-

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-65)

 

ގަވާއިދު ނަންބަރު 2020-105 (ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މިއީ، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގަވާއިދަށް ކިޔާނީ، "ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު  2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި  ގޮތަށް އިސްލާހުކުރުން.

(ށ) ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ފުރަތަމަ 48 (ސާޅީސް އަށެއް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، 12 (ބާރަ) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ. ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު ހުށަނާޅައިފިނަމަ ބެލެވޭނީ އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދޫކޮށްލީ ކަމުގައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(ށ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެނޫން ހާލަތެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް، ނުވަތަ އިނގިލީގެ ނިށާނެއް، ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް، ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން ކޮމިށަނުން ކުރިޔަށްގެންދާ ޖިނާއީ ތަހުގީގުތަކާ ގުޅިގެން ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި ތަހުގީގަށް ބޭނުންވާ ފަންނީ މާހިރުންގެ ލަފަޔާއި އިރުށާދު ހޯދިދާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ބެލުމުގައި އިސްކަންދޭންޖެހޭ ހަމަތައް 21. 

މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ހާއްސަ ސެކްށަނުން، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ހިންގުމުގައި އިސްކަންދޭންވާނީ އަންނަނިވި ހަމަތަކުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އުނިކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތަކުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތާއި ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލު ހިމެނޭގޮތަށް މައްސަލަ ހުށަހަޅާ ފޯމު، މައްސަލަ ތަހުގީގުކުރާ އޮފިސަރު ފުރިހަމަކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އުނިކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(5). މައްސަލަ ހިނގި ނުވަތަ ހިނގައިފައިވާ ނުވަތަ ހިނގައިފާނެކަމަށް ބެލެވޭ ތަން؛

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން.

(5). މައްސަލައާ ގުޅިގެން ކޮމިށަނަށް ލިބެންހުރި މައުލޫމާތުތަކުން އެ މައްސަލައަކީ ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެންނަ މައްސަލަތަކާއި، އެ މައްސަލަ ބެލުމުގެ އިހްތިސާސް އެހެން ތަހުގީގީ އިދާރާއަކަށް ވެސް ލިބޭކަމަށް ކޮމިށަނަށް ފެންނަ މައްސަލަތައް، އެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބޭ ތަހުގީގީ އިދާރާއަކަށް ފޮނުވުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ ދަށުން ކޮމިށަނުން ނިންމާ ނިންމުން، ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅި ފަރާތަށް އެންގިދާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މެޑިކޯ ލީގަލް ރިޕޯޓުތަކުންނާއި ސިއްހީ މާހިރުންގެ ފަރާތުން ލިބޭ ހެކިތަކާއި ގަރީނާތައް.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ކުށުގެ ތުހުމަތުގައި ހާޒިރުކުރެވޭ ފަރާތަށް މި ގަވާއިދުގެ ދަށުން ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އުނިކުރުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާ އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާއަށް (ށ) ގެ ގޮތުގައި  އަކުރެއް އިތުރުކުރުން.

(ށ) ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއާ ސުވާލުކުރެވޭނީ ކުޑަކުދިންނާ ސުވާލުކުރުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި 2 ނަންބަރު އިތުރުކުރުން.

(3) މީހަކު އޭނާގެ ހަށިގަނޑަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ބެލުން؛

(4) ހަށިގަނޑަށް ލިބިފައިވާ ގެއްލުން ނުވަތަ ގެއްލުންތައް، ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ބަލާ ބެލުމުން ނުވަތަ ކަމުގެ ތަޖުރިބާކާރުން އެފަދަ ކަންކަން ބެލުމުގައި ގެންގުޅޭ މިންގަނޑުތަކުން ވަޒަންކޮށް ބަލާއިރު ގަސްތުގައި ހިންގައިފައިވާ އަމަލެއް ނޫންކަމަށް ކޮމިށަނަށް ފެނުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވުން 51.

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި، ތުހުމަތުގައި ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ ފަރާތަކުން، ކޮމިށަނަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވެއްޖެނަމަ، ކޮމިށަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ހާޒިރުކުރުން 54.

(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތެއް ނުވަތަ ބަންދުކޮށްފައިވާ ފަރާތެއް އެ ފަރާތެއް ބެލެހެއްޓުމާ ހަވާލުވެފައިހުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށް ހާޒިރުކުރަން ބޭނުންވެއްޖެނަމަ، އެ ފަރާތެއް ކޮމިށަނަށް ހާޒިރުވުމުގެ އެންގުން، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، އެ ފަރާތެއް ބެލެހެއްޓުމާ ހަވާލުވެފައިހުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށް ހަވާލުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގައި މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުން ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބައިފައި ތިބޭ ތަންތަނާއި، މީހުން ބަންދުކޮށްފައި ތިބޭ މަރުކަޒުތަކަށް ކުރިން އެންގުމަކާ ނުލައި ކުރާ ޒިޔާރަތްތަކުގައި، ކޮމިށަނުން ބަލަމުންދާ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާނެއް ނަގަން ޖެހިއްޖެނަމަ، ކޮމިށަނަށް ބަޔާންދިނުމަށް ހާޒިރުވުމަށް އަންގާ އެންގުން ކުރިން ހަވާލުކުރުމަކާ ނުލައި، ކޮމިށަނަށް އެ ފަރާތްތަކުގެ ބަޔާން ނެގިދާނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަދަނީ ހައްގުތައް ހިމެނޭ މައްސަލަތަކާއި ބަދަލު ނަގައިދޭންޖެހޭ މައްސަލަތައް 69.

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގައި ޓޯޗަރގެ އަމަލުކަމަށް ބަޔާންކޮށްފައިވާ އަމަލެއް ހިންގައިފައިވާކަމަށް، ކޯޓަށް ސާބިތުވެ، އެކަމުގެ ޒިންމާ އުފުލަންޖެހޭ މީހަކު ނުވަތަ ބަޔަކު، ކޯޓުގެ ހުކުމަކުން ކަނޑައަޅައިފިނަމަ، އެ ހުކުމުގެ މައްޗަށް ބިނާކޮށް އެ މައްސަލައިގައި ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތްތަކަށް މަދަނީ ބަދަލު ލިބިދިނުމުގެ ހައްގު ލިބިގެންވާކަން އެ ފަރާތްތަކަށް ކޮމިށަނުން އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 އުނިކުރުން.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާއި، އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

29 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-105)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-105)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު