ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-106)
1 ވަނަ މާއްދާ - ތައާރަފާއި، ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 95 ވަނަ މާއްދާއާއި، އެ ގާނޫނުގެ 133 ވަނަ މާއްދާގެ (ނ) ގެ (12) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ހަތިޔާރު ހޯދުމާއި، ގެންގުޅުމާއި، ބޭނުންކުރުމާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންވާ ހަތިޔާރާއި އާލަތްތައް ހޯދުމާއި، ގަތުމާއި، އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ލިބިގަތުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ށ) ފުލުހުން ބޭނުންކުރުމަށް ހުއްދަލިބޭ ހަތިޔާރާއި، އާލަތްތައް ދަރަޖަކުރުމުގެ ހަމަތައް ބަޔާންކުރުން.
(ނ) ފުލުހުންގެ ބޭނުމަށް ހޯދާ ހަތިޔާރާއި، އާލަތްތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.
(ރ) ޒިންމާދާރު ގޮތެއްގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުން.
(ބ) ހަތިޔާރާ ގުޅޭ ތަމްރީނުތައް ފުރިހަމަކުރުމާއި، ތަމްރީނު ދިނުމުގައި ހަތިޔާރު ގެންގުޅުމާ ގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކުރުން.
(ޅ) ފުލުހުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ހަތިޔާރާއި، އާލަތްތައް ރައްކައުތެރިކަމާއެކު އެއްތަނުން އަނެއްތަނަށް އުފުލާނެ ގޮތްތައް ބަޔާންކުރުން.
4 ވަނަ މާއްދާ - ހަތިޔާރު ބޭނުންކުރުމުގެ އަސާސްތައް
ހުރިހާ ހާލަތެއްގައި ވެސް ހަތިޔާރު ބޭނުންކުރުމުގައި އަންނަނިވި އަސާސްތަކަށް ތަބާވާންވާނެއެވެ.
(ހ) ދިމާވެފައިވާ ހާލަތާ ގުޅިގެން ބޭނުންކުރާ ހަތިޔާރަކީ، އެ ހާލަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ހަތިޔާރަކަށް ވުން.
(ށ) ހަތިޔާރު ބޭނުންކުރެވޭނެ ގާނޫނީ ސަބަބެއް އޮތުމާއި، ހަތިޔާރު ބޭނުންކުރާ އޮފިސަރަށް އެކަމުގެ ހުއްދަ އޮތުން.
(ނ) ދިމާވެފައިވާ ހާލަތަކީ ކޮންމެހެން ހަތިޔާރު ބޭނުންކުރަންޖެހޭ ހާލަތަކަށް ވުން.
(ރ) ހަތިޔާރު ބޭނުންކުރި ގޮތާއި ހާލަތާ ގުޅިގެން ޖަވާބުދާރީވާން ޖެހިއްޖެ ކޮންމެ ތަނެއްގައި ޖަވާބުދާރިވާން ޖެހޭނެކަން އެނގިހުރެ، ޒިންމާދާރުކަމާއެކު ހަތިޔާރު ބޭނުންކުރުން.
5 ވަނަ މާއްދާ - ހަތިޔާރު ގަތުމާއި ހޯދުން
(ހ) ފުލުހުންގެ މަސައްކަތްތައް އެކަށޭނަ މިންވަރުގައި ކުރެވޭނެ ގޮތް ހެދުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންވާނެ ހަތިޔާރު ހޯދުމާއި، އެ ހަތިޔާރު ރައްކައުތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތްތައް ގާއިމުކުރުމުގެ ބާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
(ށ) ފުލުހުންގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ޓަކައި، އެ ވަގުތަށާއި ހާލަތަށް ބަލައި، ފުލުހުން ގެންގުޅެންޖެހޭނެކަމަށް ވަޒީރުގެ ހުއްދަޔާއެކު ކޮމިށަނަރ އޮޕް ޕޮލިސް ކަނޑައަޅާ ހަތިޔާރު ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - ހަތިޔާރު ދިވެހިރާއްޖެއަށް އެތެރެކުރުން
ކޮމިށަނަރ އޮފް ޕޮލިސްގެ ލަފަޔާއެކު ވަޒީރު ކަނޑައަޅާ ގޮތެއްގެ މަތީން ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންވާ އެންމެހައި ހަތިޔާރެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ހަތިޔާރުގެ ސިފައާއި، ވައްތަރު
(ހ) ފުލުހުން ގެންގުޅޭ ހަތިޔާރު ވާންޖެހޭނީ، ފަޔަރ އާމްސްއާއި އެކްސްޕްލޯސިވްގެ ތެރޭގައި ނުހިމެނޭ، ފަރުދަކާ ދެކޮޅަށް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަވާނެ ގޮތަށް ފަރުމާކޮށްފައިވާ އަދި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ހުޅުވިފައިވާ ޑިމޮކްރަޓިކް ގައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގައި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތުގެ ލެސްލީތަލް ހަތިޔާރަށެވެ.
(ށ) ލެސްލީތަލް ހަތިޔާރުގެ ތެރޭގައި ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު އެކުލެވިގެންވާ ގޭސް ނުވަތަ ލިކުއިޑް ނުވަތަ ސްޕްރޭ ނުވަތަ ޕައުޑަރ، މުގުރު، ކޮންޑަކްޓިވް އެނަރޖީ ޑިވައިސް، އެންޓި-ރަޔަޓް ހަތިޔާރު، އަދި މި ނޫންވެސް، މީހަކު ނުވަތަ ގިނަ ބަޔަކު ހިންގާ ކުށުގެ އަމަލެއް ނުވަތަ އަމަލުތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް ޓަކައި ފުލުހުން ބޭނުންކުރުމަށް ތައްޔާރުކޮށް ބޭނުންކުރާ ޒަމާނީ ހަތިޔާރުތައް ހިމެނެއެވެ.
(ނ) ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންކުރާ ހަތިޔާރާއި، އެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އޮޕަރޭށަނަލް މެނުއަލްއެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ. މި ގޮތުން އެކުލަވައިލާ މެނުއަލުގައި، ހާލަތާ ގުޅޭގޮތުން ބާރުގެ ބޭނުންކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
8 ވަނަ މާއްދާ - ހަތިޔާރު ބެހިގެންވާ ބައިތައް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހުން ބޭނުންކުރުމަށް ހުއްދަކޮށްފައިވާ ހަތިޔާރުތައް ދަރަޖަކުރެވިފައިވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
- ފްރަންޓް ލައިން ޕޮލިސިންގގައި ބޭނުންކުރާ ހަތިޔާރު؛
- ސްޕެށަލިސްޓް ޓީމްތަކުގައި ބޭނުންކުރާ ހަތިޔާރު.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖައިގައި ހިމެނޭނީ، މުގުރު، ޕެޕަރ ސްޕްރޭ ނުވަތަ އެ ނޫންވެސް އެފަދަ ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ހުންނަ ލެސްލީތަލް ހަތިޔާރެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖައިގައި ހިމެނޭނީ، ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓައިލުމަށް ބޭނުންކުރާ އާލަތްތަކާއި، ކޮންޑަކްޓިވް އެނަރޖީ ޑިވައިސްއާއި، ޕެޕަރ ޕިސްޓަލް، މި ނޫނަސް ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ހުންނަ އޮލަދުން ނުވަތަ ގޭސް ނުވަތަ ލިކުއިޑް ނުވަތަ ޕައުޑަރ، ގަދައަލި ނުވަތަ ބާރުއަޑު ނުވަތަ ދުން އެކުލެވޭ ލެސްލީތަލް ހަތިޔާރާއި އެންޓި-ރަޔަޓް ހަތިޔާރެވެ.
9 ވަނަ މާއްދާ - ހަތިޔާރު ހަވާލު ކުރެވޭ ފަރާތްތަކާއި، ގޮތްތައް
(ހ) ހަތިޔާރެއް ހަވާލުކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންނަށް ތަމްރީނު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅައިފައިވާ މިންގަނޑަށް އެ ހަތިޔާރެއް ބޭނުންކުރުމުގެ ތަމްރީނަކުން ފާސްވެފައިވާ ފުލުހުންނަށް އެކަންޏެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސްޕެށަލް ކޮންސްޓަބަލުންނަށް، އެ މީހަކާ ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތަށް ބަލައި، މުގުރު ނުވަތަ ޕެޕަރ ސްޕްރޭ ހަވާލުކުރެވިދާނެއެވެ. މިގޮތުން ސްޕެށަލް ކޮންސްޓަބަލުންނަށް، އެފަދަ ހަތިޔާރެއް ހަވާލުކުރުމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުރިހަމަކުރަންޖެހޭ ތަމްރީނު ފުރިހަމަކުރަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހަތިޔާރު ހަވާލުކުރާ ކޮންމެ ފުލުހަކާ ނުވަތަ ސްޕެށަލް ކޮންސްޓަބަލަކާ ހަތިޔާރު ހަވާލުކުރަންވާނީ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭގޮތުން އިގްރާރެއްގައި ސޮއިކުރުވުމަށްފަހުގައެވެ.
(ރ) ހަތިޔާރު ހަވާލުކުރާ ކޮންމެ ފުލުހަކީ ނުވަތަ ސްޕެށަލް ކޮންސްޓަބަލަކީ، އެފަދަ ހަތިޔާރު ގެންގުޅެ ބޭނުންކުރުމަށް އަހުލުވެރި ބަޔަކަށް ވާންވާނެއެވެ. މިގޮތުން ކަނޑައެޅޭ ވަކި މުއްދަތެއްގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ތަމްރީނުގެ ތާޒާކުރުމުގެ ޕްރޮގްރާމްތައް، ހަތިޔާރު ހަވާލުކޮށްފައިވާ ފަރާތްތަކުން ފުރިހަމަކުރަންވާނެއެވެ.
10 ވަނަ މާއްދާ - ސަލާމަތްތެރިކަމާއެކު ހަތިޔާރު ގެންގުޅުން
(ހ) ހުރިހާ ވަގުތެއްގައިވެސް ހަތިޔާރު ގެންގުޅެންވާނީ ސަލާމަތާއި ރައްކައުތެރިކަމާ އެކުގައެވެ.
(ށ) ހަތިޔާރު ސާފުކޮށް ބެލެހެއްޓުމަށް ނުވަތަ ތަމްރީނުތަކުގައި ބޭނުންކުރުމަށް ނޫން ގޮތަކަށް ހަތިޔާރު ނަގަންޖެހޭނީ، އެ މީހަކު ގާނޫނީގޮތުން ހަތިޔާރު ނަގަންޖެހޭ ފަދަ ހާލަތެއްގައި އެކަންޏެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ ހަތިޔާރު ނެގުމުގެ މާނައިގެ ތެރޭގައި، ހަތިޔާރު އުފުލައި ގެންގުޅުމެއް ނުހިމެނެއެވެ.
(ނ) ހަތިޔާރު ބޭނުންކުރުން ހުއްދަކަމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ނޫންގޮތަކަށް އެއްވެސް މީހަކާ ދިމާއަށް ހަތިޔާރު ދިއްކޮށްގެން ނުވަތަ އަމާޒުކޮށްގެން ނުވާނެއެވެ.
(ރ) އެއްވެސް ފުލުހަކު، އެ މީހަކާ ހަވާލުކޮށްފައިވާ ހަތިޔާރެއް ނުވަތަ ހަތިޔާރުގެ ބައެއް އެހެން އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ހަވާލުކުރަންވާނީ ހަތިޔާރު ހަވާލުކުރެވޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ ފަރާތަކަށް އެކަންޏެވެ.
(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަތިޔާރު ބޭނުންކުރުން ހުއްދަކޮށްފައިވާ ފުލުހަކަށް ނޫނީ އެއްވެސް ގޮތެއްގައި ހަތިޔާރުގެ ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތަށް، ސަލާމަތާއި ރައްކައުތެރިކަމާއެކު ހަތިޔާރު ގެންގުޅެ ބެލެހެއްޓުމާއި، ޑިއުޓީތަކުގައި އުޅޭ ފަރާތްތަކަށް ހަތިޔާރު ދޫކުރުމާއި، ހަތިޔާރު އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
11 ވަނަ މާއްދާ - ޔޫޒް އޮފް ފޯސް ރިވިއު ކޮމެޓީ
(ހ) ގާނޫނީގޮތުން ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ބޭނުންކުރި ގޮތާ ގުޅޭގޮތުން ކޮންމެ ފުލުހަކީވެސް ޖަވާބުދާރީވާންޖެހޭ ފަރާތަކަށްވުމާއެކު، އެފަދަ ބާރެއް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމާއި، އިހުމާލުވިޔަ ނުދިނުމަށް ޓަކައި، އަދި ގާނޫނު ހުއްދަކުރާ ހާލަތްތަކުގައި އެކަށީގެންވާ ހަމަތަކުގެ މަތިން ބާރާއި އިހްތިޔާރު ބޭނުންކުރާ ގޮތްތައް ބަލައި، ދިމާވާ އެކިއެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކޮށްފައިވާ ގޮތްތައް ބަލައި، އެފަދަ ކަންކަމާ ގުޅޭގޮތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ކޮމިށަނަރ އޮފް ޕޮލިސްއަށާއި، ޑިސިޕްލިނަރީ ބޯޑަށް ލަފާ ދިނުމަށް ޓަކައި، "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" ގެ ނަމުގައި، އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށް އެކުލެވޭ ވަކި ހާއްސަ ކޮމެޓީއެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ ކޮމެޓީގައި، އަންނަނިވި ދާއިރާތަކުގައި މަސައްކަތްކުރާ ކޮމިށަންޑް އޮފިސަރުންނާއި އެގްޒެކެޓިވް ރޭންކުގެ އޮފިސަރަކު ހިމަނަންވާނެއެވެ.
- ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ ދާއިރާ؛
- އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާ؛
- ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ރީޖަނަލް ޕޮލިސްގައި މަސައްކަތްކުރާ ފަރާތެއް؛
- ހަތިޔާރާ ގުޅޭ ފަންނުގެ ދާއިރާ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އިދާރީ ބަހާއެއްގެ ފަރާތުންނެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީއަށް މެންބަރުން އައްޔަނުކުރުމަށްފަހު، އެންމެހައި މުވައްޒަފުންނަށް އެކަން އެންގުމަށް ޓަކައި، ކޮމެޓީގެ މެންބަރުންގެ ނަންތައް ކޮމިށަނަރ އޮފް ޕޮލިސް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީގެ ބައްދަލުވުންތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތްތަކާއި، ބައްދަލުވުމުގެ ކޯރަމާއި، ކޮމެޓީއަށް ހުށަހެޅޭ ކަންތައްތަކުގައި ގޮތް ނިންމުން އަދި މި ނޫނަސް ކޮމެޓީ ހިންގުމުގެ އެންމެހައި ކަންތައްތައް ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
12 ވަނަ މާއްދާ - ހަތިޔާރު ބޭނުންކުރެވޭނެ ހާލަތްތައް
(ހ) ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ޓަކައި ހަތިޔާރު ނެގޭނީ ނުވަތަ ބޭނުންކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.
- ވަކި މީހަކު ނުވަތަ ބަޔަކު ކުރަމުންދާ އަމަލެއްގެ ސަބަބުން، އެހެން މީހެއްގެ ނުވަތަ ބައެއްގެ ފުރާނަޔަށް ނުވަތަ މުދަލަށް ނުރައްކާވުން ނުވަތަ ނުރައްކާވެދާނެ ކަމަށް ގަބޫލު ކުރެވުން، ނުވަތަ އެފަދަ އަމަލެއް ހިންގައިފާނެކަމަށް ބެލެވޭ ފަރާތެއް ހައްޔަރުކުރުމަށް ހަތިޔާރު ބޭނުންކުރުން ފިޔަވައި އެހެން ގޮތެއް ނެތްކަމަށް ބެލެވުން؛
- ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހަކު ގަދަފަދަކަން ދެއްކުމުގެ ސަބަބުން ނުވަތަ ދެކޮޅުވެރިކަން ދެއްކުމުގެ ސަބަބުން އެ މީހަކު ހިފެހެއްޓުމުގައި ނުވަތަ ކިޔަމަންތެރި ކުރުވުމުގައި ފުލުސް އޮފިސަރަށް ނުވަތަ އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
- މީހަކު ނުވަތަ ބަޔަކު ހިންގާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެ މީހަކާ ނުވަތަ ބަޔަކާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ހަތިޔާރު ބޭނުންކުރަންޖެހޭ ސަބަބެއް އޮތްކަމަށް، ހަތިޔާރު ބޭނުންކުރާ ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވުން؛
- ލެސްލީތަލް ހަތިޔާރެއް އެ ފުލުހެއްގެ އަތުގައި އޮތް ހާލަތެއްގައި، އެ ފުލުސް އޮފިސަރަށް މީހަކު ނުވަތަ ބަޔަކު ޖިސްމާނީ އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއްވާ ފަދަ ކަމެއް ކުރުން، ނުވަތަ ކުރަން އުޅޭކަމަށް ބެލެވިގެން އެ ކަމުން ސަލާމަތްވުމަށް ޓަކައި؛
- އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން އެހެން މީހެއްގެ ފުރާނަޔަށް ނުވަތަ ބައެއްގެ ފުރާނަޔަށް ނުރައްކާވާ ފަދަ ހާލަތެއްގައި އެ ހާލަތަކުން އެ މީހަކު ނުވަތަ ބަޔަކު ސަލާމަތްކުރުމަށް؛
- ގިނަ އަދަދެއްގެ ބަޔަކުވެގެން ހިންގާ ގާނޫނާ ހިލާފު އަމަލުތަކެއްގެ ސަބަބުން ނުވަތަ ގަވާއިދާ ހިލާފު އަމަލުތަކެއްގެ ސަބަބުން އެ ތަނެއްގެ އާންމު މަސްލަހަތު ގެއްލިދާފަދަ ކަމެއް ދިމާވުން ނުވަތަ މިއިން ކަމެއް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
- ފުލުހުންނާ ދެކޮޅަށް މީހަކު ނުވަތަ ބަޔަކު ހަތިޔާރު ބޭނުންކުރުން ނުވަތަ ބޭނުންކޮށްފާނެ ކަމަށް ގަބޫލުކުރެވުން؛
- ހޮސްޓޭޖްކުރުމާއި، ރަހީނުކުރުމުގެ އަމަލެއް ނިމުމަކަށް ގެނައުން؛
- ޓެރަރިޒަމްގެ އަމަލެއް ހުއްޓުމަކަށް ގެނައުން؛
- ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތަކާއި މުޒާހަރާތައް ނުވަތަ އެ ނޫނަސް އެފަދަ ގާނޫނާ ހިލާފު އެއްވުމުގެ ހަރަކާތްތައް ހަތިޔާރު ބޭނުންކޮށްގެން ނޫނީ ނުހުއްޓުވޭނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން، އެފަދަ ހަރަކާތެއް ހުއްޓުވުމަށް؛
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރުމުގައި، ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި، ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަމިއްލަ ސަލާމަތްތެރިކަމާއި އެހެން މީހުންގެ ސަލާމަތްތެރިކަން ގާއިމުކުރުމަށް ސަމާލުކަންދޭންވާނެއެވެ.
13 ވަނަ މާއްދާ - ހަތިޔާރު ބޭނުން ކުރުމުގެ ކުރިން އިންޒާރުކުރުން
(ހ) ހަތިޔާރު ބޭނުންކުރުމުގެ ކުރިން، އަންނަނިވި ފަދައިން އިންޒާރު ކުރަންވާނެއެވެ.
- ގާނޫނީގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްތެރިވުން؛
- ހަތިޔާރު ބޭނުންކުރާނެކަމާއި، ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެއްބާރުލުން ނުދިން ފަރާތަކުންކަން އަންގައި އިންޒާރު ކުރުން؛
- ހަތިޔާރު ބޭނުންކުރުމުގެ ކުރިން "ހަތިޔާރު ބޭނުންކުރަނީ" މިހެން ބުނުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވޭ މީހާ ކުރަމުންދާ އަމަލެއްގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެކަމުގެ ކުއްލި ހާލަތެއް އޮތްނަމަ، "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް 1 (އެކެއް) ފަހަރު އިއްވައި އިންޒާރު ކުރުމާއެކު ހަތިޔާރު ބޭނުންކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަންޖެހޭ މީހާގެ ސަބަބުން އެ ވަގުތު އެ މީހާގެ ފުރާނަޔަށް ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް އޮތްނަމަ، ނުވަތަ އެ ވަގުތު ހަތިޔާރު ބޭނުން ނުކޮށްފިނަމަ، އެ ހާލަތުގައި އެ މީހެއްގެ އަމަލު ނުހުއްޓުވޭނެކަމަށް ބެލެވޭނަމަ، އިންޒާރު ދިނުމަކާނުލައި ހަތިޔާރު ބޭނުންކުރެވިދާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަތިޔާރު ބޭނުންކުރުމުގެ ކުރިން ނަސޭހަތްދިނުމާއި އިންޒާރު ކުރުމުގެ އަސާސީ އުސޫލުތަކުގެ އިތުރުން، ވަކި ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން ހާއްސަ ގޮތެއްގައި އަމަލުކުރަންޖެހޭނަމަ، އެފަދަ ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އަމަލުކުރަންޖެހޭ ގޮތްތަކާއި، އިންޒާރު ކުރަންޖެހޭ ގޮތްތައް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލާ މެނުއަލުގައި ބަޔާންކުރަންވާނެއެވެ.
14 ވަނަ މާއްދާ - ހަތިޔާރު ބޭނުން ނުކުރެވޭ ހާލަތްތައް
(ހ) މީހަކާ ދެކޮޅަށް އަންނަނިވި ހާލަތްތަކުގައި ހަތިޔާރު ބޭނުންކޮށްގެން ނުވާނެއެވެ.
- އެއްވެސް މީހަކަށް އިންޒާރުކުރުމުގެ ގޮތުން ނުވަތަ ބިރުދެއްކުމުގެ ގޮތުން؛
- ބުއްދި ފިލައިގޮސްފައިވާ މީހަކަށް؛
- ބިޑިއަޅުވައިފައި ހުރި މީހަކަށް؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުންވެސް، އެއްވެސް މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްގެން މަގުސަދު ހާސިލު ނުވާނެކަން ކަނޑައެޅިގެން އެނގޭނަމަ، އެފަދަ ހާލަތެއްގައި ހަތިޔާރު ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައި، ދިމާވެފައިވާ ހާލަތު ކޮންޓްރޯލްކޮށް މައިތިރިކުރުމުގެ ގޮތުން ހަތިޔާރު ބޭނުންކޮށްފާނެކަމަށް ދޭހަވާފަދަ އަމަލެއް ދެއްކުމުގެ ތެރޭގައި، ހަތިޔާރަށް އަތް ގެންދިއުމާއި، ހަތިޔާރު އަތަށް ނެގުން ފަދަ ކަންކަމެއް ނުހިމެނެއެވެ.
15 ވަނަ މާއްދާ - ލެސްލީތަލް ހަތިޔާރު ބޭނުންކުރުން
(ހ) ފުލުހަކު، އެ މީހެއްގެ ދިފާއުގައި ނުވަތަ އެހެން މީހެއްގެ ދިފާއުގައި ލެސްލީތަލް ހަތިޔާރުގެ ތެރެއިން ފުރަތަމަ ބޭނުންކުރަންވާނީ ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ހުންނަ ގޭސް ނުވަތަ ލިކުއިޑް ނުވަތަ ޕައުޑަރެވެ. ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް، އެހެން ލެސްލީތަލް ހަތިޔާރެއް ފުލުހަކު ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ށ) އެއްވެސް މީހަކާ ދެކޮޅަށް ލެސްލީތަލް ހަތިޔާރެއް ބޭނުންކޮށްގެން މީހަކު ނުވަތަ ބަޔަކު ހައްޔަރު ކޮށްފިނަމަ، އެފަދަ ހަތިޔާރެއް ބޭނުންކުރުމުގެ ސަބަބުން އެ މީހަކަށް ވަގުތީގޮތުން ކުރިމަތިވެފައިވާ ތަދު ނުވަތަ ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ކުޑަކުރުމަށް އެ ހިނދަކަށް ދޭންޖެހޭ ވަގުތީ ފަރުވާ ދޭންވާނެއެވެ.
16 ވަނަ މާއްދާ - މުގުރު ބޭނުންކުރުން
(ހ) މުގުރު ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހަކާ ދެކޮޅަށް މުގުރު ބޭނުންކުރުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ށ) މުގުރުން މީހަކު ގައިގައި ޖަހާނަމަ، ފުރަތަމަ ޖަހަންވާނީ، މުގުރުން ޖެހުމުގެ ސަބަބުން އެ މީހަކަށް ދާއިމީ ގެއްލުމެއް ނުލިބޭނެ ފަދަ ޕްރައިމަރީ ޓާގެޓް އޭރިއާ ކަމަށްވާ، ގައިގެ މަސްތައް ގިނަ ހިސާބުތަކުގައެވެ.
(ނ)ޕްރައިމަރީ ޓާގެޓުގައި ޖެހުމުންވެސް ކިޔަމަންތެރި ނުވެއްޖެނަމަ، ދެން ޖަހާނީ، ސެކަންޑަރީ ޓާގެޓް އޭރިއާ ކަމަށްވާ، ހަށިގަނޑުގެ މަސްތައް މަދު، ކަށިގިނަ ތަންތަނާއި ހުޅުތަކުގައެވެ.
(ރ) ހަތިޔާރު ބޭނުންކުރާ ފުލުސް އޮފިސަރުގެ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ނުވަތަ އެނޫންވެސް މީހެއްގެ ފުރާނައަށް ނުރައްކާ އޮތްކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އެ ނުރައްކަލެއް ކުރިމަތިކުރުވާ މީހަކު ހުއްޓުވުމަށްޓަކައި ފައިނަލް ޓާގެޓްކަމަށްވާ ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް މުގުރުން ޖެހިދާނެއެވެ.
(ބ) އެއްތަނެއްގައި، އެއްވަގުތެއްގައި ތިބި ގިނަ އަދަދެއްގެ ބަޔަކާ ދެކޮޅަށް މުގުރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި، ޕްރައިމަރީ ޓާގެޓާއި ސެކަންޑަރީ ޓާގެޓް ފާހަގަކޮށް މުގުރުގެ ބޭނުންކުރެވެން ނެތް ހާލަތެއްގައިވެސް ފައިނަލް ޓާގެޓަށް މުގުރު އަމާޒުކޮށްގެން ނުވާނެއެވެ. ނަމަވެސް، އެފަދަ ހާލަތެއްގައި ފައިނަލް ޓާގެޓަށް މުގުރު އަމާޒުވުމަކީ، ކަނޑައެޅިގެން ފައިނަލް ޓާގެޓުގައި މުގުރުން ޖެހީކަމުގައި ބަލައިގެން ނުވާނެއެވެ.
(ޅ) ހުރިހާ ހާލަތެއްގައިވެސް މުގުރުން މީހެއްގެ ގައިގައި ޖަހަންޖެހޭނީ، އެ މީހެއްގެ ފުރާނައަށް ނުވަތަ އެއްވެސް ގުނަވަނަކަށް ދާއިމީ ގެއްލުމެއް ނުލިބޭ ފަދަ ގޮތަކަށް ބަލައިގެންނެވެ.
(ކ) މުގުރު ބޭނުންކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެގެން މުގުރު ބޭނުންކުރުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، އެކަމާ ގުޅޭ ހާދިސާ ރިޕޯޓެއް ތައްޔާރުކޮށް، މުގުރު ބޭނުންކުރި ސަބަބާއި، ތާރީހާއި، ގަޑިއާއި، މުގުރުގެ ބޭނުންކުރި ފުލުހެއްގެ ނަމާއި ރޭންކު އެނގޭނޭހެން، މުގުރު ބޭނުންކުރި އޮފިސަރު ސީދާ ރިޕޯޓުކުރާ ފަރާތުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
17 ވަނަ މާއްދާ - އެންޓި-ރަޔަޓް ހަތިޔާރު ބޭނުންކުރުން
އެންޓި-ރަޔަޓް ހަތިޔާރު ބޭނުންކުރަންވާނީ، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކާއި، މުޒާހަރާތަކާއި، ހިނގައިލުންތަކުގައި ނުވަތަ ގިނަ ބަޔަކު އެއްވެގެން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޓަކައި، ގިނަ ބަޔަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަންޖެހޭ ހާލަތްތަކުގައެވެ.
18 ވަނަ މާއްދާ - ތަމްރީނު ކުރުމާއި، ތަމްރީނުތައް ތާޒާކުރުމުގެ ޕްރޮގްރާމްތައް ހިންގުން
(ހ) ހަތިޔާރު ހަވާލުކުރާ ފުލުހުންނާއި ސްޕެށަލް ކޮންސްޓަބަލުންނަކީ، އެފަދަ ހަތިޔާރު ގެންގުޅެ ބޭނުންކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއިން ގަބޫލުކުރާ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް، އެ ޕްރޮގްރާމުން ފާސްވެފައިވާ ފަރާތަކަށް ވާންވާނެއެވެ.
(ށ) ހަތިޔާރު ހިފައިގެން ޑިއުޓީ އަދާކުރަންޖެހޭ ކޮންމެ ފުލުހަކު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށްފަހު، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު އެ ތަމްރީނު ޕްރޮގްރާމު ތާޒާކުރުމުގެ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ މުއްދަތުގެ އިތުރުން، ބޭނުންކުރާ ހަތިޔާރުގެ ގޮތުން، އެ ހަތިޔާރު ތައްޔާރުކުރި ފަރާތުން އެފަދަ ތަމްރީންތައް ހެދުމަށް ވަކި ހާއްސަ މުއްދަތުތަކެއް ކަނޑައަޅައިފައި އޮތްނަމަ، އެ މުއްދަތެއްގައި ތަމްރީނު ފުރިހަމަ ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުން ފުރިހަމަކުރާ ތަމްރީނުތަކާ ގުޅޭ މައުލޫމާތުތައް، އެ ފުލުހެއްގެ ރިކޯޑް ފައިލުގައި ހިމަނަންވާނެއެވެ. އަދި އެ މައުލޫމާތު، ތަމްރީނުގެ މަރުކަޒުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިންގާ ހަތިޔާރާ ގުޅޭ ތަމްރީނުތަކުގެ ތާޒާކުރުމުގެ ޕްރޮގްރާމުތައް ހިންގުން ވިލަރެސްކޮށް ބެލެހެއްޓުމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންނަށް ތަމްރީނު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ޒިންމާއެކެވެ.
19 ވަނަ މާއްދާ - ރިޕޯޓިންގ ޕްރޮސީޖަރ
(ހ) ތަމްރީނެއްގައި ނޫންގޮތަކަށް ހަތިޔާރު ބޭނުންކުރާ ހާލަތެއްގައި، ފުރިހަމަ އިހްތިޔާރުގައި ހަތިޔާރު ބޭނުންކުރާ ކޮންމެ ފަހަރަކު، އަދި ގަސްތަކާނުލައި އެންޓި-ރަޔަޓް ހަތިޔާރެއް ނުވަތަ ކޮންޑަކްޓިވް އެނަރޖީ ޑިވައިސްއެއް އޭގެ ޒާތުގައި އޮޕަރޭޓްވެއްޖެނަމަ، އެކަމުގެ މައުލޫމާތު، "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އަށް، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ރިޕޯޓް ކުރަންވާނެއެވެ.
(ށ) އެއްވެސް ހަތިޔާރެއް ބޭނުންކޮށްފިނަމަ، އެ ބޭނުންކުރި ހާލަތަކާބެހޭ ހާދިސާ ރިޕޯޓެއް އެ ޑިއުޓީއެއް ނިމުމުގެ ކުރިން ތައްޔާރުކުރަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި، އެ މީހެއްގެ ސްޕަވައިޒަރަކަށް ވަގުތުން އެ ކަމެއް އަންގަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާދިސާ ރިޕޯޓު އެކުލަވައިލުމުގެ އިތުރުން، ހަތިޔާރު ބޭނުންކޮށްފައިވާ މިންވަރު އެނގޭނެ ތަފާސްހިސާބު، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަހައްޓަންވާނެއެވެ.
20 ވަނަ މާއްދާ - ހަތިޔާރު ބޭނުންކުރިގޮތުގެ އަހަރީ ރިޕޯޓް
(ހ) ކޮންމެ އަހަރެއް ނިމުމާއެކު، އެ އަހަރުގެ ތެރޭގައި ހަތިޔާރު ބޭނުންކުރި ގޮތުގެ ރިޕޯޓެއް، "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އަށް ފޮނުވަންޖެހޭނެއެވެ. މި ގޮތުން ފޮނުވާ ރިޕޯޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެ ހަތިޔާރެއް އޮޕަރޭޓްކުރަން ބޭނުންކުރަންޖެހޭ ތަކެތީގެ ތެރެއިން ބޭނުންކުރެވުނު ތަކެތީގެ އަދަދު؛
- ހަތިޔާރު ބޭނުންކުރި ކޮންމެ ހާދިސާއެއްގައި ބައިވެރިވި ފުލުހުންގެ އަދަދު؛
- ގަސްތަކާނުލައި ހަތިޔާރެއް އޭގެ ޒާތުގައި އޮޕަރޭޓްވިނަމަ، އެ ކަން އަދި އެ ގޮތަށް ހަތިޔާރު އޮޕަރޭޓްވި އަދަދު؛
- ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އަނިޔާވި މީހުންގެ އަދަދު؛
- ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ގެއްލުން ލިބުނު ތަކެތީގެ އަދަދު؛
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި، ފްރަންޓްލައިން ޕޮލިސިންގގައި ބޭނުންކުރާ ހަތިޔާރުގެ ތެރޭގައި ހިމެނޭ މުގުރު ބޭނުންކުރުމާ ގުޅޭ ހާދިސާތައް ނުހިމެނުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.
21 ވަނަ މާއްދާ - ހަތިޔާރު ގުދަންކޮށް ބެލެހެއްޓުމާއި، އެއްތަނުން އަނެއްތަނަށް ގެންދިއުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދާ އެންމެހައި ހަތިޔާރެއް އިންވެންޓްރީކޮށް، މަރުކަޒީގޮތެއްގައި ބަލަހައްޓާނެ ނިޒާމެއް، ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށް، އެ ނިޒާމު ހިންގައި ބެލެހެއްޓުން ވަކި އިދާރީ ބަހާއަކާ ހަވާލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިޒާމުގެ ތެރެއިން މަރުކަޒީކޮށް ހަތިޔާރު ގުދަންކޮށް ބެލެހެއްޓި ނަމަވެސް، އަތޮޅުތެރޭގައި ނުވަތަ ވަކި ސިޓީތަކާއި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ބޭނުންކުރުމަށް އެ މަރުކަޒެއްގައި ހަތިޔާރު ގެންގުޅެވިދާނެއެވެ. މިގޮތަށް ހަތިޔާރު ގެންގުޅުމުގައި މަރުކަޒީކޮށް ހަތިޔާރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅައިފައިވާ ސަލާމަތާއި ރައްކައުތެރިކަމާ ބެލެހެއްޓުމުގެ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
(ނ) އެއްވެސް ހަތިޔާރެއް ހުރި ތަނުން އެހެން ތަނަކަށް ގެންދަންޖެހޭނީ، ފުރިހަމަ ސަލާމަތާއި ރައްކައުތެރިކަމާއެކު، އެކަށީގެންވާ އަދަދެއްގެ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
(ރ) ހަތިޔާރު އެއްތަނުން އަނެއް ތަނަށް އުފުލުމުގައި، ގެންދެވޭ އެންމެހައި ހަތިޔާރެއްގެ ރިކޯޑު ލިޔުމުން ބަލަހައްޓަންވާނެއެވެ.
(ބ) ހަތިޔާރު ބަހައްޓާ ގުދަން އިމާރާތްކޮށްފައި ހުންނަންވާނީ، ބައިނަލްއަގްވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ޅ) ހަތިޔާރު ގުދަނަށް ވަދެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުން އެކަމަށް ހުއްދަ ލިބިފައިވާ ފުލުހުންގެ އިސް އޮފިސަރަކާއި، އެ އޮފިސަރު ކަނޑައަޅާ ފަރާތްތަކަށް އެކަންޏެވެ.
(ކ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އެންމެހައި ހަތިޔާރުތަކާއި އާލަތްތައް ލިސްޓުކޮށް ރިކޯޑު ބެލެހެއްޓުމަކީ، މަރުކަޒީކޮށް ހަތިޔާރު ރައްކައުކޮށްފައި ބަހައްޓާ ހަތިޔާރު ގުދަނާ ހަވާލުވެ ހުންނަ ފަރާތުގެ ޒިންމާއެކެވެ.
(އ) ލާމަރުކަޒީކޮށް އަތޮޅުތެރޭގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުތަކުގެ ބޭނުމަށް ހަތިޔާރު ފޯރުކޮށްދިނުމަކީ، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
(ވ) މީލާދީ ކޮންމެ އަހަރެއްގެ ފުރަތަމަ 3 (ތިނެއް) މަސްދުވަސް ނިމުމުގެ ކުރިން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި ހަތިޔާރެއްގެ ތަފުސީލު ރިޕޯޓެއް، ކަމިށަނަރ އޮފް ޕޮލިސްއަށް ހުށަހަޅަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އަހަރު ފެށުނުއިރު ހަތިޔާރު ގުދަނުގެ އިންވެންޓްރީގައި ހުރި ހަތިޔާރުގެ އަދަދު؛
- ބޭނުންކުރި ހަތިޔާރުގެ އަދަދު؛
- އަލަށް އެތެރެކުރި ހަތިޔާރުގެ އަދަދު؛
- މުއްދަތު ހަމަވެފައިވާ ހަތިޔާރުގެ އަދަދު؛
- މުއްދަތު ހަމަވާން ކައިރިވެފައިވާ ހަތިޔާރުގެ އަދަދު؛
- ހަލާކުވެފައި ހުރި ހަތިޔާރުގެ އަދަދު؛
- ބޭނުންކުރެވޭ ހާލަތުގައި ހުރި ހަތިޔާރުގެ ޖުމުލަ އަދަދު.
(ފ) ހަތިޔާރު ރައްކައުކޮށް ބެލެހެއްޓުމާއި، ހަތިޔާރު އެއްތަނުން އަނެއްތަނަށް އުފުލުމާއި، ހަތިޔާރު ސާފުކޮށް ބެލެހެއްޓުމުގައި އަމަލުކުރާނެ ތަފުސީލު ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 4 (ހަތަރު) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
22 ވަނަ މާއްދާ - ހަތިޔާރު ނައްތައިލުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަތިޔާރާއި، ހަތިޔާރު އޮޕަރޭޓް ކުރުމަށް ބޭނުންކުރާ ތަކެތި ނައްތައިލަންޖެހޭ ހާލަތްތަކުގައި އެ ތަކެތި ނައްތައިލަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި ހަތިޔާރާއި ހަތިޔާރާއެކު ނައްތައިލަންޖެހޭ ތަކެތި ނައްތައިލުމުގެ ކުރިން އިންވެންޓްރީން އެ ތަކެތި އުނިކުރަންވާނެއެވެ.
(ށ) ހަތިޔާރު ނައްތައިލަންވާނީ، އެ ހަތިޔާރެއް ނައްތައިލުމުގެ ތެރޭގައި އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ ސަލާމަތާއި ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހުގައެވެ. އަދި ހަތިޔާރު ނައްތައިލަންވާނީ، އެ ހަތިޔާރެއް އަލުން އިޔާދަ ނުކުރެވޭނެ ފަދައަކުންނެވެ.
(ނ) ހަތިޔާރު ނައްތައިލަންވާނީ، އެ ހަތިޔާރެއްގެ ބޭނުން ނުކުރެވޭވަރަށް ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ހަތިޔާރެއްގެ ބޭނުންކުރުމުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެފަދަ ހާލަތެއް ދިމާވެދާނެކަމަށް ބެލެވޭ މިންވަރަށް ބާވެ ގިނަދުވަސްވެފައިވާ ހަތިޔާރުތަކެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ނައްތައިލަންޖެހޭ ހަތިޔާރު ކަނޑައަޅަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ހަތިޔާރު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރީ ބަހާއިން ހުށަހަޅާ ހުށަހެޅުމަކަށް ރިއާޔަތްކޮށް، ކޮމިށަނަރ އޮފް ޕޮލިސްއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނައްތައިލުމަށް ކަނޑައަޅާ ހަތިޔާރު ނައްތައިލުމުގައި އަމަލުކުރާނެ ގޮތްތަކާއި، ނައްތައިލުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމާއި، ނައްތައިލާ ހަތިޔާރާއި އެ ހަތިޔާރު އޮޕަރޭޓްކުރުމަށް ބޭނުންކުރާ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
23 ވަނަ މާއްދާ - ބަހުގެ މާނަ
މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހަތިޔާރު" ކަމަށް ބުނެފައި އެ ވަނީ، ފަޔަރއާމްސްއާއި، އެކްސްޕްލޯސިވްގެ ތެރޭގައި ނުހިމެނޭ، ފަރުދަކާ ދެކޮޅަށް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަވާނެ ގޮތަށް ފަރުމާކޮށްފައިވާ އަދި އެ މަގުސަދުގައި ބޭނުންކުރެވޭ ލެސްލީތަލް ހަތިޔާރަށެވެ.
(ށ) "ހަތިޔާރު ގެންގުޅުން" ކަމަށް ބުނެފައި އެ ވަނީ، ތަމްރީނުތަކުގައި ފަރިތަކުރުމަށް ގެންގުޅޭ ގެންގުޅުމާއި، ޑިއުޓީ އަދާކުރުމަށް ފުލުސް މީހާގެ އަތުން ހިފައިގެން ހުންނަ ހުރުމާއި، ފުލުސް މީހާގެ ހޮލްސްޓަރގައި އޮންނަ އޮތުމަށެވެ.
(ނ) "ހަތިޔާރު ބޭނުންކުރުން" ކަމަށް ބުނެފައި އެ ވަނީ، އެއްވެސް މީހަކަށް، ނުވަތަ ތަނަކަށް، ނުވަތަ އެއްޗަކަށް، ނުވަތަ މުދަލަކަށް އަމާޒުވާގޮތަށް ހަތިޔާރެއްގެ ބޭނުން ހިފުމަށެވެ.
(ރ) "އެންޓި-ރަޔަޓް ހަތިޔާރު" ކަމަށް ބުނެފައި އެ ވަނީ، ކުށުގެ އަމަލު ހިންގާ ފަރާތްތައް ހުއްޓުވުމަށާއި، ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތައް ރޫޅައިލުމަށާއި، ބަޔަކު އެއްވެގެން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އަމަންއަމާންކަން ދެމެހެއްޓުމަށް ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރަށެވެ.
(ބ) "ތަމްރީނުގެ މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ތަމްރީނުގެ މަރުކަޒަށެވެ.
(ޅ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު