-

ނޭށަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭށަން ގެ ގަވާއިދު

(ގަވާއިދު ނަންބަރު 95/2021)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމުގެ ގޮތުންނާއި، މިފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ ތެރެއިން ޓްރޭޑް ޓެސްޓިންގ ދޭނެ އުސޫލެއް ގާއިމުކޮށް، އެ ފަރާތްތަކަށް  ސަނަދު ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަން ކަނޑައަޅާ ގަވާއިދެވެ.

(ށ) މި ގަވާއިދުގައިވާ ކަންކަން ތަންފީޒުކުރާނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.

(ނ) މި ގަވާއިދަށް ކިޔަނީ، "ނޭށަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭށަންގެ ގަވާއިދެވެ." 

 

2 ވަނަ މާއްދާ - މަގުސަދު

(ހ) ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ކަނޑައަޅާ އެންމެހައި ހުނަރުތައް ހާސިލުވެފައިވާކަން ކަށަވަރުކޮށް، "ނޭށަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުން.

(ށ) ގައުމުގެ އިގްތިސާދު ބާރަށް ހިންގުމުގެ ގޮތުން ފަންނީ ހުނަރުވެރި މަސައްކަތުގެ ދާއިރާއަކުން ސަނަދު ލިބިފައިވާ ދިވެހީން ވަޒީފާގެ ބާޒާރަށް އިތުރުކުރުން.

 

3 ވަނަ މާއްދާ -  "ނޭށަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭށަން" ކުރިޔަށް ގެންދެވޭނެ ގޮތް

"ނޭށަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭށަން" ކުރިޔަށް ގެންދެވޭނެ ގޮތް، ތިރީގައި މިވަނީއެވެ.

(ހ) ޓްރޭޑް ޓެސްޓިންގ ކުރިޔަށް ގެންދިއުމަށް ޓަކައި ތަމްރީނު ދޭ ފަރާތް، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރުން.

(ށ) ޓްރޭޑް ޓެސްޓިންގގައި ބައިވެރިވާން އެދޭ ފަރާތް، ތަމްރީނު ދޭ ފަރާތެއް މެދުވެރިކޮށް، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީވުން.

(ނ) ޓްރޭޑް ޓެސްޓިންގގެ ބައިވެރިންގެ "ނޭށަނަލް އެސެސްމަންޓް" ކުރިޔަށް ގެންދިއުމުގެ ކުރިން، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް  އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ތަމްރީނު ދޭ ފަރާތެއް މެދުވެރިކޮށް، ޓްރޭޑް ޓެސްޓިންގގައި ބައިވެރިވާ ފަރާތްތަކުގެ ހުނަރު "ނޭށަނަލް ކޮމްޕީޓަންސީ ސްޓޭންޑަރޑް" ގައި ބަޔާންކޮށްފައިވާ މިންވަރަށް ހުރިތޯ ބެލުމަށްފަހު، އިތުރަށް ދަސްކުރަންޖެހޭ ހުނަރުތައް އެ މަރުކަޒަކުން ދަސްކޮށްދިނުމަށްފަހު "ޕްރީ އެސެސްމަންޓް" ކުރިޔަށް ގެންދިއުން.

(ރ) ތަމްރީނު ޕްރޮގްރާމް ނިމުމުން، ބައިވެރިންގެ "ޕްރީ-އެސެސްމަންޓް" ހެދުމަށްފަހު،  ޕްރީ އެސެސްމަންޓް ރިޕޯޓު، ތަމްރީނު ދޭ ފަރާތުން، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހެޅުން.

(ބ) ބައިވެރިންގެ "ނޭށަނަލް އެސެސްމަންޓް" މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ކުރިޔަށް ގެންދިއުން.

 

4 ވަނަ މާއްދާ -  ޓްރޭޑް ޓެސްޓިންގގެ ބައިވެރިންގެ ށަރުތު

"ޓްރޭޑް ޓެސްޓިންގ" ގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ)

  1. ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން؛ ނުވަތަ
  2. ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން؛ ނުވަތަ
  3. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޒަމާނުއްސުރެ ކޮށްއުޅޭ ދިވެހީންގެ ހާއްސަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން އެ ރޮނގުން އެފަދަ މަސައްކަތް ގައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް މަސައްކަތް ކުރާތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ފަރާތަކަށް ވުން.

(ށ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

 

5 ވަނަ މާއްދާ - ޓްރޭޑް ޓެސްޓިންގ ދެވޭ ގޮތާއި ލެވެލް

ޓްރޭޑް ޓެސްޓިންގ ސެޓުފިކެޓު ދެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާއާއި ލެވެލްގެ ޕްރޮގުރާމެއްގެ ހުރިހާ ކޮމްޕިޓެންސީތައް ހުރިކަން ކަށަވަރުކޮށް، ނޭށަނަލް އެސެސްމަންޓުން ފާސްވުމުންނެވެ.

 

6 ވަނަ މާއްދާ - ދޫކުރާ ސަނަދު "ނޭށަނަލް ސަރޓިފިކެޓް"

(ހ) ޓްރޭޑް ޓެސްޓިންގ ހެދުމަށްފަހު ފާސްވާ ފަރާތަށް ދޫކުރާނީ، އެ ފަރާތަކުން ބައިވެރިވި ދާއިރާއެއްގެ ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކޮށްފައިވާ ލެވެލްގެ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރާ ނޭށަނަލް ސެޓުފިކެޓެވެ.

(ށ) "ނޭށަނަލް ސަރޓިފިކެޓް" އަކީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް  އޮތޯރިޓީން އުފައްދައިފައިވާ ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ ކޯސްތަކުގެ ބައިވެރިންނަށް ދެވޭ ނޭށަނަލް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް، އެ ފަރާތެއް ތަމްރީނުކުރި ތަމްރީނު ދޭ އިންސްޓިޓިއުޓުގެ ނަމުގައި ދޭ ސެޓުފިކެޓެކެވެ.

(ނ) މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭށަނަލް އެސެސްމަންޓް ކުރިޔަށް ގެންދެވޭނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީ ވެފައިވާ އެސެސަރެއް މެދުވެރިކޮށެވެ.

 

7 ވަނަ މާއްދާ - ޓެކްނިކަލް ޕެނަލް

(ހ) ނޭށަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭށަންގ ހިންގުމުގައި މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލަފާ ދިނުމަށާއި، ދިމާވާ ފަންނީ މައްސަލަތަކަށާއި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދުމަށް، މަދުވެގެން 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް ޕެނަލެއް، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވައިލަންވާނެއެވެ.

(ށ) ޓެކްނިކަލް ޕެނަލުގައި ހިމެނޭނީ، އެމްޕްލޯއިމެންޓް ސެކްޓަރ ކައުންސިލްތައް ތަމްސީލުކުރާ 6 (ހައެއް) މެންބަރުންނާއި، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އައްޔަނުކުރާ 1 (އެކެއް) މެންބަރެވެ.

(ނ) ޓެކްނިކަލް ޕެނަލް ހިންގާ ގަވާއިދު، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް  އޮތޯރިޓީން އެކުލަވައިލަންވާނެއެވެ.

 

8 ވަނަ މާއްދާ - ދާއިރާތައް

ޓްރޭޑް ޓެސްޓިންގ ކުރިޔަށް ގެންދެވޭނެ ދާއިރާތައް، މިނިސްޓްރީއާއި މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓުގައި އާންމު ކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ޓްރޭޑް ޓެސްޓިންގ ފުރިހަމަކުރުމަށް، އެއްވެސް ފަރާތަކުން ސައްހަ ނޫން ލިޔެކިޔުމާއި މައުލޫމާތު ހުށަހެޅިކަން ސާބިތުވެއްޖެނަމަ، ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 66 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ ފަރާތެއް 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

10 ވަނަ މާއްދާ -  އެހެނިހެން

 މި ގަވާއިދުގައި ހިމެނިފައި ނުވާކަމެއް ދިމާވެއްޖެނަމަ، އެކަމަށް ގޮތެއް ނިންމާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްނިކަލް ޕެނަލްގެ ލަފަޔާއެކު މިނިސްޓްރީންނެވެ.  

 

11 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދަށް ބަދަލުގެންނަންވާނީ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް  އޮތޯރިޓީގައި އެކުލަވައިލާ ސެކްޓަރ ކައުންސިލުތަކުގެ ލަފާގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

(ހ) "ސެކްޓަރ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާނެ ދާއިރާތައް ފާހަގަކޮށް، ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަރޑްތަކަށް ހިންގާ ތަމްރީނުތަކުގެ ފެންވަރު ބެލުމާ ގުޅޭ ކަންކަން ކުރުމަށް، އެ ދާއިރާތަކަށް ގައުމީ ތަރައްގީއާއި އިގްތިސާދާ ގުޅުންހުރި ދާއިރާތައް ހިމަނައިގެން މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވައިލައިފައިވާ ކައުންސިލަށެވެ.

(ށ) "ނޭށަނަލް ސެޓްފިކެޓް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިޓެންސީ ސްޓޭންޑަރޑްގައިވާ މިންވަރަށް ހާސިލުކޮށް، ނޭށަނަލް އެސެސްމަންޓުގައި ބައިވެރިވެ، ފާސްވާ ފަރާތްތަކަށް ލިބޭ ސަނަދަށެވެ.

(ނ) "ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތު އަހުލާގުގެ މިންގަޑުތަކަށެވެ.(ރ) "ނޭށަނަލް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިޓެންސީ ސްޓޭންޑަރޑްގައިވާ ފެންވަރަށާއި މިންވަރަށް ހާސިލުވެފައިވޭތޯ ބެލުމަށް މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހަދާ އެކްސްޓާރނަލް އިމްތިހާނަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭށަނަށެވެ.

(ޅ) "ޕްރީ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އެކްސްޓަރނަލް އެސެސްމަންޓެއް ކަމުގައިވާ ނޭށަނަލް އެސެސްމަންޓް ހެދުމުގެ ކުރިން އެސެސްމަންޓަށް ކޮލިފައިވޭތޯ، ތަމްރީނުވާ މަރުކަޒުގައި ފުރިހަމަކުރާ އިމްތިހާނަށެވެ.

(ބ) "ޓްރޭޑް ޓެސްޓިންގ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނާއި، މިފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން ފަންނީ ހުނަރުވެރި ތަމްރީނު ދޭ ނިޒާމުގެ ތެރެއިން ދޭ ޓްރޭޑް ޓެސްޓިންގއަށެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު