-

ލިޔެކިޔުންތަކާއި، ތަންތަނާއި، ތަކެއްޗާއި، އާލަތްތައް ކްލެސިފައި ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-011)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (16) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ލިޔެކިޔުންތަކާއި، ތަންތަނާއި، ތަކެއްޗާއި، އާލަތްތައް ކްލެސިފައިކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ލިޔެކިޔުންތަކާއި، ތަންތަނާއި، ތަކެއްޗާއި، އާލަތްތައް ކްލެސިފައިކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގައި ތަންފީޒު ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

3 ވަނަ މާއްދާ -  މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރަމުންދާ ލިޔެކިޔުމާއި، ތަކެއްޗާއި، ތަންތަނާއި، އާލަތްތައް ކްލެސިފައިކޮށް، ބޭނުންކުރުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައެޅުމާއެކު، އަންނަނިވި ކަންކަން ޔަގީންކުރުމެވެ.

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ރަސްމީ ލިޔެކިޔުންތަކާއި، ކުރެވޭ މުއާމަލާތުތަކުގެ މައުލޫމާތު ގިންތިކުރުމާއެކު، އެފަދަ މައުލޫމާތު ސިއްރުކުރުމާއި، ހާމަކުރެވޭނެ މިންގަނޑުތައް ކަނޑައެޅުން.

(ށ) ލިޔުންތަކާއި، ހާމަކުރެވޭ މައުލޫމާތަކީ، ހާމަކުރުމަށް އެކަށޭނަ ފުރިހަމަ މައުލޫމާތުކަން ކަށަވަރުކުރުމާއެކު، އެ ތަކެތީގެ އަސްލު ނުގެއްލޭނޭ ގޮތަށް ބެލެހެއްޓުމާއި، ރައްކައުތެރި ކުރާނެ ގޮތް ބަޔާންކުރުން.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒުތަކާއި، ފުލުހުންގެ އިމާރާތްތަކާއި، އެ އިމާރާތްތަކުގައި ގާއިމުކޮށްފައިވާ އޮފީސްތަކުގެ ސެކިއުރިޓީ މިންގަނޑުތައް ކަނޑައަޅައި ގިންތިކުރުމާއެކު، އެ އިމާރާތްތަކަށް ވަދެވޭނެ ފަރާތްތައް ކަނޑައެޅުން.

(ރ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ތަކެއްޗާއި އާލަތްތައް ގިންތިކުރުން.

 

4 ވަނަ މާއްދާ -  ރަސްމީ ލިޔެކިޔުން ކަނޑައެޅުމާއި، ރައްކައުތެރިކަން ކަށަވަރުކުރުން

(ހ) މި ގަވާއިދުގެ މަގުސަދަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުންތަކަކީ، މި ގަވާއިދުން ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ސިޔާސަތަކުން އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންނުކުރާހައި ހިނދަކު، ރަސްމީ ލިޔެކިޔުންކަމުގައި ބަލަންވާނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ރަސްމީ ލިޔެކިޔުމަކީ، ހާއްސަ ސަލާމަތާއި ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކަކަށްވާތީ، އެފަދަ ތަކެތި އެކަށީގެންވާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު، ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކޮށްފައި ހުންނަންވާނެއެވެ. މި ގޮތުން ރައްކައުތެރިކޮށް ބަލަހައްޓާއިރު، އެ ތަކެތި ގެންގުޅުމާއި، ރައްކައުކުރުމާއި، ހާމަކުރުމާއި، އެ ނޫންވެސް މިފަދަ ކަންކަމުގައި ތަފާތު ގިންތިތަކަށް ކަނޑައަޅައި  އެ ގިންތިތަކާއި މިންގަނޑުތައް ބޭނުންކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ލިޔެކިޔުން ގިންތިކުރެވޭ ގޮތް އެނގޭނޭހެން ތައްގަނޑެއް ޖަހައިފައި  ނުވަތަ ސްޓިކަރއެއް ތަތްކޮށްފައި ނުވަތަ ލޭބަލްކޮށްފައި ހުންނަންވާނެއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ވަކިގޮތަކަށް ގިންތިކޮށްފައިނުވާ ލިޔެކިޔުމާމެދު އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ހަމަތަކުގެ މަތީންނެވެ.

 

5 ވަނަ މާއްދާ -  ފުލުހުގެ ހިދުމަތުން ތައްޔާރުކުރާ ލިޔެކިޔުންތައް ގިންތިކުރުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ ލިޔެކިޔުމުގެ ގިންތި ކަނޑައަޅާނީ އެ ލިޔުމެއް ތައްޔާރުކުރާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ ބާވަތަކީ އަދި އެ ލިޔުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތެރޭގައި ގާއިމުކޮށްފައިވާ ކޮމްޕިއުޓަރ ނެޓްވޯކެއްގެ ތެރެއިން އުފައްދާ ލިޔުމެއްނަމަ، އެފަދަ ލިޔުމެއް ގިންތި ކުރެވޭނެ ގޮތެއް އެ ނެޓްވޯކުގެ ތެރެއިން ހަމަޖައްސައިފައި އޮންނަންވާނެއެވެ.

 

6 ވަނަ މާއްދާ -  ފުލުހުންގެ ހިދުމަތަށް ރައްދުވާ ލިޔެކިޔުންތައް

(ހ) އެހެން ފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާ ލިޔެކިޔުން  ގިންތި ކުރުމުގައި އަންނަނިވި ހަމަތަކަށް ބަލަންވާނެއެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތަށް ލިޔުމެއް ލިބޭއިރު، އެ ލިޔުމަކީ ވަކިގޮތަކަށް ގިންތިކޮށްފައިވާ ލިޔުމެއްނަމަ، އެ ލިޔުމެއް ލިބޭއިރު ގިންތި ކޮށްފައިވާ ގޮތާ އެއްގޮތަށް އެ ލިޔުމެއް ގިންތިކުރުން؛
  2. ދިވެހި ފުލުހުންގެ ހިދުމަތަށް ލިޔުމެއް ލިބޭއިރު، އެ ލިޔުމަކީ ވަކިގޮތަކަށް ގިންތިކޮށްފައިނުވާ ލިޔުމެއްނަމަ، ދިވެހި ފުލުހުންގެ ހިދުމަތަށް އެ ލިޔުމެއް ބަލައިގަންނަ ފަރާތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގިންތިއަކަށް އެ ލިޔުން ކްލެސިފައިކުރުން.

(ށ) ފުލުހުންގެ ހިދުމަތަށް ރައްދުވާ ކޮންމެ ލިޔުމެއްވެސް ބަލަންޖެހޭނީ، އެ ލިޔުމަކީ ރަސްމީ ލިޔުމެއްގެ ގޮތުގައެވެ. އަދި އެ ލިޔުންތައް ގިންތިކުރާނެ ގޮތްތައް މި ގަވާއިދުގައި ކަނޑައަޅައިފައި ވާނެއެވެ.

 

7 ވަނަ މާއްދާ -  ލިޔެކިޔުމުގެ ގިންތިތައް

ދިވެހި ފުލުހުންގެ ހިދުމަތުގައި ލިޔެކިޔުން ކްލެސިފައިކޮށްފައިވަނީ އަންނަނިވި ދަރަޖަތަކުގެ މައްޗަށެވެ.

(ހ) ސިއްރު.

(ށ) އާންމުކުރުން މަނާ.

(ނ) އާންމު.

 

8 ވަނަ މާއްދާ -  ސިއްރު ލިޔެކިޔުންތައް

(ހ) ސިއްރު ގިންތީގައި ހިމެނޭ ލިޔުންތަކުގައި، އެ ލިޔުމަކީ ސިއްރު ލިޔުމެއްކަން ބަޔާންކޮށް، "ސިއްރު" މި އިބާރާތުގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ. 

(ށ) ސިއްރު ގިންތީގައި ހިމެނޭ ލިޔެކިޔުންތަކުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ  ލިޔެކިޔުންތައް ހިމެނެއެވެ.

  1. ދިވެހި ދައުލަތުގެ ދާހިލީ ސަލާމަތަށް ނުވަތަ ހާރިޖީ ސަލާމަތަށް ނުރަނގަޅު އަސަރެއް ކޮށްފާނެ މައުލޫމާތު ހިމެނޭ ލިޔެކިޔުން؛
  2. ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކާބެހޭ ނުވަތަ އެފަދަ މައުލޫމާތެއް އެއްވެސް މިންވަރަކަށް ހިމެނޭ ލިޔުމެއް؛
  3. ދައުލަތުގެ ސިއްރުގެ ގޮތުގައި އެއްވެސް ފަރާތަކުން ކަނޑައަޅައިފައިވާ މައުލޫމާތެއް ހިމެނޭ ކޮންމެ ލިޔުމެއް؛
  4. އެ މައުލޫމާތެއް ހާމަވެއްޖެނަމަ، ފަރުދަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ގާނޫނީ ށަހުސަކަށް މާއްދީ ނުރައްކަލެއް ނުވަތަ ގެއްލުމެއް ކުރިމަތިވެދާނެ ފަދަ މައުލޫމާތެއް ހިމެނޭ ކޮންމެ ލިޔުމެއް؛
  5. އެ މައުލޫމާތެއް ހާމަވުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ޖިނާއީ މައްސަލަ ތަހުގީގުކުރުމުގެ އިހްތިސާސް ލިބިދީފައިވާ ފަރާތަކުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ނުރަގަޅު އަސަރެއް ކޮށްފާނެ މައުލޫމާތު ހިމެނޭ ކޮންމެ ލިޔުމެއް؛
  6. ގާނޫނު ތަންފީޒުކުރާ އިދާރާއަކާ ނުވަތަ ސަލާމަތީ ހިދުމަތަކާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު ހިންގައިފައިވާ އޮޕަރޭށަނަލް ކަންކަމުގެ މައުލޫމާތު ހިމެނޭ ކޮންމެ ލިޔުމެއް؛
  7. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހިންގުމަށް ރާވައިފައިވާ އޮޕަރޭށަނަލް ހަރަކާތެއްގެ ނުވަތަ އިންޓެލިޖެންސްގެ ކަންކަމުގެ މައުލޫމާތު ހިމެނޭ ލިޔެކިޔުން؛
  8. ދިވެހި ފުލުހުންގެ ހިދުމަތުގެ ހަތިޔާރުގެ ސްޓޮކް ނުވަތަ އެ ނޫންވެސް ހަތިޔާރާ ގުޅޭގޮތުން ކަނޑައެޅިގެން ހާމަކުރަން ހުއްދަދީފައިނުވާ މައުލޫމާތު ހިމެނޭ ލިޔެކިޔުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސިއްރު ގިންތީގައި ހިމެނޭ ލިޔުމަކާ ގުޅޭގޮތުން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

  1. ހުއްދަނެތި އެ މައުލޫމާތަކަށް ވާސިލުވުން ނުވަތަ ބެލުން؛
  2. ހުއްދަނެތި އެފަދަ މައުލޫމާތެއް އެއްވެސް ގޮތަކަށް ނަކަލުކުރުން؛
  3. ހުއްދަނެތި އެއްވެސް ފަރާތަކަށް އެ މައުލޫމާތު ހިއްސާ ކުރުން؛

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބުނާ ކަމެއް ކުރީ މަގާމުގެ  އަދާކުރުމުގެ ތެރެއިން ކަމުގައި ވާނަމަ، އެއީ ހުއްދަ އޮވެގެން ކުރިކަމެއްގެ ގޮތުގައި ބަލަންވާނެއެވެ.

 

9 ވަނަ މާއްދާ -  އާންމުކުރުން މަނާ ލިޔެކިޔުންތައް

(ހ) އާންމުކުރުން މަނާ ގިންތީގެ ލިޔެކިޔުންތަކުގައި، އެ ލިޔުމަކީ އާންމުކުރުން މަނާ ލިޔުމެއްކަން ބަޔާންކޮށް، "އާންމުކުރުން މަނާ" މި އިބާރާތުގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ. 

(ށ) އާންމުކުރުން މަނާ ގިންތީގައި ހިމެނޭ ލިޔެކިޔުންތަކުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ  ލިޔެކިޔުންތައް ހިމެނެއެވެ.

  1. ފުލުހުން ހިންގާ ތަހުގީގަކާ ގުޅުންހުރި ލިޔެކިޔުން؛
  2. އިދާރީ ބޭނުންތަކަށް ކުރެވޭ މުއާމަލާތްތައް ހިމެނޭ ލިޔެކިޔުން؛
  3. މުވައްޒަފުންގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔެކިޔުން؛
  4. ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތުގެ ތެރެއިން އާންމު ފަރުދުންނާ ގުޅޭގޮތުން ލިބިފައިވާ ނުވަތަ އެއްކޮށްފައި ހުންނަ މައުލޫމާތު ހިމެނޭ ލިޔެކިޔުން؛
  5. ދައުލަތުގެ މުއައްސަސާއަކުން ދޭ ހިދުމަތެއް ހުއްޓިދާނެ ފަދަ ނުވަތަ އެފަދަ ހިދުމަތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ފަދަ މައުލޫމާތު ހިމެނޭ ލިޔެކިޔުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ލިޔުމެއް، އެހެން އެއްވެސް ފަރާތަކާ ހިއްސާކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެކަންޏެވެ.

  1. ގާނޫނަކުން އެ މައުލޫމާތެއް ހިއްސާކުރުމަށް ބަޔާންކުރާ ގޮތެއްގެ މަތިން؛
  2. އެ ލިޔުން އެހެން ފަރާތަކާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ލިބިގެން.

 

10 ވަނަ މާއްދާ -  އާންމު ލިޔެކިޔުންތައް

(ހ) އާންމު ލިޔެކިޔުންތަކަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިއްރުކުރަން ނުޖެހޭ، ނުވަތަ އާންމުކުރުން މަނާ ގިންތީގައި ނުހިމެނޭ ކޮންމެ ލިޔުމެކެވެ. އާންމު ލިޔެކިޔުންތަކުގައި ވަކި ތައްގަނޑެއް ޖަހައިފައި އޮތުން ލާޒިމެއް ނޫނެވެ. ނަމަވެސް އެފަދަ ލިޔުންތަކުގައި "އާންމު" މި އިބާރާތުގެ ތައްގަނޑު ޖެހިދާނެއެވެ.

(ށ) އާންމު ގިންތީގައި ހިމެނޭ ލިޔެކިޔުންތަކުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ  ލިޔެކިޔުންތައް ހިމެނެއެވެ.

  1. މުވައްޒަފުން އަމަލުކުރުން ލާޒިމުވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ސިއްރުގެ ގޮތުގައި ކަނޑައެޅިފައިނުވާ ގަވާއިދުތަކާއި އުސޫލުތައް؛
  2. ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތައް؛
  3. މީޑިއާއަށް ހާމަކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔެކިޔުން؛
  4. އާންމުކުރުމަށް އިންފޮމޭށަން އޮފިސަރު ކަނޑައަޅާ ލިޔެކިޔުން.

(ނ) އާންމު ލިޔުންތަކަކީ އެންމެހައި ފަރާތްތަކަށް އާންމުކޮށް ފެންނާނޭހެން ތައްޔާރުކުރާ ލިޔެކިޔުންތަކަކަށްވާތީ، އެފަދަ ލިޔުން ނަކަލުކޮށް ގެންގުޅުމާއި، އެހެން ފަރާތްތަކާ ހިއްސާކުރުމަކީ ހުއްދަކަމެކެވެ.

 

11 ވަނަ މާއްދާ -  ލިޔެކިޔުންތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުން

(ހ) ފުލުހުންގެ ހިދުމަތުން ގިންތި ކަނޑައަޅައިފައިވާ އެއްވެސް ލިޔެކިޔުމެއް، އެ ލިޔެކިޔުން ބެލުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ފިޔަވައި އިތުރު ފަރާތަކުން އެ ލިޔުމެއް ކިޔައި ނަކަލުކޮށް ނުވަތަ ގެންގުޅެގެން ނުވާނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ލިޔެކިޔުންތައް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހާއްސަގޮތެއްގައި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ ލިޔުމަކާ ހަވާލުވެހުރި ފަރާތެއްގެ ޒިންމާއެކެވެ.

(ރ) މި ގަވާއިދުގައ ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިއްރު ލިޔުންތަކާއި އާންމުކުރުން މަނާ ލިޔެކިޔުންތަކުގެ ގޮތުގައި ކްލެސިފައިކޮށްފައިވާ އެންމެހައި ލިޔެކިޔުންތަކަކީ، ކޮމިށަރަނ އޮފް ޕޮލިސްއަށް ހިއްސާކުރުމާއި، އެކްސެސްވުން ހުއްދަ ލިޔެކިޔުންތަކެކެވެ. އަދި އެފަދަ ލިޔުމެއް ވަކި ގޮތަކަށް ކުލެސިފައި ކޮށްފައި ވީނަމަވެސް، އެ ކްލެސިފިކޭށަނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓިފައިވާ މިންގަނޑުތަކުން ކޮމިށަނަރ އޮފް ޕޮލިސް އިސްތިސްނާ ކުރެވިގެންވެއެވެ.

 

12 ވަނަ މާއްދާ -  ލިޔެކިޔުމުންނާއި މުއާމަލާތްތަކުން ލިބޭ މައުލޫމާތު އެހެންފަރާތަކާ ހިއްސާކުރުން

ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ލިޔެކިޔުންތަކުންނާއި، އޮފީސް މާހައުލުގައި ނުވަތަ ޑިއުޓީގައި ތިބޭ ތަނެއްގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ މުއާމަލާތްތަކުން ލިބޭ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުމުގައި، އެފަދަ މައުލޫމާތު، މި ގަވާއިދުގައި ގިންތިކޮށް ކްލެސިފައިކޮށްފައިވާ ގޮތަށް ރިއާޔަތް ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ -  ލިޔެކިޔުން ތައްޔާރުކުރާ ފަރާތާއި، ގެންގުޅޭ ފަރާތުގެ ޒިންމާތައް

(ހ) ލިޔެކިޔުން ތައްޔާރުކުރާ ފަރާތުން ނުވަތަ މުރާޖައާކުރާ ފަރާތުން، އަންނަނިވި ކަންކަމަށް ސަމާލުކަންދީ، އެ ކަންކަން ކަށަވަރު ކުރުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.

  1. މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ލިޔުމެއް ގިންތިކުރުން؛
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ދަރަޖަތަކުންކުރެ ދަރަޖައެއްގެ ލިޔުމެއްކަން، އެ ލިޔުމުގައި ފާހަގަކޮށްފައި ހުރުން.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ލިޔެކިޔުންތައް ބޭނުންކުރަންވާނީ އަންނަނިވި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. އެ ލިޔެކިޔުމެއް ދަރަޖަކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ލިޔެކިޔުމެއް ބޭނުންކުރުން؛
  2. އެ ލިޔުމެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާއިރު، ނުވަތަ އެ ލިޔުމެއް ގެންގުޅޭއިރު، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކްލެސިފިކޭށަންގެ ދަރަޖައާ އެއްގޮތަށް އަމަލުކުރުން؛
  3. އެ ލިޔުމެއް ނައްތައިލާއިރު، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކްލެސިފިކޭށަންގެ ދަރަޖައަށް ރިއާޔަތްކުރުން.

(ނ) ސިއްރު ލިޔުމެއްގެ ގޮތުގައި ނުވަތަ އާންމުކުރުން މަނާ ލިޔުމެއްގެ ގޮތުގައި ކްލެސިފައިކޮށްފައިވާ ލިޔުމެއް ނައްތައިލަންޖެހިގެން ނައްތައިލާނަމަ، އެފަދަ ލިޔުމެއް ނައްތައިލަންވާނީ، އެފަދަ ލިޔުމެއް އެހެން ފަރާތަކަށް އަލުން އިޔާދަ ނުކުރެވޭނެ ފަދަ ގޮތަކަށެވެ.

 

14 ވަނަ މާއްދާ -  ފުލުހުންގެ މަރުކަޒުތަކުގެ ސަރަހައްދުތަކާއި ތަންތަން ގިންތިކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތްތަކާއި، ފުލުހުންގެ މަރުކަޒުތައް ހުންނަންވާނީ، އެފަދަ މަރުކަޒުތަކަށް ވަދެނުކުމެއުޅޭ ފަރާތްތަކަށް، އެ މަރުކަޒުން ބޭނުންކުރެވޭނެ ސަރަހައްދުތައް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގިންތިކޮށްފައެވެ.

(ށ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް، އަންނަނިވި ގޮތަށް ގިންތި ކުރަންވާނެއެވެ.

  1. މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ސަރަހައްދު؛
  2. ހާއްސަ ހުއްދަ ބޭނުންވާ ސަރަހައްދު؛
  3. އާންމު ސަރަހައްދު.

 

15 ވަނަ މާއްދާ -  މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ސަރަހައްދު

(ހ) ފުލުހުންގެ މަރުކަޒުތަކާއި އިމާރާތްތައް ގިންތި ކުރާއިރު، އެ ތަންތަނަށް ވަދެނުކުމެ އުޅުމަށް ހުއްދަކޮށްފައިވާ މުވައްޒަފުންނަށް ވެސް ވަދެނުކުމެ އުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ. އެފަދަ ސަރަހައްދުތައް ވަކިކޮށްފައި ހުންނައިރު، އެ ތަންތަން ގިންތިކޮށްފައި ހުންނަންޖެހޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ހުއްދަނެތި ވަނުން މަނާ ސަރަހައްދު:- ހުއްދަ ނެތި ވަނުން މަނާ ސަރަހައްދަކީ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަކި މުވައްޒަފަކަށް ނުވަތަ ފަރާތަކަށް ނޫނީ ހުއްދަ ނުލިބޭނެ ސަރަހައްދުތަކެވެ. މިފަދަ ސަރަހައްދުތަކަށް ވަދެ ނުކުމެވޭ ހުއްދަޔާއެކު ވަކި ކާޑެއް ނުވަތަ އެ ނޫންވެސް އެކްސެސް ކޮންޓްރޯލް އިންތިޒާމެއްގެ ތެރެއިން އެކްސެސް ލިބިފައިވާނަމަ، އެއީ ހުއްދަ ލިބިފައި އޮތުން ކަމުގައި ބެލެވިދާނެއެވެ.
  2. އާންމު ސަރަހައްދު:- އާންމު ސަރަހައްދަކީ ވަކި ހާއްސަ ހުއްދައެއްނެތި އެންމެހައި މުވައްޒަފުންނަށް ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ސަރަހައްދުތަކެވެ.

(ށ) ފުލުހުންގެ މަރުކަޒުތަކުގެ ނުވަތަ އިމާރާތްތަކުގެ ވަކި ސަރަހައްދަކަށް ނުވަތަ    ވަކި ތަނަކަށް ވަދެވޭނީ ވަކި ހުއްދައެއް ލިބިފައިވާ މުވައްޒަފަކަށް ކަމުގައި ކަނޑައަޅައިފައިވާނަމަ، އެފަދަ ތަނަކަށް ނުވަތަ ސަރަހައްދަކަށް އެ މުވައްޒަފަކަށް ވަދެވޭނީ، އެ ސަރަހައްދަކާ ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތެއްގެ ހުއްދަ ލިބިގެންނެވެ.

 

16 ވަނަ މާއްދާ -  ހާއްސަ ހުއްދަ ބޭނުންވާ ސަރައްހައްދު

(ހ) ފުލުހުންގެ މަރުކަޒުތަކާއި އިމާރާތްތަކުގައި، ހާއްސަ ހުއްދައެއް ބޭނުންވާ ސަރަހައްދެއްގައި ހިމެނޭ އިދާރީ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެއްވެސް ފަރާތަކަށް އެފަދަ ސަރަހައްދަކަށް ވަދެވޭނީ، ހުއްދައެއް އޮވެގެންނެވެ. އެފަދަ ސަރަހައްދަކަށް ވަނުމަށް ހުއްދަ ދެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތަކަށް ނުވަތަ ފުލުހުންގެ މަރުކަޒަކަށް ޒިޔާރަތްކުރާ ނުވަތަ ހިދުމަތެއް މީހަކު ހޯދުމަށް ނުވަތަ ބައްދަލުވުމަކަށް އަންނަ ފަރާތަކުން، އެފަދަ ސަރަހައްދަކަށް ކޮންމެހެން ވަންނަން ޖެހޭކަމަށް، އެފަދަ ސަރަހައްދެއް ބެލެހެއްޓުމާ ހަވާލުވެހުރި ނުވަތަ އެފަދަ ތަނެއްގައި ގާއިމުކޮށްފައިވާ އިދާރީ ބަހާއެއްގައި މަސައްކަތްކުރާ ފަރާތަކުން ކަނޑައަޅާ މީހުން؛
  2. ތުހުމަތަކާ ގުޅިގެން ހާޒިރުކުރާ މީހުންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން؛
  3. އެފަދަ ސަރަހައްދެއް ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރި އެއްޗެއް މަރާމާތުކުރުމުގެ މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ވަންނަންޖެހޭ މީހުން.

(ށ) މި މާއްދާ ގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް އެނގޭނޭހެން އެ ސަހައްދަކަށް ހާއްސަކޮށްފައިވާ އެކްސެސް ކާޑެއް އޮންނަންވާނެއެވެ

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދަކަށް ވަނުމުގެ ހުއްދަ ދެވޭ ފަރާތަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފެއް ނޫންނަމަ، އެ މީހަކު އެފަދަ ސަރަހައްދަކަށް ވަނުމަށް ހުއްދަ ދޭންވާނީ، އެ ފަރާތެއްގެ އަންނަނިވި މައުލޫމާތު ރިކޯޑު ކުރުމަށް ފަހުގައެވެ.

  1. ފުރިހަމަ ނަން؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  3. ފޯނު ނަންބަރު؛
  4. ވަންނަން ހުއްދަދޭ ބޭނުން؛
  5. ވަންނަ ސަރަހައްދު؛
  6. ކާޑުގެ ސީރިއަލް ނަންބަރު؛
  7. ހަވާލުވާ އޮފިސަރު؛
  8. ކާޑު ދޫކުރި އޮފިސަރު.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ވަކި ސަރަހައްދަކަށް ނުވަތަ ތަނަކަށް ވަނުމަށް ހުއްދަދެވޭ ފަރާތަށް، އެ ސަރަހައްދަކަށް ވަނުމަށް ކަނޑައަޅައިފައިވާ ފާހެއް ދޭންޖެހޭނެއެވެ.

(ބ) ހުއްދަ ދެވޭ މީހާ ދިއުމަށް ހުއްދަދެވޭ ސަރަހައްދަކަށް އެ ފަރާތަކާއެކު ދާނެ ފުލުހަކު ނުވަތަ އާންމު މުވައްޒަފަކު ހުންނަންޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަނުމަށް ހުއްދަދޭ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދަކަށް ނުވަދެވޭނެކަން، އެ ސަރަހައްދަކަށް ނުވަތަ ތަނަކަށް ވަނުމަށް ހުއްދަދެވޭ ފަރާތަކަށް އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ -  އާންމު ސަރަހައްދު

ފުލުހުންގެ މަރުކަޒުތަކާއި، އިމާރާތްތަކުގައި، އާންމު ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުތަކަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތެއް ހޯދުމަށް، ނުވަތަ މައްސަލައެއް ރިޕޯޓުކުރުމަށް، ނުވަތަ އެ ނޫންވެސް ބޭނުންތަކުގައި އަންނަ ފަރާތްތައް ވަނުމަށާއި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކާއި ތަންތަނެވެ.

 

18 ވަނަ މާއްދާ -  ސަރަހައްދުތައް ކަނޑައެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދުގެ 15 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުލުހުންގެ މަރުކަޒުތަކުގައި ނުވަތަ އިމާރާތްތަކުގައި ސަރަހައްދުތައް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސަރަހައްދުތައް ކަނޑައެޅުމާއެކު، އެފަދަ ސަރަހައްދުތައް އަންގައިދޭ ބޯޑެއް ނުވަތަ ވަކި ނިށާނެއް އެ ސަރަހައްދެއްގައި ބަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ -  ހުއްދައިގެ ފާހުގެ ސިފަތައް

މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށް ވަނުމަށް ދޫކުރާ ހުއްދައިގެ ފާހުގައި އަންނަނިވި ސިފަތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބެޖު.

(ށ) އެ ތަނެއް ނުވަތަ ސަރަހައްދެއް ހުރި ފުލުހުންގެ މަރުކަޒު ނުވަތަ އިމާރާތް.

(ނ) ހުއްދަދޭ ސަރަހައްދުތައް.

(ރ) އިންޒާރުގެ ލިޔުން.

(ބ) ސީރިއަލް ނަންބަރު.

 

20 ވަނަ މާއްދާ -  ތަކެއްޗާއި އާލަތްތައް ގިންތިކުރުން

ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ތަކެއްޗާއި އާލަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގިންތި ކުރަން ޖެހޭނެއެވެ. ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ތަކެއްޗާއި އާލަތްތައް ގިންތިކޮށްފައިވަނީ އަންނަނިވި ބައިތަކަށެވެ.

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އޮޕަރޭށަނަލް ތަކެތި.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ފަންނީ ތަކެތި.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިދާރީ ތަކެތި.

 

21 ވަނަ މާއްދާ -  ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އޮޕަރޭށަނަލް ތަކެތި

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ލެސްލީތަލް ހަތިޔާރުތައް ވަކި ދަރަޖައެއްގައި ގިންތިކުރަން ޖެހޭނެއެވެ. އަދި ހަތިޔާރުގެ ގޮތުގައި ނުހިމެނުނު ނަމަވެސް، ގާނޫނު ތަންފީޒުކުރުމަށް ބޭނުންކުރާ އާލަތްތަކުގެ ގިންތީގައި ހިމެނޭ އެންމެހައި ތަކެތި، އެފަދަ ތަކެތި ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ހަތިޔާރު ގެންގުޅެވޭނެ ފަރާތްތަކާއި، ހަތިޔާރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތް، ހަތިޔާރު ގެންގުޅުމާއި، ބޭނުންކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ހަތިޔާރު ގެންގުޅެ ބޭނުންކުރަންވާނީ، އެ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) ގާނޫނު ނަންބަރު 2020-34 (ފުލުހުންގެ ހިދުމަތުގައި ގާނޫނު) ތަންފީޒުކުރުމަށް ބޭނުންކުރާ އާލަތްތަކާއި ތަކެތީގެ ގޮތުގައި ހިމެނޭ ތަކެތި ގެންގުޅެވޭނެ ފަރާތްތަކާއި، އެ ތަކެއްޗާ އާލަތްތައް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތް އެ ކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ ތަކެތި ގެންގުޅެ ބޭނުންކުރަންވާނީ އެ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

22 ވަނަ މާއްދާ -  ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ފަންނީ ތަކެތި

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ފަންނީ މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި އާލަތްތަކަކީ، ފުލުހުންގެ ދައުރު އަދާކުރުމުގެގޮތުން ތަހުގީގުތަކުގައްޔާއި، ތަހުލީލުތަކުގައްޔާއި،  އޮޕަރޭށަންތަކުގައި ސަޕޯޓިންގ ދައުރެއް އަދާކުރުމަށް ނުވަތަ އެ ނޫންވެސް ހާލަތްތަކުގައި ސަޕޯޓިންގ ހިދުމަތެއްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި ވަސީލަތްތަކާއި އާލަތްތަކެވެ. މި ދަރަޖައިގައި ހިމެނެނީ، އަންނަނިވި ބާވަތުގެ ތަކެއްޗާއި އާލަތްތަކާއި ވަސީލަތްތަކެވެ.

  1. އިންފޮމޭށަން ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެއްޗާއި، އާލަތްތަކާއި، ވަސީލަތްތައް؛
  2. ޓެލެކޮމިއުނިކޭށަނާ ގުޅުންހުރި ތަކެއްޗާއި، އާލަތްތަކާއި، ވަސީލަތްތައް؛
  3. ފޮރެންސިކް ހިދުމަތްތަކާ ގުޅުންހުރި ތަކެއްޗާއި، އާލަތްތަކާއި، ވަސީލަތްތައް؛
  4. ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެއްޗާއި، އާލަތްތަކާއި، ވަސީލަތްތައް؛
  5. އުފެންދުންތެރިކަމާއި މަރާމާތުކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އާލަތްތަކާއި، ވަސީލަތްތައް؛
  6. ފަރުނީޗަރާއި، ހިފައިގެންގުޅޭ ސާމާނާއި، ހަރުމުދަލުގެ ގޮތުގައި ހިމެނޭ ތަކެއްޗާއި އާލަތްތައް؛
  7. ޕްލާންޓާއި، މެށިނަރީ ފަދަ ތަކެތި.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ބާވަތަކަށް ނުފެތުނު ނަމަވެސް، ދިވެހި ފުލުހުންގެ ހިދުމަތުގައި ފަންނީ މަސައްކަތް ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗާއި އާލަތްތަކާއި ވަސީލަތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ތަކެތި  ބޭނުންކުރަންވާނީ، އެ ފަންނެއްގެ މަސައްކަތްތަކަށް ހާއްސަވެފައިވާ ފަރާތްތަކުން، އެ ފަންނެއްގެ މަސައްކަތް ކުރުމަށެވެ.

 

23 ވަނަ މާއްދާ -  ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިދާރީ ތަކެތި

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ މަސައްކަތަށް ބޭނުންކުރާ ތަކެއްޗަކީ، ފުލުހުންގެ އިދާރީ މަސައްކަތް ކުރުމަށް ބޭނުންކުރާ ލިޔެކިޔުމާ ގުޅުންހުރި ތަކެތީގެ ގޮތުގައި ހިމެނޭ ތަކެއްޗެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ ކަންކަމުގައި ބޭނުންކުރާ ތަކެތީގެ ބޭނުންކުރަންވާނީ، އެފަދަ މަސައްކަތެއް ކުރުމަށް ކަނޑައަޅައިފައިވާ ފަރާތްތަކުންނެވެ.

 

24 ވަނަ މާއްދާ -  ފުލުހުންގެ އުޅަނދުތައް ގިންތިކުރުން

ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތައް، އަންނަނިވި ގޮތަށް ދަރަޖަ ކުރަންވާނެއެވެ.

(ހ) މާކްކޮށްފައިވާ އުޅަނދުތައް.

(ށ) މާކް ނުކުރާ އުޅަނދުތައް.

(ނ) ސަޕޯޓް އުޅަނދުތައް.

 

25 ވަނަ މާއްދާ -  މާކް ކޮށްފައިވާ އުޅަނދުތައް

(ހ) މާކްކޮށްފައިވާ އުޅަނދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާގެ މަސައްކަތަށް ހާއްސަކޮށްގެން ބޭނުންކުރުމަށް ކަނޑައަޅައިފައިވާ އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކި ނިށާނެއް ނުވަތަ ލިޔުމެއް ނުވަތަ ޑިޒައިނެއް ހިމަނައިފައިވާ އުޅަނދުތަކެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުތަކުގައި ފަސޭހައިން ފެންނަން ހުންނަގޮތަށް އެކަށީގެންވާ ބޮޑުމިނެއްގައި “POLICE” މިހެން ލިޔެފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދެއްގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިމަނަންޖެހޭ ލިޔުމުގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ވަކި ނިށާނެއް ނުވަތަ ކުރެހުމެއް ނުވަތަ ޑިޒައިނެއް ހިމެނިދާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް ދުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަކޮށްފައިވާ ފަރާތަކުންނެވެ. އަދި އުޅަނދު ދުއްވާއިރު، ދުއްވާ ފަރާތް ހުންނަންވާނީ، އެ ފަރާތެއް ރަސްމީ ޑިއުޓީގައި ބޭނުންކުރުމަށް ހުއްދަކުރާ ހެދުމެއް ނުވަތަ ޔުނިފޯމެއްގައެވެ.

 

26 ވަނަ މާއްދާ -  މާކް ނުކުރާ އުޅަނދުތައް

(ހ) މާކް ނުކުރާ އުޅަނދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ މަސައްކަތަށާއި، ފުލުހުންގެ އިދާރީ އެކިއެކި ބޭނުންތަކަށާއި ލޮޖިސްޓިކް އެކިއެކި ބޭނުންތަކަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ވަކި ނިށާނެއް ނުވަތަ ލިޔުމެއް ނުވަތަ ޑިޒައިނެއް ހިމަނައިފައިނުވާ އުޅަނދުތަކެވެ. 

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދެއް ދުއްވާއިރު، ދުއްވާ ފަރާތް  ވަކި ޔުނީފޯމެއްގައި ހުރުން ލާޒިމެއް ނޫނެވެ.

 

27 ވަނަ މާއްދާ -  ސަޕޯޓް އުޅަނދުތައް

ސަޕޯޓް އުޅަނދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައި ނުވިނަމަވެސް، ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް އެހެން ފަރާތަކުން ކުއްޔަށް ހިފައިގެން ނުވަތަ އެހެން އިދާރާއަކުން ވަގުތީގޮތުން ގެނެސްގެން ބޭނުންކުރާ އުޅަނދުތަކެވެ. 

 

28 ވަނަ މާއްދާ -  ދިވެހި ފުލުހުންގެ ހިދުމަތުގެ ބެޖާއި ދިދަ

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބެޖާއި ރަސްމީ ދިދަ ހުންނަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ ވަކި މިންގަނޑަކަށް ފެތޭގޮތަށެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބެޖާއި ދިދަ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ފުލުހުންގެ މަރުކަޒުތަކާއި، އިމާރާތްތަކާއި، އުޅަނދުތަކުގައި ބޭނުންކުރެވިދާނެއެވެ.

 

29 ވަނަ މާއްދާ -  ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު