-

ގާނޫނާ ހިލާފު އަމަލެއް ހިންގިކަމުގެ ތުހުމަތުގައިވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-94)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ، ގާނޫނާ ހިލާފު އަމަލެއް ހިންގިކަމުގެ ތުހުމަތުގައިވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހެދުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 45 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 114 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ގާނޫނާ ހިލާފު އަމަލެއް ހިންގިކަމުގެ ތުހުމަތުގައިވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނާ ހިލާފުވާ ކުއްޖާގެ މައްޗަށް ކޯޓުން އަޅާ ފިޔަވަޅުތަކަކީ ކުއްޖާ ހުރި ހާލަތަށާއި، ކުއްޖާއަށް އެންމެ ފައިދާކުރަނިވި ގޮތަށް ރިއާޔަތް ކުރެވިގެން އެޅޭ ފިޔަވަޅެއްކަން ކަށަވަރު ކުރުމަށް ޓަކައި، ކުއްޖާ ހުރި ހާލަތާ ގުޅޭ ގޮތުން އެކުލަވައިލާ ތަފުސީލީ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ހުންނަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުން.

(ށ) ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަކީ، ކުއްޖާ ކުށަށް އަރައިގަތުމަށް މެދުވެރިވި ސަބަބުތަކާއި، ކުއްޖާގެ މައްޗަށް އެހެން ފަރާތްތަކުގެ ނުފޫޒު އޮތް މިންވަރާއި، ކުއްޖާ ކުށްކުރުމުން ދުރުހެލިވުމަށް ބޭނުންވާ މިންވަރު ދެނެގަނެވޭނެ ރިޕޯޓެއް ކަމުގައި ހެދުން.

(ނ) ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަކީ، ކުއްޖާގެ މައްޗަށް ދައުވާ އުފުލުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ބޭނުންވާނޭ އެކަށީގެންވާ މައުލޫމާތު ހުރި ރިޕޯޓެއް ކަމުގައި ހެދުން.

(ރ) ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަކީ، ކުއްޖާއާ މެދު ފިޔަވަޅު އެޅުމަށް ނިންމުމުގައި ކޯޓުތަކުން ރިއާޔަތް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނޭ ތަފުސީލީ ރިޕޯޓެއް ކަމުގައި ހެދުން.

(ބ) ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަކީ، އެފަދަ ރިޕޯޓެއް ތައްޔާރު ކުރުމަށް ޓަކައި ގެންގުޅެންޖެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރެވޭ ރިޕޯޓެއްކަން ކަށަވަރު ކުރުމަށް ޓަކައި، އެ މިންގަނޑުތައް ބަޔާންކުރުން.

(ޅ) ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާ ގުޅިގެން ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ރިޕޯޓު ހަދާ ފަރާތް

އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހަދާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

 

4 ވަނަ މާއްދާ - ރިޕޯޓު ހަދަންޖެހޭ މުއްދަތު

(ހ) ރިޕޯޓަށް އެދި ހުށަހަޅާތާ ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި ރިޕޯޓު ހަދައި ނިންމަންވާނެއެވެ.

(ށ) ރިޕޯޓު އެކުލަވައިލުމާ ގުޅޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާ މިންގަނޑެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ރިޕޯޓު ހެދުމަށް މަގުފަހިކުރުމަށް ޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި، ކައުންސިލުތަކުންނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ކުއްޖާގެ މައުލޫމާތު ހޯދަންޖެހޭ އެންމެހައި ފަރާތްތަކުން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެއްބާރުލުން ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ރިޕޯޓު ހެދުމުގައި އަމަލުކުރަންޖެހޭނެ މިންގަނޑުގައި ހުންނަންވާނެ ކަންކަން

އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހެދުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތަކާ ގުޅޭގޮތުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މިންގަނޑެއް އެކުލަވައިލަންވާނެއެވެ. އެ މިންގަނޑުގައި، މި ގަވާއިދުގެ އެހެން މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.

(ހ) ރިޕޯޓުގައި ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ހިމެނޭނެ ފަދައިން، އަންނަނިވި ބައިތައް ހިމެނޭ ގޮތުން ރިޕޯޓު އޮންނަންވީ ގޮތުގެ ފޯމެޓް؛

  1. ރިޕޯޓުގެ ބޭރުގަނޑުގައި ހުންނަންޖެހޭ މައުލޫމާތު؛
  2. ރިޕޯޓަށް އެދުނު ފަރާތް؛
  3. ރިޕޯޓަށް އެދުނު ތާރީހާއި ވަގުތު؛
  4. ރިޕޯޓަށް އެދުނު ސަބަބު؛
  5. ރިފަރެންސް ނަންބަރު؛
  6. ސުޕަވައިޒަރު ޗެކުކޮށް ސޮއިކުރަން ހާއްސަކޮށްފައިވާ ތަން؛
  7. ރިޕޯޓާއެކު ހިމަނަންޖެހޭ ލިޔެކިޔުންތަކާއި، ލިޔެކިޔުންތައް ހިމަނައިފައި ހުންނަންޖެހޭނެ ގޮތް؛
  8. ރިޕޯޓު އެކުލަވައިލި މަގުސަދު؛
  9. މައުލޫމާތު ހޯދުމަށް ކުރި މަސައްކަތްތަކާއި، މައުލޫމާތު ހޯދި ފަރާތްތަކާއި، އެ ފަރާތްތަކުން ދިން މައުލޫމާތު ހިމަނާނެ ގޮތް؛
  10. ރިކޮމެންޑޭށަނާއި، ނިންމި ގޮތް.

(ށ) މައުލޫމާތު ހޯދުމަށްޓަކައި ކުއްޖާއާ މުއާމަލާތު ކުރާނެ ގޮތް.

(ނ) ކުއްޖާއާ މުއާމަލާތު ކުރަންވާނީ ކޮންކަހަލަ މާހައުލެއްގައިކަން.

(ރ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އިންޓަވިއުކުރުމާ ގުޅޭ އުސޫލުތައް.

(ބ) އެއްވެސް ފަރާތަކުން މައުލޫމާތު ނުދީފިނަމަ އަމަލުކުރާނެ ގޮތް.

(ޅ) ރިޕޯޓު ހެދުމަށް އެއްކުރާ މައުލޫމާތާއި ލިޔެކިޔުން ބަލަހައްޓާނެ ގޮތް.

(ކ) ރިޕޯޓުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް.

(އ) ރިޕޯޓު ހެދުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ނޫން އެހެން ފަރާތްތަކާ ކޮންމެހެން ހިއްސާކުރަންޖެހޭ ހާލަތުގައި މެނުވީ މައުލޫމާތު ހިއްސާ ނުކުރުމާ ގުޅޭ އުސޫލުތައް.

(ވ) ސުޕަވައިޒަރު ރިޕޯޓު ޗެކްކުރުމާއި، ރިޕޯޓުގައި ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާ ގުޅޭ އުސޫލުތައް.

(މ) ކަނޑައެޅިފައިވާ ވަގުތަށް ރިޕޯޓު ނިންމުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް.

(ފ) ކުއްޖާ ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށްގެން ހާލަތު ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް.

(ދ) ރިޕޯޓު ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، ރިޕޯޓު ބޭނުންކުރެވޭނެ މުއްދަތާއި، ރިޕޯޓު ބާއްވަންޖެހޭނެ މުއްދަތު.

(ތ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ރިޕޯޓު އެކުލަވައިލައި ރިޕޯޓު ހިއްސާކުރުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފެންނަ އެހެނިހެން ކަންކަން.

 

6 ވަނަ މާއްދާ - ރިޕޯޓު ހަދާ ފަރާތުގެ ޒިންމާތައް

ރިޕޯޓު އެކުލަވައިލާ ފަރާތުން ރިޕޯޓު އެކުލަވައިލުމުގައި، އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ރިޕޯޓު ހެދުމުގެ މިންގަނޑުގައިވާ ކަންކަމާއި އިޖުރާއަތުތަކާ އެއްގޮތަށް ރިޕޯޓު އެކުލަވައިލުމުގެ އެންމެހައި މަސައްކަތެއް ކުރުން.

(ށ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިޕޯޓު އެކުލަވައިލުން.

(ނ) ރިޕޯޓު އެކުލަވައިލުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކުއްޖާގެ ހައްގުތައް ރައްކައުތެރިކުރުމަކީ އެންމެ އަސާސީ މަގުސަދުކަމަށް ބަލައިގެން މަސައްކަތްކުރުން.

(ރ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ލިބޭ މައުލޫމާތުގެ މައްޗަށް ބަރޯސާނުވެ، އެއްވެސް ކުއްޖަކާމެދު ނުވަތަ ކުއްޖެއްގެ އާއިލާއާމެދު ވަކި ގޮތަކަށް ދެކި، އަމިއްލަ ނިންމުމެއް ނުނިންމުން.

(ބ) ރިޕޯޓުގައި ހިމަނާ މައުލޫމާތުތަކުގައި ފުށުއެރުމެއް ނުވަތަ އޮޅުމެއް ނޯންނާނޭހެން އަދި ސާފުވާނޭ ފަދައިން މައުލޫމާތުތައް ވީހާވެސް ތަފުސީލުކޮށް ހިމެނުން.

 

7 ވަނަ މާއްދާ - ސުޕަވައިޒަރުގެ ޒިންމާ

މި ގަވާއިދުގެ ދަށުން އެކުލަވައިލާ ކޮންމެ ރިޕޯޓެއް، މި ގަވާއިދާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ މިންގަނޑުގައި ހިމެނޭ ކަންކަން އެ ރިޕޯޓުގައި ފުރިހަމަވެފައިވާކަން ޔަގީންކުރުމުގެގޮތުން ރިޕޯޓު ހަދާ ފަރާތުގެ ސުޕަވައިޒަރު ރިޕޯޓު ބަލައި އޭގައި ސޮއިކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ރިޕޯޓުގައި ހުންނަންޖެހޭ މައުލޫމާތު

ރިޕޯޓުގައި އެންމެ މަދުވެގެން ވެސް އަންނަނިވި މައުލޫމާތު ހިމެނެންވާނެއެވެ.

(ހ) ކުއްޖާގެ ވަނަވަރު.

(ށ) ކުއްޖާގެ ބެލެނިވެރިންގެ މައުލޫމާތު.

(ނ) ކުއްޖާގެ އާއިލާއާބެހޭ މައުލޫމާތު.

(ރ) ކުއްޖާގެ އާއިލާގެ ހާލަތު.

(ބ) ކުއްޖާ ދިރިއުޅޭ މާހައުލު.

(ޅ) ދިރިއުޅޭ ގޭގެ ފެންވަރު.

(ކ) ކުއްޖާ ދިރިއުޅެނީ ކޮން ފަރާތްތަކަކާ އެކުގައިކަން.

(އ) ކުއްޖާގެ ޖިސްމާނީ ހާލަތު.

(ވ) ކުއްޖާގެ ނަފްސާނީ ހާލަތު.

(މ) ކުއްޖާގެ ސިއްހީ ހާލަތު.

(ފ) ކުއްޖާގެ ތައުލީމީ ފެންވަރާއި، ތައުލީމު ހާސިލުކުރަމުންދާ ގޮތް.

(ދ) ކުށުގެ ރެކޯޑާއި، ދިމާވެފައިވާ އަހުލާގީ މައްސަލަތަކާއި، ސުލޫކީ މައްސަލަތައް.

(ތ) ތައުލީމު ހާސިލުކުރަމުންދާ ތަނާ ގުޅޭ މައުލޫމާތު.

(ލ) ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި، ތުހުމަތުކުރެވޭ ކުށާއި، ކުށް ކުރީ އެކަނިކަން ނުވަތަ ބަޔަކާ ގުޅިގެންކަމާއި، ކުށްކުރުމަށް މެދުވެރިވި ސަބަބުތައް.

(ގ) ކުރިން ކުށެއް ކޮށްފައިވާނަމަ، އެކަމާ ގުޅޭ މައުލޫމާތު.

(ޏ) ކުރި ކުށުގެ އަމަލާމެދު ކުއްޖާ ދެކޭ ގޮތާއި، ކުއްޖާ އިސްލާހުވުމަށް އަމިއްލައަށް ބޭނުންވާ މިންވަރު.

(ސ) ކުއްޖާއަކީ ކުށުގެ އަމަލު ހިންގުމުގައި، ރޭވުންތެރި ނުފޫޒެއްގެ ނުވަތަ އެނޫންވެސް އެކްސްޕްލޮއިޓޭށަންގެ އަމަލެއްގެ ށިކާރައަކަށް ވެފައިވާ ކުއްޖެއްކަން ނުވަތަ ނޫންކަން.

(ޑ) ތުހުމަތުކުރެވޭ ކުށަކީ ކިހާވަރެއްގެ ނޭދެވޭ އަމަލެއްކަމާއި، އެ ކަމަކީ ގާނޫނީގޮތުން ނުވަތަ ށަރުއީގޮތުން ކުރުން މަނާކޮށްފައިވާ އަމަލެއްކަން ކުއްޖާއަށް އެނގޭ މިންވަރު.

 

9 ވަނަ މާއްދާ - މައުލޫމާތު ހޯދޭނެ ފަރާތްތައް

ރިޕޯޓު އެކުލަވައިލުމުގެ ބޭނުމަށް، އަންނަނިވި ފަރާތްތަކުން މައުލޫމާތު ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.

(ހ) ކުއްޖާއާއި، ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން.

(ށ) ކުއްޖާގެ އެއްބަނޑު އެއްބަފާ/އެއްބަފާ ނުވަތަ އެއްބަނޑު ފަރާތްތައް.

(ނ) ކުއްޖާ ކިޔަވާ މަރުކަޒުގެ އިސް ފަރާތްތަކާއި، ކުއްޖާގެ ޓީޗަރުން.

(ރ) އަވަށްޓެރިން.

(ބ) ގާތްތިމާގެ މީހުންނާއި، ކުއްޖާގެ ރަހުމަތްތެރިން.

(ޅ) ދައުލަތުގެ ކަމާބެހޭ އިދާރާތައް.

(ކ) މިނޫންވެސް ކުއްޖާގެ ހާލަތަށް ބަލައި މައުލޫމާތު ހޯދަންޖެހޭކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފެންނަ އެންމެހައި ފަރާތްތައް.

 

10 ވަނަ މާއްދާ - ރިޕޯޓުގައި ހުންނަންޖެހޭ މައުލޫމާތާ ގުޅޭ އާންމު އުސޫލުތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖާގެ މައުލޫމާތު ހޯދުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ މިންގަނޑުގައި، ރިޕޯޓު އެކުލަވައިލުމުގައި ރިއާޔަތް ކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޖާ ހުރި ހާލަތަކީ ކުއްޖާއަށް ރައްކައުތެރި މާހައުލެއްކަމަށް ފެނޭތޯ.

(ށ) ކުއްޖާ ހުރި މާހައުލުގައި ކުއްޖާ އުޅެމުންދަނީ އުފަލުގައި، ކުއްޖާއަށް ލިބެންޖެހޭ އަޅައިލުމާއި އޯގާތެރިކަން ލިބިގެންތޯ.

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން މައުލޫމާތު ހޯދާ އެންމެހައި ފަރާތްތަކާއި ކުއްޖާއާ ދެމެދު އޮތް ގުޅުން ރަނގަޅުކަން ނުވަތަ ނޫންކަން.

(ރ) ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ކުއްޖާ ބަލަހައްޓަމުންދާ ގޮތުގެ ސަބަބުން ކުއްޖާއަށް ކުރާނެކަމަށް ބެލެވޭ އަސަރު.

(ބ) މައިންބަފައިން ވަރިވެފައިވާނަމަ، ނުވަތަ ވަރިނުވިޔަސް އެކުގައި އުޅެމުން ނުދާނަމަ، ނުވަތަ ވަޒީފާގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާހެދި އެއް ގެއެއްގައި ނުވަތަ އެއް ރަށެއްގައި އުޅެމުން ނުދާނަމަ، އެކަމުގެ ސަބަބުން ކުއްޖާއަށް ކުރާ އަސަރު.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަކިން އުޅެމުންދާ މައިންބަފައިން ކުއްޖާ ބެލެހެއްޓުމުގައި އަދާކުރާ ރޯލާއި، އެ ދެ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން.

(ކ) ކުއްޖާއާ ގުޅޭ ކަންކަން ނިންމުމުގައި ކުއްޖާގެ ބައިވެރިވުން އޮންނަ މިންވަރު.

(އ) ކުއްޖާއަށް ނަފްސާނީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ޖިންސީ އަނިޔާއެއް ލިބެމުންދޭތޯ ނުވަތަ ލިބިފައިވޭތޯ ނުވަތަ ކުއްޖާ ހުރީ އެފަދަ އަނިޔާއެއް ލިބިދާނެކަމުގެ ބިރު ހީވާފަދަ ހާލަތެއްގައިތޯ.

(ވ) ކުއްޖާ އުޅޭ އެއްވެސް މާހަލެއްގައި ނުވަތަ ދިރިއުޅޭ ތަނުގައި އުޅޭ އެހެން އެއްވެސް ފަރާތަކީ ކުށަށް އަރަގަންނަ ފަރާތެއްކަން ނުވަތަ އެއިން ފަރާތަކީ ނަފްސާނީ އަނިޔާ، ނުވަތަ ޖިސްމާނީ އަނިޔާ، ނުވަތަ ޖިންސީ އަނިޔާ ލިބެމުންދާ ނުވަތަ ލިބިފައިވާ ފަރާތެއްކަން.

(މ) މައިންބަފައިންނާއި އާއިލާގެ މާލީ ހާލަތާއި، މާލީ ހާލަތުގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާވާނަމަ އެކަން.

(ފ) ކުއްޖާގެ ސަބަބުން އާންމުންނަށް ނުވަތަ މުޖުތަމައަށް ނުރައްކަލެއް އޮތްތޯއާއި، އެފަދަ ނުރައްކަލެއް އޮތްނަމަ ނުރައްކަލުގެ މިންވަރު.

(ދ) އިތުރު ކުށަކަށް އަރައިގަތުމުގެ ނުރައްކާ އޮތްކަމަށް ފެންނަ މިންވަރު. 

(ތ) މީގެ ކުރިން ކުއްޖާއަކީ ކުށެއްގެ ތުހުމަތުކުރެވިފައިވާ ކުއްޖެއްކަން ނުވަތަ ނޫންކަން.

(ލ) އާއިލާއާ ވަކިން ދިރިއުޅެންޖެހިފައިވޭތޯ.

 

11 ވަނަ މާއްދާ - ރިޕޯޓު ހަދާ ފަރާތަކީ އެކަމަށް ގާބިލު ފަރާތެއްކަން ކަށަވަރުކުރުން

(ހ) ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހަދަންވާނީ، އަދި އެ ރިޕޯޓު ސުޕަވައިޒްކޮށް ފައިނަލްކުރަންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ފެންވަރެއްގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހަދާ ފަރާތުގައި ފުރިހަމަވާންޖެހޭ ށަރުތުތައް، މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ މިންގަނޑުގައި ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - ރިޕޯޓު ހިއްސާކުރުން

(ހ) ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހިއްސާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކަށެވެ.

  1. ކުއްޖާ؛
  2. ކުއްޖާގެ ބެލެނިވެރިން؛
  3. ކުއްޖާގެ މައްސަލަ ބަލާ ކޯޓު؛
  4. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް؛
  5. މޯލްޑިވްސް ޕޮލިސް ސަރވިސް؛
  6. ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް؛
  7. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު، އެ ކުއްޖާއަށާއި އޭނާގެ ބެލެނިވެރިޔާއާ ހިއްސާކުރުމުގައި، އެ ރިޕޯޓު އެއްކޮށް ހިއްސާކުރުމުގެ ބަދަލުގައި، ކޯޓުން ކަނޑައަޅާ ވަކި މިންވަރަކަށް އެ ރިޕޯޓު ހިއްސާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ރިޕޯޓުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ކުއްޖާގެ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓު ހިއްސާ ކުރެވިދާނެކަމުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކާ ރިޕޯޓު ހިއްސާ ނުކުރުމުގެ ގޮތުންނާއި، ރިޕޯޓުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ މިންގަނޑުގައި ހިމަނަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ މިންގަނޑުގައި، ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކާ ރިޕޯޓު ހިއްސާކުރެވޭނެ ހާލަތްތަކާއި، އެ ފަރާތްތަކާ ރިޕޯޓު ހިއްސާ ކުރުމުގައި ރިޕޯޓުގެ ސިއްރުކަން ހިފެހެއްޓުމުގެ ގޮތުން އަމަލުކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ.

(ނ) ކުއްޖާގެ އިޖުތިމާއީ ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓުގެ ސިއްރުކަން ދެމެހެއްޓުމަށް ޓަކައި، ޗެއިން އޮފް ކަސްޓަޑީގެ އުސޫލުން މައުލޫމާތު ރެކޯޑުކުރެވޭނެ ގޮތް، މި މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ މިންގަނޑުގައި ބަޔާންކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ރިޕޯޓު ބޭނުން ނުކުރެވޭނެ ހާލަތްތައް

(ހ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު އެންމެ ގިނަވެގެން ބޭނުންކުރެވޭނެ މުއްދަތު ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުން ކުއްޖާގެ ހާލަތު ބަލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކުލަވައިލަންވާނީ އައު ރިޕޯޓެކެވެ. 

(ނ) ކުއްޖަކާ ގުޅޭ މައްސަލައެއްގައި ކުރިން އެ ކުއްޖާގެ އެހެން މައްސަލައަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓު ބޭނުމެއް ނުކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި އެ ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނަށާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމައާއި ބައްޕައަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

 

16 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު