-

ފެނާއި ނަރުދަމާ ހިދުމަތަށް ސަބްސިޑީ ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 17/2020)

 
1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދުގެ ނަމަކީ "ފެނާއި ނަރުދަމާގެ ހިދުމަތަށް ސަބްސިޑީ ދިނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދަކީ، ގާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ގާނޫނު) ގައި މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅާފައިވާ ފަދައިން، ފެނާއި ނަރުދަމާގެ ހިދުމަތުން ސަބްސިޑީ ދޭންޖެހޭ ޙާލަތުގައި ސަބްސިޑީ ދޭނެގޮތްތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މިގަވާއިދު ތަންފީޒުކުރާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.

 

5 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތަށް ސަބްސިޑީ ދިނުން

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ބޭނުންކުރާ އާންމު ގޭބިސީތަކުގެ ތެރެއިން، ވަކި ގިންތިއެއްގެ ގޭބިސީތަކުން ބޭނުންކުރާ ފެނުގެ ނުވަތަ ނަރުދަމާގެ ހިދުމަތުގެ އަގު ހެޔޮކުރުމަށްޓަކައި، ދައުލަތުން އެ ބަޔަކަށް ވަކި މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަނޑަޅައިފިނަމަ، ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އެއްބަސްވުމާއެކު، އެ ގިންތީގެ މީހުން ބޭނުންކުރާ ހިދުމަތަށް ސަބްސިޑީ ދޭނެ މިންވަރާއި، ސަބްސިޑީ ދޭނެ ބޭންޑްތަކާއި ޓެރިފް ރޭޓުތައް އޮތޯރިޓީން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާ އެންމެ މަތީ ޓެރިފް ރޭޓް، ވިޔަފާރި ކުރާ ތަންތަނަށާއި ޞިނާޢީ މަސައްކަތްކުރާ ތަންތަނަށް ކަނޑައަޅާ އެންމެ މަތީ ޓެރިފް ރޭޓަށްވުރެ ކުޑަވާންވާނެއެވެ

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަގު ކަނޑައަޅާއިރު، ހިދުމަތް ބޭނުންކުރާ ނިސްބަތުން އަގުގެ ފަރަގު ގެނެވޭގޮތަށް އަގު ނެގޭނެ ޓެރިފް ބޭންޑުތައް ކަނޑައަޅަންވާނެއެވެ. އަދި މިގޮތަށް ބޭންޑުތައް ކަނޑައަޅާއިރު އެންމެ ފުރަތަމަ ބޭންޑަކީ، އަސާސީ ބޭންޑު ކަމުގައި ކަނޑައަޅައި، އާންމު ގޭބީސީތަކަށް އެ އަސާސީ ބޭންޑުން ހެޔޮ ރޭޓެއްގައި ހިދުމަތް ލިބޭނެގޮތަށް އަގު ކަނޑައަޅަންވާނެއެވެ.

(ރ) ފެނާއި ނަރުދަމާގެ ހިދުމަތުގެ ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް، ގާނޫނު ނަންބަރު 2/2014 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ  ގޮތްތަކާ އެއްގޮތަށް އެހީތެރިވެދޭނެ އިންތިޒާމެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީން ހަމަޖައްސަންވާނެއެވެ.

 

6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

7 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަވާނަމަ، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނު) ގެ ދަށުން އުފައްދަވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ށ) "ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ހޯދާ ފަރާތްތަކަށް ލުޔެއް ފޯރުކޮށްދިނުމަށްޓަކައި ހިދުމަތުގެ އަގުން ދެވޭ ލުއިތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތުގެ ބިލު ދެއްކުމަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށެވެ.

(ނ) "ގޭބީސީ" ކަމަށް ބުނެފައި އެވަނީ، އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި ހަދާ ތަންތަނަށެވެ.  އަދި އެ ތަންތަނުގައި ދިރިއުޅޭ އެންމެންނަށެވެ.

 

މައި ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 8/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު