-

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-13)

1 ވަނަ މާއްދާ - ތައާރުފު

މިއީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަކުރާ ތާވަލު" ގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައްތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 150 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔަނީ، "ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - އަދަބު ތަންފީޒު ކުރުމަށް ގައިދީއާ ހަވާލުވުން

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒު ކުރުމަށް ގެނެވޭ ކޮންމެ ގައިދީއެއް،ގިނަވެގެން 24) ސައުވީސް) ގަޑިއިރުގެ ތެރޭގައި، ހުކުމްކުރިކަމުގެ ލިޔުމާއެކު،މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ގައިދީއާ ހަވާލުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައިދީއަކު ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއްކަމުގައި ނުވާނަމަ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ހުކުމް ކުރިކަމުގެ ލިޔުމާއެކު އެ ގައިދީ ހުރި ރަށެއްގެ ކައުންސިލުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ކިބައިން އެ ގައިދީއާ ހަވާލުވުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - އަދަބު ތަންފީޒުކުރަން ގެނެވޭ މީހުންނާމެދު އަމަލު ކުރަންވީ ގޮތް

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒު ކުރުމަށް ގެނެވޭ ކޮންމެ މީހެއްގެ ވެސް، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ފުރިހަމަ ކުރަންވާނެއެވެ.

(ށ) ތަންފީޒު ކުރުމަށް ގެނެވޭ ކޮންމެ މީހަކާ ގުޅޭ ގޮތުން ބޭނުންވާ، ތިރީގައި މިވާ ލިޔުންތައް ހަމަކުރުން.

  1. ށަރުއީ ކޯޓެއްގެ އަދަބު ތަންފީޒު ކުރުމުގެ އަމުރު؛
  2. ހުކުމުގެ ކޮޕީ؛
  3. ކާކުކަން އަންގައިދޭ، ފޮޓޯޖެހި ލިޔުން؛
  4. އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ގައިދީ ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުން؛

(ނ) ކޯޓުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަދަބު ތަންފީޒު ކުރަމުން ގެންދާނޭ ގޮތާ ގުޅޭ ގޮތުން ގައިދީއަށް މައުލޫމާތު ދޭންވާނެއެވެ. އަދި މި މައުލޫމާތު ފޯރުކޮށްދިންކަން ލިޔުމުން ރިކޯޑު ކޮށްފައި އޮންނަން ވާނެއެވެ.

 

7 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތް ކުރުން

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން، މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރެވޭނެ 3 (ތިނެއް) ގޮތް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހަމައެކަނި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު؛
  2. ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު؛
  3. ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު.

(ށ) މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރަންވާނީ، ގައިދީއަށް އުޖޫރައެއް ލިބޭ ގޮތަކަށް ނޫނެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 
ގޮތުގެ މަތީން އަދަބު ތަންފީޒުކުރާ ހާލަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބާއެކު ކަނޑައެޅޭ އެހެން އަދަބަކާ އެކުގައި ނުވަތަ ވަކީން އަދަބު ތަންފީޒު ކުރުމަށް ނިންމިދާނެއެވެ.

  1. އަދަބު ތަންފީޒު ކުރުމަށް ގައިދީ ބޭނުންވާ ގޮތް؛
  2. ގައިދީގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ހުރި މިންވަރު؛
  3. ޖަލުގެ ހާލަތަށް ރިއާޔަތް ކުރުން؛
  4. ގައިދީގެ ދިރިއުޅުމުގެ ހާލަތާއި، ގައިދީގެ އާއިލީ ހާލަތާއި، ގައިދީގެ މާލީ ހާލަތަށް ރިއާޔަތް ކުރުން.

(ރ) އެ މީހެއްގެ މައްޗަށް މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމަށް ހުކުމް ކުރާ ދުވަހުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އަދަބުގެ ބާވަތާއި، ތަބީއަތާއި، އެ މީހެއްގެ އިޖުތިމާއީ ހާލަތާއި،އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، އަދި އޭނާގެ ކިބައިގައި ހުރި ހުނަރުތަކާއި އިތުރަށް ތަރައްގީކުރަން ބޭނުންވާ ހުނަރުތައް ދެނެގަނެ، އަދަބު ކަނޑައެޅުނު ފަރާތުގެ ވަށައިޖެހޭ އެސެސްމަންޓެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަދަންވާނެއެވެ. އަދި އެ މީހެއްގެ އަދަބު ތަންފީޒު ކުރުމުގައި ނިންމާ ނިންމުންތައް،މި އެސެސްމަންޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓް، ގައިދީއަށް ލިޔުމުން ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ނިމޭތާ 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ހިދުމަތެއް ކުރުމަށް ޓަކައި، އަދަބު ތަންފީޒު ކުރުމަށް ކަނޑައަޅައިފައިވާ ރަށެއްގައި ހުރި އެ ހިދުމަތަކާ ގުޅޭ އޮފީހަކާ ނުވަތަ ކުންފުންޏަކާ މަށްވަރާކޮށް، އެ ހިދުމަތެއް ގައިދީ ކުރިޔަށް ގެންދާނޭ ގޮތާ ގުޅޭ ގޮތުން ގައިދީއާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި އެ އެއްބަސްވުމެއްގައި ސޮއިކުރާތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ އަދަބު ތަންފީޒު ކުރަން ފަށަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އަދަބު ތަންފީޒު ކުރާނެ ތަނެއް ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަންވާނީ، އެ މީހަކު ދިރިއުޅޭ ރަށެއްގައި އެ ހުކުމެއް ތަންފީޒު ކުރުމަށެވެ. އެ މީހަކު ދިރިއުޅޭ ރަށުގައި އެފަދަ ހާލަތެއް ނެތްނަމަ، މާލޭ ސަރަހައްދުގައި ނުވަތަ އަދަބު ތަންފީޒު ކުރެވޭނެ ފަދަ އެ ނޫން ތަނެއްގައި އަދަބު ތަންފީޒު ކުރުމަށް ނިންމިދާނެއެވެ.

(ކ) މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅައިފައިވާ ފަރާތްތަކުގެ އަދަބު ތަންފީޒު ކުރުމަށް ޓަކައި ކަނޑައަޅައިފައިވާ މަސައްކަތް ކުރުމަށް ކަނޑައެޅޭ އޮފީހަކީ ނުވަތަ ކުންފުންޏަކީ އެ ގައިދީގެ މަސްލަހަތު އެކުލެވިފައިނުވާ ކުންފުންޏެއް ނުވަތަ އޮފީހެއް ކަމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަށަވަރު ކުރަން ޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު

ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމަށް ކޯޓުން ހުކުމް ކުރާ ހާލަތުގައި އެ ގައިދީ ބެހެއްޓުމަށް ކަނޑައަޅައިފައިވާ ޖަލެއްގައި ގައިދީ މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރަން ނިންމިދާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި،ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގައި ޖަލުތަކުން އަމަލުކުރާނެ ގޮތުގެ އުސޫލެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަދައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ގޭބަންދުގެ އަދަބާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު

ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމަށް ކޯޓުން ހުކުމް ކުރާ ހާލަތުގައި، އެ ގައިދީ އަދަބު ތަންފީޒު ކުރުމަށް ކަނޑައަޅައިފައިވާ ގެއެއް ހުރި ރަށަކީ މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރެވޭ ފަދަ މަސައްކަތެއް ކުރެވޭ ރަށެއް ކަމުގައި ވާނަމަ، އެ ރަށަކުން މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރަން ނިންމިދާނެއެވެ.

 

10 ވަނަ މާއްދާ - ގޭބަންދުގެ އަދަބާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމުގައި ގައިދީ މޮނިޓަރ ކުރުން

(ހ) ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރާ ހާލަތުގައި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރަން ކަނޑައަޅައިފައިވާ ވަގުތުތަކުގައި އެ ގައިދީ މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރ ކުރަމުން ގެންދަންވާނެއެވެ.

(ށ) ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރާ ހާލަތުގައްޔާއި ހަމައެކަނި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރާ ހާލަތުގައި އެ ގައިދީއަކު ދިރިއުޅޭ ރަށަކީ ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއްކަމުގައި ނުވާނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޮނިޓަރިންގ ކުރިޔަށް ގެންދަންވާނެއެވެ.

(ނ) މޮނިޓަރިންގ ކުރިޔަށް ގެންދިއުމުގައި، އިންސާނީ ވަސީލަތާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ.

(ރ) މޯލްޑިވްސް ކަރެއްށަނަލް ސަރވިސްއާއެކު އެއްބަސްވުމެއް ހަދައިފައިވާ 
ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއެކު އެއްބަސްވެފައިވާ ގޮތެއްގެ މަތީން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ސީދާ ރިޕޯޓު ކުރެވޭ ނިޒާމެއްގެ ތެރެއިން މޮނިޓަރިންގ ކުރިޔަށް ގެންދެވިދާނެއެވެ.

 

11 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތްކުރާނޭ ރަށެއް ކަނޑައެޅުން

މީހެއްގެ މައްޗަށް ކަނޑައެޅޭ ހަމައެކަނި އަދަބަކީ މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު ކަމުގައި ވާނަމަ، އަންނަނިވި ކަންކަން ރިއާޔަތް ކުރުމަށްފަހު ، އަދަބު ތަންފީޒު ކުރާނޭ ރަށެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

(ހ) ގައިދީ ރަށްވެހިވެފައިވާ ރަށް ކަމުގައި ވުން، ނުވަތަ އުފަންރަށް ކަމުގައި ވުން، ނުވަތަ އެ މީހެއްގެ ދިރިއުޅުން ހަމަޖައްސައިފައިވާ ރަށެއް ކަމުގައި ވުން.

(ށ) ގައިދީ އަދަބު ތަންފީޒު ކުރުމަށް ފޮނުވާ ރަށަކީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން އެ ރަށެއްގެ ކައުންސިލާ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާ ނުވަތަ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ވެވިފައިވާ އެއްބަސްވުމެއް ގާއިމް ކޮށްފައިވާ ރަށަކަށް ވުން.

(ނ) އަދަބު ތަންފީޒު ކުރުމަށް ފޮނުވާ ރަށަކީ، ކޯޓުން ކަނޑައަޅައިފައިވާ، މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބުގެ ތެރެއިން ފަނޑިޔާރު ކަނޑައަޅައިފައިވާ ދާއިރާއެއްގެ މަސައްކަތެއް ކުރެވޭނެ ފަދަ ރަށެއް ކަމުގައި ވުން.

 

12 ވަނަ މާއްދާ - އުޅޭނޫޅޭގޮތް ގާތުން ބެލުން

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން، އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ނުވަތަ އިންޓެންސިވް ސުޕަވިޒަންގެ އަދަބު ކަނޑައަޅައިފިނަމަ، އަންނަނިވި ކަންކަން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކުރަންވާނެއެވެ.

  1. ގައިދީއާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުން؛
  2. މޮނިޓަރިންގ އޮފިސަރެއް ކަނޑައެޅުން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި،އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ގައިދީގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ފަނޑިޔާރު އަމުރުކޮށްފައިވާ ކަންކަން؛
  2. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާއި އަދަބު ކަނޑައެޅިފައިވާ ފަރާތުގެ ޒިންމާތައް؛
  3. ގައިދީ މޮނިޓަރ ކުރުމަށް ޓަކައި، މޮނިޓަރ ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތްތައް؛ 
  4. ގައިދީ، އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ބަލާނެ ކަންކަން؛
  5. ގައިދީ، އެއްބަސްވުމާ ހިލާފު ވެއްޖެނަމަ، އަމަލު ކުރާނެ ގޮތްތައް.

(ނ) އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ނުވަތަ އިންޓެންސިވް ސުޕަވިޒަންގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަންވާނީ، އެ މީހަކު ދިރިއުޅޭ ރަށެއްގައި އެ އަދަބެއް ތަންފީޒު ކުރުމަށެވެ. އެ މީހަކު ދިރިއުޅޭ ރަށުގައި އެފަދަ ހާލަތެއް ނެތްނަމަ، މާލޭ ސަރަހައްދުގައި ނުވަތަ އަދަބު ތަންފީޒު ކުރެވޭނެހާލަތެއް އޮތް އެ ނޫން ތަނެއްގައި އަދަބު ތަންފީޒު ކުރުމަށް ނިންމިދާނެއެވެ.

 

13 ވަނަ މާއްދާ - އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ މުއްދަތުގައި މޮނިޓަރިންގ އޮފިސަރުން ކަނޑައެޅުން

(ހ) އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އަދަބު ކަނޑައަޅައިފައިވާ ފަރާތްތަކުގެ އަދަބު ތަންފީޒު ކުރުމުގައި، އެ ފަރާތްތައް މޮނިޓަރ ކުރުމަށް ޓަކައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން، މޮނިޓަރިންގ އޮފިސަރުން އައްޔަނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއްކަމުގައި ނުވާނަމަ، އެ ރަށެއްގެ ކައުންސިލާ ގުޅިގެން ގައިދީ މޮނިޓަރ ކުރުމަށް މޮނިޓަރިންގ އޮފިސަރެއް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގައިދީ މޮނިޓަރ ކުރުމަށް ޓަކައި ކަނޑައަޅާ މޮނިޓަރިންގ އޮފިސަރަކީ ގައިދީއާ މަސްލަހަތު ފުށުއަރާ ފަދަ ފަރާތެއްތޯ، ކައުންސިލްތަކުންނާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަށަވަރު ކުރަންޖެހޭނެއެވެ.

(ރ) އުޅޭނޫޅޭގޮތް ގާތުން ބެލުމުގައި ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުން ކުރެވިދާނެއެވެ. އަދި މިފަދަ ވަސީލަތެއް ބޭނުންކުރާނަމަ، އެ ވަސީލަތެއް ބޭނުންކުރާނެ ގޮތުގެ އުސޫލެއް ހަދަންވާނެއެވެ.

(ބ) އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ ގޮތުން ކުރެވޭ އަމުރާ ގުޅިގެން ފަނޑިޔާރު ކަނޑައަޅާ ވަކި ތައުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައި ވެސް ބައިވެރިކުރުމަށް އަމުރު ކުރާ ހާލަތުގައި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އެ އިރަކު ކުރިޔަށްގެންދާ ޕްރޮގްރާމެއްގައި ނުވަތަ ތައުލީމީ އެ ނޫން ޕްރޮގްރާމެއްގައި ވެސް އެ ފަރާތެއް ބައިވެރިކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ޕްރޮބޭށަން

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން، ޕްރޮބޭށަން އަދަބު ކަނޑައަޅައިފިނަމަ، އަންނަނިވި ކަންކަން،މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކުރަންވާނެއެވެ.

  1. އެ މީހެއްގެ މައްޗަށް ޕްރޮބޭށަން އަދަބު ތަންފީޒު ކުރުމަށް ހުކުމްކުރާ ދުވަހުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އަދަބުގެ ބާވަތާއި، ތަބީއަތާއި، އެ މީހެއްގެ އިޖުތިމާއީ ހާލަތާއި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، އަދި އޭނާގެ ކިބައިގައި ހުރި ހުނަރުތަކާއި އިތުރަށް ތަރައްގީކުރަން ބޭނުންވާ ހުނަރުތައް ދެނެގަނެ، ގައިދީގެ ވަށައިޖެހޭ އެސެސްމަންޓެއް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަދަންވާނެއެވެ. އަދި އެ މީހެއްގެ އަދަބު ތަންފީޒު ކުރުމުގައި ނިންމާ ނިންމުންތަކާއި ދޭ ކައުންސިލިންގ ޕްރޮގްރާމްތައް، މި އެސެސްމަންޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކުރަންވާނެއެވެ. އަދި މި އެސެސްމަންޓުން ނިންމާ ނިންމުން ގައިދީއާ ލިޔުމުން ހިއްސާކުރަންވާނެއެވެ.
  2. ޕްރޮބޭށަން މުއްދަތުގައި ގައިދީ އަމަލު ކުރާނެ ގޮތް ބަޔާންކޮށް އެ ގައިދީއާއެކު މޯލްޑިވްސް ކަރެކްށަލް ސަރވިސްއިން އެއްބަސްވުމެއް އެކުލަވައިލުން؛
  3. ގައިދީ އަދަބު ތަންފީޒު ކުރަން ފަށާއިރު، ޕްރޮބޭށަން އޮފިސަރެއް ގައިދީއަށް ކަނޑައެޅިފައިވޭތޯ ބެލުން.

(ށ) ޕްރޮބޭށަންގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަންވާނީ، އެ މީހަކު ދިރިއުޅޭ ރަށެއްގައި އެ އަދަބެއް ތަންފީޒު ކުރުމަށެވެ. އެ މީހަކު ދިރިއުޅޭ ރަށުގައި އެފަދަ ހާލަތެއް ނެތްނަމަ، މާލޭ ސަރަހައްދުގައި ނުވަތަ އަދަބު ތަންފީޒު ކުރެވޭނެ ހާލަތެއް އޮތް އެ ނޫން ތަނެއްގައި އަދަބު ތަންފީޒު ކުރުމަށް ނިންމިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ގައިދީގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ފަނޑިޔާރު އަމުރުކޮށްފައިވާ ކަންކަން؛ 
  2. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާއި އަދަބު ކަނޑައެޅިފައިވާ ފަރާތުގެ ޒިންމާތައް؛
  3. ގައިދީ އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ބަލާނެ ކަންކަން؛
  4. ގައިދީ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލު ކުރާނެ ގޮތްތައް.

(ރ) ޕްރޮބޭށަން މުއްދަތުގައި ކަނޑައެޅޭ ވަކި ތާވަލަކާ އެއްގޮތަށް ކައުންސިލިންގއަށް ގަވާއިދުން ހާޒިރުވުމަށް އަމުރު ކޮށްފައި ވާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެސެސްމަންޓަށް ބިނާކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ގައިދީއަކަށް ކައުންސެލިންގ ދިނުމުގެ ކަންކަން ހަމަޖައްސަންވާނެއެވެ.

 

15 ވަނަ މާއްދާ - ޕްރޮބޭށަން މުއްދަތުގައި މޮނިޓަރ ކުރުމަށް ޕްރޮބޭށަން އޮފިސަރުން ކަނޑައެޅުން

(ހ) ޕްރޮބޭށަންގެ އަދަބު ކަނޑައަޅައިފައިވާ ފަރާތްތަކުގެ އަދަބު ތަންފީޒު ކުރުމުގައި އެ ފަރާތްތައް މޮނިޓަރ ކުރުމަށް ޓަކައި ޕްރޮބޭށަން އޮފިސަރުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އައްޔަނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައިދީ އަދަބު ތަންފީޒު ކުރުމަށް ނި ންމައިފައިވާ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއްކަމުގައި ނުވާނަމަ، އެ ރަށެއްގެ ކައުންސިލްތަކާ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒު މެދުވެރިކޮށް ގައިދީ މޮނިޓަރ ކުރުމަށް ޕްރޮބޭށަން އޮފިސަރެއް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގައިދީ މޮނިޓަރ ކުރުމަށް ޓަކައި ކަނޑައަޅާ ޕްރޮބޭށަން އޮފިސަރަކީ ގައިދީއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް ކަމެއް އޮތް ފަރާތެއްތޯ، ކައުންސިލްތަކުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަށަވަރު ކުރަން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮބޭށަން އޮފިސަރާއި ގައިދީއާ ދެމެދު އެއްވެސް މަސްލަހަތެއް ފުށުއަރާ ކަމެއް އޮތްނަމަ، އެހެން އޮފިސަރަކާ އެ މަސްއޫލިއްޔަތު ހަވާލު ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ޕްރޮބޭށަން އޮފިސަރުންނާއި މޮނިޓަރިންގ އޮފިސަރުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލު ކުރުމަށް ޓަކައި، އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގެ ކައުންސިލްތަކާއި، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ޕްރޮބޭށަންއޮފިސަރުންނާއި މޮނިޓަރިންގ އޮފިސަރުން އައްޔަނު ކުރެވިދާނެއެވެ.

(ށ) ކޮންމެ ކައުންސިލެއްގައި މަދުވެގެން 1:1:30 (ކޮންމެ މޮނިޓަރިންގ އޮފިސަރަކާއި ޕްރޮބޭށަން އޮފިސަރަކަށް 1:30 ގައިދީން) ރޭށިއޯއަށް މޮނިޓަރިންގ އޮފިސަރުންނާއި ޕްރޮބޭށަން އޮފިސަރުން ތިބެންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އައްޔަނުކުރާ ޕްރޮބޭށަން އޮފިސަރުންނާއި މޮނިޓަރިންގ އޮފިސަރުންގެ އަންނަނިވި ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

  1. ދިވެހި ރައްޔިތެއް ކަމުގައި ވުން؛
  2. ބުއްދި ހަމަޔަށް ހުރި މީހެއްކަމުގައި ވުން؛
  3. މީލާދީގޮތުން 25 (ފަންސަވީސް) އަހަރު ފުރި، 55 (ފަންސާސްފަހެއް) އަހަރު ނުވާ މީހެއް ކަމުގައި ވުން؛
  4. ލިޔަންކިޔަން އެނގޭ މީހެއް ކަމުގައި ވުން؛
  5. މޮނިޓަރިންގ އޮފިސަރުންނާއި ޕްރޮބޭށަން އޮފިސަރުންނަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހިންގާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައި ވުން.

(ރ) އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއްގައިވާ މީހަކަށް، ޕްރޮބޭށަން އޮފިސަރެއްގެ ގޮތުގައި ނުވަތަ މޮނިޓަރިންގ އޮފިސަރެއް ގޮތުގައި އައްޔަނެއް ނުވެވޭނެއެވެ.

  1. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާއި ހީލަތް، ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުން، ނުވަތަ ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5) ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވުން. އަދި އެފަދަ ކުށެއްގެ ތުހުމަތުކުރެވި، ތަހުގީގު ކުރިޔަށްދާ ނުވަތަ ހިނގަމުންދާ ށަރީއަތެއްގައި ހިމެނޭ މީހެއް ކަމުގައި ވުން؛
  2. އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ވުން؛
  3. ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވުން. އަދި އެފަދަ ކުށެއްގެ ތުހުމަތުކުރެވި،ތަހުގީގު ކުރިޔަށްދާ ނުވަތަ ހިނގަމުންދާ ށަރީއަތެއްގައި ހިމެނޭ މީހެއް ކަމުގައި ވުން؛
  4. އަދަބު ތަންފީޒުކުރާ ފަރާތް މޮނިޓަރ ކުރުމަށް އައްޔަނުކުރާ މޮނިޓަރިންގ އޮފިސަރަކީ ނުވަތަ ޕްރޮބޭށަން އޮފިސަރަކީ އެ ފަރާތެއްގެ އާއިލީ މެންބަރެއް ނުވަތަ އެ ފަރާތާ މަސްލަހަތު ހިމެނޭ ފަދަ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ވުން.

(ބ) މޮނިޓަރިންގ އޮފިސަރުންނާއި ޕްރޮބޭށަން އޮފިސަރުންނަށް، އަހަރަކު 2 (ދޭއް) ފަހަރު، ރިފްރެށަރ ޕްރޮގްރާމެއް، މޯލްޑިވްސް ކަރެކްށަންލް ސަރވިސްއިން ކުރިޔަށް ގެންދަންވާނެއެވެ.

 

17 ވަނަ މާއްދާ - ޕްރޮބޭށަން އޮފިސަރުންނާއި މޮނިޓަރިންގ އޮފިސަރުންގެ މަސްއޫލިއްޔަތުތައް

ޕްރޮބޭށަން އޮފިސަރުންނާއި މޮނިޓަރިންގ އޮފިސަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އަދަބު ތަންފީޒު ކުރުމަށް ޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާ ގައިދީއާ ދެމެދުގައި ސޮއިކުރާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތަކުގެ ތަފުސީލު، އަދަބު ކަނޑައަޅާ ފަރާތަށާއި އޭނާއާ ހަވާލުވާ ބެލެނިވެރިއަކަށް ނުވަތަ ށަރުއީ ބަލަދުވެރިންގެ ތެރެއިން ބަލަދުވެރިއަކަށް އޮޅުންފިލައި ސާފުވެފައިވާކަން ޔަގީންކުރުމަށްފަހު، އެކަން ލިޔުމުން ރިކޯޑުކުރުން.

(ށ) މި ގަވާއިދުގެ ދަށުން އަދަބު ތަންފީޒުކުރާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމާއެކު، ގައިދީގެ ޕްރޮގްރެސް ރިޕޯޓު ހަފުތާއަކު އެއްފަހަރު ތައްޔާރުކޮށްފައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅުން؛ މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގްރެސް ރިޕޯޓުގައި، އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. ގައިދީގެ ނަން؛
  2. ގައިދީ ދިރިއުޅެމުންދާ އެޑްރެސް؛
  3. ގައިދީގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  4. ގައިދީ އަދަބު ތަންފީޒު ކުރަމުންދާ ހުކުމުގެ މައުލޫމާތު؛ 
  5. ގައިދީގެ ހާޒިރީ؛
  6. ގައިދީއަށް ކުރިޔަށްގެންދާ ޕްރޮގްރާމްތައް ފުރިހަމަކުރާ މިންވަރު؛
  7. ގައިދީގެ ވިސްނުމާއި، އަހްލާގާއި، އުޅުން ހުރިގޮތާއި، އަންނަމުންދާ ބަދަލުތައް؛
  8. ގާނޫނާއި، ގަވާއިދުތަކާއި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާ މިންވަރު؛
  9. ގައިދީގެ އާއިލާއިން ގައިދީއާމެދު ދެކޭ ގޮތްތައް؛
  10. ޕްރޮގްރާމް ހިންގާ ފަރާތުން ގައިދީއާމެދު ދެކޭގޮތް.

(ނ) އަދަބު ތަންފީޒު ކުރަމުންދާއިރު ގައިދީއަކު ފިލައިފިނަމަ، ގައިދީއާ ހަވާލުވެފައިވާ މޮނިޓަރިންގ އޮފިސަރު ނުވަތަ ޕްރޮބޭށަން އޮފިސަރު، އެކަމުގެ ތަފުސީލު ބަޔާންކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އެކަން ވަގުތުން އަންގަންވާނެއެވެ.

(ރ) އަދަބު ތަންފީޒުކުރާ ގައިދީއަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް އެއްވެސް ތަނަކަށް ހާޒިރުވާން ޖެހޭނަމަ، އެ ތަނަކަށް ހާޒިރުވެފައިވާ ގޮތުގެ ހާޒިރީ ރިޕޯޓު ހޯދައި،ރިކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހާޒިރީ ރިޕޯޓު ފޮނުވަންވާނެއެވެ.

(ބ) އަދަބު ތަންފީޒުކުރާ ފަރާތް، ބަނގުރާ ބޮއިފައިވޭތޯ ނުވަތަ މަސްތުވާ އެހެން އެއްޗެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް ޓެސްޓު ކުރުމަށް އެ ގައިދީ ހާޒިރު ކުރަންޖެހޭ ތަނަކަށް ހާޒިރުކުރުވުން.

 

18 ވަނަ މާއްދާ - ބަނގުރާ ބޮއިފައިވޭތޯ ބެލުމާއި، މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވޭތޯ ޓެސްޓު ކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް އަދަބަކާ ގުޅިގެން ބަނގުރާ ބޮއިފައިވޭތޯ ނުވަތަ މަސްތުވާ އެހެން އެއްޗެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް އަމުރުކޮށްފައިވާނަމަ، އަންނަނިވި ގޮތުގެ މަތީން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ.

(ހ) ގައިދީ ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއް ކަމުގައި ވާނަމަ، ބަނގުރާ ބޮއިފައިވޭތޯ ބެލުން ނުވަތަ މަސްތުވާ އެހެން އެއްޗެއް އެ ފަރާތުން ބޭނުންކޮށްފައިވޭތޯ ޓެސްޓު ކުރުމުގެ ކަންކަން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަރަކްށަނަލް ސަރވިސްއިން ކުރިޔަށް ގެންދަންވާނެއެވެ.

(ށ) ގައިދީ ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއް ކަމުގައި ނުވާނަމަ، އެ ގައިދީގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމުގެ ކަންކަން،އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތާގުޅިގެން ކައުންސިލްތަކުން ކުރިޔަށް ގެންދަންވާނެއެވެ.

 

19 ވަނަ މާއްދާ - ގޭގައި ބަންދުކުރުން

ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން، މީހެއްގެ މައްޗަށް ގޭބަންދުކުރުމަށް ހުކުމެއް ކޮށްފިނަމަ، ގޭބަންދު ކުރުމަށް ހަވާލުވާ ގައިދީ ގޭބަންދުކުރުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

(ހ) ގައިދީގެ އިންޓަވިއު ފޯމު ފުރިހަމަކުރުން؛ އިންޓަވިއު ފޯމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ގައިދީގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުފަން ތާރީހާއި، އުމުރާއި،ފޯނު ނަންބަރު؛
  2. ގައިދީގެ އާއިލާގެ މައުލޫމާތު (ގައިދީގެ ޖިނޯގްރާމް)؛
  3. ގައިދީގެ ސިއްހީ މައުލޫމާތު؛
  4. ގައިދީގެ ފޮޓޯ؛
  5. ގައިދީގެ ބެލެނިވެރިޔާ / ބަލަދުވެރިޔާ / ހަވާލުވާ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިރިއުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ފޯނު ނަންބަރާއި، ގައިދީއާ ހުރި ގުޅުން؛
  6. ގައިދީ އަދަބު ތަންފީޒު ކުރާ އަތޮޅާއި ރަށުގެ ނަން؛
  7. ގައިދީ އަދަބު ތަންފީދު ކުރުމަށް ބަންދުކުރާ ގޭގެ ނަން؛
  8. ގައިދީގެ މެޑިކަލް ސްކުރީން ކުރުން.

(ށ) އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއެއްގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ އެ ގައިދީއާ ހަވާލުވެ ހުރި ފަރާތުން، ގައިދީގެ އުޅުމާއި އަހުލާގު ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ށަކުވާ ހުށަހަޅައިފިނަމަ އަދި ގައިދީ ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއް ކަމުގައި ނުވާނަމަ، ގޭބަންދުގެ އަދަބު ގައިދީ ތަންފީޒުކުރާކަން ކަށަވަރު ކުރުމަށް ޓަކައި ކައުންސިލްތަކުގެ ކިބައިންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަން ހޯދައިގެން އެ ގައިދީ މޮނިޓަރ ކުރަންވާނެއެވެ.

(ނ) ގައިދީ ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއް ކަމުގައި ވާނަމަ، އެ ފަރާތްތައް މޮނިޓަރ ކުރުމުގެ ކަންކަން، ދިވެހި ފުލުހުންގެ ހިދުމަތުގެ މޮނިޓަރިންގ އޮފިސަރަކު ކުރިޔަށް ގެންދަންވާނެއެވެ.

(ރ) ގޭބަންދުކުރާ ގައިދީ، ގޭބަންދަށް ބަދަލުކުރަންވާނީ، ގޭބަންދުކުރާ ގައިދީން އަމަލުކުރަންޖެހޭ އިގުރާރުގައި ގައިދީއާއި ގައިދީގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާގެ ނުވަތަ ގައިދީއާ ހަވާލުވާ ފަރާތުން ސޮއިކޮށް ފިންގަރ ޕްރިންޓް ޖެހުމަށްފަހުގައެވެ.

(ބ) ގޭބަންދުކުރާ ގައިދީއާ ހަވާލުވާ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ސޮއިކުރުމަށް ކަނޑައަޅައިފައިވާ އިގުރާރުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހަންވާނެއެވެ.

(ޅ) ގޭބަންދުކުރުމަށް ހުކުމްކުރާ ގައިދީއާ ހަވާލުވާނެ ފަރާތެއް ނެތްނަމަ، ނުވަތަ ހުންނާނެ ގެއެއް ނެތްނަމަ، ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ޖަލު ފިޔަވައި އެހެން ތަނެއްގައި އެ ގައިދީ ބަންދުކުރެވިދާނެއެވެ.

(ކ) ގޭބަންދުކޮށްފައިވާ މީހާގެ ހަރަކާތްތައް ދެނެގަނެވޭނެ ގޮތަށް ގައިދީގެ ގައިގައި އިލެކްޓްރޯނިކް ޓެގެއް އެޅުވުމުގެ އިހްތިޔާރު ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިބިގެންވެއެވެ. އިލެކްޓްރޯނިކް ޓެގް ބޭނުންކުރަންވާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

20 ވަނަ މާއްދާ - ބޭސްފަރުވާ ކުރުން

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒުކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ޖަލަށްލުމުގެ އަދަބު ފިޔަވައި އެހެން އަދަބެއް ތަންފީޒު ކުރަމުން ދާނަމަ، އެ ގައިދީގެ ބޭސްފަރުވާގެ ކަންކަން ކުރިޔަށް ގެންދަންވާނީ، އެ ގައިދީގެ އަމިއްލަ ހަރަދުގައެވެ.

(ށ) ޖަލަށްލުމުގެ އަދަބު ފިޔަވައި އެހެން އަދަބެއް ތަންފީޒުކުރަމުންދާ ގައިދީން ބޭނުންވާ ބޭސްފަރުވާއެއް ރާއްޖެއިން ލިބެން ނެތް ހާލަތުގައި ދިވެހިރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއްކަމަށް ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ނުވަތަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ހާއްސަ ޑޮކްޓަރެއް ލަފާދީފައިވާނަމަ، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޭންވާނެއެވެ.

 

21 ވަނަ މާއްދާ - ވަގުތީގޮތުން ގައިދީން ދޫކުރެވޭނެ ހާލަތްތައް 

(ހ) ވަގުތީގޮތުން ގައިދީން ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.

  1. ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ގައިދީ ދިއުމަށް؛
  2. ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް؛ 
  3. ގައިދީގެ އާއިލާގެ މީހަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދިއުމަށް.

(ށ) މި ގަވާއިދުގެ މަގުސަދަށް ޓަކައި އާއިލާގެ ގޮތުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިމިވާ ގޮތަށެވެ.

  1. އަނބިމީހާއާއި ފިރިމީހާ؛
  2. މަންމައާއި، ބައްޕައާއި، މާމައާއި، ކާފަ؛
  3. މަންމަގެ ފިރިމީހާއާއި، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
  4. މައިދައިތައާއި ބަފައިބެ؛
  5. ދަރީންނާއި، ދޮންދަރީންނާއި، ދަނބިދަރީންނާއި، ޅީދަރީންނާއި، ކާފަ ދަރީންނާއި، މާމަ ދަރީން؛
  6. އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
  7. ބޮޑުދައިތައިންނާއި ބޮޑުބޭބެއިން؛
  8. ބޮޑުދައިތަ ކިޔާ ކުދީންނާއި، ބޮޑުބޭބެ ކިޔާ ކުދިން؛
  9. ޅިޔަނުންނާއި ފަހަރިން؛
  10. ށަރުއީ ބަލަދުވެރިޔާއާއި ބެލެނިވެރިޔާ؛
  11. ބެލެނިވެރިކަމުގެ ދަށުގައި ތިބި 18 (އަށާރަ) އަހަރުން ދަށުގެ ކުދިން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަގުތީގޮތުން އަދަބު ތަންފީޒުކުރުން ހުއްޓުވުމަށް އެދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސައަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ރ) ވަގުތީގޮތުން އަދަބު ތަންފީޒުކުރުން ހުއްޓުވުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ކޮމިށަނަރ ނިންމާ ގޮތެއް 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން ގައިދީއަށް އަންގަންވާނެއެވެ.

(ބ) ވަގުތީގޮތުން އަދަބު ތަންފީޒުކުރުން ހުއްޓުވުމަށް ކޮމިށަނަރ ނިންމާ ހާލަތުގައި، އެ ނިންމުމާމެދު އެ ގައިދީ ހިތްހަމަ ނުޖެހޭނަމަ، އެކަން އަލުން ބަލައިދިނުމަށް އެދި 5 (ފަހެއް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި މިނިސްޓަރު ނިންމާ ނިންމުމެއް، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ގައިދީ ރާއްޖެއިން ބޭރަށް ދިއުމުގައި އަމަލު ކުރާނެ ގޮތުގެ އިގުރާރުގައި ގައިދީ ލައްވައި ސޮއިކުރުވަންވާނެއެވެ.

 

22 ވަނަ މާއްދާ - މުއްދަތު ކެނޑުން

ވަގުތީގޮތުން ދޫކުރާ ހާލަތުގައި ރާއްޖެއިން ބޭރުގައި ގައިދީ ހޭދަކުރާ މުއްދަތު، އެއީ ހުކުމް ތަންފީޒުވަމުންދާ މުއްދަތު ކަމުގައި ބަލައިގެން ނުވާނެއެވެ.

 

23 ވަނަ މާއްދާ - ފިލައިފިނަމަ ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމައަމަލުކުރާނޭ ގޮތް

(ހ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން ހުކުމް ކޮށްފައިވާ ގައިދީއަކު ފިލައިފިނަމަ، ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަން އެނގޭހައި އަވަހަކަށް، ގައިދީއާ ހަވާލުވެ ހުންނަ ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިޔަކު، ނުވަތަ ގައިދީ މޮނިޓަރކުރަން ހަމަޖައްސައިފައިވާ އޮފިސަރަކު، އެ ރަށެއްގެ ކައުންސިލަކަށް، ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތަށް، ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސަސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ފިލައިފައިވާ ގައިދީ ހޯދުމުގެ މަސައްކަތް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސަސްއިން، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރަންވާނެއެވެ.

(ށ) އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ފިލައިފިނަމަ، އެ ގައިދީއަކު ހޯދުމަށް ޓަކައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ގައިދީއެއްގެ މައުލޫމާތު، ފޮޓޯއާއެކު މީޑީޔާތަކުގައި އިއުލާނު ކުރަންވާނެއެވެ.

(ނ) އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ފިލައިފިނަމަ، އެ ހުކުމް ތަންފީޒުކުރުން ވަގުތީގޮތުން ހުއްޓައިލެވޭނެއެވެ. އަދި އެ ފަރާތުގެ ހުކުމް ހިނގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށަށް އެ ގައިދީއަކު އަނބުރާ އައުމުން ނުވަތަ ކަމާބެހޭ އިދާރާއަކުން އެ ގައިދީ ހަވާލުކުރުމުންނެވެ .

 

24 ވަނަ މާއްދާ - ހުކުމުގެ މުއްދަތު ހަމަވެގެން ދޫކޮށްލުން

(ހ) އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއްކަމުގައި ނުވާނަމަ، ގައިދީ ބަންދުން ދޫކޮށްލުމަށް ޓަކައި، މޯލްޑިވްސް ކަރެކްށަނަލްސަރވިސްއިން އެ މީހާގެ ހުކުމުގެ މުއްދަތު ހަމަވުމުގެ 5) ފަހެއް) ދުވަހުގެ ކުރިން އެ މީހަކު ދޫކޮށްލުމާބެހޭ އެންމެހައި ލިޔުންތައް، އެ ރަށެއްގައި ހުންނަ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފީހަށް ނުވަތަ އެ ރަށެއްގެ ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ނުވަތަ ކައުންސިލް މެދުވެރިކޮށް، އެ މީހެއްގެ މުއްދަތު ހަމަވާ ދުވަހު އެ މީހަކު ލައްވައި އެ ލިޔުންތަކުގައި ސޮއިކުރުވުމަށްފަހު، އެ މީހަކު ދޫކޮށްލަންވާނެއެވެ. އަދި އެ ލިޔުންތައް، ވީ އެންމެ އަވަހަކަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހޯދަންވާނެއެވެ.

(ށ) އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ދިރިއުޅޭ ރަށަކީ އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމްކޮށްފައިވާ ރަށެއް ކަމުގައި ވާނަމަ، ގައިދީންގެ ހުކުމުގެ މުއްދަތު ހަމަވާ ދުވަހު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އޭނާ ދޫކޮށްލަންވާނެވެ.

 

25 ވަނަ މާއްދާ - އަދަބު ތަންފީޒުކުރާ މީހަކު ނިޔާވުން

(ހ) އަދަބު ތަންފީޒު ކުރުމަށް ހުކުމް ކޮށްފައިވާ ގައިދީއަކު ނިޔާވެއްޖެނަމަ، ގައިދީގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ ގައިދީއާ ހަވާލުވެ ހުރި އޮފިސަރު ،މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ނިޔާވި މީހާގެ މަރުފޯމާއި މެޑިކަލް ލިޔުންތައް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހޯދަންވާނެއެވެ.

(ށ) ނިޔާވެފައިވާ ގައިދީގެ ހަށިގަނޑު އެހެން ރަށަކަށް އާއިލާގެ ފަރާތުން ގެންދަން އެދިއްޖެނަމަ، އެ ރަށަކަށް ގެންދިއުމުގެ ހަރަދާއި، ކަށުކަމާކެމީގެ ހަރަދު ހަމަޖައްސަންވާނީ އާއިލާގެ ފަރާތުންނެވެ.

(ނ) ނިޔާވި މީހާ، އެ މީހަކު ނިޔާވި ރަށުގައި ވަޅުލާނަމަ، ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް އެ މީހެއްގެ އާއިލާއިން ކުރަންވާނެއެވެ. އާއިލާއަށް ހަރަދު ކުރެވެން ނެތް ހާލަތެއްގައި ކަށުކަމާކެމީގެ ކަންތައް ކުރިޔަށް ގެންދަންވާނީ، އެ ރަށެއްގެ ކައުންސިލުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

26 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒުކުރުމަށް ގެނެވޭ ކޮންމެ ގައިދީއެއްގެ ރިކޯޑުތައް،މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފެންޑަރ ރިކޯޑުސްގައި ރިކޯޑު ކޮށްފައި ހުންނާންވާނެއެވެ. އަދި އެ ފަރާތްތަކުގެ ޕްރޮގްރެސް ރިޕޯޓު ދުވަހުން ދުވަހަށް ރައްކައުކޮށް އަޕްޑޭޓް ކުރަމުން ގެންދަންވާނެއެވެ.

 

27 ވަނަ މާއްދާ - އެއްބަސްވުން ހެދުން

(ހ) މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅައިފައިވާ ފަރާތްތަކާއެކު ކަރެކްށަނަލް ސަރވިސްއިން އެއްބަސްވުމެއް ހަދަންވާނެއެވެ. މި އެއްބަސްވުމުގައި،އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ގައިދީގެ ނަމާއި އެޑްރެސް؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. ގަޒިއްޔާ ނަންބަރު؛
  4. އަދަބުގެ ބާވަތާއި މުއްދަތު؛
  5. ކުރަންޖެހޭ ހިދުމަތް ނުވަތަ މަސައްކަތް؛
  6. ހިދުމަތް ކުރަންޖެހޭ ވަގުތާއި ގަޑި؛
  7. ހާޒިރީ ރިޕޯޓު ނަގާނެ ގޮތް؛
  8. ގައިދީއާ ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް؛
  9. ގައިދީގެ ށަރުއީ ބަލަދުވެރީންގެ ތެރެއިން ބަލަދުވެރިއަކާ ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް؛
  10. އެއްބަސްވުމާ އެއްގޮތަށް ހިދުމަތްކުރަމުން ނުދާނަމަ، އެ ގައިދީއަކާމެދު އަމަލުކުރެވޭނެ ގޮތްތައް.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް، ގައިދީގެ ބެލެނިވެރިޔާއާ ނުވަތަ ބަލަދުވެރިޔާއާ ނުވަތަ ގައިދީއާ ހަވާލުވެ، އެ ރަށެއްގައި ހުންނަ ދިވެހި ފުލުހުންގެ ހިދުމަތާ ނުވަތަ ކައުންސިލާއި، ހިދުމަތް ކުރަންޖެހޭ ނުވަތަ މަސައްކަތް ކުރަންޖެހޭ ދައުލަތުގެ ކުންފުންޏަކާ ނުވަތަ ދައުލަތުގެ މުއައްސަސާއަކާ ހިއްސާ ކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒު ނުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ޖަލަށް ލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒު ނުކުރެވުނުކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ސްޕްރިންޓެންޑެންޑް އޮފް ޕްރިޒަންސްގެ މަގާމުގައި ހުރި ވެރިއަކު ނިންމަންވާނެއެވެ.

  1. ގައިދީ އަދަބު ތަންފީޒު ކުރުމަށް ކަނޑައަޅައިފައިވާ ތަނަށް،ކަނޑައަޅައިފައިވާ ވަގުތައް ނުދިޔުން؛ 
  2. ގައިދީއާ ހަވާލުކޮށްފައިވާ މަސައްކަތް ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކުރަމުން ނުދިޔުން؛ 
  3. ކޯޓުން ކޮށްފައިވާ ށަރުތަކާ ހިލާފުވުން؛ 
  4. ކަނޑައަޅައިފައިވާ ޕްރޮގްރާމެއްގައި ބައިވެރި ނުވުން ނުވަތަ ފަރުވާ ކުޑަކުރުން؛
  5. ބަންދުކޮށްފައިވާ ތަނުން ނުކުތުން ނުވަތަ އެ ތަނުގައި ނެތުން؛
  6. ކުރާ ތަހުލީލަކުން ބަނގުރަލަށް ނުވަތަ މަސްތުވާ އެހެން އެއްޗަކަށް ޕޮޒިޓިވް ވުން؛ 
  7. މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތެއް ގެއްލޭފަދަ ފަދަ އަމަލެއް ކުރުން؛
  8. ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ހައްޔަރުކުރުން؛ 
  9. އަދަބު ތަންފީޒުކުރާ ފަރާތާއެކު ވެފައިވާ އެއްބަސްވުމާ ނުވަތަ އިގްރާރާ ހިލާފުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ނިންމުމާއި، އެއާ ގުޅުންހުރި އެންމެހައި ލިޔުންތައް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޒު ނުކުރެވުނު ކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުރި ވެރިއަކު ނިންމާ ތާރީހުން ފެށިގެން، ތަންފީޒު ކުރަމުންދިޔަ އަދަބުގެ މުއްދަތު މެދުކަނޑައިލެވޭނެއެވެ. އަދި އެ މީހެއްގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި އެ މީހެއްގެ އަދަބު ގުނަންވާނީ، އަދަބު މެދުކަނޑައިލި ހިސާބުން ފެށިގެންނެވެ. މި ހާލަތުގައި ކުރިން ތަންފީޒުކޮށްފައިވާ މުއްދަތު ގުނަންވާނެއެވެ.

 

29 ވަނަ މާއްދާ - ޕެރޯލް ދިނުން

މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުކުމް ތަންފީޒުކުރާ ފަރާތްތަކަށް، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާ ގޮތުގެ މަތީން އެ މީހަކަށް ޕެރޯލުގެ ފުރުސަތު ލިބިދޭންވާނެއެވެ.

 

30 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްކުރުމުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާ ހިންގުމާ ހަވާލުވެހުރި މިނިސްޓަރަށެވެ.

(ށ) "ކޮމިށަނަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގަނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ކޮމިށަނަރ އޮފް ޕްރިޒަންސްއަށެވެ.

(ނ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަދަބުތައް ތަންފީޒުކުރަމުންދާ މީހުންނަށެވެ.

(ރ) "ޕެރޯލް" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.

(ބ) "އަދަބު ތަންފީޒުކުރާ އިދާރާ" ކަމަށް ބަޔާންކޮށްފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށެވެ.

(ޅ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި،ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.

 

31 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު