-

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-112)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)  މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 5-88 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މިއީ، ވަޒީފާއާބެހޭ ގާނޫނުގެ 5-88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހާ ގުޅޭ އެންމެހައި ކަންތައްތައް ބަޔާންކުރާ ގަވާއިދެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހަށް ލިބިގެންވާ ބާރުތައް 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާ އިހްތިސާސްގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތައް 

(ހ)  ވަޒީފާއާބެހޭ ޓްރައިބިއުނަލުންދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު މަށްވަރާކޮށް، ގޮތެއް ނިންމުން.

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި އެހެނިހެން ގާނޫނުތަކުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތް ހިންގާގޮތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ގަވާއިދު ހެދުން.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމާމެދު ގޮތެއް ނިންމުން.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުންވާ ދާއިރާތައް ކަނޑައެޅުން.

(ޅ) ގާނޫނަކުން ކަނޑައެޅޭ ނުވަތަ ހަވާލުކުރެވޭ ކަމެއް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ މަރުކަޒީ ދަފްތަރެއް ޓްރައިބިއުނަލުގައި ގާއިމުކޮށް، އެ މައްސަލަތައް އެކަށީގެންވާ ހަލުއިމިނެއްގައި ހިންގުމަށް ބޭނުންވާ އިދާރީ ފަސޭހަތައް މަރުކަޒީ ގޮތެއްގައި ލިބެމުންދާނެގޮތް ހެދުން.

(އ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ހުށަހަޅާ އިދާރީ ކަންކަމާމެދު ގޮތެއް ނިންމުން. 

 

4 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލިސް އެކުލެވިގެންވާ ގޮތް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލިސް އެކުލެވިގެންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނާއިބު ރައީސާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ މައްޗަށެވެ.

 

5 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލިސް ބޭއްވުމާއި ރިޔާސަތު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލިސް މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސެވެ.

 

6 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާ ންމު މަޖިލީހުގެ ގާނޫނީ އަދަދު 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ޖަލްސާއަށް ހާޒިރުވުމުންނެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރެއްގެ މަގާމު ހުސްވެފައި އޮންނަ ހާލަތްތަކުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބޭއްވޭނީ އެވަގުތަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކުރެވިފައިވާ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަދަދުގެ މެންބަރުންގެ ހާޒިރުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި އަދަދު 3 (ތިނެއް) މެންބަރުންނަށް ވުރެ މަދުވެގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - ކުއްލި ޖަ ލްސާ ބޭއްވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާން މު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހޭނީ އެފަދަ ޖަލްސާއެއް ބާއްވަންޖެހޭ ފަދަ މުހިންމު ހާލަތެއް މެދުވެރިވެގެންނެވެ. މިގޮތުން، އަންނަނިވި ހާލަތްތަކުގައި އާންމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވިދާނެއެވެ.

  1. ވަކިކަމަކާ ގުޅިގެން ކުއްލި ޖަލްސާއެއް ބާއްވަންޖެހޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ފެނުން.
  2. ވަކިކަމަކާ ބެހޭގޮތުން ކުއްލި ޖަލްސާއެއް ބޭއްވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނާއިބުރައީސް ނުވަތަ އެހެން މެންބަރަކު ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާނަމަ، ޖަލްސާ ބާއްވަން ބޭނުންވާ ކަމަކާއި ސަބަބު ބަޔާންކޮށް އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - އެޖެންޑާ ތައްޔާރުކުރުން

(ހ)  ކުއްލި ޖަލްސާތައް ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގައި ބަހުސްކުރާ ކަންތައްތަކާބެހޭ އެޖެންޑާ އެ ކަންތައްތަކާ ބެހޭގޮތުން ބަހުސްކުރުމުގެ މަދުވެގެން 1 (އެކެއް) ދުވަސް ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަކީ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތެކެވެ. އަދި މި ގަވާއިދުގެ 13 ވަނަ މާއްދާ ގެ (ހ) ގެ ދަށުން ފަސްކުރެވޭ ޖަލްސާއެއްގެ ބަދަލުގައި ބާއްވާ ޖަލްސާއެއްނަމަ، އެޖެންޑާގައި، ފަސްކުރެވުނު ޖަލްސާގެ ތާރީހާއި، އެ ތާރީހުގެ ޖަލްސާގެ ބަދަލުގައި ބާއްވާ ޖަލްސާއެއްކަން ބަޔާންކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުއްލި ޖަލްސާއެއް ބާއްވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުން އެޖެންޑާ ތައްޔާރުކޮށް އާންމު މަޖިލީހުގެ މެންބަރުންނަށް އެޖެންޑާ ފޯރުކޮށްދޭން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަށްވަރާއަކަށް އެހިނދުން އެހިނދަށް ބޭނުންވާފަދަ ކުއްލި މައްސަލައެއް ދިމާވެއްޖެނަމަ، އެކަމަކީ އެޖެންޑާގައި ނެތްކަމެއް ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާން މު މަޖިލީހުގެ ކޮންމެ މެންބަރަކަށް އެފަދަ މައްސަލައެއް ހުށަހެޅިދާނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާގައި ބަހުސްކުރާ ކަންތައްތަކާބެހޭ އެޖެންޑާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވަންވާނެއެވެ. އެގޮތުން އެ ޖަލްސާއެއް ތާވަލުކުރެވިފައިވާ ތާރީހަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ޗުއްޓީގައި ހުރުމަށް ހަމަޖެހިފައިވާ ތާރީހެއް ކަމުގައިވީނަމަވެސް، އެ މެންބަރަކަށް ވެސް އެޖެންޑާ ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - މެންބަރުން އެޖެންޑާކުރަން ބޭނުންވާ ކަންކަން ހުށަހެޅުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާން މު މަޖިލީހުގެ ނިންމުމެއް އެއްވެސް ކަމެއްގައި ބޭނުންވާކަމަށް ފެނިއްޖެ ހިނދެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް އެ މެންބަރަކު ހުށަހަޅަން ބޭނުންވާ ކަމެއް ނުވަތަ މައްސަލައެއް އެޖެންޑާކުރުމަށް އާންމު މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހުގެ މަދުވެގެން 1 (އެކެއް) ދުވަސް ކުރިން އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އެންގިދާނެއެވެ.

 

10 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލީހުގެ ޖަލްސާތަކުގައި އަމަލުކުރާނެ ގޮތް

(ހ) އާންމު މަޖިލީހުގެ ޖަލްސާތަކުގައި، އެޖެންޑާކުރެވޭ ކޮންމެ ކަމަކާ ގުޅިގެން ވާހަކަ ދެއްކުމަށްޓަކައި، އެ ޖަލްސާއަކަށް ހާޒިރުވާ ކޮންމެ މެންބަރަކަށް ވަކިން ރިޔާސަތުން ފުރުސަތު އަރުވަންވާނެއެވެ.

(ށ) އާންމު މަޖިލީހުގެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިންމުމަށް ތާއީދުކުރި މެންބަރުންގެ އަދަދާއެކު، އެ ނިންމުން ރިޔާސަތުން އިއްވަންވާނެއެވެ.

 

11 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާ ންމު މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލީހުގެ ޖަލްސާއަކުން ނިންމާ ނިންމުމެއް ފާސްވާނީ، އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލީހުން ނިންމާ ނިންމުންތައް ނިންމަންވާނީ، އާންމު މަޖިލީހުގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތުގެ ހާޒިރުގައެވެ.

 

12 ވަނަ މާއްދާ - ޔައުމިއްޔާ ފާސްކުރުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އާންމު މަޖިލީހުގައި މަށްވަރާކުރެވޭ ކަންކަމާއި، ކަނޑައަޅާ އުސޫލުތަކާއި، ނިންމާ ނިންމުންތައް ބަޔާންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް އެ މަޖިލީހުގެ ޔައުމިއްޔާ ސެކްރެޓޭރިއެޓުން ތައްޔާރުކޮށް، ޖެހިގެން އަންނަ ޖަލްސާއަށް އެ ޔައުމިއްޔާ ފާސްކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޔައުމިއްޔާ ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ޔައުމިއްޔާއަށް ގެންނަންޖެހޭ އިސްލާހެއް ވާނަމަ، އެކަން ފާހަގަކޮށް، ޔައުމިއްޔާ އިސްލާހުކުރުމަށް އަންގަންވާނެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުގެ ކޮންމެ ސަފްހާއެއްގެ ތިރީގައި، އެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ސޮއި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާ ންމު މަޖިލީހުގެ ޖަލްސާއަށް މެންބަރުންނަށް ހާޒިރުނުވެވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް، ޖަލްސާ ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުންނަށް ހާޒިރުނުވެވިއްޖެނަމަ، އިތުރު 15 (ފަނަރަ) މިނިޓަށް ބަލަންވާނެއެވެ. މިގޮތުންވެސް މެންބަރުންގެ އަދަދު ހަމަނުވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ރިޔާސަތުން ހަމަޖައްސާ އެހެން ދުވަހަކަށް ނުވަތަ އެހެން ގަޑިއަކަށް އެ ޖަލްސާ ފަސްކުރުމަށް ނުވަތަ އަލުން އައު ޖަލްސާއެއް ބޭއްވުމަށް ކަނޑައަޅައި ޖަލްސާ ފަސްކުރަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމަށް އުޒުރުވެރިވާފަދަ ކަމެއް އެއްވެސް މެންބަރަކަށް ދިމާވެއްޖެނަމަ، އެކަން އެ ދުވަހުގެ ޖަލްސާ ފެށުމުގެ މަދުވެގެން 5 (ފަހެއް) މިނިޓް ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާއޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ މެދުވެ ރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާ ންމު މަޖިލީހުގެ ޖަލްސާ ބޭއްވުމާއި ޖަލްސާގައި ބައިވެރިވުން 

(ހ)  ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާ ންމު މަޖިލީހުގެ ޖަލްސާތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބޭއްވިދާނެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބާއްވާ އާންމު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމަށްޓަކައި މެން ބަރަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވެވެން ނެތީ މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ފަދަ ސަބަބަކާހުރެ ކަމުގައިވާނަމަ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ޖަލްސާއެއްގައި ބައިވެރިވުމުގެ އިހްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް ލިބިގެންވެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލް ގާއިމުކުރެވިފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރުމުގެ ސަބަބުން ނުވަތަ އެފަދަ މަގުބޫލު ސަބަބަކާހުރެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއެއްގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމަށް މެންބަރަކު އެދޭނަމަ، އެކަން އެ ދުވަހުގެ ޖަލްސާ ފެށުމުގެ މަދުވެގެން 30 (ތިރީސް) މިނިޓް ކުރިން އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އަންގައިފިނަމަ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ މެންބަރަކަށް ރިޔާސަތުން ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ރިޔާސަތުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އެޖެންޑާއާ އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދިއުން.

(ށ) އާންމު މަޖިލީހުން ފާސްވާ ކަންތައްތައް ތަންފީޒުވާކަން ކަށަވަރުކުރުން.

(ނ) އާންމު މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ކަމެއް ތަންފީޒުކުރެވިފައި ނުވާނަމަ، އެކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

16 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައި ނުވާކަމެއް ދިމާވުން 

(ހ)  މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމަކާ ބެހޭގޮތުން ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ގޮތެއް ނިންމައިފިނަމަ، އެކަމެއް މި ގަވާއިދަށް އިތުރުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށްޓަކައި، އިބާރާތް އޮތްގޮތުން އެހެންގޮތަކަށް ދޭހަނުވާހައި ހިނދަކު އަންނަނިވި ބަސްތަކާއި އިބާރާތްތަކުގެ މާނަކުރެވޭނީ ތިރީގައި އޭގެ މާނަ ދެވިފައިވާގޮތުގެ މަތިންނެވެ.

"ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށެވެ. 

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު