-

ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 81/2021)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ  114 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ދެނެގަތުމާއި، އެ ކުދިން ކުށްކުރުމުން ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާދީ ރިހެބިލިޓޭޓް ކުރުމާ ގުޅޭ ނިޒާމެއް އެކުލަވައިލުން.

(ށ) މުޖުތަމައުގައި ކުށްކުރުން މަދުކުރެވޭނީ ކުޑަކުދިން ކުށްކުރުމާ ދުރުހެލިކުރުވައިގެން ކަމަށް ދެކި، އެ ކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ ބައެއްކަމަށް ހެދުމަށް ޓަކައި އެ ކުދިންނަށް އެކަށީގެންވާ ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް އެކުލަވައިލުން.

(ނ) ކުދިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި، ކުދިން ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދައި، އެ ސަބަބުތައް ނައްތައިލުމަކީ މުހިންމު ކަމެއްކަމަށް ދެކި، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ރައްކައުތެރިކުރުމަށް އަވަސް ފިޔަވަޅު އެޅުމުގެ އުސޫލުތައް އެކަށައެޅުން.

(ރ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، މުޖުތަމައަށް ބޭނުންހިފޭ، އަހުލާގު ރަނގަޅު ކުދިންތަކެއް ކަމުގައި ހެދޭނީ، ކަމާބެހޭ އެންމެހައި އިދާރާތަކާއި މުޖުތަމައުގެ އެއްބާރުލުމާއެކު ކަމަށް ދެކި، ކަމާބެހޭ އިދާރާތައް އެކުގައި އެއް މަގުސަދެއް ހާސިލުކުރުމަށް މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވައިލުން.

(ބ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ރައްކައުތެރި ކުރުމަށް ޓަކައި އެ ކުދިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ  ޕްރޮގުރާމުތައް ހިންގޭކަން ކަށަވަރުކުރުން.

(ޅ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ލިބެންޖެހޭ ހާއްސަ ތައުލީމާއި ތަމްރީނު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން.     

 

3 ވަނަ މާއްދާ - ނިޒާމު ގާއިމުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް، އަންނަނިވި ފަރާތްތައް ހިމެނޭ ގޮތަށް ގާއިމުކުރެވުނީއެވެ.

(ހ) ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފއިވާ ސަރުކާރުގެ ވުޒާރާ.

(ށ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް.

(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ.

(ރ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސް.

(ބ) ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ.

(ޅ) ދިވެހި ފުލުހުންގެ ހިދުމަތް.

(ކ) ކައުންސިލްތައް.

(އ) ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާތައް.

(ވ) މައިންބަފައިންނާއި ބެލެނިވެރިން.

 

4 ވަނަ މާއްދާ - ނިޒާމުގެ މަގުސަދު

ނިޒާމުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރުމެވެ.

(ހ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުދިން ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާދީ ރިހެބިލިޓޭޓް ކުރުމަށް ޓަކައި ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ މާހައުލެއް އުފެއްދުން.

(ށ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުދިން ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ތައުލީމާއި ތަމްރީން ފޯރުކޮށްދިނުން.

(ނ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުދިންނަކީ ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަހުލާގު ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުން.

(ރ) ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުދިން ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންގެ އާއިލާތަކަށް ބޭނުންވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި އެހީތެރިކަން ފޯރުކޮށްދީ، އާއިލީ ގުޅުން ބަދަހިކުރުމަށް އެހީތެރިވުން.

 

5 ވަނަ މާއްދާ - ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ދެނެގަތުމާ ގުޅޭ އުސޫލުތައް

(ހ) އަންނަނިވި ސިފައެއް ހިމެނިފައިވާ ކުދިންނަކީ ނުވަތަ އަންނަނިވި ހާލަތްތަކުގައި ތިބޭ ކުދިންނަކީ، މި ގަވާއިދުގެ ބޭނުމަށް، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކަމުގައި ބެލެވޭނެއެވެ. 

  1. ކުށެއް ކުރުމުގައި އަމަލީގޮތުން ބައިވެރިވުން؛
  2. ކުށެއް ނުކުރި ނަމަވެސް، ކުށެއް ކުރަން ރޭވުމުގައި ބައިވެރިވުން؛
  3. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގުން؛
  4. ގިނަ ވަގުތު މަގުމަތީގައި އުޅުން؛
  5. އުމުރަށްވުރެ ބޮޑެތި މީހުންނާއެކު، އުމުރާ ނުގުޅޭ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރުން؛
  6. ހަނގާކުރުން؛
  7. އަމިއްލަ ނަފުސަށް ނުރައްކާތެރިވާ ފަދަ އަމަލުތައް ނުވަތަ ނުރައްކާތެރި ހަމަނުޖެހުމުގެ އަމަލުތައް ހިންގުން؛
  8. ޖަނަވާރަށް އަނިޔާކުރުން؛
  9. އަނިޔާއާއި ހަމަނުޖެހުން ތަހައްމަލު ކުރަންޖެހޭ ފަދަ މާހައުލެއްގައި ދިރިއުޅެމުން ދިއުން ނުވަތަ އެފަދަ މާހައުލެއްގައި ދިރިއުޅެފައިވުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ އެހެން ސިފައެއް ހުރުން؛
  10. ކުށްކުރާކަމަށް ތުހުމަތުކުރެވޭ މީހުން ދިރިއުޅޭ ތަނެއްގައި އުޅުން، ނުވަތަ ކުށަށް އަރައިގަންނަ ބޮޑެތި މީހުންނާއެކު ގިނަ ވަގުތު ހޭދަކުރުން، ނުވަތަ ކުށުގެ ވެށީގައި ދިރިއުޅޭ ކުދިން، ނުވަތަ އެ ފަދަ ތަނެއްގައި ގިނަ ވަގުތު ހޭދަކުރާ ކުދިން؛
  11. ދިރިއުޅޭނެ ހަރުދަނާ މާހައުލެއް ނެތުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ އެހެން ސިފައެއް ހުރުން؛
  12. ގޭންގު ކުށްތަކުގައި އަމަލީގޮތުން ބައިވެރިވުން؛
  13. ހަނގުރާމައާއި ހަމަނުޖެހުން ތަހައްމަލު ކޮށްފައި ވުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ އެހެން ސިފައެއް ހުރުން.

(ށ) މި މާއްދާގެ (ހ) ގައ ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކަމުގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް، ކުއްޖާއަކީ ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާކަމަށް ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ ކަންކަމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ކުއްޖަކީ ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުއްޖެއްކަމަށް ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއްކަމަށް ކަނޑައެޅުމުގެ އިހުތިޔާރު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް

(ހ) މި ގަވާއިދުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ނިޒާމު މަސައްކަތްކުރާ ގޮތް ވިލަރެސްކޮށް، ނަތީޖާ ހާސިލުކުރެވެމުންދާ މިންވަރު މިނިސްޓަރު ބަލަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އުފައްދާ ނިޒާމުގައި ބައިވެރިވާ އެންމެހައި އިދާރާތަކުން މި ނިޒާމާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކޮށް، އެފަދައިން އަމަލު ނުކުރާނަމަ، އެފަދައިން އަމަލު ނުކުރާ ސަބަބުތައް ހޯދައި، އެކަމަށް ގެނެވޭނެ ހައްލު ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރަންވާނެއެވެ.

 

7 ވަނަ މާއްދާޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތައް

(ހ) މި ގަވާއިދުގައި ހިމެނޭ އިދާރާއަކުން ނުވަތަ ފަރާތަކުން، ނުވަތަ މި ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ފަރާތަކުން، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ކުޑަކުއްޖަކާ ގުޅޭގޮތުން ހުށަހަޅައިފިނަމަ، ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ، އެ ކުއްޖާގެ ހާލަތު ދެނެގަތުމަށް ޓަކައި ހަދަންޖެހޭ އިނީށަލް އެސެސްމަންޓް، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު) ގެ 110 ވަނަ މާއްދާއާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާގެ ޕްރޮގްރާމު ހިންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ މަސްއޫލިއްޔަތުތައް

15 (ފަނަރަ) އަހަރަށްވުރެ ހަގު ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމު ހިންގުމުގައި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިން، އަންނަނިވި މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ހ) ކުޑަކުދިން ކުށްކުރުމުން ދުރުހެލި ކުރުވުމަށް ޓަކައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު) ގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއާ މަތިކޮށްފައިވާ އެންމެހައި މަސްއޫލިޔަތުތައް އަދާކުރުން.

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިން ބަލަމުންދާ މައްސަލައެއްގައި ނުވަތަ ލިބޭ ރިޕޯޓެއްގައި، ނުވަތަ ކުރިޔަށްގެންދާ އިންސްޕެކްށަނެއްގައި، ނުވަތަ ބަލަހައްޓާ މަރުކަޒެއްގައި ތިބޭ ކުދިންގެ ތެރެއިން ނުވަތަ އެ ނޫންވެސް ގޮތަކުން، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުއްޖަކާ ގުޅޭގޮތުން މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް، ލަސްނުކޮށް އެކަން އެންގުން.

(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ދަށުން ހިންގާ ތަންތަނާއި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ     63 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގެ އޭޖެންޓުގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން.

 

9 ވަނަ މާއްދާ - ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތައް

ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންދާ މައްސަލައެއްގައި، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުއްޖަކާ ގުޅޭ އަންނަނިވި ކަމެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ، އެ މައުލޫމާތު ލިބޭތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި  ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ހ) ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކީ އުމުރުން 15 (ފަނަރަ) އަހަރަށްވުރެ ހަގު ކުއްޖެއްކަން އެނގުން.

(ށ) ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުމުރުން 15 (ފަނަރަ) އަހަރަށްވުރެ ހަގު ކުއްޖަކާ ހަވާލުވާނެ ބެލެނިވެރިޔަކު ނެތުން.

(ނ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ބައެއްގެ ހާޒިރުގައި އެ ކުށުގެ ވެށީގައި އަމަލީގޮތުން ހަރަކާތްތެރިވާ ތަން ފެނުން.

(ރ) ކުށުގެ ވެށީގައި އަމަލީގޮތުން ހަރަކާތްތެރި ނުވިނަމަވެސް، ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފާހަގަވުން.

(ބ) މަތީގައި ބަޔާންކޮށްފައި ނުވާ އެނޫންވެސް ސަބަބަކަށްޓަކައި ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުއްޖެއްކަމަށް ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގަބޫލުކުރެވުން.

 

10 ވަނަ މާއްދާ - ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ މަސްއޫލިއްޔަތުތައް

15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިން، އަންނަނިވި މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ހ) ތައުލީމީ މަރުކަޒެއްގައި ކިޔަވާ ކުދިންގެ ތެރެއިން ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުދިން ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ދެނެގަންނާނެ ނިޒާމެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ކިޔަވައިދޭ މަރުކަޒުތަކުގައި ގާއިމުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ނިޒާމުގެ ތެރެއިން ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށް ލިބޭ މައުލޫމާތު، އެ މައުލޫމާތެއް ލިބޭތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ލިޔުމުން ހިއްސާކުރުން.

(ނ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅިފައިވާ ކުދިންނަށް ނުވަތަ ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ހިންގިދާނެ ހާއްސަ ޕްރޮގްރާމުތައް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައި ހިންގުމަށް އެހީތެރިވެދިނުން.

(ރ) ސްކޫލަށް ހާޒިރުނުވާ ކުދިން، ސްކޫލަށް ހާޒިރުނުވާ ސަބަބުތައް ބަލައި،   އެ ކުއްޖަކީ މި ގަވާއިދުގެ 5 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ ފަދަ ސިފައެއް ހުރި ކުއްޖެއްކަމަށް ފާހަގަކުރެވޭނަމަ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެކަން އަންގައި، އެ އިދާރާގެ ލަފާގެ މަތިން ކުއްޖާގެ ކިޔެވުމުގެ ކަންކަން ކުރިޔަށް ގެންދިއުން.

(ބ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަކީ އެ ކުދިންނަށް ދިމާވެފައިވާ ހާއްސަ ހާލަތެއްގެ ސަބަބުން އެފަދަ ސިފައެއް ލިބިފައިވާ ކުދިން ކަމަށް ދެކި، އެ ކުދިންނަށް ލިބެންޖެހޭ ތައުލީމާއި ތަރުބިއްޔަތަށް އަސަރުނުކުރާނެ ފަދައިން އެ ކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނާއި އިތުރު ހަރަކާތްތައް ހިންގުމަށް އިސްކަން ދިނުން.

(ޅ) ސްކޫލު މާހައުލުގައި އެ ކުދިންނަކީ ވަކިކަހަލަ ކުދިންކަން ލޭބަލް ނުކޮށް، ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމާއި، އެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީ، ސްކޫލަކީ އެ ކުދިންނަށް ރައްކައުތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުން.

(ކ) ކުޑަކުދިން ކުށުން ދުރުހެލިކުރުވުމުގެ ގޮތުން ޓީޗަރުންނާއި ސްކޫލުތަކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައި، އެފަދަ ކުދިންނާ މުއާމަލާތުކުރާނެ ގޮތްތަކަށް އަހުލުވެރިކުރުވުން.

 

11 ވަނަ މާއްދާ - ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް

(ހ) ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިން ދެނެގަނެ، އެ ކުދިންނާ ގުޅޭ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް، ކޮންމެ ކައުންސިލަކުން ވެސް ލަސްނުކޮށް އަންގަންވާނެއެވެ.

(ށ) ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދާއިރާގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާ ގުޅޭ މައުލޫމާތު އާންމުންގެ ފަރާތުން ކައުންސިލާ ހިއްސާކުރުމުގައި އަމަލުކުރަންޖެހޭނެ އުސޫލު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅައި، ކައުންސިލްތަކަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކައުންސިލަށް މައުލޫމާތު ހުށަހަޅަންވާނީ ކުއްޖާއަށް އެކަމުގެ ނޭދެވޭ އަސަރު ނުފޯރާނެ ގޮތުގެ މަތިން ސިއްރު މައުލޫމާތުގެ ގޮތުގައިކަން ކައުންސިލްތަކުން ކަށަވަރު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މައުލޫމާތު ހިއްސާކުރުމާއި، މި މާއްދާގެ (ނ) ގެ ދަށުން ލިބޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އަންގާ ގޮތެއްގެ މަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން އަމަލުކުރާނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ އުސޫލުތައް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި ހިމެނެންވާނެއެވެ.

 

12 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާތަކުގެ ދައުރު

(ހ)ކުޑަކުދިން ކުށްކުރުމުން ރައްކައުތެރިކޮށް ދުރުހެލި ކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސަކަތްތަކަށް، ކުޑަކުދިންނާ ގުޅޭ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުން، އެ ޖަމުއިއްޔާއެއްގެ މަގުސަދުތަކުގެ ތެރެއިން ދެވެން އޮންނަ އެންމެ ފުޅާމިނެއްގައި އެއްބާރުލުން ދޭންވާނެއެވެ.

(ށ) ކުޑަކުދިން ކުށަށް އަރައިތުން ހުއްޓުވުމަށާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުޑަކުދިންނާ ގުޅޭ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުން މަސައްކަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުޑަކުދިންގެ ކިބައިން ފެންނާނެ ސިފަތަކާއި، އެ ސިފަތައް ދެނެގަނެ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މުހިންމުކަމާމެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ކުށަށް އަރައިގަންނަ ކުދިން ދެނެގަތުމާއި، އެ ކުދިންނާ އާންމު ފަރާތްތަކުން މުއާމަލާތުކުރުމާ ގުޅޭ ޕްރޮގްރާމްތަކާއި، ކުޑަކުދިންނާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމާ ގުޅޭ ޕްރޮގްރާމްތައް ހިންގަންވާނެއެވެ.

(ބ) އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުގެ މަގުސަދުތަކަށް ފެތޭގޮތަށް، ކުށަށް އަރައިގަންނަ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޕްރޮގްރާމްތައް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ލަފާގެ މަތިން ހިންގަންވާނެއެވެ.

 

13 ވަނަ މާއްދާ - މައިންބަފައިންނާއި ބެލެނިވެރިންގެ ދައުރު

(ހ) ކުޑަކުދިން ކުށްކުރުމުން ރައްކައުތެރިކޮށް ދުރުހެލިކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން އަޅަންވާނެއެވެ.

(ށ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށް ޓަކައި، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިކުރުވައި، އެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް އެއްބާރުލުންދިނުމާއި، އެފަދަ ޕްރޮގްރާމްތަކުގައި މައިންބަފައިންނާއި ބެލެނިވެރިން ބައިވެރިވާންޖެހޭ ހާލަތްތަކުގައި ބައިވެރިވުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.

(ނ) ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން، ކުއްޖާއާ ގުޅޭ އެންމެހައި ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަސްލަހަތަށް ކަމަށްވާތީ، ކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއްކަމަށް ފެނިއްޖެ ހާލަތެއްގައި ކުއްޖާއަށް ލިބެންޖެހޭ ހާއްސަ ރައްކައުތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާއެކެވެ.

(ރ) ކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއްކަން އެނގުމާއެކު، ކުއްޖާއަށް ލިބެންޖެހޭ އެންމެ ރަނގަޅު ފަރުވާ ލިބިދިނުމަށްޓަކައި، ކުއްޖާގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާއެކެވެ.

(ބ) ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ކުއްޖާގެ ރައްކައުތެރިކަމާއި ކުއްޖާގެ ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާއެއް ކަމުގައިވީ ހިނދު، ކުއްޖާއާއި ކުއްޖާގެ މައިންބަފައިންނަކީ ނުވަތަ ބެލެނިވެރިންނަކީ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިކުރަންޖެހޭ ކުއްޖެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ހާލަތުގައި، އެ ފަރުވާގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަކީ ކުއްޖާގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރިންގެ ޒިންމާއެކެވެ.

 

14 ވަނަ މާއްދާ - މުޖުތަމައުގެ ޒިންމާ

(ހ) އުމުރުން 15 (ފަނަރަ) އަހަރުން ދަށުންގެ ކުދިންގެ ތެރެއިން، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފައެއް ހުރި ނުވަތަ އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުންނަ ކުއްޖަކީ ކުށަށް އަރައިގަންނަ ކުއްޖެއް ކަމުގައި ނުވަތަ ގާނޫނާ ހިލާފު އަމަލުކުރާ ކުއްޖެއް ކަމުގައި ބަލައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކުއްޖަކާ ދިމާވާ ހިނދު، އެ ކުއްޖަކާ ހަޑިހުތުރު ބަހުން ނުވަތަ އެ ކުދިންގެ އުމުރާ ނުގުޅޭ ބަހުރުވައިން މުއާމަލާތުކޮށްގެން ނުވާނެއެވެ.

(ނ) އުމުރުން 15 (ފަނަރަ) އަހަރުން ދަށުންގެ ކުދިންގެ ތެރެއިން މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފައެއް ހުންނަ ކުދިންނަށް ނުވަތަ އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ތިބޭ ކުދިންނަށް އެ މީހަކަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުދިން މުޖުތަމައުން އެކަހެރިވާނެ ފަދަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކުއްޖަކާ މުއާމަލާތު ކުރަން ޖެހިއްޖެނަމަ، އެ ކުއްޖަކަށް ލިބެންޖެހޭ ފަރުވާ ހޯދައިދިނުމަށްޓަކައި އެ ކުއްޖަކާ ގުޅޭ މައުލޫމާތު އެނގިހުރި މިންވަރަކަށް، ވީ އެންމެ އަވަހަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާއަކުން އަވަސް ފިޔަވަޅު އެޅުމުގައި އިސްކަން ދޭންވާނީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

(ށ) ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުމުގައި، އެ ކުއްޖަކު ހުރި ހާލަތަށާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ގޮތެއް ނިންމަންވާނީ، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާއަކުން ކުޑަކުއްޖަކާމެދު އަވަސް ފިޔަވަޅު އަޅަންވާނީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ   ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް އެ ކުއްޖާއަށް ލިބިދެވޭ ގޮތުގެ މަތީންނެވެ.

 

16 ވަނަ މާއްދާ - އިދާރާތަކުން ކަންކަން ވިލަރެސްކުރުން

(ހ) 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅުމާ ގުޅޭ ކަންކަން ވިލަރެސްކުރުމަށް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އަންނަނިވި ފަރާތްތައް ހިމެނޭގޮތަށް މިނިސްޓަރ ކަނޑައަޅާ ގޮތެއްގެ މަތިން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.

  1. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އިދާރާތައް؛
  2. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ؛
  3. ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ޖަމުއިއްޔާއެއް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ކޯރަމާއި، ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ ކަންކަން ހިމެނޭ ގޮތުން ކޮމިޓީގެ ހިންގާ ގަވާއިދު، ކޮމިޓީ އެކުލަވައިލާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޮމިޓީން އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީ، މަދުވެގެން ކޮންމެ  3 (ތިނެއް) މަހުން 1 (އެކެއް) ފަހަރު ބައްދަލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީގެ މައިގަނޑު މަގުސަދަކީ، 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ،    އެ ކުދިން ރިހެބިލިޓޭޓް   ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅުމާބެހޭ ގޮތުން އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތް ވިލަރެސްކޮށް، އިތުރަށް ހަރުދަނާކޮށް އިސްލާހުކުރަންޖެހޭ ކަންކަން މިނިސްޓަރުގެ ލަފާގެ މަތިން އިސްލާހުކޮށް، އެ ކަންކަން ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

 

17 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތަކާ ގުޅޭ އުސޫލު

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ކުށަށް އަރަގައިތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކައުތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރިހެބިލިޓޭށަން ފޯރުކޮށްދިނުމާއި، ފަރުވާ ފޯރުކޮށްދެވޭނެ އެނޫން އިންތިޒާމުތައް ވެސް ދައުލަތުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތައް ހިންގާނީ، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޕްރޮގްރާމްތައް ހިންގުމުގައި ބަލަންވާނީ، ކުށަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން އިސްލާހު ކުރުމަށް ޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް އެ ކުދިންގެ މައިންބަފައިންނާއި އާއިލާއާއި ކިޔަވައިދޭ ތަންތަނާއި އެނޫންވެސް ފަރާތްތަކުގެ ބައިވެރިވުމާއެކު ހިންގުމަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމުގައި އެއްވެސް ހާލަތެއްގައި ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނަކީ ކުށްކުރާ ކުދިން ކަމުގައި ބަލައި، އެ ކުދިންނާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅައިގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - ކޮންމެ އިދާރާއަކުން ކޭސް ފައިލް ތައްޔާރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެއްވެސް ކުއްޖަކާ ގުޅޭ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަ ހުށަހެޅި އިދާރާއިން އެ ކުއްޖާއާ ގުޅޭގޮތުން ފޮނުވުނު މައުލޫމާތާއި، މައުލޫމާތު ފޮނުވުނު ތާރީހު ބަޔާންކޮށް، ކޭސް ފައިލެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހެޅުމަށްފަހު، މަހަކު 1 (އެކެއް) ފަހަރު، އެ މައްސަލަ ކުރިޔަށްދާ ގޮތް، އެ އިދާރާއަކުން ބަލަންވާނެއެވެ.

(ނ) މައްސަލަ ހުށަހެޅުމާއި މައްސަލަ ކްލޯޒް ކުރުމާ ހަމަޔަށް ކުއްޖާއާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ބޭނުންވާ އެހީތެރިކަން، މައްސަލަ ހުށަހެޅި އިދާރާއިން ފޯރުކޮށްދެމުން ގެންދާންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލަ ކުރިޔަށް ދާގޮތުގެ މައުލޫމާތު ހޯދުމަށް އިދާރާއަކުން އެދިއްޖެނަމަ، އެ ކުއްޖަކާ ގުޅޭ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކަށް ފޯރުކޮށްދޭންވާނެއެވެ. މި މާއްދާގެ ދަށުން ދޭ މައުލޫމާތުގެ ތެރޭގައި ކުއްޖާގެ ފަރުވާގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ގޮތުގެ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ މިންވަރަކަށް ދެވިދާނެއެވެ.

 

19 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކޭސް ރަޖިސްޓަރީ ކުރުން

މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މައްސަލައެއް ހުށަހެޅުމާއެކު، އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) ކުއްޖާއާ ގުޅޭ މައުލޫމާތު ލިބޭތާ 2 (ދޭއް) ދުވަހުގެ ތެރޭގައި ކޭސް ރަޖިސްޓަރީ ކުރުމުގެ ގޮތުން، އެކަމަށް ހާއްސަ ފޯމު ފުރައި، ކޭސް ފައިލް ތައްޔާރުކޮށް، ލޮގުގައި ނޯޓުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޭސް ރަޖިސްޓަރީ ކުރުމަށްފަހު، ސުޕަވައިޒަރުގެ ލަފާގެ މަތިން އިންޓަރވެންށަން ޕްލޭނެއް ތައްޔާރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓަރވެންށަން ޕްލޭން ތައްޔާރު ކުރުމަށް ޓަކައި، އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. އެޑްވަރސް ޗައިލްޑްހުޑް އެކްސްޕީރިއަންސް އެސެސްމަންޓް ފޯމު ފުރުން؛
  2. އިނިށަލް އެސެސްމަންޓް ހެދުން.

(ރ) ކޭސް ރަޖިސްޓަރީކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޯމު ފުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ރަޖިސްޓަރީކުރާތާ  21 (އެކާވީސް) ދުވަހުގެ ތެރޭގައި ކުއްޖާގެ އިނިށަލް އެސެސްމަންޓް ހަދަންވާނެއެވެ.

(ޅ) ކުއްޖާގެ އިނިށަލް އެސެސްމަންޓް ހެދުމުގައި ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި، ކުއްޖާގެ ޓީޗަރުންނާއި، ކައުންސިލްތަކާއި، އެސެސްމަންޓް ހެދުމަށް ކޮންމެހެން މުހިންމުކަމަށް ކޭސް ވަރކަރއަށް ފެންނަ އެހެނިހެން ފަރާތްތަކާ އިންޓަވިއު ކުރަންވާނެއެވެ.

(ކ) ކުއްޖާގެ އިނިށަލް އެސެސްމަންޓުގައި، ކުއްޖާ ދިރިއުޅޭ ގެޔަށް ޒިޔާރަތްކޮށް، އެ ގޭގައި އުޅޭ ފަރާތްތަކުގެ ކިބައިން ހޯދޭ މައުލޫމާތު ހިމަނަންވާނެއެވެ.

(އ) ކުއްޖާގެ އިނިށަލް އެސެސްމަންޓް ރިޕޯޓު ފުރިހަމަކުރާނީ، ކުއްޖާއާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން އިދާރާއަކުން އެއްވެސް އެސެސްމަންޓެއް ހަދައިފައިވޭތޯ ބަލައި، އެ އެސެސްމަންޓް ރިޕޯޓު ހޯދުމަށްފަހު، އޭގައި ހުރި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.

(ވ) ކުއްޖާގެ އިނިށަލް އެސެސްމަންޓް ރިޕޯޓު ހެދުމުގައި، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ކުއްޖާ ގެނެވިފައިވޭތޯ، އެފަދަ އިދާރާތަކުން މައުލޫމާތު ހޯދަންވާނެއެވެ.

(މ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމާއި އިނިށަލް އެސެސްމަންޓް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުއްޖާގެ އިންޓަރވެންށަން ޕްލޭން ތައްޔާރު ކުރަންވާނެއެވެ.

(ފ) ކުއްޖާގެ އިންޓަރވެންށަން ޕްލޭނުގައި، ކުއްޖާ ފުރިހަމަކުރަންޖެހޭ ފަރުވާގެ ޕްރޮގްރާމްތަކުގެ ތަފުސީލާއި، ހާސިލުކުރަން ބޭނުންވާ ލަނޑުދަޑިތަކާއި، ކުއްޖާގެ ގެޔަށް ޒިޔާރަތްކޮށްގެން މޮނިޓަރކުރާނެ ގޮތާ ގުޅޭ ތަފުސީލު ހިމަނައިފައި ހުންނަންވާނެއެވެ.

 

20 ވަނަ މާއްދާ - ހޯމް ވިޒިޓް ހެދުން

(ހ) ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކޭސްއަކާ ގުޅިގެން ކުއްޖާއަށް އަންނަ ބަދަލުތަކާއި، އާއިލާގެ ތެރޭގައި ކުއްޖާ އުޅޭގޮތް މޮނިޓަރ ކުރުމަށް ޓަކައި، މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު، ކުއްޖާ ދިރިއުޅޭ ތަނަށް ކޭސް ވަރކަރ ޒިޔާރަތް ކުރަންވާނެއެވެ.

(ށ) ކުއްޖާގެ ހާލަތު ވަޒަންކުރުމަށް ކުއްޖާ ދިރިއުޅޭ ތަނަށް ޒިޔާރަތް ކުރުމުގައި ބަލާނެ ކަންކަން ކަނޑައަޅާނީ ސުޕަވައިޒަރުގެ ލަފާގެ މަތިން، ކޭސް ވަރކަރއެވެ.

(ނ) ކުއްޖާ ދިރިއުޅޭ ތަނަށް ކުރެވޭ ޒިޔާރަތުގައި ފާހަގަކުރެވޭ ކަންކަން، ކޭސް ފައިލުގައި ހިމަނަންވާނެއެވެ. އަދި އެ ކަންކަމަށް ރިއާޔަތްކޮށް ކުއްޖާގެ ފަރުވާގެ ޕްލޭން އިސްލާހުކުރަންޖެހޭ ކަމަށް ފެންނަނަމަ އިސްލާހު ކުރަންވާނެއެވެ.

(ރ) އެއްވެސް ސަބަބަކާހުރެ، ކުއްޖާ ދިރިއުޅޭ ތަނަށް ޒިޔާރަތްކުރެވެން ނެތްނަމަ، އެ ރަށެއްގެ ކައުންސިލް ނުވަތަ ކުއްޖާ ކިޔަވަމުންދާ ސްކޫލް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ކުއްޖާގެ ހާލަތު ވަޒަންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ކޭސް ޑިރެކްޓަރީ

(ހ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ އެންމެހައި މައްސަލަތައް ހިމެނޭނެ ފަދައިން ކޭސް ޑައިރެކްޓްރީއެއް އޮންނަންވާނެއެވެ. މި ޑައިރެކްޓްރީގައި ކޭސް ނަންބަރު ޖަހައިލުމުން ކުއްޖާއާ ގުޅޭ މައުލޫމާތާއި ކޭސްގެ މައުލޫމާތު ފެންނަން ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޭސް ޑައިރެކްޓަރީ، މިނިސްޓްރީއަށާއި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށް ބެލޭނެ އިންތިޒާމް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހަމަޖައްސަންވާނެއެވެ.

 

22 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓަށް ހުށަހެޅޭ ކޭސްތަކުގެ ކޭސް ފައިލްތަކާއި ކޭސް ޑިރެކްޓަރީގައި ހުންނަ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތެވެ. އެ ކޭސް ފައިލްތަކާއި ޑިރެކްޓަރީގައި ހުންނަ މައުލޫމާތު ބެލޭނެ ފަރާތްތައް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނަށާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށް "ކަމާބެހޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ދިވެހި ފުލުހުންގެ ހިދުމަތަށާއި، ސްކޫލްތަކަށާއި، ކައުންސިލްތަކަށެވެ.

(ނ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.

(ރ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމައާއި ބައްޕައަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ކ) "ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އިދާރާތަކަށެވެ.

 

24 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު