-

ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-105)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފާއި، ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 129 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުން ބަލަހައްޓާ ޕޮލިސް ރިކޯޑު ހާމަކުރުމާއި، ޕޮލިސް ރިކޯޑަށް އެދުމާއި، ރިކޯޑު ދޫކުރުމާއި، ރިކޯޑު ބެލެހެއްޓުމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ފުލުހުން ތަހުގީގުކުރާ މައްސަލަތަކާ ގުޅޭ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތައް މަރުކަޒީގޮތުގައްޔާއި ލާމަރުކަޒީ ގޮތެއްގައި ރައްކައުކޮށް ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުން.

(ށ) ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އުފައްދައިފައިވާ މުއްސަސާއަކުން ހިންގުން ހުއްދަ ތަހުގީގެއްގައި ނުވަތަ ބަލަމުންދާ މައްސަލައެއްގައި ވަކި މީހަކާ ބެހޭގޮތުން ހޯދަން ބޭނުންވާ ޕޮލިސް ރިކޯޑު ހާމަކުރުމުގެ އުސޫލުތައް ބަޔާންކުރުން.

(ނ) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހަކަށް ވަޒީފާ ދިނުމުގެ ކުރިން އޭނާއަށް ވަޒީފާ ދޭން ގަސްތުކުރާ ފަރާތަށް ދޫކުރާ، އެފަދަ މީހަކާ ގުޅޭގޮތުން ފުލުހުން ބަލަހައްޓާ ރިކޯޑު ހާމަކުރުމުގެ އުސޫލުތައް ބަޔާންކުރުން.

(ރ) ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިދޭގޮތަށް، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން އުފައްދައިފައިވާ މުއައްސަސާއަކުން ހިންގާ ތަންފީޒީ ހަރަކާތަކަށް ބޭނުންވާ އިންޓެލިޖެންސް އެސެސްމަންޓް ދޫކުރުމާ ގުޅޭ އިޖުރާއަތުތައް ބަޔާންކުރުން.

(ބ) ފުލުހުން ބަލަހައްޓާ ކުށުގެ ރިކޯޑުގެ ތެރެއިން، އެ މީހެއްގެ ރިކޯޑު ސާފުކުރުމަށް އެދުމުން، ރިކޯޑު ހާމަކުރުމުގެ އުސޫލުތައް ބަޔާންކުރުން.

(ޅ) ފުލުހުން ތަހުގީގުކުރާ މައްސަލައެއްގެ ފުރިހަމަ ރިކޯޑާއި ލިޔެކިޔުންތައް ރައްކައުކޮށް ބަލަހައްޓާނެ ގޮތާއި، އެފަދަ ލިޔެކިޔުންތައް ބަލަހައްޓާނެ މުއްދަތު ކަނޑައެޅުން.

(ކ) ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ބޭނުމަށް ތައްޔާރުކުރާ ލިޔެކިޔުންތަކާއި، އެއްކުރާ ލިޔެކިޔުންތައް، މަރުކަޒީކޮށާއި ލާމަރުކަޒީކޮށް ނައްތައިލުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒު ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

4 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޕޮލިސް ރިކޯޑު" ނުވަތަ "ރިކޯޑު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށަކާ ގުޅޭގޮތުން ނުވަތަ އުފުލިފައިވާ ދައުވާއަކާ ގުޅޭގޮތުން ނުވަތަ ކުރަމުންދާ ނުވަތަ ކުރެވިފައިވާ ތަހުގީގަކާ ގުޅޭގޮތުން ފުލުހުން ބަލަހައްޓަމުންދާ މައުލޫމާތަށެވެ.

(ށ) "ލިޔެކިޔުމުގެ ނަކަލު" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުމުގެ ކޮޕީއާއި، އޯޑިއޯއާއި، ވީޑިއޯއާއި، ސީޑީ ފަދަ ވަސީލަތެއްގައި ދޫކުރެވޭ އެންމެހައި ރިކޯޑުތައް ހިމެނޭގޮތަށެވެ.

(ނ) "ޕޮލިސް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގައި ރިކޯޑު ކުރެވިފައިވާ، އޭނާގެ ޕޮލިސް ރިކޯޑު ހޯދުމަށް އެދުމުން، ދިވެހި ފުލުހުންގެ ހިދުމަތުގައި އޭނާގެ ޕޮލިސް ރިކޯޑެއް އޮތްކަން ނުވަތަ ނެތްކަން ބަޔާންކޮށްފައި ދޫކުރާ ލިޔުމަށެވެ.

(ރ) "ރިކޯޑު ދޫކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގައި އޭނާގެ ޕޮލިސް ރިކޯޑެއް އޮތްކަން ނުވަތަ ނެތްކަން ބަޔާންކޮށްފައި އޭނާއަށް އެކަން ލިޔުމުން އަންގާ އެންގުމަށެވެ.

 

 

ދެވަނަ ބާބު

ޕޮލިސް ރިކޯޑަށް އެދުމާއި، ރިކޯޑު ދޫކުރުން

 

5 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

(ހ) ފުލުހުން ތަހުގީގުކުރާ ޖިނާއީ ކުށުގެ މައްސަލަތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، އެފަދަ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި، ތުހުމަތުކުރެވޭ ފަރާތްތަކާއި، އެފަދަ މައްސަލަތަކުގެ އެންމެހައި މައުލޫމާތާއި، ދައުވާކުރުމަށް ފޮނުވޭ މައްސަލަތަކާއި، ފައިލްކުރާ މައްސަލަތަކާ ގުޅޭ އެންމެހައި މައުލޫމާތާއި، ލިޔެކިޔުންތައް އަދި މިނޫނަސް އެފަދަ މައުލޫމާތާއި ލިޔެކިޔުންތައް ބެލެހެއްޓުމާ ގުޅިގެން އިދާރީގޮތުން ބަލަހައްޓަންޖެހޭ އެންމެހައި މައުލޫމާތު، ލިޔުމުންނާއި ޑިޖިޓަލްކޮށް ރިކޯޑުކޮށް ބެލެހެއްޓުމުގެ ނިޒާމެއް، ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ގާއިމުކުރެވޭ ނިޒާމަކީ، މަރުކަޒީކޮށާއި ލާމަރުކަޒީކޮށް، ލިޔެކިޔުމާއި މައުލޫމާތު ބެލެހެއްޓޭގޮތަށް ގާއިމުކުރެވޭ ނިޒާމަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ - ރިކޯޑަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްގެން ހިންގާ ފުލުހުންގެ ކޮންމެ މަރުކަޒަކަށް ވެސް ހުށަހެޅިދާނެއެވެ.

(ށ) އަމިއްލަ ފަރުދަކު ރިކޯޑު ހޯދުމަށް އެދި ހުށަހަޅަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ "ޕޮލިސް ސެޓުފިކެޓަށް އެދޭ ފޯމު" ނުވަތަ ޕޮލިސް ސެޓުފިކެޓަށް އެދުމަށް ގާއިމުކޮށްފައިވާ ޕޯޓަލް ނުވަތަ އޮންލައިން އެޕްލިކޭށަން މެދުވެރިކޮށް؛
  2. އާންމު ފަރާތްތަކުން ފޮނުވާ ސިޓީއާއި މެއިލް މެދުވެރިކޮށް؛
  3. ވަޒީފާ ދޭ ފަރާތްތަކުގެ ރިކޯޑު ސާފުކުރުމަށް، ފުރިހަމަކުރާ ފޯމު މެދުވެރިކޮށް.

(ނ) ދައުލަތުގެ އިދާރާއަކުން ރިކޯޑު ހޯދުމަށް އެދި ހުށަހަޅަންވާނީ، އެކަމަށް އެދި އެ އިދާރާއަކުން ފޮނުވާ ރަސްމީ ލިޔުމެއް މެދުވެރިކޮށެވެ.

(ރ) ކުންފުންޏަކުން ނުވަތަ އެނޫންވެސް ގާނޫނީ ށަހުސަކުން، ރިކޯޑު ހޯދުމަށް އެދި ހުށަހަޅަންވާނީ، އެކަމަށް އެދި އެ އިދާރާއަކުން ފޮނުވާ ރަސްމީ ލިޔުމެއް މެދުވެރިކޮށެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހޯދުމަށް އެދޭ ރެކޯޑަކީ ވަކި މީހަކާ ގުޅޭ ރެކޯޑެއް ނަމަ، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރު، އެ ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ހޯދުމަށް އެދޭ ރެކޯޑަކީ، ކުންފުންޏަކާ ގުޅޭ ނުވަތަ އެފަދަ ގާނޫނީ ށަހުސަކާ ގުޅޭ ރެކޯޑެއް ކަމުގައި ވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އެފަދަ ގާނޫނީ ށަހުސުގެ ރަޖިސްޓަރީގެ ކޮޕީ، ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ލިޔުމާއެކު ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހޯދުމަށް އެދޭ ރެކޯޑަކީ، އެ ރިކޯޑު ހޯދުމަށް އެދޭ ފަރާތް ނޫން އެހެން ތިންވަނަ ފަރާތެއްގެ ރިކޯޑެއްނަމަ، އެ ރިކޯޑު ދޫކުރުމާމެދު، އެ ތިންވަނަ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް، އެފަދަ ހުށަހެޅުމަކާއެކު ހުށަހަޅަންވާނެއެވެ.

(ކ) ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން ރިކޯޑު ހޯދުމަށް އެދި ހުށަހަޅަންވާނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށެވެ.

 

7 ވަނަ މާއްދާ - ރިކޯޑު ހޯދުމަށް އެދި ހުށަހެޅުމުން އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރިކޯޑު ދޫކުރަންވާނެއެވެ.

(ށ) ރިކޯޑު ދޫކުރުމަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއް ހޭދަވާނަމަ، ލަސްވާ ސަބަބާއި، ރިކޯޑު ދޫކުރެވޭނެކަމަށް ލަފާ ކުރެވޭ މުއްދަތު، ލިޔުމުން އަންގަންވާނެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު އަމަލުކުރާނީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަނުވާ ހުށަހެޅުން

(ހ) ރިކޯޑެއް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ފުރިހަމަވާންޖެހޭނެކަމަށް މި ގަވާއިދުގައި އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ. އެ ހާލަތުގައި އެފަދަ ހުށަހެޅުމަކާ ގުޅިގެން ރިކޯޑު ދޫނުކޮށް އެ ހުށަހެޅުން ބާތިލުކުރެވޭނެއެވެ.

(ށ) ރިކޯޑު ހޯދުމަށް އެދި ހުށަހަޅައިފައިވާ އެއްވެސް ހުށަހެޅުމެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކޮށްފިނަމަ، ސަބަބު ބަޔާންކޮށް، ރިކޯޑު ހޯދަން އެދުނު ފަރާތަށް، ރަސްމީ ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ރިކޯޑު ދިނުން ފަސްކުރުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހޯދުމަށް އެދި ހުށަހަޅައިފައިވާ ރިކޯޑަކީ ތަހުގީގު ހިނގަމުންދާ މައްސަލައަކާ ގުޅޭ ރިކޯޑަކަށް ވެފައި، އެ ރިކޯޑު ދޫކުރުމުގެ ސަބަބުން ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ބެލެވޭ ހާލަތްތަކުގައި ނުވަތަ ހޯދުމަށް އެދިފައިވާ ރިކޯޑަކީ ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެކަމަށް ބެލެވޭ ފަރާތެއްގެ މައްޗަށް ނުވަތަ މީހެއްގެ މައްޗަށް ހިންގަމުންދާ ތަހުގީގަކާ ގުޅޭ ރިކޯޑެއް ކަމުގައި ވާނަމަ، އެފަދަ ރިކޯޑެއް، ކަނޑައަޅާ ވަކި މުއްދަތަކަށް ނުދީ ހިފެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިކޯޑު ދިނުން ފަސްކުރަން ޖެހިއްޖެ ހާލަތެއްގައި ފަސްކުރަންވީ މުއްދަތު ކަނޑައަޅާނީ، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ނުވަތަ އެކަމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ މުވައްޒަފަކެވެ.

 

10 ވަނަ މާއްދާ - ރިކޯޑު ދެވޭނެ ގޮތްތައް

މި ގަވާއިދުގެ ދަށުން ދެވޭ ރިކޯޑު ދޫކުރާނީ، އަންނަނިވި ގޮތްތަކަށެވެ.

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ރިކޯޑުގެ ގޮތުގައި ދޫކުރާނީ، ޕޮލިސް ސެޓުފިކެޓެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ރިކޯޑުގެ ގޮތުގައި ދޫކުރާނީ، އެ ފަރާތުން ހުށަހަޅާ ލިޔުމުގައި ރިކޯޑު އޮތްކަން ނުވަތަ ނެތްކަން ބަޔާންކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތައްގަނޑު ޖަހައި ސޮއިކުރުމަށްފަހުގައެވެ. މިގޮތަށް ރިކޯޑު ދޫކުރުމުގައި، ރިކޯޑު އޮތްކަމަށް ބަޔާންކޮށްފިނަމަ، އެ ލިޔުމާއެކު ޕޮލިސް ރިކޯޑު އޮތްކަމަށް ބަޔާންކުރި ކުރުމުގެ ތަފުސީލު ލިޔުމެއް ދޫކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ރިކޯޑުގެ ގޮތުގައި ދޫކުރާނީ، ރިކޯޑު ހޯދުމަށް އެދި ހުށަހަޅައިފައިވާ ލިޔުމާ ހަވާލާދީފައި ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ ލިޔުމަކުންނެވެ.

 (ރ) ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ލިބިދީފައިވާ މުއައްސަސާއަކުން ހިންގާ ތަންފީޒީ ހަރަކާތަކަށް ބޭނުންވެގެން ހޯދުމަށް އެދި ހުށަހަޅާ ރިކޯޑުގެ ގޮތުގައި ދޫކުރާނީ، ހަމައެކަނި އެ މުއައްސަސާއަށް ފޮނުވާ އިންޓެލިޖެންސް އެސެސްމަންޓް ލިޔުމެވެ.

 

11 ވަނަ މާއްދާ - ރިކޯޑު އޮތްކަމުގައި ބެލުން

މި ގަވާއިދުގެ ދަށުން ރިކޯޑު ދޫކުރުމުގައި، ވަކި ފަރާތެއްގެ ޕޮލިސް ރިކޯޑު އޮތްކަމުގައި އާންމު އުސޫލުން ބަލާނީ، އެ ފަރާތަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގައި ރިކޯޑު ކުރެވިފައިވާ ނަމައެވެ.

(ހ) ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ޖިނާއީ ކުށުގެ މައްސަލައެއްގައި ތުހުމަތު ކުރެވި ތަހުގީގު ހިނގަމުންދިއުން.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވުން.

 

12 ވަނަ މާއްދާ - ވަޒީފާގެ ބޭނުމަށް ރިކޯޑު އޮތްކަމުގައި ބެލުން

(ހ) ވަޒީފާގެ ބޭނުމަށް ރިކޯޑު ހާމަކުރުމުގައި މީހެއްގެ ރިކޯޑު އޮތްކަމުގައި ބަލާނީ، އެ މީހަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގައި ރިކޯޑު ކުރެވިފައިވާ ނަމައެވެ.

  1. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިގެން ތަހުގީގު ހިނގަމުންދިއުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއް ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް އެއްފަހަރަށްވުރެ ގިނަފަހަރު ނުވަތަ އެއް ކުށަށްވުރެ ގިނަ ކުށުގެ ތުހުމަތު ކުރެވިފައިވާނަމަ، ވަޒީފާގެ ބޭނުމަށް އެ މީހެއްގެ ރިކޯޑު ހާމަކުރުމުގައިވެސް ބަލަންވާނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.

 

13 ވަނަ މާއްދާ - ވަޒީފާގެ ބޭނުމަށް ކުޑަކުދިންގެ ކުށުގެ ރިކޯޑު ދޫކުރުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ދަށުން އެޅޭ ފިޔަވަޅަކާ ގުޅޭ މައުލޫމާތުގެ ރިކޯޑު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބެލެހެއްޓި ކަމުގައި ވިޔަސް، ޑައިވަރށަންގެ ޕްރޮގްރާމެއް ފުރިހަމަކުރާ ކުއްޖަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ރެކޯޑެއް ދޫކޮށްގެން ނުވާނެއެވެ.

(ށ) އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ރިކޯޑުތަކާއި، 18 (އަށާރަ) އަހަރު ފުރިފައިވީ ނަމަވެސް، ކުޑަކުއްޖެއްގެ ގޮތުގައި ހުރި މުއްދަތުގެ ރިކޯޑުތައް، ކޯޓު އަމުރަކުން ހުއްދަ ލިބިގެން، ކުއްޖާގެ މައްސަލަ ބަލާ ފަރާތަށާއި، ކަނޑައެޅިގެން އެކަމަށް ހުއްދަކުރެވޭ އެހެން ފަރާތްތައް ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ރިކޯޑު ބެލުމުގެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ރިކޯޑު ހޯދުމަށް އެދޭ ފަރާތުގެ ރިކޯޑު ބެލުމުގެ މުއްދަތަކީ، ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން، ފާއިތުވި މީލާދީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ހޯދުމަށް އެދި ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ރިކޯޑު ބަލައިދިނުމަށް ނުވަތަ ހޯދުމަށް އެދިފައިވާނަމަ، އެ މުއްދަތަކަށް ރިކޯޑު ބަލައިދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

15 ވަނަ މާއްދާ - ނިމިފައިވާ މައްސަލަތަކާ ގުޅޭ ރިކޯޑު ދޫކުރުން

ދިވެހި ފުލުހުންގެ ހިދުމަތުން ހިންގައިފައިވާ ތަހުގީގެއްގައި ކުށުގެ ތުހުމަތު ކުރެވުނު ފަރާތެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމައިފައިވާ މައްސަލަތަކާއި، ފައިލްކޮށްފައިވާ މައްސަލައެއްގައި ތުހުމަތުކުރެވިފައިވާ ފަރާތެއްގެ ރިކޯޑު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެފަދަ ރިކޯޑެއް ދޫކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ނިންމިދާނެއެވެ.

 

16 ވަނަ މާއްދާ - ހުކުމް ތަންފީޒުކޮށް ނިމިފައިވާ މައްސަލަ ރިކޯޑު

މި ގަވާއިދުގެ 11 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، އެ މީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ށަރީއަތް ނިމި، އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާކަން ބަޔާންކޮށް ހުކުމް ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ރިކޯޑު ހޯދުމަށް އެދޭ ފަރާތުން ހުށަހަޅައިފިނަމަ ނުވަތަ އެ އިދާރާއަކުން އެކަން ދިވެހި ފުލުހުންގެ ހިދުމަތަށް އަންގައިފިނަމަ، އެ މައްސަލައެއްގެ މައުލޫމާތު، މި ގަވާއިދުގެ ދަށުން ދޫކުރާ ރިކޯޑުގައި ހިމަނައިގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ - ތިންވަނަ ފަރާތެއްގެ މައުލޫމާތު ހާމަކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހޯދުމަށް އެދި ހުށަހަޅާ ރެކޯޑަކީ ތިންވަނަ ފަރާތެއްގެ ރިކޯޑު ކަމުގައި ވާނަމަ، އެފަދަ ރިކޯޑެއް ދޫކުރަންވާނީ، އެ ހުޅަހެޅުމަކާ ގުޅޭގޮތުން މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިޔުން ހުށަހަޅައިފައިވާނަމައެވެ.

 

18 ވަނަ މާއްދާ - ރިކޯޑުގައި ހިމެނޭނެ މައުލޫމާތު

(ހ) މި ގަވާއިދުގެ ދަށުން ރިކޯޑު ހާމަކުރުމުގެގޮތުން ދޫކުރާ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ނަމާއި، ދާއިމީ އެޑްރެހާއި، ގައުމީ ނިސްބަތް؛
  2. ދިވެހި ރައްޔިތެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު؛
  3. ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރު؛
  4. ޕޮލިސް ސެޓުފިކެޓެއް ނަމަ، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއި، ވަކި މުއްދަތަކަށް ދޫކުރެވޭ ސެޓުފިކެޓެއް ނަމަ މުއްދަތު އަދި ވަކި ބޭނުމަކަށް ހާއްސަކޮށް ދޫކުރެވޭ ސެޓުފިކެޓެއް ނަމަ އެކަން؛
  5. ތުހުމަތުކުރެވޭ މައްސަލައިގެ ސްޓޭޓަސް؛ 

(ށ) ރިކޯޑު ހޯދުމަށް ހުށަހަޅާ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތަށްވުރެ އިތުރު މައުލޫމާތު ހިމަނައިދިނުމަށް އެދިފައިވާނަމަ، އިތުރު މައުލޫމާތު ހިމެނުމަށް ނިންމިދާނެއެވެ.

 

19 ވަނަ މާއްދާ - ރިކޯޑު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރިކޯޑުގައިވާ މައުލޫމާތަކީ އެ މައުލޫމާތު ނިސްބަތްވާ ފަރާތުން ދެކޭގޮތުގައި ސައްހަނޫން މައުލޫމާތެއްނަމަ، އެ މައުލޫމާތު އިސްލާހު ކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާއިރު މައުލޫމާތު ސައްހަނޫންކަމުގެ ސަބަބު ބަޔާންކޮށް، އެފަދަ މައުލޫމާތާ ގުޅޭ ސައްހަ ލިޔުން ނުވަތަ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާއިމުކުރެވޭ ރިކޯޑު ބެލެހެއްޓުމުގެ ނިޒާމު މަރުކަޒީގޮތެއްގައި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުންނެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، އެ ހުށަހެޅުމަކީ ސައްހަ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމަކާ އެއްގޮތަށް ރިކޯޑުކޮށްފައިވާ މައުލޫމާތު ބަދަލުކުރަންވާނެއެވެ. އަދި ހުށަހެޅުމުގައި ހިމެނޭ މައުލޫމާތަކީ ސައްހަ މައުލޫމާތުކަމަށް ކަށަވަރު ނުވާނަމަ، އެ މައުލޫމާތުގެ މައްޗަށް ބަލައިގެން ރިކޯޑަށް ބަދަލުގެނެސްގެން ނުވާނެއެވެ.

 

 

ތިންވަނަ ބާބު

ރިކޯޑު ބެލެހެއްޓުމުގެ ބޭނުމަށް ލިޔެކިޔުން ރައްކައުކޮށް ބެލެހެއްޓުމާއި ނައްތައިލުން

 

20 ވަނަ މާއްދާ - ލިޔެކިޔުންތަކާއި މައުލޫމާތުތައް ރައްކައުކުރުމާއި ނައްތައިލުން

ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޕޮލިސް ރިކޯޑާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި މައުލޫމާތު ބަލަހައްޓައި ނައްތައިލަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ރައްކައުކުރަންޖެހޭ ލިޔެކިޔުމާއި

 

21 ވަނަ މާއްދާ - މައުލޫމާތުތައް

(ހ) ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި، އެއްކުރާ ލިޔެކިޔުންތައް، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކައުކޮށް ބަލަހައްޓަންވާނެއެވެ. އަދި ރައްކައުކުރެވޭ ލިޔެކިޔުންތަކުގެ ބާވަތާއި، ލިޔެކިޔުން ރައްކައުކޮށް ބަލަހައްޓަންޖެހޭ މުއްދަތު، ތިރީގައި މިވަނީއެވެ.

  1. ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް، 8 (އަށެއް) އަހަރުދުވަސް؛
  2. ޖުނަހުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް، 3 (ތިނެއް) އަހަރުދުވަސް؛
  3. ދައުވާކުރަން ފޮނުވިފައިވާ މައްސަލައެއްނަމަ، ށަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާތައް ނިމެންދެން؛

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގާ ބޮޑެތި މައްސަލަތަކާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކާއި، ތާރީހަށްޓަކައި ރައްކައުކުރަންޖެހޭ ފަދަ މައްސަލަތަކުގެ ލިޔެކިޔުމާއި މައުލޫމާތު، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި މައްސަލަތައް ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ މުއްދަތަކީ، އެ މައްސަލައެއްގެ ލިޔެކިޔުންތަކުގެ ކަރުދާސް ނުވަތަ ފިޒިކަލް ޑޮކިއުމަންޓް ބަލަހައްޓަންޖެހޭ މުއްދަތެވެ.

(ރ) މި މާއްދާގެ (ހ) ގައި މައްސަލަތަކާ ގުޅޭ މައުލޫމާތުތައް ލިޔެކިޔުންތައް ބެލެހެއްޓުމަށް ވަކިމުއްދަތެއް ކަނޑައަޅައިފައި އޮތް ނަމަވެސް، އެފަދަ މައުލޫމާތާއި ލިޔުންތައް ދާއިމީކޮށް ޑިޖިޓަލްކޮށް ބަލަހައްޓަންވާނެއެވެ.

 

22 ވަނަ މާއްދާ - ލާމަރުކަޒީކޮށް ބަލަހައްޓާ ލިޔެކިޔުންތައް ނައްތައިލުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލަހައްޓާ މައްސަލަތަކުގެ ލިޔުންތަކުގެ ތެރެއިން ލާމަރުކަޒީކޮށް ބަލަހައްޓާ އެފަދަ ލިޔުންތައް ނައްތައިލަންވާނީ، އެފަދަ ލިޔުންތައް މަރުކަޒީގޮތެއްގައި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަށް ލިޔުމުން އެންގުމަށްފަހު، އެ ފަރާތުގެ ހުއްދައާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ނިންމާ ގޮތެއް، ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

 

23 ވަނަ މާއްދާ - ރައްކައުކުރެވޭ ލިޔެކިޔުންތަކާއި މައުލޫމާތުތައް ނައްތައިލުން

(ހ) ރަސްމީ ލިޔެކިޔުންތަކާއި މައުލޫމާތުތައް ނައްތައިލުމަށް ހުއްދަދިނުމުގައި ނުވަތަ ހުއްދަ ނުދިނުމުގައި ރިއާޔަތްކޮށް ބަލާނީ، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.
(ށ) މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ނައްތައިލުމުގެ ކުރިން، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ނައްތައިލެވޭ މައްސަލައާ ގުޅޭ ހުރިހާ ލިޔުމެއް ސްކޭންކުރުން؛
  2. ނަކަލު ނުކުރެވޭނެ އަދި ނަގުލުވެސް ނުކުރެވޭނެ ފަދަ ގޮތަކަށް ނައްތައިލުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔެކިޔުންތައް ސްކޭން ކުރެވުނުކަން ޔަގީންކުރުމަކީ ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑާއި، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ޒިންމާއެކެވެ.

(ރ) މަރުކަޒީގޮތެއްގައި ނައްތައިލާ ލިޔެކިއުންތައް ނައްތައިލަންވާނީ، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ފަރާތުން ކަނޑައަޅާ ކޮމިށަންޑް އޮފިސަރަކާއި، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ މުވައްޒަފެއްގެ ހާޒިރުގައެވެ.

(ބ) ލާމަރުކަޒީކޮށް ބަލަހައްޓާ ލިޔެކިޔުން ނައްތައިލުމުގައި އެކަން ކުރަންވާނީ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިދާރީ ބަހާތަކުން ކަނޑައަޅާ ފުލުހުންގެ ހާޒިރުގައެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކޮށްފައިވާ ގޮތް އެނގޭނޭހެން ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު