-

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-11) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-129)

 

ގަވާއިދު ނަންބަރު 2017-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއަރޕޯޓް ސަރވިސް ޗާޖަށާއި ، ޑިޕާޗަރ ޓެކްސްއަށާއި ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރުން 3.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

3 (1-ހ)  ގަވާއިދު ނަންބަރު 2017-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، 1 ނޮވެންބަރު 2021 އިން ފެށިގެން ޑިޕާޗަރ ޓެކްސްއަށް ރަޖިސްޓަރީކޮށް، ކަމާބެހޭ މައުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(1-ށ) ގަވާއިދު ނަންބަރު 2017-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން، މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، އަންނަނިވި ތާރީހުގެ ތެރެއިން ފަހުން އަންނަ ތާރީހަކުން ފެށިގެން ޑިޕާޗަރ ޓެކްސްއަށް މީރާގައި ރަޖިސްޓަރީ ކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

  1. މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރި ތާރީހު؛
  2. 1 ނޮވެންބަރު 2021.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3(ނ) އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތައް އެއަރޕޯޓް ސަރވިސް ޗާޖަށާއި ޑިޕާޗަރ ޓެކްސްއަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރެވޭނީ މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީން ކަމާބެހޭ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ އެއަރޕޯޓަކާއި އެއަރލައިނެއް ރަޖިސްޓަރީކުރާނީ ވަކިންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3(ބ)  މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓް ހިންގާ ފަރާތް ފިޔަވައި އެހެން އެއަރޕޯޓުތައް ހިންގާ ފަރާތްތައް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

6(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއަރޕޯޓް ސަރވިސް ޗާޖަށް ރަޖިސްޓަރީކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި އެއަރލައިންތައް، އެއަރޕޯޓް ސަރވިސް ޗާޖަށް ރަޖިސްޓަރީކޮށްފައި އޮތް އޮތުން 31 ޑިސެންބަރު 2021 ނިމުމުން ބާޠިލުވީއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން 7.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ހިސާބުކުރާނީ، އަދި ޓެކްސް ބަޔާން މީރާއަށް ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ކޮންމެ ކަލަންޑަރު މަހަކު 530 MIRA (އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅައި، ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ބަޔާނުގައި ކަނޑަ އަޅައިފައިވާ އަދަދު މީރާއަށް ދައްކަންވާނެއެވެ.

(ނ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ފަސިންޖަރެއް އެ މަހެއްގައި ދިވެހިރާއްޖެއިން ބޭރަށް ނުފުރިކަމުގައި ވިޔަސް، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭށަން، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބާޠިލުނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީހުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީހުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނީ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2 (ވަނަ ނަންބަރުގައިވާ ރޭޓްތަކުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޑިޕާޗަރ ޓެކްސް ނަގަން ފެށުން 1-10.

(ހ) ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީހުގެ ފަހުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަންވާނެއެވެ.

(ށ) ޑިޕާޗަރ ޓެކްސް ނަގާނީ، 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީހުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީހުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮންލައިންކޮށް އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން ލާޒިމުކުރުން 11.

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭށަން ށީޓު މީރާއަށް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކް ސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް މީރާކަނެކްޓް މެދުވެރިކޮށް، ނުވަތަ މޯލްޑިވްސް މަނިޓަރީއޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ކުރާ ޑައިރެކްޓް ޓްރާންސްފަރއަކުންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އުނިކުރުން.

12.

(ނ) (އުނިކޮށްފައި).

(ރ) (އުނިކޮށްފައި).

(ބ) (އުނިކޮށްފައި).

(ޅ) (އުނިކޮށްފައި).

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިސްލާހުކޮށްފައިވާ ބަޔާނެއްގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ފައިސާ ދެއްކިފައިވުން ކަމަށް ވާނަމަ، އިތުރަށް ދެއްކިފައިވާ ފައިސާގެ މިންވަރު މީރާއިން އެ ފަރާތަށް ރީފަންޑް ކުރުމުގައި އަމަލުކުރާނީ ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

13  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ދަތުރުކުރާ ކްލާސްތައް 1-12.

(ހ) ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ފަސިންޖަރު ދަތުރުކުރާ ކްލާސް ކަނޑައަޅަންވާނީ، ފެއަރ އެޕްރޫވަލްގެ ބޭނުމަށް އެ އެއަރލައިނުން އިންޓަނޭށަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭށަން (IATA) އަށް ހުށަހަޅާ ހުށަހެޅުމުގައި ދަތުރުކުރާ ކްލާސް ކަނޑައަޅައި ފައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޗާޓަރު ފްލައިޓެއްގައި ދަތުރުކުރާ ފަސިންޖަރު ދަތުރުކުރާ ކްލާސް ކަނޑައަޅަންވާނީ، ޗާޓަރުކުރާ ފަރާތުން، އެއަރޕޯޓު ހިންގާ ފަރާތަށް އެ މައުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ލިޔެކިޔުންތަކަށް ބިނާކޮށެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރާ ފަސިންޖަރު ދަތުރުކުރާ ކްލާހަކީ "ޕްރައިވެޓް ޖެޓް" އެވެ.

(ރ) ޕްރައިވެޓް ޖެޓެއް އޮޕަރޭޓުކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީން ދޫކުރާ ހުއްދައިގެ ދަށުން ދިވެހިރާއްޖޭގެ
އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކޮންމެ މަތިންދާބޯޓެއް ވެސް، މި މާއްދާގެ (ނ) ގެ ބޭނުމަށް ބަލަންވާނީ ޕްރައިވެޓް ޖެޓެއްގެ ގޮތުގައެވެ. އަދި އެ މަތިންދާބޯޓުގެ ބާވަތާއި އެ މަތިންދާބޯޓުގައި ހުރި ކެބިންތަކުގެ ބާވަތަށް ބެލުމެއްނެތި މި އަކުރަށް އަމަލުކުރަންވާނެއެވެ.

 

ދަތުރުކުރާ ކްލާސް އަޕްގްރޭޑްކުރުން 2-12

(ހ) ދަތުރުކުރާ ކްލާސް، މަތީ ކްލާހަކަށް އަޕްގްރޭޑްކުރާ ހާލަތުގައި، އެ އަޕްގްރޭޑާ ގުޅިގެން ފަސިންޖަރުގެ ޓިކެޓް ރީއިށޫ ނުކުރި ނަމަވެސް، އެ އަޕްގްރޭޑް ކުރެވުނު ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރުގެ އަތުން ނަގަންވާނެއެވެ.

(ށ) އެއްވެސް މުގާބިލެއް ދައްކަންނުޖެހި އަދި ޗެކިންކުރާ ވަގުތު ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކޮށްފިނަމަ، މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ. މި އަކުރުގެ ބޭނުމަށް "މުގާބިލު" ގެ މާނައިގެ ތެރޭގައި ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރިޑީމްކުރުން ހިމެނޭނެއެވެ.

 

ދަތުރުކުރާ ކްލާސް ޑައުންގްރޭޑްކުރުން 3-12

(ހ) ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުގައި ޑިޕާޗަރޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކައިފައިވާ ފަސިންޖަރެއްގެ ދަތުރުކުރާ ކްލާސް، ފަސިންޖަރުގެ އެދުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ދަށްކޮށްފިނަމަ، ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރު ދައްކަން ޖެހޭނީ އެ ދަށްކުރެވުނު ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި ފަސިންޖަރުގެ އަތުން ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ނަގައިފައިވާނަމަ، އިތުރަށް ނަގައިފައިވާ ޓެކްސްގެ އަދަދު، އެ މުއްދަތަށް ނިސްބަތްވާ އެއަރޕޯޓު ޓެކުހާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑި ފާއިތުވުމުގެ ކުރިން، ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން އެ ފަސިންޖަރަށް އަނބުރާ ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފަސިންޖަރަށް އެ ފައިސާ އަނބުރާ ރައްދުކޮށްފައި ނުވާނަމަ، ގާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ އަދަދު މީރާއަށް ދައްކަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް 13.

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކް ސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން 

2 އަހަރު ފުރިހަމަނުވާ ކުޑަކުދިން 15.

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ކުއްޖާ ދިވެހިރާއްޖެއިން ބޭރަށް ފުރާ ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިފައިވާނަމައެވެ.

(ށ) ދިވެހިރާއްޖޭން ބޭރުގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއަރޕޯޓުން އެ ކުއްޖާ ފުރި ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިފައިވާނަމައެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

"ޑުއަލް ނެށަނަލިޓީ" އޮންނަ ދިވެހި ރައްޔިތުން 16.

ޑުއަލް ނެށަނަލިޓީ" އޮންނަ ދިވެހި ރައްޔިތުންގެ އަތުން ނަގަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ކަނޑައަޅާނީ، އޭނާ ރާއްޖެއިން ބޭރަށް ފުރާއިރު ޗެކިން ކުރުމަށް ބޭނުންކުރާ ޕާސްޕޯޓަށް ބިނާކޮށެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން ޖައްސާ ފްލައިޓްތައް 17.

".majeure Force "ނުވަތަ އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން (މިސާލަކަށް، ޓެކްނިކަލް މައްސަލައެއް ބޯޓަށް ދިމާވެގެން ނުވަތަ އާދަޔާހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން) ދިވެހިރާއްޖޭގެ އެއަރޕޯޓަކަށް ޖައްސާ ފްލައިޓެއްގައި ތިބޭ ފަސިންޖަރުން ރާއްޖެއިން ބޭރަށް ފުރާއިރު އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގާނޫނާ ހިލާފަށް ނަގާ ޓެކުހާއި ފީ ރީފަންޑްކުރުން 18.

(ހ) ގާނޫނުގެ 1-8 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 3-12 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަސިންޖަރަކަށް އެއްވެސް އަދަދެއް އަނބުރާ ރައްދުކޮށްފައިވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން އިސްލާހުކުރަން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރަންވާނީ، މި ގަވާއިދުގެ 12 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިސްލާހުކޮށްފައިވާ ބަޔާނާ ގުޅިގެން އުފެދޭ ކްރެޑިޓް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަނބުރާ ދޭންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިކޯޑު ބެލެހެއްޓުން 20.

ގާނޫނު ނަންބަރު 2016-29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ސައްހަ އަދަދެއްކަން ސާބިތުކޮށްދެވޭނެ އެންމެހައި ލިޔެކިޔުންތައް (ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކުރުމާއި، ޑައުންގްރޭޑް ކުރުމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިމެނޭގޮތުން)، އެ ފަރާތްތަކުން ބަލަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ޖޫރިމަނާ 21.

އެއަރޕޯޓް ސަރވިސް ޗާޖަށާއި، ޑިޕާޗަރ ޓެކްސްއަށާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީ ނުކޮށްފި ނަމަ، ނުވަތަ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން އެ ބަޔާން ހުށަނާޅައިފިނަމަ، ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައިވާ ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާ ވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

24(1-ރ) ޑިޕާޗަރ ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ގެ 1-2 ވަނަ މާއްދާގެ ދަށުން ނަގާ ޓެކުހަށެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2016-29) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު