-

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިދާރީ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 112/2020)

 

ގަވާއިދު ނަންބަރު 50/2013 (ކެޕިޓަލް މާކެޓް ޑި ވެލޮޕްމަންޓް އޮތޯރިޓީގެ އިދާރީ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ (i) އަންނަނިވިގޮތަށް އިސްލާހުކުރުން. 

(19) (ށ) (3) (i) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ފިޔަވަޅުތައް އެޅުމުންވެސް މުވައްޒަފެއްގެ އަހްލާގު އިސްލާހު ނުވެއްޖެ ނަމަ، ނުވަތަ އެ މުވައްޒަފަކީ މަގާމުގެ ވާޖިބު އަދާ ނުކުރެވޭ ފަދަ މުވައްޒަފެއް ކަމަށް މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމުން (ޕަރފޯމަންސް އެޕްރައިޒަލް) ފާހަގަކުރެވުމުން ނުވަތަ ހިއުމަން ރިސޯސް ކޮމިޓީން ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފާ ދީފި ނަމަ، އެ މުވައްޒަފަކު ހުރި މަގާމަށް ވުރެ ދަށް މަގާމަކަށް ބަދަލުކުރުމުގެ އިހްތިޔާރު، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

20 (ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އިދާރީ މަގާމުތައް އުފައްދައި، މަގާމު އުވައިލައި،އޮތޯރިޓީގެ އިދާރީ އޮނިގަނޑަށް ބަދަލުގެންނާނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ އޮތޯރިޓީގެ އިދާރީ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން މަގާމުތަކަށް އައްޔަނުކޮށް ވަކިކުރުމުގެ ކަންކަން ތަންފީޒުކުރުމަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތެކެވެ.

(ރ) އޮތޯރިޓީގެ މަގާމުތަކުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުން މަގާމު އުވިއްޖެ ނަމަ، އެ މަގާމުގައި ހުރި މުވައްޒަފަކު އޮތޯރިޓީގެ އެހެން މަގާމަކަށް ބަދަލުކުރުމުގެ ނުވަތަ ދޫކޮށްލުމުގެ އިހްތިޔާރު، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާއަށް (ރ) އާއި (ބ) އިތުރުކުރުން. 

21 (ރ) އޮތޯރިޓީގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ ބައެއް މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ ކަންކަން ކުރަންވާނީ،ޑިރެކްޓަރުންގެ ބޯޑުގެ ސީދާ ބެލުމުގެ ދަށުންނެވެ. މި މަގާމުތައް، ވަޒީފާގެ އޮނިގަނޑުގެ ކެޓަގަރީ 1 ގެ މަގާމުތަކުގެ ގޮތުގައި ކަނޑައަޅައިފައި އޮންނަން ވާނެއެވެ. މި މަގާމުތަކަށް މުވައްޒަފުން ހޯދުމާއި، ހޮވުމާއި، ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމުގެ ކަންކަން ހަމަޖައްސާނީ، ޗީފް އެގްޒެކެޓިވް އޮފިސަރ ހިމެނޭ ގޮތަށް އެކުލަވައިލާ ޑިރެކްޓަރުންގެ ބޯޑުގެ 3 (ތިނެއް) މެންބަރުން ހިމެނޭ ކޮމިޓީއަކުންނެވެ. މި މަގާމުތަކަށް ކުރިމަތިލުމަށް އޮތޯރިޓީގެ ތެރޭގައި ނުވަތަ އާންމުކޮށް ހުޅުވައިލުމުން، އެޕްލިކޭށަން ހުށަހަޅާ ފަރާތްތައް އިވޭލުއެޓްކޮށް، ށޯޓްލިސްޓްކޮށް އިންޓަވިއުކުރާނީ ވެސް މި ކޮމިޓީންނެވެ. އަދި މި މަގާމަށް މުވައްޒަފަކު ހޮވޭނީ، މި ކޮމިޓީގެ ހުށަހެޅުމުގެ މަތިން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްގެންނެވެ.

(ބ) ކެޓަގަރީ 1 ގެ މަގާމުތައް ފިޔަވައި އޮތޯރިޓީގެ ވަޒީފާގެ އޮނިގަނޑުގައި ދެން ހިމެނޭ މަގާމުތަކަކީ ކެޓަގަރީ 2 ގެ މަގާމުތަކެވެ. މި މަގާމުތަކަށް މުވައްޒަފުން ހޯދުމާއި، ހޮވުމާއި، ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމުގެ ކަންކަން ހަމަޖައްސާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ސީދާ ބެލުމުގެ ދަށުން އެޗް.އާރް ކޮމިޓީންނެވެ. މި މަގާމުތަކަށް ކުރިމަތިލުމަށް އޮތޯރިޓީގެ ތެރޭގައި ނުވަތަ އާންމުކޮށް ހުޅުވައިލުމުން، އެޕްލިކޭށަން ހުށަހަޅާ ފަރާތްތައް އިވޭލުއެޓްކޮށް، ށޯޓް ލިސްޓްކޮށް އިންޓަވިއުކުރާނީ،ޗީފް އެގްޒެކެޓިވް އޮފިސަރ ހިމެނޭ ގޮތަށް އެކުލަވައިލާ އެޗް.އާރް. ކޮމިޓީގެ 3 (ތިނެއް) މެންބަރުން ހިމެނޭ ޕެނަލަކުންނެވެ. އަދި މި މަގާމަށް މުވައްޒަފަކު ހޮވޭނީ، އެޗް.އާރް ކޮމިޓީގެ ހުށަހެޅުމުގެ މަތިން، ޗީފް އެގްޒެކެޓިވް އޮފިސަރ ފާސް ކުރުމުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި (ބ) އިތުރުކުރުން.

24 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާގެ ކުރިއެރުން ދޭނީ، ވަޒީފާގެ ށަރުތު ހަމަވުމުގެ އިތުރުން، އޮނިގަނޑުގެ ތެރެއިން ވަޒީފާގެ ކުރިއެރުން ދެވެން އޮތް ނަމަ، އަންނަނިވި ކަންތައްތަކަށާއި، މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ވަޒީފާގެ ކުރިއެރުން ދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  1. މަގާމުގެ ް މަސއޫލިއްޔަތުތަކަށް އެމުވައްޒަފަކު އެކަށީގެންވާ މިންވަރު؛
  2. އެމުވައްޒަފަކު ހާޟިރީއަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން ލިބިފައިވާ މާރކްސް؛
  3. އިސްލާހީ ފިޔަވަޅު އެޅިފައިވޭތޯއާއި އިސްލާހީ ފިޔަވަޅު އެޅިފައިވާނަމަ، އިސްލާހީ ފިޔަވަޅު އަޅާފައިވާ ފެންވަރާއި މިންވަރު.

(ރ) ކެޓަގަރީ 1 ގެ މަގާމަކަށް ޕްރޮމޯށަން ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނީ، ޗީފް އެގްޒެކެޓިވް އޮފިސަރ ހިމެނޭ ގޮތަށް އެކުލަވައިލެވޭ ޑިރެކްޓަރުން ބޯޑުގެ 3 (ތިނެއް) މެންބަރުން ހިމެނޭ ކޮމިޓީއަކުންނެވެ. އަދި ބޯޑުގެ މި ކޮމިޓީން ޕްރޮމޯށަނަށް ހުށަހަޅައިފައިވާ މުވައްޒަފުގެ ޕަރފޯމަންސް އެސެސްމަންޓަށް ރިއާޔަތްކޮށްފައި އެ މުވައްޒަފަކު ޕްރޮމޯޓްކުރުމަށް އެކަށީގެންވޭތޯ ބެލުމަށް އެ މުވައްޒަފަކާ އިންޓަވިއު ކުރަން ވާނެއެވެ. އަދި ޕަރފޯމަންސް އެސެސްމަންޓަށާއި އިންޓަވިއުއަށް ރިއާޔަތްކޮށްފައި ޕްރޮމޯށަން ދިނުމަށް ނިންމަންވާނީ މި ކޮމިޓީގެ ހުށަހެޅުމުގެ މަތިން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްގެންނެވެ.

(ބ) ކެޓަގަރީ 2 ގެ މަގާމަކަށް ޕްރޮމޯށަން ދިނުމުގެ ޕްރޮސެސް ކުރިޔަށް ގެންދާނީ އެޗް.އާރް ކޮމިޓީންނެވެ. އެޗް.އާރް ކޮމިޓީން މުވައްޒަފުގެ ޕަރފޯމަންސް އެސެސްމަންޓަށް ބަލައި، އެ މުވައްޒަފަކު ޕްރޮމޯޓް ކުރުމަށް އެކަށީގެންވޭތޯ ބެލުމަށް ޗީފް އެގްޒެކެޓިވް އޮފިސަރ ހިމެނޭގޮތަ ށް އެކުލެވައިލެވޭ މި ކޮމިޓީގެ 3 (ތިނެއް) މެންބަރުންގެ ޕެނަލަކުން އެ މުވައްޒަފަކާ އިންޓަވިއު ކުރަންވާނެއެވެ. އަދި ޕަރފޯމަންސް އެސެސްމަންޓަށާއި އިންޓަވިއުއަށް ރިއާޔަތްކޮށްފައި ޕްރޮމޯށަން ދިނުމަށް ނިންމާނީ، އެޗް.އާރް ކޮމިޓީގެ ލަފާގެ މަތިން، ޗީފް އެގްޒެކެޓި ވް އޮފިސަރ ފާސްކުރުމުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

25 (ހ) (4) މި ގަވާއިދުގެ 19 ވަނަ މާއްދާ (އިސްލާހީ ފިޔަވަޅު އެޅުން) ގައި ބުނެފައިވާ ގޮތުގެ މަތިން އަޅާ އިސްލާހީ ފިޔަވަޅުގެ ދަ ށުން ކެޓަގަރީ 1 ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމުން، ނުވަތަ ކެޓަގަރީ 2 ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޗީފް އެގްޒެކެޓިވް އޮފިސަރ ނިންމުން. މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އަޅާ އިސްލާހީ ފިޔަވަޅަކާ ގުޅިގެން ކެ ޓަގަރީ 1 ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމަންވާނީ ޗީފް އެގްޒެކެޓިވް އޮފިސަރ ހިމެނޭ ގޮތަށް އެކުލަވައިލެވޭ ޑިރެކްޓަރުންގެ ބޯޑުގެ 3 (ތިނެއް) މެންބަރުން ހިމެނޭ ކޮމިޓީއަކުން މައްސަލަ ބެލުމަށްފަހު ބޯޑަށް ހުށަހަޅައިގެންނެވެ. އަދި ކެޓަގަރީ 2 ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމަންވާނީ، އެޗް.އާރް ކޮމިޓީގެ ލަފާގެ މަތިން ޗީފް އެކްޒެކެޓިވް އޮފިސަރ ފާސްކުރުމުންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

40 (ނ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމުން، އެ މުވައްޒަފަކަށް، އެ ސެޓިފިކެޓުގައި ބުނާ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ރ) ގެ ދަށުން، ހަމަ މުސާރަޔާއެކު ދޭންވާނެއެވެ.

(ރ) މާބަނޑު މުވައްޒަފު، ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާ ނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުގެ ތެރެއިން 30 (ތިރީސް) ދުވަސް އެ މުވައްޒަފަކަށް ނެގިދާނެއެވެ.

(ބ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް،މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ދީފި ނަމަ، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަސް ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ،ބަންދު ދުވަސް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަކަށް ދޭންވާނެއެވެ.

(ޅ) ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ފްލެކްސިބަލްކޮށް ވަޒީފާ އަދާކުރަން ބޭނުންވާ މުވައްޒަފުންނަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެޗް.އާރް. ކޮމިޓީން އުސޫލެއް އެކުލަވައިލަންވާނެއެވެ. 

 

7 ވަނަ މާއްދާ - 7 .ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41 (ރ) މުވައްޒަފަކު ބަލިވެއިންތާ 16 (ސޯޅަ) ހަފުތާއާއި 27 (ހަތާވީސް) ހަފުތާއާ ދެމެދުގެ މުއްދަތެއްގައި،ފުރާނަ ހުރި ކުއްޖަކު ވިހައިފި ނަމަ އަމަލުކުރާނީ، މި ގަވާއިދުގައި ވިހެއުމާ ގުޅިގެން އަމަލުކުރުމަށް ކަނޑައަޅައިފައިވާ ފަދައިންނެވެ. އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅު މަރުވެފައިވާ ނަމަ، އެކަން ބަޔާންކޮށްދޭ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓިފިކެޓު ހުށަހެޅުމުން،ބަންދު ދުވަސް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 60  (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.  

ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 
30 (ތިރީސް) ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް، ތިރީގައިވާ ގޮތުގެ މަތިން ދޭންވާނެއެވެ.

(ހ) ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ވުމާ ދެމެދު، 27 (ހަތާވީސް) ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގެނެވޭ 
އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާ ރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 50/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު