-

ކަސްޓަމްސް ސަރވިސްގެ އާންމު ގަވާއިދު 2011) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-77)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 މޭ 2021 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަސްޓަމްސް ޓްރާންސިޓް މުދާ 12.

(ހ) ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދަލަށް އިމްޕޯޓް ޑިއުޓީ ދެއްކުމުގެ ކުރިން، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ، އެއް ބަނދަރުން އަނެއް ބަނދަރަށް ކަސްޓަމްސް ޓްރާންސިޓް މުދަލުގެ ގޮތުގައި ގެންދެވޭނީ، އެ މުދަލުގެ ބީ.އެލް ނުވަތަ އެއަރވޭ ބިލުގައި އެ މުދަލަކީ ޓްރާންސިޓް މުދާ ކަމުގައި ބަޔާންކޮށްފައިވާ ނަމައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ޓްރާންސިޓް މުދާ، އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިއުމަށް އުޅަނދަށް ބަރުކުރުމުގެ ހުއްދަ ދެވޭނީ، ކަސްޓަމްސް ޓްރާންސިޓް ޑިކްލަރޭށަން ހުށަހެޅުމުން، މުދާ ހުރި ކޮންޓެއިނަރުގައި ނުވަތަ ދާގީނާގައި ކަސްޓަމްސްއިން ސިލް ޖެހުމުންނެވެ. މިގޮތުން ސިލް ޖެހުމަށް ޖަދުވަލު 36 ގައި ބަޔާންކުރާ ފީ ކަސްޓަމްސް އަށް ދައްކަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓްކުރާ މުދަލުގެ މައުލޫމާތު ހުށަހެޅުން 24.

(ހ) ޕޯސްޓުން ނުވަތަ ކޫރިއަރ ސަރވިސް މެދުވެރިކޮށް ވިޔަފާރި ބޭނުމަށް ގެންނަ ތަކެއްޗާއި، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހުންނަ ތަކެތި ދޫކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގުޑްސް ޑިކްލަރޭށަން ނިންމައި ކަސްޓަމްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ. މިގޮތުން ގުޑްސް ޑިކްލަރޭށަން ނިންމާއިރު، ކޮމާށަލް އިންވޮއިސް ނެތްނަމަ، މުދަލުގެ ތަފުސީލާއި އަގު އެނގޭނެ ގޮތަށް މުދާ ގަނެވިއްކުމުގެ މުއާމަލާތުގައި ހިމެނޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިސްނާ 48.

(ށ) ގާނޫނާއި ގަވާއިދާއި ހިލާފު ކަމެއް ފާހަގަކުރެވިފައިނުވާ މުދަލެއް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކުރުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މުދަލެއް ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެންނަ ފަރާތުން އެ މުދަލަކަށް ޑިއުޓީ ދެއްކުމުން އިސްތިސްނާވެއެވެ.

  1. ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެނެސްފައިވާ މުދަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލުން؛
  2. ގުދުރަތީ ހާދިސާއެއްގައި މުދަލެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުން؛
  3. މުދާ އިމްޕޯޓްކުރަން ބޭނުންނުވެގެން އެ މުދާ ދޫކޮށްލުން؛
  4. ދުވަސްވުމުން އޭގެ ޒާތުގައި އަގު ދަށްވާ މުދާ، މުދަލުގެ ވެރިފަރާތުން ހަރަދުދޭގޮތަށް، ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލުން؛
  5. މުދާ ހުންނަ ހުރުމުގައި ނުވަތަ މުދާ އުފުލުމުގައި މީހެއްގެ އިހުމާލަކާ ނުލައި އޭގެ ޒާތުގައި މުދަލުގެ ބަރުދަން ލުއިވެފައިވާކަން ކަސްޓަމްސްއަށް ގަބޫލުކުރެވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 105 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރާއްޖެއަށް މުދާ އިމްޕޯޓްކުރުން 105.

(ހ) ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން، މި ގަވާއިދުގެ 482 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދާ އިމްޕޯޓުކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އެތެރެކުރާ ފަރާތްތަކުން ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ހުންނަންވާނީ، މުދާ އިމްޕޯޓްކުރުމަށް ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ނަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗާއި، އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުމަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ މުދަލާއި، މި ގަވާއިދުގެ 112 ވަނަ މާއްދާގެ (ހ) ގެ ދަށުން ގުޑްސް ޑިކްލަރޭށަން ހުށަހަޅަން ނުޖެހޭ މުދާ އެތެރެކުރުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ނަންބަރު 106.

(ހ) ގުޑްސް ޑިކްލެރޭށަން ހިމެނޭގޮތަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ ކުރެވޭ ހުރިހާ މުއާމަލާތެއްގައި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭނުންކުރަންވާނީ، އެ ފަރާތަކަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ރަޖިސްޓަރީ ނަންބަރެވެ.

(ށ) ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ، މުދާ އިމްޕޯޓްކުރާ ފަރާތެއްގެ ރަޖިސްޓަރީ ކެންސަލް ކުރުމަށްޓަކައި އެ ފަރާތުން ކަސްޓަމްސްއަށް ލިޔުމަކުން ހުށަހަޅައިފިނަމަ، އެ ފަރާތެއްގެ ރަޖިސްޓަރީ ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ކެންސަލް ކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮތޮރައިޒްޑް ޓްރޭޑަރ ނުވަތަ އިކޮނޮމިކް އޮޕަރޭޓަރ 107.

ކަސްޓަމްސްއިން ހިދުމަތް ހޯދާ ފަރާތްތަކާއި، މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި، އެކްސްޕޯޓްކުރާ ފަރާތްތަކަށް، އޮތޮރައިޒްޑް ޓްރޭޑަރ ނުވަތަ އިކޮނޮމިކް އޮޕަރޭޓަރެއްގެ ގޮތުގައި ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ލުއިފަސޭހަ ހިދުމަތް ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓްކުރާ މުދަލުގެ ގުޑްސްޑިކްލަރޭށަން ހުށަހެޅުން 108.

(ހ) ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުން އެ ފަރާތްތަކުން އިމްޕޯޓްކުރާ މުދަލުގެ މައުލޫމާތު ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ގުޑްސްޑިކްލާރޭށަން ފުރިހަމަކުރުމަށްފަހު، އެ މުދަލެއް ރާއްޖެއަށް އިމްޕޯޓްކުރުމަށް ގެންނަތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. ނަމަވެސް އެ މުދަލެއް ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ޑިކްލަރޭށަން (ޕްރީ-އެރައިވަލް ޑިކްލަރޭށަން) ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ކޮމާށަލް އިންވޮއިސް؛
  2. ޕެކިންގ ލިސްޓް؛
  3. ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް؛
  4. ކަސްޓަމްސްގެ ބަނދަރަކާ ހަމައަށް މުދާ ގެނައުމަށް ހިނގާ ހުރިހާ ހަރަދުތައް އެނގޭނޭ ލިޔުންތައް؛
  5. ދައުލަތުގެ އިދާރާއަކުން ހުއްދަ އޮވެގެން އިމްޕޯޓްކުރެވޭ މުދަލަށް، އެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛

(ނ) ރާއްޖެ އެތެރެކުރުމަށް ގެންނަ މުދަލުގެ ބާވަތަށް ބަލައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ޑިކްލަރޭށަނާއެކު ހުށަހަޅަންވާނެއެވެ.

  1. އިމްޕޯޓްކުރާ މުދަލަކީ ކުރިން ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްނަމަ، އެ އުޅަނދެއްގެ ޑީ-ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ؛
  2. އިމްޕޯޓް ކުރާ މުދަލަކީ ކަނޑުގައި ދުއްވާ އުޅަނދެއްނަމަ، މި ގަވާއިދުގެ ޖަދުވަލު 18 ގައި ބަޔާންކޮށްފައިވާ އެޑިށަނަލް އިންފޮމޭށަން ށީޓް ފޮރ މެރިން ވެސެލްސް ފޯމު؛
  3. ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެއާއި އެހެން ގައުމަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުދަލެއްގެ ޑިއުޓީ އިނާޔަތް ލިބިދެވޭނަމަ، އެ މުއާހަދާ ނުވަތަ އެއްބަސްވުމުގައި ބަޔާންކުރާ ޑިއުޓީ އިނާޔަތް ދިނުމާ ގުޅޭ ލިޔުން؛
  4. ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ އެގްރީމެންޓަކުން ޑިއުޓީ މާފުވާ މުދަލެއްނަމަ ކަސްޓަމްސްގެ ވެބްސައިޓުގައި އާންމުކުރާ ޑިއުޓީ މާފުކުރުމަށް އެދޭ ފޯމު.
  5. އިންށުއަރެންސް ކޮށްފައިވާ މުދަލެއްނަމަ އިންށުއަރެންސް ޕޮލިސީ؛
  6. މުދަލުގެ ޕްރޮފޯމާ އިންވޮއިސް ނުވަތަ ޕާރޗޭސް އޯޑަރ؛
  7. މުދަލާ ބެހޭގޮތުން މުދާ ވިއްކި ފަރާތާއި މުދާ ގަތް ފަރާތާ ދެމެދު ލިޔުމުން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުން؛
  8. ޕޯސްޓް މެދުވެރިކޮށް އިމްޕޯޓްކުރާ މުދަލެއްނަމަ، ބޮންޑް ރިސިޕްޓް ނުވަތަ ޕޯސްޓް ވޭބިލް؛
  9. ކޫރިއަރ ސަރވިސް މެދުވެރިކޮށް އިމްޕޯޓްކޮށްފައިވާ މުދަލެއްނަމަ، ކޫރިއަރ އެއަރވޭ ބިލް؛
  10. މެށިނަރީ، ސްޕެއަރޕާޓްސް، ކޮމްޕޯނަންޓް ފަދަ އައިޓަމްތަކުގެ އަގު ހުށަހަޅައިފައިވަނީ އެއްކޮށްނަމަ، އެ އަގު ވަކިވަކިން އެނގޭނޭ ލިޔުން؛
  11. ޑިއުޓީ ނަގާ ރޭޓުން އިނާޔަތެއް ލިބޭ ފަރާތެއްނަމަ، މުދަލުގެ ސެޓުފިކެޓު އޮފް އޮރިޖިންގެ އަސްލު؛
  12. މުދަލާ ގުޅޭގޮތުން، މުދާ އިމްޕޯޓްކުރާ ފަރާތުން ކަސްޓަމްސްއަށް ދޭން ބޭނުންވާ އެހެނިހެން މައުލޫމާތު.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ލިޔުންތަކުގެ އިތުރުން އިމްޕޯޓްކުރާ މުދަލުގެ މުއާމަލާތާ ގުޅިގެން ކަސްޓަމްސްއަށް ބޭނުންވެގެން ލިޔުމެއް ހުށަހަޅަން އަންގައިފިނަމަ، އެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ކަމުގައި ވިޔަސް، މި މާއްދާގައި ބަޔާން ކޮށްފައިނެތް ލިޔުމެއް ކަސްޓަމްސްއަށް ހުށަހަޅައިފިނަމަ، ނުވަތަ މުދާ ބަލައި ފާސްކުރުމުގެ މަރުހަލާގައި ނުވަތަ ކަސްޓަމްސްގެ އެހެން މަރުހަލާއެއްގައި ނަމަވެސް މުދަލުގެ ދާގީނާ ބެލުމުގެ ތެރޭގައި ފެނިއްޖެނަމަ، އެ ލިޔުމަކީ އިމްޕޯޓުކުރާ މުދަލާ ގުޅުންހުރި ލިޔުމެއްނަމަ، އެ ލިޔުމަކަށް ރިއާޔަތް ކުރެވޭނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަނާއެކު ހުށަހެޅުމަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ލިޔުމެއް ހުށަނޭޅޭ ހާލަތުގައި، އެ ލިޔުމެއް ހުށަނޭޅުނު ސަބަބު ބަޔާންކޮށް އެ ލިޔުމެއް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އިމްޕޯޓްކުރާ ފަރާތުން ކަސްޓަމްސްގައި އެދިއްޖެ ހާލަތެއްގައި، އެއީ ކަސްޓަމްސްއަށް ގަބޫލުކުރެވޭ ސަބަބެއްނަމަ، އެ ލިޔުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހަޅާގޮތަށް ޑިކްލަރޭށަން ނިންމިދާނެއެވެ. މިގޮތުން ނިންމައިދެވޭނީ، އެއްކޮށް މައުލޫމާތު ފުރިހަމަނުވާ މުދާކަމަށް ބަލައި، މި ގަވާއިދުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރޮވިށަނަލް ޑިކްލަރޭށަނެކެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ޑިކްލަރޭށަން ހުށަހެޅުން ލަސްވާ ސަބަބު ބަޔާންކޮށް މުދާ އިމްޕޯޓްކުރާ ފަރާތުން އެ ޑިކްލަރޭށަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމުން ކަސްޓަމްސްގައި އެދިއްޖެ ހާލަތެއްގައި، އެއީ ކަސްޓަމްސްއަށް ގަބޫލުކުރެވޭ ސަބަބެއްނަމަ، ޑިކްލަރޭށަން ހުށަހެޅުމަށް 15 (ފަނަރަ) ދުވަހަށްވުރެ އިތުރު ނޫން މުއްދަތެއް ދެވިދާނެއެވެ.

(ވ) އިމްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއާ މުއާމަލާތް ކުރަންވާނީ މުދަލުގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތުން ބޭނުންވެއްޖެނަމަ، ވެރިފަރާތުގެ ބަދަލުގައި މުއާމަލާތްކުރުމަށް މި ގަވާއިދުގެ 9 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މެދުވެރިއެއް އައްޔަން ކުރެވިދާނެއެވެ. މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި ކަސްޓަމްސްގެ މެދުވެރިއެއް އައްޔަންކޮށްފިނަމަ، ކަސްޓަމްސްގެ މެދުވެރިން ކުރާ މުއާމަލާތް ބެލެވޭނީ މުދަލުގެ ވެރިފަރާތުން ކުރާ މުއާމަލާތެއްގެ ގޮތުގައެވެ.

(މ) މި މާއްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޑިކްލަރޭށަން ހުށަނާޅާ މުދަލާއި އެކި ފަރާތްތަކުން ދޫކޮށްލާފައި ދާ މުދަލާމެދު މި ގަވާއިދުގެ 14 ވަނަ ބައިގައިވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

(ފ) ކަސްޓަމްސްގެ ހުއްދަނެތި އެއް ށިޕްމަންޓަކަށް ނުވަތަ އެއް މުދަލަކަށް، އެއް ޑިކްލަރޭށަނަށްވުރެ ގިނައިން ޑިކްލަރޭށަން ހުށަހަޅައިފިނަމަ، ކަސްޓަމްސްއިން ކަނޑައަޅާ ޑިކްލަރޭށަން ބާތިލު ކުރެވޭނެއެވެ. މިގޮތުން ޑިކްލަރޭށަން ބާތިލު ކުރުމުގެގޮތުން ޑިކްލަރެންޓް ނުވަތަ މުދަލުގެ ވެރިފަރާތް 1000 (އެއްހާސް) ރުފިޔާގެ ފީ އެއް ދައްކަންޖެހޭނެއެވެ.

(ދ) މުދާ ކަސްޓަމްސްއިން ދޫކުރުމުގެ ކުރިން ޑިކްލަރޭށަން ބާތިލުކޮށް އެހެން ކަސްޓަމްސް ޕްރޮސީޖަރ ކޯޑެއްގެ ދަށުން މުދަލާމެދު އަމަލުކުރުމަށް އައު ޑިކްލަރޭށަނެއް ހުށަހެޅުމަށް ޑިކްލަރެންޓް އެދިއްޖެނަމަ، އެ ފަރާތުން އެދޭ ސަބަބުތަކަކީ ކަސްޓަމްސްއަށް ގަބޫލުކުރެވޭ ފަދަ ސަބަބެއްނަމަ، އެކަންކުރުމަށް ފުރުސަތު ދެވިދާނެއެވެ. މިގޮތުން ޑިއުޓީ ނެގުމުގައި އަމަލުކުރާނީ ފަހުން ހެދުނު ޑިކްލަރޭށަނަށެވެ.

 

9 ވަނަ މާއްދާ -- ބުނެވިދިޔަ ގަވާއިދުގެ 109 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުށަހަޅާ ލިޔުންތަކުގައި ހުންނަންވާނެ މައުލޫމާތު 109.

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ކޮމާށަލް އިންވޮއިސް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. އަދި ކޮމާށަލް އިންވޮއިސްގައި ފައިސާގެ ކަރަންސީ ބަޔާންކޮށްފައި އޮންނަންވާނީ ކަސްޓަމްސްއިން ގަބޫލުކުރާކަމަށް އާންމުކޮށް ށާއިއުކޮށްފައިވާ ބޭރު ފައިސާއަކުންނެވެ.

(ށ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ކޮމާށަލް އިންވޮއިސްގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.

  1. އިންވޮއިސްގައި ހިމެނޭ ހުރިހާ މުދަލެއްގެ މައުލޫމާތު ކަސްޓަމްސްގެ ޓެރިފްގައި ބަޔާންކޮށްފައިވާ ސްޓެޓިސްޓިކަލް ޔުނިޓުން ހިސާބު ހެދޭގޮތަށް ފުރިހަމަ ކުރެވިފައި އޮތުން؛
  2. އިންވޮއިސްގައި މުދަލުގެ އަގު ދީފައި އޮންނަންވާނީ އެފް.އޯ.ބީ އަގުންނެވެ. އެފް.އޯ.ބީ އަގު ނޫން އެހެން ށިޕިންގ ޓާމަކުން އަގު ދީފައިވާނަމަ، އެފް.އޯ.ބީ އަގު އެނގޭނެހެން ށިޕިންގ ޓާމުގެ ބްރޭކްޑައުން ދިނުން؛
  3. މުދާ ފޮނުވި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  4. މުދާ ލިބެންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  5. އިންވޮއިސްގެ ނަންބަރު އަދި ތާރީހު؛
  6. ޓާރމްސް އޮފް ޕޭމަންޓް؛
  7. ޓާރމްސް އޮފް ޑެލިވަރީ (އިންކޯ ޓާމް)؛
  8. ސަފުހާގެ ނަންބަރާއި ސަފުހާގެ ޖުމްލަ؛

(ނ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ އިންވޮއިސްގައި ހިމެނޭ ކޮންމެ އައިޓަމެއްގައި ތިރީގައި ބަޔާންކުރެވިފައިވާ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. މުދަލުގެ ނަން؛
  2. އައިޓަމް ނަންބަރު؛
  3. ކުއަންޓިޓީ؛
  4. ޔުނިޓް؛
  5. ބްރޭންޑް (ބްރޭންޑް ހުންނަ މުދަލުގެ)؛
  6. މޮޑެލް (މޮޑެލް ހުންނަ މުދަލުގެ)؛
  7. ޗެސިސް ނަންބަރު ހިމެނޭ މުދަލެއްނަމަ މުދަލުގެ ޗެސިސް ނަންބަރު؛
  8. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ އިންޖީނު ނަންބަރު ނުވަތަ މޯޓަރު ނަންބަރު؛
  9. އުފެއްދި ތާރީހު (އުޅަނދެއްނަމަ)؛
  10. ޕާޓް ނަންބަރު ނުވަތަ ކޯޑް ނަންބަރު (އެފަދަ ނަންބަރު ހުންނަ މުދަލުގެ)؛
  11. މުދަލުގެ މެޓީރިއަލް ނުވަތަ ކޮމްޕޮސިށަން (އެފަދަ މައުލޫމާތު ހުންނަ މުދަލުގެ)؛
  12. މުދަލުގެ ސައިޒް؛
  13. އައިޓަމްގެ ޕެކިންގ؛
  14. އުފެއްދި ގައުމު؛
  15. އުފެއްދި އަހަރު ނުވަތަ ވިންޓޭޖް (ބަނގުރަލުގެ ބާވަތްތައް ނަމަ)؛
  16. މުދަލުގެ ކޮންޑިށަން؛
  17. ބޭނުންކޮށްފައިވާ މުދަލެއްނަމަ، އެ މުދާ ބޭނުންކޮށްފައިވާ މުއްދަތު؛
  18. ޔުނިޓުގެ އަގު؛
  19. ޖުމްލަ އަގު.

(ރ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ޕެކިންގ ލިސްޓު އޮންނަންވާނީ އިނގިރޭސިބަހުންނެވެ. މި ޕެކިންގ ލިސްޓުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. މުދަލުގެ ތަފުސީލު؛
  2. ދާގީނާގެ ބާވަތް؛
  3. ދާގީނާގެ އަދަދު؛
  4. ދާގީނާގެ ނަންބަރު؛
  5. ކޮންމެ ދާގީނާއެއްގައި މުދާ ހުރިގޮތުގެ ތަފުސީލު؛
  6. ށިޕްމަންޓުގައި ހިމެނޭ ޖުމްލަ ދާގީނާގެ އަދަދު؛
  7. ށިޕްމަންޓުގައި ހިމެނޭ މުދަލުގެ ބަރުދަން ނުވަތަ ކިއުބިކް މީޓަރު (ސީ.ބީ.އެމް).

(ބ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. އަދި ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލްގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. މުދާ ރާއްޖެއަށް އެތެރެކުރުމަށް ގެނައި އުޅަނދުގެ ނަން؛
  2. ބިލް އޮފް ލޭޑިންގ ނުވަތަ އެއާރވޭ ބިލް ނަންބަރު؛
  3. މުދާ ފޮނުވި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  4. މުދާ ލިބެންވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް؛
  5. މުދާ ބަރުކުރި ބަނދަރު؛
  6. މުދާ ބާލާނެ ބަނދަރު؛
  7. ޗެސިސް ނަންބަރު ހިމެނޭ މުދަލެއްނަމަ މުދަލުގެ ޗެސިސް ނަންބަރު؛
  8. ކޮންޓެއިނަރ ނަންބަރު އަދި ސީލް ނަންބަރު؛
  9. ށިޕިންގ މާކް؛
  10. މުދަލުގެ ބާވަތް؛
  11. ޖުމްލަ ބަރުދަން ނުވަތަ ކިއުބިކް މީޓަރ؛
  12. ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް ތައްޔާރުކޮށްފައިވާ ފަރާތް؛
  13. ދާގީނާގެ އަދަދު؛

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 110 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕްރޮވިށަނަލް ނުވަތަ މައުލޫމާތު ފުރިހަމަ ނުވާ ޑިކްލަރޭށަނާއި ސިމްޕްލިފައިޑް ޑިކްލަރޭށަން 110.

(ހ) އަންނަނިވި ހާލަތްތަކުގައި ޕްރޮވިށަނަލް ނުވަތަ އެއްކޮށް މައުލޫމާތު ފުރިހަމަ ނުވާ ޑިކްލަރޭށަނެއް ހުށަހެޅިދާނެއެވެ. އަދި މިފަދަ ޑިކްލަރޭށަނުގައި ހިމެނޭ މުދަލުގެ ޑިއުޓީ ލިބިގަތުން ކަށަވަރުކުރުމަށްޓަކައި އެ މުދަލުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނެކަމަށް ލަފާކުރެވޭ އަދަދާ އެއްވަރުގެ ސެކިއުރިޓީ ޑިޕޮޒިޓެއް ބެހެއްޓުމާއި، މިގޮތަށް ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމުން ޕްރޮވިށަނަލް ރިލީސްގެ ގޮތުގައި މުދާ ދޫކުރުމުގެ އިންތިޒާމު ކަސްޓަމްސްއިން ހަމަޖައްސައިދެވިދާނެއެވެ.

  1. އެކަށީގެންވާ ސަބަބަކާހުރެ ގުޑްސް ޑިކްލަރޭށަން ފުރިހަމަކުރުމަށް މި ގަވާއިދުގައި ލާޒިމުކުރާ މައުލޫމާތު ލިބިފައި ނެތުން؛
  2. ހާއްސަ ހާލަތެއް މެދުވެރިވެގެން މި ގަވާއިދުގެ 108 ވަނަ މާއްދާގައި ބަޔާންކުރާ ގުޑްސް ޑިކްލަރޭށަން ހުށަހެޅެން ނެތުން؛
  3. މުދަލުގެ އިންވޮއިސްގައި ނުވަތަ އެ މުދަލެއްގެ މުއާމަލާތާގުޅޭ އެހެން ލިޔުމެއްގައި، އެ މުދާ ދެނެގަނެވޭ މިންވަރަށް މައިގަނޑު މައުލޫމާތު ހުރުން.

(ށ) މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ހުށަހަޅާ ޑިކްލަރޭށަނުގައިވާ މުދާ ގެންދިއުމަށްފަހު، 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުރިހާ މައުލޫމާތެއް ފުރިހަމަވެފައިވާ ޑިކްލަރޭށަނެއް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޑިކްލަރޭށަން ހުށަނާޅައިފިނަމަ، މި މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތުގެ އިތުރު ޑިކްލަރޭށަނެއް ނިންމައިދެވޭނީ ޕްރޮވިށަނަލް ނުވަތަ އެއްކޮށް މައުލޫމާތު ފުރިހަމަނުވާ ޑިކްލަރޭށަންގެ މުދަލަށް މި ގަވާއިދުގެ 108 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގުޑްސް ޑިކްލަރޭށަން ހުށަހެޅުމުންނެވެ.

(ރ) ކަސްޓަމްސް އިން ކަނޑައަޅާ ހާލަތްތަކުގައި، ސިމްޕްލިފައިޑް ޕްރޮސިޖަރއެއްގެ ދަށުން މުދާ ދޫކުރުމަށް ސިމްޕްލިފައިޑް ޑިކްލަރޭށަން ނިންމައިދެވިދާނެއެވެ. މި ޑިކްލަރޭށަންގެ ދަށުން މުދާ ދޫކުރުމަށް މި ގަވާއިދުގައި ބަޔާންކުރާ ސެކިއުރިޓީ ޑިޕޮޒިޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދޫކުރާ މުދަލަކީ ދައުލަތުގެ އިދާރާއެއްގެ ހުއްދަ އޮވެގެން އިމްޕޯޓްކުރެވޭ މުދަލެއްނަމަ، ޕްރޮވިށަނަލް ރިލީސްގެ ގޮތުގައި ކަސްޓަމްސްއިން އެ މުދާ ދޫކުރާނީ، ޑިކްލަރޭށަނާއެކު އެފަދަ ހުއްދައެއް ލިޔުމުން ހުށަހެޅުމުންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 111 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދަލުގެ ސާމްޕަލް ނަގަންޖެހުން 111.

(ހ) އިމްޕޯޓްކުރުމުގެ ބޭނުމަށް ނުވަތަ އިމްޕޯޓް ޑިއުޓީ ނެގުމަށް މުދަލެއްގެ އަގު ކަނޑައެޅުމަށް ނުވަތަ ގިންތި ކުރުމަށް ނުވަތަ އެނޫންވެސް ގޮތަކުން މުދަލުގެ ސާމްޕަލް ނަގަންޖެހިއްޖެނަމަ ސާމްޕަލްގެ ގޮތުގައި ނަގަންވާނީ އެ މުދަލަކުން ނެގެން އޮތް އެންމެ ކުޑަ މިންވަރެކެވެ.

(ށ) މި ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މައުލޫމާތެއް، ނޭންގުމުގެ ސަބަބުން ދެވެންނެތް ހާލަތްތަކުގައި، ޑިކްލަރޭށަން ހުށަހެޅުމުގެ ކުރިން އެ މުދަލުގެ ސާމްޕަލް ނެގުމަށް ނުވަތަ އެ މުދާ ބެލުމުގެ ހުއްދައަށް ޑިކްލަރެންޓް، ކަސްޓަމްސްއަށް ލިޔުމުން ހުށަހެޅުމުން، ކަސްޓަމްސްގެ ބެލުމުގެ ދަށުން އެކަމަށް ފުރުސަތު ދެވިދާނެއެވެ. އަދި މިގޮތަށް ނަގާ ސާމްޕަލަށް ވަކި ޑިކްލަރޭށަނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 112 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިކްލަރޭށަން ހުށަހަޅަންނުޖެހޭ މުދާ 112.

(ހ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް ގެންނަ މުދަލުން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއްގެ މުދާ ރާއްޖެއަށް އިމްޕޯޓްކުރުމަށްޓަކައި، ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، އެ ފަރާތްތަކުގެ އަމިއްލަ ޒާތީ ބޭނުންތަކަށް ގެންނަ މުދާ؛
  2. ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ރާއްޖޭގެ ރައްޔިތުންނާއި ބިދޭސީން ގެންނަ މުދާ؛
  3. ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ރާއްޖޭގެ ރައްޔިތުން ގެންނަ، ބޭނުން ކޮށްފައިހުންނަ މުދާ؛
  4. 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ޕްރޮފެށަނަލް ގިންތީގެ މީހުން، އެ މީހުންގެ ދިރިއުޅުން ރާއްޖެއަށް ބަދަލު ކުރުމަށްޓަކައި ގެންނަ، ބޭނުންކޮށްފައި ހުންނަ ތަކެތި؛
  5. ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިން ގެންނަ މުދާ.
  6. ކޮރޮސްޕޮންޑެންސާއި އެކިއެކި ޑޮކިއުމެންޓް އަދި އަގުހެޔޮ ކޮންސައިންޓްމެންޓުގެ ގޮތުގައި ގެންނަ މުދާ.

(ށ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް ގިންތީގެ މީހުން ކަމުގައި ބަލާނީ، ދައުލަތުގެ ކަމާބެހޭ އިދާރާއިން ޕްރޮފެށަނަލް ގިންތީގެ މީހުން ކަމުގައި ކަނޑައަޅާ ފަރާތްތަކެވެ.

(ނ) 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ޕްރޮފެށަނަލް ގިންތީގެ މީހުން ގެންނަ މުދަލަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މުދަލުގެ ޕެކިންގ ލިސްޓު؛
  2. މުދަލުގެ ޑެލިވަރީ އޯޑަރ.
  3. ވާރކް ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްކަން އަންގައިދޭ ލިޔުން.

(ރ) 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ޕްރޮފެށަނަލް ގިންތީގެ މީހުން ގެންނަ މުދާ ދޫކުރެވޭނީ، އެ މީހެއްގެ ވާރކް ޕާމިޓުގެ ކޮޕީ ނުވަތަ ވާރކް ޕާމިޓް ކާޑު ގެނައުމުންނެވެ.

(ބ) ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ރާއްޖޭގެ ރައްޔިތުން ގެންނަ، ބޭނުންކޮށްފައި ހުންނަ މުދާ ދޫކުރެވޭނީ، އެ މީހެއްގެ ޕާސްޕޯޓުގެ އަސްލު ގެނައުމުންނެވެ. އެ މީހަކު އެ ވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ޕާސްޕޯޓުގެ އަސްލު ހުށަނޭޅޭ ހާލަތްތަކުގައި އެ މުދާ ދޫކުރެވޭނީ، މުދަލުގެ ވެރިފަރާތުގެ ލިޔުމަކާއެކު ޕާސްޕޯޓުގެ ކޮޕީއެއް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް ގެންނަ މުދަލުން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރުވާ މުދަލަށް މި ގަވާއިދުގައި ބަޔާންކުރާ ގުޑްސް ޑިކްލަރޭށަން ފުރިހަމަކުރުމަށްފަހު، ކަސްޓަމްސްއަށް ހުށަހަޅައި އެ މުދަލަށް ޑިއުޓީ ދައްކަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެތީގެ ކޮމާށަލް އިންވޮއިސް ނެތްނަމަ، ގުޑްސް ޑިކްލަރޭށަނާއެކު އެ މުދަލުގެ ސައްހަ މައުލޫމާތު ބަޔާންކޮށް މުދަލުގެ ތަފުސީލާއި އަގު އެނގޭނެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 113 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލިޔުންތަކަށް އިސްލާހު ގެނައުން 113.

(ހ) ކަސްޓަމްސްއަށް ހުށަހަޅައިފައިވާ ޑިކްލަރޭށަން އިސްލާހުކުރުމަށް ޑިކްލަރެންޓް އެދިއްޖެނަމަ، ޑިކްލަރޭށަން ޗެކް ކުރަން ފެށުމުގެ ކުރިން ނުވަތަ ޑިކްލަރޭށަން ނުނިންމާ މުދާ ބަލާ ހާލަތުގައި މުދާ ބަލަން ފެށުމުގެ ކުރިން އެ ޑިކްލަރޭށަން އިސްލާހު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ކަސްޓަމްސްއަށް ހުށަހެޅިފައިވާ ޑިކްލަރޭށަން ޗެކްކުރަން ފެށިފަހުން އެ ޑިކްލަރޭށަން އިސްލާހުކުރުމަށް ޑިކްލަރެންޓް އެދިފައިވާނަމަ، އެ ފަރާތުން އެދިފައިވާ ސަބަބުތަކަށް ރިއާޔަތްކުރުމަށްފަހު، އެ ޑިކްލަރޭށަން އިސްލާހު ކުރުމުގެ ފުރުސަތު ދެވިދާނެއެވެ.

(ނ) މި ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމެއްގެ އެއްވެސް ތަނެއް ފަވައި، ކަނޑައި ނުވަތަ ބަދަލު ކުރެވިފައިވާނަމަ، އެ ލިޔުމެއް ދޫކުރި ފަރާތުން ސްޓޭމްޕް ކުރެވިފައި އޮންނަންވާނެއެވެ.

(ރ) މި ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ހުށަހަޅައިފައިވާ ލިޔުމަކަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ، ގެނެވޭ އިސްލާހެއްގެ ތަފުސީލު ބަޔާންކޮށް ލިޔުން ދޫކުރި ފަރާތުގެ ސިޓީއެއް ނުވަތަ ލިޔުމެއް ކަސްޓަމްސްއަށް ހުށަހެޅުމުންނެވެ. މީގެ ތެރޭގައި ލިޔުންތަކުގެ އަސްލަށާއި މައުލޫމާތަށް ބަދަލު ނާންނަގޮތަށް ގެނެވޭ ކުދިކުދި އިސްލާހުތަކެއް ނުހިމެނޭނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 114 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގުޑްސްޑިކްލަރޭށަން ނިންމުން 114.

(ހ) މުދަލުގެ ޑިކްލަރޭށަން ހުށަހެޅި ވަގުތުން ފެށިގެން ޑިކްލަރޭށަން ޗެކްކުރުމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް މަސައްކަތް ފަށަންވާނެއެވެ. ޑިއުޓީ ދައްކަންޖެހޭ މިންވަރު ކަނޑައެޅޭނީ ޑިކްލަރޭށަން ފޯމު އެސެސްކުރުމުންނެވެ. މިގޮތުން ޑިއުޓީގެ މިންވަރު ކަނޑައެޅުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅައިފައިވާ ގުޑްސް ޑިކްލަރޭށަން ފުރިހަމަކޮށް ހުށަހަޅައިފައިވާ ލިޔުންތައް ފުރިހަމަވާނަމަ، މުދަލުގެ ޑިކްލަރޭށަން ނިންމުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ ވަގުތު ނުވަތަ ހިދުމަތުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިކްލަރޭށަން ފޯމު އެސެސްކޮށް ނިންމައިދެވޭނެއެވެ.

(ށ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ ނެގުމަށް ނުވަތަ އެ މުދަލަކާބެހޭ ލިޔުން ނިންމުމުގައި އެ މުދަލުގެ އަގު ކަމުގައި ބަލާނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި ބަޔާންކޮށްފައިވާ އިންކޯޓާރމް ނުވަތަ ށިޕިން ޓާރމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިއުޓީ ނެގުމުގައި ނުވަތަ އެ މުދަލަކާގުޅޭ ލިޔުން ނިންމުމުގައި، ބޭރުފައިސާ ދިވެހިފައިސާއަށް ބަދަލު ކުރާނެ ރޭޓުތައް ކަނޑައަޅާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔާއެކު ކަސްޓަމްސްއިންނެވެ. މިގޮތުން ކޮންމެ މަހެއް ފެށުމުގެ ކުރިން، ކުރިއަށް އޮތް މަހުގައި ބޭނުންކުރުމަށް ކަސްޓަމްސްއިން ކަނޑައަޅައިފައިވާ ރޭޓުތައް ކަސްޓަމްސްއިން އާންމުކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުން ޑިއުޓީ ނަގާނެ ރޭޓު ކަނޑައެޅުމުގައި ބަލާނީ އިމްޕޯޓް ކުރާ މުދަލުން ޑިއުޓީ ދެއްކުމަށްޓަކައި ކަސްޓަމްސްއަށް ޑިކްލަރޭށަން ފޯމު ހުށަހަޅައިފައިވާ ވަގުތު އަމަލު ކުރަމުންދާ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި ބަޔާންކޮށްފައިވާ ޑިއުޓީ ރޭޓަށެވެ.

(ބ) އެކްސްޕޯޓް އިމްޕޯޓް ގާނޫނާއި ގަވާއިދު ނުވަތަ ކަމާ ގުޅުންހުރި ގާނޫނަކަށް ގެނެވޭ އިސްލާހުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެ އިސްލާހަކާ ގުޅިގެން އަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. އައު އިސްލާހަށް އަމަލު ކުރަން ފަށާ ވަގުތުގެ ކުރިން، ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އާ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭށަން ހުށަހަޅައިފައިވާނަމަ، އެ ޑިކްލަރޭށަން ނިންމައިދިނުމުގައި އައު އިސްލާހަށް ނުބެލުން؛
  2. އައު އިސްލާހަށް އަމަލު ކުރަން ފަށާ ވަގުތުގެ ކުރިން، ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އާ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭށަން ހުށަހަޅައިފައިނުވާނަމަ، އެ ޑިކްލަރޭށަން ނިންމައިދިނުމުގައި އައު އިސްލާހާ އެއްގޮތަށް އަމަލު ކުރުން؛
  3. އައު އިސްލާހަށް އަމަލު ކުރަން ފަށާ ވަގުތުގެ ކުރިން، ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގައިފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އާ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭށަން ހުށަހަޅައިފައިވާނަމަ، އެ ޑިކްލަރޭށަން ނިންމައިދިނުމުގައި ފަހުގެ އިސްލާހާ އެއްގޮތަށް އަމަލުކުރުން؛
  4. އައު އިސްލާހަށް އަމަލު ކުރަން ފަށާ ވަގުތުގެ ކުރިން، ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގައިފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެ ވަގުތުގެ ކުރިން ޑިކްލަރޭށަން ނިންމައިދީފައިވާނަމަ، ފަހުގެ އިސްލާހާ އެއްގޮތަށް އެ ޑިކްލަރޭށަން އިސްލާހުކުރުން؛
  5. އާ އިސްލާހަށް އަމަލު ކުރަން ފަށާ ވަގުތުގެ ކުރިން، ބޮންޑެޑްވެއަރހައުސްގައި ހުރި މުދަލަށް އާ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭށަން ނިންމައިދީފައިވުމުން، ޑިއުޓީ ދެއްކުމަށްފަހު، އެ ވަގުތުގެ ފަހުން ބޮންޑެޑްވެއަރހައުސްއިން މުދާ ނެރޭނަމަ، ފަހުގެ ޑިއުޓީ ރޭޓާ އެއްގޮތަށް އެ ޑިކްލަރޭށަން އިސްލާހުކުރުން؛
  6. އައު އިސްލާހަށް އަމަލު ކުރަން ފަށާ ވަގުތުގެ ކުރިން، ބޮންޑެޑްވެއަރހައުސްއަށް ވައްދައިފައިވާ މުދަލަށް އެ ވަގުތުގެ ފަހުން ޑިކްލަރޭށަން ނިންމައިދިނުމުގައި، ފަހުގެ އިސްލާހާ އެއްގޮތަށް އަމަލުކުރުން.

(ޅ) ޑިކްލަރޭށަން ނިންމުމަށްފަހުގައި، އެ ޑިކްލަރޭށަން ނިންމައިފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން ކަށަވަރު ކުރުމަށްޓަކައި ކަސްޓަމްސްއިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، އެ ޑިކްލަރޭށަން ނިންމާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އަލުން ޗެކްކޮށް ފާހަގަ ކުރެވުނު ކުށް އިސްލާހު ކުރަންވާނެއެވެ. މިގޮތުން ފާހަގަކުރެވޭ ކަމެއް އިސްލާހު ކުރެވެން އަންނަނީ، މި ގަވާއިދުގެ "އަށްވަނަ ބައި" ގައި ބަޔާންކޮށްފައިވާ ފަދައިން ޕޯސްޓް ކްލިއަރެންސް އޯޑިޓެއް ކޮށްގެންކަމަށް ކަސްޓަމްސްއަށް ގަބޫލޫ ކުރެވޭނަމަ، އެ ޑިކްލަރޭށަން އިސްލާހު ކުރެވޭނީ ޕޯސްޓް ކްލިއަރެންސް އޯޑިޓެއް ކުރުމަށްފަހުގައެވެ. 

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިކްލަރޭށަން އިސްލާހުކުރުމުގެ ސަބަބުން އިތުރަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދެއްކުމަށް އަންގަންވާނެއެވެ. އަދި ޑިކްލަރޭށަން އިސްލާހުކުރުމުގެ ސަބަބުން މުދާ އިމްޕޯޓްކުރި ފަރާތަށް ރިފަންޑް ދޭންޖެހޭނަމަ، އެ ފައިސާއެއް އެ ފަރާތަކަށް ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 115 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިއުޓީ ދެއްކުން 115.

(ހ) އިމްޕޯޓް މުދަލުގެ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއިން އެސެސްކޮށް ނިންމާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މުދަލަކަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި އެހެނިހެން ފައިސާ ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ދެއްކުމުން، ލަސްނުކޮށް އެ ޑިކްލަރޭށަނުގައިވާ މުދާ ބަލައި ފާސްކުރެވޭނެ އިންތިޒާމު ކަސްޓަމްސްއިން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މުދާ ރާއްޖެއަށް ގެނައުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ކަސްޓަމްސްއިން ދޫކޮށްފައިނުވާ (ކްލިއަރ ކޮށްފައިނުވާ) މުދަލުގެ ޑިކްލަރޭށަންތައް ބާތިލު ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމްޕޯޓް މުދަލުގެ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއިން އެސެސްކޮށް ނިންމާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި، މުދާ އިމްޕޯޓްކުރާ ފަރާތުން ދައްކަންޖެހޭ އެހެނިހެން ފައިސާ ނުދައްކައިފިނަމަ، އެ ޑިކްލަރޭށަން ބާތިލުކުރެވޭނެއެވެ. އަދި މުދާ ރާއްޖެއަށް އަންނަ ދުވަހުން ފެށިގެން ގިނަވެގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އަލުން އެ މުދަލުގެ ޑިކްލަރޭށަން ހުށަހަޅައިފިނަމަ، އެ ޑިކްލަރޭށަން ނިންމައިދެވޭނެއެވެ.

(ޅ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިމްޕޯޓް މުދަލުގެ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއިން އެސެސްކޮށް ނިންމާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކްލިއަރކޮށްފައިނުވާ މުދަލާމެދު މި ގަވާއިދުގެ 14 ވަނަ ބައިގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

(ކ) މިމާއްދާގެ (ރ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން އެ މުދަލާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން މުދަލުގެ ވެރިފަރާތުން މުދާ ކްލިއަރ ކޮށްގެން ނެރެން ބޭނުންވެއްޖެ ހާލަތެއްގައި އެ މުދަލެއް ކްލިއަކުރުމުގެ ފުރުސަތު ދިނުމާމެދު ގޮތެއް ކަނޑައަޅާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އެވެ.

(އ) ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރި މަސް، ޗީޒް ފަދަ މުދަލަށް ޑިކްލަރޭށަން ހުށަހެޅުމަށްފަހު ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވޭ މުދަލާމެދު އަމަލުކުރަންވީގޮތް ތިރީގައި އެވަނީއެވެ.

  1. މި މާއްދާގައިވާ ގޮތުގެމަތިން މުދާ ދޫކުރެވޭނެ ހާލަތްތައް ކަސްޓަމްސްއިން އާންމު ކުރަންވާނެއެވެ.
  2. މި މާއްދާގެ ދަށުން ޑިއުޓީ ދެއްކުން ފަސްކޮށް، ދޫކުރެވުނު މުދަލަށް، އެ މުދަލެއްގެ ޑިކްލަރޭށަން ނިމޭތާ، 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ޑިއުޓީ އާއި އެހެނިހެން ފައިސާ ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ.
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައިވާ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް މި މާއްދާގެ ދަށުން އިތުރު މުދާ ދޫކުރެވޭނީ ކުރިން ދޫކުރި މުދަލަށް އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުންނެވެ.
  4. މި މާއްދާގެ ދަށުން ދޫކޮށްފައިވާ މުދަލަށް މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކައިފައިނުވާނަމަ، އެ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑައިލެވޭނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 116 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްޔިތާގެ ހަށިގަނޑު ރާއްޖެއަށް ގެނައުން 116.

(ހ) މައްޔިތާގެ ހަށިގަނޑު ރާއްޖެއަށް ގެނައުމަށްޓަކައި ކަސްޓަމްސް ވެބްސައިޓުގައި އާންމުކުރާ މައްޔިތާގެ ހަށިގަނޑު ރާއްޖެއަށް ގެނައުމަށް އެދޭ ފޯމު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ހަށިގަނޑެއް ބޭރުކުރެވޭ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެފޯމާއެކު ހުށަހަޅަންވާނެއެވެ.

  1. ޑެތް ސެޓުފިކެޓު؛
  2. ޕޮލިސް ރިޕޯޓު؛
  3. ކަސްޓަމްސް ރިލީސް ޕަރމިޓް. (ހަށިގަނޑު ގެންނަ ގައުމެއްގެ ކަސްޓަމްސްއިން ދޫކޮށްފައިވާ)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްޔިތާގެ ހަށިގަނޑު ރާއްޖެއަށް ގެނައުމަށްޓަކައި، ގުޑްސް ޑިކްލަރޭށަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 117 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަނބުރާ ގެންދާގޮތަށް މުދާ ވަގުތީގޮތުން އިމްޕޯޓް ކުރުން 117.

(ހ) މި ބާބުގައި ހުއްދަދެވޭ މުދާ، ވަކި ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި، ކަނޑައެޅޭ ވަކި ބޭނުމަކަށް، ވަކި މުއްދަތަކަށް، އެ މުއްދަތެއް ހަމަވުމުގެ ކުރިން، ރާއްޖެއިން ބޭރަށް އަނބުރާ ފޮނުވައިލާގޮތަށް، މުދަލުގެ ޒާތަށް ބަދަލު ނުގެނެސް އިމްޕޯޓް ޑިއުޓީ ނުވަތަ އިމްޕޯޓް ޑިއުޓީއިން ބައެއް ދެއްކުން ފަސްކޮށް ދިވެހިރާއްޖެއަށް ވަގުތީގޮތުން މުދާ އިމްޕޯޓް ކުރެވިދާނެއެވެ.

(ށ) ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރެވޭ މުދާ ދޫކުރެވޭނީ، އެ ތަކެއްޗަށް ޒިންމާވާނެ ރާއްޖޭގެ ފަރާތެއް ހުރެގެންނެވެ.

(ނ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ވަގުތީގޮތުން އިމްޕޯޓްކުރާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމަށް އެންގިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ، (ށ) އަދި (ނ) ގައި އެހެން އޮތްކަމުގައިވީނަމަވެސް އަންނަނވި ހާލަތްތަކުގައި އަނބުރާ ގެންދާގޮތަށް މުދާ ދޫކުރުމަށް އެދޭ ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި މި ބާބުގައި ބަޔާންކޮށްފައިވާ އާންމު އިޖުރާއަތްތަކުން މި ހާލަތްތައް އިސްތިސްނާވާނެއެވެ. މި ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ތަފުސީލު ބަޔާންކުރާ އުސޫލު ކަސްޓަމްސްގެ ވެބްސައިޓްގައި އާންމުކުރަންވާނެއެވެ.

  1. ރާއްޖެއަށް މުދާ ގެންނަން ބޭނުންކުރާ ކޮންޓެއިނަރ، ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދަލާ އެކުގައި ގެންދާނަމަ ނުވަތަ އެކްސްޕޯޓް މުދާ ބަރުކުރުމަށް ގެންދާނަމަ، އެ ތަނަކަށް ގެންދާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އަނބުރާ ރަސްމީ ބަނދަރަކަށް ގެންނަންވާނެއެވެ. މި މުއްދަތުގައި އަނބުރާ ނުގެނެސްފިނަމަ ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން އެ ކޮންޓެއިނަރއަށް އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.
  2. ރާއްޖެއަށް އަންނަ އުޅަނދުގެ ސްޕެއަރއެއް ނުވަތަ އުޅަނދުގައި ބޭނުންކުރާ އާލާތްތައް މަރާމާތު ކުރަންޖެހިއްޖެނަމަ އެފަދަ އެއްޗެއް މަރާމާތުކުރުމަށްފަހު އަނބުރާ އުޅަނދަށް އެރުވުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތެއް ދެވިދާނެއެވެ. މި މުއްދަތުގައި އެފަދަ އެއްޗެއް އުޅަނދަށް އަރުވާފައި ނުވާނަމަ، އެ އެއްޗަކަށް ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ޑިއުޓީ ދައްކަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 118 ވަނަ މާއްދާގެ (ބ) އަންނަނިވިގޮތަށް އިސްލާހުކޮށް، (ބ) ގެ ތިރިއަށް (ޅ) ގޮތުގައި އަންނަނިގޮތަށް އަކުރެއް އިތުރުކުރުން.

އަނބުރާ ގެންދާގޮތަށް ވަގުތީގޮތުން އިމްޕޯޓްކުރުމަށް ހުއްދަދެވޭ މުދާ 118.

(ބ) ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި، ފަތުރުވެރިޔާގެ ހާއްސަ ބޭނުމަށް ގެންނަ ތަކެތި؛

(ޅ) ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށްޓަކައި ހާއްސަ މަސައްކަތް ކުރުމަށް ގެންނަ އުޅަނދުފަހަރާއި މެށިނަރީ އަދި އިކްއިޕްމަންޓުތައް.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 119 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަނބުރާ ގެންދާގޮތަށް ވަގުތީގޮތުން އިމްޕޯޓްކުރުމަށް ހުއްދަދެވޭ ތަކެތި 119.

މި ގަވާއިދުގެ 118 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަގުތީގޮތުން އިމްޕޯޓް ކުރުމަށް ހުއްދަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ މުދަލަށެވެ.

(ހ) ބޭނުންކުރުމުން ހުސްވެދާފަދަ މުދަލަކަށް ނުވުން؛

(ށ) މި ގަވާއިދުގެ 118 ވަނަ މާއްދާގެ (ޅ) ގައިވާ ބޭނުމަށް އެތެރެކުރާ ތަކެތި ނަމަ، އެ މުދަލެއްގައި ޖަހައިފައިވާ ނަންބަރަކުން ނުވަތަ ކޯޑަކުން އެއީ ވަކި އެއްޗެއްކަން ދެނެގަނެވޭ ގޮތަށް ހުރުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދާ އަނބުރާ ފޮނުވައިލުން 123.

(ހ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ އަނބުރާ ފޮނުވައިލުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ޑިކްލަރޭށަން ހުށަހަޅަންވާނީ ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުގެ ނަމުގައެވެ.

(ށ) އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ ފޮނުވައިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ މުދާ އަނބުރާ ފޮނުވައިލިކަމަށް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލުގެ ގުޑްސް ޑިކްލަރޭށަން ހުށަހެޅުމަށްފަހު، ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވައިލައިފައިވާނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެ މުދާ އަނބުރާ ފޮނުވައިލުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވައިލައިފައިވާކަން ސާބިތުކޮށްދިނުމަށް ކިތާބީ ހެކި ކަސްޓަމްސްއަށް ހުށަހަޅާ ހާލަތުގައި، އެ ކިތާބީ ހެކިތަކުން އެ މުދާ އަނބުރާ ފޮނުވައިލިކަން ކަސްޓަމްސްއަށް ސާބިތުވާނަމަ، މި ގަވާއިދުގައި ބަޔާންކުރާ ގުޑްސް ޑިކްލަރޭށަން ނިންމައިދެވޭނެއެވެ. މިގޮތުން ޑިކްލަރޭށަން ނިންމައިދެވޭނީ ރާއްޖެއިން ޒިންމާވާ ފަރާތުން ކަސްޓަމްސްއަށް 1000 (އެއްހާސް) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ރ) މި ގަވާއިދުގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި އަނބުރާ ފޮނުވައިނުލެވިއްޖެނަމަ، އެ މުދާ އަނބުރާ ފޮނުވައިލުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތެއް ދެވިދާނެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި މުދާ ފޮނުވައިނުލާނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތިން އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މުދާ އަނބުރާ ފޮނުވައިލާން ނުވަތަ އިމްޕޯޓް ޑިއުޓީ ދެއްކުމަށް ކުރާ މުއާމަލާތެއް ފިޔަވައި އިތުރު އެހެން މުއާމަލާތެއް އަދި މުދަލުގެ އެހެން ބޭނުމެއް ކޮށްގެންނުވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 124 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިމްޕޯޓް ޑިއުޓީ ދެއްކުން 124.

(ހ) ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ގެންނަ މުދާ ފޮނުވައިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވައިނުލައިފިނަމަ، ނުވަތަ މި ގަވާއިދުގެ 123 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވިނަމަވެސް، މުދާ އިމްޕޯޓްކުރި މަރުހަލާގައި ކަސްޓަމްސްއިން ކަނޑައަޅައިފައިވާ ޑިއުޓީ ރޭޓާއި މުދަލުގެ އަގުން އިމްޕޯޓް ޑިއުޓީ ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ދައްކަންވާނެއެވެ.

(ށ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް އެހެން ފަރާތަކަށް ވިއްކޭނީ، ނުވަތަ އެތެރެކުރި ބޭނުން ފިޔަވައި އިތުރު އެހެން ބޭނުމެއް ކުރަންވާނީ، އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ، މުދާ އިމްޕޯޓްކުރި މަރުހަލާގައި ކަނޑައަޅައިފައިވާ ޑިއުޓީ ރޭޓާއި މުދަލުގެ އަގުން ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ދެއްކުމަށް ފަހުގައެވެ.

(ނ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ ނުވަތަ ވަގަށްނަގައިފިނަމަ، ނުވަތަ މަދުވެއްޖެނަމަ، މުދާ އިމްޕޯޓްކުރި މަރުހަލާގައި ކަނޑައަޅައިފައިވާ ޑިއުޓީ ރޭޓާއި މުދަލުގެ އަގުން އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ، ރާއްޖެއިން އެ ތަކެއްޗަށް ޒިންމާވާ ފަރާތުން ދައްކަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 126 ވަނަ މާއްދާގެ (ބ)، (ޅ) އަދި (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރާއްޖެއިން މުދަލަށް ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތު 126.

(ބ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލެއް، މި ގަވާއިދުގެ 123 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް ރާއްޖެއިން ބޭރަށް ފޮނުވިނަމަ، މުދާ އިމްޕޯޓްކުރި މަރުހަލާގައި ކަނޑައަޅައިފައިވާ ޑިއުޓީ ރޭޓާއި މުދަލުގެ އަގުން، އެ މުދަލުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަސްޓަމްސްއަށް ދެއްކުން؛

(ޅ) ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް، އެހެން ފަރާތަކަށް ވިއްކައިފިނަމަ، ނުވަތަ މުދާ އިމްޕޯޓްކުރި ބޭނުން ފިޔަވައި އިތުރު އެހެން މުއާމަލާތެއް ކޮށްފިނަމަ، މުދާ އިމްޕޯޓްކުރި މަރުހަލާގައި ކަނޑައަޅައިފައިވާ ޑިއުޓީ ރޭޓާއި މުދަލުގެ އަގުން، އެ މުދަލުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަސްޓަމްސްއަށް ދެއްކުން؛

(ކ)ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައިވާ މުދަލެއް، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ ނުވަތަ މަދުވެއްޖެނަމަ، އެކަމެއް ފާހަގަކުރެވޭ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ކަސްޓަމްސްއަށް އެންގުމާއި، މުދާ އިމްޕޯޓްކުރި މަރުހަލާގައި ކަނޑައަޅައިފައިވާ ޑިއުޓީ ރޭޓާއި މުދަލުގެ އަގުން، އެ މުދަލަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 127 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިދުމަތް މެދުކަނޑައިލުން 127.

ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް، ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތަކަށް ކަސްޓަމްސްއިން ދެމުންގެންދާ ހިދުމަތްތައް، ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިން ވަގުތީގޮތުން މެދުކަނޑައިލުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 128 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރީ-އިމްޕޯޓްކުރުން 128.

(ހ) މުދަލެއް ރީ-އިމްޕޯޓްކުރި ކަމަށް ބެލެވޭނީ، އެ މުދަލެއް ރާއްޖެއަށް އަނބުރާ ގެންނަގޮތަށް ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ނިންމުމަށްފަހު، ރާއްޖެއިން ބޭރަށް އެ މުދާ ފޮނުވައިފައިވާ ފަރާތުގެ ނަމުގައި އެ މުދާ އަނބުރާ ރާއްޖެއަށް ގެނައުމުންނެވެ.

(ށ) އަންނަނިވި ށަރުތުތައް ފުރިހަމަވާ މުދާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއަށް ރީ-އިމްޕޯޓްކުރާނަމަ، އެ މުދާ، ޑިއުޓީ ނެގުމުން އިސްތިސްނާވާނެއެވެ.

  1. އެ މުދަލެއް ބޭނުން ކުރުމުން އެ މުދަލުގެ އަސްލަށް ބަދަލު ނާންނަ ނުވަތަ މުދަލުގެ އަސްލަށް ބަދަލެއް ގެނެސްފައިނުވާ އަދި އެ މުދަލުގައި ޖަހައިފައިވާ ސީރިއަލް ނަންބަރުން ނުވަތަ ކޯޑުން އެ މުދަލަކީ ރާއްޖެއިން އެކްސްޕޯޓްކުރި މުދާކަން ސާބިތުވާ މުދާ؛
  2. ސީރިއަލް ނަންބަރު ނުވަތަ ވަކި ކޯޑެއް އެނގެން ނުހުންނަ ތަކެތި، ވޮރެންޓީގެ ދަށުން މަރާމާތުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށްފަހު، އެ ތަކެތި މަރާމާތުކުރިކަން އެނގޭގޮތަށް ވޮރެންޓީ ދިން ފަރާތުގެ ލިޔުމަކާއެކު، ރީ-އިމްޕޯޓްކުރާ މުދާ؛
  3. ވޮރެންޓީގެ ދަށުން މަރާމާތުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށްފަހު އެ މުދާ މަރާމާތު ނުކުރެވުމުގެ ސަބަބުން ވޮރަންޓީގެ ދަށުން އެ މުދަލުގެ ބަދަލުގައި ފޮނުވާ އެއްގޮތް މުދާ، ވޮރެންޓީ ދިން ފަރާތުގެ ލިޔުމަކާއެކު ރީ-އިމްޕޯޓްކުރާ މުދާ؛
  4. ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރި ތާރީހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، މުދަލުގެ ޒާތަށް ބަދަލެއް ނުގެނެސް ރީ-އިމްޕޯޓްކުރާ މުދާ؛
  5. ރާއްޖެއަށް މުދާ އިމްޕޯޓްކުރިއިރު ޑިއުޓީ ދައްކާފައިވުމާއި އެ ފައިސާ ރިފަންޑްކޮށްފައި ނުވާ މުދާ

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 129 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރީ-އިމްޕޯޓް ކުރުމަށްޓަކައި، ޑިކްލަރޭށަން ހުށަހެޅުން 129.

(ހ) މި ގަވާއިދުގެ 128 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖެއަށް މުދާ ރީ-އިމްޕޯޓް ކުރުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭށަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އިންވޮއިސް ނުވަތަ މަރާމާތު ކުރިކަން އެނގޭނެ ލިޔުން؛
  2. ޕެކިންގ ލިސްޓް؛
  3. ބީ.އެލް ނުވަތަ އެއަރވޭ ބިލް.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 130 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިއުޓީ ދެއްކުން ފަސްކޮށްދެވޭނެ ބާވަތްތަކުގެ މުދަލާއި ހާލަތްތައް 130.

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ޑިއުޓީ ދެއްކުން ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ފަސްކޮށްދެވިދާނެއެވެ.

(ހ) ގުދުރަތީ ކާރިސާއެއް ފަދަ ކުއްލި ހާލަތެއް ދިމާވެގެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން އެތެރެކުރެވޭ މުދާ؛

(ށ) ރައްޔިތުންގެ އަސާސީ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި ވަގުތުން ވަގުތަށް ބޭނުންވާ ތަކެތި؛

(ނ) ބައްޔެއްގެ ސަބަބުން، ކޮންމެހެން ފަރުވާ ދޭންޖެހޭ މީހަކަށް ނުވަތަ ބަޔަކަށް ވަގުތުން ވަގުތަށް ބޭނުންވާ ބޭސް؛

(ރ) ކަސްޓަމްސް ސަރަހައްދުން ބޭރުގައި، މުދަލެއް ދޫކުރުމަށްޓަކައި ބަލައި ފާސްކުރަމުންދާއިރު އޭގެތެރެއިން ޑިއުޓީ ނުދައްކައިހުރި މުދަލެއް ފާހަގަކުރެވިއްޖަނަމަ، އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީ؛

(ބ) އާންމުކޮށް ހިދުމަތް ދޭ ވަގުތުތަކުގައި ފިޔަވައި އެހެން ވަގުތެއްގައި މުދާ ދޫކުރުމަށްޓަކައި ބަލައި ފާސްކުރަމުންދާއިރު އޭގެތެރެއިން ޑިއުޓީ ނުދައްކައި ހުރި މުދަލެއް ފާހަގަކުރެވިއްޖެނަމަ، އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީ؛

(ޅ) ދައުލަތުގެ އިދާރާއަކުން ގެންނަ މުދަލަކަށް ވަގުތުން ފައިސާ ދެއްކެން ނެތުން؛ މީގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ނުހިމެނޭނެއެވެ.

(ކ) ކަސްޓަމްސް ކަނޑައަޅާ އުސޫލެއްގެ ދަށުން މި ގަވާއިދުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިކޮނޮމިކް އޮޕަރޭޓަރ ނުވަތަ އޮތޮރައިޒްޑް ޓްރޭޑަރ ގެންނަ މުދާ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 131 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިއުޓީ ދެއްކުން ފަސްކޮށް ދެވޭ މުދަލަށް ޑިއުޓީ ދައްކަންޖެހޭ މުއްދަތު 131.

(ށ) ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ދެއްކުން ފަސްކޮށްދެވޭ މުދަލާއި، މި ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިއުޓީ ދެއްކުން ފަސްކުރެވޭ މުދަލުގެ ޑިއުޓީ، އެ މުދަލެއް ކަސްޓަމްސް އިން ދޫކުރާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކައި ނިންމަންވާނެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 132 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތަކަށް ކަސްޓަމްސްއިން ދެމުންގެންދާ ޑިއުޓީ ދެއްކުން ފަސްކޮށް މުދާ ދޫކުރުމުގެ ހިދުމަތް ވަގުތީ ގޮތުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މެދުކަނޑައިލެވޭނެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 133 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރާއްޖެއިން މުދާ އެކްސްޕޯޓްކުރުން 133.

(ހ) ރާއްޖެއިން މުދާ އެކްސްޕޯޓް ކުރެވޭނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން، މި ގަވާއިދުގެ 483 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދާ އެކްސްޕޯޓު ކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭރުކުރާ ފަރާތްތަކުން ވިޔަފާރީގެ ގޮތުގައި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ހުންނަންވާނީ، މުދާ އެކްސްޕޯޓްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ނަމުގައެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 134 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގުޑްސް ޑިކްލަރޭށަން ހުށަހަޅަންނުޖެހޭ މުދާ 134.

ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ރާއްޖެއިން އެކްސްޕޯޓް ކުރުމަށްޓަކައި، ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުންގެ އަމިއްލަ ބޭނުމަށް ގެންދެވޭ ތަކެތި؛
  2. ރާއްޖެއިން ބޭރަށް ފޮނުވޭ ކުދިކުދި ޕާރސަލް، ސާމްޕަލް ފަދަ ތަކެތި؛
  3. އަމިއްލަ ފަރުދުންގެ ޒާތީ ބޭނުންތަކަށް ގެންދާ މުދާ؛
  4. މަރުވެފައިވާ މީހުންގެ ހަށިގަނޑު؛
  5. ރާއްޖެއަށް މުދާ ގެންނަ، ހުސް ކޮންޓެއިނަރ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 137 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކްސްޕޯޓްކުރާ މުދަލުގެ މައުލޫމާތު ހުށަހެޅުން 137.

(ހ) ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން، އެ މުދަލެއްގެ ގުޑްސް ޑިކްލަރޭށަން ނިންމުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭށަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އެފް.އޯ.ބީ ޓާމުން އަގު ބަޔާންކުރާ ކޮމާށަލް އިންވޮއިސް؛
  2. ޕެކިންގ ލިސްޓު (ކޮންމެ ދާގީނާއެއްގައި ހިމެނޭ މުދަލުގެ ތަފުސީލާއި، ގްރޮސް ވެއިޓް އަދި ނެޓްވެއިޓް ވަކިން އެނގޭގޮތަށް)؛
  3. އެސް.އައި.ޑީ (ށިޕަރ އިންސްޓްރަކްށަން ފޮރ ޑިސްޕެޗް) ނުވަތަ ބުކިން ފޯމު؛
  4. ސަރުކާރުގެ އިދާރާއެއްގެ ހާއްސަ ހުއްދައެއްގެ ދަށުން އެކްސްޕޯޓްކުރެވޭ މުދަލެއްނަމަ އެ އިދާރާއެއްގެ ހުއްދަ އަދި ސެޓުފިކެޓުތައް.

(ނ) ރާއްޖެއިން އެކްސްޕޯޓް ކުރާއިރު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އެކްސްޕޯޓް ކުރުމަށް ހެލްތު ސެޓުފިކެޓު ބޭނުންވާނަމަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކުރާ ހެލްތު ސެޓުފިކެޓު؛
  2. މަސްވެރިކަމުގެ އެންމެހައި ކަންކަން ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ދޫކުރާ ކެޗް ސެޓުފިކެޓު.

(ރ) ދިރޭ ކުދިމަސް ނުވަތަ ފާނަ އެކްސްޕޯޓްކުރާނަމަ މި މާއްދާގެ (ށ) ގައިވާ ލިޔުންތަކުގެ އިތުރުން ޕްރޮފޯމާ އިންވޮއިސް ހުށަހަޅަންވާނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 138 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރީ-އެކްސްޕޯޓް މުދަލުގެ ޑިކްލަރޭށަން ހުށަހެޅުން 138.

(ހ) ރާއްޖެއިން މުދާ ރީ-އެކްސްޕޯޓް ކުރުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެގުޑްސް ޑިކްލަރޭށަނާއެކު މި ގަވާއިދުގެ 137 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކޮށްފައިވާ ރީ-އެކްސްޕޯޓް ކުރުމުގެ ހުއްދަ؛
  2. ރާއްޖެއިން ބޭރަށް ފުރާ އުޅަނދުފަހަރަށް ތެޔޮ ބަންކަރުކުރާނަމަ، އެ އުޅަނދަށް ބަންކަރު ކުރާ ތެލުގެ ރިޕޯޓު؛
  3. ސަރުކާރުގެ އިދާރާއެއްގެ ހާއްސަ ހުއްދައެއްގެ ދަށުން ރީ-އެކްސްޕޯޓްކުރެވޭ މުދަލެއްނަމަ އެ އިދާރާއެއްގެ ހުއްދަ ނުވަތަ ސެޓުފިކެޓު.

(ށ) ވިޔަފާރި އުސޫލުން ރީ-އެކްސްޕޯޓް ކުރާ މުދަލަށް ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2012-34 (މުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓްކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރޯޔަލްޓީ ދައްކަންވާނެއެވެ.

(ނ) ރާއްޖެއަށް ގެންނަ މުދާ ކަސްޓަމްސްއިން ކްލިއަރ ނުކޮށް، އެއްވެސް ސަބަބަކާހުރެ، އެ މުދާ ރާއްޖެއަށް ފޮނުވި ފަރާތް ނޫން އެހެން ފަރާތަކަށް ފޮނުވައިލަން ޖެހިއްޖެނަމަ، ގަވާއިދު ނަންބަރު 2012-34 (މުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި ރީ-އެކްސްޕޯޓްކުރުމުގެ ގަވާއިދު) ގައި ބަޔާންކުރާގޮތުގެ މަތިން އެ މުދަލަކާމެދު އަމަލު ކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 139 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަނބުރާ ފޮނުވައިލާ މުދަލުގެ ޑިކްލަރޭށަން ހުށަހެޅުން 139.

(ހ) ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލެއް އެކްސްޕޯޓްކުރާނަމަ، އެ މުދަލަކަށް ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ގުޑްސް ޑިކްލަރޭށަނުގައި، އެ މުދާ އިމްޕޯޓްކުރުމަށްޓަކައި ކަސްޓަމްސްއަށް ހުށަހެޅި ގުޑްސް ޑިކްލަރޭށަނުގެ ނަންބަރު ބަޔާންކުރަންވާނެއެވެ.

(ށ) ރާއްޖޭގައި ބޭނުން ކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓް ކޮށްފައިވާ މުދަލެއް އަނބުރާ ފޮނުވައިލާނަމަ، އެ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) ރާއްޖެއަށް ގެންނަ މުދާ ކަސްޓަމްސްއިން ކްލިއަރ ނުކޮށް، އެ މުދާ ފޮނުވި ފަރާތަށް އަނބުރާ ފޮނުވައިލާނަމަ، ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި ގުޑްސް ޑިކްލަރޭށަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ބިލް އޮފް ލޭޑިންގ (އިމްޕޯޓް ކުރަން ގެނައި މުދަލުގެ)؛
  2. ޑެލިވަރީ އޯޑަރ؛
  3. ކާގޯ އެޖެންޓުގެ ލިޔުމެއް.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 140 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަނބުރާ ގެންނަގޮތަށް އެކްސްޕޯޓްކުރާ މުދަލުގެ ޑިކްލަރޭށަން ހުށަހެޅުން 140.

(ށ) ރާއްޖެއަށް އަނބުރާ ގެންނަގޮތަށް މުދާ އެކްސްޕޯޓް ކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި ގުޑްސް ޑިކްލަރޭށަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މުދަލުގެ ކޮމާށަލް އިންވޮއިސް (މި އިންވޮއިސްގައި މުދަލުގެ އަގު ބަޔާންކުރަންވާނީ އެފް.އޯ.ބީ ޓާމުންނެވެ.)
  2. ޕެކިންގ ލިސްޓު (ކޮންމެ ދާގީނާއެއްގައި ހިމެނޭ މުދަލުގެ ތަފުސީލާއި، ގްރޮސް ވެއިޓް އަދި ނެޓްވެއިޓް ވަކިން އެނގޭގޮތަށް)؛

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 141 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކްސްޕޯޓްކުރާ މުދަލަށް އިނާޔަތް ހޯދުމަށް ބޭނުންވާ ލިޔުންތައް 141.

(ހ) ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން، ނުވަތަ ދިވެހި ސަރުކާރާ ބޭރުގައުމެއްގެ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓެއްގެ ދަށުން، ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލަށް ބޭރު ގައުމުތަކުން ހާއްސަ އިނާޔަތް ހޯދުމަށް ބޭނުންވާނަމަ، އެ މުއާހަދާއެއް ނުވަތަ އެގްރީމެންޓުގައި ބަޔާންކުރާ ލިޔުންތަކާ ގުޅުންހުރި އެހެނިހެން ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅައި އެންޑޯޒް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ގުޑްސް ޑިކްލަރޭށަނާއެކު ނުވަތަ މުދާ ބަލައި ފާސްކޮށް ނިމޭފަހުން ކަސްޓަމްސްއަށް ހުށަހެޅިނަމަވެސް އެފަދަ ލިޔުންތައް ކަސްޓަމްސްއިން އެންޑޯޒް ކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދޫކޮށް އަދި އެންޑޯޒް ކުރާ ސެޓުފިކެޓުތަކަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ފައިސާ ދައްކަންވާނެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 142 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްޔިތާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުން 142.

(ހ) މައްޔިތާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި، ކަސްޓަމްސް ވެބްސައިޓުގައި އާންމުކޮށްފައިވާ މައްޔިތާގެ ހަށިގަނޑު ރާއްޖެއިން ގެންދިއުމަށް އެދޭ ފޯމު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި އެ ހަށިގަނޑެއް ބޭރުކުރެވޭ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

  1. ޑެތް ސެޓުފިކެޓު؛
  2. ޕޮލިސް ރިޕޯޓު؛
  3. ޕާސްޕޯޓުގެ ކޮޕީ.

(ށ) މައްޔިތެއްގެ ހަށިގަނޑު ރާއްޖެއިން ގެންދިޔުމަށްޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހެޅުމުން، އެ ހަށިގަނޑަށް "ކޯޕްސް ރިލީޒް ޕާރމިޓް" ކަސްޓަމްސްއިން ދޫކުރަންވާނެއެވެ.

(ނ) މައްޔިތާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުމަށް ސިލް ޖަހަންވާނެއެވެ. މިގޮތުން ޖަހާ ސީލަށް ފީއެއް ނުނަގާނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުށަހަޅާ ލިޔުންތަކުގައި ހުންނަންވާނެ މައުލޫމާތު 145.

(ހ) ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ކޮމާށަލް އިންވޮއިސް އޮންނަންވާނީ އިނގިރޭސިބަހުންނެވެ. އަދި ކޮމާށަލް އިންވޮއިސްގައި ފައިސާގެ ކަރަންސީ ބަޔާންކޮށްފައި އޮންނަންވާނީ ކަސްޓަމްސްއިން ގަބޫލުކުރާކަމަށް އާންމުކޮށް ށާއިއު ކޮށްފައިވާ ބޭރު ފައިސާއަކުންނެވެ.

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 145 ވަނަ މާއްދާގެ (ނ) ފަހަތަށް (ރ) ގެ ގޮތުގައި އަންނިވިގޮތަށް އަކުރެއް އިތުރުކުރުން.

(ރ) މި ގަވާއިދުގެ 137 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕެކިންގ ލިސްޓު އޮންނަންވާނީ އިނގިރޭސިބަހުންނެވެ. މި ޕެކިންގ ލިސްޓުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވެފައި އޮންނަންވާނެއެވެ.

  1. މުދަލުގެ ތަފުސީލު؛
  2. ދާގީނާގެ ބާވަތް؛
  3. ދާގީނާގެ އަދަދު؛
  4. ދާގީނާގެ ނަންބަރު؛
  5. ކޮންމެ ދާގީނާއެއްގައި މުދާހުރިގޮތުގެ ތަފުސީލު؛
  6. ށިޕްމަންޓުގައި ހިމެނޭ ޖުމްލަ ދާގީނާގެ އަދަދު؛
  7. ށިޕްމަންޓުގައި ހިމެނޭ މުދަލުގެ ބަރުދަން އަދި ކިއުބިކް މީޓަރު.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 146 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކްސްޕޯޓްކުރާ މުދަލުގެ ސެޓުފިކެޓު އޮފް އޮރިޖިން 146.

ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ "ސެޓުފިކެޓު އޮފް އޮރިޖިން" ބޭނުންވާ ހާލަތްތަކުގައި، މި ގަވާއިދުގެ ޖަދުވަލު 36 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ސެޓުފިކެޓު ދޫކޮށްދޭންވާނެއެވެ.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 155 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަގު ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައި މުދާ ދޫކުރުން 155.

(ހ) މުދަލެއްގެ އަގު ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައާއި، އަދި އަގެއް ކަނޑައެޅުމަށް ދަތިވެ އެކަންކުރުމަށް އިތުރު ވަގުތު ބޭނުންވާ ހާލަތްތަކުގައި ކަސްޓަމްސްއިން އެ މުދަލުގެ ވަގުތީ އަގެއް ކަނޑައެޅުމުން، މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން އެ އަގުން ކަސްޓަމްސްއަށް ޑިއުޓީ ދެއްކުމުން ނުވަތަ އެ މުދަލުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނެކަމަށް ލަފާކުރެވޭ އަދަދުގެ ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމުން، "ޕްރޮވިށަނަލް ރިލީސް"ގެ ގޮތުގައި މުދާ ދޫކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 158 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ހުށަހެޅުން 158.

(ހ) ކަސްޓަމްސްއިން ކަނޑައަޅާ އަގާމެދު މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ، އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި އެ މުދަލެއް ކަސްޓަމްސްއިން ކްލިއަރ ކުރި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަސްޓަމްސް ވެލުއޭށަން ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 165 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑިކްލެއަރކުރި މުދަލުގެ ގިންތި އިސްލާހުކުރު 165.

(ހ) 2. މުދާ ގިންތިކޮށްފައިވަނީ ނުބައިކޮށްކަން ކަސްޓަމްސްއަށް ފާހަގަވުން.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 165 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ށ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މުދަލުގެ ގިންތި ކަމުގައި ވެދާނެކަމަށް ކަސްޓަމްސްއިން ކަނޑައަޅާ ޑިއުޓީގެ އިންސައްތަ އެންމެ މަތީ ގިންތިއަކުން ޑިއުޓީ ލިބިގަތުން ކަށަވަރުކުރުމަށްޓަކައި ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނެކަމަށް ލަފާކުރެވޭ އަދަދުގެ ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމުން ޕްރޮވިށަނަލް ރިލީސްގެ ގޮތުގައި މުދާ ދޫކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 165 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) 2. މުދާ ގިންތިކުރުމާ ގުޅޭގޮތުން ހެދޭ ލެބޯޓަރީ ތަހުލީލު ނުވަތަ ކަސްޓަމްސްއިން ގިންތިއާމެދު ގޮތެއް ނިންމުމަށް ކަނޑައަޅައިފައިވާ މުދަލެއްގެ ނަތީޖާއަށް ރިއާޔަތް ކުރުމަށްފަހު މުދަލުގެ ގިންތި ބަދަލުކުރަންޖެހުން.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 165 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ކަސްޓަމްސްއަށް ޑިކްލެއަރކުރި މުދަލުގެ ގިންތި އިސްލާހުކުރަންޖެހޭ ހާލަތްތަކުގައި އެ މުދަލަށް އިތުރަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ މައްސަލައެއް ފާހަގަކުރެވިގެން ކަސްޓަމްސްއިން އަންގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އެ ފައިސާއެއް ދައްކައި ނިންމަންވާނެއެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 165 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ކަސްޓަމްސްއަށް ޑިކްލެއަރކުރި މުދަލުގެ ގިންތި އިސްލާހުކުރަންޖެހޭ ހާލަތްތަކުގައި، އެ މުދަލަށް ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ވެރިފަރާތުން ފައިސާ ދައްކައިފައިވުމުން، އިތުރުވާ ފައިސާ އެ ފަރާތަށް ރިފަންޑް ކޮށްދޭންޖެހޭނަމަ، މި ގަވާއިދު 7 ވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން އެ ފަރާތަށް އެ ފައިސާ ރިފަންޑް ކޮށްދޭންވާނެއެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 165 ވަނަ މާއްދާގެ (ޅ) އުނިކުރުން.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 168 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

ގިންތިކުރުމަށް ވަގުތީގޮތުން މުދާ ހިފެހެއްޓުން 168.

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކާއި އެ މުދަލުގައި އެތަކެއްޗާބެހޭ މައުލޫމާތު ހިމެނިފައިނުވާނަމަ، އެ ތަކެތި ގިންތިކުރުމުގެ ގޮތުން ލެބޯޓްރީ ތަހުލީލުކުރުމަށްޓަކައި ނުވަތަ އެ މުދަލަކާމެދު ކަސްޓަމްސްއިން ވަކި ގޮތެއް ނިންމުމަށްޓަކައި ހިފެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާ މުދާ ވަގުތީގޮތުން ދޫކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެ މުދަލަކީ ހާއްސަ ހުއްދައެއް އޮވެގެން އެތެރެކުރެވޭ މުދަލެއްނަމަ، އެ ހުއްދަ އޮތުން؛
  2. އެ މުދަލެއްގެ ޑިއުޓީއާ އެއްވަރުގެ ސެކިއުރިޓީއެއް ބަހައްޓައިފައިވުން؛
  3. އެ މުދަލެއްގެ ބާވަތުން އެ މުދާ ދޫކުރުމަށް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ އެހެންވެސް ށަރުތެއްވާނަމަ، އެކަން ފުރިހަމަވެފައިވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަސްޓަމްސްގެ ފަރާތުންކުރާ ލެބޯޓްރީ ތަހުލީލުގެ ނަތީޖާއާމެދު މުދަލުގެ ވެރިފަރާތުން ހިތްހަމަ ނުޖެހޭނަމަ، ކަސްޓަމްސްއިން ގަބޫލުކުރާ ލެބޯޓްރީއެއްގެ ތަހުލީލީ ރިޕޯޓެއް ހުށަހެޅުމުގެ އިހްތިޔާރު އެ ފަރާތަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 170 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެޑްވާންސް ރޫލިންގ 170.

(ހ) ރާއްޖެއަށް މުދަލެއް އިމްޕޯޓްކުރުމުގެ ކުރިން، ނުވަތަ ރާއްޖެއިން މުދަލެއް އެކްސްޕޯޓްކުރުމުގެ ކުރިން، އެ މުދަލެއްގެ ގިންތި އަދި އޮރިޖިން ހޯދަން އެދޭ ހާލަތުގައި އެކަމަށް ބޭނުންވާ މައުލޫމާތު އެ ފަރާތުން ފޯރުކޮށްދީފައިވާނަމަ، އެ މައުލޫމާތު ކަސްޓަމްސްއަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކަމަކާމެދު ކަސްޓަމްސްއިން އަމަލުކުރާނެގޮތް ލިޔުމުން އެ ފަރާތަށް ދޭންވާނެއެވެ. އަދި އެއީ އޭގެ މައްޗަށް ގާނޫނީގޮތުން އަމަލުކުރެވޭނެ ނިންމުމަކަށްވެސް ވާންވާނެއެވެ.

(ށ) ކަސްޓަމްސްއިން ނިންމާ އެޑްވާންސް ރޫލިންގގެ ނިންމުންތަކަކީ ގާނޫނީގޮތުން އެއަށް އަމަލުކުރެވޭނެ ނިންމުންތަކެކެވެ.

(ނ) މި މާއްދާގެ ދަށުން އެޑްވާންސް ރޫލިންގ ދިނުމާ ގުޅޭގޮތުން އަމަލު ކުރާނެ އުސޫލު ކަސްޓަމްސްއިން އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 172 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިސާ ދެއްކުން 172.

(ހ) ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ، ދިވެހިފައިސާއިންނެވެ. މިގޮތުން ދިވެހިފައިސާގެ އެކައުންޓްތަކުގެ ޗެކުން ދައްކާ ފައިސާ ކަސްޓަމްސްއިން ބަލައިގަނެވޭނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ވަސީލަތް ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކަށް އެ ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަނެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ފައިސާ ބަލައިގަތުމަށް ހާއްސަ އުސޫލެއް ކަނޑައަޅައިފައިވާނަމަ އެ ގޮތަކަށް އަމަލު ކުރުމަށް އިސްކަންދެވޭނެއެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 173 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަސްޓަމްސްގައި އެކައުންޓް ހުޅުވުން 173.

(ހ) މުދަލުގެ ޑިއުޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ކަސްޓަމްސްއަށް ފައިސާއެއް ދައްކަންޖެހިއްޖެނަމަ، ދައްކަންޖެހޭ ފައިސާ އެ ފަރާތެއްގެ ނަމުގައި ވަކި އެކައުންޓެއް (ޕްރީޕޭމަންޓް އެކައުންޓް) ކަސްޓަމްސްގައި ހުޅުވައި، އެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރީޕޭމަންޓް އެކައުންޓުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ ހިސާބު ބަލަހައްޓާނީ ކަސްޓަމްސްގައި ގާއިމުކުރެވިފައިވާ ސިސްޓަމުންނެވެ. އަދި އެކައުންޓުގެ ތަފުސީލު ވެރިފަރާތަށް ބެލޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޗެކުން ފައިސާ ދެއްކުން 174.

(ހ) ކަސްޓަމްސްއަށް ޗެކުން ފައިސާ ދައްކާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ. މި ކަންތައްތައް ފުރިހަމަނުވާ ޗެކު ބަލައެއްނުގަނެވޭނެއެވެ.

  1. ޗެކުން ފައިސާ ދައްކާއިރު ޗެކު އެޑްރެސް ކޮށްފައި އޮންނަންވާނީ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.
  2. ކަސްޓަމްސްއަށް ޗެކުން ފައިސާ ދައްކާނަމަ، ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ފުރިހަމަކުރުމަށްފަހު، ފައިސާ ދައްކާނެ އެކައުންޓުތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. ކަސްޓަމްސްއިން ބަލައިގަންނަންވާނީ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އެކައުންޓުތަކުގެ ޗެކެވެ. މިގޮތުން ޗެކް ދޫކުރާ ފަރާތާއި މުދާ އިމްޕޯޓްކުރާ ފަރާތް ތަފާތުވާނަމަ، ރަޖިސްޓަރީ ކޮށްދެވޭނީ ޗެކް ދޫކުރާ ފަރާތާއި މުދާ އިމްޕޯޓްކުރާ ފަރާތާ ދެމެދު ވިޔަފާރީގެ މަސްލަހަތު އޮންނަ ނަމައެވެ. މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރީގެ މަސްލަހަތު އޮންނަކަމުގައި ބަލާނީ ގުރޫޕް އޮފް ކޮމްޕެނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ހޯލްޑިންގ ކުންފުނިތަކާއި ސަބްސިޑަރީ ކުންފުނިތަކެވެ.
  3. ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކަސްޓަމްސްގެ މެދުވެރިން ހުށަހަޅާ ޑިކްލަރޭށަނަށް ކަސްޓަމްސްގެ މެދުވެރިއެއްގެ ޗެކު ބަލައިގަނެވިދާނެއެވެ. މިގޮތުން ބަލައިގަނެވޭ ޗެކަކާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ކަސްޓަމްސްގެ މެދުވެރިން ނަގަންވާނެއެވެ.
  4. އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ނަމުގައި އޮންނަ ބޭންކް އެކައުންޓެއް ނަމަ، ޗެކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުން ހަމައަށް ސޮއިކޮށް ޗެކު ކްރޮސްކޮށްފައި އޮންނަންވާނެއެވެ.
  5. ޗެކުގައި ލިޔެފައިވާ ލިޔުމެއް ކަނޑައި ނުވަތަ ފަވާފައިވާނަމަ، އެ ތަނެއް ސާފުކޮށް ފެންނާނެހެން އެ ކެނޑި ނުވަތަ ފެވި ތަނެއް އަލުން ލިޔެ އެކައުންޓުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތްތަކުން ހަމައަށް ސޮއި ކުރަންވާނެއެވެ.
  6. ޗެކުގެ ވެރިފަރާތުގެ ފުރިހަމަ މައުލޫމާތު ޗެކުގެ އަނެއް ފަރާތުގައި ލިޔަންވާނެއެވެ. މިގޮތުން ޗެކުގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތްތަކުގެ ފުރިހަމަ ނަން، އައި.ޑީ.ކާޑުގެ ނަންބަރު، ދާއިމީ އެޑްރެސް، އެއިރެއްގައި އުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައި ވިޔަސް ކަސްޓަމްސްއިން ކަނޑައަޅާ ނިޒާމުގެ ތެރެއިން ކަސްޓަމްސްއަށް ފާހަގަ ކުރެވޭ ފަރާތްތަކުގެ ޗެކު ބަލައިނުގަތުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 175 އާއި 176 އަދި 177 ވަނަ މާއްދާ އުނިކުރުން.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 178 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޗެކު ބައުންސްވުން 178.

(ހ) ކަސްޓަމްސްއަށް ދައްކައިފައިވާ ޗެކެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރެވޭ ފަހުން އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ އަތުވެއްޖެނަމަ، ޗެކުގެ ވެރިފަރާތަށް އެކަން ކަސްޓަމްސްއިން އަންގާ ވަގުތުން ފެށިގެން ލަސްވެގެން ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޗެކުގައިވާ އަދަދަށް ފައިސާ ދައްކައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަނބުރާ އަންނަ ޗެކަށް ފައިސާ ބަލައިގަނެވޭނީ ނަގުދުފައިސާއިން ނުވަތަ ޑެބިޓް /ކްރެޑިޓް ކާޑުން ނުވަތަ ބޭންކުގެ ކޭށިއަރ ޗެކަކުން ނުވަތަ އޮންލައިން ޕޭމަންޓް މެދުވެރިކޮށެވެ.

(ނ) ކަސްޓަމްސްއަށް ދައްކައިފައިވާ ޗެކެއް އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަނބުރާ އަންނަ ހާލަތްތަކުގައި، އެ ޗެކް އަނބުރާ އައީ ޗެކުގެ ވެރިފަރާތުގެ އިހުމާލުން ނޫންކަން ބޭންކު މެދުވެރިކޮށް ވެރިފަރާތުން ސާބިތުކޮށްދީފިނަމަ، އެ ފަރާތުގެ ޗެކު ބަލައިގަނެވޭނެއެވެ.

(ރ) ކަސްޓަމްސްއަށް ހުށަހަޅާ ޗެކެއް އެއްވެސް ސަބަބަކާހުރެ އަނބުރައި ލިބިއްޖެނަމަ، އެ ޗެކް ދޫކުރި ފަރާތުގެ ނުވަތަ މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް ހުށަހަޅާ އިތުރު ޗެކް ގަބޫލު ނުކުރުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 179 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިސާ ދެއްކުމަށް އެންގުން 179.

އެއްވެސް ސަބަބަކާހުރެ ކަސްޓަމްސްއަށް ދައްކައިފައިވާ ޗެކެއް އަނބުރާ ލިބިއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެންގުމުން، ބެލެވޭނީ އެ އެންގުން އެ ފަރާތަށް ރައްދުވީކަމުގައެވެ.

  1. ޗެކުގެ ވެރިފަރާތަށް ލިޔުން ހަވާލުކޮށްގެން؛
  2. ޗެކް ހުށަހެޅި މަރުހަލާގައި، ޗެކުގެ ވެރިފަރާތުން މުއާމަލާތް ކުރުމަށް ދީފައިވާ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވުން؛
  3. ޗެކް ހުށަހެޅި މަރުހަލާގައި، ޗެކުގެ ވެރިފަރާތުން މުއާމަލާތް ކުރުމަށް ދީފައިވާ އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފޮނުވުން؛
  4. ރެޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ޗެކުގެ ވެރިފަރާތުގެ ދާއިމީ އެޑްރެހަށް ޕޯސްޓްކުރުން.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 180 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިސާގެ ރަސީދު 180.

ކަސްޓަމްސްއަށް ފައިސާއެއް ބަލައިގެންފިނަމަ، އެ ފައިސާއެއް ބަލައިގަތްކަމުގެ ރަސީދެއް، ފައިސާ ދެއްކި ފަރާތަށް ދޫކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 181 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިލް ހެދުން 181.

(ހ) ކަސްޓަމްސްއަށް އަގު ލިބޭގޮތަށް ކުރާކަމަކަށް ވަގުތުން ފައިސާ ނުނަގައި، ފަހުން ފައިސާ ދައްކާގޮތަށް ނުވަތަ އެއްވެސް ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ އެހެނިހެން ފައިސާ ފަހުން އަދާކުރާގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމްސްއަށް ބިލް ހަދައިދެވިދާނެއެވެ.

(ށ) ކަސްޓަމްސްއިން ހަދާ ބިލް ހަވާލުކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ފައިސާ ދައްކަންވާނެއެވެ. 14 (ސާދަ) ދުވަސް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލިބެންޖެހޭ ފައިސާއެއް ނުނަގާގޮތަށް ހަމަޖެއްސުން 182.

ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާއެއް ނުނަގާގޮތަށް ހަމަޖެއްސޭނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 183 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފިޔަވަޅު އެޅުން 183.

(ހ) ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއް ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތެއްގައި ނުދައްކައި ހުންނަ މައްސަލަތަކުގައި، އެ ފަރާތަކަށް ހިދުމަތްދިނުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިން ވަގުތީގޮތުން މެދުކަނޑައިލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަސްޓަމްސްއިން ދެމުންގެންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑައިލުމަށްފަހު، އެ ފަރާތަކަށް އަލުން ހިދުމަތް ދެވޭނީ، އެ ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުސޫލުން ދެއްކުމުންނެވެ.

(ނ) ކަސްޓަމްސްއަށް ދައްކައިފައިވާ ޗެކެއް އެއްވެސް ސަބަބަކާހުރެ އަނބުރާ ލިބިއްޖެނަމަ، މި ގަވާއިދުގެ 19 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ރ) ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އަޅާ ފިޔަވަޅުތަކުގެ ރިކޯޑު ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ހަތްވަނަ ބައިގެ ދެވަނަ ބާބު އަންނަނިވިގޮތަށް އިސްލާހު ކުރުން.

ދެވަނަ ބާބު

ކަސްޓަމްސްއަށް ދައްކައިފައިވާ ފައިސާ ރިފަންޑުކުރުން

 

ރިފަންޑްކުރުން 184.

(ހ) ކަސްޓަމްސްއަށް ދައްކައިފައިވާ ފައިސާ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ ފައިސާދެއްކި ފަރާތަކަށް ކަސްޓަމްސްއިން ރިފަންޑް ކޮށްދޭންވާނެއެވެ.

  1. މުދާ ބަލައި ފާސްކުރުމުގައި ޑިކްލަރޭށަނަށްވުރެ މުދާ މަދުވުން؛
  2. ޑިކްލަރޭށަނަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ޑިއުޓީއަށް ދައްކައިފައިވާ ފައިސާ އަނބުރާ ދޭންޖެހުން
  3. މުދަލުގެ އަގު އިސްލާހު ކުރުމުގެ ސަބަބުން ޑިއުޓީއަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކިފައި ހުރުން؛
  4. ގެއްލުން ލިބުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ނުވަތަ ކްލިއަރ ނުކޮށް މުދާ ދޫކޮށްލުމުގެ ސަބަބުން ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލުން؛
  5. ކަސްޓަމްސްއިން ކުރާ އޯޑިޓަކުން ފާހަގަކުރެވިގެން ފައިސާ އަނބުރާ ދޭންޖެހުން؛
  6. ކަސްޓަމްސްއަށް ދައްކައިފައިވާ ފައިސާއެއް ރިފަންޑުކުރުމަށް ކޯޓަކުން ނިންމުން.
  7. ފައިސާ ދައްކައިފައިވާ ޑިކްލަރޭށަނެއް ކެންސަލްކުރުމުން ރިފަންޑް ދޭންޖެހުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ރިފަންޑް ފައިސާ ހޯދުމަށް އެދި އެ ފައިސާ ދެއްކި ފަރާތުން ކަސްޓަމްސްއަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ރިފަންޑްގެ ގޮތުގައި ދެވޭ ފައިސާގެ ތަފްސީލާއި ރިފަންޑް ދެވޭ ސަބަބު ބަޔާންކޮށް އެފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

އަނބުރާ ފޮނުވައިލާ މުދަލުގެ ރިފަންޑް ދޫކުރުން 185.

ކަސްޓަމްސްއަށް އިމްޕޯޓް ޑިއުޓީ ދައްކައިފައިވާ މުދަލެއް، ހަލާކުވެގެން ނުވަތަ ޑިފެކްޓެއް ހުރުމުން ނުވަތަ އޯޑަރކުރި މުދަލުގެ ސްޕެސިފިކޭށަނާއި ދިމާނުވުމުގެ ސަބަބުން އަނބުރާ ރާއްޖެއިން ފޮނުވައިލާނަމަ، އެ މުދަލުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މުދަލަށް ދައްކައިފައިވާ އިމްޕޯޓް ޑިއުޓީއަށްވާ ފައިސާ ރިފަންޑް ކުރެވޭނެއެވެ.

  1. ރާއްޖެއަށް އިމްޕޯޓްކުރިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރާއްޖެއިން ފޮނުވައިލާ މުދަލަކަށްވުން؛
  2. ދެނެގަނެވޭނެ ގޮތަށްހުރި މުދަލަކަށްވުން؛
  3. މުދާ ފޮނުވި ފަރާތް ނުވަތަ ސަޕްލަޔަރ ކަނޑައަޅާ ފަރާތަކަށް އަނބުރާ ފޮނުވައިލި މުދަލަކަށްވުން؛
  4. މުދަލުގެ ޑިފެކްޓް ދެނެގަތުމަށް ކޮންމެހެން ބަލަންޖެހޭ ބެލުމެއް ފިޔަވައި އެ މުދަލުގެ ޒާތަށް ބަދަލު ގެނެސްފައި ނުވުން.

 

ރިފަންޑް ދޭންޖެހޭކަމަށް ފައިސާ ދެއްކި ފަރާތަށް ގަބޫލުކުރެވުން 186.

(ހ) މި ގަވާއިދުގެ 185 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ކަސްޓަމްސްއަށް ދައްކައިފައިވާ ފައިސާއެއް ރިފަންޑު ކުރަންޖެހޭކަމަށް، އެ ފައިސާ ކަސްޓަމްސްއަށް ދެއްކި ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ފައިސާއެއް ކަސްޓަމްސްއަށް ދެއްކި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފައިސާއެއް ހޯދުމަށް އެ ފަރާތަކުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) ޑިއުޓީ ދައްކައިފައިވާ މުދަލެއްގެ ޑިއުޓީ މާފުވެއްޖެނަމަ، އެ ފައިސާއެއް ހޯދުމަށް އެދި ޑިއުޓީ މާފުވި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތަކުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލަ ބެލުމަށްފަހު، އެ ފަރާތަކަށް އެއްވެސް ފައިސާއެއް ރިފަންޑް ކޮށްދޭންޖެހޭނަމަ، އެ މައްސަލަ ކަސްޓަމްސްއަށް ހުށަހެޅި ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަކޮށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމަށްފަހު، އެ ލިޔުމުގެ ޑޮކިއުމަންޓް ނަންބަރު އެ ފަރާތަކަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ޕްރީޕޭމެންޓް އެކައުންޓުން ދައްކައިފައިވާ ފައިސާ ރިފަންޑު ކުރުމުގައި (ނ) ގައިވާ މުއްދަތަކަށް ނުބެލެވޭނެއެވެ.

 

ރިފަންޑް ފައިސާ ދޫކުރުން 187.

(ހ) ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދޭންޖެހޭ ރިފަންޑް ފައިސާ، އެ މައްސަލައެއް ފާހަގަކުރެވޭ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަކޮށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމަށްފަހު، އެ ލިޔުމުގެ ޑޮކިއުމަންޓް ނަންބަރު އެ ފަރާތަކަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ކަސްޓަމްސްގައި ޕްރީޕޭމަންޓް އެކައުންޓު ހުޅުވައިފައިވާ ފަރާތްތަކުން ކަސްޓަމްސްއަށް ދައްކައިފައިވާ ފައިސާއެއްގެ ރިފަންޑް ކޮށްދޭންޖެހޭނަމަ، އެ ފައިސާ، އެ ފަރާތުގެ ޕްރީޕޭމަންޓު އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.

(ނ) ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދޭންޖެހޭ ރިފަންޑު ފައިސާ ދޫކުރާނީ، ދިވެހިފައިސާއިންނެވެ.

(ރ) އެއްވެސް ފަރާތަކަށް ފައިސާއެއް ރިފަންޑް ކޮށްދޭން ނިންމައިފިނަމަ، ރިފަންޑުގެ ގޮތުގައި ދެވޭ ފައިސާގެ ތަފުސީލާއި ރިފަންޑް ދެވޭ ސަބަބު ބަޔާންކޮށް އެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

ރިކޯޑު ބެލެހެއްޓުން 188.

ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދެވޭ ރިފަންޑް ފައިސާގެ ރިކޯޑު ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

 

ޒިންމާއަށް ބަދަލު ނައުން 189.

ކަސްޓަމްސްއިން ވަކި ފަރާތަކަށް އަނބުރާ ދޭންޖެހޭ ރިފަންޑް ފައިސާއެއް އޮތްކަމުގައިވީނަމަވެސް، އެހެން މުއާމަލާތެއްގައި އެ ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ނުވަތަ އެނޫންވެސް ފައިސާއެއް ދެއްކުމަށް އެ ފަރާތަށް އޮތް ޒިންމާއަކަށް ބަދަލެއް ނާންނާނެއެވެ.

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 190 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން އަދި ބުނެވިދިޔަ ގަވާއިދުގެ ހަތްވަނަ ބައިގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވިގޮތަށް އިސްލާހުކުރުން.

ތިންވަނަ ބާބު

މުދަލުގެ ސެކިއުރިޓީ ބެހެއްޓުމާއި ފީ ނެގުން

 

ސެކިއުރިޓީ ބެހެއްޓުން 190.

(ހ) ތިރީގައިވާ ހާލަތްތަކުގައި މުދަލެއް ދޫކުރުމުގެ ކުރިން އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީއާ އެހެނިހެން ފައިސާއާ އެއްވަރުގެ ސެކިއުރިޓީއެއް ކަސްޓަމްސްގައި ބެހެއްޓުމަށް އެންގުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި މިފަދައިން ބަހައްޓާ ސެކިއުރިޓީއެއްގެ ބޭނުން ނިމުމުން ކަސްޓަމްސްއިން ކަނޑައަޅާ އުސޫލުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ފައިސާ އެ ފަރާތަށް އަނބުރާ ރައްދުކުރަންވާނެއެވެ.

  1. މުދާ ގިންތިކުރުމާއި ތަހުލީލު ކުރުމަށް ނަގާ ސާމްޕަލްގެ ނަތީޖާ ލިބުމުގެ ކުރިން މުދާ ދޫކުރުން؛
  2. މުދަލުގެ ގިންތި ކަނޑައެޅުމަށް ނުވަތަ މުދަލުގެ އަގު ކަނޑައެޅުމުގެ މައްސަލަތަކުގައި، އެ މައްސަލަތައް ނިމުމުގެ ކުރިން މުދާ ދޫކުރުން؛
  3. ވަގުތީގޮތުން ޑިކްލަރޭށަން ނިންމައި މުދާ ދޫކުރުން؛
  4. ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ވަގުތީގޮތުން އިމްޕޯޓްކުރާ މުދަލުގެ ކަސްޓަމްސްއިން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާގޮތުގެ މަތީން؛
  5. މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމަށް ކަސްޓަމްސްއިން ކަނޑައަޅާ އެހެނިހެން ހާލަތްތަކުގައި މުދާ ދޫކުރުން؛

(ށ) ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމުގައި ތިރީގައި ބަޔާންކުރާ ގޮތްތަކުންކުރެ ގޮތަކަށް ކަސްޓަމްސްގައި ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓިދާނެވެ.

  1. ބޭންކުގެ ކޭށިއަރ ޗެކް ހުށަހެޅުން؛
  2. ޑިޕޮޒިޓް ފައިސާ ބެހެއްޓުން؛
  3. ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފައިނޭންށިއަލް އިންސްޓިޓިއުޓެއްގެ ސެކިއުރިޓީ ގެރެންޓީ ހުށަހެޅުން؛

(ނ) ކަސްޓަމްސްއިން ހިދުމަތް ލިބިގަތުމަށް ބަހައްޓާ ސެކިއުރިޓީ ޑިޕޮޒިޓް، ކަސްޓަމްސްގެ ކޮންމެ އޮފީހަކުންވެސް ހިދުމަތް ލިބިގަތުމަށް ބޭނުންކުރެވިދާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓް، ދައުލަތުގެ އިދާރާތަކާއި، ސަތޭކަ ޕަރސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ބ) މި ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މި މާއްދާގައި ބުނާ ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމުން އިސްތިސްނާވާނެއެވެ.

 

62 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 192 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޯސްޓް ކްލިއަރެންސް އޯޑިޓް 192.

(ހ) ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މުދަލާ ގުޅިގެން، އެ މުއާމަލާތްތައް ފުރިހަމަވުމަށްފަހުގައި އެ މުދަލަކާގުޅޭ ލިޔެކިޔުންތައް ކަސްޓަމްސްއިން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ޕޯސްޓް ކުލިއަރެންސް އޯޑިޓްކުރެވިދާނެއެވެ. ޕޯސްޓް ކުލިއަރެންސް އޯޑިޓް ކުރުމަށް ކަސްޓަމްސްއަށް ބޭނުންވާ ލިޔެކިޔުންތައް، އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ފަރާތުން ނުވަތަ އެ މުދާ ރާއްޖެއިން އެކްސްޕޯޓްކުރި ފަރާތުން އަދި ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާ ގުޅުންހުރި އެއްވެސް މުއާމަލާތެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަ އެކްސްޕޯޓް އިމްޕޯޓް މުއާމަލާތްތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް، ކަސްޓަމްސްއަށް ހާމަކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައި "ޕޯސްޓް ކްލިއަރެންސް އޯޑިޓް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާ ގުޅިގެން، ކަސްޓަމްސްއިން ފުރިހަމަކޮށްފައިވާ މުއާމަލާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާ ބެހޭގޮތުން ކަސްޓަމްސްއަށް ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ބެލުމުގެ ގޮތުންނާއި، އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ އިޖުރާއަތު ފުރިހަމަ ކުރެވިފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި އެކަމެއް ރައްދުވާ ފަރާތުގެ ގުޅުންހުރި ރެކޯޑުތަކާއި ވިޔަފާރި ވައްޓަފާޅިއާއި ވިޔަފާރިއާ ގުޅުންހުރި ލިޔުންތަކާއި މައުލޫމާތުގެ އަލީގައި ކުރެވޭ އޮޑިޓަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޯޑިޓް ކުރުމުގެ ބޭނުމަށް އެ ފަރާތްތަކުން ބޭނުންކުރަމުންދާ ސިސްޓަމްތަކާއި އިލްކްޓްރޯނިކް ވަސީލަތްތައް ބެލުމުގެ އިންތިޒާމު އެ ފަރާތްތަކުން ހަމަޖައްސައިދޭންވާނެއެވެ.

 

63 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 222 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ދިވެހިރާއްޖޭގައި، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރެވޭނީ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ.

 

64 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 230 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ފަހަތަށް 4 ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވިގޮތަށް ނަންބަރެއް އިތުރުކުރުން.

ލައިސަންސް ބާތިލުކުރުމާއި ހިފެހެއްޓުން 230.

4. އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އުޅަނދުފަހަރުގެ އެޖެންޓުގެ ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުން.

 

65 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 264 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްއިން މުދާ އިމްޕޯޓްކުރުން 264.

(ހ) ބޮންޑެޑް ވެއަރހައުސްއިން މުދާ އިމްޕޯޓް ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި ބޮންޑެޑް ވެއަރހައުސްއިން ނެރޭ މުދަލަށް، މި ގަވާއިދުގެ ބަޔާންކުރާ ގޮތުގެ މަތިން، ބޮންޑަށް މުދާ ވައްދާ މަރުހަލާގައި ކަނޑައަޅައިފައިވާ އަގުން އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ.

  1. މި ގަވާއިދުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގުޑްސް ޑިކްލަރޭށަން؛
  2. މުދަލުގެ އެފް.އޯ.ބީ ޓާމުން ބަޔާންކޮށްފައިވާ އިންވޮއިސް؛
  3. ބަނގުރަލާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެތި ނަމަ، މުދަލުގެ ޕާޗޭސް އޯޑަރ؛
  4. ބަނގުރަލާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެތި ނަމަ، އެފަދަ ތަކެތި އިމްޕޯޓް ކުރުމާއި ވިއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކޮށްފައިވާ ހުއްދަ.

 

66 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 268 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދާ ބަދަލުކުރުން 268.

(ހ) އެއް ބޮންޑެޑް ވެއަރހައުސްއިން އަނެއް ބޮންޑެޑް ވެއަރހައުސްއަށް މުދާ ބަދަލުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.

  1. އެއް ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައި ހުންނަ ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސްއަކުން އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކޮމާށަލް ބޮންޑެޑް ވެއަރހައުސްއަކަށް ނުވަތަ ކޮމާށަލް ބޮންޑެޑް ވެއަރހައުސްއަކުން ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސްއަކަށް؛
  2. އެއް ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައި ހުންނަ ބޮންޑެޑް ވެއަރހައުސްއަކުން އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބޮންޑެޑް ވެއަރހައުސްއަކަށް މުދާ ބަދަލުކުރުން.

(ށ) މި މާއްދާގައި (ހ) އެހެން އޮތް ކަމުގައިވީނަމަވެސް ޑިއުޓީ ފްރީ ބޮންޑެޑް ވެއަރހައުސްއަކުން ކޮމާށަލް ބޮންޑެޑް ވެއަރހައުސްއަކަށް މުދާ ބަދަލުކުރާ ހާލަތުގައި، އެ މުދަލަކީ ދައުލަތުގެ އިދާރާއަކުން ހުއްދަ ހޯދައިގެން ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލެއްނަމަ، މުދާ ޓްރާންސްފަރ ކުރެވޭ ކޮމާށަލް ބޮންޑެޑް ވެއަރހައުސްއަކީ ހުއްދަ އޮތް ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ނ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ޓްރާންސްފަރ ކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން ފޯމު؛
  2. މުދަލުގެ އިންވޮއިސް؛
  3. މި މާއްދާގެ ދަށުން މުދާ ޓްރާންސްފަރ ކުރުމުގައި އެ މުދަލުގެ އޯނަރށިޕް ބަދަލުވާ ހާލަތުގައި، އެކަން އެނގޭނެ ލިޔުން.

(ރ) ޑިއުޓީ ހިލޭ ފިހާރަތަކަށް ވައްދާފައި ހުންނަ މުދާ އެއްވެސް ސަބަބަކާހުރެ އަނބުރާ ބޮންޑެޑް ވެއަރހައުސްއަކަށް ނުވެއްދޭނެއެވެ.

 

67 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ކ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލަށް ޑިއުޓީ ދެއްކުން 270.

(ކ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާ މުދާ، އެ ތަނުން ނުނެރެ 2 (ދޭއް) އަހަރުދުވަސް ހަމަވެއްޖެނަމަ، މި ގަވާއިދުގެ 276 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މުދަލާމެދު އަމަލު ކުރެވޭނެއެވެ.

 

68 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ވ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މުއްދަތު ހަމަވުން ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވުމުގެ ސަބަބުން ފިޔަވައި، އެހެން ސަބަބާކާހުރެ ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ކަސްޓަމްސް ބެލުމުގެ ދަށުން ނައްތައިލާނަމަ، އެ މުދަލަށް ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެ ތަކެތި ނައްތައިލުމަށްޓަކައި ކުރަންޖެހޭ ހަރަދުތައް ކުރުމަކީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

69 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 276 ވަނަ މައްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްއަށް ވައްދާފައި ހުންނަ މުދާ ނުނެރެ ބެހެއްޓޭނެ މުއްދަތު 276.

(ހ) ބޮންޑެޑް ވެއަރހައުސްއަށް ވައްދާފައި ހުންނަ މުދަލެއް، ބޮންޑެޑް ވެއަރހައުސްއިން ނުނެރެ ބެހެއްޓޭނީ ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާ ގެ (ހ) ގައި އެހެން އޮތް ކަމުގައިވިޔަސް، ބޮންޑެޑް ވެއަރހައުސްގައި ހުރި މުދަލެއް، ނުނެރެ 2 (ދޭއް) އަހަރުދުވަސް ހަމަވުމުން މުއްދަތު އިތުރުކޮށް ދިނުމަށް އެދި އެކަށީގެންވާ ސަބަބެއް ބަޔާންކޮށް ލިޔުމުން ހުށަހަޅައިފިނަމަ، އެ ސަބަބުތަކަށް ރިއާޔަތްކުރުމަށްފަހު މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޮންޑެޑް ވެއަރހައުސްގައި މުދާ ބެހެއްޓުމަށް އިތުރުކޮށްދީފައިވާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން، ބޮންޑެޑްވެއަރހައުސްގައި ބެހެއްޓިފައި ހުންނަ މުދާ އިމްޕޯޓް ކުރުމަށް ނުވަތަ ރާއްޖެއިން ބޭރު ކުރުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި އެ މުދަލާމެދު އެގޮތުގެމަތިން އަމަލުނުކޮށްފިނަމަ، މި ގަވާއިދުގެ 14 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

70 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 312 ވަނަ މާއްދާގެ (އ) އަންނަނިވިގޮތަށް އިސްލާހުކުރުން.

މީހުންނާއި ތަކެތި ބަލައި ފާސްކުރުމުގައި ކަސްޓަމްސްއަށް ލިބިފައިވާ އިހުތިޔާރު 312.

(އ) ކަސްޓަމްސްއިން ކުރާ ތަހުގީގަކާ ގުޅުންހުރި ނުވަތަ ތަހުގީގަކާ ގުޅޭގޮތުން، ބަލައި ފާސްކުރުމަށް ބޭނުންވާ ތަކެއްޗާއި މީހުންނާއި އެ މީހުންގެ އަތުގައި ނުވަތަ އެ މީހުންގެ ބެލުމުގެ ދަށުގައި ނުވަތަ އެ މީހުންގެ ހަވާލުގައި ހުންނަ އެންމެހައި ތަކެތި ބަލައި ފާސްކުރުން.

 

71 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 314 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ގެއްލުމުގެ ބަދަލު ދިނުން 314.

(ރ) މި ގަވާއިދުގެ 312 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވާ ހާލަތުގައި ކަސްޓަމްސްގެ އޮފިސަރަކު އެއްޗެއް ހަލާކުކޮށްގެން ބަލައި ފާސްކުރުމުގެ ތެރޭގައި ގާނޫނާއި ގަވާއިދުގައި ރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗަކަށް ލިބުނު ގެއްލުމުގެ ބަދަލު ވެރިފަރާތަށް ކަސްޓަމްސްއިން ދޭކަށް ނުޖެހޭނެއެވެ.

(ބ) މި ގަވާއިދުގެ 312 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން އެއްޗެއް ނުވަތަ މުދަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގާނޫނާއި ގަވާއިދުގައި ރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ އެއްޗެއް ފެނިފައިނުވާ ހާލަތެއްގައި، ކަސްޓަމްސްގެ އިހުމާލުން އެއްޗަކަށް ނުވަތަ މުދަލަކަށް ގެއްލުން ލިބިއްޖެނަމަ، އެ ގެއްލުމުގެ ބަދަލު ވެރިފަރާތަށް ކަސްޓަމްސްއިން ދޭންވާނެއެވެ.

 

72 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 327 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

މުދާ ދޫކުރުން 327.

(ރ) ދިވެހިރާއްޖެއަށް މުދަލެއް އެތެރެކުރުމާ ބެހޭގޮތުން ސަރުކާރުގެ އެހެން އިދާރާއަކުން ވަކި މިންގަނޑެއް މުދަލުގައި ހުރުމަށް ލާޒިމުކުރާނަމަ، އެފަދަ މުދަލެއް ދޫކުރެވޭނީ، އެ މިންގަނޑާ އެއްގޮތަށް މުދާ ހުރިތޯ ޔަގީން ކުރުމަށް ފަހުގައެވެ.

 

73 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 335 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

މުދާ ބަލައި ފާސްކުރުމުގެ އުސޫލު 335.

(ބ) ކަސްޓްމްސްގެ ކޮންޓްރޯލް ސަރަހައްދު ފިޔަވައި އެހެނިހެން ތަންތަނުގައި ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ބަލައި ފާސްކުރުމަށްފަހު މުދާ ހުރި ކޮންޓެއިނަރުގައި ކަސްޓަމްސްއިން ސިލް ޖަހަންވާނެއެވެ. އަދި މިގޮތުން ސިލް ޖެހުމަށް މި ގަވާއިދުގެ ޖަދުވަލު 36 ގައި ބަޔާންކުރާ ފީ މުދާ އެކްސްޕޯޓްކުރާ ފަރާތުން ކަސްޓަމްސްއަށް ދައްކަންވާނެއެވެ.

 

74 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 424 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ، މުއްދަތު ހަމަވުމުން ނުވަތަ ހަލާކުވުމުން ނައްތައިލުމަށް ލިޔުން ހުށަހެޅުން 424.

(ހ) ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވެގެން ނުވަތަ ހަލާކު ކޮށްލުމުގެ ސަބަބުން، މުދާ ނައްތައިލެވޭނީ އެ މުދަލަށް ޑިއުޓީ ދެއްކުމުންނެވެ. އަދި އެ ތަކެތި ނައްތައިލުމަށްޓަކައި ކުރަންޖެހޭ ހަރަދުތައް ކުރުމަކީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ޒިންމާއެކެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުން މުދާ ނައްތައިލުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. ކަސްޓަމްސްއިން ކަނޑައަޅާ ގުޑްސް ޑިކްލަރޭށަން؛
  2. ހަލާކުވެފައިވާ މުދަލުގެ ތަފުސީލާއި އަގު އެނގޭނެ ލިޔުމެއް ނުވަތަ މުދަލުގެ އިންވޮއިސް.

 

75 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 424 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ނައްތައިލެވޭ ތަކެތި ފިޔަވައި، އެހެން ސަބަބާކާހުރެ ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތައިލާނަމަ، އެ މުދަލަށް ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެ ތަކެތި ނައްތައިލުމަށްޓަކައި ކުރަންޖެހޭ ހަރަދުތައް ކުރުމަކީ ބޮންޑެޑް ވެއަރހައުސް ހިންގާ ފަރާތުގެ ޒިންމާއެކެވެ. އަދި ކަސްޓަމްސްގެ ބެލުމުގެ ދަށުން މުދާ ނައްތައިލުމަށް ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

  1. މުދާ ނައްތައިލުމަށް ބޭނުންވާ ސަބަބު އެނގޭނެ ލިޔުން؛
  2. މުދަލުގެ ތަފުސީލާއި އަގު އެނގޭނެ ލިޔުމެއް.

 

76 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 437 ވަނަ މާއްދާގެ (ށ) އަދި (ނ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ކޮމިޓީގެ މަސްއޫލިއްޔަތު 437.

(ށ) އޭޖެންޓުންގެ ފަރާތުން ހުށަހެޅޭ މައްސަލަތަކާއި ށަކުވާތައް ބަލައި ގޮތެއް ނިންމުމާއި، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުން؛

  1. ޑިކްލެއަރ ކުރި ވަރަށްވުރެ މުދާ އިތުރުވެފައިވަނީ، ޑިކްލަރޭށަނާއެކު ހުށަހަޅާ އެހެނިހެން ލިޔުންތަކަށް ބަދަލު ގެނައުމުގެ ސަބަބުން ކަމަށް ފާހަގަ ކުރެވޭ މައްސަލަތަކުގައި އެކަންކުރީ ބްރޯކަރު ނުވަތަ ބްރޯކަރު ބައިވެރިވެގެން ކަމަށް ފާހަގަ ކުރެވުން؛
  2. ޑިކްލެއަރ ކުރިވަރަށްވުރެ މުދާ އިތުރުވުމާ ގުޅިގެން ޖޫރިމަނާ ކުރެވޭ މައްސަލަތަކުގައި، މައްސަލަ ދިމާވެފައިވަނީ ބްރޯކަރުގެ އިހުމާލުން ނުވަތަ ބްރޯކަރު ބައިވެރިވެގެން ކަމަށް ފާހަގަ ކުރެވުން؛
  3. ޑިކްލެއަރ ކުރިވަރަށްވުރެ މުދާ އިތުރުވުމާ ގުޅޭ މައްސަލަތަކުގައި، ޖޫރިމަނާ ކުރެވުނު މިންވަރަށް މުދާ އިތުރުނުވިނަމަވެސް، ނުވަތަ މުދަލުގެ ބާވަތުން އެއީ ޖޫރިމަނާ ނުކުރާ ބާވަތެއްގެ މުދަލަކަށް ވީނަމަވެސް، މުދާ އިތުރުވުން ތަކުރާރުވާ މައްސަލަތަކުގައި، އެއީ ބްރޯކަރުގެ ބައިވެރިވުމެއް އޮވެގެން ދިމާވާކަމެއްކަމުގައި ފާހަގަވުން؛
  4. ޑިކްލެއަރކުރި ވަރަށްވުރެ މުދާ އިތުރުވެފައިވަނީ، ޑިކްލަރޭށަނާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ބްރޯކަރު ހުށަހަޅައިފައި ނެތުމުން ކަމުގައިވާނަމަ، އެފަދަ މައްސަލަތައް؛
  5. ކަސްޓަމްސްއަށް ސައްހަ ނޫން މައުލޫމާތު ދިނުމާ ގުޅިގެން ޖޫރިމަނާ ކުރެވޭ މައްސަލަތަކުގައި، މައްސަލަ ދިމާވެފައިވަނީ ބްރޯކަރުގެ އިހުމާލުން ނުވަތަ ބްރޯކަރު ބައިވެރިވެގެން ކަމަށް ފާހަގަ ކުރެވުން؛
  6. ކަސްޓަމްސްއަށް ސައްހަ ނޫން މައުލޫމާތު ދިނުމުގެ ސަބަބުން ބްރޯކަރު ޖޫރިމަނާ ކުރާ މައްސަލަތައް؛
  7. ޕޯސްޓް ކުލިއަރެންސް އޯޑިޓް ކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތަކުގައި ބްރޯކަރުގެ އިހުމާލެއް ވާކަމަށް ފާހަގަކުރެވޭ މައްސަލަތައް؛
  8. ބްރޯކަރު ހުށަހަޅާ ޖުމްލަ ޑިކްލަރޭށަނުގެ ތެރެއިން، ޑިކްލަރޭށަން ކެންސަލް ކުރަން ނުވަތަ ރިޖެކްޓް ކުރަންޖެހުނު މިންވަރު އިތުރުވުން؛

(ނ) އޭޖެންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު، ތަހުގީގުކުރަންޖެހޭ މައްސަލައެއް ވާނަމަ، އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ކަސްޓަމްސްގެ ކަމާބެހޭ ސެކްށަނަށް ފޮނުވުމާއި، އަދި ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްނަމަ، އެ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުން؛

  1. ނަސޭހަތް ދިނުމަށްފަހު، އެކަމެއް އިސްލާހުކުރަން އެންގުން؛
  2. މި ގަވާއިދުގެ 248 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕޮއިންޓް އުނިކުރުން؛
  3. ވަގުތީގޮތުން 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހިދުމަތް މެދުކަނޑައިލުން؛
  4. ލައިސަންސް ބާތިލުކުރުން؛

 

77 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 448 މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވެލުއޭށަން ކޮމިޓީ އެކުލަވައިލުން 448.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް މެންބަރުން އައްޔަންކުރާނެގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މޯލްޑިވްސް ކަސްޓަމްސް ސަރވިސް 08
  2. ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާ 01
  3. މޯލްޑިވްސް އެސޯސިއޭށަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) 01
  4. މޯލްޑިވްސް އެސޯސިއޭށަން އޮފް ކޮންސްޓްރަކްށަން އިންޑަސްޓްރީ (މަސީ) 01

 

78 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 448 މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

(ބ) ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ނިންމައިފައިވާ އަގާމެދު ހިތްހަމަ ނުޖެހޭ ހާލަތުގައި މުދަލުގެ އަގާމެދު އެޕީލްކުރާ މަރުހަލާގައި ފުރަތަމަ ހުށަހަޅާނީ މިމާއްދާގެ (ހ) ގައި ބަޔާންކުރާ ވެލުއޭށަން ކޮމެޓީއަށެވެ.

 

79 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 451 ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.(

ބައްދަލުވުމުގެ ކޯރަމް 451.

(ހ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން 6 (ހައެއް) މެންބަރުން ހާޒިރުވެގެންނެވެ. ބައްދަލުވުން ބާއްވަން ކަނޑައަޅާ ދުވަހު، 6 (ހައެއް) މެންބަރުން ހާޒިރު ނުވެއްޖެނަމަ، އެ ބައްދަލުވުން ބާއްވާނެ އެހެން ތާރީހެއް، ރިޔާސަތުން ކަނޑައަޅަންވާނެއެވެ.

 

80 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 452 އަންނަނިވި ގޮތަށް އިސްލާހުކުރުން

ކޮމިޓީގެ މަސްއޫލިއްޔަތު 452.

ވެލުއޭށަންކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ އަގު ކަނޑައެޅުމުގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެގޮތުން ގަވާއިދާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛

(ށ) ވާރލްޑް ޓްރޭޑް އޯގަނައިޒޭށަން (ޑަބްލިޔޫ.ޓީ.އޯ) "އެގްރީމެންޓް އޮން އިމްޕްލިމެންޓޭށަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" ގެ މައުލޫމާތާއި، މި އެގްރީމެންޓުގެ ދަށުން ނިންމާ ނިންމުންތައް އާންމުންނަށް ފެންނަން ހުންނާނެހެން ކަސްޓަމްސްއިން ށާއިއު ކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ އަގު ކަނޑައެޅުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި ށަކުވާތަކުގެ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު، އެފަދަ މައްސަލަތަކަށް ޖަވާބުދާރީވުން.

(ރ) މުދަލުގެ އަގު ކަނޑައެޅުމާ ގުޅޭގޮތުން ލިބޭ ށަކުވާތަކާއި، ހުށަހެޅޭ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު، ތަހުގީގުކުރަންޖެހޭ މައްސަލައެއް ވާނަމަ، އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ކަސްޓަމްސްގެ ކަމާބެހޭ ސެކްށަނަށް ފޮނުވުން؛

(ބ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ އަގު ކަނޑައެޅުމާ ގުޅޭގޮތުން ދިމާވާ ފަންނީ މައްސަލަތަކާމެދު މަށްވަރާކޮށް ލަފާދިނުން؛

(ޅ) ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ނިމުނުގޮތް އެންގުން.

 

81 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 453، 454، 455، 456 އަދި 457 މާއްދާ އުނިކުރުން.

 

82 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 473 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ކަސްޓަމްސްގެ މެދުވެރިންގެ ށަރުތުތައް 473.

ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.

(ހ) ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއެއް ކަމުގައިވުން؛

 

83 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 476 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރާ ފަރާތްތަކުގެ ށަރުތުތައް 476.

(ހ) ރާއްޖޭގައި ށިޕިންގ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއެއް ކަމުގައިވުން.

 

84 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 476 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

(ރ) އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އުޅަނދުފަހަރުގެ އޭޖެންޓުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއް ކަމުގައިވުން.

 

85 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 477 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސަށް އެދި ހުށަހެޅުން 477.

(ނ) އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އުޅަނދުފަހަރުގެ އޭޖެންޓުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.

 

86 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 515 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން. އަދި (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

އިލެކްޓްރޯނިކް ވަސީލަތްތައް ގާއިމުކުރުން 515

(ށ) ކަސްޓަމްސްގައި ބޭނުންކުރުމަށް ތައާރުފުކުރާ އެޕްލިކޭށަންތައް ފަރުމާކުރުމުގައި ކަސްޓަމްސްގެ ދާއިރާއާ ގުޅުންހުރި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކުރުމާއެކު އެ އެޕްލިކޭށަން ބޭނުންކުރަން ފެށުމުގެކުރިން، އެ އެޕްލިކޭށަނަކާ ގުޅިގެން ކަސްޓަމްސްއާ މުއާމަލާތްކުރާ ފަރާތްތަކުގެ ހިޔާލު ހޯދަންވާނެއެވެ.

(ނ) ކަސްޓަމްސްގެ އިޖުރާއަތުތުތައް ކަނޑައެޅުމުގައި ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ. އަދި ކަމެއްގެ ސައްހަކަން ބެލުމުގައިވެސް ކިތާބީ ހެކީގެ އިތުރަށް ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތަކަށް ރިއާޔަތްކުރަންވާނެއެވެ. ކަސްޓަމްސްއަށް ހުށަހެޅޭ ލިޔެކިޔުންތަކާއި ލިބޭ މައުލޫމާތު އިލެކްޓްރޯނިކް ފޯމެޓްގައި ލިބިގަތުމާއި ރައްކާކުރުމާއި އަދި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން އެހެން ފަރާތްތަކާ ހިއްސާކުރުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

87 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 537 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

ކަސްޓަމްސްއަށް ޑިކްލެއަރކުރި ވަރަށްވުރެ މުދާ އިތުރުވުން ކަމަށް ބެލުން 537.

ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމުގައި ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރުމުގައި، ކަސްޓަމްސްއަށް ހުށަހަޅާ ގުޑްސް ޑިކްލަރޭށަނުގައި ނުވަތަ ލިޔުމުގައި ބަޔާންކޮށްފައިވާ މުދަލުގެ އަދަދަށްވުރެ ށިޕްމަންޓުގައި ހިމެނޭ މުދަލުގެ އަދަދު އިތުރުވުމާއި، ޑިކްލަރޭށަނުގައި ނުހިމެނޭ މުދާ އެއްވެސް މިންވަރަކަށް ށިޕްމަންޓުގައި ހިމެނޭނަމަ، ކަސްޓަމްސްއަށް ޑިކްލެއަރ ކުރިވަރަށްވުރެ މުދާ އިތުރުވުން ކަމުގައި ބެލެވޭނެއެވެ.

 

88 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ތިރިއަށް 4 ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވިގޮތަށް ނަންބަރެއް އިތުރުކުރުން.

ސައްހަނޫން މައުލޫމާތު ދިނުން ކަމުގައި ބެލެވޭނެ ހާލަތްތައް 539.

4.ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭށަނުގައި ނުވަތަ ލިޔުމުގައި ބަޔާންކޮށްފައިވާ މުދަލުގެ ބްރޭންޑް، މޮޑެލް ނަންބަރު، ސީރިއަލް ނަންބަރު އަދި ސައިޒާއި ބަރުދަން ފަދަ މައުލޫމާތާއި ށިޕްމަންޓުގައި ހިމެނޭ މުދަލުގެ އެފަދަ މައުލޫމާތާ ދިމާނުވުން.

 

89 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 543 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

ޖޫރިމަނާކުރުމުން އިސްތިސްނާވުން 543.

(ޅ) ކަސްޓަމްސް އާއި މުއާމަލާތް ކުރުމުގައި އޮޅުވާލުންކަމުގައި ނުބެލެވޭ ނުވަތަ އިހުމާލެއްގެ ގޮތުގައި ނުބެލެވޭ ކުށްތަކަށް އެއާ އެކަށޭނަ ނޫން އަދަބެއް ދީގެން ނުވާނެއެވެ. ނަމަވެސް މިފަދަ ކަންކަން އިސްލާހުކުރުމަށް ބާރު އެޅުމުގެ ގޮތުން އެކަން ތަކުރާރުކުރާ ފަރާތްތަކަށް އެ ކުށަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަބެއް ދެވިދާނެއެވެ.

 

90 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އުނިކުރުން.

ޖަދުވަލު 6

ޖަދުވަލު 33

ޖަދުވަލު 34

ޖަދުވަލު 35

 

91 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 23 ވަނަ ނަންބަރުގެ ފަހަތަށް 24 ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

24. ސިލް ޖެހުމުގެ ފީ - 200 ރުފިޔާ

 

92 ވަަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރުު 2011-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު