-

ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 82/2021)

 

އެއްވަނަ ބައި

އެއްވަނަ ބާބު

ތައާރުފާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 114 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގެ ދަށުން، ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގައި ޖުވެނައިލް ކޯޓުން އަމަލުކުރާނެ އިޖުރާއަތްތައް ބަޔާންކުރާ ގަވާއިދެވެ.    
 
(ށ) މި ގަވާއިދަށް ކިޔާނީ، ''ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން އަމަލުކުރާނެ ގޮތުގެ ގަވާއިދު'' އެވެ.       

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.    

(ހ) ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ށަރީއަތަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.          

(ށ) ކުޑަކުދިންނާ ރަހްމަތްތެރި މާހައުލެއްގައި ށަރީއަތް ކުރުމަށް މަގުފަހިކުރުމަށް ޓަކައި ގާއިމުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.

(ނ) ކުށްކުރާ ކުޑަކުދިންގެ މައްޗަށް ށަރީއަތުން ފިޔަވަޅު އެޅުމުގައި ގެންގުޅެންޖެހޭ ހަމަތައް ބަޔާންކުރުން.

(ރ) ކުށްކުރާ ކުޑަކުދިންގެ މައްޗަށް ށަރީއަތުން އަދަބު ކަނޑައެޅުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކެއް ކަނޑައެޅުން.  

(ބ) ކުއްޖާ އަނބުރާ މުޖުތަމައަށް ގެނައުމުގައި ކޯޓުން އަދާކުރަންޖެހޭ ދައުރާއި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ޅ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފަށާއިރު، އަދަބު ތަންފީޒުކުރަމުންދާ ކުދިންގެ ތެރެއިން ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކުދިންނާމެދު އަމަލުކުރާނެ ގޮތް ބަޔާންކުރުން.       

 

3 ވަނަ މާއްދާ - ނިޒާމުގެ އަސާސްތަކާއި ކުޑަކުދިންގެ ހައްގުތައް

ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އަސާސްތަކާއި، އެ ގާނޫނުގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުއްޖާގެ ހައްގުތަކަށް، ފުރިހަމައަށް އަމަލު ކުރަންވާނެއެވެ.

 

ދެވަނަ ބާބު

އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތައް ހިންގުން

4 ވަނަ މާއްދާ - އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތައް ހިންގުން

(ހ) އަތޮޅުތެރެއިން ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ މައްސަލަތަކުގެ ށަރީއަތްތައް އަންނަނިވި ގޮތުގެ މަތިން ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު، ޖުވެނައިލް ކޯޓަށް ލިބިގެންވެއެވެ.

  1. ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނާއި، ކަމާ ގުޅުންހުރި މުވައްޒަފުން އަތޮޅުތަކަށް ދަތުރުކޮށް، މެޖިސްޓްރޭޓް ކޯޓެއްގައި ށަރީއަތް ހިންގުން؛
  2. ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 163-1 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ރަށެއްގެ މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓުގެ ށަރީއަތުގެ މަޖިލީހާ، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވައިލައިގެން ށަރީއަތް ހިންގުން؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ ށަރީއަތްތަކަކީ، ޖުވެނައިލް ކޯޓުގައި ހިންގާ ށަރީއަތްތަކެއް ކަމުގައި ބެލެވޭނެއެވެ.     

 

5 ވަނަ މާއްދާ - އަތޮޅުތަކަށް ދަތުރުކޮށްގެން ށަރީއަތް ހިންގުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނާއި ކަމާ ގުޅުންހުރި މުވައްޒަފުން އަތޮޅުތަކަށް ދަތުރުކޮށްގެން މައްސަލަތަކުގެ ށަރީއަތްތައް ހިންގަންވާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލައެއްގެ ށަރީއަތް ހިންގުމަށްޓަކައި އަތޮޅުތެރެއަށް ދަތުރުކުރުމުގެ ކުރިން އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކުރިޔަށް ގެންދަންވާނެއެވެ. އަދި އެ އަޑުއެހުމުގައި ދައުވާލިބޭ ކުއްޖާ ދައުވާއަށް ޖަވާބުދާރީވާގޮތެއް ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބާއްވާ އިބްތިދާއީ އަޑުއެހުމުގައި ދައުވާލިބޭ ކުއްޖާ ދައުވާއަށް އިންކާރުކޮށްފިނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދައުވާލިބޭ ކުއްޖާއަށް ކޯޓުން ފުރުސަތު ދޭންވާނެއެވެ. އަދި ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ކޯޓުން ގޮތެއް ނިންމުމަށްފަހު މައްސަލައިގެ ށަރީއަތް ކުރިޔަށް ގެންދިއުމަށް ކޯޓުން ނިންމައިފިނަމަ، ދައުލަތަށާއި ދައުވާލިބޭ ކުއްޖާއަށް މައްސަލައިގެ ށަރީއަތަށް ފުރިހަމައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށް ދެފަރާތަށް ވެސް އެކަން އަންގަންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، އަތޮޅުތެރެއިން ހުށަހެޅޭ މައްސަލައެއްގެ ށަރީއަތް، އަތޮޅުތެރެއަށް ދަތުރުކޮށްގެން ހިންގުމަށްޓަކައި ޖުވެނައިލް ކޯޓުން ނިންމުމެއް ނިންމާނަމަ، އެ ނިންމުމެއް، މައްސަލައިގެ ދައުވާ ކޯޓަށް ލިބޭތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓުން ނިންމަންވާނެއެވެ.   

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލައިގެ ށަރީއަތްތައް ތާވަލުކުރުމަށްފަހު، އަތޮޅުތެރެއަށް ދަތުރުކޮށްގެން ހިންގޭ ށަރީއަތްތައް، ހާއްސަ ހާލަތެއް މެދުވެރިގެން މެނުވީ، ތާވަލުކުރެވިފައިވާ ގޮތުގެ މަތިން ކުރިޔަށް ގެންދިއުމަށް ކޯޓުން މަސައްކަތް ކުރަންވާނެއެވެ. އަދި ދައުލަތުންނާއި ދިފާއުން ހާޒިރުކުރާ ހެކިން ހާޒިރުކުރަން ކަނޑައެޅިފައިވާ ދުވަހު ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް އެ ފަރާތްތަކުން ހަމަޖައްސަންވާނެއެވެ.    

(ޅ) މި މާއްދާގެ ދަށުން ހިންގޭ ށަރީއަތްތަކުގައި ހުކުމްކުރުމަށްފަހު، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި އަދަބު ތަންފީޒުކުރުމަށް އަމުރުކުރާނަމަ، އަދަބު ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ޓަކައި މި ގަވާއިދުގައިވާ ގޮތުގެ މަތިން ދުރާލައި ކޯޓުން ތައްޔާރުވާންވާނެއެވެ.

(ކ) މައްސަލައިގައި ހުކުމްކުރުމަށްފަހު، ކުއްޖާއަށް އަދަބު ކަނޑައެޅުން ފަސްކޮށް، ނުވަތަ އަދަބު ތަންފީޒުކުރުން ފަސްކޮށް، ކުއްޖާގެ މައްޗަށް ށަރީއަތުން ފިޔަވަޅުތަކެއް އަޅާނަމަ، އެ ކަންކަން ކުރުމުގައި މި ގަވާއިދުގެ 16 ވަނަ ބާބުގައިވާ ގޮތުގެ މަތިން ކޯޓުން އަމަލުކުރަންވާނެއެވެ.

(އ) އަތޮޅުތެރެއަށް ދަތުރުކޮށްގެން ހިންގާ ށަރީއަތްތައް ހިންގުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ވުމަށް ޓަކައި، މައްސަލަ ބަލާ ކޯޓުން، މެޖިސްޓްރޭޓް ކޯޓާ ދުރާލައި މަށްވަރާކޮށް، އަންނަނިވި ކަންތައްތައް އިންތިޒާމުކޮށް ހަމަޖައްސަންވާނެއެވެ. 

  1. މައްސަލައިގެ ބާވަތަށާއި ށަރީއަތަށް ހާޒިރުކުރެވޭ ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، ށަރީއަތް ކުރުމަށް އެކަށީގެންވާ ތަނެއް ހުރިތޯ ބަލައި، އެކަން ހަމަޖެއްސުން؛
  2. ސިއްރު ހެކިން ހާޒިރުކުރަން ޖެހޭނަމަ، ހެކިންގެ ސިއްރުވެރިކަން ނުގެއްލޭނެ ގޮތަކަށް އެ ފަރާތްތަކުގެ ހެކިބަސް ނެގޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރިތޯ ބަލައި، އެކަން ހަމަޖެއްސުން؛
  3. ށަރީއަތް ތާވަލުކުރުމުގައި މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށްދާ ބޮޑެތި މީހުންގެ ށަރީއަތްތަކުގެ ދުވަސްތަކާއި ގަޑިތަކާ ދިމާ ނުވާނޭ ގޮތެއްގެ މަތިން ށަރީއަތް ތާވަލުކުރުން؛
  4. އޯޑިއޯ ވީޑިއޯކޮށް ށަރީއަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތްތަކަށް ށަރީއަތުގައި ބައިވެރިވުމަށްޓަކައި އެ އިންތިޒާމު ހަމަޖެހިފައި ހުރިތޯ ބަލައި އެކަން ހަމަޖެއްސުން؛
  5. މައްސަލަ ބަލާ ފަނޑިޔާރާއި މުވައްޒަފުންނާއި މައްސަލައިގައި ކޯޓަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމާއި، އެކަމަށްޓަކައި ފުލުހުންގެ އެހީތެރިކަން ބޭނުންވާނަމަ، އެ އިންތިޒާމު ހަމަޖެއްސުން؛
  6. މައްސަލައިގައި ދައުވާލިބޭ ކުއްޖާ ބަންދުކުރުމަށް އަމުރުކުރާނަމަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުން ކުއްޖާއާ ހަވާލުވުމަށް އެންގުން؛ ނުވަތަ އެ ރަށަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތް ގާއިމުވެފައިވާ ރަށެއް ނޫންނަމަ، ގާނޫނު ނަންބަރު 12/20216 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 183 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހި ފުލުހުންގެ ހިދުމަތުން، ދައުވާލިބޭ ކުއްޖާއާ ހަވާލުވުމަށް އެންގުން؛
  7. މީގެ އިތުރުން، ކޯޓަށް ފެންނަ އެހެނިހެން ކަންތައްތައް.

(ވ) މި މާއްދާގައިވާ ގޮތުގެ މަތިން، ދައުވާލިބޭ ކުއްޖާ ހުރި ރަށުގައި ގާއިމްވެފައިވާ މެޖިސްޓްރޭޓް ކޯޓުގައި ށަރީއަތް ހިންގުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ނުވަތަ އެ ރަށުގައި ށަރީއަތް ކުރިޔަށް ގެންދިއުމަކީ ކުއްޖާގެ ރައްކައުތެރިކަމާއި މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާނަމަ، އެ އަތޮޅުގެ ނުވަތަ އެހެން އަތޮޅެއްގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި ށަރީއަތް ކުރިޔަށް ގެންދިއުމަށް ނިންމުމުގެ އިހްތިޔާރު، ޖުވެނައިލް ކޯޓަށް ލިބިގެންވެއެވެ. އެފަދައިން ނިންމާ ހާލަތުގައި ވެސް، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަންކަން ޖުވެނައިލް ކޯޓުން އިންތިޒާމުކޮށް ހަމަޖައްސަންވާނެއެވެ.

(މ) އަތޮޅުތެރެއަށް ދަތުރުކޮށްގެން ހިންގާ ށަރީއަތްތަކާ ގުޅިގެން ހިނގާ އެންމެހައި ހަރަދުތައް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސައިދޭންވާނެއެވެ.   

 

6 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ހިންގޭ ށަރީއަތްތައް

(ހ) ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ މައްސަލަތަކުގެ ށަރީއަތްތައް މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށްގެން ހިންގަންވާނީ، މެޖިސްޓްރޭޓް ކޯޓަށް މައްސަލަތަކުގައި ހާޒިރުކުރެވޭ ބޮޑެތި މީހުންނާއި، ކޯޓަށް ހާޒިރުކުރެވޭ ކުޑަކުދިން ދިމާނުވާނޭ ގޮތެއްގެ މަތިން، މައްސަލަ ބާއްވާ ދުވަހާއި ގަޑި ތާވަލުކޮށްގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އަތޮޅުތެރެއިން އެންމެ ގިނައިން މައްސަލަތައް ހުށަހެޅޭ ދާއިރާތައް ކަނޑައަޅައި،   އެ ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓަށް ''ޖުވެނައިލް ޖަސްޓިސް އޮފިސަރ'' އެއް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އައްޔަނު ކުރަންވާނެއެވެ.   

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖުވެނައިލް ޖަސްޓިސް އޮފިސަރގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ޖުވެނައިލް ކޯޓުން އަތޮޅުތެރޭގައި ކުރިޔަށްގެންދާ ށަރީއަތުގެ މަޖިލީހުގެ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމާއި، ށަރީއަތްތައް ހިންގުމުގައި ކޯޓަށް ބޭނުންވާ އިދާރީ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން؛
  2. ޖުވެނައިލް ކޯޓުން ކުއްޖާއަށް ފުރުސަތުދޭ ހާލަތުގައި ނުވަތަ ކުއްޖާގެ މައްޗަށް ށަރީއަތުން އަޅާ ފިޔަވަޅުތައް އަޅާ ހާލަތުގައި، ޖުވެނައިލް ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓު އަމުރާ އެއްގޮތަށް ކުއްޖާ އަމަލުކުރޭތޯ ބަލައި މޮނިޓަރ ކުރުމާއި، އެކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓެއްވާނަމަ، ޖުވެނައިލް ކޯޓުން އަންގާ ގޮތެއްގެ މަތިން އެކަން ކުރުން.   

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދެއްގައި ހުރި މެޖިސްޓްރޭޓް ކޯޓެއް މެދިވެރިކޮށްގެން ކުޑަކުއްޖެއްގެ ޖިނާއީ މައްސަލައެއް ކުރިޔަށްގެންދަން ޖެހިއްޖެނަމަ، އެ މައްސަލައެއް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ، އެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާ އެ ކޯޓެއްގެ ލީގަލް މުވައްޒަފަކު ނުވަތަ އިދާރީ މުވައްޒަފެކެވެ.

(ބ) މި މާއްދާގެ (ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޖުވެނައިލް ޖަސްޓިސް އޮފިސަރުންގެ ލިސްޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކުލަވައިލަންވާނެއެވެ.    

 

7 ވަނަ މާއްދާ - ހާއްސަ ތަމްރީނު ލިބިދިނުން

(ހ) ޖުވެނައިލް ކޯޓުގައި މަސައްކަތްކުރަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާއްސަ ތަމްރީނު ލިބިފައިވާ ދެޖިންސުގެ ފަނޑިޔާރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ފަނޑިޔާރުންނަށް ބޭނުންވާ ހާއްސަ ތަމްރީނު، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯރުކޮށްދިނުމުގެ އިންތިޒާމު، ޖުޑީށަލް ސަރވިސް ކޮމިށަނާއި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސައިދޭންވާނެއެވެ. މިފަދައިން ފަނޑިޔާރުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމުތައް، ތަމްރީން ދެވޭ ދާއިރާގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ފަންނީ އެހީތެރިކަމާއެކު، މޯލްޑިވްސް ޖުޑީށަލް އެކެޑެމީން ކުރިޔަށް ގެންދިއުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި އެ ފަނޑިޔާރުންގެ ގާބިލިއްޔަތު ގަވާއިދުން މުރާޖައާކޮށް ވަޒަންކުރެވޭނެ އިންތިޒާމު، ޖުޑީށަލް ސަރވިސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ޖުވެނައިލް ކޯޓުގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ދިނުމާއެކު، މުވައްޒަފުންގެ ގާބިލިއްޔަތު ގަވާއިދުން މުރާޖައާކޮށް، ވަޒަންކުރެވޭނެ އިންތިޒާމު، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ   26 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސައިދޭންވާނެއެވެ.     

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އަންނަނިވި ކަންކަމާ ގުޅޭގޮތުން މައުލޫމާތާއި ހާއްސަ ތަމްރީނު ފަނޑިޔާރުންނަށް ފޯރުކޮށްދޭންވާނެއެވެ. އަދި ދާއިމީގޮތެއްގައި ތަމްރީނު ދޭންވާނެއެވެ. 

  1. ކުޑަކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ހެދިބޮޑުވުމާއި، އުމުރުފުރަޔާ އެއްވަރަށް އެ ކުދިންގެ ބޭނުންތައް ބަދަލުވަމުން އަންނަ ގޮތް؛
  2. ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންގެ ހައްގުތަކާއި އެ ކުދިންގެ ބޭނުންތައް؛
  3. ހާއްސަ ހާލަތެއްގައި ތިބޭ ކުދިންގެ ހައްގުތަކާއި އެ ކުދިންގެ ބޭނުންތައް؛
  4. އަންހެން ކުދިންގެ ހާއްސަ ހާލަތާއި، އެ ކުދިންގެ ހާލަތަށް ރިއާޔަތްކޮށް، އެ ކުދިންގެ ބޭނުންތަކާއި، އެ ކުދިންގެ ރައްކައުތެރިކަން ނިޒާމުގެ ތެރޭގައި ކަށަވަރުކުރެވޭނެ ގޮތްތައް؛
  5. ކުޑަކުދިންގެ ތެރެއިން އެކި ބާވަތުގެ އަނިޔާއާއި އިހުމާލު ތަހައްމަލު ކޮށްފައިވާ ކުދިންނަށް ކުރާ ނަފްސާނީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކާއި، އޭގެ ސަބަބުން އެ ކުދިންގެ ހެދިބޮޑުވުމަށާއި ސިކުނޑިއާއި ނަފްސާނީގޮތުން ތަރައްގީވުމަށް ކުރިމަތިވާ ހުރަސްތަކާއި ކުއްޖާގެ މުސްތަގުބަލަށް އެ ކަންކަމުންން ކުރާ އަސަރުތައް؛
  6. ކުޑަކުދިންގެ ހައްގުތަކާއި އަދި ވަކިން ހާއްސަކޮށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ބައިނަލްއަގްވާމީ މުއާހަދާތަކާއި، އަމަލުކުރެވެމުންދާ އުސޫލުތަކާއި މިންގަނޑުތައް؛
  7. ކުދިންގެ މަސްލަހަތުގައި ށަރީއަތުން ކަންކަން ނިންމުމަށްޓަކައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަމާއި ބަލަންޖެހޭ ބެލުންތައް؛
  8. ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި ހިމެނިފައިވާ މައުލޫމާތު ށަރީއަތުގެ ބޭނުމަށްޓަކައި ފަނޑިޔާރު ވަޒަންކުރާނެ ގޮތް؛
  9. ބަންދުކުރުން ފިޔަވައި ކުޑަކުދިންގެ މައްޗަށް ށަރީއަތުން ކަނޑައަޅާ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމާއި މޮނިޓަރ ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، އެ ފިޔަވަޅުތައް މުރާޖައާ ކުރުމަށް ޓަކައި ހުށަހެޅުމުން އަމަލުކުރަންޖެހޭ ގޮތްތައް؛
  10. ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނައުމުގައި އަމަލުކުރަންޖެހޭ  އުސޫލުތަކާއި، އެ ކުދިންނަށް ދޭންޖެހޭ އެހީތެރިކަމާއި، އާފްޓަރ-ކެއަރގެ ހިދުމަތްތަކާއި މިންގަނޑުތައް؛
  11. ކުޑަކުދިންނާ މުއާމަލާތުކުރާނެ ހުނަރުތައް؛
  12. ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާގޮތެއްގައި ގާއިމުކޮށްފައިވާ ގައުމުތަކުގެ ޖުވެނައިލް ކޯޓުތަކުގައި މަސައްކަތް ހިނގާގޮތުގެ އަމަލީ ތަޖުރިބާ ލިބިދިނުން؛
  13. މީގެ އިތުރުންވެސް، ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ފަނޑިޔާރުންނަށް ބޭނުންތެރި އިތުރު މައުލޫމާތާއި ތަމްރީނު. 

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމާއި، (9) ވަނަ ނަންބަރުން ފެށިގެން (13) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމާ ބެހޭގޮތުން ކޯޓުގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ދޭންވާނެއެވެ.           

 

ތިންވަނަ ބާބު

ކުޑަކުދިންނާ ރަހްމަތްތެރި ނިޒާމެއް ގާއިމުކުރުން

8 ވަނަ މާއްދާ - ކުޑަކުދިންނާ ރަހްމަތްތެރި ނިޒާމެއް ގާއިމުކުރުން

ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ށަރީއަތްތައް ހިންގަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 23 ވަނަ މާއްދާއާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިންނާ ރަހްމަތްތެރި މާހާއުލެއްގައެވެ.

 

9 ވަނަ މާއްދާ - ކޯޓުގެ ވަސީލަތްތައް

(ހ) ޖުވެނައިލް ކޯޓުގައި ކުޑަކުދިންނާ ރަހްމަތްތެރި މާހައުލެއް ގާއިމު ކުރުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ގާއިމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފަށާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، އަންނަނިވި ވަސީލަތްތައް ގާއިމު ކުރަންވާނެއެވެ.

  1. ކޯޓަށް ހުށަހެޅޭ މައްސަލަތައް ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަވަސްގޮތެއްގައި ކުރިޔަށް ގެންދިއުމަށް ޓަކައި، އެކަށީގެންވާ ޖާގައެއް ހުރި ކޯޓު ރޫމްތައް؛
  2. ބަންދުކޮށްފައި ތިބޭ ދެ ޖިންސުގެ ކުދިން ކޯޓަށް ހާޒިރުކޮށްފައި ވަކިން ބައިތިއްބަން އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައި ހުރި ވެއިޓިންގ ރޫމްތައް؛
  3. ބަންދުކޮށްފައި ތިބޭ ކުދިން ފިޔަވައި ކޯޓަށް ހާޒިރުކުރާ ދެޖިންސުގެ ކުދިން ވަކިން ބައިތިއްބަން އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައި ހުރި ވެއިޓިންގ އޭރިއާތައް؛
  4. ސިއްރު ހެކިން ހާޒިރުކޮށް ވަކިން ބައިތިއްބޭނެ ތަންތަން؛
  5. ކޯޓުގެ ތެރޭގައި ސިއްރު ހެކިބަސް ނަގަން ހާއްސަ ކޮށްފައިވާ ތަނެއް؛
  6. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކޯޓުން ކުރިޔަށްގެންދާ އެކިއެކި ބައްދަލުވުންތައް ބާއްވަން އެކަށީގެންވާ ތަނެއް؛
  7. ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ޓަކައި ކޯޓުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން؛
  8. ކޯޓުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް؛ 
  9. މީގެ އިތުރުންވެސް ކޯޓަށް ބޭނުންވާ އެކިއެކި ވަސީލަތްތައް.  

(ނ) ކޯޓަށް ހުށަހެޅޭ މައްސަލަތައް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އަންނަނިވި ވަސީލަތްތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ޖުވެނައިލް ކޯޓުގައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ގާއިމު ކޮށްދޭންވާނެއެވެ. 

  1. ކޯޓަށް ހުށަހެޅޭ މައްސަލަތައް މެނޭޖްކުރުމަށް ޓަކައި، ކޭސް މެނޭޖްމަންޓް ސިސްޓަމް؛
  2. ތަހުގީގު ބަންދަށް ހާޒިރުކުރާ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޓަކައި ބޭނުންކުރެވޭ ޕޯޓަލް؛
  3. މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްށަން ޑޭޓާބޭސް.

 

10 ވަނަ މާއްދާ - އާންމުކޮށް ހުޅުވައިނުލައި ށަރީއަތް ކުރިޔަށް ގެންދިއުން

(ހ) ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ށަރީއަތްތައް އާންމުކޮށް ހުޅުވައިލައިގެން ކުރިޔަށް ގެންގޮސްގެން ނުވާނެއެވެ.

(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ށަރީއަތުގެ ތާވަލު އާންމުކުރާއިރު، ކުއްޖާގެ އެއްވެސް ޒާތީ މައުލޫމާތެއް ތާވަލުގައި އާންމުކޮށްގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - މައްސަލަ ބަލާ ފަނޑިޔާރު

އާންމު އުސޫލެއްގެ ގޮތުން، ކުޑަކުއްޖެއްގެ މައްޗަށް ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ށަރީއަތް ހިންގާނީ، އެއް ފަނޑިޔާރަކު ހުރެގެން ހިންގާ ށަރީއަތުގެ މަޖލީހެއްގައެވެ. އެހެންނަމަވެސް، ހުށަހެޅިފައިވާ މައްސަލައިގެ ޒާތާއި ބާވަތަށް ރިއާޔަތްކޮށް، ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބެލުމަށް ނިންމުމުގެ ބާރު، ޖުވެނައިލް ކޯޓަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - އަވަސް މައްސަލަތަކެއްގެ ގޮތުގައި ހިންގުން

(ހ) ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ށަރީއަތްތައް ކުރިޔަށް ގެންދަންވާނީ، ލަސްކުރުމަކާ ނުލައި، ވީ އެންމެ އަވަސްގޮތެއްގައެވެ.   

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އަމަލުކުރުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 142 ވަނަ މާއްދާއާއި، 163 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ށަރީއަތް ފެށުމަށްފަހު، މެދުކެނޑުމެއް ނެތި އެ ށަރީއަތް ހިންގޭނެ އިންތިޒާމު، މައްސަލަ ބަލާ ފަނޑިޔާރު ހަމަޖައްސަންވާނެއެވެ.                        

 

13 ވަނަ މާއްދާ - ށަރީއަތް ތާވަލުކުރުން

(ހ) ކުށުގެ ތުހުމަތުގައި ހާޒިރުކުރާ ކުއްޖާ ނުވަތަ ދައުވާލިބޭ ކުއްޖާ ނުވަތަ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހާޒިރުކުރާ ކުއްޖާއަކީ، ސްކޫލަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ ވޮކޭށަނަލް ސެންޓަރަކަށް ދާ ކުއްޖެއް ނަމަ، މައްސަލައިގެ ށަރީއަތް ތާވަލުކުރަންވާނީ، ސްކޫލަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ދަތިނުވާނޭ ގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މައްސަލަތައް ތާވަލުކުރުމުގެ ކުރިން، ތުހުމަތުގައިވާ ކުއްޖާއަކީ ނުވަތަ ދައުވާލިބޭ ކުއްޖާއަކީ ސްކޫލަކަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ ވޮކޭށަނަލް ސެންޓަރަކަށް ވަކި ގަޑިއަކަށް ދާންޖެހޭ ކުއްޖެއްތޯ ބެލުމަށް ޓަކައި އެ މައުލޫމާތު އެ ކުއްޖާގެ ކިބައިން ނުވަތަ    އެ ކުއްޖާގެ ބެލެނިވެރިޔާގެ ކިބައިން ނުވަތަ ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކިބައިން، ކޯޓުން ސާފުކުރަންވާނެއެވެ. ހެއްކެއްގެ ގޮތުގައި ހާޒިރުކުރާ ކުއްޖާއާބެހޭ މިފަދަ މައުލޫމާތު، ހެކި ހާޒިރުކުރާ ފަރާތުގެ ކިބައިން ކޯޓުން ސާފުކުރަންވާނެއެވެ.   

(ނ) މައްސަލައިގެ ށަރީއަތް ތާވަލުކޮށްފައިވާ ގަޑިއަށް ކުއްޖާ ސްކޫލަކަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ ވޮކޭށަނަލް ސެންޓަރަކަށް އިތުރު ގަޑިއަކަށް ހާޒިރުވާން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ދުވަހުގެ ށަރީއަތުގެ މަޖިލީހުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ށަރީއަތް އެހެން ދުވަހަކަށް ތާވަލުކުރުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.  

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުވާންޖެހޭ ތާރީހާއި ގަޑި، ކުއްޖާއަށާއި އޭނާގެ ބެލެނިވެރިޔާއަށް ދުރާލައި ކޯޓުން އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - ކުޑަކުދިން ކޯޓަށް ހާޒިރުކުރުން   

(ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާ ނުވަތަ ދައުވާލިބޭ ކުއްޖާ ނުވަތަ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރާ ކުއްޖާ ކޯޓަށް ހާޒިރުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

(ށ) ކޯޓަށް ހާޒިރުވުމުގެ އަމުރު، ސީދާ އަމުރު ރައްދުކޮށްގެން، ނުވަތަ އީމެއިލްގެ ޒަރީއާއިން، ނުވަތަ  އިލެކްޓްރޯނިކް އެހެން ވަސީލަތެއް މެދުވެރިކޮށް، ރައްދުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.    

(ނ) ކުޑަކުއްޖަކު ށަރީއަތަށް ހާޒިރުވާން އަންގަންވާނީ، އެ ކުއްޖާގެ ބެލެނިވެރިޔާއާ އެކުގައެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހާޒިރުކުރެވޭ ކުއްޖާގެ ބެލެނިވެރިޔަކަށް ށަރީއަތަށް ހާޒިރުވެވެން ނެތްނަމަ، އަދި އެ ކުއްޖާއަކީ ތުހުމަތުގައިވާ ނުވަތަ ދައުވާލިބޭ ކުއްޖެއްނަމަ، ށަރީއަތުގެ މަޖިލީހުގައި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ދޭނީ ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފެކެވެ.

(ބ) ތުހުމަތުގައިވާ ކުއްޖާއަކީ ނުވަތަ ދައުވާލިބޭ ކުއްޖާއަކީ އަނިޔާ ލިބިފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭ ކުއްޖެއް ކަމުގައި ވާނަމަ، އަނިޔާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފަކު ށަރީއަތުގެ މަޖިލީހަށް ހާޒިރުވާން، ކޯޓުން އަންގަންވާނެއެވެ. އަދި މި ހާލަތުގައި ހުރި ކުއްޖެއް ށަރީއަތަށް ހާޒިރުކުރެވޭކަން، އެ އިދާރާއަށް ދުރާލައި ކޯޓުން އަންގަންވާނެއެވެ.    

(ޅ) ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހާޒިރުކުރެވޭ ކުއްޖެއްގެ ބެލެނިވެރިއަކަށް ށަރީއަތަށް ހާޒިރުވެވެން ނެތްނަމަ، ށަރީއަތުގެ މަޖިލީހުގައި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ދޭނީ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ކަނޑައަޅައިފައިވާ  އެ އިދާރާގެ ކަމާބެހޭ މުވައްޒަފެކެވެ. އަދި މި ހާލަތުގައި ހުރި ކުއްޖަކު ށަރީއަތަށް ހާޒިރުކުރެވޭކަން، އެ އިދާރާއަށް ދުރާލައި ކޯޓުން އަންގަންވާނެއެވެ.  

 

15 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ ކުދިން ކޯޓަށް ހާޒިރުކުރުން

(ހ) އެއްވެސް ބާވަތެއްގެ ބަންދެއްގައި ހުރި ކުޑަކުއްޖަކު ކޯޓަށް ހާޒިރުކުރާނަމަ،  އެ ކުއްޖާ ހާޒިރުކުރުމަށް ކޯޓު އަމުރު ފޮނުވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުކުރާ ކުއްޖާއަކީ ޖަލު ބަންދެއްގައި ހުރި ކުއްޖެއްނަމަ، އެ ކުއްޖާ ކޯޓަށް ހާޒިރުކުރަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބުނެފައިވާ ޖަލު ޔުނިފޯމް ނޫން އާދައިގެ ހެދުމެއްގައެވެ.   

 

16 ވަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުން  

(ހ) ކުޑަކުއްޖަކު ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެނޫން އެހެން ގޮތެއް ނެތިއްޖެ ހާލަތެއްގައި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންކަމަށް ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާތީ، ބަންދުގައި ބަހައްޓައިގެން ކުޑަކުއްޖަކު ކޯޓަށް ހާޒިރުކުރަން ޖެހިއްޖެ ހާލަތެއްގައި، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލަށާއި، ކުއްޖާގެ ހާލަތަށާއި، ކުއްޖާގެ މަސްލަހަތަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، ކުއްޖާ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުއްޖާ ކޯޓަށް ހާޒިރުކުރަން ޖެހިއްޖެނަމަ ހާޒިރުކުރަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބުނެފައިވާ ޖަލު ޔުނިފޯމް ނޫން އާދައިގެ ހެދުމެއްގައެވެ.      

 

17 ވަނަ މާއްދާ - ހާޒިރުކުރެވޭ ކުދިން ކޯޓުގައި ބައިތިއްބުން

(ހ) ކޯޓަށް ހާޒިރުކުރާ ކުދިންގެ ތެރެއިން ބަންދުކޮށްފައި ތިބޭ ކުދިން ކޯޓަށް ހާޒިރުކޮށްފައި އެ ކުދިން ބައިތިއްބަންވާނީ، ބަންދުކޮށްފައި ތިބޭ ކުދިން ހާޒިރުކޮށްފައި ބައިތިއްބަން ކަނޑައަޅައިފައި ހުންނަ ވެއިޓިންގ ރޫމެއްގައެވެ.
 
 
(ށ)
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުކުރާ ކުދިންގެ ތެރެއިން  ދެ ޖިންސުގެ ކުދިން ވަކިން ބައިތިއްބޭނެ އިންތިޒާމު ކޯޓުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ނ) ކޯޓަށް ހާޒިރުކުރާ ކުއްޖާއަކީ ބަންދުކޮށްފައި ހުރި ކުއްޖަކަށް ނުވާނަމަ، އެ ކުއްޖާއަށް ކޯޓުގެ ވެއިޓިންގ އޭރިއާގައި ކުއްޖާގެ ބެލެނިވެރިޔާއާއެކު މަޑުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.  މިގޮތަށް މަޑުކުރާއިރު، ކޯޓަށް ހިދުމަތް ހޯދަން އަންނަ އެހެނިހެން މީހުންނާ ކުއްޖާއާ ބައްދަލުނުވާނޭ ގޮތެއްގެ މަތިން ކޯޓުން  މި އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ. 

(ރ) ކޯޓަށް ހާޒިރުކުރެވޭ ކުއްޖާއަކީ ޖަލުގައި ބަންދުކޮށްފައި ހުރި ކުއްޖެއް ކަމަށް ވާނަމަ، އެ ކުއްޖާގެ ބެލެނިވެރިޔާ އެ ކުއްޖާއާ ބައްދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި، ވެއިޓިންގ ރޫމުގެ ތެރޭގައި އެ ކުއްޖާއާ ބައްދަލުކުރެވޭނެ އިންތިޒާމު، ކޯޓުންނާއި، ކުދިން ބެލެހެއްޓުމާ ހަވާލުވެގެން ތިބި ޕޮލިސް ކަސްޓޯޑިއަލް ނުވަތަ ކަރެކްށަންސްގެ އޮފިސަރުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) އެއްގަޑިއަކަށް ތާވަލުކޮށްފައިވާ ށަރީއަތަކަށް ހާޒިރުކުރާ ކުދިންނަކީ ހުށަހެޅިފައިވާ މައްސަލައިގެ ބާވަތުންނާއި ހާދިސާއާ ގުޅިގެން އެ ކުދިންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފާނެ ކުދިންތަކެއް ކަމަށް ކޯޓަށް ނުވަތަ އެ ކުދިންނާ ހަވާލުވެގެން ތިބި ޕޮލިސް ކަސްޓޯޑިއަލް އޮފިސަރުންނަށް ނުވަތަ ކަރެކްށަންސްގެ އޮފިސަރުންނަށް ގަބޫލުކުރެވޭނަމަ، އެ ކުދިން ވަކިން ބައިތިއްބޭނެ އިންތިޒާމު ދުރާލައި ކޯޓުން ހަމަޖައްސަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި އެނޫންވެސް ހާލަތްތަކުގައި ކޯޓަށް ހާޒިރުކޮށްފައި ތިބޭ އެންމެހައި ކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމާއި، ކޯޓުގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިނގިޔަނުދީ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކޯޓުގެ ކަމާބެހޭ މުވައްޒަފުންނާއި، ކުދިންނާ ހަވާލުވެގެން ތިބި ޕޮލިސް ކަސްޓޯޑިއަލް އޮފިސަރުންގެ ނުވަތަ ކަރެކްށަންސްގެ އޮފިސަރުންގެ ޒިންމާއެކެވެ. 

(ކ) ކޯޓަށް ހާޒިރުކުރާ ކުއްޖާއަކީ ބަންދުކޮށްފައި ހުރި ކުއްޖެއް ކަމަށް ވާނަމަ، އެ ކުއްޖާ ކޯޓަށް ހާޒިރުކޮށްފައި ހުންނަ ހުރުމުގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާއްސަ ހާލަތެއްގައި މެނުވީ، ބިޑިއަޅުވައިފައި ބަހައްޓައިގެން ނުވާނެއެވެ.   

 

18 ވަނަ މާއްދާ - ކުދިން ބައިތިއްބާ ވެއިޓިންގ ރޫމާއި ވެއިޓިންގ އޭރިއާގެ އިންތިޒާމުތައް

(ހ) ކޯޓަށް ހާޒިރުކުރާ ކުދިން ބައިތިއްބަން ކަނޑައަޅައިފައިވާ ވެއިޓިންގ ރޫމާއި ވެއިޓިންގ އޭރިއާގައި، އެ ކުދިންނަށް ހާއްސަކުރެވިގެން، އަންނަނިވި އިންތިޒާމުތައް ކޯޓުން ހަމަޖައްސަންވާނެއެވެ.    

  1. ގިނަވަގުތު އިށީނދެގެން އިންނަން އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ގޮނޑި ބަހައްޓައިފައި ހުރުން؛
  2. ވެއިޓިންގ ރޫމުގައި އެކަށީގެންވާ ވަރުގެ މޭޒެއް ބަހައްޓައިފައި ހުރުން؛
  3. ސާފު ބޯފެން ބޮވޭނެ އިންތިޒާމު؛
  4. ފާހާނާ ކުރެވޭނެ އިންތިޒާމު؛
  5. ނަމާދު ކުރެވޭނެ އިންތިޒާމު؛
  6. ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކުރާ މައިގަނޑު ގާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލުއިފޮތްތައް؛
  7. ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކުރާ މައިގަނޑު ގާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކުރު އޯޑިއޯ ކްލިޕް ނުވަތަ ވީޑިއޯ ކްލިޕް އަޑުއެހޭނެ ނުވަތަ ފެންނާނެ އިންތިޒާމު؛  
  8. ކޯޓަށް ހާޒިރުކުރެވޭ އުމުރުފުރާގެ ކުދިން ކިޔަން އެކަށީގެންވާ އިލްމީ ފޮތާއި މެގަޒިން ފަދަ ލިޔެކިޔުންތައް؛
  9. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އުޅޭ ކުދިންގެ ތަޖުރިބާތަކާއި އެ ކުދިންގެ ތެރެއިން އިސްލާހުވެ އަނބުރާ މުޖުތަމައަށް އާދެވިފައިވާ ކުދިންނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކުރު އޯޑިއޯ ކްލިޕް ނުވަތަ ވީޑިއޯ ކްލިޕް އަޑުއެހޭނެ ނުވަތަ ފެންނާނެ އިންތިޒާމު؛  
  10. ށަރީއަތުގެ މަޖިލީހުގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތާ ބެހޭގޮތުން އިރުށާދު ދިނުމަށް ތައްޔާރުކޮށްފައިވާ އޯޑިއޯ އިއްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިޒާމުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ޖުވެނައިލް ކޯޓުގައި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ގާއިމުކޮށްދޭންވާނެއެވެ.    

 

19 ވަނަ މާއްދާ - އަންހެން ކުދިންނަށް ހާއްސަ އެހީތެރިކަމާއި ހިމާޔަތް ލިބިދިނުން

(ހ) ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި މާބަނޑު ކުއްޖަކު ކޯޓަށް ހާޒިރުކުރަން ޖެހިއްޖެނަމަ، އެ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ށަރީއަތް، އެ ކުއްޖާ ވިހައި ގަދަވަންދެން ވަކި މުއްދަތަކަށް ފަސްކުރުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) ކޯޓަށް ހާޒިރުކުރާ އަންހެން ކުއްޖަކު، އޭނާގެ ތުއްތު ދަރިއަކާއެކު ހާޒިރުވެއްޖެނަމަ، އަދި އެ އަންހެން ކުއްޖާއަށް އެހިތެރިވާނެ ބެލެނިވެރިޔަކު ނުވަތަ އެހެންވެސް ފަރާތެއް އޭނާއާއެކު ކޯޓަށް ހާޒިރުވެފައި ނުވާނަމަ، ށަރީއަތުގެ އަޑުއެހުން ނިމެންދެން، އެ ތުއްތު ކުއްޖާ ބެލެހެއްޓޭނެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެއެވެ.    

(ނ) ބަންދުކޮށްފައި ހުރި އަންހެން ކުއްޖަކު ކޯޓަށް ހާޒިރުކުރާނަމަ، އެ ކުއްޖާއާއެކު ފުލުހުންގެ ނުވަތަ ކަރެކްށަންގެ އަންހެން އޮފިސަރަކު ހާޒިރުވާންވާނެއެވެ.

(ރ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ކޯޓަށް ހާޒިރުކުރާ އަންހެން ކުދިންނަށް ހާއްސަ އެހީތެރިކަމާއި ހިމާޔަތް ކޯޓުން ކަށަވަރުކޮށްދޭންވާނެއެވެ. އަދި ކޯޓުގެ މުވައްޒަފެއްގެ ފަރާތުންވިޔަސް، ނުވަތަ ކޯޓަށް ހާޒިރުކުރާ ނުވަތަ ހާޒިރުވާ އެހެން ފަރާތެއްގެ ފުށުން ވިޔަސް، އެ ކުދިންނަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ނުވަތަ ފުރައްސާރައެއް ބަހުން ނުވަތަ އަމަލުން ކުރިމަތިވިޔަދީގެން ނުވާނެއެވެ. އަދި އެ ބާވަތުގެ ކަމެއް ކޯޓުގެ ތެރޭގައި ހިނގައިފިނަމަ، ކަމާބެހޭ ފަރާތަށް އެކަން އެންގުމާއެކު، އެ ހިނދުން އެ ހިނދަށް އަޅަން ފެންނަ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.     

 

20 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުން

(ހ) ކޯޓަށް ކުޑަކުއްޖެއްގެ މައްސަލައެއް ހުށަހެޅޭ ހިސާބުން ފެށިގެން ށަރީއަތުގެ އެންމެހައި މަރުހަލާތަކެއް ފުރިހަމަވުމާ ހަމަޔަށް، އަދި ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމުގެ މަސައްކަތުގެ ތެރޭގައި ކޯޓުގެ ދައުރާއި ކުއްޖާއަށް ލިބިގެންވާ ފުރުސަތުތަކާ ގުޅޭގޮތުން، ތުހުމަތުގައިވާ ކުއްޖާއަށް ނުވަތަ ދައުވާލިބޭ ކުއްޖާއަށް، އެ ކުއްޖާގެ އުމުރާއި ވިސްނުމުގެ ގާބިލިއްޔަތާ އެކަށީގެންވާ ގޮތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި މި ޒިންމާއަކީ، ކުއްޖާގެ ބެލެނިވެރިޔާއަށް ކޯޓުން ފޯރުކޮށްދޭ މައުލޫމާތުގެ އިތުރުން، ކުއްޖާއަށް ކޯޓުން އަދާކޮށްދޭންޖެހޭ މަސްއޫލިއްޔަތެކެވެ. 

(ށ) ކުޑަކުއްޖަކު ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާ، ހުށަހެޅިފައިވާ މައްސަލައިގެ ށަރީއަތާ ގުޅޭގޮތުން ނުވަތަ މައްސަލަ ތާވަލުކޮށްފައިވާ ދުވަހާއި ގަޑިއާ ގުޅޭގޮތުން، ނުވަތަ ކޯޓުން ކުދިންނަށް ދޭ ފުރުސަތުތަކާ ގުޅޭގޮތުން ނުވަތަ އެނޫން އެހެން ކަމަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވެއްޖެނަމަ، އެ ކުއްޖާއަށް އަދި އެ ކުއްޖާގެ ބެލެނިވެރިޔާއަށް އެ މައުލޫމާތު ކޯޓުން ފޯރުކޮށްދޭންވާނެއެވެ.  

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މައުލޫމާތު ހިއްސާކުރާއިރު، މައުލޫމާތު ހިއްސާ ކުރެވެނީ، އެ ކުއްޖާއަށް ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާއަށްކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ބޭނުންވާ އާންމު މައުލޫމާތުތައް ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިޔާއަށް، ކޯޓުގެ ރިސެޕްށަނުގައި އިންނަ މުވައްޒަފަކު ފޯރުކޮށްދޭންވާނެއެވެ. އަދި އެ މައުލޫމާތަކީ ރިސެޕްށަނުގައި އިންނަ މުވައްޒަފަށް ދޭން އެނގޭ މައުލޫމާތަކަށް ނުވާނަމަ، ކޯޓުން އެ މައުލޫމާތު ފޯރުކޮށްދެވޭނެ، ކަމާ ގުޅުންހުރި މުވައްޒަފަކު އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ބ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މައުލޫމާތެއް ސާފުކުރަން ނުވަތަ ވަކި ކަމަކަށް އެދި ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ ދިފާއީ ވަކީލު ކޯޓަށް ސިޓީއެއް ހުށަހަޅައިފިނަމަ، ހާއްސަ ހާލަތެއްގައި މެނުވީ، އެ ސިޓީގެ ޖަވާބު، ގިނަވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ. އަދި މި މާއްދާއަށް އަމަލުކުރުމުގައި ލިޔުމުން ނުވަތަ ފޯނުން ޖަވާބުދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ފޯނުން ޖަވާބުދޭ ހާލަތުގައި އެކަން ލިޔެ ރައްކައުކޮށްފައި އޮންނަންވާނެއެވެ.      

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން، ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ދިފާއީ ވަކީލު ކޯޓަށް ފޯނުން ގުޅައިފައި މައުލޫމާތެއް ސާފުކުރަން އެދިއްޖެ ހިނދެއްގައި، އެ މައުލޫމާތަކީ ހާއްސަ ހާލަތެއްގައި އަވަހަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ މައުލޫމާތެއް، ވީ އެންމެ އަވަހަކަށް އެ ފަރާތަކަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ. 

 

21 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ހާޒިރީން

ށަރީއަތުގެ މަޖިލީހުގެ ހާޒިރީންކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.          

 

22 ވަނަ މާއްދާ - ބެލެނިވެރިން ކޯޓަށް ބަލައިގަތުން

(ހ) އާންމު އުސޫލެއްގެ ގޮތުން، ކުޑަކުއްޖެއްގެ ށަރީއަތް ކުރިޔަށް ގެންދަންވާނީ، އެ ކުއްޖާގެ ބެލެނިވެރިޔާގެ ހާޒިރުގައެވެ.   

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ށަރީއަތުގެ އަޑުއެހުމެއް ތާވަލުކުރާނަމަ، ކުއްޖާގެ ބެލެނިވެރިޔާ ކޯޓަށް ހާޒިރުވުމަށް އަންގާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 25 ވަނަ ބާބާއި "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ކުއްޖާގެ ބެލެނިވެރިޔާގެ ގޮތުގައި ކޯޓަށް ހާޒިރުވާ ފަރާތަކީ ކުއްޖާގެ ބެލެނިވެރިޔާކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ. އެގޮތުން، ތިރީގައިވާ ގޮތުގެ މަތިން ކޯޓުން އަމަލު ކުރަންވާނެއެވެ. 

  1. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 118 ވަނަ މާއްދާގެ (ށ) ގައިވާ ފަރާތްތައް، ކުއްޖާގެ ބެލެނިވެރިޔާ ކަމުގައި ބަލައިގަތުން؛
  2. ތަހުގީގަށް ބަންދުކޮށްފައިވާ ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމުގައި ނުވަތަ ދައުވާ ފޯމުގައި ކުއްޖާގެ ބެލެނިވެރިޔާ ކަމުގައިވާ ފަރާތް ކޯޓަށް ބަލައިގަތުން؛
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ފަރާތްތަކުގެ އިތުރުން، ކުއްޖާގެ ބެލެނިވެރިކަމާ ނުވަތަ ބަލަދުވެރިކަމާ ވަގުތީގޮތުން އެހެން ފަރާތަކުން ހަވާލުވެފައިވާނަމަ، އެ ފަރާތަކީ ހަގީގަތުގައި ވެސް ކުއްޖާއާ ހަވާލުވެގެން ހުރި ފަރާތްތޯ ކޯޓުން ކަށަވަރުކުރުމަށްފަހު، އެ ފަރާތް ބަލައިގަންނަން ނިންމުން؛
  4. ކުއްޖާގެ ބެލެނިވެރިޔާ ކަމުގައި ބަލައިގަންނަ ފަރާތްތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ''ބެލެނިވެރިންގެ އިގުރާރު'' ފުރިހަމަކުރުން.  

(ރ) ކުއްޖާގެ ބެލެނިވެރިޔާ ކުއްޖާގެ ށަރީއަތަށް ހާޒިރުވުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމުގައި ނުވާ ހާލަތްތަކުގައި، ބެލެނިވެރިޔާ ބައިވެރިކުރުވުމެއް ނެތި ށަރީއަތް ކުރިޔަށް ގެންދަންވާނެއެވެ.  

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އަމަލުކުރުމުގެ ކުރިން، އަންނަނިވި ކަންތައްތަކަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.   

  1. ކުއްޖާގެ ބެލެނިވެރިޔާއަށް ކުއްޖާގެ މަސްލަހަތު ހިމާޔަތް ނުކުރެވޭނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ސަބަބުތައް؛
  2. ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުއްޖާގެ ބެލެނިވެރިޔާ ކުއްޖާގެ ށަރީއަތުގައި ބައިވެރިވުމާމެދު ދެކޭގޮތާއި، އެ ފަރާތްތަކުން ހުށަހަޅާ ކަންތައްތައް؛
  3. ބެލެނިވެރިޔާ ށަރީއަތުގައި ބައިވެރިކޮށްފިނަމަ، ކުއްޖާގެ މަސްލަހަތަށް އެކަމުން ކުރާނެ ނޭދެވޭ އަސަރު؛  
  4. ބެލެނިވެރިޔާ ށަރީއަތުގައި ބައިވެރިކުރުމާމެދު ކުއްޖާ ދެކޭގޮތް.

(ޅ) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ކުއްޖާގެ ބެލެނިވެރިޔާއަކީ ކުށުގެ ރެކޯޑު އޮންނަ އަދި/ނުވަތަ ކުށުގެ ވެށީގައި އުޅެމުން އަންނަ ފަރާތެއްކަމަށް ފާހަގަކުރެވިފައިވުން؛
  2. ކުއްޖާގެ ބެލެނިވެރިޔާއަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި/ނުވަތަ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހަކަށްވުމުގެ ސަބަބުން ށަރީއަތުގެ މަރުހަލާގައި ކުއްޖާއަށް ދޭންޖެހޭ އެހީތެރިކަން ދިނުމުގެ ގާބިލުކަން ބެލެނިވެރިޔާގެ ކިބައިގައި ނެތުން؛   
  3. ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ކުއްޖާގެ ބެލެނިވެރިޔާގެ ބައިވެރިވުމެއް އޮތްކަމަށް މައްސަލަ ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވުން؛
  4. ބެލެނިވެރިޔާގެ މައްޗަށް، ކުއްޖާއާ ގުޅޭގޮތުން ނުވަތަ 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކާ ގުޅޭގޮތުން، އަނިޔާގެ ނުވަތަ އިހުމާލުގެ މައްސަލައެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުށަހެޅިފައިވުން؛
  5. ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ އަމަލުތަކެއް ބެލެނިވެރިޔާގެ ކިބައިން ފާހަގަކުރެވުން، ނުވަތަ ށަރީއަތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް ބެލެނިވެރިޔާގެ ފަރާތުން ފާހަގަކުރެވުން.

(ކ) މި މާއްދާގެ (ޅ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ހުށަހެޅިފައިވޭތޯ ބެލުމަށް ޓަކައި، ކޯޓުން، މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްށަން ޑޭޓާބޭސްއަށް އެކްސެސްވެގެން އެ މައުލޫމާތު ހޯދުމަކަށް ހުރަހެއް ނެތެވެ. 

(އ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ކުއްޖާގެ ބެލެނިވެރިޔާ ބަލައިނުގަތުމަށް ކޯޓުން ނިންމައިފިނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ''ބެލެނިވެރިޔާ ބަލައިނުގަތުމަށް ނިންމުން'' މި ލިޔުމުން، ކުއްޖާގެ ބެލެނިވެރިޔާއަށް އެކަން ސަބަބުތަކާއެކު އަންގަންވާނެއެވެ. އަދި މި ލިޔުމުގެ ކޮޕީއެއް މައްސަލަ ފައިލުގައި ރައްކައުކުރުމާއެކު، މި އެންގުން އެންގިފައިވާކަން އިދާރީގޮތުން ކޯޓުން ބަލަހައްޓަމުން ގެންދާ ރެކޯޑުތަކުގައި ހިމަނަންވާނެއެވެ. 

(ވ) މި މާއްދާގެ (ޅ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ބެލެނިވެރިޔާގެ ފަރާތުން ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގައިފިނަމަ، ނުވަތަ ށަރީއަތުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާ ހިލާފު އަމަލެއް އެ ފަރާތުން ހިންގައިފިނަމަ، މި ގަވާއިދުގެ 23 ވަނަ ބާބުގެ ދަށުން ބެލެނިވެރިޔާގެ މައްޗަށް ކޯޓުން ފިޔަވަޅު އެޅިދާނެއެވެ. އަދި ކޯޓުން އަންގާ އެންގުމާ އެއްގޮތަށް ބެލެނިވެރިޔާ އަމަލުކޮށްފިނަމަ، ކުއްޖާގެ ށަރީއަތުގައި އެ ފަރާތެއް އަލުން ބައިވެރިކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.       

 

23 ވަނަ މާއްދާ - އުމުރުން 18 އަހަރު ފުރިފައިވާ ކުދިންގެ ބެލެނިވެރިން ހާޒިރުކުރުން

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ކުއްޖަކު، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ ހާލަތުގައި، ނުވަތަ ދައުވާ އުފުލާއިރު، އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާނަމަ، އަންނަނިވި ހާލަތްތަކުގައި ބެލެނިވެރިޔަކާ ނުލައި، ށަރީއަތުގެ މަޖިލިސް ކުރިޔަށް ގެންދެވިދާނެއެވެ. 

  1. ދައުވާލިބޭ ފަރާތުގެ މައްޗަށް، އުމުރުން 18 (އަށާރަ) އަހަރު ފުރުނުފަހުން ކޮށްފައިވާ ޖިނާއީ ކުށެއްގެ ދައުވާއެއް، އެއްވެސް ކޯޓަކަށް ހުށަހެޅިފައިވުން؛
  2. ދައުވާލިބޭ ފަރާތުން، އެ ފަރާތުގެ ބެލެނިވެރިޔާ ށަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން ބޭނުންނުވާކަމަށް ބުނުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ކޯޓުން ސާފުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުވާލިބޭ ފަރާތުގެ ބެލެނިވެރިޔާ ށަރީއަތުގެ މަޖިލީހުގައި ބައިވެރިކުރަން ދައުވާލިބޭ ފަރާތުން އެދޭނަމަ، އެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެއެވެ. 

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށުގެ ށަރީއަތުގައި  އެ ކުއްޖާގެ ބެލެނިވެރިޔާ ބައިވެރިކުރުވުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ކުއްޖާއާއި ބެލެނިވެރިޔާއަށް ވެސް ކޯޓުން މިކަން އޮޅުންފިލުވައިދޭން ވާނެއެވެ.         

 

24 ވަނަ މާއްދާ - ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް

(ހ) ކުޑަކުއްޖެއްގެ މައްޗަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގެ ށަރީއަތް ކުރިޔަށް ގެންދަންވާނީ، ކުށްކުރާ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދީ އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފެއްގެ ހާޒިރުގައެވެ. 

(ށ) ކުއްޖަކު ބަންދުކޮށްފައިވާ ބަންދުކުރުމާ މެދުގައި ގޮތެއް ނިންމާ އަޑުއެހުމާއި ށަރީއަތުގެ އެންމެހައި އަޑުއެހުންތައް ތާވަލުކުރާއިރު، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ކޯޓަށް ހާޒިރުވުމަށް އަންގާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 25 ވަނަ ބާބާއި "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. 

(ނ) މި ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގެ ދަށުން، ތުހުމަތުގައިވާ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ދައުވާލިބޭ ކުއްޖާގެ ބެލެނިވެރިޔާ ކޯޓަށް ބަލައިނުގަތުމަށް ނިންމާ ހާލަތުގައި ނުވަތަ ކުއްޖާގެ ބެލެނިވެރިޔާއަށް ށަރީއަތަށް ހާޒިރުވެވެން ނެތް ހާލަތުގައި، ކުއްޖާގެ ހައްގުތައް ރައްކައުތެރިކޮށްދީ، އެ ކުއްޖާގެ މަސްލަހަތު ބަލަހައްޓާނީ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ށަރީއަތަށް ހާޒިރުވާ މުވައްޒަފެވެ.             

(ރ) ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފަށް  ސީދާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އޯޑިއޯ ކޮންފަރެންސްއާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ށަރީއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު އެ ފަރާތަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިފަދައިން ށަރީއަތުގެ މަޖލީހުގައި ބައިވެރިވުމުގައި ތުހުމަތުގައިވާ ކުއްޖާގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގޮތުން، ކޯޓުން އަންގާ އެންގުންތަކަށް ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފު ފުރިހަމައަށް އަމަލުކުރަންވާނެއެވެ.   

(ބ) ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ ނުވަތަ ދައުވާލިބޭ ކުއްޖާގެ ށަރީއަތުގެ މަޖިލިސް ކުރިޔަށް ގެންދިއުމުގެ ކުރިން، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތުން ކުއްޖާއާ މުއާމަލާތު ކުރަން ބޭނުންވާނަމަ، ނުވަތަ ކުއްޖާ އެ ފަރާތާ މުއާމަލާތު ކުރަން ބޭނުންވާނަމަ، ކޯޓުގެ ފަރާތުން އެ ފުރުސަތު ހަމަޖައްސައިދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އެ ކަންތައް ހަމަޖައްސައިދިނުމުގައި، އޯޑިއޯ ކޮންފަރެންސްއާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދެވޭ ށަރީއަތުގެ މަޖިލީހެއްގައި، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް ހުރީ ކުއްޖާ ހުރި ތަނުގައި ނޫންކަމުގައި ވާނަމަ، މި ދެ ފަރާތުން މުއާމަލާތު ކުރުމުގެ އިންތިޒާމު، އޯޑިއޯ ކޮންފަރެންސްއާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.  

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތުގެ އިތުރުން، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 118 ވަނަ މާއްދާގެ (ޏ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް، ކުޑަކުއްޖެއްގެ ށަރީއަތުގައި ބައިވެރިވެ، އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ކުއްޖާގެ ރައުޔު ހާމަކުރުމުގެ ހައްގާއި ބައިވެރިވުމުގެ ހައްގު

(ހ) ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ހާލަތުގައި ނުވަތަ ދައުވާއެއް އުފުލޭ ހާލަތުގައި، ކުއްޖާގެ ބެލެނިވެރިޔާ މެދުވެރިކޮށް، ނުވަތަ ގާނޫނީ ވަކީލަކު މެދުވެރިކޮށް، ނުވަތަ ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ މެދުވެރިކޮށް، ނުވަތަ އެ ކުއްޖާ އަމިއްލައަށް އެ މައްސަލައާމެދު އެ ކުއްޖާ ދެކޭގޮތް ހާމަކުރުމުގެ ހައްގު، ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ހައްގު ލިބިގެންވެއެވެ.   

(ށ) މި މާއްދާގެ (ހ) ގައިވާ ހައްގު ކުއްޖާއަށް ކަށަވަރުކޮށްދިނުމުގައި، ށަރީއަތުގައި ކުއްޖާގެ ރައުޔު ހާމަކުރުމާއި، ކުއްޖާއާމެދު ށަރީއަތުން ނިންމާ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުއްޖާއަށް ދޭންވާނެއެވެ. އަދި ކުއްޖާގެ ފަރާތުން ބުނެފައިވާ އެއްޗަކަށް ބުރަދަން ދިނުމުގައި، ކުއްޖާގެ އުމުރާއި ވިސްނުން ތަރައްގީވެފައިވާ މިންވަރަށް، ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ށަރީއަތުން ގޮތެއް ނިންމުމުގައި، ކުއްޖާގެ ރައުޔަށް ރިއާޔަތްކޮށްފައިވާ މިންވަރު، އެ ކުއްޖާއަށް ދޭހަވާނެ ފަދަ ގޮތަކަށް ށަރީއަތުން ސާފުކޮށްދޭން ވާނެއެވެ.         

 

26 ވަނަ މާއްދާ - ކޮންސިއުލަރ އެހީތެރިކަން ލިބިދިނުން

(ހ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ ކުއްޖާއަކީ ނުވަތަ ދައުވާލިބޭ ކުއްޖާއަކީ ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައި ވާނަމަ، ށަރީއަތުގެ މަރުހަލާގައި ކުއްޖާގެ ހައްގުތައް ހިމާޔަތް ކޮށްދެވެމުންދާކަން ކަށަވަރު ކުރުމަށް ޓަކައި، އޭނާ ނިސްބަތްވާ ގައުމެއްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ޑިޕްލޮމެޓިކް މިށަންގެ ފަރާތުން ނުވަތަ ކޮންސިއުލަރ ރެޕްރެޒެންޓޭޓިވްގެ ފަރާތުން ށަރީއަތުގައި ބައިވެރިވާން އެދޭނަމަ، އެ ފުރުސަތު ކޯޓުން ދޭންވާނެއެވެ.  

(ށ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ ކުއްޖާ ނުވަތަ ދައުވާލިބޭ ކުއްޖާއަކީ ރެފިއުޖީއެއް ކަމުގައި ވާނަމަ، ނުވަތަ ވަކި ގައުމަކަށް ނިސްބަތްނުވާ ކުއްޖެއް ކަމުގައި ވާނަމަ، ނުވަތަ އޭނާ ނިސްބަތްވާ ގައުމު ތަމްސީލުކުރާ ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލަރ ރެޕްރެޒެންޓޭޓިވްއެއް ދިވެހިރާއްޖޭގައި ނެތް ގައުމެއްގެ ކުއްޖެއް ކަމުގައި ވާނަމަ، އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ގައުމެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ނުވަތަ އެނޫންވެސް ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ތަމްސީލުކުރާ ފަރާތަކުން ށަރީއަތުގައި ބައިވެރިވާން އެދޭނަމަ، އެ ފުރުސަތު ކޯޓުން ދޭންވާނެއެވެ.

 

27 ވަނަ މާއްދާ - ތަރުޖަމާނެއްގެ އެހީތެރިކަން ލިބިދިނުން

(ހ) ކުށެއްގެ ތުހުމަތުގައި ހާޒިރުކުރާ ނުވަތަ ދައުވާލިބޭ ކުއްޖާއަކީ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކައި، ދިވެހިބަހުން ލިޔަންކިޔަން ނުދަންނަ ކުއްޖެއްނަމަ، ނުވަތަ ހަމައެކަނި ވަކި ރަށެއްގެ ބަހުން ވާހަކަދައްކަން އެނގޭ ކުއްޖެއްނަމަ، ނުވަތަ ވާހަކަދެއްކުމުންނާއި އަޑުއިވުމުން މަހްރޫމްވެފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގެ ށަރީއަތް ކުރިޔަށް ގެންދަންވާނީ، އެ ކުއްޖާއަށް ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަހުން ނުވަތަ ބަހުރުވައިން ވާހަކަދައްކަން ދަންނަ ތަރުޖަމާނެއްގެ އެހީގައެވެ.   

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުށުގެ ތުހުމަތުގައިވާ ނުވަތަ ދައުވާލިބޭ ކުއްޖާ ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާ ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާ ހާލަތުގައި، ތަރުޖަމާނަކު ހަމަޖެއްސުމުގެ އިހްތިޔާރު، ކުށުގެ ތުހުމަތުގައިވާ ކުއްޖާއަށް ނުވަތަ ދައުވާލިބޭ ކުއްޖާއަށް ލިބިގެންވެއެވެ. އެކަމަށް އެދޭނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ''ތަރުޖަމާނު ހަމަޖެއްސުމަށް އެދޭ ފޯމު'' އިންނެވެ. 

(ނ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެނޫން ހާލަތްތަކުގައި، އެ ކުއްޖާއަށް ކޯޓުން ތަރުޖަމާނަކު ހަމަޖައްސައިދޭންވާނެއެވެ.

(ރ) ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ކުއްޖާއަކީ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކައި، ދިވެހިބަހުން ލިޔަންކިޔަން ނުދަންނަ ކުއްޖެއްނަމަ، ނުވަތަ ހަމައެކަނި ވަކި ރަށެއްގެ ބަހުން ވާހަކަދައްކަން އެނގޭ ކުއްޖެއްނަމަ، ނުވަތަ ވާހަކަދެއްކުމުންނާއި އަޑުއިވުމުން މަހްރޫމްވެފައިވާ ކުއްޖެއްނަމަ، ށަރީއަތް ކުރިޔަށް ގެންދަންވާނީ، އެ ކުއްޖާއަށް ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަހުން ނުވަތަ ބަހުރުވައިން ވާހަކަދައްކަން ދަންނަ ތަރުޖަމާނެއްގެ އެހީއާއެކުގައެވެ. އަދި އެފަދައިން ހާޒިރުކުރެވޭ ކުއްޖަކަށް، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޯޓުން ތަރުޖަމާނަކު ހަމަޖައްސައިދޭންވާނެއެވެ. އެހެންނަމަވެސް، އެ ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާނަމަ، އެކަމަށް އެދޭނީ ''ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު'' ގައިވާ ''ތަރުޖަމާނު ހަމަޖެއްސުމަށް އެދޭ ފޯމު'' އިންނެވެ. 

(ބ) ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހާއަކީ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކައި ދިވެހިބަހުން ލިޔަންކިޔަން ނުދަންނަ މީހެއްނަމަ، ނުވަތަ ހަމައެކަނި ވަކި ރަށެއްގެ ބަހުން ވާހަކަދައްކަން އެނގޭ މީހެއްނަމަ، ނުވަތަ ވާހަކަދެއްކުމުންނާއި އަޑުއިވުމުން މަހްރޫމްވެފައިވާ ފަރާތެއްނަމަ، އޭނާއަށް ތަރުޖަމާނެއް ހަމަޖައްސާނީ "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ޅ) ކުޑަކުއްޖެއްގެ ވާހަކަ ތަރުޖަމާ ކުރުމަށް ނުވަތަ ކުޑަކުއްޖަކަށް ތަރުޖަމާ ކޮށްދިނުމަށް ތަރުޖަމާނެއް ހަމަޖެއްސުމުގައި، ކުޑަކުދިންނާ މުއާމަލާތު ކުރުމުގެ ހުނަރުތައް ދަންނަ، ކަމާ ގުޅުންހުރި ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތަކަށް އިސްކަންދޭންވާނެއެވެ.

(ކ) ތަރުޖަމާނުގެ ގޮތުގައި ހަމަޖައްސާ ފަރާތަކީ "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބަލަހައްޓާ ތަރުޖަމާނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާންވާނެއެވެ. 

(އ) މި މާއްދާގެ (ޅ) އާއި (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަރުޖަމާކޮށްދެވޭ ކުއްޖާގެ ނުވަތަ މީހާގެ ހާލަތަށް ބަލައި، އެ ފަރާތަށް ދޭހަވާ ގޮތަށް ތަރުޖަމާކޮށްދެވޭނީ އާއިލާގެ މީހަކަށް ނުވަތަ އެހެންވެސް ފަރާތަކަށްކަމަށް، ތަރުޖަމާކޮށްދެވޭ ކުއްޖާގެ ފަރާތުން ނުވަތަ މީހާގެ ފަރާތުން ށަރީއަތަށް ހުށަހަޅައިފިނަމަ، އެކަމަށް ރިއާޔަތްކޮށް، މި މާއްދާގެ (ޅ) އާއި (ކ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާއެއް ދިނުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.  

(ވ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވޭ ކުއްޖާއަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ހުރި ކުއްޖެއް ކަމަށް ވާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން އެ މައުލޫމާތު، މަދުވެގެން 2 (ދޭއް) ގަޑިއިރުގެ ކުރިން، ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.    

(މ) ދައުވާލިބޭ ކުއްޖާ ނުވަތަ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ފަރާތަކީ މި މާއްދާގެ (ހ) ގައި ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ހުރި ފަރާތެއް ކަމުގައި ވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައުލޫމާތު ލިޔުމުން ދުރާލައި ކޯޓަށް އަންގަންވާނެއެވެ.   

(ފ) ދިފާއީ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ފަރާތަކީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ހުރި ފަރާތެއް ކަމުގައި ވާނަމަ، ދިފާއީ ވަކީލު، އެ މައުލޫމާތު، ލިޔުމުން ދުރާލައި ކޯޓަށް އަންގަންވާނެއެވެ.     

(ދ) މި މާއްދާގެ ދަށުން ތަރުޖަމާނަކު ހަމަޖައްސާ ހާލަތުގައި، ށަރީއަތް ފެށުމުގެ ކުރިން އެ ކުއްޖާ ނުވަތަ މީހާ، ތަރުޖަމާނާ ވާހަކަދެއްކުމުގެ ފުރުސަތު ކޯޓުން ހަމަޖައްސައިދޭންވާނެއެވެ. މިއީ ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ދޭހަވެ ފަހުމުވާކަން ކަށަވަރު ކުރުމަށް ޓަކައެވެ.     

(ތ) އާންމު އުސޫލެއްގެ ގޮތުން، ތަރުޖަމާނު ހުންނަންވާނީ، ތަރުޖަމާކޮށްދެވޭ ފަރާތާ އެއް ހާޒިރެއްގައެވެ. އަދި މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ހިންގާ ށަރީއަތްތަކުގައި މި ދެފަރާތް އެއްތަނެއްގައި ބައިތިއްބައިގެން ށަރީއަތް ކުރިޔަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަން ކޯޓުން އިސްކަންދޭންވާނެއެވެ. އެހެންނަމަވެސް ތަރުޖަމާނާއި ތަރުޖަމާކޮށްދެވޭ ފަރާތް އެއްތަންވެވޭ ފަދަ ހާލަތެއް ނެތްނަމަ، މި މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން، ދެކެވޭ ވާހަކަ ދެފަރާތަށްވެސް ފަހުމުވާކަން ކަށަވަރު ކުރުމަށް ޓަކައި، ށަރީއަތް ފެށުމުގެ ކުރިން، އޯޑިއޯ ކޮންފަރެންސާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.             

 

28 ވަނަ މާއްދާ - ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް

(ހ) ކޯޓަށް ހާޒިރުކުރާ ކުއްޖާ ނުވަތަ މީހާއަކީ ހިނގާބިނގާވެ އުޅުމަށް ދަތިވާފަދަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި ކުއްޖެއްނަމަ ނުވަތަ މީހެއްނަމަ، އެ ފަރާތެއް ކޯޓަށް ހާޒިރުވެ ށަރީއަތުގައި ބައިވެރިވުމަށް ބޭނުންވާނެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގެ މަތިން ކޯޓުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. 

(ށ) ކޯޓަށް ހާޒިރުކުރާ ކުއްޖެއްގެ ބެލެނިވެރިޔަކީ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތެއްނަމަ، އެ ފަރާތުން ށަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށްޓަކައި އެ ހާލަތެއް ލާޒިމުކުރާ ގޮތެއްގެ މަތިން، ކޯޓަށް ދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދޭންވާނެއެވެ.

(ނ) ތުހުމަތުގައިވާ ކުއްޖާ ނުވަތަ ދައުވާލިބޭ ކުއްޖާ ނުވަތަ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ކުއްޖާއަކީ ނުވަތަ މީހާއަކީ ސިކުނޑީގެ ބައްޔެއް ނުވަތަ ނަފްސާނީ ބައްޔެއް ހުރި ފަރާތެއް ކަމުގައި ވާނަމަ، ށަރީއަތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތަކާ ގުޅޭ މައުލޫމާތު، އެ ފަރާތަށް ދޭހާވާނެ ފަދަ ގޮތަކަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.     

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ހުރި ކުއްޖަކު ކޯޓަށް ހާޒިރުކުރާނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނުވަތަ ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން އެ މައުލޫމާތު ކޯޓަށް ދުރާލައި އަންގަންވާނެއެވެ. އަދި މިކަމުގައި، ކަމާ ގުޅުންހުރި ދާއިރާއެއްގެ އެހީތެރިކަން ނުވަތަ ޗައިލްޑް ސައިކޮލޮޖިސްޓެއްގެ ނުވަތަ މެންޓަލް ހެލްތް ސްޕެށަލިސްޓެއްގެ އެހީތެރިކަން ކޯޓަށް ބޭނުންވާނަމަ، އެފަދަ ފަރާތެއްގެ އެހީތެރިކަމަށް އެދުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.    

 

29 ވަނަ މާއްދާ - އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް މައުލޫމާތު ހިއްސާކުރުން

(ހ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެއްވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ، މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާ ދުވަހާއި ގަޑިއާއި މައްސަލައިގެ ހުކުމް ކުރާ ދުވަހާއި ގަޑި، އަނިޔާ ލިބުނު ފަރާތަށް ނުވަތަ ގެއްލުން ލިބުނު ފަރާތަށް ކޯޓުން އަންގަންވާނެއެވެ. އެހެންނަމަވެސް، އެ ފަރާތުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމަކީ ލާޒިމު ކަމެއް ނޫނެވެ. އަދި އަނިޔާ ލިބުނު  ނުވަތަ ގެއްލުން ލިބުނު ފަރާތުން މައްސަލަ ކުރިޔަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން އެދޭނަމަ، އެ މައުލޫމާތަކީ އެ ފަރާތަށް ހާމަކުރެވިދާނެ ފަދަ މައުލޫމާތަކަށް ވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މައުލޫމާތު އެފަރާތާ ހިއްސާކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.    

(ށ) މައްސަލައިގައި އަނިޔާ ލިބުނީ ނުވަތަ ގެއްލުން ލިބުނީ 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކަށް ކަމަށް ވާނަމަ، އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ކުއްޖާއާއި އެ ކުއްޖާގެ ބެލެނިވެރިޔާ އެދޭނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ މައުލޫމާތު ކޯޓުން ދޭންވާނެއެވެ.     

(ނ) މައްސަލައިގައި އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތުން ކުއްޖާގެ ށަރީއަތުގެ މަޖިލީހަށް ހާޒިރުވާން އެދޭނަމަ، އަދި އެ ފަރާތަކީ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހާޒިރުކުރެވޭނެ ފަރާތެއް ނޫންނަމަ، އެ ފަރާތަށް   އެ ފުރުސަތު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.   

(ރ) މައްސަލައިގައި އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަކީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހާޒިރުކުރެވޭނެ ފަރާތެއްކަމަށް ބެލެވޭ ހާލަތުގައި، އެ ފަރާތުން ށަރީއަތުގެ މަޖިލިސްތަކަށް ހާޒިރުވުމަށް އެދުމުން، އެ ފަރާތެއްގެ ހެކިބަސް ނެގުމުގެ ކުރިން ނުވަތަ ގުޅުންހުރި އެހެން ހެކިންގެ ހެކިބަސް ނެގުމުގެ ކުރިން   އެ ފަރާތެއް ށަރީއަތަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަކީ، އަދުލު އިންސާފަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އަނިޔާ ލިބުނު ނުވަތަ ގެއްލުނު ލިބުނު ފަރާތުގެ ހެކިބަސް ނަގައި ނިމެންދެން އަދި/ނުވަތަ ގުޅުންހުރި ހެކިންގެ ހެކިބަސް ނަގައި ނިމެންދެން، އަނިޔާ ލިބުނު ފަރާތަށް ނުވަތަ ގެއްލުން ލިބުނު ފަރާތަށް ށަރީއަތަށް ހާޒިރުވުމުގެ ފުރުސަތު ދިނުން ފަސްކުރުމަށް ނިންމުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް،  އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތުން މައްސަލަ ކުރިޔަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން އެދޭނަމަ، އެ މައުލޫމާތަކީ އެ ފަރާތަށް ހާމަކުރެވިދާނެ ފަދަ މައުލޫމާތަކަށް ވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މައުލޫމާތު އެ ފަރާތާ ހިއްސާކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.             

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އަނިޔާ ލިބުނު ފަރާތުން ނުވަތަ ގެއްލުން ލިބުނު ފަރާތުން ށަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް އެދޭ ހާލަތުގައި އަންނަނިވި ގޮތުގެ މަތިން ކޯޓުން އަމަލުކުރަންވާނެއެވެ.

  1. މައްސަލައިގައި އަނިޔާ ލިބުނީ ނުވަތަ ގެއްލުން ލިބުނީ 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކަށް ކަމަށް ވެފައި، އެ ކުއްޖާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވާން އެދޭނަމަ، ބެލެނިވެރިޔަކާއެކު ށަރީއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުއްޖާއަށް ކޯޓުން ދޭންވާނެއެވެ. އަދި މިގޮތަށް ދެވޭ ފުރުސަތުގައި، އަނިޔާ ލިބުނު ކުއްޖާ ނުވަތަ ގެއްލުން ލިބުނު ކުއްޖާ، ށަރީއަތުގެ މަޖިލީހަށް ސީދާ ހާޒިރުކުރުމުގެ ބަދަލުގައި، ކޯޓުގައި އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ށަރީއަތުގެ މަޖިލިސް އަޑުއަހައި ބެލުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސައިދިނުން؛   
  2. އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖާގެ ބެލެނިވެރިޔާއަށް ކުއްޖާއާއެކު ކޯޓަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އަނިޔާ ލިބޭ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފަކު ކުއްޖާއާއެކު ހާޒިރުވެ ހުރުމަށް އެންގުން؛ 
  3. އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގެ ކުރިން ށަރީއަތުގެ މަޖިލިހުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން އެ ފަރާތަށް ކޯޓުން މައުލޫމާތު ދިނުމާއި، ށަރީއަތުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް އަމަލެއް އެ ފަރާތުން ހިންގައިފިނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވާކަން އެ ފަރާތަށް އެންގުން؛
  4. ހުށަހެޅިފައިވާ މައްސަލައިގެ ޒާތާއި ބާވަތުން، އަނިޔާ ލިބުނު ފަރާތް ނުވަތަ ކުށުގެ ސަބަބުން ނިޔާވި ފަރާތެއްގެ އާއިލާއިން ށަރީއަތް އަޑުއެހުމަށް އެދޭނަމަ، ކޯޓުގައި އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ށަރީއަތުގެ މަޖިލިސް އަޑުއަހައި ބެލުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސައިދިނުން. 

(ޅ) މި މާއްދާގައިވާ ގޮތުގެ މަތިން އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް ށަރީއަތަށް ހާޒިރުވުމުގެ ނުވަތަ ށަރީއަތް އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުގައި އަޑުއެހުމުގެ ފުރުސަތު ކޯޓުން ދޭންވާނީ، ދައުލަތުންނާއި ދިފާއުން އެކަމާމެދު އިއުތިރާޒުކުރޭތޯ ބެލުމަށްފަހު، އިއުތިރާޒުކުރާނަމަ އެކަމަށްޓަކައި ހުށަހަޅާ ސަބަބުތައް އަޑުއެހުމަށްފަހު، އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް އެ ފުރުސަތު ދޭން ފަނޑިޔާރު ނިންމާ ހާލަތުގައެވެ.

(ކ) މައްސަލައިގައި ހުކުމްކުރުމާއެކު އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް، މައްސަލައިގައި ށަރީއަތުން ކުރި ހުކުމް ކޯޓުން އަންގަންވާނެއެވެ. އަދި ށަރީއަތުން ކުށް ސާބިތުވާކަމަށް ނިންމައިފިނަމަ، އަދަބު ކަނޑައަޅާ ދުވަހު، ދައުވާލިބޭ ކުއްޖާގެ މައްޗަށް ކަނޑައެޅުނު އަދަބު، އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް ކޯޓުން އަންގަންވާނެއެވެ. އަދަބު ކަނޑައެޅުން ފަސްކޮށް، ކުއްޖާގެ މައްޗަށް ޖަލަށްލުން ފިޔަވައި އެޅިދާނެ އެހެނިހެން ފިޔަވަޅެއް އަޅައިފައިވާނަމަ، އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް ކޯޓުން އެކަން އަންގަންވާނެއެވެ.     

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް ކޯޓުން މި މައުލޫމާތު ދޭނީ ނުވަތަ ކޯޓަށް ހާޒިރުވުމުގެ ފުރުސަތު އެ ފަރާތަށް އޮތްކަން އަންގާނީ އެސް.އެމް.އެސް. އަކުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށެވެ. ކޯޓަށް ހާޒިރުވުމަށް އެ ފަރާތަށް އަމުރު ފޮނުވުމަކީ ލާޒިމުކަމެއް ނޫނެވެ.

(ވ) އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތުން މައްސަލަ ކުރިޔަށްދާގޮތް ބެލުމަށް ބޭނުންނުވާކަމަށް ނުވަތަ މައްސަލައިގައި ކުރެވުނު ހުކުމް އެނގެން ބޭނުންނުވާކަމަށް ބުނެފައިވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ކޯޓުން އެ ފަރާތަށް ފޯރުކޮށްދޭކަށެއް ނުޖެހޭނެއެވެ. އަދި އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް ކުށުގެ ސަބަބުން ކޮށްފައިވާ އަސަރުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތަށް މި މާއްދާގައިވާ މައުލޫމާތު ފޯރުކޮށްދެމުން ގެންދިއުމަކީ އެ ފަރާތުގެ މަސްލަހަތުގައިވާ ކަމެއް ނޫންކަމަށް ފާހަގަކުރެވޭނަމަ، ނުވަތަ އެކަމުގެ ސަބަބުން ނަފްސާނީ އިތުރު ގެއްލުމެއް އެ ފަރާތަށް ކުރިމަތިވެދާނެކަމަށް ކަމާބެހޭ ފަރާތަކުން ލަފާދީފައިވާނަމަ، އެކަމަށް ރިއާޔަތްކޮށް، މި މާއްދާގައިވާ މައުލޫމާތު އެ ފަރާތަށް ފޯރުކޮށް ނުދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތުގެ ހާލަތު ދެނެގަތުމަށް ޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ކޯޓުން މަށްވަރާކުރަންވާނެއެވެ.                       

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދައިން، އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތުން މައްސަލަ ކުރިޔަށްދާގޮތް ބެލުމަށް ބޭނުންނުވާކަމަށް ނުވަތަ މައްސަލައިގައި ކުރެވުނު ހުކުމް އެނގެން ބޭނުންނުވާކަމަށް ބުނެފައިވާނަމަ، ލިޔުމުން އެކަން ރެކޯޑުކުރަންވާނެއެވެ. އަނިޔާ ލިބުނު ނުވަތަ ގެއްލުން ލިބުނު ފަރާތަށް މައުލޫމާތު ފޯރުކޮށްދެމުން ގެންދިއުމަކީ އެ ފަރާތުގެ މަސްލަހަތުގައިވާ ކަމެއް ނޫންކަމަށް ކޯޓުން ނިންމާ ހާލަތްތަކުގައިވެސް ލިޔުމުން އެކަން ރެކޯޑުކުރަންވާނެއެވެ.        

 

ހަތަރުވަނަ ބާބު

ގާނޫނީ ވަކީލުން އައްޔަނު ކުރުމާއި ބަލައިގަތުން 

30 ވަަނަ މާއްދާ - ގާނޫނީ އެހީތެރިކަން ލިބުމުގެ ހައްގާއި ދިފާއީ ވަކީލުން އައްޔަނު ކުރުން

(ހ) ތުހުމަތުގައިވާ ކުއްޖާގެ ނުވަތަ ދައުވާލިބޭ ކުއްޖާގެ ށަރީއަތުގެ އެންމެހައި މަރުހަލާއެއް ކުރިޔަށް ގެންދަންވާނީ، އެ ކުއްޖާގެ ދިފާއުގައި ވަކާލާތުކުރާނެ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމާ އެކުގައެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބަންދާމެދު ގޮތެއް ނިންމުމަށް، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 1-58 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކުއްޖާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ އެންމެ ފުރަތަމަ ވަގުތުން ފެށިގެން ކޯޓުގެ އެންމެހައި މަރުހަލާތަކެއް ނިމެންދެން ކުއްޖާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދޭންޖެހޭނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައިވާ ހައްގު ބޭނުންކުރުމުގައި، އަމިއްލައަށް ދިފާއީ ވަކީލެއް އައްޔަނު ކުރުމުގެ އިހްތިޔާރު، ކުއްޖާއަށާއި ބެލެނިވެރިޔާއަށް ލިބިގެންވެއެވެ. އަދި މިގޮތުގެ މަތިން އައްޔަނުކުރާ ދިފާއީ ވަކީލަކު އައްޔަނުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ''ވަކާލާތުކުރުމަށް އެދޭ ފޯމު'' އިންނެވެ.   

(ރ) ދައުލަތުން ދިފާއީ ވަކީލެއް އައްޔަނު ކުރުމަށް ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ބޭނުންވާނަމަ، އެކަމަށް އެދުމުގެ ފުރުސަތު، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ލިބިގެންވެއެވެ. އަދި މިގޮތުގެ މަތިން ދިފާއީ ވަކީލަކު އައްޔަނު ކުރުމަށް އެދޭނަމަ، ގަވާއިދު ނަންބަރު 4/2021 (ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) ގައިވާ ''ކުޑަކުދިން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު'' ބެލެނިވެރިޔާ ފުރުމަށްފަހު، އެ ފޯމު ކޯޓަށް ހަވާލުކުރުމުން، އެޓަރނީ ޖެނެރަލްގެ އޮފީހަށް، ކޯޓުން އެ ފޯމު ފޮނުވަންވާނެއެވެ.

(ބ) ތުހުމަތުގައިވާ ކުއްޖާއަކީ ނުވަތަ ދައުވާލިބޭ ކުއްޖާއަކީ ބެލެނިވެރިއެއްގެ އަޅައިލުން ލިބެމުންދާ ކުއްޖެއް ކަމުގައި ނުވާނަމަ، ނުވަތަ މަގުބޫލު ސަބަބެއްނެތި ފޯމުގައި ސޮއިކުރުމަށް ބެލެނިވެރިޔާ އިއުތިރާޒުކުރާ ހާލަތުގައި، ގަވާއިދު ނަންބަރު 4/2021 (ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) ގައިވާ ''ކުޑަކުދިން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު'' މެދުވެރިކޮށް، އެ ކުއްޖާގެ ފަރާތުން ދިފާއީ ވަކީލަކަށް އެދޭނީ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިންނެވެ. އަދި އެ ފޯމު ފުރުމަށްފަހު، އެ އިދާރާއިން ނުވަތަ ކޯޓުން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ފޮނުވަންވާނެއެވެ.  

(ޅ) ކުއްޖާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވާއިރު ކުއްޖާއަށް ދިފާއީ ވަކީލަކު ހަމަޖެހިފައި ނުވާނަމަ، ކޯޓަށް ދައުވާ ބަލައިގަނެ، މައްސަލައިގެ ލިޔެކިޔުންތައް ކުއްޖާއާ ހަވާލުކުރާ ދުވަހު، ދައުލަތުގެ ފަރާތުން ދިފާއީ ވަކީލެއް އައްޔަނުކުރަން ބޭނުންވާކަމަށް ކުއްޖާ ބުނާނަމަ، ގަވާއިދު ނަންބަރު 4/2021 (ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) ގައިވާ ''ކުޑަކުދިން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު'' ފުރައި، އެ ފޯމުގައި ބެލެނިވެރިޔާ ލައްވައި ސޮއިކުރުވުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ކޯޓުން ފޮނުވަންވާނެއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ލިބޭތާ ގިނަވެގެން، ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކުއްޖާއަށް ވަކީލަކު ހަމަޖައްސަންވާނެއެވެ. 

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުވާލިބޭ ކުއްޖާ އަމިއްލައަށް ދިފާއީ ވަކީލަކު އައްޔަނު ކުރަން ބޭނުންވާކަމަށް ބުނެފައިވާނަމަ، މި ގަވާއިދުގެ 81 ވަނަ މާއްދާގެ ދަށުން، ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރާ ދުވަހުން ފެށިގެން، ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި  ދިފާއީ ވަކީލެއް އައްޔަނު ކުރުމުގެ ފުރުސަތު ކުއްޖާއަށް ކޯޓުން ދޭންވާނެއެވެ. އަދި މިފަދައިން ދެވޭ ފުރުސަތުތައް، މައްސަލަ ފައިލުގައިވާ ށީޓުގައި ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު ކުއްޖާގެ ފަރާތުން ދިފާއީ ވަކީލަކު އައްޔަނުކޮށްފައިވޭތޯ ކޯޓުން ބަލައި ސާފުކުރަންވާނެއެވެ. އަދި ށަރީއަތަށް ގަބޫލުކުރެވޭ ފަދަ މަގުބޫލު ސަބަބެއް ހުށަހަޅައިފިނަމަ، އިތުރު މުއްދަތެއް ދެވިދާނެއެވެ. މި މާއްދާގެ ދަށުން އިތުރު މުއްދަތެއް ދޭން ނިންމާނަމަ، އެފަދައިން ދެވޭ މުއްދަތު، ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަމިއްލައަށް ދިފާއީ ވަކީލަކު އައްޔަނުކޮށްފައި ނުވާނަމަ، ދިފާއީ ވަކީލަކު އައްޔަނުކުރަން ތަނަވަސްކަމެއް ނެތީކަމަށް ނުވަތަ އަމިއްލައަށް ވަކީލަކު ހަމަޖައްސަން ބޭނުންނުވަނީކަމަށް ކޯޓުން އިފްތިރާޒުކޮށް، ގަވާއިދު ނަންބަރު 4/2021 (ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) ގައިވާ ''ކުޑަކުދިން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު'' ފުރައި، އެ ފޯމުގައި ބެލެނިވެރިޔާ ލައްވައި ސޮއިކުރުވުމަށްފަހު، އެ ފޯމު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ކޯޓުން ފޮނުވަންވާނެއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ލިބޭތާ ގިނަވެގެން، ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކުއްޖާއަށް ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ.  

(ވ) ކުއްޖާގެ މައްޗަށް ހުށަހެޅިފައިވަނީ ޖިންސީ ކުށުގެ ތުހުމަތެއް ނަމަ ނުވަތަ ދައުވާއެއްނަމަ، އަދި އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ދިފާއީ ވަކީލެއް އައްޔަނުކުރަން ކުއްޖާ އެދޭނަމަ، އެ މައްސަލައިގައި ކުއްޖާގެ ފަރާތުން ވަކާލާތުކުރަން ކުއްޖާ އެދޭ ޖިންސެއްގެ ވަކީލެއް އިހްތިޔާރުކުރުމުގެ ފުރުސަތު ކުއްޖާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ކުއްޖާ އެދޭ ޖިންސެއްގެ ވަކީލެއް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެއިޑް ހިދުމަތުގެ ތެރޭގައި އެ ވަގުތަކު ހަމަޖެއްސެން ނެތްނަމަ، ދައުލަތުން ހަމަޖައްސައިދޭ ވަކީލާއެކު ށަރީއަތް ކުރިޔަށް ގެންދަންވާނެއެވެ.  

(މ) ކުޑަކުއްޖަކު ހައްޔަރުކޮށްފައިވަނީ ނުވަތަ ބަންދުގައި ބަހައްޓައިފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ހޭބިއަސް ކޯޕަސް އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު، ކުއްޖާގެ ފަރާތުން ވަކާލާތުކުރާނެ ވަކީލަކު އައްޔަނުކޮށްފައި ނުވާނަމަ، ގަވާއިދު ނަންބަރު 4/2021 (ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) ގައިވާ ''ކުޑަކުދިން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު'' ފުރައިފައި، އެ ފޯމުގައި ބެލެނިވެރިޔާ ލައްވައި ސޮއިކުރުވުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހަށް އެ ފޯމު ކޯޓުން ފޮނުވަންވާނެއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޯމު ލިބުމުން، ވީ އެންމެ އަވަހަކަށް ކުއްޖާއަށް ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ.                                   

 

31 ވަަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މައްސަލަތައް

ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފަށާއިރު ޖުވެނައިލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ކުއްޖާއަށް ގާނޫނީ ވަކީލަކު އައްޔަނު ކުރެވިފައި ނުވާނަމަ، މި ބާބުގައިވާ ގޮތުގެ މަތިން ކުއްޖާއަށް ވަކީލަކު އައްޔަނު ކުރުމުގެ އިންތިޒާމުތައް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިންނާއި ކޯޓުން ކުރިޔަށް ގެންދަންވާނެއެވެ.      

 

32 ވަަނަ މާއްދާ - ގާނޫނީ ވަކީލުންނަށް ހާއްސަ ތަމްރީނު ލިބިދިނުން

(ހ) ކޯޓަށް ހާޒިރުވާ ގާނޫނީ ވަކީލުންނަކީ، ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމަށާއި ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށާއި ބައިނަލްއަގްވާމީ އުސޫލުތަކާއި މިންގަނޑުތަކަށް އަހުލުވެރި، އެ ކުދިންނަށް ކުރިމަތިވާ ކަންތައްތަކާއި، ކުޑަކުދިންނާ މުއާމަލާތު ކުރުމުގެ ހުނަރުތަކާއި، އެކި ބާވަތުގެ މައްސަލަތަކުގައި ހެކިންގެ ގޮތުގައި ހާޒިރުކުރެވޭ ކުޑަކުދިންނާ ށަރީއަތުގައި ސުވާލުކުރުމުގެ ހުނަރުތަކާ ގުޅޭގޮތުން ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިފަދައިން ހިންގޭ ތަމްރީނުތަކަކީ، މި ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތުގެ މާހައުލުގައި ފޯރުކޮށްދެވޭ ތަމްރީނުތަކަކަށް ވާންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާއްސަ ތަމްރީނު، ކަމާ ގުޅުންހުރި އިދާރާތަކާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކުރިޔަށް ގެންދަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާއްސަ ތަމްރީނު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ނިޒާމުގެ ތެރޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުން ފުރިހަމަ ކުރުމުން، އެ ވަކީލުންގެ މައުލޫމާތު ޖުވެނައިލް ކޯޓަށް ހިއްސާ ކުރަންވާނެއެވެ. އަދި ތަމްރީން ލިބިފައިވާ ވަކީލުންގެ ލިސްޓު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި، ކުއްޖާގެ ދިފާއުގައި ވަކާލާތުކުރުމަށް ކޯޓަށް ހާޒިރުވާ ވަކީލުން ހިމެނޭގޮތުން، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، ކަމާ ގުޅޭ މުއައްސަސާއިން ހޯދަންވާނެއެވެ.

 

33 ވަަނަ މާއްދާ - ވަކާލާތުކުރުމަށް އެދި ހުށަހެޅުމާއި ބަލައިގަތުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތެއްގައި ނުވަތަ ދައުވާއެއްގައި، އެ ކުއްޖާއަށް ދިފާއީ ވަކީލަކު އައްޔަނު ކުރަންވާނީ، އެ ކުއްޖާގެ ބެލެނިވެރިޔާއެވެ. އަދި ބެލެނިވެރިއެއް ނެތް ހާލަތުގައި ނުވަތަ ވަކީލު އައްޔަނު ކުރުމަށް ބެލެނިވެރިޔާގެ ފަރާތުން އެއްބާރުލުން ނުލިބޭ ހާލަތުގައި އެކަން ކުރާނީ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިންނެވެ. މި ނޫން ގޮތަކަށް އައްޔަނުވެގެން ކޯޓަށް ހާޒިރުވާ ދިފާއީ ވަކީލުން ބަލައިނުގަތުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.        

(ށ) ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ވަކީލުން ފިޔަވައި އެ ނޫން ގޮތަކަށް ހާޒިރުވާ ވަކީލުން ށަރީއަތަށް ހާޒިރުވާންވާނީ، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކުއްޖާގެ ދިފާއީ ވަކީލެއް ކަމުގައި އައްޔަނުވެގެންނެވެ. އަދި "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ''ވަކާލާތުކުރުމަށް އެދޭ ފޯމު'' ފުރިހަމަކުރުމަށްފަހު، ކޯޓަށް އެ ފޯމު ހުށަހަޅަންވާނެއެވެ.          

(ނ) ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ދިފާއީ ވަކީލު އައްޔަނުކުރެވިފައިވާކަން ބަޔާންކޮށް، އެޓަރނީ ޖެނެރަލްގެ އޮފީހުން ލިޔުން ލިބުމުން، އެ ފަރާތަކީ ކުއްޖާގެ ދިފާއީ ވަކީލުކަމުގައި އައްޔަނު ކުރެވިފައިވާ ފަރާތް ކަމުގައި ކޯޓުން ބަލައިގަންނަންވާނެއެވެ. އަދި މިފަދައިން އައްޔަނުކުރެވިފައިވާ ވަކީލު އެއްވެސް ސަބަބަކާހުރެ ބަދަލުވެއްޖެނަމަ، އެޓަރނީ ޖެނެރަލްގެ އޮފީހުން އެކަން ލިޔުމަކުން ކޯޓަށް އަންގަންވާނެއެވެ.

(ރ) ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކާއި ދައުވާކުރާ ފަރާތްތަކުގެ ހައިސިއްޔަތުން، އެ މީހަކު އެ މައްސަލައެއްގެ ތަހުގީގު ކުރުމުގައި ބައިވެރިވެފައިވާ ނުވަތަ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ މައްސަލަތަކުގައްޔާއި، އެ މީހެއްގެ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި، ދިފާއީ ވަކީލެއްގެ ގޮތުގައި   އެ މީހަކު ބަލައެއް ނުގަނެވޭނެއެވެ.

 

34 ވަަނަ މާއްދާ - ދިފާއީ ވަކީލާ މުއާމަލާތު ކުރުން

(ހ) ކުށުގެ ތުހުމަތުގައިވާ ނުވަތަ ދައުވާލިބޭ ކުޑަކުއްޖެއްގެ ދިފާއީ ވަކީލު، ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން ކުއްޖާއާ ބައްދަލުކުރުމަށް އެދިއްޖެނަމަ، ކޯޓުން އެކަން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ކުއްޖާ ހުރީ ދިފާއީ ވަކީލު ހުރި ތަން ނޫން އެހެން ތަނެއްގައި ކަމަށްވާނަމަ، އަދި ކުރިޔަށް ގެންދެވޭ ށަރީއަތުގެ މަޖިލީހަކީ އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގެ ޒަރީއާއިން ކުރިޔަށް ގެންދެވޭ ށަރީއަތުގެ މަޖިލީހެއްނަމަ،     މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާއަށް އޭނާގެ ދިފާއީ ވަކީލާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ކޯޓުން ހަމަޖައްސައިދޭންވާނެއެވެ. އަދި ކުއްޖާއާއި އޭނާގެ ދިފާއީ ވަކީލާ ދެމެދު ކުރެވޭ މުއާމަލާތަކީ އެހެން އިތުރު ފަރާތަކަށް އިވިގެން ނުވާނޭހެން، ސިއްރުކުރެވިފައިވާ އަދި ހިމާޔަތް ލިބިގެންވާ މުއާމަލާތެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް ކޯޓުން އަޅަންވާނެއެވެ.        

 

35 ވަަނަ މާއްދާ - އަޑުއެހުމަށް ދިފާއީ ވަކީލުން ހާޒިރު ނުވުން

(ހ) މައްސަލައިގެ އަޑުއެހުން އޮންނަ ތާރީހާއި ގަޑި ދިފާއީ ވަކީލަށް އަންގައިފައިވަނިކޮށް، ނުވަތަ އެކަމުގެ މައުލޫމާތު ދިފާއީ ވަކީލަށް ލިބިފައިވަނިކޮށް، މަގްބޫލު އުޒުރެއް ނެތި އެ އަޑުއެހުމަށް ހާޒިރު ނުވެވޭނެ ގޮތަކަށް ވަކީލު އަމަލުކޮށްގެން ނުވާނެއެވެ.

(ށ) ރަށުން ބޭރަށް ދާންޖެހުމުގެ ސަބަބުން މައްސަލައެއްގެ އަޑުއެހުމަށް ދިފާއީ ވަކީލަށް ހާޒިރުނުވެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ''ފުރައިގެން ދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ    ފޯމު'' އިން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި ބަލިވުމުގެ ސަބަބުން ށަރީއަތަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ،  އެ ގަވާއިދުގައިވާ ''ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމު'' އިން އެކަން ކޯޓަށް އަންގަންވާނެއެވެ. އެހެން ކޯޓެއްގައި ތާވަލުކުރެވިފައިވާ ށަރީއަތަކަށް ހާޒިރުވުމަށްޓަކައި ޖުވެނައިލް ކޯޓުގެ ށަރީއަތަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.   

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުން އައްޔަނު ކޮށްފައިވާ ދިފާއީ ވަކީލަކު، ރަށުން ބޭރަށް ދާންޖެހިގެން ޖުވެނައިލް ކޯޓުގެ ށަރީއަތަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެޓަރނީ ޖެނެރަލްގެ އޮފީހުން އެކަން ބަޔާންކޮށް ލިޔުމެއް ކޯޓަށް ލިބުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަވީ ކަމުގައި ބަލައިގަންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަކީލު އަމަލުކޮށްފިނަމަ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރުމަށް ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެ ވަކީލަކު ކޯޓަށް ބަލައިނުގަތުމަށް ނިންމުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.   

 

36 ވަަނަ މާއްދާ - ވަކާލާތުކުރަމުންދާ މައްސަލައަކުން ތަނާޒުލުވުން ނުވަތަ ވަކީލު ބަދަލުވުން

(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ވަކާލާތު ކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ ބެލެނިވެރިއެއް ނެތް ހާލަތުގައި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް އެންގުމާއެކު، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ''މައްސަލައިން ތަނާޒުލުވުމަށް އެދި ވަކީލު ހުށަހަޅާ ފޯމު'' ފުރިހަމަކޮށްފައި ކޯޓަށް ހުށަހަޅަންވާނެއެވެ. ދައުލަތުގެ ފަރާތުން ހަމަޖައްސައިފައިވާ ދިފާއީ ވަކީލެއް ތަނާޒުލުވާން އެދޭނަމަ، ވަކީލު ތަނާޒުލުވާކަން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންގަންވާނެއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަކީލު ތަނާޒުލުވާ ހާލަތުގައި، މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ''ލިޔެކިޔުންތަކުގެ ޗެކްލިސްޓް'' އާއެކު ކޯޓަށް ހަވާލުކުރަންވާނެއެވެ. އަދި އެ ލިޔެކިޔުންތައް ކޯޓަށް ލިބުމުން، ޗެކްލިސްޓުގައިވާ ގޮތަށް ލިޔެކިޔުންތައް ހަމަތޯ ބެލުމަށްފަހު، މައްސަލައަށް އިތުރު ވަކީލަކު ހަމަޖެހުމުން އެ ފަރާތާ ހަވާލުކުރުމަށްޓަކައި ކޯޓުން އެ ލިޔެކިޔުންތައް ސީލްކޮށް ރައްކައުކުރަންވާނެއެވެ.     

(ނ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތުކުރަމުންދާ ފަރާތެއް އެއްވެސް ސަބަބަކާހުރެ އެ މައްސަލައިގައި އިތުރަށް ވަކާލާތުކުރުމަށް ނުކުޅެދިއްޖެނަމަ، މި މާއްދާގައިވާ ގޮތުގެ މަތިން ވަކީލު އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިން މައްސަލައިގެ ލިޔެކިޔުންތައް ކޯޓަށް ހަވާލުކުރަންވާނެއެވެ.        

 

37 ވަަނަ މާއްދާ - ވަކީލުން ހިފަހައްޓަންޖެހޭ މިންގަނޑުތައް

(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހާޒިރުވާ ވަކީލަކު، ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތަކާ ނުވަތަ ގާނޫނީ ވަކީލުންނާ ގުޅޭ ޕްރޮފެށަނަލް ކޮންޑަކްޓުގެ އުސޫލުތަކާ ހިލާފުވެއްޖެނަމަ، ނުވަތަ ވަކީލެއްގެ ފަރާތުން އެފަދަ ކަމެއް ކޯޓަށް ފާހަގަކުރެވިއްޖެނަމަ، އަމަލުކުރަންވާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.   

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ވަކީލެއްގެ ކިބައިން ފާހަގަކުރެވިއްޖެނަމަ، ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 54 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، އެ ވަކީލަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ސުލޫކީ ށަކުވާ ހުށަހެޅުމާއެކު، އެ މައްސަލަ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބަލައި ވަކިގޮތެއް ނިމެންދެން، އެ ވަކީލު ކޯޓަށް ބަލައިނުގަތުމަށް ނިންމުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ. 

(ނ) ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ދިފާއީ ވަކީލާ ގުޅޭގޮތުން މައްސަލައެއް ށަރީއަތަށް ފާހަގަކުރެވޭނަމަ، އެ ށަކުވާ ކޯޓުން ހުށަހަޅާނީ، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔުމުންނެވެ.

(ރ) ވަކީލާ ގުޅޭގޮތުން ކޯޓުން ށަކުވާއެއް ހުށަހަޅާނީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ށަރީއަތަށް ފާހަގަކުރެވޭނަމައެވެ.

  1. ށަރީއަތަށް އެކަށީގެންވާ މިންވަރަކަށް ތައްޔާރުނުވުން؛
  2. ވަކީލާ ގުޅޭގޮތުން ކުއްޖާގެ ފަރާތުން ނުވަތަ ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން ށަރީއަތަށް ށަކުވާއެއް ހުށަހެޅުން؛
  3. ކުއްޖާގެ މަސްލަހަތުގައި މަސައްކަތް ނުކުރާކަމަށް ށަރީއަތަށް ފާހަގަކުރެވުން؛
  4. ކުއްޖާގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް ވަކީލު އަމަލުކުރުން؛ 
  5. މި ނޫންވެސް، ށަރީއަތަށް ފާހަގަކުރެވޭ އިތުރު ކަމެއް ނުވަތަ ކަންތައްތަކެއް.                
  6. ކުއްޖާގެ ވަކީލުގެ ފަރާތުން، ކަމާނުބެހޭ ފަރާތަކަށް ކުއްޖާއާ ގުޅޭ މައުލޫމާތެއް ނުވަތަ މައްސަލައާ ގުޅޭ މައުލޫމާތެއް ހާމަކޮށްފިނަމަ، ގާނޫނު ނަންބަރު 5/2019 (ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން، އެ ވަކީލަކާމެދު ފިޔަވަޅު އެޅުމަށް ފޮނުވުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

ދެވަނަ ބައި

ފަސްވަނަ ބާބު

ކޯޓު އަމުރު

38 ވަަނަ މާއްދާ ތަހުގީގު މަރުހަލާގައި ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުން ކަނޑައެޅުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުޑަކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓު އަމުރު ދޫކުރާނީ ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނެވެ.          

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރު ދޫކުރުމަށް ފަނޑިޔާރުން ހާއްސަވާ ދުވަސްތަކުގެ ތާވަލެއް ހެދުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.  

 

39 ވަަނަ މާއްދާ - ކޯޓު އަމުރު ދޫކުރުމަށް ހާއްސަވާންޖެހޭ ދުވަސްތައް ކަނޑައެޅުން

(ހ) ކޯޓު އަމުރު ދޫކުރުމަށް ފަނޑިޔާރުން ކަނޑައަޅާއިރު، އެއިން ކޮންމެ ފަނޑިޔާރަކު ކޯޓު އަމުރު ދޫކުރުމަށް ހަފުތާއެއްގެ ތެރޭގައި ހާއްސަވާންޖެހޭ ދުވަސްތައް ކޯޓުން ކަނޑައަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުން ކަނޑައަޅާނީ، ފަނޑިޔާރުން ދައުރުވާގޮތަށް، އަދި ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކަށް ކޯޓު އަމުރު ދޫނުކުރެވޭނެ ގޮތަށެވެ. އެހެންނަމަވެސް، ކޯޓު އަމުރު ދޫކުރުމަށް ކަނޑައަޅައިފައިވާ ފަނޑިޔާރަކު ބަލިވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމުރު ނެރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ ދިމާވާ އެހެންވެސް ސަބަބަކާހުރެ މިގޮތުގެ މަތިން އަމަލުކުރުމަށް ދަތިވެއްޖެނަމަ، ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކު ކޯޓު އަމުރު ދޫކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ދޫކުރާ ކޯޓު އަމުރު އޮންނަންވާނީ ޖުވެނައިލް ކޯޓުގެ ލިޔުމެއްގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ސިއްކަ ޖަހައިފައެވެ. އަދި އެ އަމުރު ދޫކުރި ފަނޑިޔާރުގެ ނަމާއި ސޮއި އަމުރުގައި އޮންނަންވާނެއެވެ.

 

40 ވަަނަ މާއްދާ ކޯޓު އަމުރަށް އެދި ހުށަހެޅުން

(ހ) ކޯޓު އަމުރަށް އެދި ހުށަހަޅާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ. 

(ށ) އަމުރަށް އެދި ހުށަހަޅާ ފޯމާއެކު، އަމުރަށް އެދޭ ފަރާތުގެ އިގުރާރު،  "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ހުށަހަޅަންވާނެއެވެ.

 

41 ވަަނަ މާއްދާ - އަމުރު ނެރުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ހިނދު، ތަހުގީގު މަރުހަލާގައި ކޯޓު އަމުރަށް އެދި ހުށަހެޅުމާއި އަމުރުނެރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) ކުޑަކުއްޖެއްގެ ޖިންސީ ގުނަވަން ބަލައި ފާސްކުރުމަށް، ނުވަތަ ފޮޓޯ ނެގުމަށް ނުވަތަ އެތެރެހަށީގެ ސާމްޕަލެއް ނެގުމަށް އަމުރު ނެރޭއިރު، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

 

42 ވަަނަ މާއްދާ - ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދިންނާ ގުޅޭގޮތުން ކޯޓު އަމުރު ނެރުން

ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުއްޖެއްގެ އަތުގައި ނުވަތަ އޭނާ ބޭނުންކުރާ ވަސީލަތެއްގައި ހުރި ހެއްކެއް ނުވަތަ ގަރީނާއެއް ހޯދުމަށްޓަކައި އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިފިނަމަ، އެ ކުއްޖާގެ އަތުގައި ހުރި އެއްޗެއް ނުވަތަ އޭނާ ބޭނުންކުރާ ވަސީލަތެއް، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހަވާލުކުރުމަށާއި އެފަދަ ވަސީލަތެއް ހުޅުވުމަށް ބޭނުންވާ ޕާސްވާރޑް، ނުވަތަ ލޮކް ކޯޑް، ނުވަތަ ލޮކް ޕެޓާން ނުވަތަ އެހެންވެސް އެއްޗެއް ދިނުމަށް އެ ކުއްޖާގެ މައްޗަށް އަމުރުކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ. ކުއްޖާ ބޭނުންކުރާ ވަސީލަތަކާ ގުޅޭގޮތުން އެހެން އިދާރާއަކުން، މައުލޫމާތު ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން އެދި ހުށަހަޅައިފިނަމަ، އެ ކުއްޖާ ބޭނުންކުރާ ވަސީލަތާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާއަށް އެންގުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ. 

 

43 ވަަނަ މާއްދާ ހެކި ރައްކައުތެރިކުރުމުގެ އަމުރު

ހެކި ހާމަނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް ހާމަކުރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމާއި އަމުރު ނެރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

 

44 ވަަނަ މާއްދާ ހެކި ހާމަކުރުމުގެ އަމުރު

ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމާއި އަމުރު ނެރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

 

45 ވަަނަ މާއްދާ - އެހެނިހެން ކޯޓު އަމުރު

އެހެނިހެން ކޯޓު އަމުރަށް އެދި ހުށަހެޅުމާއި އަމުރު ނެރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

 

46 ވަަނަ މާއްދާ - ކޯޓު އަމުރު ދޫކުރުން

ޖިނާއީ ކުށެއްގެ ތުހުމަތާ ގުޅިގެން ނެރޭ ކޯޓު އަމުރުތައް ދޫކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.  

 

47 ވަަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

ޖިނާއީ ކުށެއްގެ ތުހުމަތާ ގުޅިގެން ފަނޑިޔާރު ނެރެދީފައިވާ ކޯޓު އަމުރުގެ ރެކޯޑު ކޯޓުން ގަވާއިދުން ބަލަހައްޓަންވާނެއެވެ. 

 

48 ވަަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމުމަށް ނެރޭ އަމުރު އިސްތިސްނާވުން

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ނެރޭ އަމުރުތައް، މި ބާބުގެ ދަށުން ނެރޭ އަމުރުތަކުގެ ތެރެޔަކު ނުހިމެނޭނެއެވެ. 

 

49 ވަަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު

ށަރީއަތްތަކާ ގުޅިގެން ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ހާޒިރުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

 

50 ވަަނަ މާއްދާ އަމުރު ބާތިލުކުރުން

މި ގަވާއިދުގެ ދަށުން ކޯޓުން ނެރޭ އަމުރެއް ބާތިލުކުރަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.  

 

51 ވަަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާއިން ހިފަހައްޓާ މުދާ ހޯދުމަށް ކޯޓުގައި އެދުން

ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން، އާންމު ތަނެއް ބަލައި ފާސްކުރުމުގައި ނުވަތަ އުޅަނދެއް ބަލައި ފާސްކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވޭ މުދަލެއް ހިފަހައްޓައިފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، ނުވަތަ އެ މުދާ ހިފެހެއްޓުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ، މުދަލުގެ ވެރިފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމާއި އަމުރު ނެރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

52 ވަަނަ މާއްދާ - ށަރީއަތުގެ މަރުހަލާގައި ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުން

ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ ދައުވާއަކާ ގުޅިގެން ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމަށް އަމުރު ނެރޭނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

 

53 ވަަނަ މާއްދާ - ހޭބިއަސް ކޯޕަސް އަމުރު

ކުޑަކުއްޖަކާ ގުޅޭގޮތުން ހޭބިއަސް ކޯޕަސް އަމުރަކަށް އެދި ހުށަހެޅުމާއި އަމުރު ނެރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

54 ވަަނަ މާއްދާ - މެޑިކަލް އެސެސްމެންޓް ހެދުމަށް އަމުރުކުރުން

(ހ) ދައުވާލިބޭ ކުއްޖާއަކީ ސިކުނޑީގެ އުނިކަމެއް ނުވަތަ ނަފްސާނީ ބައްޔެއްގެ ސަބަބުން ދައުވާ ލިބިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާފަދަ ހާލަތެއްގައި ހުރި ކުއްޖެއްކަމަށް ކުއްޖާގެ ދިފާއީ ވަކީލުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާނަމަ، ނުވަތަ އެފަދައިން ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 121 ވަނަ މާއްދާގެ ދަށުން، އެ ކުއްޖާގެ މެޑިކަލް އެސެސްމެންޓެއް ހެދުމަށް އަމުރުކުރުމުގެ ބާރު، ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެ އަމުރު އޮންނަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.         

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ނެރޭ އަމުރުގެ ދަށުން ހަދަންޖެހޭ އެސެސްމެންޓް ހެދުމުގެ އިންތިޒާމު ކުރިޔަށްދާ ގޮތް ބެލުމާއި، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ބޭނުންވާ އެހީތެރިކަން، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ދޭންވާނެއެވެ.     

 

55 ވަަނަ މާއްދާ - އަމުރާމެދު ނިންމި ގޮތް ލިޔުމުން ދޫކުރުން 

މި ބާބުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަމުރަކަށް އެދި ހުށަހެޅުމުން އެ އަމުރާމެދު ނިންމާގޮތް ލިޔުމުން ދޫކުރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

 

ހަވަނަ ބާބު

ކޯޓަށް ހާޒިރުކުރުން

56 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު

(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށް ނެރޭ އަމުރު އޮންނަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

(ށ) ދައުވާލިބޭ ކުއްޖާއަށް ދައުލަތުގެ ފަރާތުން ދިފާއީ ވަކީލެއް އައްޔަނު ކޮށްފައިވާނަމަ، ކޯޓަށް ހާޒިރުވުމަށް އެ ފަރާތަށް ފޮނުވާ ކޯޓު އަމުރުގެ ކޮޕީ، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.   

 

57 ވަނަ މާއްދާ - އަމުރު ރައްދުކުރުމާއި، ރައްދުކުރެވުނުކަން ކަށަވަރުކުރުން

(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމާއި ރައްދުކުރެވުނުކަން ކަށަވަރުކުރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުވާލިބޭ ކުއްޖާ ކޯޓަށް ހާޒިރުވުމަށް ނުވަތަ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ކުޑަކުއްޖަކު ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރަންވާނީ، އެ ކުއްޖާއަށް ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާއަށެވެ. އެފަދަ އަމުރެއް މި ނޫން ގޮތަކަށް ރައްދުކޮށްގެން ނުވާނެއެވެ.   

(ނ) ދައުވާލިބޭ ކުއްޖާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކޯޓަށް ހާޒިރުވުމަށް ނުވަތަ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ކުޑަކުއްޖެއްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރަންވާނީ ކުއްޖާގެ ބެލެނިވެރިޔާއަށެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ އަމުރު ރައްދުކުރަންވާނީ، ކޯޓުގެ ކަމާބެހޭ މުވައްޒަފެކެވެ.         

 

58 ވަނަ މާއްދާ - އެހެން ރަށެއްގައި ހުރި ފަރާތެއް ކޯޓަށް ހާޒިރުކުރުން

އެހެން ރަށެއްގައި ހުރި ފަރާތެއް ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. 

 

59 ވަނަ މާއްދާ - ކޯޓަށް ހާޒިރުކުރުމުގެ އާންމު މާއްދާތައް

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޯޓަށް ހާޒިރުކުރުމާބެހޭ ގޮތުން "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އާންމު މާއްދާތައް، މި ގަވާއިދުގެ މައްޗަށް ވެސް ހިނގާނެއެވެ.        

 

60 ވަނަ މާއްދާ - ކޯޓަށް ހާޒިރުވާ މީހުން އަޅަންޖެހޭ ހެދުން

(ހ) ށަރީއަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތައް ކޯޓަށް ހާޒިރުވާންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ފަދަ ހެދުމެއްގައެވެ.     

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ށަރީއަތަށް ހާޒިރުކުރެވޭ ދައުވާލިބޭ ކުޑަކުއްޖާއަކީ ބަންދުކޮށްފައި ހުރި ކުއްޖެއްނަމަ، ނުވަތަ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރާ ކުއްޖެއްނަމަ، އެ ކުއްޖާ ހާޒިރުކުރަންވާނީ،   މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އާއި 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.               

 

ހަތްވަނަ ބާބު

ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން

61 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން

(ހ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުއްޖާ ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް ޓަކައި، އަދި އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޓަކައި، ވީ އެންމެ އަވަހަކަށް، އަދި އެ ކުއްޖާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޖުވެނައިލް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ކޯޓުން ކުރިޔަށް ގެންދިއުމަށް ކަނޑައަޅައިފައިވާ ވަގުތުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ލިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވޭ ކުއްޖަކުވެސް ބަންދުގައި ބަހައްޓާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(ނ) އަތޮޅުތެރެއިން ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ކުއްޖާ ހާޒިރުކުރާނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް، ޖުވެނައިލް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށެވެ.           

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ކުއްޖާ ހާޒިރުކުރުމަކީ އެ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުވާނަމަ، އެ ސަރަހައްދުގެ އެހެން މެޖިސްޓްރޭޓް ކޯޓަކަށް ކުއްޖާ ހާޒިރުކުރުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ދެ ގޮތަކީ ވެސް ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުވާނަމަ، އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމާނީ، އެ ރަށެއްގެ ޕޮލިސް ސްޓޭށަނަށް ކުއްޖާ ހާޒިރުކޮށް، އޯޑިއޯ-ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކޯޓުގެ ށަރީއަތުގެ މަޖިލީހާ ގުޅުވައިލައިގެންނެވެ. އެހެންނަމަވެސް، މިގޮތުގެ މަތިން ކުރިޔަށްގެންދާ ށަރީއަތުގެ މަޖިލީހަކީ ކުއްޖާއަށް ރައްކައުތެރި، ކުށުގެ ތުހުމަތުގައި ޕޮލިސް ސްޓޭށަނަށް އެ ވަގުތު ހާޒިރުކޮށްފައި ތިބި އެހެން މީހުންނަށް ނުފެންނާނޭ އަދި އަޑުނީވޭނެ ގޮތެއްގެ މަތިން، އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްގެން ކުރިޔަށް ގެންދެވޭ ށަރީއަތުގެ މަޖިލީހެއްކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ. އަދި އެފަދައިން ށަރީއަތުގެ މަޖިލީހެއް ޕޮލިސް ސްޓޭށަނެއް މެދުވެރިކޮށް ކުރިޔަށް ގެންދަންވާނީ، ކުއްޖާގެ ބެލެނިވެރިޔާ ކުއްޖާއާއެކު އެ ޕޮލިސް ސްޓޭށަނުގައި ހާޒިރުވެ ހުރެގެންނެވެ.          

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ޕޮލިސް ސްޓޭށަނަށް ހާޒިރުކޮށްގެން ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިޔަށް ގެންދަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް އެގޮތަށް ކުރިޔަށް ގެންދިއުމަށް ޓަކައި ކުއްޖާ ޕޮލިސް ސްޓޭށަނަށް ހާޒިރުކުރަންވާނީ، ކޯޓުގެ ހުއްދަ ލިބިގެންނެވެ. އެ ހުއްދަ އެގޮތަށް ދެވިފައިވާކަން، ސަބަބާއެކު، ކޯޓުގެ ބޭނުމަށްޓަކައި ލިޔެ ރައްކައު ކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކުށުގެ ތުހުމަތުގައިވާ ކުއްޖާ ޕޮލިސް ސްޓޭށަނަކަށް ހާޒިރުކޮށްގެން ކުރިޔަށް ގެންދެވޭ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި، ކުއްޖާ ދޭ ބަޔާނެއް ނުވަތަ ކުއްޖާގެ މައްޗަށް ކޯޓުން ކުރާ ށަރުތުތަކެއްގެ ދަށުން ކުއްޖާ އެއްވެސް ލިޔުމެއްގައި ސޮއިކުރަން ޖެހޭނަމަ، އެ ކަމެއް ކުރާނީ ޕޮލިސް ސްޓޭށަން މެދުވެރިކޮށެވެ. އެހެންނަމަވެސް، އެ ހާލަތުގައި އެ ލިޔުމުގައި ކުއްޖާ ސޮއިކުރީ، މި މާއްދާގެ ބޭނުމަށްޓަކައި ކޯޓުގައި ކަމުގައި ބަލަންވާނެއެވެ. އަދި އެފަދައިން ސޮއިކުރާ ލިޔުމެއް ކޯޓުން އަންގާ ގޮތެއްގެ މަތިން ޕޮލިސް ސްޓޭށަނުން ކޯޓަށް ފޮނުވަންވާނެއެވެ.       

 

62 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅުން

(ހ) ބަންދާމެދު ގޮތެއް ނިންމުމަށް އެދި ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) ބަންދާމެދު ގޮތެއް ނިންމުމަށް އެދި ކުޑަކުއްޖަކު ކޯޓަށް ހާޒިރުކުރާއިރު، އެ ކުއްޖާގެ ބެލެނިވެރިޔާއަށާއި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެކަން ދުރާލައި އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކުއްޖާ ކޯޓަށް ހާޒިރުކުރެވޭއިރު، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ އެންގުން އަންގައިފައި ނުވާނަމަ، ކުއްޖާގެ ބެލެނިވެރިޔާއަށާއި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އަންގަން، ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެކަށީގެންވާ ވަގުތެއް ދިނުމަށްފަހު، ކުއްޖާގެ ބެލެނިވެރިޔާއަށާއި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ކޯޓަށް ހާޒިރުވުމަށް ކޯޓުން އަންގަންވާނެއެވެ. 

(ރ) ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ހާޒިރުވެ، ވާހަކަދެއްކުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ބ) ކޯޓަށް ދައުވާ ހުށަހެޅުމުގެ ފަހުން، ތުހުމަތުކުރެވޭ ކުއްޖާ ބަންދުކޮށްފައި ބަހައްޓައިދިނުމަށް އެދި ކޯޓަށް ހުށަހަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނެވެ.

(ޅ) ކުޑަކުއްޖަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ބާރުގެ ބޭނުންކޮށްފައިވާނަމަ ނުވަތަ ހައްޔަރުކުރަން ބޭނުންކުރާ އާލަތެއް ބޭނުންކޮށްފައިވާނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 48 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން، އެ މައުލޫމާތު، ބަންދާމެދު ގޮތެއް ނިންމުމަށް އެދި ކޯޓަށް ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. އަދި މި މައުލޫމާތަކީ، ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުމަށް ކޯޓުން ގެންގުޅޭ އުސޫލުގެ ދަށުން ވަކިން ރެކޯޑުކޮށް ބަލަހައްޓަމުން ގެންދަންޖެހޭ މައުލޫމާތެކެވެ.              

 

63 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިޔަށް ގެންދާނެ ގޮތް

(ހ) ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ފަނޑިޔާރު ފުރަތަމަ ފުރުސަތު ދޭންވާނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފަށެވެ. ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފު މައްސަލަ ހުށަހަޅައި ނިމުމުން، ތުހުމަތުކުރެވޭ ކުއްޖާއަށް ނުވަތަ އެ ކުއްޖާގެ ދިފާއީ ވަކީލަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ. އެއަށްފަހު، ކުއްޖާގެ ބެލެނިވެރިޔާ ފާހަގަކުރަން ބޭނުންވާ ކަމެއް އޮތްނަމަ، އެ ކަމެއް ފާހަގަކުރަން ފުރުސަތު ދޭންވާނެއެވެ. އަދި މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން، ތުހުމަތުގައިވާ ކުއްޖާ އެއްޗެއް ބުނަން ބޭނުންވާނަމަ، އެ ފުރުސަތު އެ ކުއްޖާއަށް ދޭންވާނެއެވެ.

(ށ) ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުއްޖާއާ ގުޅޭގޮތުން ފާހަގަކުރަން ބޭނުންވާ ކަމެއް ފާހަގަކުރުމަށް ނުވަތަ ކުއްޖާ ބަންދުކުރާ ހާލަތުގައި، އެ ކުއްޖާ ބަހައްޓަން އެންމެ އެކަށީގެންވާ ތަނެއް ކަނޑައެޅުމުގައި ކުއްޖާގެ މަސްލަހަތުގައި އެ އިދާރާއިން ދެކޭގޮތް ށަރީއަތަށް ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަށް ފަނޑިޔާރު ދޭންވާނެއެވެ. 

(ނ) ކުށުގެ ތުހުމަތުގައިވާ ކުއްޖާއަކީ ކުރިންވެސް ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި އުޅެމުން އައި ކުއްޖެއްކަމަށް ކުށުގެ ރެކޯޑުތަކުން ދައްކާނަމަ، ނުވަތަ ކުއްޖާގެ މައްސަލައެއް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ކުރިން ހުށަހެޅިފައިވާނަމަ، ކުއްޖާއާމެދު ކުރިން އަޅައިފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރާއި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފާ ފަނޑިޔާރު ސުވާލުކޮށް، އެ މައުލޫމާތު ސާފުކުރަންވާނެއެވެ.                  

 

64 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި ކުށަށް އިއުތިރާފުވުން

(ހ) ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ތުހުމަތުގައިވާ ކުއްޖާ ދޭ ބަޔާންތަކާއި، ދައްކާ ވާހަކަތަކާމެދު "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކޯޓުން އަމަލު ކުރަންވާނެއެވެ.

(ށ) ތުހުމަތުގައިވާ ކުއްޖާ އެ މަޖިލީހުގައި ކުށަށް އިއުތިރާފުވެއްޖަނަމަ، އެ ކުއްޖާ ދޭ ބަޔާން، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން މަހްޒަރު ކުރާއިރު، އެ ބަޔާނަކީ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާ ނެތް ހާލަތެއްގައި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފެއްގެ ހާޒިރުގައި ދީފައިވާ ބަޔާނެއްކަން އެނގޭނެގޮތަށް އެ ބަޔާން މަހްޒަރު ކުރަންވާނެއެވެ. އަދި ތުހުމަތުގައިވާ ކުއްޖާއާއި، އެ ކުއްޖާގެ ދިފާއީ ވަކީލާއި، އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާ ނެތް ހާލަތެއްގައި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފު އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.           

 

65 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ކަނޑައެޅުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމާއެކު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެއެވެ. 

  1. ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ ކުއްޖާ، ބަންދުގައި ބެހެއްޓުމުގެ އަމުރެއް؛
  2. ށަރުތުތަކާއެކު ކުއްޖާ ބަންދުން ދޫކޮށްލުމުގެ އަމުރެއް؛
  3. އެއްވެސް ށަރުތަކާ ނުލައި ކުއްޖާ ބަންދުން ދޫކޮށްލުމުގެ އަމުރެއް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ށަރީއަތް ފެށުމުގެ ކުރިން ކުޑަކުއްޖަކު ބަންދުކޮށްފައި ބެހެއްޓުމަށް ނިންމަންވާނީ، އެ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ރައުޔެއް ހޯދުމަށްފަހު، ކުއްޖާ ދޫކޮށްލައިފިނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު ބަންދުކުރަން ނިންމަންވާނީ، މައްސަލައިގައި ހިމެނޭ އެންމެހައި ހެއްކަށް ރިއާޔަތް ކުރުމާއެކު، ބަންދުކުރުން ފިޔަވައި އެނޫން ފިޔަވަޅެއް އެޅެން އޮތްތޯ ބެލުމަށްފަހު، އެނޫން ގޮތެއް ނެތް ހާލަތުގައެވެ. އަދި މިފަދައިން ކުޑަކުއްޖަކު ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކުއްޖާ ބަންދުކުރަންވާނީ އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށެވެ.  

(ރ) އެއް މައްސަލައެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުދިން، ބަންދުކޮށްފައިވާ ގޮތާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ކުދިން ބަންދުކޮށްފައިވާ ގޮތާމެދު ގޮތެއް ނިންމުމުގައްޔާއި، ބަންދުގައި ބަހައްޓަން ނިންމާނަމަ މުއްދަތެއް ކަނޑައަޅާނީ، ކޮންމެ ކުއްޖަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ހެކިތަކަށާއި އެއިން ކޮންމެ ކުއްޖެއްގެ ހާލަތަށް ވަކިވަކިން ފަނޑިޔާރު ރިއާޔަތް ކުރުމަށް ފަހުގައެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކުށެއްގެ ތުހުމަތުގައިވާ ކުއްޖަކު ބަންދުކޮށްފައި ބެހެއްޓުމަށް ނިންމުމުގެ ކުރިން އެ ކުއްޖާއަކީ ސްކޫލަކަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ ވޮކޭށަނަލް ސެންޓަރަކަށް ދާ ކުއްޖެއްތޯ ބެލުމަށްފަހު، ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު ނިންމަންވާނީ، އެ ކުއްޖާގެ ތައުލީމު އުނގެނުމުގެ ހައްގަށް ހުރަސްނޭޅޭނޭ ގޮތެއްގެ މަތީންނެވެ. އަދި ބަންދުކޮށްފައި ބަހައްޓަން ނިންމާ މުއްދަތަކީ ކުއްޖާގެ ސްކޫލުގެ ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒުގެ އިމްތިހާނެއް ބާއްވަން ހަމަޖެހިފައިވާ މުއްދަތެއްނަމަ، އެކަމަށްވެސް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ. 

(ޅ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ށަރީއަތް ފެށުމުގެ ކުރިން ކުޑަކުއްޖަކު ޖަލުގައި ބަންދުކޮށްފައި ބަހައްޓަން ކޯޓުން ނިންމައިފިނަމަ، އެ ކުއްޖާ ބަންދުކޮށްފައި ބަހައްޓަންވާނީ، ގާނޫނު ނަންބަރު  18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއްގައެވެ. ނުވަތަ އެ މިންގަނޑަށް ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ މަރުކަޒެއްގައެވެ. މިގޮތުގެ މަތިން ކުއްޖާ ބަހައްޓަންޖެހޭ ތަން، ކޯޓު އަމުރުގައި ބަޔާންކުރަންވާނެއެވެ.   

(ކ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުކޮށްފައި ބެހެއްޓުމަށް ނިންމާ ހާލަތުގައި، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، އެ ކުއްޖާ ގޭގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި މިފަދައިން ބަންދުކުރަން ނިންމާ ހާލަތުގައި ވެސް، ކުއްޖާގެ މައްޗަށް އިތުރު ށަރުތުތަކެއް ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

(އ) މި މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ކުއްޖާ ގޭގައި ބަންދުކުރުމަށް ނިންމާ ހާލަތުގައި، ކޯޓު އަމުރުގައިވާ ގޮތުގެ މަތިން، ކުއްޖާ ގޭގައި ހުރިތޯ ބަލައި މޮނިޓަރކުރުމާއި، ކުއްޖާ އަމުރާ ހިލާފުވެފައިވާނަމަ، އެ ކަން ކޯޓަށް އެންގުމަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ޒިންމާއެކެވެ.

(ވ) މި މާއްދާގެ ދަށުން، ށަރީއަތް ފެށުމުގެ ކުރިން ކުޑަކުއްޖަކު ބަންދުކޮށްފައި ބަހައްޓަން ނިންމަންވާނީ، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތީންނެވެ. 

(މ) ކުޑަކުއްޖަކު ބަންދުކުރުމަށް ފަނޑިޔާރު ނިންމައިފިނަމަ، ތަހުގީގު މަރުހަލާގައި އެ ނިންމުން ނިންމަން މެދުވެރިވި ސަބަބު ނުވަތަ ހާލަތު ދެމިއޮތްތޯ ބެލުމަށް ޓަކައި ގަވާއިދުން ކޯޓަށް ރިޕޯޓުކުރުމަށް، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ފަނޑިޔާރު އަންގަންވާނެއެވެ. 

(ފ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުއްޖާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމާއެކު، ގާނޫނު ނަންބަރު  18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއް ނެތް ކަމުގައި ވިޔަސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ށަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.   

(ދ) މި މާއްދާގެ (ފ) ގެ ދަށުން ކުޑަކުއްޖަކު ށަރުތުކޮށް ދޫކޮށްލުމަށް ނިންމުމުގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (15) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކަންކަމުގެ ތެރެއިން ކަމަކަށް ނުވަތަ އެއްކަމަށްވުރެ ގިނަ ކަންކަމަށް ށަރުތުކޮށްފައި ދޫކޮށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ތ) ށަރުތުކޮށްފައި ބަންދުން ދޫކޮށްއިރު ކަނޑައަޅާ މުއްދަތު، 100 (އެއްސަތޭކަ) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ލ) މި މާއްދާގެ (ފ) ގައިވާ ގޮތުގެ މަތިން ށަރުތުކޮށްފައި ކުއްޖާ ދޫކޮށްލާ ދޫކޮށްލުމަކީ ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި މުރާޖައާ ކުރެވިދާނެ ނިންމުމެކެވެ.  

(ގ) ށަރުތުކޮށްފައި ދޫކޮށްލެވޭ ކުއްޖާއާއި އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އެ ފަރާތް ނެތް ހާލަތެއްގައި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފަކު، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ''ބަންދުކޮށްފައިވާ ކުއްޖަކު ށަރުތުކޮށްފައި ދޫކުރުމުގެ އިގުރާރު'' ގައި ސޮއިކޮށްފައި އިނގިލީގެ ނިށާން ޖަހަންވާނެއެވެ.                 

(ޏ) ށަރުތުކޮށްފައި ދޫކޮށްލެވޭ ކުއްޖާ ރަނގަޅުގޮތުގައި ބެލެހެއްޓުމަށާއި، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކުއްޖާ ކޯޓަށް ހާޒިރުކޮށްދިނުމަށް، ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށް ކޯޓުން ށަރުތުކުރާނަމަ، އެ ށަރުތާ އެއްގޮތަށް އަމަލުކުރުމަށް، މި މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ އިގުރާރުގައި ބެލެނިވެރިޔާ ސޮއިކޮށްފައި އިނގިލީގެ ނިށާން ޖަހަންވާނެއެވެ.      

(ސ) މި މާއްދާގެ ދަށުން ށަރުތުކޮށް ދޫކޮށްލައިފައިވާ ކުއްޖާ، ށަރުތާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ޒިންމާއެކެވެ. އަދި ކުއްޖާ ށަރުތާ ހިލާފުވެއްޖެނަމަ، އެކަން ކޯޓަށް އެންގުމަށްފަހު ކުއްޖާ ކޯޓަށް ހާޒިރުކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.       

(ޑ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުއްޖާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ އަދި ގާނޫނު ނަންބަރު  18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތެއް ނެތްނަމަ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، އެއްވެސް ށަރުތަކާ ނުލައި ކުއްޖާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ބަންދުން ދޫކޮށްނުލެވޭނެ ގޮތްތައް

ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމާއިރު، ފައިސާ ބެހެއްޓުމަށްފަހު، ކުށުގެ ތުހުމަތުގައިވާ ކުއްޖާ ކަފާލާތުގެ ދަށުން ދޫކޮށްލައިގެން ނުވާނެއެވެ.              

 

67 ވަނަ މާއްދާ - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން

(ހ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވޭ ކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަމަށް ވާނަމަ، އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމާއިރު އެ ކުއްޖާ ހުރި ހާއްސަ ހާލަތަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.   

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމާއިރު، އެ ކުއްޖާއަކީ ބަންދުކޮށްފައި ބަހައްޓަންޖެހޭ ކުއްޖެއްކަމަށް މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ށ) އިން ފަނޑިޔާރު ނިންމާ ހާލަތުގައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މަރުކަޒުގައި، ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު އިސްކަންދޭންވާނެއެވެ. އަދި ކުޑަކުދިންގެ ކަސްޓޯޑިއަލް ނުވަތަ ކަރެކްށަނަލް މަރުކަޒެއްގައި ކުއްޖާ ބަންދުކުރުމަށް އަމުރުކުރަންވާނީ، އެ ނޫން އެހެން ގޮތެއް ނެތިގެން އެޅޭ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ. 

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާއްސަ ހާލަތެއްގައި ހުރި ކުއްޖެއް ކުށުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވިގެން އެ ކުއްޖާއާމެދު ފިޔަވަޅު އަޅާއިރު، އެ ކުއްޖާ ކުށަށް އަރައިގަންނަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓާ އިދާރާއާ ސުވާލުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެ ސަބަބު ދެނެގަތުމަށް ޓަކައި އިތުރަށް ހޯދަންޖެހޭ ކަންތައްތަކެއް ހުރިނަމަ، އެފަދައިން އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުދިންގެ ހާއްސަ ހާލަތަށް ރިއާޔަތްކޮށް، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެފަދަ ކުދިންނާމެދު ފިޔަވަޅުއެޅުމުގައި އެ ކުދިންގެ މަސްލަހަތުގައި، އެ ކުދިންނާ ގުޅޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާ މަށްވަރާކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.   

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުކުރާ ކުއްޖަކާ ގުޅޭގޮތުން ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ކުއްޖާއާމެދު ފިޔަވަޅު އަޅަންވާނީ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންގެންދާ އިދާރާއާއި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ ށާމިލުވާ ގޮތެއްގެ މަތީންނެވެ.    

 

68 ވަނަ މާއްދާ - ކުއްޖާއަށް ކޯޓުން އަންގާ އެންގުންތައް    

(ހ) ކުށެއްގެ ތުހުމަތުގައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމާއިރު، އެ ކުއްޖާ ވަކި ކަމެއް ކުރުމަށް އެންގުމުގެ ބާރު ނުވަތަ ވަކި ކަމެއް ނުކުރުމަށް އެންގުމުގެ ބާރު ނުވަތަ އެ ކުއްޖާގެ މައްޗަށް ށަރުތުތަކެއް ކަނޑައެޅުމުގެ ބާރާއި އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެގޮތުގެ މަތިން، އަންނަނިވި ކަންކަން ކުރުމަށް  އެންގިދާނެއެވެ.  ނުވަތަ ށަރުތު ކުރެވިދާނެއެވެ.         

  1. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް، ކުއްޖާއާ ގުޅޭގޮތުން ނަގަންޖެހޭ ސެށަންތައް ނެގުމަށް ކުއްޖާ ގަވާއިދުން ހާޒިރުވުމާއި ސެށަންތަކަށް އެއްބާރުލުންދިނުން؛
  2. ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން އިސްލާމިކް ކައުންސެލިންގ ސެށަންތަކަށް ހާޒިރުވުން؛  
  3. ކޯޓުން އަންގާ ގޮތެއްގެ މަތިން، ކުއްޖާ ދިރިއުޅެމުންދާ ގެއިން ވަކި ވަގުތުތަކެއްގައި ބޭރަށް ނުނިކުތުން؛
  4. ކޯޓުން އަންގާ އެންގުމާ އެއްގޮތަށް، ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށް ބެލެނިވެރިޔަކާއެކު ގޮސްއައިސްވުން؛
  5. ކޯޓުން ކަނޑައަޅާ ދުވަސްތަކެއްގައި ކޯޓަށް ހާޒިރުވެ، ހާޒިރުވިކަމުގެ ސޮއިކުރުމާއި، ކޯޓުގެ ޕްރޮބޭށަން އޮފިސަރާ ބައްދަލުކުރުން؛
  6. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ފަނޑިޔާރަށް ފެންނަ  އެހެން ކަންކަން.

(ށ) މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާއަށް ކޯޓުން އަންގާ އެންގުންތައް ނުވަތަ ކުއްޖާގެ މައްޗަށް ކޯޓުން ކަނޑައަޅާ ށަރުތުތައް ކޯޓު އަމުރުގައި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާއަށް ކޯޓުން އަންގާ އެންގުންތަކަށް އަމަލުކުރުމުގައި، ބަންދުގައި ހުރި ކުއްޖަކު އެއްތަނުން އަނެއް ތަނަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އެ ކުއްޖަކު ބަންދުކޮށްގެން ބަލަހައްޓަމުންގެންދާ އިދާރާއިންނެވެ. އަދި އެފަދައިން ކުއްޖާ ހާޒިރުކުރާނީ، ކޯޓުން އެކަމަށް އެދި އެ އިދާރާއަށް ފޮނުވާ ކޯޓު އަމުރުގައިވާ ގޮތުގެ މަތީންނެވެ.   

 

69 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމި އަމުރު އޮންނަންވީ ގޮތް

ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކުއްޖާ ބަންދުކުރުމަށް ނުވަތަ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ނެރޭ އަމުރު އޮންނަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

70 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމި އަމުރު ދޫކުރުން

(ހ) ބަންދާމެދު ގޮތެއް ނިންމުމަށްފަހު، އެ ނިންމި ނިންމުމުގެ 1 (އެކެއް) އަސްލު، ތަހުގީގުކުރާ ފަރާތަށް، އަދި 1 (އެކެއް) އަސްލު، ކުއްޖާގެ ބެލެނިވެރިޔާއަށް ކޯޓުން ހަވާލު ކުރަންވާނެއެވެ.

(ށ) އަމުރުގެ 1 (އެކެއް) އަސްލު ފައިލުކުރުމާއެކު، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް، އެ އަމުރުގެ ސްކޭންޑް ކޮޕީއެއް އީމެއިލް ކުރަންވާނެއެވެ.

(ނ) ކުއްޖާއަކީ ށަރުތުކޮށް ދޫކޮށްލައިފައިވާ ކުއްޖެއްނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން، ކުއްޖާ ސޮއިކޮށްފައިވާ އިގުރާރުގެ އަސްލެއް ވެސް އެ ފަރާތްތަކާ ހަވާލު ކުރަންވާނެއެވެ.  

 

71 ވަނަ މާއްދާ - ރިސްކު އެސެސްމެންޓް

(ހ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި، މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާ ހާލަތުގައި، ތުހުމަތުގައިވާ ކުއްޖާގެ ރިސްކް އެންޑް ނީޑްސް އެސެސްމެންޓެއް ހުށަހެޅުމަށް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް، ފަނޑިޔާރު އަންގަންވާނެއެވެ. އަދި އެ އެސެސްމެންޓް ރިޕޯޓު، ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް ނިންމައިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ހުށަހެޅުމަށް ފަނޑިޔާރު އަންގަންވާނެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި، މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ފ) ގެ ދަށުން، ކުއްޖާ ށަރުތުތަކަކާއެކު ދޫކޮށްލަން ފަނޑިޔާރު ނިންމާ ހާލަތުގައި، ތުހުމަތުގައިވާ ކުއްޖާގެ ރިސްކް އެންޑް ނީޑްސް އެސެސްމެންޓެއް، ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް އެންގުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.     

 

72 ވަނަ މާއްދާ - ބަންދާމެދު ނިންމި ނިންމުން މުރާޖައާކުރުން

(ހ) ކުޑަކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްފަހު އެ ނިންމުން ބަދަލުކުރަންޖެހޭ މަގުބޫލު ހާލަތެއް މެދުވެރިވެގެން އެ ނިންމުން މުރާޖައާ ކުރުމަށް، ތުހުމަތުކުރެވޭ ކުއްޖާގެ ފަރާތުން ނުވަތަ މައްސަލަ ތަހުގީގުކުރާ އިދާރާއިން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅައިފިނަމަ، އެ ނިންމުން މުރާޖައާ ކުރުމުގެ އިހްތިޔާރު، އެ ނިންމުން ނިންމި ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ މައްސަލަތަކުގައި، އެ ކުއްޖާ ބަންދުކުރުމަށް ފަނޑިޔާރު ނިންމާ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި އެއްވެސް ފަރާތަކުން ހުށަނޭޅި ނަމަވެސް، އެ ކުއްޖާ ބަންދުކުރުމަށް ނިންމި ނިންމުން ނިންމަން މެދުވެރިވި ސަބަބު ނުވަތަ ހާލަތު ދެމިއޮތްތޯ ބެލުމަށްޓަކައި، ކޮންމެ 15 (ފަނަރަ) ދުވަހަކުން އެއްފަހަރު، އެ ކުއްޖާ ބަންދުކުރުމަށް ނިންމި ނިންމުން، ފަނޑިޔާރު މުރާޖައާ ކުރަންވާނެއެވެ.  

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބަންދުކުރުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް ޓަކައި ކުއްޖާ ކޯޓަށް ހާޒިރުކުރުމަށް، ކުއްޖާ ބަންދުކޮށްގެން ބަލަހައްޓާ ފަރާތަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.   

(ރ) މި މާއްދާގެ ދަށުން، ބަންދުކުރުމަށް ނިންމި ނިންމުން މުރާޖައާކޮށް ގޮތެއް ނިންމުމުގައި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން، މި ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅައިފައިވާ ކުއްޖާގެ ރިސްކް އެންޑް ނީޑްސް އެސެސްމެންޓަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާއިންނާއި ކުއްޖާގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކަށް، ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.   

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކުއްޖާ ބަންދުކުރުމަށް ނިންމި ނިންމުން މުރާޖައާ ކުރާއިރު، މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ދެމިއޮތްނަމަ، ބަންދުގައި ކުއްޖާ އިތުރަށް ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. އެހެންނަމަވެސް، އެ ހާލަތު އެ ގޮތުގައި ނެތްނަމަ، ށަރުތުތަކަކާއެކު ނުވަތަ ށަރުތަކާ ނުލައި ކުއްޖާ ބަންދުން ދޫކޮށްލުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.

(ޅ) ބަންދުކޮށްފައިވާ ކުއްޖާގެ މައްޗަށް އުފުލިފައިވާ ތުހުމަތުގެ ތަހުގީގު ނިމި، ކޯޓަށް ދައުވާ ހުށަހަޅައިފައިވާނަމަ އަދި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައެޅިފައިވާނަމަ، ކުއްޖާ ބަންދުކުރަން ނިންމި ނިންމުން މުރާޖައާކުރާނީ، އެ މައްސަލައެއް ބަލާ ފަނޑިޔާރެވެ. އެ ނޫން ހާލަތްތަކުގައި އެ ނިންމުން މުރާޖައާކުރާނީ، އެ ނިންމުން ނިންމި ފަނޑިޔާރެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން އެ ނިންމުން ނިންމި ފަނޑިޔާރަށް އެ ނިންމުން މުރާޖައާ ނުކުރެވޭނެ ފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ، ކުއްޖާ ބަންދުކުރުމަށް ނިންމި ނިންމުން މުރާޖައާ ކުރާނީ، ކޯޓުގެ އިސް ފަނޑިޔާރެވެ. ނުވަތަ ކޯޓު ހިންގުމާ އެ ވަގުތަކު ހަވާލުވެ ހުރި ފަނޑިޔާރެވެ.

(އ) މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ކ) ގެ ދަށުން ކުއްޖާ ގޭގައި ބަންދުކުރުމަށް ނުވަތަ މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ފ) ގެ ދަށުން ށަރުތުތަކަކާއެކު ކުއްޖާ ދޫކޮށްލުމަށް ނިންމާ ހާލަތުގައި، ކުއްޖާގެ މައްޗަށް ކުރި ގޭބަންދުގެ އަމުރާ ހިލާފުވެއްޖެނަމަ، ނުވަތަ ކުއްޖާގެ މައްޗަށް ކޮށްފައިވާ ށަރުތުތަކާ ހިލާފުވެއްޖެނަމަ، ކުއްޖާ ކޯޓަށް ހާޒިރުކޮށް، އެ ކުއްޖާގެ ބަންދާމެދު ނިންމި ގޮތް މުރާޖައާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

73 ވަނަ މާއްދާ - ބަންދުކޮށްފައިވާ ކުއްޖަކު ކޯޓަށް ހާޒިރުކުރުމަކާ ނުލައި ބަންދުން ދޫކޮށްލުން

ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ކުޑަކުއްޖަކު ކޯޓަށް ހާޒިރުކުރުމަކާ ނުލައި ބަންދުން ދޫކޮށްލާ ހާލަތުގައި، ކޯޓަށާއި، ކުއްޖާގެ ބެލެނިވެރިޔާއަށާއި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެކަން ވަގުތުން އަންގަންވާނެއެވެ.    

 

74 ވަނަ މާއްދާ - ށަރީއަތް ފެށުމަށްފަހު ބަންދާމެދު ގޮތެއް ނިންމުން

(ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅޭ ތަހުގީގު ފުރިހަމަވެފައިވާނަމަ ނުވަތަ ދައުލަތުން ކޯޓުގައި ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފައިވާނަމަ، އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނެވެ.   

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކުއްޖާ ބަންދުކޮށްފައި ބަހައްޓައިދިނުމަށް އެދި ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅުމުން، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް، ހުށަހެޅިފައިވާ ކަންކަމަށް ރިއާޔަތް ކުރުމާއެކީ ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރަށް ނިންމިދާނެއެވެ.   

  1. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިން އަދުލުގެ ގާނޫނު) ގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖުވެނައިލް ޑިޓެންށަން ސެންޓަރެއްގައި ނުވަތަ އެ މިންގަނޑަށް ތައްޔާރުކޮށްފައިވާ، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ރިމާންޑް މަރުކަޒެއްގައި ބަންދުކުރުން؛
  2. ހުށަހެޅިފައިވާ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، އެ ކުއްޖާ ގޭގައި ބަންދުކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުއްޖާ ބަންދުކޮށްފައި ބަހައްޓަން ނިންމާ ހާލަތުގައި، ކުއްޖާގެ މައްޗަށް ހުށަހަޅައިފައިވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި، މައްސަލައިގައި ށަރީއަތުން ގޮތެއް ނިންމަން ހޭދަވާނެކަމަށް ލަފާކުރެވޭ މުއްދަތަށާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން ބަންދުކޮށްފައި ބެހެއްޓުމަށް އެއްފަހަރާ ކަނޑައަޅާ މުއްދަތު 6 (ހައެއް) މަސްދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.   

(ރ) މި މާއްދާގެ ދަށުން، ކުޑަކުއްޖަކު ބަންދުކުރުމަށް ފަނޑިޔާރު ނިންމައިފިނަމަ،  ކުއްޖާ ބަންދުކޮށްފައި ބަހައްޓަންޖެހޭ ސަބަބު ނުވަތަ ހާލަތު ދެމިއޮތްތޯ ބެލުމަށް ޓަކައި ގަވާއިދުން ކޯޓަށް ރިޕޯޓު ކުރުމަށް، ދައުވާކުރާ ފަރާތަށް، ފަނޑިޔާރު އަންގަންވާނެއެވެ. 

(ބ) މި މާއްދާގެ ދަށުން ކުއްޖާ ބަންދުކޮށްފައި ބަހައްޓަން ނިންމާ ހާލަތުގައި ބަންދުކުރުމަށް އަންގާ އަމުރުގައި، ކުއްޖާ ބަންދުކޮށްފައި ބަހައްޓަންޖެހޭ ތަން ބަޔާންކުރަންވާނެއެވެ. 

(ޅ) ށަރީއަތް ފެށުމަށްފަހު ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާ ހާލަތުގައި ވެސް، މި ގަވާއިދުގެ 72 ވަނަ މާއްދާގެ ދަށުން، ކުއްޖާ ބަންދުކުރަން ނިންމައިފައިވާ ނިންމުން މުރާޖައާ ކުރަންވާނެއެވެ.  

(ކ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ކުއްޖާ ގޭގައި ބަންދުކުރުމަށް ނިންމާ ހާލަތުގައި، ކޯޓު އަމުރުގައިވާ ގޮތުގެ މަތިން ކުއްޖާ ގޭގައި ހުރިތޯ ބަލައި މޮނިޓަރކުރުމާއި، ކުއްޖާ އަމުރާ ހިލާފުވެފައިވާނަމަ، ކޯޓަށް އެކަން އެންގުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޒިންމާއެކެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން ގޭބަންދުގައި ތިބޭ ކުދިން، ކޯޓުގެ އަމުރާ ހިލާފުވާ ހާލަތުގައި އެކަން ފަސޭހައިން މޮނިޓަރ ކުރުމަށް ޓަކައި، ކޯޓުން ނެރޭ އަމުރުގެ ކޮޕީއެއް، ދިވެހި ފުލުހުންގެ ހިދުމަތަށް ކޯޓުން ފޮނުވަންވާނެއެވެ. އަދި ކުއްޖާ އަމުރާ ހިލާފުވާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ފާހަގަކުރެވިއްޖެނަމަ، ވީ އެންމެ އަވަހަކަށް ކޯޓަށް އެކަން އަންގަންވާނެއެވެ.

(ވ) ކުއްޖާ ކޯޓު އަމުރާ ހިލާފުވެއްޖެނަމަ، މި ގަވާއިދުގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުމާމެދު ކޯޓުން ނިންމި ނިންމުން މުރާޖައާކޮށް، އެ ނިންމުން އެހެން ގޮތަކަށް ބަދަލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.   

(މ) ށަރީއަތް ފެށުމަށްފަހު، ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުމާމެދު ގޮތެއް ނިންމާއިރު، ށަރުތުތަކަކާއެކު ކުއްޖާ ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެ ހާލަތުގައި އަމަލުކުރާނީ،  މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ދ) އިން ފެށިގެން (ޏ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.      

 

75 ވަނަ މާއްދާ - ބަންދުކުރެވޭ ތަން

(ހ) ކުށެއްގެ ތުހުމަތުގައިވާ ކުއްޖާ ނުވަތަ ދައުވާލިބޭ ކުއްޖާ ކޮންމެހެން ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި، މި ބާބުގައިވާ ގޮތުގެ މަތިން ކުއްޖާގެ ގޭގައި ފިޔަވައި އެހެން ތަނެއްގައި ބަންދުކުރަން އަމުރުކުރާނަމަ، އެ ތަނަކީ ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ، ކުޑަކުދިން ބަންދުކުރަން އެކަށީގެންވާ މިންގަނޑަކަށް ތައްޔާރުކޮށްފައިވާ ތަނެއްތޯއާއި، ބަންދުކޮށްފައި ހުންނައިރު ކުއްޖާއަށް ލިބިދޭންޖެހޭކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގުތައް  އެ ކުއްޖާއަށް ލިބެމުންދޭތޯ ފަނޑިޔާރު ކަށަވަރު ކުރަންވާނެއެވެ.      

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެކަން ފަނޑިޔާރު ކަށަވަރުކުރުމަށް ޓަކައި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ މައުލޫމާތު ސާފުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެކަން ކަށަވަރު ކުރުމަށް ޓަކައި ކޯޓުގެ ފަނޑިޔާރުން އެ ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ވަޒަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.     

 

ތިންވަނަ ބައި

އަށްވަނަ ބާބު

ކޯޓަށް މައްސަލަ ހުށަހެޅުމާއި ބަލައިގަތުން  

76 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތެއްގެ ދައުވާ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނީ، ''ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު'' ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.   

 

77 ވަނަ މާއްދާ - ދައުވާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

(ހ) ކޯޓަށް ހުށަހަޅާ މައްސަލައިގެ ދައުވާ ފޯމާއެކު، އަންނަނިވި މައުލޫމާތު ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.

  1. ދައުވާލިބޭ ކުއްޖާގެ ކާކުކަން އަންގައިދޭ، ކުލަ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ؛
  2. ދައުވާލިބޭ ކުއްޖާގެ ތަހުގީގު ބަޔާނުގެ އަސްލު؛
  3. ދައުވާ ސާބިތުކުރުމަށް ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުންތަކާއި، އެހެނިހެން ތަކެތި؛
  4. ދައުވާ ފޯމާއެކު ހުށަހެޅެން ނެތް މާއްދީ ހެކީގެ ތަފުސީލު؛
  5. ހެކިބަސްދޭ މީހާއަށް ނުވަތަ ކުއްޖާއަށް ހިމާޔަތްދިނުމަށް އެދޭ ހާލަތުގައި މެނުވީ، އެ ހެކިބަސްދޭ ފަރާތްތަކުގެ ތަފުސީލު؛
  6. ހެކިބަސްދޭ މީހާއަށް ނުވަތަ ކުއްޖާއަށް ހިމާޔަތްދޭން ބޭނުންވާ ހާލަތުގައި، ސިއްރުކޮށްފައިވާ ލިޔުންތަކުގެ ކޮޕީ؛
  7. ދައުވާލިބޭ ކުއްޖާއަކީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ ބަންދުކޮށްފައިވާ ބަންދުކުރެވުމާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނު ފަރާތެއްނަމަ، އޭނާގެ ބަންދުކުރެވިފައިވާ ބަންދުކުރެވުމާމެދު ފަނޑިޔާރު ނިންމި ހުރިހާ ނިންމުންތަކުގެ ކޮޕީ؛
  8. ދައުވާލިބޭ ކުއްޖާގެ މައްޗަށް ދައުވާ ހުށަހެޅުމާ ހަމައަށް، ހައްޔަރުކޮށްފައި ބަހައްޓައިފައި ހުރި މުއްދަތު؛ (ދައުވާ ފޯމުގައި ހިމެނުމަށް)  
  9. މައްސަލައިގެ ރެފެރެންސް ނަންބަރު؛ (ދައުވާ ފޯމުގައި ހިމެނުމަށް)
  10. ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 94 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ދައުވާލިބޭ ކުއްޖާއަކީ، އެ މައްސަލައިގައި ބަންދުކޮށްފައި ބެހެއްޓުމާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދެވިފައިވާ ކުއްޖެއްނަމަ، އެކަން އެނގޭނެ ލިޔުން؛
  11. ކޯޓަށް ހުށަހަޅާ މައްސަލައަކީ ކޯޓަކަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާ ނުވަތަ އަނބުރާ ފޮނުވައިލައިފައިވާ މައްސަލައެއްނަމަ، އަނބުރާ ގެންދިޔަ ނުވަތަ އަނބުރާ ފޮނުވައިލި ސަބަބު ބަޔާންކޮށްފައިވާ ކޯޓުގެ ލިޔުމަކާއި، އެ ހާލަތަށް އައިސްފައިވާ ބަދަލު އެނގޭނެ ލިޔުން؛
  12. ދައުވާލިބޭ ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިސްކު އެސެސްމެންޓް ރިޕޯޓާއި، އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓު؛
  13. ދައުވާލިބޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމި ސަބަބުތައް ބަޔާންކޮށްފައިވާ ލިޔުން؛
  14. ދައުވާ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ ލިސްޓު.      

(ށ) ދައުވާގެ ލިޔެކިޔުމުގެ ތެރޭގައި ފޮޓޯޖެހި އެއްވެސް ލިޔުމެއް ހެކީގެ ގޮތުގައި ހުށަހަޅާނަމަ، އެ ފޮޓޯތައް ކުލަ ފޮޓޯގެ ގޮތުގައި ފެންނަން ހުންނާނޭ ފަދައިން ޕްރިންޓްކޮށް، ނުވަތަ ސީޑީއެއްގައި ކޯޓަށް ހުށަހަޅަންވާނެއެވެ.

 

78 ވަނަ މާއްދާ - ކޯޓަށް މައްސަލަ ހުށަހެޅުމާއި، ބަލައިގަތުމާބެހޭ އާންމު އިޖުރާއަތުތައް

ކޯޓަށް މައްސަލައެއް ހުށަހެޅުމާއި، އެ މައްސަލައެއް ބަލައިގަތުމާއި، ނުވަތަ މައްސަލަ ބަލައިނުގަތުމަށް ނިންމުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.     

 

79 ވަނަ މާއްދާ - ގަޒިއްޔާގެ ދަފުތަރު

(ހ) ކޯޓަށް ހުށަހެޅޭ ދައުވާގެ މައްސަލަތައް ލިޔެ ބެލެހެއްޓުމަށް ހާއްސަކޮށްފައިވާ ދަފުތަރެއް ކޯޓުގައި އޮންނަންވާނެއެވެ.    

(ށ) ގަޒިއްޔާގެ ދަފުތަރުގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. ތަހުވީލު ކޮށްފައިވާނަމަ، ތަހްވީލުކުރި ނަންބަރު؛
  3. ހުށަހެޅުނު މައްސަލައަކީ ކުރިން މެޖިސްޓްރޭޓް ކޯޓެއްގައި ކުރިޔަށް ގެންގޮސްފައިވާ މައްސަލައެއްނަމަ، އެ ކޯޓުން ދިން ގަޒިއްޔާ ނަންބަރު؛
  4. ގަޒިއްޔާގެ ބާވަތް؛ 
  5. ތަހުގީގުކުރި ފަރާތުގެ ރެފެރެންސް ނަންބަރު؛
  6. ދައުވާކޮށްފައިވާ ގާނޫނު ނަންބަރު؛
  7. ދައުވާގެ ހުލާސާ؛
  8. ދައުވާ ފޯމު ނަންބަރު؛
  9. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފެރެންސް ނަންބަރު؛
  10. ހުށަހެޅުނު ތާރީހު؛
  11. ހުށަހެޅި ފަރާތް؛
  12. ދައުވާލިބޭ ކުއްޖާގެ ފުރިހަމަ މައުލޫމާތު؛
  13. ދައުވާލިބޭ ކުއްޖާއަކީ ބަންދުކޮށްފައި ހުރި ކުއްޖެއްނަމަ، ބަންދުކޮށްފައި ހުރި މުއްދަތު؛
  14. މައްސަލައަށް ދީފައިވާ ތަފާސްހިސާބު ނަންބަރު؛
  15. މައްސަލަ ހަވާލުކުރި ސެކްށަނާއި، ފަނޑިޔާރު؛
  16. މައްސަލައިގައި ހާޒިރުކުރި ފަރާތްތަކުގެ މައުލޫމާތު؛
  17. މައްސަލަ ނިންމި ފަނޑިޔާރު؛
  18. މައްސަލައިގައި ކޮށްފައިވާ ހުކުމް؛
  19. ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކާމެދު އަމަލުކޮށްފައިވާ ގޮތް؛
  20. މައްސަލަ ނިމުނު ގޮތް؛
  21. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނަންބަރު؛
  22. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ތާރީހު؛
  23. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ފޯމު ނަންބަރު؛
  24. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ގަޒިއްޔާ ނަންބަރު؛
  25. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ތާރީހު؛
  26. ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު މައްސަލަ ނިމުނު ތާރީހު؛
  27. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ހުކުމަށް އައި ބަދަލު؛
  28. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ފޯމު ނަންބަރު؛
  29. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ގަޒިއްޔާ ނަންބަރު؛
  30. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ތާރީހު؛
  31. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްތިއުނާފު މައްސަލަ ނިމުނު ތާރީހު؛
  32. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު މަރުހަލާގައި ހުކުމަށް އައި ބަދަލު.          

 

80 ވަނަ މާއްދާ - ގަޒިއްޔާގެ ފައިލު

(ހ) ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ސްކޭންކޮށް، އެ ލިޔުންތަކުގެ ސޮފްޓް ކޮޕީއާއި ހާޑްކޮޕީ، އެ މައްސަލައަކަށް ހާއްސަ ކޮށްފައިވާ ވަކި ފައިލެއްގައި ބަލަހައްޓަންވާނެއެވެ.

(ށ) ގަޒިއްޔާގެ ފައިލުގައި، އަންނަނިވި މައުލޫމާތު ހިމެނޭ ށީޓެއް އޮންނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛
  2. ދައުވާ ފޯމު ނަންބަރު؛
  3. ދައުވާލިބޭ ކުއްޖާގެ މައުލޫމާތު؛
  4. ދައުވާލިބޭ ކުއްޖާގެ ބެލެނިވެރިޔާގެ މައުލޫމާތު؛
  5. ގަޒިއްޔާގެ ބާވަތާއި ތަފާސްހިސާބު ނަންބަރު؛
  6. ހުށަހެޅުނު ތާރީހު؛
  7. މައްސަލައިގައި ކޮށްފައިވާ ހުކުމް؛
  8. ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތައް؛
  9. ނިމުނު ތާރީހު؛
  10. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނަންބަރު؛
  11. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފެރެންސް ނަންބަރު؛
  12. ތަހުގީގުކުރި ފަރާތުގެ ކޭސް ނަންބަރު؛
  13. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުގެ ނަން؛
  14. ދައުވާލިބޭ ކުއްޖާގެ ވަކީލުގެ މައުލޫމާތު؛
  15. މައްސަލަ ބަލާ ފަނޑިޔާރު؛
  16. މައްސަލަ ހުށަހެޅުނު ސެކްށަން؛
  17. ތަހުގީގު ބަޔާންތަކާއި، ސަފުހާގެ އަދަދު؛
  18. ށަރީއަތުގެ ބަޔާންތަކާއި، ސަފުހާގެ އަދަދު؛
  19. ޕާސްޕޯޓު ހިފެހެއްޓިފައިވާކަން ނުވަތަ ޕާސްޕޯޓު ދޫކުރެވިފައިވާކަން؛
  20. ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރެވުމާމެދު ނިންމައިފައިވާ ނިންމުން؛
  21. ކުށުގެ ރެކޯޑު ސާފުކޮށްފައިވާކަން ނުވަތަ ނޫންކަން.  

(ނ) މައްސަލައިގައި ކޯޓުން އަޅާ ހުރިހާ ފިޔަވަޅުތަކެއް ލިޔެ، ސޮއިކޮށް ތާރީހު ޖަހާގޮތަށް ރެކޯޑު ށީޓެއް ތައްޔާރުކޮށް، ގަޒިއްޔާގެ ފައިލުގެ ތެރޭގައި އޮންނަންވާނެއެވެ. އެ ށީޓު އަބަދުވެސް އޮންނަންވާނީ އެންމެ މަތީގައެވެ. މައްސަލައިގައި އަޅާ ކޮންމެ ފިޔަވަޅެއް އެ ށީޓުގައި ލިޔެ ތާރީހު ޖަހައި ސޮއިކުރަންވާނެއެވެ.

(ރ) ކުޑަކުއްޖެއްގެ މައްޗަށް ކޯޓަށް މައްސަލައެއް  ހުށަހެޅިއްޖެނަމަ، އެ ކުއްޖާއާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ޗައިލްޑް ޕްރޮޓެކްށަންގެ އެއްވެސް މައްސަލައެއް ހުށަހެޅިފައިވޭތޯ ކޯޓުން ބަލަންވާނެއެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާއާ ނުވަތަ އާއިލާއާ ގުޅިގެން ކޯޓުން ކުރަންޖެހޭ އެއްވެސް މަސައްކަތަކަށް ނުވަތަ ކުއްޖާ އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ޓަކައި ކުރެވޭ މަސައްކަތަށް އަސަރުކޮށްފާނެ ފަދަ މައްސަލައެއް އެއްވެސް އިދާރާއަކަށް ހުށަހެޅިފައިވާނަމަ، މައްސަލަ ބަލާ ފަނޑިޔާރުގެ އިރުށާދުގެ ދަށުން، ކުއްޖާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޗައިލްޑް ޕްރޮޓެކްށަން މައްސަލަ ނުވަތަ މައްސަލަތަކުގެ ކުރު ހުލާސާއެއް، މައްސަލަ ބަލާ ސެކްށަނުގެ ލީގަލް އޮފިސަރު، ފަނޑިޔާރުގެ މައުލޫމާތަށް ޓަކައި ތައްޔާރުކޮށް، މައްސަލަ ފައިލުގައި ރައްކައު ކުރަންވާނެއެވެ.        

 

81 ވަނަ މާއްދާ - ދައުވާލިބޭ ފަރާތަށް ލިޔުންތައް ހަވާލުކުރުން

(ހ) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޯޓަށް މައްސަލަ ބަލައިގަތް ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭގޮތުން، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދައުވާލިބޭ ކުއްޖާއަށާއި، އެ ކުއްޖާގެ ބެލެނިވެރިޔާއަށް އެކަން އަންގައި، އެ މައްސަލައިގެ އެންމެހައި ލިޔުންތަކުގެ ކޮޕީ، ދައުވާލިބޭ ކުއްޖާއަށް، ކޯޓުން ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ލިޔުންތައް ހަވާލުކުރާނީ، ދައުވާލިބޭ ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ކޯޓަށް ހާޒިރުކޮށްގެންނެވެ. ދައުވާލިބޭ ކުއްޖާގެ ބެލެނިވެރިޔާ ނެތް ހާލަތެއްގައި ދައުވާ ފޯމާ ގުޅޭ ލިޔުންތައް ހަވާލުކުރާނީ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ހާޒިރުގައި، ކުއްޖާގެ ދިފާއީ ވަކީލަށެވެ.          

(ނ) އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި ލިޔުންތައް ކުއްޖާއަށް ހަވާލުކުރާނީ، އެ އަތޮޅެއްގެ މެޖިސްޓްރޭޓް ކޯޓަށް، ދައުވާލިބޭ ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ހާޒިރުކޮށް، މާލޭގައިވާ ކޯޓުން މެޖިސްޓްރޭޓް ކޯޓަށް އިލެކްޓްރޯނިކްކޮށް ފޮނުވައިފައިވާ ލިޔުންތައް ޕްރިންޓްކޮށްގެންނެވެ. އެފަދައިން ލިޔުންތައް މެޖިސްޓްރޭޓް ކޯޓަށް ޖުވެނައިލް ކޯޓުން ފޮނުވަންވާނީ، އެއީ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ގަޒިއްޔާއަކާ ގުޅޭގޮތުން ހަވާލުކުރާ ލިޔުންތަކެއްކަން އެނގޭނެފަދަ ޖުވެނައިލް ކޯޓުގެ ސިއްކަ ޖަހައިފައިވާ ލިޔުމަކާ އެކުގައެވެ.       

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ލިޔުންތައް ހަވާލުކުރާނީ، ދައުވާލިބޭ ކުއްޖާއާ އެ ތަކެތި ހަވާލުކުރެވުނުކަން ކަށަވަރު ކުރުމަށް ޓަކައި ދައުވާ ފޯމާއެކުގައިވާ ށީޓުގައި ދައުވާލިބޭ ކުއްޖާ ލައްވައި ސޮއިކުރުވުމަށްފަހުގައެވެ.

(ބ) ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ދައުވާ ފޯމާ ގުޅޭ ލިޔުންތައް ހަވާލުކުރާއިރު، ކޯޓަށް މައްސަލަ ހުށަހެޅިގެން ކުރިޔަށްދާނެގޮތުގެ މައުލޫމާތާއި، ކޯޓު މަރުހަލާގައި ދައުވާލިބޭ ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި، ލިބިދެވޭ ފުރުސަތުތަކާއި، އެ ފުރުސަތުތަކާ އެއްގޮތަށް އަމަލުކުރުމުން ނިކުންނާނޭ ނަތީޖާ، މައްސަލަ ބަލާ ސެކްށަނުގެ މުވައްޒަފަކު، ކުއްޖާއަށް ދޭހަވާނެފަދަ ގޮތަކަށް ކުއްޖާއަށް ކިޔައިދޭންވާނެއެވެ. އަދި ކަމެއް ސާފުކުރަން ބޭނުންވާނަމަ، ސެކްށަނާ ގުޅޭނެ ފޯނު ނަންބަރުތައް ދައުވާލިބޭ ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ ކުއްޖާގެ ދިފާއީ ވަކީލަށް ކޯޓުން ދޭންވާނެއެވެ.       

(ޅ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި ލިޔުންތައް ހަވާލުކުރާއިރު، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ދޭނީ އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކޯޓުގެ މައްސަލަ ބަލާ ސެކްށަނުގެ ކަމާ ގުޅުންހުރި މުވައްޒަފެކެވެ.   

(ކ) އަތޮޅުތެރެއިން ހުށަހަޅާ މައްސަލައެއްގައި ވަކާލާތުކުރާ ދިފާއީ ވަކީލު ހުރީ މާލޭގައި ކަމަށް ވާނަމަ، ދައުވާލިބޭ ކުއްޖާ ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާގެ އިޒުނަޔާއެކު އެ ލިޔުންތައް ސީދާ ދިފާއީ ވަކީލާ ހަވާލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.      

 

82 ވަނަ މާއްދާ - މައުލޫމާތު ދިނުމުގެ ބައްދަލުވުން

(ހ) ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ދައުވާލިބޭ ކުއްޖާއަށާއި، އެ ކުއްޖާގެ ބެލެނިވެރިޔާއަށް، ކޯޓުގައި މައްސަލަ ކުރިޔަށްދާނެ ގޮތާބެހޭގޮތުން މައުލޫމާތު ދިނުމަށާއި، ކުއްޖާގެ ހައްގުތަކާއި ހުށަހެޅިފައިވާ މައްސަލައިގެ ޒާތާއި ބާވަތުން، ދައުވާލިބޭ ކުއްޖާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތެއް ހުރިނަމަ އެ ކަމަށް ޓަކައި ބައްދަލުވުމެއް ކޯޓުން ބާއްވަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުން، މި ގަވާއިދުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދައުވާ ފޯމާ ގުޅޭ ލިޔުންތައް ހަވާލުކުރާ ދުވަހު ބޭއްވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެނޫން ދުވަހަކަށް ބައްދަލުވުން ތާވަލު ކުރާނަމަ، ލިޔުންތައް ހަވާލުކުރާތާ ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ބައްދަލުވުން ބާއްވަންވާނެއެވެ. ދިފާއީ ވަކީލެއް އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ދީފައިވާނަމަ، އެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ބައްދަލުވުން ބާއްވަންވާނެއެވެ. 

(ނ) މި މާއްދާގެ ދަށުން ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވާނީ އަންނަނިވި ފަރާތްތަކުންނެވެ.

  1. މައްސަލަ ބަލާ ސެކްށަނުގެ ކަމާ ގުޅުންހުރި މުވައްޒަފު؛
  2. ދައުވާލިބޭ ކުއްޖާ؛
  3. ދައުވާލިބޭ ކުއްޖާގެ ބެލެނިވެރިޔާ؛
  4. ދައުލަތުގެ ވަކީލު؛
  5. ދިފާއީ ވަކީލު؛
  6. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ    ކަމާ ގުޅުންހުރި މުވައްޒަފެއް؛
  7. ބައްދަލުވުމުގައި ބައިވެރިވުމަށް ކޯޓުން އަންގާ އިތުރު ފަރާތްތައް.

(ރ) މި ބައްދަލުވުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 87 ވަނަ މާއްދާއާއި، 107 ވަނަ މާއްދާގެ (ނ) ގެ ދަށުން، ދައުވާލިބޭ ކުއްޖާއަށް ލިބިދޭ ހައްގުތަކާއި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން، ކުއްޖާއަށް ކޯޓު މަރުހަލާގައި ލިބިދެވޭ ހައްގުތަކާއި ފުރުސަތުތައް ކުއްޖާއަށް ކިޔައިދޭންވާނެއެވެ. 

(ބ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވަނީ ޖިންސީ ކުށުގެ މައްސަލައެއްނަމަ، އެފަދަ މައްސަލައެއްގެ ށަރީއަތުގައި ދެކެވޭ ވާހަކަތަކަކީ ނުވަތަ ދައުވާލިބޭ ކުއްޖާއާ ށަރީއަތުން ކޮށްފާނެ ސުވާލުތަކަކީ ކުއްޖާގެ ބެލެނިވެރިޔާގެ ހާޒިރުގައި ޖަވާބު ދިނުމަށް ކުއްޖާ ފަސްޖެހިދާނެފަދަ ވާހަކަތަކަކަށް ވެދާނެކަމަށް ޓަކައި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އަދި ދައުވާލިބޭ ކުއްޖާ އެދޭނަމަ، އެ ދުވަހެއްގެ ށަރީއަތުގެ މަޖިލީހުގައި ބެލެނިވެރިޔާ ބައިވެރިނުކޮށް، ށަރީއަތް ކުރިޔަށް ގެންދިއުމުގެ ބާރު ކޯޓަށް ލިބިގެންވާކަން، ދައުވާލިބޭ ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް އަންގަންވާނެއެވެ.           

 

83 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް

(ހ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފަށާއިރު މެޖިސްޓްރޭޓް ކޯޓުތަކުގައި ހިނގަމުންދިޔަ ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގެ ށަރީއަތްތައް، އެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން ހުއްޓުމަކަށް އަންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތައް، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން ޖުވެނައިލް ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

84 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކޯޓަށް ހުށަހެޅުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފެށި ތާރީހާ ހަމައަށް މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތައް ހުށަހަޅާނީ ޖުވެނައިލް ކޯޓަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯޓަށް މައްސަލަ ހުށަހަޅާނީ، މި ގަވާއިދުގެ 76 ވަނަ މާއްދާއާއި، 77 ވަނަ މާއްދާއާއި، 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި މިގޮތަށް މައްސަލަ ހުށަހަޅާއިރު، އައު ދައުވާ ފޯމަކާއެކު، މައްސަލަ މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ގެންދެވިފައިވާ ގޮތާއި، މައްސަލަ މިހާރު އޮތް ހިސާބު ތަފުސީލުކޮށް އެނގޭނެފަދަ ލިޔުމެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) ގާނޫނަށް އަމަލުކުރަން ފަށާއިރު، މެޖިސްޓްރޭޓް ކޯޓުތަކުގައި ހިނގަމުންދިޔަ މައްސަލަތަކުގެ ފައިލުތަކާއި އަސްލު ލިޔެކިޔުންތައް ވަގުތުން ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަތިވާނަމަ، ދައުވާ ފޯމާއި، މި މާއްދާގެ     (ށ) ގައި އިށާރާތްކޮށްފައިވާ ލިޔުމާއެކު، މައްސަލައިގެ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް  ލިބިގެންވެއެވެ. އަދި ކޯޓުން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި އަސްލު ލިޔެކިޔުންތައް ހިމެނޭގޮތުން، މައްސަލައިގެ ފައިލު ކޯޓަށް ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން މެޖިސްޓްރޭޓް ކޯޓެއްގައި ކުރިން ހިނގަމުންދިޔަ މައްސަލައެއް މި ގަވާއިދުގެ ދަށުން ޖުވެނައިލް ކޯޓަށް ހުށަހެޅިގެން ކުރިޔަށް ގެންދެވޭނަމަ، މައްސަލައާ ގުޅޭގޮތުން އަލަށް ހުށަހެޅިފައިވާ ދައުވާ ފޯމު، ދައުވާލިބޭ ކުއްޖާއަށް ނުވަތަ އެ ފަރާތުގެ ދިފާއީ ވަކީލަށް ހަވާލުކުރުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.                

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އަލުން ކޯޓަށް ހުށަހެޅިގެން ކުރިޔަށް ގެންދެވޭ މައްސަލައެއްގައި ދިފާއީ ވަކީލަކު އައްޔަނުކުރެވިފައި ނުވާނަމަ، ދައުވާލިބޭ ކުއްޖާއަށް ދިފާއީ ވަކީލެއް އައްޔަނު ކުރުމުގައި ނުވަތަ ހަމަޖެއްސުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.              

 

ނުވަވަނަ ބާބު

ށަރީއަތުގެ ކުރީގެ މަރުހަލާ

85 ވަނަ މާއްދާ - ކުރިން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ށަރީއަތް ހިންގުން

މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ނުވަތަ މެޖިސްޓްރޭޓް ކޯޓެއްގައި ހިނގަމުންދިޔަ މައްސަލައެއް ޖުވެނައިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައެއް ކުރިޔަށް ގެންދިޔުމުގައި އަންނަނިވިގޮތަށް އަމަލުކުރަން ވާނެއެވެ. 

(ހ) ހުށަހަޅައިފައިވާ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓެއްގައި އިބްތިދާއީ މަރުހަލާގައި އޮތް މައްސަލައަކަށްވާނަމަ، ކޯޓަށް މައްސަލަ ހުށަހެޅުމުން ބޭއްވޭ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާމެދު މައްސަލައިގައި ހިމެނޭ ދެފަރާތާ މަށްވަރާ ކުރަންވާނެއެވެ. އެ ނޫން ހާލަތްތަކުގައި މަށްވަރާކުރާނީ، ކޯޓުން އަޑުއެހުން ތާވަލުކުރުމުގެ ކުރިން ބާއްވާ ބައްދަލުވުމެއްގައެވެ.  

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުރެވޭ މަށްވަރާގައި، އެ މައްސަލައިގެ އަޑުއެހުން އަލުން ފެށުމަށް ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ކުރިޔަށް ގެންގޮސްފައި އޮތް ހިސާބުން މައްސަލަ ކުރިޔަށް ގެންދިއުމަށް ނިންމާނީ، ދައުވާލިބޭ ކުއްޖާގެ މަސްލަހަތަށާއި، ހުށަހެޅިފައިވާ މައްސަލައިގެ ބާވަތާއި، މައްސަލައަކީ ހެކިންގެ ހެކިބަސް ނަގަންޖެހޭ މައްސަލައެއްނަމަ، ހެކިންގެ ހެކިބަސް ނެގިފައިވޭތޯ ބެލުމާއެކު، އަދުލު އިންސާފު ގާއިމު ކުރުމަށް ޓަކައި އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެންމެ ރަނގަޅު ގޮތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލައާމެދު ފަނޑިޔާރު ނިންމާ ނިންމުން، ލިޔެ ރައްކައު ކުރަންވާނެއެވެ. އަދި އެ ލިޔުން، މައްސަލަ ފައިލުގައި ބާއްވަންވާނެއެވެ.           

 

86 ވަނަ މާއްދާއިބްތިދާއީ އަޑުއެހުން ބޭއްވުން

(ހ) ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ވެސް، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އިބްތިދާއީ އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މެޖިސްޓްރޭޓް ކޯޓުތަކުގައި ކުރިން ހިންގައިފައިވާ މައްސަލަތަކުގެ ތެރެއިން މި ގަވާއިދުގެ 85 ވަނަ މާއްދާގެ ދަށުން އަލުން ފަށައިގެން ކުރިޔަށް ގެންދަން ފަނޑިޔާރު ނިންމާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާ ވެގެންވެއެވެ.   

 

87 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން ކުރިޔަށް ދާނެ ގޮތް

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން އިބްތިދާއީ އަޑުއެހުމުގެ މަޖިލިސް ފަށައި، މައްސަލައިގެ ގަޒިއްޔާ ނަންބަރު އިއުލާނު ކުރުމަށްފަހު، ދައުވާލިބޭ ކުއްޖާއާއި، އެ ކުއްޖާގެ ބެލެނިވެރިޔާއާއި، ދިފާއީ ވަކީލާއި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން މުވައްޒަފަކު އެ މަޖިލީހުގައި ހާޒިރުވެތިބިކަމާއި، ދައުވާގެ އެންމެހައި ލިޔެކިޔުމުގެ ކޮޕީ، ދައުވާލިބޭ ކުއްޖާއަށް ނުވަތަ އެ ކުއްޖާގެ ދިފާއީ ވަކީލަށް ލިބިފައިވާކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.   

(ށ) ދައުވާލިބޭ ކުއްޖާއަކީ ދިވެހިބަހުން ރަނގަޅަށް ލިޔަންކިޔަން ނުދަންނަ ކުއްޖެއްނަމަ، ނުވަތަ ހަމައެކަނި ވަކި ރަށެއްގެ ބަހުރުވައިން ވާހަކަދައްކަން އެނގޭ ކުއްޖެއްނަމަ، ނުވަތަ އަޑުއިވުމުން ނުވަތަ ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ކުއްޖެއްނަމަ،  އެ ކުއްޖާގެ ބަހުރުވަ ތަރުޖަމާކޮށްދޭނެ ފަރާތެއް ހަމަޖެހިފައިވޭތޯ ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.     

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަން ފަނޑިޔާރު ކަށަވަރުކުރުމަށްފަހު، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 107 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ހައްގުތަކާއި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން ކުއްޖާއަށް ކޯޓު މަރުހަލާގައި ލިބިދެވޭ ހައްގުތަކާއި ފުރުސަތުތައް، ދައުވާލިބޭ ކުއްޖާއަށް އަންގައިފައިވާކަން ކަށަވަރު ކުރުމަށް ޓަކައި، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ''ށަރީއަތުގެ މަޖިލީހުގައި ލިބެގެންވާ ހައްގުތައް ބުނެދިނުން'' މި ބަޔާނުގައި، ދައުވާލިބޭ ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ލައްވައި، ފުރަތަމަ ބޭއްވޭ އިބްތިދާއީ އަޑުއެހުމަށްފަހު ސޮއިކުރުވަންވާނެއެވެ.               

(ރ) ދައުވާލިބޭ ކުއްޖާގެ ހައްގުތައް އެ ކުއްޖާއަށް އެންގިފައިވާކަން ފަނޑިޔާރު ކަށަވަރުކުރުމަށްފަހު، ދައުވާ ހުށަހެޅުމަށް ދައުލަތުގެ ވަކީލަށް ފަނޑިޔާރު އަންގަންވާނެއެވެ. ދައުވާ ހުށަހެޅުމުގެ ކުރިން ދައުލަތުގެ ވަކީލުގެ ނަމާއި މަގާމު ބަޔާންކޮށް ތައާރަފެއް ދޭންވާނެއެވެ.

(ބ) ދައުވާ ހުށަހަޅާއިރު ދައުވާލިބޭ ކުއްޖާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، ދައުވާ ބިނާވެގެންވާ ސަބަބުތައް، ދައުވާލިބޭ ކުއްޖާއަށް ދައުލަތުން ސާފުކޮށްދޭންވާނެއެވެ. އެގޮތުން ދައުވާ އުފުލައިފައިވާ ގާނޫނީ މާއްދާގައި ބަޔާންކުރާ ކުށުގެ އުންސުރުތަކާއި ދައުވާގެ ވާގިއާތަކުން، ކުށުގެ އުންސުރުތައް ފުރިހަމަވާ ގޮތް ދައުލަތުން ސާފުކޮށްދިނުމަށް ފަނޑިޔާރު އަންގަންވާނެއެވެ. މިފަދައިން ކުއްޖާގެ މައްޗަށް ކުރެވޭ ދައުވާ ސާފުކޮށްދޭއިރު، ވީހާވެސް ތިލަ ބަހުރުވައިން ކުއްޖާއަށް ވިސްނައިގަންނަން ފަސޭހަ އިބާރާތަކުން ކުއްޖާގެ މައްޗަށް ކުރެވޭ ދައުވާ ސާފުކޮށްދިނުމަށް ދައުލަތުގެ ވަކީލު އިސްކަންދޭންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގައިވާ ކަންކަން ދައުލަތުން ސާފުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތަށް ރިއާޔަތްކޮށް، ދައުވާލިބޭ ކުއްޖާއަށް ދައުވާ ސާފުވެފައިވާކަމަށް ފަނޑިޔާރު ނިންމައި، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިޔަށް ގެންދަންވާނެއެވެ.

(ކ) ދައުލަތުގެ ވަކީލު ދައުވާ ސާފުކޮށްދިނުމުން، ދައުވާލިބޭ ކުއްޖާއާމެދު ށަރީއަތުން ބޭރުން އެހެން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އަޅައިފައިވޭތޯ، ދައުލަތުގެ ވަކީލާ ފަނޑިޔާރު ސުވާލު ކުރަންވާނެއެވެ. އަދި އެފަދަ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އަޅައިފައި ނުވާނަމަ، އެއީ ކޮން ސަބަބަކާހެދިތޯ، މައްސަލައިގެ ބާވަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށްފައި ފަނޑިޔާރު ސުވާލުކުރަންވާނެއެވެ.         

(އ) ދައުވާލިބޭ ކުއްޖާއަށް ދައުވާ ސާފުވުމުން، ދައުވާއަށް ޖަވާބުދާރީވުމަށް، ދައުވާލިބޭ ކުއްޖާއަށް ފަނޑިޔާރު އަންގަންވާނެއެވެ. ޖަވާބުދާރީވާންވާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 107 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ 2 (ދޭއް) ގޮތުންކުރެ ގޮތަކަށެވެ.      

 

88 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުމުގައި ހިމެނޭ އާންމު އިޖުރާއަތުތައް

އިބްތިދާއީ އަޑުއެހުމުގައި ހިމެނޭ އާންމު އިޖުރާއަތުތައް ފުރިހަމަކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

89 ވަނަ މާއްދާ - ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް

ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

90 ވަނަ މާއްދާ - ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާކަމުގެ ދިފާއު ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 121 ވަނަ މާއްދާގެ ދަށުން، ދައުވާލިބޭ ކުއްޖާއާ ގުޅޭގޮތުން ހެދިފައިވާ މެޑިކަލް އެސެސްމެންޓް ރިޕޯޓަކީ ށަރީއަތުގެ ހުއްދައާއެކު މެނުވީ އެއްވެސް ފަރާތަކާ ހިއްސާކުރެވޭނެ ރިޕޯޓެއް ނޫނެވެ.    

(ށ) ދައުވާލިބޭ ކުއްޖާއާ ގުޅޭގޮތުން ހެދިފައިވާ އެސެސްމެންޓް ރިޕޯޓު ކޯޓަށް ލިބުމުން،  ދައުވާކުރާ ފަރާތަށާއި ދައުވާލިބޭ ފަރާތާ އެ ރިޕޯޓު ހިއްސާކުރާނީ ކޯޓުންނެވެ. އަދި ރިޕޯޓުގައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަށްޓަކައި ބާއްވާ ށަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވާ ތާރީހުގެ ރަސްމީ ބަންދުނޫން 2 (ދޭއް) ދުވަހުގެ ކުރިން، ރިޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ދައުވާކުރާ ފަރާތަށާއި ދައުވާލިބޭ ފަރާތާ ކޯޓުން ހިއްސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށްޓަކައި ބޭއްވޭ ށަރީއަތުގެ އަޑުއެހުމުގައި ދެކެވިދާނެ ވާހަކަތަކަކީ އޭގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެފަދަ ވާހަކަތަކެއްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ދައުވާލިބޭ ކުއްޖާ ބައިވެރިނުކޮށް އެ އަޑުއެހުން ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ރ) މެޑިކަލް އެސެސްމެންޓް ރިޕޯޓަކީ އޭގައި ހައްސާސް މައުލޫމާތުތަކެއް ހިމެނިފައިވާނެ ރިޕޯޓަކަށްވާތީ، އެ ރިޕޯޓުގެ ސިއްރުވެރިކަން ހިފެހެއްޓުމަކީ،  ކޯޓުގެ ހުއްދަޔާއެކު އެ ރިޕޯޓު ދޫކުރެވޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ.

 

91 ވަނަ މާއްދާ - އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހުށަހެޅުން

ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ށަރީއަތަށް ހުށަހެޅިއްޖެނަމަ، އަދި އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅިއިރު، ކުއްޖާއާ ގުޅޭގޮތުން އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓެއް ހުށަހަޅައިފައި ނުވާނަމަ، އެ ރިޕޯޓު ހުށަހެޅުމަށް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ށަރީއަތުން އަންގަންވާނެއެވެ. އަދި ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، ރިޕޯޓު ހުށަހެޅުމުގެ މަރުހަލާ ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.                                       

 

ދިހަވަނަ ބާބު

އަވަސް ނިޔާއިން ށަރީއަތް ހިންގުން

92 ވަނަ މާއްދއަވަސް ނިޔާގެ އާންމު އިޖުރާއަތުތައް

(ހ) އަވަސް ނިޔާގެ ށަރީއަތް ކުރިޔަށް ގެންދަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.  

(ށ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ދެފަރާތުގެ ވަކީލުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްފަހު، ދައުވާލިބޭ ކުއްޖާ ބުނަން ބޭނުންވާ ނުވަތަ ފާހަގަކުރަން ބޭނުންވާ އެއްވެސް ކަމެއް އޮތްތޯ އެ ފަރާތާ ސުވާލުކޮށް އެ ފުރުސަތު ދައުވާލިބޭ ކުއްޖާއަށް ފަނޑިޔާރު ދޭންވާނެއެވެ.  

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ދައުވާލިބޭ ކުއްޖާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްފަހު، ދައުވާލިބޭ ކުއްޖާ އިއުތިރާފުވި ކުށް، އޭނާގެ މައްޗަށް ސާބިތުވާކަމަށް އެ މަޖިލީހުގައި ފަނޑިޔާރު ހުކުމް ކުރަންވާނެއެވެ. 

(ރ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުށްތަކުގެ ތެރެއިން ކުށެއްނަމަ، ކުއްޖާގެ މައްޗަށް ށަރީއަތުން އަދަބު ކަނޑައެޅުމުގެ ކުރިން ސެންޓެންސިންގ ކޮންފަރެންސެއް ބޭއްވޭނެކަން ފަނޑިޔާރު އެ މަޖިލީހުގައި އިއުލާނު ކުރަންވާނެއެވެ. އަދި ދައުވާލިބޭ ކުއްޖާއަކީ އެ ހިނދު ބަންދެއްގައި ހުރި ކުއްޖަކަށް ނުވާނަމަ، އަދި އެ ކުއްޖާގެ މައްޗަށް ކަނޑައެޅިގެންދާނެ އަދަބަކީ ބަންދުގެ އަދަބެއްކަމަށް ވުމުގެ އިހްތިމާލު ބޮޑުނަމަ، މައްސަލައިގައި އަދަބު ކަނޑައަޅަންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ. އެފަދައިން ނެރޭ އަމުރު އޮންނަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" އާ އެއްގޮތަށެވެ. އެއަށްފަހު، އެ ދުވަހުގެ ށަރީއަތުގެ މަޖިލިސް ނިމުނީކަމުގައި، ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.

(ބ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނިގެންވާ ކުށަކަށް ނުވާނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށް، ކުއްޖާގެ މައްޗަށް ށަރީއަތުން ފިޔަވަޅު އެޅުމަށް ޓަކައި، ކޭސް ކޮންފަރެންސެއް ބޭއްވޭނެކަން ފަނޑިޔާރު އެ މަޖިލީހުގައި އިއުލާނުކޮށް، މި ގަވާއިދުގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން ކުރިޔަށް ގެންދިއުމަށް ޓަކައި އެ ދުވަހުގެ ށަރީއަތުގެ މަޖިލިސް ނިމުނީކަމުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ކުށުގެ ރެކޯޑަށާއި، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ކުށުގެ އަމަލު ކުއްޖާ ހިންގައިފައިވާ ގޮތަށާއި، އެ ކުށުގައި ކުއްޖާގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި، އަދި ކުއްޖާއަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއްނަމަ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ކުއްޖާއަށް މީގެ ކުރިން އިސްލާހުވުމަށް ދީފައިވާ ފުރުސަތުތަކާއި އެ ފުރުސަތުތަކުގެ ބޭނުން ކުއްޖާ ކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ކުރިޔަށް ގެންދަންވާނެއެވެ. 

(ކ) މި މާއްދާގެ (ރ) ގައި ނުވަތަ (ބ) ގައި ނުވަތަ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަވަސްނިޔާގެ ށަރީއަތުގެ މަޖިލިސް ނިންމައިލުމަށްފަހު، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ނުވަތަ ށަރީއަތުން އަޅާ ފިޔަވަޅުތައް އެޅުމަށް ބޭއްވޭ ށަރީއަތުގެ މަޖިލިސް ކުރިޔަށް ގެންދަންވާނީ، މި ގަވާއިދުގެ 16 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.                           

 

އެގާރަވަނަ ބާބު

ށަރީއަތް ހިންގުން

93 ވަނަ މާއްދާ - ށަރީއަތް ހިންގުމާ ގުޅޭ އާންމު އިޖުރާއަތުތައް

ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ށަރީއަތް ހިންގުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

94 ވަނަ މާއްދާ - ކުޑަކުދިންގެ ހެކިބަސް ނެގުން 

(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖެއްގެ ހެކިބަސް ނަގަން ޖެހިއްޖެނަމަ އަމަލުކުރާނީ، މި މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ށ) ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރެވޭ ކުއްޖާއަކީ އުމުރުން 15 (ފަނަރަ) އަހަރު ފުރިފައިވާ ކުއްޖެއްނަމަ، އެ ކުއްޖާގެ ހެކިބަސް ނަގަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) ކުޑަކުއްޖެއްގެ ހެކިބަސް ނަގަންވާނީ ދައުވާލިބޭ ކުއްޖާއާއި ހެކިބަސް ދޭ ކުއްޖާއާ ބައްދަލުނުވާނޭ ގޮތެއްގެ މަތިން ށަރީއަތް ހިނގަމުންދާ މަޖިލީހާއި އޯޑިއޯ-ވީޑިއޯ ކޮންފަރެންސްކޮށް ގުޅުވައިލައިގެންނެވެ. އެއްވެސް ހާލެއްގައި ހެކިބަސް ދޭ ކުއްޖާ، ދައުވާލިބޭ ކުއްޖާއާ ށަރީއަތުގެ މަޖިލީހުގައި އެއް ހާޒިރުކޮށް ކުރިޔަށް ގެންގޮސްގެން ނުވާނެއެވެ.

(ރ) ހެކިބަސްދޭން ހާޒިރުކުރެވޭ ކުއްޖާއާއެކު އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާ ނެތް ހާލަތެއްގައި، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާ ގުޅުންހުރި މުވައްޒަފަކު ހާޒިރުވެ ހުންނަންވާނެއެވެ. 

(ބ) ކުޑަކުއްޖެއްގެ ހެކިބަސް ނެގޭއިރު، އެ ކުއްޖާ އެގްޒެމިން ކުރުމާއި، ކްރޮސް-އެގްޒެމިން ކުރުމާއި، ރީ-އެގްޒެމިން ކުރުމުގައި ގަސްތުގައި އެ ކުއްޖާއަށް އުނދަގުލެއް ކުރިމަތިކުރުވަން، ނުވަތަ ބިރުގަންނުވަން ނުވަތަ އެ ކުއްޖާގެ ކަރާމާތަށް އިހްތިރާމު ކުޑަވާގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުއްޖާއާ ސުވާލުކޮށްގެން ނުވާނެއެވެ.

(ޅ) ކުޑަކުއްޖެއްގެ ހެކިބަސް ނެގޭއިރު، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ސަމާލުކަން ދޭންވާނެއެވެ. އަދި އެފަދަ ކަމެއް ހިނގަމުންދާނަމަ، ފަނޑިޔާރު އެކަން ހުއްޓުވަންވާނެއެވެ. 

(ކ) ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއްކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ކުޑަކުއްޖާގެ ހެކިބަސް ނަގަންވާނީ، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުންނެވެ. މިފަދަ މައްސަލައެއްގައި ކުޑަކުއްޖެއްގެ ހެކިބަސް ނަގަންވާނީ އޯޑިއޯ-ވީޑިއޯ ކޮންފަރެންސްކޮށް ށަރީއަތުގެ މަޖިލީހާ ގުޅުވައިލައިގެންނެވެ. އަދި ހެކިބަސް ނެގޭ ކުއްޖާގެ މަސްލަހަތަށްޓަކައި ކުއްޖާގެ ވީޑިއޯ، ހަމައެކަނި ފަނޑިޔާރަށް ފެންނަ ގޮތަށް ބެހެއްޓުމަށް އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްގައި ކުޑަކުއްޖެއްގެ ހެކިބަސް ނެގޭ ހިނދު، އެ ކުއްޖާއަށް އެހީތެރިވެދިނުމަށްޓަކައި، އަނިޔާލިބޭ ކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާބެހޭ މުވައްޒަފަކު ނުވަތަ ކައުންސެލަރަކު، ކުއްޖާއާއެކު ހެކިބަސް ނެގޭ ތަނުގައި ހާޒިރުވެ ހުންނަންވާނެއެވެ.   

(ވ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްގައި ކުޑަކުއްޖެއްގެ ހެކިބަސް ނެގޭއިރު، ދައުލަތުންނާއި ދިފާއީ ވަކީލުގެ ފަރާތުން އެ ކުއްޖާއާ ކުރަން ބޭނުންވާ ސުވާލުތައް، ހެކިބަސް ނެގުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން، މައްސަލަ ބަލާ ސެކްށަނަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި އެ ސުވާލުތައް ކުއްޖާއާ ކުރެވޭނީ،  މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރުމަށްފަހު އެއީ ކުއްޖާއާ ކުރެވިދާނެ ސުވާލުތަކެއްކަމަށް ފަނޑިޔާރު ނިންމުމުންނެވެ.        

(މ) މި މާއްދާގައިވާ ގޮތުގެ މަތިން ކުޑަކުއްޖެއްގެ ހެކިބަސް ނެގޭ ހިނދު، ހެކިބަސް ނެގުމުގެ މަޖިލިސް ދިގުދެމިގެންދާނަމަ، އަދި ކުއްޖާގެ އުމުރަށާއި ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ށަރީއަތުގެ މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑައިލުމަކީ އެ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އެފަދައިން އެކަން ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

(ފ) ކުޑަކުދިންގެ ހެކިބަސް ނެގުމުގައި ވަކި އިޖުރާއަތަކަށް އަމަލުކުރުމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ އަމަލުކުރަންވާނީ އެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. 

(ދ) ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގައި، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށްވުރެ ފުރިހަމަ އިޖުރާއަތުތަކެއް އެހެން ގާނޫނެއްގައި ނުވަތަ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކުން ކަނޑައެޅިއްޖެ ހިނދެއްގައި އަމަލުކުރަންވާނީ، އެ ގާނޫނުގައި ނުވަތަ  އެ ނިންމުންތަކުގައިވާ ގޮތުގެ މަތީންނެވެ.                   

 

95 ވަނަ މާއްދާ - ޖިންސީ ކުށުގެ މައްސަލަތައް

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ޖިންސީ ކުށުގެ މައްސަލައެއްނަމަ، އަދި އެ މައްސަލައިގައި ދައުވާލިބޭ ކުއްޖާއާ ށަރީއަތުން އެއްވެސް ސުވާލެއް ކުރަން ޖެހިއްޖެ ހާލަތެއްގައި، ކުއްޖާގެ ބެލެނިވެރިޔާގެ ހާޒިރުގައި އެ ސުވާލަކަށް ޖަވާބުދިނުމަށް ކުއްޖާ ފަސްޖެހިދާނެކަމަށް ބެލެވޭނަމަ، ނުވަތަ ބެލެނިވެރިޔާގެ ހާޒިރުގައި އެފަދަ ވާހަކައެއް ދެއްކުމަކީ ކުއްޖާއަށް ލަދުވެތިކަމެއް އިހުސާސްވެދާނެ ކަމެއްކަމަށް ށަރީއަތަށް ގަބޫލުކުރެވޭނަމަ، އަދި އެ ވާހަކަދައްކަން ކުއްޖާ އެދެނީ ށަރީއަތުގައި ބެލެނިވެރިޔާ ބައިވެރިނުކޮށް ކަމުގައި ވާނަމަ، އެ ވާހަކަ ދެކެވޭ ވަގުތު، ށަރީއަތުގެ މަޖިލީހުން ބޭރުގައި ބެލެނިވެރިޔާ މަޑުކުރުމަށް ފަނޑިޔާރު އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބޭއްވޭ އަޑުއެހުމެއް ފެށުމުގެ ކުރިން ކުއްޖާ އެދޭގޮތް ބެލުމަށްޓަކައި، ކޯޓުން ކުއްޖާއާ ސުވާލުކުރުމަށްފަހު، މި މާއްދާގެ (ހ) ގައިވާ ފަދަ އެންގުމެއް ބެލެނިވެރިޔާއަށް ފަނޑިޔާރު އަންގާނީ، ކުއްޖާގެ މަސްލަހަތަށްޓަކައި ކަމަށް ބެލެނިވެރިޔާއަށް ކޯޓުން ކިޔައިދޭންވާނެއެވެ.   

 

ބާރަވަނަ ބާބު

އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށްކުށުގެ ށަރީއަތް ހިންގުން

96 ވަނަ މާއްދާ - ށަރީއަތް ހިންގުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ހުށަހެޅިފައިވާ، އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއްގެ ށަރީއަތް ހިންގަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 106 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއްގެ ށަރީއަތް ކުރިޔަށް ގެންދަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތީންނެވެ.

(ނ) މި ބާބުގެ ދަށުން ޖިންސީ ކުށެއްގެ ށަރީއަތް ކުރިޔަށް ގެންދާއިރު، މި ގަވާއިދުގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ށަރީއަތުން އަމަލު ކުރަންވާނެއެވެ.    

 

97 ވަނަ މާއްދާ - ކުށް ސާބިތުކުރުން

(ހ) އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއްގެ ދައުވާ ކުއްޖެއްގެ މައްޗަށް ސާބިތުކުރެވޭނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަންނަނިވި ބާވަތުގެ ހެކީގެ މައްޗަށެވެ.  

  1. ތުހުމަތުކުރެވިފައިވާ ކުއްޖާގެ އިއުތިރާފު؛
  2. ލޮލަށް ފެނުނު މީހުންގެ ހެކިބަސް.

(ށ) މި މާއްދާގެ ދަށުން ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުކުރުމުގައި އެއްވެސް ހާލެއްގައި، އެއްވެސް ށުބުހާއެއް ނުވަތަ ށައްކެއް އޮވެއްޖެނަމަ، ކުޑަކުއްޖެއްގެ މައްޗަށް އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއް ސާބިތުވީކަމަށް ފަނޑިޔާރު ކަނޑައަޅައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އަމަލުކުރުމުގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 106 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުކުރުމުގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 104 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ތައްޔާރުކޮށްފައިވާ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށްވެސް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

 

ތޭރަވަނަ ބާބު

ހުކުމްކުރުން

98 ވަނަ މާއްދާ - ދައުވާ އުފުލިފައިވާ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވުން

ދައުވާލިބޭ ކުއްޖާގެ މައްޗަށް އުފުލިފައިވާ ދައުވާގެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ކުއްޖާގެ މައްޗަށް ސާބިތުކުރުމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.  

 

99 ވަނަ މާއްދާ - ހުކުމްކުރުމުގެ މަޖިލިސް ބޭއްވުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ށަރީއަތް ފުރިހަމަކުރުމަށްފަހު، އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް ބާއްވަންވާނީ "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

(ށ) އެއް ކުއްޖަކަށްވުރެ ގިނަ ކުދިންގެ މައްޗަށް އެއް މައްސަލައެއްގައި ދައުވާ އުފުލިފައިވާނަމަ، އެ ކުދިންގެ މައްޗަށް ހުކުމްކުރުމުގެ މަޖިލިސް، ކޮންމެ ކުއްޖެއްގެ މަސްލަހަތަށް ވަކިން ރިއާޔަތްކުރުމަށްފަހު، އަންނަނިވި ގޮތުގެ މަތިން ބޭއްވުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.  

  1. ދައުވާލިބޭ ކުދިންގެ ތެރެއިން ކުށް ސާބިތުވާ ކުދިންނާއި ކުށް ސާބިތުނުވާ ކުދިންގެ ހުކުމްކުރުމުގެ މަޖިލިސް ވަކި ދެ އަޑުއެހުމެއްގެ ގޮތުގައި ކުރިޔަށް ގެންދިއުން؛
  2. ދައުވާލިބޭ ކުދިންގެ ތެރެއިން ބަންދުކޮށްފައި ތިބި ކުދިންނާއި، ބަންދުން ދޫކޮށްލައިފައި ނުވަތަ ބަންދުކޮށްފައި ނެތް ކުދިންގެ ހުކުމްކުރުމުގެ މަޖިލިސް ވަކި ދެ އަޑުއެހުމެއްގެ ގޮތުގައި ކުރިޔަށް ގެންދިއުން.       

 

100 ވަނަ މާއްދާ - ހުކުމްކުރުން

(ހ) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަންނަނިވި 3 (ތިނެއް) ގޮތުންކުރެ ގޮތަކަށް މައްސަލައިގައި ށަރީއަތުން ހުކުމް ކުރަންވާނެއެވެ.        

  1. ދައުވާލިބޭ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުން؛
  2. ދައުވާލިބޭ ކުއްޖާ އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަނޑައެޅުން؛
  3. ދައުވާލިބޭ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށްތަކުގައި ށަރީއަތުން ހުކުމްކުރަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 105 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށެވެ.  

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ނުވަތަ (2) ވަނަ ނަންބަރުގައިވާ ގޮތަށް ފަނޑިޔާރު ހުކުމް ކުރަންވާނީ، ގާނޫނު ނަންބަރު 12/2016  (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 155 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ދައުވާލިބޭ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނުވަތަ ދައުވާލިބޭ ކުއްޖާ އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަނޑައަޅާ ހާލަތުގައި، އެގޮތުގެ މަތިން ހުކުމްކޮށް، އެ މައްސަލަ ބަލާ ނިމުނީކަން ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މައްސަލަ ނިންމާއިރު، ކުއްޖާ ހުރީ ބަންދުކޮށްފައިނަމަ އޭނާ ބަންދުން ދޫކޮށްލަން ކޯޓުން އަމުރު ކުރަންވާނެއެވެ. އަދި ކުއްޖާގެ ޕާސްޕޯޓް/ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމަށް ނުވަތަ ފުރުން މަނާކުރުމަށް އަމުރެއް ނެރެފައިވާނަމަ، އެ އަމުރެއް ބާތިލުކޮށް، އަމުރު ރައްދުވާ އިދާރާތަކަށް، ހުކުމްކުރާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަން އަންގަންވާނެއެވެ.    

(ޅ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ފަނޑިޔާރު ހުކުމްކުރާއިރު، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 156 ވަނަ މާއްދާގައިވާ އަންނަނިވި ކަންކަން ހުކުމުގައި ބަޔާންކުރަންވާނެއެވެ. 

  1. ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިއާޔަތްކުރާއިރު، ކުށުގެ އަމަލު ހިންގައިފައިވާ ގޮތާ ގުޅޭގޮތުން ށަރީއަތަށް ފާހަގަކުރެވޭ ކަންކަން؛
  2. ދައުވާލިބޭ ކުއްޖާގެ ފަރާތުން ދިފާއެއް ހުށަހަޅައިފައިވާނަމަ، އެ ދިފާއު އޭނާއަށް ސާބިތުކޮށް ނުދެވުނުކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް؛
  3. ދައުވާލިބޭ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމުގައި ފަނޑިޔާރު ރިއާޔަތްކުރި ކަންކަމާއި، އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
  4. ދައުވާލިބޭ ކުއްޖާ ކުށަށް އިއުތިރާފު ވެފައިވާނަމަ އެކަން؛
  5. ދައުވާލިބޭ ކުއްޖާއަކީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިއުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލާއެކު ވެފައިވާ ކުއްޖެއް ކަމުގައިވާ ހާލަތުގައި އެ އެއްބަސްވުން ކޯޓުން ބަލައިގަތްނަމަ، އެކަން.     

 

101 ވަނަ މާއްދާ - ހުކުމް އިއްވުން

(ހ) މި މާއްދާގެ ދަށުން މައްސަލައިގައި ފަނޑިޔާރު ކުރާ ހުކުމް އިއްވަންވާނީ އަނގަބަހުންނެވެ. އަދި ފަނޑިޔާރު އަނގަބަހުން އިއްވާގޮތަށް، އަކުރުން އަކުރަށް ހުކުމް ލިޔެފައި އޮންނަންވާނެއެވެ. އަދި ހުކުމް އިއްވުމަށްފަހު ފަނޑިޔާރު އެވަގުތު އެ ހުކުމުގައި ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން މައްސަލައާމެދު ށަރީއަތުން ކުރާ ހުކުމް އިއްވަންވާނީ އަދި  އެ ހުކުމް ލިޔާއިރު އޮންނަންވާނީ، ކުއްޖާއަށް ފަސޭހައިން ދޭހަވާ އިބާރާތަކުންނެވެ. އަދި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ނޫން އިބާރާތެއް ނެތިގެން މެނުވީ، ބޮޑެތި މީހުންގެ މައްޗަށް ށަރީއަތްކުރެވޭއިރު ބޭނުންކުރާ ފަދަ އިބާރާތްތައް ކުޑަކުދިންނާ ގުޅޭގޮތުން ބޭނުންކޮށްގެން ނުވާނެއެވެ. 

(ނ) ހުކުމް އިއްވާ ވަގުތު، ދައުވާލިބޭ ކުއްޖާއާއި އޭނާގެ ދިފާއީ ވަކީލު ހުންނަންވާނީ ކޮޅަށް ތެދުވެއެވެ.  

(ރ) މައްސަލައިގައި ފަނޑިޔާރު ހުކުމް ކުރަންވާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 154 ވަނަ މާއްދާއާއި، 155 ވަނަ މާއްދާއާއި،  156 މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރުގައިވާ މައުލޫމާތު ހިމެނޭގޮތަށް މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓެއް ތައްޔާރު ކުރުމަށްފަހުގައެވެ. މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު، މައްސަލައިގެ ހުކުމްކުރާ ދުވަހު، ދައުވާކުރާ ފަރާތަށާއި، ދައުވާލިބޭ ފަރާތަށް ކޯޓުން ހަވާލު ކުރަންވާނެއެވެ.  

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ށަރީއަތުން ކަނޑައަޅައިފިނަމަ، އަދި ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްނަމަ، ކުއްޖާގެ މައްޗަށް ށަރީއަތުން އަދަބު ކަނޑައެޅުމުގެ ކުރިން، ސެންޓެންސިންގ ކޮންފަރެންސެއް ބޭއްވޭނެކަން، އެ މަޖިލީހުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ. އަދި ދައުވާލިބޭ ކުއްޖާއަކީ އެ ހިނދު ބަންދުކޮށްފައި ހުރި ކުއްޖަކަށް ނުވާނަމަ، އަދި އެ ކުއްޖާގެ މައްޗަށް ކަނޑައެޅިގެންދާނެ އަދަބަކީ ބަންދުކުރުމުގެ އަދަބެއްކަމަށް ވުމުގެ އިހްތިމާލު ބޮޑުނަމަ، މައްސަލައިގައި އަދަބު ކަނޑައަޅަންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ފަނޑިޔާރު އަމުރު ކުރަންވާނެއެވެ. އެފަދައިން ނެރޭ އަމުރު އޮންނަންވާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. އެއަށްފަހު، އެ ދުވަހުގެ ށަރީއަތުގެ މަޖިލިސް ނިމުނީކަމުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.

(ޅ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި ހިމެނިގެންވާ ކުށަކަށް ނުވާނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށް، ކުއްޖާގެ މައްޗަށް ށަރީއަތުން ފިޔަވަޅު އެޅުމަށްޓަކައި، ކޭސް ކޮންފަރެންސެއް ބޭއްވޭނެކަން އެ މަޖިލީހުގައި ފަނޑިޔާރު އިއުލާނުކޮށް، މި ގަވާއިދުގެ 14 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއާތުގެ ދަށުން ކުރިޔަށް ގެންދިއުމަށްޓަކައި އެ ދުވަހުގެ ށަރީއަތުގެ މަޖިލިސް ނިމުނީކަމުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ކުށުގެ ރެކޯޑަށާއި، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ކުށުގެ އަމަލު ކުއްޖާ ހިންގައިފައިވާ ގޮތަށާއި، އެ ކުށުގައި ކުއްޖާގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި، އަދި ކުއްޖާއަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއްނަމަ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ކުއްޖާއަށް މީގެ ކުރިން އިސްލާހުވުމަށް ދީފައިވާ ފުރުސަތުތަކާއި، އެ ފުރުސަތުތަކުގެ ބޭނުން ކުއްޖާ ކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް މައްސަލަ ކުރިޔަށް ގެންދަންވާނެއެވެ. 

(އ) މި މާއްދާގެ (ބ) ގައި ނުވަތަ (ޅ) ގައި ނުވަތަ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ށަރީއަތުގެ މަޖިލިސް ނިންމައިލުމަށްފަހު، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ނުވަތަ ށަރީއަތުން އަޅާ ފިޔަވަޅުތައް އެޅުމަށް ބޭއްވޭ ށަރީއަތުގެ މަޖިލިސް ކުރިޔަށް ގެންދަންވާނީ، މި ގަވާއިދުގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.             

 

102 ވަނަ މާއްދާ - ކުއްޖާގެ މިހާރުގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު

(ހ) މި ގަވާއިދުގެ 91 ވަނަ މާއްދާގެ ދަށުން، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓެއް ށަރީއަތުގެ މަރުހަލާގައި ކުރިން ހުށަހަޅަން ފަނޑިޔާރު އަންގައިފައި ނުވާނަމަ، ނުވަތަ ކުއްޖާގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ށަރީއަތް ހިންގަން ވޭތުވެފައިވާ މުއްދަތަށް ރިއާޔަތްކޮށް، ކުއްޖާގެ މިހާރުގެ އިޖުތިމާއީ ހާލަތު ދެނެގަތުމަކީ ށަރީއަތަށް މުހިންމުކަމެއް ކަމުގައި ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ށަރީއަތުން އަދަބު ކަނޑައެޅުމުގެ ކުރިން ނުވަތަ ށަރީއަތުން ފިޔަވަޅު އެޅުމުގެ ކުރިން، ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކުއްޖާގެ މިހާރުގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ހުށަހެޅުމަށް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ފަނޑިޔާރު އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ކުއްޖާގެ މިހާރުގެ ހާލަތާއި، ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި، އާއިލީ ހާލަތާއި، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ފަރާތާބެހޭ މައުލޫމާތު؛
  3. ކުއްޖާގެ ތައުލީމީ ފެންވަރާއި، ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ކުއްޖާ ދާނަމަ އެ މައުލޫމާތު، ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށްދާނަމަ އެ މައުލޫމާތު؛
  4. ކުއްޖާ ވަޒީފާއެއް އަދާކުރާނަމަ، އެ މައުލޫމާތު؛
  5. ކުއްޖާގެ ޖިސްމާނީ ހާލަތާއި، ނަފްސާނީ ހާލަތާއި، ސިއްހީ ހާލަތު؛ 
  6. ކުއްޖާގެ މައްޗަށް ޖިނާއީ މައްސަލައެއް ކުރިން ހުށަހެޅިފައިވާނަމަ،      އެ މައުލޫމާތު؛
  7. މިހާރު ހުށަހެޅިފައިވާ ދައުވާގައި ކުށްކުރަން މެދުވެރިވިކަމަށް ބެލެވޭ ސަބަބުތައް؛
  8. ކުއްޖާއަށް އެއްވެސް ބާވަތެއްގެ ފަރުވާއެއް ނުވަތަ ކައުންސެލިންގއެއް ބޭނުންވާނަމަ، އެކަމުގެ ތަފުސީލު؛
  9. ހިނގަމުންދާ މައްސަލައިގެ ށަރީއަތް ފެށުނުފަހުން، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ކުރިޔަށް ގެންދިޔަ ސެށަންތަކަށް ކުއްޖާ ހާޒިރުވެފައިވާ މިންވަރާއި، ސެށަންތަކަށް ކުއްޖާ އެއްބާރުލުން ދީފައިވާނަމަ، އެ މައުލޫމާތު؛
  10. ކުށުގެ އިހުސާސްކުރެވިފައިވާ މިންވަރާއި، ކުއްޖާއަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައިވާނަމަ، އެ މައުލޫމާތު؛
  11. ކުއްޖާގެ މައްޗަށް އަދަބެއް ކަނޑައަޅައިފިނަމަ، އެ އަދަބުން ކުއްޖާއަށް ކުރާނެ އަސަރު؛
  12. ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަކާ ނުލައި ށަރީއަތުން އެޅިދާނެ އެހެނިހެން ފިޔަވަޅުތައް؛  
  13. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުއްޖާއާ ގުޅޭގޮތުން ފަނޑިޔާރު އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން.

(ނ) މި މާއްދާގެ ދަށުން އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ތައްޔާރުކުރާއިރު، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ކުށަކީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނަމަ، މި މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތު، ރިޕޯޓުގައި ހިމެނުން ލާޒިމެއް ނޫނެވެ.        

 

103 ވަނަ މާއްދާ - ރިސްކު އެސެސްމެންޓް ރިޕޯޓާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ދޫކުރުން

(ހ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަށް އެ ކުއްޖާ ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާ އެދޭ ހާލަތުގައި، ރިޕޯޓުގައި ހިމެނިގެންވާ މައުލޫމާތުގެ ތެރެއިން ކުއްޖާއާއި ކުއްޖާގެ އާއިލީ ހާލަތާއި ބެލެނިވެރިޔާއާ ގުޅޭ ހައްސާސް މައުލޫމާތު ހިމެނިފައިވާނަމަ، އަދި އެ މައުލޫމާތު އެ ފަރާތަށް ހާމަވެގެން ދިއުމަކީ ކުއްޖާގެ މަސްލަހަތަށާއި އެ ކުއްޖާ އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް ހުރަސްއެޅޭނޭ ފަދަ ކަމަކަށް ވެދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެފަދަ މައުލޫމާތު ރިޕޯޓުން އުނިކުރުމަށްފަހު، އެ ރިޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ކުއްޖާގެ ބެލެނިވެރިޔާއަށް ކޯޓުން ދޫކުރެވިދާނެއެވެ.           

(ށ) ކުއްޖާއާ ގުޅޭގޮތުން ކޯޓަށް ހުށަހެޅިފައިވާ ރިސްކު އެސެސްމެންޓް ރިޕޯޓަށް، އެ ކުއްޖާ ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާ އެދޭ ހާލަތުގައި، އެ ރިޕޯޓު ދޫކުރުމުގައިވެސް ކޯޓުން އަމަލުކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.           

 

104 ވަނަ މާއްދާ - ހުކުމްކުރުމަކާ ނުލައި މައްސަލަ ނިންމުން

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫންނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށް، އެކްށަން ޕްލޭނުގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް ކަނޑައަޅާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ މުއްދަތުތައް، ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އިއްވަންވާނެއެވެ. އަދި އެ ފިޔަވަޅުތަކާ އެއްގޮތަށް ފުރިހަމައަށް ކުއްޖާ އަމަލުކޮށްފިނަމަ، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި އަދަބު ކަނޑައެޅުމަކާ ނުލައި ށަރީއަތުން މައްސަލަ ނިންމާނެކަމާއި، އެހެންނަމަވެސް، އެ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކޮށްފައި ނުވާނަމަ، އަދަބު ކަނޑައަޅައި އަދަބު ތަންފީޒުކުރަން އަމުރުކުރެވޭނެކަން ކުއްޖާއަށް އެންގުމަށްފަހު، އެ ދުވަހުގެ ށަރީއަތުގެ މަޖިލިސް ނިމުނީކަމުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.       

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަޖިލިސް ނިންމުމަށްފަހު، ކުއްޖާގެ މައްޗަށް ށަރީއަތުން ކަނޑައަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް، ޕްރޮބޭށަން ސެކްށަނުން ވަގުތުން ކުރިޔަށް ގެންދަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުން ނުދާކަން ކޯޓަށް ފާހަގަކުރެވިއްޖެނަމަ، މި ގަވާއިދުގެ     154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮބޭށަން ރިޕޯޓު، މައްސަލަ ބަލާ ސެކްށަނަށް ލިބޭތާ، ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަރީއަތުގެ މަޖިލީހެއް ބާއްވައި، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، އަދަބު ތަންފީޒުކުރުމަށް އަމުރުކުރުމަށްފަހު، އެ ގަޒިއްޔާ ބަލައި ނިމުނީކަން އިއުލާނުކޮށް ށަރީއަތުގެ މަޖިލިސް ނިންމައިލަންވާނެއެވެ. މި މާއްދާގެ ދަށުން އަދަބު ތަންފީޒުކުރަން ށަރީއަތުން އަމުރުކުރުމަށްފަހު، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން، އަދަބު ތަންފީޒުކުރުމަށް އަންގައި ކޯޓުން އަމުރު ނެރެންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް ކުއްޖާ ފުރިހަމަކޮށްފައިވާނަމަ، މި ގަވާއިދުގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮބޭށަން ރިޕޯޓު، މައްސަލަ ބަލާ ސެކްށަނަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަރީއަތުގެ މަޖިލީހެއް ބާއްވައި، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނިންމައި، އެ ގަޒިއްޔާ ބަލައި ނިމުނީކަމުގައި އިއުލާނުކޮށް، ށަރީއަތުގެ މަޖިލިސް ނިންމައިލަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ނެރޭ އަމުރު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ކޯޓުން ފޮނުވަންވާނެއެވެ. އަދި އެ އަމުރު، މައްސަލަ ފައިލުގައި ރައްކައުކުރަންވާނެއެވެ.   

 

ހަތަރުވަނަ ބައި

ސާދަވަނަ ބާބު

ހުކުމްކުރުމުގެ ފަހުގެ މަރުހަލާ

105 ވަނަ މާއްދާ - ސެންޓެންސިންގ ކޮންފަރެންސް  

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ށަރީއަތުން ހުކުމްކުރާތާ ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ސެންޓެންސިންގ ކޮންފަރެންސެއް ބޭއްވުމަށް، ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ކޯޓުން ހަމަޖައްސައި، މި މުއްދަތުގެ ތެރޭގައި މި ކޮންފަރެންސް ނުބޭއްވިއްޖެނަމަ،  ރަސްމީ ބަންދުނޫން އިތުރު 7 (ހަތެއް) ދުވަހުގެ ތެރޭގައި، ސެންޓެންސިންގ ކޮންފަރެންސެއް ބާއްވަންވާނެއެވެ.  

(ށ) ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި ދައުވާލިބޭ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް، ސެންޓެންސިންގ ކޮންފަރެންސްގައި، އަންނަނިވި ފަރާތްތަކުން ބައިވެރިވާންވާނެއެވެ.

  1. މައްސަލަބަލާ ފަނޑިޔާރާއި، ކޯޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން؛
  2. ދައުވާކުރާ ފަރާތުގެ ވަކީލު؛
  3. ދައުވާލިބޭ ފަރާތުގެ ވަކީލު؛
  4. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ކުއްޖާގެ ކޭސް ވާކަރ ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތް؛
  5. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ އޮފިސަރު؛
  6. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުން ކަނޑައަޅާ އޮފިސަރު؛
  7. ނޭށަނަލް ޑްރަގް އޭޖެންސީން ކަނޑައަޅާ އެ އޭޖެންސީގެ ކަމާ ގުޅުންހުރި މުވައްޒަފެއް؛
  8. އަނިޔާލިބޭ ކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކަނޑައަޅާ މުވައްޒަފެއް؛
  9. މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ކޯޓުން ކަނޑައަޅާ  ފަރާތްތައް. 

(ނ) މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައިވާ ފަރާތްތައް ބައިވެރިވާނީ، ހުށަހެޅިފައިވާ މައްސަލައިގެ ބާވަތުން ނުވަތަ ދައުވާލިބޭ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް، އެ ފަރާތްތައް ބައިވެރިކުރުމަށް ކޯޓުން ނިންމައިފިނަމައެވެ.

(ރ) ސެންޓެންސިންގ ކޮންފަރެންސްގެ މަގުސަދަކީ، ކުއްޖާގެ މައްޗަށް ކަނޑައަޅަން އެކަށީގެންވާ އަދަބާއި، އެ އަދަބު ތަންފީޒުކުރާނެ ގޮތާއި،  ކުއްޖާ އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރެވޭނެ ގޮތާ ބެހޭގޮތުން މަށްވަރާކޮށް ގޮތްތަކެއް ނިންމުމެވެ.   

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން ބޭއްވޭ ކޮންފަރެންސްގައި، އަދަބާ ގުޅޭގޮތުން ވާހަކަދައްކަން ދައުލަތުގެ ވަކީލަށް ފަނޑިޔާރު ފުރުސަތު ދޭންވާނެއެވެ. އަދި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލާއެކު ދައުވާލިބޭ ކުއްޖާ އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އަދި އެ އެއްބަސްވުން ށަރީއަތަށް ބަލައިގަތުމަށް ފަނޑިޔާރު ނިންމައިފައިވާނަމަ، އެ އެއްބަސްވުމުގެ ދަށުން ކުއްޖާގެ މައްޗަށް ކަނޑައެޅޭނެކަމަށް ބަޔާންކޮށްފައިވާ އަދަބު، ދައުލަތުގެ ވަކީލު ފާހަގަ ކުރަންވާނެއެވެ.

(ޅ) ދައުލަތުގެ ވަކީލަށް ފުރުސަތު ދިނުމަށްފަހު، ކުއްޖާގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަދެއްކުމަށް، ދިފާއީ ވަކީލަށް ފުރުސަތު ދޭންވާނެއެވެ. މި ފުރުސަތުގައި އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދޭން އެދޭ ސަބަބުތަކާއި، އަދަބު ތަންފީޒުކުރުމުގެ މަރުހަލާގައި ކުއްޖާގެ ފަރާތުން ހުށަހަޅަން ބޭނުންވާ އިތުރު ކަމެއް އޮތްނަމަ، ދިފާއީ ވަކީލު އެކަން މި ބައްދަލުވުމުގައި ފާހަގަ ކުރަންވާނެއެވެ.  

(ކ) ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށަކަށް ނުވިނަމަވެސް، މި ގަވާއިދުގެ 92 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 101 ވަނަ މާއްދާގެ (ކ) ގެ ދަށުން ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތުގައި އަދަބު ކަނޑައެޅިނަމަވެސް، އަދަބު ތަންފީޒުކުރުން ފަސްކޮށް، ކުއްޖާއަށް ފުރުސަތު ދިނުމާމެދު މި މާއްދާގެ ދަށުން ބޭއްވޭ ބައްދަލުވުމުގައި މަށްވަރާ ކުރެވިދާނެއެވެ.       

 

106 ވަނަ މާއްދާ - ސެންޓެންސިންގ ޕްލޭން އެކުލަވައިލުން

(ހ) ސެންޓެންސިންގ ކޮންފަރެންސް ބޭއްވުމަށްފަހު، އެ ކޮންފަރެންސްގައި ވާހަކަދެކެވި މަށްވަރާކުރެވުނު ކަންތައްތަކުގެ މައްޗަށާއި، މައްސަލައިގައި ކަންހިނގައިފައިވާ ގޮތަށް ބަލައި، އަދި ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މައްސަލަ ބަލާ ފަނޑިޔާރާއި ސެކްށަނުގެ ލަފަޔާއެކު، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ސެންޓެންސިންގ ޕްލޭނެއް، ކޯޓުގެ ޕްރޮބޭށަން އޮފިސަރ ތައްޔާރު ކުރަންވާނެއެވެ. އަދި މި ސެންޓެންސިންގ ޕްލޭން، ކޮންފަރެންސް ބާއްވާ ދުވަހުން ފެށިގެން، ގިނަވެގެން، ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ބަލާ ސެކްށަނާ ހިއްސާ ކުރަންވާނެއެވެ.              

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެންޓެންސިންގ ޕްލޭނުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ކުއްޖާގެ މައްޗަށް ސާބިތުވި ކުށް ނުވަތަ ކުށްތައް؛
  3. ކުއްޖާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ބާވަތާއި މުއްދަތު؛
  4. އަދަބު ތަންފީޒުކުރަންޖެހޭ ތަން؛
  5. އަދަބު ތަންފީޒުކުރާ މުއްދަތުގައި ކުއްޖާގެ މައްޗަށް އިތުރު ފިޔަވަޅުތަކެއް ކަނޑައަޅާނަމަ، އެ ފިޔަވަޅުތަކުގެ ތަފުސީލާއި، އެ ކަންކަން ފުރިހަމަކުރަންޖެހޭ ގޮތުގެ ތަފުސީލު؛
  6. ކުއްޖާއާ ގުޅޭގޮތުން ތަންފީޒީ އިދާރާތަކުގެ މައްޗަށް އަމުރެއް ކުރާނަމަ، އެ ކަންކަމުގެ ތަފުސީލުތައް؛
  7. ޕްރޮބޭށަނުގައި ބައިވެރިވުމަށް އެދުމުގެ ކުރިން، މަދުވެގެން ތަންފީޒުކުރަންޖެހޭ މުއްދަތު؛
  8. އަދަބު ތަންފީޒުކުރަމުންދާ މަރުހަލާގައި ކުއްޖާ އިސްލާހުވެ އަނބުރާ މުޖުތަމައަށް އައުމަށް އެހީތެރިވެދިނުމަށްޓަކައި، ކުއްޖާގެ ޕްރޮގްރެސް މޮނިޓަރކުރެވޭނެ ގޮތުގެ ތަފުސީލާއި، އެކަމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވޭނަމަ، އެ ބައްދަލުވުންތައް ބޭއްވުމަށް ކަނޑައެޅޭނެ މުއްދަތުތައް.

(ނ) ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅި ނަމަވެސް، ކުއްޖާއަށް ފުރުސަތު ދިނުމަށްޓަކައި، އަދަބު ތަންފީޒުކުރުން ފަސްކޮށް ށަރީއަތުން ފިޔަވަޅުތަކެއް އަޅަން ހުށަހަޅާނަމަ، މި ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަންވެސް ސެންޓެންސިންގ ޕްލޭނުގައި ހިމަނަންވާނެއެވެ.     

(ރ) މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ކަނޑައަޅާނީ ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ ނުރައްކާތެރިކަމާއި، އެ ކުށުން އަނިޔާ ލިބިފައިވާ ނުވަތަ ގެއްލުން ލިބިފައިވާ ފަރާތަށް ލިބިފައިވާ އަނިޔާގެ ނުވަތަ ގެއްލުމުގެ ކުޑަބޮޑުމިނަށާއި، ކުއްޖާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަށް ރިއާޔަތް ކުރުމަށްފަހުގައެވެ. 

 

107 ވަނަ މާއްދާ - ކޭސް ކޮންފަރެންސް ބޭއްވުން

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވާކަމަށް ނިންމާ ހާލަތުގައި، އެ ކުށަކީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫންނަމަ، އަދި ކުއްޖާގެ މައްޗަށް އަދަބެއް ކަނޑައެޅުމުގެ ބަދަލުގައި ށަރީއަތުން ފިޔަވަޅުތަކެއް އަޅަން ފަނޑިޔާރު ނިންމައިފިނަމަ، ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރާތާ ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކޭސް ކޮންފަރެންސެއް ބޭއްވުމަށް، ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ކޯޓުން ހަމަޖައްސައި، މި މުއްދަތުގެ ތެރޭގައި މި ކޮންފަރެންސް ނުބޭއްވިއްޖެނަމަ، ރަސްމީ ބަންދުނޫން އިތުރު 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކޭސް ކޮންފަރެންސެއް ބާއްވަންވާނެއެވެ.

(ށ) މި ކޮންފަރެންސްގެ މަގުސަދަކީ ކުއްޖާ ކުރިކަމަށް ސާބިތުވި ކުށުގެ އަމަލަށް އެކަށީގެންވާ ފިޔަވަޅެއް ކުއްޖާގެ މައްޗަށް ކަނޑައެޅުމާމެދު މަށްވަރާކުރުމާއި، އެ ފިޔަވަޅު ތަންފީޒުކުރާނެ ގޮތާއި، އަދި މުޖުތަމައުގައި ކުއްޖާ ބަހައްޓައިގެން އިސްލާހުކުރާނެ ގޮތާ ބެހޭގޮތުން މަށްވަރާކޮށް ގޮތްތަކެއް ނިންމުމެވެ.        

(ނ) ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި ދައުވާލިބޭ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް، ކޭސް ކޮންފަރެންސްގައި، އަންނަނިވި ފަރާތްތަކުން ބައިވެރިވާންވާނެއެވެ.  

  1. މައްސަލަބަލާ ފަނޑިޔާރާއި، ކޯޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން؛
  2. ދައުވާކުރާ ފަރާތުގެ ވަކީލު؛
  3. ދައުވާލިބޭ ފަރާތުގެ ވަކީލު؛
  4. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ކުއްޖާގެ ކޭސް ވާކަރ ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތް؛
  5. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ އޮފިސަރު؛
  6. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުން ކަނޑައަޅާ އޮފިސަރު؛
  7. ނޭށަނަލް ޑްރަގް އޭޖެންސީން ކަނޑައަޅާ އެ އޭޖެންސީގެ ކަމާ ގުޅުންހުރި މުވައްޒަފެއް؛
  8. އަނިޔާލިބޭ ކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކަނޑައަޅާ މުވައްޒަފެއް؛
  9. މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ކޯޓުން ކަނޑައަޅާ ފަރާތްތައް.        

 

108 ވަނަ މާއްދާ - އެކްށަން ޕްލޭން އެކުލަވައިލުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮންފަރެންސްގައި ވާހަކަދެކެވި މަށްވަރާކުރެވުނު ކަންތައްތަކުގެ މައްޗަށާއި، މައްސަލައިގައި ކަންހިނގައިފައިވާ ގޮތަށް ބަލައި، އަދި ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މައްސަލަ ބަލާ ފަނޑިޔާރާއި ސެކްށަނުގެ ލަފަޔާއެކު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން އެކްށަން ޕްލޭނެއް، ކޯޓުގެ ޕްރޮބޭށަން އޮފިސަރ ތައްޔާރު ކުރަންވާނެއެވެ. އަދި މި އެކްށަން ޕްލޭން، ކޮންފަރެންސް ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ބަލާ ސެކްށަނާ ހިއްސާކުރަންވާނެއެވެ.          

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކްށަން ޕްލޭނުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ކުއްޖާގެ މައްޗަށް ސާބިތުވި ކުށް ނުވަތަ ކުށްތައް؛
  3. ކުއްޖާގެ މައްޗަށް ށަރީއަތުން ކަނޑައަޅާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކާއި، އެ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކުގެ މުއްދަތުތައް؛
  4. އެ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް ފުރިހަމަކުރަންޖެހޭ ގޮތް؛
  5. ކުއްޖާއާ ގުޅޭގޮތުން ތަންފީޒީ އިދާރާތަކުގެ މައްޗަށް އަމުރެއް ކުރާނަމަ، އެ ކަންކަމުގެ ތަފުސީލުތައް؛
  6. އެ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކަށް އަމަލުކުރަމުންދާ މަރުހަލާގައި ކުއްޖާ އިސްލާހުވެ އަނބުރާ މުޖުތަމައަށް އައުމަށް އެހީތެރިވެދިނުމަށްޓަކައި، ކުއްޖާގެ ޕްރޮގްރެސް މޮނިޓަރކުރެވޭނެ ގޮތުގެ ތަފުސީލާއި، އެކަމަށް ޓަކައި ބައްދަލުވުންތަކެއް ބޭއްވޭނަމަ، އެ ބައްދަލުވުންތައް ބޭއްވުމަށް ކަނޑައެޅޭނެ މުއްދަތުތައް؛
  7. ކުއްޖާގެ މައްޗަށް ށަރީއަތުން އަޅާ ފިޔަވަޅުތަކާ ކުއްޖާ ހިލާފުވާނަމަ، އަމަލުކުރެވޭނެ ގޮތުގެ ތަފުސީލު.

(ނ) ކުއްޖާގެ މައްޗަށް ށަރީއަތުން ކަނޑައަޅާ ފިޔަވަޅުތަކާ ކުއްޖާ ހިލާފުވާ ހާލަތުގައި، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހިއްޖެނަމަ، މި ގަވާއިދުގެ 106 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަންވެސް އެކްށަން ޕްލޭނުގައި ހިމަނަންވާނެއެވެ.          

 

109 ވަނަ މާއްދާ -މަރުގެ މައްސަލަތަކުގައި ވާރިސުންގެ ބަހެއް ހޯދުން

ކުޑަކުއްޖެއްގެ މައްޗަށް މަރުގެ މައްސަލައެއް ސާބިތުވެއްޖަނަމަ، އިސްލާމީ ށަރީއަތުގައި އޮންނަ ގޮތުގެ މަތިން، މަރުވި ފަރާތުގެ ވާރިސުން މަރުގެ ދިޔަ  ބޭނުންވޭތޯ ބެލުމަށްޓަކައި، ކުށް ސާބިތުވާކަމަށް ހުކުމްކުރާ ތާރީހުން ފެށިގެން، ގިނަވެގެން، ރަސްމީ ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވާރިސުންގެ ބަހެއް ހޯދުމަށްޓަކައި އަޑުއެހުމެއް ބާއްވަންވާނެއެވެ.  

 

ފަނަރަވަނަ ބާބު

ށަރުއީ މަރުހަލާގައި ޑައިވަރށަންގެ ފުރުސަތު ދިނުން

110 ވަނަ މާއްދާ - ޑައިވަރށަންގެ ފުރުސަތު ނުދެވޭނެ ކުށްތައް 

ކޯޓު ލެވެލް ޑައިވާށަން ދިނުމުގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަންނަނިވި ހާލަތްތަކަށް ފަނޑިޔާރު ރިޔާއަތް ކުރަންވާނެއެވެ.

  1. ދައުވާލިބޭ ކުއްޖާގެ މައްޗަށް އުފުލިފައިވާ ދައުވާއަށް އިއުތިރާފުވެ، އަމިއްލައަށް އިސްލާހުވުމަށް ބޭނުންވުން؛
  2. ށަރީއަތުގެ ކުރީގެ މަރުހަލާގައި ޑައިވަރށަންގެ ފުރުސަތު ދީފައި ނުވުން؛
  3. ޑައިވަރށަންގެ ފުރުސަތުދެވި، ޑައިވަރށަންގެ ށަރުތުތަކާ ހިލާފުވެފައި ނުވުން؛
  4. ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ދައުވާ ސާބިތުވާ ހާލަތުގައި ކަނޑައެޅޭ އަދަބަކީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށްވުރެ ކުޑަ އަދަބެއް ކަމުގައި ވުން؛
  5. ދައުވާލިބޭ ކުއްޖާ ކުރި ކުށުގެ ސަބަބުން އެއްވެސް ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާނަމަ، އެ ކަމުގެ ކުޑަބޮޑުމިން؛
  6. ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ކުށް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ކަމުގައި ނުވުމާއި، އަދި/ނުވަތަ ރޭވި އިންތިޒާމުކުރެވިގެން ކަމުގައި ނުވުން؛
  7. ދައުވާލިބޭ ކުއްޖާގެ އުމުރާއި އިޖުތިމާއީ ހާލަތު؛
  8. ދައުވާލިބޭ ކުއްޖާގެ ނަފްސާނީ ހާލަތާއި ޖިސްމާނީ ހާލަތު؛
  9. ދައުވާލިބޭ ކުއްޖާގެ ކުށުގެ ރެކޯޑު؛
  10. ކުއްޖާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ރިސްކް އެސެސްމެންޓް ރިޕޯޓު އަދި/ނުވަތަ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން؛
  11. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ދައުވާލިބޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލުމަށް ނިންމައިފައިވާ ސަބަބު(ތައް)؛
  12. ދައުވާލިބޭ ކުއްޖާއާމެދު ޑައިވަރށަންގެ ދަށުން ފިޔަވަޅު އެޅުމުގެ މުހިންމުކަމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތް؛
  13. މައްސަލައިގައި ށަރީއަތުން ގޮތެއް ނިންމުމުގެ މުހިންމުކަމާއި، މުޖުތަމައުގެ އާންމު މަސްލަހަތާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން.

 

111 ވަނަ މާއދާ - ށަރުއީ މަރުހަލާގައި ޑައިވަރށަންގެ ފުރުސަތު ދިނުން

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ށަރުއީ މަރުހަލާގައި އެ ކުއްޖާއަށް ޑައިވަރށަންގެ ދަށުން ފުރުސަތު ދެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ކުއްޖާއަށް ދޭނެ ޑައިވަރށަންގެ ފިޔަވަޅާމެދު ސެންޓެންސިންގ ކޮންފަރެންސްގައި މަށްވަރާކުރަންވާނެއެވެ. މި ކޮންފަރެންސްގައި ބައިވެރިވާނީ، އަންނަނިވި ފަރާތްތަކެވެ.

  1. މައްސަލަ ބަލާ ފަނޑިޔާރާއި، ކޯޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން؛
  2. ދައުލަތުގެ ވަކީލު؛
  3. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ އޮފިސަރު؛
  4. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އޮފިސަރު؛
  5. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ކަނޑައަޅާ މުވައްޒަފު؛
  6. ހުށަހެޅިފައިވާ މައްސަލައިގެ ބާވަތުން، ކޯޓަށް ފެންނަ އިތުރު ފަރާތްތައް. 

(ށ) ދައުވާލިބޭ ކުއްޖާއަށް ށަރުއީ މަރުހަލާގައި ޑައިވަރށަންގެ ދަށުން ފުރުސަތު ދިނުމާމެދު ކަމާ ގުޅުންހުރި މުއައްސަސާތަކުން ދެކޭ ގޮތާއި، އެ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް، މި ބައްދަލުވުމުގައި އެ މުއައްސަސާތަކުން ފާހަގަކުރަންވާނެއެވެ. އަދި ކުއްޖާއަށް ޑައިވަރށަންގެ ދަށުން ފުރުސަތު ދިނުމަށް މުއައްސަސާތަކުން ހުށަހަޅާނަމަ، ނުވަތަ އެކަމަށް މުއައްސަސާތަކުން އިއުތިރާޒު ނުކުރާނަމަ، ޑައިވަރށަންގެ ދަށުން ކުއްޖާގެ މައްޗަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަށްވަރާ ކުރަންވާނެއެވެ. މި ބައްދަލުވުމުގައި މަށްވަރާކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް، ދައުވާލިބޭ ކުއްޖާއަށް ޑައިވަރށަންގެ ފުރުސަތު ދިނުމަށް ފަނޑިޔާރު ނިންމައިފިނަމަ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ    ''ށަރުއީ މަރުހަލާގައި ޑައިވަރށަން ފުރުސަތު ދިނުމަށް ފަނޑިޔާރު ނިންމުން'' މި ލިޔުމުގައި، އެ ނިންމުން ބިނާކުރި ސަބަބުތައް ބަޔާންކޮށް، އެ ލިޔުމުގެ ކޮޕީއެއް، ދައުލަތަށާއި ދައުވާލިބޭ ކުއްޖާއަށް ކޯޓުން ދޭންވާނެއެވެ.    

(ނ) މި މާއްދާގެ (ނ) ގެ ދަށުން ދައުވާލިބޭ ކުއްޖާއަށް އެ ލިޔުން ހަވާލުކުރާއިރު، އަންނަނިވި މައުލޫމާތު، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށާއި ދިފާއީ ވަކީލަށް ކޯޓުން ދޭންވާނެއެވެ. 

  1. ޑައިވަރށަންގެ ފުރުސަތު ލިބިދެވޭނީ، ކުއްޖާ އަމިއްލަ އިހްތިޔާރުގައި މިނިވަންކަމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ކުށުގެ ޒިންމާ ގަބޫލުކުރުމުންކަން؛
  2. ޑައިވަރށަންގެ ދަށުން ފިޔަވަޅުއެޅުމަށް ކުއްޖާ ރުހުން ދޭންޖެހޭކަން؛
  3. ޑައިވަރށަންގެ ދަށުން ފިޔަވަޅުއެޅުމަށް ކުއްޖާގެ ބެލެނިވެރިޔާ ރުހުން ދޭންޖެހޭކަމާއި، އެފަދައިން ރުހުން ދިނުމަށް އެކަށީގެންވާ ސަބަބެއް އޮވެގެން މެނުވީ ބެލެނިވެރިޔާ އިއުތިރާޒުކޮށްގެން ނުވާނެކަން؛
  4. ޑައިވަރށަންގެ ދަށުން ކުއްޖާއާމެދު ށަރުއީ މަރުހަލާގައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަމާއި، އެ ފިޔަވަޅުތައް ތަންފީޒު ކުރެވޭނީ ކިހާ މުއްދަތަކަށްކަން؛
  5. ކުއްޖާއާމެދު އެޅުމަށް ހަމަޖެހިފައިވާ ޑައިވަރށަންގެ ފިޔަވަޅާ ބެހޭގޮތުން ގާނޫނީ ލަފާ ހޯދުމަށް ފުރުސަތު ލިބިގެންވާކަން؛
  6. ޑައިވަރށަންގެ ފިޔަވަޅުތައް ކޯޓުން އަންގާ ގޮތެއްގެ މަތިން ފުރިހަމަކުރަމުން ނުދާނަމަ، އަދި/ނުވަތަ އެ ފިޔަވަޅުތަކާ ހިލާފުވާނަމަ، ޑައިވަރށަންގެ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެސް، އަދަބު ކަނޑައަޅައި، ހުކުމް ތަންފީޒުކުރަން ފަށާނެކަން.

(ރ) ޑައިވަރށަންގެ ދަށުން ފިޔަވަޅު އެޅުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ރުހުންދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 9 ގައިވާ ''ށަރުއީ މަރުހަލާގައި ޑައިވަރށަންގެ ދަށުން ފިޔަވަޅު އެޅުމަށް ދޭ ރުހުން'' މި ލިޔުމުގައި، ދައުވާލިބޭ ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.  

 

112 ވަނަ މާއްދާ - ޑައިވަރށަންގެ ފިޔަވަޅުތައް

(ހ) ށަރުއީ މަރުހަލާގައި ކުއްޖާގެ މައްޗަށް ޑައިވަރށަންގެ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 40 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، މި ގަވާއިދުގެ 17 ވަނަ ބާބާއި، 18 ވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ޑައިވަރށަންގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް، މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ ''ޑައިވަރށަން ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާ އެއްބަސްވުމާއި އިގުރާރު'' ގައި ދައުވާލިބޭ ކުއްޖާ ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

(ނ) ދައުވާލިބޭ ކުއްޖާގެ މައްޗަށް، ޑައިވަރށަންގެ އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު އަޅާނަމަ، އަދި އެފަދައިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މުޖުތަމައަށް ހިދުމަތްކުރުމުގެ ފިޔަވަޅެއް އަޅާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ އިތުރުން، މި ގަވާއިދުގެ ޖަދުވަލު 23 ގައިވާ ''މުޖުތަމައަށް ހިދުމަތްކުރުމުގެ އެއްބަސްވުން'' ގައި ދައުވާލިބޭ ކުއްޖާ ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.  

(ރ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޑައިވަރށަންގެ ފިޔަވަޅުތަކަށް މުއްދަތު ކަނޑައަޅާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 39 ވަނަ މާއްދާއާއި، މި ގަވާއިދުގެ 119 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. 

(ބ) ކުއްޖާގެ މައްޗަށް އަޅާ ޑައިވަރށަންގެ ފިޔަވަޅުތަކުގެ ތަފުސީލާއި، އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުން ނުވަތަ އެ ފިޔަވަޅުތަކާ ހިލާފުވެއްޖެނަމަ ނިކުންނާނޭ ނަތީޖާ، މި ގަވާއިދުގެ ޖަދުވަލު 11 ގައިވާ ''ޑައިވަރށަން ޕްލޭން'' ގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ޑައިވަރށަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ތަފުސީލުކޮށް، ދައުވާލިބޭ ކުއްޖާއަށާއި، ކުއްޖާގެ ބެލެނިވެރިޔާއަށާއި، ދިފާއީ ވަކީލަށް ކޯޓުން ކިޔައިދޭންވާނެއެވެ.       

(ޅ) ދައުވާލިބޭ ކުއްޖާގެ މައްޗަށް އަޅައިފައިވާ ޑައިވަރށަންގެ ފިޔަވަޅުތައް ކޯޓުން މޮނިޓަރ ކުރުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 19 ވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.   

(ކ) ދައުވާލިބޭ ކުއްޖާގެ މައްޗަށް އަޅައިފައިވާ ޑައިވަރށަންގެ ފިޔަވަޅުތައް މޮނިޓަރކުރުމުގެ މަރުހަލާގައި އެ ފިޔަވަޅުތަކަށް އެއްވެސް ބަދަލެއް ގެންނަންޖެހޭކަމަށް ކޯޓަށް ފެންނަނަމަ، އެކަން ކުރަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، މި ގަވާއިދުގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

(އ) ދައުވާލިބޭ ކުއްޖާގެ މައްޗަށް އަޅައިފައިވާ ޑައިވަރށަން ފިޔަވަޅުތައް ކުއްޖާ ފުރިހަމަކޮށްފައިވާ ގޮތުގެ ހުލާސާ ރިޕޯޓެއް، ޕްރޮބޭށަން އޮފިސަރު އެކުލަވައިލަންވާނެއެވެ.

 

113 ވަނަ މާއްދ- ޑައިވަރށަންގެ ފިޔަވަޅުތައް ފުރިހަމަކުރުން

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް އަޅައިފައިވާ ޑައިވަރށަންގެ ފިޔަވަޅުތައް، ކޯޓުން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ފުރިހަމަކޮށްފިނަމަ، މި ގަވާއިދުގެ 112 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހުލާސާ ރިޕޯޓު، މައްސަލަ ބަލާ ސެކްށަނަށް ލިބޭތާ، ގިނަވެގެން، ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލައިގައި ށަރީއަތުން އިތުރު ފިޔަވަޅެއް އެޅުމެއްނެތި މައްސަލަ ނިންމައިފައިވާކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 12 ގައިވާ ''ޑައިވަރށަންގެ ދަށުން ފިޔަވަޅު އަޅައިފައި މައްސަލަ ނިންމުން'' ލިޔުމުގައި ފަނޑިޔާރު ސޮއިކޮށް، އެ ލިޔުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، ދައުވާލިބޭ ކުއްޖާއަށް ކޯޓުން ހަވާލުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މައްސަލަ ކޯޓުން ނިންމައިފިނަމަ، މައްސަލަ ފައިލުގައި އެކަން ރެކޯޑުކޮށް، އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް ފުރިހަމަ ކުރަންވާނެއެވެ.

 

114 ވަނަ މާއްދާ - ޑައިވަރށަންގެ ފިޔަވަޅުތަކާ ހިލާފުވުން

ދައުވާލިބޭ ކުއްޖާގެ މައްޗަށް އަޅައިފައިވާ ޑައިވަރށަންގެ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުން ނުދާނަމަ، ނުވަތަ އެ ފިޔަވަޅުތަކާ ހިލާފުވެފައިވާނަމަ، ޑައިވަރށަންގެ ފިޔަވަޅުތައް ނިމުމަކަށް ގެންނަންވާނެއެވެ. އަދި މިފަދައިން ފަނޑިޔާރު ނިންމާ ނިންމުން ބިނާކުރި ސަބަބުތައް، މި ގަވާއިދުގެ ޖަދުވަލު 13 ގައިވާ ''ޑައިވަރށަންގެ ދަށުން އަޅައިފައިވާ ފިޔަވަޅުތައް ބާތިލުކުރުން'' ލިޔުމުގައި ބަޔާންކޮށް، މައްސަލަ ފައިލުގައި އެ ލިޔުން ރައްކައުކުރަންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީ، ދައުލަތަށާއި، ދައުވާލިބޭ ކުއްޖާއަށާއި، ޑައިވަރށަންގެ ދަށުން އަޅައިފައިވާ ފިޔަވަޅުތައް މޮނިޓަރކުރުން ހަވާލުކޮށްފައިވާ އިދާރާތަކަށް ކޯޓުން ފޮނުވަންވާނެއެވެ.

 

ސޯޅަވަނަ ބާބު

ށަރީއަތުން އަދަބު ކަނޑައެޅުމާއި، ފިޔަވަޅު އެޅުމާއި، މައްސަލަ ނިންމުން

115 ވަނަ މާއްދާ - ށަރީއަތުން އަދަބު ކަނޑައެޅުމާއި ފިޔަވަޅު އެޅުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާއެއްގައި، އަވަސްނިޔާގެ ށަރީއަތުގެ މަޖިލީހެއްގައި، ނުވަތަ އެ މައްސަލައިގެ ށަރީއަތްކުރުމަށްފަހު ބޭއްވޭ ހުކުމްކުރުމުގެ މަޖިލީހުގައި އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރުމަށްފަހު، އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ނުވަތަ ށަރީއަތުން ފިޔަވަޅު އެޅުމަށް ބާއްވާ މަޖިލިސް ބާއްވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

(ށ) ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރި ސެންޓެންސިންގ ޕްލޭން ނުވަތަ އެކްށަން ޕްލޭން، މައްސަލަ ބަލާ ސެކްށަނަށް ލިބޭތާ، ގިނަވެގެން، ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އަދަބު ކަނޑައެޅުމުގެ މަޖިލިސް ނުވަތަ ފިޔަވަޅު އެޅުމުގެ މަޖިލިސް ބާއްވަންވާނެއެވެ.

(ނ) ށަރީއަތުގެ މަޖިލިސް ފެށުމަށްފަހު، އެއީ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ނުވަތަ ށަރީއަތުން ފިޔަވަޅު އެޅުމަށް ބޭއްވޭ އަޑުއެހުމެއްކަން ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.   

 

116 ވަނަ މާއްދާ - އަދަބު ކަނޑައަޅައި އަދަބު ތަންފީޒުކުރުމަށް އަމުރުކުރުން

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްނަމަ، ސެންޓެންސިންގ ޕްލޭނުގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، އަދަބު ތަންފީޒުކުރަން ފަނޑިޔާރު އަމުރު ކުރަންވާނެއެވެ.

(ށ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ކުށެއް ކަމުގައި ނުވިނަމަވެސް، ކުށުގެ ރެކޯޑަށާއި، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ކުށުގެ އަމަލު ކުއްޖާ ހިންގައިފައިވާ ގޮތަށާއި، އެ ކުށުގައި ކުއްޖާގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި، އަދި ކުއްޖާއަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއްނަމަ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ކުއްޖާއަށް މީގެ ކުރިން އިސްލާހުވުމަށް ދީފައިވާ ފުރުސަތުތަކާއި އެ ފުރުސަތުތަކުގެ ބޭނުން ކުއްޖާ ކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސެންޓެންސިންގ ޕްލޭނުގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، އަދަބު ތަންފީޒުކުރަން އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.    

(ނ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްނަމަ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ  1205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، އަދަބު ތަންފީޒުކުރަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ބޭއްވޭ އަޑުއެހުމުގައި، ސެންޓެންސިންގ ޕްލޭނުގައި ހިމެނިފައިވާ ކަންކަމުގެ ތަފުސީލު، ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އިއްވަންވާނެއެވެ. އަދި ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، އަދަބު ތަންފީޒުކުރުމަށް އަމުރުކުރުމަށްފަހު، އެ ގަޒިއްޔާ ބަލައި ނިމުނީކަން އިއުލާނުކޮށް، ށަރީއަތުގެ މަޖިލިސް ނިންމައިލަންވާނެއެވެ.

(ބ) ކުއްޖާގެ މައްޗަށް ކަނޑައަޅާ އަދަބަކީ ބަންދުކުރުމުގެ އަދަބެއް ކަމަށް ވާނަމަ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ  ގޮތުގެ މަތިން އަދަބު ތަންފީޒުކުރުމަށް އަންގައި، ކޯޓުން އަމުރު ނެރެންވާނެއެވެ.  

 

117 ބަނަ މާއްދާ - އަދަބު ތަންފީޒުކުރުން ފަސްކުރުން

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫންކަމުގައި ވިޔަސް، ކުށުގެ ރެކޯޑަށާއި، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ކުށުގެ އަމަލު ކުއްޖާ ހިންގައިފައިވާ ގޮތަށާއި، އެ ކުށުގައި ކުއްޖާގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި، އަދި ކުއްޖާއަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއްނަމަ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ކުއްޖާއަށް މީގެ ކުރިން އިސްލާހުވުމަށް ދީފައިވާ ފުރުސަތުތަކާއި، އެ ފުރުސަތުތަކުގެ ބޭނުން ކުއްޖާ ކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސެންޓެންސިންގ ޕްލޭނުގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާ އިސްލާހުވުމަށް ފުރުސަތު ދިނުމަށްޓަކައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޖާ ބަންދުކުރުމަށް އަދަބެއް ކަނޑައެޅިފައިވާނަމަ، އެ އަދަބު ތަންފީޒުކުރުން ފަސްކުރުމަށް ނިންމައި، ކުއްޖާގެ މައްޗަށް ށަރީއަތުން ފިޔަވަޅުތަކެއް އެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުއްޖާގެ މައްޗަށް ކަނޑައަޅާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ މުއްދަތުތައް ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އިއްވަންވާނެއެވެ. އަދި އެ ފިޔަވަޅުތަކާ އެއްގޮތަށް ފުރިހަމައަށް ކުއްޖާ އަމަލުކޮށްފިނަމަ، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި އަދަބު ކަނޑައެޅުމަކާ ނުލައި ށަރީއަތުން މައްސަލަ ނިންމާނެކަމާއި، އެހެންނަމަވެސް، އެ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކޮށްފައި ނުވާނަމަ، އަދަބު ތަންފީޒުކުރަން އަމުރުކުރެވޭނެކަން ކުއްޖާއަށް އެންގުމަށްފަހު، އެ ދުވަހުގެ ށަރީއަތުގެ މަޖިލިސް ނިމުނީކަމުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މަޖިލިސް ނިންމުމަށްފަހު، ކުއްޖާގެ މައްޗަށް ށަރީއަތުން ކަނޑައަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ޕްރޮބޭށަން ސެކްށަނުން ވަގުތުން ކުރިޔަށް ގެންދަންވާނެއެވެ. 

(ބ) މި މާއްދާގެ (ށ) ގެ ދަށުން ބަންދުކުރުމަށް ކަނޑައަޅައިފައިވާ އަދަބު ތަންފީޒުކުރުން ފަސްކުރަން ފަނޑިޔާރު ނިންމާ ހާލަތުގައި، މި ގަވާއިދުގެ ޖަދުވަލު 14 ގައިވާ  "އަދަބު ތަންފީޒުކުރުން ފަސްކުރެވިފައިވާކަން އަންގާ ލިޔުން" ކޯޓުން ތައްޔާރުކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް، މައްސަލަ ފައިލުގައި ރައްކައު ކުރަންވާނެއެވެ.    

(ޅ) އަދަބު ތަންފީޒުކުރުން ފަސްކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 15 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ "އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ކުދިންނަށް އަންގާ އެންގުން" ލިޔުމުގައި، ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ލައްވާ ސޮއިކުރުވައި، އިނގިލީގެ ނިށާން ޖެހުމަށްފަހުގައެވެ.     

(ކ) މި މާއްދާގެ (ށ) ގެ ދަށުން ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުން ނުދާކަން ކޯޓަށް ފާހަގަކުރެވިއްޖެނަމަ، މި ގަވާއިދުގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮބޭށަން ރިޕޯޓު، މައްސަލަ ބަލާ ސެކްށަނަށް ލިބޭތާ، ގިނަވެގެން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަރީއަތުގެ މަޖިލީހެއް ބާއްވައި، ކުއްޖާގެ މައްޗަށް ކަނޑައަޅައިފައިވާ ބަންދުކުރުމުގެ އަދަބު ތަންފީޒުކުރުމަށް އަމުރުކުރުމަށްފަހު، އެ ގަޒިއްޔާ ބަލައި ނިމުނީކަން އިއުލާނުކޮށް، ށަރީއަތުގެ މަޖިލިސް ނިންމައިލަންވާނެއެވެ. މި މާއްދާގެ ދަށުން އަދަބު ތަންފީޒުކުރަން ށަރީއަތުން އަމުރުކުރުމަށްފަހު، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން، އަދަބު ތަންފީޒުކުރުމަށް އަންގައި ކޯޓުން އަމުރު ނެރެންވާނެއެވެ.            

(އ) މި މާއްދާގެ (ށ) ގެ ދަށުން ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް ކުއްޖާ ފުރިހަމަކޮށްފައިވާނަމަ، މި ގަވާއިދުގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮބޭށަން ރިޕޯޓު، މައްސަލަ ބަލާ ސެކްށަނަށް ލިބޭތާ، ގިނަވެގެން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަރީއަތުގެ މަޖިލީހެއް ބާއްވައި، ކުއްޖާގެ މައްޗަށް ކަނޑައަޅައިފައިވާ އަދަބު ތަންފީޒުކުރަން ނުޖެހޭކަމަށް އަމުރުކުރުމަށްފަހު، އެ ގަޒިއްޔާ ބަލައި ނިމުނީކަމުގައި އިއުލާނުކޮށް، ށަރީއަތުގެ މަޖިލިސް ނިންމައިލަންވާނެއެވެ. މި މާއްދާގެ ދަށުން އަދަބު ތަންފީޒުކުރަން ނުޖެހޭކަމަށް ށަރީއަތުން އަމުރުކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 29 ގައިވާ ނަމޫނާއާ އެއްގޮތަށް، "އަދަބު ތަންފީޒު ނުކުރުމަށް އަންގާ އަމުރު" ކޯޓުން ނެރެންވާނެއެވެ.   

(ވ) މި މާއްދާގެ (ކ) ގެ ދަށުން ނުވަތަ (އ) ގެ ދަށުން ނެރޭ އަމުރު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ކޯޓުން ފޮނުވަންވާނެއެވެ. އަދި އެ އަމުރު، މައްސަލަ ފައިލުގައި ރައްކައު ކުރަންވާނެއެވެ.              

 

118 ވަނަ މާއްދާ - ށަރުތުކުރުން

(ހ) މި ގަވާއިދުގެ 117 ވަނަ މާއްދާގެ ދަށުން އަދަބު ތަންފީޒުކުރުން ފަސްކުރުމަށް ނިންމާ ހާލަތުގައި ކުއްޖާގެ މައްޗަށް ށަރީއަތުން ކަނޑައަޅާ ފިޔަވަޅުތައް ފުރިހަމަކުރުމަށް ށަރުތުކޮށް މުއްދަތު ކަނޑައަޅާނީ، ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމާއެކީ، ކުއްޖާ އިސްލާހުވެ އަނބުރާ މުޖުތަމައަށް އައުމަށް މަގުފަހިވާނޭ ފަދަ ގޮތަކަށެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުއްދަތު ކަނޑައަޅާނީ، ކުއްޖާގެ މައްޗަށް ސާބިތުވި ކުށުގެ ޒާތާއި ބާވަތާއި އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) މަސްދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށެވެ. 

 

119 ވަނަ މާއްދާ - ޖޫރިމަނާއެއް ކަނޑައެޅުން

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުގެ ބައެއްގެ ގޮތުގައި ޖޫރިމަނާއެއް ކުއްޖާ ދައުލަތަށް ދައްކަންޖެހޭނަމަ، އެކަމަކީ މި ގަވާއިދުގެ 117 ވަނަ މާއްދާގެ ދަށުން ތަންފީޒުކުރުން ފަސްކުރެވޭނެ އަދަބެއް ނޫނެވެ. އަދި ޖޫރިމަނާއެއް ދައްކަން އަމުރުކުރާނަމަ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ  188 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު 17 ގައިވާ "ޖޫރިމަނާ ކުރިކަން އަންގާ ލިޔުން" ކޯޓުން ތައްޔާރުކޮށް، އެ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ދައުވާލިބޭ ކުއްޖާއަށް ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށާއި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާ އިދާރާއަށް ކޯޓުން ފޮނުވަންވާނެއެވެ. އަދި އެ ލިޔުމަކީ ސިއްރު ލިޔުމެއްކަމާއި، އެފަދަ ލިޔުމެއްގައިވާ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކުރުމަކީ ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކޮށްފައިވާ ކަމެއްކަން އެ ލިޔުމުގައި ބަޔާންކޮށް، އެ އިދާރާތަކަށް ކޯޓުން އަންގަންވާނެއެވެ.  

 

120 ވަނަ މާއްދާ - މަރުގެ ދިޔަ ދިނުން ނުވަތަ ބަދަލު ނަގައިދިނުން

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން މަރުގެ ދިޔަ ދައްކަންޖެހޭނަމަ ނުވަތަ     އެ ކުއްޖާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ކޯޓުން އަމުރުކުރާ ހާލަތުގައި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 189 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު 16 ގައިވާ "ދަރަނި ސާބިތުވެއްޖެކަން ކަނޑައަޅާ ލިޔުން'' ކޯޓުން ތައްޔާރުކޮށް، އެ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ދައުވާލިބޭ ކުއްޖާއަށް، ކޯޓުން ހަވާލު ކުރަންވާނެއެވެ. އަދި އަނިޔާ ލިބުނު ފަރާތަށް ނުވަތަ އެ ފަރާތުގެ އާއިލާއަށް، މި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ކޯޓުން ދޭންވާނެއެވެ.   

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދައިއިދެވޭ މަރުގެ ދިޔަ ނުވަތަ ބަދަލަކީ، މި ގަވާއިދުގެ 117 ވަނަ މާއްދާގެ ދަށުން ތަންފީޒުކުރުން ފަސްކުރެވޭނެ ކަންކަމެއް ނޫނެވެ.            

 

121 ވަނަ މާއްދާ - ކުށްކޮށްގެން ހޯދައިފައިވާ ފައިސާ/މުދާ ދައުލަތަށް ނެގުން

ދައުވާލިބޭ ކުއްޖާގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ށަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް އަމުރުކުރުމުގައި ކޯޓުން އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 28 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.    

 

122 ވަނަ މާއްދާ - މައްސަލަ ނިންމުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކޯޓަކަށް ޖިނާއީ ދައުވާއެއް ހުށަހެޅިއްޖެނަމަ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 63 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންވާނެއެވެ. 

(ށ) ކުއްލިއަކަށް ދިމާވާ ކަންކަމާއި، ހައްލު ކުރަން ދަތި މައްސަލައެއް ނުވަތަ ހުރަހެއް ދިމާވެގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މައްސަލައިގައި ހުކުމަކާ ހަމައަށް ވާސިލު ނުވެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށާއި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އަންގައި، އެ މުއްދަތުން ފެށިގެން އިތުރު 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ހުކުމް ކުރަންވާނެއެވެ.      

(ނ) ދައުވާލިބޭ ކުއްޖާއަށް ށަރުއީ މަރުހަލާގައި ޑައިވަރށަންގެ ފުރުސަތު ދިނުމަށް ކޯޓުން ނިންމައިފައިވާނަމަ، ކުއްޖާގެ މައްޗަށް ޑައިވަރށަންގެ ފިޔަވަޅުތައް އަޅާ ދުވަހުން ފެށިގެން ޑައިވަރށަންގެ ފިޔަވަޅުތައް ފުރިހަމަކުރުމާ ހަމައަށް، ނުވަތަ  އެ ފިޔަވަޅުތައް ބާތިލުކުރުމާ ހަމައަށް ހިނގާ މުއްދަތު، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައެއް ނުހިމެނޭނެއެވެ.

(ނ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުކުމްކުރުމަށްފަހު، ށަރީއަތުން އަޅާ އެހެނިހެން ފިޔަވަޅުތައް އެޅުމަށްޓަކައި ހޭދަވާ އިތުރު މުއްދަތެއް، މި މާއްދާގެ (ހ) އާއި (ށ) ގެ ތެރޭގައެއް ނުހިމެނޭނެއެވެ.   

 

123 ވަނަ މާއްދާ - ހުކުމްކުރުމަށްފަހު އެޅޭ އިޖުރާއީ ފިޔަވަޅުތައް ފުރިހަމަކުރުން

(ހ) މި ގަވާއިދުގެ ދަށުން، އަދަބު ކަނޑައެޅުން ފަސްކުރެވޭ މައްސަލަތަކާއި، އަދަބު ތަންފީޒުކުރުން ފަސްކުރެވޭ މައްސަލަތަކުގައި ހުކުމްކުރުމަށްފަހު، އިޖުރާއީގޮތުން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެޅުމަށްޓަކައި، ފަނޑިޔާރު ކަނޑައަޅާ މުއްދަތަކަށް ކޯޓުގައި އެ މައްސަލަ އޮންނަ އޮތުމަކީ މައްސަލަ ނުނިމި ހޭދަވާ މުއްދަތު ކަމުގައި ބަލައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓުން ކަނޑައަޅައިފައިވާ ށަރުތުތައް ކުއްޖާ ފުރިހަމަކުރުމުން، އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނުވަތަ އަދަބު ތަންފީޒުކުރަން ނުޖެހޭކަމަށް ނިންމާ މައްސަލަތައް، އެ މުއްދަތު ހަމަވުމުން ނިމުނީކަމުގައި ފަނޑިޔާރު ކަނޑައެޅުމުން، އެ މައްސަލައިގެ ފައިލު ބަންދުކުރުމަށްޓަކައި އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް މި ގަވާއިދުގައިވާ ގޮތުގެ މަތިން ކޯޓުން ފުރިހަމަ ކުރަންވާނެއެވެ.               

 

ފަސްވަނަ ބައި

ސަތާރަވަނަ ބާބު

ޖަލަށްލުމުގެ ބަދަލުގައި އެޅިދާނެ ފިޔަވަޅުތައް

124 ވަނަ މާއްދާ - ޖަލަށްލުމުގެ ބަދަލުގައި އެޅިދާނެ ފިޔަވަޅުތައް

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ، ށަރުއީ މަރުހަލާގައި ޑައިވަރށަނަށް ފޮނުވުމުގައްޔާއި، ށަރީއަތުގެ މަރުހަލާގައްޔާއި، ހުކުމްކުރުމަށްފަހު ޖަލަށްލުމަށް އަދަބު ކަނޑައެޅުމުގެ ބަދަލުގައި، ކުއްޖާގެ މައްޗަށް ށަރީއަތުން އެޅިދާނެ ފިޔަވަޅުތަކެކެވެ. އަދި ށަރުއީ މަރުހަލާގައި ކުއްޖާ އިސްލާހުވުމަށް ބާރުއެޅުމުގެ ގޮތުން، މި ބާބުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ކުއްޖާގެ މައްޗަށް އެޅުމަށް ފަނޑިޔާރު އިސްކަންދޭންވާނެއެވެ. 

(ށ) ކުޑަކުއްޖެއްގެ މައްޗަށް ހުށަހެޅިފައިވާ ނުވަތަ ސާބިތުވި ކުށަކީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށަކަށް ނުވާނަމަ، އެ ކުށަށް  އަދަބު ކަނޑައަޅައި، ޖަލަށްލުމުގެ ބަދަލުގައި، މި މާއްދާގައިވާ ގޮތުގެ މަތިން އެ ކުއްޖާއާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާއިރު، އެ ފިޔަވަޅަކީ ނުވަތަ ފިޔަވަޅުތަކަކީ، ކުއްޖާއަށް އިލްމީގޮތުން އެއްޗެއް އުނގެނުމަށް މަގުފަހިވާނެ، ނުވަތަ ހުނަރެއް ދަސްކުރުމަށް މަގުފަހިވާނޭ އަދި އިޖުތިމާއީގޮތުން ގުޅުންތައް ރަނގަޅު ކުރުމަށް ދަސްކޮށްދޭނޭ ފިޔަވަޅުތަކަކަށް ހެދުމަށް ފަނޑިޔާރު އިސްކަންދޭންވާނެއެވެ.

(ރ) ކުއްޖާގެ ހައްގުތަކަށާއި، އިސްލާހުވެ އަނބުރާ މުޖުތަމައަށް ގެނައުމަށް މަގުފަހިކޮށްދިނުމަށާއި، އަނިޔާ ލިބުނު ފަރާތުގެ ނުވަތަ ގެއްލުން ލިބުނު ފަރާތުގެ ހައްގުތަކަށާއި، މުޖުތަމައުގެ ހައްގުތަކަށް ވެސް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ. އެގޮތުން، ތިރީގައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅިދާނެއެވެ.

  1. ކުއްޖާގެ ބެލެނިވެރިޔާގެ ނުވަތަ އެކަމަށްޓަކައި ކޯޓުން އައްޔަނުކުރާ ގާބިލު އެހެން މީހެއްގެ ނުވަތަ ޕްރޮބޭށަން އޮފިސަރެއްގެ ބެލުމުގެ ދަށުން، ކުއްޖާ ރަނގަޅު އަހްލާގު ދެމެހެއްޓުން ށަރުތުކޮށް، މި ގަވާއިދުގެ 125 ވަނަ މާއްދާގެ ދަށުން، ޕްރޮބޭށަންގައި ކުއްޖާ ދޫކުރުން؛
  2. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑައިވަރށަންގެ ފިޔަވަޅެއް އެޅުން؛

(ބ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ކުށުގެ ށިކާރައަކަށް ވީ ކުއްޖާ/މީހާ ނުވަތަ އަނިޔާ ލިބުނު ކުއްޖާގެ/މީހާގެ ކިބައިން ލިޔުމުން ނުވަތަ އަނގަބަހުން މާފަށް އެދުމަށް އެންގުން؛
  2. ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމުދޭ މަރުކަޒަކަށް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށް ގަވާއިދާ އެއްގޮތަށް ދިއުމަށް ކުއްޖާއަށް އެންގުން؛
  3. ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޖާގެ އާއިލާއާއެކު އަދި/ނުވަތަ ބެލެނިވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް އެންގުން؛
  4. ކުއްޖާގެ އުޅުމަށް ހެޔޮ ބަދަލު އަންނާނެ ފަދަ ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކުއްޖާގެ އުޅުން ގެންގުޅުމަށް ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކާ އެއްގޮތަށް އަމަލުކުރުމަށް ކުއްޖާއަށް އެންގުން؛
  5. ކުއްޖާގެ އުޅުން މޮނިޓަރ ކުރުމަށް ޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭށަން އޮފިސަރަކަށް ރިޕޯޓުކުރުމަށް އެންގުން؛
  6. ކައުންސެލިންގ ނުވަތަ ގްރޫޕް ކައުންސެލިންގ ނުވަތަ  ފަރުވާ ލިބިދެނިވި ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުން؛
  7. ޒިންމާދާރު މީހެއްގެ އިރުށާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރކުރުމަށް އެންގުން؛
  8. ވޮކޭށަނަލް ޓްރެއިނިންގއެއްގައި ނުވަތަ ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިކުރުވުން؛
  9. ކުއްޖާ ވަޒީފާއަކަށް ދާން އެދޭނަމަ، ކޯޓުން ކަނޑައަޅާ ވަކި އުސޫލުތަކެއްގެ މަތިން ވަޒީފާއަށް ދިއުމަށް އަމުރުކުރުން؛
  10. ކުއްޖާގެ ފަރާތުން ލިބިފައިވާ ގެއްލުމަށް ބަދަލުދިނުމަށް އެންގުން؛
  11. ކުއްޖާ ހިންގި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް އެ ގެއްލުން  ފޫބައްދައިދިނުމަށްޓަކައި، އެ ފަރާތުގެ ރުހުމާއެކު، އެކަން ރަނގަޅުކުރުމަށް އެ ފަރާތަށް ކަމެއް ކޮށްދިނުމަށް އެންގުން؛
  12. ޖޫރިމަނާއެއް ދެއްކުމަށް ކުއްޖާއަށް އެންގުން؛
  13. ކޮމިއުނިޓީ ކޮންފަރެންސިންގއަށް ފޮނުވުން؛
  14. މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް އެންގުން؛
  15. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޖާއާ އެކަށޭނެ އެނޫންވެސް ރުޖޫއީ އިންސާފުގެ އުސޫލަށް ބިނާވެފައިވާ ފިޔަވަޅެއް އެޅުން؛
  16. ކެއަރ އެންޑް ވެލްފެއަރ އޯޑަރެއް ނެރުން.

(ޅ) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި (11) ވަނަ ނަންބަރުގައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅަންވާނީ، އަނިޔާ ލިބުނު ފަރާތުން ނުވަތަ ގެއްލުން ލިބުނު ފަރާތުން ކުށްކުރި ކުއްޖާއަށް އެ ފުރުސަތު ދޭން ކޮމިއުނިޓީ ކޮންފަރެންސެއްގައި އެއްބަސްވާ ހާލަތުގައެވެ.

(ކ) މި މާއްދާގެ (ބ) ގެ (14) ވަނަ ނަންބަރުގެ ދަށުން، މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމެއްގައި ނުވަތަ އެފަދަ މަސައްކަތެއްގައި ކުއްޖާ ބައިވެރިވާން އަންގަންވާނީ، މި ގަވާއިދުގެ 18 ވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.  

(އ) މި ބާބުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކުއްޖާގެ މައްޗަށް އަޅާނަމަ، އެ ފިޔަވަޅާ އެއްގޮތަށް ނުވަތަ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރާނެކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 20 ގައިވާ ''ށަރީއަތުން އަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާ އެއްބަސްވުމާއި އިގުރާރު'' ގައި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.            

(ވ) މި މާއްދާގައިވާ ގޮތުގެ މަތިން ށަރީއަތުން އަޅާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކާއި، އެކަންކަމަށް ކުއްޖާ އަމަލު ކުރަންޖެހޭ ގޮތާއި، ކުއްޖާ އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ކަމާބެހޭ ފަރާތްތަކުން ބަލާނެ ގޮތާއި، އެފަދައިން އެޅިފައިވާ ފިޔަވަޅުތަކަށް އަމަލުކުރަންޖެހޭ މުއްދަތާ ގުޅޭގޮތުން ކުއްޖާއަށް އަނގަބަހުންނާއި ލިޔުމުން އިރުށާދު ދޭންވާނެއެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ވެސް މި މައުލޫމާތު ކޯޓުން ދޭންވާނެއެވެ.

(މ) މި ބާބުގެ ދަށުން ކުއްޖާގެ މައްޗަށް ފިޔަވަޅު އަޅައިފައިވާނަމަ، ކުއްޖާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ނުވަތަ ގެއްލުން ލިބުނު ފަރާތަށް، ށަރީއަތުގެ ނިންމުން ކޯޓުން އަންގަންވާނެއެވެ. އަދި އަނިޔާ ލިބުނު ފަރާތަކީ ނުވަތަ ގެއްލުން ލިބުނު ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރު ނުފެރޭ ކުޑަކުއްޖެއްނަމަ، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބުއްދީގެ ގޮތުން ތަސައްރަފު ނުފުދޭ ފަރާތެއްނަމަ، އެ ފަރާތެއްގެ ބެލެނިވެރިޔާއަށް މި މައުލޫމާތު ކޯޓުން ދޭންވާނެއެވެ.     

 

125 ވަނަ މާއްދާ - ޕްރޮބޭށަންގައި ދޫކުރުން

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ނުވަތަ ސާބިތުވި ކުށުގެ ޒާތާއި ބާވަތާއި އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އަންނަނިވި ކަންކަމަށް ށަރުތުކޮށް، ކުއްޖާ ޕްރޮބޭށަންގައި ދޫކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.   

  1. ކުއްޖާ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ، ނުވަތަ ގެންގުޅޭ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، ލަސްނުކޮށް އެކަން ކޯޓަށް އެންގުން؛
  2. ކޯޓުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ބެލެނިވެރިޔާއާއެކު ކޯޓަށް ހާޒިރުވެ ޕްރޮބޭށަން އޮފިސަރާ ބައްދަލުކުރުން؛
  3. ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް، ނުވަތަ ވޮކޭށަނަލް ސެންޓަރަކަށް ބެލެނިވެރިޔާއާއެކު ގޮސްއައިސްވުން؛
  4. ވަޒީފާއެއް އަދާކުރާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާއަށް ދިއުން؛
  5. އިތުރު ކުށެއް ނުކުރުން؛
  6. ވަކި ގަޑިއެއްގައި ގެއިން ބޭރުގައި ނޫޅުން؛
  7. ވަކި ސަރަހައްދަކަށް ނުވަތަ ސަރަހައްދުތަކަކަށް ނުދިއުން؛
  8. ވަކި ކުއްޖަކާ ނުވަތަ މީހަކާ ނުވަތަ ބަޔަކާ އެއްވެސް މުއާމަލާތެއް ނުކުރުން؛
  9. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުއްޖާއަށް ކުރިޔަށްގެންދާ ސެށަންތަކަށް ގަވާއިދުން ހާޒިރުވުން؛      
  10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިޔަށްގެންދާ އިސްލާމިކް ކައުންސެލިންގ ސެށަންތަކަށް ގަވާއިދުން ހާޒިރުވުން؛
  11. ޑްރަގް ރީހެބިލިޓޭށަން ނުވަތަ އެހެންވެސް ފަރުވާ ނުވަތަ ކައުންސެލިންގގެ ހިދުމަތްތައް ލިބގަންނަން ކަނޑައެޅިފައިވާ މަރުކަޒަކަށް ގަވާއިދުން ހާޒިރުވުން؛
  12. މުޖުތަމައަށް ހިދުމަތެއް ކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮބޭށަންގައި ކުއްޖާ ދޫކުރާނީ، މި ގަވާއިދުގެ ޖަދުވަލު 18 ގައިވާ ނަމޫނާއާ އެއްގޮތަށް ކުއްޖާގެ މައްޗަށް ކޯޓުން ނެރޭ ''ޕްރޮބޭށަން އަމުރު'' ގެ ދަށުންނެވެ. އަދި އެ އަމުރުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. އަމުރުގެ ނަންބަރާއި، އަމުރު ނެރޭ ކޯޓުގެ ނަން؛
  2. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  3. ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ ދައުވާ ނުވަތަ ސާބިތުވެފައިވާ ކުށާއި، ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތަފުސީލުތައް؛
  4. ޕްރޮބޭށަންގައި ކުއްޖާ ދޫކޮށްފައިވާ މުއްދަތު؛
  5. ކުއްޖާގެ މައްޗަށް ކޯޓުން ކަނޑައަޅާ ށަރުތުތައް؛
  6. ޕްރޮބޭށަން އަމުރާ ހިލާފުވެއްޖަނަމަ، ކުއްޖާގެ މައްޗަށް އެޅިދާނެ ގާނޫނީ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް؛
  7. އަމުރު ނެރުނު ތާރީހު؛
  8. އަމުރު ނެރުނު ފަނޑިޔާރުގެ ނަމާއި، ސޮޔާއި، ކޯޓުގެ ސިއްކަ.

(ނ) ޕްރޮބޭށަންގައި ކުއްޖަކު ދޫކުރެވޭ މުއްދަތު ކަނޑައަޅާނީ، މި ގަވާއިދުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.   

 

126 ވަނަ މާއްދާ - ތައުލީމާއި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމާއި، ލައިފް ސްކިލްސްގެ ޕްރޮގްރާމުތައް

(ހ) ތައުލީމު އުނގަންނައިދޭ ތަނަކަށް ނުވަތަ މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ މަރުކަޒަކަށް ގަވާއިދުން ދިޔުމަށް ނުވަތަ ލައިފް ސްކިލްސް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކުއްޖާއަށް އަންގާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.  

(ށ) ށަރީއަތަށް މައްސަލަ ހުށަހެޅޭއިރު ކުއްޖާއަކީ ސްކޫލެއްގައި ނުވަތަ ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި އުޅޭ ކުއްޖެއްނަމަ، އެ ތަނަކަށް ގަވާއިދުން ހާޒިރުވެ، ކުއްޖާ ބައިވެރިވެފައިވާ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަކުރަން ފަނޑިޔާރަށް އެންގިދާނެއެވެ.

(ނ) ކޯޓުން ހުކުމްކުރާއިރު، މި މާއްދާގެ (ށ) ގައިވާ ފަދަ ޕްރޮގްރާމެއްގައި ނުވަތަ ކޯހެއްގައި ކުއްޖާ ބައިވެރިވެފައި ނުވާނަމަ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ އެހީތެރިކަމާއެކު، ކުއްޖާ ށައުގުވެރިވާ ފަދަ ޕްރޮގްރާމެއްގައި ނުވަތަ ކޯހެއްގައި ކުއްޖާ ބައިވެރިކުރެވިދާނެއެވެ. އަދި އެ ކުއްޖާއަކީ ރަނގަޅަށް ލިޔަންކިޔަން ނުދަންނަ ކުއްޖެއްނަމަ، އެ ކުއްޖާ ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އިސްކަންދޭންވާނެއެވެ.   

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ކުއްޖާ އެއްވެސް ޕްރޮގްރާމެއްގައި ނުވަތަ ކޯހެއްގައި ބައިވެރިކުރުވުމުގެ ކުރިން، އެ ޕްރޮގްރާމުގެ ސައްހަކަން ކަށަވަރު ކުރުމަށް ޓަކައި، ހުށަހެޅިފައިވާ ލިޔުންތަކާއި ކޯޓުން ބަލަންޖެހޭ ބެލުންތައް ބަލަންވާނެއެވެ. އަދި އެ ޕްރޮގްރާމް ނުވަތަ ކޯސް ހިންގަނީ ކޯޓު ނުވަތަ ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ ގަބޫލުކުރާ ފެންވަރުގެ ތަނެއްތޯ ކަށަވަރު ކުރަންވާނެއެވެ.     

 

127 ވަނަ މާއްދާ - އިސްލާމިކް  ކައުންސެލިންގ ދިނުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ކުއްޖާއަށް އިސްލާމިކް ކައުންސެލިންގ ދިނުމަށް ފޮނުވާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ށ) ކުށްކުރާ ކުޑަކުދިންނަށް އިސްލާމިކް ކައުންސެލިންގ ދޭންވާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައި ތައްޔާރު ކޮށްފައިވާ ޕްރޮގްރާމެއްގެ ތެރެއިންނެވެ. މިފަދައިން ތައްޔާރުކުރެވޭ ޕްރޮގްރާމުގައި ދީނީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، ދީނީ ނަޒަރަކުން އިޖުތިމާއީގޮތުން ކުއްޖާ ހޭލުންތެރި ކުރުވުމަށް ޓަކައި ދޭންޖެހޭ މައުލޫމާތު ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ނުވަތަ ހުށަހެޅިފައިވާ ދައުވާގައިވާ ކުށާ ބެހޭގޮތުން ދީނުގައި އައިސްފައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުން ހިމެނެއެވެ.   

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މައުލޫމާތު ދޭއިރު، އަންނަނިވި ބައިތައް ހިމެނިދާނެއެވެ.    

  1. އިސްލާމީ ދިރިއުޅުމެއް އުޅުމަށް ކޮންމެ މުސްލިމަކަށްވެސް ކޮންމެހެން އެނގެންޖެހޭ ކަންކަން (ތައުހީދުގެ ބައިތަކާއި، ތަހާރަތާއި، ނަމާދުކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ހައްޖުވުން)؛
  2. ކުށްފާފަތަކުން ތައުބާވުމުގެ މުހިންމުކަމާއި، ތައުބާވެވޭނެ ގޮތްތައް؛
  3. ރަލާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ ނަފްސަށާއި، އާއިލީ ގުޅުންތަކަށާއި، އިޖުތިމާއީ ގުޅުންތަކަށް އެއިން ކުރާ ނޭދެވޭ އަސަރުތައް؛
  4. ޖިންސީ ކުށްތަކަށް އަރައިގަތުމުގެ ސަބަބުން އަމިއްލަ ނަފްސަށް އެއިން ކުރާ ނޭދެވޭ އަސަރުތައް؛
  5. އަނެކުންގެ ނަފްސަށާއި މުދަލަށް ގެއްލުން ދިނުމުގެ ސަބަބުން އަނިޔާ ލިބޭ ނުވަތަ ގެއްލުން ލިބޭ ފަރާތަށް ކުރިމަތިވެދާނެ ޖިސްމާނީ ގެއްލުންތަކާއި ނަފްސާނީ ގެއްލުންތައް؛
  6. އަމިއްލަ ނަފްސަށާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ މުހިންމުކަމާއި، ދީނުގައި ހައްގުތައް ހިމާޔަތްކުރުމަށް ބާރުއަޅައިފައިވާ މިންވަރު؛ 
  7. އާއިލީ ގުޅުންތައް ވަރުގަދަކުރުމާއި، އެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމާއި، މައިންބަފައިންނަށް އިހްތިރާމްކުރުމުގެ މުހިންމުކަން؛  
  8. ރަނގަޅު ރަހްމަތްތެރިން އިހްތިޔާރުކުރުމުގެ މުހިންމުކަން؛
  9. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ މުހިންމުކަން؛
  10. ކުށުން ދުރުހެލިވެ، ރަނގަޅު ދިރިއުޅުމެއް އާރާސްތުކުރުމުގެ މުހިންމުކަމާއި، އެކަމުގެ ފައިދާތައް.

(ބ) އިސްލާމިކް ކައުންސެލިންގއަށް ކުއްޖާ ފޮނުވުމުގެ ކުރިން، ކުއްޖާއާ ގުޅޭގޮތުން، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ތައްޔާރުކުރާ ދީނީ ސެށަނަށް ބޭނުންވާ މުހިންމު މައުލޫމާތު ހިމެނޭ ރިޕޯޓު ކޯޓަށް ހުށަހެޅުމަށް   އެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ. އަދި މި ރިޕޯޓު، އިސްލާމިކް ކައުންސެލިންގ ދޭ ފަރާތާ ކޯޓުން ހިއްސާކުރަންވާނެއެވެ. މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާއަށް އިސްލާމިކް ކައުންސެލިންގ ދިނުމުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ކައުންސެލިންގ ދޭ ފަރާތްތަކުން ރިއާޔަތް ކުރަންވާނެއެވެ. 

(ޅ) އިސްލާމިކް ކައުންސެލިންގއަށް ކުއްޖާ ފޮނުވަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މި މާއްދާގެ (ބ) ގައިވާ ރިޕޯޓު، ކައުންސެލިންގ ދޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

(ކ) ކުއްޖާއަށް ދިނުމަށް ކަނޑައަޅައިފައިވާ އިސްލާމިކް ކައުންސެލިންގ ސެށަންތައް ކުރިޔަށް ގެންގޮސްފައިވާ ގޮތުގެ ފީޑްބެކް ރިޕޯޓު، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޯޓަށް ފޮނުވަމުން ގެންދަންވާނެއެވެ.    

 

128 ވަނަ މާއްދާ - ކައުންސެލިންގއާއި ފަރުވާގެ ޕްރޮގްރާމުތައް

(ހ) ދައުވާލިބޭ ކުއްޖާއަކީ ކައުންސެލިންގ ނުވަތަ އެއްވެސް ބާވަތެއްގެ ފަރުވާއެއް ބޭނުންވާ ކުއްޖެއްކަމަށް، ށަރީއަތަށް ހުށަހެޅިފައިވާ އެ ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި ހުރި މައުލޫމާތަށް ބަލާއިރު ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ނުވަތަ ކޯޓުން ކަނޑައަޅާ އެހެން މުއައްސަސާއަކުން ނުވަތަ ޖަމްއިއްޔާއެއްގެ ދަށުން ހިންގާ، އެ ކުއްޖާގެ ހާލަތަށް އެކަށީގެންވާ ކައުންސެލިންގ އަދި/ނުވަތަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކުއްޖާއަށް އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ތިރީގައިވާ ކަންކަމަށް ކައުންސެލިންގ ނުވަތަ ފަރުވާގެ ހިދުމަތް ލިބިގަތުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

  1. އަހްލާގީ މައްސަލަތައް އިސްލާހުކުރުމަށް ހާއްސަކުރެވޭ ޕްރޮގްރާމްތައް؛
  2. ރުޅި ކޮންޓްރޯލްކުރަން ދަސްކޮށްދިނުމާއި، ހިތާމައާއި ހާސްކަމާއި ޑިޕްރެށަންފަދަ އެކި ކަހަލަ ޖަޒުބާތުތަކާ އެކަށީގެންވާ ގޮތެއްގައި ކުރިމަތިލުމަށް ދަސްކޮށްދޭ ޕްރޮގްރާމްތައް؛  
  3. ޑްރަގް ރީހެބިލިޓޭށަން ނުވަތަ ފަރުވާގެ ޕްރޮގްރާމްތައް؛
  4. ބަދުއަހުލާގީ އަމަލުތަކާއި ޖިންސީ އަމަލުތަކުގައި ށާމިލުވާ ކުދިންނަށް ހާއްސަކޮށްގެން ހިންގާ އިސްލާހީ ޕްރޮގްރާމްތައް؛
  5. އަނިޔާވެރި ކުށްތަކާއި ބޮޑެތި ކުށްތަކުގައި ށާމިލުވާ ކުދިންނަށް ހިންގޭ ޕްރޮގްރާމްތައް؛
  6. ކުށްކުރާ ކުޑަކުދިންގެ ތެރެއިން އެކި ކަހަލަ އަނިޔާ ލިބިފައިވާ ކުދިންނަށް ހިންގޭ ފަރުވާގެ ޕްރޮގްރާމްތައް؛
  7. ކުއްޖާ ބައިވެރިކުރަން ކޯޓަށް ފެންނަ ކައުންސެލިންގ ނުވަތަ ފަރުވާގެ އެހެނިހެން ޕްރޮގްރާމްތައް.  

 

129 ވަނަ މާއްދާ - ކޮމިއުނިޓީ ކޮންފަރެންސް

(ހ) ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުރިޔަށްގެންދާ ކޮމިއުނިޓީ ކޮންފަރެންސްގައި ބައިވެރިވުމަށް، މި ގަވާއިދުގެ 124 ވަނަ މާއްދާގެ (ބ) ގެ (13) ވަނަ ނަންބަރުގެ ދަށުން، ކުއްޖާއަށް ކޯޓުން އެންގިދާނެއެވެ. އަދި   އެ ކޮންފަރެންސް ކުރިޔަށްދާނީ އެފަދަ ކޮންފަރެންސްތައް ކުރިޔަށް ގެންދިއުމަށް އެ އިދާރާއިން އެކުލަވައިލައިފައިވާ އުސޫލުގެ ދަށުންނެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރިޔަށް ގެންދާ ކޮންފަރެންސްގައި ކޯޓުގެ ފަރާތުން ޕްރޮބޭށަން އޮފިސަރަކު ބައިވެރިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކޮމިއުނިޓީ ކޮންފަރެންސަކަށް ކުއްޖާ ފޮނުވާނީ، ކުއްޖާގެ މައްޗަށް އުފުލައިފައިފައިވާ ދައުވާއަށް އެ ކުއްޖާ އިއުތިރާފުވާ ހާލަތުގައި، އެފަދަ ކޮންފަރެންސެއް މެދުވެރިކޮށް މައްސަލައިގައި ހައްލެއް ހޯދުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ އެއްބަސްވާނަމައެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން ބޭއްވޭ ކޮންފަރެންސަށްފަހު، ކޮންފަރެންސްގައި ކުއްޖާގެ ފަރާތުން ކުރަން އެއްބަސްވި ކަންތައްތަކުގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ލިޔުމުން ތައްޔާރުކުރަންވާނެއެވެ. އަދި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް، ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ އިގުރާރުވެ، އެ ލިޔުމުގައި ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.       

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް، ކޯޓަށް ފޮނުވަންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީ، ކުއްޖާގެ ޕްރޮބޭށަން ފައިލުގައި ކޯޓުން ރައްކައުކުރަންވާނެއެވެ.                

 

130 ވަނަ މާއްދާ - އިންޓެންސިވް ސުޕަވިޒަން އަމުރު

(ހ) ދައުވާލިބޭ ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ނުވަތަ ސާބިތުވި ކުށުގެ ޒާތާއި ބާވަތާއި އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ ކުއްޖާގެ މައްޗަށް އިންޓެންސިވް ސުޕަވިޒަން އަމުރެއް ކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.    

(ށ) މި މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް އިންޓެންސިވް ސުޕަވިޒަން އަމުރެއް ނެރެންވާނީ، ކުއްޖާއަކީ ކުށް ތަކުރާރުކުރާ ކުއްޖެއްކަމަށް ބެލެވޭނަމަ، ނުވަތަ މުޖުތަމައުގައި ހުރެގެން އިސްލާހުވުމުގެ ފުރުސަތު ކުއްޖާއަށް ކޯޓުން ދިންކަމުގައި ވިޔަސް، އެ ކުއްޖާއަކީ ހަރުދަނާ އުސޫލެއްގެ ދަށުން ގާތުން ބަލަހައްޓަންޖެހޭ ކުއްޖެއްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތުގައެވެ. 

(ނ) މި މާއްދާގެ (ހ) ގައިވާ ''އިންޓެންސިވް ސުޕަވިޒަން އަމުރު'' އޮންނަންވާނީ، މި ގަވާއިދު ޖަދުވަލު 19 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އެ އަމުރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.    

  1. އަމުރު ނަންބަރާއި، އަމުރު ނެރޭ ކޯޓުގެ ނަން؛
  2. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  3. ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށާއި، ށަރީއަތުން އަޅައިފައިވާ ފިޔަވަޅުގެ ތަފުސީލު؛
  4. ކުއްޖާގެ މައްޗަށް އިންޓެންސިވް ސުޕަވިޒަން ހިންގޭނެ މުއްދަތު؛
  5. އަމުރުގެ ދަށުން ކުއްޖާ ސުޕަވައިޒް ކުރާނެ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  6. ކުއްޖާގެ މައްޗަށް ކޯޓުން އަމުރުކުރާ ކަންކަން؛
  7. ސުޕަވިޒަން އަމުރާ ހިލާފުވެއްޖަނަމަ ކުއްޖާގެ މައްޗަށް އެޅިދާނެ ގާނޫނީ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް؛
  8. އަމުރު ނެރުނު ތާރީހު؛
  9. އަމުރު ނެރުނު ފަނޑިޔާރުގެ ނަމާއި، ސޮޔާއި، ކޯޓުގެ ސިއްކަ.

(ރ) މި މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގެ ދަށުން، އަންނަނިވި ކަންކަން ކުރުމަށް ކުއްޖާގެ މައްޗަށް މި އަމުރުގެ ދަށުން ލާޒިމުކުރެވިދާނެއެވެ.

  1. ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށް ގަވާއިދުން ހާޒިރުވުން؛
  2. ވަކި ދުވަސްތަކެއްގައި ބެލެނިވެރިޔާއާއެކު ކުއްޖާ ސުޕަވައިޒް ކުރާ ފަރާތާ ބައްދަލުކުރުން؛
  3. ގެއިން ބޭރަށް ނުކުމެ ނޫޅުން ނުވަތަ ކަނޑައަޅާ ވަކި ގަޑިތަކެއްގައި ބޭރުގައި ނޫޅުން؛
  4. މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ނުވަތަ ބަނގުރާ ބޮއެފައިވޭތޯ ބެލުމަށް ގަވާއިދުން ޓެސްޓުކުރުން؛
  5. އިތުރު ކުށެއް ނުކުރުން؛
  6. ވަކި ސަރަހައްދަކަށް ނުވަތަ ސަރަހައްދުތަކަކަށް ނުދިއުން؛
  7. ވަކި ކުއްޖަކާ ނުވަތަ މީހަކާ ނުވަތަ ބަޔަކާ އެއްވެސް މުއާމަލާތެއް ނުކުރުން؛   
  8. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުއްޖާއަށް ކުރިޔަށްގެންދާ ސެށަންތަކަށް ގަވާއިދުން ހާޒިރުވުން؛      
  9. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިޔަށްގެންދާ އިސްލާމިކް ކައުންސެލިންގގެ ސެށަންތަކަށް ގަވާއިދުން ހާޒިރުވުން؛
  10. ކަނޑައެޅިފައިވާ ފަރުވާގެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވުމާއި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެ ޕްރޮގްރާމު ފުރިހަމަކުރުން؛
  11. ކުއްޖާ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ، ނުވަތަ ގެންގުޅޭ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، ލަސްނުކޮށް އެކަން ކޯޓަށް އެންގުން؛
  12. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ފަނޑިޔާރަށް ފެންނަ އެނޫން އެހެން ކަންކަން.

(ބ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އިންޓެންސިވް ސުޕަވިޒަން އަމުރުގެ ދަށުން ކުއްޖާ ސުޕަރވައިޒްކުރާނީ ކޯޓުގެ ޕްރޮބޭށަން އޮފިސަރެކެވެ. އަދި ކުއްޖާ ސުޕަވައިޒް ކުރުމުގައި، ކޮންމެ ހަފުތާއަކު އެއްފަހަރު، އަންނަނިވި ގޮތުގެ މަތިން ޕްރޮބޭށަން އޮފިސަރ އަމަލުކުރަންވާނެއެވެ.

  1. ކުއްޖާގެ މޮނިޓަރިންގއާ ގުޅޭ ކަންކަމުގައި، ކޯޓު އަމުރާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި މުއައްސަސާތަކާ މަށްވަރާކުރުން؛
  2. ކުއްޖާ ހާޒިރުވާން ކޯޓުން އަންގައިފައިވާ ސެށަންތަކަށް ހާޒިރުވަމުންދޭތޯ ބަލައި ޗެކްކުރުން؛
  3. މަސްތުވާތަކެއްޗަށް ނުވަތަ ބަނގުރަލަށް ޓެސްޓުކުރުމަށް ކުއްޖާގެ މައްޗަށް އަމުރުކޮށްފައިވާނަމަ، ކުއްޖާ އެކަން ކުރަން ހާޒިރުވޭތޯ ބަލައި ޗެކްކުރުމާއި، ޓެސްޓުގެ ނަތީޖާ ރެކޯޑުކުރުން؛
  4. ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ތަނަކަށް ނުވަތަ ވަޒީފާއަކަށް ހާޒިރުވާން ކުއްޖާގެ މައްޗަށް އަމުރުކޮށްފައިވާނަމަ، ނުވަތަ މުޖުތަމައަށް ހިދުމަތްކުރުމަށް ކުއްޖާގެ މައްޗަށް އަމުރުކޮށްފައިވާނަމަ، އެ އަމުރާ އެއްގޮތަށް ކުއްޖާ އަމަލުކުރޭތޯ ބަލައި ޗެކްކުރުން؛
  5. ކުއްޖާއާ ބައްދަލުކުރުން؛
  6. ކުއްޖާ އިސްލާހު ކުރުމަށް ޓަކައި ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ އާއިލާއަށް އެހީތެރިކަން ބޭނުންވާކަމަށް ފާހަގަކުރެވޭނަމަ، އެހީތެރިކަން ލިބޭނެ ތަނަކަށް ނުވަތަ ހިދުމަތަކަށް ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އާއިލާގެ ތެރެއިން އެ އެހީތެރިކަން ބޭނުންވާ ފަރާތް ރިފަރކުރުން؛ 
  7. ކުއްޖާއާ ގުޅިގެން ކުރަންޖެހޭކަމަށް އަމުރުގައި ބަޔާންކޮށްފައިވާ އެނޫން އެންމެހައި ކަންކަން ވެސް ކުރުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުއްޖާގެ މައްޗަށް ކަނޑައެޅިފައިވާ އެންމެހައި ށަރުތުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދާ މިންވަރު ބެލުމަށްޓަކައި، ދުރާލައި އެންގުމަކާ ނުލައި، ކުއްޖާ އުޅޭ ގެއަށް ޒިޔާރަތްކޮށް ކުއްޖާ އުޅޭ ނޫޅޭ ގޮތް ބެލުމުގެ ބާރު، ޕްރޮބޭށަން އޮފިސަރަށް ލިބިގެންވެއެވެ.                      

 

އަށާރަވަނަ ބާބު

މުޖުތަމައަށް ހިދުމަތްކުރުން

131 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތްކުރުން

(ހ) މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް، ކުއްޖާގެ މައްޗަށް ކޯޓުން އަމުރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުރެވޭ މަސައްކަތަކީ ނުވަތަ ހިދުމަތަކީ      އެ މަސައްކަތްކުރާ ނުވަތަ ހިދުމަތްކުރާ ކުއްޖާއަށް ބަދަލުގައި އެއްވެސް އުޖޫރައެއް ނުވަތަ ހަދިޔާއެއް ހައްގުވާ މަސައްކަތެއް ނުވަތަ ހިދުމަތެއް ނޫނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުޖުތަމައަށް ހިދުމަތްކުރުމަށް ކުއްޖާގެ މައްޗަށް ކޯޓުން އަމުރުކުރަންވާނީ، ކުއްޖާއާ ގުޅޭގޮތުން ބާއްވާ ކޮންފަރެންސްގައި، މުޖުތަމައަށް ހިދުމަތްކުރުމަކީ ކުއްޖާގެ މައްޗަށް ށަރީއަތުން ކަނޑައެޅިދާނެ އެކަށީގެންވާ ފިޔަވަޅެއް ކަމަށް ފާހަގަކުރެވުމާއި، މުޖުތަމައަށް ހިދުމަތްކުރުމުގެ ފިޔަވަޅު ކޯޓުން އެޅުމާމެދު ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ އެކަމަށް ރުހުންދޭ ހާލަތުގައި އެކަންޏެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރުހުން ހޯދުމަށްޓަކައި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއާ، ކޯޓުގެ ޕްރޮބޭށަން އޮފިސަރ ބައްދަލުކުރަންވާނެއެވެ. އެ ބައްދަލުވުމުގައި، ކުއްޖާގެ ދިފާއީ ވަކީލު ބައިވެރިވާންވާނެއެވެ. އަދި މުޖުތަމައަށް ހިދުމަތްކުރުމަށް ކޯޓުން ކުއްޖާގެ މައްޗަށް އަމުރެއްކުރުމާމެދު ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 21 ގައިވާ ''މުޖުތަމައަށް ހިދުމަތްކުރުމަށް އެއްބަސްވެފައި ދޭ ރުހުން'' މި ލިޔުމުގައި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މި ލިޔުން، ކޭސް ކޮންފަރެންސުން ނިންމާ ނިންމުންތަކާ އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.        

(ބ) މުޖުތަމައަށް ހިދުމަތްކުރުމުގެ އަމުރެއް ކުއްޖެއްގެ މައްޗަށް ނެރޭ ހާލަތުގައި، އެ ކުއްޖާ މަސައްކަތްކުރަން ނުވަތަ ހިދުމަތްކުރަން ކަނޑައެޅޭ ތަނުން އެ ކުއްޖާއާ ހަވާލުވާ ސުޕަވައިޒަރާ ކުއްޖާގެ މައުލޫމާތު ކޯޓުން ހިއްސާކުރަންވާނީ، ހިއްސާކުރެވޭ އެންމެ މަދު މިންވަރަކަށެވެ. އަދި ކުއްޖާއަށް ހަވާލުކުރާ މަސައްކަތުގެ މައްޗަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް ސާބިތުވި ކުށުގެ ތަފުސީލުތައް ސުޕަވައިޒަރާ ހިއްސާކުރުމާއި ނުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.          

(ޅ) މުޖުތަމައަށް ހިދުމަތްކުރުމުގެ އަމުރެއް ކުއްޖެއްގެ މައްޗަށް ކޯޓުން ނެރޭނީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމަށެވެ.  

  1. މުޖުތަމައާ ކުއްޖާއާ އޮންނަ ގުޅުން ރަނގަޅުކޮށްދިނުމަށް؛
  2. އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމުކުރަން ދަސްކޮށްދިނުމަށާއި، މުޖުތަމައާއި ތިމާވެށީގެ ހައްގުތަކަށް ކުއްޖާ އަހުލުވެރިކުރުވުމަށް؛
  3. ކުއްޖާއަށް އަދަބެއް ދިނުމުގެ ބަދަލުގައި، ކުއްޖާއަށާއި އަނެކުންނަށް ފައިދާ ކުރަނިވި ކަމެއްގައި ކުއްޖާ ށާމިލުކުރުވުމަށާއި،  ރަނގަޅުގޮތުގައި ވަގުތު ހޭދަކުރުމަށް ދަސްކޮށްދިނުމަށް؛
  4. ކުއްޖާ ކުރާހިތްވާފަދަ މަސައްކަތެއް ނުވަތަ ހުނަރެއް ކުއްޖާއަށް ދަސްވުމަށް މަގުފަހިކުރުވުމަށް.

 

132 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތްކުރުމުގެ އަމުރު

(ހ) މުޖުތަމައަށް ހިދުމަތް ކުރުމުގެ އަމުރަކީ، ވަކި ތަނަކަށް ހާޒިރުވެގެން ވަކި މަސައްކަތެއް ނުވަތަ ހިދުމަތެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ކުރުމަށް ކުއްޖާގެ މައްޗަށް ކޯޓުން ނެރޭ އަމުރެކެވެ. މި އަމުރު އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 22 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.     

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރުގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. އަމުރު ނަންބަރާއި، އަމުރު ނެރޭ ކޯޓުގެ ނަން؛
  2. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، ބެލެނިވެރިޔާގެ މައުލޫމާތު؛
  3. މުޖުތަމައަށް ހިދުމަތް ކުރުމަށް ޓަކައި ކަނޑައެޅޭ ތަނާއި، ކުރަންޖެހޭ މަސައްކަތް؛ 
  4. މުޖުތަމައަށް ހިދުމަތް ކުރުމަށް ޓަކައި ކޯޓުން ކަނޑައަޅާ މުއްދަތާއި، އެ މަސައްކަތް ނުވަތަ ހިދުމަތް ފުރިހަމަކުރަންޖެހޭ ތާރީހު؛
  5. އަމުރު ނެރުނު ތާރީހު؛
  6. އަމުރު ނެރުނު ފަނޑިޔާރުގެ ނަމާއި، ސޮޔާއި، ކޯޓުގެ ސިއްކަ.

(ނ) މި މާއްދާގެ ދަށުން ނެރޭ މުޖުތަމައަށް ހިދުމަތް ކުރުމުގެ އަމުރާ ގުޅޭ އަންނަނިވި މައުލޫމާތު، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ކޯޓުން ކިޔައިދޭންވާނެއެވެ.

  1. އަމުރު ނެރުމުގެ މަގުސަދާއި، އަމުރުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް؛
  2. ކުއްޖާ އަމުރާ ހިލާފުވާ ހާލަތުގައި ކުއްޖާގެ މައްޗަށް އެޅިދާނެ ގާނޫނީ ފިޔަވަޅުތައް؛
  3. އަމުރަށް ބަދަލުގެނައުމުގެ ބާރު ކޯޓަށް ލިބިގެންވާކަމާއި، އެފަދައިން ބަދަލެއް ގެނައުމަށް ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ނުވަތަ ކަމާ ގުޅުންހުރި އެހެން ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެކަން.    

 

133 ވަނަ މާއްދާ - މުއްދަތު ކަނޑައެޅުން

(ހ) މި ބާބުގެ ދަށުން މުޖުތަމައަށް ހިދުމަތްކުރުމުގެ މުއްދަތު ކަނޑައަޅާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1005 ވަނަ މާއްދާގައިވާ ''ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު'' އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މުޖުތަމައަށް ހިދުމަތްކުރުމަށް ކުއްޖާގެ މައްޗަށް ނެރޭ އަމުރުގައި، އެ މަސައްކަތް ނުވަތަ ހިދުމަތް ކުރަންޖެހޭ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުވެގެން ނުވާނެއެވެ. 

(ނ) މި މާއްދާގެ ދަށުން މުއްދަތު ކަނޑައަޅާއިރު، ދުވާލެއްގެ މައްޗަށް ކުއްޖާ މަސައްކަތްކުރަން ނުވަތަ ހިދުމަތްކުރަން ކަނޑައެޅޭ ވަގުތު ޖުމުލަކޮށް 6 (ހައެއް) ގަޑިއިރަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ހަފުތާއަކު 1 (އެކެއް) ދުވަހުގެ ޗުއްޓީއެއް ކުއްޖާއަށް ދޭންވާނެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބްރޭކް ގަޑިއާއި ނަމާދުކުރުމަށް އެކަށީގެންވާ ވަގުތު ދޭންވާނެއެވެ.      

 

134 ވަނަ މާއްދާ - ކުރަންޖެހޭ މަސައްކަތް ނުވަތަ ހިދުމަތް ކަނޑައެޅުން

(ހ) މި ބާބުގެ ދަށުން ކުއްޖާގެ މައްޗަށް މުޖުތަމައަށް ހިދުމަތްކުރުމުގެ އަމުރެއް ނެރޭއިރު، މަސައްކަތް ނުވަތަ ހިދުމަތް ކުރަންޖެހޭ ތަނާއި، ކުރަންޖެހޭ މަސައްކަތް ނުވަތަ ހިދުމަތް ކަނޑައަޅާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ. އަދި މަސައްކަތް ކުރަންޖެހޭ ތަނާއި ކުރަންޖެހޭ މަސައްކަތް ކަނޑައެޅުމުގައި ކުއްޖާއާ މަށްވަރާކުރުމަށްފަހު، ކުއްޖާ ށައުގުވެރިވާފަދަ މަސައްކަތެއް ކަނޑައެޅުމަށް ކޯޓުން އިސްކަންދޭންވާނެއެވެ.          

(ށ) މުޖުތަމައަށް ހިދުމަތްކުރުން ކަމުގައި ބެލެވޭނީ، އަންނަނިވި ތަންތާނގައި ކުރެވޭ، ސާފުކުރުން، ނުވަތަ މަރާމާތުކުރުން، ނުވަތަ ހިދުމަތްދިނުން ނުވަތަ މި ނޫންވެސް ގޮތަކުން މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމަށެވެ.   

  1. ސިއްހީ ހިދުމަތްދޭ ތަންތަނާއި، ހިލޭސާބަހަށް މަސައްކަތްކުރާ ތަންތަން؛
  2. ދައުލަތުގެ ބިންތަކާއި، ތައުލީމު އުނގަންނައިދޭ ސްކޫލުތަކާއި މަރުކަޒުތަކާއި އިމާރާތްތަކާއި، ކުޅިވަރު ކުޅުމަށާއި މުނިފޫހިފިލުވުމަށާއި ސަގާފީ ކަންކަމަށް ހާއްސަކޮށްފައިވާ ނުވަތަ އެފަދަ ހިދުމަތް ދޭ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަން؛
  3. އުމުރުން ދުވަސްވީ މީހުން ނުވަތަ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ބަލަހައްޓާ ތަންތަން؛
  4. މިސްކިތްތަކާއި، ދީނީ ކަންކަން ކުރިޔަށް ގެންދެވޭ މަރުކަޒުތަކާއި އިމާރާތްތައް؛
  5. ތިމާވެށި ހިމާޔަތްކުރުމަށާއި ކޮންސަރވް ކުރުމަށް ހިންގޭ އެކިއެކި މަސައްކަތްތަކާއި މަށްރޫއުތައް؛
  6. މި ނޫންވެސް މުޖުތަމައަށް ފައިދާކުރާ އެކިއެކި މަސައްކަތްތައް.

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިދުމަތެއް ކުރުމަށް ކުއްޖާގެ މައްޗަށް އަމުރުކުރާނަމަ، އެ ކުއްޖާގެ ފަރާތުން އެ މީހުންނަށް އެއްވެސް ގޯނާއެއް، ނުވަތަ އިހުމާލެއް ވިޔަނުދީ އެ ކުއްޖާގެ އުޅުމާއި މަސައްކަތް މޮނިޓަރ ކުރުމަކީ ކުއްޖާއާ ހަވާލުވާ ސުޕަވައިޒަރުގެ ޒިންމާއެކެވެ.      

 

135 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތްކުރުމުގެ އެއްބަސްވުމާއި އިގުރާރު

(ހ) މި ގަވާއިދުގެ 132 ވަނަ މާއްދާގެ ދަށުން އަމުރު ނެރުމަށްފަހު، އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ޓަކައި މި ގަވާއިދުގެ ޖަދުވަލު 23 ގައިވާ "މުޖުތަމައަށް ހިދުމަތްކުރުމުގެ އެއްބަސްވުން" ގައި ކުއްޖާ ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. އަދި އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ޓަކައި ކުއްޖާއަށް ހިތަވްރުދީ، އެހީތެރިވެދީ، އިރުށާދު ދޭނެކަމަށް އެއްބަސްވެ، ކުއްޖާގެ ބެލެނިވެރިޔާ އިގުރާރުވެ، ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައިވާ އެއްބަސްވުމުގައި، ކުއްޖާ މަސައްކަތްކުރަން ނުވަތަ ހިދުމަތްކުރަން ކަނޑައެޅިފައިވާ ތަނުން، އެ ކުއްޖާއާ ހަވާލުވެ ކުއްޖާ ސުޕަވައިޒް ކުރާނެ ފަރާތް ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

(ނ) މި އެއްބަސްވުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، ބެލެނިވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. މުޖުތަމައަށް ހިދުމަތް ކުރުމަށް ޓަކައި ކަނޑައެޅޭ ތަން؛
  3. މުޖުތަމައަށް ހިދުމަތް ކުރުމަށް ޓަކައި ކޯޓުން ކަނޑައަޅާ މުއްދަތާއި، އެ މަސައްކަތް ނުވަތަ ހިދުމަތް ފުރިހަމަކުރަންޖެހޭ ތާރީހު؛
  4. ކުއްޖާ މަސައްކަތްކުރަން ނުވަތަ ހިދުމަތްކުރަން ކަނޑައެޅިފައިވާ ތަނުން ކުއްޖާއާ ހަވާލުވާ ސުޕަވައިޒަރުގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، މަގާމު؛
  5. ހަފުތާގެ ތެރޭގައި ކުއްޖާ މަސައްކަތް ކުރަން ނުވަތަ ހިދުމަތްކުރަން ކަނޑައެޅިފައިވާ ދުވަސްތަކާއި، އެ ދުވަސްތަކުގައި ކޮންމެ ދުވަހަކު މަސައްކަތްކުރަން ނުވަތަ ހިދުމަތްކުރަން ކަނޑައެޅިފައިވާ ޖުމުލަ ވަގުތު؛
  6. އެއްބަސްވުމުގެ ދަށުން ކުއްޖާއާ ހަވާލުކުރެވޭނެ މަސައްކަތުގެ ތަފުސީލު؛
  7. މަސައްކަތް ކުރުމުގައި ނުވަތަ ހިދުމަތް ކުރުމުގައި ކުއްޖާ ހިފަހައްޓަންޖެހޭ މިންގަނޑުތައް؛
  8. މި އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ކުއްޖާ ހިލާފުވާ ހާލަތުގައި ކުއްޖާގެ މައްޗަށް އެޅިދާނެ ފިޔަވަޅުތަކުގެ ތަފުސީލާއި މަރުހަލާތައް؛
  9. މި އެއްބަސްވުމުގެ ދަށުން ކުއްޖާ ސުޕަވައިޒްކުރުމާ ހަވާލުވާ ފަރާތުގެ މަސްއޫލިއްޔަތުތަކާއި، ކުއްޖާ މަސައްކަތްކުރާ ނުވަތަ ހިދުމަތްކުރާ ގޮތާބެހޭގޮތުން ކޯޓަށް ރިޕޯޓުކުރާނެ ގޮތުގެ ތަފުސީލާއި މުއްދަތުތައް؛
  10. ކުއްޖާއާ ހަވާލުކުރެވޭ މަސައްކަތް ކުރުމުގައްޔާއި މަސައްކަތުގެ މާހައުލުގައި ކުއްޖާގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރާނެ ގޮތުގެ ތަފުސީލުތަކާއި، ކުއްޖާގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ތަފުސީލު؛   

(ރ) މުޖުތަމައަށް ހިދުމަތްކުރުމުގެ އަމުރެއްގެ ދަށުން މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ކުރުމަށް ކުއްޖަކު ތަނަކަށް ފޮނުވާނަމަ، މަސައްކަތުގެ މާހައުލުން ކުއްޖާގެ ސަލާމަތާއި ރައްކައުތެރިކަމަށް ހުރަސްއެޅޭފަދަ އަމަލެއް ނުވަތަ ކަމެއް މެދުވެރިވެއްޖެނަމަ، ނުވަތަ މަސައްކަތުގެ މާހައުލުން ކުއްޖާއަށް އެއްވެސްކަހަލަ އަނިޔާއެއް ނުވަތަ ގޯނާއެއް ނުވަތަ ފުރައްސާރައެއް ކުރިމަތިވެއްޖެނަމަ، ކުއްޖާއާ ހަވާލުވެހުރި ސުޕަވައިޒަރަށް ލަސްނުކޮށް އެކަން ކުއްޖާ އަންގަންވާނެއެވެ. އަދި ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ،  ވީ އެންމެ އަވަހަކަށް، ލިޔުމުން ނުވަތަ އަނގަބަހުން ކޯޓަށް އެކަން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ބެލުމަށްޓަކައި ކޯޓަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި ކުއްޖަކާމެދު އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިނގައިފިނަމަ، ވީ އެންމެ އަވަހަކަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، ކޯޓުން އެކަން އަންގަންވާނެއެވެ.      

(ޅ) ކުއްޖާގެ މައްޗަށް ކޮށްފައިވާ މުޖުތަމައަށް ހިދުމަތްކުރުމުގެ އަމުރާ އެއްގޮތަށް އަމަލުކޮށް،  އެއްބަސްވުމުގައި އެކުލެވޭ ކަންކަން ކުއްޖާ ފުރިހަމައަށް އަދާކޮށްފިނަމަ، މުޖުތަމައަށް ކުއްޖާ އަދާކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، ކުއްޖާއަށް ހަނދާނީ ލިޔުމެއް ދިނުމުގެ އިހްތިޔާރު އެ ތަނަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް އެފަދައިން ދޭ ހަނދާނީ ލިޔުމެއްގައި، އެ ހިދުމަތަކީ ކުއްޖާގެ މައްޗަށް ކޯޓުން ކުރި އަމުރެއްގެ ދަށުން ކޮށްފައިވާ ހިދުމަތެއްކަން އެނގޭނެ ފަދަ އެއްވެސް އިބާރާތެއް ބޭނުންކޮށްގެން ނުވާނެއެވެ. 

(ކ) މުޖުތަމައަށް ހިދުމަތްކުރުމަށް ކަނޑައެޅޭ ތަނުން، ކުއްޖާއާ ހަވާލުކުރާ މަސައްކަތް ނުވަތަ ހިދުމަތް ފުރިހަމައަށް ކުއްޖާ އަދާކުރާ ހާލަތުގައި، އެ ތަނުން ކުއްޖާއަށް ވަޒީފާ ހޯދައިދެވޭނެ އިންތިޒާމުތަކެއް ހުރިތޯ ބަލައި، އެ އިންތިޒާމު ހަމަޖައްސައިދެވޭނެނަމަ ވަޒީފާ ލިބުމުގައި އިސްކަންދެވޭނެ ފަދަ ފުރުސަތެއް ހޯދައިދިނުމަށް ކޯޓުން މަސައްކަތްކުރާނެކަން، މި މާއްދާގެ ދަށުން އެއްބަސްވުން އެކުލަވައިލާ މަރުހަލާގައި ކުއްޖާއަށް އަންގަންވާނެއެވެ.

 

136 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން ނުވަތަ ހިލާފުވުން

(ހ) މުޖުތަމައަށް ހިދުމަތްކުރުމުގެ އެއްބަސްވުމާ ކުއްޖާ ހިލާފުވާ ހާލަތުގައި އަމަލުކުރާނީ، މި ގަވާއިދުގެ 19 ވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.      

(ށ) މުޖުތަމައަށް ހިދުމަތްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ކުއްޖާ އަމަލުކޮށްފިނަމަ، ކުއްޖާގެ މައްޗަށް އަޅައިފައިވާ އެ ފިޔަވަޅު ފުރިހަމަކޮށް ނިމުނީކަމުގައި ބަލަންވާނެއެވެ.                        

 

ނަވާރަވަނަ ބާބު

ށަރުއީ މަރުހަލާގައި އަޅައިފައިވާ ފިޔަވަޅުތައް މޮނިޓަރކުރުން

137 ވަނަ މާއްދާ - ފިޔަވަޅުތައް މޮނިޓަރކުރުން  

(ހ) މި ގަވާއިދުގެ 17 ވަނަ ބާބާއި 18 ވަނަ ބާބުގެ ދަށުން ކުއްޖާގެ މައްޗަށް ށަރުއީ މަރުހަލާގައި އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރޭތޯ ބަލައި، އެކަން މޮނިޓަރކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.                   

(ށ) ކުއްޖާއާމެދު އަޅައިފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާ މޮނިޓަރކުރާނީ، އަންނަނިވި ފަރާތްތަކެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތް؛
  2. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ؛
  3. ނޭށަނަލް ޑްރަގް އޭޖެންސީ؛
  4. މޯލްޑިވްސް ކަރެކްށަނަލް ސަރވިސް.

(ނ) މި މާއްދާގެ ދަށުން ކުއްޖާ މޮނިޓަރކުރެވޭ މަރުހަލާގައި، ކުއްޖާއާ ގުޅޭގޮތުން އަންނަނިވި ފަރާތްތަކުން، ކޮމްޕްލަޔަންސް ރިޕޯޓު ތައްޔާރުކުރާ އިދާރާއަށް މައުލޫމާތު ހޯދިދާނެއެވެ.

  1. ނޭށަނަލް ޑްރަގް އޭޖެންސީ؛
  2. ކުއްޖާ؛
  3. ކުއްޖާގެ ބެލެނިވެރިޔާ؛
  4. ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅަކީ އިޖުތިމާއީ ހިދުމަތެއް ކުރުން، ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ދިއުން، ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށް ދިއުން، ނުވަތަ ވަޒީފާއަކަށް ދިއުން ކަމަށް ވާނަމަ، އެ ތަނަކުން ކުއްޖާއާ ހަވާލުވެ ހުރި ފަރާތް؛
  5. ކޯޓުގެ ޕްރޮބޭށަން އޮފިސަރ ފިޔަވައި، ވަކި މީހަކަށް ކުއްޖާ ސުޕަވައިޒްކުރުން ހަވާލުކޮށްފައިވާނަމަ، އެ މީހަކު.

(ރ) ކުއްޖާގެ މައްޗަށް މުޖުތަމައަށް ހިދުމަތެއް ކުރުމަށް، ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ހާޒިރުވުމަށް، ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށް ހާޒިރުވުމަށް، ނުވަތަ ވަޒީފާއަކަށް ދިއުމަށް، ނުވަތަ ކައުންސެލިންގ ސެށަންތަކަކަށް ހާޒިރުވުމަށް ކޯޓުން އަމުރުކޮށްފައިވާނަމަ، ކޯޓު އަމުރުގައިވާ ގޮތުގެ މަތިން އެ ތަންތަނަށް ހާޒިރުވަމުންދޭތޯ ބެލުމަށްޓަކައި ހަފުތާއަކު އެއްފަހަރު އެ ތަންތަނުން ހާޒިރީ ރިޕޯޓް، ކޯޓަށް ފޮނުވަމުން ގެންދަންވާނެއެވެ.  

 

138 ވަނަ މާއްދާ - ކޮމްޕްލަޔަންސް / ޕްރޮގްރެސް ރިޕޯޓު ހުށަހެޅުން

(ހ) ކުއްޖާގެ މައްޗަށް ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދޭތޯ ބެލުމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން ކުއްޖާ އިސްލާހުވަމުންދޭތޯ ނުވަތަ ކުއްޖާއަށް ހެޔޮ ބަދަލުތަކެއް އަންނަމުންދޭތޯ ބެލުމަށްޓަކައި، ކުއްޖާ މޮނިޓަރ ކުރުން ހަވާލުކޮށްފައިވާ އިދާރާތަކުން ކުއްޖާގެ ކޮމްޕްލަޔަންސް ރިޕޯޓު އަދި/ނުވަތަ ޕްރޮގްރެސް ރިޕޯޓު، ކޯޓުން އަންގާ ގޮތެއްގެ މަތިން ފޮނުވަމުން ގެންދަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ފޮނުވާ އެންމެ ފުރަތަމަ ރިޕޯޓު ފޮނުވާނީ، ކުއްޖާގެ މައްޗަށް ފިޔަވަޅު އަޅަން ފެށިފަހުން 7 (ހަތް) ދުވަސް ފުރިހަމަވާ ދުވަހުން ފެށިގެންނެވެ. އަދި ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކުގެ މުއްދަތަށް ރިއާޔަތްކޮށްފައި ރިޕޯޓު ފޮނުވާނެ މުއްދަތުތައް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.   

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތުން އަދި/ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުށަހަޅާ ކޮމްޕްލަޔަންސް ރިޕޯޓުގައި، އެ އިދާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ. 

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، ބެލެނިވެރިޔާގެ މައުލޫމާތު؛
  2. ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ނުވަތަ ސާބިތުވި ކުށް ނުވަތަ ކުށްތައް؛
  3. ރިޕޯޓު ތައްޔާރުކުރެވޭ މުއްދަތު؛
  4. ކުއްޖާގެ މައްޗަށް ކޯޓުން އަޅައިފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކުގެ ކުރު ހުލާސާއެއް؛
  5. ކުއްޖާ ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅުމަށް ކޯޓުން މަނާކޮށްފައިވާނަމަ،   އެ ފިޔަވަޅާ އެއްގޮތަށް ކުއްޖާ އަމަލުކޮށްފައިވޭތޯ ނުވަތަ ނޫންތޯއާއި، ގެއިން ބޭރުގައި އުޅުމަށް މަނާކޮށްފައިވާ ވަގުތެއްގައި ކުއްޖާ މަގުމަތިން ހުއްޓުވައިފައިވާނަމަ، އެކަމުގެ ތަފުސީލު؛    
  6. ކުއްޖާ ވަކި ބަޔަކާއެކު އުޅުން ނުވަތަ އެ ފަރާތްތަކާ ބައްދަލުކުރުން ކޯޓުން މަނާކޮށްފައިވާނަމަ، އެ ފިޔަވަޅާ އެއްގޮތަށް ކުއްޖާ އަމަލުކޮށްފައިވޭތޯ ނުވަތަ ނޫންތޯއާއި، އެއާ ހިލާފުވެފައިވާނަމަ އެކަމުގެ ތަފުސީލު؛ 
  7. ށަރީއަތުން ފިޔަވަޅު އެޅިފަހުން އިތުރު ކުށެއްގެ ތުހުމަތެއް ކުއްޖާގެ މައްޗަށް ކުރެވިފައިވޭތޯއާއި، އެ ކުށާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ އެއްވެސް އިޖުރާއަތެއް ކުއްޖާގެ މައްޗަށް ހިންގައިފައިވާނަމަ އެކަމުގެ ތަފުސީލު؛

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ހުށަހަޅާ ޕްރޮގްރެސް ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތާއި، ބެލެނިވެރިޔާގެ މައުލޫމާތު؛ 
  2. ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ނުވަތަ ސާބިތުވި ކުށް ނުވަތަ ކުށްތައް؛
  3. ރިޕޯޓު ތައްޔާރުކުރެވޭ މުއްދަތު؛ 
  4. ކުއްޖާގެ މައްޗަށް ކޯޓުން އަޅައިފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކުގެ ކުރު ހުލާސާއެއް؛
  5. ކުއްޖާގެ މިހާރުގެ ހާލަތާއި، ކުއްޖާ ދިރިއުޅެމުންދާ މާހައުލުގެ ހާލަތު؛
  6. ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދޭތޯ ނުވަތަ ނޫންތޯއާއި، މިހާތަނަށް ކުއްޖާއަށް އައިސްފައިވާ ހެޔޮ ބަދަލެއް ފާހަގަވެފައިވާނަމަ އެކަން؛
  7. ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުން ނުދާކަން ފާހަގަވެފައިވާނަމަ، އެކަން އެހެން ދިމާވާން މެދުވެރިވާކަމަށް ރިޕޯޓު ތައްޔާރުކުރާ ފަރާތަށް ގަބޫލުކުރެވޭ ސަބަބުތައް؛
  8. ކުއްޖާގެ މައްޗަށް އަޅައިފައިވާ އެއްވެސް ފިޔަވަޅަކަށް ބަދަލެއް ގެންނަންޖެހޭކަން ފާހަގަވާނަމަ، އެކަމުގެ ތަފުސީލު؛

(ބ) ޑްރަގް ރީހެބިލިޓޭށަން ފަރުވާގެ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކޮށްފައިވާނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ނޭށަނަލް ޑްރަގް އޭޖެންސީން ކުއްޖާގެ ޕްރޮގްރެސް ރިޕޯޓު ކޯޓަށް ފޮނުވަމުން ގެންދަންވާނެއެވެ.      

 

139 ވަނަ މާއްދާ - ފިޔަވަޅުތައް މުރާޖައާކުރުން

(ހ) މި ގަވާއިދުގެ 138 ވަނަ މާއްދާގެ ދަށުން، ހުށަހަޅޭ ކޮމްޕްލަޔަންސް ރިޕޯޓު އަދި/ނުވަތަ ޕްރޮގްރެސް ރިޕޯޓުގެ މައްޗަށް ބިނާކޮށް، ކުއްޖާ މޮނިޓަރކުރެވޭ މަރުހަލާގައި، ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުން ނުދާކަން ކޯޓަށް ފާހަގަވެއްޖެނަމަ، ނުވަތަ އަޅައިފައިވާ ފިޔަވަޅުތަކަކީ ކުއްޖާއަށް އެއަށް އަމަލުކުރުމުގައި ދަތި ކަންތައްތަކެއް ހުރި ފިޔަވަޅުތަކެއްކަމަށް ކޯޓަށް ފާހަގަވެއްޖެނަމަ، އެ ފިޔަވަޅުތައް މުރާޖައާކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެ ފިޔަވަޅުތައް މުރާޖައާކުރާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ށ) ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތައް މުރާޖައާކުރުމުގެ ކުރިން، އެކަމާ ގުޅޭގޮތުން ކުއްޖާ ދެކޭގޮތް ބެލުމަށްޓަކައި، ކުއްޖާއާއި، ކުއްޖާގެ ބެލެނިވެރިޔާއާއި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއާއެކު ކޯޓުން ބައްދަލުވުމެއް ބާއްވަންވާނެއެވެ. މި ބައްދަލުވުމުގައި ކުއްޖާގެ ރައުޔު ހާމަކޮށް، ފިޔަވަޅުތަކަށް އަމަލުކުރަމުން ނުދަނީ ކީއްވެގެންކަމާއި، ދަތި ކަންތައްތަކެއް ހުރިނަމަ އެ ދަތި ކަންކަމަކީ ކޮބައިކަމާއި، އެ ފިޔަވަޅުތައް މުރާޖައާ ކުރުމާމެދު ކުއްޖާ ދެކޭގޮތް ބުނުމުގެ ފުރުސަތު ކުއްޖާއަށް ކޯޓުން ދޭންވާނެއެވެ.     

(ނ) ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުނުކުރާ ހާލަތުގައި، ކުއްޖާ އެ ފިޔަވަޅުތަކާ ހިލާފުވީކަމަށް ބަލައި، ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި،  ކަރެކްށަނަލް މަރުކަޒެއްގައި ބަންދުކުރުމުގެ ބަދަލުގައި އެނޫން އެހެން ހައްލެއް ހޯދޭތޯ ކޯޓުން މަސައްކަތް ކުރަންވާނެއެވެ. އަދި ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، ކަރެކްށަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ނިންމަންވާނީ އެނޫން އެހެން ގޮތެއް ނެތިގެން އެޅޭ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މިފަދައިން ނިންމާ ހާލަތުގައި، ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކޮށްފައިވާ ނިސްބަތަށް ރިއާޔަތްކޮށް، ކުއްޖާގެ މައްޗަށް ކަނޑައަޅާ އަދަބުގެ މިންވަރު ދަށްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބާއްވާ ބައްދަލުވުމުގައި ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށާއި، ކުއްޖާއާ ގުޅޭގޮތުން ކޯޓަށް ހުށަހެޅިފައިވާ ރިޕޯޓުތަކުގައި ހުރި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ފިޔަވަޅުތައް ބަދަލުކުރުމަށް ކޯޓުން ނިންމައިފިނަމަ، އެ ފިޔަވަޅުތައް ބަދަލުކޮށްފައި، އަނގަބަހުންނާއި ލިޔުމުން ކުއްޖާއަށް އެކަން އަންގަންވާނެއެވެ. އަދި ބަދަލުކުރި ފިޔަވަޅުތަކާ ގުޅޭ މައުލޫމާތާއި، އެއާ ގުޅިގެން މޮނިޓަރކުރުމަށް އަންނަ ބަދަލުތައް، ކުއްޖާ މޮނިޓަރ ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރާތަކަށް، އެ ބަދަލުގެނެވޭތާ، ގިނަވެގެން، ރަސްމީ ބަންދުނޫން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޯޓުން އަންގަންވާނެއެވެ.  

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް މުރާޖައާކޮށް، އެއަށް ބަދަލު ގެންނާނީ، އެ މައްސަލައެއް ބެލި ފަނޑިޔާރެކެވެ. އަދި އެ ފަނޑިޔާރު ނެތް ހާލަތެއްގައި، ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. އަދި ފިޔަވަޅުތަކަށް ގެނައި ބަދަލު، ކުއްޖާގެ ޕްރޮބޭށަން ފައިލުގައި ލިޔުމުން ރެކޯޑު ކުރަންވާނެއެވެ.    

(ޅ) މި މާއްދާގެ (ބ) ގެ ދަށުން، ފިޔަވަޅުތަކަށް ގެންނަ ބަދަލަކާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރު އިސްލާހުކުރަން ޖެހޭނަމަ، ކޯޓުން އެކަން ކުރަންވާނެއެވެ. އެފަދައިން ގެނެސްފައިވާ ބަދަލު، ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމާއެކު، އަމުރުގެ ކޮޕީއެއް، އެ އިދާރާތަކަށް ފޮނުވަންވާނެއެވެ. އަދި އަމުރުގެ ކޮޕީއެއް، ކުއްޖާއާ ހަވާލު ކުރަންވާނެއެވެ.       

 

140 ވަނަ މާއްދާ - ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް ފުރިހަމަކުރުން

(ހ) ކުއްޖާގެ މައްޗަށް ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދާކަމާއި، ކުއްޖާއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން، އެ ކުއްޖާއާ ގުޅޭގޮތުން ކޯޓަށް ހުށަހަޅައިފައިވާ ކޮމްޕްލަޔަންސް ރިޕޯޓާއި ޕްރޮގްރެސް ރިޕޯޓުގައި ފާހަގަކޮށްފައިވާނަމަ، ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ފުރިހަމަވުމުގެ ކުރިން އެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅެއް ނިމުމަކަށް ގެނައުމުގެ ކުރިން، ކުއްޖާއާއި، އެ ކުއްޖާގެ ބެލެނިވެރިޔާއާއި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކުއްޖާގެ ކޭސް ވަރކަރާއެކު ކޯޓުން ބައްދަލު ކުރަންވާނެއެވެ. އަދި ފިޔަވަޅުތައް ނިމުމަކަށް ގެނައުމާމެދު ކުއްޖާ ދެކޭގޮތް ހާމަކުރަން އެ ކުއްޖާއަށް ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބާއްވާ ބައްދަލުވުމުގައި، ފިޔަވަޅުތައް ފުރިހަމަކުރަން ކުއްޖާ ބޭނުންވާނަމަ، އެކަން ކުރުމުގެ ފުރުސަތު ކޯޓުން އެ ކުއްޖާއަށް ދޭންވާނެއެވެ. އަދި ކޯޓު އަމުރުގައިވާ ގޮތުގެ މަތިން އެ ފިޔަވަޅުތައް ފުރިހަމަކުރުމުގެ އިންތިޒާމުތައް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.   

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް ކޯޓުން ނިންމައިފިނަމަ، ނުވަތަ މި މާއްދާގެ (ނ) ގެ ދަށުން، ކުއްޖާގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް އެ މުއްދަތުގެ ތެރޭގައި ކުއްޖާ ފުރިހަމަކޮށް ނިންމައިފިނަމަ، ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި، ށަރުއީ މަރުހަލާގައި ކަނޑައެޅި ފިޔަވަޅުތައް ކުއްޖާގެ މައްޗަށް ތަންފީޒުވެ ނިމުނީކަމަށް ބަލައި، ކުއްޖާގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމުނީކަމުގައި ކަނޑައަޅަންވާނެއެވެ.

 

ވިހިވަނަ ބާބު

އަދަބު ކަނޑައެޅުމާއި، ޖޫރިމަނާ ކުރުމާއި، މަރުގެ ދިޔަ ހޯދައިދިނުމާއި ބަދަލު ނަގައިދިނުމުގައި އަމަލުކުރާނެ ހަމަތައް

141 ވަނަ މާއްދާ - އަދަބު ކަނޑައެޅުމުގެ އަސާސްތައް

(ހ) ކުޑަކުއްޖެއްގެ މައްޗަށް ށަރީއަތުން އަދަބު ކަނޑައަޅާއިރު، ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށް ކޮށްފައިވާ ހާލަތަށް ރިއާޔަތް ކުރުމާއެކު، އިތުރު ކުށެއް ކުރުމުން ކުއްޖާ ދުރުހެލިކޮށްދިނުމަށާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރެވިދާނެއެވެ.

  1. ކުއްޖާގެ ނަފްސާނީ ހާލަތާއި، ކުއްޖާގެ ކިބައިގައި އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ހުރިނަމަ އެކަން، ނުވަތަ ވާހަކަދެއްކުމާއި، އިވުމުގައި ހުރި ނުކުޅެދުންތެރިކަން؛
  2. ސިކުނޑީގެ ބައްޔެއް ނުވަތަ ކުއްޖާއަށް ކުރިމަތިވެފައިވާ ކަމެއްގެ ސަބަބުން ތަހައްމަލު ކުރަމުންދާ ޓްރޯމާ؛
  3. ޅަ އުމުރުގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ކުއްޖާގެ ޖިސްމާނީ ހެދިބޮޑުވުމަށާއި، ނަފްސާނީ ހާލަތަށާއި، އިޖުތިމާއީ ގުޅުންތަކަށް އެ ކަންކަމުން ކޮށްފައިވާ ނޭދެވޭ އަސަރު؛
  4. ކުއްޖާއަށް އިހުމާލުވުމުގެ ސަބަބުން ނުވަތަ ކުރިން ތަހައްމަލު ކޮށްފައިވާ އަނިޔާއެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުންދީފާނެކަމުގެ ބިރު އޮތްނަމަ އެކަން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް ކުއްޖާއާ ގުޅޭގޮތުން، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއަށް ފާހަގަކުރެވިފައިވާނަމަ،  ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުގައި  އެ މައުލޫމާތު ފާހަގަކުރަންވާނެއެވެ.

 

142 ވަނަ މާއްދާ - މަރުގެ އަދަބު ނުދިނުން

(ހ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 1-74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މަރުގެ އަދަބު ކަނޑައެޅިފައިވާ އެއްވެސް ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތު ވިޔަސް، އެ ކުއްޖާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެއެވެ.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރުމަށްފަހުގައިވެސް، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ށަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެއެވެ.

(ނ) އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި، ކުޑަކުއްޖާގެ މައްޗަށް ކަނޑައަޅާނީ، އެ ކުށަށް ގާނޫނުގައި ކަނޑައަޅައިފައި ދެން އޮތް އެންމެ ބޮޑު އަދަބެއްގެ 4/3 (ހަތަރުބައިކުޅަ ތިންބައި) އަށްވުރެ ބޮޑު ނޫން އަދަބެކެވެ. 

 

143 ވަނަ މާއްދާ - އަދަބުގެ މިންވަރު ކަނޑައެޅުން

(ހ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެ ކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ކުޑަ އަދަބެއްގެ 3/2 (ތިންބައިކުޅަ ދެބައި) އެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކުޑަކުއްޖާއަކީ ކުރިންވެސް ކުށެއް ސާބިތުވެފައިވާ ކުއްޖެއްނަމަ، އެ ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެ ކުއްޖާގެ ކުށުގެ ރެކޯޑަށާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހު، ކުއްޖާގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބު (އެ ކުށަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ކުޑަ އަދަބު) ގެ ފުރިހަމަ މިންވަރު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.   

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ކުށަކަށް ދެވޭ އެންމެ ކުޑަ އަދަބު ގާނޫނުގައި ކަނޑައަޅައިފައި ނުވާނަމަ، އެ ކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބެއްގެ 3/2 (ތިންބައިކުޅަ ދެބައި) އަށްވުރެ ބޮޑު ނުވާނެ އަދަބެކެވެ. އަދި އެފަދައިން އަދަބު ކަނޑައެޅުމުގައި، އެ ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެ ކުއްޖާގެ ކުށުގެ ރެކޯޑަށާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން ކުޑަކުއްޖެއްގެ މައްޗަށް އަދަބު ކަނޑައަޅާނީ، ކުއްޖާގެ މައްޗަށް ސާބިތުވާ ކުށަށް ދެވޭ އަސާސީ އަދަބުގެ މިންވަރު، އަދަބުގެ މިންވަރު މަތިވާ ހާލަތްތަކާއި އަދަބުގެ މިންވަރު ދަށްވާ ހާލަތްތަކާ އަޅައިކިޔުމަށްފަހު ލިބޭ ޖުމުލަ އަދަދު، 3/2 (ތިންބައިކުޅަ ދެބައި) އަށް ބަދަލުކުރުމަށް ފަހުގައެވެ.   

(ބ) ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވެފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ، އެއް ކުށަށް ވުރެ ގިނަ ކުށަށް ކަމަށް ވާނަމަ، އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާނީ، އެ ގާނޫނުގެ 1006 ވަނަ މާއްދާގައިވާ އުސޫލުގެ މަތިން އެއިން ކޮންމެ ކުށަކަށް ކަނޑައެޅޭ އަދަބު 3/2 (ތިންބައިކުޅަ ދެބައި) އަށް ބަދަލުކުރުމަށް ފަހުގައެވެ. އެހެން ގާނޫނެއްގައި އެއް ކުށަށް ވުރެ ގިނަ ކުށް ސާބިތުވާ ހާލަތުގައި އަމަލުކުރުމަށް ވަކި އުސޫލެއް ބަޔާންކޮށްފައިވާނަމަ، އެ އުސޫލުގެ މަތިން އަމަލުކޮށް، އެއިން ކޮންމެ ކުށަކަށް ކަނޑައެޅޭ އަދަބު 3/2 (ތިންބައިކުޅަ ދެބައި) އަށް ބަދަލުކުރަންވާނެއެވެ.     

 

144 ވަނަ މާއްދާ - އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅައިފައިވާ ކުށްތައް

އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްކުށުގައި އަދަބު ކަނޑައަޅާނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި މި ބާވަތުގެ ކުށްތަކަށް ދެވޭ އަދަބު ލުއިކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރެއް ނޫނެވެ.     

 

145 ވަނަ މާއްދާ - ކުށުގެ ރެކޯޑަށް ބަލައިގެން އަދަބު ކަނޑައެޅުން

(ހ) ކުޑަކުއްޖެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އެ ކުއްޖާގެ ކުށުގެ ރެކޯޑަށް ރިއާޔަތްކޮށްފައި އަދަބު ކަނޑައަޅާނީ، އެ ކުއްޖާއަކީ ކުށްކުރުން ތަކުރާރުކުރާ ކުއްޖެއްކަމަށް ބެލެވޭނަމައެވެ. އެގޮތުން އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.     

  1. ފާއިތުވެދިޔަ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި، ކުއްޖާ ބަންދުކުރުން ހުއްދަވެގެންވާ އެއްބާވަތެއްގެ ނުވަތަ އެއް ވައްތަރެއްގެ 2 (ދޭއް) ކުށް ކުއްޖާގެ މައްޗަށް ސާބިތުވެފައިވުން؛   
  2. ފާއިތުވެދިޔަ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި އެއްބާވަތެއްގެ ނުވަތަ    އެއް ވައްތަރެއްގެ 2 (ދޭއް) ކުށް ކުއްޖާގެ މައްޗަށް ސާބިތުވުމުން، ށަރީއަތުން އަޅާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކެއް ކުއްޖާގެ މައްޗަށް އަޅައިފައިވުން. 

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަވާނަމަ، އެ ކުއްޖާއަކީ ކުށްކުރުން ތަކުރާރުކުރާ ކުއްޖެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ކުށުގެ ރެކޯޑަށް ބަލައިގެން އަދަބު ކަނޑައެޅުމުގެ ކުރިން، ކުއްޖާ އިސްލާހުވުމަށް އެކަށީގެންވާ ފުރުސަތާއި އެހީތެރިކަން ކުއްޖާއަށް ކުރިން ދީފައިވޭތޯ ބަލައި، އެކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.    

 

146 ވަނަ މާއްދާ - ބަންދުކުރުމަށް އަދަބު ކަނޑައެޅުން

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ ކުށުގެ ސަބަބުން އެއްވެސް މީހެއްގެ ނުވަތަ ކުއްޖެއްގެ ފުރާނަ ގެއްލިފައިވާނަމަ، ނުވަތަ މީހަކަށް ނުވަތަ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބިފައިވާނަމަ، ނުވަތަ އެ ކުށަކީ އަނިޔާވެރި ކުށެއް ކަމަށް ވާނަމަ، މި ބާބުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ   82 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ކުއްޖާ ބަންދުކުރުމަށް އަމުރު ކުރަންވާނެއެވެ.  

(ށ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކުށެއްކަމަށް ނުވާނަމަ، އެ ކުއްޖާ ކުރި ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، މި ބާބުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، ކުއްޖާ ބަންދުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ނ) ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވި ކުށަކީ، ގާނޫނުގައި 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައިވާ ކުށެއް ކަމަށްވާނަމަ، މި ބާބުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ނުވަތަ ގޭގައި ކުއްޖާ ބަންދުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ރ) ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވި ކުށަކީ، ގާނޫނުގައި 3 (ތިނެއް) އަހަރަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައިވާ ކުށެއްނަމަ، ކުއްޖާ ބަންދުކުރުމަށް އަދަބު ކަނޑައެޅުމުގެ ބަދަލުގައި، ކުއްޖާގެ މައްޗަށް އެހެން ބާވަތެއްގެ އަދަބެއް ކަނޑައަޅަން ފަނޑިޔާރު އިސްކަންދޭންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާއަކީ ތަކުރާރުކޮށް ކުށްކުރާ ކުއްޖެއްނަމަ، ނުވަތަ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ، ކުއްޖާ ބަންދުކުރުން ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެނަމަ، ކަރެކްށަނަލް މަރުކަޒެއްގައި ނުވަތަ ގޭގައި ކުއްޖާ ބަންދުކުރުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. 

(ޅ) މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާ ކަރެކްށަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބު، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ފަނޑިޔާރު ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާ ބަންދުކުރުމަށް ނިންމާއިރު، ށަރީއަތުގެ ކުރީގެ މަރުހަލާގައްޔާއި ށަރީއަތުގެ މަރުހަލާގައި ކުއްޖާ ބަންދުކޮށްފައި ބަހައްޓައިފައިވާނަމަ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ  ގާނޫނު) ގެ 186 ވަނަ މާއްދާގެ ބޭނުމަށް ޓަކައި، އެ މުއްދަތު ކުއްޖާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ މުއްދަތުން އުނިކުރަންވާނެއެވެ. އަދި އެ ހާލަތުގައި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި އެކަން ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(އ) މި މާއްދާގެ ދަށުން، ކަރެކްށަނަލް މަރުކަޒެއްގައި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމައިފިނަމަ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ ދަށުން، ކުއްޖާއަށް އެންމެ އަވަހަށް ޕެރޯލަށް އެދި ހުށަހެޅޭނެ މުއްދަތު، އަދަބު ކަނޑައަޅައި މައްސަލަ ނިންމާ ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އިއުލާނު ކުރަންވާނެއެވެ.  

 

147 ވަނަ މާއްދާ - ބަންދުކުރުން ފިޔަވައި ދެވިދާނެ އަދަބުތައް

(ހ) ކުޑަކުއްޖެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، ކުއްޖާގެ މައްޗަށް ދައުވާ އުފުލިފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ކަމަށް ވާނަމަ، އެ ގާނޫނުގެ 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ   ''ތަފާތު އަދަބު އެއްހަމަކުރާ ތާވަލު'' އާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު އެކި ބާވަތުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް އެ ހާލަތުގައި އެ ގާނޫނުގެ 1201 ވަނަ މާއްދާގެ (ށ) އަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.    

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ހިމެނިފައިނުވާ ކުށަކަށްނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ތަފާތު އަދަބު ކަނޑައެޅުމުގައި މިންގަނޑު ބަލާނީ، މި ގާނޫނުގެ 91 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަށްފަހުގައެވެ.   

 

148 ވަނަ މާއްދާ - ޖޫރިމަނާގެ އަދަބު

(ހ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށުގެ އަދަބެއްގެ ގޮތުން ޖޫރިމަނާއެއް ދެއްކުމަށް ކުއްޖާގެ މައްޗަށް އަމުރުކުރެވިދާނެއެވެ. އެފަދައިން ކުރާ ޖޫރިމަނާ ކުރަންވާނީ މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކުށް ސާބިތުވުމުން ކުޑަކުއްޖެއްގެ މައްޗަށް އަދަބެއްގެ ގޮތުން ޖޫރިމަނާއެއް ކަނޑައަޅާއިރު، އެ އަދަބަކީ ކުއްޖާ އިސްލާހުވުމަށް މަގުފަހިކުރުވާނެފަދަ އަދަބެއްތޯ ބަލައި، އެ ހާލަތުގައި ޖޫރިމަނާއެއް ކަނޑައަޅައި މައްސަލަ ނިންމަންވާނީ، އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ. 

(ނ) އެއްވެސް ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށުގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާއެއް ހިމެނިފައިވާނަމަ، ނުވަތަ އަދަބެއްގެ ގޮތުން ޖޫރިމަނާއެއް ކަނޑައަޅާނަމަ، ކުޑަކުއްޖެއްގެ މައްޗަށް ކަނޑައެޅޭ ޖޫރިމަނާގެ އަދަދު، ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ކުޑަ އަދަދުގެ 5/1 (ފަސްބައިކުޅަ އެއްބައި) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.  

(ރ) ޖޫރިމަނާގެ އަދަބު ކަނޑައެޅޭ އިރު ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރިފައި ނުވާނަމަ، ޖޫރިމަނާ ދެއްކުމަށް އަމުރުކުރާނީ، ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށެވެ. އެހެންނަމަވެސް، އަދަބު ކަނޑައަޅާއިރު 18 (އަށާރަ) އަހަރު ފުރިފައިވާނަމަ، ޖޫރިމަނާ ދެއްކުމަށް އަމުރުކުރާނީ، އެ ފަރާތުގެ މައްޗަށެވެ.

(ބ) ކޮންމެ ގާނޫނެއްގެ ދަށުން ކުއްޖެއްގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅިކަމުގައި ވިޔަސް، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 1202 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.    

(ޅ) ޖޫރިމަނާގެ އަދަބެއް ކުޑަކުއްޖެއްގެ މައްޗަށް ކަނޑައަޅާއިރު، އެ އަދަދު ބަހައިލައިގެން ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.     

(ކ) ކަރެކްށަނަލް ސެންޓަރެއްގައި ބަންދުކޮށްފައިވާ ކުއްޖެއްގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިފައިވާނަމަ، އެ ޖޫރިމަނާ ދެއްކުމަށް ޓަކައި އާމްދަނީއެއް ލިބޭނެފަދަ މަސައްކަތެއް ކުރުމުގެ އިންތިޒާމު، އެ ފަރާތްތަކަށް ހަމަޖައްސައިދިނުމަކީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.       

 

149 ވަނަ މާއްދާ - މަރުގެ ދިޔަ ނަގައިދިނުން

(ހ) ވާރިސުންގެ ބަހެއް ހޯދުމަށް ބާއްވާ އަޑުއެހުމުގައި މަރުގެ ދިޔަ ނަގައިދިނުމަށް ވާރިސުން އެދޭނަމަ، އިސްލާމީ ށަރީއަތުގައި އޮންނަ ގޮތުގެ މަތިން، މަރުގެ ދިޔަ ނަގައިދިނުމުގައި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދު ހުއްދަކުރާ އުސޫލުގެ ދަށުން، ށަރީއަތުން މަރުގެ ދިޔަ ނަގައިދޭންވާނެއެވެ. 

(ށ) މަރުގެ ދިޔައަށް ކަނޑައެޅިފައިވާ އަދަދު ކުޑަކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރެއް ނޫނެވެ. އެހެންނަމަވެސް ވާރިސުންގެ އިޒުނަޔާއެކު، މަރުގެ ދިޔައިގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދު، ބަހައިލައިގެން ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.    

(ނ) މަރުގެ ދިޔަ ނަގައިދިނުމަށް ކަނޑައަޅާއިރު، ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާނަމަ، މަރުގެ ދިޔަ ދެއްކުމަށް އަމުރުކުރާނީ، ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށެވެ. އެހެންނަމަވެސް އެ ހިނދު ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާނަމަ، މަރުގެ ދިޔަ ދެއްކުމަށް އަމުރުކުރާނީ، އެ ފަރާތުގެ މައްޗަށެވެ.

(ރ) ކަރެކްށަނަލް ސެންޓަރެއްގައި ބަންދުކޮށްފައިވާ ކުއްޖެއްގެ މައްޗަށް މަރުގެ ދިޔަ ދެއްކުމަށް އަމުރުކޮށްފައިވާނަމަ، މަރުގެ ދިޔަ ދެއްކުމަށްޓަކައި އާމްދަނީއެއް ލިބޭނެފަދަ މަސައްކަތެއް ކުރުމުގެ އިންތިޒާމު، އެ ފަރާތްތަކަށް ހަމަޖައްސައިދިނުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.            

 

150 ވަނަ މާއްދާ - ބަދަލު ނަގައިދިނުން

(ހ) ކުޑަކުއްޖަކު ކުރި ކުށަކާ ގުޅިގެން އެއްވެސް މީހަކަށް ނުވަތަ ކުއްޖަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ނުވަތަ އަނިޔާގެ ބަދަލު މި މާއްދާގައިވާ ގޮތުގެ މަތިން، މައްސަލަ ނިންމާއިރު ށަރީއަތުން ނަގައިދޭންވާނެއެވެ.
 
 
(ށ) އަންނަނިވި ކަންކަމަށް ބަދަލު ނަގައިދެވިދާނެއެވެ. 

  1. ޖިސްމާނީގޮތުން ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރުމަށް ދިޔަ ހަރަދު؛
  2. ނަފްސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލާއި، ނަފްސާނީ ގެއްލުމަށް ބޭސްފަރުވާ ކުރުމަށް ދިޔަ ހަރަދު؛
  3. މުދަލަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ހަރަދު؛
  4. މުދަލުގެ ފުރިހަމަ އަގު.   

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައަޅާއިރު، އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ.

  1. ޖިސްމާނީ އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށް ކަމަށް ވާނަމަ، އެ ކުއްޖާގެ އުމުރާއި، އެ ކުއްޖާއަށް އެ އަނިޔާގެ ސަބަބުން ލިބިފައިވާ ޖިސްމާނީ އަދި/ނުވަތަ ނަފްސާނީ ގެއްލުމުގެ މިންވަރު؛
  2. ޖިސްމާނީ އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށް ކަމަށް ވާނަމަ، އެ ކުއްޖާގެ މުސްތަގުބަލަށް އެ އަނިޔާގެ ސަބަބުން ކޮށްފައިވާ އަސަރު؛
  3. ޖިސްމާނީ އަނިޔާ ލިބިފައިވަނީ އުމުރުން ދުވަސްވީ މީހަކަށް ނުވަތަ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތަކަށް ކަމަށް ވާނަމަ، އެ ފަރާތަށް އެކަމުން ކޮށްފައިވާ އަސަރު؛
  4. ގެއްލުން ލިބުނީ މުދަލަކަށް ކަމަށް ވާނަމަ، އެ މުދަލަށް ދީފައިވާ ގެއްލުމުގެ ކުޑަބޮޑުމިނާއި، އެ މުދަލެއް މަރާމާތުކޮށްގެން ބޭނުންކުރެވިދާނެކަން ނުވަތަ ނޫންކަން.

(ރ) މި މާއްދާގެ ދަށުން، ލިބުނު އަނިޔާގެ ބަދަލު ނުވަތަ ގެއްލުމުގެ ބަދަލު ށަރީއަތުން ނަގައިދޭންވާނީ، ލިބުނު އަނިޔާ ނުވަތަ ލިބުނު ގެއްލުން އެނގޭނެފަދަ ލިޔެކިޔުންތައް ށަރީއަތަށް ހުށަހެޅުމުންނެވެ. އެގޮތުން ތިރީގައިވާ ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

  1. ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ ލިބިފައިވާކަން ސާބިތުކުރުމަށްޓަކައި ސިއްހީ ހިދުމަތް ލިބޭ ތަނަކުން ދީފައިވާ ސިއްހީ ލިޔެކިއުންތައް؛
  2. މުދަލަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއް މަރާމާތުކުރަން ދިޔަ ހަރަދު، ނުވަތަ އެ މުދަލުގެ އަގު އެނގޭނެފަދަ ލިޔުމެއް.

(ބ) މި މާއްދާގެ ދަށުން ބަދަލު ނަގައިދިނުމުގައި ކުށްކުރި ކުއްޖާގެ ނުވަތަ އެ ކުއްޖާގެ ބެލެނިވެރިޔާގެ މާލީ ހާލަތަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެއެވެ. އަދި ބަދަލުގެ ގޮތުގައި ކޯޓުން ކަނޑައަޅާ އަދަދު ބަހައިލައިގެން ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ޅ) ބަދަލުގެ ގޮތުގައި ނަގައިދޭ މިންވަރު ކަނޑައެޅުމުގައި، އަނިޔާ ނުވަތަ ގެއްލުން ލިބުނު ފަރާތާއި ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން ފަރާތަކާއި ކޮމިއުނިޓީ ކޮންފަރެންސެއްގައި، ކުށްކުރި ކުއްޖާއާ ބައްދަލުކޮށްފައި ބަދަލުގެ ގޮތުގައި ދައްކާނެ އަދަދާމެދު ދެފަރާތަށްވެސް އެއްބަސްވެވިދާނެއެވެ. އެހެންނަމަވެސް، މިކަމުގައި ދެފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ބަދަލުގެ ގޮތުގައި ނަގައިދޭނެ އަދަދު ކަނޑައަޅާނީ ކޯޓުންނެވެ.

(ކ) މި މާއްދާގެ ދަށުން ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ އަދަބެއް ނޫނެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ދައްކާ ފައިސާއަކީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 93 ވަނަ މާއްދާ (ހުއްދަކުރެވިފައިވާ ޖޫރިމަނާގެ އަދަދުތައް) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާއެއް ކަމަށް، ނުވަތަ        އެ ގާނޫނުގެ 1005 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަބްދީލީ އަދަބެއްކަމަކަށް ނުބެލެވޭނެއެވެ.     

(އ) ކުށް ކަނޑައަޅާ ހާއްސަ ގާނޫނެއްގައި ބަދަލު ނަގައިދިނުމަށް ވަކި އުސޫލުތަކެއް ބަޔާންކޮށްފައިވާނަމަ، އެ އުސޫލުތަކުގެ ދަށުން ބަދަލު ނަގައިދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ވ) މި މާއްދާގެ ދަށުން ށަރީއަތުން ބަދަލު ނަގައިދޭއިރު ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރިފައި ނުވާނަމަ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު) ގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަދަލު ދެއްކުމަށް އަމުރުކުރާނީ، ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށެވެ. އެހެންނަމަވެސް، ކުއްޖާއަށް އެހިނދު 18 (އަށާރަ) އަހަރު ފުރިފައިވާނަމަ، ބަދަލު ދެއްކުމަށް އަމުރުކުރާނީ، އެ ފަރާތުގެ މައްޗަށެވެ.  

(މ) ކަރެކްށަނަލް ސެންޓަރެއްގައި ބަންދުކޮށްފައިވާ ކުއްޖެއްގެ މައްޗަށް ބަދަލު ދެއްކުމުގެ އަމުރެއް ކޯޓުން ކޮށްފިނަމަ، ބަދަލު ދެއްކުމަށްޓަކައި އާމްދަނީއެއް ލިބޭނެފަދަ މަސައްކަތެއް ކުރުމުގެ އިންތިޒާމު، އެ ފަރާތްތަކަށް ހަމަޖައްސައިދިނުމަކީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.                                  

 

ހަވަނަ ބައި

އެކާވީސްވަނަ ބާބު

އެހެނިހެން ކަންތައްތައް

151 ވަނަ މާއްދާ - އިސްތިއުނާފުކުރުން

(ހ) ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނެއްގެ ދަށުން، ކުޑަކުއްޖެއްގެ މައްޗަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓުން ނިންމައިފައިވާ ނިންމުމެއް، ނުވަތަ ށަރީއަތުގެ ފަހުގެ މަރުހަލާގައި ކޯޓުން އަޅައިފައިވާ ފިޔަވަޅެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ. އަދި އިސްތިއުނާފު ކުރުމުގެ ހައްގު އެ މައްސަލައިގައި ހިމެނޭ ދެފަރާތަށްވެސް ލިބިގެންވާކަމާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ލިބޭނެ މުއްދަތު، ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އަންގަންވާނެއެވެ.      

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުވާލިބޭ ކުއްޖާގެ މައްޗަށް ކުށް ސާބިތުވުމުން ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އިސްތިއުނާފަށް ހުށަހެޅޭނީ، މި ގަވާއިދުގެ 139 ވަނަ މާއްދާގެ ދަށުން އެ ފިޔަވަޅުތައް މުރާޖައާކޮށްދިނުމަށް އެދި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށްފަހު، ޖުވެނައިލް ކޯޓުން މުރާޖައާކޮށް ނިންމި ނިންމުމަކީ އެކަށީގެންވާ ނިންމުމެއް ނޫންކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމައެވެ.          
 
 
 
އިސްތިއުނާފަށް ހުށަހަޅާ މައްސަލައަކީ ހުކުމްކުރުމަށްފަހު އަދަބު ކަނޑައެޅުން ފަސްކޮށްފައިވާ ނުވަތަ އަދަބު ތަންފީޒުކުރުން ފަސްކޮށްފައިވާ މައްސަލައެއްނަމަ، އެ ހާލަތުގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ޓަކައި، މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު ހުށަހެޅުމުން ފުދޭނެއެވެ.      

(ނ) ކުޑަކުއްޖެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކުއްޖާގެ މައްޗަށް ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތައް އިސްތިއުނާފުކުރުމުން، އެ ފިޔަވަޅުތަކަށް ބަދަލު ގެންނަންޖެހޭކަމަށް އިސްތިއުނާފީ ކޯޓުން ނިންމައިފައި ޖުވެނައިލް ކޯޓަށް މައްސަލަ ފޮނުވުމުން، އެ މައްސަލައިގައި ޖުވެނައިލް ކޯޓުން އަމަލުކުރަންވާނީ،  މި ގަވާއިދުގެ 19 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.            

 

152 ވަނަ މާއްދާ - ކުޑަކުދިންގެ މަރުކަޒަކަށް ކުއްޖާ ފޮނުވުން  

(ހ) ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ތުހުމަތުކުރެވޭ ކުއްޖަކު ނުވަތަ ދައުވާލިބޭ ކުއްޖަކު، ނުވަތަ ކުށް ސާބިތުވާ ކުއްޖަކު، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދަ ކުޑަކުދިންގެ މަރުކަޒެއްގައި ބަންދުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކި މަރުކަޒެއްގައި ކުއްޖާ ބަންދުކުރުމަށް ކޯޓުން އަމުރު ނެރެންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފަށާތާ 18 (އަށާރަ) މަސްދުވަސް ފުރިހަމަވުމަށް ފަހުގައެވެ. 

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން އެ ފަދަ މަރުކަޒުތައް ވުޖޫދަށް ގެނެވިއްޖެނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން، ވަކި މަރުކަޒެއްގައި ކުއްޖާ ބެހެއްޓުމަށް ކަނޑައަޅައިފައި އަމުރު ނެރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.       

 

153 ވަނަ މާއްދާ - ކޯޓުގެ ޕްރޮބޭށަން އޮފިސަރުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހަރަކާތްތެރިވާންވާނީ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ކުދިންނަށް ދެވޭ ފުރުސަތުތަކަށާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަހުލުވެރި، ކުއްޖާއަށް ފުރުސަތު ދޭ ހާލަތުގައި ބަލަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ލިބިފައިވާ އަދި ކޯޓުން ކުއްޖާގެ މައްޗަށް ކަނޑައަޅާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މަރުހަލާގައި އެ ކަންކަން މޮނިޓަރކުރުމުގެ އިޖުރާއަތުތަކަށް އަހުލުވެރި، ކަމާ ގުޅުންހުރި ހާއްސަ ތަމްރީނު ލިބިފައިވާ ދެޖިންސުގެ ޕްރޮބޭށަން އޮފިސަރުންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން، ޖުވެނައިލް ކޯޓަށް ބޭނުންވާ ޕްރޮބޭށަން އޮފިސަރުން އައްޔަނު ކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޯޓުގެ ޕްރޮބޭށަން އޮފިސަރުން ފުރިހަމަކުރަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަމްރީނު ކުރުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ މަސްއޫލިއްޔަތެކެވެ.
 
 
(ރ) ކޯޓުގެ ޕްރޮބޭށަން އޮފިސަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.   

  1. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޕްރޮބޭށަންގެ މަސައްކަތްތައް ކުރުން؛
  2. މައްސަލަތަކާ ގުޅިގެން މުއައްސަސާތަކާއެކު ބާއްވަންޖެހޭ އެކިއެކި ބައްދަލުވުންތަކާއި ކޮންފަރެންސްތައް އިމްތިޒާމުކޮށް ހިންގުން؛
  3. ކުއްޖާގެ ޕްރޮބޭށަން ނުވަތަ ކުއްޖާއަށް ފުރުސަތެއް ދިނުމުގެ ގޮތުން ހުށަހެޅޭ އެކިއެކި ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛
  4. ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އާއިލާއާ ބައްދަލުކުރަންޖެހޭ ހާލަތުގައި އެ ބައްދަލުވުން އިންތިޒާމުކޮށް ކުރިޔަށް ގެންދިއުން؛
  5. ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޑައިވަރށަން ޕްލޭން ނުވަތަ ސެންޓެންސިންގ ޕްލޭން ނުވަތަ އެކްށަން ޕްލޭން ނުވަތަ ކެއަރ އެންޑް ވެލްފެއަރ ޕްލޭން އެކުލަވައިލުމާއި، މައްސަލަ ބަލާ ސެކްށަނާ ގުޅިގެން    އެ މަސައްކަތް ކުރިޔަށް ގެންދިއުން؛
  6. ކުއްޖާގެ މޮނިޓަރިންގއާ ގުޅޭ ކަންކަމުގައި މޮނިޓަރ ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރުން؛
  7. ކޯޓު މަރުހަލާގައި ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ބޭނުންވާ އެހީތެރިކަމާއި އިރުށާދު ފޯރުކޮށްދިނުން؛
  8. އިންޓެންސިވް ސުޕަވިޒަން އަމުރެއްގެ ދަށުން، ކުއްޖަކު ސުޕަވައިޒްކުރުން ޕްރޮބޭށަން އޮފިސަރަކާ ހަވާލުކުރެވޭ ހާލަތުގައި، އެ އަމުރުގައިވާ ގޮތުގެ މަތީން އެ މަސްއޫލިއްޔަތު އަދާކުރުން؛
  9. ކުއްޖާގެ ގެއަށް ޒިޔާރަތްކޮށްގެން އާއިލީ ހާލަތު ބަލަން ޖެހިއްޖެނަމަ، އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރުން؛
  10. ކުއްޖާއަކީ މުޖުތަމައަށް ހިދުމަތްކުރަން ދޫކޮށްލައިފައިވާ ކުއްޖެއްނަމަ، އެ ތަނަކަށް ޒިޔާރަތްކޮށްގެން ކުއްޖާ މޮނިޓަރކުރުން؛
  11. ކުއްޖާއަށް ފުރުސަތުދޭ އެކި މަރުހަލާތަކުގައި ކުއްޖާއާ ގުޅޭގޮތުން ރިވިއު ބައްދަލުވުންތައް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުން؛
  12. ކުއްޖާއާ ގުޅޭގޮތުން އެކި އިދާރާތަކުން ހުށަހަޅާ ކޮމްޕްލަޔަންސް ރިޕޯޓާއި، ޕްރޮގްރެސް ރިޕޯޓާއި،  ކުދިންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތައުލީމު އުނގަންނައިދޭ މަރުކަޒަކަށް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ މަރުކަޒަކަށް ނުވަތަ ވަޒީފާއަކަށް ނުވަތަ އެހެންވެސް ކައުންސެލިން ސެށަނަކަށް އެ ކުދިން ހާޒިރުވެފައިވާ ގޮތުގެ ހާޒިރީ ރިޕޯޓުތައް ބަލައިގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛ 
  13. އަދަބު ކަނޑައެޅުމަށްފަހު ބަންދުކުރުމަށް ނިންމާ ކުދިންނާ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މުއާމަލާތު ކުރުމާއި، ބަންދުގައި ތިބޭއިރު އެ ކުދިންނަށް ހިންގޭ އިސްލާހީ ޕްރޮގްރާމުތައް ކުރިޔަށްދާ ގޮތް ބެލުން؛
  14. ކުއްޖާއަށް ފުރުސަތުދީފައި ބަންދުން ދޫކޮށްލާ ހާލަތުގައި އެ ކުއްޖާ އަނބުރާ މުޖުތަމައަށް ގެނައުމުގެ ގޮތުން ކުއްޖާއަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ޓަކައި ބައްދަލުވުންތައް ބޭއްވުމާއި، އެ އެހީތެރިކަން ކުއްޖާއަށް ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
  15. ކޯޓުން ފުރުސަތެއް ދޭ ކޮންމެ ކުއްޖަކަށް ޕްރޮބޭށަން ފައިލެއް ތައްޔާރުކޮށް، އެކަމާ ގުޅޭ އެންމެހައި ރެކޯޑުތަކެއް ގަވާއިދުން ބެލެހެއްޓުން.           

 

154 ވަނަ މާއްދާ - ޕްރޮބޭށަން ރިޕޯޓު

(ހ) މި ގަވާއިދުގެ އެއްވެސް މާއްދާއެއްގެ ދަށުން، ޕްރޮބޭށަންގައި ދޫކުރެވިފައިވާ ކުއްޖެއްގެ މައްޗަށް ކޯޓުން ކަނޑައަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދޭތޯ ބަލައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުން ޕްރޮބޭށަން ރިޕޯޓެއް، ޕްރޮބޭށަން އޮފިސަރ ތައްޔާރުކުރަންވާނެއެވެ. އެފަދައިން ތައްޔާރުކުރާ "ޕްރޮބޭށަން ރިޕޯޓު" އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 25 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.    

(ށ) ޕްރޮބޭށަން ރިޕޯޓު ތައްޔާރުކުރާ މަރުހަލާއަށް ރިއާޔަތްކޮށް، އަންނަނިވި މައުލޫމާތުތައް ރިޕޯޓުގައި ހިމަނަންވާނެއެވެ.

  1. ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތާއި، ބެލެނިވެރިޔާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ޕްރޮބޭށަންގައި ބައިވެރިކޮށްފައިވާ މަރުހަލާ؛
  3. ކުއްޖާގެ މައްޗަށް ކޯޓަށް ދައުވާ ހުށަހެޅި ތާރީހު؛
  4. މައްސަލައިގައި ހުކުމްކުރި ތާރީހު؛
  5. ކުއްޖާގެ މައްޗަށް ސާބިތުވި ކުށް ނުވަތަ ކުށްތައް؛
  6. ކުއްޖާއާ ގުޅޭގޮތުން ބޭއްވި ކޮންފަރެންސާއި ކޮންފަރެންސް ބޭއްވި ތާރީހު؛
  7. ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅިނަމަ، އަދަބު ކަނޑައެޅި ތާރީހު:
  8. އަދަބު ތަންފީޒުކުރުން ފަސްކުރި ނަމަ، ފަސްކުރި ތާރީހާއި، ފަސްކުރި މުއްދަތު؛
  9. އަދަބު ކަނޑައެޅުން ފަސްކޮށް، ށަރީއަތުން އަޅާ ފިޔަވަޅުތައް އަޅައިފައިވާނަމަ، އެ ފަދައިން އެޅި ފިޔަވަޅުތަކުގެ ތަފުސީލުތަކާއި، އެ ފިޔަވަޅުތަކާ ގުޅޭ މުއްދަތުތައް؛   
  10. ކުއްޖާއާ ގުޅޭގޮތުން ކޮމްޕްލަޔަންސް ރިޕޯޓާއި ޕްރޮގްރެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތަފުސީލުތައް؛
  11. ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއާއި ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއާ ކޯޓުން އެ މުއްދަތުގެ ތެރޭގައި ބައްދަލުކޮށްފައިވާނަމަ، އެކަމުގެ ތަފުސީލުތައް؛
  12. ކުއްޖާއާ ގުޅޭގޮތުން ބޭއްވި ރިވިއު ބައްދަލުވުންތަކުގެ ތަފުސީލުތައް؛
  13. ށަރީއަތުން އަޅައިފައިވާ ފިޔަވަޅުތައް ފުރިހަމަކޮށްފައިވާނަމަ ނުވަތަ ކުއްޖާގެ މައްޗަށް ކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިވާނަމަ އެކަމުގެ ތަފުސީލު؛
  14. ފިޔަވަޅުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވެފައިވާނަމަ އެކަމުގެ ތަފުސީލު؛
  15. އެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފައިވާނަމަ، ނުވަތަ ކުއްޖާއާ ގުޅޭ ޖިނާއީ އިތުރު ތުހުމަތެއް ނުވަތަ ދައުވާއެއް ހުށަހެޅިފައިވާނަމަ އެކަމުގެ ތަފުސީލު؛
  16. ޕްރޮބޭށަނުން ވަކިކުރުމަށް ނިންމައިފައިވާނަމަ، ނުވަތަ ޕްރޮބޭށަންގެ ފިޔަވަޅުތައް ހުއްޓުމަކަށް ގެންނަން ނިންމައިފައިވާނަމަ، އެ ނިންމުން ނިންމި ސަބަބުތައް؛
  17. ކޯޓުގެ ނަމާއި، ޕްރޮބޭށަން އޮފިސަރުގެ ނަމާއި، ތާރީހާއި، ކޯޓުގެ ސިއްކަ.                    

 

ބާވީސްވަނަ ބާބު

ބަންދުކޮށްފައި ތިބި ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުން

155 ވަނަ މާއްދާ - ބަންދެއްގައި އަދަބު ތަންފީޒުކުރަމުންދާ ކުދިން  

މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ހިންގޭނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 113 ވަނަ މާއްދާގެ ދަށުން، އެ ގާނޫނަށް އަމަލުކުރަން ފެށިއިރު، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ކުށަކަށް އަދަބު ތަންފީޒުކުރަމުންދާ ކުދިންގެ ތެރެއިން، މި ގަވާއިދުގެ 156 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކުގައި އަދަބު ތަންފީޒުކުރަމުންދާ ކުދިންނާއި، ގާނޫނަށް އަމަލުކުރަން ފެށިފަހުން އަދަބެއްގެ ގޮތުން ބަންދުކުރުމަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވާ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށެވެ.

 

156 ވަނަ މާއްދާ - ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތައް

(ހ) ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 113 ވަނަ މާއްދާގެ ދަށުން، ޖުވެނައިލް ކޯޓަށް ހުށަހެޅޭނީ، އަންނަނިވި މައްސަލަތަކެވެ.     

  1. އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތައް؛
  2. މެޖިސްޓްރޭޓް ކޯޓަކުން ނުވަތަ ޖުވެނައިލް ކޯޓުން ނިންމައިފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅައިފައި ނުވާ މައްސަލަތައް؛
  3. މެޖިސްޓްރޭޓް ކޯޓަކުން ނުވަތަ ޖުވެނައިލް ކޯޓުން ނިންމައިފައިވާ މައްސަލަތަކުގެ ތެރެއިން، އިސްތިއުނާފަށް ހުށަހަޅައިފައިވާ މައްސަލައެއްނަމަ، އިސްތިއުނާފު ނިމިފައިވާ މައްސަލަތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް ހުށަހެޅޭނީ، ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކުގެ ތެރެއިން، ޖުވެނައިލް ކޯޓުން ނުވަތަ މެޖިސްޓްރޭޓް ކޯޓަކުން ވަކި މުއްދަތަކަށް ބަންދުކުރުމަށް އަދަބު ކަނޑައަޅައިފައިވާ މައްސަލަތަކެވެ.      

 

157 ވަނަ މާއްދާ - އަދަބު ތަންފީޒުކުރަމުންދާ ކުދިންނާމެދު ގޮތެއް ކަނޑައެޅުން

(ހ) މި ގަވާއިދުގެ 156 ވަނަ މާއްދާގެ ދަށުން ގާނޫނަށް އަމަލުކުރަން ފެށިއިރު، ބަންދެއްގައި އަދަބު ތަންފީޒުކުރަމުންދާ ކުދިންގެ މައްސަލަތައް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅުމުން އަމަލުކުރާނީ، މި މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ށ) ބަންދުގައި ހުރި ކުއްޖާ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޖަލުގައި ކުރިޔަށްގެންދާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިކޮށްފައިވޭތޯ ބެލުމަށްފަހު، އެފަދަ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކޮށްފައިވާނަމަ، ޕްރޮގްރާމުގައި ކުއްޖާ ބައިވެރިވަމުންދާ ގޮތުގެ ނުވަތަ ފުރިހަމަކޮށްފައިވާ ގޮތުގެ ޕްރޮގްރެސް ރިޕޯޓެއް، ގިނަވެގެން ރަސްމީ ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް، އެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.      

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، ކުއްޖާގެ އަހްލާގާއި ސުލޫކާ ބެހޭގޮތުން އެ އިދާރާއިން ދެކޭގޮތް ހިމަނަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ކޯޓަށް ލިބުމުން، އެ ރިޕޯޓުގައި ހިމަނައިފައިވާ މައުލޫމާތު ދިރާސާކުރުމަށްފަހު، ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެ ކުށުގެ ސަބަބުން އެއްވެސް ފަރާތެއް ނިޔާވެފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާނަމަ، އެ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ކުއްޖާއާމެދު ގޮތެއް ނިންމާނީ، މި ގަވާއިދުގެ 158 ވަނަ މާއްދާއިން ފެށިގެން 166 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.     

  1. މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަންދުކޮށްފައި ހުރި ކުއްޖާ، ޖަލުގައި ހިންގާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިކޮށްފައި ނުވާނަމަ، އަންނަނިވި ގޮތުގެ މަތިން ކޯޓުން އަމަލު ކުރަންވާނެއެވެ.
  2. ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ ކުށުގެ ސަބަބުން އެއްވެސް ފަރާތެއް ނިޔާވެފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާނަމަ، މި ގަވާއިދުގެ 158 ވަނަ މާއްދާގެ ދަށުން، ޖަލުގައި ކުރިޔަށްގެންދާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރުކުރުން؛
  3. ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކުށަކަށް ނުވާނަމަ، ކުއްޖާއާމެދު ފިޔަވަޅު އެޅުމުގައި، މި ގަވާއިދުގެ 158 ވަނަ މާއްދާއިން ފެށިގެން 161 މާއްދާގެ  ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިންނާއި، 164 ވަނަ މާއްދާއިން ފެށިގެން 166 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރިޔަށް ގެންދިއުން.             

 

158 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ ކުދިން އިސްލާހުކުރުން 

(ހ) ކުށް ސާބިތުވުމަށްފަހު، ޖަލުގައި ނުވަތަ މަރުކަޒެއްގައި ބަންދުކޮށްފައި ތިބޭ ކުދިން، ޖަލުގައި ނުވަތަ އެ މަރުކަޒުތަކުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކުރިޔަށްގެންދާ އިސްލާހީ ޕްރޮގްރާމުގައި ބައިވެރިކުރަންވާނެއެވެ.      

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެފަދަ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރުވުން ލާޒިމުކޮށް، މި ގަވާއިދުގެ ޖަދުވަލު 24 ގައިވާ ނަމޫނާއާ އެއްގޮތަށް، ކުއްޖާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަންގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މައްޗަށް ކޯޓުން "ރީހެބިލިޓޭށަން އަމުރު" ނެރެންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އަމުރު ނެރޭއިރު، އެ އަމުރުގެ ދަށުން ކުއްޖާ އަމަލުކުރަންޖެހޭ ގޮތް، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް، އެ ދެފަރާތާއެކު ބޭއްވޭ ބައްދަލުވުމެއްގައި، ކޯޓުގެ ޕްރޮބޭށަން އޮފިސަރ ސާފުކޮށްދޭންވާނެއެވެ. އަދި ކުއްޖާ އިސްލާހީ ޕްރޮގްރާމުގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ގޮތާއި، ކުއްޖާގެ އަހްލާގަށާއި ކުއްޖާއަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް ބެލުމަށްފަހު، ބަންދުކުރުމަށް ކޯޓުން ކަނޑައެޅި މުއްދަތު ހަމަވުމުގެ ކުރިން ޖަލުގައި ބަންދުކޮށްފައިވާ ބަންދުކުރުމުން ނުވަތަ މަރުކަޒެއްގައި ބަންދުކޮށްފައިވާ ބަންދުކުރުމުން ކުއްޖާ ދޫކޮށްލައި، މުޖުތަމައަށް ބަދަލުކުރުމުގެ ފުރުސަތު އޮތްކަން، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް އަންގަންވާނެއެވެ.   

 

159 ވަނަ މާއްދާ - ކުއްޖާ ޕްރޮގްރާމު ފުރިހަމަކުރަމުންދާ ގޮތް ބެލުން 

(ހ) މި ބާބުގެ ދަށުން ކުއްޖާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށްފަހު، އެ ޕްރޮގްރާމު ކުއްޖާ ފުރިހަމަކުރަމުންދާ ގޮތް ކޯޓުން ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ކުއްޖާގެ މައްޗަށް ކަނޑައަޅައިފައިވާ އަދަބުގެ މުއްދަތަށް ރިއާޔަތްކޮށް، ކުއްޖާ ޕްރޮގްރާމު ފުރިހަމަކުރަމުންދާ ގޮތުގެ ޕްރޮގްރެސް ރިޕޯޓު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކޯޓަށް ފޮނުވަމުން ގެންދަންވީ މުއްދަތު ކޯޓުން ކަނޑައަޅައި، އެ ސަރވިސްއަށް އެކަން އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގެ އިތުރުން ޖަލުގައި ނުވަތަ މަރުކަޒުގައި ކުއްޖާ އުޅޭނޫޅޭގޮތް ބެލުމަށާއި، ކުއްޖާ އިސްލާހުވުމުގެ މަރުހަލާގައި ކުއްޖާއަށް ކޯޓުން ދޭންޖެހޭ އެހީތެރިކަން ދިނުމަށްޓަކައި، ކުއްޖާ ބަންދުކޮށްފައި ހުރި ތަނަށް ޒިޔާރަތްކުރުމުގެ ނުވަތަ ކުއްޖާއާ ފޯނުން މުއާމަލާތު ކުރުމުގެ އިހްތިޔާރު، ކޯޓުގެ ޕްރޮބޭށަން އޮފިސަރަށް ލިބިގެންވެއެވެ.    

 

160 ވަނަ މާއްދާ - ރިވިއު ބައްދަލުވުންތައް ބޭއްވުން

(ހ) އިސްލާހީ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ ކުދިންގެ ޕްރޮގްރެސް މޮނިޓަރ ކުރުމަށާއި، އެ ކުދިން މުޖުތަމައަށް ބަދަލުކުރެވިދާނެ އެންމެ އަވަސް މުއްދަތެއް ބެލުމަށްޓަކައި، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ރިވިއު ބައްދަލުވުންތަކެއް ކޯޓުން ކުރިޔަށް ގެންދަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ މައްޗަށް ސާބިތުވި ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ ކުށުގެ ސަބަބުން އެއްވެސް ފަރާތެއް ނިޔާވެފައިވާނަމަ، ނުވަތަ މީހަކަށް ނުވަތަ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބިފައިވާނަމަ، ނުވަތަ އެ ކުށަކީ އަނިޔާވެރި ކުށެއް ކަމަށް ވާނަމަ، މުޖުތަމައަށް ކުއްޖާ ބަދަލުކުރުމާމެދު އެންމެ އަވަހަށްވެސް މަށްވަރާކުރަންވާނީ، އެ ކުއްޖާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބުގެ 3/1 (ތިންބައިކުޅަ އެއްބައި) ތަންފީޒުކުރުމަށް ފަހުގައެވެ. 

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ ހާލަތެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން، ކުއްޖާ މުޖުތަމައަށް ބަދަލުކުރުމާމެދު މަށްވަރާކުރުމަށް ނިންމުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެއީ އެފަދަ ހާއްސަ ހާލަތެއްކަމަށް ބެލެވިދާނެއެވެ.  

  1. ކުއްޖާ ބަންދުކޮށް ބަލަހައްޓާ މަރުކަޒުން ކުއްޖާއާ ގުޅޭގޮތުން ފޮނުވައިފައިވާ ޕްރޮގްރެސް ރިޕޯޓާއި، އެ ކުއްޖާގެ އަހްލާގާއި ސުލޫކާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އޭނާއަކީ މުޖުތަމައަށް ބަދަލުކުރެވިދާނެ ފަދަ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ފަރާތެއްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުން؛
  2. އަނިޔާ ލިބުނު ފަރާތުގެ ކިބައިން ނުވަތަ ނިޔާވި ފަރާތުގެ އާއިލާގެ ކިބައިން އޭނާ މާފަށް އެދިފައިވުން ނުވަތަ މާފަށް އެދެން މަސައްކަތް ކޮށްފައިވުން؛
  3. މަރުގެ ދިޔައެއް ދެއްކުމަށް އަންގައިފައިވާނަމަ، މަރުގެ ދިޔަ ދެއްކުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން ފަނޑިޔާރަށް ގަބޫލުކުރެވުން؛

(4) ކުއްޖާގެ އާއިލާގެ ހާލަތު ހުރިގޮތުން، ދިގު މުއްދަތެއްގެ ބަންދެއްގައި ހުރުމަށްވުރެ، އާއިލާއަށް އެހީތެރިވެ، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުން މުހިންމުކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުން.
 
 
(ރ) މި މާއްދާގެ (ނ) ގައިވާ އިހްތިޔާރު، ފަނޑިޔާރު ބޭނުންކުރުމުގެ ކުރިން، ކުއްޖާ ކުރި ކުށުގެ ސަބަބުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތެއް ނިޔާވެފައިވާނަމަ، އަނިޔާ ލިބުނު ފަރާތުން ނުވަތަ ނިޔާވި ފަރާތުގެ އާއިލާއިން އެކަމާމެދު ދެކޭގޮތް ހޯދުމަށްޓަކައި، އެ ފަރާތާ ކޯޓުން ބައްދަލުކުރަންވާނެއެވެ.

(ބ) ކުއްޖާއާ ގުޅޭގޮތުން ބޭއްވޭ ރިވިއު ބައްދަލުވުންތަކުގައި ބައިވެރިވާނީ، މި ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.  

(ޅ) ކުއްޖާއާ ގުޅޭގޮތުން ބާއްވާ ރިވިއު ބައްދަލުވުމުގައި، ކުއްޖާއަށް ކޯޓުން އަދަބު ކަނޑައެޅުމަށްޓަކައި މި ގަވާއިދުގެ ދަށުން ސެންޓެންސިންގ ޕްލޭނެއް ތައްޔާރުކޮށްފައިވާނަމަ، އެ ޕްލޭނުގައި ހިމެނިފައިވާ ކަންކަމާމެދު މަށްވަރާ ކުރަންވާނެއެވެ. އަދި އެ ޕްލޭން އެކުލަވައިލިއިރު، ކުއްޖާ އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރާވައިފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭކަމަށް ފެންނަނަމަ، އެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަށްވަރާކޮށް ގޮތްތަކެއް ނިންމަންވާނެއެވެ. އަދަބު ކަނޑައެޅިއިރު އެފަދަ ޕްލޭނެއް އެކުލަވައިލައިފައި ނުވާނަމަ، ކުއްޖާ މުޖުތަމައަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ބެހޭގޮތުން މަށްވަރާކޮށް ގޮތްތަކެއް ނިންމަންވާނެއެވެ.      

 

161 ވަނަ މާއްދާ - މުޖުތަމައަށް ބަދަލުކޮށްދިނުމަށް އެދުން

(ހ) މި ގަވާއިދުގެ 156 ވަނަ މާއްދާގެ ދަށުން، ދިގު މުއްދަތަކަށް ޖަލުގައި ނުވަތަ މަރުކަޒެއްގައި ބަންދުކޮށްފައި ހުރި ކުއްޖަކު މުޖުތަމައަށް ބަދަލުކޮށްދިނުމަށް އެދި  ހުށަހެޅުމުގެ ފުރުސަތު، އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ. 

  1. ބަންދުކޮށްފައި ހުރި ކުއްޖާ؛
  2. ބަންދުކޮށްފައި ހުރި ކުއްޖާގެ ބެލެނިވެރިޔާ؛
  3. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ؛
  4. މޯލްޑިވްސް ކަރެކްށަނަލް ސަރވިސް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ކޯޓަށް ލިބުމުން، އެކަމާމެދު ގޮތެއް ނިންމާނީ، ކުއްޖާ މުޖުތަމައަށް ބަދަލުކުރުމާ ގުޅޭގޮތުން މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކުގެ ތެރެއިންނެވެ.    

 

162 ވަނަ މާއްދާ - މީޑިއޭށަން މަރުހަލާ

(ހ) މި ބާބުގެ ދަށުން ކުއްޖަކު މުޖުތަމައަށް ބަދަލުކުރުމުގެ ކުރިން އެ ކުއްޖާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތް ނުވަތަ ނިޔާވި ފަރާތުގެ އާއިލާގެ ބަހެއް ކޯޓުން ހޯދަންވާނެއެވެ. އަދި ކުއްޖާ މުޖުތަމައަށް ބަދަލުކުރުމަށް ނިންމާ ނިންމުމުގައި، އަނިޔާ ލިބުނު ފަރާތް ނުވަތަ ނިޔާވި ފަރާތުގެ އާއިލާގެ ހައްގުތަކަށް އިހްތިރާމު ކުރަންވާނެއެވެ. އަނިޔާ ލިބުނު ފަރާތް ނުވަތަ ނިޔާވި ފަރާތުގެ އާއިލާއިން ދެކޭގޮތް ބެލުމަށްފަހު، އަދި ކުއްޖާއަށް އައިސްފައިވާ ހެޔޮ ބަދަލުތަކަށް ރިއާޔަތްކޮށް، މި ބާބުގެ ދަށުން، އެ ކުއްޖާއާއި އަނިޔާ ލިބުނު ފަރާތާ ނުވަތަ ނިޔާވި ފަރާތުގެ އާއިލާއާ ދެމެދު މި މާއްދާގައިވާ ގޮތުގެ މަތިން މީޑިއޭށަން ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މީޑިއޭށަން ބައްދަލުވުމެއް އިންތިޒާމުކުރަންވާނީ، ކުއްޖާ ކުރި ކުށުގެ އިހުސާސް އޭނާއަށް ކުރެވި، އެ ކުށާމެދު ކުއްޖާ ހިތާމަކުރާކަމާއި، ކުށަށް މާފަށް އެދުމަށް ބޭނުންވާކަމަށް، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކޭސް ވާކަރުގެ ގާތުގައި ނުވަތަ ކޯޓުގެ ޕްރޮބޭށަން އޮފިސަރުގެ ގާތުގައި ކުއްޖާ  ބުނެފައިވާ ނަމައެވެ.     

(ނ) މި މާއްދާގެ ދަށުން ކުރިޔަށް ގެންދާ މީޑިއޭށަންގައި، އަނިޔާ ލިބުނު ފަރާތް ނުވަތަ ނިޔާވި ފަރާތުގެ އާއިލާ ބައިވެރިވުމަށް ކޯޓުން އެދެންވާނީ، އެ ފަރާތުގެ ރުހުމާއެކުގައެވެ. ރުހުން ހޯދުމުގެ ކުރިން، މީޑިއޭށަން ބޭއްވޭ މަގުސަދާއި، މީޑިއޭށަން މަރުހަލާ ކުރިޔަށް ގެންދާނެ ގޮތުގެ މައުލޫމާތު، އަނިޔާ ލިބުނު ފަރާތަށް ނުވަތަ ނިޔާވި ފަރާތުގެ އާއިލާއަށް ކޯޓުން ދޭންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 26 ގައިވާ ''މީޑިއޭށަން މަރުހަލާގައި ބައިވެރިވުމަށް ދޭ ރުހުން'' މި ލިޔުމުގައި، އެ ފަރާތުން ރުހުން ދީފައިވާކަން ބަޔާންކޮށް ސޮއިކުރަންވާނެއެވެ.

(ރ) އަނިޔާ ލިބުނު ފަރާތް ނުވަތަ ނިޔާވި ފަރާތުގެ އާއިލާއަށް މީޑިއޭށަންގައި ބައިވެރިވުމަށް އެދުމަކީ އެ ފަރާތަށް އެކަމުން އިތުރު ނަފްސާނީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ބެލެވޭނަމަ، ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެފަދަ މައުލޫމާތެއް ކޯޓަށް ދީފައިވާނަމަ، އަނިޔާ ލިބުނު ފަރާތުގެ ނުވަތަ އެ ފަރާތުގެ އާއިލާގެ މަސްލަހަތަށްޓަކައި މީޑިއޭށަން މަރުހަލާ ކުރިޔަށް ނުގެންދިއުމަށް ކޯޓުން ނިންމަންވާނެއެވެ.     

(ބ) ކުއްޖާއާއި އެ ކުއްޖާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު ފަރާތާ ނުވަތަ ނިޔާވި ފަރާތުގެ އާއިލާ އެއްތަންކޮށްގެން މީޑިއޭށަން ބައްދަލުވުމެއް ކުރިޔަށް ގެންދިއުމުގެ ކުރިން، އެ ދެ ފަރާތާ ވަކިވަކިން ކޯޓުން ބައްދަލުކޮށް، މީޑިއޭށަން ބައްދަލުވުމަށް   އެ ދެ ފަރާތް ވެސް ތައްޔާރު ކޮށްދޭން ވާނެއެވެ. އަދި ބައްދަލުވުން ކުރިޔަށްދާނެ ގޮތާއި، ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މައުލޫމާތު ދޭންވާނެއެވެ. މިކަމުގައި އެއްވެސް އިދާރާއެއްގެ ފަންނީ އެހީތެރިކަން ކޯޓަށް ބޭނުންވާނަމަ، އެ އެހީތެރިކަމަށް ކޯޓުން އެދެންވާނެއެވެ. 

(ޅ) މި މާއްދާގެ ދަށުން ކުރިޔަށް ގެންދާ މީޑިއޭށަން ބައްދަލުވުމެއްގައި ބައިވެރިވާނީ އަންނަނިވި ފަރާތްތަކެވެ.

  1. ކޯޓުގެ ޕްރޮބޭށަން އޮފިސަރ؛
  2. ބަންދުގައި ހުރި ކުއްޖާ؛
  3. ކުއްޖާގެ ބެލެނިވެރިޔާ؛
  4. އަނިޔާ ލިބުނު ފަރާތާއި އެ ފަރާތުގެ އެހީތެރިއެއްގެ ގޮތުގައި މީހަކު ބައިވެރިކުރަން ބޭނުންވާނަމަ އެ ފަރާތެއް؛
  5. ކުއްޖާ ކުރި ކުށުގެ ސަބަބުން އެއްވެސް ފަރާތެއް ނިޔާވެފައިވާނަމަ،        އެ ފަރާތުގެ އާއިލާ؛
  6. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުއްޖާގެ ކޭސް ވާކަރ؛
  7. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަނޑައަޅާ ފަރާތެއް؛
  8. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ފަރާތެއް.

(ކ) މި މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަންދުކޮށްފައި ހުރި ފަރާތަށް 18 (އަށާރަ) އަހަރު ފުރިފައިވާނަމަ، އަދި ބެލެނިވެރިޔާ ބައިވެރިނުކޮށް ކުރިޔަށްދާން އެ ފަރާތުން އެދޭނަމަ، ބެލެނިވެރިޔާ ބައިވެރިކުރުމަކާ ނުލައި މީޑިއޭށަން ބައްދަލުވުން ކުރިޔަށް ގެންދަންވާނެއެވެ.

(އ) މި ބައްދަލުވުމުގައި ކުއްޖާ ކުރި ކުށަށް އޭނާ މާފަށް އެދެން ބޭނުންވާނަމަ، ނުވަތަ ކުރި އަމަލާމެދު އެއްވެސް އެއްޗެއް ބުނަން ބޭނުންވާނަމަ، އެ ފުރުސަތު ކުއްޖާއަށް ދޭންވާނެއެވެ.

(ވ) އަނިޔާ ލިބުނު ފަރާތުން ނުވަތަ ނިޔާވި ފަރާތުގެ އާއިލާއިން މި ބައްދަލުވުމުގައި އެ ފަރާތުގެ އިހުސާސްތައް ހާމަކުރަން ބޭނުންވާނަމަ، އެ ފުރުސަތު އެ ފަރާތަށް ދޭންވާނެއެވެ.

(މ) މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައިވެރިވާ ފަރާތުން، ދީނުގައި މާފަށް އެދުމާއި މާފު ދިނުމާ ބެހޭގޮތުން އައިސްފައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކައި، ދެފަރާތުގެ ހައްގުތަކަށް ވެސް އިހްތިރާމު ކުރުމާއެކީ، ސުލްހަވެރި ނިމުމަކާ ހަމަޔަށް ގެންދިއުމަށް މަސައްކަތް ކުރަންވާނެއެވެ.

(ފ) ސުލްހަވެރިކަމާއެކު ދެފަރާތުގެ ހައްގުތަކާ އިހުސާސްތަކަށް އިހްތިރާމުކުރުމާއެކު މީޑިއޭށަން ބައްދަލުވުން ކުރިޔަށް ގެންދެވޭނެފަދަ މާހައުލެއް ކޯޓުން ގާއިމު ކުރަންވާނެއެވެ. އަދި މި ބައްދަލުވުމުގެ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ކުރިޔަށްގެންދާނީ، މިފަދަ މައްސަލަތަކުގައި މީޑިއޭޓްކުރުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ކޯޓުގެ ޕްރޮބޭށަން އޮފިސަރެކެވެ.   

 

163 ވަނަ މާއްދާ - ރެސްޓޯރޭޓިވް ކޮންފަރެންސް

(ހ) ބަންދުކޮށްފައި ހުރި ކުއްޖާ، އޭނާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު ފަރާތާ ނުވަތަ ނިޔާވި ފަރާތުގެ އާއިލާއާ ބައްދަލުކޮށް، މީޑިއޭޓަރެއްގެ އެހީއާ ނުލައި، ވާހަކަދައްކައި މާފަށް އެދެން ބޭނުންވާނަމަ، އެކަން ބަޔާންކޮށް ކޯޓަށް ސިޓީއެއް ހުށަހެޅުމުން، އެ ފުރުސަތު ހަމަޖައްސައިދިނުމަށް ކޯޓުން ކުރަންޖެހޭ ކަންތައްތައް ކުރިޔަށް ގެންދަންވާނެއެވެ.

(ށ) އަނިޔާ ލިބުނު ފަރާތުން ނުވަތަ ނިޔާވި ފަރާތުގެ އާއިލާއިން މީޑިއޭޓަރެއްގެ އެހީއާ ނުލައި، ބަންދުކޮށްފައި ހުރި ކުއްޖާއާ ވާހަކަދައްކަން ބޭނުންވާނަމަ، އެކަން ބަޔާންކޮށް ކޯޓަށް ސިޓީއެއް ހުށަހެޅުމުން، އެ ފުރުސަތު ހަމަޖައްސައިދިނުމަށް ކޯޓުން ކުރަންޖެހޭ ކަންތައްތައް ކުރިޔަށް ގެންދަންވާނެއެވެ.   

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ރެސްޓޯރޭޓިވް ކޮންފަރެންސްގެ ފުރުސަތު ލިބިގެންވަނީ، މި ބާބުގެ ދަށުން ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބަންދުކޮށްފައި ތިބި ކުދިންގެ ތެރެއިން ފުރުސަތު ދިނުމާމެދު ކޯޓުން ބަލަމުންދާ މައްސަލަތަކުގައެވެ. 

 

164 ވަނަ މާއްދާ - ޑިސްޗާރޖް ޕްލޭން

(ހ) މި ގަވާއިދުގެ 160 ވަނަ މާއްދާގެ ދަށުން ބާއްވާ ރިވިއު ބައްދަލުވުމުގައި މަށްވަރާކުރި ކަންކަމަށް ރިއާޔަތްކޮށް، މި މާއްދާގައިވާ ގޮތުގެ މަތިން ކުއްޖާ އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ޑިސްޗާރޖް ޕްލޭނެއް، ޕްރޮބޭށަން އޮފިސަރ އެކުލަވައިލަންވާނެއެވެ.               

(ށ) ކުއްޖާގެ މައްޗަށް ސާބިތުވި ކުށަށް ރިއާޔަތްކޮށް، ޑިސްޗާރޖް ޕްލޭނުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުއްޖާ އަނބުރާ މުޖުތަމައަށް ބަދަލުކުރުމުގެ މަރުހަލާތައް؛
  2. ކުއްޖާގެ މައްޗަށް ކޯޓުން ކަނޑައަޅާނެ ށަރުތުތައް؛
  3. ކުއްޖާގެ މޮނިޓަރިންގ ހަވާލުކުރެވޭނެ އިދާރާއާއި، މޮނިޓަރ ކުރެވޭ ގޮތާބެހޭގޮތުން ކޯޓަށް ރިޕޯޓުކުރަންވީ ގޮތުގެ ތަފުސީލުތައް؛
  4. ކުއްޖާ ދިރިއުޅޭނެ ތަނުގެ މައުލޫމާތާއި، މާލެ ފިޔަވައި އެހެން ރަށަކަށް ކުއްޖާ ދިރިއުޅެން ދާން ބޭނުންވާނަމަ، އެ ރަށަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ގޮތް؛
  5. އުނގެނުމަށް ކުއްޖާ ށައުގުވެރިވާނަމަ، އެ ފުރުސަތު ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު؛
  6. ވަޒީފާއެއް އަދާކުރެވޭނެ ފުރުސަތު ހަމަޖެހިފައިވާ ގޮތް؛
  7. ވަކި ބާވަތެއްގެ ފަރުވާއެއް ނުވަތަ ކައުންސެލިންގ ބޭނުންވާނަމަ، އެ އިންތިޒާމު ހަމަޖެހިގެންދާނެ ގޮތް؛
  8. ދިރިއުޅުން ފަށައިގަތުމަށްޓަކައި ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް؛
  9. މި ޕްލޭނުގައި ހިމަނަން ފެންނަ އިތުރު ކަންތައްތައް.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިސްޗާރޖް ޕްލޭން ތައްޔާރުކުރުމުގައި، ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއާ ކޯޓުން މަށްވަރާ ކުރަންވާނެއެވެ. އަދި މުޖުތަމައަށް ނިކުމެ، ރަނގަޅު ދިރިއުޅުމެއް އާރާސްތު ކުރުމަށް ޓަކައި ބޭނުންވާނެ އެހީތެރިކަމާމެދު ކުއްޖާ ދެކޭގޮތް ހާމަކުރުމަށް އެ ފަރާތަށް ފުރުސަތު ދޭންވާނެއެވެ.

(ރ) މުޖުތަމައަށް ކުއްޖާ ބަދަލުކުރުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން، ކުއްޖާގެ އާއިލީ ހާލަތާއި މުޖުތަމައަށް އެނބުރި އައިސް ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބެލުމަށްޓަކައި،  ޕްރީ-ރިލީސް އެސެސްމެންޓެއް ހަދަންވާނެއެވެ. މި އެސެސްމެންޓް ހަދާނީ، ކޯޓުގެ ޕްރޮބޭށަން އޮފިސަރެވެ. މި އެސެސްމެންޓް ހެދުމަށްޓަކައި މައުލޫމާތު އެއްކޮށް، ކުއްޖާގެ އާއިލާ ދިރިއުޅޭ ތަނަށް ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ވަޒަންކުރުމަށްފަހު، އެ ތަނުގައި ދިރިއުޅުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށްވާނަމަ، ސަބަބުތަކާއެކު އެކަން އެސެސްމެންޓުގައި ފާހަގަކުރަންވާނެއެވެ.            

 

165 ވަނަ މާއްދާ - އަދަބު ތަންފީޒުކުރަމުންދާ ކުދިން ޕްރޮބޭށަންގައި ދޫކުރުން

(ހ) މި ބާބުގެ ދަށުން މުޖުތަމައަށް ބަދަލުކުރެވޭ ކުދިން ޕްރޮބޭށަންގައި ދޫކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 18 ގައިވާ ''ޕްރޮބޭށަން އަމުރު'' ގެ ދަށުންނެވެ. މި އަމުރުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.    

  1. އަމުރު ނަންބަރާއި، އަމުރު ނެރޭ ކޯޓުގެ ނަން؛
  2. ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  3. ކުއްޖާގެ މައްޗަށް ސާބިތުވެފައިވާ ކުށާއި، ކަނޑައެޅިފައިވާ އަދަބު؛
  4. ކަނޑައެޅިފައިވާ އަދަބުގެ ތެރެއިން ޖަލުގައި ނުވަތަ މަރުކަޒުގައި ތަންފީޒުކޮށްފައިވާ މުއްދަތު؛
  5. އަމުރުގެ ދަށުން މުޖުތަމައަށް ބަދަލުކުރެވޭ މަރުހަލާއާއި އެ މަރުހަލާގައި ހޭދަވާނެ މުއްދަތު؛
  6. އަމުރުގެ ދަށުން ކުއްޖާގެ މައްޗަށް ކޮށްފައިވާ ށަރުތުތައް؛
  7. އަމުރުގެ ދަށުން ކުއްޖާ މޮނިޓަރ ކުރާނެ ގޮތާއި، މޮނިޓަރ ކުރާ އިދާރާއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް؛
  8. އަމުރު ނެރުނު ތާރީހު؛
  9. އަމުރު ނެރުނު ފަނޑިޔާރުގެ ނަމާއި، ސޮޔާއި، ކޯޓުގެ ސިއްކަ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރޭއިރު ކުއްޖާގެ މައްޗަށް ށަރުތުތަކެއް ކަނޑައަޅައި، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުއްޖާ އިގުރާރުވެ، މި ގަވާއިދުގެ ޖަދުވަލު 22 ގައިވާ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. އަދި އެ ށަރުތުތަކާ ހިލާފުވެއްޖެނަމަ، އަދަބުގެ ބާކީ އޮތް ބައި ތަންފީޒުކުރުމަށް ޖަލަށް ނުވަތަ މަރުކަޒަށް އަނބުރާ ފޮނުވޭނެކަން، އެ ފަރާތަށާއި އެ ފަރާތުގެ ބެލެނިވެރިޔާއަށް ކޯޓުން އަންގަންވާނެއެވެ. 

(ނ) ކުއްޖާ ކުރި ކުށުގެ އަމަލުގެ ސަބަބުން މަރުގެ ދިޔަ ނުވަތަ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ށަރީއަތުން ކަނޑައަޅައިފައިވާނަމަ، އެ ނިންމުމާ އެއްގޮތަށް އެކަން ފުރިހަމަކުރުމަށް ށަރުތުކޮށް، މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގައި އެކަން ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އަމުރު ނެރޭނީ، ކޯޓުގެ އިސް ފަނޑިޔާރެވެ. ނުވަތަ ކޯޓު ހިންގުމާ ހަވާލުވެ ހުރި ފަނޑިޔާރެވެ.

 

166 ވަނަ މާއްދާ - މުޖުތަމައަށް ބަދަލުކުރުމުގެ މަރުހަލާތައް

(ހ) ޖަލުގައި ނުވަތަ މަރުކަޒެއްގައި ބަންދުކުރުމަށް އަދަބު ކަނޑައަޅައިފައިވާ ކުއްޖަކު މުޖުތަމައަށް ބަދަލުކޮށް އެއްކޮށް މިނިވަން ކުރަންވާނީ އެކި މަރުހަލާތަކަށް ބަހައިލައިގެންނެވެ. އެ މަރުހަލާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހާފްވޭ ހައުސްއަކަށް ނުވަތަ ކުޑަކުދިންގެ ށެލްޓަރއަކަށް ބަދަލުކުރުން ނުވަތަ ގޭބަންދުގައި ބެހެއްޓުން؛
  2. ގޭބަންދުން ދޫކޮށްލައި، ރަށު ބަންދުގައި ބެހެއްޓުން؛
  3. އެއްކޮށް ދޫކޮށްލުން.

(ށ) މި މާއްދާގައިވާ ގޮތުގެ މަތިން އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ކުއްޖާ ބަދަލުކުރަންވާނީ، ކުއްޖާގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަށް ކުއްޖާ ތަބާވާ މިންވަރު ވަޒަންކުރުމަށް ފަހުގައެވެ.   

(ނ) މުޖުތަމައަށް ބަދަލުކުރާ ކުއްޖާގެ ޕާސްޕޯޓު ހިފަހައްޓާނަމަ، އެ އަމުރު ނެރޭނީ،  މި ގަވާއިދުގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.        

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކުއްޖާ އެއްކޮށް ދޫކޮށްލުމަށް ނިންމަންވާނީ، ކުއްޖާ އިސްލާހުވެއްޖެކަމާއި، އެންމެ މަސްލަހަތު ހުރި ގޮތަކީ ބިނާކުރަނިވި ދިރިއުޅުމެއް ވޭތުކުރުމަށްޓަކައި ކުއްޖާ އެއްކޮށް ބަންދުން ދޫކޮށްލުންކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެނަމައެވެ. އަދި އެފަދައިން ކުއްޖާ އެއްކޮށް ދޫކޮށްލަން ކޯޓުން ނިންމައިފިނަމަ، އަދަބުގެ ބާކީ އޮތް ބައި ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި، މި ގަވާއިދުގެ ޖަދުވަލު 29 ގައިވާ "އަދަބު ތަންފީޒު ނުކުރުމަށް އަންގާ އަމުރު" ކޯޓުން ނެރެންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުއްޖާ ދޫކޮށްލުމަށް ކޯޓުން ނިންމާ ހާލަތުގައި އެ ކުށުގެ ސަބަބުން ދައުލަތަށް ކުއްޖާ ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާ ދެއްކުމަށް ކުއްޖާ ކޮށްފައިވާ މަސައްކަތަށް ރިއާޔަތްކުރުމަށްފަހު، ޖޫރިމަނާ މާފުކޮށްދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެފަދައިން ނިންމުމެއް ފަނޑިޔާރު ނިންމައިފިނަމަ، އެކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 30 ގައިވާ "ޖޫރިމަނާ މާފު ކޮށްދެވިފައިވާކަން އަންގާ ލިޔުން" މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.     

 

167 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

މި ބާބުގެ ދަށުން ދޫކޮށްލާ ކުދިންނާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތައް ފެންނަން ހުންނާނޭ ފަދައިން ކޮންމެ ކުއްޖަކަށް ފައިލެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތުތައް، ކޯޓުގެ ކަނޑައެޅިފައިވާ ސިސްޓަމަށް އަޕްޑޭޓްކުރަމުން ގެންދަންވާނެއެވެ.

 

168 ވަނަ މާއްދާ - ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން

ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަކީ ނިޒާމީ ސިފައެއްގައި ކުރިޔަށް ގެންދަންޖެހޭ މަސައްކަތަކަށްވާތީއާއި، ކުއްޖާ ކުށުން ދުރުހެލިކޮށް ބިނާކުރަނިވި ދިރިއުޅުމެއް އާރާސްތުކުރުމުގެ މަގު ކުއްޖާއަށް ތަނަވަސްކޮށްދެވޭނީ ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވާތީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން، ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ޖުވެނައިލް ކޯޓުން ކުރާ މަސައްކަތަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުން އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.

 

169 ވަނަ މާއްދާ - މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުން

ކުޑަކުއްޖެއްގެ މައްޗަށް ކޯޓުން ކަނޑައަޅައިފައިވާ އަދަބު ތަންފީޒުކުރަމުންދާ މަރުހަލާގައި، އެ އަދަބު މާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ގާނޫނު ނަންބަރު 2/2010 (މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން ކުއްޖާގެ ފަރާތުން ކްލެމެންސީ ބޯޑަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އިސްލާހީ އެއްވެސް ޕްރޮގްރާމެއްގައި އެ ކުއްޖާ ބައިވެރިކޮށްފައިވޭތޯ ނުވަތަ ކުއްޖާއާ ގުޅޭގޮތުން އެފަދަ އެއްވެސް އަމުރެއް ކޯޓުން ނެރެފައިވޭތޯ ބެލުމަށްޓަކައި ޖުވެނައިލް ކޯޓާ މަށްވަރާ ކުރަންވާނެއެވެ. 

 

170 ވަނަ މާއްދާ - ޕެރޯލްގައި ދޫކުރުން

ކުޑަކުއްޖެއްގެ މައްޗަށް ކޯޓުން ކަނޑައަޅައިފައިވާ އަދަބު ތަންފީޒުކުރަމުންދާ މަރުހަލާގައި، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ ދަށުން، ޕެރޯލްގައި ދޫކޮށްދިނުމަށް އެދި ކުއްޖާގެ ފަރާތުން ޕެރޯލް ބޯޑަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އިސްލާހީ އެއްވެސް ޕްރޮގްރާމެއްގައި އެ ކުއްޖާ ބައިވެރިކޮށްފައިވޭތޯ ނުވަތަ ކުއްޖާއާ ގުޅޭގޮތުން އެފަދަ އެއްވެސް އަމުރެއް ކޯޓުން ނެރެފައިވޭތޯ ބެލުމަށްޓަކައި ޖުވެނައިލް ކޯޓާ މަށްވަރާ ކުރަންވާނެއެވެ.           

 

ތޭވީސްވަނަ ބާބު

ބެލެނިވެރިންގެ ޒިންމާތަކާއި، ބެލެނިވެރިން ޒިންމާދާރުކުރުވުން

171 ވަނަ މާއްދާ - ބެލެނިވެރިންގެ ޒިންމާ

(ހ) ކުޑަކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި، އެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއަކަށް ވީހިނދު، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ތެރެއިން، މައިންބަފައިންގެ ފަރާތުން އެކަށީގެންވާ އަޅައިލުމާއި ރައްކައުތެރިކަމާއި ތަރުބިއްޔަތު ލިބެމުންނުދާކަމަށް ފާހަގަވާ ކުދިންނާއި، އެ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި މައިންބަފައިންގެ ފަރާތުން ކޯޓަށް ލިބެންޖެހޭ އެއްބާރުލުން ލިބެމުންނުދާކަން ކޯޓަށް ފާހަގަކުރެވޭ ހާލަތުގައި، ކުއްޖާގެ ބެލެނިވެރިން ޒިންމާދާރުކުރުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 77 ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވެއެވެ.  

(ށ) ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވޭ ނުވަތަ ދައުވާލިބޭ ކުއްޖަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައިވާ ފަދަ ކަމެއް ކޯޓަށް ފާހަގަވެއްޖެނަމަ، އެ ކުއްޖަކާ ގުޅޭގޮތުން ފެމިލީ ކޮންފަރެންސެއް ބާއްވަންވާނެއެވެ. އެގޮތުން ބާއްވާ ފެމިލީ ކޮންފަރެންސްގައި ބައިވެރިވާނީ އަންނަނިވި ފަރާތްތަކެވެ.

  1. ކޯޓުގެ ޕްރޮބޭށަން އޮފިސަރ؛
  2. ތުހުމަތުގައިވާ ކުއްޖާ ނުވަތަ ދައުވާލިބޭ ކުއްޖާ؛
  3. ކުއްޖާގެ ބެލެނިވެރިން؛
  4. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ     ކަމާ ގުޅުންހުރި މުވައްޒަފެއް.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ބެލެނިވެރިންނާ ކޯޓުން ވަކިން ބައްދަލުކުރަންޖެހޭކަމަށް ފެންނަ ހާލަތުގައި، އެ ބައްދަލުވުމުގައި ކުއްޖާ ބައިވެރިނުކުރުމުގެ އިހްތިޔާރު، ޕްރޮބޭށަން އޮފިސަރަށް ލިބިގެންވެއެވެ.   

(ރ) މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ ފެމިލީ ކޮންފަރެންސްގައި، ކުއްޖާ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ނުވަތަ އެ ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ އާއިލާއަށް އިތުރު އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެވިއްޖަނަމަ، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. 

  1. ހަރުދަނާ މައިންބަފައިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށް އެންގުން؛
  2. ކުއްޖާއާ ގުޅޭގޮތުން ކެއަރ އެންޑް ވެލްފެއަރ އަމުރެއް ނެރުން.

(ބ) ކުއްޖާގެ ބެލެނިވެރިޔާގެ އަހްލާގު ހުރި ގޮތުން ކުއްޖާއަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، މި މާއްދާގެ (ށ) ގައިވާ ފެމިލީ ކޮންފަރެންސް ބޭއްވުމަކާ ނުލައި، މި މާއްދާގެ (ރ) ގެ       (1) ވަނަ ނަންބަރުގައިވާ ހަރުދަނާ މައިންބަފައިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ކުއްޖާގެ ބެލެނިވެރިޔާ ބައިވެރިވުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެ ޕްރޮގްރާމު ފުރިހަމަކުރުމުން ނޫނީ ބެލެނިވެރިއެއްގެ ގޮތުގައި އެ ފަރާތް ކޯޓަށް ބަލައިނުގަތުމަށް ނިންމުމުގެ އިހްތިޔާރު ވެސް ފަނޑިޔާރަށް ލިބިގެންވެއެވެ.    

 

172 ވަނަ މާއްދާ - ކެއަރ އެންޑް ވެލްފެއަރ އަމުރު

(ހ) މި ބާބުގެ ދަށުން، ކުއްޖާއާ ގުޅޭގޮތުން ކެއަރ އެންޑް ވެލްފެއަރ އަމުރެއް ނެރެންވާނީ، ކުއްޖާގެ އާއިލީ ހާލަތު ރަނގަޅުކުރުމަށާއި، އާއިލާގެ ތެރެއިން ކުއްޖާއަށް ބޭނުންވާ ލޯތްބާއި އަޅައިލުމާއި ރައްކައުތެރިކަމާއި، ހެޔޮ ދިރިއުޅުމެއް ވޭތުކުރުމަށް ބޭނުންވާނެ ތަރުބިއްޔަތު ދިނުމަށްޓަކައި، ކުއްޖާއާއި ކުއްޖާގެ މައިންބަފައިން     ވަކި ކަންތައްތަކެއް ކުރުމަށް އަމުރުކުރުމަށެވެ.

(ށ) "ކެއަރ އެންޑް ވެލްފެއަރ އަމުރު" އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 31 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ކުއްޖަކާ ގުޅޭގޮތުން ނެރޭ ކެއަރ އެންޑް ވެލްފެއަރ އަމުރެއްގެ ދަށުން ކުއްޖާގެ މައްޗަށް އަންނަނިވި ކަންކަން ކުރުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

  1. ކުއްޖާގެ މައްޗަށް ވަކި ކަންތައްތަކެއް ކުރުމަށް އެންގުން ނުވަތަ ވަކި ކަންތައްތަކެއް ކުރުމުން ދުރުހެލިވުމަށް އެންގުން؛
  2. ވަކި ވަގުތުތަކެއްގައި ގެއިން ބޭރުގައި ނޫޅުން؛  
  3. ކުއްޖާގެ ކިބައިގައި ހުރި އަހްލާގީ ނޭދެވޭ ބައެއް ސިފަތައް ބަދަލުކުރުމަށް މަސައްކަތްކުރުމަށް އެންގުން؛
  4. ކޯޓުން ކަނޑައަޅާ ތައުލީމު އުނގަންނައިދޭ ޕްރޮގްރާމެއްގައި ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުން؛
  5. ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުރިޔަށްގެންދާ ސެށަންތަކުގައި ބައިވެރިވުން؛
  6. އިސްލާމިކް ކައުންސެލިންގ ސެށަންތަކުގައި ބައިވެރިވުން؛
  7. ފެމިލީ ކައުންސެލިންގ ސެށަނެއްގައި ބައިވެރިވުން؛
  8. ކުއްޖާއާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ޓަކައި މައިންބަފައިންނާ މުއާމަލާތު ކުރާނެ ވަކި މިންގަނޑުތަކެއް ހިފަހައްޓަން ކުއްޖާއަށް އެންގުން؛
  9. މަތީގައި ބަޔާންވެފައިވާ ކަންކަން ނޫނަސް، ކުއްޖާގެ މައްޗަށް ކަނޑައަޅަން ކޯޓަށް ފެންނަ އެހެނިހެން ކަންކަން.

(ރ) ކެއަރ އެންޑް ވެލްފެއަރ އަމުރެއްގެ ދަށުން ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށް، އަންނަނިވި ކަންކަން ކުރުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

  1. ހަރުދަނާ މައިންބަފައިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން؛
  2. ކުއްޖާއާއެކު ދުވާލެއްގެ މައްޗަށް ވަކި ވަގުތުތަކެއް ހޭދަކުރުމަށް އެންގުން؛
  3. ފެމިލީ ކައުންސެލިންގ ސެށަނެއްގައި ބައިވެރިވުން؛
  4. ކުއްޖާއާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައްޔާއި ހުށަހެޅިފައިވާ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުން، ކުއްޖާ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ޓަކައި، ކުއްޖާގެ ބެލެނިވެރިޔާއަށް ދީނީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން ބޭނުންވާކަމަށް ކޯޓަށް ފާހަގަކުރެވިފައިވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން، އިސްލާމިކް ކައުންސެލިންގ ސެށަންތަކުގައި ބައިވެރިވުން؛
  5. ކުއްޖާއާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައްޔާއި ހުށަހެޅިފައިވާ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓުން، ކުއްޖާގެ ބެލެނިވެރިޔާއަށް ނަފްސާނީ އެހީތެރިކަން ނުވަތަ އިޖުތިމާއީ އެނޫން އެހީތެރިކަމެއްވެސް ބޭނުންވާކަން ކޯޓަށް ފާހަގަކުރެވިފައިވާނަމަ، އެފަދަ ފަރުވާއެއް ނުވަތަ ހިދުމަތެއް ލިބިގަތުމަށް އެންގުން؛
  6. ކުއްޖާއާއި ބެލެނިވެރިޔާއާ ދެމެދު މުއާމަލާތު ކުރުމުގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓުން؛
  7. މަތީގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުން ވެސް، ކުއްޖާގެ ބެލެނިވެރިޔާގެ މައްޗަށް ކަނޑައަޅަން ކޯޓަށް ފެންނަ ކަމެއް ނުވަތަ ކަންކަން ހުރިނަމަ، އެ ކަންކަން.

(ބ) ކޯޓުން ނެރޭ ކެއަރ އެންޑް ވެލްފެއަރ އަމުރެއް ކޯޓުން ބާތިލުކުރުމާ ހަމަޔަށް  އެ އަމުރު ދެމިއޮންނާނެއެވެ.

 

173 ވަނަ މާއްދާ - ކެއަރ އެންޑް ވެލްފެއަރ ޕްލޭން

(ހ) ކުއްޖާއާ ގުޅޭގޮތުން ކޯޓުން ނެރޭ ކެއަރ އެންޑް ވެލްފެއަރ އަމުރާއެކު "ކެއަރ އެންޑް ވެލްފެއަރ ޕްލޭން" އެއް، މި ގަވާއިދުގެ ޖަދުވަލު 32 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުން އެކުލަވައިލަންވާނެއެވެ. އަދި  އެ ޕްލޭނުގައި، ކޯޓުން ކަނޑައަޅާ ކަންކަމާ އެއްގޮތަށް އަމަލުކުރުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ އިގުރާރުވެ ސޮއިކުރަންވާނެއެވެ.       

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭނާ އެއްގޮތަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ އަމަލުކުރޭތޯ ބަލައި، އާއިލާގެ ހާލަތަށް އައިސްފައިވާ ބަދަލު ދެނެގަތުމަށްޓަކައި ގެއަށް ޒިޔާރަތްކޮށް މޮނިޓަރކުރާނީ، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިންނެވެ.    

 

174 ވަނަ މާއްދާ - ކައުންސެލިންގ ނުވަތަ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން

މި ގަވާއިދުގެ 172 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކަމެއްގައި ކުއްޖާގެ ބެލެނިވެރިޔާ އެހީތެރިކަމެއް ބޭނުންވެއްޖަނަމަ، އެ ހިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ރިފަރ ކުރުން ނުވަތަ އެ ހިދުމަތެއް ހޯދުމަށް ކުރަންޖެހޭ ކަމެއް ކުރުމުގެ އިންތިޒާމު، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާއިން ކުއްޖާގެ ބެލެނިވެރިޔާއަށް ހަމަޖައްސައިދޭންވާނެއެވެ.     

 

175 ވަނަ މާއްދާ - ކެއަރ އެންޑް ވެލްފެއަރ އަމުރު ރައްދުވުން

ކެއަރ އެންޑް ވެލްފެއަރ އަމުރެއް ނެރެވޭ ކުއްޖާއަކީ، އެ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އެ ކުއްޖާގެ މަންމައާއި ބައްޕަ ހަމަހަމައަށް އަދާކުރާ ކުއްޖެއް ކަމަށް ވާނަމަ، ކެއަރ އެންޑް ވެލްފެއަރ އަމުރުގައި އެކުލެވިގެންވާ ކަންކަން އެ ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ހަމަހަމައަށް ހިނގާނެއެވެ. އަދި އެފަދައިން ނެރޭ އަމުރެއް އެ ދެ ފަރާތަށްވެސް ރައްދުވާނެއެވެ. އަދި އެ ހާލަތުގައި ކެއަރ އެންޑް ވެލްފެއަރ ޕްލޭނުގައި ދެ ފަރާތުން ވެސް އިގުރާރުވެ ސޮއިކުރަންވާނެއެވެ.          

 

ހަތްވަނަ ބައި

ސައުވީސްވަނަ ބާބު

ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުމާއި، ށަރުއީ އެކި ލިޔެކިޔުންތައް ދޫކުރުން

176 ވަނަ މާއްދާ - ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުން

(ހ) ކޯޓުން ބަލާ ކޮންމެ ގަޒިއްޔާއެއްގައި ށަރީއަތުން ހުކުމްކޮށް، އެ މައްސަލަ ބަލައި ނިމުމުން، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ފަނޑިޔާރު ތައްޔާރުކުރަންވާނެއެވެ.     

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު އެކުލަވައިލަންވާނީ، ށަރީއަތުން މައްސަލަ ބަލައި ނިމުނުކަން ފަނޑިޔާރު އިއުލާނު ކުރުމަށް ފަހުގައެވެ. އެފަދައިން މައްސަލަ ނިންމާ ދުވަހުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ރިޕޯޓު ފޮނުވަންވާނެއެވެ.  

(ނ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރިޕޯޓު ނަންބަރު؛
  2. ގަޒިއްޔާ ނަންބަރު؛
  3. ގަޒިއްޔާގެ ބާވަތް؛
  4. ހުށަހެޅި ތާރީހު (ހިޖުރީ ތާރީހާއި މީލާދީ ތާރީހު)؛
  5. ހުކުމް ކުރި ތާރީހު (ހިޖުރީ ތާރީހާއި މީލާދީ ތާރީހު)؛
  6. ށަރީއަތް ކުރި ތަން؛
  7. ދައުވާކުރާ ފަރާތް؛
  8. ދައުވާ ފޯމު ނަންބަރު؛
  9. ދައުވާކުރާ ފަރާތުގެ ރެފެރެންސް ނަންބަރު؛
  10. ގާނޫނު ތަންފީޒުކުރާ އިދާރާގެ ކޭސް ނަންބަރު؛
  11. ދައުވާލިބޭ ކުއްޖާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  12. ދައުވާލިބޭ ކުއްޖާގެ ބެލެނިވެރިޔާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  13. ދައުވާލިބޭ ކުއްޖާގެ ދިފާއީ ވަކީލުއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  14. ދައުވާގެ ހުލާސާ؛
  15. ގަޒިއްޔާއާ ގުޅޭ ލިޔެކިޔުންތަކުގެ މައުލޫމާތު؛
  16. ފާހަގަކުރެވުނު ނުކުތާތައް؛
  17. މައްސަލައިގައި ށަރީއަތުން ކުރި ހުކުމް؛
  18. އަދަބު ކަނޑައަޅައި، އަދަބު ތަންފީޒުކުރުމަށް އަމުރުކޮށްފައިވާނަމަ، އެކަމުގެ މައުލޫމާތު؛
  19. އަދަބު ކަނޑައެޅުން ފަސްކޮށްފައިވާނަމަ، އެކަމުގެ މައުލޫމާތު؛
  20. އަދަބު ތަންފީޒުކުރުން ފަސްކޮށްފައިވާނަމަ، އެކަމުގެ މައުލޫމާތު؛
  21. އަދަބު ކަނޑައެޅުމާ ބެހޭގޮތުން ނުވަތަ އަދަބު ތަންފީޒުކުރުމާ ބެހޭގޮތުން ށަރީއަތުން ނިންމައިފައިވާ އެންމެ ފަހުގެ ނިންމުން؛
  22. ޖޫރިމަނާއެއް ކޮށްފައިވާނަމަ، އެކަމުގެ މައުލޫމާތު؛
  23. މަރުގެ ދިޔަ ނުވަތަ ބަދަލެއް ނަގައިދިނުމަށް ކަނޑައަޅައިފައިވާނަމަ، އެކަމުގެ މައުލޫމާތު؛
  24. މީގެ އިތުރުންވެސް ރިޕޯޓުގައި ހިމެނުމަށް ފަނޑިޔާރަށް ފެންނަ އެހެނިހެން ކަންކަން.          

(ނ) މި މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރުގައިވާ މައުލޫމާތު ހިމަނާއިރު، ކުއްޖާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި އަދި ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ކޯޓަށް ހާޒިރުވަމުންގެންދާ ބެލެނިވެރިޔާގެ ތަފުސީލު މި ބައިގައި ހިމެނުމަށް ކޯޓުން އިސްކަންދޭންވާނެއެވެ.

(ރ) މައްސަލައިގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައިފައިވާނަމަ، އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑު ތަތުބީގުކޮށްފައިވާ ގޮތާއި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލާއެކު ކުއްޖާ އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އަދި އެ އެއްބަސްވުން ކޯޓަށް ބަލައިގަންނަން ނިންމައިފައިވާނަމަ، އެކަމުގެ މައުލޫމާތު، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.   

(ބ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި، މައްސަލަ ނިންމި ފަނޑިޔާރުގެ ނަން ޖަހައި، ސޮއިކޮށް، ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ.     

(ޅ) މި މައްދާގައިވާ ގޮތުގެ މަތިން، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގެ އިތުރުން، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 73 ވަނަ މާއްދާގެ ދަށުން ކުށް ސާބިތުވާކަމަށް ނިންމައިފައި އަދަބު ކަނޑައެޅުން ފަސްކުރާ ހާލަތުގައި، މައްސަލައިގެ ހުކުމް ކުރާ ދުވަހު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގެ ހުކުމް، ހުކުމަށް ވާސިލުވި ސަބަބުތަކާއެކު ދޫކުރަންވާނެއެވެ.      

 

177 ވަނަ މާއްދާ - ރިޕޯޓަށް އެދުން

ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި ހުށަހަޅާނީ ''ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު'' ގައިވާ ގޮތުގެ މަތިންނެވެ.

 

178 ވަނަ މާއްދާ - ރިޕޯޓު ދޫކުރުން

(ހ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓާއި ލިޔެކިޔުންތައް ދޫކުރެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.

  1. ދައުވާކުރާ ފަރާތް؛
  2. ދައުވާލިބޭ ފަރާތް؛
  3. ދައުވާލިބޭ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރު ނުވާ ކުއްޖަކުނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެފަދަ ކުއްޖަކު ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތް؛
  4. ދިފާއީ ވަކީލަކު އައްޔަނު ކޮށްފައިވާނަމަ، އެ ވަކީލު؛
  5. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ބޭނުންވާ، ދައުލަތުގެ ކަމާބެހޭ ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި ހުށަހަޅާއިރު ދައުވާލިބޭ ފަރާތަށް 18 (އަށާރަ) އަހަރު ފުރިފައިވާނަމަ، ރިޕޯޓު ދޫކުރާނީ އޭނާއަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ދިފާއީ ވަކީލަށް ރިޕޯޓު ދޫކުރާނީ، އެ މައްސަލައިގެ އިސްތިއުނާފުކުރަން ރިޕޯޓު ބޭނުންވާނަމައެވެ. އަދި އެ ހާލަތުގައި ވަކީލަށް ރިޕޯޓު ދޫކުރުމުގެ ކުރިން، އެއީ ކުއްޖާގެ ދިފާއީ ވަކީލު ކަމުގައި އެ ވަގުތު އައްޔަނު ކޮށްފައިވާ ފަރާތްކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން، ދައުލަތުގެ ކަމާބެހޭ ފަރާތަކުން، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭނަމަ، ރިޕޯޓަށް އެދޭ ސަބަބު، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމުގައި ބަޔާންކުރަންވާނެއެވެ.   

 

179 ވަނަ މާއްދާ - އިލްމީ ބޭނުމަށްޓަކައި ރިޕޯޓު ދޫކުރުން

(ހ) ކޯޓުން ނިންމާ މައްސަލައަކާ ގުޅިގެން އިލްމީ ބޭނުމަށްޓަކައި، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަކަށް އެދިއްޖެނަމަ، އެ މައްސަލައިގެ ރިޕޯޓަކީ ދޫކުރެވޭނެ ރިޕޯޓެއްކަމަށް ކޯޓުން ނިންމާ ހާލަތުގައި، އަގު ނުނަގައި، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު (ވަނަވަރު ނުހިމަނައި) ގެ ސޮފްޓް ކޮޕީ ދޫކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދޫކުރާ ރިޕޯޓުގައި ހުރި، ދައުވާލިބޭ ކުއްޖާގެ ކާކުކަން އަންގައިދޭ ޒާތީ މައުލޫމާތު ރިޕޯޓުން އުނިކުރަންވާނެއެވެ. އަދި އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު މައްސަލައިގައި ހެކިބަސް ދީފައިވާނަމަ، އެ ކުއްޖާގެ ކާކުކަން އަންގައިދޭ ޒާތީ މައުލޫމާތާއި، އެ މައްސަލައިގައި ހިމެނޭ ހެއްކެއްގެ މައުލޫމާތު ސިއްރު ކުރުމަށް ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި އެފަދަ މައުލޫމާތުތައް ވެސް ރިޕޯޓުން އުނިކުރަންވާނެއެވެ. ހަމަ އެހެންމެ، ކުއްޖާ ހިމާޔަތް ކުރުމަށް ޓަކައި، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މައްސަލައިގެ ހާދިސާ ހިނގައިފައިވާ ރަށުގެ ނަންވެސް އުނިކުރަންވާނެއެވެ. މިފަދަ ހާލަތެއްގައި           އެ މައުލޫމާތުތައް ރިޕޯޓުން އުނިކުރެވިފައިވާކަން، ރިޕޯޓު ދޫކުރުމުގެ ކުރިން ކޯޓުން ކަށަވަރުކުރަންވާނެއެވެ.       

 

180 ވަނަ މާއްދާ - ރިޕޯޓުގައި ހިމެނޭ ލިޔުންތަކަށް ފީ ނެގުން

(ހ) މި ގަވާއިދުގެ 178 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި ހުށަހަޅައިފިނަމަ، ރިޕޯޓު ދޫކުރުމުގެ ކުރިން ފީ ނެގުމުގައި އަމަލުކުރާނީ ''ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު'' ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.   

(ށ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓާއި މައްސަލައިގެ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ބޭނުންވެގެން ހުށަހަޅައިފިނަމަ، އެއްވެސް ފީއެއް ނެގުމެއް ނެތި، އެ ލިޔުންތައް އީމެއިލް ކުރެވިދާނެއެވެ. ނުވަތަ "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސީޑީއަކަށް ނުވަތަ ޑީވީޑީއަކަށް އަޅައިފައި، ފީ ނެގުމަށްފަހު ލިޔުންތައް ދޫކުރެވިދާނެއެވެ.

 

181 ވަނަ މާއްދާ - ރިޕޯޓު އާންމުކުރުން

(ހ) ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު އާންމުކުރަންވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ށ) ކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ކޯޓުގެ ވެބްސައިޓުގައި ށާއިއުކުރަންވާނީ، އާންމު ކުރެވިދާނެކަމަށް ކޯޓުން ނިންމާ މައްސަލަތަކުގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުތަކެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރިޕޯޓު އާންމުކުރުމުގެ ކުރިން، ދައުވާލިބޭ ކުއްޖާގެ ކާކުކަން އަންގައިދޭ ޒާތީ މައުލޫމާތު ރިޕޯޓުން އުނިކުރަންވާނެއެވެ. އަދި އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު މައްސަލައިގައި ހެކިބަސް ދީފައިވާނަމަ، އެ ކުއްޖާގެ ކާކުކަން އަންގައިދޭ ޒާތީ މައުލޫމާތާއި، އެ މައްސަލައިގައި ހިމެނޭ ހެއްކެއްގެ މައުލޫމާތު ސިއްރު ކުރުމަށް ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި އެފަދަ މައުލޫމާތުތައް ވެސް ރިޕޯޓުން އުނިކުރަންވާނެއެވެ. އަދި ކުއްޖާ ހިމާޔަތް ކުރުމަށް ޓަކައި، ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި އެ މައްސަލައިގެ ހާދިސާ ހިނގައިފައިވާ ރަށުގެ ނަންވެސް އުނިކުރަންވާނެއެވެ. އަދި އެ މައުލޫމާތުތައް ރިޕޯޓުން އުނިކުރެވިފައިވާކަން ރިޕޯޓު އާންމުކުރުމުގެ ކުރިން ކޯޓުން ކަށަވަރުކުރަންވާނެއެވެ.      

 

182 ވަނަ މާއްދާ - ށަރުއީ ލިޔުންތަކުގެ ސިއްރުވެރިކަން ހިފެހެއްޓުން

(ހ) މި ބާބުގެ ދަށުން، ވަކި ފަރާތަކަށް ވަކި ބޭނުމަކަށް ދޫކުރެވޭ ށަރުއީ ލިޔުންތަކަކީ، ހަމައެކަނި އެ ލިޔުންތައް ދޫކުރި މަގުސަދު ހާސިލު ކުރުމަށް ޓަކައި ދޫކުރާ ލިޔުންތަކެކެވެ. އެ މަގުސަދުން ބޭރުން، އެފަދަ ލިޔުންތައް ނުވަތަ އޭގައިވާ މައުލޫމާތު ބޭނުންކުރުމަކީ ނުވަތަ އެ މައްސަލައާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކުރުމަކީ ނުވަތަ ހާމަކުރުމަކީ މަނާކަމެކެވެ.           

(ށ) މި ގަވާއިދުގެ 178 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ނުވަތަ (5) ވަނަ ނަންބަރުގެ ދަށުން، ނުވަތަ މި ގަވާއިދުގެ 81 ވަނަ މާއްދާގެ ދަށުން، ށަރުއީ އެއްވެސް ލިޔުމެއް ހަވާލުކުރުމުގެ ކުރިން، އެ ލިޔުންތައް ދޫކުރި މަގުސަދުން ބޭރުން، އެ ލިޔުންތައް ތިންވަނަ ފަރާތަކާ ހިއްސާކުރުން މަނާކޮށް، މި ގަވާއިދުގެ ޖަދުވަލު 33 ގައިވާ ''ޑެކްލެރޭށަން އޮފް ނޮން ޑިސްކްލޯށަރ'' ގައި ލިޔުންތަކަށް އެދޭ ފަރާތުން ސޮއިކުރަންވާނެއެވެ.

(ނ) ލިޔުންތައް ދޫކުރުމުގެ އިޖުރާއަތުތައް ފުރިހަމަކުރެވެނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ކަމުގައި ވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި އިލެކްޓްރޯނިކްކޮށް ސޮއިކުރެވޭނެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެއެވެ.

 

ފަންސަވީސްވަނަ ބާބު

ކުށުގެ ރެކޯޑު

183 ވަނަ މާއްދާ - މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުން

ޖުވެނައިލް ކޯޓުން ނިންމާ މައްސަލަތަކުގެ ކުށުގެ ރެކޯޑު މަރުކަޒީކޮށް ބަލަހައްޓާނީ، ''ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު'' ގައިވާ ގޮތުގެ މަތިންނެވެ.

 

184 ވަނަ މާއްދާ - ކުށުގެ ރެކޯޑު ސާފުކުރުން

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުޑަކުއްޖަކު ކޮށްފައިވާ ކުށުގެ ރެކޯޑު ދޫކޮށްގެން ނުވާނެއެވެ.     

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުޑަކުއްޖަކު ކޮށްފައިވާ ކުށަކާ ގުޅިގެން ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމެއް، ނުވަތަ ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ޖުވެނައިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ރެކޯޑު، ދައުލަތުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 34 ގައިވާ "ކުށުގެ ރެކޯޑު ސާފުކުރުމަށް އެދޭ ފޯމު" ފުރުމަށްފަހު، ޖުވެނައިލް ކޯޓަށް ހުށަހަޅަންވާނެއެވެ.        

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކުށުގެ ރެކޯޑު ބެލުމަށް އެދި ހުށަހެޅުމުން، ހުށަހެޅިފައިވާ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް، ކޮންމެހެން ހާމަކުރަންޖެހޭ މިންވަރަކަށް، ކުށުގެ ރެކޯޑު ދޫކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާ އިދާރާގެ މައްޗަށް، މި ގަވާއިދުގެ ޖަދުވަލު 35 ގައިވާ "ކުށުގެ ރެކޯޑު ދޫކުރުމަށް އަންގާ އަމުރު" ކޯޓުން ނެރެންވާނެއެވެ.

(ރ) މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމުގައި ކުއްޖަކު ބައިވެރިކުރުމަށް، ކުށުގެ ރެކޯޑު ސާފުކުރަން ބޭނުންވެއްޖެނަމަ، ފަރުވާދޭ މަރުކަޒުން، ކުށުގެ ރެކޯޑު މަރުކަޒީކޮށް ބަލަހައްޓާ އިދާރާގައި އެދުމުން، އެ ރެކޯޑު އެ އިދާރާއަށް ދޫކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ ދަށުން، ކުއްޖެއްގެ ކުށުގެ ރެކޯޑު ދޫކުރެވޭ މަގުސަދުން ބޭރުން، ކުއްޖާގެ ކުށުގެ ރެކޯޑު ނުވަތަ އޭގައިވާ މައުލޫމާތު އެއްވެސް ފަރާތަކުން ބޭނުންކުރުމަކީ މަނާކަމެކެވެ.

 

ސައްބީސްވަނަ ބާބު

އާންމު މާއްދާތައް

185 ވަނަ މާއްދާ - ކުއްޖާގެ އުމުރާމެދު ށައްކު އުފެދުން

(ހ) ކުޑަކުދިންގެ އުމުރު ބަލާނީ، ރަސްމީ ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. ރަސްމީ ލިޔުމެއް ނެތް ހާލަތްތަކުގައި އުމުރު ކަނޑައަޅާނީ، ޑޮކްޓަރެއްގެ ލަފާގެ މަތިން، ކުޑަކުދިންގެ މައްސަލަ ބަލާ ފަނޑިޔާރެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކުއްޖާގެ އުމުރާމެދު ށައްކު އުފެދި، އުމުރާމެދު ގޮތެއް ކަނޑައަޅައިފިނަމަ، އުމުރު ކަނޑައެޅުމުގައި ބެލި މިންގަނޑުތައް ބަޔާންކޮށް، ކޯޓުގައި އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ނ) އެ މީހެއްގެ އުމުރާމެދު ސުވާލު އުފެދިފައިވާ މީހަކީ ކުޑަކުއްޖެއް ކަމަށް ބަލައިގެން ރަސްމީ އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅައިފައިވަނިކޮށް، ފަހުން ލިބޭ ހެއްކެއްގެ ސަބަބުން އެ މީހަކީ ކުޑަކުއްޖެއް ނޫންކަމަށް ސާބިތުވެއްޖެނަމަ، ކުރީގައި އަޅައިފައިވާ ފިޔަވަޅެއް ބާތިލެއް ނުވާނެއެވެ.  

 

186 ވަނަ މާއްދާ - އާންމު އިޖުރާއަތު ހިންގުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ށަރީއަތެއްގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން ކަންކުރުމުގެ ހައްގު، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވެއެވެ. އަދި ށަރީއަތުގެ މަރުހަލާގައި އެ ގާނޫނާއި ގަވާއިދުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތައް ލިބިގެންވެއެވެ.       

(ށ) ކުޑަކުދިންގެ މައްސަލަތަކުގެ ށަރީއަތް ހިންގުމުގައި އާންމު ޖިނާއީ އިޖުރާއަތުގެ މައްޗަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ހިނގާނެއެވެ.

 

187 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ކުރިޔަށް ގެންދިއުން

(ހ) ކޯޓަށް ހުށަހެޅޭ ތުހުމަތަކާ ގުޅިގެން ނުވަތަ ދައުވާއަކާ ގުޅިގެން އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުމެއް ކުރިޔަށްގެންދާ ހާލަތުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 1-163 ވަނަ މާއްދާގެ (ބ) ގެ ދަށުން އެކުލަވައިލައިފައިވާ "އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ށަރީއަތްތައް ކުރިޔަށް ގެންދިއުމާބެހޭ ގަވާއިދު" ގައިވާ  ގޮތުގެ މަތީންނެވެ.  

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުޑަކުދިންގެ މައްސަލަތައް ހިންގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.

 

188 ވަނަ މާއްދާ - މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްށަން ޑޭޓާބޭސް

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްށަން ޑޭޓާބޭސް، އެ މާއްދާގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި ގާއިމުކުރުމަށްފަހު ހުށަހެޅޭ މައްސަލަތަކުގައި މި މާއްދާގައިވާ ގޮތުގެމަތިން އެ ސިސްޓަމް ބޭނުންކުރަމުން ގެންދަންވާނެއެވެ. އަދި އެ ސިސްޓަމް ގާއިމުކުރެވުމާއެކު، ސިސްޓަމަށް ވަނުމުގެ ހުއްދަ، ކަނޑައެޅިފައިވާ މުވައްޒަފުންނަށް ދިނުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެއެވެ.

(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ށާމިލުވާ ކުއްޖާގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރިން އަޅައިފައިވާ ފިޔަވަޅުތަކާއި، އެ ކުއްޖާއަކީ އެއްވެސް ކަހަލަ އަނިޔާއެއް ނުވަތަ އިހުމާލުގެ އަމަލެއް އެ ކުއްޖާއާމެދު ހިނގައިފައިވާ ކުއްޖެއްނަމަ، އެ ކަންކަމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު، އެ ސިސްޓަމުން ފެންނަން ހުންނަންވާނެއެވެ.       

(ނ) ކޯޓު މަރުހަލާގައި ކުއްޖާގެ މައްޗަށް ކަނޑައެޅޭ އެންމެހައި ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު، މައްސަލަ ބަލާ ސެކްށަނުގެ ހުއްދަ އޮތް މުވައްޒަފު އެ ސިސްޓަމަށް އަޕްޑޭޓްކުރަމުން ގެންދަންވާނެއެވެ. 

 

189 ވަނަ މާއްދާ - ކޯޓު އަމުރުގައި ސަފުހާ ނަންބަރު ޖެހުމާއި، ސިއްކަ ޖެހުން

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޯޓު އަމުރު އެއް ސަފުހާއަށްވުރެ ގިނަވާ ހާލަތުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

 

190 ވަނަ މާއްދާ - ދައުވާ ބާތިލުކުރުން

ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއް ބާތިލުކުރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

 

191 ވަނަ މާއްދާ - މައްސަލަ އަނބުރާ ފޮނުވައިލުން

ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވައިލުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

 

192 ވަނަ މާއްދާ - މައްސަލަތައް ތަހުވީލުކުރުން

އަލުން ބެލުމަށްޓަކައި މަތީ މަރުހަލާގެ ކޯޓަކުން ތަހުވީލުކުރެވޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

 

193 ވަނަ މާއްދާ - ދިމާވާ ހާލަތަކާ ގުޅިގެން އައު ގަޒިއްޔާ ނަންބަރެއް ދިނުން

ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދިމާވާ ހާލަތަކާ ގުޅިގެން، އައު ގަޒިއްޔާ ނަންބަރެއް ދޭންޖެހޭނަމަ އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

 

194 ވަނަ މާއްދާ - މަހްޒަރު ބަޔާންތަކުގައި ސޮއިކުރުން

(ހ) ށަރީއަތުގެ މަޖިލީހުގައި ދެކެވޭ ހުރިހާ ވާހަކައެއް ރެކޯޑުކުރުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

(ށ) ކުޑަކުއްޖެއްގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ށަރީއަތުގެ މަޖިލީހުގައި ކުއްޖާ ނުވަތަ ކުއްޖާގެ ފަރާތުން ދިފާއީ ވަކީލު ދައްކާ ވާހަކަތައް މަހްޒަރުކޮށް އެ ބަޔާންތަކުގައި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއާއި ދިފާއީ ވަކީލު ސޮއިކުރަންވާނެއެވެ. އަދި ބެލެނިވެރިއަކު ނެތް ހާލަތެއްގައި، ކުށްކުރާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ ކަމާ ގުޅުންހުރި މުވައްޒަފަކު، ކުއްޖާއާއެކު އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.  

 

195 ވަނަ މާއްދާ - މައްސަލައަކުން ތަނާޒުލުވުމާއި، މައްސަލަ ބެލުން އެހެން ފަނޑިޔާރަކާ ހަވާލުކުރުން

ފަނޑިޔާރަކާ ހަވާލުކޮށްފައިވާ މައްސަލައަކުން އެ ފަނޑިޔާރަކު ތަނާޒުލުވާންޖެހޭ ސަބަބެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.    

 

196 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޮންފަރެންސްތައް ކުރިޔަށް ގެންދިއުން

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ކުރިޔަށް ގެންދަންޖެހޭ ކޮންފަރެންސްތައް، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. 

 

197 ވަނަ މާއްދާ - މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުން

ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ރެކޯޑު ބެލެހެއްޓުމުގައި އަމަލުކުރާނީ، "ށަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

 

198 ވަނަ މާއްދާ - މީޑިޔާއާ މައުލޫމާތު ހިއްސާކުރުން

(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ތުހުމަތުކުރެވޭ ނުވަތަ ދައުވާކުރެވޭ ކުދިންގެ ކާކުކަން އަންގައިދޭ އެއްވެސް މައުލޫމާތެއް މީޑިޔާއާ ހިއްސާކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ބާވަތާއި، އެ މައްސަލައިގައި ށާމިލުވާ ކުދިންގެ އަދަދާއި، އެ މައްސަލަ ތާވަލުކޮށްފައިވާ ދުވަހު ށަރީއަތް ބާއްވައިފައިވާނަމަ، ށަރީއަތުގައި ކުރި ކަންތައްތަކާ ގުޅޭގޮތުން މީޑިޔާއާ މައުލޫމާތު ހިއްސާކުރެވިދާނެއެވެ. އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި، ކުށުގެ ތުހުމަތުގައި ހާޒިރުކުރާ ކުދިން ބަންދުކޮށްފައިވާ ބަންދުކުރުމާމެދު ކޯޓުން ނިންމާ ގޮތް މީޑިޔާއާ ހިއްސާކުރުމަކަށް   މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މައުލޫމާތެއް ކޯޓުގެ ވެބްސައިޓުގައި ށާއިއުކުރާ ހާލަތުގައި ވެސް އަމަލުކުރަންވާނީ، މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

199 ވަނަ މާއްދާ - ސިއްރު މައުލޫމާތު

ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ ސިއްރު މައްސަލަތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންމެހެން ކުއްޖެއްގެ މައުލޫމާތު އެނގެންޖެހޭ ފަރާތަކަށް އެނގެންޖެހޭ މިންވަރަކަށް މެނުވީ އެއްވެސް ކުއްޖެއްގެ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.  

 

200 ވަނަ މާއްދާ - ތަފާސްހިސާބު ބެލެހެއްޓުން

(ހ) ކޮންމެ އަހަރަކު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް މި މާއްދާގައިވާ ގޮތުގެ މަތިން ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި މަދުވެގެން އަހަރަކު ދެފަހަރު   އެ ތަފާސްހިސާބުތައް ކޯޓުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ. މިގޮތަށް ތަފާސްހިސާބުތައް ށާއިއުކުރާއިރު، ދިވެހިބަހުންނާއި އިނގިރޭސިބަހުން އެ މައުލޫމާތު ށާއިއުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) ކޮންމެ އަހަރަކު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަންނަނިވި މައުލޫމާތު، މައްސަލައިގައި ހިމެނޭ ކުދިންގެ ޖިންސާއި، އުމުރާއި، ކުށުގެ ބާވަތްތައް ވަކިން އެނގޭގޮތަށް ތަފާސްހިސާބު އެއްކުރަމުން ގެންދަންވާނެއެވެ.

  1. ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި ކުދިންގެ އަދަދު؛
  2. ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި ކުދިންގެ ތެރެއިން ބަންދުކުރަން އަމުރުކުރި ކުދިންގެ އަދަދު؛
  3. ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި ކުދިންގެ ތެރެއިން ށަރުތުކޮށް ދޫކޮށްލަން އަމުރުކުރި ކުދިންގެ އަދަދު؛
  4. ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި ކުދިންގެ ތެރެއިން ށަރުތަކާ ނުލައި ދޫކޮށްލަން އަމުރުކުރި ކުދިންގެ އަދަދު؛
  5. ށަރުއީ މަރުހަލާގައި ޑައިވަރށަންގެ ފިޔަވަޅުތައް އެޅި ކުދިންނާއި، ޑައިވަރށަންގެ ތެރެއިން ނިމުނު މައްސަލަތަކުގެ އަދަދު؛
  6. ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާނަމަ، ބަންދުކުރި ކުދިންގެ އަދަދު؛
  7. ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުދިން ހުކުމްކުރިއިރު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު؛
  8. މަރުކަޒުތަކުގައި ބަންދުކުރުމަށް އަމުރުކުރި ކުދިންގެ އަދަދު؛
  9. ގޭގައި ބަންދުކުރުމަށް އަމުރުކުރި ކުދިންގެ އަދަދު؛
  10. ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  11. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާއެކު މެޖިސްޓްރޭޓް ކޯޓުތަކުން ހުށަހެޅި މައްސަލަތަކުގެ އަދަދު؛
  12. ކޯޓުން ނިންމި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  13. ކުށް ސާބިތުވާކަމަށް ހުކުމްކުރި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ކުށް ސާބިތުވާކަމަށް ހުކުމްކުރި ކުދިންގެ އަދަދު؛
  14. ކުށް ސާބިތުނުވާކަމަށް ހުކުމްކުރި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ކުށް ސާބިތުނުވާކަމަށް ހުކުމްކުރި ކުދިންގެ އަދަދު؛
  15. އަދަބު ކަނޑައަޅައި، ޖަލުގައި ނުވަތަ މަރުކަޒެއްގައި ނުވަތަ ގޭގައި ބަންދުކުރި ކުދިންގެ އަދަދު؛
  16. އަދަބު ކަނޑައެޅުން ފަސްކުރި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  17. އަދަބު ތަންފީޒުކުރުން ފަސްކުރި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  18. ޖަލަށްލުން ފިޔަވައި ކޯޓުން ކަނޑައަޅާ އެކި ފިޔަވަޅުތައް އެޅި މައްސަލަތަކުގެ އަދަދާއި، އެ ފިޔަވަޅުތައް އެޅި ކުދިންގެ އަދަދު؛
  19. ޖަލަށްލުން ފިޔަވައި ކޯޓުން ކަނޑައަޅައިފައިވާ ފިޔަވަޅުތައް ފުރިހަމަކުރުމުގެ ސަބަބުން، އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނިންމައިފައިވާ މައްސަލަތަކުގެ އަދަދާއި، އަދަބު ކަނޑައެޅި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  20. ޖަލަށްލުން ފިޔަވައި ކޯޓުން ކަނޑައަޅައިފައިވާ ފިޔަވަޅުތައް ފުރިހަމަކުރުމުގެ ސަބަބުން، އަދަބު ތަންފީޒުކުރަން ނުޖެހޭކަމަށް ނިންމައިފައިވާ މައްސަލަތަކުގެ އަދަދާއި، އަދަބު ތަންފީޒުކުރަން އަމުރުކުރި ކުދިންގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛  
  21. ކޯޓުން ނެރެފައިވާ ކެއަރ އެންޑް ވެލްފެއަރ އަމުރުތަކުގެ އަދަދު؛
  22. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިޔަށް ގެންގޮސްފައިވާ އެކިއެކި ބައްދަލުވުންތަކުގެ އަދަދު؛
  23. އަދަބުގެ ވަކި މުއްދަތެއް ތަންފީޒުކުރުމަށްފަހު ޕްރޮބޭށަންގައި ދޫކުރި ކުދިންގެ އަދަދު؛
  24. އަދަބުގެ ވަކި މުއްދަތެއް ތަންފީޒުކުރުމަށްފަހު ޕްރޮބޭށަންގައި ދޫކުރުމުން، ޕްރޮބޭށަން ފުރިހަމަކުރުމުގެ ސަބަބުން ހުކުމުގެ ބާކީބައި ތަންފީޒުކުރަން ނުޖެހޭކަމަށް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު؛
  25. އަދަބުގެ ވަކި މުއްދަތެއް ތަންފީޒުކުރުމަށްފަހު ޕްރޮބޭށަންގައި ދޫކުރުމުން، ޕްރޮބޭށަން ފުރިހަމަ ނުކުރުމުގެ ސަބަބުން ހުކުމުގެ ބާކީބައި ތަންފީޒުކުރަން އަމުރުކުރި މައްސަލަތަކުގެ އަދަދު؛
  26. ޖޫރިމަނާ ކަނޑައަޅައިފައިވާ މައްސަލަތަކުގެ އަދަދު؛
  27. ބަދަލު ނަގައިދީފައިވާ މައްސަލަތަކުގެ އަދަދު؛
  28. މަރުގެ ދިޔަ ނަގައިދީފައިވާ މައްސަލަތަކުގެ އަދަދު؛
  29. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންގެ ހެކިބަސް ނަގައިފައިވާ މައްސަލަތަކުގެ އަދަދު؛
  30. ތަހުގީގު މަރުހަލާގައި ކޯޓުން ނެރެފައިވާ އެކިއެކި އަމުރުތަކުގެ އަދަދު؛
  31. މަތީ މަރުހަލާގެ ކޯޓުތަކަށް އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  32. އިސްތިއުނާފު މަރުހަލާގެ ކޯޓުތަކުން ޖުވެނައިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވާ މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  33. އިސްތިއުނާފު މަރުހަލާގެ ކޯޓުތަކުން ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛ 
  34. ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފެށުނުއިރު ހުކުމް ތަންފީޒުކުރަމުންދާ ކުދިންނާ ގުޅޭގޮތުން ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތަކުގައި ށާމިލުވާ ކުދިންގެ އަދަދު؛
  35. ކުށެއްގެ ތުހުމަތުގައި ނުވަތަ ދައުވާ ކުރެވިގެން މުޅިން އަލަށް ކޯޓަށް ހާޒިރުކުރި ކުދިންގެ އަދަދު؛
  36. މީގެ އިތުރުން، ތަފާސްހިސާބު އެއްކުރަންޖެހޭކަމަށް ކޯޓަށް ފެންނަ އިތުރު ކަންތައްތައް.    

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ ތަމްރީނު، ޖުވެނައިލް ކޯޓުގައި މި މަސައްކަތްކުރުން ހަވާލުކުރާ މުވައްޒަފުންނަށް، ގަވާއިދަށް އަމަލުކުރަން ފަށާތާ    6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ދޭންވާނެއެވެ.      

 

201 ވަނަ މާއްދާ - ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުން

ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމާއި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، މި ގަވާއިދާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ށަރުއީ ދާއިރާއިން، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މާލެއާއި އަތޮޅުތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކުގައި ޖުވެނައިލް ކޯޓުން ބައިވެރިވާންވާނެއެވެ. އެފަދައިން ހިންގޭ ޕްރޮގްރާމުތަކުގައި ކުށުން ދުރުހެލިވުމަށާއި ކުށުގެ ށިކާރައަކަށްވުމުން ރައްކައުތެރިވުމަށްޓަކައި އަމަލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކުޑަކުދިންނާއި، އެ ކުދިންގެ ބެލެނިވެރިންނާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، މުޖުތަމައު ހޭލުންތެރިކުރުވަން ވާނެއެވެ.         

 

202 ވަނަ މާއްދާ - މަފްހޫމްތަކުގެ ރަދީފު

(ހ) ''ށަރީއަތް'' ނުވަތަ ''ށަރީއަތުގެ މަޖިލިސް'' ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
 

(ށ) ''ހުކުމްކުރުން'' ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) ''ޖިނާއީ ބޮޑު ކުށެއް'' ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކުށްތަކަށެވެ. 

(ރ) ''އަނިޔާވެރި ކުށް'' ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 110 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ކުށަށެވެ.   

(ބ) ''ޖުވެނައިލް ޖަސްޓިސް އޮފިސަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަށެވެ. 

(ޅ) ''ކުށްކުރާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ'' ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށެވެ.

(ކ) ''އަނިޔާ ލިބޭ ކުދިންގެ މަސްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާ'' ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ މުއައްސަސާއަށެވެ.  

(އ) ''ނިޔާވި ފަރާތުގެ އާއިލާ" ކަމަށް ބަޔާންކޮށްފައި އެވަނީ، ކުއްޖާ ކުރި ކުށުގެ ސަބަބުން ނިޔާވި ފަރާތުގެ މަންމަ، ބައްޕަ، މާމަ، ކާފަ، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.   

(ވ) "ވަކި މުއްދަތަކަށް ބަންދުކުރުމަށް އަދަބު ކަނޑައަޅައިފައިވާ މައްސަލަތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 113 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ހުކުމުގެ ބާކީ ބައި" މި ލަފުޒުގެ މާނައިގެ ތެރޭގައެވެ.

(މ) "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 17 ވަނަ ބާބުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށެވެ.

 

203 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން    

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު