-

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލު ކުރުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-125)

ގަވާއިދު ނަންބަރު 2021-103 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު) އަށް، ތިރީގައިވާ އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ)  ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި މަސައްކަތްކުރާ ގާނޫނީ ވަކީލެއް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯށަލް ސަރވިސްގެ ވަކީލެއް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި މާއްދާގެ (ނ) ގައި ހިމެނޭ ކަންކަން އެންމެ މަދުވެގެންވެސް ހިމެނޭ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމުގެ ނަމޫނާއެއް ކޮމިޓީން އެކުލަވައިލައިފައި، އެ އެއްބަސްވުން ފާސްކުރެވިދާނެއެވެ. އަދި މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސޮއިކުރާ އެއްބަސްވުމަކީ ކޮމިޓީން ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން ސޮއިކުރާ އެއްބަސްވުމަކަށް ވާންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35.(ށ)  އަންނަނިވި ކަންކަން އެންމެ މަދުވެގެންވެސް ހިމެނޭ މޮނިޓަރިންގ ޕްލޭނެއްގެ ނަމޫނާއެއް ކޮމިޓީން އެކުލަވައިލައިފައި، އެ ޕްލޭން ފާސްކުރެވިދާނެއެވެ. އަދި އިޖުތިމާއީ ހިދުމަތްތެރިޔާ މި ޕްލޭން ތައްޔާރުކުރަންވާނީ ކޮމިޓީ ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛
  2. ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛
  3. ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛
  4. ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީން ފާސްކޮށްފައިވާ ނަމޫނާ ޕްލޭނާ އެއްގޮތަށް މޮނިޓަރިންގ ޕްލޭން ތަންފީޒު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

"އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަކަމަށް މި ގަވާއިދުގައި ބުނެފައިވާ މީހުންނާއި، އެ މީހުންގެ އާއިލާގެ މީހުންގެ ތެރެއިން ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޟާނަތު ހައްގުވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން، އެ ކުއްޖެއްގެ ބަޔަލޮޖިކަލް މަންމަ ނުވަތަ ބައްޕަކަމަށް ސައިންޓިފިކް ތަހުލީލަކުން ކަށަވަރުކުރެވޭ މީހުންނަށާއި އެ މީހުންގެ އާއިލާގެ މީހުންނަށެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-103)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-103)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު