ބީލަމަށް ހުޅުވައިލުމާއި، ދިރާސާކުރުމާއި، ޕްރީ ކޮލިފައި ކުރުމާއި، ރަޖިސްޓަރީ ކުރުމާއި، ނެގޯށިއޭޓް ކުރުމާއި ، ބީލަން ހޮވާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު
(ގަވާއިދު ނަންބަރު 2021-136)
ފުރަތަމަ ބައި
ތައާރުފު
1 ވަނަ މާއްދާ - ތައާރުފު
(ހ) މިއީ، ބީލަމަށް ހުޅުވައިލުމާއި، ބީލަން ހުށަހެޅުމުގެ ދައުވަތާ ގުޅިގެން ހުށަހަޅާ ބީލަންތައް ދިރާސާކޮށް، ބީލަން ހުށަހެޅި ފަރާތްތައް ޕްރީ ކޮލިފައި ކުރުމާއި، ރަޖިސްޓަރީ ކުރުމާއި، ދެފަރާތުގެ ދެމެދުގައި ނެގޯށިއޭޓް ކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތާއި، ބީލަން ކާމިޔާބު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2013-03 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ހ) އާއި، (ނ) އާއި، (ބ) އާއި، (ޅ) އާއި (ކ) ގެދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވަނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އާންމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ބިޑުތައް ދިރާސާކުރާނެ ނުވަތަ އިވެލުއޭޓް ކުރާނެ މައިގަނޑު އުސޫލުތަކެވެ. މި އުސޫލުގައިބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ހުޅުވައިލާ ބިޑެއްގެ ޒާތާއި ބާވަތަށް ބަލައި، އެ ބިޑެއް ދިރާސާކުރުމުގައި ބަލާނެ ށަރުތުތައް، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން ކަނޑައެޅިދާނެއެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި، ބިޑު އެވޯޑު ކުރުމުގައި، އެކަށީގެންވާ ފަރާތަށް ބިޑު އެވޯޑުކުރުމާއި، ބީލަމުގެ އެންމެހައި މަރުހަލާތައް ހާމަކަންބޮޑު ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ.
ދެވަނަބައި
ބީލަން ހުށަހެޅުމުގެ ދައުވަތު
3 ވަނަ މާއްދާ - ބީލަން ހުށަހެޅުމަށް ދޭދައުވަތު
ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން، ބީލަމަށް ހުޅުވައިލަންޖެހޭ ހާލަތްތަކުގައި، ބީލަން ހުށަހެޅުމަށް ށައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ދައުވަތު ދޭންވާނެއެވެ. ބީލަން ހުށަހެޅުމުގެ ދައުވަތު އޮންނަންވާނީ ލިޔުމުންނެވެ.
4 ވަނަ މާއްދާ - ބީލަން ހުށަހަޅަންޖެހޭ ދާއިރާ
ބީލަން ހުށަހެޅުމަށް ދޭ ދައުވަތުގައި، ބީލަން ހުޅުވައިލި ދާއިރާ ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
5 ވަނަ މާއްދާ - އާންމުކޮށް އިއުލާނުކުރުން
ބީލަން ހުށަހެޅުމުގެ ދައުވަތު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުން، އިއުލާނު ކުރެވުނީ ކަމުގައި ބެލޭނެއެވެ.
6 ވަނަ މާއްދާ - ބީލަން ހުށަހެޅުމުގެ ދައުވަތުގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް
ބީލަން ހުށަހެޅުމުގެ ދައުވަތުގައި އަންނަނިވި ކަންކަން ފުރިހަމަވެފައި ވާންވާނެއެވެ.
(ހ) ހުޅުވައިލައިފައިވާ ބީލަމާބެހޭ ފުރިހަމަ ތަފުސީލު ކަރުދާސް.
(ށ) ބީލަން ހުށަހަޅާ ފަރާތުގެ ށަރުތުތައް.
(ނ) ބިޑް ސެކިއުރިޓީއާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ކޮބައިކަން.
(ރ) ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ވަކި އަގެއް ހުށަހެޅުމަށް ނިންމާނަމަ، އެ އަގު.
(ބ) ގެރެންޓީއެއްގެ ގޮތުގައި ވަކި މިންވަރެއް ބަހައްޓަންޖެހޭކަމަށް ނިންމާނަމަ، ބަހައްޓަންޖެހޭ ފައިސާގެ އަދަދު.
(ޅ) ބީލަން ފޮތް ލިބޭނެ ތަނާއި، ވަގުތާއި، އަގު.
(ކ) ބީލަން ކަރުދާސްތައް ހުޅުވާނެ ވަގުތާއި، ތާރީހާއި، ތަން.
ތިންވަނަ ބައި
ބީލަން ހުޅުވުމާއި މުރާޖައާ ކުރުން
7 ވަނަ މާއްދާ - ހުށަހަޅައިފައިވާ ބީލަން ކަރުދާސްތައް ހުޅުވުން
(ހ) ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުން، ބީލަން ހުށަހެޅި އެންމެހައި ފަރާތްތަކުގެ ހާޒިރުގައި، ނުވަތަ ބީލަން ހުށަހެޅި ފަރާތްތަކުން ކަނޑައަޅައިފައިވާ ފަރާތެއްގެ ހާޒިރުގައި، ބީލަން ކަރުދާސްތައް ހުޅުވަންވާނެއެވެ.
(ށ) ބީލަން ހުޅުވޭނެ ތަނެއް، ބީލަން ހުށަހެޅުމަށް ދެވޭ ދައުވަތުގައި ނުވަތަ، ބީލަމާ ގުޅޭގޮތުން ދޭ މައުލޫމާތު ކަރުދާހުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) ބީލަން ކަރުދާސްތައް ހުޅުވުމުގެ މަޖިލީހަށް ހާޒިރުވެ ތިބި އެންމެހައި ފަރާތްތަކުގެ ނަމާއި، ހާޒިރުވެތިބި ހައިސިއްޔަތު އެނގޭ ގޮތަށް ރަޖިސްޓަރީއެއްގައި ސޮއިކުރަންވާނެއެވެ.
8 ވަނަ މާއްދާ - ބީލަން ކަރުދާސްތައް ތަރުތީބުކުރާނެ ގޮތް
ހުށަހަޅައިފައިވާ ބީލަން ކަރުދާސްތައް ހުންނަންވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށްފައި، އަންނަނިވި ގްރޫޕްތަކަށް ބަހައިލައިފައެވެ. އަދި ބީލަން ކަރުދާސްތައް އިއުލާނުކޮށް ހުޅުވަމުންދާންވާނީ އެ ކަރުދާސްތައް ބަހައިލައިފައިވާ އަންނަނިވި ގްރޫޕްތަކުގެ ތަރުތީބުންނެވެ.
(ހ) ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަށްވުރެ ފަހުން ހުށަހަޅައިފައިވާ ބީލަންތައް.
(ށ) ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަށްވުރެ ކުރިން ބީލަން ހުށަހެޅުމަށްފަހު، އަނބުރާ ގެންދިޔަ ބީލަންތައް.
(ނ) ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަން ހުށަހެޅުމަށްފަހު، އަލުން އެ ބީލަމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ސުންގަޑި ހަމަވުމުގެ ކުރިން އިސްލާހުކޮށް ހުށަހަޅައިފައިވާ ބީލަންތައް.
(ރ) ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަށްވުރެ ކުރިން ހުށަހަޅައިފައިވާ ބީލަންތައ.
9 ވަނަ މާއްދާ - ބީލަން ކަރުދާސްތައް ނޯޓު ކުރުން
ކޮންމެ ބީލަމެއް ބަންދުކޮށްފައިވާ ސިޓީއުރަ ކެނޑުމަށްފަހު، އެ ސިޓީ އުރައިގައިވާ އެންމެހައި ލިޔުންތައް ރެކޯޑު ކުރަންވާނެއެވެ. ނުވަތަ ކޮންމެހެން ހުންނަންވާނެ ޗެކްލިސްޓެއް ތައްޔާރުކޮށް އެ ޗެކްލިސްޓުގައި ނޯޓު ކުރަންވާނެއެވެ.
10 ވަނަ މާއްދާ - ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަން ކަރުދާސް
ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެ ފަހުން ހުށަހަޅައިފައިވާ ބިޑުތައް ހުޅުވައިގެން ނުވާނެއެވެ. އެފަދަ ބިޑްތައް ހުށަހެޅި ފަރާތުގެ ނަމާއި، ހުށަހެޅި ގަޑި އިއުލާނު ކުރުމަށްފަހު، އަދި އެ މައުލޫމާތުތައް ރެކޯޑު ކުރުމަށްފަހު، ހާޒިރުވެތިބި އެންމެހައި ހާޒިރީންގެ ކުރިމަތީގައި، އެފަދަ ބިޑުތައް ހުށަހެޅި ފަރާތްތަކަށް އެ ބިޑުތައް އަނބުރާހަވާލުކުރަންވާނެއެވެ.
11 ވަނަ މާއްދާ - ސުންގަޑި ހަމަވުމުގެ ކުރިން އަލުން މުރާޖައާކުރުމަށްފަހު ހުށަހަޅާ ބީލަން ކަރުދާސް
ބިޑު ހުށަހެޅުމަށްފަހު، އަނބުރާ ގެންގޮސް ބިޑަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅައިފައިވާ ބިޑުތަކުގެ މައުލޫމާތު އެންމެހައި ހާޒިރީންނަށް އިއްވައި، މި ގަވާއިދުގައި ހަމަޖެހިފައިވާ ތަރުތީބުން ހުޅުވަންވާނެއެވެ. ނަމަވެސް، ބީލަން ހުށަހެޅުމަށްފަހު، ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބިޑު އަނބުރާ ގެންދާކަމަށް ހުށަހަޅައިފައިވާ ބީލަންތައް ހުޅުވައިގެން ނުވާނެއެވެ. އެފަދަ ބީލަންތައް ހުށަހެޅި ފަރާތުގެ ނަމާއި، ހުށަހެޅި ވަގުތު އިއުލާނުކޮށް ރިކޯޑު ކުރުމަށްފަހު، އަނބުރާ އެ ފަރާތްތަކަށް ހަވާލުކުރަންވާނެއެވެ.
12 ވަނަ މާއްދާ - ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ބީލަން ކަރުދާސް
(ހ) ބީލަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅައިފައިވާ ބިޑުތައް ހުޅުވައި، ބިޑު ހުށަހެޅި ފަރާތްތަކުގެ ނަމާއި ވަގުތު އިއުލާނު ކުރަންވާނެއެވެ.
(ށ) ކޮންމެ ބީލަމެއް ވެސް ހުޅުވުމަށްފަހު، ޗެކްލިސްޓުގައިވާ ލިޔުންތައް އެންމެހައި ހާޒިރީންނަށް އަޑުއިވޭވަރަށް އިއުލާނު ކުރަންވާނެއެވެ.
13 ވަނަ މާއްދާ - ކޮންމެހެން އިއްވަންޖެހޭ މައުލޫމާތުތައް
(ހ) ޗެކްލިސްޓުގައިވާ މައުލޫމާތުތަކުގެ ތެރެއިން ކޮންމެހެން އިއްވަންޖެހޭ މައުލޫމާތުތައް، ތިރީގައި މިވަނީއެވެ.
- ބީލަން ހުށަހެޅި ފަރާތުގެ ނަން.
- ބީލަން ހުށަހެޅި ވަގުތު.
- ބީލަން ހުށަހެޅުމަށްފަހު އަލުން އިސްލާހުކޮށްފައިވާނަމަ އިސްލާހުކޮށްފައިވާކަން.
- ބީލަން ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާނަމަ އެކަން.
- ބީލަމަށް ހުށަހަޅައިފައިވާ އަގު.
- ބީލަމުގައި ކަނޑައަޅައިފައިވާ އަގަށް އެއްވެސް ޑިސްކައުންޓެއް ދީފައިވާނަމަ އެކަން.
- ބިޑް ސެކިޔުރިޓީ.
- މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ނުހިމެނޭ އިތުރު މައުލޫމާތެއް ހިމަނަން ބޯޑުގެ މެންބަރުންނަށް ނުވަތަ ބިޑު އިވެލުއޭޓްކުރާ ކޮމެޓީއަށް ފެނިއްޖެނަމަ، އެ މައުލޫމާތެއް؛
(ށ) ބީލަން ހުޅުވާ ވަގުތު އެންމެހައި ހާޒިރީންގެ ހާޒިރުގައި، ބީލަމުގެ އަގާއި ޑިސްކައުންޓް ފަދަ މާލީ މުއާމަލާތެއް ނީއްވައި އޮތްނަމަ، ބީލަން އިވެލުއޭޓްކުރާއިރު، އެ މުއާމަލާތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ.
14 ވަނަ މާއްދާ - ސުންގަޑި ހަމަވުމަށްފަހު ބީލަން އަނބުރާ ގެންދިއުން
ބީލަން ހުށަހެޅުމަށްފަހު، އެ ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމަށްފަހު، ހުށަހަޅައިފައިވާ ބީލަން އަނބުރާ ނުގެންދެވޭނެއެވެ.
15 ވަނަ މާއްދާ - ބީލަން ހުޅުވުމުގެ މަޖިލީހުގެ ޔައުމިއްޔާ
(ހ) ބީލަންތައް ހުޅުވުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔަގޮތުގެ ޔައުމިއްޔާ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުގެ ސެކްރެޓޭރިއަޓުގެ ފަރާތުން ލިޔެ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތާއި ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އެ ޔައުމިއްޔާގައި ސޮއިކުރަންވާނެއެވެ.
(ށ) ހުށަހަޅައިފައިވާ ހުރިހާ ބީލަން ހުޅުވުމަށްފަހު، އެންމެންގެ ހާޒިރުގައި އެ ބިޑުތައް ބަންދުކޮށް، ބީލަން އިވެލުއޭށަން ޕްރޮސެސްގައި ބައިވެރިވާ ފަރާތްތަކަށް ނުވަތަ އެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތަކަށް ބީލަން ފޯމުތައް ހަވާލުކުރަންވާނެއެވެ. އަދި އެ ބިޑުތަކަކީ، އިވެލުއޭށަން ޕްރޮސެސްގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ފެންނަން އޮންނަ އެއްޗެއްގެ ގޮތުގައި ވާންވާނެއެވެ.
ހަތަރުވަނަ ބައި
ޕްރީ-ކޮލިފައި ކުރުމާ އި، އިވެލުއޭޓް ކުރުމާއި، ރަޖިސްޓަރީ ކުރުން
16 ވަނަ މާއްދާ - އިވެލުއޭށަން ޕްރޮސެސް ފެށުމުގެ ކުރިން ބީލަންތައް ދިރާސާކުރުން
(ހ) ބީލަން އިވެލުއޭޓް ކުރަން ފެށުމުގެ ކުރިން ކޮންމެ ބިޑެއް ވެސް ހުޅުވުމަށްފަހު، އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ބަލަންވާނެއެވެ.
- ބީލަން ހުށަހަޅައިފައިވާ ފަރާތަކީ ބީލަން ހުށަހެޅުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްތޯ ބެލުން.
- ބީލަން ހުށަހެޅި ފަރާތުގެ ސޮއި ނުވަތަ ތައްގަނޑު ހިމެނިފައިވޭތޯ ބެލުން.
- ބީލަން ހުށަހެޅުމުގެ ދައުވަތުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހިމެނިފައިވޭތޯ ބެލުން (ހިމެނިފައި ނުވާނަމަ، މަދުވާ ލިޔުމެއް ނޯޓު ކުރަންވާނެއެވެ.).
- އިދާރީ ކުށެއް ޖެހިފައިވާނަމަ، އެ ކަމެއް ދެނެގަތުން. (އެފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެ ކަމެއް ނޯޓުކުރަންވާނެއެވެ.)
- ހުށަހަޅައިފައިވަނީ ދިވެހި ފައިސާއިން ނޫންނަމަ، ދިވެހި ފައިސާއަށް ބަދަލު ކުރުމަށްފަހު، ރަސްމީ ރޭޓުގައި ދިވެހި ފައިސާއިން އަގުކުރުން.
- ހުށަހަޅައިފައިވާ ބީލަމުގައި ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި ނުހިމެނޭ މައުލޫމާތެއް ސާފުކުރަންޖެހޭ ކަމަށް ފެނިއްޖެނަމަ، އެ މައުލޫމާތެއް ނޯޓުކުރަންވާނެއެވެ.
(ށ) ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި، އެއްގޮތަކަށް އަމަލު ކުރުމަށް ޓަކައި، ބީލަން ހުށަހެޅުމަށް ދޭ ދައުވަތުގައި، މަތީގައިވާ ނުކުތާތައް ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) ބީލަން އިވެލުއޭޓް ކުރުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ބީލަން ހުށަހެޅުމަށް ދީފައިވާ ދައުވަތުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ ބީލަންތައް ނުވަތަ ބީލަން ހުށަހެޅުމުގެ ހައިސިއްޔަތު ލިބިފައިނުވާކަމަށް ފާހަގަވާ ބީލަންތައް، އެއީ ބާތިލު ބީލަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އިވެލުއޭށަން ކޮމެޓީއަށް ލިބިގެންވެއެވެ. މި މަރުހަލާގައި، ބީލަމާއެކު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުމެއް މަދުވެގެން ނުވަތަ ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެގެން ބީލަން ބާތިލުކުރަން ޖެހުނަސް، އެކަން ފުރިހަމަ ކުރުމަށްޓަކައި، ބީލަން ހުށަހެޅި ފަރާތަށް އިތުރު ފުރުސަތެއް ނުދެވޭނެއެވެ.
17 ވަނަ މާއްދާ - ހުށަހަޅައިފައިވާ ބީލަމާބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުން
ހުށަހަޅައިފައިވާ ބީލަމާބެހޭ ގޮތުން ސާފުކުރަންޖެހޭ އިތުރު މައުލޫމާތެއް ވާނަމަ، އެ މައުލޫމާތެއް ސާފުކުރަންވާނީ ލިޔުމުންނެވެ. އަދި އެ ފަދައިން ސާފުކުރާ މައުލޫމާތެއްގެ ޖަވާބު ލިބިގަންނަންވާނީވެސް ލިޔުމުންނެވެ. އަދި، އެ ފަދައިން އެއްވެސް މައުލޫމާތެއް ހޯދައިފައިވާނަމަ، ހުށަހަޅައިފައިވާ ބީލަމުގެ އެނެކްސްއެއްގެ ގޮތުގައި، ފަހުން ސާފުކުރި މައުލޫމާތެއްކަން އެނގޭގޮތަށް ބީލަމާއެކު އެ މައުލޫމާތެއް ހިމަނައިފައި އޮންނަންވާނެއެވެ
18 ވަނަ މާއްދާ - ޕްރީ-ކޮލިފައި ކުރުން
މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ސާފުކޮށް، އިވެލުއޭށަން ޕްރޮސެސްއަށް ހޮވިފައިވާ ބީލަންތައް އެ މަރުހަލާއަށް ދިޔަކަން (ޕްރީ-ކޮލިފައި ވެފައިވާކަން)، ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އެ ފަރާތްތަކަށް އަންގަންވާނެއެވެ.
19 ވަނަ މާއްދާ - އިވެލުއޭށަން މަރުހަލާއަށް ވާސިލުނުވި ބީލަން
އެއްވެސް ސަބަބަކާހުރެ، އިވެލުއޭށަންގެ މަރުހަލާއަށް ވާސިލުވެފައި ނުވާ ބީލަންތައް، ވާސިލުނުވި ސަބަބާއެކު، އެ ފަރާތްތައް ޕްރީ-ކޮލިފައިވެފައި ނުވާކަން، ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.
20 ވަނަ މާއްދާ - ބީލަންތައް އަޅައިކިޔުމާއި، އިވެލުއޭޓްކުރުން
(ހ) ބީލަންތައް އިވެލުއޭޓްކޮށް މާކްސްދޭން ފެށުމުގެ ކުރިން، ހުށަހަޅައިފައިވާ ބީލަން ކަރުދާސްތައް، މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ފުރިހަމަވެފައި ނުވުމުގެ ސަބަބުން ބާތިލުވާ ބީލަން ކަރުދާސްތައް ދެނެގަނެވަކިކުރަންވާނެއެވެ.
(ށ) ޕްރީ-ކޮލިފައި ކުރުމަށް ސާފުކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ހުށަހަޅައިފައިވާ ބީލަން ހުށަހެޅުމަށް ހުޅުވައިލި ދައުވަތުގައި ކަނޑައަޅައިފައިވާ އިވެލުއޭށަން އުސޫލާއި ކްރައިޓީރިޔާއާ އެއްގޮތަށް މާކްސް ދެމުން ގެންދަންވާނެއެވެ. މާކްސް ދެވޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ހުޅުވައިލި ދައުވަތުގައި ކަނޑައަޅައިފައިވާ އިވެލުއޭށަން ކްރައިޓީރިޔާއަށް އެކަންޏެވެ. އިވެލުއޭޓްކޮށް މާކްސް ދިނުމުގެ މަރުހަލާގައި، އަލުން އައު އިވެލުއޭށަން ކްރައިޓީރިއާއެއް ތައާރުފެއް ނުކުރެވޭނެއެވެ. އަދި އިވެލުއޭށަން މަރުހަލާގައި އިވެލުއޭށަން ކްރައިޓީރިއާއަށް މާކްސް ދިނުމަށް ބީލަން ހުށަހެޅުމުގެ ދައުވަތުގައި ކަނޑައަޅައިފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން ކްރައިޓީރިޔާއެއް އިވެލުއޭޓް ނުކުރުމަކަށް ވެސް ނުނިންމޭނެއެވެ.
(ނ) ހުށަހަޅައިފައިވާ ޖުމުލަ ބީލަންތަކުގެ އަދަދު 5 (ފަހެއް) އަށްވުރެ ގިނަކަމުގައި ވާނަމަ، އަދި މާކެޓް ވެލިޔުއަށްވުރެ ނިސްބަތުން ބޮޑު އަގެއް ހުށަހަޅައިފައިވާ ބީލަމެއް ކަމުގައި ވާނަމަ، އިވެލުއޭޓްކުރުމުގެ ފުރަތަމަ މަރުހަލާގައި، އެފަދަ އަގު ހުށަހަޅައިފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގެ ބަދަލުގައި، އެވަރެޖް އަގެއް ނުވަތަ އެކަށީގެންވާ ދަށް އަގެއް ހުށަހަޅައިފައިވާ ބީލަމެއް ބެލުމަށްފަހު، އެ ބީލަންތައް އަޅައިކިޔައި އިވެލުއޭޓް ކުރާނީ އެ ބީލަންތަކެވެ.
(ރ) އެންމެ ދަށް އަގެއް ހުށަހަޅައިފައިވާ ބީލަން ދެނެގަތުމަށް ޓަކައި، ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު، ހުރިހާ ބީލަމެއްގެ އަގުތައް އަޅައިކިއުމަށްފަހު، އަގުތައް ތަރުތީބުކުރަންވާނީ، ބޮޑު އަދަދުން ކުޑަ އަދަދަށް ވާ ގޮތަށެވެ.
(ބ) އިވެލުއޭޓްކުރާ މަރުހަލާގެ ފުރަތަމަ ސްޓޭޖް ނުވަތަ ދިރާސާކޮށް އަޅައިކިއުމުގެ މަރުހަލާގައި ކަންކަން ނިންމުނު ގޮތް ރެކޯޑުކޮށް، ހުށަހަޅައިފައިވާ ބީލަމާއެކު ހިމަނަންވާނެއެވެ.
(ޅ) މި މަރުހަލާގައި އެއްވެސް ބީލަމެއް ށަރުތު ހަމަނުވާކަމަށް ދެނެގަނެވި، އެ ބީލަމަކީ ބާތިލު ބީލަމެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އެ ނިންމުމަށް ވާސިލުވި ސަބަބު ތަފުސީލުކޮށްބަޔާންކޮށް އެ ބީލަމާއެކު ހިމަނަންވާނެއެވެ.
(ކ) އިވެލުއޭޓްކުރާ މަރުހަލާގެ ފުރަތަމަ ސްޓޭޖް ނުވަތަ ދިރާސާކޮށް އަޅައިކިއުމުގެ މަރުހަލާގައި، ހުށަހަޅައިފައިވާ ބީލަން ކަރުދާސްތަކުން ބާތިލު ބީލަންތައް ވަކިކުރުމަށްފަހު، ޕްރީކޮލިފައިވެދިރާސާކުރުމުގެ ފުރަތަމަ ސްޓޭޖް ނިމިފައިވާ ބީލަންތައް، އެ ހުށަހެޅި ފަރާތްތަކަށް އެކަން ނިމުނު ގޮތުގެ ތަފުސީލު، އެ މަސައްކަތް ނިމޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގައި، އެ ބީލަން ރަޖިސްޓަރީ ކުރަންވާނެއެވެ.
ފަސްވަނަ ބައި
ނެގޯށިއޭޓް ކުރުން
21 ވަނަ މާއްދާ - ބީލަން އިވެލުއޭޓް ކުރާނެ ކަންކަމާ ގުޅޭގޮތުން ނެގޯށިއޭޓް ކުރުން
ބީލަން އިވެލުއޭޓް ކުރާ ކަންކަމާ ގުޅޭގޮތުން، އެއްވެސް ފަރާތަކަށް ލުޔެއްދީ، ނުވަތަ ބީލަން ހުށަހަޅާ
ފަރާތަށް މަންފާއެއް ލިބިދިނުމުގެ ގޮތުން ނުވަތަ އެނޫން ގޮތަކުންވެސް ނެގޯށިއޭޓް ކޮށްގެން
ނުވާނެއެވެ.
22 ވަނަ މާއްދާ - ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ކަންކަން ފުރިހަމަކުރުން
(ހ) ބީލަން މުރާޖާ ކުރުމާއި އިވެލުއޭޓްކުރުމާއި ބީލަން ކާމިޔާބުކުރި ފަރާތް ކަނޑައެޅުމު ގެ މަސައްކަތް، ބީލަން ހުށަހެޅުމަށް ހުޅުވައިލި ދައުވަތުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަނޑައެޅިފައިވާ މަސައްކަތްތައް ވަގުތަށް ނުނިމި، ބީލަން ކާމިޔާބުކުރާނެ ފަރާތެއް ކަނޑައެޅުން ލަސްވެދާނެފަދަ ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ބީލަން އިވެލުއޭޓްކުރުމާއި، ބީލަން ކާމިޔާބުކުރާނެ ފަރާތެއް ކަނޑައެޅުމަށް އިތުރު މުއްދަތު ބޭނުންވާނަމަ، އަންނަނިވި އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، އިތުރު ވަގުތު ހޯދިދާނެއެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމަށް ޓަކައި އިތުރު މުއްދަތު ބޭނުންވާކަން، ބީލަން ހުށަހެޅުމަށް ހުޅުވައިލި ދައުވަތުގައި ބީލަން ކާމިޔާބުކުރާ ފަރާތްކަނޑައެޅުމަށް ދީފައިވާ މުއްދަތު (ބިޑް ވެލިޑިޓީ) ހަމަވުމުގެ ކުރިން، ބިޑު ހުށަހަޅައިފައިވާ ފަރާތްތަކަށް ލިޔުމުން އެންގުން.
- މުއްދަތު އިތުރުކުރިކަން އަންގާ ލިޔުމުގައި، މުއްދަތު އިތުރުކުރަން ޖެހުނު ސަބަބާއި، އިތުރުކުރާ މުއްދަތާއި، ބީލަން ކާމިޔާބުކުރާ ފަރާތް ދެން ކަނޑައެޅޭނެތާރީހު ސާފުކޮށް ބަޔާންކުރަންވާނެއެވެ.
- މުއްދަތު އިތުރުކުރުމުގައި، އެ ބީލަމެއްގެ ކުޑަބޮޑު މިނަށް ރިއާޔަތް ކުރަންވާނެއެވެ. އެގޮތުން، ގިނަވެގެން އިތުރުކުރެވޭނީ 15 (ފަނަރަ) ދުވަހުގެ މުއްދަތެވެ.
(ނ) މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކުރެވޭ ހާލަތުގައި މުއްދަތު އިތުރުކުރިކަން އަންގާ އެންގުން ފޮނުވަންވާނީ، ބީލަން ހުށަހެޅި ފަރާތުން ބީލަމާ ގުޅޭ ކަންކަމުގައި މުއާސަލާތު ކުރުމަށް ބަޔާންކޮށްފައިވާ އެޑްރެހަށެވެ. އަދި ސިޓީ ނުވަތަ ލިޔުން ރައްދުވާ ފަރާތުން ހަވާލުވެފައިވާކަން އެނގޭނެ ސޮއި ނުވަތަ ސްލިޕެއް ނުވަތަ އިލެކްޓްރޯނިކް ރިކޯޑެއް އޮންނަންވާނެއެވެ.
ހަވަނަ ބައި
ބީލަން ކާމިޔާބުކުރި ފަރާތް ހޮވުން
23 ވަނަ މާއްދާ - ބީލަން ހޮވުން
(ހ) ހުށަހަޅައިފައިވާ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު، ބީލަން ކާމިޔާބުކުރި ފަރާތަށް އެ ފަރާތުން ހުށަހެޅި ބީލަން ހޮވުނުކަން ނުވަތަ ބީލަން ކާމިޔާބުވިކަން، އެކަން ކަނޑައެޅޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.
(ށ) ބީލަން ކާމިޔާބުވެފައިވާކަން، ބީލަން ކާމިޔާބުކުރި ފަރާތަށް އެންގުމަށްފަހު، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، ނުވަތަ ދައުލަތަށް ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި މެނުވީ، ބީލަމުގެ އަގާ ގުޅޭގޮތުން ނުވަތަ ބީލަމާ ގުޅޭ އެނޫންވެސް ކަމަކާ ގުޅޭގޮތުން، ނެގޯށިއޭޓްކޮށްގެން ނުވާނެއެވެ.
ހަތްވަނަ ބައި
އެހެނިހެން
24 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގަވާއިދު ހަދައި ހިންގާނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.
25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު