-

ސިވިލް ސަރވިސްގެ ގަވާއިދު (ނަންބަރު 311/2014) އަށް އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 126/2020)

 

ގަވާއިދު ނަންބަރު 311/2014 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާ އިސްލާހުކުރުން.

ކޮމެޓީގެ މަސައްކަތްތައް 47 

(ހ) ދާއިރާގެ ނުވަތަ އިދާރާގެ މަސައްކަތްތައް ހަރުދަނާކޮށް ހަލުވި ކުރުމަށް ޓަކައި، ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް އެހީތެރިވެދިނުން.

(ށ) އޮފީހުގެ މާ ހައުލަކީ މަސައްކަތަށް ފަހި މާ ހައުލަކަށް ހެދުމާއި، މުވައްޒަފުން އުޅޭހިތްވާ، އެކަކު އަނެކަކުގެ އިހްސާސްތައް ދަނެ، އެކަކު އަނެކަކަށް އަޅައިލާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.

(ނ) މަސައްކަތުގެ ފެންވަރު ބެލުމާއި، މުވައްޒަފުންނަށް އިނާޔަތް ދިނުމާއި ކުރިއެރުން ދިނުމުގައި ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ލަފާދީ އެހީތެރިވެދިނުން.

(ރ) ދާއިރާގައި ހިމެނޭ އޮފީސްތަކުގެ ކޮންޕްލަޔަންސް އޮޑިޓާއި، މެނޭޖްމަންޓް އޮޑިޓް ހެދުމަށް ކޮމިށަނަށް އެހީތެރިވެދިނުމާއި، އޮޑިޓް ރިޕޯޓުގައި ރަނގަޅު ކުރުމަށް ހުށަހަޅާ ކަންތައްތައް ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ދާއިރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް އެހީތެރިވެދިނުން.

(ބ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގޮތުން ކުރެވޭ ތަހުގީގުތަކުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެދިނުން.

(ޅ) ދާއިރާގެ ނުވަތަ އިދާރާގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގައި އެޗް.އާރް.އެމް.ޑީ ކޮމެޓީއަށް ފާހަގަކުރެވޭ ކަންތައްތައް ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުން.

(ކ) މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އިތުރު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އިސްލާހުކުރުން.

ވަޒީފާއަށް އައްޔަނު ކުރުމުގެ ށަރުތުތައް 78.(ހ)

(ހ) ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާއަށް އައްޔަނު ކުރެވޭނީ، ތިރީގައި މިވާ ށަރުތުތައް ފުރިހަމަވުމާއެކު، އެ މަގާމެއްގެ ށަރުތު ހަމަވާ މީހުންނެވެ.

  1. ދިވެހި ރައްޔިތަކަށް ވުން.

(ށ) ވަޒީފާއަށް އައްޔަނު ކުރެވޭ ފަރާތަކަށް އެކަށީގެންވާ ގޮތެއްގައި ވަޒީފާ އަދާނުކުރެވޭނެކަމަށް އެ އިދާރާއަކަށް ފެންނަ ހާލަތުގައި، އެ މީހަކީ އެ ވަޒީފާއެއް އަދާކުރެވޭވަރުގެ ސިއް ހަތެއްގައި ހުރި މީހެއްތޯ ކަށަވަރު ކުރުމަށް ފަހު، ވަޒީފާ ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށްޓަކައި، އެ ކަން ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

(ނ) ވަޒީފާއަށް އައްޔަނު ކުރެވޭ ފަރާތަކަށް އެކަށީގެންވާ ގޮތެއްގައި ވަޒީފާ އަދާނުކުރެވޭނެކަމަށް އެ އިދާރާއަކަށް ފެންނަ ހާލަތުގައި، އެ މީހަކީ އަހްލާގީގޮތުން، ނުވަތަ ގައުމީ ސަލާމަތާ ގުޅޭގޮތުން އެ ވަޒީފާއެއް އަދާކުރުމަށް އެކަށީގެންވާ މީހެއްތޯ ބެލުމަށް ފަހު، އެކަށީގެން ނުވާ މީހެއްކަމަށް ފެންނަ ނަމަ، މި ގަވާއިދުގެ 7 ވަނަ ޗެޕްޓަރުގައިވާ ގޮތުގެ މަތީން އަހްލާގީ މިންގަނޑާއި، ގައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ ބަލައި، ވަޒީފާ ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށްޓަކައި އެ ކަން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 93 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، ޖަދުވަލު 7 އުނިކުރުން.

ވަޒީފާއަށް ކުރިމަތިލުން 93

ވަޒީފާއަށް އެދި ހުށަހަޅާނީ، ސިވިލް ސަރވިސް ކޮމިށަނުން އާންމުކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" ގައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" އިންނެވެ. އަދި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި މީހަކު، ސިވިލް ސަރވިސްގެ އެހެން މަގާމަކަށް ކުރިމަތިލިޔަސް މި ފޯމު ފުރައިފައި ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ނ) އާއި (ރ) އުނިކުރުން.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންޓަރވިއު ޕެނަލުގައި ހިމަނައިގެން ނުވާނެ ފަރާތްތައް 97. (ށ)

ސިޔާސީ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތެއް އިންޓަވިއު ޕެނަލުގެ މެންބަރެއްގެ ގޮތުގައި ހިމަނައިގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާ އިސްލާހުކޮށް، ޖަދުވަލު 8 އުނިކުރުން.

ވަޒީފާއަށް ނުހޮވުނު ފަރާތްތަކަށް އެންގުން 99.

ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އެ ވަޒީފާއަށް ނުހޮވޭ މީހުންނަށް ނުހޮވޭކަން ސަބަބާއެކު، އެ އިދާރާއަކުން ލިޔުމުން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު