ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-99)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-128 ގެ 23 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (11) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތައް ބޭނުންކުރުމުގެ ހަމަތަކާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި، ބެލެހެއްޓުމާއި، އެތަކެތީގެ ބޭނުން ހިފުމާގުޅޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.
2 ވަނަ މާއްދާ -
(ށ) މި ގަވާއިދަށް ކިޔާނީ، "ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސާމާނާއި، ވަސީލަތްތަކާއި އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު" އެވެ.
(ނޯޓް - 2ވަނަ މާއްދާއަކީ 1ވަނަ މާއްދާގެ (ށ) ކަމުގައި ގެޒެޓްކުރެވިފައިވަނީ އޮޅުމަކުން ކަމަށް ބެލެވޭ)
3 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފޯރުކޮށްދީފައިވާ ވަސީލަތްތައް ބޭނުންކުރުމުގެ ހަމަތަކާއި، އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި ތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ހަމަތަކާއި، އުސޫލުތަކާއި، އެތަކެތީގެ ބޭނުންހިފުމާއި، ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގާފަރާތް
މި ގަވާއިދު ހިންގާ ތަންފީޒު ކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
5 ވަނަ މާއްދާ - މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތަކާއި، މުދަލާއި ތަކެތި އިންވެންޓްރީކޮށް ބެލެހެއްޓުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދޭ އެންމެހައި މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންވެންޓްރީކޮށް ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރެވޭ ނިޒާމަކީ، މުދަލާއި ތަކެއްޗާއި އާލާތްތައް މަރުކަޒީކޮށް، އަދި ލާމަރުކަޒީކޮށް އަދާހަމަކޮށް، ބެލެހެއްޓޭ ނިޒާމަކަށް ވާންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލާއި ތަކެއްޗާއި އާލާތްތައް މަރުކަޒީގޮތެއްގައި އިންވެންޓްރީކޮށް ބެލެހެއްޓުމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާގެ މަސްއޫލިއްޔަތެކެވެ. އަދި ލާމަރުކަޒީކޮށް ބެލެހެއްޓުމަކީ، އެފަދަ މުދަލާއި ތަކެއްޗާއި އާލާތްތައް ހަވާލުކުރެވިފައިވާ އިދާރީ ބަހާއެއްގެ މަސްއޫލިއްޔަތެކެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް، އެއް ބަހާއިން އަނެއް ބަހާއަށް ބަދަލުކުރަންވާނީ، އެ އެއްޗެއް އެ ހިނދަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އިދާރީ ބަހާއަކަށް އިސްކަންދިނުމަށް ސަމާލުކަންދިނުމާއެކު، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބަލަހައްޓާ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
6 ވަނަ މާއްދާ - ސްޓޮކް ހިސާބު ބެލެހެއްޓުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ ތަކެތީގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް، ނުވަތަ އެ ތަކެތި ބޭނުންކޮށްގެން އެހެން އެއްޗެއް އުފެއްދުމަށް ނުވަތަ ތަނަށް ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދައިފައި ބަހައްޓާ އެންމެހައި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސްޓޮކަށް ވައްދައި، މަރުކަޒީ ގޮތެއްގައި އެފަދަ ތަކެތީގެ ސްޓޮކް ބަލަހައްޓައި، ސްޓޮކް ބާކީކުރެވޭނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މަރުކަޒީކޮށް ސްޓޮކް ބެލެހެއްޓުމުގެ އިތުރުން، ރީޖަންތަކުގައި ނުވަތަ އަތޮޅު ޕޮލިސް ސްޓޭށަންތަކުގައި ނުވަތަ ޑިޕާޓްމަންޓްތަކުގައި ބޭނުންކުރުމަށް މަރުކަޒީ ސްޓޮކުން ގަނޑުކޮށް، ނުވަތަ ސްޓޮކްކުރެވޭ މިންވަރަށް ދޫކުރާ ތަކެއްޗާއި، މަރުކަޒީ ސްޓޮކުން ގެނައުމަކާ ނުލައި، ސީދާ އެތަނެއްގެ ބޭނުމަށް ހޯދޭ ތަކެތި އެތަނެއްގެ ސްޓޮކަށް ވައްދައި ސްޓޮކް ބާކީކޮށް އެތަނަކުން ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސްޓޮކް ބަލަހައްޓަންވާނީ، މަރުކަޒީ ސްޓޮކް ބެލެހެއްޓުމުގެ ނިޒާމު އެއް ސޮފްޓްވެއަރއަކުން ގުޅައިލެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.
(ރ) ސްޓޮކް ގާއިމު ކުރެވިފައިވާ ތަންތަނުގައި ސްޓޮކް ބެލެހެއްޓުމަށް ވަކި މުވައްޒަފަކު ކަނޑައަޅައި، އެކަން ލިޔުމުން އެ މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ.
(ބ) ސްޓޮކްގެ އެންމެހައި ކަންކަން ކުރިއަށް ގެންދަންވާނީ، އެ ސްޓޮކެއް ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ހުއްދައާއެކު ސްޓޮކް ބެލެހެއްޓުމާ ހަވާލުވެހުންނަ މުވައްޒަފެކެވެ.
(ޅ) ރީޖަންތަކަށް ނުވަތަ އަތޮޅު ޕޮލިސް ސްޓޭށަންތަކަށް ނުވަތަ ވަކި ވަކި ޑިޕާޓްމަންޓްތަކުގެ ސްޓޮކަށް ބޭނުންވާ ތަކެތި ދޫކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާއަށް، ސިސްޓަމް މެދުވެރިކޮށް ލިބޭ ރިކުއެސްޓްތަކަށް ބެލުމަށްފަހު އެ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
7 ވަނަ މާއްދާ - މުވައްޒަފުންނާ ތަކެތި ހަވާލުކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވޭ ތަކެއްޗާއި، ވަގުތީގޮތުން ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ހަވާލުކުރެވޭ އެންމެހައި ތަކެއްޗާއި އާލާތްތައް ހަވާލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ށ) ތަކެއްޗާއި މުދަލާއި އާލާތްތަކާއި ވަސީލަތްތައް މުވައްޒަފުންނާ ހަވާލުކުރުމުގައި އޭގެ ބާވަތްތައް ބެހިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
- ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް ފުލުހަކާ ހަވާލުކުރެވޭ ސާމާނާއި އާލާތްތައް؛
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހަވާލުކުރެވޭ ތަކެތި؛
- މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ މުދަލާއި ތަކެތި؛
- ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ދީފައިވާ އެކްސަސްތަކާއި ޕާސްވޯޑްތައް؛
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތަކެއްޗާއި އާލާތްތައް ބޭނުންކުރުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވަސީލަތްތައްވެސް ހިމެނިގެންދާނީ އެ އެއްޗެއް ހަވާލުކުރެވިފައިވާ މުވައްޒަފު ޒިންމާވާގޮތަށް ދޫކުރެވިފައިވާ ވަސީލަތެއްކަމުގައެވެ.
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ ސާމާނާއި އާލާތްތަކަކީ، ހަމައެކަނި ފުލުހުންނާ ހަވާލުކުރެވޭނެ ތަކެއްޗެވެ. މިގޮތުން އެފަދަ އެއްޗެއް ފުލުހަކާ ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ހަވާލުކުރެވިފައިވާ އެއްޗެއް، އެ ފުލުހަކު ވަޒީފާގައި ދެމިހުރިހައި ހިނދަކު ނުވަތަ ވަގުތީގޮތުން އެ އެއްޗެއްގެ ބޭނުން ނިމުމަކަށް އައުމާހަމައަށް، ބޭނުންކުރުމަށް ހަވާލުކުރެވޭ އާލާތެއް ނުވަތަ އެއްޗެއްގެ ގޮތުގައި ހަވާލުކުރެވިދާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ ތަކެތި ހަވާލުކުރެވޭނީ މުވައްޒަފު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ އެއްޗެއްގެ ބޭނުންކުރަންޖެހޭނަމަ، ކަނޑައެޅޭ ވަކިގޮތެއްގެމަތިން ބޭނުންކުރުމަށެވެ. މިގޮތުން އެފަދަ އެއްޗެއް ހަވާލުކުރެވިފައިވާ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު ބަދަލުވެއްޖެނަމަ، އެފަދަ އެއްޗަކާމެދު އަމަލުކުރަންޖެހޭގޮތް އެ އެއްޗެއް ހަވާލުކުރާ ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ މުދަލާއި ތަކެތި ބެލެހެއްޓުމުގައި އަމަލުކުރަންވާނެ ގޮތާއި، އެފަދަ މުދަލާއި ތަކެއްޗާމެދު އަމަލުކުރަންވާނެގޮތް އެ އެއްޗެއް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ މުވައްޒަފުގެ ވަޒީފާ ބަޔާނުގައި ހިމަނަންވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ އެކްސަސްތަކާއި ޕާސްވޯޑްތައް ބޭނުންކުރަންވާނީ، ހަމައެކަނި ރަސްމީ ބޭނުމަށް، އެ އެއްޗެއް ދޫކުރެވިފައިވާ މުވައްޒަފެކެވެ. ކަނޑައެޅިގެން ހުއްދަކުރާ ވަކި ހާއްސަ ހާލަތެއްގައި އެ މުވައްޒަފު ސްޕަވައިޒްކުރާ އިސްވެރިއަކަށް އެންގުމަށްފަހު މެނުވީ، މުވައްޒަފަށް ދޫކޮށްފައިވާ އެފަދަ އެކްސަސްއެއް ނުވަތަ ޕާސްވޯޑެއް އެހެން މުވައްޒަފަކަށް ހިއްސާކުރެވިގެން ނުވާނެއެވެ.
(އ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދައިފައިވާ މުދަލެއް ނުވަތަ އެއްޗެއް ނުވަތަ އާލާތެއް ނުވަތަ ވަސީލަތެއް މުވައްޒަފަކަށް ހަވާލު ކުރަންވާނީ ލިޔުމުންނެވެ. މިގޮތުން ހަވާލުކުރާ ލިޔުމުގައި މުވައްޒަފު ހަވާލުވިކަމާއި، ހަވާލުވި ތާރީހާއި ގަޑި އެނގޭނެހެން ބަޔާންކޮށް ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ވ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މުވައްޒަފާ އެފަދަ އެއްޗެއް ހަވާލުކުރިކަމާއި ހަވާލުކުރި ތާރީހާއި ގަޑި އެނގޭނެހެން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ރެކޯޑު ކުރެވިދާނެއެވެ. މިގޮތުން ރެކޯޑު ކުރާ ކޮންމެފަހަރަކު އެކަން މުވައްޒަފަށް އެންގުމަށްޓަކައި އެފަދަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް މެސެޖެއް ފޮނުވަންވާނެއެވެ.
(މ) ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ވަކި ބޭނުމެއްކުރުމަށް ކުރު މުއްދަތެއްގެ ތެރޭގައި، އަނބުރާ ދައްކާގޮތަށް މުވައްޒަފުންނާ ހަވާލުކުރާ ތަކެތި، ހަވާލުކުރާއިރު، އެ ތަކެތި ހަވާލުކުރަންވާނީ އަންނަނިވި މައުލޫމާތު ލިޔުމުން ނުވަތަ އެފަދަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ރެކޯޑުކުރުމަށްފަހުގައެވެ.
- ތަކެތީގެ ބާވަތާއި ތަފުސީލާއި ހާލަތު؛
- ތަކެތި ދޫކުރެވުނު މުވައްޒަފުގެ ނަމާއި ސަރވިސް ނަންބަރާއި ސޮއި؛
- ތަކެތި ދޫކުރެވޭ ބޭނުން؛
- ތަކެތި އަނބުރާ ވަކި ތާރީހެއްގައި ހަވާލުކުރަންޖެހޭނަމަ، އެ ތާރީހު؛
- ތަކެތި ދޫކުރި މުވައްޒަފުގެ ނަމާއި ސަރވިސް ނަންބަރާއި ސޮއި؛
- ތަކެތި ދޫކުރި ތާރީހާއި ގަޑި؛
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކޮށްފައިވާ އެއްޗެއް އަނބުރާ ގެނައުމުން އެ އެއްޗެއް ހަވާލުވުމަށްފަހު، އެ އެއްޗެއް ގެނައިކަމާއި، އެ އެއްޗެއް ގެނައި ތާރީހާއި ގަޑި އަދި ގެނައިއިރު އޮތް ހާލަތެއް އެނގޭނެހެން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
8 ވަނަ މާއްދާ - ހަވާލުކުރެވިފައި ހުންނަ ތަކެތި ބެލެހެއްޓުން
(ހ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް، އެ ބަހާތަކަށް ނުވަތަ ވަކި ވަކި މުވައްޒަފުންނާ ހަވާލުކޮށްފައިވާ ކޮންމެ އެއްޗެއްވެސް ރައްކައުތެރިކަމާއެކު އެކަށީގެންވާ ގޮތެއްގެމަތިން ބެލެހެއްޓުމަކީ އެ އެއްޗެއް ހަވާލުކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ.
(ށ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗާއި އާލާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތެއް އެ އިދާރީ ބަހާއަކުން ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައަޅާ ގޮތަކީ، އެފަދަ އެއްޗެއް ނުވަތަ އާލާތެއް ނުވަތަ ވަސީލަތެއް ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ކަނޑައަޅާ ގޮތެއްކަމުގައި ވާންވާނެއެވެ.
(ނ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗާއި އާލާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމަށް، ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުން އެ އިދާރީ ބަހާއަކުން ކަނޑައަޅަންވާނެއެވެ.
(ރ) އިދާރީ ބަހާތަކުގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ އެއްޗަކަށް ނުވަތަ އާލާތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އެފަދަ އެއްޗެއް ބެލެހެއްޓުމުގެ ޒިންމާ އިދާރީ ބަހާގެ ފަރާތުން ހަވާލުކޮށްފައިވާ މުވައްޒަފު އެކަން ވީއެންމެއަވަހަކަށް، އެ އިދާރީ ބަހާގެ އިސް އޮފިސަރަކަށް ރިޕޯޓުކޮށް، އެ ފަރާތުން އަންގާ ގޮތެއްގެމަތިން އަމަލުކުރަންވާނެއެވެ.
(ބ) މުވައްޒަފަކަށް ހަވާލުކޮށްފައިވާ އެއްޗަކަށް ނުވަތަ އާލާތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަން ވީއެންމެ އަވަހަކަށް އެފަދަ އެއްޗެއް އެ މުވައްޒަފަށް ދޫކުރި ތަކެތި ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ އިދާރީ ބަހާއަށް ރިޕޯޓުކޮށް، އެ ފަރާތުން އަންގާ ގޮތެއްގެމަތިން އަމަލުކުރަންވާނެއެވެ.
9 ވަނަ މާއްދާ - ހާއްސަ ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭ ތަކެތި
ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ ތަކެތީގެ ތެރޭގައި ހިމެނޭ ކެމިކަލް ނުވަތަ ތެޔޮ ނުވަތަ ގޭސް ނުވަތަ އެ ނޫނަސް ހާއްސަ ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭ އެފަދަ ތަކެތި ބަހައްޓާފައި ހުންނަންވާނީ އެފަދަ ތަކެތި ބެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިންނެވެ.
10 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް ހަވާލުކުރެވޭ އާލާތްތަކާއި ތަކެތި ގެންގުޅުން
(ހ) ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ބޭނުންކުރާ އާލާތެއް ނުވަތަ އެއްޗެއް ރަސްމީ ޑިއުޓީގައި ބޭނުންކުރުމަށްޓަކައި، މުވައްޒަފުގެ އަތަށް އެ މުވައްޒަފު ބޭނުންކުރުމަށް ދޫކޮށްފައި ވީނަމަވެސް، އެފަދަ އާލާތްތަކާއި ތަކެތި ބަހައްޓަންވާނީ އެ އެއްޗެއް ބެހެއްޓުމަށް މުވައްޒަފު އެ ވަގުތަކު މަސައްކަތްކުރާ އިދާރީ ބަހާގެ ފަރާތުން ނުވަތަ އެފަދަ އެއްޗެއް ދޫކުރި އިދާރީ ބަހާގެ ފަރާތުން ކަނޑައަޅައިފައިވާ ވަކި ތަނެއްގައެވެ. މިގޮތުން އެފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތަން އެ އިދާރީ ބަހާއެއްގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މުވައްޒަފަކު ރަސްމީ ޑިއުޓީ ނިންމާފައި ދަމުން ބަހައްޓަންޖެހޭ ތަނުގައި ނުބަހައްޓައި ގެއަށް ގެންގޮސްގެންނުވާނެއެވެ.
(ނ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެފަދަ ތަކެތި ރައްކައުތެރިކަމާއެކު ބެހެއްޓުމަށް ބޭނުންވާނެ އެކަށީގެންވާ އިންތިޒާމު ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.
11 ވަނަ މާއްދާ - ހަވާލު ކުރެވިފައި ހުންނަ ތަކެތި އަނބުރާ ދިނުން
(ހ) މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ ނުވަތަ މުވައްޒަފާ ހަވާލުކޮށްފައިވާ ވަކި މަސައްކަތެއް ކުރުމަށް ވަގުތީގޮތުން ނުވަތަ ދާއިމީކޮށް، ވަޒީފާގައި ދެމިހުރިހައި ހިނދަކު ބޭނުންކުރުމަށް ހަވާލުކުރެވޭ އާލާތެއް ނުވަތަ ތަކެތި އަންނަނިވި ހާލަތްތަކުގައި އެ އެއްޗެއް ދޫކޮށްފައިވާ މުވައްޒަފު ނިސްބަތްވާ ނުވަތަ އެފަދަ ތަކެތި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަނބުރާ ހަވާލުކުރަންވާނެއެވެ.
- ވަޒީފާގެ މަސްއޫލިއްޔަތު ބަދަލުވުން؛
- ހަވާލުކޮށްފައިވާ މަސައްކަތް ނިމުމުން؛
- މުވައްޒަފުގެ ހިދުމަތް ނުލިބޭފަދަ ދިގު ޗުއްޓީއަކަށް ދިއުން؛
- ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރުން؛
- ސަސްޕެންޑްކުރުމަށް ނިންމުން؛
- ވަޒީފާއިން ވަކިކުރަން ނިންމުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން މުވައްޒަފަކަށް ދޫކޮށްފައިވާ އެއްވެސް އެއްޗެއް ނުވަތަ އާލާތެއް އަނބުރާ ހަވާލުކޮށްފިނަމަ، ހަވާލުކުރި ތާރީހާއި ގަޑި އަދި ތަކެއްޗާ ހަވާލުވި ފަރާތުގެ މައުލޫމާތު އެނގޭނެހެން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވެގެން މުވައްޒަފަކަށް ދޫކޮށްފައިވާ އެއްޗެއް، ވަކި މުއްދަތެއްގެ ތެރޭގައި ހަވާލުކުރުމަށް އެންގުމުން އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ހަވާލުނުކޮށް އެ މުއްދަތަށްވުރެ އިތުރަށް 24 (ސައުވީސް) ގަޑިއިރު ފާއިތުވެއްޖެނަމަ، އެ ހާލަތުގައި ބެލެވޭނީ، އެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުގެ މުދަލެއްގެ މައްޗަށް ހުއްދަނޫންގޮތުގައި ބާރުފޯރުވީކަމަށެވެ.
12 ވަނަ މާއްދާ - ތަކެއްޗާއި ވަސީލަތްތައް އެހެން ފަރާތެއްގެ ބޭނުމަށް ދޫކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދައިފައިވާ ހަތިޔާރާއި، ގާނޫނު ތަންފީޒުކުރުމުގައި ބޭނުންކުރުމަށް ގެންގުޅޭ ތަކެއްޗާއި އާލާތްތައް ފިޔަވައި، އެހެން ތަކެއްޗާއި މުދަލާއި ވަސީލަތްތައް ބޭނުންކުރަންޖެހޭ ހާލަތެއް މެދުވެރިވެގެން، ވަގުތީގޮތުން ބޭނުންކުރުމަށް ދައުލަތުގެ މުއައްސަސާއަކަށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނާ) އެއްގޮތްވާގޮތުގެމަތިން ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ދޫކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ ހާލަތެއްގައި ދައުލަތުގެ މުއައްސަސާއެއް ފިޔަވައި އެނޫން އާންމު ފަރާތަކަށް އެއްޗެއް ދޫކުރަންވާނީ، އެ ފަރާތަކަށް އެ އެއްޗެއް ދޫކުރުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތަކަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާމެދު އާންމު ރައްޔިތުން ދެކޭ ގޮތާއި އޮންނަ އިތުބާރަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަން ޔަގީންވާނަމައެވެ.
13 ވަނަ މާއްދާ - ވަސީލަތްތައް ބޭނުންކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ރަސްމީ ބޭނުމަށް، މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ އެންމެހައި ވަސީލަތްތައް ބޭނުންކުރަންވާނީ، އެ ވަސީލަތެއް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތް ބޭނުންކުރެވޭނެފަދަ ގޮތަށެވެ.
(ށ) އެއްވެސް ވަސީލަތެއް، ރަސްމީ ބޭނުމެއް ފިޔަވައި އެނޫން ބޭނުމަކަށް ބޭނުންކުރަންވާނީ، އެކަމަށް ހާއްސަ ހުއްދައެއް ލިބިގެން، އެފަދަ ހާލަތެއްގައި އެފަދަ ވަސީލަތެއް ބޭނުންކުރުމަށް ހުއްދަކުރެވޭ މިންވަރަކަށް އެކަންޏެވެ.
(ނ) ރަސްމީ ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މުވައްޒަފަށް ދޫކޮށްފައިވާ ތަކެތި ފިޔަވައި އެހެން އެއްވެސް، ގެޖެޓެއް ނުވަތަ އާލާތެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ނެޓްވާރކް ސިސްޓަމަކަށް ގުޅަންވާނީ، ނުވަތަ އެ ނެޓްވާރކް ސިސްޓަމްގެ ތެރޭގައި ބޭނުންކުރަންވާނީ ލިޔުމުން ހުއްދަ ލިބިގެންނެވެ.
(ރ) ރަސްމީ ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މުވައްޒަފަށް ދޫކޮށްފައިވާ އެއްވެސް އެއްޗެއް، ދިވެހި ފުލުހުންގެ ހިދުމަތުގެ ނެޓްވާރކް ފިޔަވައި އެހެން ނެޓްވާރކަކަށް ނުވަތަ ސިސްޓަމަކަށް ގުޅަންވާނީ، ނުވަތަ އެފަދަ ސިސްޓަމެއްގައި ނުވަތަ ނެޓްވާރކެއްގައި ބޭނުންކުރަންވާނީ ލިޔުމުން ހުއްދަ ލިބިގެންނެވެ.
14 ވަނަ މާއްދާ - އިންށުއަރ ކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ ތަކެތީގެ ތެރެއިން އަގުބޮޑު ތަކެއްޗާއި މުދާ އިންށުއަރ ކުރަން ވާނެއެވެ. މިގޮތުން އަންނަނިވި ތަކެތި އިންށުއަރ ކުރަން ހާއސަ އިސްކަމެއް ދޭންވާނެއެވެ.
- އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު؛
- އާންމު ރައްޔިތުންނަށް ހިދުމަތްދިނުމަށް ގާއިމުކުރެވިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ އިމާރާތްތައް؛
- ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ބޭނުންކުރާ އިމާރާތްތައް؛
- މި ނޫނަސް މިފަދަ އަގުބޮޑު މުދާ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރާއި މުދަލާއި ތަކެތި އިންށުއަރެންސް ކުރުމުގައި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އަމަލުކުރަންވާނެއެވެ. އަދި އިންށުއަރެންސް ކުރުމުގެ އެންމެހައި ކަންތައްތައް ކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރާއި މުދަލާއި ތަކެތި ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންށުއަރ ކުރުމާއި، އިންށުއަރެންސް ކުލައިމް ކުރުމުގައި އަމަލުކުރާނެ އުސޫލެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލާންވާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި، އަގުބޮޑު ތަކެއްޗާއި މުދާކަމަށް ބުނެފައިއެވަނީ، އެ އެއްޗެއް ނުވަތަ މުދަލެއްގެ އަގު 500,000 (ފަސްލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަގުގެ މުދަލަށް ނުވަތަ ތަކެއްޗަށެވެ.
15 ވަނަ މާއްދާ - އުޅަނދުފަހަރު ބެލެހެއްޓުމާއި ބޭނުންކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރުމަށް ހޯދައިފައިވާ އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު ގެންގުޅެ ބޭނުންކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އަސާސްތަކާ އެއްގޮތްވާގޮތުގެމަތިންނެވެ.
(ށ) އުޅަނދުފަހަރާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގައި އަމަލުކުރާނެ އުސޫލެއް މި ގަވާއިދަށް އަމަލުކުރަންފަށާތާ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާއާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާއާ ގުޅިގެން އެކުލަވައިލާންވާނެއެވެ.
- ބަލަހައްޓާނެ ގޮތާއި، ބޭނުންކުރާނެ ގޮތް؛
- ގަރާޖުކުރާނެ ގޮތް ނުވަތަ ފައްތިޔާކުރާނެ ގޮތް؛
- އުޅަނދު ބޭނުންކުރި ގޮތުގެ ރިކޯޑާއި، ތެޔޮ ބޭނުންކުރެވޭ މިންވަރާއި، މަރާމާތުކޮށް ބަލަހައްޓާނެ ގޮތް؛
- ދައުލަތުގެ އެހެނިހެން އިދާރާތަކަށް ކޮށްދޭ ދަތުރުތަކާއި މަސައްކަތްތަކަށް އަގު ނަގާނެ ގޮތް؛
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ އުޅަނދުފަހަރު ދުއްވަންވާނީ، އެ އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފެކެވެ. އެ އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މުވައްޒަފު ނެތްނަމަ، އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައިވާ މުވައްޒަފަކަށް އެ އުޅަނދު ދުއްވުމަށް ހުއްދަ ދެވިދާނެއެވެ. އަދި އިމަޖެންސީ ހާލަތެއް ދިމާވެގެން އުޅަނދެއް ދުއްވަން ޖެހިއްޖެނަމަ، އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތް މީހަކު ނުވަތަ މުވައްޒަފަކު އުޅަނދު ދުއްވުމަށް ހުއްދަ ކުރެވިދާނެއެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފައިގެން ގެންގުޅޭ އުޅަނދުފަހަރުގައި ކުރާ ދަތުރުތަކުގެ މައުލޫމާތު، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިން ލިޔުމުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރެކޯޑު ކުރެވޭ މައުލޫމާތު އަދާހަމަކޮށް، ބަލަހައްޓާކަން އެ އިދާރީ ބަހާއެއްގެ ފަރާތުން ކަށަވަރުކުރަންވާނެއެވެ.
(ޅ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރު، މުވައްޒަފުންގެ އަމިއްލަ ބޭނުމަށް ބޭނުންކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ.
16 ވަނަ މާއްދާ - އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށް ހިފުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ބިމެއް ނުވަތަ އިމާރާތެއް ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކުއްޔަށް ހިފުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފާ ބިމެއް ނުވަތަ އިމާރާތެއް ކުއްޔަށް ހިފާނަމަ ކުއްޔަށް ހިފަންވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔަށް ހިފާ އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށް ހިފަންވާނީ، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ކުއްޔަށް ހިފާ ތަނުގައި ހުރި މުދަލުގެ ތަފުސީލު ލިސްޓެއް ހިމަނަންވާނެއެވެ. މިގޮތުން، އެކުލަވައިލާ ލިސްޓުގައި މުދަލުގެ ތަފުސީލާއި ހާލަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލާ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަންންވާނެއެވެ.
- އެއްބަސްވުމުގެ ބޭނުން؛
- އެއްބަސްވުމުގެ މުއްދަތު؛
- ކުއްޔާއި، ކުލި އަދާކުރާނެ ގޮތް؛
- ވަކި ކަމަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ އެކަމެއް؛
- އެއްބަސްވެފައިވާ ގޮތް؛
- އެޑްވާންސް ފައިސާއާ ގުޅޭ ކަންކަން؛
- އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
- އެއްބަސްވުން ނިމުމަކަށް ގެނައުމުގައި އަމަލުކުރާނެ ގޮތް.
17 ވަނަ މާއްދާ - މަރާމާތު ކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދައިފައިވާ އެންމެހައި މުދަލާއި ތަކެއްޗާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް މަރާމާތުކުރުމަށް ގެންދަންވާނީ، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރެކޯޑުކުރުމަށްފަހު، އެ އެއްޗެއް ހަވާލުކޮށްފައިވާ އިދާރީ ބަހާގެ އިސްވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ފުލުހުންގެ އިމާރާތުގެ މަރާމާތެއް ނުވަތަ އިމާރާތަކަށް ބަދަލެއް ގެންނަންވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
18 ވަނަ މާއްދާ - ގޯތިތެރޭގައި ރުއްގަސް އިންދުމާއި ކެނޑުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތްތަކުގެ ގޯތިތެރޭގައި ރުއްގަސް އިންދަންވާނީ އެ ފުލުހުންގެ މަރުކަޒަކާ ހަވާލުވެހުރި އިސް ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ އެހެން ފަރާތެއްގެ ބިންތަކުގައި ރުއްގަސް އިންދަންވާނީ ނުވަތަ ކަނޑަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ އިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިމާރާތެއްގެ ގޯތިތެރޭގައާއި ފުލުހުންނަށް ދޫކޮށްފައިވާ ރަށްރަށުގައި ހުންނަ ލަކުޑީގެ ގޮތުގައި ހިމެނޭ ރުއްގަސް ކެނޑުމުގައި އަމަލުކުރަންވާނީ، ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާގޮތުގެމަތިންނެވެ. މިގޮތުން ކެނޑޭ ރުއްގަހުގެ މައުލޫމާތު އެ ތަނެއް ނިސްބަތްވާ އިދާރީ ބަހާއިން ބަލަހައްޓަންވާނެއެވެ.
(ރ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ ރައްޔިތުންގެ އިމާރާތްތަކާއި އާންމު ފަރުދުންގެ ބިންތަކުގައި ހުންނަ ރުއްގަސް ކެނޑުމުގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.
19 ވަނަ މާއްދާ - މުދާ ނީލަން ކިޔުމާއި، މުދާ ނައްތައިލުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް މާރާމާތު ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ، ނުވަތަ ބޭނުންނުކުރެވޭވަރު ވެއްޖެނަމަ، އެފަދަ ތަކެތި ނީލަންކިޔުމަށް ނުވަތަ ނައްތައިލުމަށްޓަކައި، އެތަކެތި ބަލަހައްޓާ ބަހާގެ ފަރާތުން މާލީ ކަންކަން ބަލަހައްޓާ ބަހާއަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ނައްތައިލުމުގައި ނުވަތަ މުދާ ނީލަންކިޔުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، ދިވެހި ފުލުހުންގެ ހިދުމަތުގެ މާލީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއިން އެކުލަވައިލަންވާނެއެވެ.
20 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހޯދާ މުދަލާއި ތަކެއްޗާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކަށް މުވައްޒަފަކު އިހުމާލުވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެ އެއްޗެއް މަރާމާތުކުރުމަށް ނުވަތަ އެއާ އެއްފަދަ އެހެންއެއްޗެއް ހޯދުމަށް ހިނގާ ހަރަދު އެ މުވައްޒަފަކު ދޭންވާނެއެވެ. މިގޮތުން، ބަދަލު ނެގުމުގެ ގޮތުން ދައްކަންޖެހޭ ފައިސާ، މުވައްޒަފުގެ މުސާރައިން އުނިކުރުމަށް، މުވައްޒަފު އެއްބަސްވާނަމަ، މުސާރައިން އުނިކުރެވިދާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، މުވައްޒަފުގެ މުސާރައިން ކެނޑުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާގެ ފަރާތުން އެކުލަވައިލާންވާނެއެވެ.
21 ވަނަ މާއްދާ - އިންޓެލިޖެންސަން ބޭނުންވާ މުދަލާއި ފައިސާ ބޭނުންކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގެ މަސައްކަތަށް ބޭނުންވާ ބައެއް މުދަލާއި އާލާތްތަކާއި ތަކެއްޗާއި ވަސީލަތްތައް ހޯދުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިސްތިސްނާކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސް އަށް ލިބގެންވެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިސްނާކުރެވޭ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެމަތިން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލާންވާނެއެވެ.
22 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަމި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-128 އިން އުވާލެވިފައިފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ތަކެތި" ކަމަށް ބުނެފައިއެވަނީ، ސާމާނާއި، އާލަތްތަކާއި، ވަސީލަތްތައް ށާމިލުވާ ގޮތަށެވެ.
(ށ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައިއެވަނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި އެ ގަވާއިދަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.
23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
އުވި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު