-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 90/2020)

 

1 ވަނަ މާއްދާ - މިއީ ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1.01 ވަނަ މާއްދާގެ (އ) އާއި (ވ) އަންނަނިވި ގޮތަށް އިސްލާހުކޮށް، (މ) ގެ ގޮތުގައި ނަންބަރެއް އިތުރު ކުރުން.

1.01.(އ) ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލުތަކާއި، މި ގަވާއިދުގެ ދަށުން މިނިސްޓަރު ނެރޭ މާލިއްޔަތާ ގުޅޭ ސަރކިއުލަރތަކާ އެއްގޮތަށެވެ.

(ވ) މި ގަވާއިދުގެ ބޭނުމަށް "މާލިއްޔަތާ ގުޅޭ ސަރކިއުލަރ" ކަމަށް ބުނެފައިވަނީ، ދައުލަތުގެ ސިޔާސަތެއް ތަންފީޒު ކުރުމަށް ނުވަތަ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަމެއް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކުގެތެރެއިން އަދި އެ ގަވާއިދާ ފުށުއެރުމެއް ނުވާގޮތަށް ތަންފީޒު ކުރުމަށް ޓަކައި އެކަށައަޅަންޖެހޭ ތަފުސީލީ އިޖުރާއަތެއް ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ލިޔުމުން ނެރޭ އެކިއެކި އެންގުންތަކަށެވެ.

(މ) މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެނައުމުގެ ބާރު ލިބިގެންވަނީ މިނިސްޓަރަށެވެ. މި ގަވާއިދަށް ގެނެވޭ އިސްލާހުތަކާއި، މި ގަވާއިދުގެ ދަށުން މިނިސްޓަރު ނެރޭއުސޫލުތަކާއި، މާލިއްޔަތާ ގުޅޭ ސަރކިއުލަރތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައިށާއިއު ކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1.02 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި މާނަކުރުން އިތުރުކުރުން.

1.02.(ހ) "އަސާސީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ދައުލަތުގެ ފަރާތުން ފޯރުވައި ދިނުމަށްޓަކައި ދޭންޖެހޭ ހިދުމަތަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1.02 ވަނަ މާއްދާގެ ފަހަތަށް  1-1.02 ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ހާލަތު  1-1.02.

(ހ) މި ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރަށް ނިންމޭނީ، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު؛
  2. ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތު؛ އަދި
  3. ގާނޫނު ނަންބަރު 28/2015 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމަލުކުރާ ހާލަތުގައި، ގަވާއިދަށް އަމަލުނުކުރަން ނިންމި ނިންމުމަށް ވާސިލުވީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންކަމާއި، އެ ހާލަތުގައި ގަވާއިދަށް އަމަލުކުރުމުން ކުރިމަތިވަނީ ކޮންކޮން ދަތިތަކެއްކަން ތަފުސީލުކޮށް އެނގޭގޮތަށް ސަބަބު ބަޔާންކޮށް އަދި މި ގަވާއިދުން އަމަލުނުކުރާނެ ބައިތަކާއި، އަމަލު ނުކުރާނެ މުއްދަތާއި، އެ މުއްދަތުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލު އެނގޭނެ ގޮތަށް މިނިސްޓަރުގެ ގަރާރަކުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ހަރަދުތަކުގެ ތަފުސީލު،މި މާއްދާގެ (ހ) ގެ ދަށުން ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުނުކުރަންމިނިސްޓަރު ނިންމައިފައިވާ މުއްދަތުގެ ތެރޭގައި، މަދުވެގެން ހަފުތާއަކު 1 (އެކެއް) ފަހަރު އެ އިދާރާއަކުން އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ހަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް، މިނިސްޓްރީ އޮފް ފިނޭންސުން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ހަރަދުތައް އެ އިދާރާއެއްގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ އިސްކަމެއްދީގެން ބަލަންވާނެއެވެ.

(ޅ) ހަނގުރާމައެއްގެ ހާލަތު ގައުމަށް މެދުވެރިވެގެން، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެގެން، ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެގެން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެއްޖެނަމަ، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަޔާއެކު، ނުވަތަ އެ ވުޒާރާ ހިންގުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މީހެއްގެ ހުއްދަޔާއެކު، ޗީފް އޮފް ޑިފެންސް ފޯސް އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެއެވެ.

(ކ) ގުދުރަތީ ކާރިސާއެއް ދިމާވެގެން، ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް ދިމާވެގެން މި މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތު މެދުވެރިވެއްޖެނަމަ، އެ ފަހަރަކު ބޭނުންވާ މިންވަރަކަށް މިނިސްޓަރ އޮފް ފިނޭންސް ނުވަތަ އެ ވުޒާރާ ހިންގުން ހަވާލުކޮށްފައިވާ މީހަކު އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.03 ވަނަ މާއްދާ އުނިކުރުން. 

މި ގަވާއިދުގެ 10.03 ވަނަ މާއްދާ ވަނީ އުނިކުރެވިފައެވެ.

 

6 ވަނަ މާއްދާ - 6 ބުނެވިދިޔަ ގަވާއިދުގެ 10.08 ވަނަ މާއްދާ އަންނަވިގޮތަށް އިސްލާހުކުރުން.

އިދާރީ ހިންގުން

(ހ) މި ގަވާއިދުގެ 10.07 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕްރޮކިއުމަންޓާބެހޭކަންތައްތައް ހިންގާނެ ފަރާތެއް، ދައުލަތުގެ މާލީ ވުޒާރާގައި ގާއިމުކުރަންވާނެއެވެ. މި ފަރާތުގެ މަސައްކަތް ހިންގާނެ ގޮތުގެ އޮޕަރޭށަން މެނުއަލެއް އެ ވުޒާރާއިން އެކުލަވައިލަންވާނެއެވެ.

(ށ) މި ގަވާއިދުގެ 10.07 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގުމުގައި ހަރުދަނާކަމާއެކު، އެއް އުސޫލަކުން ހަމަހަމަގޮތެއްގައި ގެންގޮސް ނިންމުމަށް ދައުލަތުގެ ކޮންމެ އޮފީހެއްގައި ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.09 ވަނަ މާއްދާގެ (ބ) އަންނަވިގޮތަށް އިސްލާހުކުރުން.

10.09 (ބ) މި ގަވާއިދުގެ 10.27 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުރިޔަށްގެންދާޕްރޮކިއުމަންޓްތަކުގައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެމަށްވަރާގެ މަތިން ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.17 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވިގޮތަށް އިސްލާހުކުރުން.

ޕްރޮކިއުމަންޓުގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ކުރިން ހުއްދަ ހޯދުން 10.17

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.23 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

10.23 (ނ) (2) މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތެއްމެދުވެރިވުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކޮށް، 
އެ މާއްދާއަށް (5) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން. 

(ރ) (2) މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތެއް މެދުވެރިވުން.

(5) ބައިނަލްއަގްވާމީ ފޯރަމްތަކުގައި ދައުލަތުގެ ފަރާތުން ކުރިޔަ ށްގެންދާ ނުވަތަ ދައުލަތުގެ މައްޗަށް ހުށަހެޅޭ މައްސަލަތަކާއި ދައުލަތް ހިމެނޭ އާބިޓްރޭށަންފަދަ ކަންކަމުގައި، ދައުލަތުގެ ފަރާތުން އައްޔަނު ކުރަންޖެހޭ ގާނޫނީ ވަކީލުން (ލީގަލް ކައުންސެލް)، އަދި/ނުވަތަ ހަބީރުން (އެކްސްޕާޓް) އިން ހޯދުމުގައި، ސިއްރު ހިފެހެއްޓުން ލާޒިމްވާ ނުވަތަ އެ ކަމެއްގެ ބާވަތުން ވަކި ބަޔަކު ނުވަތަ ވަކި ހާއްސަ ފަރާތެއް ކަނޑައެޅުން މުހިން މުވާ ހާލަތްތަކުގައި، އެ ފަދަ ފަރާތެއް އައްޔަނު ކުރުމަށް.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހްކޮށް، އެ މާއްދާއަށް (6) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

10.26(ހ)

(1) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުންނާއި، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުންނާއި، ގާނޫނު ނަންބަރު 28/2015 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތު އިއުލާނުކުރުމުން؛

(3) ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް އަސާސީ ހިދުމަތެއް ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް އާ ންމުކޮށް އިއުލާނުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަގުތު ނެތުމުގެ ސަބަބުން އެފަދަ ޕްރޮގް ރާމްތައް ހިންގުމަށް ކުރަންޖެހޭ ހަރަދެއް ނުކުރެވިއްޖެނަމަ، ރައްޔިތުންނަށްދޭންޖެހޭ އަސާސީ ހިދުމަތެއް ނުދެވި ލަސްކުރެވެން ނެތް ހާލަތްތަކުގައި؛

(5) ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ސަރުކާރުން ކުރިޔަށްގެންދާ އަސާސީ ހިދުމަތަކާ ގުޅުންހުރި ޕްރޮޖެކްޓެއް ނުވަތަ ދެމުންދާ އަސާސީ ހިދުމަތަކާ ގުޅުންހުރި މަސައްކަތެއް އެކަށީގެންވާވަރަށްވުރެ ލަސްވާނަމަ، އެ ތަކެތި ހޯދުމަށް؛

(6) ގައުމުގެ ދިފާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއް މެދުވެރިވެގެންނުވަތަ ގުދުރަތީ ކާރިސާއެއް ދިމާވެގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.27 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން 10.27.

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް،ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި މަސައްކަތެއް ހަވާލު ކުރެވޭނީ ތިރީގައިވާ އުސޫލުންނެވެ.

(1) ދައުލަތުން ކުރިޔާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަށްރޫއުތަކުގެ މަސައްކަތްތައް، އާންމުކޮށް ބީލަމަށް ހުޅުވައިނުލައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، އެ ކުންފުނިތަކުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ސަބްސިޑިއަރީ ކުންފުނިތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެއެވެ.

(2) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާންވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.

(3) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.

(4) މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިޔަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް، މި ގަވާއިދުގެ 10.09 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދެވިދާނެއެވެ.މިގޮތުން، ހަވާލުކުރެވޭ މަސައްކަތްތަކީ އިތުރު ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިޔަށް ގެންދެވޭނެ މަސައްކަތެއް ނޫންކަން މަސައްކަތް ހަވާލުކުރާފަރާތުން ކަށަވަރުކުރަން ވާނެއެވެ.

(5) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން ގާބިލު ފަރާތެއްކަން ކަށަވަރު ކުރަން ވާނެއެވެ.

(6) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10.09 ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް،ބޭރުގެ ގައުމެއްގެ ހިލޭ އެހީ ނުވަތަ ކޮންސެށަނަލް ލޯނެއްގެ ދަށުން ހިންގާ މަށްރޫއުތަކުގައި، އެ މަށްރޫއުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ނުވަތަ ލޯނު އެއްބަސްވުމުގައި، އެ އެހީ ނުވަތަ ލޯނު ދޭ ފަރާތަކުން، އެ މަށްރޫއުގެ މަސައްކަތްތައްވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ހުޅުވައިލައިގެން ކުރިޔަށް ގެންދިޔުމަށްށަރުތުކޮށްފައިވާނަމަ، މި ގަވާއިދުގެ 10.09 ގެ ދަށުން ހުއްދަ ހޯދުމަށްފަހު، އެފަދަ ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރިޔަށް ގެންދެވިދާނެއެވެ

(ނ) އަންސޮލިސިޓެޑް ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަށްރޫއެއް ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން މަސައްކަތެއް ކުރިޔަށް ގެންދާ ހާލަތުގައި، އެ މަށްރޫއެއް ކުރިޔަށް ގެންދިޔުމަށް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަށްރޫއެއް ކުރިޔަށް ގެންދިޔުމަށް އެކަށީގެންވާ ގާބިލު ފަރާތެއްކަމާއި، މަށްރޫއު ކުރިޔަށްގެންދާ އަގަކީ ދައުލަތަށް ފައިދާހުރި ހަމައަގެއްކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" އަކީ،ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކޮމިޓީން ނިންމުމުގައި ވޯޓުގައި ބައިވެރިވާންވާނީ ކޮމިޓީގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ބ) ގެ ފެށޭ އިބާރާތް އަންނަނިވިގޮތަށް އިސްލާހުކުރުން.

10.38 (ބ). ތިރީގައިމިވާ ފަދަ ޕްރޮޖެކްޓްތައް، ބައިނަލްއަގުވާމީ ފެންވަރެއްގައި ދައުރުވާ ޗާޕުކޮށްގެން ނުކުންނަ ނޫސް މަޖައްލާތަކުގެ ތެރެއިން މަދުވެގެން 2 (ދޭއް) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ށާއިއުކޮށްގެންނާއި އިލެކްޓްރޯނިކް ވަސީލަތްތަކުގައި އާންމު ކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.49 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

10.49 (ހ). ދައުލަތުގެ އޮފީސްތަކުން، ރާއްޖެއަށް ލިބޭނެ ފައިދާގެ މައްޗަށް ބިނާކޮށް ބީލަންތައް ވަޒަންކުރާނަމަ، ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމުގައި، ބީލަމުގައި ބައިވެރިވާ ދިވެހި ފަރާތްތަކަށް އިސްކަންދެވިދާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ގަވާއިދުގެ 10.51 ވަނަ މާއްދާގެ (ރ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ރ) ކޮންޓްރެކްޓް ހަވާލުކުރަން ނިންމަންވާނީ، ކޮންޓްރެކްޓް ލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން ނުވަތަ އެ ފައިސާ ދެއްކުމަށް ދައުލަތާއެކު އިތުރު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދާ ފަރާތެއްކަން ލިޔުމުން ކަށަވަރު ކުރުމަށްފަހުގައެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.67 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

10.67(ހ)(2). އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ހަމަވަންދެން ހުށަހަޅާ ބިލުތަކުން، އެޑްވާންސް ފައިސާ ދެވިފައިވާ ނިސްބަތަށްވުރެ މަދުނުވާނޭހެންކެނޑުން.

(ރ) މަސައްކަތް ކޮށްދޭ ފަރާތަށް ނުވަތަ ހިދުމަތް ފޯރުވައިދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުވައިދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެއެވެ. މިގޮތަށް ހޯދާ އެޑްވާންސް ޕޭމަންޓް ގެރެންޓީ ވާންޖެހޭނީ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިއުޓަކުން އެ އެކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.68 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

10.68. (ހ) ހިދުމަތާއި ތަކެތި ހޯދުން ފިޔަވައި، ކުރުވާ މަސައްކަތުގެ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޓެންށަން ފައިސާ އުނިކޮށް، އެ ފައިސާ އަނބުރާ ދޫކުރަންވާނެއެވެ.

(1) ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ %5 (ފަހެއް އިންސައްތަ) ކެނޑުން؛

(2) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ރިޓެންށަން ފައިސާ ކެނޑުމަށްފަހު، ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ އަނބުރާ ދޫކުރުން.
2.1 ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑާ ހަމަޔަށް، މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސްވުމުން އަނބުރާ ދިނުން.

2.2 ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑާ ހަމަޔަށް، މަސައްކަތް ނިމޭތާ 12 (ބާރަ) މަސްދުވަސް ވުމުން އަނބުރާ ދިނުން.

2.3 މި މާއްދާގެ 2.2 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ރިޓެންށަން ފައިސާގެ އަދަދަށްވާ ސެކިއުރިޓީއެއް ހުށަހަޅައިފިނަމަ،އިސްވެ ބަޔާންކުރި މުއްދަތުގެ ކުރިން، ރިޓެންށަން ފައިސާ ދޫކުރުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.71 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

10.71(ށ). މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އެއްވެސް ހާލެއްގައި މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ލިކުއިޑޭޓެޑް ޑެމޭޖަސް އިތުރުވެއްޖެނަމަ، ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކުރެވިދާނެއެވެ. އަދި ކޮންޓްރެކްޓާ ހިލާފުވި ފަރާތުގެ ޕަރފޯމަންސް ސެކިއުރިޓީ ނުވަތަ އެހެން ސެކިއުރިޓީއެއް ވާނަމަ ދޫނުކޮށް ހިފަހައްޓަންވާނެއެވެ. މިގޮތުން، ހިފަހައްޓާ ސެކިއުރިޓީއަކުން ކޮންޓްރެކްޓަރ ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސް ސެޓްއޮފް ކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11.07 ވަނަ މާއްދާގެ ފަހަތަށް 1-11.07 އަދި 2-11.07 ގެ ގޮތުގައި މާއްދާއެއް

އިތުރުކުރުން.ދައުލަތުގެ އޮފީސްތަކުން މާލީ ކަންކަމުގައި ލުއިދިނުން 1-11.07

(ހ) ދައުލަތުގެ ނަމުގައި، ކައުންސިލްތައް ފިޔަވައި، ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް ލުޔެއްނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ،އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން ، މިނިސްޓަރުގެލަފާގެ މަތިން ރައީސުލްޖުމްރިއްޔާގެ ހުއްދަ ލިބިގެންނެވެ.

 

ކައުންސިލްތަކުން މާލީ ކަންކަމުގައި ލުއިދިނުން 2-11.07.

(ހ)  ކައުންސިލްތަކުގެ ނަމުގައި ހިންގާ މުއާމަލާތަކާ ގުޅިގެން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދޭންވާނީ، އެކަމާ ގުޅޭ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން އެ ކައުންސިލަކަށް ހުށަހެޅުމުން، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް ދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް މީހަކަށް ނުވަތަ ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، އެ މީހަކަށް ނުވަތަ އެ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަކީ، އެ ކަމުގައި އިޖުތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ އަދުލުވެރި ކަމެއް ކަމުގައި ނުވަތަ އެ ސަރަހައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ކައުންސިލަށް ފެންނަ ހާލަތްތަކުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދީފިނަމަ، އެކަމުގެ މައުލޫމާތު، 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17.20 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން. 

17.20 (ށ)  ބިޑު ހުށަހަޅާ ފަރާތަކީ ގާބިލު ފަރާތެއްކަން ނުވަތަ ނޫންކަން ބެލުން މަގުބޫލު އުޒުރެއްނެތި ލަސްކުރުމާއި، ބީލަންތައް ހުޅުވުމާއި، ބީލަންތައް ވަޒަންކުރުން އެކަށީގެންވާ ވަރަށްވުރެ ލަސްކުރުމާއި، ބީލަންތައް ކާމިޔާބުކުރި ފަރާތަށް އެކަން އެންގުން ލަސްކުރުމާއި، މަސައްކަތްކުރާ ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ކަނޑައެޅިފައި އޮންނަ ވަގުތަށްވުރެ ލަސްކުރުން.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ" ބޭނުންކޮށްފައި ހުރި ތަންތަން، "މިނިސްޓްރީއޮފް ފިނޭންސް" އަށް ބަދަލުކުރުން. 


22 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން ނުވަތަ ގަވާއިދުން އުނިކުރާ މާއްދާތަކާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

23 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017/20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު