ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 11/2017)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ގާނޫނުގެ ދަށުން ޓެކްހާއި ފީ ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.
އެއްވަނަ ބާބު
ރަޖިސްޓަރީކުރުން
3 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓްރީކުރުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، 8 ޑިސެމްބަރު 2016 އިން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑެވެލޮޕްމަންޓް ފީއަށް މީރާގައި ރަޖިސްޓްރކުރުަމަށް ފަހު، ކަމާބެހޭ މައުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދޭންވާނެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރާ އެއަޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން، އެ ހުއްދަ ދޫކުރި ތާރީހުން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑެވެލޮޕްމަންޓް ފީއަށް މީރާގައި ރަޖިސްޓްރކުރުަމަށް ފަހު، ކަމާބެހޭ މައުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދޭންވާނެއެވެ.
(ނ) އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތައް އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑެވެލޮޕްމަންޓް ފީއަށް ރަޖިސްޓްރކުރެވޭނީ މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ކަމާބެހޭ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ އެއަރޕޯޓެއް އަދި އެއަރލައިނެއް ރަޖިސްޓްރީކުރާނީ ވަކިންނެވެ.
(ރ) އެއަރޕޯޓް ހިންގާ ފަރާތްތަކަށް އެއަރޮޑްރޯމް ސެޓިފިކެޓެއް ނުވަތަ އެއަރލައިނަަކަށް ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން މީރާއަށް އެ ކަން ލިޔުމުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓް ހިންގާ ފަރާތް ފިޔަވައި އެހެން އެއަރޕޯޓުތައް ހިންގާ ފަރަތްތައް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.
4 ވަނަ މާއްދާ - އޭޖެންޓުން އައްޔަންކުރުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓްރީކުރާ ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނަކުން ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ ބަޔާން ހުށަހެޅުމުގައްޔާއި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެ އައަރލައިން ތަމްސީލުކުރާނެ އޭޖެންޓެއް އައްޔަންކުރެވިދާނެއެވެ. މި ގޮތުން އައްޔަންކުރެވޭނީ އެ އެއަރލައިންގެ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ފަސެންޖަރ ސޭލްސް އޭޖެންޓް (ޕީ.އެސް.އޭ) ގެ ގޮތުގައި މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޭޖެންޓެއް އައްޔަންކުރަން އެދޭ ފަރާތްތަކުން އެ ކަމަށް އެދި މީރާއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ. އަދި އެ ހުށަހެޅުމާއެކު، އެ އެއަރލައިނުން އައްޔަންކުރަން އެދޭ އޭޖެންޓު އެކަން ގަބޫލުކުރި ކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެއަރލައިނަކުން އޭޖެންޓަކު އައްޔަންކޮށްފައި އޮތް އޮތުން ބާތިލުކުރަން އެދޭނަމަ އެ ކަމަށް އެދި މީރާއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އެއަރލައިނަކުން އޭޖެންޓެއް އައްޔަންކުރި ކަމުގައި ވިޔަސް، ގާނޫނުގެ ދަށުން އެއަރލައިނުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރުމަކީ އެ އެއަރލައިންގެ ޒިންމާއެކެވެ.
5 ވަނަ މާއްދާ - ޓިން
މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮންމެ އެއަރޕޯޓަކަށާއި އެއަރލައިނަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އެއް ދޭވޭނެއެވެ.
6 ވަނަ މާއްދާ - ރަޖިސްޓްރީ ބާތިލުކުރުން
(ހ) ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރާ، ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ، ނުވަތަ އެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ރެޖިސްޓްރޭށަން ބާތިލުކުރުމަށް އެދި އެ ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) އެއަރޕޯޓް ހިންގާ ފަރާތަކަށް ދޫކޮށްފައިވާ އެއަރޮޑްރޯމް ސެޓްފިކެޓުގެ ނުވަތަ ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެއްޖެނަމަ، ނުވަތަ އެ ސެޓުފިކެޓު ނުވަތަ އެ ހުއްދަ ބާތިލުކޮށްފިނަމަ، ނުވަތަ އެ ސެޓުފިކެޓު ނުވަތަ ހުއްދަ އެހެން ފަރާތަކަށް ބަދަލުކޮށްފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ، އެ ސެޓުފިކެޓު ނުވަތަ ހުއްދައިގެ މުއްދަތު ހަމަވާ ނުވަތަ ބާތިލުކުރާ ނުވަތަ ބަދަލުކުރާ ނުވަތަ ހިފަހައްޓާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މ މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން މީރާއަށް ލިޔުމުން އަންގަންވާނެއެވެ.
ދެވަނަ ބާބު
ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން
7 ވަނަ މާއްދާ - އެއަރޕޯޓް ޓެކްހާއި ފީގެ ބަޔާން
(ހ) ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ހިސާބުކުރާނީ، އަދި ޓެކްސް ބަޔާން މީރާއަށް ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
(ށ) ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ކޮންމެ ކަލަންޓަރު މަހުގެ 530 MIRA (އެއަޕޯޓް ޓެކުހާއި ފީގެ ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުސަހަޅައި، ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ބަޔާނުގައި ކަނޑައަޅާފައިވާ އަދަދު މީރާއަށް ދައްކަންވާނެއެވެ.
(ނ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕމަންޓް ފީ ދައްކަންޖެހޭ ފަސިންޖަރެއްގެ އެ މަހެއްގައި ދިވެހިރާއްޖޭން ބޭރަށް ނުފުރިކަމުގައިވިޔަސް، ރަޖިސްޓްރީކޮށްފައިވާ ފަރާތެއްގެ ރަޖިސްޓްރޭށަން މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބާތިލުނުކުރާހައި ހިނދަކު، މި މާޢްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއަށް ހުށަހަޅަންވާނެއެވެ.
8 ވަނަ މާއްދާ - އިންފޮމޭށަން ށީޓު ހުށަހެޅުން
ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ހުށަަޅާ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭށަން ށީޓެއް ހުށަހަޅަންވާނެއެވެ. އެއަރޕޯޓް ހިންގާ ފަރާތެއްނަމަ، އެ މަހުގެ ތެރޭގައި އެ އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރި ހުރިހާ ފްލައިޓްތަކުގެ މައުލޫމާތު، އަދި އެއަރލައިނެއްނަމަ، އެ މަހުގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި އެ އެއަރލައިންގެ ފްލައިޓްތަކުގެ މައުލޫމާތު، މި އިންފޮމޭށަން ށީޓުގައި ހިމަނަންވާނެއެވެ.
9 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ
ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށާއި 2017 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ހުށަހަޅަންޖެހޭ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި، އެ ދެ މަހަށް ދައްކަންޖެހޭ އެއަރޕޯޓް ސަރިވސް ޗާޖް ދައްކާނީ 28 ފެބުރުއަރީ 2017 ގެ ނިޔަލަށެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ބަޔާނުގައި ހިމަނަންވާނީ 8 ޑިސެމްބަރު 2016 އިން ފެށިގެން 31 ޑިސެމްބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖޭން ބޭރަށް ފުރި ފްލައިޓްތަކުގެ މައުލޫމާތެވެ.
10 ވަނަ މާއްދާ - އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފެށުން
(ހ) ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން 1 މޭ 2017 ގައި ނުވަތަ އެ ތާރީހުގެ ފަުން ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަންވާނެއެވެ.
(ށ) އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނީ، 1 މޭ 2017 ގައި ނުވަތަ އެ ތާރީހުގެ ފަހުން ދަތުރުކުރުމަށްޓަކައި، 1 ފެބްރުއަރީ 2017 ގައި ނުވަތަ އެ ތާރީހުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.
11 ވަނަ މާއްދާ - އޮންލައިނުކޮށް އެއަރޕޯޓް ޓެހުހާއި ފީގެ ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން ލަޒިމްކުރުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭޝަން ށީޓު މީރޢަށް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީވެސް މީރާކެނެޓް މެދުވެރިކޮށް، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ކުރާ ޑައިރެކްޓް ޓްރާންސްފަރއަކުންނެވެ
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހުތިޔާރު ކޮމިށަނަ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް މީރާއަށް އަންގައިފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.
12 ވަނަ މާއްދާ - ޓެކްސް ބަޔާން އިސްލާހުކުރުން
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅައި އިސްލާހުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.
(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއް މި މައްދާގެ (ހ) ގެ ދަށުން އިސްލާހުކޮށްފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިސްލާހުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި، ކަމާ ގުޅޭ ލިޔެކިޔުންތައް އެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނުގައި އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެންމެ ފަހުން ހުށަހެޅި އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނުގައި އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ ދަށް އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން މީރާއިން ގަބޫލުކުރާނީ އެ ބަޔާން ރިވިއުކުރުމަށް ފަހުގައެވެ.
(ރ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނުގައި އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެންމެ ފަހުން ހުށަހެޅި އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނުގައި އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން ރިވިއުކުރުމަކާނުލައި މީރާއިން އެ ބަޔާން ގަބޫލުކުރާނެއެވެ.
(ބ) މި މާއްދާގެ (ނ) ރައްދުވާނަމަ:
- އިސްލާހުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ގަބޫލުކުރާނީ އެ ބަޔާން މީރާއިން ރިވިއުކުރުމަށްފަހުގައި ކަން ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
- އިސްލާހުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން މީރާއިން ރިވިއުކޮށް އެ ބަޔާން ގަބޫލުކުރުމުގެ ކުރިން، އެ ބަޔާނާ ގުޅިގެން އުފެދޭ ކްރެޑިޓް ނުވަތަ ރީފަންޑް އެހެން އެއްވެސް އަދަދަކާ އަޅައެއްނުކެނޑޭނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިވިއުގެ ނަތީޖާ، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
ތިންވަނަ ބާބު
ޓެކުހާއި ފީ ނެގުން
13 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް
(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.
(ށ) ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް "ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަން (1961) ގައި ބަޔާންކޮށްފައިވާ އިމްތިޔާޒުތަކާއި ހިމާޔަތްތައް ހައްގުވާ، ބޭރުގެ ޑިޕްލޮމެޓިކް މިށަންއެއްގެ މެންބަރުންގެ ގޮތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބިދޭސިންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން "ޑިޕްލޮމެޓިކް ކްލިއަރެންސް" ދޭ ފްލައިޓްތަކުން ރާއްޖޭން ބޭރަށް ފުރާ އެންމެހައި ފަސިންޖަރުންނަށެވެ.
14 ވަނަ މާއްދާ - ޓްރާންސިޓް ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން
"ޑައިރެކްޓް ޓްރާންސިޓް" ނުވަތަ ދިވެހިރާއްޖޭގެ އެއަރޕޯޓެއްގައި ޓްރާންސިޓް ކުރާ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާއިރު އެ ފްލައިޓް ދިވެހިރާއްޖެއަށް އައި ދަތުރުގައި ބޭނުންކުރި ފްލައިޓް ނަންބަރު ބަދަލުނުވެ ފުރައިގެންދާ ފްލައިޓްތަކުގައި ތިބޭ ޓްރާންސިޓް ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.
15 ވަނަ މާއްދާ - 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން
(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގޭނީ، އެ ކުއްޖާ ދިވެހިރާޢްޖޭން ބާރަށް ފުރާ ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިހަމަވާނަމައެވެ.
(ށ) ދިވެހިރާއްޖޭން ބޭރުގެ އެއަޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއަރޕޯޓުން އެ ކުއްޖާ ފުރި ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިހަމަވާނަމައެވެ.
16 ވަނަ މާއްދާ - "ޑުއަލް ނެށަނަލިޓީ" އޮންނަ ދިވެހިރައްޔިތުން
"ޑުއަލް ނެށަނަލިޓީ" އޮންނަ ދިވެހިރައްޔިތުންގެ އަތުން ނަގަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވަލޮޕްމަންޓް ފީ ކަނޑައަޅާނީ، އޭނާ ރާއްޖޭން ބޭރަށް ފުރާއިރު އިމިގްރޭށަން ކްލިއަރެންސަށް އޭނާ ބޭނުންކުރާ ޕާސްޕޯޓަށް ބިނާކޮށެވެ.
17 ވަނަ މާއްދާ - އަމިއްލަ ބާރު ނުފޯރާ ލާތެއް މެދުވެރިވެގެން ޖައްސާ ފްލައިޓްތައް
"Force majeure" ނުވަތަ އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެވެރިވެގެން (މިސާލަކަށް، ޓެކްނިކަލް މައްސަލައެއް ބޯޓަށް ދިމާވެގެން ނުވަތަ އާދަޔާހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން) ދިވެހިރާއްޖޭގެ އެއަރޕޯޓަކަށް ޖައްސާ ފްލައިޓެއްގައި ތިބޭ ފަސިންޖަރުން ރާއްޖޭން ބޭރަށް ފުރާއިރު އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވަލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.
ހަތަރުވަނަ ބާބު
އާންމު މާއްދާތައް
18 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ނަގާ އެއަރޕޯޓޤ ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ މީރާއަށް ދައްކަންޖެހުން
(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވަލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގައިފި ނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ނުޖެހޭ ފަރާތެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގައިފި ނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއަރޕޯޓް ސަރވިސް ޗާޖް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގައިފިނަމަ، އެފައިސާ ނެގި މުއްދަތަށް ނިސްބާވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ އެ ފަސިންޖަރަށް އަނނުރާ ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ފަސިންޖަރަށް އެ ފައިސާ އަނބުރާދޭނަމަ، އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ.
19 ވަނަ މާއްދާ - މީރާއަށް މައުލޫމާތު ފޯރުކޮށްދިނުން
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ށެޑިއުލްޑް އެއަރލައިންތަކުގެ ފްލައިޓްތަކާ ބެހޭ މައުލޫމާތު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، އެ އެއަރޕޯޓް ހިންގާ ފަރާތުން ކޮންމެ މަހަކު މީރާއަށް ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
ގާނޫނު ނަންބަރު 29/2016 (އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަދި ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ސައްހަ އަދަދެއްކަން ސާބިތުކޮށްދެވޭނެ އެންމެހައި ލިޔެކިޔުންތައް އެ ފަރާތްތަކުން ބަލަހައްޓަންޖެހޭނެއެވެ.
21 ވަނަ މާއްދާ - ޖޫރިމަނާ
އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑިވަލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީނުކޮށްފިނަމަ، ނުވަތަ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން އެ ބަޔާން ހުށަނައަޅައިފި ނަމަ ނުވަތަ ލަހުން ހުށަހަޅައިފި ނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ވާ ގޮތުގެ މަތިން އެ ފަރާތެއް ޖޫރިމަނާ ވާނެއެވެ.
22 ވަނަ މާއްދާ - އެހެން ގާނޫނުތަކާއެކު މި ގަވާއިދު ކިއުން
މި ގަވާއިދު ކިޔާނީ، ގާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި އެ ގާނޫނުތަކުން ބާރުލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައިވާ ނުވާ ލަޒުފެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު މާނކުރާނީ، އެ ގާނުނުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
24 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:
(ހ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު) އަށެވެ.
(ށ) "ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރާ އެއަރލައިން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރުމަށް މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރލައިންތަކަށެވެ.
(ނ) "އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ނެގޭ ފީއަށެވެ.
(ރ) "އެއަރޕޯޓް ސަރވިސް ޗާޖް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން ނެގޭ ޓެކުހަށެވެ.
(ބ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(ޅ) "މީރާ ކަނެކްޓް" ކަމަށް ބުނެފައި އެ ވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރާ، މީރާގެ އޮންލައިން ޕްލެޓްފޯމަށެވެ.
(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާޢްޖެއަށް ށެޑިއުލްޑް ފްލައިޓްތައް އޮޕަރޭޓްކުރާ އެއަރލައިންތަކެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ކިޔުންތެރިންގެ ހިޔާލު