-

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެ ތަކެތީގެ ބޭނުންހިފުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-128)

މި ގަވާއިދުގެ 23 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-99 އިން އުވާލެވިފައި

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (11) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހަމަތަކާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި، ބެލެހެއްޓުމާއި، އެ ތަކެތީގެ ބޭނުންހިފުމާ ގުޅޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެ ތަކެތީގެ ބޭނުންހިފުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފޯރުކޮށްދީފައިވާ ވަސީލަތްތައް ބޭނުންކުރުމުގެހަމަތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި ތަކެތި ރައްކައުތެރިކަމާއެކު ގެންގުޅުމުގެހަމަތަކާއި، އުސޫލުތަކާއި، އެ ތަކެތީގެ ބޭނުންހިފުމާއި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ  މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާ ތަންފީޒު ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

4 ވަނަ މާއްދާ - މަސްއޫލިއްޔަތު އަދާކުރުމަށްބޭނުންކުރާ އާލާތްތަކާއި، މުދަލާއި، ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ އެންމެހައި މުދަލާއި ތަކެއްޗާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިންވެންޓްރީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާއިމުކުރާ ނިޒާމަކީ، މުދަލާއި ތަކެއްޗާއި އާލާތްތައް މަރުކަޒީކޮށާއި ލާމަރުކަޒީކޮށް އަދާހަމަކޮށް، ބެލެހެއްޓޭ ނިޒާމަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލާއި ތަކެއްޗާއި އާލާތްތަކުގެ އިންވެންޓްރީ މަރުކަޒީގޮތެއްގައި ބެލެހެއްޓުމަކީ،ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ މަސްއޫލިއްޔަތެކެވެ. އަދި ލާމަރުކަޒީކޮށް ބެލެހެއްޓުމަކީ، އެފަދަ މުދަލާއި ތަކެއްޗާއި އާލާތްތައް ހަވާލުކޮށްފައިވާ އިދާރީ ބަހާއެއްގެ މަސްއޫލިއްޔަތެކެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް، އެއް ބަހާއިން އަނެއް ބަހާއަށް ބަދަލުކުރަންވާނީ، އެ އެއްޗެއް އެ ހިނދަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އިދާރީ ބަހާއަކަށް އިސްކަންދިނުމަށް ސަމާލުކަންދިނުމާއެކު، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބަލަހައްޓާ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. 

 

5 ވަނަ މާއްދާ - ސްޓޮކް ބެލެހެއްޓުން 

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ ތަކެތީގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދައިފައި ބަހައްޓާ އެންމެހައި ތަކެތި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ސްޓޮކަށް ވައްދައި، މަރުކަޒީ ގޮތެއްގައި އެފަދަ ތަކެތީގެ ސްޓޮކް ބަލަހައްޓައި، ސްޓޮކް ބާކީކުރެވޭނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަރުކަޒީކޮށް ސްޓޮކް ބެލެހެއްޓުމުގެ އިތުރުން، ރީޖަންތަކުގައި ނުވަތަ އަތޮޅު ޕޮލިސް ސްޓޭށަންތަކުގައި ނުވަތަ ޑިޕާޓްމަންޓްތަކުގައި ބޭނުންކުރުމަށް މަރުކަޒީ ސްޓޮކުން ގަނޑުކޮށް، ނުވަތަ ސްޓޮކްކުރެވޭ މިންވަރަށް ދޫކުރާ ތަކެއްޗާއި، މަރުކަޒީ ސްޓޮކުން ގެނައުމަކާ ނުލައި، ސީދާ އެ ތަނެއްގެ ބޭނުމަށް ހޯދޭ ތަކެތި އެ ތަނެއްގެ ސްޓޮކަށް ވައްދައި، ސްޓޮކް ބާކީކޮށް، އެ ތަނަކުން ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސްޓޮކް ބަލަހައްޓަންވާނީ، މަރުކަޒީ ސްޓޮކް ބެލެހެއްޓުމުގެ ނިޒާމު، އެއް ސޮފްޓްވެއަރއަކުން ގުޅައިލެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.

(ރ) ސްޓޮކް ގާއިމު ކޮށްފައިވާ ތަންތަނުގައި ސްޓޮކް ބެލެހެއްޓުމަށް ވަކި މުވައްޒަފަކު ކަނޑައަޅައި، އެކަން ލިޔުމުން އެ މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ.

(ބ) ސްޓޮކުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނީ، އެ ސްޓޮކެއް ގާއިމުކޮށްފައިވާ ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ހުއްދަޔާއެކު، ސްޓޮކް ބެލެހެއްޓުމާ ހަވާލުވެ ހުންނަ މުވައްޒަފެކެވެ.

(ޅ) ރީޖަންތަކަށް ނުވަތަ އަތޮޅު ޕޮލިސް ސްޓޭށަންތަކަށް ނުވަތަ ވަކިވަކި ޑިޕާޓްމަންޓްތަކުގެ ސްޓޮކަށް ބޭނުންވާ ތަކެތި ދޫކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއަށް، ސިސްޓަމް މެދުވެރިކޮށް ލިބޭ ރިކުއެސްޓްތަކަށް ބެލުމަށްފަހު، އެ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ހަވާލުކޮށްފައި ހުންނަ ތަކެތި ބެލެހެއްޓުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރާ ތަކެއްޗާއި، ވަގުތީގޮތުން ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ހަވާލުކުރާ އެންމެހައި ތަކެއްޗާއި އާލާތްތައް ހަވާލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ތަކެއްޗާއި މުދަލާއި އާލާތްތަކާއި ވަސީލަތްތައް މުވައްޒަފުންނާ ހަވާލުކުރުމުގައި އޭގެ ބާވަތްތައް ބެހިގެންވަނީ އަންނަނިވި ބައިތަކުގެމައްޗަށެވެ.

  1. ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް ފުލުހަކާ ހަވާލުކުރެވޭ ސާމާނާއި އާލާތްތައް؛
  2. މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހަވާލުކުރެވޭ ތަކެތި؛
  3. މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ މުދަލާއި ތަކެތި؛
  4. ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ދީފައިވާ އެކްސަސްތަކާއި ޕާސްވޯޑްތައް؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތަކެއްޗާއި އާލާތްތައް ބޭނުންކުރުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވަސީލަތްތައް ވެސް ހިމެނިގެންދާނީ އެ އެއްޗެއް ހަވާލުކޮށްފައިވާ މުވައްޒަފު ޒިންމާވާގޮތަށް ދޫކޮށްފައިވާ ވަސީލަތެއް ކަމުގައެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ ސާމާނާއި އާލާތްތަކަކީ، ހަމައެކަނި ފުލުހުންނާ ހަވާލުކުރެވޭނެ ތަކެއްޗެވެ. މިގޮތުން ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ފުލުހަކާ ހަވާލުކޮށްފައިވާ އެފަދަ އެއްޗަކީ އެ ފުލުހަކު ވަޒީފާގައި ދެމިހުރިހައި ހިނދަކު ނުވަތަ ވަގުތީގޮތުން އެ އެއްޗެއްގެ ބޭނުން ނިމުމަކަށް އައުމާހަމައަށް ބޭނުންކުރުމަށް ހަވާލުކުރާ އާލާތެއް ނުވަތަ އެއްޗެއްގެ ގޮތުގައި ހަވާލުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ ތަކެތި ހަވާލުކުރެވޭނީ މުވައްޒަފު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ އެއްޗެއްގެ ބޭނުންކުރަން ޖެހޭނަމަ، ކަނޑައެޅޭ ވަކިގޮތެއްގެ މަތީން ބޭނުންކުރުމަށެވެ. މިގޮތުން އެފަދަ އެއްޗެއް ހަވާލުކޮށްފައިވާ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު ބަދަލުވެއްޖެނަމަ، އެފަދަ އެއްޗަކާމެދު އަމަލުކުރަންޖެހޭ ގޮތް، އެ އެއްޗެއް ހަވާލުކުރާ ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ މުދަލާއި ތަކެތި ބެލެހެއްޓުމުގައި އަމަލުކުރަންވާނެ ގޮތާއި، އެފަދަ މުދަލާއި ތަކެއްޗާމެދު އަމަލުކުރަންވާނެ ގޮތް، އެ އެއްޗެއް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މުވައްޒަފުގެ ވަޒީފާ ބަޔާނުގައި ހިމަނަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ އެކްސަސްތަކާއި ޕާސްވޯޑްތައް ބޭނުންކުރަންވާނީ، ހަމައެކަނި ރަސްމީ ބޭނުމަށް، އެ އެއްޗެއް ދޫކުރެވިފައިވާ މުވައްޒަފެކެވެ. ކަނޑައެޅިގެން ހުއްދަކުރާ ވަކި ހާއްސަ ހާލަތެއްގައި އެ މުވައްޒަފު ސުޕަވައިޒްކުރާ އިސްވެރިއަކަށް އެންގުމަށްފަހު މެނުވީ، މުވައްޒަފަށް ދޫކޮށްފައިވާ އެފަދަ އެކްސަސްއެއް ނުވަތަ ޕާސްވޯޑެއް އެހެން މުވައްޒަފަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(އ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދައިފައިވާ މުދަލެއް ނުވަތަ އެއްޗެއް ނުވަތަ އާލާތެއް ނުވަތަ ވަސީލަތެއް މުވައްޒަފަކަށް ހަވާލު ކުރަންވާނީ ލިޔުމުންނެވެ. މިގޮތުން ހަވާލުކުރާ ލިޔުމުގައި، މުވައްޒަފު ހަވާލުވިކަމާއި، ހަވާލުވި ތާރީހާއި ގަޑި އެނގޭނޭހެން ބަޔާންކޮށް ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްޒަފާ އެފަދަ އެއްޗެއް ހަވާލުކުރިކަމާއި، ހަވާލުކުރި ތާރީހާއި ގަޑި އެނގޭނޭހެން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ރެކޯޑު ކުރެވިދާނެއެވެ. މިގޮތުން ރެކޯޑުކުރާ ކޮންމެ ފަހަރަކު، އެކަން މުވައްޒަފަށް އެންގުމަށް ޓަކައި، އެފަދަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް މެސެޖެއް ފޮނުވަންވާނެއެވެ.

(މ) ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ވަކި ބޭނުމެއް ކުރުމަށް ކުރު މުއްދަތެއްގެ ތެރޭގައި، އަނބުރާ ދައްކާގޮތަށް މުވައްޒަފުންނާ ހަވާލުކުރާ ތަކެތި ހަވާލުކުރާއިރު އެ ތަކެތި ހަވާލުކުރަންވާނީ، އަންނަނިވި މައުލޫމާތު ލިޔުމުން ނުވަތަ އެފަދަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ރެކޯޑު ކުރުމަށް ފަހުގައެވެ.

  1. ތަކެތީގެ ބާވަތާއި ތަފުސީލާއި ހާލަތު؛
  2. ތަކެތި ދޫކުރެވުނު މުވައްޒަފުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
  3. ތަކެތި ދޫކުރެވޭ ބޭނުން؛
  4. ތަކެތި އަނބުރާ ވަކި ތާރީހެއްގައި ހަވާލުކުރަން ޖެހޭނަމަ، އެ ތާރީހު؛
  5. ތަކެތި ދޫކުރި މުވައްޒަފުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
  6. ތަކެތި ދޫކުރި ތާރީހާއި ގަޑި.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކޮށްފައިވާ އެއްޗެއް އަނބުރާ ގެނައުމުން ، އެ އެއްޗެއް ހަވާލުވުމަށްފަހު، އެ އެއްޗެއް ގެނައިކަމާއި، އެ އެއްޗެއް ގެނައި ތާރީހާއި، ގަޑިއާއި، ގެނައިއިރު އޮތް ހާލަތެއް އެނގޭނޭހެން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ހަވާލުކޮށްފައި ހުންނަ ތަކެތި ބެލެހެއްޓުން

(ހ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް، އެ ބަހާތަކާ ނުވަތަ ވަކިވަކި މުވައްޒަފުންނާ ހަވާލުކޮށްފައިވާ ކޮންމެ އެއްޗެއް ވެސް ރައްކައުތެރިކަމާއެކު އެކަށީގެންވާ ގޮތެއްގެ މަތީން ބެލެހެއްޓުމަކީ އެ އެއްޗެއް ހަވާލުކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ.

(ށ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗާއި އާލާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތެއް، އެ އިދާރީ ބަހާއަކުން ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައަޅާ ގޮތަކީ، އެފަދަ އެއްޗެއް ނުވަތަ އާލާތެއް ނުވަތަ ވަސީލަތެއް ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާ ގޮތެއް ކަމުގައި ވާންވާނެއެވެ.

(ނ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗާއި އާލާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމަށް، ވަކި މުވައްޒަފަކު ނުވަތަ ވަކި މުވައްޒަފުންތަކެއް އެ އިދާރީ ބަހާއަކުން ކަނޑައަޅަންވާނެއެވެ.

(ރ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ އެއްޗަކަށް ނުވަތަ އާލާތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އެފަދަ އެއްޗެއް ބެލެހެއްޓުމުގެ ޒިންމާ އިދާރީ ބަހާގެ ފަރާތުން ހަވާލުކޮށްފައިވާ މުވައްޒަފު، ވީ އެންމެ އަވަހަކަށް، އެ އިދާރީ ބަހާގެ އިސް އޮފިސަރަކަށް އެކަން ރިޕޯޓުކޮށް، އެ ފަރާތުން އަންގާ ގޮތެއްގެ މަތީން އަމަލުކުރަންވާނެއެވެ.

(ބ) މުވައްޒަފަކަށް ހަވާލުކޮށްފައިވާ އެއްޗަކަށް ނުވަތަ އާލާތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެފަދަ އެއްޗެއް އެ މުވައްޒަފަށް ދޫކުރި ތަކެތި ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރީ ބަހާއަށް، ވީ އެންމެ އަވަހަކަށް އެކަން ރިޕޯޓުކޮށް، އެ ފަރާތުން އަންގާ ގޮތެއްގެ މަތީން އަމަލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ހާއްސަ ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭ ތަކެތި

ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ ތަކެތީގެ ތެރޭގައި ހިމެނޭ ކެމިކަލް ނުވަތަ ތެޔޮ ނުވަތަ ގޭސް ނުވަތަ ހާއްސަ ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭ އެ ނޫން އެފަދަ ތަކެތި ބަހައްޓައިފައި ހުންނަންވާނީ، އެފަދަ ތަކެތި ބެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާގާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް ހަވާލުކުރެވޭ އާލާތްތަކާއި ތަކެތި ގެންގުޅުން

(ހ) ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ބޭނުންކުރާ އާލާތެއް ނުވަތަ އެއްޗެއް ރަސްމީ ޑިއުޓީގައި ބޭނުންކުރުމަށް ޓަކައި، މުވައްޒަފުގެ އަތަށް އެ މުވައްޒަފު ބޭނުންކުރުމަށް ދޫކޮށްފައި ވީ ނަމަވެސް، އެފަދަ އާލާތްތަކާއި ތަކެތި ބަހައްޓަންވާނީ އެ އެއްޗެއް ބެހެއްޓުމަށް މުވައްޒަފު އެ ވަގުތަކު މަސައްކަތްކުރާ އިދާރީ ބަހާގެ ފަރާތުން ނުވަތަ އެފަދަ އެއްޗެއް ދޫކުރި އިދާރީ ބަހާގެ ފަރާތުން ކަނޑައަޅައިފައިވާ ވަކި ތަނެއްގައެވެ. މިގޮތުން އެފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތަން އެ އިދާރީ ބަހާއެއްގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮ ސީޖަރގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މުވައްޒަފަކު ރަސްމީ ޑިއުޓީ ނިންމައިފައި ދަމުން ބަހައްޓަންޖެހޭ ތަނުގައި ނުބަހައްޓައި ގެއަށް ގެންގޮސްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެފަދަ ތަކެތި ރައްކައުތެރިކަމާއެކު ބެހެއްޓުމަށް ބޭނުންވާނެ އެކަށީގެންވާ އިންތިޒާމު، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ހަވާލުކޮށްފައި ހުންނަ ތަކެތި އަނބުރާ ދިނުން

(ހ) މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ ނުވަތަ މުވައްޒަފާ ހަވާލުކޮށްފައިވާ ވަކި މަސައްކަތެއް ކުރުމަށް ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ވަޒީފާގައި ދެމިހުރިހައި ހިނދަކު ބޭނުންކުރުމަށް ހަވާލުކުރެވޭ އާލާތެއް ނުވަތަ ތަކެތި އަންނަނިވި ހާލަތްތަކުގައި އެ އެއްޗެއް ދޫކޮށްފައިވާ މުވައްޒަފު ނިސްބަތްވާ ނުވަތަ އެފަދަ ތަކެތި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނބުރާ ހަވާލުކުރަންވާނެއެވެ.

  1. ވަޒީފާގެ މަސްއޫލިއްޔަތު ބަދަލުވުން؛
  2. ހަވާލުކޮށްފައިވާ މަސައްކަތް ނިމުމުން؛
  3. މުވައްޒަފުގެ ހިދުމަތް ނުލިބޭ ފަދަ ދިގު ޗުއްޓީއަކަށް ދިއުން؛
  4. ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރުން؛
  5. ސަސްޕެންޑްކުރުމަށް ނިންމުން؛
  6. ވަޒީފާއިން ވަކިކުރަން ނިންމުން.

(ށ) މުވައްޒަފަކަށް ދޫކޮށްފައިވާ އެއްވެސް އެއްޗެއް ނުވަތަ އާލާތެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން އަނބުރާ ހަވާލުކޮށްފިނަމަ،
ހަވާލުކުރި ތާރީހާއި، ގަޑިއާއި، ތަކެއްޗާ ހަވާލުވި ފަރާތުގެ މައުލޫމާތު އެނގޭނޭހެން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

(ނ) މުވައްޒަފަކަށް ދޫކޮށްފައިވާ އެއްޗެއް، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވެގެން ވަކި މުއްދަތެއްގެ ތެރޭގައި ހަވާލުކުރުމަށް އެންގުމުން، އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ހަވާލުނުކޮށް އެ މުއްދަތަށްވުރެ އިތުރަށް 24 (ސައުވީސް) ގަޑިއިރު ފާއިތުވެއްޖެނަމަ، އެ ހާލަތުގައި ބެލެވޭނީ، އެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުގެ މުދަލެއްގެ މައްޗަށް ހުއްދަނޫންގޮތުގައި ބާރުފޯރުވީކަމަށެވެ.

 

11 ވަނަ މާއްދާ - ތަކެއްޗާއި ވަސީލަތްތައް އެހެން ފަރާތެއްގެ ބޭނުމަށް ދޫކުރުން

(ހ)  ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދައިފައިވާ ހަތިޔާރާއި، ގާނޫނު ތަންފީޒު ކުރުމުގައި ބޭނުންކުރުމަށް ގެންގުޅޭ ތަކެއްޗާއި އާލާތްތައް ފިޔަވައި އެހެން ތަކެއްޗާއި މުދަލާއި ވަސީލަތްތައް ބޭނުންކުރަންޖެހޭ ހާލަތެއް މެދުވެރިވެގެން، ވަގުތީގޮތުން ބޭނުންކުރުމަށް ދައުލަތުގެ މުއައްސަސާއަކަށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ދޫކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ހާލަތެއްގައި ދައުލަތުގެ މުއައްސަސާއެއް ފިޔަވައި އެނޫން އާންމު ފަރާތަކަށް އެއްޗެއް ދޫކުރަންވާނީ، އެ ފަރާތަކަށް އެ އެއްޗެއް ދޫކުރުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތަކަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާމެދު އާންމު ރައްޔިތުން ދެކޭ ގޮތާއި އޮންނަ އިތުބާރަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނޭކަން ޔަގީންވާނަމައެވެ.

 

12 ވަނަ މާއްދާ - ވަސީލަތްތައް ބޭނުންކުރުން 

(ހ)  ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ރަސްމީ ބޭނުމަށް މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ އެންމެހައި ވަސީލަތްތައް ބޭނުންކުރަންވާނީ، އެ ވަސީލަތެއް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތް ބޭނުންކުރެވޭނެ ފަދަ ގޮތަށެވެ.

(ށ) އެއްވެސް ވަސީލަތެއް، ރަސްމީ ބޭނުމެއް ފިޔަވައި އެނޫން ބޭނުމަކަށް ބޭނުންކުރަންވާނީ، އެކަމަށް ހާއްސަ ހުއްދައެއް ލިބިގެން، އެ ފަދަ ހާލަތެއްގައި އެ ފަދަ ވަސީލަތެއް ބޭނުންކުރުމަށް ހުއްދަކުރެވޭ މިންވަރަކަށް އެކަންޏެވެ.

(ނ) ރަސްމީ ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މުވައްޒަފަށް ދޫކޮށްފައިވާ ތަކެތި ފިޔަވައި އެހެން އެއްވެސް، ގެޖެޓެއް ނުވަތަ އާލާތެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ނެޓްވާރކް ސިސްޓަމަކަށް ގުޅަންވާނީ، ނުވަތަ އެ ނެޓްވާރކް ސިސްޓަމުގެ ތެ ރޭގައި ބޭނުންކުރަންވާނީ، ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ރ) ރަސްމީ ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މުވައްޒަފަށް ދޫކޮށްފައިވާ އެއްވެސް އެއްޗެއް، ދިވެހި ފުލުހުންގެ ހިދުމަތުގެ ނެޓްވާރކް ފިޔަވައި އެހެން ނެޓްވާރކަކަށް ނުވަތަ ސިސްޓަމަކަށް ގުޅަންވާނީ، ނުވަތަ އެ ފަދަ ސިސްޓަމެއްގައި ނުވަތަ ނެޓްވާރކެއްގައި ބޭނުންކުރަންވާނީ، ލިޔުމުން ހުއްދަ ލިބިގެންނެވެ.

 

13 ވަނަ މާއްދާ - އިންށުއަރ ކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ ތަކެތީގެ ތެރެއިން އަގުބޮޑު ތަކެއްޗާއި މުދާ އިންށުއަރ ކުރަންވާނެއެވެ. މިގޮތުން އަންނަނިވި ތަކެތި އިންށުއަރ ކުރަން ހާއްސަ އިސްކަމެއް ދޭންވާނެއެވެ.

  1. އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު؛
  2. އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ އިމާރާތްތައް؛
  3. ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ބޭނުންކުރާ އިމާރާތްތައް؛
  4. މި ނޫނަސް މިފަދަ އަގުބޮޑު މުދާ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރާއި މުދަލާއި ތަކެތި އިންށުއަރެންސް ކުރުމުގައި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ. އަދި އިންށުއަރ ކުރުމުގެ އެންމެހައި ކަންތައްތައް ކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުޅަނދުފަހަރާއި މުދަލާއި ތަކެތި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އިންށުއަރ ކުރުމާއި، އިންށުއަރެންސް ކުލައިމް ކުރުމުގައި އަމަލުކުރާނެ އުސޫލެއް، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3) ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލާންވާނެއެވެ.

(ރ)  މި މާއްދާގެ ބޭނުމަށްޓަކައި، އަގުބޮޑު ތަކެއްޗާއި މުދާކަމަށް ބުނެފައި އެވަނީ، އެ އެއްޗެއް ނުވަތަ މުދަލެއްގެ އަގު 500،000 (ފަސްލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަގުގެ މުދަލަށް ނުވަތަ ތަކެއްޗަށެވެ.

 

14 ވަނަ މާއްދާއުޅަނދުފަހަރު ބެލެހެއްޓުމާއި ބޭނުންކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދައިފައިވާ އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު ގެންގުޅެ ބޭނުންކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އުޅަނދުފަހަރާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގައި އަމަލުކުރާނެ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާ ގުޅިގެން އެކުލަވައިލާންވާނެއެވެ.

  1. ބަލަހައްޓާނެ ގޮތާއި، ބޭނުންކުރާނެ ގޮތް؛
  2. ގަރާޖުކުރާނެ ގޮތް ނުވަތަ ފައްތިޔާކުރާނެ ގޮތް؛
  3. އުޅަނދު ބޭނުންކުރި ގޮތުގެ ރިކޯޑާއި، ތެޔޮ ބޭނުންކުރެވޭ
    މިންވަރާއި، މަރާމާތުކޮށް ބަލަހައްޓާނެ ގޮތް؛
  4. ދައުލަތުގެ އެހެނިހެން އިދާރާތަކަށް ކޮށްދޭ ދަތުރުތަކާއި މަސައްކަތްތަކަށް އަގު ނަގާނެ ގޮތް.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ އުޅަނދުފަހަރު ދުއްވަންވާނީ، އެ އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފެކެވެ. އެ އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މުވައްޒަފު ނެތްނަމަ، އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައިވާ މުވައްޒަފަކަށް އެ އުޅަނދު ދުއްވުމަށް ހުއްދަ ދެވިދާނެއެވެ. އަދި އިމަޖެންސީ ހާލަތެއް ދިމާވެގެން އުޅަނދެއް ދުއްވަން ޖެހިއްޖެނަމަ، އެ ފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތް މީހަކު ނުވަތަ މުވައްޒަފަކު އުޅަނދު ދުއްވުމަށް ހުއްދަ ކުރެވިދާނެއެވެ.

(ރ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފައިގެން ގެންގުޅޭ އުޅަނދުފަހަރުގައި ކުރާ ދަތުރުތަކުގެ މައުލޫމާތު، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީން ލިޔުމުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރެކޯޑުކުރާ މައުލޫމާތު އަދާހަމަކޮށް ބަލަހައްޓާކަން، އެ އިދާރީ ބަހާއެއްގެ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ޅ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރު، މުވައްޒަފުންގެ އަމިއްލަ ބޭނުމަށް ބޭނުންކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
 

 

15 ވަނަ މާއްދާ - އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށް ހިފުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ބިމެއް ނުވަތަ އިމާރާތެއް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޔަށް ހިފުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފާ ބިމެއް ނުވަތަ އިމާރާތެއް ކުއްޔަށް ހިފާނަމަ ކުއްޔަށް ހިފަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޔަށް ހިފާ އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށް ހިފަންވާނީ، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުގެ މަތީން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި، ކުއްޔަށް ހިފާ ތަނުގައި ހުރި މުދަލުގެ ތަފުސީލު ލިސްޓެއް ހިމަނަންވާނެއެވެ. މި ލިސްޓުގައި، މުދަލުގެ ތަފުސީލާއި ހާލަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެއްބަސްވުމުގެ ބޭނުން؛
  2. އެއްބަސްވުމުގެ މުއްދަތު؛
  3. ކުއްޔާއި، ކުލި އަދާކުރާނެ ގޮތް؛ 
  4. ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް؛
  5. އެއްބަސްވެފައިވާ ގޮތް؛
  6. އެޑްވާންސް ފައިސާއާ ގުޅޭ ކަންކަން؛
  7. އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  8. އެއްބަސްވުން ނިމުމަކަށް ގެނައުމުގައި އަމަލުކުރާނެ ގޮތް.

 

16 ވަނަ މާއްދާ - މަރާމާތު ކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދައިފައިވާ އެންމެހައި މުދަލާއި ތަކެއްޗާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް މަރާމާތުކުރުމަށް ގެންދަންވާނީ، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރެކޯޑުކުރުމަށްފަހު، އެ އެއްޗެއް ހަވާލުކޮށްފައިވާ އިދާރީ ބަހާގެ އިސްވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ފުލުހުންގެ އިމާރާތެއް މަރާމާތު ކުރަންވާނީ ނުވަތަ އިމާރާތަކަށް ބަދަލެއް ގެންނަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

17 ވަނަ މާއްދާ - ގޯތިތެރޭގައި ރުއްގަސް އިންދުމާއި ކެނޑުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތްތަކުގެ ގޯތިތެރޭގައި ރުއްގަސް އިންދަންވާނީ، އެ ފުލުހުންގެ މަރުކަޒަކާ ހަވާލުވެހުރި އިސް ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފައިފައިވާ އެހެން ފަރާތެއްގެ ބިންތަކުގައި ރުއްގަސް އިންދަންވާނީ ނުވަތަ ކަނޑަންވާނީ، އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ އިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތެއްގެ ގޯތިތެރޭގައްޔާއި ފުލުހުންނަށް ދޫކޮށްފައިވާ ރަށްރަށުގައި ހުންނަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކެނޑުމުގައި އަމަލުކުރަންވާނީ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާއިން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ކެނޑޭ ރުއްގަހުގެ މައުލޫމާތު އެ ތަނެއް ނިސްބަތްވާ އިދާރީ ބަހާއިން ބަލަހައްޓަންވާނެއެވެ.

(ރ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފައިފައިވާ ރައްޔިތުންގެ އިމާރާތްތަކާއި އާންމު ފަރުދުންގެ ބިންތަކުގައި ހުންނަ ރުއްގަސް ކެނޑުމުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

 

18 ވަނަ މާއްދާމުދާ ނީލަން ކިޔުމާއި، މުދާ ނައްތައިލުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް މާރާމާތު ނުކުރެވޭ  ވަރަށް ހަލާކުވެއްޖެނަމަ، ނުވަތަ ބޭނުންނުކުރެވޭވަރު ވެއްޖެނަމަ، އެފަދަ ތަކެތި ނީލަންކިޔުމަށް ޓަކައި ނުވަތަ ނައްތައިލުމަށް ޓަކައި، އެ ތަކެތި ބަލަހައްޓާ ބަހާގެ ފަރާތުން މާލީ ކަންކަން ބަލަހައްޓާ ބަހާއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދާ ނައްތައިލުމުގައި ނުވަތަ މުދާ ނީލަންކިޔުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއިން އެކުލަވައިލަންވާނެއެވެ. 

 

19 ވަނަ މާއްދާގެއްލުމުގެ ބަދަލު ހޯދުން 

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކަށް މުވައްޒަފަކު އިހުމާލުވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެ އެއްޗެއް މަރާމާތުކުރުމަށް ނުވަތަ އެއާ އެއްފަދަ އެހެން އެއްޗެއް ހޯދުމަށް ހިނގާ ހަރަދު އެ މުވައްޒަފަކު ދޭންވާނެއެވެ. މިގޮތުން، ބަދަލު ހޯދުމުގެގޮތުން ދައްކަންޖެހޭ ފައިސާ، މުވައްޒަފުގެ މުސާރައިން އުނިކުރުމަށް މުވައްޒަފު އެއްބަސްވާނަމަ، މުސާރައިން އުނިކުރެވިދާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، މުވައްޒަފުގެ މުސާރައިން ކެނޑުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާގެ ފަރާތުން އެކުލަވައިލާންވާނެއެވެ. 

 

20 ވަނަ މާއްދާ - އިންޓެލިޖެންސަން ބޭނުންވާ މުދަލާއި ފައިސާ ބޭނުންކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގެ މަސައްކަތަށް ބޭނުންވާ ބައެއް މުދަލާއި އާލާތްތަކާއި ތަކެއްޗާއި ވަސީލަތްތައް ހޯދުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިސްތިސްނާ ކުރުމުގެ އިހްތިޔާރު، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބގެންވެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްތިސްނާކުރެވޭ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެ މަތީން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލާންވާނެއެވެ. 

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި "ތަކެތި" ކަމަށް ބުނެފައި އެވަނީ، ސާމާނާއި، އާލާތްތަކާއި، ވަސީލަތްތައް ށާމިލުވާ ގޮތަށެވެ. 

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

23 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު 

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ، ގަވާއިދު ނަންބަރު 2021-99 (ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެ ތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު) ބާތިލުވީއެވެ.

 

އުވުނު ގަވާއިދު

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-99)

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު