-

ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކާއި ޕެރޯލްގެ އުސޫލުތަކާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-93)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-79 ގެ 76 ވަނަ މާއްދާއިން އުވާލެވިފައި)

 
އެއްވަނަ ބާބު

ފެށުން

1 ވަނާ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބައިތިއްބުމަށްޓަކައި ގާއިމުކުރަންޖެހޭ ރެޒިޑެންށަލް މަރުކަޒުތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި، އެ މަރުކަޒުތަކުން ލިބެންޖެހޭނެ ފަރުވާގެ ޕްރޮގްރާމްތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، މަރުކަޒުތަކުގައި ތިބޭ ކުދިންގެ ޕެރޯލްއާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 80 ވަނަ މާއްދާއާއި 99 ވަނަ މާއްދާއާއި، 114 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކާއި ޕެރޯލްގެ އުސޫލުތަކާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބައިތިއްބުމަށްޓަކައި ގާއިމުކުރަންޖެހޭ ރެޒިޑެންށަލް މަރުކަޒުތައް ގާއިމުކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ށ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބައިތިއްބުމަށްޓަކައި އަމިއްލަ ފަރާތްތަކުން އުފައްދައި ހިންގާ މަރުކަޒުތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި ހިފަހައްޓަންޖެހޭނެ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅެންޖެހޭނެ އުސޫލުތައް އެކަށައެޅުން؛

(ރ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން މަރުކަޒުތަކުގައި ތިބޭއިރު އެ ކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާގުޅޭ ހަރުދަނާ ނިޒާމެއް އެކުލަވައިލުމާއި، އެ މަރުކަޒުތަކުން އެ ކުދިންނަށް ލިބެންޖެހޭނެ ހިދުމަތްތައް ކަނޑައެޅުން؛

(ބ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެ ކުދިންގެ އުމުރާއި، ޖިންސާއި، އިޖުތިމާއީ ގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާ ހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖްތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ، އަދި ޖިސްމާނީ ގޮތުން މުހިންމު އަޅާލުމާއި، ރައްކައުތެރިކަން މަރުކަޒުތަކުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން؛

(ޅ) ކުއްޖާއަށް ރިހެބިލިޓޭޓިވް ފަރުވާ ލިބިދިނުމާއެކު، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކުރެވޭފަދަ ޕްރޮގްރާމްތައް މަރުކަޒުތަކުގައި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ކ) ކުއްޖާގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ދީނީ ތައުލީމާއި، އިތުރު ތައުލީމާއި ތަމްރީނާއި ހުނަރުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން؛

(އ) މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަދަލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ވ) މަރުކަޒުތަކުގައި ތިބޭ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް އެދި ކޯޓަށް ހުށަހެޅުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

 

 

ދެވަނަ ބާބު

މިނިސްޓްރީގެ ޒިންމާ

 

3 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް

މި ގަވާއިދު ހިންގުމުގައި މިނިސްޓްރީގެ މަސްއޫލިއްޔަތާއި ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން އުފައްދާ މަރުކަޒުތަކާއި، ލައިސަންސް ލިބިގެން އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހައްގުތައް ކަށަވަރުކުރުން؛

(ށ) މިނިސްޓްރީން އުފައްދައި ހިންގާ މަރުކަޒުތަކުގެ އިތުރުން އެފަދަ މަރުކަޒުތައް ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސާއި ހުއްދަ ދިނުން؛

(ނ) މިނިސްޓްރީން އުފައްދައި ހިންގާ އެންމެހައި މަރުކަޒުތަކާއި އަމިއްލަ ފަރާތްތަކަށް ލައިސަންސް ދޫކޮށްގެން ހިންގާ އެންމެހައި މަރުކަޒުތައް ހިންގަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛

(ރ) މަރުކަޒުތަކުގައި ތިބޭ ކުދިންނަކީ ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް އާދެވޭނެ ފަދަ ކުދިންތަކަކަށް ހެދުމަށްޓަކައި މަރުކަޒުތަކުން ފޯރުކޮށްދޭ ފަރުވާގެ ޕްރޮގްރާމްތަކުގެ މިންގަނޑުތައް ކަނޑައެޅުން.

 

 

ތިންވަނަ ބާބު

މަރުކަޒުތައް އުފެއްދުން

 

4 ވަނަ މާއްދާ - މަރުކަޒުތައް ހިންގުމުގެ އުސޫލުތައް

(ހ) ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބައިތިއްބުމަށްޓަކައި ގާއިމުކުރާ ރެޒިޑެންށަލް މަރުކަޒުތައް އުފައްދައި ހިންގަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި ހިންގާ މަރުކަޒުތަކަކީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދައިފައިވާ، ކުއްޖާގެ އުމުރާއި ކުއްޖާ ކޮށްފައިވާ ކުށާ އެކަށޭނަ ތަންތަން ކަމުގައި ވާންވާނެއެވެ.

(ނ) ކޮންމެ މަރުކަޒެއްގައިވެސް، އެ މަރުކަޒެއްގައި ތިބޭ ކުޑަކުދިންނަށް އެ ކުދިންގެ އުމުރާއި، ޖިންސާއި، އިޖުތިމާއީ ގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި ދީނީ، އިޖުތިމާއީ، ތައުލީމީ، ނަފުސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅާލުމާއި ރައްކައުތެރިކަމާއި އެހީތެރިކަން މަރުކަޒުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދޭންވާނެއެވެ.

(ރ) ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅޭ ހަމަހަމަ އުސޫލެއްގެ ދަށުން މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، އެ ކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެ ކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިދެވޭނެ އިންތިޒާމު މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.

(ބ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، އެ ކުއްޖާގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މަރުކަޒުތައް ބެހިގެންވާ ބައިތައް

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، މި ގަވާއިދުގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން މިނިސްޓްރީން އުފައްދައި ހިންގޭނީ، އަދި އަމިއްލަ ފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ބާވަތުގެ މަރުކަޒުތަކެވެ.

(ހ) ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރު؛

(ށ) ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސް؛

(ނ) ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީ.

 

6 ވަނަ މާއްދާ - ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރު

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރަކީ ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށްޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.

(ށ) ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރުތައް ހުންނަންވާނީ އެތަނުގައި ތިބޭ ކުދިން އެތަނުގެ ބެލެހެއްޓުމުގެ ދަށުން، އާންމުކޮށް ދިރިއުޅޭ މާހައުލަކާ އެއްގޮތަށް ފަރުމާކުރެވިފައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބޭ ކޮންމެ ކުއްޖަކަށް އެ ކުއްޖަކަށް ހާއްސަ ވަކިވަކި ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސްއަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލޯންގ ޓަރމް ރެސިޑެންށަލް ކެއަރ ފެސިލިޓީއެއްގައި ނުވަތަ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން، އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެ ކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒުތަކެވެ.

(ށ) ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސްތަކުގައި، އެތަނުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ.

 

8 ވަނަ މާއްދާ - ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީ

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީއަކީ ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، ކުއްޖާގެ އާއިލާއާއި މުޖުތަމައު ބައިވެރިވެވޭނެ ފަދައިން ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ. 

 

9 ވަނަ މާއްދާ - މިނިސްޓްރީން އުފައްދާ މަރުކަޒުތައް

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ 3 (ތިނެއް) ބާވަތުގެ މަދުވެގެން 1 (އެކެއް) މަރުކަޒު ތަމްރީނު ލިބިފައިވާ މީހުންނާއެކު މިނިސްޓްރީން އުފައްދައި ހިންގަންވާނެއެވެ.

 

10 ވަނަ މާއްދާ - ހާއްސަ މަރުކަޒުތައް އުފެއްދުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާ ދިނުމަށްޓަކައި، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް ހާއްސަ މަރުކަޒުތައް އުފެއްދިދާނެއެވެ.

  1. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ފަރުވާގެ ޕްރޮގްރާމްތަކުގެ ތެރެއިން، ވަކި ފަރުވާއަކަށް ހާއްސަ މަރުކަޒެއް ހުންނަންޖެހޭކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެ ފަރުވާއެއް ދިނުމަށް ހާއްސަ މަރުކަޒެއް އުފެއްދުން؛
  2. މި ގަވާއިދުގެ ދަށުން މަރުކަޒުތަކަށް ގެނެވޭ ކުދިންގެ ތެރެއިން ވަކި ބާވަތެއްގެ ކުށެއް ނުވަތަ ކުށްތަކެއް ކޮށްފައިވާ ކުދިންނަށް އެހެން ކުދިންނާ ވަކިން ވަކި މަރުކަޒެއްގައި ފަރުވާ ދިނުމަށް ކަމާބެހޭ ދިރާސާތަކުގެ އަލީގައި ފެނިއްޖެނަމަ އެކަމަށް ހާއްސަ މަރުކަޒެއް އުފެއްދުން؛
  3. އަލަށް ކުރެވޭ ދިރާސާތަކުގެ އަލީގައި މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ އިތުރުން، އެހެން ބާވަތެއްގެ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް އުފެއްދުމަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު އޮތްގޮތަށާއި ކުށްކުރާ ކުދިންގެ އަދަދަށާއި ދިވެހިރާއްޖޭގެ އާންމު އިޖުތިމާއީ ހާލަތަށް ރިއާޔަތްކުރާއިރު، އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި އެފަދަ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް އުފެއްދުން.

(ށ) މި މާއްދާގެ ދަށުން މިނިސްޓަރު ވަކި ބާވަތެއްގެ މަރުކަޒެއް އުފެއްދުމަށް ނިންމަންވާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ލަފާގެ މަތިންނެވެ.

(ނ) މި މާއްދާގެ ދަށުން އަލަށް އުފައްދާ ހާއްސަ މަރުކަޒުތަކުގައިވެސް މި ގަވާއިދުގައި ބަޔާންކުރާ އެންމެހައި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިރާސާތައް ވާންވާނީ، ދިވެހިރާއްޖެއަށް ހާއްސަކޮށްގެން ކުރެވޭ ދިރާސާތަކެއްކަން މިނިސްޓަރު ޔަގީންކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އަމިއްލަ ޖަމުއިއްޔާތަކުގެ ބައިވެރިވުން

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތައް ހިންގުމުގައާއި މަރުކަޒުތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަކުދިންގެ ރައްކައުތެރިކަމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްކަންދޭންވާނެއެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތައް ހިންގުމާ ގުޅޭގޮތުން އެ މަރުކަޒުތަކުން އެކުލަވައިލާ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި، އިދާރީ އޮނިގަނޑުތަކާއި އަތްމަތީފޮތްތައް އެކުލަވައިލުމުގައި ދައުލަތު ކަމާގުޅޭ މުއައްސަސާތަކާއި ކުޑަކުދިންގެ ރައްކައުތެރިކަމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ ހިޔާލާއި މަށްވަރާ ހޯދަންވާނެއެވެ.

(ނ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ގާއިމުކޮށް ހިންގާ މަރުކަޒުތަކުން ހިންގުމަށް ތައްޔާރުކުރާ ފަރުވާގެ ޕްރޮގްރާމް އެކުލަވައިލުމުގައި ދައުލަތު ކަމާގުޅޭ މުއައްސަސާތަކުގެ ލަފާ އަދި ކުޑަކުދިން ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ ހިޔާލާއި މަށްވަރާ ހޯދަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އަމިއްލަ ފަރާތްތަކަށް މަރުކަޒު ހިންގުމަށް ލައިސަންސް ދޫކުރުން

 

12 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުން މަރުކަޒު ހިންގުމުގެ ލައިސަންސް

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ މަރުކަޒެއް އަމިއްލަ ފަރާތަކުން ހިންގަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ދޫކުރާ ލައިސަންސެއް ލިބުމަށްފަހުގައެވެ.

 

13 ވަނަ މާއްދާ - ލައިސަންސަށް އެދެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ މަރުކަޒެއް އުފައްދައި ހިންގުމަށް، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ލައިސަންސަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް؛ ނުވަތަ
  2. ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް؛ ނުވަތަ
  3. ގާނޫނު ނަންބަރު 2007-03 (ކޯޕަރަޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޯޕަރަޓިވް ސޮސައިޓީއަކަށް؛ ނުވަތަ
  4. ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކަށް.

(ށ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، އެކަމަށް ތައްޔާރުކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާ "އަމިއްލަ ފަރާތްތަކުން ކުޑަކުދިންގެ މަރުކަޒުތައް ހިންގުމަށް ލައިސަންސަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް މިނިސްޓްރީއަށެވެ.

 

14 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމާއެކު އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންވާނެއެވެ.

  1. ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރަޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
  2. މަރުކަޒު އުފައްދައި ހިންގުމަށް ފާސްކޮށްފައިވާ ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރަޓިވް ސޮސައިޓީގެ ބޯޑު ރިޒޮލިއުށަން ނުވަތަ އަމިއްލަ ފަރާތަކުންނަމަ އެ ފަރާތުގެ އިގުރާރު؛
  3. ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރަޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ، ނުވަތަ ވެރިފަރާތް ނުވަތަ ވެރިފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  4. ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރަޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޕްރޮފައިލް؛
  5. ގާއިމުކުރަން ބޭނުންވަނީ ކޮން ބާވަތެއްގެ މަރުކަޒެއްކަން؛
  6. މަރުކަޒު ގާއިމުކުރާނެ ތަނާއި، ފްލޯ ޕްލޭން؛
  7. މަރުކަޒުން ފޯރުކޮށްދޭނެ ފަރުވާގެ ޕްރޮގްރާމްތައް؛
  8. މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުން ބެހިގެންވާ ފަންނީ ދާއިރާތަކުގެ ލިސްޓު؛
  9. މަރުކަޒު ހިންގުމަށް ފައިސާ ހަރަދުކުރުމަށް ނިންމައިފައިވާ ގޮތް؛
  10. މަރުކަޒު ހިންގާ ފަރާތުގެ ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ މާލީ ހާލަތު އަންގައިދޭ ރިޕޯޓު؛
  11. މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކަށް އަގު ނެގުމަށް ނިންމައިފައިވާ ގޮތް؛
  12. މަރުކަޒުން ފަރުވާދެވޭނެ ކުދިންގެ އަދަދު؛
  13. މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދެވޭނެ ފެންވަރުހުރި އަދި ކަމާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބައެއްކަން އެނގޭނެ ލިޔެކިޔުން؛
  14. މަރުކަޒުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ ހިމެނޭހެން މުވައްޒަފުންނާ ގުޅޭ މައުލޫމާތު؛
  15. މަރުކަޒުގެ ސުޕްރިންޓެންޑެންޓުގެ ގޮތުގައި އައްޔަންކުރަން ގަސްދުކުރާ ފަރާތުގެ ވަނަވަރު؛
  16. މަރުކަޒުގެ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ؛
  17. މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ކަންކަން.

(ށ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ފޯމެއް ފުރިހަމަ ނޫންނަމަ، ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނޫންނަމަ، އެކަމެއް ބަޔާންކޮށް މިނިސްޓްރީން އަންގާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފޯމެއް ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފޯމު ނުވަތަ ލިޔުންތައް ހުށަހަޅައިފައިނުވާނަމަ އެ ފޯމެއް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ހިދުމަތުގެ އަގު

(ހ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ އަގުތަކަކީ، މިނިސްޓްރީއާއި ހުށަހަޅާ ފަރާތާ ދެމެދު އެއްބަސްވެވޭ އަގުތަކެއް ކަމުގައި ވާންވާނެއެވެ.

(ށ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރުމަށްފަހު، ހިދުމަތް ދޭ މުއްދަތުގެ ތެރޭގައި ހިދުމަތުގެ އަގަށް ބަދަލެއް ނުގެނެވޭނެއެވެ.

(ނ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާއިރު ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިދުމަތުގެ އަގަށް ބަދަލު ގެނެވޭނީ މިނިސްޓްރީއާއި ލައިސަންސަށް އެދި ހުށަހަޅާ ފަރާތާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ.

 

16 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.

 

17 ވަނަ މާއްދާ - އިންސްޕެކްޓްކުރުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި މިނިސްޓްރީއަށް ފޯމެއް ހުށަހަޅައިފިނަމަ، މަރުކަޒު ހިންގުމަށް ލައިސަންސް ދޫކުރުމުގެ ކުރިން މަރުކަޒު ހިންގަން ގަސްތުކުރާ އިމާރާތް ނުވަތަ ތަން މި ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ ކޮމިޓީން އިންސްޕެކްޓްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކުރާ އިންސްޕެކްށަންގައި އަންނަނިވި ކަންކަން ބަލަންވާނެއެވެ.

  1. މަރުކަޒުގައި ފުރިހަމަވެފައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިވާކަން.
  2. މި ގަވާއިދުގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް މަރުކަޒުގައި ގާއިމުކުރެވިފައިވާކަން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރާ އިންސްޕެކްށަނަށް ފަހު އެކުލަވައިލާ ރިޕޯޓުގައި، ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އެ ތަނެއް ނުފެތޭނަމަ އެކަމެއްގެ ތަފުސީލާއި ރަނގަޅުކުރަންޖެހޭ ކަންކަން ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، ލައިސަންސަށް އެދި ހުށަހަޅާތާ ގިނަވެގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްށަން ފުރިހަމަކޮށް ނިންމަންވާނެއެވެ.

(ބ) އިންސްޕެކްށަން ނިމުމަށްފަހު، އިންސްޕެކްށަން ރިޕޯޓު ލައިސަންސަށް އެދި ހުށަހެޅި ފަރާތަށާއި މިނިސްޓަރަށް، އިންސްޕެކްށަން ނިމޭތާ ގިނަވަގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ.

(ޅ) މަރުކަޒުގައި އެއްވެސް ކަމެއް ރަނގަޅުކުރަން ހުރިނަމަ، އެކަމެއް ރަނގަޅުކުރުމަށް ގިނަވަގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދީ، އެކަން މި މާއްދާގެ (ބ) ގެ ދަށުން ދޭ އިންސްޕެކްށަން ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އިންސްޕެކްށަން ރިޕޯޓުގައި ބަޔާންކުރާ ކަންކަން ރަނގަޅުކުރުމަށްފަހު އަލުން އެތަނެއް އިންސްޕެކްޓްކުރުމަށް އެދި ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންސްޕެކްށަން ރިޕޯޓުގައި ބަޔާންކުރާ ކަންކަން ރަނގަޅުކޮށް މިނިސްޓްރީއަށް ހުށަހަޅައިފައިނުވާނަމަ، ނުވަތަ މިނިސްޓްރީން ކުރާ ދެވަނަ އިންސްޕެކްށަންގައިވެސް އެކަންކަން ރަނގަޅުކޮށްފައިނުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ފަރާތުން ހުށަހަޅައިފައިވާ ހުށަހެޅުން ބާތިލު ކުރެވޭނެއެވެ.

 

18 ވަނަ މާއްދާލައިސަންސް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އިންސްޕެކްށަން ރިޕޯޓު ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަރުކަޒު ހިންގުމުގެ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ދޫކުރާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މަރުކަޒުން ހިދުމަތްދޭން ފަށަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން މަރުކަޒުން ހިދުމަތް ދޭން ފެށުމުގެ ކުރިން މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ އަންނަނިވި މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

  1. ކޮންމެ މުވައްޒަފެއްގެ ވަނަވަރު؛
  2. ކޮންމެ މުވައްޒަފެއްގެ މަގާމާއި، ތައުލީމީ ފެންވަރާއި ތަޖުރިބާ އަންގައިދޭ ލިޔުން؛
  3. ކޮންމެ މުވައްޒަފެއްގެ ކުށުގެ ރެކޯޑު ސާފުކުރާފޯމު.

 

19 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

(ހ) މަރުކަޒުތަކުގައި ފުރިހަމަވާންޖެހޭކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، މަރުކަޒުތަކުން ލިބެންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތައް ދިނުމާއި، މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑުތައް ބެލެހެއްޓުމަކީ ލައިސަންސްގެ ށަރުތުތައް ކަމުގައި މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ ގޮތަށް މިނިސްޓްރީއާއި ލައިސަންސް ދޫކުރެވޭ ފަރާތާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެއެވެ.

 

20 ވަނަ މާއްދާލައިސަންސް އައުކުރުން

(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ދޫކުރާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ލައިސަންސްގެ މުއްދަތު އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
 
 
 
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ފަރުވާދެވުނު ކުދިންގެ އަދަދު؛
  2. މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް އެހެން މަރުކަޒަކަށް ބަދަލުކުރެވުނު ކުދިންގެ އަދަދު؛
  3. މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ޕެރޯލްގެ ދަށުން ދޫކުރެވުނު ކުދިންގެ އަދަދު؛
  4. މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން ހުކުމުގައި ބަޔާންކޮށްފައިވާ މުއްދަތު ފުރިހަމަކޮށް ނިމުނު ކުދިންގެ އަދަދު.

(ނ) މި މާއްދާގެ ދަށުން މަރުކަޒެއްގެ ލައިސަންސް އައު ކޮށްދިނުމުގެ ކުރިން އަންނަނިވި ކަންކަމަށް މިނިސްޓްރީން ރިއާޔަތްކުރަންވާނެއެވެ.

  1. މަރުކަޒު ހިންގަން ފެށި ތާރީހުން ފެށިގެން މަރުކަޒާމެދު އެޅިފައިވާ ފިޔަވަޅުތައް؛
  2. މި ގަވާއިދުގެ ދަށުން ހިންގައިފައިވާ އިންސްޕެކްށަންތަކުގައި ފާހަގަކޮށްފައިވާ ކަންކަން؛
  3. މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތު ފޮނުވަމުން ގޮސްފައިވާ ގޮތް.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ލައިސަންސް އައުކޮށްދިނުމުގެ ނުވަތަ އައުކޮށްނުދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާލައިސަންސް ސަސްޕެންޑްކުރުމާއި ލައިސަންސް ބާތިލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ދިނުމުގެ ށަރުތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ށަރުތަކާ ހިލާފުވެއްޖެނަމަ ލައިސަންސް ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ 72 ވަނަ މާއްދާގެ ދަށުން ކޮމިޓީން ހިންގާ އިންސްޕެކްށަނެއްގައި މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑާ އެއްގޮތަށް ކަންކަން ނެތްކަމަށް ފާހަގަކުރެވޭނަމަ، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ލައިސަންސް ސަސްޕެންޑް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ސަސްޕެންޑްކުރެވޭ ލައިސަންސް އަލުން ދޫކުރެވޭނީ، ރަނގަޅުކުރަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކުރުމަށްފަހު މިނިސްޓްރީއަށް އަންގައި، އެކަންކަން ރަނގަޅުކޮށްފައިވާކަން މިނިސްޓްރީން ބެލުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސް ސަސްޕެންޑް ކުރެވޭ މުއްދަތުގައި ރަނގަޅުކުރަން އަންގާ ކަންތައްތައް ރަނގަޅުނުކޮށްފިނަމަ، ލައިސަންސް ބާތިލުކުރުމަށް ކަނޑައަޅާ 1 (އެކެއް) މަސްދުވަހުގެ ނޯޓިހެއް އެ މަރުކަޒު ހިންގާ ފަރާތަކަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެކަމަކާ ގުޅޭގޮތުން މަރުކަޒު ހިންގާ ފަރާތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) އަށް ރިއާޔަތްކުރުމަށްފަހު، ރަނގަޅުކުރަން އަންގާ ކަންތައްތައް ރަނގަޅުނުކޮށްފިނަމަ، ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) ކޮމިޓީން ހިންގާ އިންސްޕެކްށަނެއްގައި ފާހަގަވާ ކަމަކީ، ކުއްޖެއްގެ ހައްގެއް ނިގުޅައިގަނެވިދާނެފަދަ ނުވަތަ ކުއްޖެއްގެ ހައްގެއް ކަށަވަރުނުވެދާނެފަދަ ކަމެއްނަމަ، ވަގުތުން ވަގުތަށް އެކަމެއް އިސްލާހުކުރަން މަރުކަޒު ހިންގާ ފަރާތަށް އަންގައި، މަރުކަޒު މޮނިޓަރކުރަމުން ގެންދާންވާނެއެވެ.

(އ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގެ 75 ވަނަ މާއްދާގެ ދަށުން ވަގުތުން ލައިސަންސް ބާތިލުކުރަންޖެހޭކަމަށް ކޮމިޓީން މިނިސްޓަރަށް ލަފާދީފިނަމަ، ނޯޓިހެއް ދިނުމަކާ ނުލައި އެތަނަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ ދަށުން އެއްވެސް މަރުކަޒެއްގެ ލައިސަންސް ސަސްޕެންޑްކުރުމުގެ ސަބަބުން ނުވަތަ ބާތިލުކުރުމުގެ ސަބަބުން އެތަނެއްގައި ތިބޭ ކުދިންނަށް އޭގެ އަސަރު ނުފޯރާނެ ފަދައިން ހިދުމަތްތައް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން އެއްވެސް ހަރަދެއް ކުރަން ޖެހިއްޖެނަމަ، އެ ހަރަދަށް މަރުކަޒު ހިންގި ފަރާތުން ޒިންމާވާންޖެހޭނެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ހަރަދުގެ ތެރޭގައި، އެހެން ތަނެއް، މަރުކަޒެއް ހުންނަންޖެހޭ ހާލަތަކަށް ގެނައުމަށްފަހު، ކުދިން އެ މަރުކަޒެއްގައި ބައިތިއްބައިގެން ހިދުމަތް ދިނުމަށް ހިނގި ހަރަދު ނުވަތަ ކުދިން އެހެން މަރުކަޒަކަށް ބަދަލުކޮށްގެން ހިދުމަތް މެދުނުކެނޑި ދިނުމަށް ހިނގާ ހަރަދު ހިމެނެއެވެ.

(ފ) މި މާއްދާގެ (ވ) ގެ ދަށުން، މިނިސްޓްރީން ކުރި ހަރަދުތައް ތަފުސީލާއެކު ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފައިސާ، މަރުކަޒު ހިންގި ފަރާތުން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

22 ވަނަ މާއްދާ - ހިންގުން އެހެން ފަރާތަކާ ހަވާލުނުކުރުން

މި ގަވާއިދުގެ ދަށުން ލައިސަންސް ކުރެވިފައިވާ މަރުކަޒެއްގެ ހިންގުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ އިހުތިޔާރު މަރުކަޒު ހިންގާ ފަރާތަށް ލިބިގެނެއް ނުވެއެވެ.

 

23 ވަނަ މާއްދާ - އުސޫލުތައް ހިންގުން

ދައުލަތުން ހިންގާ މަރުކަޒުތަކުގެ މައްޗަށް ހިނގާ އުސޫލުތައް މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

 

ފަސްވަނަ ބާބު

މަރުކަޒުތަކުގެ ހުންނަންޖެހޭ އެންމެ ދަށް މިންގަނޑުތައް

 

24 ވަނަ މާއްދާ - ތަނުގައި ހުންނަންޖެހޭ މިންގަނޑު

މަރުކަޒު ހިންގާ އިމާރާތުގައި މަދުވެގެން އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

(ހ) މަރުކަޒުތަކުގައި ތިބޭ ކޮންމެ ކުއްޖަކަށް ވަކިން ނިދޭނެ އިންތިޒާމު ހުރުން؛

(ށ) މަރުކަޒު ގާއިމުކުރާ އިމާރާތަކީ މީހުން ދިރިއުޅޭ އިމާރާތަކަށް ނުވުން؛

(ނ) ސާފުވައި ލިބޭނެ ގޮތަށް އަދި ގުދުރަތީ އަލި ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތަކަށްވުން؛

(ރ) އަޅުކަންކުރުމަށް ހާއްސަކޮށްފައިވާ އެކަށީގެންވާ ޖާގައެއް އޮތުން؛

(ބ) އިމާރާތުން ބޭރަށް ސާފުވައި ލިބޭނެ ހުސް ޖާގައެއް އޮތުން؛

(ޅ) އިމާރާތްކުރުމާ ބެހޭގޮތުން ހަދައިފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިމާރާތްކޮށްފައިވާ ތަނަކަށްވުން؛

(ކ) ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާއަކުން ރައްކައުތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅިފައިހުރުން؛ 

(އ) ކުޅިވަރުކުޅުމަށާއި ކަސްރަތުކުރުމަށް ހާއްސަކުރެވިފައިވާ ޖާގަ އޮތުން.

 

25 ވަނަ މާއްދާ - ހުއްދަތައް ނެގުން

މި ގަވާއިދުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅައިފައިވީނަމަވެސް، ވަކި ކަމަކާ ގުޅޭގޮތުން ނުވަތަ ވަކި ހިދުމަތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަރުކަޒު ހިނގަމުންދާކަމާއި، ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ނަގައިގެން މަރުކަޒު ހިނގަމުންދާކަން ކަށަވަރުކުރުމަކީ މަރުކަޒު ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

26 ވަނަ މާއްދާ - ލިބެންޖެހޭ ހިދުމަތްތައް

މި ގަވާއިދުގެ ދަށުން ހިންގާ އެންމެހައި މަރުކަޒުތަކުން އަންނަނިވި ހިދުމަތްތައް ފޯރުކޮށްދޭންވާނެއެވެ.

(ހ) ގަޑިން ގަޑިއަށް ސިއްހަތު ރަނގަޅު ކާނާ ފޯރުކޮށްދިނުން؛

(ށ) ހުރިހާ ވަގުތެއްގައިވެސް ސާފު ބޯފެން ލިބޭނެ އިންތިޒާމު؛

(ނ) އަންނައުނު ފޯރުކޮށްދިނުމާއި، އަންނައުނު ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛

(ރ) ފާހާނާކުރެވޭނެ އިންތިޒާމާއި އެ ތަންތަން ސާފުތާހިރުކުރެވޭނެ އިންތިޒާމު؛

(ބ) ފެންވެރުމަށާއި ރީތިވުމަށް ބޭނުންވާ ސާމާނު؛

(ޅ) އަޅުކަން ކުރެވޭނެ އިންތިޒާމު؛

(ކ) ކުޅިވަރުކުޅުމާއި މުނިފޫހިފިލުވޭނެ ވަސީލަތްތައް؛

(އ) ކަސްރަތުކުރެވޭނެ އިންތިޒާމު؛

(ވ) ގާނޫނީ ވަކީލާ ބައްދަލުކުރެވޭނެ އިންތިޒާމު؛

(މ) އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމާއި މުއާމަލާތް ކުރެވޭނެ އިންތިޒާމު؛

(ފ) ސިއްހީ ފަރުވާއާއި އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަމާއި ކައުންސިލިންގގެ ހިދުމަތް ލިބެން ހުރުން.

(ދ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިންތިޒާމު.

 

27 ވަނަ މާއްދާ - އަންނައުނު

(ހ) ކުއްޖާއަކީ ބަންދުގައި ހުރި ކުއްޖެއްކަން ދޭހަވާ ޔުނިފޯމެއް ނުވަތަ ބަންދުގައި ހުރި ކުއްޖެއްކަން ދައްކުވައިދޭ ފަދަ އެއްވެސް ބާވަތެއްގެ ލޭބަލެއް ނުވަތަ ކުރެހުމެއް ހުންނަ އަންނައުނު ކުދިންނަށް ދީގެންނުވާނެއެވެ.

(ށ) ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކު ބޭނުންކުރާނެ އަމިއްލަ އަންނައުނު ފޯރުކޮށްދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ކާނާ

(ހ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭންވާނީ ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާނެ އޮއްޓަރު ރަނގަޅު ހަށިގަނޑަށް ފައިދާހުރި ކާނާއެވެ.

(ށ) ކުއްޖާގެ ސިއްހީ ހާލަތު ހުރިގޮތުން ވަކި ބާވަތެއްގެ ޑައިޓެއް ފޯރުކޮށްދިނުމަށް ސިއްހީ ފަރުވާދޭ ފަރާތަކުން ލަފާދީފިނަމަ އެގޮތުގެމަތިން އެ ކުއްޖަކަށް ކާނާ ފޯރުކޮށްދޭންވާނެއެވެ.

 

29 ވަނަ މާއްދާ - ތައުލީމު އުނގެނުން

(ހ) ސާނަވީ ތައުލީމު އުނގެނޭ އުމުރުގެ ދަރިވަރުންނަށް އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް ކިޔަވައިދިނުމުގެ އިންތިޒާމު މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެކުލަވައިލަންޖެހޭ އުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭށަނާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލަންވާނެއެވެ.

(ނ) ކުއްޖާގެ އުމުރުފުރައާ އަޅައިބަލާއިރު ލިޔަންކިޔަން އެނގޭ މިންވަރު ދަށް ކުދިންނަށް ހާއްސަ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭށަނާ ގުޅިގެން މަރުކަޒުތަކުގައި ހިންގަންވާނެއެވެ.

(ރ) މަރުކަޒުގައި ތިބޭ ކުދިންގެ ތެރެއިން ސާނަވީ ތައުލީމު ނިމިފައިވާ ކުދިންނަށް އެ ކުދިންގެ އުމުރާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގަންވާނެއެވެ.

(ބ) މަރުކަޒުތަކުގައި ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމަށްފަހު ދެވޭ އެއްވެސް ސެޓުފިކެޓެއްގައި ނުވަތަ ބައިވެރިވިކަމުގެ ލިޔުމެއްގައި، އެ ކުއްޖަކު އެ ލިޔުން ހާސިލުކުރީ މަރުކަޒެއްގައި ހުރެގެންކަން ދޭހަވާ ފަދަ އިބާރާތްތައް ބޭނުންކޮށްގެން ނުވާނެއެވެ.

(ޅ) ކޮންމެ ކުއްޖަކަށްވެސް އެކަށީގެންވާ މިންވަރަށް ސްޓޭށަނަރީއާއި އުނގެނުމަށް އެހީވެދޭ ތަކެތި ފޯރުކޮށްދޭންވާނެއެވެ.

(ކ) މަރުކަޒުތަކުގައި ކުދިންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގަންވާނެއެވެ.

 

30 ވަނަ މާއްދާ - ލައިބްރަރީ

(ހ) ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގައި ތިބޭ ކުދިންގެ އުމުރުފުރާތަކާގުޅޭ ފޮތްތައް ހުންނަ ލައިބްރަރީއެއް ހުންނަންވާނެއެވެ.

(ށ) ލަބްރަރީގައި މަޑުކޮށްގެން ފޮތް ކިޔަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ނ) ލައިބްރަރީ ބޭނުންކުރުމާ ގުޅޭ އުސޫލުތައް މަރުކަޒުގެ އަތްމަތީ ފޮތުގައި ލިޔެވިފައި އޮންނަންވާނެއެވެ.

 

31 ވަނަ މާއްދާ - ކުޅިވަރުކުޅުމާއި މުނިފޫހިފިލުވޭނެ ވަސީލަތްތައް

(ހ) ކޮންމެ ކުއްޖަކަށްވެސް ކޮންމެ ދުވަހަކު އެންމެ މަދުވެގެން ދެ ގަޑިއިރު ސާފުވަޔާއި ގުދުރަތީ އަލި ލިބޭނެ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

(ށ) ކުދިންގެ އުމުރާއި އެކަށީގެންވާ ކުޅިވަރާއި މުނިފޫހިފިލުވުމާ ގުޅޭ އިންތިޒާމުތައް ކޮންމެ މަރުކަޒެއްގައިވެސް ގާއިމުވެފައި ހުންނަންވާނެއެވެ.

(ނ) މަރުކަޒުގައި ތިބޭ ކުދިންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެގޮތުން މޫނިފިލުވުމުގެ އެކި މުބާރާތް ފަދަ ހަރަކާތްތައް މަރުކަޒުތަކުން އިންތިޒާމު ކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އަޅުކަންކުރުން

އަޅުކަން ކުރެވޭނެ އިންތިޒާމު މަރުކަޒުތަކުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.

 

33 ވަނަ މާއްދާސިއްހީ ފަރުވާ ދިނުން

(ހ) މަރުކަޒުގައި ތިބޭ ކުދިންނަށް ސިއްހީ ފަރުވާއެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް ފަރުވާ ލިބޭނެ އިންތިޒާމު އެ މަރުކަޒަކުން ހަމަޖައްސަންވާނެއެވެ.

(ށ) ކުއްލިއަކަށް ބަލި ހާލު ދަށްވެއްޖެނަމަ، އިމަރޖެންސީކޮށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ނ) މަރުކަޒުން ފަރުވާ ނުލިބޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެފަދަ ފަރުވާއެއް އެކަށީގެންވާ އަވަސް މިނެއްގައި ލިބިދިނުމަށްޓަކައި ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެ ކުއްޖާ ބަދަލުކޮށް، އެ ކުއްޖާއަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ކުއްޖާގެ ބެލެނިވެރިޔާއަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ވަގުތުން އެކަން އަންގަންވާނެއެވެ.
 

34 ވަނަ މާއްދާ - އާއިލީ ބައްދަލުވުންތައް

(ހ) މުވާސަލާތީ ވަސީލަތްތަކާއި އާއިލީ ބައްދަލުވުންތައް މެދުވެރިކޮށް ގަވާއިދުން ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ގުޅުން ބޭއްވުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައިފައިވާ ގަވާއިދާ އެއްގޮތަށް އެންމެހައި މަރުކަޒުތައް ހިންގާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ށ) މަރުކަޒުތަކުގައި އަޅާ އިސްލާހީ ފިޔަވަޅުގެ ތެރޭގައި ކުދިންގެ އާއިލީ ބައްދަލުވުން ބޭއްވިޔަ ނުދިނުމާއި، އާއިލާއާ އޮންނަ ގުޅުން ކެނޑިދާނެފަދަ އިސްލާހީ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދަށް ރިއާޔަތްކޮށް، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގައި ތިބޭ ކުދިން އާއިލާއާ ބައްދަލުކޮށް ވަގުތު ހޭދަ ކުރެވޭނެގޮތް މަރުކަޒުގެ އަތްމަތީ ފޮތުގައި ބަޔާންކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - އިސްލާހުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް

މަރުކަޒުތަކުގައި ތިބޭ ކުދިން މަރުކަޒުތަކުގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވުމުން، އެ ކުއްޖަކު އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅަންވާނީ، އެ ކުއްޖަކު ކުރި އަމަލަކާ އެކަށީގެންވާ ފިޔަވަޅެކެވެ. މިފަދައިން ފިޔަވަޅު އެޅުމުގައި ކުއްޖާގެ ނަފްސާނީ ހާލަތު އެ ވަގުތު ހުރިގޮތަށާއި، ކުއްޖާ އެފަދަ އަމަލެއް ހިންގުމަށް މެދުވެރިވި ސަބަބުތަކަށް ރިއާޔަތްކުރަންވާނެއެވެ. މަރުކަޒުތަކުގައި ތިބޭ ކުދިންނާމެދު އެޅިދާނެ ފިޔަވަޅުތައް ކޮންމެ މަރުކަޒެއްގެ އަތްމަތީ ފޮތުގައި ލިޔެވިފައި އޮންނަންވާނެއެވެ.

 

36 ވަނަ މާއްދާ - އިސްލާހުކުރުމުގެ ގޮތުންވެސް ކޮށްގެންނުވާނެ ކަންކަން

(ހ) މަރުކަޒުތަކުގައި ތިބޭ ކުދިން އިސްލާހުކުރުމުގެ ގޮތުންވެސް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލުވާފަދަ އެއްވެސް އަމަލެއް ނުވަތަ ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ލިބޭނެފަދަ އަމަލެއް ހިންގައިގެންނުވާނެއެވެ.

(ށ) ކުއްޖަކާ މެދު އެއްވެސް ހާލަތެއްގައި ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި ނުވަތަ ކުއްޖާ ލަދުގަންނާނެފަދަ އަދަބެއް ނުވަތަ ފިޔަވަޅެއް އަޅައިގެންނުވާނެއެވެ

(ނ) ކުއްޖާގެ އަމިއްލަ ނަފްސަށް ނުވަތަ ކުއްޖާގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ކުއްޖާގެ ގައިގައި އަތްލައި، ނުވަތަ ބާރުގެ ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައިވެސް، އެ ހާލަތަކާ ނުބައްދަލު އެއްވެސް ބާރެއް ބޭނުންކޮށްގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ، އެކަމުގެ މައުލޫމާތު ލިޔުމުން ރެކޯޑުކުރުމާއެކު، އެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފޮނުވަންވާނެއެވެ.

(ޅ) ކުއްޖަކާމެދު އިސްލާހީ ފިޔަވަޅެއް އެޅިއްޖެނަމަ، އެ ފިޔަވަޅެއް އެޅުނު ސަބަބާއި، އެޅުނު ފިޔަވަޅާގުޅޭ ތަފުސީލު ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ކުދިންނަށް ހިދުމަތް ދިނުމުގައި އެއް ޖިންސުގެ މުވައްޒަފުން ބައިވެރިކުރުވުން

(ހ) މަރުކަޒުގައި ތިބޭ ކުދިންގެ ކޮޓަރިތަކާއި ފާހާނާ ސާފުކުރުމުގެ ގޮތުން، ނުވަތަ އެނޫންވެސް ހާލަތެއްގައި ކުއްޖާގެ ކޮޓަރިއަށް ވަންނަންޖެހޭނަމަ ވަންނަންވާނީ އެ ކޮޓަރިއެއްގައި އުޅޭ ކުއްޖަކާ އެއް ޖިންސުގެ މުވައްޒަފުންނެވެ. 

(ށ) ކުއްޖާގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އަމަލުކުރުމުން އިސްތިސްނާވާނެއެވެ.

 

38 ވަނަ މާއްދާ - ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ

(ހ) މަރުކަޒު ހިންގަންވާނީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، މި ގަވާއިދާ އެއްގޮތަށް މަރުކަޒު ހިންގުމާ ގުޅޭގޮތުން އެކުލަވައިލާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި މަރުކަޒު ހިންގުމަށް ކަނޑައެޅިފައިވާ އެންމެ ދަށް މިންގަނޑަށް މަރުކަޒު ހިންގާނެގޮތާއި، މަރުކަޒުގައި ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން ޕްލޭންތަކުގެ އިތުރުން މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ސްޓެންޑަރ އޮޕަރޭޓިންގ ޕްރޮސީޖަރގައި މަރުކަޒުގައި ތިބޭ ކުދިންގެ ޒާތީ މައުލޫމާތާއި، އެ ކުދިންނަށް ދެވޭ ފަރުވާއާ ގުޅޭ އެންމެހައި މައުލޫމާތު، ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެހެއްޓުމާ ގުޅޭ ކަންކަން ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

 

39 ވަނަ މާއްދާ - އަތްމަތީ ފޮތް

(ހ) ކޮންމެ މަރުކަޒެއްގައި އަންނަނިވި ކަންކަން ހިމެނޭނެހެން އެކުލަވައިލައިފައިވާ އަތްމަތީ ފޮތެއް އޮންނަންވާނެއެވެ.

  1. މަރުކަޒަށް ގެނެވޭ ކުދިންގެ ސުލޫކީ މިންގަނޑު؛
  2. ސުލޫކީ މިންގަނޑާ ހިލާފުވާނަމަ އަމަލުކުރާނެ ގޮތް؛
  3. ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި، މަރުކަޒުން ލިބޭނެ ހިދުމަތްތަކާއި، ރައްކާތެރިކަމުގެ މައުލޫމާތު؛
  4. ށަކުވާ ބަލާ ނިޒާމާ ގުޅޭ މައުލޫމާތު.

(ށ) އަތްމަތީ ފޮތް ލިޔެވިފައި އޮންނަންވާނީ، ކުޑަކުދިންނަށް ފަސޭހައިން އެނގޭނެފަދަ އިބާރާތަކުންނެވެ.

 

40 ވަނަ މާއްދާ - ސޭފްޓީ އެންޑް ސެކިއުރިޓީ ޕްލޭން

ކޮންމެ މަރުކަޒެއްގައި އެންމެ މަދުވެގެން އަންނަނިވި ކަންކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ސޭފްޓީ އެންޑް ސެކިއުރިޓީ ޕްލޭނެއް އޮންނަންވާނެއެވެ.

(ހ) މަރުކަޒުގެ ތަޅުދަނޑިތައް ބަލަހައްޓާނެ ގޮތް؛

(ށ) މަރުކަޒުގައި ތިބޭ ކުދިންނާއި، އެ ކުދިން ދިރިއުޅޭ ކޮޓަރިތަކާއި، އެ ކުދިންނަށް ޒިޔާރަތް ކުރާ ފަރާތްތައް ބަލައި ފާސްކުރަންޖެހޭ ހާލަތުގައި އެކަން ކުރާނެ ގޮތް؛

(ނ) ދިމާވާ ހާދިސާތަކުން ރައްކާތެރިވާނެ އަދި އިޖާބަދޭނެ ގޮތް؛

(ރ) ކުއްޖަކަށް ދިމާވާ ސިއްހީ ނުވަތަ އެނޫންވެސް ކަމަކާ ގުޅޭގޮތުން އަވަސް ފިޔަވަޅު އެޅޭނެ ނިޒާމު؛

(ބ) އަވަސް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛

(ޅ) އިވެކުއޭށަން ޕްލޭން.

 

41 ވަނަ މާއްދާ - މަރުކަޒުތަކުގައި ކުދިން ބައިތިއްބުން

(ހ) މަރުކަޒުގައި ކުޑަކުއްޖަކު ބެހެއްޓުމަށްޓަކައި އެ ކުއްޖަކާ މަރުކަޒުން ހަވާލުވާންވާނީ ކޯޓު އަމުރެއް އެ މަރުކަޒަށް ލިބުމުންނެވެ. 

(ށ) އެ އަމުރުގައި އަންނަނިވި މައުލޫމާތު ފުރިހަމަވާކަން މަރުކަޒުން ޔަގީންކުރަންވާނެއެވެ.

  1. ކުއްޖާގެ ފުރިހަމަ ނަން؛
  2. ދާއިމީ އެޑްރެސް؛
  3. އުމުރު؛
  4. ޖިންސް؛ 
  5. ނިސްބަތްވާ ގައުމު؛
  6. އެނޫންވެސް ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާގެ މައުލޫމާތު؛
  7. ކުއްޖާ ބަހައްޓަންޖެހޭ ގާނޫނީ ސަބަބުތައް؛
  8. ކުއްޖާ ބަހައްޓަންޖެހޭ ކަމަށް ގާޒީ ކަނޑައެޅި ތާރީހާއި ގަޑި؛
  9. ކުއްޖާ ބަހައްޓަންޖެހޭ ތަން ކަމުގައި ގާޒީ ކަނޑައެޅި ތަން؛
  10. ކުއްޖާ ބަހައްޓަންވީ މުއްދަތު؛
  11. މަރުކަޒުގައި ހުންނައިރު ކުއްޖާއަށް ލިބިދޭންޖެހޭ ފަރުވާ.

 

42 ވަނަ މާއްދާ - އިޖުރާއަތުތައް

މި ގަވާއިދުގެ ދަށުން އުފައްދައި ހިންގާ އެންމެހައި މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގައި އަމަލުކުރަންވާނީ އަންނަނިވި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ހ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު ކުއްޖާއާ ގުޅޭ އަންނަނިވި މައުލޫމާތު ޗެކްކޮށް ރެކޯޑުކުރަންވާނެއެވެ.

  1. ކުއްޖާގެ ވަނަވަރު؛
  2. ކުއްޖާ ކުރި ކުށުގެ މައުލޫމާތާއި ހުކުމާ ގުޅޭ މައުލޫމާތު؛
  3. މަރުކަޒަށް ގެނެވުނު ތާރީހާއި ވަގުތު؛
  4. ކުއްޖާ މަރުކަޒުގައި ބެހެއްޓުނު ކަމުގެ މައުލޫމާތު، ކުއްޖާއާއި ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ލިބިފައިވާކަން.

(ށ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު، ކުއްޖާގެ ފޮޓޯއެއް ނަގައި، ކުއްޖާގެ ފައިލަށާއި މި ގަވާއިދުގެ 47 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ޑޭޓާބޭސްއަށް ލާންވާނެއެވެ.

(ނ) ކުއްޖާ މަރުކަޒަށް ގެނެވުމާއެކު، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކުއްޖާގެ ފުރިހަމަ މެޑިކަލް އެސެސްމަންޓެއް ހަދައި ނިންމުމަށްޓަކައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މަރުކަޒަށް ގެނެވޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުން؛
  2. ޑޮކްޓަރުގެ އިރުށާދުގެ މަތިން ދައްކަންޖެހޭ ހާއްސަ ޑޮކްޓަރުންނަށް ކުއްޖާ ދައްކައި، ހަދަން ޖެހޭ ތަހުލީލުތައް ހެދުން؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑޮކްޓަރުންނަށް ކުއްޖާއާއި، ކުއްޖާގެ ތަހުލީލުތަކުގެ ނަތީޖާ ދައްކައި އެސެސްމަންޓް ފުރިހަމަކުރުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމަންޓުގައި އަންނަނިވި ކަންކަން ފާހަގަކުރެވިފައި ހުންނަންވާނެއެވެ.

  1. ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތު؛
  2. ވަކި ކަމަކަށް ބޭސްފަރުވާ ކުރަންޖެހޭނަމަ އެކަން؛
  3. ދާއިމީގޮތެއްގައި ބޭހެއް ބޭނުންކުރަންޖެހޭ ހާލަތެއް ހުރިނަމަ އެކަން؛
  4. ވަކި ބާވަތެއްގެ ކާނާއެއް ނުކެވޭނަމަ އެކަން؛
  5. ގައިން ގަޔަށް އަރާ ބައްޔެއް އެކުއްޖެއްގެ ގައިގައި ހުރުމުގެ ސަބަބުން އެކަހެރިކުރަންޖެހޭނަމަ އެކަން؛
  6. ވަކި ބާވަތްތަކެއްގެ ހަރަކާތްތަކެއްގައި ކުއްޖާ ބައިވެރިކުރުމަށް ޑޮކްޓަރަށް ނުފެންނަނަމަ އެކަން؛
  7. ކުއްޖާއަށް ބޭނުންވަނީ ކޮން ބާވަތެއްގެ ފަރުވާއެއްކަން ދެނެގަތުން.

(ބ) ކުއްޖާއާ މަރުކަޒުން ހަވާލުވާ ފަރާތުން އަންނަނިވި މައުލޫމާތު، ކުއްޖާއަށް ލިޔުމުންނާއި އަނގަބަހުން ހިއްސާކޮށް، އެ މައުލޫމާތު ކުއްޖާއަށް ފަހުމްވިކަން ކަށަވަރުކުރަންވާނެއެވެ.

  1. މަރުކަޒުގައި އަމަލުކުރާ އެންމެހައި އުސޫލުތައް؛
  2. ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި ކުއްޖާގެ ޒިންމާތައް؛
  3. މަރުކަޒުގައި ހުންނަ މުއްދަތުގައި ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛
  4. މަރުކަޒުގައި ހުންނައިރު ގާނޫނީ އެހީތެރިކަން ލިބޭނެ ގޮތް؛
  5. މަރުކަޒުގެ މުވައްޒަފުންގެ ޒިންމާތައް؛
  6. ކުއްޖާގެ ފަރުވާގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ ގޮތް؛
  7. މަރުކަޒުގެ އިޖުރާއަތުތަކާއި މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މަރުކަޒުން ފޯރުކޮށްދެވޭނެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އެންމެހައި މައުލޫމާތު؛
  8. މަރުކަޒުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ ގޮތާއި ށަކުވާތަކާ މެދު އަމަލުކުރާނެ ގޮތް؛
  9. ކުއްޖާއަށް އެހީތެރިވެދޭނެ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މައުލޫމާތު.

(ޅ) ކުއްޖާ މަރުކަޒަށް ގެނެވުމުން މަރުކަޒުގެ އަތްމަތީ ފޮތުގެ ކޮޕީއެއް ކުއްޖާއަށް ދީ، ކުއްޖާއަށް ހަމަޖައްސައިފައިވާ ރިހެބިލިޓޭށަން އޮފިސަރު ނުވަތަ އެކުއްޖަކަށް ޒިންމާވާ މުވައްޒަފާ ކުއްޖާއާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސަންވާނެއެވެ.

(ކ) މަރުކަޒުގައި ތިބޭ ކުދިންނަށް އަންގާ އެންމެހައި އެންގުންތަކާއި ކުދިންނާ ކުރެވޭ މުއާމަލާތްތައް ކުރަންވާނީ، އެ ކުއްޖަކަށް އެނގޭ ބަހަކުން، އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތަށެވެ. އަދި އެ ކުއްޖަކަށް އަންގާ އެންގުންތައް ފަހުމްވިކަން މަރުކަޒުގެ ޑައިރެކްޓަރ ޔަގީންކުރަންވާނެއެވެ.

(އ) ކުއްޖާ މަރުކަޒަށް ގެނެވޭއިރު، ކުއްޖާ ގެންނަ އަމިއްލަ ތަކެތީގެ ތެރެއިން ކުއްޖާ އަތުގައި ބެހެއްޓެން ނެތްކަމަށް މަރުކަޒު ހިންގާ ފަރާތަށް ފެންނަ ތަކެތި، ކުއްޖާގެ އަތުން ވަގުތީގޮތުން އަތުލުމަށްފަހު، އެތަކެތި ރައްކައުތެރިކަމާއެކު ބަހައްޓަންވާނެއެވެ. އަދި، ކުއްޖާ މަރުކަޒުން ދޫކުރާއިރު އެތަކެތި ކުއްޖާއާ ހަވާލުކުރަންވާނެއެވެ.

(ވ) އަމިއްލަ މަރުކަޒުތަކުގައި ކުދިން އެޑްމިޓްކުރުމުގެ ކުރިން، މަރުކަޒުތަކުގެ ފީއާއި، ފީ ނުދެއްކުމުން އަމަލުކުރަން ހަމަޖެހިފައިވާ ގޮތާ ގުޅޭ މައުލޫމާތުތައް ކުއްޖާގެ ބެލެނިވެރިޔާއަށް ދޭންވާނެއެވެ.

 

43 ވަނަ މާއްދާ - ކުދިން ކެޓެގަރައިޒްކުރުން 

(ހ) ކުއްޖާ، މަރުކަޒަށް ގެނެވުމާއެކު، ކުއްޖާގެ އުމުރާ ގުޅޭގޮތަށް ރަހުމަތްތެރިކަމާއެކު، ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ކުއްޖާއާ ސުވާލު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާއާ ކުރާ ސުވާލުތަކުގެ ޖަވާބާއި، ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ކުއްޖާއާ ގުޅޭގޮތުން ހަދައިފައިވާ އެސެސްމަންޓްތަކަށް ރިއާޔަތްކޮށް ކުއްޖާ މަރުކަޒުގައި ބަހައްޓާނެ ގޮތް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ކުއްޖާ ބަހައްޓަންވާނީ، ކުއްޖާގެ އުމުރާ އެއް އުމުރުފުރައެއްގެ ކުދިންނާއި، ކުއްޖާ ކޮށްފައިވާ އަމަލުކުތަކާ އެއް ބާވަތެއްގެ އަމަލުތައް ކޮށްފައިވާ ކުދިންނާއި، ކުއްޖާއާ އެއް ޖިންސެއްގެ ކުދިންނާއެކުގައެވެ.

(ރ) މަރުކަޒުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ބައިތިއްބަންވާނީ ވަކިންނެވެ.

 

44 ވަނަ މާއްދާ - މަރުކަޒުގައި ބަލަހައްޓަންޖެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، އަންނަނިވި މައުލޫމާތު މަރުކަޒުތަކުގައި ލިޔުމުން ބަހައްޓަންވާނެއެވެ.

  1. ކުއްޖާ މަރުކަޒުގައި ބެހެއްޓިފައި ހުރި ސަބަބާއި، ބަހައްޓަން އަމުރުކުރި ފަރާތާއި، ކުއްޖާއާ ހަވާލުވާ ފަރާތުގެ ތަފުސީލީ މައުލޫމާތު؛
  2. ކުއްޖާގެ ފަރުވާގެ ޕްލޭނާއި ފަރުވާގެ ޕްލޭން ކުރިޔަށްދާ ގޮތް؛
  3. ކުއްޖާ ބެހެއްޓުނު އަދި ދޫކޮށްލެވުނު ދުވަހާއި ވަގުތާއި ސަބަބު؛
  4. ކުއްޖާ ބެހެއްޓުމާބެހޭ މައުލޫމާތު ކުއްޖާގެ ބެލެނިވެރިންނާ ހިއްސާކުރެވިފައިވާ ގޮތުގެ ތަފުސީލު؛
  5. މަރުކަޒުގައި ބެހެއްޓުނު މުއްދަތު ފެށުނީއްސުރެ ކުއްޖާގެ ސިއްހީ އަދި ނަފްސާނީ އަދި ޖިސްމާނީ ހާލަތުގެ ތަފުސީލީ ރެކޯޑު؛
  6. މަރުކަޒުގައި ބެހެއްޓުނު މުއްދަތު ފެށުނީއްސުރެ ކުއްޖާގެ އުޅުމަށް އައިސްފައިވާ ބަދަލު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ގަވާއިދުން ބެލެހެއްޓުމެއް ނެތި ކުއްޖާ ބެލެހެއްޓުމަކީ އެ ކުއްޖާއާމެދު އިހުމާލުވުން ކަމުގައި ބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ކުދިން މަރުކަޒުގައި ތިބޭއިރު ދިމާވާ ހާދިސާތަކާއި، އާދަޔާ ހިލާފު ކަންކަމާއި، އެ ކަންކަމާމެދު އެޅުނު ފިޔަވަޅުތަކާއި، އެ ކުދިންނަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތަފުސީލާއި، ކުދިންނަށް ދިމާވާ ސިއްހީ އަދި އެނޫންވެސް މައްސަލަތަކުގެ ތަފުސީލު ގަވާއިދުން ބަލަހައްޓަންވާނެއެވެ.

 

 

ހަވަނަ ބާބު

މަރުކަޒުތަކުގެ އިދާރީ ކަންކަން

 

45 ވަނަ މާއްދާ - ޑައިރެކްޓަރ އައްޔަންކުރުން

(ހ) މަރުކަޒު އިދާރީ ގޮތުން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ މަރުކަޒުގެ ޑައިރެކްޓަރެވެ.

(ށ) ދައުލަތުން ހިންގާ މަރުކަޒުތަކުގައި ޑައިރެކްޓަރ ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރާ ތަންތަނުގެ ޑައިރެކްޓަރ އައްޔަންކުރާނީ، ލައިސަންސް ލިބޭ ފަރާތުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުތަކަށް އައްޔަނުކުރެވޭ ޑައިރެކްޓަރުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ޑައިރެކްޓަރުގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ، ކަމާބެހޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވާންވާނެއެވެ.
  2. ޑައިރެކްޓަރުގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވި ތަހުގީގު ހިނގަމުންދާ ނުވަތަ ދައުވާއެއް އުފުލި ދައުވާ ކުރިޔަށްދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
  3. ޑައިރެކްޓަރުގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ، ޖިނާއީ ބޮޑު ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒުކޮށްފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

 

46 ވަނަ މާއްދާ - ޑައިރެކްޓަރުގެ ޒިންމާތައް

މަރުކަޒުގެ ޑައިރެކްޓަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަރުކަޒުގެ އިދާރީ ހިންގުން ބެލެހެއްޓުން؛

(ށ) މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތައް މަސައްކަތްކުރަމުންދަނީ ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދީގެން، ތަފާތުކުރުމެއް ނެތި ފަރުވާތެރިކަމާއެކުކަން ކަށަވަރުކުރުން؛

(ނ) މަރުކަޒުގައި ތިބޭ ކުދިންނަށް ލިބެންޖެހޭ އެންމެހައި ހިދުމަތްތައް އެންމެ ފުރިހަމަކަމާއެކު ލިބެމުންދާކަމާއި، އެ ކުދިންގެ ހައްގުތައް ކަށަވަރުކުރެވޭކަން ޔަގީންކުރުން؛

(ރ) މަރުކަޒުގައި ކަންކަން ހިނގަމުންދަނީ، މި ގަވާއިދާއި، ކަނޑައަޅައިފައިވާ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛

(ބ) މި ގަވާއިދުގެ ދަށުން މަރުކަޒުގައި ފުރިހަމަވާންޖެހޭ އެންމެހައި މިންގަނޑުތައް ފުރިހަމަތޯ ބެލުން؛

(ޅ) މި ގަވާއިދުގެ 66 ވަނަ މާއްދާގެ ދަށުން އުފައްދަންޖެހޭ ށަކުވާ ބަލާ ކޮމިޓީ އުފެއްދުމާއި، އެ ކޮމިޓީގެ މަސައްކަތްތައް ދާ ގޮތް ބެލުން.

 

47 ވަނަ މާއްދާ - ޑޭޓާބޭސްއެއް ގާއިމުކުރުން

(ހ) ކޮންމެ މަރުކަޒަކުންވެސް، އެ މަރުކަޒުގައި ތިބި ކުދިންނާއި، އެ މަރުކަޒުން ދޫކޮށްލެވޭ ކުދިންނާއި، މަރުކަޒުގެ މުވައްޒަފުންނާ ގުޅޭ އެންމެހައި މައުލޫމާތު އެނގޭނެ ފަދަ ޑޭޓާބޭސްއެއް ގާއިމުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ޑޭޓާބޭސް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި މިނިސްޓްރީއަށް ބެލޭނެ އިންތިޒާމު އެންމެހައި މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.

 

48 ވަނަ މާއްދާ - މަރުކަޒުގެ ދަފްތަރު

ކޮންމެ މަރުކަޒެއްގައިވެސް ފަރުވާ ހޯދަމުންދާ ކުދިންގެ ދަފްތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ މަރުކަޒަކުން ފަރުވާ ހޯދާ ކުދިންގެ މައުލޫމާތު 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ރައްކައުކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - މަރުކަޒުގެ މުވައްޒަފުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ މަރުކަޒުތަކުގައި، ކަމާގުޅޭ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ އަންނަނިވި ދާއިމީ މުވައްޒަފުން ތިބެންވާނެއެވެ.

  1. ކައުންސިލަރުން؛
  2. ސޯށަލް ވަރކަރުން؛
  3. ރިހެބިލިޓޭށަން އޮފިސަރުން؛
  4. އިދާރީ މުވައްޒަފުން؛
  5. ކެއަރޓޭކަރުން.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ މަރުކަޒުތަކުގައި، ކަމާގުޅޭ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ އަންނަނިވި ދާއިމީ މުވައްޒަފުން ތިބެންވާނެއެވެ.

  1. އިދާރީ މުވައްޒަފުން؛
  2. ކެއަރޓޭކަރުން.

 

50 ވަނަ މާއްދާ - އިތުރު ފަރާތްތައް

ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ އިތުރުން އަންނަނިވި ފަރާތްތަކުގެ ހިދުމަތް ގަވާއިދުން ލިބޭނެ އިންތިޒާމު މަރުކަޒުތަކުގައި ހަމަޖެހިފައި އޮންނަންވާނެއެވެ.

(ހ) މުދައްރިސުން؛

(ށ) ދީނީ އިލްމުވެރިން؛

(ނ) ވޮކޭށަނަލް ތަމްރީނުކޮށްދޭ ފަރާތްތައް؛

(ރ) ސައިކޮލޮޖިސްޓުން؛

(ބ) ސައިކޭޓްރިސްޓުން؛

(ޅ) ހެލްތު އެސިސްޓެންޓުން؛

(ކ) ދަރުމަވެރިން.

 

51 ވަނަ މާއްދާ - މުވައްޒަފުންގެ ގާބިލުކަން

މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ނުވަތަ އެ ކުދިން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ ކޮންމެ ފަރާތެއް ވާންވާނީ، މަގާމުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި، އަދި އެކަށީގެންވާ ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

 

52 ވަނަ މާއްދާ - މަރުކަޒުތަކުގައި ތިބޭ މުވައްޒަފުންނަށް އެނގެންޖެހޭ ކަންކަން

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެންމެހައި ގަވާއިދުތައް މަރުކަޒުގެ މުވައްޒަފުންނަށް އެނގެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުންވެސް، ކުޑަކުދިންނާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކުރާ ކަންކަން މަރުކަޒުތަކުގެ މުވައްޒަފުންނަށް އެނގެންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި، އެ ކަންކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި، ބައިނަލްއަގްވާމީ މުހިންމު މުއާހަދާތަކުގެ ދަށުން އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކައުތެރިކަމާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅުންހުރި ފަންނީ މައުލޫމާތާއި ތަމްރީނު ޕްރޮގްރާމްތައް މަރުކަޒުތަކުން އިންތިޒާމުކޮށް ހިންގައި، އަދި ކަމާގުޅޭ އެހެން ފަރާތްތަކުން ހިންގާ އެފަދަ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިކުރަންވާނެއެވެ.

 

 

ހަތްވަނަ ބާބު

މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމާގުޅޭ އުސޫލުތައް

 

53 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް ހިންގުން

މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަންނަނިވި ބާވަތުގެ އިސްލާހީ އަދި ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
 
 
(ހ) އަހްލާގީ މައްސަލަތައް އިސްލާހުކުރުމަށް ހާއްސަކުރެވޭ ޕްރޮގްރާމްތައް؛

(ށ) ޑްރަގް ރިހެބިލިޓޭށަން ނުވަތަ ފަރުވާގެ ޕްރޮގްރާމްތައް؛

(ނ) އަނިޔާވެރި އަދި ބޮޑެތި ކުށް ކަމުގައިނުވާ ކުށްކުށުގައި ށާމިލުވާ ކުދިންނަށް ހިންގޭ އިސްލާހީ ޕްރޮގްރާމްތައް؛

(ރ) ބަދުއަހްލާގީ އަދި ޖިންސީ އަމަލުތަކުގައި ށާމިލުވާ ކުދިންނަށް ހާއްސަ ކުރެވިގެން ހިންގޭ އިސްލާހީ ޕްރޮގްރާމްތައް؛

(ބ) އަނިޔާވެރި އަދި ބޮޑެތި ކުށްތަކުގައި ށާމިލުވާ ކުދިން އިސްލާހުކުރުމަށް ހިންގޭ ޕްރޮގްރާމްތައް

(ޅ) މުޖުތަމައާ އެކަހެރިކޮށް ތިބުމަށްފަހު، މުޖްތަމައަށް އަނބުރާ ގެނައުމަށް ތައްޔާރުކޮށްދޭނެ ރީ-އިންޓަރގްރޭށަން އަދި އާފްޓަރ-ކެއަރގެ ޕްރޮގްރާމްތައް؛

(ކ) އިތުރު ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށްކުރުމުގައި ށާމިލުވާ ކުދިން އިސްލާހުކޮށް، ރިހެބިލިޓޭޓްކުރުމަށްޓަކައި ހިންގޭ ހާއްސަ ޕްރޮގްރާމްތައް.

 

54 ވަނަ މާއްދާ - ޕްރޮގްރާމްތައް އެކުލަވައިލުން

މި ގަވާއިދުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތައް އެކުލަވައިލައި ހިންގާނީ، އަންނަނިވި ފަރުވާގެ ނިޒާމުތައް ހިމެނޭ ގޮތުންނެވެ.

(ހ) ކައުންސެލިންގ ޕްރޮގްރާމްތައް؛

(ށ) ގްރޫޕް ކައުންސެލިންގ ޕްރޮގްރާމްތައް؛

(ނ) ފެމިލީ ކޮންފަރެންސްތައް؛

(ރ) ކޮމިއުނިޓީ ކޮންފަރެންސްތައް؛

(ބ) ކޭސް ކޮންފަރެންސްތައް؛

(ޅ) ތައުލީމީ ޕްރޮގްރާމްތައް؛

(ކ) ވޮކޭށަނަލް އަދި ލައިފް ސްކިލްސް ޕްރޮގްރާމްތައް؛

(އ) ވަކި ކަމަކަށް ހާއްސަ އިންޓެންސިވް ޕްރޮގްރާމްތައް؛

(ވ) މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމްތައް؛

(މ) އާންމު އަދި ކުއްޖާއާއި އާއިލާގެ ހާލަތަށް ހާއްސަކުރެވިގެން ހިންގޭ ޕްރޮގްރާމްތައް.

 

55 ވަނަ މާއްދާ - ފަރުވާއާބެހޭ ގަވާއިދަށް އަމަލުކުރުން

(ހ) މި ގަވާއިދުގެ ދަށުން އުފައްދައި ހިންގާ މަރުކަޒުތަކާއި މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން ހިންގާ މަރުކަޒުތަކުގައި، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމްތައް ހިންގަންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި ސަރުކާރުގެ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގިދާނެއެވެ.

 

56 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް މުރާޖައާކުރުން

އަލަށް ކުރެވޭ ދިރާސާތަކުގެ އަލީގައި މި ގަވާއިދުގެ ދަށުން ގާއިމުކުރާ މަރުކަޒުތަކުގައި ދެވޭ ފަރުވާގެ ޕްރޮގްރާމްތައް އަހަރަކު 1 (އެކެއް) ފަހަރު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މުރާޖައާކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - ކޮންމެ ކުއްޖަކާ ގުޅޭ ފަރުވާގެ ޕްލޭނެއް އެކުލަވައިލުން

(ހ) މަރުކަޒަށް ގެނެވޭ ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން އެކުއްޖަކަށް އެންމެ އެކަށޭނެ ފަރުވާގެ ޕްރޮގްރާމެއް މަރުކަޒުން އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުއްޖާގެ ފަރުވާގެ ޕްރޮގްރާމް އެކުލަވައިލާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. ކުއްޖާގެ އުމުރު؛
  2. ކުއްޖާ ކޮށްފައިވާ ކުށާއި ކުށުގެ ކުޑަބޮޑުމިން؛
  3. ކޯޓުގެ ހުކުމް؛
  4. ކުއްޖާގެ ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ހާލަތު؛
  5. ކުއްޖާގެ އިޖްތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު؛
  6. ކުއްޖާއާ ގުޅޭގޮތުން ހެދިފައިވާ ރިސްކް އެސެސްމަންޓް ރިޕޯޓުތައް؛
  7. ކުއްޖާގެ މެޑިކަލް އެސެސްމަންޓް؛
  8. ކުއްޖާއާ ކުރެވޭ އިންޓަރވިއު؛
  9. ކޮންމެ ފަރުވާގެ ޕްރޮގްރާމެއް އެކުލަވައިލުމުގައިވެސް ކުދިންގެ އުމުރަށާއި، ޖިންސަށާއި، ކުއްޖާ ތަރައްގީވެފައިވާ މިންވަރަށް ރިއާޔަތްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން؛
  10. ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ނަތީޖާ
     

58 ވަނަ މާއްދާ

މި ގަވާއިދުގެ ދަށުން ލައިސަންސް ދީގެން ހިންގާ މަރުކަޒުތަކުގައި ކުރިޔަށް ގެންދާ ފަރުވާގެ ޕްރޮގްރާމްތައް ތައްޔާރުކުރަންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި، އެ ފަރުވާގެ ޕްރޮގްރާމްތައް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

 

 

އަށްވަނަ ބާބު

ޕެރޯލްއާ ގުޅޭ އުސޫލުތައް

 

59 ވަނަ މާއްދާ - ޕެރޯލްގެ ދަށުން ދޫކުރުން ނުވަތަ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މަރުކަޒުތަކާއި، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން ހިންގާ އެންމެހައި މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ. އަދި މިކަމުގައި އެންމެ އިސްކަންދޭންވާނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަށެވެ.

(ށ) މިނިސްޓްރީން އުފައްދައި ހިންގާ މަރުކަޒުތަކާއި، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން އަމިއްލަ ފަރާތްތަކުން ހިންގާ އެންމެހައި މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން، ޕެރޯލްގެ ދަށުން ދޫކުރުމަށް ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަލުކުރުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) މިނިސްޓްރީން އުފައްދާ މަރުކަޒުތަކާއި، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން ހިންގާ މަރުކަޒުތަކުން، މި ގަވާއިދުގެ 57 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ފަރުވާގެ ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ފަރުވާގެ ޕްލޭނުގައި ބަޔާންކޮށްފައިވާ ވަކި ލަނޑުދަޑިތަކެއް ހާސިލުވުމުން ކުއްޖާ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ކުއްޖާ ދޫކުރުމަށް މަރުކަޒުތަކުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަރުކަޒުތަކުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މަރުކަޒުތަކާ ހިއްސާކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިއްސާކުރާ އުސޫލުގައި، މަރުކަޒުތަކުގައި ތިބޭ ކުދިން ށަރުތުތަކާއެކު ދޫކުރެވެން އޮތް އެންމެ އަވަސް ފުރުސަތެއްގައި ދޫކުރުމަށް އިސްކަންދޭނެ އުސޫލުތައް ހިމަނަންވާނެއެވެ.

 

60 ވަނަ މާއްދާ - ޖުވެނައިލް ޕެރޯލް ކޮމިޓީ

(ހ) މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ނ) ގެ ދަށުން މަރުކަޒުތަކުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށްޓަކައި "ޖުވެނައިލް ޕެރޯލް ކޮމިޓީ" ގެ ނަމުގައި އަންނަނިވި ފަރާތްތައް ހިމެނޭ ގޮތަށް ކޮމިޓީއެއް މިނިސްޓަރު އެކުލަވައިލަންވާނެއެވެ.

  1. ޑިޕާޓްމަންޓުން އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ފަރާތެއް؛
  2. ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
  3. މެންޓަލް ހެލްތުގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  4. ޖުވެނައިލް ކޯޓުގެ ޕްރޮބޭށަން އޮފިސަރުންގެ ތެރެއިން ޖުވެނައިލް ކޯޓުން ކަނޑައަޅާ ފަރާތެއް؛
  5. ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ޖަމްއިއްޔާއެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޖުވެނައިލް ޕެރޯލް ކޮމިޓީ އެކުލަވައިލާނެ ގޮތާއި، ޕެރޯލް ކޮމިޓީއަށް އައްޔަންކުރާނެ ފަރާތްތަކާއި، އެ ފަރާތްތަކުގެ ދައުރާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އުސޫލެއް އެކުލަވައިލަންވާނެއެވެ.

(ނ) މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅުމެއް ލިބޭތާ ގިނަވަގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ރިވިއުކޮށް، އެ ކުއްޖަކާ ގުޅޭގޮތުން އެސެސްމަންޓެއް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހަދަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ޖުވެނައިލް ޕެރޯލް ކޮމިޓީއަށް މައްސަލަ ހުށަހަޅަންވާނެއެވެ.

 

61 ވަނަ މާއްދާ - ޖުވެނައިލް ޕެރޯލް ކޮމިޓީން މައްސަލަ ބެލުން

(ހ) މި ގަވާއިދުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުވެނައިލް ޕެރޯލް ކޮމިޓީން، ކުއްޖާ، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް އެދި ކޯޓަށް ހުށަހެޅުމަށްޓަކައި ގޮތެއް ނިންމަންވާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. ކުއްޖާއާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި އެސެސްމަންޓްތަކަށް ރިއާޔަތްކޮށް، ކުއްޖާ މަރުކަޒަށް ގެނެވުނު އިރުގައި ހުރި ހާލަތާއި، މަރުކަޒުގައި ހުރިއިރު ކުއްޖާއަށް އައިސްފައިވާ ކުރިއެރުންތަކަށް؛
  2. ކުއްޖާއާ އިންޓަރވިއުކުރުމަށްފަހު ޕެރޯލްގެ ދަށުން ނުވަތަ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާމެދު ކުއްޖާ ދެކޭގޮތް؛
  3. ކުއްޖާގެ ހާލަތަށާއި، ކުއްޖާ ބަދަލުކުރެވޭ މަރުކަޒުގައި ތިބޭ ކުދިންގެ ހާލަތަށް؛
  4. ކުއްޖާ ބަދަލުކުރުމުގެ ސަބަބުން ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމުގެ ސަބަބުން ކުއްޖާއަށް ލިބޭނެ ފައިދާ.

(ށ) ކުއްޖާ ޕެރޯލްގެ ދަށުން ދޫކުރަންވާނީ، ކުއްޖާއަކީ މުޖުތަމައަށް ނިކުމެ އުޅެވޭ ފަދަ ކުއްޖެއްކަމަށް ކޮމިޓީ މެންބަރުންގެ އިއްތިފާގުން ނިންމުމާއެކު، ކުއްޖާ އެފަދައިން ބޭނުންވާނަމައެވެ.

(ނ) ކުއްޖާ، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނިންމާނީ، ކުއްޖާގެ އެސެސްމަންޓަށް ބިނާކޮށް މުޖުތަމައަށް ނިކުތުމަށް ކުއްޖާ ތައްޔާރުވުމުގެ މަރުހަލާ ފެށްޓުމަށް ތައްޔާރުކަމަށް ފެނިއްޖެ ހާލަތެއްގައި ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

(ރ) ކުއްޖާ، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް މަރުކަޒުން ލިބޭ ހުށަހެޅުމަށް ރިއާޔަތްކޮށް ކުއްޖާ ބަދަލުނުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫނުކުރުމަށް ނިންމަންވާނީ، ކުއްޖާ ބަދަލުކުރުމުގެ ސަބަބުން ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމުގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކެއް ހުރިނަމައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މަރުކަޒުން ބަދަލުނުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫނުކުރުމަށް ނިންމުމެއް ނިންމައިފިނަމަ، އެ ކުއްޖެއްގެ ފަރުވާގެ ޕްލޭނުގައި ކަނޑައަޅައިފައިވާ ދެން އޮންނަ ލަނޑުދަނޑި ހާސިލުކުރުމާއެކު، އެ ކުއްޖަކު ހުރި މަރުކަޒަކުން އަލުން ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ހުށަހަޅައި ގޮތެއް ކަނޑައަޅަންވާނެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އެ ހުށަހެޅުން ހުށަހެޅޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެއެވެ.

(ކ) ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކާއި، އެ ކޮމިޓީން ނިންމާ ނިންމުންތައް، ކުއްޖާއަށާއި ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ހިއްސާކޮށް، އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ކޯޓަށް ހުށަހެޅުން

މި ގަވާއިދުގެ 61 ވަނަ މާއްދާގެ ދަށުން ޖުވެނައިލް ޕެރޯލް ކޮމިޓީން ކުއްޖަކު އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް ނިންމައިފިނަމަ، އެ ނިންމުން ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ކުއްޖާގެ މައްސަލަ ނިންމި ކޯޓަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ހުށަހަޅަންވާނެއެވެ.

 

63 ވަނަ މާއްދާޕެރޯލް އޮފިސަރުން

ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރެވޭ ކުޑަކުދިންނަށް ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލާނީ، އެ ކުއްޖަކަށް ޒިންމާވާ ޕެރޯލް އޮފިސަރާއި، މަރުކަޒުގައި އެކުއްޖަކަށް ޒިންމާވާ މުވައްޒަފު ގުޅިގެންނެވެ.

 

 

ނުވަވަނަ ބާބު

ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމާގުޅޭ އުސޫލުތައް

 

64 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ކޮންމެ މަރުކަޒެއްގައި، މަރުކަޒުގައި ތިބޭ ކުދިންނަށް ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ، އަދި އެފަދައިން ހުށަހެޅޭ ށަކުވާ ބެލޭނެ ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅޭނެ ގޮތާއި، ށަކުވާއާމެދު އަމަލުކުރާނެ ގޮތް އާންމުކޮށް ފެންނާނެހެން ކޮންމެ މަރުކަޒެއްގައި ބަހައްޓާންވާނެއެވެ.

 

65 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ

ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ތިބޭ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅޭ ށަކުވާ ބެލުމަށްޓަކައި އަންނަނިވި ފަދައިން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.

(ހ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގައި މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ. 

(ށ) ކޮމިޓީއަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ މަރުކަޒުގެ ސުޕްރިންޓެންޑެންޓެވެ.

(ނ) ކޮމިޓީ މެންބަރުންގެ ތެރޭގައި މަރުކަޒުގެ މެނެޖީރިއަލް ލެވެލްގެ ފަރާތަކާއި ޓެކްނިކަލް މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ހިމެނެންވާނެއެވެ.

(ރ) ކޮމިޓީ މެންބަރަކު ވަކިވެއްޖެނަމަ، ވަގުތުން އެ މަގާމަށް އެހެން ފަރާތެއް އައްޔަންކުރުމަކީ މަރުކަޒުގެ ސުޕްރިންޓެންޑެންޓުގެ ޒިންމާއެކެވެ. 

(ބ) ކޮމިޓީގައި ހިމެނޭ މެންބަރަކާމެދު ހުށަހެޅޭ ށަކުވާއެއް ބެލުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާއަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް މަރުކަޒުން ނާޅައިފިނަމަ، އެކަން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަދި އެނޫންވެސް ކަމާބެހޭ ފަރާތްތަކަށް ކުއްޖާގެ ފަރާތުން ހުށަހެޅޭނެ އިންތިޒާމު ކޮންމެ މަރުކަޒެއްގައި ހަމަޖެހިފައި އޮންނަންވާނެއެވެ.

 

66 ވަނަ މާއްދާ - ކޮމިޓީގެ ނިންމުން

(ހ) ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީއަށް ށަކުވާއެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ބަލައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ށަކުވާއާ ގުޅޭގޮތުން ނިންމާގޮތް ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ދޭންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ށަކުވާތަކާއި، ށަކުވާތަކާ ގުޅިގެން އެޅޭ ފިޔަވަޅުތައް ކޮންމެ 6 (ހައެއް) މަހަކުން މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މަރުކަޒުތަކުން އަންގަމުން ގެންދަންވާނެއެވެ.

 

67 ވަނަ މާއްދާމައްސަލަ ބެލުމުގެ އިޖުރާއަތު

ށަކުވާ ބަލާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ ގޮތާއި، މައްސަލަ ބެލުމާއި މައްސަލަ ނިންމުމާ ގުޅޭ ތަފުސީލުތައް މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައާއި އަތްމަތީ ފޮތުގައި ލިޔެވިފައި އޮންނަންވާނެއެވެ.

 

 

ދިހަވަނަ ބާބު

މަރުކަޒުތަކުގެ ހަރަކާތްތައް ބެލުމާގުޅޭ އުސޫލުތައް

 

68 ވަނަ މާއްދާ - އިންސްޕެކްޓްކުރުމަށް ކޮމިޓީއެއް އެކުލަވައިލުން

މަރުކަޒުތަކުގެ ހަރަކާތްތައް ބަލައި އިންސްޕެކްޓްކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.

 

69 ވަނަ މާއްދާ - ކޮމިޓީގައި ހިމެނޭނެ މެންބަރުން

މި ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީ އެކުލެވިގެންވާންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

(ހ) މިނިސްޓަރު ކަނޑައަޅާ މިނިސްޓްރީގެ މުވައްޒަފެއް؛

(ށ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން ކަނޑައަޅާ އެ އިދާރާގެ ފަންނީ މުވައްޒަފެއް؛

(ނ) މިނިސްޓަރު ކަނޑައަޅާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ތަމްސީލުކުރާ ފަރާތެއް؛

(ރ) މިނިސްޓަރު ކަނޑައަޅާ ސިއްހީ މާހިރެއް؛

(ރ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންސް އޮފީހުން ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއް؛

(ބ) ހިޔުމަން ރައިޓްސް ކޮމިށަނުން ކަނޑައަޅާ އެ ކޮމިށަނުގެ މުވައްޒަފެއް؛

(ޅ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ އޭނާގެ މުވައްޒަފެއް؛

(ކ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ސޯށަލް ވަރކަރެއް.

 

70 ވަނަ މާއްދާ - ކޮމިޓީއަށް މެންބަރުން އައްޔަންކުރާނެ ގޮތް

(ހ) ކޮމިޓީއަށް މެންބަރުން އައްޔަންކޮށް ވަކި ކުރާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

(ށ) ކޮމިޓީއަށް މެންބަރުން އައްޔަންކުރަންވާނީ، މަގާމުގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި، އަދި އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުންނެވެ.

(ނ) ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ.

(ރ) މެންބަރުކަމުގެ ދައުރު ނިމުމުގެ 30 (ތިރީސް) ދުވަސް ކުރިން ކޮމިޓީއަށް އާ މެންބަރުން އައްޔަންކުރަންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައިވީނަމަވެސް، އަލަށް އައްޔަންކުރެވޭ މެންބަރުން ހިމެނޭ ކޮމިޓީގެ މަސައްކަތް ފެށޭނީ، ކުރިން އައްޔަންކުރި ކޮމިޓީގެ ދައުރު ނިމޭ ދުވަހުން ފެށިގެންނެވެ.

 

71 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

(ހ) މި ގަވާއިދުގެ ދަށުން ކޮމިޓީއަށް އައްޔަންކުރެވޭ އެއްވެސް މެންބަރަކު މަގާމުގެ މަސްއޫލިޔަތު އަދާކުރުމުގައި އިހުމާލުވާކަމަށް ފެނިއްޖެނަމަ ނުވަތަ މަގުބޫލު އުޒުރެއްނެތި ޖެހިޖެހިގެން 3 ކޮމިޓީ ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ އެ ފަރާތެއް މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު ވަކިކޮށްފިނަމަ، ނުވަތަ މެންބަރުކަމުން އިސްތިއުފާދީފިނަމަ، އެ މަގާމަކަށް އާ މެންބަރަކު، އެ މެންބަރު ވަކިވި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.

 

72 ވަނަ މާއްދާ - އިންސްޕެކްޓް ކުރުން

މި ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަރުކަޒެއް އިންސްޕެކްޓް ކުރަން ބޭނުންވާކަން ކުރިން އެންގުމަށްފަހު ނުވަތަ އެންގުމެއްނެތި އެ ތަނެއް އިންސްޕްކެޓްކުރުމަށް އެ ތަނަކަށް ވަނުމުގެ ބާރު ލިބިގެންވެއެވެ.

(ށ) އިންސްޕެކްޓްކުރާ މަރުކަޒުގެ މުވައްޒަފުންނާއި އެ ތަނުގައި ތިބޭ ކުދިންނާ ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ބާރު ލިބިގެންވެއެވެ. (ނ) މަރުކަޒުތަކުގައި ތިބޭ ކުދިންނާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަމުންދޭތޯ ބެލުމުގެ ގޮތުން އެކުދިންނާ ގުޅޭ އެންމެހައި ރެކޯޑުތައް ބެލުމުގެ ބާރު ލިބިގެންވެއެވެ.

(ރ) މަރުކަޒުތަކުގައި މި ގަވާއިދުގައި ބަޔާންކުރާ އެންމެހައި ވަސީލަތްތައް ހުރިތޯ ބެލުމުގެ ބާރު ލިބިގެންވެއެވެ.

(ބ) އިންސްޕެކްޓްކުރަނީ ލައިސަންސް ލިބިގެން ހިންގާ ތަނެއްނަމަ، އެތަނެއްގެ ލައިސަންސްގެ މުއްދަތާއި ލައިސަންސްގެ ށަރުތުތަކާ ހިލާފުވެފައިވޭތޯ ބެލުމުގެ ބާރު ލިބިގެންވެއެވެ.

(ޅ) މަރުކަޒުތައް ހުރީ މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށްކަން ބެލުމުގެ ބާރު ލިބިގެންވެއެވެ.

(ކ) ފަރުވާދޭ ކުދިންގެ އަދަދަށް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން ތިބިތޯ ބެލުމުގެ ބާރު ލިބިގެންވެއެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް މަރުކަޒުތައް އިންސްޕެކްޓްކުރުމުގައި ބަލަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ މުހިންމު ކަންކަން ބެލުމުގެ ބާރު ލިބިގެންވެއެވެ.

(ވ) މަރުކަޒުން ފޯރުކޮށްދެމުންދާ ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުންދަނީ ކަމާބެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާއި، އެ ޕްރޮގްރާމްތަކުން ނަތީޖާ ފެންނަ މިންވަރު ބަލަންވާނެއެވެ.

(މ) މި މާއްދާގެ ދަށުން މަރުކަޒުތައް ބަލައި ފާސްކުރުމުގައި އެއްވެސް މަރުކަޒެއްގައި ޖިނާއީ އަމަލެއް ހިނގާކަމަށް ފެނިއްޖެނަމަ، ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ކޮމިޓީން އަންގަންވާނެއެވެ.

(ފ) މި މާއްދާގެ ދަށުން މަރުކަޒުތައް ބަލައި ފާސްކުރުމުގައި އެއްވެސް މަރުކަޒެއްގައި ހުންނަ ކުއްޖެއްގެ ހައްގުތަކަށް އިހުމާލުވާކަމަށް ފެނިއްޖެނަމަ އެކަމެއް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅައި، ކުއްޖާއަށް ރައްކައުތެރި މާހައުލެއް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

(ދ) މި ގަވާއިދުގެ ދަށުން އުފައްދައި ހިންގާ މަރުކަޒުތައް މަދުވެގެން ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ކޮމިޓީން އިންސްޕެކްޓްކުރަންވާނެއެވެ.

(ތ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮމިޓީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތުތަކެއްގައި މަރުކަޒުތައް އިންސްޕެކްޓްކުރުމަށް ނިންމިދާނެއެވެ.

(ލ) މި މާއްދާގައި (ހ) އެހެން އޮތްނަމަވެސް، އެއްވެސް މަރުކަޒެއްގައި އެއްވެސް ބާވަތެއްގެ ހާދިސާއެއް ހިނގައިފިކަމަށް ކޮމިޓީއަށް މައުލޫމާތު ލިބިއްޖެނަމަ، ހާއްސަ އިންސްޕެކްށަނެއް ހިންގިދާނެއެވެ.

 

73 ވަނަ މާއްދާ - ރިޕޯޓު

(ހ) މަރުކަޒުތައް އިންސްޕެކްޓްކުރުމަށްފަހު، މަރުކަޒުތަކުގެ ފެންވަރާއި، މަރުކަޒުތަކުގައި ތިބި ކުދިންނާއި މުވައްޒަފުންނާ ގުޅޭގޮތުން ކޮމިޓީއަށް ފާހަގަކުރެވޭ ކަންކަން ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވައިލަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިންސްޕެކްށަން ރިޕޯޓުގައި މަރުކަޒުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކުރަންވާނެއެވެ.

(ނ) އިންސްޕެކްށަން ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އިންސްޕެކްށަން ރިޕޯޓު އެ މަރުކަޒަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި މިނިސްޓަރަށް ކޮމިޓީން ހިއްސާކުރަންވާނެއެވެ.

(ރ) މަރުކަޒުތަކުގައި ކުޑަކުއްޖެއްގެ ހައްގެއް ނިގުޅައިގަތުމުގެ އެއްވެސް ކަމެއްގެ ތުހުމަތެއް ކުރެވިއްޖެނަމަ، އެކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލަސްނުކޮށް އަންގަންވާނެއެވެ.

 

74 ވަނަ މާއްދާ - ފޮލޯއަޕް އިންސްޕެކްށަން

މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ނ) ގެ ދަށުން ހިއްސާކުރެވޭ ރިޕޯޓުގައި، ވަކި ވަގުތެއްގެ ތެރޭގައި އެއްވެސް ކަމެއް އިސްލާހުކުރުމަށް މަރުކަޒަކަށް އަންގާފައިވާނަމަ، އެ މުއްދަތު ނިމުމާއެކު އެ ކަމެއް އިސްލާހުކޮށްފައިވާ ގޮތް ބެލުމަށް ފޮލޯއަޕް އިންސްޕެކްށަނެއް ކޮމިޓީން ހަދަންވާނެއެވެ.

 

 

އެގާރަވަނަ ބާބު

ފިޔަވަޅު އެޅުމާއި އެހެނިހެން ކަންކަން

 

75 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްގެން ހިންގާ ތަންތަނާ ގުޅޭގޮތުން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، އެއްވެސް މަރުކަޒެއްގެ ލައިސަންސް ސަސްޕެންޑް ކުރަންޖެހޭކަމަށް ނުވަތަ ބާތިލުކުރަންޖެހޭފަދަ ކަންކަން ހުރި ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފެނިއްޖެނަމަ، އެ މަރުކަޒެއްގެ ލައިސަންސް ސަސްޕެންޑްކުރުމަށް ނުވަތަ ބާތިލުކުރުމަށް މިނިސްޓަރަށް ލަފާ ދެވިދާނެއެވެ.

 

76 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން

މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.

 

77 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

78 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މަރުކަޒުތަކުގެ ހަރަކާތްތައް ބަލައި އިންސްޕެކްޓްކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މި ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން އުފައްދާ ކޮމިޓީއަށެވެ.

(ށ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖުވެނައިލް ކޯޓަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީއަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީގެ މިނިސްޓަރަށެވެ.

(ބ) "ކުޑަކުދިންގެ އަދުލުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށެވެ.

(ޅ) "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށެވެ.

(ކ) "ޕެރޯލް އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ ޕެރޯލް އޮފިސަރުން ކަމަށެވެ.

 

އުވި ގަވާއިދު

ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-79)

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު