-

ސްޓެޓިސްޓިކަލް ކައުންސިލުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2021-122)

1 ވަނަ މާއްދާ - ތައާރަފާއި ނަން

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ  ތަފާސްހިސާބުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އާއި 66 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ސްޓެޓިސްޓިކަލް ކައުންސިލް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

 

2  ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

ގަވާއިދުގެ މަގުސަދަކީ، ސްޓެޓިސްޓިކަލް ކައުންސިލުގެ މަސައްކަތްތައް  ހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވޭނެ ގޮތާއި، އެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރާނެ ގޮތާއި، ކައުންސިލުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3  ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލު ގެ މަސްއޫލިއްޔަތުތައް

(ހ) ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ ސިޔާސަތާއި، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ތަންފީޛު ކުރުމަށް ޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް ސިޔާސަތުތައް ކަނޑައެޅުމުގައި ބިއުރޯއަށް ލަފާދިނުން.

(ށ) ތަފާސްހިސާބުގެ އަސާސްތަކަށް އަމަލުކުރާ މިންވަރު ބަލައި، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުނ

(ނ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އާންމުންނަށް އެންމެ ބޭނުންތެރި މައުލޫމާތުތަކަކީ ކޮބައިކަން ދިރާސާކޮށް، ކަމާ ގުޅޭ ޕްރޮޕޯޒަލްތައް ބިއުރޯއަށް ހުށަހެޅުން.

(ރ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން، ތަފާސްހިސާބު އެއްކުރަންޖެހޭ އައު ދާއިރާތަކާ ގުޅޭ ޕްރޮޕޯޒަ ލްތައް ބިއުރޯއަށް ހުށަހެޅުން.

(ބ) ތަފާސްހިސާބާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ މިންގަނޑުތައް ދިރާސާކޮށް، އެ މިންގަނޑުތަކާ ގުޅޭ މައުލޫމާތު، ޗީފް ސްޓެޓިސްޓީށަނަށް ދިނުން.

(ޅ) ކޮންމެ އަހަރަކު އެއްފަހަރު، ސްޓެޓިސްޓިކަލް ކައުންސިލުގެ މަސައްކަތް ރޭވިފައިވާ ގޮތުގެ އެކްށަން ޕްލޭން ފާސްކުރުން.

(ކ) ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެކުލަވައިލައި އާންމުކުރާ، ބިއުރޯއިން ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމުގައި ލަފާދިނުން.

(އ) ކޮންމެ އަހަރެއް ނިމުމުން، އެ އަހަރެއްގެ އެކްށަން ޕްލޭން ތަންފީޛު ކުރެވުނު މިންވަރު ބަލައި، ތަންފީޛު ނުކުރެވޭ ކަންކަން ހުރިނަމަ އެ ކަންކަން ތަންފީޛު ނުކުރެވުނު ސަބަބުތައް ދިރާސާކޮށް، އެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން.

(ވ) ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ތަންފީޛު ކުރުމުގައި ދަތިކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް ޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން.

(މ) ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ތަންފީޛު ކުރުމަށް ބޭނުންވާ ކަންކަން ހާސިލުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކުން ކުރާ މަސައްކަތްތައް ބަލައި، ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމާއި ފޯރުކޮށްދިނުމުގައި އެ އިދާރާތަކުން އިސްލާހު ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކަށް ލަފާ ދިނުން.

(ފ) ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގައި ސްޓެޓިސްޓިކަލް ކައުންސިލުގެ މަސްއޫލިއްޔަތު ކަމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަން ކުރުން.

 

4 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލުގެ ޖަލްސާ ބޭއްވުން

ކައުންސިލުގެ ޖަލްސާއެއް، ކޮންމެ މަހަކު މަދުވެގެން   (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

 

5 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލު ގެ ޖަލްސާގެ ކޯރަމް

(ހ) ކައުންސިލުގެ ޖަލްސާތަކުގެ ކޯރަމަކީ މަދުވެގެން 5 (ފަހެއް) މެންބަރުންނެވެ. ކޯރަމް ހަމަކުރުމުގައި ޕްރައިވެޓް ސެކްޓަރއާއި ސިވިލް ސޮސައިޓީގެ ފަރާތުން އައްޔަނުކޮށްފައިވާ 4 (ހަތަރެއް) މެންބަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) މެންބަރު މީގެ ތެރޭގައި ހިމެނެންޖެހޭނެއެވެ.

(ށ) ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑައިލުން ނުވަތަ އެހެން ވަގުތަކަށް/ދުވަހަކަށް ފަސްކޮށްފިނަމަ ނުވަތަ ނުބޭއްވުނުނަމަ އެކަން ޔައުމިއްޔާގައި ބަޔާންކުރަންވާނެއެވެ. 

 

6 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލު ގެ އާންމު ޖަލްސާތަކާއި ކުއްލި ޖަލްސާތައް އިންތިޒާމްކުރުން 

(ހ) ކަައުންސިލުގެ ޖަލްސާތައް ބާއްވަންވާނީ ދުރާލައި ރޭވިގެން ކަނޑައެޅޭ ތާވަލަކަށް ބިނާކޮށްގެންނެވެ. ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި، ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައަޅާނީ، ކައުންސިލުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ލަފާގެ މަތީން، ސެކްރެޓޭރިއަޓުންނެވެ. އަދި ބިއުރޯއިން އެ ޖަލްސާއެއް ބޭއްވުމަށް ކަނޑައަޅާ ތާރީހުގެ މަދުވެގެން 5) ފަހެއް) ދުވަހުގެ ކުރިން މެންބަރުންނަށް އަންގައި، ޖަލްސާގެ އެޖެންޑާއާއި ހުށަހަޅާ ކަރުދާސްތައް، އީ-މެއިލް މެދުވެރިކޮށް ކައުންސިލު ގެ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

(ށ) އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކާއި، ޖަލްސާއަށް ހާޒިރުވުމަށް ދަތިވާ މެންބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ މަގު ފަހިކުރެވިދާނެއެވެ. އަދި ކޮންމެހެން ވަކިތަނަކަށް ހާޒިރުވާންޖެހޭ ޖަލްސާތަކަށް 7 (ހަތެއް) ދުވަހުގެ ނޯޓިސް ދޭންވާނެއެވެ. އޮންލައިންކޮށް ބޭއްވުމަށް ނިންމާ ޖަލްސާއެއްނަމަ، ވަކި ލިންކެއް ބިއުރޯއިން މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ނ) ކައުންސިލުގެ މެންބަރުންނަށް ފޮނުވާ ލިޔެކިއުންތައް ފޮނުވުމަށާއި މުއާމަލާތު ކުރުމަށް ޓަކައި ރަސްމީ އީމެއިލެއް ބިއުރޯއިން މެން ބަރުންނަށް  ގާއިމްކޮށް، ކައުންސިލުގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރަންވާނީ މި އީ-މެއިލެވެ.

(ރ) ކައުންސިލުގެ މެންބަރުން ބޭނުންވެއްޖެ ހާލަތެއްގައި ކުއްލި ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އޮންނާނެއެވެ. މިގޮތުން މަދުވެގެން ކައުންސިލުގެ 3 (ތިނެއް) މެން ބަރުންގެ ތާއީދާއެކު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ރިޔާސަތަށް ހުށަހެޅުމުން، ރިޔާސަތުން މިފަދަ ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި ކުއްލިގޮތަކަށް ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާ އެންގުން، ބައްދަލުވުން ބާއްވާ ތަނަކާއި، ދުވަހާއި، ވަގުތު އެނގޭނޭހެން 1 (އެކެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ސެކްރެޓޭރިއަޓުން އަންގަންވާނެއެވެ.

(ބ) ބިއުރޯގެ ފަރާތުން ކޮންމެހެން ނިންމުމަށް ބޭނުންވާ މަސައްކަތަކާ ގުޅިގެން ބައްދަލުވުމެއް ބާއްވަންޖެހޭ ފަދަ ހާލަތެއްގައި ރިޔާސަތުން ނިންމާ ގޮތަކަށް މިފަދަ ބައްދަލުވުމެއް ބޭއްވޭނެއެވެ.

(ޅ) ސްޓެޓިސްޓިކަލް ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ބިއުރޯއިންނެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ބައްދަލުވުންތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

(ކ) ސްޓެޓިސްޓިކަލް ކައުންސިލުގެ ޖަލްސާތަކުގައި އާންމުގޮތެއްގައި ބައިވެރިވާނީ، ކައުންސިލުގެ މެންބަރުންނާއި ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތުންނެވެ. ނަމަވެސް ކައުންސިލުގައި މަށްވަރާކުރާ ވަކި ކަމަކާ ގުޅިގެން ބައްދަލުވުން ތަކަށް ކައުންސިލުގެ ފަރާތުން ކަނޑައަޅާ ފަރާތަކަށް/ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އެފަދަ ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަދެއްކުމުގެ ފުރުސަތު ދޭނީ ކައުންސިލުގެ ރިޔާސަތުންނެވެ.

 

7 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލު ގެ ޖަލްސާތަކުގެ ރިޔާސަތު  ބެލެހެއްޓުން

(ހ) ސްޓެޓިސްޓިކަލް ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް ސްޓެޓިސްޓީށަނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސްޓެޓިސްޓިކަލް ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި، އެ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގުން ހިމެނެއެވެ.

(ނ) ސްޓެޓިސްޓިކަލް ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާ ފަރާތް ނެތް ހާލަތެއްގައި، އެކަން ކުރުމަށް، އެ ކައުންސިލުގެ މެންބަރުންގެ ތެރެއިން މީހަކާ އޭނާ ހަވާލުކުރަންވާނެއެވެ. 

 

8 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުމަށްއުޒުރުވެރިވުން 

ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ މެންބަރަކު ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ބައްދަލުވުން ފެށުމުގެ ކުރިން ކައުންސިލުގެ ސެކްރެޓޭރިއެޓަށް އެކަން އަންގަންވާނެއެވެ.

 

9  ވަނަ މާއްދާ - މެންބަރުންނަށް ދޭ އެލަވަންސް

ކައުންސިލުގެ މެންބަރުންގެ ތެރެއިން މަގާމުގެ ހައިސިއްޔަތުން އެ ކައުންސިލުގެ  މެންބަރުކަން އަދާކުރާ ފަރާތްތައް ފިޔަވައި އެނޫން މެންބަރުންނަށް، އެ ފަރާތްތަކުން ހާޒިރުވާ ޖަލްސާތަކަށް ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު ކަނޑައަޅާ އެލަވަންސެއް ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ  އިންތިޒާމު، ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގެ ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން، ޖެހިގެން ބާއްވާ ބައްދަލުވުމުގައި ފާސްކޮށް ސޮއިކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ކައުންސިލުގެ ނިންމުންތައް

ކަައުންސިލުގެ ނިންމުންތައް ކަމުގައި ބެލެވޭނީ ޖަލްސާއަށް ހާޒިރުވާ ހުރިހާ މެންބަރުންގެ އަޣްލަބިއްޔަތުން ނިންމޭ ކަންކަމެވެ. ކަމެއް ފާސްކުރަން ވޯޓަށް އެހުމުން، އެ ކަމެއް ފާސްކުރުމަށް ވޯޓުދިން މެންބަރުންގެ އަ ދަދާއި އެކަން ފާސްކުރުމަށް ވޯޓު ނުދީ ތިބި މެންބަރުންގެ އަދަދު އެއްވަރުވެއްޖެނަމަ، އެ ކަމަކާމެދު ގޮތެއް ނިންމުމަށް ޓަކައި، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ވޯޓުދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުންފެށިގެންނެވެ. 

 

13 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު  ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން  އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބިއުރޯ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ  "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" އަށެވެ.

(ށ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ސްޓެޓިސްޓިކަލް ކައުންސިލަށެވެ.

  

މައި ގާނޫނު

ތަފާސްހިސާބުގެ ގާނޫނު (ގާނޫނު ނަންބަރު 2021-16)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު