ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ތަމްރީނު ދިނުމާއި އެ ފަރާތްތަކުގެ ފެންވަރު ބެލުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-78)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގައި އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި ނުވަތަ ގާނޫނު ތަންފީޒު ކުރުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހާއްސަ ތަމްރީނާއި އިރުށާދު ދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، އެ ފަރާތްތަކުގެ ފެންވަރު ބެލުމުގެ ކަންކަން ވިލަރެސްކުރާނެ ނިޒާމެއް ގާއިމްކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 114 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ތަމްރީނު ދިނުމާއި އެ ފަރާތްތަކުގެ ފެންވަރު ބެލުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، ކުޑަކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމުގެ ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ގާބިލު ފަރާތްތަކެއްކަން ކަށަވަރުކުރުން.
(ށ) ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، ކުޑަކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމުގެ ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ގާބިލު ފަރާތްތަކަކަށް ހެދުމަށްޓަކައި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ދެވޭނެ އިންތިޒާމާއި، ގަވާއިދުން އެ މުވައްޒަފުންގެ ފެންވަރު މުރާޖައާކޮށް ވަޒަންކުރެވޭނެ އިންތިޒާމު އެ މުއައްސަސާތަކުގައި ހަމަޖެއްސުން؛
(ނ) ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، ކުޑަކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމުގެ ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ގާބިލު ފަރާތްތަކެއްކަން ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ވިލަރެސްކުރާނެ ނިޒާމެއް، އެ މުއްސަސާތައް ހިމެނޭގޮތުން ގާއިމުކުރުން.
3 ވަނަ މާއްދާ - ނިޒާމުގައި ހިމެނޭނެ އިދާރާތައް
މި ގަވާއިދުގެ ދަށުން އެކުލަވައިލެވޭ ނިޒާމުގައި ހިމެނޭނީ، ދައުލަތުގެ އަންނަނިވި އިދާރާތަކެވެ.
(ހ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް؛
(ށ) ދިވެހި ފުލުހުންގެ ހިދުމަތް؛
(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް؛
(ރ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
(ބ) ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓު؛
(ޅ) ޑިޕާޓްމަންޓް އޮފް ޖުޑިށަލް އެޑްމިނިސްޓްރޭށަން.
4 ވަނަ މާއްދާ - ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަކީ ހާއްސަ ތަމްރީނު ލިބިފައިވާ ބައެއްކަމުގައި ވުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގައި، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ކުދިންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގައި އެނޫންވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ، ކުޑަކުދިންނާއެކު މަސައްކަތް ކުރުމަށް ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ބައެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނު ދެވޭނެ، އަދި އެފަދަ މުވައްޒަފުންގެ ފެންވަރު ގަވާއިދުން މުރާޖައާ ކުރެވޭ އިންތިޒާމެއް އެ މުއައްސަސާތަކުގައި ހަމަޖައްސަންވާނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގައި، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ކުދިންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގައި އެނޫންވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ތަމްރީނާއި އިރުށާދު ވާންވާނީ، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭނެ ކަމަށް، ކަމާ ގުޅޭ ބައިނަލްއަގްވާމީ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ފަދަ ތަމްރީނާއި އިރުށާދުކަމުގައެވެ.
5 ވަނަ މާއްދާ - ތަމްރީނު ޕްރޮގްރާމްތައް
މި ގަވާއިދުގައި ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.
(ހ) ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތެއް މަސައްކަތްކުރާ ދާއިރާއަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމްތައް.
(ށ) ކުޑަކުދިންނާ މުއާމަލާތު ކުރުމާއި، އެ ކުދިންނާ އިންޓަރވިޔުކޮށް ސުވާލުކުރުމާ ގުޅޭގޮތުން ހިންގޭ ތަމްރީނު ޕްރޮގްރާމްތައް.
(ނ) އަނިޔާ ލިބިފައިވާ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ ޕްރޮގްރާމްތައް.
(ރ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައް.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުންވެސް، ކުޑަކުދިންނާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެ މުއާހަދާތައް ތަންފީޒު ކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ޕްރޮޓޮކޯލްތަކާއި، ގައިޑިންގެ ޕްރިންސްޕަލްތައް ފަދަ ތަކެއްޗަށް އަހުލުވެރިކުރުމާބެހޭ ތަމްރީނު ޕްރޮގްރާމްތައް.
(ޅ) ކުޑަކުދިންގެ މައްސަލަ ބަލާ ފަނޑިޔާރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް.
(ކ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި، އެ ކަންކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި، ބައިނަލްއަގްވާމީ މުހިންމު މުއާހަދާތަކުގެ ދަށުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމާ ގުޅޭ ސެށަންތައް.
(އ) ކުޑަކުދިން ކުށްކުރުމާއި، ކުށަށް އަރައިގަތުމާއި، އެ ކުދިންގެ ހެދިބޮޑުވުމާ ގުޅޭގޮތުން، އަލަށް ހޯދޭ ހޯދުންތަކުގެ ތެރެއިން އެ ކުދިންނާ މުއާމަލާތުކުރާ ފަރާތްތަކަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭގޮތުން ހިންގޭ ޕްރޮގްރާމްތައް.
(ވ) ނަފްސާނީ އެކިއެކި މައްސަލަތައް ތަހައްމަލުކުރަމުންދާ ކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ފެންވަރުގެ ތަމްރީނު ދިނުމާއި، މިފަދަ ކުދިންނާ މުއާމަލާތު ކުރުމާއި ސުވާލުކުރުމާ ގުޅޭ ތަމްރީނުތައް.
6 ވަނަ މާއްދާ - ވިލަރެސްކުރާ ކޮމިޓީއެއް އެކުލަވައިލުން
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމުގެ ހާއްސަ ތަމްރީނާއި ހުނަރު ލިބިގެންވާ ބައެއްކަން ކަށަވަރު ކުރުމަށް ޓަކައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރާތަކުގެ މެދުގައި އެކަމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް ޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ. މި ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.
7 ވަނަ މާއްދކޮމިޓީ އެކުލެވިގެންވާ ގޮތް
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
- މިނިސްޓަރު ކަނޑައަޅާ، މިނިސްޓްރީގެ މުވައްޒަފެއް؛
- މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކުން، ކޮންމެ އިދާރާއަކުން އައްޔަނުކުރާ 1 (އެކެއް) މެންބަރު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރާ މެންބަރުން ވާންވާނީ، ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް އެ އިދާރާއިން ހާއްސަކޮށްފައިވާ ބައިގައި މަސައްކަތްކުރާ، ހިންގުމުގެ ދާއިރާގެ ފަރާތަކަށެވެ.
(ނ) މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން މި ކޮމިޓީގައި ބައިވެރިވާ ފަރާތަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
(ރ) ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިނިސްޓަރު ކަނޑައަޅާ މުވައްޒަފެވެ.
8 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް
ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ، އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބޭއްވުން.
(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކުގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާނެ އަސާސީ ތަމްރީނު ޕްރޮގްރާމުތަކުގެ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކަނޑައެޅުން.
(ނ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން އިދާރާތަކުން ހުށަހަޅާ މައުލޫމާތުތައް ބަލައި ވަޒަންކުރުން.
(ރ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން އިދާރާތަކުން އެކުލަވައިލާ އުސޫލުތައް ދިރާސާކޮށް، އެ އިދާރާތަކުން އިސްލާހު ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން.
(ބ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން އިދާރާތަކުން އެކުލަވައިލާ އުސޫލާ އެއްގޮތަށް އެ އިދާރާތަކުން އަމަލުކުރަމުންދޭތޯ ބެލުން.
(ޅ) އަލަށް ކުރެވޭ ދިރާސާތަކުގެ އަލީގައި ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒު ކުރުމުގައި މަސައްކަތްކުރާ ފަރާތްތަކުގައި ހުންނަންޖެހޭނެ ފެންވަރު ދިރާސާކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރާތަކާ ހިއްސާކުރުން.
(ކ) ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރާ ފަރާތްތަކުން ކުޑަކުދިންނާ މުއާމަލާތު ކުރުމުގައި ގެންގުޅޭ ހަމަތައް ބަލައި ވަޒަންކުރުން.
(އ) ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރާ ފަރާތަށް ދޭ ތަމްރީނާއި އިރުށާދަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭކަމަށް ކަމާ ގުޅޭ ބައިނަލްއަގްވާމީ އުސޫލުތަކުގައި ބަޔާންކުރާ ފަދަ ތަމްރީނާއި އިރުށާދުތޯ ބެލުން.
(ވ) ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރާ ފަރާތްތަކަށް ދޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށްފަހުގައި، އެ ތަމްރީނުތަކުގެ އިމްޕެކްޓް އެސެސްމަންޓެއް ހެދުން.
9 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް
(ހ) ކޮމިޓީގެ ބައްދަލުވުންތައް، މަދުވެގެން ކޮންމެ 3 (ތިނެއް) މަހަކުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިޓީގެ ބައްދަލުވުމެއް ކޮންމެހެން ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ބައްދަލުވުމެއް ބޭއްވުމަކަށް ހުރަހެއް ނެތެވެ.
10 ވަނަ މާއްދާ - ކޮމިޓީގެ ހިންގާ ގަވާއިދު
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ކޮމިޓީ އެކުލަވައިލާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކޮމިޓީގެ ހިންގާ ގަވާއިދު ކޮމިޓީން އެކުލަވައިލައި، އެ ގަވާއިދު ފާސްކޮށް، ކޮމިޓީގެ މަސައްކަތްތައް ފަށަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިގެން ހިންގާ ގަވާއިދުގައި، ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ތާރީހުތައް ކަނޑައަޅާނެ ގޮތާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުމާއި، ކޮމިޓީ ބައްދަލުވުމަށް މެންބަރުން ހާޒިރުވުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
11 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއެޓް
ކޮމިޓީއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދީ، ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.
12 ވަނަ މާއްދާ - އުސޫލު ހެދުން
(ހ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ނިޒާމުގައި ހިމެނޭ ކޮންމެ އިދާރާއަކުން އަންނަނިވި ކަންކަން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޓީއާ ހިއްސާކުރަންވާނެއެވެ.
- ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު؛
- އަންނަނިވި ބައިތައް ހިމެނޭ ގޮތުން އެކުލަވައިލައިފައިވާ، ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނު ދެވޭނެ ގޮތުގެ ޕްލޭން؛
- ކުރިޔަށް އޮތް އަހަރު ހިންގަން ރާވައިފައިވާ ތަމްރީނުތަކާއި ޕްރޮގްރާމްތަކާއި ޕްރޮގްރާމްގެ މޮޑިއުލް/ކޮންޓެންޓް؛
- ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭނެކަމަށް ބައިނަލްއަގްވާމީ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ފަދަ ތަމްރީނާއި އިރުށާދުތައް.
- މުވައްޒަފުންގެ ފެންވަރު މޮނިޓަރކުރުމާއި ވަޒަންކުރުމާ ގުޅޭ އުސޫލު.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިދާރާތަކުން އެކުލަވައިލާ ޕްލޭނާއި، އެ އަކުރުގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލާ އުސޫލު، އަހަރަކު 1 (އެކެއް) ފަހަރު އެ އިދާރާއަކުން މުރާޖައާ ކުރަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް އެކުލަވައިލައިފައި ހުށަހެޅުމުން މިނިސްޓްރީއާއި ޑިޕާޓްމަންޓް ޖުޑީށަލް އެޑްމިނިސްޓްރޭށަން އިސްތިސްނާވާނެއެވެ.
13 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން
(ހ) ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންނާބެހޭ އަންނަނިވި މައުލޫމާތު، އަހަރަކު އެއްފަހަރު، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކުން ކޮމިޓީއާ ހިއްސާކުރަންވާނެއެވެ.
- ތައުލީމީ ފެންވަރު؛
- ލިބިފައިވާ ހާއްސަ ތަމްރީން؛
- ވަޒީފާގައި ހޭދަވި ދުވަސްތައް؛
- ތަޖުރިބާ؛
- އިސްލާހީ އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ އެކަން؛
- ކޮމިޓީން ހޯދުމަށް އެދޭ އެހެނިހެން މައުލޫމާތު.
(ށ) މި މާއްދާގެ ދަށުން ފޮނުވަންޖެހޭ މައުލޫމާތު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކުން ކޮމިޓީއާ ހިއްސާ ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިޥާ މައުލޫމާތުގެ އިތުރުން، ބޭރުގެ އެކިއެކި ފަރާތްތަކާ ގުޅިގެންނާއި، ރާއްޖެއިން ބޭރުން ލިބެންހުރި ތަމްރީނުގެ ފުރުސަތުތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އިދާރާތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދައިދީފައިވާ ފުރުސަތުތަކުގެ މައުލޫމާތު، އަހަރަކު އެއްފަހަރު، ކޮންމެ އިދާރާއަކުން، ކޮމިޓީއާ ހިއްސާ ކުރަންވާނެއެވެ.
14 ވަނަ މާއްދާ - ށަކުވާ ބެލޭނެ ނިޒާމު
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނާ މުއާމަލާތުކޮށް އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ލިބޭ ށަކުވާތައް ބެލޭނެ ނިޒާމެއް، ކޮންމެ އިދާރާއެއްގައި ގާއިމްކޮށް، ހުށަހެޅޭ ށަކުވާތަކާއި، ށަކުވާތަކާ ގުޅިގެން ނިންމުނު ގޮތް، ކޮމިޓީއާ ހިއްސާ ކުރަންވާނެއެވެ.
15 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.
16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު