-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-113)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަނު ގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - 1 .ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި (ބ) އާއި (ފ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ޖ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް 14.

(ށ) ކޮންމެ މުވައްޒަފަކުމެ، ވަޒީފާ އަދާކުރުމުގައި އިސްލާމީ ށަރީއަތަށާއި، ދިވެހިރާއްޖޭގެ  ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ދިވެހި ދައުލަތުގެ ގާނޫނުތަކާއި ގަވާއިދުތަކަށް، ހުރުމަތްތެރިކޮށް ހިތައި، އިހްތިރާމްކުރަންވާނެއެވެ.

(ރ) ކޮމިށަނުގެ މަސައްކަތް ކުރުމުގައި ގާނޫނާއި ގަވާއިދާ ޚިލާފުނުވާ ގޮތުގެ މަތިން، ވެރިން ކުރާ އަމުރުތަކަށް ކޮންމެ މުވައްޒަފަކުވެސް ކިޔަމަން ވާންވާނެއެވެ. އަދި ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވާންވާނެއެވެ.

(ބ) ކޮމިށަނުގެ މަސައްކަތްތައް ކުރަންވާނީ، ކޮމިށަނާމެދު ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ގެއްލިގެންނުދާ ފަދަ ގޮތެއްގެ މަތީންނެވެ. މިގޮތުން އެކިއެކި ބޭނުމުގައި ކޮމިށަނަށް އަންނަ މީހުންނާ މުޚާތަބުކޮށް މުއާމަލާތު ކުރަންވާނީ، އެ މީހުންނަށްބޭނުންވާ ސައްހަ މައުލޫމާތުދީ، އިހްތިރާމު ކުރުމާއެކު، އެކަށީގެންވާ ރިވެތި ގޮތެއްގެ މަތީންނެވެ. އަދި ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު  ގޮތަކަށް އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.

(ފ) އެއްވެސް މުވައްޒަފަކު، އޭނާ އަދާކުރަމުންދާ މަގާމާ ގުޅޭގޮތުން، ނުވަތަ އޭނާ  އެ މަގާމުގައި އަދާކުރާ ވާޖިބުތަކާގުޅޭގޮތުން އަންނަނިވި ކަންތައްތައް ކޮށްގެން ނުވާނެއެވެ.

  1. ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން، ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި އެއްވެސް އަމަލެއްކުރުން.
  2. އެއްވެސް ފަރާތަކުން ފައިދާއެއް ހޯދުމަށް ނުވަތަ އަމިއްލަ ބޭނުންތަކެއް ހާސިލުކުރުމަށް މަގާމުގެ ބޭނުންކުރުން.

(ޗ) ތިމާއަށް ލިބިދޭ ބާރާއި އިޚްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން.

(ހހ) އާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި އިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.

(ހށ) ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން.

(ހނ) ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިޔުން.

(ހރ) ވަޒީފާގައި ދެމިހުންނައިރު އަދި ވަޒީފާއިން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.

(ހބ) ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަނުކުރުން.

(ހޅ) ކޮމިށަންގެ މަސައްކަތަށް މީހުން އިޚްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަޚްލާގީ ގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.

(ހކ) ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާފަދަ އެއްވެސް ކަމެއް ނުކުރުން. 

(ހއ) ކޮރަޕްށަނުގެ އަމަލުތަކުން ދުރުވެ، ވަޒީފާގެ މާހައުލުގައި އެފަދަ އަމަލެއް ނުހިނގާކަން ކަށަވަރުކުރުން. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާގެ 9.1 ގެ 16 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް  އިތުރުކުރުން.

ކުށުގެ ދަރަޖަތައް 9 .9.1

17 ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާނުވުމާއި، އެ ގާނޫނުތަކަށް އިހްތިރާމް ނުކުރުން.

18 ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާނުވުން.

19 ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރުމުގައި،އިހްތިރާމާއެކު މުއާމަލާތް ނުކުރުން.

20 ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި،އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ގެންދިޔުން.

21 ސުލޫކީ ހަމަތަކާ ޚިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އެންގުން.

22 ސުލޫކީ ހަމަތަކާ ޚިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން ބާރުއެޅުން. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާގެ 9.2 ގެ 15 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން. 

ކުށުގެ ދަރަޖަތައް 9 .2.9

16 ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު  އަދާކުރުމަށް އިންކާރު ކުރުން.

17 ނިންމުންތައް ނިންމުމުގައި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް  ނިންމުމުގެ ބަދަލުގައި، ޒާތީ ތައައްސުބާއެކު ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިޚްލާސްތެރިނުވުމާއި، އިންސާފުވެރިނުވުމާއި ފަރުވާތެރިނުވުން.

18 ތިމާއަށް ލިބިދޭ ބާރާއި އިޚްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަ ތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންކުރުން.

19 ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިޚްތިޔާރު ސައްހަގޮތުގައި ބޭނުން ނުކުރުން.

20 ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިޚްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ  ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް  އިހްތިރާމްނުކުރުން.

21 އާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި، އެއްވެސް ފަރާތެއްގެ  އެހީއާއި އިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި  ނަމަވެސް ހޯދުން.

22 ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ  އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ ކަމެއް  ކުރުން.

23 ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ  މައުލޫމާތު ހާމަނުކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް ނޭންގުން.

24 ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަކުރުން.

25 ކޮމިށަންގެ މަސައްކަތަށް މީހުން އިޚްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ނުބަލައި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަޚްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ނުބެލުން.

26 ސުލޫކީ ހަމަތަކާ ޚިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން  މަޖުބޫރުކުރުވުން.

27 މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރި ކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވުން.

28.ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށްއެއްވެސް ކަމެއް ކުރުން. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 9 ވަނަ މާއްދާގެ 9.3 ގެ 29 ވަނަ ނަންބަ ރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް  އިތުރުކުރުން. 

ކުށުގެ ދަރަޖަތައް 9 .9.3

30 ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވުމަށާއި، އެ ގާނޫނުތަކަށް އިހްތިރާމްކުރުމަށް އިންކާރު ކުރުން.

31 ކޮމިށަނުގެ މުވައްޒަފެއްގެ ގޮތުގައި ދެމިހުންނައިރު އަދި ވަޒީފާއިން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ  މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތު، ސިއްރުގެ ގޮތުގައި ނުހިފެހެއްޓުން.

32 ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮ ށްނުދިނުން.

33 ސިޔާސީ ބަހުސްތަކުގައި ބައިވެރިވުން .

34 ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންކުރުން.

35 ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ކުރުން .

36 ސިޔާސީ ނުފޫޒަށް ތިމާ ލެނބޭ ކަން ދޭހަވާފަދަ އެއްވެސް ކަމެއް ކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 2 ވަނަ މާއްދާގެ 2.13 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނުގެ ރަސްމީ މަސައްކަތު ދުވަހާއި ގަޑި 

2.13 މުވައްޒަފަކު އަމިއްލަ ބޭނުމަކު ރަސްމީ ގަޑީގައި އޮފީހުން ބޭރަށްދިޔަ ނަމަ، އެ މުވައްޒަފެއްގެ އިތުރު ގަޑި ގުނަން ފަށާނީ އޮފީހުގެ މަސައްކަތުގައި، އެއިރަކު ރަސްމީ މަސައްކަތު ގަޑިކަމަށް ކޮމިށަނުން ކަނޑައަޅާފައިވާ ގަޑި ހަމަކުރާ ވަގުތުން  ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 7 ވަނަ މާއްދާގެ 7.9 އާއި 7.10 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަލާން ބުނުން 7

7.9 ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހު ށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

7.10 މި މާއްދާގެ 7.9 ގައި އެހެން ބަޔާންކޮށްފައިއޮތް ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި،ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ. 

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގެ 7 ވަނަ މާއްދާގެ 7.17 އާއި 18.7 އާއި 7.19 އުނިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 ގެ 2 ވަނަ މާއްދާގެ 2.2 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަންގެ ޖަލްސާގެ ބާވަތްތައް

2 .2.2 ރަސްމީ ޖަލްސާއަކީ ތާވަލުކޮށްގެން ގަވާއިދުން ބާއްވާ ބައްދަލުވުމެވެ. ރަސްމީ ޖަލްސާގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީޚާއި ވަގުތު ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ. މި ޖަލްސާގެ އެޖެންޑާ، މަދުވެގެން 3 (ތިނެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 ގެ 4 ވަނަ މާއްދާގެ 4.1 އާއި 4.6 އާއި 4.7 އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް އަންނަނިވި ނަންބަރުތައް އިތުރުކޮށް ނަންބަރު ތަރުތީބުކުރުން.

ކޮމިށަނުގެ ނިންމުންތަކަށް އަމަލުކުރުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ 4.

4.1 ގާނޫނާއި ގަވާއިދާ ޚިލާފުނުވާހައި ހިނދަކު، ކޮމިށަނުގެ ނިންމުންތަކަށް އިހްތިރާމުކޮށް، އެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަކީ ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށް ލާޒިމު ކަމެކެވެ. ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރާނީ ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ ނިންމުންތައް ކަމާބެހޭ ޑިވިޒަންތަކަށާއި މުވައްޒަފުންނަށް އެންގުމަކީ ސެކްރެޓަރީ ޖެނެރަލާއި ކޮމިށަނަރސް ބިއުރޯގެ މަސްއޫލިއްޔަތެކެވެ. އަދި ކޮމިށަނުގެ ޖަލްސާތަކުން ނިންމާ ނިންމުންތަކުގައި ވާރކް ފުލޯއެއް ހިމެނޭ ނިންމުންތައް ސެކްރެޓަރީ ޖެނެރަލް ފާހަގަކޮށް، އެކަންތައް ކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މުވައްޒަފަކާ އެ ކަންތައްތައް ހަވާލުކުރުމަށްފަހު، ކޮމިށަނުގެ މެންބަރުންނަށް އެކަން އަންގަންވާނެއެވެ.

4.6 ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަނުގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ޖަލްސާގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ. އަދި ޖަލްސާތަކުގެ އޯޑިއޯ ރެ ކޯޑިންގ ބަލަހައްޓަންވާނެއެވެ. ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓާނީ، ކޮމިށަނަރސް ބިއުރޯއިންނެވެ.

4.7 ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާގައި، ކޮމިށަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓު ދިންގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ.

4.8 ކޮމިށަނުގެ ޖަލްސާތަކު ގެ ޔައުމިއްޔާ ލިޔެފައި މެންބަރުން ލައްވައި ސޮއި ކުރުވުމަށްފަހު، ޕީ.ޑީ.އެފް ކުރުމަށްފަހު މެންބަރުންނަށް ބެލޭނެގޮތަށް މަހުން މަހަށް އަޕްޑޭޓް ކުރަމުން ގެންދަންވާނެއެވެ.

4.9 ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

4.10 ކޮމިށަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

4.11 އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ 4.6 އަދި 4.9 ގައިވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

11  ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު