-

ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-02)

 

ބާބު 1

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި، 29 ވަނަ މާއްދާގެ (އ) އާއި، 33 ވަނަ މާއްދާގެ (ހ) އާއި، 44 ވަނަ މާއްދާގެ (ހ) އާއި، 86 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފާނައިގެ މަސްވެރިކަން ރާވައި، ހިންގައި،ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަ ގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަމުގެ ފައިދާ، ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށް ޓަކައި، ފާނަ އިގެ މަސްވެރިކަމާއި،މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި، ފާނައިގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 9 (ނުވައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

 

ބާބު 2

ފާނައިގެ މަސްވެރިކަން މެނޭޖްކުރުމަށް މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން

 

4 ވަނަ މާއްދާ - ކޮމިޓީ އެކުލަވައިލުން

(ހ) ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "ފާނައިގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީ އެކުލަވައިލަންވާނީ، ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީގެ ފިށަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް؛ (މުގައްރިރު)؛
  2. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ތަމްސީލު ކުރާ މަންދޫބެއް؛
  3. ފާނައިގެ މަސްވެރިން ތަމްސީލުކުރާ 3 (ތިނެއް) މަންދޫބުން؛
  4. ފާނަ އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 (ދޭއް) މަންދޫބުން؛
  5. ތިމާވެށްޓާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް؛
  6. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާ މަންދޫބެއް؛
  7. މިނިސްޓްރީ އޮފް ޓޫރިޒަމް ތަމްސީލުކުރާ މަންދޫބެއް؛
  8. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލުކުރާ މަންދޫބެއް؛
  9. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް؛
  10. ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރާ މަންދޫބެއް؛
  11. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާ ގުޅޭ ޖަމްއިއްޔާއެއް ؛
  12. ފާނައިގެ ބާވަތްތަކާއި ފާނައިގެ މަސްވެރިކަން ދިރާސާކުރާ ސައިންސްވެރިއެއް.

(ރ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ށައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލައިފައި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފައި މިނިސްޓްރީން ކުރާ އިއުލާނުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް؛
  2. ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛ 
  3. ށައުގުވެރިކަން ފާޅުކޮށްފައި އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ، މެންބަރުން ހޮވުމުގައި އަމަލުކުރާނެ އުސޫލު.

(ޅ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރަކު ކޮމިޓީން ވަކިވެއްޖެނަމަ،ނުވަތަ މެންބަރުން ވަކިކުރުމަށް މިނިސްޓަރަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން މެންބަރަކު ވަކިކޮށްފިނަމަ، އެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލައިފައި އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ކޮމިޓީގެ ދައުރު

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުންގެ ދައުރުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހެވެ. މި މެންބަރުންނަށް ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުން

ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ، މިނިސްޓްރީގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސެކްށަނުންނެވެ.

 

7 ވަނަ މާއްދާ - ކޮމިޓީގެ ޖަލްސާތައް

(ހ) ކޮމިޓީގެ ޖަލްސާތައް، މަދުވެގެން އަހަރަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަވަސް ހައްލު ބޭނުންވާ ކަންކަމުގައި ހާއްސަ ޖަލްސާތަކަށް މުގައްރިރަށް ގޮވައިލެވިދާނެއެވެ.

(ނ) ކޮމިޓީގެ ޖަލްސާއެއްގެ ކޯރަމަކީ 7 (ހަތެއް) މެންބަރުންނެވެ.

(ރ) ކޮމިޓީން ބޭނުންވެއްޖެ ހިނދެއްގައި، ކަމާ ގުޅޭ މާހިރުންނާއި، ސިނާއަތުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި، ކަމާ ގުޅޭ ސަރަހައްދީ ޖަމާއަތްތަކަށް ނުވަތަ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ޖަލްސާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ ދަށުން އެކުލަވައިލާ "ފާނައިގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި،ޕްލޭން ތަންފީޒުކުރެވޭ ގޮތުގެތަފުސީލު އަހަރަކު އެއްފަހަރު މިނިސްޓަރަށް އެންގުން.

(ށ) ފާނައިގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތާއި އެހެނިހެން މައުލޫމާތު އެކުލެވޭ ރިޕޯޓުތައް މުތާލިއާކުރުން.

(ނ) ފާނައިގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި، ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި، މަށްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ރ) ސަރަހައްދީ ފެންވަރުގައި ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ފާނައިގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ބ) ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކޮށް، މުތާލިއާކޮށް މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.

 

9 ވަނަ މާއްދާ - މެންބަރުން ވަކިކުރުމާއި ވަކިވުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޓީއަށް އައްޔަނުކުރާ މެންބަރަކު ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރާ ނަމަ، ނުވަތަ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގެ ރޫހާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ، ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ، އަދި މިނިސްޓްރީގެ މެންޑޭޓް ތަންފީޒު ކުރުމުގައި މިނިސްޓްރީއަށް ދަތިވާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓާ ނަމަ، އެ މެންބަރަކު ވަކިކުރުމުގެ އިހުތިޔާރު، މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު ކޮމިޓީން ވަކިވުމަށް އެދި މިނިސްޓަރަށް ލިޔުމުން ހުށަހެޅުމުން، ކޮމިޓީގެ މެންބަރުކަމުން އެ ފަރާތެއް ވަކިވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރުކަމުން ވަކިކުރާ ނުވަތަ ވަކިވާ މެންބަރުންގެ ބަދަލުގައި، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށް އައު މެންބަރުން އައްޔަނުކުރާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

ބާބު 3

ލައިސަންސް ދިނުމާ ގުޅޭ އުސޫލުތައް

 

10 ވަނަ މާއްދާ - ލައިސަންސް ނަގަންޖެހޭ ފަރާތްތައް

(ހ) ފާނައިގެ މަސްވެރިކަމުގައްޔާއި ފާނައިގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތަކުން އެކަން ކުރަންވާނީ، އެ ކަމަށް ޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށްފަހުގައެވެ.

  1. ވިޔަފާރީގެ ބޭނުމަށް ފާނައިގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
  2. ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓު ކުރުމަށް ފާނަ ޕްރޮސެސް ކުރުމުގައްޔާއި ތައްޔާރުކުރުމުގައިހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި އުޅަނދުފަހަރާއި ތަންތަން؛
  3. އެކްސްޕޯޓުކުރާ ފަރާތްތަކަށާއި ރިސޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފާނައިގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަކުންފުނިތައް ނުވަތަ ކަލެކްޓަރ އުޅަނދުތައް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފާނައިގެ މަސްވެރިކަން ފިޔަވައި އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރަންވާނީ، އެ މަސްވެރިކަމަކަށް ހާއްސަ ލައިސަންސެއް ނަގައިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުން ފާނައިގެ މަސްވެރިކަމުގައި ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ އެހެނިހެން ކަނޑުގެ ދިރުންތައް، އިތުރު ލައިސަންސަކާ ނުލައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިއްކިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރުދުވަހެއްގެ ތެރޭގައި ބާނާ މަހުގެ ޖުމުލަ ބަރުދަނުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑު ބައެއް،އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ ބާވަތަކަށް ހާއްސަ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސް ނަގަންޖެހޭ ފަރާތްތަކުން ޕްރޮސެސްކުރުމުގެ ހަރަކާތް ހިންގާ ކޮންމެ ސައިޓަކަށް ނުވަތަ ފެސިލިޓީއަކަށް ވަކި ލައިސަންސެއް ނަގަންވާނެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓު ކުރުމަށް ފާނަ ޕްރޮސެސްކުރުމުގައްޔާއި ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ކޮންމެ އުޅަނދަކަށް ވެސް ވަކި ލައިސަންސެއް ނަގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން ނުވަތަ ތަންތަނުން މި ގަވާއިދުގެ ދަށުން ލައިސަންސެއް ނަގާކަށް ނުޖެހޭނެއެވެ.

  1. ދުވާލަކު އެ ތަނެއްގައި ޕްރޮސެސްކުރެވޭ ފާނައިގެ މިންވަރު (ޑެއިލީ ޕްރޮސެސިންގ ކެޕޭސިޓީ) ނުވަތަ ދުވާލަކު އެ ތަނަކަށް ގަނެވޭ ފާނައިގެ މިންވަރު 50 (ފަންސާސް) ކިލޯއަށްވުރެ ކުޑަ ތަންތަން؛
  2. ހޮޓާ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް.

(ކ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސް ޕްރޮސެސްކުރުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމުލަ ބަރު ދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ،އެ މަސްވެރިކަމަކަށް ހާއްސަ ޕްރޮސެސްކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފާނައިގެ މަސްވެރިކަމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމުލަ ބަރުދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ ބާވަތުގެ މަސްވެރިކަމަކަށް ހާއްސަ މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސަކަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސްބާތިލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް އައުކޮށްދިނުމުގައި، ފާއިތުވެދިޔަ ލައިސަންސްގެ މުއްދަތުގައި ލައިސަންސްގެ ށަރުތުތައް އެ ފަރާތުން ފުރިހަމަކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ލައިސަންސަށް އެދުމުގެ ކުރިން ފުރިހަމަވެފައިވާކަން ޔަގީން ކުރަންޖެހޭ ކަންތައްތައް 

(ހ) ފާނައިގެ މަސްވެރިކަން ކުރުމުގެ ލައިސަންސަކަށް އެދި ހުށަހަޅާއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އުޅަނދަށް ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސައްހަ ސެޓުފިކެޓެއް އޮތްކަން، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ޔަގީންކުރަންވާނެއެވެ.

(ށ) ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސަކަށް އެދި ހުށަހަޅާއިރު، ޕްރޮސެސްކުރާ ތަނަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސައްހަ ސެޓުފިކެޓެއް އޮތްކަން، ހުށަހަޅާ ފަރާތުން ޔަގީން ކުރަންވާނެއެވެ.

(ނ) ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން، ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

(ރ) ފާނައިގެ މަސްވެރިކަމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމަށް ލައިސަންސަށް އެދިފައިވާ ފަރާތަކީ ދިވެހި ރައްޔިތެއްކަން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްކަން، ލައިސަންސްދޫކުރުމުގެ ކުރިން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތްތަކުން، ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ އާންމު ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތާއި ފީ

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް ދޫކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ނެގުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަތުން ލައިސަންސް ފީ ނަގަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ފަހުންނެވެ.

 

 

ބާބު 4

ފާނަ ބޭނޭނެ އަދި އެކްސްޕޯޓުކުރެވޭނެ ސައިޒް ލިމިޓްތައް

 

15 ވަނަ މާއްދާ - ސައިޒް ލިމިޓްތައް

(ހ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ފާނަ، އެ ބާވަތަކަށް ކަނޑައަޅައިފައިވާ ސައިޒް ލިމިޓަކާ ހިލާފަށް ހިފުމާއި،ބޭނުމާއި، ބާނައިފައިވާ ފާނަ އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއި، ރައްކައުކުރުމާއި، ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިޔުމާއި (ޓްރާންށިޕްކުރުން)، ލޭންޑިންގ ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުމާއި، މާލީ މަންފާއެއް ނުވަތަ އިގްތިސާދީ މަންފާއެއް ހޯދުމަށް މުއާމަލާތުކުރުމާއި، ވިޔަފާރިކުރުމާއި، ޕްރޮސެސްކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުމާއި، އެކްސްޕޯޓުކުރުމާއި، އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. ފާނައިގެ ދިގުމިން ބަލާނެ ގޮތް، މި ގަވާއިދުގެ ޖަދުވަލު 4 ގައި ދައްކައިދީފައި އެވަނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެޖަދުވަލު 3 ގައި ހިމަނައިފައިވާ ސައިޒް ލިމިޓަކާ ހިލާފަށް ފާނައިގެ ބާވަތެއް އަމާޒުނުކޮށް ހިފިއްޖެނަމަ، އެންމެ ގެއްލުން ކުޑަވާ ގޮތެއްގެ މަތީން ލަސްނުކޮށް ދޫކޮށްލަން ވާނެއެވެ. އަދި އެފަދައިން އަމަލުކޮށްފައިވާނަމަ، އެ ފަރާތެއް، މި މާއްދާގެ (ހ) އާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ހިންގާ ނުވަތަ މިނިސްޓްރީއާ ގުޅިގެން ހިންގާ އެކުއަކަލްޗަރގެ މަށްރޫއުތަކުގައްޔާއި މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއްގެ ދަށުން ފާނަ އާލާކުރުމަށް ހިންގާ އެކުއަކަލްޗަރ ފެސިލިޓީތަކުގައި އާލާކޮށްފައިވާ ފާނައާއި، ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި، ފާނަ އިގެ ހަޔަވިއްޔާތާ ގުޅުންހުރި އެހެނިހެން މައުލޫމާތު އެއްކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރާ ދިރާސާތަކާއި، ގަވާއިދު ނަންބަރު 2020-100 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ހުއްދައެއް ލިބިގެން ކުރާ ދިރާސާތަކުގެ ބޭނުމަށް ނަގާ ފާނައާއި ގެންގުޅޭ ފާނަ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓްތަކުން އިސްތިސްނާވާނެއެވެ.

 

 

ބާބު 5

ހިމާޔަތްކޮށްފައިވާ ފާނަ، ބިސް ދޫކުރުމަށް ޖަމާވާ ސަރަހައްދުތައް

 

16 ވަނަ މާއްދާ - ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް

(ހ) ފާނަ، ބިސް ދޫކުރުމަށް ޖަމާވާ އަންނަނިވި ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެކެވެ.

  1. އަލިގައު ކަނޑުއޮޅި – ޅ. އަތޮޅު؛
  2. ދިއްފުށި ކަނޑުއޮޅި – ކ. އަތޮޅު ؛ 
  3. ބޯމަސް ކަނޑު – ވ. އަތޮޅު؛
  4. ބޮޑު ކަނޑުއޮޅިއާއި ކުޑަ ކަނޑުއޮޅި – މ. އަތޮޅު؛ 
  5. ކުޑަހުވަދޫ ކަނޑުއޮޅި – ދ. އަތޮޅު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ އިންތައް ހިމެނޭ ތާވަލުތައް، މި ގަވާއިދުގެ ޖަދުވަލު 5 ގައި އެވަނީއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި، ހުރިހާ ވަގުތެއްގައި ވެސް، އަންނަނިވި ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

  1. ވަދާދުއްވުން ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން؛
  2. ނަގިލި ލުން؛
  3. ވެއްޔާއި، މުރަކައާއި، އަކިރި ނެގުން؛
  4. އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރުފުކުރުން؛
  5. މަހަށް ކާން ދިނުން؛
  6. އެކުއަކަލްޗަރ ކުރުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ފާނަ ބިސް ދޫކުރުމަށް ޖަމާވާ މުއްދަތުގައި (ކޮންމެ ހަނދުމަހެއްގެ 23 ވަނަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް) އަންނަނިވި ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

  1. ޑައިވް ކުރުމާއި ސްނޯކްލް ކުރުން ؛
  2. އިންޖީނުލީ އުޅަނދުފަހަރު ބޭނުންކުރާއި މޫދު ކުޅިވަރުތައް؛
  3. މަސް ތިލަކުރުމަށް ދިއްލުން.

(ބ) މި މައްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު އެއްކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރާ ދިރާސާތަކާއި، ގަވާއިދު ނަންބަރު 2020-100 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ހުއްދައެއް ލިބިގެން ކުރާ ދިރާސާތަކުގެ ބޭނުމަށް ހިންގާ ހަރަކާތްތައް، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން އިސްތިސްނާވާނެއެވެ.

 

 

ބާބު 6

ފާނަ އިގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ އެހެނިހެން ފިޔަވަޅުތައް

 

17 ވަނަ މާއްދާ - ފާނައިގެ މަސްވެރިކަމުގައި ހިންގުން މަނާ ހަރަކާތްތަކާއި ބޭނުންކުރުން މަނާ އާލާތް

ފާނައިގެ މަސްވެރިކަން ކުރުމުގައި، މަސްވެރިކަމުގެ އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާ ކަމެކެވެ.

(ހ) ވައިފުޅި ނުވަތަ ނޭވާލުމަށް ޓަކައި ޕްރެށަރައިޒްކޮށްފައި ހުންނަ ވައި ބޭނުންކޮށްގެން ފެނުގެ އަޑީގައި އުޅުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ބޭނުންކޮށްގެން ފާނަ ބޭނުން ނުވަތަ ނެގުން.

(ށ) ދިއްލައިގެން ބުޅިގަނޑު އަޅުވައިގެން ނުވަތަ ދަގަނޑު ޖަހައިގެން ފާނަ ބޭނުން ނުވަތަ ނެގުން.

 

18 ވަނަ މާއްދާ - ޕްރޮސެސްކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން ޕްރޮސެސް ކުރުމުގައި އަމަލުކުރަންވާނީ،މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ގާއިމުކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

19 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ފާނައާއި ފާނައިގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަންނަންވާނީ ސައްހަ ލައިސަންސެއް ލިބިފައިވާ އުޅަނދުތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ ފާނައިގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ އެކުއަކަލްޗަރ ފެސިލިޓީތަކުންނެވެ.

(ށ) އެކްސްޕޯޓު ކުރުމަށް ތައްޔާރުކުރާ ފާނައާއި ފާނައިގެ އުފެއްދުންތައް ބަންދުކުރަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ދިރޭ ފާނަ ފިޔަވައި އެކްސްޕޯޓު ކުރުމަށް ތައްޔާރުކުރާ ފާނަ ބަންދުކުރަންވާނީ،ބާވަތްތައް ވަކިވަކިންނެވެ.

(ރ) އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ ފާނައާއި ފާނައިގެ އުފެއްދުންތައް ބަންދުކުރާ ޕެކޭޖްތަކުގައި، ފާނައިގެ ބާވަތާއި، އަދަދާއި، ބަރުދަނާއި އެވަރެޖް ސައިޒާއި، އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެނގޭނޭހެން ލޭބަލް ކުރަންވާނެއެވެ.

(ބ) އެކްސްޕޯޓުކުރާ ފާނައާއި ފާނައިގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް،ބުނެވިދިޔަ މައުލޫމާތު ހިމެނޭ ޕެކިންގ ލިސްޓެއް، އެކްސްޕޯޓަރުން ތައްޔާރުކުރަން ވާނެއެވެ. އަދި ތަންފީޒީ އޮފިސަރެއް ނުވަތަ ފިށަރީޒް ރޭންޖަރެއް އެދިއްޖެ ހާލަތުގައި ޕެކިންގ ލިސްޓު ދައްކަންވާނެއެވެ.

(ޅ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓްތަކާ ހިލާފަށް ބާނައިފައިވާ ފާނައިގެ އެއްވެސް ބާވަތެއް އެކްސްޕޯޓުކޮށްގެން ނުވާނެއެވެ.

(ކ) ދިރޭ ފާނަ އިމްޕޯޓުކުރާ ގައުމުން ކަރަންޓީނު ކުރުން ލާޒިމުކުރާނަމަ، އެކްސްޕޯޓް ކުރުމުގެ ކުރިން މިނިސްޓްރީގެ ކަރަންޓީނު ފެސިލިޓީގައި އެ އުފެއްދުމެއް ކަރަންޓީނު ކުރުމުގެ ކަންކަންހަމަޖެއްސުމުގެ ޒިންމާ އުފުލަންޖެހޭނީ އެކްސްޕޯޓްކުރާ ފަރާތުންނެވެ. އަދި އެކަމަށް ހިނގާ އެންމެހައިހަރަދަކަށް ޒިންމާވާނީ ވެސް އެ ފަރާތުންނެވެ.

(އ) "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތަށް، މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސްކުރާ ފަރާތްތަކުން އެއްކުރާ، މަސްވެރިކަމުގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތުގެ ސިއްރުކަން،ފާނައާއި ފާނައިގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު، މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާ، މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާ ކުރުމަކީ ކުށެކެވެ.

 

20 ވަނަ މާއްދާ - ކެޗް ސެޓުފިކެޓު

(ހ) އެކްސްޕޯޓުކުރާ ފާނައާއި ފާނައިގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" މެދުވެރިކޮށް، ކެޗް ސެޓުފިކެޓެއް ހޯދަންވާނެއެވެ.

(ށ) ކެޗް ސެޓުފިކެޓަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންމެ ކެޗް ސެޓުފިކެޓަކަށް 20 (ވިހި) ރުފިޔާގެ އިދާރީ ފީއެއް މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

21 ވަނަ މާއްދާ - މިނިސްޓްރީއަށް މައުލޫމާތު ފޮނުވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުން، މަސްރިޕޯޓު ނުވަތަ ލޮގްފޮތުގެ މައުލޫމާތު، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ފާނައާއި ފާނައިގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

 

ބާބު 7

ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން

 

22 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުމާއި، ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި، މި ގަވާއިދުގައިވާ ލައިސަންސްގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 6 އާއި ޖަދުވަލު 7 ގައިވާ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން، މި ގަވާއިދުގެ ޖަދުވަލު 6 ގެ 7 ވަނަ ނަންބަރާއި 14 ވަނަ ނަންބަރުގައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ.

(ބ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ތިންވަނަ ފަހަރަށް ކޮށްފިނަމަ، އެ ފަރާތަށްދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ. އަދި އައު ލައިސަންސަކަށް އެދި އެ ފަރާތަކަށް ހުށަހެޅޭނީ، ލައިސަންސް ބާތިލުކުރި ތާރީހުގެ 3 (ތިނެއް) މަސްދުވަހުގެ ފަހުންނެވެ.

 

 

ބާބު 8

މާނަކުރުން

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ހިމެނިފައިވާ ލަފުޒަކުން ނުވަތަ އިބާރާތަކުން ކަނޑައެޅިގެން އެހެން ގޮތަކަށް މާނަ ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.

(ނ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން،މަސްވެރިކަން ރާވައި ހިންގައި ބަލަހައްޓައި ތަރައްގީކުރުމާ ގުޅޭ ޕްލޭނަށެވެ.

(ރ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ،ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ބ) "ވިޔަފާރި ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެ ގޮތުން މަސްވެރިކަން ކުރުމަށެވެ.

(ޅ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒު ކުރުމަށް ޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ އޮފިސަރަކަށެވެ.

(ކ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.

(އ) "މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
  3. އެކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުން.

(ވ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

(މ) "ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކުރުމަށް މިނިސްޓްރީން ކަނޑައަޅައި ފޯރުކޮށްދޭ ވަސީލަތަށެވެ.

(ފ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ދ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައްޔާއި، މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައިކުށެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.

(ތ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.

(ލ) "ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް،ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ނުވަތަ 
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް،ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެން ގޮތަކަށްދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށް ޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.

(ގ) "މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ ފަރާތް" ކަމަށް ބުނެފައި އެވަނީމަސްބޭނުމުގައި ހަރަކާތްތެރިނުވާ، އެހެންނަމަވެސް އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ރިޒޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފާނައިގެ ބާވަތްތައް ވިއްކާ ފަރާތްތަކަށެވެ.

(ޏ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.

(ސ) "ތިމާވެށްޓާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޑ) "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޒ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒު ކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ޓ) "ފާނަ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދު ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.

(ޔ) "ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑް ކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައި ނުވާ ނުވަތަ ލޭންޑްކޮށްފައި ނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހާ އުޅަނދުފަހަރަށެވެ.

 

 

 ޖަދުވަލު 1

ލައިސަންސްގެ އާންމު ށަރުތުތައް

1 ވަނަ މާއްދާ

ފާނައިގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ދޫކުރާ މަސްވެރިކަން ކުރުމުގެ ލައިސަންސްގެ އާންމު ށަރުތުތައް ތިރީގައި މިވަނީއެވެ.

 

(ހ) އުޅަނދުގައި ލައިސަންސް ބޭއްވުން

ލައިސަންސް ލިބިފައިވާ ފަރާތުން ހުރިހާ ވަގުތެއްގައި ވެސް ލައިސަންސް ނުވަތަ ލައިސަންސްގެ އަސްލާ އެއްގޮތް ކޮޕީއެއް އުޅަނދުގައި ބާއްވަންވާނެއެވެ.

 

(ށ) މަސްވެރިކަން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

  1. ހުރިހާ އުޅަނދެއް ވެސް ހަރަކާތްތެރިވާންވާނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައެވެ.
  2. ފާނައިގެ މަސްވެރިކަން ކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ހިމާޔަތްކޮށްފައިވާ ނުވަތަ ނެގުން، ނުވަތަ ބޭނުން ނުވަތަ މެރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ހިފިއްޖެ ނަމަ، އެ ބާވަތަކަށް އެންމެ ގެއްލުން ކުޑަވާނޭ ގޮތެއްގެ މަތީން ލަސްނުކޮށް ދޫކޮށްލަން ވާނެއެވެ.
  3. ފާނައިގެ މަސްވެރިކަމުގައި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން މަސްވެރިކަން ކުރުމުގައި މަނާކޮށްފައިވާ އެއްވެސް އާލާތެއް ބޭނުންކޮށްގެން ނުވާނެއެވެ.
  4. މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރުދުވަހެއްގެ ތެރޭގައި ބާނާ މަހުގެ ޖުމުލަ ބަރުދަނުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ ބާވަތަކަށް ހާއްސަ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.
  5. އަންނަނިވި ސަރަހައްދުތަކުގައި ފާނައިގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.
    1. މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭގޮތުން، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދެއްގެ ދަށުން ހިމާޔަތްކޮށްފައިވާ އެންމެހައި ސަރަހައްދުތައް.
    2. ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އެ ސަރަހައްދަކުން މަސްވެރިކަން ކުރުން މަނާކޮށްފައިވާ ސަރަހައްދުތައް.
    3. ދިރާސާކުރުމުގެ ގޮތުން ނުވަތަ ކަނޑުގެ މާހައުލާ ގުޅޭ މައުލޫމާތު ނެގުމަށް ކަނޑަށް ދޫކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ ޑޭޓާ ބޮއެއްގެ 1 (އެކެއް) ނޯޓިކަލް މޭލު ވަށައިގެންވާ ސަރަހައްދު.

 

(ނ) މަސް ރިޕޯޓް ފޮނުވުން

  1. މަސްވެރިކަމުގެ އުޅަނދުގައި ހުރިހާ ވަގުތެއްގައި ވެސް ލޮގުފޮތެއް އޮތްކަން، އުޅަނދުގެ ކެޔޮޅު ޔަގީންކުރަން ވާނެއެވެ.
  2. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން މަސްރިޕޯޓު މިނިސްޓްރީއަށް ފޮނުވަމުން ގެންދާކަން، އުޅަނދުގެ ކެޔޮޅު ޔަގީންކުރަން ވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ ތެދު، ފުރިހަމަ އަދި ސައްހަ މައުލޫމާތު ކަމުގައި ވާންވާނެއެވެ. އަދި މައުލޫމާތު ފޯރުކޮށް ނުދިނުމަކީ، ނުވަތަ ސައްހަ ނޫން ނުވަތަ ދޮގު މައުލޫމާތު ފޯރުކޮށްދިނުމަކީ ކުށެކެވެ.

 

(ރ) ތަންފީޛީ އޮފިސަރުންނަށާއި، ފިށަރީޒް ރޭންޖަރުންނަށާއި، ފިށަރީޒް އޮބްޒަރވަރުންނަށް އެއްބާރުލުން ދިނުން 

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން، އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަންފީޛީ އޮފިސަރުންނާއި ފިށަރީޒް ރޭންޖަރުންނާއި ފިށަރީޒް އޮބްޒާވަރުން ނަށާއި ހުއްދަ ދެވިފައިވާ އެނޫން ފަރާތްތަކުން ވެސް ކުރާ ކަންކަމުގައި ލައިސަންސްގެ ވެރިފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

(ބ) މަނާ ހަރަކާތްތައް

ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް، އުޅަނދުގެ ކެޔޮޅު ހިންގައިގެން ނުވާނެއެވެ. އަދި އެފަދަ ހަރަކާތެއް އުޅަނދުގެ ފަޅުވެރިން ހިންގިޔަދީގެން ވެސް ނުވާނެއެވެ.

  1. ވައިފުޅި ނުވަތަ ނޭވާލުމަށް ޓަކައި ޕްރެށަރައިޒްކޮށްފައި ހުންނަ ވައި ބޭނުންކޮށްގެން ފެނުގެ އަޑީގައި 
    އުޅުމަށް ބޭނުންކުރާ އެފަދަ އެއްވެސް އާލާތެއް ބޭނުންކޮށްގެން ނުވަތަ ދަގަނޑު ޖަހައިގެން ނުވަތަ 
    ދިއްލައިގެން ބުޅިގަނޑު އަޅުވައިގެން ފާނަ ބޭނުން ނުވަތަ ނެގުން.
  2. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ސައިޒް ލިމިޓްތަކާ ހިލާފަށް ފާނައިގެ އެއްވެސް ބާވަތެއް ހިފުން، ނުވަތަ ބޭނުން، ނުވަތަ އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުން (ޓްރާންށިޕް ކުރުން)، ނުވަތަ ލޭންޑިންގ ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުން.
  3. މަސް މަރާ ބަޑި ބޭނުންކުރުން.
  4. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން ނުވަތަ މެރުން މަނާކޮށްފައިވާ އެއްވެސް ބާވަތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުން.
  5. ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މެނޭޖްމަންޓް ޕްލޭންތަކާއި ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން ނުވަތަ މެރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ އެފަދަ ބާވަތެއްގެ ބައެއް އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުން، ނުވަތަ ރައްކައުކުރުން، ނުވަތަ ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުން (ޓްރާންށިޕްކުރުން)، ނުވަތަ ލޭންޑިންގ ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުން.
  6. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެ ތަނަކުން މަސްވެރިކަން ކުރުން މަނާކޮށް، ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުން.
  7. ސައްހަ ލައިސަންސެއް ނެތި، އެހެން ގަވާއިދަކުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުން.
  8. ފާނައިގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ބިދޭސީން ގެންގުޅުން ނުވަތަ ބިދޭސީން ބައިވެރިކުރުވުން.
  9. އުޅަނދުގައި އުފެދޭ ކުނި ނައްތައިލުމުގައި، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު) އާ ހިލާފްވުން.
  10. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފަށް އަމަލުކުރުން.

 

2 ވަނަ މާއްދާ -

ފާނަ ޕްރޮސެސްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސްގެ އާންމު ށަރުތުތައް ތިރީގައި މި ވަނީއެވެ. ފާނަ ޕްރޮސެސްކުރާ އުޅަނދުތަކާއި، އެއްގަމުގައިވާ ޕްރޮސެސްކުރާ ފެސިލިޓީތަކާއި، ޕްރޮސެސްކުރާ ކޮށިތަކާއި، ޕްރޮސެސްކުރާ ނުވަތަ އެކްސްޕޯޓުކުރާ ފަރާތްތަކުން އޮޕަރޭޓްކުރާ ކަލެކްޓަރ އުޅަނދުތައް ވެސް މި ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

(ހ) މަސް ގަތުން

މި ލައިސަންސްގެ ދަށުން މަސް ގަންނަންވާނީ، މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް ލިބިފައިވާއުޅަނދުތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ ފާނައިގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާފަރާތްތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ އެކުއަކަލްޗަރ ފެސިލިޓީތަކުންނެވެ.

 

(ށ) ޕްރޮސެސް ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

  1. ޕްރޮސެސް ކުރުމުގައި އަމަލުކުރަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ގާއިމްކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  2. ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން، އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމުލަ ބަރުދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ ބާވަތަކަށް ހާއްސަ ޕްރޮސެސްކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.
  3. ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް، އެކުއަކަލްޗަރ ކޮށްފައިވާ ފާނަގަންނަނަމަ، އެ ބާވަތްތައް ވަކިން ރައްކައުކޮށް ޕްރޮސެސްކުރެވޭނެ އިންތިޒާމް އެ ފެސިލިޓީއެއްގައިހަމަޖައްސަންވާނެއެވެ.

 

(ނ) މައުލޫމާތު ފޮނުވުން

  1. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން، ލައިސަންސް ލިބިފައިވާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާރޗޭސް ރިޕޯޓު) މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.
  2. ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް، އެކުއަކަލްޗަރ ކޮށްފައިވާ ފާނަ ގަންނަނަމަ، ގަންނަ މަހުގެ މައުލޫމާތު ވަކިން ބަލަހައްޓައި، "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮ ށްފައިވާ ގޮތުގެ މަތީން ރިޕޯޓު ކުރަންވާނެއެވެ.
  3. ޕާޗޭސް ރިޕޯޓުތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ، ތެދު، ފުރިހަމަ އަދި ސައްހަ މައުލޫމާތު ކަމުގައި ވާންވާނެއެވެ.
    - ލައިސަންސް ލިބިފައިވާ، މަސް ވިއްކި ފަރާތުގެ ތަފުސީލު؛
    - މަސް ބޭނި އުޅަނދު؛
    - މަސް ގަނެފައިވާ ތާރީހު؛
    - ގަނެފައިވާ މަހުގެ ބާވަތްތަކާއި، އެ ބާވަތްތަކުގެ އަދަދާއި، ޖުމުލަ ބަރުދަނުގެ ތަފުސީލު.
  4. ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތް، މިނިސްޓްރީގެ ބޭނުމަށް ޓަކައި މަސްވެރީންގެ ފަރާތުން އެއްކުރާ، މަސްވެރިކަމާ ގުޅޭ މަތީގައިވާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ ކުށެކެވެ.

 

(ރ) ސައިޒް ލިމިޓްތައް

ކަނޑައަޅައިފައިވާ ސައިޒް ލިމިޓްތަކާ ހިލާފަށް، ފާނައިގެ އެއްވެސް ބާވަތެއް، ލައިސަސްންސް ލިބިފައިވާ އުޅަނދަކުން ނުވަތަ ލައިސަންސް ލިބިފައިވާ ފާނައިގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތަކުން ގަނެގެން ނުވާނެއެވެ. އަދި މިގޮތުން ގަނެފައިވާ ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއްގައި ރައްކައުކޮށް ޕްރޮސެސްކޮށްގެން ނުވާނެއެވެ.

 

(ބ) ތަންފީޛީ އޮފިސަރުންނަށާއި، ފިށަރީޒް ރޭންޖަރުންނަށާއި، ފިށަރީޒް އޮބްޒަރވަރުންނަށް އެއްބާރުލުން ދިނުން

ގާނޫނު ނަންބަރު 2019-14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން، އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަންފީޛީ އޮފިސަރުންނާއި، ފިށަރީޒް ރޭންޖަރުންނާއި، ފިށަރީޒް އޮބްޒާރުވަރުންނާއި،މިނިސްޓްރީން ހުއްދަ ދީފައިވާ އެނޫން އެހެން ފަރާތްތަކުން ކުރާ ކަންކަމުގައި، ލައިސަންސްގެ ވެރިފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

(ޅ) މަނާ ހަރަކާތްތައް

  1. ގާނޫނު ނަންބަރު 2019-14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައި ފައިވާ އެއްވެސް އުފެއްދުމެއްގެ ވިޔަފާރި ކުރުން، ނުވަތަ ރައްކައުކުރުން ނުވަތަ ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުން.
  2. މަސްގަތުމުގައްޔާއި، މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމުގައި މަސްވެރި އުޅަނދުތަކާމެދު ތަފާތުކޮށް، އެއް ހަމައެއް ނުގެންގުޅުން.
  3. ޕްރޮސެސްކުރާ ތަންތަނުގައި އުފެދޭ ކުނި ނައްތައިލުމުގައި، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު) އާ ހިލާފުވުން.
  4. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފަށް އަމަލުކުރުން.

 

3 ވަނަ މާއްދާ -

ފާނައިގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތަކަށް ދޫކުރާ ލައިސަންސްގެ އާންމު ށަރުތުތައް ތިރީގައި މިވަނީއެވެ.

 

(ހ) ލައިސަންސް ނެގުން

މެދުވެރިއެއްގެ ގޮތުން ފާނަ ވިއްކުމުގެ ލައިސަންސްގެ ދަށުން އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމުލަ ބަރުދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް އެހެން ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ ބާވަތުގެ މަސްވެރިކަމަކަށް ހާއްސަ މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

 

(ށ) މަސް ގަތުން 

މި ލައިސަންސްގެ ދަށުން މަސް ގަންނަންވާނީ، މަސްވެރިކަން ކުރުމުގެ ސައްހަ ލައިސަންސެއް ލިބިފައިވާއުޅަނދުތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ އެކުއަކަލްޗަރ ފެސިލިޓީތަކުންނެވެ.

 

(ނ) މައުލޫމާތު ފޮނުވުން

  1. މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން، ލައިސަންސް ލިބިފައިވާ ފަރާތްތަކުން މިނިސްޓްރީއަށް މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާރޗޭސް ރިޕޯޓު) ހުށަހަޅަންވާނެއެވެ.
  2. ޕާޗޭސް ރިޕޯޓުތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއި، "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކީ، ތެދު، ފުރިހަމަ އަދި ސައްހަ މައުލޫމާތު ކަމުގައި ވާންވާނެއެވެ.
    މަސް ބޭނި އުޅަނދު؛
    މަސް ގަނެފައިވާ ތާރީހު؛ 
    • ގަނެފައިވާ ބާވަތްތަކާއި، އެ ބާވަތްތަކުގެ އަދަދާއި، ޖުމުލަ ބަރުދަނުގެ ތަފުސީލު.
  3. ފާނައިގެ މަސްވެރިކަމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމަށް ލައިސަންސް ލިބިފައިވާ ފަރާތް، 
    މިނިސްޓްރީގެ ބޭނުމަށް މަސްވެރިންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ ކުށެކެވެ.

 

(ރ) ސައިޒް ލިމިޓްތައް

ކަނޑައަޅައިފައިވާ ސައިޒް ލިމިޓްތަކާ ހިލާފަށް ފާނައިގެ އެއްވެސް ބާވަތެއް، ލައިސަސްންސް ލިބިފައިވާ އުޅަނދަކުން ގަނެގެން ނުވާނެއެވެ. އަދި މިގޮތުން ގަނެފައިވާ ފާނަ، މަސްވެރިކަމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމަށް ލައިސަންސް ލިބިފައިވާ ފެސިލިޓީއެއްގައި ނުވަތަ ކަލެކްޓަރ އުޅަނދެއްގައި ރައްކައުކޮށްގެން ނުވާނެއެވެ.

 

(ބ) ތަންފީޛީ އޮފިސަރުންނަށާއި، ފިށަރީޒް ރޭންޖަރުންނަށާއި، ފިށަރީޒް އޮބްޒަރވަރުންނަށް އެއްބާރުލުން ދިނުން

ގާނޫނު ނަންބަރު 2019-14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-75 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާ ގުޅިގެން، އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަންފީޛީ އޮފިސަރުންނާއި ފިށަރީޒް ރޭންޖަރުންނާއި ފިށަރީޒް އޮބްޒާރުވަރުންނާއި ހުއްދަ ދެވިފައިވާ އެހެނިހެން ފަރާތްތަކުން ކުރާ ކަންކަމުގައި ލައިސަންސްގެ ވެރިފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

(ޅ) މަނާ ހަރަކާތްތައް

  1. ގާނޫނު ނަންބަރު 2019-14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ނުވަތަ ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައިފައިވާ އެއްވެސް އުފެއްދުމެއްގެ ވިޔަފާރި ކުރުން ނުވަތަ ރައްކައުކުރުން.
  2. މަސް ގަތުމުގައި، މަސްވެރި އުޅަނދުތަކާމެދު ތަފާތުކޮށް، އެއް ހަމައެއް ނުގެންގުޅުން.
  3. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފަށް އަމަލުކުރުން.

 

 

މި ގަވާއިދުގެ ބާކީ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި



މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު