-

ށިޕިންގ އޭޖެންސީއާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-114)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ދިވެހިރާއްޖޭގެ ބަނދަރުތަކަށް އަންނަ އާގުބޯޓުފަހަރަށް ފޯރުކޮށްދޭ ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. 

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2015-35 (1978-69 ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު" އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، އެ މާއްދާގެ 20 ވަނަ ނަންބަރުގެ ދަށުން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު ނަންބަރު 2016-03 ގެ 6 ވަނަ މާއްދާގެ (ޖ) ގެ ދަށުން ބާރު ލިބިގެން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ށިޕިންގ އޭޖެންސީއާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގްސަދު

މިި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައިސްގޮސްވާ އާގުބޯޓުފަހަރަށްދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ށިޕިންގ އޭޖެންޓުން ޕްރޮފެށަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ހިދުމަތް ދިނުމަށް މަގުފަހިކޮށްދިނުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

(ށ) މިި ގަވާއިދު އިސްލާހުކުރުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރާނެ އިދާރާ

މިި ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

(ހ) މި ގަވާއިދު ހިނގާނީ، އަންނަނިވި ހަރަކާތްތައް ހިންގާ ފަރާތްތަކުގެ މައްޗަށެވެ.

  1. އާާގުބޯޓުފަހަރު ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައުމާއި ފުރުވުމާ ބެހޭ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދޭ ފަރާތްތައް؛
  2. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ބަނދަރު ހިންގާ ކުންފުނިތަކާއި، މޯލްޑިވްސް އިމިގްރޭށަނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތް / ޕޯޓް ހެލްތާއި، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް / ކޯސްޓް ގާޑާއި، ކަމާގުޅޭ އެހެނިހެން މުއައްސަސާތައް މެދުވެރިކޮށް ބޯޓަށް ބޭނުންވާ ހިދުމަތްދޭ ފަރާތްތައް؛
  3. ބޯޓުގެ ފަޅުވެރިން ސައިންއޮން އަދި ސައިންއޮފް ކޮށްދީ، އެ މީހުން އައުމާއި ފުރުމާ ބެހޭ ހިދުމަތްދޭ ފަރާތްތައް؛
  4. ބޯޓަށް ފޯރުކޮށްދޭންޖެހޭ ށިޕް ސްޓޯރާއި، ބަންކަރު ދިނުމާއި، ބޯޓުގެ މަރާމާތާ ބެހޭ ކަންތަކަށާއި މަރާމާތާ ގުޅުންހުރި ކަންތައްތަކަށްމަގުފަހިކޮށްދިނުމާއި، ޒަރޫރީ އެހެނިހެން ކަންކަން ހަމަޖައްސައިދޭ ފަރާތްތައް؛
  5. ބޯޓުފަހަރު ގަނެވިއްކުމާބެހޭ (ށިޕް ބްރޯކަރޭޖް) ކަންކަން ހަމަޖައްސައިދޭ ފަރާތްތައް؛
  6. ބޯޓުފަހަރު ޗާޓަރުކޮށްދޭ ފަރާތްތައް؛
  7. ފްރައިޓާއި ޗާޓަރު ކުލިނަގާ ފަރާތްތައް؛
  8. ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ހަދާފައިވާ މުހިންމު ގަވާއިދުތަކާއި ސަރކިއުލާތަކާއި އުސޫލުތައް ބޯޓަށް އަންގަންޖެހޭ ފަރާތްތައް؛
  9. އެކްސްޕޯޓް ކުރާ މުދަލާއި، އިމްޕޯޓްކުރާ މުދަލުގެ ށިޕިންގ ލިޔެކިޔުންތައް ތައްޔާރުކޮށްދޭ ފަރާތްތައް؛
  10. އެެކްސްޕޯޓްކުރާ މުދަލުގެ ބީ.އެލް ދޫކުރުމާއި، ށިޕިންގ އެޖެންޓެއްގެ ހައިސިއްޔަތުން ފްރައިޓް ފޯވާޑިންގ ހިދުމަތް ދިނުމާއި، ޑެލިވަރީ އޯޑަރ (ޑީ.އޯ) ދޫކުރާ ފަރާތްތައް،
  11. ދިވެހިރާއްޖޭގެ ބޭރުން ދަތުރުކުރާ ބޯޓުފަހަރާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، ކަމާބެހޭ އިދާރާތަކުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޒާމް ކޮށްދޭ ފަރާތްތަތައް؛

 

6 ވަނަ މާއްދާ - ލައިސަންސް ހޯދުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ބަޔާންކުރާ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގަންވާނީ، މި މާއްދާގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށިޕިންގ އޭޖެންސީގެ ލައިސަންސް ހޯދުމަށްޓަކައި އަންނަނިވި ލިޔުންތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ "ށިޕިންގ އޭޖެންސީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" (މި ފޯމު މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާނެއެވެ.)؛

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް ހަރަކާތެއް ހިންގާ ފަރާތަކުން، މި ގަވާއިދު ގެޒެޓްކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ދޫކުރެވޭނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ބ) މިމާއްދާގެ (ރ) ގައި ބަޔާންކު ރާ ވިޔަފާރިތަކަކީ މި ލައިސަންސްގެ މުއްދަތުގެ ތެރޭގައި %100 ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނި ނުވަތަ ޕާޓްނަރށިޕް ކަމުގައި ވާންވާނެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ށިޕިންގ އޭޖެންޓްކަން ކުރުމަށް ދޫކޮށްފައިވާ ލައިސަންސް، އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. 

(ކ) މި ގަވާއިދުގެ ދަށުން ށިޕިންގ އެޖެންޓުކަން ކުރުމުގެ ލައިސަންސް ދޫކުރުމުގައި، ލައިސަންސް ހޯދަން އެދޭ ފަރާތަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފައިވާ ފަރާތެއް ނަމަ، އެފަރާތަކަށް މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭނީ، އެ ފަރާތުން އެ މައްސަލައެއް ހައްލުކުރުމަށް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅައިގެން އެ ކަމެއް ހައްލު ކުރުމުންނެވެ.

 

7 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ދޫކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. 

 

8 ވަނަ މާއްދާ - ފީ ނެގުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސްގެ ފީގެ ގޮތުގައި އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ މަގުން، 500 (ފަސްސަތޭކަ) ރުފިޔާގެ ފީ އެއް ދައްކަންވާނެއެވެ. އަދި ލައިސންސް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، ލައިސަންސް އައު ކުރުމަށް ހުށަހަޅާފައި ނުވާނަމަ، ލައިސަންސް އައު ކުރެވޭނީ، ލައިސަންސް ފީ ގެ އިތުރުން 250) (ދުއިސައްތަ ފަންސާސް) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. 

 

9 ވަނަ މާއްދާ - އަގު ކޮންޓްރޯލް ކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އިންކޯޓާރމްސްގެ ދަށުން ށިޕިންގ އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނަގައިގެން ނުވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަރަކާތްތަކުގެ ތެރެއިން، އަންނަނިވި ކަންކަން ހިމެނޭ ހިދުމަތްތަކުން ނެގޭނެ އަގު، އަދި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގާނޫނު ނަންބަރު 2020-12 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާއެކު، ބުނެވިދިޔަ ހިދުމަތްތަކުން ނެގޭ އަގު އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޮންޓްރޯލްކުރެވުނީއެވެ.

  1. ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖު، ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެ ގިނަ ސީ.ބީ.އެމް ހިމެނޭ ބީ.އެލް. އަކަށް ނަމަ:- 771 (ހަތްސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ.
  2. ޑެލިވަރީ އޯޑަރ (ޑީއޯ) ޗާޖު، ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ހުންނަ ބީ.އެލް. އަކަށްނަމަ:- 385/50 (ތިންސަތޭކަ އަށްޑިހަ ފަހެއް/ ފަންސާސް) ރުފިޔާ.
  3. ޑެލިވަރީ އޯޑަރ (ޑީއޯ) ޗާޖު، މި މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ނުހިމެނޭ ކޮންމެ ބާވަތެއްގެ މުދަލަކަށް ދޫކުރެވޭ ޑީ.އޯ. އަކަށް 385/50 (ތިންސަތޭކަ އަށްޑިހަ ފަހެއް/ ފަންސާސް)  ރުފިޔާ.
  4. ޑެލިވަރީ އޯޑަރ (ޑީ.އޯ) އެމެންޑްމަންޓް ޗާޖު 385/50 (ތިންސަތޭކަ އަށްޑިހަ ފަހެއް/ ފަންސާސް)  ރުފިޔާ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ހިމެނޭ ހިދުމަތްތަކުން ނެގޭނެ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ހިދުމަތަށް އަގު ނެގުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ހިމެނޭ ހިދުމަތްތަކުން އަގު ނެގެނީ، ތަފާތު ނަން ތަކެއްގައި ނަމަވެސް، ނުވަތަ ތަފާތު އިންވޮއިސްތަކަކުން ނަމަވެސް، ކޮންސައިނީގެ އަތުން އަގު ނަގާ ހިދުމަތަކީ، މައިގަނޑު ގޮތެއްގައި ނުވަތަ ޖުމްލަ ގޮތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތެއް ކަމަށްވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮންޓްރޯ އަގަށްވުރެ ބޮޑުކޮށް އަގު ނެގުންކަމަށް ބެލެވޭނެއެވެ.

 

10 ވަނަ މާއްދާ - މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

(ހ) ށިޕިންގ އޭޖެންޓުން އޭނާގެ ޕްރިންސިޕަލަށް ހިދުމަތް ދިނުމުގައި ޒިންމާއާއި ވާޖިބުތައް އަދާކުރަންވާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ހަމަހަމަކަމާއެކުގައެވެ. މިގޮތުން ށިޕިންގ އޭޖެންޓުގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި،ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. 

(ށ) ށިިޕިންގ އޭޖެންޓް އޭނާގެ ޕްރިންސިޕަލްގެ ފައިސާއާބެހޭ މުއާމަލާތްތައް ކުރަންވާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ނ) ރާއްޖެގެންނަ އަދި ރާއްޖޭން ބޭރަށް ގެންދާ އެއްވެސް މުދަލެއް އެންމެ ފަހު ބަނދަރާހަމަޔަށް ގެނައުމާއި ގެންދިއުމުގައި އަމަލުކުރަންވާނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ "ބައިނަލްއަގްވާމީ އިންކޯޓާރމްސް" ގައިބަޔާން ކުރެވިފައިވާ ގޮތަށެވެ.

(ރ) ށިޕިންގ އޭޖެންޓެއް މެދުވެރިވެގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަ ހައްދުގެ ތެރޭގައި އުޅަނދު ދަތުރުކުރާއިރު ދިމާވާ ނުރައްކައުތެރި ހާދިސާތަކާއި ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދިނުމާއި، ށިޕިންގ އޭޖެންޓުގެ އިހުމާލުން ހިނގާ ކަންކަމުގައި ދެވަނަ ފަރާތަކަށް ލިބޭ ގެއްލުންތައް ހައްލުކޮށްދިނުމުގައި ށިޕިންގ އޭޖެންޓު ޒިންމާވާންޖެހޭނެއެވެ.

 

11 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި ރެކޯޑު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދާފައިވާ ކޮންމެ ށިޕިންގ އޭޖެންސީއަކުންވެސް އެ ތަނަކުން ހިދުމަތްދީފައިވާ ފަރާތްތަކުގެ ރެކޯޑް ބަލަހައްޓަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އެދިއްޖެނަމަ، ތިރީގައި ބަޔާންކުރެވިފައިވާ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

  1. ށިޕިންގ އޭޖެންސީން ހިދުމަތް ދީފައިވާ އުޅަނދުފަހަރުގެ ނަމާއި،ރަޖިސްޓަރީ ނަންބަރާއި، އުޅަނދު ރާއްޖެއަށް އައި ތާރީހާއި، އުޅަނދު ރާއްޖެއިން ފުރި ތާރީހު؛
  2. ށިޕް ސްޓޯރާއި، ބަންކަރު ދިން އުޅަނދުފަހަރާއި، އުޅަނދުފަހަރު މަރާމާތުކޮށްފައިވާނަމަ މަރާމާތުކުރި އުޅަނދުގެ ރަޖިސްޓަރީ ނަންބަރާއި،އުޅަނދުގެ ނަމާއި، ކުރި މަރާމާތުގެ ތަފުސީލު؛
  3. އެއްވެސް އުޅަނދެއް ޗާޓަރު ކޮށްފައިވާނަމަ، ޗާޓަރު ކުރި އުޅަނދުގެ ނަމާއި ތާރީހު؛
  4. ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަށް ފުރައިޓުގެ ގޮތުގައި އޭޖެންސީން ހޭންޑުލްކުރި މުދަލުގެ ކިއުބިކު މީޓަރު (ސީ.ބީ.އެމް) ނުވަތަ ޓަނޭޖް އަދި ކޮންޓެއިނަރގެ ތަފުސީލު؛
  5. އޭޖެންސީ މެދުވެރިކޮށް ރާއްޖެ ގެނެސް އެ އަހަރުދުވަހުގެ ތެރޭގައި ރާއްޖެއިން އަނބުރާ ނުގެންގޮސް ހުރި ކޮންޓެއިނަރުތަކުގެ ތަފުސީލު؛
  6. ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާ މުދަލުގެ ކިއުބިކް މީޓަރު (ސީ.ބީ.އެމް) ނުވަތަ ޓަނޭޖް އަދި ކޮންޓެއިނަރުގެ ތަފުސީލު؛ 
  7. ރާާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާ މުދަލަށް ފުރައިޓު ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތަކާއި ޗާޓަރު ރޭޓުތައް.

 

12 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މިގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެ ފަރާތެއް ތިރީގައި މިދަންނަވާ އަދަދުން ޖޫރިމަނާ ކުރެވޭނެއެވެ؛ 

  1. ފުރަތަމަ ފަހަރު 1،000 (އެއްހާސް) ރުފިޔާ
  2. ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ
  3. ދެފަހަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 100،000 (އެއްލައްކަ) ރުފިޔާ

(ށ) މިގަވާއިދުގެ 9 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާއަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެ ފަރާތެއް، ފުރަތަމަ ފަހަރު 500 (ފަސްސަތޭކަ) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން، އަދި ތަކުރާރުވެއްޖެނަމަ، 5،000 (ފަސްހާސް) ރުފިޔާއާއި 20،000 (ވިހިހާސް) ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވާއިދާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އަދި ށިޕިންގ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެނަމަ، ޖަވާބުދާރީވުމަށް 5 ދުވަހުގެ ފުރުސަތު (ބަންދުދުވަސްތައް ނުހިމަނައި) ދިނުމަށްފަހު، އިދާރީގޮތުން ކުރާ ތަހުގީގަކަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސްބާތިލު ކުރުމުގެ އިހްތިޔާރު، ގާނޫނު ނަންބަރު 2016-03 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު) ގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދިފައިވާ މާނަކުރުމެވެ.

(ހ) "ށިޕިންގ އޭޖެންސީ ނުވަތަ ށިޕިންގ އޭޖެންޓް" ކަމަށް ބުނެފައި އެވަނީ،އާގުބޯޓެއްގެ ވެރިފަރާތް، ނުވަތަ ކަނޑު އުޅަނދު ޗާޓަރުކޮށްގެން އުޅޭ ފަރާތް،ނުވަތަ ކަނޑު އުޅަނދު އޮޕަރޭޓަރުގެ ފަރާތުން ރާއްޖޭގެ ބަނދަރުތަކަށް އަންނަ އުޅަނދުފަހަރަށް އެ އުޅަނދު އައުމާއި ފުރުމާ ދެމެދު ދޭންޖެހޭ ހިދުމަތްތައް ދިނުމާއި، އެ ބޯޓަކުން ގެނައި މުދާ ދޫކުރުމަށް ޑެލިވަރީ އޯޑަރ ދޫކުރުމާއި، ބޯޓުގެ މާސްޓަރާއި ވެރިފަރާތުން ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދިނުމާއި، ޖުމުލަކޮށް ބޯޓުގެ ބަލަދުވެރިކަން ބަލަހައްޓާ ފަރާތަށެވެ.

(ށ) "ޕްރިންސިޕަލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ބޯޓުގެ ވެރިފަރާތް ނުވަތަ ބޯޓު ޗާޓަރުކޮށްގެން އުޅޭ ފަރާތް ނުވަތަ ބޯޓުގެ އޮޕަރޭޓަރ ނުވަތަ ށިޕިންގ އޭޖެންސީ ނުވަތަ ށިޕިންގ އޭޖެންޓް އެޕޮއިންޓްކޮށްފައިވާ ފަރާތަކަށެވެ.

(ނ) "ޗާޓަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑު އުޅަނދެއް ކުއްޔަށް ހިފުން ނުވަތަ ސްލޮޓް ޗާޓަރ (ޗާޓަރު ކުރާ ފަރާތް ބޯޓުގެ ސްލޮޓެއް އެހެންފަރާތަކަށް ޗާޓަރަށް ދިނުން) އުސޫލުން ކުއްޔަށް ހިފުމަށެވެ.

(ރ) "ފްރައިޓް ޗާޖު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑުމަގުން އެއްތަނުން އަނެއްތަނަށް މުދާ ގެންގޮސް ދިނުމަށް ނަގާ އުޖޫރައަށެވެ.

(ބ) "ށިޕް ބްރޯކަރޭޖު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑު އުޅަނދު ކުއްޔަށް ދޫކުރުމާއި، ކަނޑުމަގުން އުފުލާ މުދަލާއި މީހުން ފޮނުވުމަށް އުޅަނދުފަހަރުން ޖާގަ ހޯދައިދިނުމާއި، ބޯޓުފަހަރު ގަނެ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތަށެވެ.

(ޅ) "އާގުބޯޓުފަހަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުންނާއި މުދާ ނުވަތަ މީހުން ނުވަތަ މުދާ އަރުވައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖި ސްޓަރީ ކޮށްފައިވާ އުޅަނދުފަހަރަށާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އެންމެހައި އުޅަނދުފަހަރަށެވެ.

(ކ) "ސައިންއޮން އަދި ސައިންއޮފް" ކަމަށް ބަޔާންކޮށްފައި އެވަނީ, ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ހުއްދައާއެކު ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ ދަފުތަރުގައި މީހުން ޖެއްސުމާއި ދަފުތަރުން މީހުން އުނިކުރުމަށެވެ.

(އ) "ށިޕު ސްޓޯރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ބޯޓު ދުއްވުމާއި، މަރާމާތާއި، ހިންގުމަށް ބޭނުންވާ އާލާތާއި ސާމާނު އަދި ފަޅުވެރިންނާއި ފަސިންޖަރުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ފެނާއި، ބޭހާއި އަދިވެސް މިފަދަ ތަކެއްޗަށެވެ.

(ވ) "ބަންކަރު ދިނުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ބޯޓުގެ މެށިނަރީ ހިންގުމަށް ބޭނުންވާ ތެޔޮ ބޯޓަށް ބަރުކުރުމަށެވެ.

(މ) "އިންކޯޓަރމްސް" ކަމަށް ބަޔާންކޮށްފައި އެވަނީ، އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ޒިންމާތައް ކަނޑައަޅާ "އިންޓަރނޭށަނަލް ޗެމްބަރ އޮފް ކޮމާރސް" އިން ށާއިއުކުރާ އުސޫލުތަކަށެވެ.

 

މައި ގާނޫނު

  1. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 1978-69) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-35)
  2. ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2016-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު