-

ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 88/2021)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (9) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

3 ވަނަ މާއްދާ - މަސައްކަތްކުރާނެ ތަން ކަނޑައެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރަމުންދާ އެންމެހައި ފުލުހުން، އެ ވަގުތު މަސައްކަތް ކުރަންމުންގެންދާ ތަނަކީ އެ ފުލުހަކު ވަޒީފާ އަދާކުރާ ތަން ކަމުގައި ބެލެވޭނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި، ފުލުހުން ވަޒީފާ އަދާކުރާނެ ތަންތަން ކަޑައަޅާނީ، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އެކަން ކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އިދާރީ ބަހާއެއްގެ ފަރާތުންނެވެ.

(ނ) ފުލުހަކު ވަޒީފާ އަދާކުރާ ތަން ހަމަޖައްސާނީ، ތިރީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބެލުމަށްފަހުގައެވެ.

  1. އެ ވަގުތެއްގައި އެންމެ ބޮޑަށް ފުލުހުން ބޭނުންވާ ދާއިރާތައް؛
  2. އެ ފުލުހަކަށް ލިބިފައިވާ ތައުލީމާއި، ތަމްރީނާއި، ހުނަރާއި، ތަޖުރިބާ؛
  3. ރޭންކުގެ ކުރިއެރުމުގެ ށަރުތެއްގެ ގޮތުގައި ވަކި ރޭންކެއްގެ މުވައްޒަފުން މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އުސޫލުތައް.

(ރ) ވަޒީފާއަށް އަލަށް ވަންނަ ފުލުހުން، އަސާސީ ތަމްރީނު ފުރިހަމަ ކުރުމަށްފަހު އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާގައި މަސައްކަތްކުރުމަށް އިސްކަންދޭންވާނެއެވެ.

(ބ) ފުލުހުންގެ ވަޒީފާއަށް ފުލުހަކު ނެރެންވާނީ ފުލުހުންގެ ހުވާ ކުރުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ - ވަޒީފާއަދާކުރާ ތަން ބަދަކުރުން

(ހ) ތަނެއްގެ ނުވަތަ ރަށެއްގެ އާންމު މަސްލަހަތަށް ބަލައި، ވަކި ފުލުހަކު ވަކި ތަނެއްގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ ތަސައްވުރަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ބެލެވިއްޖެ ހިނދެއްގައި އެ ފުލުހަކު ވަޒީފާ އަދާކުރަމުންދާ ތަން އެހެން ތަނަކަށް ބަދަލު ކުރެވިދާނެއެވެ.

(ށ) ފުލުހަކު ވަޒީފާ އަދާކުރާ ތަން ބަދަލުވާން ބޭނުންވެގެން އެދިއްޖެނަމަ، އެ ފުލުހަކީ އެ ތަނެއްގައި 1 (އެކެއް) އަހަރުދުވަހު ވަޒީފާ އަދާކޮށްފައިވާ ފުލުހެއްނަމަ، އެ ފުލުހެއްގެ މަސައްކަތަށް ބެލުމަށްފަހު، ވަޒީފާ އަދާކުރާ ތަން ބަދަލު ކުރެވިދާނެއެވެ. މި ގޮތުން ވަޒީފާ އަދާކުރާ ތަން ބަދަލުކުރެވޭނީ، އެ ފުލުހަކު ބަދަލުވާން އެދޭ ތަނުގައި ހުސް ޖާގައެއް އޮވެއްޖެނަމައެވެ.

(ނ) ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ބަލަމުންދާ ތައުދީބީ މައްސަލައެއްގައި، އެ ފުލުހަކާމެދު އަޅާ ތައުދީބީ ފިޔަވަޅެއްގެ ގޮތުން، އެ ފުލުހަކު ވަޒީފާ އަދާކުރާ ތަން ބަދަލު ކުރެވިދާނެއެވެ.

(ރ) އެއް މަގާމުން އަނެއް މަގާމަށް ބަދަލުވުމުގެ ކުރިން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އަދާކުރަންޖެހޭ ޑިއުޓީ ޓާރމް ފުރިހަމަ ކުރުމުގެ ގޮތުން ވަޒީފާ އަދާކުރާ ތަން ބަދަލު ކުރެވިދާނެއެވެ.

(ބ) އަސާސީ ތަމްރީނު ފުރިހަމަކޮށްފައި އެ ފުލުހަކު އަމިއްލައަށް އެދިގެން ވަޒީފާ އަދާކުރާ ތަން ހަމަޖެއްސުމަށްފަހު، އެ ފުލުހަކަށް އެހެން ތަނަކަށް ބަދަލުވެވޭނީ، ފަހުން ބަދަލުކުރެވުނު ތަނުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހު ވަޒީފާ އަދާކުރުމަށް ފަހުގައެވެ.

(ޅ) ވަޒީފާ އަދާކުރުމަށް ވަކި ތަނަކަށް، ބަދަލުވުމަށް ފުލުހަކު އެދޭ ހިނދު، އެ ތަނަކީ ނުވަތަ އެ ތަނުގައި ކުރަން ޖެހޭ މަސައްކަތަކީ ވަކި ފަންނެއްގެ ހުނަރު ހުރި މީހަކަށް ނޫނީ އަދާނުކުރެވޭނެ މަސައްކަތެއްކަމަށް ނުވަތަ ވަކި އިމްތިހާނަކުން ފާސްވެގެން މެނުވީ ފުރިހަމައަށް އަދާ ނުކުރެވޭނެ މަސައްކަތެއް ކަމަށް ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ނިންމައިފައިވާނަމަ، ށަރުތު ހަމަނުވާ ފަރާތްތަކަށް އެ މަސައްކަތެއް ހަވާލެއް ނުކުރެވޭނެއެވެ.

(ކ) ވަކި ތަނަކަށް، ވަޒީފާ އަދާކުރުން ބަދަލުކުރުމަށް އެކަކަށްވުރެ ގިނަ ފުލުހުން، އެ ކަމަށް ދީފައިވާ މުހުލަތެއްގެ ތެރޭގައި އެދިއްޖެނަމަ، އެ ތަނަށް ބަދަލުވުމުގެ ފުރުސަތު ދެވޭނީ، އެ ތަނެއްގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ބާވަތަށް ބަލައި، އެ ކަމަށް އެންމެ އެކަށީގެންވާ މީހަކަށެވެ.

(އ) ވަކި މުއްދަތަކަށް ވަކި ތަނެއްގައި މަސައްކަތްކުރާ ގޮތަށް ހިންގައިފައިވާ ކޯހެއް ފުރިހަމަކޮށްފައިވާ ފުލުހަކު، އޭނާ އެއްބަސްވެފައިވާ މުއްދަތު ހަމަނުވަނީސް އޭނާ ވަޒީފާ އަދާކުރަމުންދާ ތަން ބަދަލުކޮށްދިނުމަށް އެދުނުކަމުގައިވިޔަސް، އެއްބަސްވެފައިވާ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރާ ތަން ބަދަލުކޮށެއް ނުދެވޭނެއެވެ.

 

5 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮޕަރޭށަނަލް ޕޮލިސިންގގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި، ފުލުހުންގެ ދައުރަށް ނިސްބަތްވާ ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގައި ސީދާގޮތުން ރައްޔިތުންނާ ބައްދަލުވެ މުއާމަލާތުކޮށް، ހިދުމަތް ދިނުމަށް ޓަކައި ކަނޑައެޅިފައިވާ މަގާމުތަކުގެ މައްޗަށް އެކުލެވޭ ދާއިރާއަށެވެ.

(ށ) "ތަން" ކަމަށް ބުނެފައި އެ ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެކިއެކި  އިދާރީ ބަހާތަކަށާއި، އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ރީޖަނަލް ޕޮލިސް ސްޓޭށަންތަކާއި، އަތޮޅު ޕޮލިސް ސްޓޭށަންތަކާއި، ރަށު ޕޮލިސް ސްޓޭށަންތަކާއި، ޕޮލިސް ޕޯސްޓުތައް ހިމެނޭގޮތުންނެވެ.

 

6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 34/2020)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު