-

ސިވިލް ސަރވިސްގެ ގަވާއިދު (ގަވާއިދު ނަންބަރު 311/2014) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 130/2020)

 

ގަވާއިދު ނަންބަރު 311/2014 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން 5 އަކުރު އިތުރުކުރުން.

މާނަ ކުރުން 5

(ޅ) "ޓަރމިނަލް އިލްނަސް" ކަމަށް ބުނެފައި އެވަނީ، ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަޤުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީ ގޮތެއްގައި ހޭނެތިދާނެ ފަދަ ރަނގަޅުނުކުރެވޭ ފަދަ ބައްޔެއް ނުވަތަ ހާލަތަކަށެވެ.

(ކ) "ކްރޮނިކް ކޮންޑިށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް ދިމާވާ ބަލިތަކަށެވެ.

  1. ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ (ތެލަސީމިއާ ބަލި ފަދަ) ބައްޔެއް،
  2. ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބައްޔެއް،
  3. ނަންރިވަރސިބްލް ޕެތޮލޮޖިކަލް އަލްޓަރޭށަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔެއް، ނުވަތަ
  4. ދިގުމުއްދަތަކަށް ސިއްހީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ބައްޔެއް.

(އ) "ބޯންމެރޯ" ކަމަށް ބުނެފައި އެވަނީ، އިންސާނާގެ ކަށީގެ ކެވިޓީގެ ތެރޭގައި ހުންނަ މަޑު މެޓީރިއަލަށެވެ.

(ވ) "ގުނަވަން" ކަމަށް ބުނެފައި އެވަނީ، ހިތް، ފުއްޕާމޭ، ފުރަމޭ، ޕެންކްރިއޭސް، ކިޑްނީ، ގޮހޮރު ނުވަތަ އެ ނޫންވެސް ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް ހުއްޓުމެއްނެތި ލޭ ހިނގަންޖެހޭ ގުނަވަންތަކަށެވެ.

(މ) "ސީ.އެސް ވިއުގަ" ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސްގެ އިދާރީ ކަންކަން އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ އޮންލައިން ސޮފްޓްވެއަރއަށެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ވަޒީފާއަށް އައްޔަންކުރުމުގެ އަސާސީ އުސޫލުތައް 75.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ވަޒީފާތަކަށް ކުރިމަތިލުމަށް މި ފަދަ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށާއި، ވަޒީފާގެ މާހައުލަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ފަދަ މާހައުލަކަށް ހެދުމަށް، ދިވެހި ސިވިލް ސަރވިސްގެ ބައެއް މަގާމުތަކަކީ، ހަމައެކަނި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަގާމުތަކެއް ކަމުގައި ކޮމިށަނުން އެކުލަވައިލާ އުސޫލެއްގެ ތެރެއިން ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 188 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން 5 އަކުރު އިތުރުކުރުން.

ސަލާމުގެ ޗުއްޓީ 188.

(ކ) މި މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، އަހަރަކު އިތުރު   30 (ތިރީސް) ދުވަސް ދެވިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ގޮތުގެމަތީން ސަލާމުގެ ޗުއްޓީ ދިނުމުގައި، އެ މުވައްޒަފަކީ ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް އިލްނަސްއެއް ތަހައްމަލުކުރަމުންދާ ފަރާތެއް ކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސަލާމުގެ ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ސަލާމުގެ ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ.

(ވ) މި މާއްދާގެ (ބ) އެހެން އޮތް ނަމަވެސް، މުވައްޒަފަކު ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށްޓަކައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި، މުސާރަ ލިބޭގޮތަށް، އަހަރަކު އިތުރު 30 (ތިރީސް) ދުވަސް ދެވިދާނެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ގޮތުގެ މަތީން ސަލާމުގެ ޗުއްޓީ ދިނުމުގައި، އެ މުވައްޒަފަކީ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރާ ފަރާތެއްކަމާއި، ސަރޖަރީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސަލާމުގެ ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ސަލާމުގެ ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ.

(ފ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ މުއްދަތުގައި، މުވައްޒަފު ގޭގައި ހުރެގެން މަސައްކަތްކުރުމަށް އެދޭނަމަ، ރިކަވަރީ މުއްދަތުގައި، މުވައްޒަފަށް ރިމޯޓުކޮށް މަސައްކަތްކުރުމުގެ އިންތިޒާމު، މުވައްޒަފުގެ ސުޕަވައިޒަރުގެ ލަފަޔާއެކު، އެ އޮފީހެއްގެ މުވައްޒަފުންގެ ކަންތައްތައް ހިންގާ ފަރާތުން ހަމަޖައްސައިދެވިދާނެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 188 ވަނަ މާއްދާގެ ފަހަތަށް - 188 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.  

ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ 1-188

(ހ) އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް ދިމާވެފައިވާ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ އިތުރަށް، މުސާރަ ލިބޭގޮތަށް، އަހަރަކު 60 (ފަސްދޮޅަސް) ދުވަސް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެވިދާނެއެވެ.

  1. ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގުމުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހުން.
  2. ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް، މި މާއްދާގެ (ނ) ނުވަތަ (ރ) ގައިވާ ގޮތުގެ މަތިން މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުން، 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރަށް މި ޗުއްޓީ ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތީން ޗުއްޓީ ދިނުމުގައި، އެ މުވައްޒަފަކީ ޓަރމިނަލް އިލްނަސްއެއް، ނުވަތަ ކްރޮނިކް އިލްނަސްއެއް ތަހައްމަލުކުރަމުންދާ ފަރާތެއްކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތީން ޗުއްޓީ ދިނުމުގައި، އެ މުވައްޒަފަކީ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރާ ފަރާތެއްކަމާއި، ސަރޖަރީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި، މުވައްޒަފު ގޭގައި ހުރެގެން މަސައްކަތްކުރުމަށް އެދޭނަމަ، ރިކަވަރީ މުއްދަތުގައި، މުވައްޒަފަށް ރިމޯޓުކޮށް މަސައްކަތްކުރުމުގެ އިންތިޒާމު، މުވައްޒަފުގެ ސުޕަވައިޒަރުގެ ލަފަޔާއެކު،  އެ އޮފީހެއްގެ މުވައްޒަފުންގެ ކަންތައްތައް ހިންގާ ފަރާތުން ހަމަޖައްސައިދެވިދާނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 190 ވަނަ މާއްދާގެ (ހ) ގެ 1، 2 އަދި 3 ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

ސަލާމުގެ ޗުއްޓީ އަދި އާއިލީ ޒިންމާގެ ޗުއްޓީއަށް މެޑިކަލް ސެޓުފިކެޓު ހުށަހެޅުމާއި ފޯމު ހުށަހެޅުން 190

(ހ)

  1. ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ، ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ މެޑިކަލް ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ނުދެވޭނެއެވެ.
  2. މި އަކުރުގެ 1 ވަނަ ނަންބަރުގައި އެހެންއޮތް ނަމަވެސް، މުވައްޒަފު މަސައްކަތްކުރާ ކޮންމެ އަހަރަކަށް، އަހަރުދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަސް މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.
  3. މި އަކުރުގެ 2 ވަނަ ނަންބަރުގައިވާ 15 (ފަނަރަ) ދުވަސް، ވަކިވަކިން ނުވަތަ ވިދިވިދިގެން 2 (ދޭއް) ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް، މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި، ސަލާމު ޗުއްޓީގެ ގޮތުގައި ނެގިދާނެއެވެ. ނަމަވެސް، ވިދިވިދިގެން ސަލާމުގެ ޗުއްޓީގައި ހުންނަ މަސައްކަތު 2 (ދޭއް) ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް، އެ މުވައްޒަފަކު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު މެޑިކަލް ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.

                                                               

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 197 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

މުސާރަ ނުލިބޭގޮތަށް މުވައްޒަފެއް ވީއްލޭނެ ކަންތައްތައް 197.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގުމުއްދަތަކަށް ބޭސްފަރުވާކުރަންޖެހޭ މުވައްޒަފަކު، މުސާރަ ނުލިބޭގޮތަށް ވީއްލާފައިވާނަމަ، އެ މުވައްޒަފެއްގެ މަގާމު ރިޒަރވްކުރުމާއި ނުކުރުމާމެދު އެ އިދާރާއަކުން ގޮތެއް ނިންމަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރާއި 6 (ހައެއް) މަސްދުވަހަށް ވުރެ އިތުރުވާ ނަމައެވެ.

 

7 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2021 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު