ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-10)
1 ވަނަ މާއްދާ - ތައާރުފާއި، ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ،ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފުލުހުންގެ ޔުނިފޯމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފުލުހުންގެ ޔުނިފޯމުތައް ކަނޑައެޅުމާއި، ފުލުހުންގެ ހިދުމަތް ދިނުމުގައި ބޭނުންކުރާ ޔުނިފޯމާއި، ޔުނިފޯމު ބޭނުންކުރާނެ ގޮތާއި، ޔުނިފޯމު އެކްސަސަރީޒްތަކާއި، ޔުނިފޯމު ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ދިވެހި ފުލުހުންގެ ހިދުމަތުގެ ޔުނިފޯމުތައް
ދިވެހި ފުލުހުންގެ ހިދުމަތުގައި ޔުނިފޯމުގެ ގޮތުގައި ބޭނުންކުރެވޭ އެކިއެކި ޔުނިފޯމުތަކުގެ ނަންތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ވާރކިންގ ޔުނިފޯމު؛
(ށ) އޮޕަރޭށަނަލް ޔުނިފޯމު؛
(ނ) ޓެކްޓިކަލް ޔުނިފޯމު 1؛
(ރ) ޓެކްޓިކަލް ޔުނިފޯމު 2؛
(ބ) ޓެކްޓިކަލް ޔުނިފޯމު 3؛
(ޅ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އާއި، 2 އާއި، 3 އާއި 4؛
(ކ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އާއި، 2 އާއި، 3؛
(އ) ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް؛
(ވ) އެހެނިހެން ޔުނިފޯމުތައް؛
(މ) މި މާއްދާގައި ބަޔާންކޮށްފައިވާ ޔުނިފޯމުތަކުގެ ތެރެއިން ފުލުހުން ޑިއުޓީގައި އުޅޭއިރު އަޅާ ފުލުހުންގެ އާންމު ޔުނިފޯމުގެ ގޮތުގައި ކަނޑައެޅިފައިވަނީ، މި މާއްދާގެ (ހ) އާއި، (ށ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ޔުނިފޯމުތަކެވެ.
(ފ) މި މާއްދާގައި ބަޔާންކޮށްފައިވާ އާންމު ޔުނިފޯމަކާއެކު ބޭނުންކުރުމަށް ކަނޑައަޅައިފައިވާ އެކްސަސަރީއެއް، ދިމާވެފައިވާ ވަކި ހާއްސަ ހާލަތަކާ ގުޅިގެން، އެ ޔުނިފޯމަކާއެކު ވަގުތީގޮތުން ބޭނުންނުކުރުމަށް ކޮމިށަނަރ އޮފްޕޮލިސްއަށް ކަނޑައެޅިދާނެއެވެ.
4 ވަނަ މާއްދާ - ވާރކިންގ ޔުނިފޯމް
(ހ) ވާރކިންގ ޔުނިފޯމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ ތެރެއިން، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ ފުލުހުންނާއި، ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ ފުލުހުންނާއި، އޮޕަރޭށަނަލް ޕޮލިސްގެދާއިރާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އެ ޔުނިފޯމު ބޭނުންކުރުމަށް ކަނޑައަޅާ ފުލުހުން ރަސްމީ ޑިއު ޓީގައި ބޭނުންކުރާ ޔުނިފޯމެވެ.
(ށ) ވާރކިންގ ޔުނިފޯމަކީ އާންމުގޮތެއްގައި ޑިއުޓީގައި އުޅޭއިރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ޔުނިފޯމެވެ. މި ޔުނިފޯމާއި، މި ޔުނިފޯމާއެކު ބޭނުންކުރަންޖެހޭ އެކްސަސަރީތަކުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެ ވަނީއެވެ.
5 ވަނަ މާއްދާ - އޮޕަރޭށަނަލް ޔުނިފޯމު
(ހ) މި ޔުނިފޯމަކީ އޮޕަރޭށަނަލް ދާއިރާގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޔުނިފޯމެވެ. ހާއްސަކޮށް މި ޔުނިފޯމު ބޭނުންކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.
- ސީން އޮފް ކްރައިމް އޮފިސަރުން، ރަސްމީ ޑިއުޓީގެ ވަގުތުގައި؛
- ޑިޓެންށަން ސެންޓަރުތަކުގައި މަސައްކަތްކުރާ ފުލުހުން، ރަސްމީ ޑިއުޓީގެ ވަގުތުގައި؛
- ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ނުވަތަ ބަހައްޓައިފައި ހުންނަ އެއްގަމު އުޅަނދުފަހަރު ނެގުމުގައި ހަރަކާތްތެރިވާ ފުލުހުން، ރަސްމީ ޑިއުޓީގެ ވަގުތުގައި؛
- ކަނޑުމަތީގައި ދުއްވާ އުޅަނދުތަކުގައި މަސައްކަތްކުރާ ފުލުހުން، ރަސްމީ ޑިއުޓީގެ ވަގުތުގައި؛
- މަސްތުވާތަކެތީގެ އޮޕަރޭށަންތައް ހިންގާ ޑިޕާޓްމަންޓުގައި ހަރަކާތްތެރިވާ އޮޕަރޭށަނަލް ފުލުހުން، ރަސްމީ ޑިއުޓީގެ ވަގުތުގައި؛
- ދިވެހި ފުލުހުންގެ ހިދުމަތް އޮޕަރޭށަނަލް ހާލަތަކަށް އައުމުން،އޮޕަރޭށަނުގައި ހަރަކާތްތެރިވާ އެންމެހައި ފުލުހު ން ބޭނުންކުރާނީ މި ޔުނިފޯމެވެ.
(ށ) އޮޕަރޭށަނަލް ޔުނިފޯމާއި، އެ ޔުނިފޯމާއެކު ބޭނުންކުރަންޖެހޭ އެކްސަސަރީތަކުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 2 ގައި އެ ވަނީއެވެ.
6 ވަނަ މާއްދާ - ޓެކްޓިކަލް ޔުނިފޯމު
(ހ) ޓެކްޓިކަލް ޔުނިފޯމަކީ، ފުލުހުންގެ ޔުނިފޯމުތަކުގެ ތެރޭގައި ހިމެނޭ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޔުނިފޯމެކެވެ. ޓެކްޓިކަލް ޔުނިފޯމުތަކުގެ ވައްތަރުތައް މި މާއްދާގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ށ) ޓެކްޓިކަލް ޔުނިފޯމު 1 އަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ "ސްވޮޓް އެލީޓް" ޓެކްޓިކަލް ޓީމުގައި ހިމެނޭ ފުލުހުން، ރަސްމީ ޑިއުޓީގެ ވަގުތުތަކުގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ޔުނިފޯމެކެވެ.
(ނ) ޓެކްޓިކަލް ޔުނިފޯމު 2 އަކީ، ޕަބްލިކް އޯޑަރ ޔުނިޓްތަކުގައި މަސައްކަތްކުރުމަށް އައްޔަނުކުރެވޭ ފުލުހުން، ރަސްމީ ޑިއުޓީގެ ވަގުތުތަކުގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ޔުނިފޯމެކެވެ.
(ރ) ޓެކްޓިކަލް ޔުނިފޯމު 3 އަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން، ޕާރސަނަލް ސެކިއުރިޓީ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ރަސްމީ ޑިއުޓީގެ ވަގުތުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޔުނިފޯމެކެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޓެކްޓިކަލް ޔުނިފޯމުތަކުގެ ނަމޫނާއާއި، އެ ޔުނިފޯމުތަކާއެކު ބޭނުންކުރަންޖެހޭ އެކްސަސަރީތަކުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 3 ގައި އެ ވަނީއެވެ.
7 ވަނަ މާއްދާ - ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް
(ހ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް ބެހިގެންވަނީ 4 (ހަތަރެއް) ގިންތިއަކަށެވެ. އެ ގިންތިތައް، ތިރީގައި މި ވަނީއެވެ.
- ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1؛
- ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 2؛
- ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3؛
- ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 4.
(ށ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އާއި، 2 އާއި، 3 އާއި، 4ބޭނުންކުރާނީ، އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނެވެ.
(ނ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އަކީ، ތިރީގައި ބަޔާންކޮށްފައިވާ ރަސްމިއްޔާތުތަކަށް ފުލުހުން ހާޒިރުވާއިރު ބޭނުންކުރާ ޔުނިފޯމެވެ.
- ގައުމީ ފެންވަރުގައި ބާއްވާ ޖަލްސާ؛
- ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރާ، ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ ޖަލްސާ؛
- ރާއްޖެއިން ބޭރުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފުލުހުން ބައިވެރިވާ ކޯހާއި ސެމިނާރު؛
- ރާއްޖެއިން ބޭރުން ޒިޔާރަތްކުރާ އިއްޒަތްތެރިއެއްގެ އޭ.ޑީ.ސީ.އަކަށް ހުންނަ ވަގުތުގައި؛
- ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އިއްޒަތްތެރީންނަށް އިސްތިގްބާލުކުރުމުގެ ރަސްމިއްޔާތުތަކާއި، ވަދާއީ ރަސްމިއްޔާތުތަކުގައި؛
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 ބޭނުންކުރެވޭނީ، މި ޔުނިފޯމު ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ރަސްމިއްޔާތުތަކުގައެވެ.
(ރ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 ގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 4 ގައި އެ ވަނީއެވެ.
(ބ) ކޮމިށަންޑް އޮފިސަރުންގެ ސެރަމޯނިއަލް ޑްރެސް 2 އަކީ، ސަރުކާރުގެ ފަރާތުން ކަނޑައަޅާ ވަކި ރަސްމީ ޖާފަތް ތަކާއި، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ކޯސްތަކުގެ ޑްރެސްކޯޑުގެ ގޮތުގައި މެސް ޑްރެސް ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ރަސްމީ ޖާފަތްތަކުގައި ބައިވެރިވާ ފުލުހުން ބޭނުންކުރާ ޔުނިފޯމެވެ.
(ޅ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 2، މި ގަވާއިދުގެ ޖަދުވަލު 4 ގައި އެ ވަނީއެވެ.
(ކ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 އަކީ، ތިރީގައި ބަޔާންކޮށްފައިވާ ރަސްމިއްޔާތުތަކަށް
ފުލުހުން ހާޒިރުވާއިރު ބޭނުންކުރާ ޔުނިފޯމެވެ.
- ފުލުހުންގެ މުއައްސަސާގެ ފެންވަރުގައި ބޭއްވޭ ހާއްސަ ޖަލްސާތައް؛
- ފުލުހުންގެ ރެކްރޫޓް ޓްރޭނިންގގެ ދަސްވެނިވުމުގެ ރަސްމިއްޔާތު؛
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 ބޭނުންކުރެވޭނީ، މި ޔުނިފޯމު ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަ ނޑައަޅާ ރަސްމިއްޔާތުތަކުގައެވެ.
(އ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 ގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 4 ގައި އެ ވަނީއެވެ.
(ވ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 4 އަކީ، ތިރީގައި ބަޔާންކޮށްފައިވާ ރަސްމިއްޔާތުތަކަށް ފުލުހުން ހާޒިރުވާއިރު ބޭނުންކުރާ ޔުނިފޯމެވެ.
- ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ ވާރކްށޮޕް ފަދަ ބައްދަލުވުންތައް؛
- ފުލުހުންގެ ފެންވަރުގައި ބޭއްވޭ ރަސްމީ ޖަލްސާތައް؛
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 4 ބޭނުންކުރެވޭނީ، މި ޔުނިފޯމު ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ރަސްމިއްޔާތުތަކުގައެވެ.
(މ) ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 4 ގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 4 ގައި އެވަނީއެވެ.
8 ވަނަ މާއްދާ - ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް
(ހ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް ބެހިގެންވަނީ
3 (ތިނެއް) ގިންތިއަކަށެވެ. އެއީ، ސީނިއަރ ނޮންކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އާއި، 2 އާއި، 3 އެވެ. އެ ގިންތިތައް ތިރީގައި މި ވަނީއެވެ.
- ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1؛
- ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 2؛
- ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3.
(ށ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އާއި 2 އާއި 3 ބޭނުންކުރާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން ސީނިއަރ ސާޖަންޓާ ދެމެދުގެ ރޭންކުތަކުގެ ފުލުހުންނެވެ.
(ނ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 އަކީ،ތިރީގައި ބަޔާންކޮށްފައިވާ ރަސްމިއްޔާތުތަކަށް ފުލުހުން ހާޒިރުވާއިރު ބޭނުންކުރާ ޔުނިފޯމެވެ.
- ގައުމީ ފެންވަރުގައި ބާއްވާ ޖަލްސާ؛
- ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ ޖަލްސާ؛
- ރާއްޖެއިން ބޭރުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފުލުހުން ބައިވެރިވާ ކޯހާއި ސެމިނާރު؛
- ހުރިހާ ފުލުހުންނަށް ބޭއްވޭ ރަސްމީ ޖަލްސާތައް؛
- ފުލުހުންގެ ރެކްރޫޓް ޓްރޭނިންގގެ ދަސްވެނިވުމުގެ ރަސްމިއްޔާތު؛
- ރާއްޖެއިން ބޭރުން ޒިޔާރަތްކުރާ އިއްޒަތްތެރިއެއްގެ އޭ.ޑީ.ސީ.އަކަށް ހުންނަ ވަގުތު؛
- ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އިއްޒަތްތެރީންނަށް އިސްތިގްބާލު ކުރުމުގެ ރަސްމިއްޔާތުތަކާއި، ވަދާއީ ރަސްމިއްޔާތުތައް.
- މަތީގައިވާ ކަންކަމުގެ އިތުރުން، ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 ބޭނުންކުރެވޭނީ، މި ޔުނިފޯމު ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަ ނޑައަޅާ ރަސްމިއްޔާތުތަކުގައެވެ.
(ރ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 ގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 5 ގައި އެ ވަނީއެވެ.
(ބ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 2 އަކީ،ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން ކަނޑައަޅާ ރަސްމީ ވަކި ޖާފަތްތަކަށް ހާޒިރުވުމަށް ނުވަތަ ރާއްޖެއިން ބޭރުގައި ކޯސްތަކުގައި އުޅޭއިރު ޑްރެސްކޯޑްގައި މެސް ޑްރެސް ބޭނުންކުރާ ހަފްލާތަކުގައި ފުލުހުން ބޭނުންކުރާ ޔުނިފޯމެވެ.
(ޅ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 2 ގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 5 ގައި އެ ވަނީއެވެ.
(ކ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 އަކީ،ތިރީގައި ބަޔާންކޮށްފައިވާ ރަސްމިއްޔާތުތަކަށް ފުލުހުން ހާޒިރުވާއިރު ބޭނުންކުރާ ޔުނިފޯމެވެ.
- ވާރކްށޮޕް ފަދަ ކަންކަމުގައި؛
- ހުރިހާ ފުލުހުންނަށް ބޭއްވޭ ރަސްމީ ޖަލްސާތަކުގައި؛
- ފުލުހުންގެ ރެކްރޫޓް ޓްރޭނިންގގެ ދަސްވެނިވުމުގެ ރަސްމިއްޔާތު؛
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 ބޭނުންކުރެވޭނީ، މި ޔުނިފޯމު ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ރަސްމިއްޔާތުތަކުގައެވެ.
(އ) ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 ގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 5 ގައި އެ ވަނީއެވެ.
9 ވަނަ މާއްދާ - ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް
(ހ) ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް ބޭނުންކުރާނީ، ކޮންސްޓަބަލް ރޭންކުގެ ފުލުހުންނެވެ. ތިރީގައި ބަޔާންކޮށްފައިވާ ރަސްމިއްޔާތުތަކަށް ކޮންސްޓަބަލް ރޭންކުގެ ފުލުހުން ހާޒިރުވާއިރު ބޭނުންކުރާނީ މި ޔުނިފޯމެވެ.
- ގައުމީ ފެންވަރުގައި ބާއްވާ ޖަލްސާ؛
- ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ ޖަލްސާ؛
- ރާއްޖެއިން ބޭރުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފުލުހުން ބައިވެރިވާ ކޯހާއި ސެމިނާރު؛
- ވާރކްށޮޕް ފަދަ ކަންކަމުގައި؛
- ހުރިހާ ފުލުހުންނަށް ބޭއްވޭ ރަސްމީ ޖަލްސާތަކުގައި؛
- ފުލުހުންގެ ރެކްރޫޓް ޓްރޭނިންގގެ ދަސްވެނިވުމުގެ ރަސްމިއްޔާތު؛
- ރާއްޖެއިން ބޭރުން ޒިޔާރަތްކުރާ އިއްޒަތްތެރިއެއްގެ އޭ.ޑީ.ސީ.އަކަށް ހުންނަ ވަގުތު؛
- ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އިއްޒަތްތެރީންނަށް އިސްތިގްބާލު ކުރުމުގެ ރަސްމިއްޔާތުތަކާއި، ވަދާއީ ރަސްމިއްޔާތުތައް؛
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް ބޭނުންކުރެވޭނީ، މި ޔުނިފޯމު ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަ ނޑައަޅާ ރަސްމިއްޔާތުތަކުގައެވެ.
(ށ) ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސްގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 6 ގައި އެ ވަނީއެވެ.
10 ވަނަ މާއްދާ - އެހެނިހެން ޔުނިފޯމުތައް
(ހ) ފުލުހުންގެ ރަސްމީ ޔުނިފޯމުތަކުގެ އިތުރުން، އެކި ކަންކަމުގައި ބޭނުންކުރަންވާނީ، އެ ކަމަކަށް ހާއްސަކޮށްފައިވާ ޔުނިފޯމެވެ. އެ ޔުނިފޯމުތައް،ތިރީގައި މި ވަނީއެވެ.
- އޯވަރ ރޯލް 1؛
- މަސައްކަތު ކިޓް 1 އާއި 2؛
- ވިއްސާރަ ކޯޓް.
(ށ) އޯވަރ ރޯލް ބޭނުންކުރަނީ ޓެކްނީށަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
(ނ) މަސައްކަތު ކިޓް 1 ބޭނުންކުރާނީ، އިމާރާތްތައް ބެލެހެއްޓުމާއި، އޮފީސް މާހައުލު ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އުޅޭ ފުލުހުންނެވެ.
(ރ) މަސައްކަތު ކިޓް 2 ބޭނުންކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތު މީހުންގެ ވަޒީފާ އަދާކުރަމުންދާ އާންމު މުވައްޒަފުންނެވެ.
(ބ) ވިއްސާރަ ކޯޓް ބޭނުންކުރާނީ، ރަސްމީ ޑިއުޓީގައި އުޅޭ ވަގުތު ވާރޭވެހޭނަމައެވެ.
(ޅ) އެހެނިހެން ޔުނިފޯމްތަކުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 7 ގައި އެ ވަނީއެވެ.
11 ވަނަ މާއްދާ - ފޯމަލް ސިވިލް ހެދުން
(ހ) ފޯމަލް ސިވިލް ހެދުމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުން ރަސްމީ މަސައްކަތްތައް ކުރުމަށް، ރަސްމީކޮށް އޮފީހުގެ މަސައްކަތަށް ނުވަތަ ޑިއުޓީއަށް ހާޒިރުވާއިރު ބޭނުންކުރާ ރަސްމީ އޮފީސް ހެދުމެކެވެ. ފޯމަލް ސިވިލް ހެދުން އަޅަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ފިރިހެން ފުލުހުންގެ ފޯމަލް ސިވިލް ހެދުމަކީ، ދިގުފަޓުލޫނާއެކު، އަތްދިގު ގަމީހާއި ޓައީއެވެ. މި ގޮތަށް ހެދުން އަޅައިފައި ހުންނައިރު ހުންނަންވާނީ ދަށަށް ޖަހައިފައި، އޮފީސް ބޫޓަކަށް ނުވަތަ އޮފީސް މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރައިފައެވެ.
(ނ) އަންހެން ފުލުހުންގެ ފޯމަލް ސިވިލް ހެދުމަކީ، ފާސްކުރިހެދުން ނުވަތަ މުޖުތަމައު ބަލައިގަންނަ އެކަށީގެންވާ ހެދުމަކާއި، އޮފީސް މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ ފައިވާން ނުވަތަ ބޫޓެވެ. މިފަދަ ހެދުމަކީ، ޖަމާއަތުގެ އަދަބާ ހިލާފުހެދުމަކަށް ވެގެން ނުވާނެއެވެ.
(ރ) ފޯމަލް ސިވިލް ހެދުން ބަހައްޓަންވާނީ ރީތިކޮށް ސާފުކޮށެވެ.
12 ވަނަ މާއްދާ - ރަސްމީ ގަޑީގައި މުވައްޒަފުން ބޭނުންކުރުން ހުއްދަ ނޫން ހެދުމާއި ތަކެތި
(ހ) ފުލުހުން ރަސްމީ ޑިއުޓީއަށް ނުކުންނައިރު، އަންނަނިވި ބާވަތުގެ ހެދުމާއި ތަކެތި ބޭނުންކޮށްގެން ނުވާނެއެވެ.
- އަހްލާގީގޮތުން އެކަށީގެންނުވާ އިބާރާތް ނުވަތަ ކުރެހުން ނުވަތަ ކާޓޫނު ނުވަތަ ފޮޓޯ ހިމެނޭ ހެދުން؛
- ފެންފައިވާނާއި، އޮފީސް މާހައުލާ ނުގުޅޭ ފައިވާނާއި، ބޫޓު؛
- ބާރު ހަރުވާޅު (ޓައިޓް)، ކުރު ހަރުވާޅު؛
- އެއްވެސް ވައްތަރެއްގެ ޓީ-ށާޓާއި، ޓީށާޓް ފޮތިން ފަހައިފައިވާ ހެދުން ނުވަތަ ގައިގެ ހަންގަނޑު ފާޅުވާފަދަ ތުނި ހެދުން؛
- އެއްވެސް ބާވަތެއްގެ އެއްވެސް ކުލައެއްގެ ޖިންސެއް ނުވަތަ އަރިމަތީ ޕޮކެޓް ލައިފައި ނުވަތަ އުފުލިފައި ހުންނަގޮތަށް ޕޮކެޓް ލައިފައި ހުންނަ ހަރުވާޅު ނުވަތަ ފަޓުލޫނު؛
- އެއްވެސް ބާވަތެއްގެ ހަވީރީ ހެދުމެއް؛
(ށ) ފުލުހުންނަކީ ޒިންމާދާރުކަމާއެކު ޖަވާބުދާރީވާންޖެހޭ މަސައްކަތެއް ކުރާ ބަޔަކަށް ވެފައި، އެފަދަ މަސައްކަތްކުރާ ފުލުހުން ފާހަގަކޮށް އެނގެންޖެހޭނެތީ، އެ ފުލުހަކީ ކާކުކަން ފާހަގަކުރަން ނޭނގޭނެ ގޮތަށް ހެދުން އަޅައިފައި ހުރެގެން ނުވާނެއެވެ.
13 ވަނަ މާއްދާ - ރަސްމީ ޑިއުޓީ ނޫން ގޮތަކަށް އޮފީހުގެ މަސައްކަތަށް ނުކުންނައިރު ހެދުން އެޅުން
(ހ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަކަ ށް، އޮފީސް މަސައްކަތަށް ނުކުންނަ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގުފަޓުލޫނު ނުވަތަ އެކަށީގެންވާ ޖިންސާއި، އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީސް ނުވަތަ ގިރުވާނުލީ ޓީށާޓެ ވެ. މި ގޮތަށް ހެދުން އަޅާއިރު، މުވައްޒަފުން ތިބެންވާނީ، ބޫޓަށް އަރައިފައި ނުވަތަ އެކަށީގެންވާ ފައިވާނަކަށް އަރައިގެންނެވެ.
(ށ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަށް، އޮފީސް މަސައްކަތަށް ނުކުންނަ އަންހެން މުވައްޒަފުންގެ ހެދުމަކީ ފާސްކުރި ހެދުން ނުވަތަ ޖަމާއަތުގެ އަދަބާ ހިލާފު ނޫން، މުޖުތަމައު ބަލައިގަންނަ، އެކަށީގެންވާ ހެދުމެކެވެ. ނުވަތަ ހަރުވާޅާއި، އެޔާއެކުގައި ލާ މަތީބައި، ނުވަތަ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރާ ހެދުމާއި، ޖަމާއަތުގެ އަދަބާ ހިލާފުނުވާ މި ނޫންވެސް ހެދުމާއި، އެކަށީގެންވާ ބޫޓެއް ނުވަތަ ފައިވާނެކެވެ.
(ނ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަކަށް، މަސައްކަތަށް ނުކުންނަ ފުލުހުން ހެދުން އެޅުމުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.
14 ވަނަ މާއްދާ - ބުރުގާ އެޅުމާއި ނެގުން
(ހ) ފުލުހުންގެ ތެރެއިން ބުރުގާ އެޅުމަށް ނުވަތަ ނެގުމަށް ބޭނުންވާ އަންހެން ފުލުހުން، އެކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) ބުރުގާ އުޅުމަށް ހުއްދައަށް އެދި ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފަކަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.
(ނ) ޔުނިފޯމުގައި ބުރުގާ އަޅާނަމަ، އާންމު ދިރިއުޅުމުގައި ވެސް ބުރުގާ އަޅަންވާނެއެވެ.
(ރ) ޔުނިފޯމާއެކު ބުރުގާ އަޅަން ފަށާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، ޕޮލިސް އައިޑެންޓިފިކޭށަން ކާޑު ބަދަލުކުރަންވާނެއެވެ.
(ބ) ސިއްހީ ހާލަތެއް މެދުވެރިވެގެން ވަކި މުއްދަތަކަށް އަންހެން ފުލުހުންނަށް ބުރުގާ އެޅުމުގެ ނުވަތަ ބުރުގާ ނެގުމުގެ އިހްތިޔާރު ލިބިގެންވެއެވެ. މި ގޮތުން ބުރުގާ އަޅަން ނުވަތަ ބުރުގާ ނަގަން ބޭނުންވާ ފުލުހުން، ބުރުގާ އެޅުމަށް ނުވަތަ ބުރުގާ ނެގުމަށް ހުއްދައަށް އެދި، ސަބަބު ބަޔާންކޮށް، މެޑިކަލް ރިޕޯޓެއް، ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ. މި ގޮތަށް ބުރުގާ އަޅާ ފުލުހުންވެސް އެ މީހުން ބުރުގާ އަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އައިޑެންޓިފިކޭށަން ކާޑު ބަދަލުކުރަންވާނެއެވެ.
(ޅ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށް ކޯހެއް ލިބިގެން ރާއްޖެއިން ބޭރަށް ދާނަމަ، އެ މުވައްޒަފެއްގެ ރުހުމާއެކު، އެ ކޯހެއްގެ މުއްދަތުގައި ވަގުތީގޮތުން ބުރުގާ ނެގިދާނެއެވެ.
(ކ) މުވައްޒަފުންގެ ތެރެއިން ބުރުގާ އަޅާ މުވައްޒަފުން އަތަށް އަންގިލައްވައި އަނގަމަތި ފޮރުވިފައި ހުރެގެން ނުވާނެއެވެ. ނަމަވެސް ކުރަންޖެހޭ މަސައްކަތުގެ ބާވަތުން އެ މަސައްކަތެއް ކުރާ ވަގުތު، އަތަށް އަންގިލައްވައި، އަނގަމަތި ފޮރުވިދާނެއެވެ.
(އ) ޔުނިފޯމުގައި ބުރުގާ އަޅައިފައި ހުންނަންވީ ގޮތުގެ ނަމޫނާ، އެ ޔުނީފޯމެއް ހިމެނޭ ޖަދުވަލުގައި ހިމެނިފައިވާނެއެވެ.
(ވ) ޔުނިފޯމުގެ އެތެރެއަށް ބުރުގާ ޖެހުމަށް ބޭނުންވާ އަންހެން ފުލުހުން، މުވައްޒަފުން ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(މ) ވާރކިންގ ޑްރެސް 1 އާއި 2 އާއި، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 4 އާއި، ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 3 އާއި، ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސްގައި ބުރުގާ އަޅާއިރު މުވައްޒަފުން ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
15 ވަނަ މާއްދާ - ޔުނިފޯމު އެޅުން
(ހ) ފުލުހުން، ޔުނިފޯމު އަޅައިފައި ހުންނަންވާނީ، މި ގަވާއިދުގައި އެ ޔުނިފޯމަކަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ރީއްޗަށެވެ. ޔުނިފޯމު ހުންނަންވާނީ،ގަޔަށް ހެޔޮވަރުކޮށް، ސާފުތާހިރުކޮށް، ރީތިކޮށް އިސްތިރިކޮށްފައެވެ.
(ށ) ޖީބަށް އެއްޗެއް ލާން ޖެހުނަސް، އެ ޖީބަށް ލާ އެއްޗެއްގެ އެއްބައި ބޭރަށް ފެންނަގޮތަށް ނުބެހެއްޓުމާއި، ޖީބު ފުރޭވަރަށް އެއްޗެތި ލައިގެން ނުވާނެއެވެ. ތަޅުދަނޑިއާއި ތަޅުދަނޑި ފޫ ފަދަ ތަކެތި، ބެލްޓާއި ލޫޕް ފަދަ ތަންތަނުގައި ހަރުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.
(ނ) ޔުނިފޯމު އަޅައިފައި ހުންނައިރު ހުންނަންވާނީ، ކަނޑައެޅިފައިވާ ޔުނިފޯމުގެ ހުރިހާ ގޮށްތަކެއް އަޅުވައި، ނޭމްޓެގާއި، ޕޮލިސްޓެގާއި، ބެޖު ފަދަ ތަކެތި ހަރުކޮށްފައެވެ. އަދި ޔުނިފޯމު އަޅައިފައި ހުންނައިރު، ށަރަފުގެ ނިށާން ލިބިފައިވާ ފަރާތްތަކުން ހުންނަންވާނީ، ށަރަފުގެ ނިށާންތައް ވެސް، އެ ޔުނިފޯމެއް އެޅުމުގެ ގަވާއިދާ އެއްގޮތްވާ ގޮތަށް ހަރުކޮށްފައެވެ.
(ރ) ބޫޓު ހުންނަންވާނީ، ރީތިކޮށް ޕޮލިށްކޮށްފައެވެ.
(ބ) ބެލްޓް އަޅައިފައި ހުންނަންވާނީ، ޅިނދު ކަށިގަނޑަށްވުރެ މަތީގައި ފޫޅަށްވުރެ ތިރީގައި ބާރުކޮށެވެ.
(ޅ) ޔުނިފޯމާއެކު ގަލަން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޔުނިފޯމެއް ފިޔަވައި އެހެން އެއްވެސް ޔުނިފޯމެއްގައި، ބޭރަށް ފެންނަ ގޮތަށް ގަލަން ޖަހައިފައި ހުރެގެން ނުވާނެއެވެ.
(ކ) ފިރިހެން ފުލުހުންގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި މުދި ލެއްވުމަކީ މަނާކަމެކެވެ.
(އ) ފިރިހެން ފުލުހުންނަށް ޔުނިފޯމާއެކު، އަތުގައި އަތުކުރީ ގަޑިއަކާއި، އިނގިލީގައި 1 (އެކެއް) އަނގޮޓި އެޅިދާނެއެވެ. އަނގޮޓި އެޅޭނީ، އެ އަނގޮޓި އަޅައިފައި އޮންނަ އިނގިލި ފިޔަވައި އެހެން އިނގިއްޔަކަށް އެ އަނގޮޓީގައި ހުންނަ އެސް، ނުވަތަ ޑިޒައިނެއް ނާރާގޮތަށެވެ. މިގޮތުން އަޅާ އަނގޮޓީގެ ފުޅާމިން 1 (އެކެއް) ސެންޓިމީޓަރަށްވުރެ ފުޅާވެގެން ނުވާނެއެވެ. އަތުގެ ބޮޑުވައި އިނގިލީގައި އަނގޮޓި އަޅައިގެން ނުވާނެއެވެ. ފްރަންޓްލައިންގެ ޑިއުޓީގައި އުޅޭ ފުލުހުންގެ ސަލާމަތީ ސަބަބުތަކަށް ޓަކައި، ޑިއުޓީ ވަގުތުގައި އިނގިލީގައި އަނގޮޓި އަޅައިގެން ނުވާނެއެވެ.
(ވ) ޔުނިފޯމާއެކު ބޭނުންކުރުމަށް ހުއްދަ ދީފައިވާ އެއްޗެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ޔުނިފޯމު އަޅައިފައި ހުންނައިރު ފެންނަން ހުރެގެން ނުވާނެއެވެ.
(މ) އަތާއި ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ހުންނަންވާނީ އަބަދުވެސް ރީތިކޮށް ކަނޑައިފައެވެ. އަދި އަތުގައި ހީނާފަތް އެޅުމާއި، އަތާއި ފައިގެ ނިޔަފަތީގައި އެއްވެސް ކުލައެއް ޖެއްސުމަކީ މަނާކަމެކެވެ.
16 ވަނަ މާއްދާ - ޔުނިފޯމު އިސްތިރިކުރުން
ކޮންމެ ޔުނިފޯމެއް ވެސް އިސްތިރިކުރާއިރު ށާޕްކޮށް ރޫ ނަގަންވާނެއެވެ. ފަޓުލޫނުގެ މެދުގައި މަތިން ތިރިއަށް ރޫ ނަގަންވާނެއެވެ. ގަމީހުގެ އަތުގެ ރޫ ނަގާއިރު، ބެޖުމަތިން ރޫ ނަގައިގެން ނުވާނެއެވެ.
17 ވަނަ މާއްދާ - ފިރިހެން ފުލުހުން ބޯކޮށުމާއި، ތުނބުޅިއާއި މަތިމަ ސް ބެހެއްޓުން
(ހ) ފިރިހެން ފުލުހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ނޭހެން ރީތިކޮށް ކޮށައިފައެވެ.
- ފިރިހެން ފުލުހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، ރީތިކޮށް ކޮށައި، ފުނާއަޅައިފައެވެ.
- ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، ބޮލުގެ މަތިންނާއި ކުރިމަތިން 30 (ތިރީސް) މިލިމީޓަރަށްވުރެ ދިގު ނޫން މިންވަރަކަށެވެ. އަދި ބޮލުގެ އަރިމަތި ހުންނަންވާނީ 10 (ދިހައެއް) މިލިމީޓަރަށްވުރެ ދިގު ނޫން މިންވަރަކަށެވެ.
- ބޮލުގެ މަތިކަމުގައި ބެލެވޭނީ، ކަންފަތުގެ މަތީ ކައިރިން ފެށިގެން 20 (ވިހި) މިލިމީޓަރަށްވުރެ މަތިން ބޮލުގެ ވަށައިގެން ހިމެނޭ ހިސާބެވެ.
- ބޮލުގެ އަރިމަތިކަމުގައި ބެލެވޭނީ، ބޮލުގެ މަތިކަމުގައި ކަނޑައަޅައިފައިވާ ހިސާބުން ފެށިގެން ތިރިން، ބޮލުގެ ވަށައިގެންވާ ހިސާބެވެ.
- ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، ދެ ދިގުމިނެއް ބައްދަލުވާއިރު ފާޅު ނުވާނޭހެން، މަތިން ތިރިއަށް، އިސްތަށިތަކުގެ ދިގުމިން، ކުރުވާގޮތަށް (ފޭޑުވާގޮތަށް) ކޮށައިފައެވެ.
- ޕޮލިސް އައި.ޑީ ކާޑު ހެދުމަށް ފޮޓޯނެގިއިރު، ބޮލުގެ އިސްތަށިގަނޑު ބަހައްޓައިފައި ހުރިވަރަށް، ނުވަތަ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިނަށް ބޮލުގެ އިސްތަ ށިގަނޑު ދަމަހައްޓަންވާނެއެވެ.
- ބޮލުގެ އިސްތަށިގަނޑުގައި ޖައްސާ ކުލައަކުން އަތްވަށް ނުކުތުމުން ކަޅުކުލަ ނޫން ކުލައެއް އަރާނަމަ، އެ ކުލައެއް ޖައްސައިގެން ނުވާނެއެވެ.
(ށ) ފިރިހެން ފުލުހުންގެ "ކަންހުޅި" ހުންނަންވާނީ، ތިރީގައިވާ މިންގަޑުތަކަށް ފެތޭނޭހެން ރީތިކޮށް ކޮށައި އެއްވަރު ކޮށްފައެވެ.
- ތުނބުޅި ނުބަހައްޓާނަމަ، ކަންހުޅި ހުންނަންވާނީ، ކަންފަތުގެ މެދަށްވުރެ ތިރި ނުވާނޭހެންނެވެ.
- ކަންހުޅި ހަދައިފައި ހުންނައިރު ހުންނަންވާނީ، މަތިން ފެށިގެން ތިރިއަށް އެއްވަރަކަށް، 20 (ވިހި) މިލިމީޓަރަށްވުރެ ފުޅާ ނުވާނޭހެން، އަދި 15 (ފަނަރަ) މިލިމީޓަރަށްވުރެ ހަނި ނުވާނެ ވަރަށެވެ. އަދި ކަންހުޅި ހުންނަންވާނީ މަތިން ތިރިއަށް ވަޑިފަތިވާގޮތަށް ތެދަށް ކަނޑައިލެވިފައެވެ.
- ކަންހުޅީގެ އިސްތަށިތަކުގެ ދިގުމިން ހުންނަންވާނީ ބޮލުގެ އަރިމަތީގެ އެންމެ ތިރި ބަހައްޓައިފައިވާ މިންވަރަށެވެ.
(ނ) ފިރިހެން ފުލުހުންގެ މަތިމަސް ހުންނަންވާނީ، ތިރީގައިވާ މިންގަނޑުތަކަށް ފެތޭނޭހެން ރީތިކޮށް ކޮށައި އެއްވަރުކޮށްފައެވެ.
- ފުލުހުންގެ ތެރެއިން މަތިމަސް ބެހެއްޓުމަށް ބޭނުންވާ ފުލުހުން، މަތިމަސް ބެހެއްޓުމުގެ ހުއްދައަށްއެދި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
- މަތިމަސް ބަހައްޓަން ބޭނުންވެގެން ހުށަހެޅުމުން، އެ މުވައްޒަފަކު އެދޭ ގޮތުގެ މަތީން މަތިމަސް ދިގުކުރުމަށް އެ މުވައްޒަފަށް ދެވޭނެ މުއްދަތާއި، ޕޮލިސް އައިޑީ ކާޑު ހެއްދުމަށްޓަކައި ފޮޓޯނަގަން ހާޒިރުވާންޖެހޭ ދުވަސް، މަތިމަސް ބަހައްޓަން ބޭނުންވެގެން ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި ލިޔުމުގައި ކަނޑައަޅައިފައިވާ ތާރީހުގައި ފޮޓޯނަގަން މުވައްޒަފު ހާޒިރުވާންވާނެއެވެ.
- މަތިމަސް ބަހައްޓައިގެން ޕޮލިސް ކާޑު ހެދުމަށްފަހު، އެ ކާޑު ހެދިއިރު މަތިމަސް ހުރި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރެވޭނީ، އެ ކާޑުގެ މުއްދަތު ހަމަވުމުންނެވެ. އަދި ކާޑު ހެއްދުމަށް ފޮޓޯނެގިއިރު މަތިމަސް ހުރި ގޮތަށް އަދި އެ މިނަށް ހަފުތާއަކު މަދުވެގެން 1 (އެކެއް) ފަހަރު ކޮށައި، ރީތި ކުރަންވާނެއެވެ.
- މަތިމަސް ހުންނަންވާނީ، ތުނބުޅިއަށްވުރެ ދިގުނުވާ ވަރަށް އަދި މަތީ ތުންފަތް މައްޗަށް ނާރާ ވަރަށް ރީތިކޮށް ކޮށައިފައެވެ.
- މަތިމަސް އެންމެ ދިގުކުރެވޭނީ، 10 (ދިހައެއް) މިލިމީޓަރަށެވެ.
- ތަބީއީގޮތުން މަތިމަސް ފަޅައިފައި ހުންނަވަރަށްވުރެ ހަނިކުރުމަށް ޓަކައި ނުވަތަ މަތިމަހުގެ ދެ އަރިމަތިން ކުރުކުރުމަށް ޓަކައި މަތިމަހުން ބައެއް ބާލައިހަދައިގެން ނުވާނެއެވެ.
- ތުނބުޅި ބަހައްޓާނަމަ، މަތިމަސް ބަހައްޓަންވާނެއެވެ.
(ރ) ފިރިހެން ފުލުހުންގެ ތުނބުޅި ހުންނަންވާނީ، ތިރީގައިވާ މިންގަނޑުތަކަށް ފެތޭނޭހެން، ރީތިކޮށް ކޮށައި އެއްވަރުކޮށްފައެވެ.
- ފުލުހުންގެ ތެރެއިން ތުނބުޅި ބެހެއްޓުމަށް ބޭނުންވާ ފުލުހުން، އެކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
- ތުނބުޅި ބަހައްޓަން ބޭނުންވެގެން ހުށަހެޅުމުން، އެ މުވައްޒަފަކު އެދޭ ގޮތުގެ މަތީން ތުނބުޅި ދިގުކުރުމަށް އެ މުވައްޒަފަށް ދެވޭނެ މުއްދަތާއި،ޕޮލިސް އައިޑީ ކާޑު ހެއްދުމަށް ޓަކައި ފޮޓޯނަގަން ހާޒިރުވާންޖެހޭ ދުވަސް، ތުނބުޅި ބަހައްޓަން ބޭނުންވެގެން ހުށަހަޅާތާ 7) ހަތެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި ލިޔުމުގައި ކަނޑައެޅިފައިވާ ތާރީހުގައި ފޮޓޯނަގަން މުވައްޒަފު ހާޒިރުވާންވާނެއެވެ.
- ތުނބުޅި ބަހައްޓައިގެން ޕޮލިސް ކާޑު ހެދުމަށްފަހު، އެ ކާޑު ހެދިއިރު ތުނބުޅި ހުރި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރެވޭނީ، އެ ކާޑުގެ މުއްދަތު ހަމަވެގެންނެވެ. އަދި ކާޑު ހެއްދުމަށް ފޮޓޯނެގިއިރު ތުނބުޅި ހުރި ގޮތާއި އެ މިނަށް، ހަފުތާއަކު މަދުވެގެން 1) އެކެއް) ފަހަރު ކޮށައި ރީތިކުރަންވާނެއެވެ.
- ތުނބުޅި އެންމެ ދިގުކުރެވޭނީ 20 (ވިހި) މިލިމީޓަރަށެވެ.
- ތުނބުޅީގެ ހުރިހާ ތަނެއްވެސް ހު ންނަންވާނީ، އެއް ދިގުމިނަކަށެވެ.
- ކަންފަތުގެ މެދާ ހަމައިން، ތުނބުޅިއާއި ކަންހުޅި ގުޅޭހިސާބުއައިބުނުވާނޭހެން، ކަންހުޅިއާއި ތުނބުޅި ބައްދަލުވާ ރޮނގު ނޭނގޭނޭހެން، އިސްތަށިތަކުގެ ދިގުމިން ފޭޑްވާގޮތަށް ކޮށައި ރީތިކުރަންވާނެއެވެ. ނަމަވެސް ކޮލުގެ ރޮނގާއި، ކަރުގެމަތީ ރޮނގު ސާފުކުރުމަށް ޓަކައި އައިބުނުވާނޭ ހެން ބޭލިދާނެއެވެ.
(ބ) ވަކި މަސައްކަތަކަށް ދޫކޮށްފައި ތިބޭ މުވައްޒަފުން، އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ މަސައްކަތުގެގޮތުން ތުނބުޅި މަތިމަސް ދިގުކުރަންޖެހޭ ހާލަތްތަކުގައި އެ މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތް ނިމެންދެން އެ މުވައްޒަފުގެ ތުނބުޅި މަތިމަސް ދިގުކުރުމަށް މި ގަވާއިދު އިސްތިސްނާކުރެއެވެ. މިފަދަ މުވައްޒަފުން އަމަލުކުރާނީ، އެ ފުލުހަކު މަސައްކަތަށް ދޫކުރި ކޮމާންޑެއްގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. އަދި އެ ކަމުގެ ހުއްދަ ލިޔުމުން އެ ފަރާތަކަށް ލިބިފައި އޮންނަންޖެހޭނެއެވެ.
(ޅ) ބޮލުގެ އިސްތަށިގަނޑާއި، ތުނބުޅިއާއި މަތިމަހުގެ ކޮންމެ ދެ ދިގުމިނެއް ބައްދަލުވާ ރޮނގު ނޭނގޭނޭހެން ފޭޑްވާގޮތަށް ކޮށައި، ފުނާއަޅަންވާނެއެވެ.
(ކ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ތުނބުޅިއާއި މަތިމަސް ބެހެއްޓުމަށް އެދިފައިވާ ފުލުހުން ފިޔަވައި އެހެން ފުލުހުން ރަސްމީ ޑިއުޓީތަކަށާއި، މީހުން އާންމުކޮށް ގޮސްއުޅޭ ތަންތަނަށް ނުކުންނަންވާނީ ތުނބުޅިއާއި މަތިމަސް ބާލައިގެންނެވެ.
(އ) ޗުއްޓީއާއި، ސަލާމުގައްޔާއި އޮފް ޑިއުޓީގައި ތިބޭ ފުލުހުންނަށް، ތުނބުޅިއާއި މަތިމަސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ ދިގުމިނަށް ބެހެއްޓިދާނެއެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަރަށްވުރެ ބޮލުގެ އިސްތަށިގަނޑު ދިގުކުރެވިދާނެއެވެ.
(ވ) ކޯސްތަކަށް، ނުވަތަ ސެމިނާރުތަކަށް، ނުވަތަ ވާރކްށޮޕްތަކަށް ނުވަތަ ކިޔެވުމަށް ދޫކޮށްފައިވާ ފުލުހުންނަށް، އެ ކަމެއް ހިންގާ ފަރާތުން ނުވަތަ މުވައްޒަފުންގެ ކަންތައް ބަލަހައްޓާ އިދާރީ ބަހާއިން އެހެން ގޮތަކަށް ނާންގާހައި ހިނދަކު،ތުނބުޅިއާއި މަތިމަސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ ދިގުމިނަށް ބެހެއްޓިދާނެއެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަރަށްވުރެ ބޮލުގެ އިސްތަށިގަނޑު ދިގުކުރެވިދާނެއެވެ.
(މ) މި މާއްދާގެ (އ) އާއި (ވ) ގައި، ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފުލުހުންގެ މަރުކަޒަކަށް އެއްވެސް ބޭނުމަކު ވަންނަނަމަ ނުވަތަ ފުލުހެއްގެ ހައިސިއްޔަތުން އެއްވެސް ރަސްމީކަމަކަށް ހާޒިރުވާނަމަ، ތުނބުޅިއާއި، މަތިމަހާއި ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، އެ މުވައްޒަފެއްގެ ޕޮލިސް ކާޑު ހެދިއިރު ހުރި މިންވަރަށެވެ.
(ފ) ދިވެހި ފުލުހުންގެ ހިދުމަތުގެ އަސާސީ ތަމްރީނު ފުރުހަމަކުރަމުންދާ ފިރިހެން ފުލުހުންގެ ބޮލުގެ އިސްތަށިގަނޑާއި، މަތިމަހާއި ތުނބުޅި، 5) ފަހެއް) މިލިމީޓަރަށްވުރެ ދިގުވެގެން ނުވާނެއެވެ.
(ދ) ދިވެހި ފުލުހުންގެ ހިދުމަތުގެ ކާޑު ހެދުމަށް ފޮޓޯ ނަގާއިރު، ބޮލުގެ އިސްތަށިގަނޑާއި، މަތިމަހާއި ތުނބުޅި، މި ގަވާއިދާ އެއްގޮތަށް ހުރިތޯ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓުން ބަލަންވާނެއެވެ.
(ތ) ފުލުހުންގެ ބޮލުގެ އިސްތަށިގަނޑާއި، ތުނބުޅިއާއި މަތިމަސް ހުންނަންވީ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 8 ގައި އެ ވަނީއެވެ.
18 ވަނަ މާއްދާ - އަންހެން ފުލުހުން ބޯހެދުމާއި، ގަހަނާ އެޅުން
(ހ) އަންހެން ފުލުހުންގެ ބޯ ކުރުކޮށް ކޮށައިފައި ހުއްޓަސް، ޔުނިފޯމުގައި ހުންނަންވާނީ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ބޯހަދައި، ފުނާއަޅައިފައެވެ. އެ ގޮތުން ކުރިމަތިން ބުމައާ ހަމައަށް އަދި ފަހަތުން ޔުނިފޯމުގެ ގިރުވާނުގައި ޖެހޭވަރަށް (ވަކިވަކި އިސްތަށިވެސް) ފައިބައިފައި ހުއްޓަސް،ޔުނިފޯމުގައި ހުންނައިރު ހުންނަންވާނީ އޮމާންކޮށް ފުނާއަޅައި، އިސްތަށިގަނޑު ހޭވިގެން ނުދާ ގޮތަށް އައްސައިފައެވެ. އަންހެން ފުލުހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވީ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 9 ގައި އެ ވަނީއެވެ.
(ށ) އަންހެން ފުލުހުންނަށް، އެ ފުލުހުންގެ އަންހެންވަންތަކަން ނުގެއްލޭނޭހެން ކުރުކޮށް ބޯކޮށިދާނެއެވެ. އަދި ބުމައަށްވުރެ ތިރިނުވާނޭހެން ފްރިންޖް ނެގިދާނެއެވެ.
(ނ) ބޮލުގައި ޕީކްކެޕް ނުވަތަ އެ ނޫންވެސް ޔުނިފޯމާއެކު ބޭނުންކުރާ ހެޑްގިއަރއެއް އަޅަން އުނދަގޫވާގޮތަށް، ނުވަތަ ޕީކްކެޕް އެޅުމުން ހުތުރުވާފަދަ ގޮތަކަށް ބޯހަދައިފައި ހުރެގެން ނުވާނެއެވެ. މި ގޮތުން ގަތައިފައި، ނުވަތަ ހުޅިޖަހައިފައި ހުންނައިރު، ޕީކްކެޕް ނުވަތަ އަޅައިފައި ހުންނަ ހެޑްގިއަރއެއް ރީތިކޮށް ނޭޅޭފަދަ ގޮތަކަށް ހުރެގެން ނުވާނެއެވެ. އަދި ހުޅި ޖަހާނަމަ ހުންނަންވާނީ ދޫވެގެން ކަނދުރާ މައްޗަށް ހުޅި ނުވެއްޓޭ ގޮތަށެވެ. އިސްތަށިގަނޑު ގަތާނަމަ ހުންނަންވާނީ، އިސްތަށިގަނޑު ގަތައި، އިސްތަށިގަނޑު މައްޗަށް ނަގައި، ބޮލާއެކު ދަތިޖަހައިގެން ހަރުކޮށްފައެވެ.
(ރ) ބޮލުގެ އިސްތަށިގަނޑު ހިފެހެއްޓުމަށް ޓަކައި 1 (އެކެއް) އިންޗިއަށްވުރެ ފުޅާނޫން ޕްލޭން ދަތި ޖަހާނަމަ، ނުވަތަ ނެޓް އަޅުވާނަމަ، ނުވަތަ ވޫލް އައްސާނަމަ، ނުވަތަ ބޭންޑް އަޅާނަމަ، ކަޅުކުލަ ފިޔަވައި އެހެން ކުލައެއް ބޭނުންކޮށްގެން ނުވާނެއެވެ.
(ބ) ޔުނިފޯމު އަޅާއިރު ކަރުގައި އަޅަންވާނީ، ރަން ކުލައިގެ ނުވަތަ ރިހި ކުލައިގެ ފަށެކެވެ. 1 (އެކެއް) ފަށަށްވުރެ ގިނަ ފަށް ނުވަތަ 1 (އެކެއް) ފަށަށްވުރެ ގިނަފަށް އެކުލެވޭ ފަށް އަޅައިގެން ނުވާނެއެވެ. ފަށުގައި 6 (ހައެއް) މިލިމީޓަރަށްވުރެ ބޮޑު ފަށުފުލެއް ލައިގެން ނުވާނެއެވެ. ފަށް ހުންނަންވާނީ، ކަރުގެ ލަނގޮޑިވަޅަށްވުރެ ތިރީގައެވެ. އަޅައިފައި އޮންނަ ފަށް ޔުނިފޯމުން ބޭރަށް ނެރެ ދޫކޮށްލައިފައި ބާއްވައިގެން ނުވާނެއެވެ.
(ޅ) ޔުނިފޯމާއެކު ކަންފަތުގައި 1) އެކެއް) ކަންފަތުމުންޖަށްވުރެ ގިނައިން ލައްވައިގެން ނުވާނެއެވެ. ކަންފަތުމުދި ލައްވަންވާނީ ކަންފަތުގެ ފޫޅުގައެވެ. ކަންފަތުގައި ބޮޅު ލައްވާނަމަ، ލައްވާ ބޮޅުގެ އެންމެ ބޮޑުމިނަކީ ޑައިމީޓަރުގައި 10 (ދިހައެއް) މިލިމީޓަރެވެ. އަދި ސްޓަޑްގެ އެންމެ ބޮޑުމިނަކަށް ވާންވާނީ،ޑައިމީޓަރުގައި 6 (ހައެއް) މިލިމީޓަރެވެ. ރަންކުލަ ނުވަތަ ރިހި ކުލަ ފިޔަވައި އިތުރު ކުލައެއްގެ އެއްޗެއް ކަންފަތުގައި ލައްވައިގެން ނުވާނެއެވެ.
(ކ) އަންހެން ފުލުހުން ޔުނިފޯމު އަޅައިފައި ހުންނައިރު، ކަންފަތުގެ ފޫޅުގައިލާ ކަންފަތުމުދި ލުމާއި، އަތުގައި އަޅާ ގަޑިއާއި، ކެވެއްޔާއި، ތަނޑިއާއި އަނގޮޓި ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެޅުމަކީ މަނާކަމެކެވެ.
(އ) އަންހެން ފުލުހުން ޔުނިފޯމު އަޅާއިރު، އެ މީހެއްގެ ހަމާ ގުޅޭގޮތަށް އައިބުނުވާނޭހެން މޭކަޕް ކުރެވިދާނެއެވެ. ކަޅުކުލަ ފިޔަވައި އިތުރު ކުލައެއްގެ އައިލައިނަރއާއި، މަސްކަރާއެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަޅުކުލައިގެ ލިޕްސްޓިކް ބޭނުންކޮށްގެން ނުވާނެއެވެ.
(ވ) މޭކަޕްކުރުމުގެ ގޮތުން ހަމުގެ ކުލައާ ނުގުޅޭ ޓޯނެއްގެ ފައުންޑޭށަން ބޭނުންކުރުމަކީ މަނާކަމެކެވެ.
(މ) ބޮލުގެ އިސްތަށިގަނޑުގައި ޖައްސާ ކުލައަކުން، އަތްވަށް ނުކުތުމުން އަރާ ކުލައަކީ ކަޅުކުލަ ކަމުގައި ނުވާނަމަ، އެފަދަ ކުލައެއް ޖައްސައިގެން ނުވާނެއެވެ. ބޮލުގެ އިސްތަށިގަނޑު ހައިލައިޓް ކުރުމަކީ މަނާކަމެކެވެ.
(ފ) ޔުނިފޯމާއެކު އަތުރުކުރީ ގަޑި އެޅުމަކީ ހުއްދަކަމެކެވެ. މި ގޮތުން އަޅާ ގަޑި ވާންވާނީ ޔުނިފޯމުގެ ހައިބަތު ނުގެއްލޭފަދަ ޑީސަންޓް ގަޑިއަކަށެވެ.
(ދ) އަތާއި ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ހުންނަންވާނީ، އަބަދުވެސް ރީތިކޮށް ކަނޑައިފައެވެ. އަދި އަތުގައި ހީނާފަތް އެޅުމާއި، އަތުގައްޔާއި އަތުގެ ނިޔަފަތީގައި އެއްވެސް ކުލައެއް ޖެއްސުމަކީ މަނާކަމެކެވެ.
(ތ) އަންހެން ފުލުހުންނަށް ޔުނިފޯމާއެކު، 1 (އެކެއް) އަނގޮޓި އެޅިދާނެއެވެ. އަނގޮޓި އެޅޭނީ، އެ އަނގޮޓި އަޅައިފައި ހުންނަ އިނގިލި ފިޔަވައި އެހެން އިނގިއްޔަކަށް އެ އަނގޮޓީގައި ހުންނަ އެސް ނުވަތަ ޑިޒައިނެއް ނާރާގޮތަށެވެ. މި ގޮތުން އަޅާ އަނގޮޓީގެ ފުޅާމިން 1 (އެކެއް) ސެންޓިމީޓަރަށްވުރެ ފުޅާވެގެން ނުވާނެއެވެ. ފްރަންޓް ލައިންގެ ޑިއުޓީގައި އުޅޭ ފުލުހުން ސަލާމަތީ ސަބަބުތަކަށް ޓަކައި ޑިއުޓީ ގަޑީގައި އިނގިލީގައި އަނގޮޓި އަޅައިގެން ނުވާނެއެވެ.
19 ވަނަ މާއްދާ - ޔުނިފޯމާއެކު އައިނު އެޅު މާއި ކޮންޓެކްޓް ލެންސްލެއްވުން
(ހ) ޔުނިފޯމަށް ހުތުރުނުވާފަދަ ޑިޒައިނެއްގެ ނަންބަރު އައިނު އެޅުމަކީ ފުލުހުންނަށް ހުއްދަ ކަމެކެވެ.
(ށ) ފޯލިންއެއްގައި ހުންނައިރު ފިޔަވައި، ޔުނިފޯމަށް ހުތުރުނުވާފަދަ ޑިޒައިނެއްގެ އަވިއައިނު އެޅުމަކީ ހުއްދަ ކަމެކެވެ.
(ނ) ފުލުހުންގެ ތެރެއިން އައިނު އަޅާ މީހުން އައިނު ވެއްޓިދާނެތީ ހަރުކުރެވޭނީ ކަޅުކުލައިގެ ވާކޮޅެކެވެ.
(ރ) ނަންބަރު އައިނު އެޅުމުގެ ބަދަލުގައި ކޮންޓެކްޓް ލެންސް ބޭނުންކުރާނަމަ ލައްވަންވާނީ ޓްރާންސްޕޭރެންޓް ލެންސެކެވެ.
(ބ) ޔުނިފޯމުގައި ހުންނައިރު ޔުނިފޯމުގެ ތަންތަނުގައި އަވިއައިނު އެލުވައިފައި ހުރެގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ޔުނިފޯމާއެކު އެހެނިހެން ތަކެތި ބޭނުންކުރުން
(ހ) ޔުނިފޯމުގެ އައިޓަމެއްގެ ގޮތުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި، ޔުނިފޯމާއެކު ބޭނުންކުރެވިދާނެކަމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ޔުނިފޯމާއެކު ބޭނުންކުރުމަކީ މަނާކަމެކެވެ.
(ށ) ޔުނިފޯމުގައި ފުލުހުން މަސައްކަތްކުރާއިރު، ވާރކިންގ ޑްރެސްގެ ވާތު ޖީބުމަތީގައި ކަނޑައިފައިވާ ކެނޑުމުގައި ގަލަމެއް ޖެހިދާނެއެވެ.
(ނ) އަންހެން ފުލުހުންގެ ތެރެއިން އޮޕަރޭށަންތަކުގައި ހަރަކާތްތެރިވާ ފުލުހުން ފިޔަވައި، އެހެން ފުލުހުންނަށް ޔުނިފޯމާއެކު ހޭންޑްބޭގް ބޭނުން ކުރެވިދާނެއެވެ. މި ގޮތުން ބޭނުންކުރެވޭނީ ކަޅުކުލައިގެ ނުވަތަ ގަދަ މުށިކުލައެއްގެ ހޭންޑް ބޭގެކެވެ. މި ނޫން އެހެން ކުލައެއްގެ ހޭންޑް ބޭގް ބޭނުންކޮށްގެން ނުވާނެއެވެ.
(ރ) ވާރކިންގ ޑްރެސްގައި އުޅޭ ފުލުހުން، ރޭޑިޔޯ ސެޓުގެ މައުތު ޕީސް ޔުނިފޯމުގައި ހަރުކުރެވިދާނެއެވެ. އަދި ކަންފަތަށް އިޔަރ ޕީސް ޖަހައިގެން އުޅެވިދާނެއެވެ. ނަމަވެސް އުޅަނދެއް ދުއްވަމުން މިފަދަ މުއާސަލާތީ އާލާ ތް ބޭނުންކުރުމަކީ މަނާކަމެކެވެ.
(ބ) ހާއްސަ ހާލަތެއް ދިމާވެގެން މެނުވީ، ތިމާއަށްވުރެ މަތީ މަގާމެއްގެ މީހަކާ ނުވަތަ އާންމުންނާ މުއާމަލާތު ކުރާނަމަ، އަވި އައިނު ނަގަންވާނެއެވެ. އަދި ބޯމަތީގައި އައިނު ބާއްވައި، ނުވަތަ ކަރުގައި އައިނު އަޅުވައިގެން ނުވާނެއެވެ. ހަމަ އެހެންމެ، ޔުނިފޯމުގެ އެއްވެސް ތަނެއްގައި އައިނު އަޅުވައިގެން ނުވާނެއެވެ.
21 ވަނަ މާއްދާ - ހުއްދަކުރެވިފައިވާ ށަރަފުގެ ނިށާންތައް ބޭނުންކުރުން
ތިރީގައި މި ވަނީ، ފުލުހުންގެ ޔުނިފޯމާއެކު ބޭނުންކުރުމަށް ހުއްދަކުރާ ށަރަފުގެ ނިށާންތަކެވެ.
(ހ) ދިވެހި ގައުމުގެ ނަމުގައި ދެވޭ ށަރަފުގެ ނިށާން؛
(ށ) ދިވެހި ފުލުހުންގެ ހިދުމަތުން ދޭ ށަރަފުގެ ނިށާން؛
(ނ) ރާއްޖެއިން ބޭރުގައި ފުރިހަމަކުރާ ކޯސްތަކާ ގުޅިގެން ލިބޭ ށަރަފުގެ ނިށާން ނުވަތަ ކޮލިފިކޭށަން ބެޖު ފަދަ، ފުލުހުންގެ ޔުނިފޯމުގައި ބޭނުން ކުރުމުގެ ހުއްދަ ލިޔުމަކުން ދީފައިވާ ށަރަފުގެ ނިށާން؛
(ރ) މި ނޫނަސް ފުލުހުންގެ ޔުނިފޯމާއެކު ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަކުރާ ނިށާން ނުވަތަ ބެޖު ފަދަ ތަކެތި ބޭނުންކުރެވޭނެއެވެ.
(ބ) ފުލުހުންގެ މީހަކަށް ށަރަފުގެ ނިށާން ދިންކަން އިއުލާނުކުރާ ދުވަހުން ފެށިގެން އެ މީހަކަށް ލިބިފައިވާ ށަރަފުގެ ނިށާން ނުވަތަ ބެޖު ފަދަ ތަކެތި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޔުނިފޯމާއެކު ބޭނުންކުރަން ފަށަންޖެހޭނެއެވެ. ނަމަވެސް ހާއްސަ ހުއްދައެއް ހޯދައިގެން ބޭނުންކުރަންޖެހޭ އެފަދަ ށަރަފުގެ ނިށާން ބޭނުންކުރަންވާނީ، އެ މީހަކަށް އެ ނިށާނެއް ބޭނުންކުރުމުގެ ހުއްދަ ދިވެހި ފުލުހުންގެ ހިދުމަތުން ދިނުމުންނެވެ.
22 ވަނަ މާއްދާ - ޔުނިފޯމާއެކު މެޑެލި ބޭނުންކުރުން
(ހ) މެޑެލި ބޭނުންކުރަންވާނީ، އެ ކަމަށް ކަނޑައެޅިފައިވާ ޔުނިފޯމަކާއެކު، ކަނޑައެޅި ބަޔާންވެގެންވާ ރަސްމިއްޔާތުތަކުގައެވެ.
(ށ) މެޑެލި ހަރުކޮށްފައި ހުންނަންވާނީ، މެޑެލީގެ ދަށުން މެޑެލީގެ ކުލަ ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުފެންނާނޭހެންނެވެ.
(ނ) މެޑެލިބަރި ޔުނިފޯމުގައި ހަރުކުރަންވާނީ ތިރިޔަށް ވަޑިފަތިވާގޮތަށެވެ. އަދި މެޑެލިބަރި އަތުރައިފައި ހުންނަންވާނީ، އިސްކަންދޭ ތަރުތީބުން އިސްމެޑެލި ގޮށްފައްޗާ އެންމެ ކައިރިއަށް ހުންނަގޮތަށެވެ. މެޑެލިބަރީގެ މަތީ ކައިރިން މެޑެލީގެ އެންމެ ތިރީކައިރިއަށް ހުންނަންވާނީ 9.2 (ނުވައެއް ޕޮއިންޓް ދޭއް) ސެންޓިމީޓަރެވެ.
(ރ) މެޑެލި ހަރުކުރާއިރު ފުރަތަމަ 4 (ހަތަރެއް) މެޑެއްޔާ ހަމައަށް ހަރުކުރަންވާނީ، ކޮންމެ މެޑެއްޔެއްގެ ކުލައާއި، ދެން ޖެހިގެން ހުންނަ މެޑެލީގެ ކުލައާ ޖެހިޖެހިގެން ހުންނަގޮތަށެވެ. 4 (ހަތަރެއް) މެޑެއްޔަށްވުރެ ގިނަވެއްޖެނަމަ، މެޑެލިބަރީގެ އެންމެ ކުރިޔަށް ހުންނަ މެޑެލްތައް ފުށުއަރުވާނީއެވެ. މި ގޮތުން ފުށުއަރުވާނީ ކޮންމެ މެޑެއްޔެއްގެ ދެބައިކުޅަ އެއްބައި ފެންނަ ވަރަށެވެ.
23 ވަނަ މާއްދާ - ށަރަފުގެ ނިށާނުގެ ގޮތުގައި ދޭ ކުލަ، ޔުނިފޯމާއެކު ބޭނުންކުރުން
(ހ) ށަރަފުގެ ނިށާނުގެ ގޮތުގައި ފުލުހުންނަށް ދޭ ކުލައަކީ، އެ ކަމަށް ކަނޑައެޅިފައިވާ ޔުނިފޯމާއެކު ބޭނުންކުރަންޖެހޭނެ އެއްޗެކެވެ.
(ށ) ކުލަ ހަރުކޮށްފައި ހުންނަންވާނީ، އެ ކުލައެއް ހަރުކުރުމަށް ކަނޑައަޅައިފައިވާ ތަރުތީބުންނެވެ. އަދި ކުލަ ހަރުކޮށްފައި ހުންނަންވާނީ، ބަރިއެއްގައި 3) ތިނެއް) ކުލައެވެ.
24 ވަނަ މާއްދާ - ފުލުހުންގެ ޔުނިފޯމުތަކުގައި، މަގާމުގެ ނިށާންތަކާއި ށަ ރަފުގެ ނިށާންތައް ބޭނުންކުރުން
ފުލުހުންގެ ޔުނިފޯމުގައި ބޭނުންކުރާ ރޭންކުތަކުގެ ނިށާންތަކާއި ށަރަފުގެ ނިށާންތައް ބޭނުންކުރަންވާނީ، އެ މީހެއްގެ ރޭންކަށް ކަނޑައެޅިފައިވާ ރޭންކެވެ. އަދި ޔުނީފޯމުގައި ށަރަފުގެ ނިށާން ބޭނުންކުރަންވާނީ އެ މީހަކަށް ލިބިފައިވާ ށަރަފުގެ ނިށާންތަކުގެ ތެރެއިން ޔުނީފޯމުގައި ބޭނުންކުރުމަށް ހުއްދަކޮށްފައިވާ ށަރަފުގެ ނިށާންތައް އެކަންޏެވެ.
25 ވަނަ މާއްދާ - ޔުނިފޯމާއެކު ޕީކްކެޕް ނުވަތަ ހެޑްގިޔަރ އެޅުން
(ހ) ކޮންމެ ފުލުހަކު ޔުނިފޯމު އަޅައިގެން ފުލުހުންގެ މަރުކަޒުތަކުން ބޭރުގައި އުޅޭއިރު އުޅެންޖެހޭނީ، އެ ޔުނިފޯމަކާ ގުޅޭ ނުވަތަ ހުއްދަކޮށްފައިވާ ހެޑްގިޔަރއެއް އަޅައިގެންނެވެ.
(ށ) ވެހިކަލްފަދަ ހަތަރު ފުރޮޅުލީ ދުއްވާ އެއްޗަކަށް އެރުމަށްފަހު ނުވަތަ ހިޔާކޮށްފައިވާ އިމާރާތެއްގެ ތެރެއަށް ވަނުމަށްފަހު ޕީކްކެޕް ނުވަތަ ހެޑްގިޔަރ ނެގުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ރަސްމީ ޑިއުޓީގައި އުޅޭ ވަގުތުތަކުގައި ޕީ ކެޕް ނުވަތަ ހެޑްގިޔަރ ހުންނަންވާނީ އަޅައިފައެވެ.
(ނ) މީހަކު މަރުވެގެން އުޅޭ ތަނަކަށް ނުވަތަ ބަޔަކަށް ހިތާމަވެރި ހާދިސާއެއް މެދުވެރިވެގެން އުޅޭ ތަނަކަށް ފުލުހުން ޔުނިފޯމުގައި ދާން ޖެހިއްޖެ ނަމަ، އެ ތަނަކަށް ދިޔުމަށްފަހު، ހެޑްގިޔަރ ނަގަންޖެހޭނެއެވެ. ހެޑް ގިޔަރ ނެގުމަށްފަހު ޕީ ކެޕް ނަމަ އޮންނަންޖެހޭނީ، އެ ފުލުހެއްގެ ވާތު ކިހިލިފައްޗަށް ޖަހައިފައެވެ. ސަމަރ ކެޕް ނަމަ، ފަޓުލޫނުގެ ވާތްފަރާތު ޖީބުތެރެއަށް ފަތްޖަހައިފައި ލައިފައެވެ.
(ރ) ޔުނިފޯމުގައި އުޅެނިކޮށް ވިއްސާރަވެގެން ވިއްސާރަ ކޯޓެއް ލާން ޖެހިއްޖެނަމަ،ކޯޓު ލުމަށްފަހު، ހެޑްގިޔަރ އަޅައިގެން ނުވާނެއެވެ. ނަމަވެސް ވިއްސާރަ ހުއްޓައިލުމުން ނުވަތަ ވިއްސާރަ ކޯޓު ބޭލުމުން، އެ ޔުނިފޯމަކަށް ކަނޑައަޅައިފައިވާ ހެޑްގިޔަރ އަޅަންޖެހޭނެއެވެ.
(ބ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ހެޑްގިޔަރއާއި، ހެޑްގިޔަރ ރިތުއާއި،ހެޑްގިޔަރ ބެޖުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 10 ގައި އެ ވަނީއެވެ.
26 ވަނަ މާއްދާ - ޔުނިފޯމުގައި ސައި ހޮޓާތަކަށާއި ރެސްޓޯރެންޓްތަކަށް ވަނުން
(ހ) ފުލުހުންގެ ޔުނިފޯމުގައި ރެސްޓޯރެންޓް ފަދަ ތަންތަނުން ކައިބޮއި ހެދުމަކީ ހުއްދަކަމެކެވެ. ނަމަވެސް ރެސްޓޯރަންޓުގައި ކައިބޮއި ހެދުމުގައި އަހުލާގު ބަހައްޓަންވާނީ ފުލުހުންގެ ޔުނިފޯމުގެ ހައިބައިތަށް އުނިކަމެއް ނާންނާނެ ގޮތަށެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފުލުހުންގެ ޔުނިފޯމެއްގައި، ސައި ހޮޓާ ފަދަ ތަންތަނަށް ވަދެ ކައިބޮއި ހެދުމަކީ މަނާކަމެކެވެ. ނަމަވެސް ރަސްމީ މަސައްކަތެއްގައި އެފަދަ ތަނަކަށް ވަދެ، ރަސްމީ މަސައްކަތެއް ކުރުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
27 ވަނަ މާއްދާ - ޔުނިފޯމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން
ޔުނިފޯމުގައި ދުންފަތުގެ އިސްތިއުމާލު ކުރަންވާނީ، ދުންފަތުގެ އިސްތިއުމާލުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ. މި ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ކަނޑައަޅައިފައި ނުވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
28 ވަނަ މާއްދާ - އޮފް ޑިއުޓީގައި ފުލުހުން ހެދުން އެޅުން
ހ) ފުލުހުން އޮފް ޑިއުޓީގައި ހެދުން އަޅަންވާނީ، އިސްލާމްދީނާއި، ދިވެހި ސަގާފަތާއި، އަދާކާދައާއި، މުޖުތަމައު ގަބޫލުކުރާ ހެދުމެކެވެ.
(ށ) ފިރިހެން ފުލުހުން ގައިގެ ތަންތަނުގައި ގަހަނާ އެޅުމާއި، ކަންފަތުމުދި ލެއްވުމަކީ މަނާކަމެކެވެ. އަދި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ މަނާކަމެކެވެ.
29 ވަނަ މާއްދާ - އިހުމާލުން ހަލާކުވެގެންނާއި، ގެއްލޭ ޔުނިފޯމާއި، އެކްސަސަރީތަކާމެދު އަމަލުކުރެވޭނެ ގޮތް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ޔުނިފޯމެއް ނުވަތަ ޔުނިފޯމެއްގެ އައިޓަމެއް، މުވައްޒަފެއްގެ އިހުމާލުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ، އެ އެއްޗަކަށް ކަނޑައެޅިފައިވާ އަގުކަމަށް މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކުރާ މިންވަރު މުވައްޒަފު ދޭންވާނެއެވެ. މި ގޮތުން، ބަދަލުގެ ގޮތުގައި މުވައްޒަފު ދައްކަންޖެހޭ ފައިސާ، މުވައްޒަފުގެ މުސާރައިން އުނިކުރެވިދާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން މުވައްޒަފުގެ މުސާރައިން އުނިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، ފުލުހުންނަށް ޔުނިފޯމު ދޫކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން އެކުލަވައިލަންވާނެއެވެ.
(ނ) ޔުނިފޯމާއި، ޔުނިފޯމު އެކްސަސަރީތަކުގެ އަގު ލިސްޓެއް މުވައްޒަފުންނަށް ފެންނާނޭހެން ށާއިއުކޮށްފައި ހުންނަންވާނެއެވެ.
30 ވަނަ މާއްދާ - ތަމްރީނުތަކުގައި ޔުނިފޯމު ބޭނުންކުރުން
ފުލުހުން ބައިވެރިވާ ތަމްރީނު ޕްރޮގްރާމްތަކުގައި، އެ ތަމްރީނު ޕްރޮގްރާމް ހިންގާ ފަރާތަކުން ތަމްރީނުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ޔުނިފޯމު ބޭނުންކުރެވިދާނެއެވެ.
31 ވަނަ މާއްދާ - މާނަ
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، އިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.
(ށ) "ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން ސާޖަންޓު ރޭންކާ ދެމެދުގައި ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށެވެ.
(ނ) "ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ކޮންސްޓަބަލް ރޭންކުގެ ފުލުހުންނަށެވެ.
32 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
ކިޔުންތެރިންގެ ހިޔާލު