ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-119)
1 ވަނަ މާޢްދާ - ތަޢާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ 10 ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުގެ ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި، ފުލުހުންގެ ދައުރަށް ނިސްބަތްވާ ގާނޫނުތަކުން، ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރު ބޭނުންކުރުމުގެ އަސާސްތައް ކަނޑައެޅުން؛
(ށ) މީހުން ހުއްޓުވުމާއި، ހައްޔަރުކުރުމާއި، ބަންދުކުރުމުގައި ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރު ބޭނުންކުރުމުގައި، ފުލުހުން ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރުން؛
(ނ) ބާރާއި އިހްތިޔާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރިޔަނުދިނުމާއި، ބާރާއި އިހްތިޔާރުގެ ބޭނުންކުރަންޖެހޭ ކޮންމެ ވަގުތަކުވެސް، ހަމަ ކޮންމެ މީހެއްގެ އިންސާނީ ހައްގަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ގާނޫނީ ހަމަތަކުގެ މަތީން ބާރާއި އިހްތިޔާރު ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރުން؛
(ރ) ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ބާރުގެ ބޭނުންކުރާއިރު ފުލުހުން ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ފުލުހުންނާއި އެފަދަ ތަނެއްގައި ތިބޭ ބައެއްގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ކަންކަން ބަޔާންކުރުން.
3 ވަނަ މާއްދާ - ބާރު ބެހިގެންވާގޮތް
(ހ) މި ގަވާއިދުގެ ބޭނުމަށްޓަކައި، ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރު ބަހައިލެވިފައިވަނީ އަންނަނިވި ދެ ބައިގެ މައްޗަށެވެ.
- ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ވަކިކަމެއް ކުރުމަށް
ނުވަތަ ނުކުރުމަށް އެންގުން؛ - ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ބޭނުންކުރާ މާއްދީ ބާރު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ބާރަކާއެކު، އެފަދަ ބާރެއް ބޭނުންކުރުމާއި ނުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. ނަމަވެސް، ކަނޑައެޅޭ ވަކި ހާލަތެއްގައި ނުވަތަ ގާނޫނުން ލާޒިމުކުރާ ހާލަތްތަކުގައި އިހްތިޔާރު ބޭނުންކުރުން ހުދޫދުކުރެވިގެންވެއެވެ.
4 ވަނަ މާއްދާ - މާއްދީ ބާރުގެ ބޭނުންކުރުމުގެ އަސާސް
ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން މާއްދީ ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި، މީހަކާ ދެކޮޅަށް މާއްދީ ބާރު ބޭނުންކުރާއިރު، އަންނަނިވި އަސާސްތައް ނަގަހައްޓަންވާނެއެވެ.
(ހ) ބާރުގެ ބޭނުންކުރަނީ، އެ ބާރު ބޭނުންކުރުމަށް ގާނޫނު ހުއްދަކުރާ ހާލަތެއްގައި ކަމަށް ވުން؛
(ށ) ބާރުގެ ބޭނުންކޮށްގެން މެނުވީ ގާނޫނު ތަންފީޒު ކުރެވެން ނެތް ހާލަތްތަކުގައި، ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ބާރުގެ ބޭނުން ކޮންމެހެން ކުރަންޖެހިގެން އެ ހިނދަކަށް ބޭނުންވާ މިންވަރަށް ބޭނުންކުރުން؛
(ނ) ދިމާވެފައިވާ ހާލަތުގައި ގާނޫނު ތަންފީޒު ކުރުމަށް، އެކަށީގެންވާ މިންވަރެއްގެ ބާރެއް ބޭނުންކުރުން؛
(ރ) ބާރުގެ ބޭނުންކުރުމުގެ ކުރިން، އެ މީހަކާ ދެކޮޅަށް ބާރުގެ ބޭނުންކުރެވޭ ފަރާތާއި، ބާރުގެ ބޭނުންކުރާ ފުލުހުންގެ އޮފިސަރާއި، ބާރުގެ ބޭނުންކުރާއިރު އެ ތަނެއްގައި ތިބި ފަރާތްތަކަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބެލުމާއި، ބާރުގެ ބޭނުންކުރެވޭ ހިނދު އެ ތަނުގައިވާ ތަކެތީގެ ސަލާމަތާއި، ރައްކައުތެރިކަމަށް ބެލުން؛
(ބ) ބާރުގެ ބޭނުންކުރި ގޮތާ ގުޅިގެން ޖަވާބުދާރީވާން ޖެހިއްޖެ ކޮންމެ ތަނެއްގައި ޖަވާބުދާރިވާން ޖެހޭނެކަން އެނގިހުރެ ޒިންމާދާރުކަމާއެކު ބާރުގެ ބޭނުންކުރުން؛
5 ވަނަ މާއްދާ - ބާރާއި އިހްތިޔާރުގެ ބޭނުންކުރެވޭ ހާލަތްތައް
(ހ) ފުލުހުންގެ ދައުރު އަދާކުރުމުގެ ގޮތުން ފުލުހުންނަށް ގާނޫނީގޮތުން ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުތައް އަންނަނިވި ހާލަތްތަކުގައި ބޭނުންކުރުން ހުއްދަވެގެންވެއެވެ.
- ކުށްކުރުމަށް އޮތް ފުރުސަތު ހަނިކުރުމަށާއި، ކުށުގެ ބިރުވެރިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށް؛
- ގުދުރަތީ ކާރިސާތަކާއި، އެ ނޫންވެސް ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި؛
- ފަރުދުންގެ ހަށިގަނޑާއި، ފުރާނައާއި، މިނިވަންކަމާއި، ހައްގުތަކާއި، މުދާ ރައްކައުތެރިކޮށްދިނުމަށް؛
- އަމަން ގާއިމުކޮށްދިނުމާއި، އާންމު މަސްލަހަތު ރައްކައުތެރި ކޮށްދިނުމަށް؛
- މުޖުތަމަޢުގެ ރައްކައުތެރިކަމަށް ބުރޫއަރާފާނެ ޖިނާއީ ޢަމަލުތަކާއި، ޖިނާއީ ކުށްކުށާއި، އެ ނޫންވެސް ކަންކަން ދުރާލައި ދެނެގަނެ، އެ ކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް؛
- ކުށުގެ ތުހުމަތުގައި ހުއްޓުވަންޖެހޭ މީހުން ހުއްޓުވުމާއި، ހައްޔަރުކުރަންޖެހޭ ފަރާތްތައް ހައްޔަރުކުރުމާއި، ބަންދުކުރަންޖެހޭ ފަރާތްތައް ބަންދުކުރުމާއި، ހޯދަންޖެހޭ ހެކި ހޯދުމާއި، ބަލައި ފާސްކުރަންޖެހޭ ތަންތަނާއި މީހުން ބަލައި ފާސްކުރުމާއި، ތަހުގީގުތައް ކުރިޔަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް؛
- މަގުތަކުގައްޔާއި، އާންމު ތަންތަނުގައި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމުގައި ގާނޫނު ނެގެހެއްޓުމަށް؛
- ކޯޓުތަކުން ކުރާ އަމުރުތަކާއި ހުކުމްތައް ތަންފީޒުކުރުމަށާއި، އެ ނޫނަސް ގާނޫނީ ބާރު ލިބިގެން ފުލުހުންނަށް ކުރާ އަމުރުތައް ތަންފީޒުކުރުމަށް؛
- ރައްކައުތެރިވެގެންވާ މާހައުލެއް ގާއިމުކުރުމަށް ޓަކައި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.
- ހިނގާފާނެ ނުވަތަ ހިނގައިފައިވާ ނުވަތަ ހިނގަމުންދާ ކުށަކާ ގުޅިގެން ކަނޑުމަތީގެ ސަރަހައްދެއް ނުވަތަ ފަޅެއް ނުވަތަ ބަނދަރެއް ބަންދުކުރުމަށް؛
- އަމިއްލަ ނަފުސުގެ ދިފާޢުގައި.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އެންގުމާއި، ކުރަމުންދާ ކަމެއް ހުއްޓައިލުމަށް އެންގުން ނުވަތަ ވަކި ކަމެއް ނުކުރުމަށް އެންގުމަކީވެސް ލިބިފައިވާ ގާނޫނީ އިހްތިޔާރާއި ބާރުގެ ބޭނުންކުރުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
6 ވަނަ މާއްދާ - ޕެޓްރޯލްކުރާ ފުލުހުންނާ ބައްދަލުވާ ފަރާތްތަކުން މަޢުލޫމާތު ހޯދުން
(ހ) ކުށްކުރުމަށް އޮތް ފުރުސަތު ހަނިކުރުމަށާއި، ކުށުގެ ބިރުވެރިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށް ޕެޓްރޯލުކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނާ ބައްދަލުވާ ފަރާތްތަކާ މުޢާމަލާތުކޮށް، މަޢުލޫމާތު ހޯދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހޯދޭ މަޢުލޫމާތު ވާންވާނީ ގާނޫނު ތަންފީޒު ކުރުމަށް ޓަކައި ހޯދާ، އަދި ގާނޫނު ތަންފީޒު ކުރުމުގެ ބޭނުމަށް ބޭނުންކުރާ މަޢުލޫމާތަށެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ހޯދުމަށް ކުރެވޭ މުޢާމަލާތްތަކުގައި، އެއްވެސް މީހެއްގެ ފަރާތުން ހޯދާ މަޢުލޫމާތަކީ، ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންވާ މަޢުލޫމާތު ކަމުގައި ނުވަތަ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ ނުވަތަ އެފަދަ މައްސަލައެއްގެ ތަހުގީގަށް އެހީތެރިވެދޭނެ މަޢުލޫމާތު ކަމުގައި ވާންވާނެއެވެ.
7 ވަނަ މާއްދާ - އެ މީހަކީ ކާކުކަން ސާބިތުކުރެވޭނެ މަޢުލޫމާތު ދިނުމަށް އެންގުން
ކާކުކަން ސާބިތުކުރުމުގެ ގޮތުން މީހެއްގެ މަޢުލޫމާތު ދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، އަންނަނިވި ހާލަތްތަކުގައި، މީހެއްގެ ކިބައިން ކާކުކަން ސާބިތުކުރެވޭނެ މަޢުލޫމާތު ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- ފުލުހުންނަށް ތަންފީޒުކުރުން މަތިކުރެވިފައިވާ ގާނޫނަކާ، ނުވަތަ އެ ގާނޫނުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު ޢަމަލެއް ކުރާކަމަށް ތުހުމަތުކުރެވޭ ފަރާތެއް؛
- ފުލުހުން ސަލާމަތާއި ރައްކައުތެރިކަން ބަލަހައްޓަމުންދާ ތަނަކަށް
ވަނުމަށް ފުލުހުން ހުއްދަކުރާ ފަރާތްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކާކުކަން އަންގައިދިނުމަށް އަންގާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓު، ނުވަތަ އޭނާއަކީ ކާކުކަން އަންގައިދޭ ރަސްމީ އެހެން ލިޔުމެއް ހުށަހެޅުމުން އޭނާއަކީ ކާކުކަން އަންގައިދެވުނީ ކަމުގައި ބެލެވޭނެއެވެ.
(ނ) ކާކުކަން ބުނެދޭ މީހާ ދޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ޓަކައި އެކަށީގެންވާ ވަގުތެއްވަންދެން އެ މީހަކު މަޑުކުރުވުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) ކާކުކަން ބުނެދޭ މީހާގެ މަޢުލޫމާތު ކަށަވަރުނުވާ ހާލަތުގައި، މި މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢަމަލު ކުރުމަށް ފަހުގައި ވެސް ކާކުކަން އަންގައި ނުދެވިއްޖެނަމަ، އަދި އޭނާއަކީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހައްޔަރުކުރެވޭނެ ނުވަތަ ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތުގައި ހުރި މީހެއްނަމަ، އެ މީހަކާމެދު އެ ގޮތުގެ މަތީން ޢަމަލު ކުރެވިދާނެއެވެ.
(ބ) ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އާންމު މަސްލަހަތު ގާއިމުކުރެވިގެންވާ ރައްކައުތެރިކަން ދެމިއޮތް މުޖުތަމަޢެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމުގެ ގޮތުން ފުލުހުން ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުން ޕެޓްރޯލް ކުރަމުންދާ ސަރަހައްދުގައި ހިމެނޭ އާންމު ތަންތަނާއި މަގުތައް، ފޮޓޯއާއި ވީޑިއޯ ނެގިދާނެއެވެ. މިގޮތުން، ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގައި އެ ތަނެއްގައި ނުވަތަ އެ ސަރަހައްދެއްގައި ތިބި ބަޔެއްގެ ފޮޓޯއާއި ވީޑިއޯ ނެގިދާނެއެވެ
8 ވަނަ މާއްދާ - ހުއްޓުވައި ބަލައި ފާސްކުރުން
(ހ) ޖިނާއީ ކުށެއްގެ ތުހުމުގައި މީހަކު ހުއްޓުވައި ބަލައި ފާސްކުރަންވާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އިޖުރާއަތުތައް ހިންގުމުގައި، އަންނަނިވި ގޮތުގެ މަތީން ޢަމަލު ކުރަންވާނެއެވެ.
- އެ މީހަކަށް މަޑުކުރުމަށް އެންގުމާއެކު، އެ މީހަކީ ކާކުކަން އަންގައިދިނުމަށް އެންގުން؛
- ހުއްޓުވާ މީހާގެ އަތުގައި، ބަލައި ފާސްކުރަންޖެހޭ ފަދަ އެއްވެސް އެއްޗެއް އޮތްނަމަ، އެ އެއްޗެއް ބަލައި ފާސްކުރުމަށް އިސްކަންދިނުން؛
- ބަލައި ފާސްކުރެވޭ މީހާގެ ހެދުމުގައި އެއްޗެއް ރައްކައުކުރެވޭގޮތަށް ހުންނަ ޖީބު ފަދަ ތަންތަނުގައި އެއްވެސް އެއްޗެއް އޮތްނަމަ، އެ އެއްޗެއް ނަގައި ދެއްކުމަށް އެ މީހަކަށް އެންގުން؛
- ބަލައި ފާސްކުރެވޭ މީހާ ކިޔަމަންތެރިކަމާއެކު އެއްބާރުލުންދޭނަމަ، އެ މީހަކު ކޮޅަށް ބަހައްޓައިގެން އެ މީހެއްގެ އަންނައުނުގެ މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރު ޖައްސައިގެން ބަލައި ފާސްކުރުމާއި، އަންނައުނުގައި އެއްޗެއް ރައްކައުކުރެވޭ ގޮތަށް ހުންނަ ޖީބު ފަދަ ތަންތަން ބަލައި ފާސްކުރުން؛
- ބަލައި ފާސްކުރެވޭ މީހާ ނުކިޔަމަންތެރިކަން ދައްކާނަމަ، އޭނާ ބަލައި ފާސްކުރަންވާނީ، ބާރުގެ ބޭނުންކޮށްގެން ކިޔަމަންތެރިކުރުމަށްފަހުގައެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީހަކު ބަލައި ފާސްކުރުމުގައި، އެ މީހަކު ބަލައި ފާސްކުރަނީ އާންމު ތަނެއްގައި ކަމުގައި ވެފައި، އެ މީހަކު ފުލުހުންގެ މަރުކަޒަކަށް ނުވަތަ ފުލުހުން ކަނޑައަޅާ އެހެން ތަނަކަށް ގެންގޮސް ބަލައި ފާސްކުރުމަށް، ބަލައި ފާސްކުރެވޭ މީހާ އެދިއްޖެނަމަ، އަދި އެ މީހަކު އެ ތަނެއްގައި ބަހައްޓައިގެން ބަލައި ފާސްކުރުމުގެ ހާއްސަ މަސްލަހަތެއް ނެތްނަމަ، އެ ހާލަތުގައި އެ މީހަކު އެދުނުގޮތަށް ޢަމަލުކޮށް، ބަލައި ފާސްކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީހަކު ޕޮލިސް ސްޓޭށަނަށް ނުވަތަ ފުލުހުން ކަނޑައަޅާ އެހެން ތަނަކަށް ގެންދާ ގެންދިއުމަކީ، ބަލައި ފާސްކުރެވޭ މީހާގެ ރުހުމުގައި އޭނާގެ އަމިއްލަ އިހްތިޔާރުގައި ފުލުހުންނާއެކު ދާ ދިއުމެކެވެ. އެ ހާލަތުގައި އެ މީހަކު ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނީކަމުގައެއް ނުވަތަ ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނީކަމުގައެއް ނުބެލެވޭނެއެވެ.
9 ވަނަ މާއްދާ - އެހީތެރިކަމަށް އެދުމާއި، މުދަލާއި ތަކެތި ބޭނުންކުރުން
ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކުރުމުގައި، އެހެން އެކަން ނުކޮށް ނުވާނެ ހާލަތުގައި، އާންމު ފަރުދެއްގެ އެހީތެރިކަމަށް އެދުމުގެ އިހްތިޔާރާއި، އާންމު ރައްޔިތެއްގެ މުދަލެއް ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން، އާންމު ފަރުދެއްގެ އެހީތެރިކަމަށް އެދުމާއި، އާންމު ރައްޔިތެއްގެ މުދާ ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.
- އެ ހާލަތުގައި، އެދޭ އެހީތެރިކަމަކީ، އޭނާއަށް ވެދެވޭނެފަދަ އެހީތެރިކަމެއްކަމަށް ބެލެވޭ މިންވަރު؛
- ދިމާވެފައިވާ ހާލަތުގައި އެފަދަ އެހީތެރިކަމެއްގެ ބޭނުންތެރިކަން ޖެހިފައިވާ މިންވަރު؛
- އެފަދަ އެހީތެރިކަމެއް ނުލިބިއްޖެނަމަ، ކުރިމަތިވެދާނެ ނުރައްކައުތެރިކަމާއި، ލިބިދާނެ ގެއްލުމުގެ މިންވަރު؛
- މުދާ ބޭނުންކޮށްގެން ކުރަންޖެހޭ ކަމުގެ ބާވަތާއި، ހާލަތާއި، އެފަދަ ކަމެއް އެ ގޮތުގައި ކުރުމުގެ ބޭނުންތެރިކަން އޮތް މިންވަރު؛
- ދިމާވެފައިވާ ހާލަތުގައި މުދާ ބޭނުންކޮށްފިނަމަ، މުދަލަށް ލިބިދާނެ ގެއްލުން ނުވަތަ މުދަލަށް ނުރައްކާ އޮތް މިންވަރު
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހަކު އާންމު ރައްޔިތެއްގެ މުދަލެއް ބޭނުންކޮށްފިނަމަ، ނުވަތަ އާންމު ފަރުދެއްގެ އެހީތެރިކަމެއް ހޯދައިފިނަމަ، އެކަން ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް އެ ފުލުހެއްގެ ސުޕަވައިޒަރަށް އެކަން އަންގައި ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އާންމު ރައްޔިތެއްގެ މުދަލެއް ބޭނުންކުރަންޖެހޭ ހާލަތުގައި އެ މުދަލެއްގެ ވެރިފަރާތުގެ ރުހުމާނުލައިވެސް، އެ މުދަލެއް ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) ފުލުހަކު އާންމު ރައްޔިތެއްގެ މުދާ ބޭނުންކުރުމުގެ ތެރޭގައި އެ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ އާންމު ފަރުދެއްގެ އެހީތެރިކަމެއް ހޯދުމުގައި އެހީތެރިކަންދޭ މީހާއަށް ހާނީއްކައެއް ވެއްޖެނަމަ، އެ ކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އަދި ސިއްހީ އެހީތެރިކަމެއް ދޭންޖެހޭފަދަ ހާލަތެއްނަމަ، ވަގުތުން އެފަދަ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހަކު އާންމު ރައްޔިތެއްގެ މުދާ ބޭނުންކުރުމުގެ ތެރޭގައި އެ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، އެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ދޭންވާނެއެވެ. އަދި އާންމު ފަރުދެއްގެ އެހީތެރިކަމެއް ހޯދުމުގައި އެހީތެރިކަންދޭ މީހާއަށް ހާނީއްކައެއް ވެއްޖެނަމަ، ހާނީއްކަ ލިބުނު ފަރާތަށް ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގައި، އެ މުދަލެއް އަލުން އިޢާދަ ނުކުރެވޭވަރަށް ނުވަތަ މަރާމާތު ނުކުރެވޭވަރަށް ގެއްލުން ލިބިއްޖެނަމަ، އެފަދަ އެހެން އެއްޗެއް ނުވަތަ އެފަދަ އެހެން އެއްޗެއް ގަތުމަށް ދާ ހަރަދު، ދައުލަތުން އެ މީހަކަށް ދޭންވާނެއެވެ.
10 ވަނަ މާއްދާ - ށައްކުކުރެވޭ މަރުގެ މައްސަލަތަކުގައި މައްޔިތާގެ ހަށިގަނޑު ތަހުލީލުކުރުން
(ހ) ށައްކުކުރެވޭ މަރުގެ މައްސަލަތަކުގައި، މަރުވެފައިވާ މައްޔިތާގެ ހަށިގަނޑުގެ ތަހުލީލުކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) ށައްކުކުރެވޭ މަރުގެ މައްސަލަތައް ކަމުގައި ބަލާނީ، އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށެވެ.
- ޖިނާއީ ކުށުގެ ޢަމަލަކާ ގުޅުންހުރި މަރެއްކަމަށް އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް ތަހުގީގަށް ގަބޫލުކުރެވުން؛
- ގުދުރަތީ މަރަކުން މަރުވެފައިވާ ފަރާތެއް ކަމުގައި ނުބެލެވޭނެފަދަ، ށައްކުކުރެވޭ ކަންތައްތަކެއް ނުވަތަ ނިށާންތަކެއް މައްޔިތާގެ ހަށިގަނޑުގައި ހުރިކަމަށް، މައްޔިތާ މަރުވެފައިވާކަމަށް ކަނޑައެޅި ސިއްހީ އެހީތެރިޔަކު ފާހަގަކުރުން؛
- މައްޔިތާގެ ވާރިސުން ނުވަތަ ވާރިސުން ނެތްނަމަ، މައްޔިތާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކުން، މައްޔިތާ މަރުވުމުގައި ށައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ސަބަބާއެކު ބުނުން؛
- މަރުވެފައިވަނީ، އެއްވެސް ބާވަތެއްގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ފަރާތެއް ކަމުގައި ވުން.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ށައްކުކުރެވޭ މަރުގެ މައްސަލަތަކުގައި، މައްޔިތާގެ ހަށިގަނޑުގެ ތަހުލީލުކުރުމުގައި ނުވަތަ އޮޓޮޕްސީ ހެދުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، އެ ކަމާ ގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ އުސޫލެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (4 (ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ތަހުލީލުކުރުމުގައި ނުވަތަ އޮޓޮޕްސީ ހެދުމުގައި އެފަދަ މީހަކީ، ފުލުހުންގެ ކަސްޓޯޑިއަލް ޖަލެއްގައި ހުރި މީހެއްނަމަ، އެފަދަ މީހެއްގެ ހަށިގަނޑު ތަހުލީލުކުރުމުގައި ނުވަތަ އޮޓޮޕްސީ ހެދުމުގައި ފުލުހުން ނޫން އެހެން ފަރާތެއްގެ ބައިވެރިވުން ބޭއްވުމަށް އިސްކަންދޭންވާނެއެވެ.
11 ވަނަ މާއްދާ - ވަޅުލައިފައިވާ މައްޔިތާގެ ހަށިގަނޑު ތަހުލީލުކުރުމަށް ނެގުން
(ހ) ވަޅުލައިފައިވާ މައްޔިތެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ ބާރު، އަންނަނިވި ގޮތުގެ މަތީން ފުލުހުންނަށް ލިބިގެންވެއެވެ.
- ށައްކުކުރެވޭ މަރުގެ މައްސަލަތަކުގައި؛
- ބިދޭސީ މައްޔިތެއްގެ ހަށިގަނޑު އޭނާގެ ގައުމަށް ގެންދިއުމަށް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައްޔިތެއްގެ ހަށިގަނޑު ނަގަންވާނީ، ކޯޓު އަމުރަކުން އެކަމަށް ހުއްދަ ލިބިގެންނެވެ.
(ނ) ވަޅުލައިފައިވާ މައްޔިތެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނަގާނަމަ، އޭނާގެ ވާރިސަކަށް ނުވަތަ ވާރިސެއް ނެތްނަމަ، މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކަށް، ވީ އެންމެ އަވަހަކަށް އަންގަންވާނެއެވެ. އަދި މައްޔިތާގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނަގަންވާނީވެސް އެއިން ފަރާތެއްގެ ހާޒިރުގައެވެ.
(ރ) ވަޅުލައިފައިވާ ބިދޭސީއެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް އޭނާގެ ގައުމަށް ގެންދިއުމަށް ނަގަންވާނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. މިގޮތުން، ވަޅުލައިފައިވާ ބިދޭސީއެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނެގުމުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢަމަލުކުރުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، މައްޔިތާގެ އާއިލާގެ ފަރާތުން އެކަމަށް އެދޭނަމަ، އެ ފުރުސަތު ދިނުމަށް ނިންމިދާނެއެވެ.
(ބ) ވަޅުލައިފައިވާ ބިދޭސީއެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް އޭނާގެ ގައުމަށް ގެންދިއުމަށް ނެގުމަށްފަހު، އެ ހަށިގަނޑު ދިވެހިރާއްޖެއިން ފޮނުވުމުގެ ކުރިން، އެއީ ކާކުގެ ހަށިގަނޑެއްކަން ދެނެގަނެވިދާނެ ފަދަ ޑީ.އެން.އޭ ޕްރޮފައިލެއް ހެދޭނެ ސާމްޕަލެއް ނަގަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްޔިތާގެ ވާރިސުންނަށް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް އެންގުމުން، އެ ފަރާތުން މައްޔިތާގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނަގާއިރު ހާޒިރުވެ
ހުންނަން ބޭނުންނުވާނަމަ، އެ ގޮތުގެ މަތީން ޢަމަލުކުރެވިދާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޅުލައިފައިވާ މައްޔިތެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނަގާއިރު، ނެގުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތެއް ހަރަކާތްތެރިވާންވާނީ، ކަމާގުޅޭ ހާއްސަ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޅުލައިފައިވާ މައްޔިތެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ މަރުހަލާތައް ފެށުނީއްސުރެ ނިމެންދެން ކުރެވޭ އެންމެހައި ކަންތައްތައް ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ވ) ގައުމަށް ފޮނުވައިލަން ނަގާ ބިދޭސީއެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއް، ނުވަތަ ބައިތަކެއް ނަގާ ނެގުން ފިޔަވައި، ވަޅުލައިފައިވާ މައްޔިތެއް ނުވަތަ ހަށިގަނޑުން ބައެއް ނުވަތަ ބައިތަކެއް ނެގި ބޭނުން ނިމުމުން ލަސްނުކޮށް އަދި ވީ އެންމެ އަވަހަކަށް ވަޅުލާންވާނެއެވެ.
12 ވަނަ މާއްދާ - ޖިނާއީ ކުށްކުށާ ގުޅޭ ކޯޓު އަމުރު ފިޔަވައި، އެ ނޫން ކަންކަމާ ގުޅިގެން ނެރޭ ކޯޓު އަމުރު ތަންފީޒުކުރުން
(ހ) ށަރުޢީ ކޯޓުތަކުން ފުލުހުންގެ މައްޗަށް ނެރޭ ކޯޓު އަމުރުތަކުގެ ތެރޭގައި ހިމެނޭ ޖިނާއީ ކުށްކުށާ ގުޅޭ އަމުރުތައް ފިޔަވައި އެ ނޫން އަމުރުތައް ތަންފީޒުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ
އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކޯޓު އަމުރެއް ތަންފީޒު ކުރުމުގައި ފުލުހުން ކުރުން ލާޒިމުކޮށްފައިވާ ކަމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވޭނެ ބާވަތުގެ ކަމެއްކަމުގައި ނުވާނަމަ، އެފަދަ ކޯޓު އަމުރަކީ، އެގޮތުގައި ފުލުހުންނަށް ތަންފީޒުކުރެވޭނެ އަމުރެއް ނޫންކަމުގައި ބަލައި، އެ ކޯޓުއަމުރު އިސްތިއުނާފު ކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދެންވާނެއެވެ.
(ނ) ކޯޓުއަމުރެއް ތަންފީޒުކުރުމުގެ ގޮތުން، އެއްވެސް ތަނެއް ހުސްކުރުމަށް ފުލުހުން މަސައްކަތްކުރާ ހާލަތުގައި، އެފަދަ ތަނެއް ހުސްކުރުމަށް އެ އަމުރެއް ރައްދުވާ ފަރާތަކަށް ފުލުހުން އަންގާ އެންގުންތައް އަންގަންވާނީ ލިޔުމުންނެވެ.
(ރ) ކޯޓު އަމުރެއް ތަންފީޒު ކުރުމަށް ޓަކައި، ކުރަންޖެހޭ ކަމެއް ކުރުމަށް، އެހެން މުއައްސަސާއެއްގެ އެހީތެރިކަން ބޭނުންވާނަމަ، އެފަދަ އެހީތެރިކަމެއް ހޯދައިގެން، އެފަދަ އެހީތެރިކަމެއް ބޭނުންކުރެވިދާނެއެވެ.
(ބ) ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ ވަކި ތަނެއް ހުސްކުރުން ކަމުގައި ވާނަމަ، އަދި އެ ތަނެއް ހުސްކުރުމަށް ޓަކައި އެ ތަނަކުން ނެރޭ ތަކެތި ބެހެއްޓޭނެ އިންތިޒާމު އެ ވަގުތު ހަމަޖެހިފައި ނެތްނަމަ، އެ ތަކެތި ބެލެހެއްޓުމަށް ސަރުކާރުގެ އެހެން މުއައްސަސާއެއްގެ އެހީތެރިކަމަށް އެދެވިދާނެއެވެ.
(ޅ) ކޯޓު އަމުރު ތަންފީޒުކުރުމަށްފަހު އެކަން ނުވަތަ ކޯޓު އަމުރު ތަންފީޒުކުރުމަށް ފުލުހުން ކޮށްފައިވާ މަސައްކަތް، އެ އަމުރެއް ނެރުނު ކޯޓަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން އަންގަންވާނެއެވެ.
13 ވަނަ މާއްދާ - ކާރިސާތަކުގައި ބާރުގެ ބޭނުންކުރުން
(ހ) ކުއްލިއަކަށް ދިމާވާ ގުދުރަތީ ކާރިސާއެއްގައި ނުވަތަ ނުރައްކައުތެރި ހާދިސާއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާންޖެހޭ ހާލަތްތަކުގައި ފުލުހުން ހަރަކާތްތެރިވާންވާނީ، މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ހިމާޔަތްކުރުމަށް އެ ހިނދަކަށް ކުރެވެންހުރި މަސައްކަތެއް ކުރުމަށާއި، ކާރިސާގައި ނުވަތަ ނުރައްކައުތެރި ހާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން
ފޯރުކޮށްދިނުމަށެވެ.
(ށ) ކާރިސާގެ ނުވަތަ ނުރައްކައުތެރި ހާދިސާއެއްގެ ހާލަތުގައި، ބަޔަކު އެތިބި ތަނެއްގައި އެތިބި ގޮތަށް ތިބެއްޖެނަމަ، އެ ބައެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކައުވެދާނެކަމަށް ފުލުހުންނަށް ފެނިއްޖެނަމަ، ރައްކައުތެރި ސަރަހައްދެއްކަމަށް ފުލުހުން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިޢުލާނުކޮށްފައިވާ ނުވަތަ ކަނޑައަޅައިފައިވާ އެހެން ސަރަހައްދަކަށް އެ ބަޔަކު
ދިއުމަށް ފުލުހުންނަށް އެންގިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންގުމެއް އެންގުމުން، އެ އެންގުމަށް ތަބާނުވެއްޖެނަމަ، އެ އެންގުމަށް ތަބާނުވި މީހަކު ނުވަތަ ބަޔަކު އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން، ރައްކައުތެރި ސަރަހައްދެއްކަމަށް ފުލުހުން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިޢުލާނުކޮށްފައިވާ ނުވަތަ ކަނޑައަޅައިފައިވާ ސަރަހައްދަކަށް ގެންދެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ބާރުގެ ބޭނުންކުރުމުގައި، ރައްޔިތުންގެ ރައްކައުތެރިކަމާއި، އެ ހާލަތުގައި މަސްލަހަތު ގާއިމުކުރެވޭނެ ގޮތުގެ މަތީން، ފުލުހުން ޢަމަލުކުރަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކާރިސާއެއްގެ ހާލަތުގައި، ނުވަތަ ނުރައްކައުތެރި ހާދިސާއެއްގެ ހާލަތުގައި، އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް އިތުރު ބަޔަކަށް ނުވަދެވޭނޭހެން އެ ސަރަހައްދެއް ފުލުހުންނަށް ބަންދުކުރެވިދާނެއެވެ. މިގޮތުން ބަންދުކުރަން ފުލުހުން ނިންމައިފިނަމަ، އެ ކާރިސާއެއްގެ ހާލަތު ނިމުމާ ހަމަޔަށް ނުވަތަ ނުރައްކައުތެރި ހާދިސާގެ ހާލަތު ނިމުމާ ހަމަޔަށް ފުލުހުން އެ ސަރަހައްދެއް ބަލަހައްޓަންވާނެއެވެ.
14 ވަނަ މާއްދާ - ފުލުހުންނަށް ލިބިދެވޭ ގާނޫނީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމާއި ވަސީލަތްތައް
ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ބާރުތައް ބޭނުންކުރުމުގެ ގޮތުން، އަންނަނިވި ކަންކަމާއި، އާލަތްތަކާއި، ތަކެއްޗާއި، ވަސީލަތުގެ ބޭނުންހިފުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ހ) ބިޑި؛
(ށ) އެމްޓީ ހޭންޑް ކޮންޓްރޯލް ޓެކްނީކް؛
(ނ) ދޮރުވެއްޓުމަށް ބޭނުންކުރާ އާލަތް؛
(ރ) ވޯޓަރ ކެނަން؛
(ބ) ކޭ- ނައިން؛
(ޅ) މަގެއް ނުވަތަ ސަރަހައްދެއް ބަންދުކުރުން؛
(ކ) ށީލްޑް ޓެކްޓިކްސް.
15 ވަނަ މާއްދާ - ބިޑި އެޅުވުން
ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން، އަންނަނިވި ހާލަތްތަކުގައި މީހެއްގެ ގައިގައި ބިޑި އެޅުވިދާނެއެވެ.
- މީހަކު ހައްޔަރުކުރުމުގައި؛
- ފުލުހުންގެ ހައްޔަރުގައި ނުވަތަ ބަންދުގައި ހުރި މީހަކު، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި؛
- ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އޭނާގެ އަމިއްލަ ނަފްސަށް ގެންލުން ދީފާނެކަމަށް ބެލެވޭނަމަ، އެކަމުން ސަލާމަތް ކުރުމަށް ޓަކައި؛
- ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ފަރާތުން އެހެން މީހަކަށް، ނުވަތަ ފުލުހަކަށް އަނިޔާއެއް ލިބިދާނެފަދަ ޢަމަލެއް ކޮށްފާނެކަމަށް ބެލެވޭނަމަ، އެކަމުން ސަލާމަތް ކުރުމަށް ޓަކައި؛
- ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު، އޭނާ ބަންދުކޮށްފައި ބަހައްޓައިފައި ހުރި ތަނަށް ނުވަތަ މުދަލަށް ގެންލުންދީފާނެކަމަށް ބެލެވޭނަމަ، އެ ކަމުން ސަލާމަތް ކުރުމަށް ޓަކައި؛
- ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު، ޖަލުގެ ގަވާއިދުތަކާއި، އުސޫލުތަކާ ހިލާފަށް ޢަމަލުކުރުމުގެ ސަބަބުން ނުވަތަ ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން އެ މީހަކު ކިޔަމަންތެރި ކުރުވުމަށް ޓަކައި.
(ށ) މީހަކު ބިޑި އަޅުވަންޖެހޭ ހާލަތުގައި، ބިޑި އަޅުވާ އެޅުވުމުގައި ބިޑި އެޅުވޭ މީހާ ނުކިޔަމަންތެރިވެ ގަދަފަދަކަން ދެއްކުމުގެ ސަބަބުން ލިބޭ އަނިޔާއަށް ފުލުހުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
16 ވަނަ މާއްދާ - ބިޑިއެޅުވުމުގައި ޢަމަލުކުރާނޭ ގޮތް
(ހ) މީހެއްގެ ގައިގައި ބިޑި އެޅުވުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
(ށ) ބިޑި އަޅުވަންޖެހޭ ހާލަތާއި، ބިޑި އަޅުވަންޖެހޭ މީހާގެ ޢަމަލުތައް ހުރިގޮތުގެ މައްޗަށް ބަލައި، ކިޔަމަންތެރިކަމާއެކު ފުލުހުން އަންގާ ގޮތަކަށް ޢަމަލުކުރުމަށް ބިޑި އަޅުވަންޖެހޭ މީހާއަށް އެންގުމަށްފަހު ބިޑި އެޅުވިދާނެއެވެ.
(ނ) ބިޑި އަޅުވަންޖެހޭ މީހާގެ އަތުގައި އޭނާއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް އޮތްނަމަ، އެ އެއްޗެއް ވަގުތީގޮތުން އޭނާގެ އަތުން އަތުލުން ނުވަތަ އެ އެއްޗެއް އަތުން ދޫކޮށްލުމަށް އެންގުމާއެކު، އެގޮތަށް ޢަމަލު ނުކޮށްފިނަމަ ބާރުގެ ބޭނުންކުރާނެކަމަށާއި، އެ ހާލަތުގައި ލިބިދާނެ ގެއްލުމެއްގެ ޒިންމާ ފުލުހުން ނުނަގާނެކަން އަންގައި އިންޒާރުކުރަންވާނެއެވެ.
(ރ) ބިޑި އަޅުވަންޖެހޭ މީހާގެ ދެއަތުގެ ކުޑަހުޅުގައި ބިޑި އެޅުވުމުން އޭނާ ކޮންޓްރޯލްކުރެވޭ ހާލަތްތަކުގައި ނުވަތަ އޭނާ ގަދަފަދަކަން ނުދައްކާ ހާލަތްތަކުގައި އެނޫން ގޮތަކަށް ބިޑި އަޅުވައިގެން ނުވާނެއެވެ. މިގޮތުން ކުޑަހުޅުގައި ބިޑި އަޅުވާއިރު އާންމު އުސޫލުން ބިޑި އަޅުވަންވާނީ، ދެއަތް ފުރަގަހަށްވާ ގޮތަށެވެ. ނަމަވެސް، ބިޑި އަޅުވަންޖެހޭ މީހާގެ ޢަމަލުތައް ހުރި ގޮތާއި، އޭނާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާ އޮތް މިންވަރަށާއި، ބިޑި އަޅުވަންޖެހޭ މީހާގެ ހާލަތަށް ބަލައި، ދެ އަތް ކުރިމައްޗަށްވާ ގޮތަށް ބިޑި އެޅުވިދާނެއެވެ.
(ބ) ބިޑި އަޅުވައިފައި އޮންނަންވާނީ އެ މީހެއްގެ އަތް، ބިޑީގެ ތެރެއިން ދަމައިނުގަނެވޭނޭ ވަރަށެވެ. އަދި ބިޑި އަޅުވައިފައި ބަހައްޓަންވާނީ، މީހާގެ އަތްތިލައަށް ލޭހިނގާނެ ފަދަ މިންވަރެއްގެ ދޫމިނެއްގައެވެ. ބިޑި އަޅުވައިފައި ހުންނަ މީހެއްގެ އަތުގައި އަޅުވައިފައި އޮންނަ ބިޑި އޭގެ އަމިއްލަ ޒާތުގައި ބާރުވެދާނެކަމަށް، ނުވަތަ އެ މީހަކު ޢަމަލުކުރާ ގޮތަކުން ބިޑި ބާރު ވެދާނެކަމަށް ބެލެވޭނަމަ، އަޅުވައިފައިވާ ބިޑި ބާރުނުވާނޭގޮތަށް ބިޑި ލޮކްކުރަންވާނެއެވެ.
(ޅ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހާކު ނުކިޔަމަންތެރިކަން ދައްކައި، އެހެން މީހަކަށް ނުވަތަ އޭނާ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައިހުރި ފުލުހުންގެ މަރުކަޒުގެ މުދަލަކަށް ނުވަތަ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކޮށްފާނެކަމަށް ބެލެވޭނަމަ، އޭނާއަށް އެފަދަ ކަމެއް ނުކުރެވޭނެ ފަދަ ގޮތަކަށް ބިޑި އެޅުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ކ) މީހެއްގެ ގައިގައި ބިޑިއަޅުވާއިރު އެ މީހަކު ކޮޅަށް ބަހައްޓައިގެން ނުވަތަ އެ މީހަކު ކަކޫމަތީ އިށީނދެ ބައިންދައިގެން ނުވަތަ، އެ މީހަކު ބަންޑުން ބާއްވައިގެން ބިޑި އެޅުވުމުގެ އިހްތިޔާރު އެ ވަގުތު ބިޑި އަޅުވަންހުރި އޮފިސަރަށް ލިބިގެންވެއެވެ.
(އ) މީހެއްގެ ގައިގައި ބިޑި އަޅުވަންޖެހޭ ހާލަތްތަކުގައި، ބިޑިއަޅުވާނެ ގޮތާއި، އަޅުވާނެ ބިޑި ކަނޑައަޅާނީ، ބިޑި އަޅުވާ ފުލުހުންގެ އޮފިސަރެވެ.
17 ވަނަ މާއްދާ - ބިޑި އަޅުވައިފައި ބެހެއްޓުން
(ހ) ބިޑި އެޅުވޭނެ ހާލަތުގައި މީހަކު ބިޑި އަޅުވަންވާނީ، އެ ހާލަތަކާ ގުޅިގެން ބިޑިއަޅުވާ މީހާގެ ޢަމަލުތައް ހުއްޓުވޭނެ ފަދަ ގޮތަކަށެވެ. އަދި އާންމު އުސޫލުން ބިޑި އަޅުވައިފައި ބަހައްޓަންވާނީ، ހާލަތު ދެމިއޮތްނަމަ، (އެކެއް) ގަޑިއިރުގެ ވަގުތަކަށެވެ.
(ށ) ބިޑި އަޅުވައިފައިވާ މީހާގެ ނުކިޔަމަންތެރިކަމާއި، އެ މީހެއްގެ ފުށުން އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އެކަށީގެންވާ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭނަމަ، (އެކެއް) ގަޑިއިރުގެ ވަގުތަށްވުރެ އިތުރަށް ބިޑި އަޅުވައިފައި ބެހެއްޓިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފުލުހުން ހައްޔަރުކުރާ މީހަކު، ހައްޔަރުކޮށްގެން ގެންދަންޖެހޭ ކަސްޓޯޑިއަލް ފެސިލިޓީއަށް ނުވަތަ ފުލުހުންގެ މަރުކަޒަށް ގެންދިއުމަށް ހޭދަވާ ވަގުތު (އެކެއް) ގަޑިއިރަށްވުރެ އިތުރުވާނަމަ، އެ މީހަކު އެފަދަ ތަނަކަށް ގެންދެވެންދެން ބިޑި އަޅުވައިފައި ބެހެއްޓިދާނެއެވެ.
(ރ) މީހަކު ގައިގައި ބިޑި އަޅުވައިފިނަމަ، ދިމާވާ ކުއްލި ކަމެއްގައި ބިޑި ނައްޓަން ޖެހިއްޖެނަމަ، އަވަހަށް ބިޑި ނެއްޓޭނެ ގޮތަށް، އެ މީހަކާ ހަވާލުވެހުންނަ ފުލުސް އޮފިސަރުގެ ނުވަތަ އެ މީހަކު ބަހައްޓައިފައި ހުރި ތަނެއްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަތުގައި ބިޑީގެ ތަޅުދަނޑި އޮންނަންވާނެއެވެ.
18 ވަނަ މާއްދާ - ބިޑީގެ ވައްތަރުތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ބިޑި އެޅުވޭނެ ހާލަތްތަކުގައި، އަންނަނިވި ބާވަތްތަކުގެ ބިޑިންކުރެ ބިޑިއެއް އެޅުވުމަށް ނިންމިދާނެއެވެ. މި ގޮތުން ނިންމާއިރު، ބިޑި އަޅުވަންޖެހޭ ހާލަތާއި، ނުކިޔަމަންތެރިކަން ދައްކާ މިންވަރާއި، މީހާގެ ހާލަތަށް ރިޢާޔަތް ކުރަންވާނެއެވެ.
(ހ) އަތު ބިޑި؛
(ށ) އެއްހުޅު ބިޑި؛
(ނ) ބައިން ބިޑި؛
(ރ) އިނގިލި ބިޑި؛
(ބ) އަންގި ބިޑި؛
(ޅ) އެކަހެރި ބިޑި؛
(ކ) ޖޯޑު ބިޑި؛
(އ) މުލައްދަނޑި ބިޑި؛
(ވ) ޖެކެޓް ބިޑި؛
(މ) އެނދު ބިޑި؛
(ފ) ދޯރި ބިޑި؛
(ދ) ދަހަނާ ބިޑި؛
(ތ) ފައި ބިޑި؛
(ލ) ޕްލެކްސް ކަފް.
19 ވަނަ މާއްދާ - އެމްޓީ ހޭންޑް ކޮންޓްރޯލް
(ހ) ފުލުހުންގެ ދައުރު އަދާކުރުމުގައި، މީހުން ހައްޔަރުކުރުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި، ނުވަތަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތައް ހުއްޓުވުމާއި، މީހުން ހިފެހެއްޓުމާއި، އެއްފަރާތްކުރުމާއި، ގާނޫނާ ހިލާފު އެއްވުންތައް ކޮންޓްރޯލްކު ރުމުގައި ހަތިޔާރެއް ނުވަތަ އާލަ ތެއް ނުލައި މީހާއަށް ވަގުތީ ތަދެއް ނުވަތަ ހާސްކަމެއް، އުނދަގުލެއް އިހުސާސްކުރުވާފާނެ ގޮތަކަށް ނުވަތަ ނަރވް ޕްރެށަރ، ޖޮއިންޓް ހޯލްޑް، ބޮޑީ ހޯލްޑްކުރުމަށް ގައިގައި އަތްލައިގެން ކުޑަމިންވަރެއްގެ ތަދެއްވާގޮތަށް އުކުޅު ބޭނުންކުރެވިދާނެއެވެ.
(ށ) އެމްޓީ ހޭންޑް ކޮންޓްރޯލްގެ ޓެކްނިކް ބޭނުންކުރުމުގައި، މީހުންނަށް ވާ ހާނީއްކަ ކުޑަވާނޭގޮތަށް ޢަމަލުކުރުމަށް ސަމާލުކަންދޭންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އެމްޓީ ހޭންޑް ކޮންޓްރޯލްގެ ޓެކްނިކް ބޭނުންކުރުމުގައިވެސް ޢަމަލުކުރަންވާނީ އެ ހާލަތަކާ އެކަށޭނަ އުކުޅުތަކެވެ.
20 ވަނަ މާއްދާ - ށީލްޑް ޓެކްޓިކްސް ބޭނުންކުރުން
(ހ) ގިނަބަޔަކު އެއްވެގެން ހިންގާ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ނުވަތަ ނުކިޔަމަންތެރިކަން ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ، އަމިއްލަ ރައްކައުތެރިކަމަށާއި، މީހުން ފަހަތަށް ޖެއްސުމަށާއި، މަގަކަށް ނުވަތަ ތަނަކަށް ވަދެވެންހުރި ދޮރެއް ބަންދުކުރުމަށް ނުވަތަ ފުލުހުންގެ ބެލުމުގެދަށުގައި ހުރި މީހަކަށް ރައްކައުތެރިކަން ދިނުމަށް ށީލްޑް ޓެކްޓިކްސް ބޭނުންކުރެވިދާއެވެ
(ށ) ށީލްޑް ޓެކްޓިކްސް ބޭނުންކުރާއިރު ގިނަބަޔަކު ފަހަތަށް ޖެއްސުމަށް ނުވަތަ ހައްޔަރުކުރުމަށް ބޭނުންވާ މީހުން ކޮންޓެއިންކުރުމަށް ބޭނުންކުރެވިދާނެއެވެ.
(ނ) ށީލްޑް ޓެކްޓިކްސް ބޭނުންކުރާއިރު ބޭނުންކުރާނެ ގޮތާއި ހާލަތް ކަނޑައަޅާނީ އެ ވަގުތަކު އެ ތަނެއްގައި ހުންނަ ކޮމާންޑަރެއް ނުވަތަ އިސްފަރާތަކުންނެވެ.
21 ވަނަ މާއްދާ - ދޮރުވެއްޓުމަށް ބޭނުންކުރާ އާލަތް
(ހ) ދޮރުވެއްޓުމަށް ބޭނުންކުރާ އާލަތަކީ، ބާރުގެ ބޭނުންކޮށްގެން ތަނަކަށް ވަންނަންޖެހޭ ހާލަތްތަކުގައި ބޭނުންކުރާ، އަންނަނިވި އާލަތްތަކެވެ.
- ހައިޑްރޯލިކް އެންޓްރީ ޓޫލް؛
- ކޭ-ޓޫލް؛
- ބެޓެރިންގ ރެމްސް؛
- ބޯލްޓް ކަޓަރ؛
- ޗޭނު ކީސް؛
- ދަތް ދަގަނޑު؛
- ހެމަރ؛
- ކޯރާޑި؛
- ގޭސް ކަޓަރ؛
- ބުރުމާ؛
- މިނޫނަސް، ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ފުލުހުން ބޭނުންކުރާ ހާއްސަ އާލަތްތައް.
(ށ) ފުލުހުން ހިންގާ އޮޕަރޭށަނަކާ ގުޅިގެން ބާރުގެ ބޭނުންކޮށްގެން ތަނަކަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާލަތެއް ބޭނުންކޮށްގެ ން ދޮރު ހުޅުވުމާއި، ދޮރު ވައްޓައިލުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާލަތެއް ބޭނުންކޮށްގެ ން ދޮރު ހުޅުވުމާއި، ދޮރު ވައްޓައިލުމުގެ މާނައިގެ ތެރޭގައި، އެ ތަނަކަށް ވަނުމަށްޓަކައި ހުންނަ ދޮރު ނުވަތަ ބިތް ނުވަތަ ފާރު ނުވަތަ ބަންދުކޮށްފައިވާ ގޭޓް ފަދަ ތަންތަން ހިމެނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުން ބާރުގެ ބޭނުންކުރަންވާނީ، އެ ބާރު ބޭނުންކުރުމަށް ގާނޫނު ހުއްދަކުރާ ހާލަތްތަކުގައެވެ.
22 ވަނަ މާއްދާ - ވޯޓަރ ކެނަން ބޭނުންކުރުން
(ހ) ގިނަބަޔަކު އެއްވެގެން ހިންގާ ގާނޫނާއި ހިލާފު ޢަމަލުތަކާއި، ގާ ނޫނާއި ހިލާފު އެއްވުންތައް ރޫޅައިލުމަށް ނުވަތަ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ބަޔަކު ވަންނަން އުޅޭ ހާލަތްތަކުގައި، އެކަން ކޮންޓްރޯލް ކުރުމަށް ޓަކައި ޕްރެށަރުގައި ފެން ޖަހައިގެން އެ ބަޔަކު ހުއްޓުވުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި، ވޯޓަރ ކެނަން ބޭނުންކުރުމުގައި މީހުންގެ ގަޔަށް ޕްރެށަރުގައި ފެން ޖަހާނަމަ، ފެން ޖެހުމުގެ ކުރިން، އެ އެއްވުން ރޫޅައިލުމުގައި ވޯޓަރ ކެނަން ބޭނު ންކުރާނެކަން
އަންގަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓަރ ކެނަން ބޭނުންކުރުމުގައި، ވަކިވަކި މީހުންނަށް އަމާޒުކޮށް ވޯޓަރ ކެނަން ބޭނުންކުރެވިދާނެއެވެ.
(ރ) ވޯޓަރ ކެނަން ބޭނުންކުރާ ހާލަތުގައި، އެ ސަރަހައްދެއްގައި ހުންނަ އިމާރާތްތަކާއި މުދަލަށް ގެއްލުން ނުވާނޭހެން ބޭނުންކުރުމަށް ސަމާލުކަންދޭންވާނެއެވެ.
(ބ) ވޯޓަރ ކެނަން އިން ފެން ޖަހާއިރު، ފެނާއެއްކޮށްފައިވާ ކުލައާއި، ކެރުމުގެ އަސަރު އެކުލެވޭ ކެމިކަލް ފެނާ އެއްކޮށްގެން ޖެހިދާނެއެވެ.
(ޅ) ފުލުހުން ހިންގާ އޮޕަރޭށަނެއްގައި ވޯޓަރ ކެނަން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ވޯޓަރ ކެނަން ބޭނުންކުރަން ޖެހޭކަމަށް ނިންމާނީ، އެ އޮޕަރޭށަނެއްގެ ކޮމާންޑަރު ނުވަތަ އެ ވަގުތު އެ ސަރަހައްދުގައި ހުރި ކޮމާންޑަރެވެ.
23 ވަނަ މާއްދާ - ކޭނައިން ސްކޮޑް
(ހ) ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ނުވަތަ ސަމާލުކަމަށް އަންނަ ނުވަތަ ފުލުހުން ހޯދާ ހޯދުމުން ފެންނަ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ޓަކައި ނުވަތަ ފުލުހުން ސަލާމަތާއި ރައްކައުތެރިކަން ބަލަހައްޓާ ސަރަހައްދެއް ނުވަތަ ތަނެއްގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ނުވަތަ ފުލުހުން ހިންގާ އޮޕަރޭށަންތަކުގައި ކަމެއްގެ ހަގީގަތަށް ވާސިލުވުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުން ކޭނައިން ބޭނުންކުރެވިދާނެއެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ކޭނައިން ދަރަޖަކުރެވިފައިވާ ގޮތާއި، ދަރަޖަކުރުމުގައި ގެންގުޅޭނެ ހަމަތަކާއި، ރޭންކާއި، މަސްއޫލިއްޔަތުތަކާއި، ހިދުމަތުގައި ގެންގުޅުމާއި، ހިދުމަތުން ރިޓަޔަރކުރުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލެއް އެކުލަވައިލަންވާނެއެވެ.
24 ވަނަ މާއްދާ - މަގެއް ނުވަތަ ސަރަހައްދެއް ބަންދުކުރުން
ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި، ފުލުހުންގެ ދައުރަށް ނިސްބަތްވާ ގާނޫނުތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ޓަކައި، އެ ވަގުތަކަށާއި ހާލަތަށް ބަލައި، އެކަން އެހެން ނުކޮށް ނުވާނެ ހާލަތްތަކުގައި ވަކި ސަރަހައްދެއް ނުވަތަ މަގެއް ނުވަތަ މަގަކުން ބައެއް ވަގުތީގޮތުން ބަންދުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަގެއް ނުވަތަ ސަރަހައްދެއް ވަގުތީގޮތުން ބަންދުކުރެވޭނީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރެއްގެ ހުއްދައާއެކު، ގިނަވެގެން މެދުނުކެނޑި 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަގެއް ނުވަތަ ސަރަހައްދެއް ބަންދުކުރަން ހުއްދަދޭ ކޮންމެފަހަރަކު، ހުއްދަދިން އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި ސޮއި ހިމެނޭހެން، އެކަން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
25 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު