އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-150)
(މި ގަވާއިދުގެ 16 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-01 އާއި ގަވާއިދު ނަންބަރު 2014-167 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުރު
މިއީ، އެއްގަމު އުޅަނދު ޕާކު ކުރުމާއި، އެއްގަމު އުޅަނދުތައް ޕާކު ކުރާނެ ޕާކިންގ ޒޯނު ކަނޑައެޅުމާއި، ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކު ކޮށްފައި ނުވަތަ ބަހައްޓައިފައި ހުންނަ އެއްގަމު އުޅަނދުގައި ސްޓިކަރ ޖެހުމާއި، އެފަދަ އުޅަނދުތަކުގެ ފުރޮޅުގައި ތަޅު އެޅުވުމާއި، ޓޯވކުރުމާއި، އެއްގަމު އުޅަނދު ނައްތައިލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަވާލުކުރެވިފައިވާ މިނިސްޓްރީއަށް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
(ހ) މިި ގަވާއިދު ހިންގާނީ، މިނިސްޓްރީން ނުވަތަ މި ގަވާއިދުގެ ދަށުން އިހްތިޔާރު ދެވޭ ފަރާތްތަކުންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ބަންޑާރަ މަގުތަކުގައި ޕާކިންގ ޒޯނު އޮންނަ ތަން ކަނޑައަޅާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ޕާކު ކުރުމަށް އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލުން އެ ކަމަށް އެކުލަވައިލާ އުސޫލެއްގެ ދަށުންނެވެ. މިގޮތުން އެކުލަވައިލާ އުސޫލެއްގެ ދަށުން ފީއެއް ނަގާގޮތަށް ޕާކިންގ ޒޯނުތަކެއް ހާއްސަ ކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.
(ނ) ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ބަންޑާރަ މަގުތަކުގައި ޕާކިންގ ޒޯނުތަކާއި، ޕާކު ކުރުމަށް ނަގާ ފީ ކަނޑައަޅަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ކައުންސިލަކުން އެކުލަވައިލައި، އާންމުކުރާ އުސޫލެއްގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ޕާކިންގ ފީއެއް ނަގާގޮތަށް ޕާކިންގ ޒޯނުތައް ހާއްސަކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މިގޮތަށް ޕާކު ކުރުމަށް ފީއެއް ނެގުމަށް ކައުންސިލުން ކަނޑައަޅާނަމަ، އެކަން ކުރަންވާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ފ) އާއި، (ދ) އާއި، (ތ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
4 ވަނަ މާއްދާ - ޕާކިންގ ޒޯން ކަނޑައެޅުމާއި، ޕާކު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް
ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ބަންޑާރަ ބިންތަކުގައި ޕާކިންގ ޒޯނު ކަނޑައެޅެން ހުރި ސަރަހައްދުތަކާއި މަގުތަކުގައި ޕާކިންގ ޒޯނު ކަނޑައަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ތަނެއްގައި މެނުވީ އެއްގަމު އުޅަނދު ޕާކުކުރުމަކީ މަނާކަމެކެވެ.
(ހ) ބަންޑާރަ މަގެއްގައި ޕާކިންގ ޒޯނެއް ކަނޑައަޅަންވާނީ، ހިނގާ މީހުންނަށް ހިނގާނެ ޖާގައާއި، އެ މަގަކުން ދުއްވަން ހުއްދަ އޮންނަ އުޅަނދެއް ދުއްވާނެ ޖާގަ ބޭއްވުމަށްފަހު،މި ގަވާއިދުގައި ޕާކިންގ ޒޯނު ހެދުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށްވުރެ ކުޑަނުވާގޮތަށެވެ. އެ މަގަކުން ދުއްވުން ހުއްދަކޮށްފައިވާ އުޅަނދަކަށް ފަސޭހަކަމާއެކު ދަތުރުކުރަން ދަތިވާނަމަ، އެ މަގެއްގައި ޕާކިންގ ޒޯނެއް ހަދައިގެން ނުވާނެއެވެ. އަދި އެ މަގަކުން ދުއްވުމަށް ހުއްދަ ނެތް އުޅަނދުތަކުގެ ނިށާން އެ މަގެއްގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
(ށ) ޕާކިންގ ޒޯނު ކަނޑައަޅާނީ، ގަވާއިދު ނަންބަރު 2021-13 (އެއްގަމު ދަތުރުފަތުރުގެ ނިށާންތަކުގެ ގަވާއިދު) ގައި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ނިށާން ބޭނުންކޮށްގެންނެވެ. ބަންޑާރަ މަގެއްގައި ޓްރެފިކް ނިށާން ކުރަހާނަމަ ބޭނުންކުރާނީ، ރީނދޫކުލަ ނުވަތަ ހުދުކުލައެވެ. ވަކި ވަގުތަކަށް ނުވަތަ ވަކި އުޅަނދެއް ޕާކު ކުރުމަށް ކަނޑައަޅާ ސަރަހައްދެއްނަމަ، އެ ސަރަހައްދުގައި ހަރުކޮށްފައިވާ ނިށާނާއެކު، އެ ވަގުތަކާއި ކޮން ބާވަތެއްގެ އުޅަނދެއްކަން އެނގޭގޮތަށް ފެންނަން ހުންނަންވާނެއެވެ.
(ނ) C0, C2, B0 ގެ ކެޓަގަރީގައި ހިމެނޭ އެއްގަމު އުޅަނދު ޕާކު ކުރުމަށް ޓަކައި ކަނޑައަޅާ ޒޯނުގައި، ހަނިވެގެން 8 (އަށެއް) ފޫޓު ފުޅާ، އަދި އެންމެ ކުރުވެގެން ވެސް 20 (ވިހި) ފޫޓުގެ ދިގުމިން ހުންނަންވާނެއެވެ.
(ރ) C1, B1, B2 ގެ ކެޓަގަރީގައި ހިމެނޭ އެއްގަމު އުޅަނދު ޕާކު ކުރުމަށް ޓަކައި ކަނޑައަޅާ ޒޯނުގައި، ހަނިވެގެން 5 (ފަހެއް) ފޫޓު 6) ހައެއް) އިންޗި ފުޅާ އަދި އެންމެ ކުރުވެގެން ވެސް 15 (ފަނަރަ) ފޫޓުގެ ދިގުމިން ހުންނަންވާނެއެވެ.
(ބ) ސައިކަލާއި، ބައިސްކަލު ޕާކު ކުރުމަށް ޓަކައި ޒޯނު ކަނޑައަޅާނީ، އެ އުޅަނދު ޕާކުކޮށްފައި ހުންނައިރު އުޅަނދުގެ އެއްވެސް ބައެއް ޒޯނުން ބޭރުނުވާވަރުގެ ޖާގަ އޮންނަ މިންގަނޑަކަށެވެ. މިފަދަ ޒޯނުތަކުގައި ސައިކަލު ނުވަތަ ބައިސްކަލު ޕާކު ކުރަންވާނީ އެ އުޅަނދު ޕާކު ކުރުމަށް ޒޯނުގައި ފާހަގަކޮށްފައިވާ ގޮތަށް އެ އުޅަނދެއްގެ އެއްވެސް ބައެއް ޒޯނުން ބޭރުނުވާ ގޮތަށެވެ.
(ޅ) ކުރަހައިގެން ޕާކިންގ ޒޯނު ކަނޑައެޅެން ނެތް މަގުތަކާއި ސަރަހައްދުތަކުގައި ޕާކު ކުރެވޭ ޒޯނާއި ޕާކު ކުރުން މަނާ ޒޯނު ކަނޑައަޅާނީ، ޒޯނު ފެށޭ ސަރަހައްދު
އަންގައިދޭ ބޯޑަކާއި ޒޯނު ނިމޭ ސަރަހައްދު އަންގައިދޭ ބޯޑު ބޭނުންކޮށްގެންނެވެ. ޕާކު ކުރުމަށް ކަނޑައަޅާ ޒޯނުތަކުގައި އެއްގަމު އުޅަނދު ޕާކު ކުރަންވާނީ، ހިނގާ މީހުންނަށާއި އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ދަތިނުވާ ގޮތަށް، ބޯޑު ބަހައްޓައިފައިވާ ފަޅީގައި، ޒޯނު ކަނޑައަޅައިފައިވާ ދެ ބޯޑު ދޭތެރޭގައި އެ ބޯޑުގައިވާ ނިށާނުން އަންގައިދޭ އުޅަނދު ޒޯނުން ބޭރުނުވާ ގޮތަށެވެ.
(ކ) ބަންޑާރަމަގާއި ޕާކިންގ ޒޯނުގައި ޕާކުކޮށްފައި އޮންނަ ނުވަތަ ހުންނަ އެއްގަމު އުޅަނދު، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެ އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ބޯޑު ނުފެންނަ ގޮތަށް ނިވާކޮށްފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީ މަނާކަމެކެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުރަހައިގެން ޕާކިންގ ޒޯނު ކަނޑައެޅެން ނެތް މަގުތަކާއި ސަރަހައްދުތަކުގައި، އެއްގަމު އުޅަނދު ޕާކު ކުރުން މަނާކަމުގައި ކަނޑައަޅައިފައި ނުވާނަމަ، އެ މަގުތަކާއި ސަރަހައްދުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ދަތިނުވާ ގޮތަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ ހުއްދަ ކަމެކެވެ.
(ވ) ޕާކިންގ ޒޯނުތައް ކަނޑައެޅުމުގައި، ހާއްސަ އެހީއަށް ބެނުންވާ މީހަކު ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައި ހުންނަ އުޅަނދުތަކަށް ހާއްސަކޮށްފައި ހުންނަ ޕާކިންގ ޖާގަތަކެއް ބަހައްޓަންވާނެއެވެ. އަދި ދައުލަތުގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ ޕާކިންގ ޖާގަތަކެއް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ބަހައްޓަންވާނެއެވެ.
(މ) ކައުންސިލްތަކުން ޕާކިންގ ޒޯނުތައް ކަނޑައެޅުމުގައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެއެވެ. މިފަދައިން ސަރަހައްދުތައް ކަނޑައެޅުމުގައި، ގިނަބަޔަކު ހިދުމަތް ހޯދަން ދާންޖެހޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ފީނަގައިގެން ޕާކުކުރާ ތަންތަން ބެހެއްޓުމަށާއި، ނިސްބަތުން މަދު އަދަދެއްގެ މީހުން ޕާކުކުރަންޖެހޭ ފަދަ ސަރަހައްދުތަކުގައި ހިލޭ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދޭންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގައިވާ ފަދައިން ޕާކިންގ ޒޯނުތައް ކަނޑައެޅުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުން މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ.
- ސިޓީގެ ނުވަތަ ރަށުގެ ލޭންޑް ޔޫޒް ޕްލޭން؛
- ހިލޭ ޕާކު ކުރެވޭނެ ޒޯންތަކާއި، ފީދައްކައިގެން ޕާކު ކުރެވޭނެ ޒޯނުތައް
އަންގައިދޭ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ޗާޓު.
(ދ) މި މާއްދާގެ (މ) އާއި (ފ) ގައިވާ ގޮތުގެ މަތީން، ބަންޑާރަ މަގުތަކުގައި ޕާކު ކުރުމަށް ފީ ނަގަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު ނުވާނެ ގޮތެއްގެ މަތީންނެވެ. މިގޮތުން ޕާކިންގ ފީގެ މިންވަރު ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު ނުވާނެ ގޮތެއްގެ މަތީން ޕާކިންގ ޒޯންތަކުގައި ކޮންމެ އުޅަނދަކަށް ފީ ނެގޭނެ ރޭޓު ކަނޑައެޅުމުގެ އިހުތިޔާރު ރަށު ކައުންސިލްތަކަށާއި ސިޓީކައުންސިލުތަކަށް ލިބިގެންވެއެވެ.
- މޮޓޯ ސައިކަލާއި، އިންޖީނުލީ ބައިސްކަލާއި، ސްކޫޓަރު ފަދަ އުޅަނދުތަކަށް، ކޮންމެ 1 (އެކެއް) ގަޑިއިރަކަށް 2 (ދޭއް) ރުފިޔާ؛
- މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 9 (ނުވައެއް) މީހުންނަށްވުރެ އިތުރުނުވާ އިންޖީނުލީ އެއްގަމު އުޅަނދަކަށް، ކޮންމެ 1 (އެކެއް) ގަޑިއިރަކަށް 5 (ފަހެއް) ރުފިޔާ؛
- މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 20 (ވިހި) މީހުންނަށްވުރެ އިތުރުނުވާ އިންޖީނުލީ އެއްގަމު އުޅަނދަކަށް، ކޮންމެ 1 (އެކެއް) ގަޑިއިރަކަށް 15 (ފަނަރަ) ރުފިޔާ؛
- މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 20 (ވިހި) މީހުންނަށްވުރެ އިތުރުވާ އިންޖީނުލީ އެއްގަމު އުޅަނދަކަށް، ކޮންމެ 1 (އެކެއް) ގަޑިއިރަކަށް 25 (ފަންސަވީސް) ރުފިޔާ؛
- މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 1000 (އެއްހާސް) ކިލޯ (1 ޓަނު) އިން ފެށިގެން ދަށުގެ އިންޖީނުލީ އެއްގަމު އުޅަނދަކަށް، ކޮންމެ 1 (އެކެއް) ގަޑިއިރަކަށް 15 (ފަނަރަ) ރުފިޔާ؛
- މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 1000 (އެއްހާސް) ކިލޯ (1 ޓަނު) އަށްވުރެ މަތީ އިންޖީނުލީ އެއްގަމު އުޅަނދަކަށް، ކޮންމެ 1) އެކެއް) ގަޑިއިރަކަށް 25 (ފަންސަވީސް) ރުފިޔާ؛
- VI އާއި D0 ގިންތީގެ އުޅަނދަކަށް، ކޮންމެ 1 (އެކެއް) ގަޑިއިރަކަށް 50 (ފަންސާސް) ރުފިޔާ.
5 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ޕާކު ކުރުމުން އެޅޭނެ ފިޔަވަޅުތައް
(ހ) މި ގަވާއިދާ ހިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޕާކިންގ ވަޔަލޭށަން ސްޓިކަރ" ހަރުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށާއި މިނިސްޓްރީން ކަނޑައަޅާ އެހެން ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާކިންގ ވަޔަލޭށަން ސްޓިކަރ ހަރުކުރާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އެ އުޅަނދު އޮތް ތަނުން ނަގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކްކުރި ފަރާތުގެ ލައިސަންސުން 5 (ފަހެއް) ކްރެޑިޓް ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އުޅަނދެއް ނުނަގައިފިނަމަ، އެ އުޅަނދެއް ޓޯވ ކުރުމަށް ޓަކައި ފުރޮޅުގައި ތަޅު އެޅުވުމުގެ އިހުތިޔާރު އެ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ ފުލުހުންނަށް ލިބިގެންވެއެވެ. މިގޮތުން އެ އުޅަނދެއްގެ ފުރޮޅުގައި އަޅުވައިފައިވާ ތަޅަށް އެއްވެސް ގެއްލުމެއް، އެއްވެސް ފަރާތަކުން ދިނުމަކީ މަނާކަމެކެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެއްގަމު އުޅަނދުގައި ތަޅު އަޅުވައިފިނަމަ، އެ ތަޅު އެޅުވިކަމުގެ ލިޔުމުގައި، ތިރީގައިވާ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.
- އުޅަނދުގެ ފުރޮޅުގައި ތަޅު އެޅުވި ފަރާތުގެ މައުލޫމާތު؛
- ފުރޮޅުގައި ތަޅު އެޅުވި ތާރީހާއި ގަޑި.
6 ވަނަ މާއްދާ - މަގުމަތީގައި ހުންނަ އެއްގަމު އުޅަނދުތަކުގެ ތެރެއިން ޓޯވކުރާނެ އުޅަނދުތައް
(ހ) ތިރީގައި ބަޔާންކޮށްފައިވާ އުޅަނދުތައް ޓޯވކޮށްގެން، ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި އޮތުމުގެ ސަބަބުން ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް؛
- ކަފިހި ހުރަހުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- ޓެކްސީ ކިޔުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- ވަކި ގިންތިއެއްގެ އުޅަނދެއް ޕާކުކުރަން ކަނޑައަޅައިފައިވާ ޒޯނެއްގައި ޕާކުކޮށްފައިވާ އެހެން ގިންތީގެ އެއްގަމު އުޅަނދުތައް؛
- މުދާ އަރުވައި ބާލަން ކަނޑައަޅައިފައިވާ ސަރަހައްދެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- ހަމައެކަނި މީހުން އަރުވައި ބޭލުމަށް ހާއްސަކޮށްފައިވާ ތަނެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- އެއްގަމު އުޅަނދު ހުއްޓުން މަނާކަން އަންގައިދޭ ސަރަހައްދެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- އެއްގަމު އުޅަނދު ޕާކުކުރުމަށް ވަގުތު ކަނޑައެޅިފައިވާ ތަންތަނުގައި ކަނޑައެޅިފައިވާ ވަގުތަށްވުރެ ގިނަ ވަގުތު ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- މީހުން ވަދެ ނުކުމެ އުޅެންޖެހޭ ތަންތަނަށް ވަދެނުކުތުމަށް ދަތިވާގޮތަށް ޕާކިންގ ޒޯނުން ބޭރުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- ރަޖިސްޓަރީ ނުކޮށް ނުވަތަ ރަޖިސްޓަރީ ނަންބަރު ޕްލޭޓް ނެތި ޕާކުކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދުތައް؛
- މަގުގެ އަރިމަތީ ކައިރީގައި ދެ ރީނދޫ ރޮނގު ދަމައިފައިވާ ސަރަހައްދެއްގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް؛
- ވަކި ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އުޅަނދު ޕާކުކުރުމަށް ހާއްސަކޮށްފައި އޮންނަ ޒޯނެއްގައި، ޕާކުކުރުމަށް ހުއްދަކޮށްފައިވާ ފަރާތްތައް ނޫން ފަރާތްތަކުގެ އެއްގަމު އުޅަނދުތައް؛
- ފުރޮޅުގައި ތަޅު އެޅުވުމަށްފަހު 24 (ސައުވީސް) ގަޑިއިރު ހަމަވެފައިވާ އެއްގަމު އުޅަނދުތައް؛
(ށ) އެއްގަމު އުޅަނދު ޓޯވ ކުރުމުގެ މަސައްކަތުގެ ތެރޭގައްޔާއި އެ އުޅަނދު ގެންގޮސް ބަހައްޓައިފައިވާ ތަނެއްގައި ހުންނަ ހުރުމުގައި އެ ތަކެތި ރައްކައުތެރިކަމާއެކު ގެންދިއުމާއި ބެހެއްޓުމުގެ އިންތިޒާމު އެ އުޅަނދު ނެގި ފަރާތުން ހަމަޖައްސަންވާނެއެވެ. މިފަދަ އުޅަނދު ގެންގޮސް ބަހައްޓައިފައި ހުންނަ ހުރުމުގައި އޭގެ ޒާތުގައްޔާއި ގުދުރަތީގޮތުން ނުވަތަ ކާރިސާއަކުން ނުވަތަ ހާދިސާއަކުން އެއަށް ލިބޭ ގެއްލުމަކަށް އެ އުޅަނދެއް ނެގި ފަރާތަކުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
7 ވަނަ މާއްދާ - ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ހުންނަ އުޅަނދު
(ހ) އެެއްގަމު އުޅަނދު ޕާކުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި، މެދުކެނޑުމެއްނެތި އުޅަނދު ބޭއްވޭނީ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އެފަދަ އުޅަނދެއް އެ ތަނަކުން ނަގައި، ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިހްތިޔާރު،ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ ހާއްސަ އެއްގަމު އުޅަނދުތައް މި މާއްދާގެ (ހ) އިން އިސްތިސްނާކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާހާއްސަ އެއްގަމު އުޅަނދުކަމަށް ބުނެފައި އެވަނީ، އެ އުޅަނދަކީ އެފަދަ އުޅަނދެއްކަން އަންގައިދިނުމުގެ ގޮތުން މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމެއް ނުވަތަ ސްޓިކަރއެއް އެ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ އުޅަނދަށެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުގެ ތެރެއިން މަގުމަތީގައި ދުއްވާ މިންގަނޑަށް ނުފެތޭ އުޅަނދު އެ ތަނަކުން ނަގައި، ޓޯވ ކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
8 ވަނަ މާއްދާ - ޓޯވކުރާ އެއްގަމު އުޅަނދުގެ މައުލޫމާތާއި ރެކޯޑު ބެލެހެއްޓުމާއި، މައުލޫމާތު އާންމުކުރުން
(ހ) މިި ގަވާއިދުގެ ދަށުން ޓޯވ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދުތަކުގެ މައުލޫމާތާއި ރެކޯޑު، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތާއި ރެކޯޑު ބެލެހެއްޓުމުގެ އިތުރުން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުޅަނދުތަކުގެ މައުލޫމާތު އާންމުކުރަންވާނެއެވެ.
9 ވަނަ މާއްދާ - ޓޯވކޮށްފައިވާ އެއްގަމު އުޅަނދު ހަވާލުކުރުން
(ހ) ޓޯވކޮށްފައިވާ އެއްގަމު އުޅަނދު ހަވާލުވުމަށްފަހު އުޅަނދު ބެހެއްޓިފައިވާ ތަނުން ގެންދިއުމަކީ އެ އުޅަނދާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
(ށ) މި ގަވާއިދުގެ ދަށުން ޓޯވ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދު އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2009-05 އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
10 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުން
(ހ) މި ގަވާއިދާ ހިލާފުވުމުން ކުރެވޭ ޖޫރިމަނާ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައްކަންވާނެއެވެ.
(ށ) މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކުރާ ޖޫރިމަނާ، ފުލުހުން ނުވަތަ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދަށް ޒިންމާވާ ފަރާތުން ދައްކަންވާނެއެވެ.
11 ވަނަ މާއްދާ - ޓޯވކުރާ އެއްގަމު އުޅަނދު ނައްތައިލުން
މި ގަވާއިދުގެ ދަށުން ޓޯވކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދެއް ނައްތައިލަންވާނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހުގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
12 ވަނަ މާއްދާ - ނައްތައިލާ އުޅަނދުގެ މައުލޫމާތާއި ރިކޯޑު ބެލެހެއްޓުން
މި ގަވާއިދުގެ ދަށުން ނައްތައިލާ އެއްގަމު އުޅަނދު ނައްތައިލާ ފަރާތުން، އަންނަނިވި މައުލޫމާތުތައް ބަލަހައްޓައި، އެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ފޮނުވަންވާނެއެވެ.
(ހ) އުޅަނދު ނައްތައިލި ތާރީހާއި ގަޑި.
(ށ) އުޅަނދާ ބެހޭގޮތުން އާންމުކޮށް އިއުލާނު ކުރި ތާރީހު.
(ނ) އުޅަނދުގެ ބާވަތާއި ތަފުސީލު.
(ރ) އުޅަނދު ނައްތައިލި ގޮތުގެ ރިޕޯޓު.
(ބ) އުޅަނދު ހިފެހެއްޓި ގޮތުގެ ތަފުސީލާއި، އުޅަނދު ހިފެހެއްޓިފައިވާކަން އުޅަނދުގެ ވެރިފަރާތަށް އަންގަން ކުރި މަސައްކަތުގެ ތަފުސީލު.
13 ވަނަ މާއްދާ - މަގުމަތީގައި އެއްގަމު އުޅަނދު ހުއްޓައިފައި އޮތުމާއި ބޭއްވުން
އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް ޕާކިންގ ޒޯނުގެ ބޭރުގައި، މަގުމަތީގައި އެއްގަމު އުޅަނދު ހުއްޓައިފައި އޮތުމާއި، މަޑުކޮށްފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީ މަނާކަމެކެވެ.
14 ވަނަ މާއްދާ - ޖޫރިމަނާކުރުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އުޅަނދެއްގައި ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިންގ ވަޔަލޭށަންސްޓިކަރ ޖަހާ ހާލަތްތައް ފިޔަވައި، މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި ގަވާއިދާ ގުޅިގެން ކައުންސިލްތަކުން ކަނޑައަޅާ އެންމެހައި އުސޫލުތަކާބެހޭ ސާފު މައުލޫމާތު، އެ އުސޫލަކަށް އަމަލުކުރަން ފެށުމުގެ ކުރީގައި، އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުވައިދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ ބޭނުމަށް ރައްޔިތުންނަށް މައުލޫމާތު ފޯރުވައިދިނުން ކަމުގައި ބަލާނީ، އާންމުކޮށް އިއުލާނުކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ.
16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދު ބާތިލުކުރުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2012-01 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ޕާކު ކުރުމުގެ ގަވާއިދު) އާއި، ނަންބަރު 2014-167 (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ޕާކު ކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) ބާތިލުވީއެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް މާނަ ދޭހަ ނުވާނަމަ، އެ ލަފުޒެއް ނުވަތަ އިބާރާތެއްގެ މާނަ ކުރަންވާނީ ތިރީގައިވާ މާނައިގައެވެ.
(ހ) "ޕާކުކުރުން" ކަމަށް ބުނެފައި އެވަނީ، ތަނެއްގައި ނުވަތަ ސަރަހައްދެއްގައި، އެ އުޅަނދު ދުއްވާ މީހާ ނެތި އުޅަނދު ބާއްވައިފައި އޮންނަ އޮތުމަށާއި، ބަހައްޓައިފައި ހުންނަ ހުރުމަށެވެ.
(ށ) "ފުރޮޅުތަޅު" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.
(ނ) "ޓޯވކުރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮންނަ ނުވަތަ ހުންނަ އެއްގަމު އުޅަނދު ހުރި ތަނުން ނުވަތަ އޮތް ތަނުން ނަގައިގެން ގެންދާ ގެންދިއުމަށެވެ.
(ރ) "ބަންޑާރަމަގު" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.
(ބ) "އުޅަނދު ނައްތައިލުން" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދެއް ދެވަނަފަހަރަށް ރަޖިސްޓަރީ ކޮށްގެން ބޭނުން ނުކުރެވޭ ގޮތަށް ރަޖިސްޓަރީ ބާތިލުކޮށް، އެ އުޅަނދެއް ހަލާކުކޮށްލައި އެއްގަމު ދަތުރުފަތުރުގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ މިނިސްޓްރީއަކަށެވެ.
(ކ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.
(އ) "ފުލުހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެހިދުމަތުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ގާއިމްކޮށްފައިވާ މުއައްސަސާއަށެވެ.
(ވ) "B0" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގައިގައި 20 (ވިހި) މީހުންނަށްވުރެ އިތުރަށް މީހުން އުފުލޭ އެއްގަމު އުޅަނދަށެވެ.
(މ) "B1" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 9 (ނުވައެއް) މީހުންނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދަށެވެ.
(ފ) "B2" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 10 (ދިހައެއް) އިން ފެށިގެން 19) ނަވާރަ) މީހުންނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދަށެވެ.
(ދ) "C0" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން، އުފުލޭ ބަރުދަން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދަށެވެ.
(ތ) "C1" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) ހަމަނުވާ އެއްގަމު އުޅަނދަށެވެ.
(ލ) "C2" ކެޓަގަރީ ކަމަށް ބުނެފައި އެވަނީ، މި ކެޓަގަރީގައި ހިމެނޭ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) އިން ފެށިގެން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) ހަމަނުވާ އެއްގަމު އުޅަނދަށެވެ.
(ގ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި،މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިޔުމަށް ނުވަތަ ދިޔުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ.
ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި
މައި ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)
ކިޔުންތެރިންގެ ހިޔާލު