ލަފުޒެއް ބަޔާންނުކުރާހައި ހިނދަކު، އެ ލަފުޒެއް މާނަކުރާނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި އެ ލަފުޒެއް މާނަ ކޮށްފައިވާ ގޮތަށެވެ.

 

2 ވަނަ ބައި

ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން

 

3 ވަނަ މާއްދާ - ލައިސަންސްއަށް އެދުން

(ހ) ޑީލާޒް ލައިސަންސަކަށް އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ 1 (އެކެއް) ނަންބަރު ފޯމުންނެވެ.

(ށ) ޑީލާޒް ލައިސަންސް އައުކުރުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ 2 (ދޭއް) ނަންބަރު ފޯމުންނެވެ.

(ނ) ޑީލާޒް ތަމްސީލުކުރުމުގެ ލައިސަންސް/ބްރޯކާޒް ލައިސަންސަކަށް އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ 3 (ތިނެއް) ނަންބަރު ފޯމުންނެވެ.
(ރ) ޑީލާޒް ތަމްސީލުކުރުމުގެ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ 4 (ހަތަރެއް) ނަންބަރު ފޯމުންނެވެ.

 

4 ވަނަ މާއްދާ - ށަރުތުތައް

(ހ) ޑީލާޒް ލައިސަންސަށް އެދި ހުށަހެޅޭނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށެވެ.

(ށ) ޑީލާޒް ތަމްސީލުކުރުމުގެ ލައިސަންސަކަށް އެދި ހުށަހަޅާ ފަރާތްތަކުގައި، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައި ވުން؛
  2. އެ މީހެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ސާބިތުވެފައި ނުވުން؛
  3. އެއްވެސް ގައުމެއްގައި އެ މީހަކު އިފްލާސްކުރެވިފައި ނުވުން؛
  4. މަކަރާއި ހީލަތުގެ ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
  5. ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ކުށެއް ސާބިތުވެގެން 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް، ނުވަތަ އެ މުއްދަތަށް އަރުވައިލުމަށް ނުވަތަ އެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމް ކޮށްފައިވާ މީހަކު ކަމުގައި ނުވުން؛
  6. ދަށްވެގެން، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ބަލައިގަންނަ (އެކްރެޑިޓްކޮށްފައިވާ) ވިޔަފާރީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މި އޮތޯރިޓީންކަނޑައަޅާ ސެކިއުރިޓީޒްއާ ގުޅޭ ޓްރެއިނިންގ ސެށަންތަކެއްގައި ބައިވެރިވެ ފުރިހަމަކޮށްފައިވުން ނުވަތަ މި އޮތޯރިޓީން ބާއްވާ ސެކިއުރިޓީޒް ޑީލާޒް/ސްޓޮކް ބްރޯކާޒް އިމްތިހާނުން ފާސްވެފައިވުމާއެކު، މި އޮތޯރިޓީން ކަނޑައަޅާ ސެކިއުރިޓީޒްއާ ގުޅޭ ޓްރެއިނިންގ ސެށަންތަކެއްގައި ބައިވެރިވެ ފުރިހަމަކުރުން.

 

5 ވަނަ މާއްދާ - އެޕްލިކޭށަން ހުށަހަޅާނެ ގޮތް

(ހ) ލައިސަންސެއް ހޯދުމަށް އެދި ނުވަތަ ލައިސަންސެއް އައުކުރުމަށް އެދި ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމާއި، އެ ފޯމާއެކުގައިވާ ޖަދުވަލުތައް ފުރިހަމަކޮށް، މި އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ޑީލާޒް ލައިސަންސަކަށް އެދި ނުވަތަ ޑީލާޒް ލައިސަންސެއް އައުކުރުމަށް އެދި ހުށަހަޅާނީ، އަންނަނިވި ލިޔުންތަކާއެކުގައެވެ.

  1. ކުންފުނީގެ ޑިރެކްޓަރަކު، ތެދު އަދި ހަގީގީ ކޮޕީއެއްކަމަށް ބުނެ، ތަސްދީގުކޮށްފައިވާ ކުންފުނީގެ އެންމެ ފަހުގެ ބެލެންސްށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބު (މިފަދަ ލިޔުމެއް އޮތްނަމަ) ގެ ކޮޕީ. މި 2 (ދޭއް) ލިޔުމަކީ އެންމެ ފަހު މާލީ އަހަރުގެ ނަތީޖާތައް ހިމެނިފައިވާ އަދި ކުންފުނީގެ އޮޑިޓަރު އޮޑިޓްކޮށްފައިވާ ޑޮކިއުމެންޓްތަކަކަށް ވާންވާނެއެވެ. އަދި މި ބުނެވު ނު ލިޔުންތަކާއެކުގައި ހިމެނުން ގާނޫނު ލާޒިމުކުރާ އެންމެހައި ލިޔުންތައް ވެސް ހިމަނަންވާނެއެވެ.
  2. ކުންފުނީގެ އޮޑިޓް ރިޕޯޓު (މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ތަސްދީގުކޮށްފައި)؛
  3. ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ އެއްވެސްޑިރެކްޓަރެއްގެ މައްޗަށް ވައްކަމުގެ ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައި ނުވާކަން އެނގޭނެ، ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔުން؛
  4. ބިދޭސީ ކުންފުންޏެއް ނަމަ، އެ ކުންފުންޏެއް ރަޖިސްޓަރީކޮށްފައިވާ ގައުމެއްގެ ސެކިއުރިޓީޒް ރެގިއުލޭޓްކުރާ ފަރާތަކުން ދޫކޮށްފައިވާ ލައިސަންސާއި، އެއާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް؛
  5. ކުންފުނި އުވައިލުމަށް ކޯޓުން އަމުރެއް ނެރެފައި ނުވާކަން ނުވަތަ ރިސީވަރށިޕަށް ގޮސްފައި ނުވާ ކުންފުންޏެއްކަން އެނގޭނެ، ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔުން.

 

6 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހަޅަ އިފައިވާ ފޯމުގައިވާ މައުލޫމާތު ބަދަލުކުރުން

އަންނަނިވި ކަމަކުން ކުރެ ކަމެއް މެދުވެރިވެއްޖެނަމަ، މި އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

(ހ) ހުށަހަޅައިފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލެއް އައުން.

(ށ) އެޕްލިކޭށަން ފޯމު ހުށަހެޅި ވަ ގުތުން ފެށިގެން އޮތޯރިޓީން ގޮތެއް ނިންމުމުގެ ކުރިން، ލައިސަންސަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭށަން ފޯމުގައިވާ މައުލޫމާތަށް ނުވަތަ އެޕްލިކޭށަން ފޯމުގައި ހުށަހަޅަންޖެހޭ މައުލޫމާތަކަށް ބަދަލެއް އަންނާނެކަން، ލައިސަންސް ހޯދުމަށް ހުށަހެޅި ފަރާތަށް އެނގޭފަދަ ކަމެއް މެދުވެރިވުން.

 

3 ވަނަ ބައި

އެޕްލިކޭށަން ޕްރޮސެސިންގ ފީއާއި އަހަރީ ފީ

 

7 ވަނަ މާއްދާ - ފީ

(ހ) ލައިސަންސަށް އެދި ހުށަހަޅާ ފޯމާއެކު ޑީލާޒް ލައިސަންސަށް އެދޭނަމަ، 10،000 (ދިހަހާސް) ރުފިޔާގެ އެޕްލިކޭށަން ޕްރޮސެސިންގ ފީއެއް އަދި، ޑީލާޒް ތަމްސީލުކުރުމުގެ ލައިސަންސަށް އެދޭނަމަ، 500) ފަސްސަތޭކަ) ރުފިޔާގެ އެޕްލިކޭށަން ޕްރޮސެސިންގ ފީއެއް ދައްކަންވާނެއެވެ.

(ށ) ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފޯމާއެކު ޑީލާޒް ލައިސަންސް އައުކުރުމަށް އެދޭނަމަ 1،000 (އެއްހާސް) ރުފިޔާގެ ފީއެއް އަދި، ޑީލާޒް ތަމްސީލުކުރުމުގެ ލައިސަންސް އައުކުރުމަށް އެދޭނެމަ 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ނ) ޑީލަރުކަމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ކޮންމެ އަހަރަކު، އަހަރީ ފީއެއްގެ ގޮތުގައި 5،000 (ފަސްހާސް) ރުފިޔާ، އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ރ) ޑީލަރުން ތަމްސީލްކުރާ/ބްރޯކާޒް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ކޮންމެ އަހަރަކު،އަހަރީ ފީއެއްގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ، އޮތޯރިޓީއަށް ދައްކަންވާނެއެވެ.އެޕްލިކޭށަން ގަބޫލުނުކުރުން 8 .އަންނަނިވި ކަންކަން ފުރިހަމަނުވާ އެޕްލިކޭށަން ޕްރޮސެސްއެއް ނުކުރެވޭނެއެވެ.

(ހ) ގަވާއިދުގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ޕްރޮސެސިންގ ފީ ހުށަހަޅައިފައި ނުވުން.

(ށ) ފުރިހަމަ ނުކޮށް ހުށަހަޅައިފައިވާ އެޕްލިކޭށަން ފޯމު.

(ނ) ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާ) އާއި، މި ގަވާއިދާ ހިލާފުވާ އެޕްލިކޭށަން.

 

4 ވަނަ ބައި

ލައިސަންސް ދިނުން

 

9 ވަނަ މާއްދާ - އެޕްލިކޭށަނާއި، ލައިސަންސްގެ މުއްދަތު

(ހ) އޮތޯރިޓީން އެޕްލިކޭށަން ފޯމު ބަލައިގަންނަ ދުވަހުން ފެށިގެން ގިނަވެގެން މަސައްކަތު 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ އެޕްލިކޭށަނާ ބެހޭ ގޮތުން އޮތޯރިޓީން ނިންމި ގޮތް، އެޕްލިކޭށަން ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެޕްލިކޭށަނާ ގުޅިގެން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އޮތޯރިޓީން އަންގައިފައިވާނަމަ، 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ހުށަހަޅަން އަންގައިފައިވާ އިތުރު މައުލޫމާތު އެ ފަރާތަކުން އޮތޯރިޓީއަށް ހުށަހަޅާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭށަނަކާމެދު އޮތޯރިޓީން ގޮތެއް ނުނިންމައިފިނަމަ، ގޮތެއް ނުނިންމި ލަސްވާ ސަބަބު ބަޔާންކޮށް، ލައިސަންސަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގެ މުއްދަތު، އެ މުއްދަތު އޮތޯރިޓީން ބާތިލު ނުކުރާހައި ހިނދަކު ނުވަތަ އެ ނޫންވެސް ގޮތަކުން ނިމުމަކަށް ނާންނަހައި ހިނދަކު ދެމިގެންވާނީ އެ ލައިސަންސްގައި ބަޔާންކުރާ މުއްދަތަށެވެ.

(ރ) ލައިސަންސް އައުކުރަން ބޭނުންވާނަމަ، ލައިސަންސްގެ މުއްދަދު ނިމުމަކަށް އައުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، އެކަމަށް އެދި، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - އާންމު ށަރުތުތައް

އޮތޯރިޓީން ދޫކުރާ ކޮންމެ ލައިސަންސެއް ވެސް ދޫކުރެވޭނީ، ތިރީގައި ބުނެފައިމިވާ ށަރުތުތަކުގެ މަތީންނެވެ.

(ހ) ކޮންމެ ލައިސަންސަކީ، ލައިސަންސަށް އެދޭ ފަރާތަށް ހާއްސަކޮށް ދޫކުރާ ލައިސަންސެކެވެ. އެ ލައިސަންސް، އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ށ) ލައިސަންސް ދޫކުރެވިފައިވާ ފަރާތަކީ ކުންފުންޏެއްނަމަ، ތިރީގައިވާ ކަންކަމުންކުރެ ކަމެއް މެދުވެރިވުމުން، ވީ އެންމެ އަވަހަކަށް އެކަން ލިޔުމަކުން އޮތޯރިޓީއަށް އަންގަންވާނެއެވެ.

  1. ކުންފުނީގެ އަސާސީ ގަވާއިދަށާއި، ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނައުމަށް ހުށަހެޅުން؛
  2. ލައިސަންސަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭށަނުގައިވާ މައުލޫމާތަށް ނުވަތަ އެޕްލިކޭށަނުގައި ހުށަހަޅަންޖެހޭ މައުލޫމާތަކަށް އެއްވެސް ބަދަލެއް އަންނާނެކަން،ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އެނގޭފަދަ ކަމެއް މެދުވެރިވުން؛
  3. ލައިސަންސް ލިބިފައިވާ ކުންފުނީގެ މެނޭޖްމަންޓަށް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުން ބަދަލުވުން؛
  4. ކުންފުނީގެ އެއްވެސް ޑިރެކްޓަރެއްގެ މައްޗަށް ވައްކަމުގެ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވުން؛
  5. ކުންފުނި އުވައިލުމަށް ކޯޓުން އަމުރެއް ނެރުން ނުވަތަ ކުންފުނި ރިސީވަރށިޕަށް ދިއުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކަމާ ގުޅިގެން އޮތޯރިޓީން އަންގާ އެންގުންތަކަށް، ލައިސަންސް ލިބިފައިވާ ފަރާތުން ތަބާވާންޖެހޭނެއެވެ.

(ރ) މި އޮތޯރިޓީން ދޫކުރާ ލައިސަންސަކާ ނުލައި އެއްވެސް ގޮތަކަށް މި ވިޔަފާރި ކުރުމަކީ ނުވަތަ ކުރާކަން ދެއްކުމަކީ މަނާކަމެކެވެ.

(ބ) މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އޮތޯރިޓީއަށް އަންގަންޖެހޭ އެންގުންތައް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުތަކުން އަންގަމުން ގެންދަންވާނެއެވެ.

(ޅ) ޑީލަރުން ތަމްސީލްކުރާ/ބްރޯކާޒް ފަރާތެއްގެ ގޮތުގައި ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ، ލައިސަންސް ލިބޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ޑީލަރެއް ތަމްސީލުކުރަން ފަށަންވާނެއެވެ.

 

5 ވަނަ ބައި

 މާލީ ވަސީލަތްތައް

 

11 ވަނަ މާއްދާ - ޕެއިޑްއަޕް ކެޕިޓަލްއާއި ނެޓް ކެޕިޓަލް

ޑީލަރުކަމުގެ ލައިސަންސަށް އެދޭ ކޮންމެ ކުންފުންޏެއްގެ ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި މަދުވެގެން 250،000 (ދުއިސައްތަ ފަންސާސްހާސް) ރުފިޔާ ހުންނަންވާނެއެވެ. އަދި ކޮންމެ ޑީލަރަކު ވެސް، ޑީލަރެއްގެ ހައިސިއްޔަތުން ހުރިހާ ވަގުތެއްގައި ވެސް އޭނާގެ ވިޔަފާރީގައި، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ނެޓް ކެޕިޓަލްއެއް ދަމަހައްޓަންވާނެއެވެ.

 

12 ވަނަ މާއްދާ - ލިކުއިޑިޓީ މާޖިން

ކޮންމެ ޑީލަރަކު ވެސް، ޑީލަރެއްގެ ހައިސިއްޔަތުން ހުރިހާ ވަގުތެއްގައި ވެސް، އޭނާގެ ވިޔަފާރީގައި ލިކުއިޑިޓީ މާޖިންގެ ގޮތުގައި 50،000 (ފަންސާސްހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، އޮތޯރިޓީން އަންގާ ގޮތެއްގެ މަތީން ދަމަހައްޓަންވާނެއެވެ.

 

13 ވަނަ މާއްދާ - އެންގުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ނެޓް ކެޕިޓަލްއާއި ލިކުއިޑިޓީ މާޖިންގ ނުދެމެހެއްޓޭނެކަން ޑީލަރަށް އެނގުމުން ލަސްނުކޮށް އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) އޮތޯރިޓީއަށް އެކަން އެންގުން.

(ށ) ސާފު ރައުސްމާލާއި ލިކުއިޑިޓީ މާޖިންގ ނުދެމެހެއްޓޭނެކަން އެނގުމުގެ ކުރިން ކޮށްފައިވާ އެގްރީމެންޓެއް ނުވަތަ އެއްބަސްވުމެއްގެ ވިޔަފާރި ނިންމުމުގެ ގޮތުން ކުރާ ވިޔަފާރި ފިޔަވައި އެހެން ހުރިހާ ސެކިއުރިޓީޒް ވިޔަފާރިއެއް ވަގުތުން ހުއްޓައިލަންވާނެއެވެ.

 

6 ވަނަ ބައި

އެހެނިހެން ކަންތައްތައް

 

14 ވަނަ މާއްދާ - ލައިސަންސް އައުކުރުން

ލައިސަންސް ގެއްލިފައިވާކަމަށް ނުވަތަ ހަލާކުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުން އައު ލައިސަންސެއް ހަދައިދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ފެންނަގޮތަށް ލައިސަންސް ބެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތަކަށް ލިބިފައިވާފައިވާ ސެކިއުރިޓީޒް ވިޔަފާރިކުރުމުގެ ލައިސަންސް، އެ ފަރާތަކުން ކުރާ ސެކިއުރިޓީޒް ވިޔަފާރިކުރުމުގައި އާންމުންނާއެކު މުއާމަލާތުކުރާ ކޮންމެ ތަނެއްގައި އާންމުކޮށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ފެންނަގޮތަށް ބެހެއްޓިކަމަށް ބެލެވޭނީ ފަސޭހައިން އާންމުކޮށް އެ ފެންނަން ހުންނަ ގޮތަކަށް ބަހައްޓައިފައިވާނަމައެވެ.

 

16 ވަނަ މާއްދާ - އަހަރީ ރިޕޯޓު ހުށަހެޅުން

ޑީލިންގ ކުންފުނިތަކުން، އެ ކުންފުނީގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، މާލީ އަހަރު ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދަށް ބަދަލު ގެނެވޭނީ، މި އޮތޯރިޓީގެ ބޯޑުގެ ޖަލްސާއަކުން ބޯޑުގެ އަޣްލަބިއްޔަތުންނެވެ.

 

18 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 50/2011 (ޑީލިންގ ކުންފުނި (ޑީލާޒް) އަދި ޑީލާޒް ތަމްސީލުކުރާ ފަރާތްތަކަށް (ބްރޯކާޒް) ލައިސަންސް ދިނުމުގެ ގަވާއިދު) އުވުނީއެވެ.

 

 

މި ގަވާއިދުގެ ޖަދުލުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 02/2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު