ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު
(ގަވާއިދު ނަންބަރު 2021-118)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން، އެ މީހުންގެ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތަކާއި، ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުމުގެ އާންމު ހަމަތަކާއި އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު" އެވެ.
(ނ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ – މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) އަދުލު އިންސާފު ގާއިމުކޮށްދިނުމު ގައްޔާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ގާނޫނީ ވަކީލުންނަކީ، މިނިވަންކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބައެއް ކަމުގައި ހެދުމަށް ބާރުއެޅުން.
(ށ) ގާނޫނީ ވަކީލުންނަށާއި ގާނޫނީ ވަކީލުންގެ ފަންނަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުން.
(ނ) ގާނޫނީ ފަންނުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުން.
(ރ) ގާނޫނީ ވަކީލުން ދޭ ހިދުމަތަކީ އިންސާފުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ހިދުމަތެއް ކަމުގައި ކަށަވަރުކޮށް، ހިދުމަތް ހޯދާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށްދީ، ހައްގުތައް ރައްކައުތެރިކޮށްދިނުމަށް ބާރުއެޅުން.
3 ވަނަ މާއްދާ - ސުލޫކީ ހަމަތައް އެންމެހައި ވަކީލުންގެ މައްޗަށް ހިނގުން.
(ހ) މި ގަވާއިދުގައި ބަޔާންކުރާ ސުލޫކީ ހަމަތައް، ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަދީފައިވާ އެންމެހައި ގާނޫނީ ވަކީލުންގެ މައްޗަށް ހިނގާނެއެވެ. އެއީ ޕްރައިވެޓް ސެކްޓަރއާއި، ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ އެންމެހައި ގާނޫނީ ވަކީލުން ވެސް ހިމެނޭ ގޮތުންނެވެ.
(ށ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ސުލޫކީ ހަމަތަކަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި ގާނޫނީ ވަކީލުން އަމަލުކުރަންވާނެއެވެ. އަދި އެ މީހުންގެ މަސައްކަތުގައި، އެ ސުލޫކީ ހަމަތައް ނެގެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން ކަމަށް ބުނެފައި އެވަނީ، ލީގަލް ޕްރެކްޓިސްއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ވިޔަސް، ނުވަތަ ލޯ ފަރމެއްގެ ޕާޓްނަރެއް ކަމުގައި ވިޔަސް، ނުވަތަ އެއިން ތަނެއްގެ އެސޯސިއޭޓެއް ކަމުގައި ވިޔަސް، ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގައި މަސައްކަތްކުރާ ގާނޫނީ ވަކީލެއް ކަމުގައި ވިޔަސް، ނުވަތަ އެފަދަ ތަނެއްގެ ވަޒީފާގައިވާ ފަރާތެއް ކަމުގައި ވިޔަސް، ނުވަތަ އެފަދަ ތަނެއްގައި ކޮންސަލްޓަންސީއެއްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި ވިޔަސް، ނުވަތަ މިނޫން އެހެން ފަރާތެއް ކަމުގައި ވިޔަސް، ގާނޫނީ ހިދުމަތް ފޯރުކޮށްދޭ އެ އެންމެހައި ގާނޫނީ ވަކީލުން ހިމެނޭ ގޮތުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާގައި ނުވަތަ އެފަދަ ތަނެއްގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން ހިމެނޭ ގޮތުންނެވެ.
(ބ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ވަކީލަކު މަސައްކަތްކުރާ ތަނަކުން ގާނޫނީ ވަކީލުން އަމަލުކުރުމަށް ވަޒީފާއާ ގުޅުންހުރި އިތުރު މިންގަނޑުތައް އެ މުއައްސަސާއަކުން ކަނޑައަޅައި، އެ މިންގަނޑުތައް ތަންފީުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
4 ވަނަ މާއްދާ - އަސާސީ ހަމަތައް
(ހ) ގާނޫނީ ފަންނުގެ ސުލޫކީ ހަމަތައް ބިނާވެގެންވަނީ އަންނަނިވި އަސާސީ ހަމަތަކުގެ މައްޗަށެވެ.
- މިނިވަންކަމާއެކު މަސައްކަތްކުރުން؛
- ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަމުގެ އުސޫލުތައް އިސްކުރުން؛
- މަސްލަހަތު ފުށުއަރާ ކަންކަމުން ތަނާޒުލުވުން؛
- ސިއްރު ހިފެހެއްޓުން؛
- މުވައްކިލަށް އިހްލާސްތެރިވުމާއި، މުވައްކިލުގެ މަސްލަހަތުގައި މަސައްކަތްކުރުން؛
- ގާނޫނީ ވަކީލުންގެ ފަންނުގެ ހަމަތައް ނެގެހެއްޓުން؛
- މަސައްކަތުގެ އަގު ކަނޑައެޅުމުގައި އިންސާފުވެރިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ ހަމަތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ތަފުސީލުކޮށްފައިވާނެއެވެ.
5 ވަނަ މާއްދާ - އާންމު ހަމަތައް
މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހަމަތަކުގެ އިތުރުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ އާންމު ހަމަތައް، ގާނޫނީ ވަކީލުން އަބަދުވެސް ނަގަހައްޓަންވާނެއެވެ.
6 ވަނަ މާއްދާ - ސުލޫކީ މައްސަލަ ވަކިން ބެލުން
(ހ) ގާނޫނީ ވަކީލަކު ކުރުމަށް ކަނޑައެޅިގެން މަނާކަމަށް ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމެއް، ނުވަތަ ގާނޫނީ ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް ގާނޫނީ ވަކީލަކު ކޮށްފިނަމަ، އެ މައްސަލައެއް، ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ށ) ގާނޫނީ ވަކީލަކު ކުރި ކަމެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ނަމަ، ގަވާއިދު ނަންބަރު 47/2020 (ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
8 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާ މާނައެވެ.
ގާނޫނީ ވަކީލުންގެ އަސާސީ ސުލޫކީ ހަމަތައް
1. މިނިވަންކަމާއެކު މަސައްކަތްކުރުން
1.1 ކޮންމެ ގާނޫނީ ވަކީލަކު ވެސް އެ މީހެއްގެ މުވައްކިލަށް ލަފާ ދިނުމުގައްޔާއި މުވައްކިލު ތަމްސީލުކުރުމުގައި މަސައްކަތްކުރަންވާނީ، މިނިވަންކަމާއެކު، އެހެން ފަރާތެއްގެ އިރުށާދަކަށް ނުވަތަ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެއެވެ.
1.2 ގާނޫނީ ވަކީލުން ވާންޖެހޭނީ، ސިޔާސީ ނުވަތަ މާލީ ނުވަތަ އެނޫންވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށެވެ.
1.3 ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ގާނޫނީ ވަކީލަށް އޮންނަ ޒިންމާއާ ހިލާފުވާ ގޮތަކަށް އެއްވެސް ގާނޫނީ ވަކީލަކު އަމަލުކޮށްގެން ނުވާނެއެވެ. މުވައްކިލުގެ މަސްލަހަތުގައި އަމަލުކުރާ ހާލަތުގައި ވެސް މިކަން އޮންނާނީ މިހެންނެވެ.
1.4 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަށް ލަފާ ދިނުމުގައި އަމަލުކުރަންވާނީ، މުވައްކިލު ބޭނުންވާ ގޮތަށް ލަފާދިނުމުގެ ބަދަލުގައި މިނިވަންކަމާއެކު މުވައް ކިލަށް ލަފާދިނުމަށެވެ.
1.5 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އަދާކުރަނީ ތިންވަނަ ފަރާތަކުން ކަމުގައި ވިޔަސް، ނުވަތަ ގާނޫނީ ވަކީލެއްގެ މުވައްކިލަކީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ހަމަޖެހިފައިވާ މުވައްކިލެއް ކަމުގައި ވިޔަސް، އެ ތިންވަނަ ފަރާތަކުން އެދޭ ގޮތަކަށް މުވައްކިލާމެދު އަމަލުކޮށްގެން ނުވާނެއެވެ. އަދި މުވައްކިލަށް ލަފާދިނުމުގައްޔާއި މުވައްކިލު ތަމްސީލުކުރުމުގައި އޭނާ މަސައްކަތްކުރަންވާނީ މިނިވަންކަމާއެކު، އެހެން ފަރާތެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއްނެތިއެވެ.
1.6 ގާނޫނީ ވަކީލަކީ ވަކި ތަނެއްގެ ވަޒީފާގައި ހުރި ވަކީލެއް ކަމުގައި ވިޔަސް، އޭނާ އެ ތަނުގައި ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާއިރު ގާނޫނީ ލަފާ ދޭންވާނީ، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ތައައްސުބުން އެއްކިބާވެހުރެ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގޭ ގާނޫނީ ފަންނުގެ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
2. ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަމުގެ އުސޫލުތައް އިސްކުރުން
2.1 ކޮންމެ ގާނޫނީ ވަކީލަކު ވެސް ކޮންމެ ވަގުތެއްގައި ވެސް، ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، ހަމަހަމަކަމުގެ އުސޫލުތައް، އެންމެ މަތީ މިންގަނޑަށް ނަގަހައްޓަންވާނެއެވެ.
2.2 ކޮންމެ ގާނޫނީ ވަކީލަކު ވެސް އެ މީހެއްގެ މުވައްކިލާމެދު އަމަލުކުރަންވާނީ، އަދި ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި ތަހުގީގީ އިދާރާތަކާއި އެނޫންވެސް ގާނޫނީ ފަންނުގައި މަސައްކަތްކުރާ އެހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި އަމަލުކުރަންވާނީ، ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަމުގެ އުސޫލުތަކުގެ އެންމެ މަތީ މިންގަނޑަށެވެ.
2.3 ގާނޫނީ ވަކީލަކު އޭނާގެ ހިދުމަތް ދިނުމުގައި، އެއްވެސް ފަރާތަކާމެދު ތަފާތުކުރުމެއް، ނުވަތަ ތައައްސުބެއް ގެންގުޅެގެން ނުވާނެއެވެ. ނުވަތަ އެއްވެސް ފަރާތަކަށް ފުރައްސާރަކޮށްގެން ނުވާނެއެވެ.
2.4 ގާނޫނީ ވަކީލަކު މުވައްކިލާ މުއާމަލާތުކުރާއިރު ނުވަތަ އެހެން ހަސްމުންނާ ނުވަތަ އެ ހަސްމުންގެ ވަކީލުންނާ މުއާމަލާތުކުރާއިރު އަމަލުކުރަންވާނީ އިހްތިރާމާއެކުގައެވެ. އޭގެ ތެރޭގައި، އިހްތިރާމު އަދާކުރުމާއި، އިހްތިރާމާއެކު މުއާމަލާތުކުރުމާއި، ފަންނީ ނަޒާހާތްތެރިކަން ދެމެހެއްޓުމާއި، ޒިންމާދާރުވުމާއި، އެއްބާރުލުންދިނުމުގެ މަސްއޫލިއްޔަތު ހިމެނެއެވެ.
2.5 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރުމުގައްޔާއި ލަފާދިނުމުގައި، އެ މައްސަލައިގައި ލިބިފައިވާ މައުލޫމާތާއި، އެ ވަކީލަކަށް ލިބިހުރި ފަންނީ މައުލޫމާތަށް ރިއާޔަތްކޮށް މައްސަލަ ކުރިއަށްދާނެކަމަށް ފެންނަ ގޮތް މުވައްކިލަށް ބަޔާންކޮށްދޭންވާނެއެވެ.
2.6 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރުމުގައި، ވަކި ވާގިއާއަކާ ގުޅޭގޮތުން ނުވަތަ ގާނޫނީ އުސޫލަކާ ގުޅޭގޮތުން އެނގިހުރެ ހަގީގަތާ ހިލާފު މައުލޫމާތު ދީގެންނުވާނެއެވެ. ނުވަތަ އެފަދަ މައުލޫމާތެއް އެނގުމުން، ކަމާބެހޭ ފަރާތުގައި އެކަން ފާހަގަނުކޮށް އަދި އެކަން އިސްލާހުނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.
2.7 ގާނޫނީ ވަކީލުގެ މުވައްކިލަކީ އަގެއް ނެގުމެއްނެތި ހިދުމަތް ލިބިގަންނަ ފަރާތަކަށް ވިޔަސް، އެ މުވައްކިލަށް ލަފާދިނުމުގައްޔާއި އެ މުވައްކިލު ތަމްސީލުކުރުމުގައި، އަގު އަދާކުރާ މުވައްކިލުންނާއި އެ މުވައްކިލުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.
3. މަސްލަހަތު ފުށުއަރާ ކަންކަމުން ތަނާޒުލުވުން
3.1 ގާނޫނަކުން ކަނޑައެޅިގެން ހުއްދަކުރާ ހާލަތުގައި މެނުވީ، އެއްވެސް ގާނޫނީ ވަކީލަކު، އޭނާގެ މުވައްކިލުގެ މަސްލަހަތާ ފުށުއަރާ އަމަލެއް ކޮށްގެން ނުވާނެއެވެ. އަދި ގާނޫނީ ވަކީލަކު މައްސަލައަކާ ހަވާލުވުމުގެ ކުރިން، އެ މައްސަލައަކީ އެ ގާނޫނީ ވަކީލުގެ މަސްލަހަތާ ފުށުއަރާ މައްސަލައެއްތޯ ނުވަތަ އެ ވަކީލު މަސައްކަތްކުރާ ލޯ ފަރމެއްގެ ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ނުވަތަ އެއިން ތަނެއްގައި މަސައްކަތްކުރާ އެހެން ވަކީލެއްގެ މަސްލަހަތާ ފުށުއަރާ މައްސަލައެއްތޯ ނުވަތަ އެ ވަކީލަކު ތަމްސީލުކުރާ އެހެން މުވައްކިލެއްގެ މަސްލަހަތާ ފުށުއަރާ ފަދަ މައްސަލައެއްތޯ ބެލުމަށް، އެ މައްސަލައިގެ ކޮންފްލިކްޓް އޮފް އިންޓްރެސްޓް ޗެކެއް ހަދަންވާނެއެވެ. އަދި މަސްލަހަތު ފުށުއެރުމެއް އޮތްނަމަ، މުވައްކިލަށް އެކަން އަންގައި، އެ މައްސަލައިން ތަނާޒުލުވާންވާނެއެވެ.
3.2 ވަކި މުވައްކިލެއް ތަމްސީލުކުރުމަކީ، އޭގައި މަސްލަހަތު ފުށުއެރުމެއް އޮތް ކަމެއް ކަމަށް ވާނަމަ، އެ ވަކީލު އެ މުވައްކިލު ތަމްސީލުކޮށްގެން ނުވާނެއެވެ.
3.3 ގާނޫނީ ވަކީލަކު ކުރިން ތަމްސީލުކުރި މުވައްކިލަކާ ގުޅިގެން އޭނާއަށް ލިބިފައިވާ މައުލޫމާތު، އެ މުވައްކިލެއްގެ މަސްލަހަތާ ދެކޮޅަށް ފަހުންވިޔަސް ބޭނުންކޮށްގެން ނުވާނެއެވެ.
3.4 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރަން ފެށުމަށް ފަހުގައި، އެ މުވައްކިލުގެ މަސްލަހަތާއި އޭނާގެ އަމިއްލަ މަސްލަހަތާ ފުށުއަރާކަން އެނގިއްޖެނަމަ، އެ މުވައްކިލު ތަމްސީލުކުރުމުން ގާނޫނީ ވަކީލު ތަނާޒުލު ވާންވާނެއެވެ.
3.5 އެއްވެސް ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލެއް ތަމްސީލުކުރުމުގައި، އޭނާގެ އަމިއްލަ ފައިދާއަށް ކަމެއް ނިންމުމަށް މުވައްކިލަށް ބާރުއަޅައިގެން ނުވާނެއެވެ.
4. އިމްތިޔާޒާއި ސިއްރު ހިފެހެއްޓުން
4.1 މުވައްކިލަކު އޭނާގެ ވަކީލާ ހަވާލުކުރި މައްސަލައާ ގުޅިގެން ދައްކައިފައިވާ އެއްވެސް ވާހަކައެއް ނުވަތަ ލިޔުމެއް ނުވަތަ މަންޒަރެއް ނުވަތަ ރިކޯޑިންގއެއް ނުވަތަ މައުލޫމާތެއް، އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. މީގެ ތެރޭގައި، އެ މައްސަލައަކަށް ގާނޫނީ ވަކީލު އައްޔަނު ކުރުމުގެ ކުރިން މުވައްކިލުގެ ފަރާތުން ލިބޭ މައުލޫމާތު ވެސް ހިމެނިގެންވެއެވެ.
4.2 މުވައްކިލު ލިޔުމަކުން ހުއްދަ ދިނުމުން މެނުވީ ނުވަތަ ކޯޓު އަމުރަކުން އެންގުމުން މެނުވީ، ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުމުގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެއްވެސް މައުލޫމާތެއް، އެއްވެސް ފަރާތަކަށް، ގާނޫނީ ވަކީލު ހާމަކޮށްގެން ނުވާނެއެވެ.
4.3 ކޯޓު އަމުރަކުން އެންގުމުން މެނުވީ، ނުވަތަ އޭނާގެ މުވައްކިލު ކަނޑައެޅިގެން ލިޔުމުން ހުއްދަކުރާ ހާލަތުގައި މެނުވީ، ކޮންމެ ގާނޫނީ ވަކީލަކު ވެސް އޭނާގެ މުވައްކިލުގެ ފަރާތުން ލިބޭ މައުލޫމާތާއި އޭނާގެ މުވައްކިލަށް އޭނާ ދޭ ލަފާގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި މުވައްކިލު ތަމްސީލުކުރުން ނިމުމަކަށް އައުމަށްފަހުގައި ވެސް އެފަދަ މައުލޫމާތުގެ ސިއްރުކަން ދަމަހައްޓަންވާނެއެވެ.
4.4 މުވައްކިލުގެ ފަރާތުން ލިބޭ މައުލޫމާތާއި ލިޔެކިޔުމާއި ވަކީލު މުވައްކިލަށް ދިން ލަފާ، އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެ ވަކީލަކު މަސައްކަތްކުރާ ލޯ ފަރމްގައި ނުވަތަ ލީގަލް ޕްރެކްޓިސްގައި މަސައްކަތްކުރާ އެހެން ފަރާތަކުން ވެސް މި މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
4.5 މުވައްކިލުގެ މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓުމުގެ ޒިންމާގެ ތެރޭގައި، އިލެކްޓްރޯނިކް މުއާމަލާތުތަކާއި، ކޮމްޕިއުޓަރުގައި ރައްކައުކޮށްފައިވާ ޑާޓާ ރައްކައުތެރިކުރުމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުއަޅަންވާނެއެވެ.
4.6 މުވައްކިލުގެ ފަރާތުން ލިބޭ މައުލޫމާތަކުން، ގާނޫނީ ވަކީލު ، އެއްވެސް އަމިއްލަ ފައިދާއެއް ހޯދައިގެން ނުވާނެއެވެ. ނުވަތަ އެހެން މީހަކަށް ވެސް އެފަދަ ފައިދާއެއް ހޯދައިދީގެން ނުވާނެއެވެ.
5. މުވައްކިލަށް އިހްލާސްތެރިވުމާއި މުވައްކިލުގެ މަސްލަހަތުގައި މަސައްކަތްކުރުން
5.1 ކޮންމެ ގާނޫނީ ވަކީލަކު ވެސް އޭނާގެ މުވައްކިލަށް އިހްލާސްތެރި ވާންވާނެއެވެ. އަދި އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ގޮތުން ކުރެވޭ ގާނޫނީ މަސައްކަތާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ޒިންމާއާ ފުށުނާރާހައި ހިނދަކު، ހުރިހާ ހާލަތެއްގައި ވެސް އޭނާ މަސައްކަތްކުރަންވާނީ އޭނާގެ މުވައްކިލުގެ މަސްލަހަތަކީ އެންމެ މުހިންމު މަ ސްލަހަތު ކަމުގައި ދެކިގެންނެވެ.
5.2 މުވައްކިލުގެ މަސްލަހަތުގައި މަސައްކަތްކުރުމަށް ޓަކައި ކުރަންޖެހޭ ކަމަކީ ގާނޫނީ ވަކީލަށް ބުރައެއް އުފުލަންޖެހިދާނެ ކަމެއް ކަމުގައި ވިޔަސް، މަސައްކަތާ ހަވާލުވުމަށްފަހު ، ހެޔޮ ނިޔަތުގައި، އަދި ފަންނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމެއް ފުރިހަމަ ކުރަންވާނެއެވެ. އަދި އެ ކަމެއް ހާސިލު ކުރުމަށް ޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އޭނާގެ މުވައްކިލަށް ކޮށްދޭންޖެހޭ އެންމެހައި ކަންކަން ކޮށްދޭންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްކިލުގެ މަސްލަހަތުގައި ކުރަންޖެހޭ އިތުރު މަސައްކަތަކީ މަސައްކަތާ ހަވަލުވާ އެއްބަސްވުމުގައި ކުރަން އެއްބަސްވެފައިވާ މަސައްކަތަކަށް ވާންވާނެއެވެ.
5.3 ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް، މުވައްކިލެއް ތަމްސީލުކުރުމުގައި ގާނޫނީ ވަކީލަކު ކޮށްގެން ނުވާނެއެވެ.
5.4 އެކަށީގެންވާ ސަބަބަކާ ނުލައި، ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރުމުން ތަނާޒުލުވެގެން ނުވާނެއެވެ. ގާނޫނީ ވަކީލު އޭނާގެ މުވައްކިލު ތަމްސީލުކުރުމުން ތަނާޒުލުވާ ހާލަތުގައި، މުވައްކިލަށް އެކަށީގެންވާ ނޯޓިހެއް ލިޔުމުން ދޭންވާނެއެވެ. އަދި އެފަދައިން ތަނާޒުލުވާ ހާލަތުގައި، އެކަމުގެ ސަބަބުން މުވައްކިލުގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
5.5 މައްސަލައެއްގައި ގާނޫނީ ވަކީލަކު ތަމްސީލުކުރަމުންދާ މުވައްކިލަކު އެހެން ގާނޫނީ ވަކީލަކު އިހްތިޔާރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، މުވައްކިލު އިހްތިޔާރުކުރާ އެހެން ގާނޫނީ ވަކީލަކު ކަނޑައެޅުމަށް މުވައްކިލަށް ލިބިދޭ މިނިވަންކަމަށް ގާނޫނީ ވަކީލު އިހްތިރާމު ކުރަންވާނެއެވެ.
6. ގާނޫނީ ވަކީލުން ފަންނީ ހަމަތައް ނެގެހެއްޓުން
6.1 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަކަށް ގާނޫނީ ހިދުމަތް ދިނުމުގައި ގާނޫނީ ފަންނުގެ ފަންނީ ހަމަތައް ނަގަހައްޓަންވާނެއެވެ.
6.2 ގާނޫނީ ވަކީލު ފޯރުކޮށްދޭނެ ހިދުމަތާމެދު ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދު ލިޔުމުން އެއްބަސްވެގެން މެނުވީ، ގާނޫނީ ވަކީލު ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން ގާނޫނީ ވަކީލަކު ދީގެން ނުވާނެއެވެ.
6.3 ގާނޫނީ ވަކީލަކު އޭނާގެ ހިދުމަތް ދިނުމުގައި، ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ހިދުމަތާ ގުޅޭގޮތުން ކޮށްދިނުމަށް އެއްބަސްވެފައިވާ ކަންކަން ފުރިހަމަވެ ނިމެންދެން، އެކަންކަން އެކަށީގެންވާ އަވަސްމިނެއްގައި ފުރިހަމަކޮށްދެމުން ދާންވާނެއެވެ.
6.4 ގާނޫނީ ވަކީލަކަށް ފުރިހަމަކޮށް ނުދެވޭނެ ކަމެއް ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން، ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަށް ދީގެން ނުވާނެއެވެ. ނުވަތަ ގާނޫނީ ވަކީލަކަށް ފުރިހަމަކޮށް ނުދެވޭނެކަމަށް ބެލެވޭ މަސައްކަތަކާ އެ ވަކީލަކު ހަވާލުވެގެން ނުވާނެއެވެ.
6.5 ގާނޫނީ ވަކީލަކީ ގާނޫނީގޮތުން ވަކި ދާއިރާއަކަށް ތަޖުރިބާގެ ގޮތުން ނުވަތަ އިލްމީގޮތުން ހާއްސަވެފައިވާ ވަކީލެއް ކަމުގައި ނުވާނަމަ، އޭނާއަކީ އެފަދަ ދާއިރާއަކަށް ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތެއް ކަމުގައި ދައްކައިގެން ނުވާނެއެވެ.
7. މަސައްކަތުގެ އަގު ކަނޑައެޅުމުގައި މުވައްކިލުންގެ މެދުގައި އިންސާފުވެރިވުން
7.1 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަށް ފޯރުކޮށްދިނުމަށް އެއްބަސްވާ ހިދުމަތާ ގުޅިގެން އޭނާ ކަނޑައަޅާ އަގު، ލިޔުމުން އެއްބަސްވެފައި އޮންނަންވާނެއެވެ.
7.2 ގާނޫނީ ވަކީލުންގެ މަސައްކަތަށް އަގު ކަނޑައެޅުމުގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގޭ ގާނޫނީ ފަންނުގެ ގާނޫނު) ގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކަށް ގާނޫނީ ވަކީލުން އަމަލުކުރަންވާނެއެވެ.
ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ އާންމު ހަމަތައް
އެއްވަނަ ބައި
ގާނޫނީ ވަކީލާއި މުވައްކިލުގެ ގުޅުން
1.1 މަސައްކަތާ ހަވާލުވުމާއި، ވަކީލާއި މުވައްކިލާ ދެމެދުގައި ވެވޭ އެއްބަސްވުން
1.1.1 ގާނޫނީ ވަކީލަކު ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގައި، މީހެއްގެ ގައުމަށް، ނުވަތަ ދީނަށް، ނުވަތަ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ މީހެއްގެ މާލީ ފުދުންތެރިކަމަށް، ނުވަތަ މީހެއްގެ ކިބައިގައި ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ މީހަކު ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ މީހެއް ސިޔާސީގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެއެވެ.
1.1.2 ގާނޫނީ ވަކީލު މުވައްކިލަކަށް ހިދުމަތް ފޯރުކޮށްދޭންވާނީ، ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވުމަށް ފަހުގައެވެ. އަދި އެފަދަ އެއްބަސްވުމެއް ވުމަށް ފަހުގައި މެނުވީ، ގާނޫނީ ވަކީލު ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން، ގާނޫނީ ވަކީލަކު ދީގެން ނުވާނެއެވެ.
1.1.3 މަސައްކަތާ ހަވާލުވުމުގެ އެއްބަސްވުމުގައި، އެ އެއްބަސްވުމުގެ ދަށުން ކޮށްދޭނެ މަސައްކަތާއި، އެ މަސައްކަތަށް ކަނޑައެޅޭ އަގަކީ ކޮބައިކަމާއި، އެ އަގު އަދާކުރާނެ ގޮތް ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
1.1.4 މުވައްކިލު ބޭނުންވާ ހިދުމަތް ނުވަތަ ކޮށްދިނުމަށް އެދޭ މަސައްކަތް ކޮށްދެވޭނެކަމަށް ގާނޫނީ ވަކީލަށް ލިބިހުރި ފަންނީ ތަޖުރިބާއަށް ރިއާޔަތްކޮށް ގަބޫލު ނުކުރެވޭނަމަ، ނުވަތަ މުވައްކިލަށް ދޭންވާ ވަގުތު ނުދެވޭނެ ކަމަށް ވާނަމަ، އެ ހިދުމަތް ދިނުމަށް ނުވަތަ މަސައްކަތް ކޮށްދިނުމަށް ގާނޫނީ ވަކީލު އެއްބަސްވެގެން ނުވާނެއެވެ.
1.1.5 ގާނޫނީ ވަކީލެއްގެ ތަޖުރިބާއެއް ނެތް ހާއްސަ ދާއިރާއެއްގެ މަސައްކަތަކާ އެ ގާނޫނީ ވަކީލަކު ހަވާލުވެގެން ނުވާނެއެވެ.
1.1.6 ވަކި ފަރާތަކުން ކޮށްދިނުމަށް އެދޭ މަސައްކަތަކާ ގާނޫނީ ވަކީލަށް ހަވާލުނުވެވޭނެނަމަ، ލަސްނުކޮށް އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.
1.1.7 ގާނޫނީ ވަކީލަކު މަސައްކަތަކާ ހަވާލުވުމުގެގޮތުން އިރުށާދުތައް ހޯދަންވާނީ، އަދި ކަމާ ގުޅޭގޮތުން މަށްވަރާކުރަންވާނީ، ސީދާ މުވައްކިލާ ނުވަތާ އޭނާ ގާނޫނީ ހަމަތަކުގެ މަތީން ނުވަތަ ލިޔުމުން އައްޔަނުކޮށްފައިވާ ފަރާތްތަކާއެވެ.
1.1.8 މުވައްކިލަކު ގާނޫނީ ވަކީލަށް ރިފަރކުރީ ތިންވަނަ ފަރާތަކުން ކަމުގައި ވާނަމަ، އަދި އެފަދައިން ރިފަރކުރިއިރު އެ ތިންވަނަ ފަރާތުން އެއްވެސް އިރުށާދެއް ދީފައިވާނަމަ، އެ އިރުށާދާމެދު ގާނޫނީ ވަކީލު މުވައްކިލާ ސީދާ މަށްވަރާކޮށް، އެއީ މުވައްކިލުގެ އިރުށާދުކަން ޔަގީންކުރަންވާނެއެވެ.
1.1.9 މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން ނުވަތަ ތިންވަނަ ފަރާތަކުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ މައްސަލަތަކުގައި ހަމަޖައްސާ ނުވަތަ އައްޔަނުކުރާ ގާނޫނީ ވަކީލަކު ވެސް މުވައްކިލު ތަމްސީލުކުރަންވާނީ، އެ މުވައްކިލު ދޭ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން، އެ މުވައްކިލުގެ މަސްލަހަތުގައެވެ.
1.1.10 ގާނޫނީ މުއާމަލާތެއް ކުރުމުގެ ނަފްސާނީ ގާބިލުކަން ނެތް ފަރާތެއްގެ ވަކީލެއް ކަމުގައި އެއްވެސް ފަރާތަކުން ވާންވާނީ، އެ ފަރާތުގެ މަސްލަހަތު ހިމާޔާތްކުރެވޭ ފަރާތެއްގެ ހާޒިރުގައި ނުވަތަ އެފަދަ ފަރާތެއްގެ ބައިވެރިވުމާއެކުގައެވެ.
1.1.11 ހިދުމަތުގެ އަގު ކަނޑައަޅަނީ، މަސައްކަތަށް ހޭދަވާ ވަގުތަށް ކަނޑައެޅޭ ރޭޓަކަށް ބިނާކޮށްގެން ކަމުގައި ވާނަމަ، އެ މައްސަލައިގައި ހޭދަވާ ވަގުތުގެ ރެކޯޑެއް ވަކީލު ބަލަހައްޓަންވާނެއެވެ.
1.2 ހިދުމަތުގެ ފެންވަރު
1.2.1 ގާނޫނީ ވަކީލަކު މުވައްކިލާ ކުރާ އެންމެހައި މުއާމަލާތެއް ކުރަންވާނީ، ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.
1.2.2 ގާނޫނީ ވަކީލަކު މުވައްކިލަށް ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް މަސައްކަތްކުރަންވާނީ، ފަރުވާތެރިކަމާއެކު، އެންމެ ރަނގަޅު ފެންވަރެއްގައި ހިދުމަތް ދިނުމަށެވެ.
1.2.3 ގާނޫނީ ވަކީލު މަސައްކަތް ކުރަންވާނީ، އިތުބާރުކުރެވޭ މަގާމެއްގައި އެ ވަކީލު ހުރީތީ، ވަކީލަށް މުވައްކިލު އެ އިތުބާރުކުރާނެކަން ދަނެގެން، އެ އިތުބާރު ނެގެހެއްޓުމާއެކު، އެއީ ވަކީލާއި މުވައްކިލުގެ ގުޅުމުގެ އަސާސް ކަމުގައި ބަލައިގެންނެވެ.
1.2.4 އުމުރުގެގޮތުން ހަގުކަމަށް ޓަކައި ނުވަތަ ވަކި ކަމެއްގެ ތަޖުރިބާ ނެތްކަމަށް ޓަކައި ނުވަތަ ވަކި ފެންވަރަކަށް ތައުލީމު އުނގެނިފައި ނުވާކަމަށް ޓަކައި ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ޓަކައި ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ކަންކަން ދޭހަވުމަށް އަސަރުކޮށްފައި ހުރުން އެކަށީގެންވާ ކަމަށް ބެލެވޭ މުވައްކިލުންނަށް ހިދުމަތް ދިނުމުގައި ގާނޫނީ ވަކީލުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި
މުވައްކިލެއްގެ ކިބައިގައި ހުރި އެފަދަ ކަމެއްގެ ސަބަބުން އެ މުވައްކިލެއްގެ ކިބައިން އެހެން ފަރާތަކުން ނާޖާއިޒު ފައިދާ ނެގިޔަދީގެން ނުވާނެއެވެ.
1.2.5 މުވައްކިލަކު ގާނޫނީ ވަކީލާ މަސައްކަތް ހަވާލުކުރުމުގެ ގޮތުން ދޭ އިރުށާދަކީ ނުވަތަ އޭގެ ފަހުން ދޭ އިރުށާދަކީ ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުން ދޭ އިރުށާދެއް ކަމަށް ބެލެވޭނަމަ، އެ އިރުށާދަކީ އެ މުވައްކިލު ދޭ އިރުށާދުކަން ދެނެގަތުމަށް ޓަކައި އެ މުވައްކިލާ ވަކިން ބައްދަލުކޮށް މައުލޫމާތު ސާފުކުރަންވާނެއެވެ. އަދި ވަކި ފަރާތެއްގެ ނުފޫޒުން މުވައްކިލު ލައްވާ ވަކި ކަމެއް ކުރުވަން މަސައްކަތްކުރާ ހާލަތުގައި، އެ މުވައްކިލު ތަމްސީލު ކޮށްގެން ނުވާނެއެވެ.
1.2.6 ގާނޫނީ ވަކީލުން އެ ފަރާތްތަކުން ޕްރެކްޓިސްކުރާ އޭރިއާގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވާންވާނެއެވެ. އަދި އެ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކާއި، ވަކި ކަމަކާ ގުޅޭގޮތުން އިޖުރާއީގޮތުން އަމަލުކުރަންޖެހޭ އުސޫލުތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވާންވާނެއެވެ.
1.2.7 މުވައްކިލުންނަށް ގާނޫނީ ހިދުމަތް ދިނުމުގައި، މުވައްކިލުގެ މައްސަލައާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކަށް އައިސްފައިވާ އެންމެ ފަހުގެ ބަދަލުތައް މުވައްކިލުންނަށް ސާފުކޮށްދޭންވާނެއެވެ. އަދި ވަކި ކަމަކާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ވެސް ސާފުކޮށްދޭންވާނެއެވެ. އަދި އެ އިޖުރާއަތުތައް ފުރިހަމަކުރަންޖެހޭ މަރުހަލާތަކާއި، އެ އިޖުރާއަތުތައް ފުރިހަމަކުރުމަށް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތު ބަޔާންކޮށްދޭންވާނެއެވެ.
1.2.8 މުވައްކިލަށް ކޮށްދިނުމަށް ގާނޫނީ ވަކީލު އެއްބަސްވެފައިވާ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ނުވަތަ ކޯޓުގައި ހިނގަމުންދާ މައްސަލަ ހިނގަމުންދާ ގޮތުގެ މައުލޫމާތު، ގަވާއިދުން މުވައްކިލާ ހިއްސާކުރަންވާނެއެވެ. އަދި މައްސަލައާ ގުޅޭގޮތުން އެހެން ފަރާތަކާ މުއާމަލާތުކުރާ ހާލަތުގައި އަދި އެކަން މުވައްކިލަށް އެނގެންޖެހޭ ހާލަތުގަ އި، އެ މުއާމަލާތެއް މުވައްކިލާ ހިއްސާކުރަންވާނެއެވެ.
1.2.9 ގާނޫނީ ވަކީލަކު މުވައްކިލު ތަމްސީލުކުރުމުގައި ކުރަންޖެހޭ ވަކި ކަމެއް ކުރުމުގައި ލިޔެކިޔުން ބަދަލުކުރަން ލާޒިމުވާ ހާލަތުގައި، އެ ލިޔެކިޔުން ބަދަލުކުރަންވާނެއެވެ. އަދި އެ ވަކީލެއްގެ މުވައްކިލަކާ ގުޅޭގޮތުން އެހެން ވަކީލަކު ނުވަތަ ކަމާބެހޭ އެހެން ފަރާތަކުން ފޮނުވާ ލިޔެކިޔުންތަކަށް ވަކީލު ޖަވާބުދޭ ންވާނެއެވެ.
1.2.10 މުވައްކިލެއްގެ ފަރާތުން ގާނޫނީ ވަކީލަކު އެއްވެސް ފައިސާއަކާ ހަވާލުވާނަމަ، އެ ފައިސާއަކާ ގުޅޭގޮތުން އެ ވަކީލު މުވައްކިލަށް ޖަވާބުދާރީ ވާންވާނެއެވެ.
1.2.11 މުވައްކިލަށް ކޮށްދިނުމަށް އެއްބަސްވާ މަސައްކަތެއްގެ ވަކި ބައެއް ގާނޫނީ ވަކީލު ތިންވަނަ ފަރާތެއް މެދުވެރިކޮށް ކުރާ ހާލަތުގައި، އެ މަސައްކަތް އެ ފަރާތުން ކުރަނީ ރަނގަޅު ފެންވަރެއްގައި ރަނގަޅަށްކަން، ގާނޫނީ ވަކީލު ، އެކަށީގެންވާ މިންވަރަށް ކަށަވަރުކުރަންވާނެއެވެ.
1.2.12 ގާނޫނަކުން ހުއްދަކުރާ ހާލަތުގައި މެނުވީ ނުވަތަ މުވައްކިލު ހުއްދަކުރާ ހާލަތުގައި މެނުވީ، ގާނޫނީ ވަކީލަށް މުވައްކިލުގެ ފަރާތުން ލިބޭ މައުލޫމާތާއި އޭނާގެ މުވައްކިލަށް އޭނާ ދޭ ލަފާގެ ސިއްރުކަން ދަމަހައްޓަންވާނެއެވެ. އޭގެ ތެރޭގައި އަނގަބަހުންނާއި ލިޔުމުން ދޭ މައުލޫމާތާއި ލަފާވެސް ހިމެނެއެވެ. އަދި މުވައްކިލު ތަމްސީލުކުރުން ނިމުމަކަށް އައުމަށްފަހުގައި ވެސް އެފަދަ މުއާމަލާތްތަކުގެ ސިއްރުކަން ދަމަހައްޓަންވާނެއެވެ.
1.2.13 ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ފަރާތަކުން އެ ވަކީލު އައްޔަނު ކުރުމުގެ ކުރިން އެ ވަކީލަށް ހާމަކޮށްފައިވާ މައުލޫމާތެއްގެ ސިއްރުކަން ނުވަތަ ހިއްސާކޮށްފައިވާ ލިޔެކިޔުމުގެ ސިއްރުކަން އެ ވަކީލު ދަމަހައްޓަންވާނެއެވެ. އެ ފަރާތުން އެ ވަކީލު އައްޔަނު ނުކުރުމަށް ނިންމާ ހާލަތުގައި ވެސް އެކަން އެގޮތަށް ދަމަހައްޓަންވާނެއެވެ.
1.2.14 ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން މެނުވީ، ގާނޫނީ އިމްތިޔާޒު ލިބިގެންވާ އެއްވެސް މުއާމަލާތެއް، ގާނޫނީ ވަކީލަކު، އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
1.3 މަސްލަހަތު ފުށުއަރާ ގޮތަށް މަސައްކަތް ނުކުރުން
1.3.1 މަސްލަހަތު ފުށުއަރާ ހާލަތެއްގައި މުވައްކިލަކު ތަމްސީލުކުރުމުން ގާނޫނީ ވަކީލު ތަނާޒުލުވާންވާނެއެވެ. އަންނަނިވި ހާލަތްތަކަކީ މަސްލަހަތު ފުށުއެރުމެއް އޮތް ހާލަތްތަކެއް ކަމުގައި ބެލެވޭނެއެވެ.
1.3.1.1 ވަކީލުގެ އަމިއްލަ މަސްލަހަތަކާ މުވައްކިލުގެ މަސްލަހަތާ ފުށުއަރާ ހާލަތެއް މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ފުރުސަތު އޮތުން؛
1.3.1.2 ވަކި މުވައްކިލަކަށް އޮތް ޒިންމާ އެހެން މުވައްކިލެއްގެ މައްޗަށް އިސްކުރަންޖެހޭ ހާލަތެއް މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ފުރުސަތު އޮތުން؛
3.1.3.3 އެއް މުވައްކިލު ތަމްސީލުކުރުމަކީ އަނެއް މުވައްކިލަށް އޭގެ ސަބަބުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމެއް ކަމުގައި ވުން؛
1.3.1.4 އެއް މުވައްކިލާއެކު ހިންގާ މުއާމަލާތެއްގެ ސިއްރުކަން އަނެއް މުވައްކިލަށް ހާމަކުރަންޖެހިދާނެ ހާލަތެއް މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ފުރުސަތު އޮތުން؛
1.3.1.5 ވަކީލު ތަމްސީލުކުރާ އެހެން މުވައްކިލަކަށް ނުވަތަ އެހެން ތިންވަނަ ފަރާތަކަށް އޮތް އިލްތިޒާމެއްގެ ދަށުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ސަބަބުން އޭނާގެ މުވައްކިލަށް ލިބިދޭންޖެހޭ ހިދުމަތުގެ ފެންވަރަށް އަސަރުކޮށްފާނެ ހާލަތެއް މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ފުރުސަތު އޮތުން؛
1.3.1.6 މުވައްކިލަށް ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ވަކީލުގެ މައްޗަށް އޮންނަ ޒިންމާ އަދާނުކުރެވޭނެ ހާލަތެއް މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ފުރުސަތު އޮތުން؛
1.3.1.7 ތައާރުޒުވާ ދެ މަސްލަހަތެއް އޮތް ދެ މުވައްކިލު، އެއް ގާނޫނީ ވަކީލަކު، އެއް މައްސަލައެއްގައި ތަމްސީލުކުރުން؛
1.3.1.8 ގާނޫނީ ވަކީލަކު ތަމްސީލުކުރާ މުވައްކިލާ ދެކޮޅަށް ހިންގޭ މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ވަކީލެއްގެ ގޮތުގައި އޭނާ ކުރިން މަސައްކަތްކޮށްފައިވުން.
1.3.2 މުވައްކިލެއް ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކަށް ޕަވަރ އޮފް އެޓަރނީ ދީފައިވާ ހާލަތެއްގައި، އެ ޕަވަރ އޮފް އެޓަރނީގެ ދަށުން ގާނޫނީ ވަކީލު މަސައްކަތްކުރަންވާނީ، މުވައްކިލު ދީފައިވާ އިރުށާދުތައް ތަންފީޒުކުރުމަށް ޓަކައި، އެ މުވައްކިލުގެ ފަރާތުންނެވެ. އަދި އެއްވެސް ހާލެއްގައި، އެ ޕަވަރ އޮފް އެޓަރނީގައި މުވައްކިލު ދީފައިނުވާ ބާރެއް ބޭނުންކޮށްގެން ނުވާނެއެވެ.
1.3.3 މުވައްކިލެއް ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކަށް ޕަވަރ އޮފް އެޓަރނީ ދީފައިވާ ހާލަތެއްގައި، އޭނާގެ އަމިއްލަ މަސްލަހަތުގައި ނުވަތަ އެހެން ފަރާތެއްގެ މަސްލަހަތުގައި އެ ގާނޫނީ ވަކީލު މަސައްކަތް ކޮށްގެން ނުވާނެއެވެ.
1.3.4 މުވައްކިލެއް ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކަށް ޕަވަރ އޮފް އެޓަރނީ ދީފައިވާ ހާލަތެއްގައި، އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށް ހަދިޔާއެއް ނުވަތަ މަންފާއެއް ހޯދައިގެން ނުވާނެއެވެ.
1.4 މަސައްކަތް ނިމުމަކަށް ގެނައުން
1.4.1 އެކަށީގެންވާ ސަބަބަކާ ނުލައި، ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރުމުން ތަނާޒުލުވެގެން ނުވާނެއެވެ. ނުވަތަ ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުން ނިމުމަކަށް ގެނެސްގެން ނުވާނެއެވެ.
1.4.2 ގާނޫނީ ވަކީލަކު މުވައްކިލު ތަމްސީލުކުރުމުން ތަނާޒުލުވާ ހާލަތުގައި ނުވަތަ ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުން ނިމުމަކަށް ގެންނަ ހާލަތުގައި، މުވައްކިލަށް އެކަށީގެންވާ ނޯޓިހެއް ދޭންވާނެއެވެ. އަދި އެފަދައިން ތަނާޒުލުވާ ހާލަތުގައި މުވައްކިލުގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
1.4.3 މުވައްކިލަކު ގާނޫނީ ވަކީލަކާ މަސައްކަތް ހަވާލުކުރުމަށްފަހު އިތުރު އެއްވެސް އިރުށާދެއް ނުދޭނަމަ، އެ ވަކީލަކަށް އެ މުވައްކިލަކު ދޫކޮށްލެވިދާނެއެވެ.
1.4.4 މުވައްކިލަށް ގާނޫނީ ވަކީލަކު ދޭ ލަފާ އެ މުވައްކިލު ގަބޫލު ނުކުރާނަމަ، ނުވަތަ ވަކީލު ދޭ ލަފަޔާ އެއްގޮތަށް މުވައްކިލު އަމަލުނުކުރާނަމަ، އަދި އެކަމުގެ ސަބަބުން ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަ ގުޅުން ކުރިޔަށް ނުގެންދެވޭ ހާލަތަކަށް ހިނގައްޖެނަމަ، އެ މުވައްކިލު ތަމްސީލުކުރުން އެ ވަކީލަކަށް ނިމުމަކަށް ގެނެވިދާނެއެވެ.
1.4.5 ގާނޫނީ ވަކީލަކު މުވައްކިލެއް ތަމްސީލުކުރާ ކުރުން ނިމުމަކަށް ގެންނައިރު ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ފެށިފައިވާނަމަ، އެ ވަކީލު އެކަން ވަގުތުން ކޯޓަށް އަންގައި، ކަމާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.
1.4.6 މައްސަލައެއްގައި ގާނޫނީ ވަކީލަކު ތަމްސީލުކުރަމުންދާ މުވައްކިލަކު އެހެން ގާނޫނީ ވަކީލަކުއިހްތިޔާރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، މުވައްކިލަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލަކު ކަނޑައެޅުމަށް މުވައްކިލަށް ލިބިދޭ މިނިވަންކަމަށް ގާނޫނީ ވަކީލު އިހްތިރާމު ކުރަންވާނެއެވެ. އަދި އޭނާގެ މުވައްކިލު ތަމްސީލުކުރި ކުރުމުގައި ކަމާ ގުޅޭގޮތުން ބަދަލުކޮށްފައިވާ ލިޔެލިޔުންތަކާއި މުއާމަލާތުތައް، އޭނާގެ މުވައްކިލު އަންގާ ގޮތެއްގެ މަތީން އެ މުވައްކިލު ކަނޑައަޅާ ވަކީލަކަށް ބަދަލުކުރަންވާނެއެވެ.
1.4.7 ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލަށް ފޯރުކޮށްދޭ ހިދުމަތް ނުވަތަ ކޮށްދިނުމަށް ލިޔުމުން އެއްބަސްވެފައިވާ މަސައްކަތް ނިމުމުގެ ކުރިން އެ ގުޅުން ނިމުމަކަށް ގެންނަ ހާލަތުގައި، އޭނާ ކޮށްފައިވާ މަސައްކަތަށް އަގު އަދާކުރުމުގެ ޒިންމާ މުވައްކިލަށް އޮންނާނެއެވެ. އެހެންނަމަވެސް، ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވެފައިވާ ގޮތުގެ މަތީން މަސައްކަތް ފުރިހަމަކޮށްފައި ނުވާނަމަ، ނުކުރާ މަސައްކަތަށް މުވައްކިލުގެ ކިބައިން އަގު ހޯދައިގެން ނުވާނެއެވެ.
ދެވަނަ ބައި
ގާނޫނީ ވަކީލުން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައްޔާއި އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން
ނިޒާމެއްގެ ދަށުން ބެލޭ މައްސަލަތަކުގައި މުވައްކިލު ތަމްސީލުކުރުން
2.1 ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރުން
2.1.1 ގާނޫނީ ވަކީލުން ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރަންވާނީ، އެ މައްސަލައިގައި މުވައްކިލުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކަށެވެ. އެހެންނަމަވެސް ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރާއިރު، މުވައްކިލަށް އޮންނަ ޒިންމާގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމަށް ޓަކައި ކޯޓަށް ދޭންޖެހޭ އެއްބާރުލުންދީ އެހީތެރިވުމުގެ ޒިންމާ ގާނޫނީ ވަކީލުން އަދާކުރަންވާނެއެވެ.
2.1.2 ގާނޫނީ ވަކީލުން ކޯޓުގައި ފަނޑިޔާރުންނާ ނުވަތަ ކޯޓު އޮފިސަރުންނާ މުއާމަލާތުކުރަންވާނީ މުހްތަރިފްކަމާއެކުގައެވެ. އަދި އެ މީހުންގެ އަމަލުތައް ބައްޓަންކުރަންވާނީ، އިހްލާސްތެރިވުމާއި، އިހްތިރާމު އަދާކުރުމާއި، އިހްތިރާމާއެކު މުއާމަލާތުކުރުމާއި، ފަންނީ ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ޒިންމާދާރުވުމާއި، އެއްބާރުލުންދިނުމުގެ މައްޗަށެވެ.
2.1.3 ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރުމުގައި، އެއްވެސް ގާނޫނީ ވަކީލަކު، ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
2.1.4 ކޯޓުތަކުގައި މުވައްކިލު ތަމްސީލުކުރުމުގައި، އެއްވެސް ގާނޫނީ ވަކީލަކު، ށަރީއަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފައިގެން ނުވާނެއެވެ.
2.1.5 ކޯޓަށް ހުށަހަޅާ ދައުވާއެއް ނުވަތަ ޖަވާބެއް ނުވަތަ ބަޔާނެއް ނުވަތަ އެނޫންވެސް ހުށަހެޅުމެއް ގާނޫނީ ވަކީލު ތައްޔާރުކުރަންވާނީ ޒިންމާދާރުކަމާ އެކުގައެވެ. އަދި ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ނުވަތަ ހަގީގަތާ ހިލާފު މައުލޫމާތު ނުވަތަ ގަސްތުގައި ކޯޓަށް އޮޅުވައިލުމުގެ ނިޔަތުގައި ކޯޓަށް މައުލޫމާތު ހުށަހަޅައިގެން ނުވާނެއެވެ.
2.1.6 ކޯޓުގައި މުވައްކިލަކު ތަމްސީލުކުރުމުގައި ވަކީލަކު އަމަލުކުރަނީ އެ މުވައްކިލު ދީފައިވާ މައުލޫމާތެއްގެ މައްޗަށް ކަމުގައި ވާނަމަ، އަދި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ވަކީލު އަޅައިފައިވާނަމަ، އެފަދަ މައުލޫމާތެއްގެ ސައްހަކަމާމެދު ފަހުން ސުވާލުއުފެދޭ ހާލަތެއްގައި، އެ ވަކީލު ޒިންމާވާކަށެއް ނުޖެހޭނެއެވެ.
2.1.7 ކޯޓުން ތާވަލުކުރާ ގޮތެއްގެ މަތީން މައްސަލައިގެ އަޑުއެހުންތަކަށް ގާނޫނީ ވަކީލުން ހާޒިރުވާންވާނެއެވެ. އަދި މައްސަލައިގެ އެކި މަރުހަލާތަކުގައި ފުރިހަމަކުރުމަށް ކޯޓުން އަންގާ ކަންކަން، އެ ކަންކަން ކުރުމަށް ކޯޓުން ކަނޑައަޅައިފައިވާ ތާރީހުތަކުގައި ފުރިހަމަކުރަންވާނެއެވެ.
2.1.8 ގާނޫނީ ވަކީލުން ކޯޓަށް ގަޑިއަށް ހާޒިރުވާންވާނެއެއެވެ. އަދި ކޯޓަށް ހާޒިރުވުމުގައި ހެދުން އަޅަންވާނީ، ކޯޓުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
2.1.9 ގާނޫނީ ވަކީލަކު ކޯޓުގައި މުވައްކިލަކު ތަމްސީލުކުރުމުގައި ފަނޑިޔާރާއި ކޯޓުގެ އޮފިސަރުންނާއި މައްސަލައިގެ އެހެން ހަސްމުންނާއި އެ ހަސްމުން ތަމްސީލުކުރާ ގާނޫނީ ވަކީލުންނާ މުއާމަލާތުކުރަންވާނީ އިހްތިރާމާއެކު، ކޯޓުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އެފަދައިން އަމަލުކުރުމަށް މުވައްކިލަށް ވެސް އިރުށާދު ދޭންވާނެއެވެ.
2.1.10 ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓުން އަންގާ އެންމެހައި އެންގުންތަކާއި ކުރާ އަމުރުތަކަށް ގާނޫނީ ވަކީލު ތަބާވާންވާނެއެވެ. އަދި ކޯޓުގެ އެންގުންތަކާއި އަމުރުތަކާ އެއްގޮތަށް އަމަލުކުރު މަށް މުވައްކިލަށް ވެސް އިރުށާދު ދޭންވާނެއެވެ.
2.1.11 ކޯޓެއްގައި ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރާ މައްސަލައެއްގައި ހެއްކަކަށް ވެގެން ނުވާނެއެވެ.
2.1.12 ކޯޓެއްގައި ގާނޫނީ ވަކީލަކު އޭނާގެ މުވައްކިލު ތަމްސީލުކުރާ މައްސަލައެއްގައި އޭނާގެ މުވައްކިލަށް ޓަކައި ޖާމިނަކަށް ނުވަތަ ކަފީލަކަށް ވެގެން ނުވާނެއެވެ.
2.1.13 ށަރީއަތުގައި ހިނގާ މައްސަލައެއްގައި ހެކިބަސް ދިނުމަށް ހުށަހަޅައިފައިވާ ފަރަތަކާ ކޯޓުގައި ހެކިބަސް ދިނުމުގެ ކުރިން ގާނޫނީ ވަކީލަށް ބައްދަލުކުރެވިދާނެއެވެ. އެހެންނަމަވެސް، ހެކިބަސްދޭ ފަރާތުން ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އަންގައިގެން ނުވާނެއެވެ. އަދި ވަކިގޮތަކަށް ހެކިބަސް ދިނުމުގެ މުގާބިލުގައި އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ އެނޫންވެސް މަންފާއެއް ހުށަހަޅައިގެން ނުވާނެއެވެ.
2.1.14 ކޯޓުގައި އޮތް މައްސަލައެއް ވަކި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ޓަކައި، ރަސްމީގޮތުން ކުރަންޖެހޭ މުއާމަލާތެއް ފިޔަވައި، އިޖުރާތުތަކާ ހިލާފަށް ގާނޫނީ ވަކީލަކު ނުވަތަ އެ ވަކީލުގެ ފަރާތުން އެހެން މީހަކު، އެ މައްސަލަ ބަލާ ފަނޑިޔާރު، ނުވަތަ ގާޒީ، ނުވަތަ ޓްރައިބިއުނަލްގެ މެންބަރު، ނުވަތަ އެ ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ، ނުވަތަ ކޯޓުގެ ނުވަތަ ޓްރައިބިއުނަލެއްގެ އެހެން އޮފިސަރަކާ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.
2.1.15 މުވައްކިލު ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން ކޯޓަށް ދީފައިވާ ގާނޫނީ ވަކީލުގެ މައުލޫމާތަށް އަންނަ ބަދަލުތައް، ކޯޓަށް އަންގައި، އަދާހަމަކުރަންވާނެއެވެ.
2.2 ޓްރައިބިއުނަލްތަކުގައި މުވައްކިލުން ތަމްސީލުކުރުން
2.2.1 ޓްރައިބިއުނަލްތަކުގައި މުވައްކިލުން ތަމްސީލުކުރުމުގައި ގާނޫނީ ވަކީލުން އަމަލުކުރަންވާނީ، މި ޖަދުވަލުގެ 2.1 ވަނަ ނަންބަރު (ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރުން) ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން، ހަމައެކަނި ކޯޓަކަށް ހާއްސަވާ އުސޫލުތައް ފިޔަވައި ދެން ހުރި އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
2.2.2 ޓްރައިބިއުނަލްތަކުގައި މުވައްކިލުން ތަމްސީލުކުރުމުގައި ގާނޫނީ ވަކީލުން އެ ޓްރައިބިއުނަލެއްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ. އަދި އަޑުއެހުމަށް މުވައްކިލު ހާޒިރުވާ ހާލަތުގައި މުވައްކިލު ވެސް ޓްރައިބިއުނަލްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް އިރުށާދު ދޭންވާނެއެވެ.
2.3 އާބިޓްރޭށަން ނުވަތަ މީޑިއޭށަން ފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން ނިޒާމެއްގެ ދަށުން ބެލޭ މައްސަލަތަކުގައި މުވައްކިލުން ތަމްސީލުކުރުން
2.3.1 އާބިޓްރޭށަން ނުވަތަ މީޑިއޭށަން ފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން ނިޒާމެއްގެ ދަށުން ބެލޭ މައްސަލަތަކުގައި ގާނޫނީ ވަކީލުން މުވައްކިލުން ތަމްސީލުކުރަންވާނީ، ކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މައްސަލަ ކުރިއަށްގެންދަނީ ވަކި ސެންޓަރެއް ނުވަތަ މަރުކަޒެއް މެދުވެރިކޮށްގެން ކަމުގައި ވާނަމަ، އެ ސެންޓަރެއްގެ ގަވާއިދުތަކާ ނުވަތަ މަރުކަޒެއްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަންވާނެއެވެ.
2.3.2 އާބިޓްރޭށަން ނުވަތަ މީޑިއޭށަން ފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން ނިޒާމެއްގެ ދަށުން ބަލާ މައްސަލައެއްގައި މަސައްކަތްކުރާ އާބިޓްރޭޓަރުންނާއި މީޑިއޭޓަރުންނަށް ގާނޫނީ ވަކީލުން އެއްބާރުލުން ދޭންވާނެއެވެ.
ތިންވަނަ ބައި
ގާނޫނީ ވަކީލުން ހިދުމަތް ދިނުން
3.1 ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް މެދުވެރިކޮށް ހިދުމަތް ދިނުން
3.1.1 ލީގަލް ޕްރެކްޓިސްއެއް ހިންގާ ވަކީލަކު، އެ ޕްރެކްޓިސްގެ އެންމެހައި ކަންކަމަށް ޒިންމާ އުފުލަންވާނެއެވެ. އަދި އެ ޕްރެކްޓިސްއިން ފޯރުކޮށްދޭ ގާނޫނީ ހިދުމަތްތަކުގެ ފެންވަރާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އެ ޕްރެކްޓިސްއިން ތަބާވާ ނިސްބަތަށް ޒިންމާ އުފުލަންވާނެއެވެ.
3.1.2 ލޯ ފަރމެއް ނަމަ، އެ ލޯ ފަރމެއްގެ ޕާޓްނަރުން އެ ނޫން ގޮތަކަށް އެއްބަސްނުވާހައި ހިނދަކު، އެ ފަރމްގެ އެންމެހައި ކަންކަމަށް، އެ ފަރމްގެ އެންމެހައި ޕާޓްނަރުން ވަކިވަކިންނާއި އެކުގައި ޒިންމާ އުފުލަންވާނެއެވެ. އަދި އެ ލޯ ފަރމްއިން ފޯރުކޮށްދޭ ގާނޫނީ ހިދުމަތްތަކުގެ ފެންވަރާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އެ ފަރމްއިން ތަބާވާ ނިސްބަތަށް ޒިންމާ އުފުލަންވާނެއެވެ.
3.1.3 ލީގަލް ޕްރެކްޓިސްއަކުން ނުވަތަ ލޯ ފަރމަކުން ބޭނުންކުރާ ލެޓަރހެޑާއި ބިޒްނަސް ކާޑާއި އެނޫންވެސް އެ ޕްރެކްޓިސްއަށް ނިސްބަތްވާ އެއްޗެހީގައި ނުވަތަ ފަރމަށް ނިސްބަތްވާ އެއްޗެހީގައި ބޭނުންކުރަންވާނީ، އެ ޕްރެކްޓިސްއެއް ނުވަތަ ލޯ ފަރމެއް، ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ނަމުގައެވެ.
3.1.4 ލީގަލް ޕްރެކްޓިސްއަކުން ނުވަތަ ލޯ ފަރމަކުން ދޭ ގާނޫނީ ހިދުމަތްތައް، އެ ޕްރެކްޓިސްއެއްގެ މަސްއޫލުވެރި ފަރާތުން ނުވަތަ ފަރމެއްގެ ޕާޓްނަރުން ނުވަތަ އެކަމަށް ޓަކައި އެއިން ފަރާތަކުން އައްޔަނުކުރާ، ކަމަށް އެކަށީގެންވާ އަދި ށަރުތު ފުރިހަމަވާ ފަރާތަކުން ސުޕަވައިޒް ކުރަންވާނެއެވެ.
3.1.5 ލީގަލް ޕްރެކްޓިސްއެއްގައި ނުވަތަ ލޯ ފަރމެއްގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކު ކުރުމަށް ހަވާލުވާ މަސައްކަތެއް، އެ ލީގަލް ޕްރެކްޓިސްގައި ނުވަތަ ލޯ ފަރމްގައި މަސައްކަތްކުރާ މުވައްޒަފަކާ ހަވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އެއީ އޭނާ ކުރުމަށް ހަވާލުވެފައިވާ މަސައްކަތެއްނަމަ، އެ މަސައްކަތަށް ޒިންމާ އުފުލާނީ އެ ގާނޫނީ ވަކީލެވެ.
3.1.6 ލީގަލް ޕްރެކްޓިސްއެއްގައި ނުވަތަ ލޯ ފަރމެއްގައި މަސައްކަތްކުރާ އިންޓަރނުން ފަދަ ގާނޫނީ ހިދުމަތްދިނުމަށް ށަރުތު ފުރިހަމަނުވާ ފަރާތްތަކުން ކުރާ މަސައްކަތްތައް ގާނޫނީ ވަކީލަކު ސުޕަވައިޒް ކުރަންވާނެއެވެ. އަދި އެ ފަރާތްތަކުން ކުރާ ގާނޫނީ ކޮންމެ މަސައްކަތަކަށް އެ ގާނޫނީ ވަކީލަކު ޒިންމާވާންވާނެއެވެ.
3.1.7 ލީގަލް ޕްރެކްޓިސްއަކުން ނުވަތަ ލޯ ފަރމަކުން ދޭ ހިދުމަތެއް އިސްތިހާރުކުރަންވާނީ، ފަންނުގެ ސުލޫކީ ހަމަތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ. އެއްވެސް ހާލެއްގައި، ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ފަދައަކުން ގާނޫނީ ހިދުމަތެއްގެ އިސްތިހާރު އެއްވެސް ލީގަލް ޕްރެކްޓިސްއަކުން ނުވަތަ ލޯ ފަރމަކުން ކޮށްގެން ނުވާނެއެވެ.
3.1.8 ލީގަލް ޕްރެކްޓިސްއަކުން ނުވަތަ ލޯ ފަރމަކުން ފޯރުކޮށްދޭ ގާނޫނީ ހިދުމަތްތަކާ ގުޅޭ ފައިލްތަކާއި ލިޔެކިޔުމާއި އެނޫންވެސް މުއާމަލާތްތަކުގެ ރެކޯޑުތައް ރައްކައުތެރިކަމާއެކު އެ ތަ ނެއްގައި ބަލަހައްޓަންވާނެއެވެ.
3.1.9 ލީގަލް ޕްރެކްޓިސްއެއްގެ ނުވަތަ ލޯ ފަރމެއްގެ ސިސްޓަމްތައް ގާއިމުކޮށްފައި ހުންނަންވާނީ، ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތާއި މުވައްކިލުންނާ ގުޅޭ އެހެނިހެން ލިޔެކިޔުމާއި މައުލޫމާތާއި މުއާމަލާތްތަކުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތެއްގެ މަތީންނެވެ.
3.1.10 ލީގަލް ޕްރެކްޓިސްއެއްގެ ނުވަތަ ލޯ ފަރމެއްގެ ފައިސާއާއި ހިސާބުތައް، ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ. އެގޮތުން ލީގަލް ޕްރެކްޓިސްއެއްގެ ނުވަތަ ލޯ ފަރމެއްގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓެނީ ކަމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން އެ ޕްރެކްޓިސްގެ މަސްއޫލުވެރި ފަރާތުން ނުވަތަ ފަރމްގެ ޕާޓްނަރުން ކަށަވަރު ކުރަންވާނެއެވެ.
3.1.11 ލީގަލް ޕްރެކްޓިސްއަކުން ނުވަތަ ލޯ ފަރމަކުން މުވައްކިލެއްގެ ފަރާތުން އެ މުވައްކިލަށް ލިބެންޖެހޭ ނުވަތަ އެ މުވައްކިލު އަދާކުރަންޖެހޭ ފައިސާއާ ހަވާލުވާނަމަ، އެ ފައިސާ ބަހައްޓަންވާނީ، އެ ޕްރެކްޓިސްގެ ނުވަތަ ފަރމްގެ ފައިސާއާ ވަކިންނެވެ. އަދި އެފަދައިން މުވައްކިލެއްގެ ފަރާތުން ފައިސާއާ ހަވާލުވާނަމަ، އެ ފައިސާއާ ގުޅޭގޮތުން އެ ޕްރެކްޓިސްއަކުން ނުވަތަ ފަރމުން އަމަލުކުރަންވާނީ މުވައްކިލަކު އަންގާ ގޮތެއްގެ މަތީން، އަދި އެ ފައިސާ ބަހައްޓަންވާނީ މުވައްކިލު ކަނޑައަޅާ މުއްދަތަކަށެވެ. އަދި އެ ފައިސާއާ ގުޅޭގޮތުން އެ ޕްރެކްޓިސް ނުވަތަ ފަރމުން މުވައްކިލަށް ޖަވާބުދާރީވާންވާނެއެވެ.
3.1.12 ލީގަލް ޕްރެކްޓިސްއެއްގެ މަސްއޫލުވެރި ފަރާތުން އެ ޕްރެކްޓިސއެއް އުވައިލަން ނުވަތަ ލޯ ފަރމެއްގެ އެންމެހައި ޕާޓްނަރުން އެއްބަސްވެގެން އެ ފަރމެއް އުވައިލަން ނިންމާނަމަ، އެ ޕްރެކްޓިސްއެއްގެ މުވައްކިލުންނަށް ނުވަތަ ފަރމެއްގެ މުވައްކިލުންނަށް އެކަން އަންގަންވާނެއެވެ.
3.2 އިން -ހައުސް ކައުންސެލުންނާއި، ކޮންސަލްޓަންޓުންނާއި، ދައުލަތުގެ ވަކީލުން
3.2.1 ވަކި ތަނެއްގައި އިން-ހައުސް ކައުންސެލުންގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން މަސައްކަތްކުރާނީ އެ ވަކީލުން މަސައްކަތްކުރާ ތަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގައި ވީ ނަމަވެސް، ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ގާނޫނީ ފަންނުގެ ސުލޫކީ ހަމަތައް ކަމުގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމަށް އެ ފަރާތްތަކުން ވެސް ތަބާވާންޖެހޭނެއެވެ.
3.2.2 ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން މަސައްކަތްކުރާނީ އެ ވަކީލުން މަސައްކަތްކުރާ މުއައްސަސާއަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގައި ވީ ނަމަވެސް، ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ގާނޫނީ ފަންނުގެ ސުލޫކީ ހަމަތައް ކަމުގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމަށް، އެ ފަރާތްތަކުން ވެސް އަމަލު ކުރަންވާނެއެވެ.
3.2.3 ލީގަލް ޕްރެކްޓިސްއެއްގައި ނުވަތަ ލޯ ފަރމެއްގައި އެއްވެސް ފަރާތަކުން ގާނޫނީ ކޮންސަލްޓަންސީގެ ހިދުމަތް ދޭންވާނީ، ކަމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެފަދަ ކޮންސަލްޓަންޓުން ވެސް ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ގާނޫނީ ފަންނުގެ ސުލޫކީ ހަމަތައް ކަމުގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމަށް އަމަލު ކުރަންވާނެއެވެ.
ހަތަރުވަނަ ބައި
ގާނޫނީ ވަކީލާއި އެހެން ފަރާތްތަކާ އޮންނަ ގުޅުން
4.1 ގާނޫނީ ވަކީލާއި އެހެން ގާނޫނީ ވަކީލުންނާ އޮންނަ ގުޅުން
4.1.1 ގާނޫނީ ވަކީލުން، ގާނޫނީ ފަންނުގެ އެހެން މެންބަރުންނާ މުއާމަލާތުކުރަންވާނީ މުހްތަރިފްކަމާއެކުގައެވެ.
4.1.2 ގާނޫނީ ވަކީލެއްގެ މަސައްކަތުގައި އެހެން ވަކީލުންނާ ކުރާ ކޮންމެ މުއާމަލާތެއް ކުރަންވާނީ އިހްތިރާމާއެކު ހެޔޮ ނިޔަތުގައެވެ.
4.1.3 ގާނޫނީ ވަކީލެއްގެ މަސައްކަތުގައި މުއާމަލާތުކުރާ އެހެން ވަކީލުންނާމެދު އެއްވެސް ޒާތީ ތައައްސުބެއް ގެންގުޅެގެން ނުވާނެއެވެ.
4.1.4 ގާނޫނީ ވަކީލަކު ތަމްސީލުކުރާ މުވައްކިލާ ދެކޮޅަށް އެ މައްސަލައިގައި ހިމެނޭ ހަސްމަކު ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާ ހާލަތުގައި އަބަދުވެސް މުއާމަލާތުކުރަންވާނީ އެ ވަކީލު މެދުވެރިކޮށެވެ. އަދި އެއްވެސް ހާލެއްގައި، އަނެއް ފަރާތުގެ ވަކީލަށް އެނގުމަކާ ނުލައި އެ ވަކީލުގެ މުވައްކިލާ ބައްދަލުކޮށް، އެ މުވައްކިލަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅައިގެން ނުވާނެއެވެ. އެހެންނަމަވެސް، އަނެއް ހަސްމުގެ ވަކީލާ މުއާމަލާތު ކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމަށްފަހުގައި، އެ ވަކީލުގެ ޖަވާބެއް ލިބިފައިނުވާ ހާލަތުގައި، އެކަން ބަޔާންކުރުމަށްފަހު ސީދާ އެ ހަސްމަކާ މުއާމަލާތު ކުރެވިދާނެއެވެ. އަދި ސީދާ މުވައްކިލަކު އަމިއްލަ އިސްނެގުމުގައި އަނެއް ފަރާތުގެ ވަކީލަށް ނުވަތަ އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުން މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.
4.1.5 ގާނޫނީ ވަކީލެއްގެ މުވައްކިލެއް ތަމްސީލުކުރުމަށް އެއް ވަކީލަށްވުރެ ގިނަ ވަކީލުން އައްޔަނުކޮށްފައިވާ ހާލަތުގައި، އިތުރަށް އައްޔަނުކޮށްފައިވާ ވަކީލުންނަކީ އެހެން ލޯ ފަރމެއްގެ ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ވަކީލުން ކަމުގައި ވާނަމަ، އެ ވަކީލުންގެ މަސައްކަތުގައި އެއްބާރުލުން ދޭންވާނެއެވެ. އަދި އެކުގައި ކުރާ މަސައްކަތުގައި މުވައްކިލު އެހެން ގޮތަކަށް އިރުށާދު ދީފައިނުވާ ހާލަތުގައި، މުވައްކިލުގެ ފަރާތުން ފޮނުވާ ލިޔެކިޔުމަކާއި ކުރާ އެހެން މުއާމަލާތްތައް، އެ ވަކީލުންނާ ހިއްސާކުރަންވާނެއެވެ.
4.1.6 މުވައްކިލުންގެ ފަރާތުން ގާނޫނީ ވަކީލުންގެ މެދުގައި ކުރެވޭ މަށްވަރާތަކުގައި ހިންގޭ "ވިތައުޓް ޕްރެޖުޑިސް" މުއާމަލާތެއް އެ ފަރާތަކާ ދެކޮޅަށް އެއްވެސް ގާނޫނީ ވަކީލަކު ބޭނުންކޮށްގެން ނުވާނެއެވެ.
4.1.7 މައްސަލައާ ގުޅޭ ލިޔުމެއް، މައްސަލައިގެ އަނެއް ހަސްމުގެ ވަކީލާ ހިއްސާކުރަންވާނީ އެކަން ކުރުމަށް މުވައްކިލު އިރުށާދު ދީފައިވާ ހާލަތުގައި އެކަންޏެވެ.
4.1.8 ގާނޫނީ ވަކީލެއްގެ މަސައްކަތުގައި އޭނާ ކުރުމަށް އެއްބަސްވެފައިވާ ކަމެއް ކުރުމަށް އެހެން ވަކީލެއްގެ ހިދުމަތް ހޯދާނަމަ، އެ މަސައްކަތް ފުރިހަމަކުރާނެ ގޮތުގެ ސާފު އިރުށާދު ދޭންވާނެއެވެ. އަދި މަސައްކަތް ފުރިހަމަކޮށް ނިމުމުން، އެއްބަސްވެފައިވާ ގޮތުގެ މަތީން އެ ވަކީލަކަށް ފައިސާ ދޭންވާނެއެވެ.
4.1.9 ގާނޫނީ ވަކީލަކު، ބޭރު ގައުމެއްގެ ވަކީލެއްގެ ނުވަތަ ލޯ ފަރމެއްގެ ލޯކަލް ކައުންސެލްގެ ގޮތުގައި މަސައްކަތްކުރާ ހާލަތުގައި، ބޭރުގެ އެ ވަކީލަށް ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
4.1.10 ގާނޫނީ ވަކީލެއްގެ މުވައްކިލަކު އެހެން ވަކީލެއް އިހްތިޔާރުކުރާ ހާލަތުގައި، ނުވަތަ އެ ވަކީލު އަމިއްލައަށް އޭނާގެ މުވައްކިލާއެކު އޮތް ގުޅުން ނިމުމަކަށް ގެންނަ ހާލަތުގައި، މައްސަލައިގެ އެންމެހައި ލިޔެކިޔުންތަކާއި، މައްސަލައާ ގުޅޭގޮތުން މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކާއި ތިންވަނަ ފަރާތްތަކާއެކު ހިންގައިފައިވާ މުއާމަލާތްތަކާއި، މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ މައުލޫމާތު ހިމެނޭގޮތުން، މައްސަލައިގެ ފައިލު އަނެއް ވަކީލާ ނުވަތަ މުވައްކިލާ ލަސްނުކޮށް ހަވާލުކުރަންވާނެއެވެ.
4.1.11 މި މާއްދާގެ 4.1.10 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްކިލާއި ވަކީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވަކީލަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާ އަދާކުރުމާ ހަމައަށް މައްސަލައާ ގުޅުންހުރި އެންމެހައި ފައިލުތައް ހިފެހެއްޓުމުގެ އިހްތިޔާރު ވަކީލަށް ލިބިގެންވެއެވެ. ނަމަވެސް، އެ މައްސަލައަކީ އަވަހަށް ފިޔަވަޅު ނާޅައިފިނަމަ މުވައްކިލަށް ގެއްލުންވެދާނެ މައްސަލައެއް ކަމުގައި ވާނަމަ، މުވައްކިލު ދޭންޖެހޭ ފައިސާ ދިނުމާ ހަމައަށް އެ މައްސަލައާ ހަވާލުވާ އަނެއް ވަކީލު އެ ލިޔެކިޔުންތައް މުވައްކިލަށް ދޫނުކޮށް އަނބުރާ އެ ވަކީލަކާ ހަވާލުކުރަންވާނެއެވެ.
4.1.12 ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ މައްސަލައެއްގައި އެހެން ވަކީލަކު އެ މައްސަލައާ ހަވާލުވާ ހާލަތުގައި، މައްސަލައާ ހަވާލުވާ ވަކީލު، ލަސްނުކޮށް ކޯޓަށް އެކަން އަންގައި، ކޯޓުގެ ރެކޯޑަށް ބޭނުންވާ ވަކީލުގެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
4.1.13 ގާނޫނީ ވަކީލެއްގެ މަސައްކަތުގައި ގާނޫނާ ހިލާފު އަމަލެއް ކުރާކަން އޭނާއާއެކު މަސައްކަތްކުރާ ނުވަތަ އޭނާއާއެކު މުއާމަލާތުކުރާ އެހެން ގާނޫނީ ވަކީލަކަށް އެނގޭނަމަ، އެކަން އެނގުމާއެކު އެ މައްސަލަ ބެލުމަށް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
4.2 ގާނޫނީ ވަކީލާއި ތިންވަނަ ފަރާތްތަކާ އޮންނަ ގުޅުން
4.2.1 ގާނޫނީ ވަކީލުން ތިންވަނަ ފަރާތްތަކާ މުއާމަލާތުކުރަންވާނީ އިހްލާސްތެރިކަމާއި އިހްތިރާމާއެކުގައެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ފޮނުވާ ލިޔެކިޔުމެއްގައި ނުވަތަ ހިންގާ މުއާމަލާތެއްގައި ބޭއަދަބީ ބަސްމަގު ބޭނުންކޮށްގެން ނުވާނެއެވެ.
4.2.2 ގާނޫނީ ވަކީލަކު ތިންވަނަ ފަރާތަކާ މުއާމަލާތުކުރާއިރު، އެ މީހެއްގެ ދީނަށް، ނުވަތަ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ އެ މީހެއްގެ މާލީ ފުދުންތެރިކަމަށް، ނުވަތަ މީހެއްގެ ކިބައިގައި ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހަކު ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ މީހެއްގެ ސިޔާސީގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެއެވެ.
4.2.3 ގާނޫނީ ވަކީލަކު ތިންވަނަ ފަރާތަކާއެކު ހިންގާ އެއްވެސް މުއާމަލާތެއްގައި، ގާނޫނާ ހިލާފު ކަމެއް ކުރުމަށް އެއްބަސްވެގެން ނުވާނެއެވެ.
4.2.4 ގާނޫނު ހުއްދަކުރާ ހާލަތެއްގައި މެނުވީ މުވައްކިލަކު ތަމްސީލުކުރުމުގައި ނުވަތަ މުވައްކިލެއްގެ ފަރާތުން އެއްވެސް ފަރާތަކަށް ހަދިޔާއެއް ނުވަތަ މަންފާއެއް ހުށަހަޅައިގެން ނުވާނެއެވެ.
4.2.5 ގާނޫނީ ވަކީލަކު ފަންނީ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ޔަގީންކަން ނުވަތަ ކަށަވަރުކަން ދޭނަމަ، އޭނާ ޔަގީންކަން ނުވަތަ ކަށަވަރުކަން ދޭ ކަންކަމަށް ޒިންމާވެ، އެކަންކަން ހެޔޮ ނިޔަތުގައި ތަންފީޒު ކުރަންވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު