-

ބަލިތައް ރިޕޯޓުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-164)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި، ރިޕޯޓުކުރާނެ ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބަލިތައް ރިޕޯޓުކުރުމާބެހޭ ގަވާއިދު" އެވެ.

 

21 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި، ރިޕޯޓުކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމެވެ. 

 

3 ވަނަ މައްދާ - ބަލިތައް މާނަކުރުމާއި ދެނެގަތުން

(ހ) އާންމު ސިއްޙަތު ރައްކައުތެރިކުރުމަށާއި ނުރައްކުތެރި ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަރ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މައުލޫމާތު ހިމެނޭކޭސް ޑެފިނިށަން ބުކްލެޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް)ދުވަހުގެ ތެރޭގައި އެކުލަވައިލައި، ހެލްތް ޕްރޮޓެކްށަން އޭޖެންސީން އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބުކްލެޓުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ނުރައްކައުތެރި ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތައް؛
  2. އިންޓަރނޭށަނަލް ހެލްތް ރެގިއުލޭށަންގެ ދަށުން ރިޕޯޓު ކުރަން ޖެހޭނެކަމަށް ކަނޑައަޅައިފައިވާ ބަލިތައް؛
  3. އަލަށް ތައާރުފުވާ ބަލިތައް؛
  4. އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓު ކުރަންޖެހޭ އެހެނިހެން ބަލިތައް.
  5. (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބުކްލެޓް، މަދުވެގެން 3 (ތިނެއް) އަހަރުން 1 (އެކެއް) އަހަރު އެޖެންސީން މުރާޖައާ ކުރަންވާނެއެވެ.
  6. (ރ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އަލަށް ތައާރުފުވާ ބަލިތަކާ ގުޅިގެން، ނުވަތަ އެއްވެސް ބައްޔަކާ ގުޅޭ މައުލޫމާތަށް އަންނަ ބަދަލުތައް ފެންނާނޭހެން ބުކްލެޓް މުރާޖައާ ކުރަމުން ގެންދަންވާނެއެވެ.

 

4 ވަނަ މާއްދާ - ރިޕޯޓުކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބުކްލެޓުގައި ހިމަނައިފައިވާ ބައްޔެއް ނުވަތަ ބުކްލެޓުގައި ހިމަނައިފައި ނެތް ނަމަވެސް، އެ ވަގުތަކު ދުނިޔޭގައި ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔެއް ދިވެހިރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތްކަމުގެ މައުލޫމާތު، ނުވަތަ އެފަދަ ބައްޔެއް އެއްވެސް މީހެއްގެ ކިބައިން ފެނިއްޖެނަމަ، ނުވަތަ އެ ބަލި ހުރެދާނެކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ނުވަތަ ބަލި ހުރި ފަރާތަކާ ދިމާވެފައިވާ ފަރާތްތަކުގެ މައުލޫމާތު،އެކަން އެނގޭ ވަގުތުން ފެށިގެން 24) ސައުވީސް) ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބުކްލެޓުގައި ހިމަނައިފައިވާ ބައްޔެއް ނުވަތަ އެ ބައްޔަކީ އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ބޭނުމަށް އެޖެންސީއަށް ރިޕޯޓު ކުރަންޖެހޭ ބައްޔެއްކަމަށް ނިންމާ ބަލިތަކުގެ މައުލޫމާތު، އެޖެންސީން ކަނޑައަޅާ އާންމުކުރާ ގޮތެއްގެ މަތީން ރިޕޯޓު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބައްޔެއް މީހެއްގެ ގައިގައި ހުރި ކަމަށް ޔަގީންވާނަމަ، ނުވަތަ ބައްޔެއް ހުރެދާނެކަމަށް އެކަށީގެންވާ ވަރަށް ގަބޫލުކުރެވޭނަމަ، ނުވަތަ ބައްޔެއް ހުރިކަމަށް ށައްކުކުރާނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން އެ ކަމެއް އެނގުނު ތަނަކުން އެޖެންސީއަށް އެ ކަމެއް ރިޕޯޓު ކުރަންވާނެއެވެ.

(ރ) ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ނުވަތަ ލެބޯޓަރީ ޓެކްނޮލޮޖިސްޓަކަށް ނުވަތަ ކަމާބެހޭ އެފަދަ އެހެން ފަރާތަކަށް ބައްޔެއްގެ އަލާމާތްތައް ހުރިކަމަށް ށައްކުކުރެވޭނަމަ، އަދި ބަލި ފަތުރާ ޖަރާސީމު ހަށިގަނޑުގައި ހުރިކަމަށް ސާބިތުވާ ވަރަށް ހެތްކާއި މައުލޫމާތު ލިބިފައި ނުވިނަމަވެސް، ށައްކުކުރެވޭ ކަމެއްގެ ގޮތުގައި ބަލައި، ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އެ ސިއްޙީ ޚިދުމަތްތެރިއަކު، އެޖެންސީއަށް އެކަން ރިޕޯޓު ކުރަންވާނެއެވެ.

(ބ) މީހެއްގެ މަރުގެ ސެޓުފިކެޓުގައި ސޮއިކުރާ ޑޮކްޓަރަކަށް، އެ މީހަކު މަރުވެފައިވަނީ، ރިޕޯޓުކުރަންޖެހޭ ބައްޔެއްގެ ސަބަބުންކަމަށް ދޭހަވާ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އެ ވަގުތުން ފެށިގެން 2 (ދޭއް) ގަޑިއިރުގެ ތެރޭގައި އެކަން ރިޕޯޓު ކުރަންވާނެއެވެ. އަދި އެ ފަރާތް މަރުވެފައިވަނީ ރިޕޯޓު ކުރަންޖެހޭ ނުރައްކައުތެރި ބައްޔެއް ޖެހިގެން ކަމަށް ވާނަމަ، އެ ފަދަ މީހުންނާމެދު އަމަލުކުރަންވާނީ "ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

(ޅ) ސްކޫލެއްގެ ޕްރިންސިޕަލަށް، ނުވަތަ އެ ސްކޫލެއް ހިންގުމާ ހަވާލުވެ ހުރި އެހެން ފަރާތަކަށް އެ ސްކޫލެއްގެ ދަރިވަރެއްގެ ގައިގައި ނުވަތަ އެ ސްކޫލުގައި މަސައްކަތްކުރާ މީހެއްގެ ގައިގައި ރިޕޯޓު ކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި އޭނާގެ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން، ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަންވާނެއެވެ.

(ކ) އެއްވެސް މަރުކަޒެއް ހިންގުމާ ހަވާލުވެހުރި ފަރާތަކަށް، އެ މަރުކަޒުގައި ހުރި މީހެއްގެ ގައިގައި ނުވަތަ މުވައްޒަފެއްގެ ގައިގައި ރިޕޯޓު ކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި އޭނާ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަންވާނެއެވެ.

(އ) ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ނުވަތަ މަރުކަޒެއް ހިންގުމާ ހަވާލުވެހުރި ފަރާތަށް ވަކި ބައްޔަކީ ނުރައްކައުތެރި ބައްޔެއްކަމަށް ފާހަގަކުރެވި، އަދި އެ ބަލި ފެތުރެމުންދަނީ އާންމުކޮށް އެ ބަލި ފެތުރޭ ނިސްބަތަށްވުރެ އަވަހަށް ކަމަށް ނުވަތަ ބޮޑަށްކަމަށް ނުވަތަ ބާރަށްކަމަށް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަންވާނެއެވެ.

(ވ) މި މާއްދާގެ އެކި އަކުރުތަކުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ކިބައިން ނުރައްކައުތެރި ބައްޔެއް ނުވަތަ ރިޕޯޓުކުރަންޖޭ ފަދަ އެހެން ބައްޔެއް ފާހަގަކުރެވިއްޖެނަމަ، އެކަން އެނގުނު ފަރާތުން ލަސްނުކޮށް އެޖެންސީއަށް ރިޕޯޓު ކުރަންވާނެއެވެ. 

 

5 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 20 (ވިހި) ދުވަހުގެ ތެރޭގައި ގާއިމުކޮށްފައި، އެޖެންސީން އެކަން އާންމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ނުރައްކައުތެރި ބަލިތަކާއި ރިޕޯޓު ކުރަންޖެހޭ އެހެނިހެން ބަލިތައް ރިޕޯޓުކުރުމަށް ބޭނުންކުރާ ފޯމު އާންމުކުރަންވާނެއެވެ.

(ނ) މި ގަވާއިދިގެ ދަށުން ރިޕޯޓުކުރަންޖެހޭ ބައްޔެއްކަމަށް ކަނޑައަޅައިފައި ނުވިނަމަވެސް، އިތުރު ތަހުލީލުތައް ކުރަންޖެހޭ ފަދަ ބައްޔެއް މީހެއްގެ ގައިގައި ހުރިކަމަށް ބެލޭވޭނަމަ ނުވަތަ އެފަދަ ބައްޔެއްގެ އަލާމާތްތައް ބަލި މީހާގެ ކިބައިން ފާހަގަވާނަމަ، މި ގަވާއިދުގެ ދަށުން އާންމުކުރާ ސްޕެށަލް އިންވެސްޓިގޭށަން ފޯމު މެދުވެރިކޮށް އެޖެންސީއަށް އެކަން ރިޕޯޓުކުރަންވާނެއެވެ. 

 

6 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ ދަށުން ބަލިތައް ރިޕޯޓުކުރުމަށް އެހެންގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، މި ގަވާއިދުގެ ދަށުން ބަލިތައް ރިޕޯޓުކުރުމުގައި، އަންނަނިވި މައުލޫމާތު ފުރިހަމަ ވާންވާނެއެވެ.
 (ހ) ރިޕޯޓުކުރާ ފަރާތާއި، ބައްޔާ ގުޅުންހުރި ފަރާތާ ގުޅޭ އަންނަނިވި މައުލޫމާތު:

  1. ފުރިހަމަ ނަން؛
  2. އުމުރު؛
  3. ޖިންސު؛
  4. އެޑްރެސް (ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެސް)؛
  5. ގުޅޭނެ ފޯނު ނަންބަރު؛
  6. ގައުމީ ނިސްބަތް؛
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަކީ ކާކުކަން އަންގައިދިނުމަށް ރަސްމީ ފަރާތަކުން ދީފައިވާ އެނޫންވެސް އައިޑެންޓިފިކޭށަނެއްގެ ނަންބަރު؛

(ށ) ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ރިޕޯޓުކުރާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ބައްޔާ ގުޅޭ އަންނަނިވި މައުލޫމާތު:

  1. ބަލީގެ ބާވަތް؛
  2. ބަލި ޖެހުނުކަމަށް ލަފާކުރެވޭ ތާރީޚު؛
  3. ކޮންސަލްޓްކުރި ތާރީޚު؛
  4. ޕޭށަންޓް ކެޓެގަރީ (އިންޕޭށަންޓް/އައުޓްޕޭށަންޓް)؛
  5. ކްލިނިކަލް މައުލޫމާތު؛
  6. އެންމެ ފަހުން ދަތުރުކުރި ގައުމު/ ތަން؛
  7. ލެބޯޓަރީ ޓެސްޓާއި ތަހުލީލުގެ ނަތީޖާ؛ 
  8. ކޭސްގެ ނަތީޖާ (މަރުވުން، ރަނގަޅުވުން، ފަރުވާދިނުން).

 

7 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރާ މައުލޫމާތު އެއްކޮށް ބަލަހައްޓާނީ އެޖެންސީންނެވެ. އަދި މިގޮތަށް އެޖެންސީން އެއްކުރާ މައުލޫމާތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މަދުވެގެން 5 (ފަހެއް) މެންބަރުން އަދި ގިނަވެގެން 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ،ކަމާބެހޭ ޓެކްނިކަލް ކޮމިޓީއެއް އެކުލަވައިލުމުގެ އިޚްތިޔާރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ރިޕޯޓުކުރާ ބަލިތަކުގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު ބަލަހައްޓައި، އެ މައުލޫމާތު އެނަލައިޒްކޮށް، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، އެ ފަރާތްތަކަށް މައުލޫމާތު ފޮނުވައި، ބައްޔާ ގުޅޭ އަންނަނިވި މައުލޫމާތު އާންމު ކުރަންވާނެއެވެ.

  1. ބައްޔާ ގުޅޭ ސިއްޙީ މައުލޫމާތު؛
  2. ބަލި ފެތުރޭ ސަރަޙައްދާއި، ބަލި ފެތުރޭ މިންވަރު؛
  3. ބަލި ކޮންޓްރޯލުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް؛
  4. ބަލީގެ ހާލަތަށް އަންނަމުންދާ ބަދަލުތައް؛
  5. ބަލީގެ ތަފާސްހިސާބު

 

8 ވަނަ މާއްދާ - ސިއްރު މައުލޫމާތު

މި ގަވާއިދުގެ ދަށުން ރިޕޯޓުކުރާ ފަރާތްތަކާއި ރިޕޯޓުކުރާ މައުލޫމާތުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނުވީ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. 

 

9 ވަނަ މާއްދާ - ދޮގު މައުލޫމާތު ދިނުން

(ހ) ވަކި މީހެއްގެ ގައިގައި ނުރައްކައުތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް،އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މައުލޫމާތު ރިޕޯޓު ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް 3،000 (ތިންހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ރިޕޯޓު ނުކުރުން

(ހ) މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ކަމެއް، ރިޕޯޓު ކުރަންޖެހޭ ވަގުތުގައި، ރިޕޯޓު ނުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް 1،000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ހެލްތް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ށ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން އައްޔަނުކުރާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

(ނ) "އިންޓަރނޭށަނަލް ހެލްތް ރެގިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ނެރެފައިވާ "އިންޓަރނޭށަނަލް ހެލްތް ރެގިއުލޭށަން 2005 "ގެ ދެވަނަ އިސްދާރުގައި ބުނެފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށެވެ.

(ރ) "ސިއްޙީ ޚިދުމަތްދޭ އެންމެހައި ތަންތަން" ކަމަށް ބުނެފައި އެވަނީ، ހޮސްޕިޓަލާއި، ސިއްޙީ މަރުކަޒާއި، ސިއްޙީ ޚިދުމަތްދޭ އެންމެހައި ކްލިނިކް ފަދަ ތަންތަނަށެވެ. ބޭސް ފަރުވާ ކުރުމުގެ ހުއްދަ އޮންނަ ކޮންމެމީހަކަށެވެ.

(ޅ) "ނަރުހުން" ކަމަށް ބުނެފައި އެވަނީ، ނަރުސްކަމުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، ގާނޫނު ނަންބަރު 2015-13 (ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުގައި ނަރުހުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

(ކ) "ލެބޯޓަރީ ޓެކްނޮލޮޖިސްޓުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް ލެބޯޓަރީގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.

(އ) "ސްކޫލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިންގާ ޕްރީ ސްކޫލުތަކަށާއި، ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު ދޭ ތަންތަނަށެވެ.

(ވ) "ޕްރިންސިޕަލް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސުކޫލެއްގައި ނުވަތަ އަމިއްލަ ސުކޫލެއްގައި އެ ސުކޫލް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްފަރާތަށެވެ.

(މ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދީން ބެލެހެއްޓުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށް، ނުވަތަ ގެތަކަށް، ނުވަތަ އިސްލާޙީ މަރުކަޒުތަކަށް، ނުވަތަ ޒުވާން ކުދީން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މީހުން ވަގުތީގޮތުން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މަރުކަޒެއްކަމަށް ކަނޑައަޅާ އެހެން ތަންތަނަށެވެ.

(ފ) "ނުރައްކައުތެރި ބަލި" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއްކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.

(ދ) "ރިޕޯޓުކުރަންޖެހޭ ބަލި" ކަމަށް ބުނެފައި އެވަނީ، އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްށަން އެޖެންސީއަށް ރިޕޯޓުކުރުމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.

(ތ) "ބަލި" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ބައްޔެއްކަމަށް ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކަށެވެ.

(ލ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްޙަތު ރައްކައުތެރިކުރުމުގެ ގާނޫނު) އަށެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

ގަވާއިދަށް އަމަލުކުރަން ފެށުން 12 .މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ 
ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު