އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-53)
އެއްވަނަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) އިން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އެ ގާނޫނުގެ ދަށުން ހަދާންޖެހޭ އެހެނިހެން ގަވާއިދުތައް އެކުލަވައިލުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް ލިބިދީފައިވާ ބާރުގެ ދަށުން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ތަހުގީގު ކުރުމާއި، ބަދަލު ނަގައިދިނުމާއި، ފަރުވާ ހޯދުމަށް އެދި ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތާއި، ސުލްހަ ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔަނީ، "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ ބޭނުމަކީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) އިން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމާއި، އޮފީހުން ބަލަން ނިންމާ މައްސަލަތައް ތަހުގީގު ކުރުމާއި، އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ކުރާންޖެހޭ އަންނަނިވި ކަންކަން ތަންފީޒު ކުރުމަށް މިންގަނޑުތަކެއް ކަނޑައެޅުމެވެ.
(ހ) އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގުކުރާ މައްސަލަތަކާއި، ބަދަލު ނަގައި ދިނުމާއި ފަރުވާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
(ށ) އަނިޔާ ލިބުނު ފަރާތްތަތަކާއި އަނިޔާ ދިން ފަރާތް ސުލްހަ ކުރުމަށް، އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕަރސަންގެ އޮފީހުން އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
(ނ) ބަދަލު ނަގައިދިނުމާއި ފަރުވާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް އޮފީހުން ކުރިޔަށްގެންދާނެ ގޮތުގެ އުސޫލުތަކާއި، ބަދަލު ދިނުމުގައި އޮފީހުން ކަނޑައަޅާނެ އިތުރު ފަރުވާތަކާއި، އެ ފަރުވާދިނުމަށް ރިއާޔަތްކުރާނެ މިންގަނޑުތަކާއި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން.
(ރ) ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރާންޖެހޭ ހާލަތުގައި އެފަދަ މީހުންނަށް ރައްކައުތެރިކަން ދިނުމުގެ އުސޫލު ކަނޑައެޅުން.
(ބ) ހެކިބަސްދޭ ފަރާތަކީ ނުވަތަ އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނެއް ނަމަ، އެ ފަރާތަކަށް ދޭންޖެހޭ ހާއްސަ ހިމާޔަތާއި ރައްކައުތެރިކަން ދިނުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅުން.
3 ވަނަ މާއްދާ - ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް
ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 12 ވަނަ މާއްދާއިން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިފައިވާ އިހްތިސާސްގެ ދަށުން އޮފީހުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް، ތިރީގައި މިވަނީއެވެ.
(ހ) ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން ނުވަތަ އެފަދަ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހަޅާ މައްސަލަ ނުވަތަ ށަކުވާ.
(ށ) ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހަޅާ މައްސަލަ ނުވަތަ ށަކުވާ.
(ނ) ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަ ނުވަތަ ށަކުވާ.
(ރ) ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަމެއް ނިގުޅައިގަތްކަމަށް ބުނެ ހުށަހަޅާ މައްސަލަ ނުވަތަ ށަކުވާ.
(ބ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަމެއް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.
4 ވަނަ މާއްދާ - އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައވާ މުއްދަތުގައި ހިނގައިފައިވާ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތައް އޮފީހުގެ އިސްނެގުމަށް ބެލުމުގެ ބާރު އޮފީހަށް ލިބިގެންވެއެވެ.
(ށ) އޮފީހުގެ އަމިއްލަ އިސްނެގުމަށް މައްސަލައެއް ބަލަން އޮފީހުން ނިންމައިފިނަމަ، އެކަމާ ގުޅުންހުރި މުއައްސަސާއަކަށް ނުވަތަ ފަރާތަކަށް އެ މައްސަލައެއް ބަލާކަން އަންގާންވާނެއެވެ. އަދި މިފަދަ މައްސަލައެއް ބަލައި ނިމުމުން، އެ މައްސަލައެއް ނިންމި ގޮތް، ކަމާ ގުޅުންހުރި ފަރާތްތަކަށް ލިބޭނެ އިންތިޒާމް އޮފީހުން ހަމަޖައްސާންވާނެއެވެ.
5 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިފައިވާ މައްސަލަތައް
ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން، އޮފީހުން ބަލާނީ، 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގައިފައިވާ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މައްސަލަތަކެވެ.
6 ވަނަ މާއްދާ - ބެލުމަށް ހަމަޖެހިފައިނުވާ މައްސަލަތައް
ވަކި ބާވަތެއްގެ މައްސަލަތައް ބެލުމަށް އެކުލަވައިލެވިފައިވާ އިންތިގާލީ ކޮމިށަނަކުން ބަލަމުންދާ މައްސަލަތައް އޮފީހުން ބަލައިގެން ނުވާނެއެވެ.
ދެވަނަ ބާބު
މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް
7 ވަނަ މާއްދާ - އޮފީހަށް މައްސަލަ ހުށަހެޅުން
(ހ) މައްސަލައެއް ތަހުގީގު ކުރުމަށް އެދި ނުވަތަ ބަދަލުހޯދުމަށް އެދި ހުށަހަޅާނީ، އޮފީހަށް މައްސަލަ ތަހުގީގު ކޮށްދިނުމަށް ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލައިފައި ދޭ މުއްދަތުގައެވެ.
(ށ) މައްސަލައެއް ތަހުގީގު ކުރުމަށް އެދި ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތާއި، ސޮޔާއި، މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތާއި، އެ ކަމެއް ހިނގި ތާރީހާއި، ލިބޭނެކަމަށް ލަފާކުރާ ހެކިތަކާއި ގަރީނާތައް ވެސް ބަޔާންކުރާންވާނެއެވެ
8 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތް
މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް ނުވަތަ އެފަދަ މައްސަލައަކާ ގުޅޭ މައުލޫމާތެއް، ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮފީހަށް ހުށަހެޅިދާނެއެވެ.
(ހ) މައްސަލަ ހުށަހަޅާ ފޯމުން ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމުން (މައްސަލަ ހުށަހަޅާ ފޯމާއި، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު، މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމުތައް، މި އޮފީހުގެ ރިސެޕްށަނުން ލިބެން ހުންނާނެއެވެ.)
(ށ) އޮފީހަށް ހާޒިރުވެގެން، މައްސަލައިގެ މައުލޫމާތު އޮފީހުގެ ކަމާ ގުޅޭ މުވައްޒަފަކަށް ދީ، މައްސަލަ ހުށަހަޅާ ފޯމު ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށްގެން.
(ނ) އޮފީހަށް މައްސަލަ ހުށަހެޅުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް ނުވަތަ ވެބްސައިޓް މެދުވެރިކޮށް.
(ރ) އީމެއިލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފޯމު ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު އޮފީހަށް ފޮނުވައިގެން.
(ބ) ބަންދުކޮށްފައި ހުންނަ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ޓަކައި އެ މީހަކު ބަންދުކޮށްފައިވާ ދައުލަތުގެ އިދާރާއެއްގައި، މި އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމު ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއެކު، މައްސަލަ ހުށަހެޅޭނެ އިންތިޒާމް، ބަންދުގައި ހުންނަ ފަރާތަށް، ބަންދުކޮށްފައިވާ އިދާރާ މެދުވެރިކޮށް މި އޮފީހަށް ފޮނުވައިގެން.
(ޅ) ހާއްސަ އެހީ ނުވަތަ ފަރުވާ ހޯދާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ޓަކައި އެ މީހަކު ހާއްސަ އެހީ ނުވަތަ ފަރުވާހޯދަމުންދާ ދައުލަތުގެ މަރުކަޒަކުން، މި އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމު ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއެކު، މައްސަލަ ހުށަހެޅޭނެ އިންތިޒާމް، ހާއްސަ އެހީ ނުވަތަ ފަރުވާ ހޯދާ މުއައްސަސާއެއް މެދުވެރިކޮށް މި އޮފީހަށް ފޮނުވައިގެން.
9 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ވަގުތު
(ހ) އޮފީހުން މައްސަލަ ހުށަހެޅުމަށް ދޭ މުއްދަތުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ފަދަ މައްސަލައެއް އެ މުއްދަތުގެ ތެރޭގައި އޮފީހުގެ ވެބްސައިޓާއި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް އޮފީހަށް މައްސަލަ ހުށަހެޅޭނެއެވެ.
(ށ) މައްސަލަ ހުށަހަޅާ ފޯމު، އޮފީހަށް ހާޒިރުވެގެން ހުށަހެޅޭނީ އޮފީހުގެ ރަސްމީ ގަޑީގައެވެ.
(ނ) ރަސްމީ ގަޑީގައި މައްސަލަ ހުށަހެޅުމަށް އޮފީހަށް ހާޒިރުވާ ފަރާތްތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ފުރުސަތު އޮފީހުން ފަހިކޮށްދޭންވާނެއެވެ. އަދި މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން އޮފީހުން ފޯރުކޮށްދޭންވާނެއެވެ.
10 ވަނަ މާއްދާ - މައްސަލަ ބަލައިގަތުން
(ހ) އޮފީހުން ބަލައިގަންނާނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 12 ވަނަ މާއްދާއާއި، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކެވެ.
(ށ) މައްސަލަ ތަހުގީގު ކުރުމަށް އެދި ނުވަތަ ބަދަލު ހޯދުމަށް އެދި ހުށަހަޅާއިރު، އަނިޔާ ލިބުނު ފަރާތުގެ ނަމާއި، އެޑްރެހާއި، މައްސަލަ ރައްދުވާ މުއައްސަސާއާއި، މައްސަލަ ރައްދުވާ މުއައްސަސާގެ އިސް ވެރިޔާ ނުވަތަ އިސް ވެރީންގެ މައުލޫމާތު ހިމަނާންވާނެއެވެ.
(ނ) މައްސަލަ ހުށަހަޅާ ފަރާތަކީ އޭނާ ހުށަހެޅި މައްސަލައާ ގުޅިގެން ހާޒިރުކޮށްގެން ސުވާލުކުރެވިދާނެ ފަރާތެކެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނުވާ މައްސަލަތަކުގައި މައުލޫމާތު ފުރިހަމަ ކުރުމަށް އޮފީހުން މަސައްކަތް ކުރާންވާނެއެވެ. އޮފީހުން މަސައްކަތް ކޮށްގެން ވެސް މައުލޫމާތު ފުރިހަމަނުވާ މައްސަލަތައް ބަލައި ތަހުގީގު ނުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން
(ހ) ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން ބަލާނެ މައްސަލައެއްކަން ނުވަތަ ނޫންކަން ނިންމާނީ، އޮފީހުން މައްސަލަ ދިރާސާ ކުރުމަށްފަހު، އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުމެއްގައި އޮމްބަޑްސްޕަރސަނުންގެ އިއްތިފާގުން ނުވަތަ އަޣްލަބިއްޔަތުންނެވެ. ބައްދަލުވުމުގެ ގާނޫނީ އަދަދަކީ 2 (ދޭއް) އެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ޗީފް އޮމްބަޑްސްޕަރސަންއެވެ. ޗީފް އޮމްބަޑްސްޕަރސަންއަށް ހާޒިރުނުވެވޭ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ އޮމްބަޑްސްޕަރސަންއެކެވެ.
(ނ) އޮފީހަށް މައްސަލަ ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލައަކީ ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން އޮފީހުން ނިންމާންވާނެއެވެ.
(ރ) އޮފީހަށް ހުށަހެޅޭ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް އޮފީހުން ނިންމައިފިނަމަ، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގާންވާނެއެވެ.
12 ވަނަ މާއްދާ - މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި ބަލާ ކަންތައްތައް
އޮފީހަށް ހުށަހެޅޭ މައްސަލަތައް ކުރިޔަށް ގެންދަން ނިންމުމުގައި، ތިރީގައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވޭނެއެވެ.
(ހ) އޮފީހުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ވުން.
(ށ) ތުހުމަތުކުރެވޭ ކަންތައް ހިނގައިފައިވާ އިދާރާއާއި، ތުހުމަތުކުރެވޭ އަމަލު ހިންގި އިދާރާގެ ވެރިޔާ އެނގުން.
(ނ) ކުރެވޭ ތުހުމަތު ސާފުކޮށް އެނގުން.
(ރ) ތުހުމަތުކުރެވޭ އަމަލަކީ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން ލިބިފައިވާ އަނިޔާއަކަށް ވުން ނުވަތަ ގެއްލުމަކަށް ވުން.
(ބ) ތުހުމަތުކުރެވޭ އަމަލަކީ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ގެއްލިގެން ނުވަތަ ނިގުޅައިގަނެގެން ހުށަހެޅޭ މައްސަލައަކަށް ވުން.
(ޅ) ތުހުމަތުކުރެވޭ އަމަލު ހިންގައިފައިވާ ތާރީހު އެނގުން.
(ކ) ތުހުމަތުކުރެވޭ ކަންތައް ހިނގައިފައިވަނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ މުއްދަތުގައި ކަމަށް ވުން.
13 ވަނަ މާއްދާ - އިހްތިސާސް ލިބިގެންނުވާ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް
އޮފީހަށް ހުށަހެޅޭ މައްސަލައަކީ އޮފީހުގެ އިހްތިސާސުން ބޭރު ނުވަތަ ނުބެލޭނެ މައްސަލައެއްނަމަ، އެ މައްސަލައަކީ އިހްތިސާސުން ބޭރު މައްސަލައެއްކަމަށް ބަޔާންކޮށް، މައްސަލަ ހުށަހަޅާ ފަރާތަށް، މައްސަލައާމެދު އޮފީހުން ގޮތެއް ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގާންވާނެއެވެ.
ތިންވަނަ ބާބު
މައްސަލަ ރަޖިސްޓަރީ ކުރުމުގެ ނަތީޖާ
14 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ކުރުން
(ހ) މައްސަލައެއް އޮފީހަށް ހުށަހެޅުމުން، އެ މައްސަލައަކީ މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްތޯ ބަލާންވާނެއެވެ.
(ށ) އޮފީހަށް ހުށަހެޅޭ މައްސަލައަކީ މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން އަނިޔާ ލިބިފައިވާކަމަށް ނުވަތަ މައްސަލައަކީ އެފަދަ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމަކަށް ބަދަލު ހޯދުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއްނަމަ، މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާންވާނެއެވެ.
15 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީވިކަމުގެ ލިޔުން ދޫކުރުން
(ހ) މި ގަވާއިދުގެ 14 ވަނަ މައްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައެއް ރަޖިސްޓަރީ ކޮށްފިނަމަ، ރަޖިސްޓަރީ ކުރިކަމުގެ ލިޔުން، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، ނުވަތަ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް އަންގާންވާނެއެވެ.
(ށ) މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގައި، މައްސަލަ ހުށަހެޅުނު ތާރީހާއި، ގަޑިއާއި، މައްސަލަ ރަޖިސްޓަރީކުރި ތާރީހާއި، މައްސަލައިގެ ރިފަރެންސް ނަންބަރާއި، މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ދޫކުރި ތާރީހު ހިމަނާންވާނެއެވެ.
(ނ) އޮފީހުން ރަޖިސްޓަރީ ކޮށްފައިވާ މައްސަލައަކާ ގުޅިގެން މައްސަލައާ ގުޅުންހުރި ފަރާތުން، ނުވަތަ މައްސަލަ ރައްދުވާ ފަރާތުން، ނުވަތަ އެ ފަރާތުގެ ވަކީލު ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކުން އެދިއްޖެނަމަ، އެ މައުލޫމާތު ދިނުމަށް ތަހުގީގަށް ހުރަސްނޭޅޭނަމަ، އެ މައުލޫމާތު ފޯރުކޮށްދެވިދާނެއެވެ.
ހަތަރުވަނަ ބާބު
ހާޒިރުކުރުމާއި ތަހުގީގު ކުރުން
16 ވަނަ މާއްދާ - ހާޒިރުވުމަށް އެންގުމުގެ ބާރު
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ ގުޅިގެން އޮފީހަށް ހާޒިރުވުމަށް ޗިޓަކުން ނުވަތަ ލިޔުމަކުން އެންގުމުގެ ބާރު އޮފީހަށް ލިބިގެން ވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްގެ ތަހުގީގަކާ ގުޅިގެން، އޮފީހަށް ހާޒިރުވުމަށް އެންގޭނީ، އަންނަނިވި ފަރާތްތަކަށެވެ.
- އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންކަމަށް ތުހުމަތުކުރެވޭ މުއައްސަސާގެ އިސްވެރިއެއް ނުވަތަ އިސްވެރިންނާއި އެ ކަމުގައި ބައިވެރިވާ އެ މުއައްސަސާގެ އެހެން ފަރާތެއް ނުވަތަ ފަރާތްތައް؛
- އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންކަމަށް ތުހުމަތުކުރެވޭ މީހެއް؛
- ތަހުގީގަށް މައުލޫމާތު ދެވިދާނެ މީހަކަށް ވުން.
- ހެކިބަސް ދެވިދާނެ މީހަކަށް ވުން.
(ނ) ހާޒިރުވުމަށް އަންގާ ޗިޓް، ހާޒިރުވާންޖެހޭ ގަޑީގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ރައްދުކުރާންވާނެއެވެ.
(ރ) ހާޒިރުވާން އަންގާ ފަރާތަށް ފުރަތަމަ ދެވޭ މުއްދަތުގައި ހާޒިރުވާންޖެހޭ ތާރީހާއި ގަޑިއަށް ހާޒިރުވެވެން ނެތްކަމަށް ބުނެ މަގްބޫލު އުޒުރަކާއެކު އަންގައިފިނަމަ، ހާޒިރުވުމަށް އިތުރު މުއްދަތެއް ދޭންވާނެއެވެ.
(ބ) ހާޒިރުވާން ޗިޓް ފޮނުވުމުން ހާޒިރުނުވެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ، ޗިޓުގައިވާ ގަޑިޖެހުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން، އެކަން ލިޔުމުން އޮފީހަށް އަންގާންވާނެއެވެ.
(ޅ) ދެވަނަ ފަހަރަށް ހާޒިރުވުމަށް އަންގާ ތާރީހަށް މަގްބޫލު އުޒުރެއް ނެތި ޗިޓުގައިވާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، އެ މީހަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - ސުވާލުކުރުމާއި ބަޔާން ނެގުން
(ހ) މައްސަލަތަކާ ގުޅިގެން އޮފީހަށް ހާޒިރުކުރާ ފަރާތްތަކާ ސުވާލުކުރަން ފެށުމުގެ ކުރިން، އެ މީހަކު ހާޒިރުކޮށް ސުވާލުކުރަނީ ކީއްވެގެންކަން އެ މީހަކަށް ބުނެދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮފީހަށް ހާޒިރުކުރެވޭ މީހަކާ މެދުކެނޑުމެއްނެތި ސުވާލުކުރެވޭނީ، ގިނަވެގެން 1 (އެކެއް) ގަޑިއިރަށެވެ. ސުވާލުކުރާއިރު 1 (އެކެއް) ގަޑިއިރު ސުވާލުކުރުމަށްފަހު، މަދުވެގެން 10 (ދިހައެއް) މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.
(ނ) ތަހުގީގަށް ދޭ ބަޔާން ލިޔުމުން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މައްސަލަ ހިނގިގޮތް ނުވަތަ އެ ކަމުގައި އެ ފަރާތްތަކުން އަމަލުކުރި ގޮތް ލިޔުމުން ހާމަކުރުމުގެ ފުރުސަތު އޮފީހުން އެ މީހަކަށް ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ތަހުގީގު ހިންގާ ރަށް ފިޔަވައި އެހެން ރަށެއްގައި ހުރި މީހަކު ހާޒިރުކޮށްގެން ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި، ނުވަތަ ހެކިބަހެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި އޯޑިއޯއެއްގެ ޒަރީއާއިން ނުވަތަ ވީޑީއޯއެއްގެ ޒަރީއާއިން އެ މީހެއްގެ ބަޔާން ނުވަތަ ހެކިބަސް ހޯދިދާނެއެވެ. ބަޔާން ދޭ މީހާއަކީ ނުވަތަ ހެކިބަސް ދޭ މީހާއަކީ ކާކުކަން ޔަގީންކުރުމުގެ ގޮތުން އެ މީހަކާ ސުވާލުކޮށްގެން އެ މީހެއްގެ ނަމާއި އެޑްރެހާއި، އެ މީހެއްގެ ބައްޕަގެ ނަމާއި އެޑްރެހާއި، އެ މީހެއްގެ މަންމަގެ ނަމާއި އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ސާފުކުރާން ވާނެއެވެ. އަދި މި މައުލޫމާތު، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަނުން ސާފުކޮށް ޔަގީން ކުރާންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް ހެކިބަސް ނަގާއިރު، ނުވަތަ ހެކިބަސް ހޯދާއިރު، ތަހުގީގު ކުރާ މީހާގެ އިތުރުން، ދެ ހެކީން އަޑުއަހަން ތިބެންވާނެއެވެ. ތަހުގީގު ކުރިޔަށް ގެންދާނީ އަޑުއަހަން ތިބޭ މީހުންނަށް ވެސް، ދައްކާ ވާހަކަ އަޑުއިވޭ ގޮތަށެވެ. މިގޮތަށް ނަގާ ބަޔާން ނުވަތަ ހެކިބަސް ރެކޯޑުކުރާން ވާނެއެވެ. އަދި އެ ބަޔާން ނުވަތަ ހެކިބަސް ލިޔެ، ތަހުގީގު ކުރި މީހާއާއި އަޑު އެހި ދެ ހެކީން، ލިޔުމުގައި ސޮއިކުރާންވާނެއެވެ.
(ޅ) އޮފީހުން ކުރާ ތަހުގީގަކާ ގުޅިގެން ސުވާލުކުރާއިރު، ރެކޯޑު ކުރާންވާނެއެވެ.
ފަސްވަނަ ބާބު
ސިއްރު ހިފެހެއްޓުން
18 ވަނަ މާއްދާ - ލިބޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން
(ހ) އޮފީހުން ހިންގާ ތަހުގީގުތަކާއި ކުރަމުންދާ މަސައްކަތް ކުރިޔަށް ދާއިރު، އެ ތަހުގީގުތަކާ ގުޅޭ ނުވަތަ އެ މަސައްކަތާ ގުޅޭ އެންމެހައި މައުލޫމާތަކީ ސިއްރު އަދި އިމްތިޔާޒު ލިބިގެންވާ މައުލޫމާތެވެ. އަދި އޮފީހުގެ ވަޒީފާގެ ހައިސިއްޔަތުން، އޮމްބަޑްސްޕަރސަނުންނަށާއި މުވައްޒަފުންނަށް ލިބޭ މައުލޫމަތުތަކަކީ ސިއްރުގޮތުގައި ހިފަހައްޓާންޖެހޭ މައުލޫމާތުތަކެކެވެ. މިފަދަ މައުލޫމާތު، ގާނޫނީ ބާރެއް ލިބިފައިވާ ފަރާތެއްގެ ބޭނުމަށް ޓަކައި މެނުވީ، އޮފީހުގެ މަސައްކަތާ ނުގުޅޭ އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންވެފައި އޮތް ނަމަވެސް، އޮފީހުން ކުރަމުންދާ ތަހުގީގަކާއި ކުރަމުންދާ މަސައްކަތަކާ ގުޅިގެން، އެ ތަހުގީގަކަށް ނުވަތަ މަސައްކަތަކަށް ހުރަސްނޭޅޭނޭހެން، އެ ތަހުގީގަކާ ގުޅޭގޮތުން އޮފީހުން ކަނޑައަޅާ އުސޫލެއްގެ މަތީން މައުލޫމާތު ހާމަކުރެވިދާނެއެވެ.
(ނ) އޮފީހަށް ލިބިގެންވާ ބާރުތައް ބޭނުންކުރުމުގައްޔާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކާބެހޭ ޒާތީ މައުލޫމާތުތަކުގެ ސިއްރުކަން ހިފަހައްޓާންވާނެއެވެ.
(ރ) އޮފީހުން މައްސަލަ ބަލައި ތަހުގީގު ކުރަމުންދާއިރު، ލިބޭ އެއްވެސް މައުލޫމާތެއް މައްސަލައާ ގުޅުން ނެތް އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ. އަދި އެފަދަ މައުލޫމާތު އެހެން ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެއެވެ.
19 ވަނަ މާއްދާ - ތަހުގީގު ކުރުމުގައި ލިބިގެންވާ ބާރުތައް
(ހ) އޮފީހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
(ށ) މައްސަލަތަކާ ގުޅިގެން ހާޒިރު ކުރަންޖެހޭކަމަށް އޮފީހަށް ފެންނަ ކޮންމެ ފަރާތެއް ހާޒިރުކުރުމާއި ބަޔާންނެގުން.
(ނ) ވަކި ކަމަކާ ގުޅިގެން ވަކި ހާއްސަ މައުލޫމާތެއް ދެވިދާނެކަމަށް ފެންނަ ތަންތަނުންނާއި ފަރާތްތަކުން އެ މައުލޫމާތު ހޯދުން.
(ރ) ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ދައުލަތުގެ ނުވަތަ ކަމާބެހޭ ފަރާތަކުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި މައުލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުން.
(ބ) އޮފީހަށް ހުށަހެޅޭ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތަކާ ގުޅިގެން، ޖިނާއީ ބައެއް އެކުލެވޭނަމަ، އެފަދަ މައްސަލަ ތަހުގީގު ކުރުން.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ތަހުގީގު ކުރާން ޖެހިއްޖެނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
(ކ) އޮފީހުން ބަލައި ތަހުގީގުކުރާ މައްސަލަތަކުގައި އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ މައުލޫމާތާއި ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި ގަރީނާތަކާއި، އެނޫންވެސް ކަންކަން ހޯދަން އެދުން.
(އ) އޮފީހުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީ ހޯދުން.
(ވ) އޮފީހުން ހިންގާ ތަހުގީގުތަކާ ގުޅިގެން، ތުހުމަތުކުރެވޭ ނުވަތަ އެނޫންވެސް ފަރާތަކުން، ތަހުގީގަށް ހުރަސްއެޅޭ ފަދަ އަމަލެއް ހިންގައިފި ނަމަ، އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން
20 ވަނަ މާއްދާ - ޕަބްލިކް ހިއަރިންގ
އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތަށް ރިއާޔަތްކޮށް އަނިޔާ ލިބިފައިވާ ފަރާތްތަކާއި މައްސަލައާ ގުޅިގެން މައުލޫމާތެއް ދެވިދާނެ ފަރާތްތަކުގެ ވާހަކަތައް އާންމުންނާ ހިއްސާކުރުމަށް ޕަބްލިކް ހިއަރިންގތައް ކުރިޔަށް ގެންދިއުމުގެ ބާރު އޮފިހަށް ލިބިގެންވެއެވެ.
ހަވަނަ ބާބު
އަސާސީ ހައްގުތައް
21 ވަނަ މާއްދާ - ހައްގުތައް ކަށަވަރު ކުރުން
ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން، އަންނަނިވި ހައްގުތައް ކަށަވަރު ކުރާންވާނެއެވެ.
22 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު
ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ހާޒިރުކުރާ ފަރާތްތަކާ އެއްވެސް ސުވާލެއް ކުރަން ފެށުމުގެ ކުރިން، ހަނުހުރުމުގެ ހައްގު އެ މީހަކަށް ލިބިގެންވާކަން އަންގާންވާނެއެވެ. ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިނަމަ، އެކަން އޭނާގެ ބަޔާނުގައި ހިމަނާންވާނެއެވެ.
23 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުން
ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ހާޒިރުކުރާ ފަރާތްތަކަށް ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ. ގަނޫނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމުން، ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުން ނޫންކަމަށް ބުނެފައި، ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުންކަމަށް ފަހުން ބުނިކަމުގައިވިޔަސް، ތަހުގީގުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ ފުރުސަތު ދޭންވާނެއެވެ.
24 ވަނަ މާއްދާ - ދިފާއުވުމުގެ ހައްގު
(ހ) އޮފީހުން ބަލައި ތަހުގީގު ކުރާ މައްސަލަތަކުގައި ހާޒިރުކުރާ ފަރާތްތަކަށް އޭނާގެ ދިފާއުގައި ވާހަކަދައްކައި ކަން ހިނގިގޮތްކަމަށް އެ ފަރާތުން ބުނާ ގޮތެއް، ނުވަތަ އެ ކަމުގައި އެ ފަރާތުން އަމަލުކުރި ގޮތްކަމަށް އެ ފަރާތުން ބުނާގޮތެއް ބަޔާންކޮށް ބަޔާންދިނުމުގެ ފުރުސަތު ދޭންވާނެއެވެ.
(ށ) އޮފީހުން ބަލާ މައްސަލައަކީ ޖިނާއީ ކުށެއްގެ ތުހުމަތެއް އެކުލެވޭ މައްސަލައެއް ނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުންނާއި އެހެނިހެން ގާނޫނުތަކުން ކުށުގެ ތުހުމަތުގައިވާ ފަރާތަށް ލިބިދޭ އެންމެހައި ހައްގުތައް އެ ފަރާތަކަށް ލިބިދޭންވާނެއެވެ.
25 ވަނަ މާއްދާ - ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލުން
(ހ)އޮފީހުގެ އިހްތިސާސް ހިނގާ މައްސަލަތައް އޮފީހުން ބެލުމުގައި، މީގެ ކުރިން އެކިއެކި މުއައްސަސާތަކުން އެ ވާގިއާތަކުގެ މައްޗަށް ގޮތެއް ކަނޑައަޅައިފައިވާ މައްސަލަތައް އޮފީހަށް ހުށަހެޅިދާނެއެވެ. އަދި ހުށަހަޅާ މައްސަލަތަކުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކާ ގުޅިގެން އައު ހެއްކެއް ލިބިފައިވުން.
- ލިބިފައިވާ އައު ހެއްކަކީ ކުރިން މައްސަލައިގައި ގޮތް ކަނޑައެޅުމުގައި ރިއާޔަތް ކުރެވިފައި ނުވާ ހެއްކެއް ކަމަށް ވުން.
(ށ) މި މާއްދާގެ (ހ) ގައިވާ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލައިގައި ހުށަހަޅައިފައިވާ ކަންތައްތަކަށާއި، ގާނޫނީ އުސޫލުތަކަށާއި، ގާނޫނީ ނުކުތާތަކަށް ރިއާޔަތްކޮށް، އެ މައްސަލައަކީ އޮފީހުން ބެލިދާނެ މައްސަލައެއްކަން ނުވަތަ ނޫންކަން އޮފީހުން ނިންމާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އުސޫލުތަކަކީ ނުވަތަ ގާނޫނީ ނުކުތާތަކަކީ، އެ މައްސަލައިގެ ނަތީޖާ ބަދަލުކުރުވަނިވި ގާނޫނީ އުސޫލެއްކަން ނުވަތަ ގާނޫނީ ނުކުތާއެއްކަން ކަށަވަރު ކުރާންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލައިގައި ހުށަހަޅައިފައިވާ ކަންތައްތަކަށާއި، މައްސަލައިގައި ބަލާންޖެހޭ ގާނޫނީ އުސޫލުތަކަށާއި، ގާނޫނީ ނުކުތާތަކަށް ރިއާޔަތްކޮށް، އެ މައްސަލައަކީ އަލުން ބަލާންޖެހޭ މައްސަލައެއްކަން އޮފީހުން ނިންމައިފިނަމަ، އެ މައްސަލަ އަލުން ބެލުމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި، އެ މައްސަލައިގައި ގޮތެއް ނިންމައިފައިވާ މުއައްސަސާއަށް އޮފީހުން ހުށަހެޅިދާނެއެވެ. ނުވަތަ ކުރިން ނިމިފައިވާ މައްސަލަ ނިންމި މުއައްސަސާ ވުޖޫދުގައި ނުވާނަމަ، ކަމާ ގުޅުންހުރި މުއައްސަސާއަކަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ، މައްސަލައާ ގުޅިގެން ފެނިފައވާ އައު ހެއްކަށް، ނުވަތަ ގާނޫނީ އުސޫލަށް، ނުވަތަ ގާނޫނީ ނުކުތާއަށް ރިއާޔަތްކޮށްފައި، އެ މައްސަލައިގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާންވާނެއެވެ.
- މައްސަލަ ތަހުގީގުކުރި މުއައްސަސާއަށް އަނބުރާ ފޮނުވައިލުމަށް ނިންމައިފައިވާ ނިންމުން މުރާޖައާ ކުރުމަށް.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް އަނބުރާ ގެނައުމަށް ނިންމައިފައިވާ ނިންމުމެއް މުރާޖައާ ކުރުމަށް.
- މައްސަލަ ނިންމި ކޯޓަށް ހުށަހަޅައިދިނުމަށް އެދުން.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައަކީ މަދަނީ މައްސަލައެއް ނަމަ، މައްސަލައާ ގުޅިގެން ފެނިފައިވާ އައު ހެއްކަށް، ނުވަތަ ގަނޫނީ އުސޫލަށް، ނުވަތަ ގާނޫނީ ނުކުތާއަށް ރިއާޔަތްކޮށްފައި، އެ މައްސަލައިގައި ތިރީގައި ބަޔާންކޮށްފައިވަ ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާންވާނެއެވެ.
- އެ މައްސަލައިގެ ށަރީއަތް ކުރިޔަށް ގެންދިއުމަށް ނުވަތަ ނުގެންދިއުމަށް ނިންމައިފައިވާ ނިންމުން މުރާޖައާ ކުރުމަށް.
- މައްސަލަ ނިންމި ކޯޓަށް ހުށަހަޅައިދިނުމަށް އެދުން.
ހަތްވަނަ ބާބު
މައްސަލަ ނިންމުން
26 ވަނަ މާއްދާ - މައްސަލަ ނިންމުން
(ހ) އޮފީހުން ބަލައި ތަހުގީގުކޮށް ނިންމާ މައްސަލަތައް ނިންމާންވާނީ، އޮމްބަޑްސްޕަރސަނުންގެ އިއްތިފާގުން ނުވަތަ އަޣްލަބިއްޔަތުންނެވެ. މައްސަލަތައް ނިންމުމުގައި އިއްތިފާގުން މައްސަލަ ނިންމަން މަސައްކަތް ކުރާންވާނެއެވެ.
(ށ) މައްސަލަ ނިންމީ އޮމްބަޑްސްޕަރސަނުންގެ އިއްތިފާގުން ނުވަތަ އަޣްލަބިއްޔަތުން ކަމަށް ވާނަމަ، ތަހުގީގު ރިޕޯޓުގައި އެކަން ހިމަނާންވާނެއެވެ.
(ނ) މައްސަލަ ނިންމީ އަޣްލަބިއްޔަތުން ކަމަށް ވާނަމަ، އެ ނިންމުމަށް ތާއީދު ނުކުރި އޮމްބަޑްސްޕަރސަން ތާއީދު ނުކުރި ސަބަބު ބަޔާންކޮށް، އެ އޮމްބަޑްސްޕަރސަންގެ ސޮއި، މައްސަލަ ނިންމި ގޮތުގައި އޮންނާންވާނެއެވެ.
(ރ) ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން މައްސަލައެއް ބެލުމަށް އޮމްބަޑްސްޕަރސަނަކު ތަނާޒުލްވެއްޖެނަމަ، ރިޕޯޓުގައި އެކަން ހިމަނާންވާނެއެވެ.
27 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލުކުރާނެ ގޮތް
(ހ) މައްސަލައެއް ބެލުމަށްފަހު އަމަލުކުރާނީ ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށެވެ.
- ތަހުގީގު ކުރުމަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ބަދަލު ނަގައިދިނުމަށް ހުށަހެޅޭ މައްސަލައެއް ތަހުގީގު ކުރުމަށްފަހު، އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާ ދިން ފަރާތް ސުލްހަކުރުމަށް މަސައްކަތް ކުރުން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ސުލްހަ ނުކުރެވިއްޖެ ނަމަ، ތަހުގީގުކުރި މައްސަލައެއްގެ ޖިނާއީ ބައިތަކުގެ ތަހުގީގު ފުރިހަމަވެ، ދައުވާކުރުމަށް އެކަށީގެންވާ ހެކި ހުރިނަމަ، ދައުވާ ކުރުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
- ތަހުގީގުކުރި މައްސަލައެއްގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ، ފިޔަވަޅު އެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފިހަށް ފޮނުވުން.
- އޮފީހުން މައްސަލައެއް ބަލައި ނިންމުމަށްފަހު، އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާ އިސްލާހު ކުރުމަށް ޓަކައި ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި މުއައްސަސާއަކުން އަމަލުކުރުމަށް ފެންނަގޮތުގެ ލަފާ އެ މުއައްސަސާއަކަށް ދިނުން.
- އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާގައި އެފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އެ މުއައްސަސާއެއްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލު ގެންނާންޖެހޭނަމަ، އެކަން އެ މުއައްސަސާއަކަށް އެންގުން.
(ށ) އޮފީހުން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން ފެންނާން ހުންނަ ހަގީގަތްތަކުގެ އަލީގައި، މި މާއްދާގެ (ހ) ގައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމާއެކު، ނުވަތަ އެފަދަ ގޮތަކަށް އަމަލުކުރުމަކާނުލައި، ތިރީގައިވާ ކަންތައްތަކުން ކަމެއް ކުރުމަށް އޮފީހަށް ނިންމިދާނެއެވެ.
- އަނިޔާ ލިބިފައިވާ ފަރާތްތަކާއި، އެ ފަރާތްތަކާމެދު އަނިޔާވެރިވި ފަރާތަށް މުޖުތަމައުގައި އިހުތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަމުގެ ޕްރޮގްރާމް ހިންގުން.
- އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން، އެކަމުން ފިލާވަޅު ލިބޭނޭހެން ހަނދާނީ ބިނާއެއް ނުވަތަ ދާރުލްއާސާރު ފަދަ ތަންތަން ގާއިމްކުރުމަށް، ކަމާ ގުޅުންހުރި މުއައްސަސާއަކާ ހަވާލުކުރުން.
(ނ) އޮފީހުން ބަލައި ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު ނިމުމުން، މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް، މައްސަލަ ނިންމިކަމުގެ ލިޔުމެއް ރައްދުކުރާންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތަށް އަންގާ އެންގުމަށް އަމަލުނުކޮށްފި ނަމަ، ނުވަތަ އެއްބާރުލުން ނުލިބިއްޖެ ނަމަ، އެކަން، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
28 ވަނަ މާއްދާ - ސުލްހަކުރުން
(ހ) އޮފީހަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު، އެންމެ އިސްކަމެއް ދޭންވާނީ، އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާދިން ފަރާތް ސުލްހަ ކުރުވުމަށެވެ. އަނިޔާ ލިބުނު ފަރާތާއި އަނިޔާ ދިން ފަރާތް ސުލްހަކުރުމަށް ކުރާންޖެހޭ އެންމެހައި ކަންތައްތައް ކުރިޔަށް ގެންދާންވާނި އޮފީހުގައެވެ. އަދި އެ މަސައްކަތް އޮފީހުން ކުރިޔަށް ގެންދާންވާނެއެވެ.
(ށ) ހުށަހެޅޭ މައްސަލައެއް ތަހުގީގު ކުރުމަށްފަހު އޮފީހުން ނިންމާ ނިންމުމަކީ، އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާ ދިން ފަރާތް ސުލްހަ ކުރުވުން ކަމުގައި ވާންވާނެއެވެ.
29 ވަނަ މާއްދާ - ސުލްހަ ކުރުމުގެ މަސައްކަތް ފެށުން
އަނިޔާ ލިބުނު ފަރާތާއި އަނިޔާކުރި ފަރާތް ސުލްހަކުރުމަށް އޮފީހަށް ހާޒިރުވުމަށް ދެ ފަރާތަށް ވެސް އަންގާންވާނީ ލިޔުމުންނެވެ.
30 ވަނަ މާއްދާ - ސުލްހަކުރުމުގެ މަސައްކަތްކުރިޔަށް ގެންދިއުން
(ހ) މައްސަލައިގެ ބާވަތަށް ބަލައި ސުލްހަ ކުރުމަށް އެންމެ އެކަށޭނަކަމަށް ފެންނަ ގޮތަކީ ކޮބައިކަން ކަނޑައަޅައި، އެ ގޮތަކަށް ސުލްހަކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދާންވާނެއެވެ. ސުލްހަކުރުވުމުގައި އަންނަނިވި ގޮތްތަކުން ގޮތެއް އިހްތިޔާރުކުރެވިދާނެއެވެ.
- ނެގޯށިއޭޓްކުރުން؛
- މީޑިއޭޓްކުރުން.
(ށ) މައްސަލަ އެއްގޮތުން ހައްލު ނުވެއްޖެނަމަ، އިތުރު ގޮތްތައް ހިޔާރުކޮށް ސުލްހަކުރުމަށް މަސައްކަތް ކުރާންވާނެއެވެ.
31 ވަނަ މާއްދާ - ސުލްހަކުރުމުގައި އަމަލުކުރާނެ ގޮތް
ސުލްހަކުރުމުގެ މަރުހަލާގައި ދެކެވޭ ހުރިހާ ވާހަކަތަކުގެ ސިއްރު ހިފަހައްޓާންވާނެއެވެ. ސުލްހަކުރުމުގެ ކަންކަން ކުރިޔަށް ގެންދާއިރު، އަންނަނިވި ކަންކަން ކަށަވަރު ކުރާންވާނެއެވެ.
(ހ) ސުލްހަކުރުމުގެ ކަންތައްތައް ކުރިޔަށްގެންދާ ތަނަކީ އޮފީހުގައި ސުލްހަކުރުމުގެ މަސައްކަތަށް ހާއްސަ ކޮށްފައިވާ ތަނެއް ކަމުގައި ވުން.
(ށ) ސުލްހަކުރުމުގެ ވާހަކަތައް އޮފީހުން ރެކޯޑުކުރުން. ވާހަކަތައް ފެށުމުގެ ކުރިން ދެ ފަރާތުގެ ވާހަކަތައް ރެކޯޑުކުރާކަން ދެފަރާތަށް އަންގައި ލިޔުމުން ހުއްދަ ހޯދުން.
(ނ) ސުލްހަކުރުމުގެ މަރުހަލާގައި ދެކެވޭ ވާހަކަތައް އެއްވެސް މީހަކާ ދެކޮޅަށް ބޭނުން ނުކުރުން.
(ރ) ސުލްހަކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދާއިރު، އަނިޔާ ލިބުނު ފަރާތާއި އަނިޔާ ދިން ފަރާތާ ރީތިބަހުން އަދަބު އިހްތިރާމާއެކު މުހާތަބު ކުރުން.
(ބ) ފޯނާއި ރެކޯޑިންގ ޑިވައިސް، ސުލްހަކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ނުވެއްދުމާއި ބޭނުންނުކުރުމަށް އެންގުން.
(ޅ) ސުލްހަކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއަހައި ދެ ފަރާތަށް ވެސް ވާހަކަދެއްކުމަށާއި އިހުސާސްތަކާއި ށުއޫރުތައް ހިއްސާކުރުމަށް ފުރުސަތު ދިނުން.
(ކ) ދެފަރާތުގެ ވާހަކަތަކަށް އެއްވެސް ހުރަހެއް އެޅޭފަދަ ގޮތަކަށް މީޑިއޭޓަރުގެ އަމަލުތައް ނުބެހެއްޓުން.
(އ) ވަކިފަރާތަކަށް ބުރަނުވެ، މީޑިއޭޓަރުގެ ވާހަކަ މަދުކުރުމާއި، ދެ ފަރާތުގެ ވާހަކަތައް އަޑުއަހައި ޖަޖްމެންޓަލް ނުވުން.
(ވ) މީޑިއޭޓަރ ގޮތް ނިންމުމުގެ ބަދަލުގައި ދެ ފަރާތަށް ވާހަކަދެއްކުމުގެ ފުރުސަތު ދީ، ދެ ފަރާތަށް ކަންތައް ނިންމުމަށް ފުރުސަތު ދިނުން.
(މ) އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުވާނެ ފަދަ ގޮތަކަށް ސުލްހަކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.
(ފ) އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނެއް ނަމަ، އެ ފަރާތުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ދޭންޖެހޭ ރައްކައުތެރިކަން ދިނުން.
(ދ) ސުލްހަކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، ދެ ފަރާތުގެ ބޭނުންތައް އެއްގޮތް ނޫންނަމަ، ދެ ފަރާތުން ނިންމި ނިންމުމުގައި ހުރި ފައިދާއާއި ގެއްލުމާމެދު ވާހަކަދައްކަން ފުރުސަތުދީ، އަލުން ގޮތެއް ނިންމުމަށް ފުރުސަތު ދިނުން.
(ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފުރުސަތު ދިނުމުން ސުލްހަނުވާނަމަ، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރުން.
32 ވަނަ މާއްދާ - ސުލްހަކުރާ މާހައުލު
ސުލްހަކުރުމުގެ ކަންތައްތައް ކުރިޔަށްގެންދާ ތަނަކީ އެކަމަށް އެންމެ އެކަށޭނަ އަދި ފަހި މާހުލަކަށް ވާންވާނެއެވެ.
33 ވަނަ މާއްދާ - ސުލްހަކުރުމުގެ މަސައްކަތް ކުރާ ފަރާތް
އޮފީހުން ސުލްހަކުރުވުމުގެ މަސައްކަތަށް ކަނޑައަޅާ މީޑިއޭޓަރއަކީ ނުވަތަ އެ މަސައްކަތްކުރާ ފަރާތަކީ އެކަމުގެ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
ނުވަވަނަ ބާބު
ބަދަލު ނަގައިދިނުމާއި، ފަރުވާ ހޯދައިދިނުން
34 ވަނަ މާއްދާ - ބަދަލު ނަގައިދިނުން
އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގައިފައިވާ އަމަލެއްގެ ސަބަބުން، މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓުމުގެ ސަބަބުން އަނިޔާ ލިބިފައިވާކަމަށް ގަބޫލު ކުރެވޭނަމަ، އެ އަމަލުގެ ށިކާރައަކަށްވި ފަރާތުން ބަދަލު ނަގައިދިނުމަށް އެދި އޮފީހަށް ހުށަހެޅިދާނެއެވެ.
35 ވަނަ މާއްދާ - ސީދާ ގެއްލުމުގެ ބަދަލު
(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން، މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ އަމަލުގެ ސީދާ ނަތީޖާއެއްގެ ގޮތުން، އަންނަނިވި ބާވަތްތަކުގެ އަނިޔާތައް ލިބިފައިވާ ފަރާތްތަކަށް މާލީ ބަދަލު ހޯދުމަށް އެދި އޮފީހަށް ހުށަހެޅިދާނެއެވެ.
- މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުން؛
- ގުނަވަނެއް ނެތިދިއުން، ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން، ނުވަތަ ދާއިމީ ޖިސްމާނީ އެހެން ގެއްލުމެއް ވުން؛
- ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ހާލަތުގައި، ނެގޭ މާލީ ބަދަލު ހޯދައިދިނުމަށް ހުށަހެޅޭނީ، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ގެއްލުން ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.
36 ވަނަ މާއްދާ - ނުސީދާ ގެއްލުމުގެ ބަދަލު
މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ބަދަލު ނަގައިދެވިދާނެ ހާލަތެއްގައި މާލީ ބަދަލު ނަގައިދިނުމުގެ ބަދަލުގައި، ނުވަތަ އެ މާއްދާގައި މާލީ ބަދަލު ނަގައިދިނުމަށް ކަނޑައަޅައިފައިވާ ހާލަތްތައް ފިޔަވައި އެ ނޫން ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތްތަކަށް އެހެނިހެން ބަދަލު ނަގައިދިނުމަށް އެދި، އަނިޔާ ލިބުނު ފަރާތްތަކަށް ހުށަހެޅިދާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން، ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދިނުން.
(ށ) ތައުލީމު ހާސިލުކުރުމުގެ ފުރުސަތު، ނުވަތަ ތަމްރީނު ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުން.
(ނ) ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ ފަރުވާ ހޯދުން.
(ރ) ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުން.
(ބ) ބަންދެއްގައި ހުންނާން ޖެހިފައިވާނަމަ، އެކަމުން ވީއްލުން ނުވަތަ ނުހައްގުން އަދަބެއް ލިބިފައިވާނަމަ އޭގެ ބަދަލު.
37 ވަނަ މާއްދާ - ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަށް ގޮތެއް ނިންމުން
މި ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން އޮފީހަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން އޮފީހުން ހޯދާ ނުވަތަ ހުށަހެޅޭ ހެއްކަށް ރިއާޔަތް ކުރާއިރު، އެއީ ކުށުގެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު މީހެއްކަމަށް އޮފީހަށް ފެނިއްޖެ ހިނދެއްގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮފީހަށް ކަނޑައެޅިދާނެއެވެ.
(ހ) މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރާންވާނީ، ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށްކަމަށް ނިންމުން.
(ށ) މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރަންވާނީ އަނިޔާ ލިބުނު ފަރާތަށް އަނިޔާދިން ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއް ނުވަތަ އިސް ވެރީންގެ މައްޗަށް ކަމަށް ނިންމުން.
38 ވަނަ މާއްދާ - އެހެނިހެން ފަރުވާ
(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާއާއި 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަދަލުގެ އިތުރުން، ނުވަތަ އޭގެ ބަދަލުގައި، އަނިޔާ ލިބޭ ފަރާތްތަކަށް ފަރުވާގެ ގޮތުގައި އަންނަނިވި ކަންކަން ކުރުމަށް އޮފީހަށް ކަނޑައެޅިދާނެއެވެ.
- އިންސާނީ ހައްގަކާ ހިލާފަށް ހިންގަމުންދާ އަމަލު ހުއްޓުވުން؛
- އަމަލު ހިންގި ފަރާތް ޖަވާބުދާރީކުރުވުން؛
- މާފަށް އެދުން، ނުވަތަ މައްސަލައާ ގުޅިގެން ފަރުވާގެ ގޮތުގައި ދިނުމަށް އޮފީހަށް ފެންނަ އެހެން ކަންކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އިހްތިޔާރު ކުރުމުގައި އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތް ކުރެވޭނެއެވެ.
ދިހަވަނަ ބާބު
އަނިޔާ ލިބިފައިވާ ފަރާތްތަކަށާއި ހެކިބަސްދޭ ފަރާތްތަކަށް ދޭ ހާއްސަ ރައްކައުތެރިކަން
39 ވަނަ މާއްދާ - ހާއްސަ ރައްކަ
(ހ) އޮފީހުން ބަލައި ތަހުގީގުކުރާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތަކީ ނުވަތަ އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނެއް ނަމަ، އެ ފަރާތަކަށް ހާއްސަ ރައްކައުތެރިކަމާއި ހިމާޔަތް އޮފީހުން ދޭންވާނެއެވެ.
(ށ) އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނެއް ނަމަ، އެ ފަރާތްތަކަށް ހާއްސަ ރައްކައުތެރިކަމާއި ހިމާޔަތް އޮފީހުން ދޭންވާނެއެވެ.
(ނ) އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނެއް ނަމަ، އެ ފަރާތް ހިމާޔަތްކޮށް ރައްކައުތެރިކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ބަލައި، ރައްކައުތެރިކަމަށް ޓަކައި އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް ވަގުތުން އަޅާންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ސަރުކާރުގެ މުއައްސަސާއަކުން މަސައްކަތްކޮށްފައިވާނަމަ، އެ މައުލޫމާތު އެނގޭނޭ ރިޕޯޓެއް ނުވަތަ ކަމާ ގުޅުންހުރި ލިޔުން ހުށަހެޅުމަށް އެ މުއައްސަސާއަކަށް އެންގުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުންތައް ބަލައި، އެ ފަރާތަކަށް ދޭންޖެހޭ ނަފްސާނީ ފަރުވާ، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފޯރުކޮށްދޭންވާނެއެވެ.
40 ވަނަ މާއްދާ - މައުލޫމާތު ސިއްރުކުރުން
(ހ) އޮފީހުން ތަހުގީގުކުރާ މައްސަލައަކާ ގުޅޭ މައުލޫމާތެއް އޮފީހާ ހިއްސާކުރާ ފަރާތަކުން، ނުވަތަ އަނިޔާ ލިބިފައިވާ ފަރާތަކުން، ނުވަތަ ހެކިބަސްދޭ ފަރާތަކުން އެ ފަރާތުގެ މައުލޫމާތު ހާމަކުރާން ބޭނުންނުވާކަމަށް ބުނެފިނަމަ، އޮފީހުގެ ތަހުގީގަށް ނަގާ ބަޔާނުގައި އެކަން ހިމަނާންވާނެއެވެ.
(ށ) އޮފީހުން ތަހުގީގު ކުރާ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް، ނުވަތަ މުދަލަށް، ނުވަތަ އާއިލާއަށް ގެއްލުންދީފާނެކަމުގެ މައުލޫމާތު ނުވަތަ އިންޒާރު ލިބިފައިވާނަމަ، އެކަމާ ގުޅިގެން ދޭންޖެހޭ ރައްކައުތެރިކަން ދީ، ހެކިބަސް ދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާ ގުޅޭ މައުލޫމާތު ސިއްރު ކުރާން ވާނެއެވެ.
(ނ) ދައުވާ އުފުލުމުށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުވަތަ އެޓަރނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވާންވާނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައެވެ.
(ރ) އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ލިބިފައިވާ ފަރާތްތަކާއި އަދި އެފަދަ އަމަލެއްގެ ސަބަބުން މަދަނީ ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ފަރާތަކަށް ލިބެންޖެހޭ އެހީތެރިކަމާއި ހާއްސަ ރައްކައުތެރިކަން، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ރައްކައުތެރިކަން ފޯރުކޮށްދިނުމަށް އޮފީހުން މަސައްކަތް ކުރާންވާނެއެވެ.
(ބ) އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން، ނަފްސާނީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ދިނުމަށް ޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު އޮފީހުން މަސައްކަތް ކުރާންވާނެއެވެ. މިގޮތުން ދޭ އެހީތެރިކަމަކީ ލިބިފައިވާ އަނިޔާއާ އެއްވަރުގެ އެހީތެރިކަމަކަށް ވާންވާނެއެވެ.
41 ވަނަ މާއްދާ - އަނޔާ ލިބިފައިވާ ފަރާތްތަކަށާއި ހެކިބަސްދޭ ފަރާތްތަކަށް ދޭންޖެހޭ ހާއްސަ ރައްކައުތެރިކަން
(ހ) އޮފީހުން ބަލައި ތަހުގީގުކުރާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތަކާއި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ހާއްސަ ރައްކައުތެރިކަމާއި ހިމާޔަތް އޮފީހުން ދޭންވާނެއެވެ.
(ށ) އޮފީހުން ބަލައި ތަހުގީގުކުރާ މައްސަލައެއްގައި އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ ސަބަބުން، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކޮށް ރައްކައުތެރިކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ބަލައި، ރައްކައުތެރިކަމަށް ޓަކައި އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް މުއައްސަސާތަކާ ގުޅިގެން ވަގުތުން އަޅާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ސަރުކާރުގެ މުއައްސަސާއަކުން މަސައްކަތްކޮށްފައިވޭތޯ އޮފީހުން ބަލައި، މަސައްކަތް ކޮށްފައި ވާނަމަ، އެ މައުލޫމާތު އެނގޭނޭ ރިޕޯޓެއް ހުށަހެޅުމަށް އެ މުއައްސަސާއަކަށް އެންގުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިކަމެއް ނިގުޅައިގަތުމުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުންތައް ބަލައި، ދޭންޖެހޭ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް ކުރާންޖެހޭ މަސައްކަތް އޮފީހުން ކުރާންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ނުވަތަ ޖިސްމާނީ، ނުވަތަ އިޖުތިމާއީ، ނުވަތަ އިގްތިސާދީ، ނުވަތަ ސިއްހީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތާއި، ސައިކޯސޯށަލް އެހީތެރިކަން ފޯރުކޮށްދޭން، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އޮފީހުން މަސައްކަތް ކުރާންވާނެއެވެ.
42 ވަނަ މާއްދާ - އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރަށް ށިކާރަވެރި ނުކުރުމާއި، ފުރުސަތު ދިނުން
އޮފީހުން މައްސަލައެއް ބެލުމުގައި އަދި ކަންކަން ނިންމުމުގައި އަނިޔާ ލިބުނު ފަރާތްތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަށަވަރު ކުރާންވާނެއެވެ.
(ހ) އަނިޔާ ލިބުނު ފަރާތްތައް އިތުރަށް ށިކާރަވެރިނުވާނެ ގޮތެއްގެ މަތީން ފިޔަވަޅުތައް އެޅުން، ނުވަތަ ކަންކަން ކުރުން.
(ށ) އެ ފަރާތްތަކުގެ ގަދަރަށް އުނިކަމެއް ނާންނަ ގޮތެއްގެ މަތީން، އިހްތިރާމާއެކު މުއާމަލާތު ކުރުން.
(ނ) އެކަށީގެންވާ އަވަސް ގޮތެއްގައި، އަދި އިންސާފުވެރިކަމާއެކު ފިޔަވަޅުތައް އެޅުން، ނުވަތަ ކަންކަން ނިންމުން.
(ރ) އަނިޔާ ލިބިފައިވާ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަނުކުރުން.
އެގާރަވަނަ ބާބު
ޕަބްލިކް ހިއަރިންގ
43 ވަނަ މާއްދާ - ޕަބްލިކް ހިއަރިންގތައް ކުރިޔަށް ގެންދިއުން
(ހ) އޮފީހަށް ހުށަހެޅޭ މައްސަލައަކީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ކަމަށް ވެފައި، މި ގަވާއިދުގެ 38 ވަނަ މާއްދާގައި އެހެނިހެން ފަރުވާގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، އިތުރު ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ އޮފީހުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި އާންމުކޮށް ހުޅުވައިލައިގެން ނުވަތަ ހުޅުވައިނުލައި ޕަބްލިކް ހިއަރިންގއެއް ނުވަތަ ހިއަރިންގތަކެއް އޮފީހުން ކުރިޔަށް ގެންދެވިދާނެއެވެ.
(ށ) ހިއަރިންގތައް ބޭއްވުމަށް ނިންމުމާއި، ހިއަރިންގތަކަށް ހާޒިރުވާ މީހުން ކަނޑައެޅުމާއި، އެކަމާ ގުޅޭ އެންމެހައި ކަންތައްތައް ނިންމާނީ އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުމަކުންނެވެ. ޕަބްލިކް ހިއަރިންގ ކުރިޔަށް ގެންދިއުމުގައި ތިރީގައިވާ ކަންތައްތަކަށް އޮފީހުން ރިއާޔަތް ކުރާންވާނެއެވެ.
(ނ) ޕަބްލިކް ހިއަރިންގ ބޭއްވުމަށް އޮފީހުން ނިންމައިފިނަމަ، އެ ހިއަރިންގތަކުގައި، އަނިޔާ ލިބިފައިވާ ފަރާތްތަކާއި އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތާއި ނުވަތަ ފަރާތްތަކާއި މައްސަލައާ ގުޅުންހުރި އެހެނިހެން ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގެ ފުރުސަތުދީ، އެ ފަރާތުގެ ވާހަކަތަކާއި ށުއޫރުތައް ފާޅުކުރާން ޖާގަ ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއަރިންގތައް ބާއްވަންވާނީ، އާންމުންނަށާއި މީޑިއާއަށް ހުޅުވައިލައިގެންނެވެ. އެހެންނަމަވެސް، އެގޮތަށް ހިއަރިންގ ބޭއްވުމަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފެނިއްޖެނަމަ، ކުރިޔަށް ގެންދާންވާނީ ހުޅުވައިނުލައެވެ.
(ބ) އެއްވެސް ހިއަރިންގއެއްގައި އެއްވެސް މީހެއްގެ އިންސާނީ ކަރާމަތަށް ގެއްލުންވާނެ ފަދަ ކަމެއް ހިންގައިގެން ނުވާނެއެވެ. އެފަދަ ކަމެއް ހިނގާނަމަ، ހިއަރިންގ މެދުކަނޑައިލުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެއެވެ.
(ޅ) ޕަބްލިކް ހިއަރިންގތަކަށް ހަޒިރުވެގެން ވާހަކަދައްކާ ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި ކުރާންޖެހޭ ކަންތައްތައް އޮފީހުން ކުރާންވާނެއެވެ. މިކަން ކުރާނީ، އޮފީހުގެ ވިކްޓިމް ސަޕޯޓް ޔުނިޓުގެ އިސްނެގުމާއެކުގައެވެ.
ބާރަވަނަ ބާބު
އެހެނިހެން
44 ވަނަ މާއްދާ - މާނަކުރުން
(ހ) "އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށެވެ.
(ށ) "ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓުތަކާއި، މިނިވަން މުއައްސަސާތަކާއި، ކޮމިށަންތަކާއި، ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.
(ނ) "ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ ފެންވަރުގައި ނިންމުންތައް ނިންމުމުގެ ބާރާއި އިހްތިޔާރު ލިބިގެންވާ އަދި އެ މީހެއްގެ ނިންމުމަށް ތަބާވުން އެ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް ލާޒިމުވެގެންވާ ކޮންމެ މީހަކަށެވެ.
(ރ) "ނިޒާމީ ސިފައެއްގައި ރޭވިގެން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސާއެއްގައި ނުވަތަ އިދާރާއެއްގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ބޭނުންކޮށްގެން ކޮށްފައި ހުންނަ ކަންކަމަށެވެ.
(ބ) "ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގައިފައިވާ އަމަލުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސަސާއަކުން، ނުވަތަ އެއިން ތަނެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގައިފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމުގެ އަމަލުތަކަށެވެ.
(ޅ) "އިންސާނީ ހައްގުތަކާއި އަސާސީ މިނވަންކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކަށާއި މިނިވަންކަމަށެވެ.
(ކ) "އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އަނިޔާ ލިބފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ނުވަތަ ޖިސްމާނީ، ނުވަތަ އިޖުތިމާއީ، ނުވަތަ އިގްތިސާދީ، ނުވަތަ ސިއްހީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދިނުމާއި، ސައިކޯސޯށަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
(އ) "ފިޔަވަޅު އެޅުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، އެ ގާނޫނުގައިވާ ގޮތުގެ މަތީން، ބަދަލު ނަގައިދިނުމުގެ ގޮތުން، ނުވަތަ ފަރުވާ ހޯދައިދިނުމުގެ ގޮތުން، އެ މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ.
45 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފެށުން
މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު