-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 86/2021)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ  12 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަދައިފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ހިންގުމާ ބެހޭ އުސޫލުތައް ކަނޑައަޅާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި އޮތޯރިޓީން ކުރަންޖެހޭ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތަކަށް ބޯޑު ހިނގޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ބޯޑުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތް

ޑިރެކްޓަރުންގެ ބޯޑަކީ، އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާންޖެހޭ ގޮތަށް، 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގޮތަށް، ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ ބޯޑެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށާއި، އާންމު ބޭނުންތަކުގެ ހިދުމަތުގެ ދާއިރާ އިންތިޒާމު ކުރުމަށް ޓަކައި އޮތޯރިޓީން ކުރަންޖެހޭ ކަންކަން ކަނޑައެޅުން.

(ށ) އޮތޯރިޓީ ހިންގުމާ ގުޅޭ އަންނަނިވި ގަވާއިދުތައް ގާނޫނުގެ ދަށުން ހަދައި، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީއާއި ބޯޑުގެ ކަންކަން ހިނގާތޯ ބެލުން.

  1. އޮތޯރިޓީގެ ހިންގުމާ ގުޅޭ ގަވާއިދުތައް؛
  2. ބޯޑުގެ ހިންގުމުގެ ގަވާއިދުތައް؛
  3. ބޯޑުގެ މެންބަރުންގެ ސުލޫކާބެހޭ ގަވާއިދު.

(ނ) އޮތޯރިޓީގެ ބަޖެޓު އެކުލަވައިލައި، ފާސްކުރުން.

 

5 ވަނަ މާއްދާ - ބޯޑު ހިންގުން

(ހ) ބޯޑުގެ މަސައްކަތްތައް ރާވައި ހިންގާނީ ބޯޑުގެ ޗެއަރޕަރސަން އެވެ.

(ށ) ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި ގާއިމު ކޮށްފައިވާ ބޯޑުގެ ސެކްރެޓޭރިއެޓުންނެވެ.

(ނ) ބޯޑު ހިންގުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން، ބޯޑަށް ލިބޭނެ އިންތިޒާމު  އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް މެދުވެރިކޮށް ބޯޑުން ހަމަޖައްސަންވާނެއެވެ.

(ރ) ބޯޑުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތްތައް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާ ނުވަތަ ޗީފް އެގްޒެކެޓިވް މެދުވެރިކޮށް އޮތޯރިޓީގެ މުވައްޒަފުންނާ ނުވަތަ ޗީފް އެގްޒެކެޓިވް މެދުވެރިކޮށް ބޯޑުން ކަނޑައަޅާ އެހެން ފަރާތަކާ ބޯޑަށް ހަވާލުކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ބޯޑުގެ ޗެއަރޕަރސަންގެ ޒިންމާތައް

(ހ) ބޯޑުގެ ޗެއަރޕަރސަންގެ ޒިންމާތަކަކީ، ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ށ) ބޯޑުގެ ޗެއަރޕަރސަން ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ، ބޯޑުގެ ޗެއަރޕަރސަން ހަވާލުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ޖަވާބުދާރީވުން

(ހ) ޑިރެކްޓަރުންގެ ބޯޑުން މިނިސްޓަރަށް ޖަވާބުދާރީވާންވާނެއެވެ.

(ށ) ޗީފް އެގްޒެކެޓިވްގެ މަސައްކަތާ ގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ ޑިރެކްޓަރުންގެ ބޯޑަށެވެ.

 

8 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތައް

(ހ) ބޯޑުގެ ޖަލްސާއެއް، މަދުވެގެން، ކޮންމެ މަހަކު 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ ޗެއަރޕަރސަން ހިމެނޭގޮތުން 3 (ތިނެއް) މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ހާޒިރުވުމުންނެވެ.

(ނ)

  1. ބޯޑުގެ ޖަލްސާއަކަށް ހާޒިރުވުމަށް ދައުވަތު ދީފައިވަނިކޮށް އެ ޖަލްސާއަށް ހާޒިރު ނުވެވޭ ފަދަ އުޒުރެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ، ޖަލްސާ ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ބޯޑުގެ ޗެއަރޕަރސަންއަށް ނުވަތަ ބޯޑުގެ ސެކްރެޓޭރިއެޓަށް އެކަން އަންގައި ސަލާން ބުނާންވާނެއެވެ.
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ސަލާން ބުނިކަން އެންގުމުގެގޮތުން މެންބަރުން ސަލާމުގެ މެސެޖު ފޮނުވަންވާނީ، މިކަމަށް ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅައިފައިވާ ފޯނު ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ނުވަތަ ޗެޓް ގްރޫޕަކަށެވެ.

(ރ) ބޯޑުގެ ޖަލްސާއެއް ފެށުމަށް ޓަކައި، މަދުވެގެން ބޭނުންވާ މެންބަރުންގެ އަދަދު ހަމަވޭތޯ  ބަލާނީ، ޖަލްސާ ފެށުމަށް ކަނޑަޅައިފައިވާ ވަގުތުން ފެށިގެން 20 (ވިހި) މިނިޓަށެވެ.

(ބ) ޖަލްސާއެއް ހިނގަމުން ދަނިކޮށް ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަދަދު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައިވާ މިންވަރަށްވުރެ މަދަވެއްޖެ ހާލަތެއްގައި، ޖަލްސާ ވަގުތީގޮތުން މެދުކަނޑައިލުމަށް، ނުވަތަ ޖަލްސާ ނިންމައިލުމަށް ކަނޑައަޅާނީ، ހާޒިރުވެ ތިބި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

(ޅ) ބޯޑުގެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގު މުއްދަކަށް އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް ޗެއަރޕަރސަނަށް އެކަން އަންގަންވާނެއެވެ.

(ކ) ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ ޗެއަރޕަރސަނެވެ. ބޯޑުގެ ޗެއަރޕަރސަން ކުރަންޖޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ބޯޑުގެ ޗެއަރޕަރސަން ހަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޯޑުގެ 3 (ތިނެއް) މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ، ސަބަބު ބަޔާންކޮށް، ބޯޑުގެ ޗެއަރޕަރސަނަށް އެކަން ހުށަހެޅިދާނެއެވެ. އަދި ބޯޑުގެ ޗެއަރޕަރސަނަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅައިފައިވާ ގޮތުގެ މަތީން ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ވ) މި މާއްދާގެ (ހ) ގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޯޑުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ބޯޑުގެ ޗެއަރޕަރސަނަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު ޗީފް އެގްޒެކެޓިވްއަށް ލިބިގެންވެއެވެ. އެގޮތުން ޗީފް އެގްޒެކެޓިވް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބޯޑުގެ ޗެއަރޕަރސަނަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ޖަލްސާއެއް ބާއްވައި، ޗީފް އެގްޒެކެޓިވް ހުށަހަޅައިފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

(މ) ޖަލްސާގެ އެޖެންޑާ އެކުލަވައިލާނީ، ބޯޑުގެ ޗެއަރޕަރސަން ނުވަތަ ޗެއަރޕަރސަން އަންގާ ގޮތެއްގެ މަތީން ބޯޑުގެ ސެކްރެޓޭރިއެޓުންނެވެ.

(ފ) ކުއްލި ޖަލްސާތައް ފިޔަވައި، ބޯޑުގެ ޖަލްސާތަކުގެ އެޖެންޑާ، ޖަލްސާ ފެށުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ ސެކްރެޓޭރިއެޓުން މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ދ) ކުއްލި ޖަލްސާތައް ފިޔަވައި، ބޯޑުން ގޮތް ނިންމުމަށް ނުވަތަ ބޯޑުގައި މަށްވަރާ ކުރުމަށް ހުށަހަޅާ ކަންކަމާ ބެހޭ ލިޔެކިޔުންތައް އެ ކަމެއް އެޖެންޑާ ކޮށްފައިވާ ބޯޑުގެ ޖަލްސާ ފެށުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ ސެކްރެޓޭރިއެޓުން މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ތ) ބޯޑުގެ ޖަލްސާތަކުގެ ހާޒިރީ، ބޯޑުގެ ސެކްރެޓޭރިއެޓުން ބަލަހައްޓަމުންދާކަން، ޗީފް އެގްޒެކެޓިވް މެދުވެރިކޮށް ޗެއަރޕަރސަން ކަށަވަރުކުރަންވާނެއެވެ.

(ލ) ބޯޑުން ނިންމާ ގޮތެއްގެ މަތީން، ބޯޑުން މަށްވަރާކުރާ ކަމެއްގައި އޮތޯރިޓީގެ މުވައްޒަފުންގެ ފަންނީ ލަފަޔެއް ބޭނުންވާނަމަ، އެ ހާލަތުގައި ބޯޑުގެ ޖަލްސާތަކުގައި އޮތޯރިޓީގެ މުވައްޒަފުން ބައިވެރި ކުރެވިދާނެއެވެ.

(ގ) ބޯޑުން ނިންމާ ގޮތެއްގެ މަތީން، ބޯޑުގެ ބޭނުމަށް ޓަކައި ދައުވަތު ދެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ބޯޑުގެ ޖަލްސާތަކުގައި ބައިވެރި ކުރެވިދާނެއެވެ.

(ޏ) ބޯޑުގެ މެންބަރުން އެއްތަނަކަށް ހާޒިރުވެގެން ބޯޑުގެ ޖަލްސާ ނުބޭއްވޭ ހާލަތްތަކުގައި، އޯޑިއޯ  ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް ކުރެވޭ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ވެސް ބޯޑުގެ ޖަލްސާ ބޭއްވިދާނެއެވެ. މިގޮތުން ބެނުންކުރެވޭ ވަސީލަތްތައް ވާންޖެހޭނީ، ބޯޑުގެ ހުރިހާ މެންބަރުންނަށާއި ބޯޑުގެ ސެކްރެޓޭރިއަޓަށް ބެނުންކުރެވޭ ފަދަ ވަސީލަތްތަކަކަށެވެ.

 

9 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއް، އޮތޯރިޓީން ބަލާ ހިނދު، އެ ކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އޮތޯރިޓީން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްކަން ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައި ނެތް ނަމަވެސް، އެކަން އެނގޭ ހިނދު، އެކަން ބޯޑަށް އެންގުމާއެކު، އެ ކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުން އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލު ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތު ފުށުއެރުމުގެ މައްސަލައެއް ބޯޑުގެ ޗެއަރޕަރސަނަށް މެދުވެރިވެއްޖެނަމަ، އެކަން ބޯޑަށް އެންގުމާއެކު، އެ ކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުން އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން ޗެއަރޕަރސަން ތަނާޒުލު ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތު ފުށުއެރުމުގެ މައްސަލައަކުން ބޯޑުގެ ޗެއަރޕަރސަން ނުވަތަ މެންބަރަކު ތަނާޒުލު ނުވެއްޖެނަމަ، އެއީ، ގާނޫނުގެ 9 ވަނަ މާއްދާގެ ބޭނުމަށް ޓަކައި އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ހާލަތެއް ކަމުގައި ބެލެވިދާނެއެވެ.

 

10 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެކެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް

(ހ) ބޯޑުގެ އެއްވެސް ނިންމުމެއް ނިންމުމުގައި ބޯޑުގެ މެންބަރުން ފިޔަވައި އެހެން ފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

(ށ) ބޯޑުން ކަމެއް ނިންމީ ކަމަށް ބެލޭނީ، ބޯޑުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވުމުންނެވެ.

(ނ) ބޯޑުން ކަމެއް ނިންމަންވާނީ، އެ ކަމެއް ނިންމުމަށް މެންބަރުންގެ ޖުމުލަ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް މެންބަރުންގެ މެދުގައި ވޯޓު ލައިގެންނެވެ. ރިޔާސަތު ބަލަހައްޓާ މެންބަރަށް ވެސް ވޯޓުގައި ބައިވެރިވެވޭނެއެވެ.

(ރ) ބޯޑުން ނިންމާ ނިންމުންތަކަށް މެންބަރުން ވޯޓު ދިން ގޮތް، އެ ކަމެއް ނިންމި ޖަލްސާގެ ޔައުމިއްޔާގައި ނުވަތަ އެ ނިންމުމާ ބެހޭ ގަރާރުގައި އެނގެން އޮންނަންވާނެއެވެ.

(ބ) ބޯޑުން ނިންމާ ނިންމުމާ ބެހޭ ޔައުމިއްޔާގައި ނުވަތަ ގަރާރުގައި އެ ނިންމުމެއް ނިންމުމުގައި ބައިވެރިވި މެންބަރުން ސޮއިކުރަންވާނެއެވެ.

(ޅ) ބޯޑުން ފާސްކުރާ ގަރާރުތަކާއި ނިންމާ ނިންމުންތަކާބެހޭ ލިޔެކިޔުންތައް އޮތޯރިޓީގައި ފައިލުކޮށް ބެލެހެއްޓެމުންދާކަން، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މެދުވެރިކޮށް ބޯޑުން ކަށަވަރު ކުރަން ޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ

(ހ) ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ ބޯޑުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތެކެވެ.

(ށ) ބޯޑުގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ ތައްޔާރުކުރުމަށްފަހު، ބޯޑުގެ ސެކްރެޓޭރިއެޓުން ބޯޑަށް އެ ޔައުމިއްޔާ ހުށަހަޅައިގެން އެ ޔައުމިއްޔާ ފާސްކުރަން ޖެހޭނެއެވެ.

(ނ) ބޯޑުގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާގައި، އެ ޖަލްސާއެއްގައި ބައިވެރިވި ބޯޑު މެންބަރުން ސޮއިކުރަންވާނެއެވެ. ބޯޑުން ފާސްކުރާ ޔައުމިއްޔާތަކުގައި ސޮއިކުރަންޖެހޭ މެންބަރުންގެ ސޮއި ހޯދުމަކީ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތެކެވެ.

 

13 ވަނަ މާއްދާ - ބޯޑު މެންބަރުންގެ އުޖޫރަ

(ހ) ބޯޑުގެ މެންބަރުންނަށް ލިބިދެވޭ އުޖޫރަ ކަނޑައަޅާނީ، މާލީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރެވެ.

(ށ) ބޯޑުގެ މެންބަރުންނަށް އުޖޫރަ ދޭނީ، ބޯޑުގެ ޖަލްސާތަކަށް ހާޒިރުވާ ނިސްބަތަށެވެ.

 

14 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއެޓް

(ހ) ބޯޑުގެ ސެކްރެޓޭރިއެޓުގެ މަސައްކަތްތައް ހިންގާނީ، ބޯޑުގެ ޗެއަރޕަރސަންގެ ލަފާގެ މަތިން ޗީފް އެގްޒެކެޓިވް އެވެ.
 
 
(ށ) ބޯޑުގެ ސެކްރެޓޭރިއެޓުގެ މަސައްކަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ބޯޑުގެ ޖަލްސާތައް އިންތިޒާމުކުރުން؛
  2. ޗެއަރޕަރސަންގެ މަށްވަރާއާއެކު، ބޯޑުގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުން؛
  3. ބޯޑުގެ ޖަލްސާތަކަށް މެންބަރުންނަށް ދައުވަތު ފޮނުވުން؛
  4. ބޯޑުގެ ޖަލްސާތަކުގެ ހާޒިރީ ބެލެހެއްޓުން؛
  5. ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން؛
  6. ބޯޑުގެ މަސައްކަތްތަކާ ބެހޭ ލިޔެކިއުންތައް ތައްޔާރުކުރުން؛
  7. ބޯޑުގެ މަސައްކަތްތަކާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން، ބޯޑުގެ ސެކްރެޓޭރިއެޓަށް ލިބޭނެ އިންތިޒާމު، ޗީފް އެގްޒެކެޓިވް މެދުވެރިކޮށް ބޯޑުން ހަމަޖައްސަން ވާނެއެވެ. 

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެގޮތުން ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ބާރު ލިބިގެންވަނީ ޑިރެކްޓަރުންގެ ބޯޑަށެވެ. ގަވާއިދަށް ގެންނަ އިސްލާހުތަކަށް އަމަލުކުރަން ފެށޭނީ، އެ އިސްލާހެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް މާނަކުރަންވާނީ، އެ ލަފުޒުތައް ނުވަތަ އިބާރާތްތައް ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށެވެ.

(ށ)  "ޑިރެކްޓަރުންގެ ބޯޑު" ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

(ނ) "މެންބަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށެވެ.

(ރ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ.

(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ޅ) "ޗެއަރޕަރސަން" ކަމަށް ބުނެފައި އެވަނީ،  ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން އަށެވެ.

(ކ) "ޗީފް އެގްޒެކެޓިވް" ކަމަށް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަށެވެ.

  

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 26/2020)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު