-

އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-97)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ސ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

8(ސ) "ސަޕްލައި" ކަމަށް ބުނެފައި އެވަނީ، އި މާރާތް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ފޯރުވައިދިނުމަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރު އިތުރުކުރުން.

8. (ޑ) "ބިދޭސީ ހިއްސާ އޮންނަ ކުންފުންޏެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް ހުށަހަޅާ ކުންފުންޏެއްގެ 1 (އެކެއް) ހިއްސާ ނުވަތަ އެއަށްވުރެ ގިނަ ހިއްސާގައި ބިދޭސީ ފަރާތަކުން ހިއްސާވާނަމައެވެ.

(ޒ) "ސަޕްލައިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ކޮންޓްރެކްޓަށް ނަގައިގެން ނުވަތަ އެނޫންވެސް ގޮތްގޮތުން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ވިޔަފާރީގެ އުސޫލުން ސަޕްލައިކޮށްދޭ ފަރާތްތައް ހިމެނޭނެއެވެ.

(ޓ) "އިންޓަރނޭށަނަލް ބީލަންތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ބިދޭސީ ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވައިލާ ބީލަންތަކަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުން 9.

(ހ) އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރާ ނަމަ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓަރުން ރަޖިސްޓަރީ ވާން ވާނެއެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ރަޖިސްޓަރީނުވެ ކޮންޓްރެކްޓަރެއް އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، "އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 44 ވަނަ މާއްދާއާއި 175 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް މިއިން އިސްތިސްނާވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެވެ.

(ރ) މި ގަވާއިދުގެ ދަށުން، ބިދޭސީ ހިއްސާ އޮންނަ ކުންފުންޏެއް ރަޖިސްޓަރީކޮށްގެންމަށްރޫއު ހިންގޭނީ، މަށްރޫއުގެ އަގު 75،000،000 (ހަތްދިހަ ފަސް މިލިޔަން) ދިވެހި ރުފިޔާއަށް ވުރެ ބޮޑުވުމާއެކު، ވިޔަފާރިއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ ފަރާތުގައި ފުރިހަމަވެފައިވާ ނަމައެވެ. މަށްރޫއުގެ އަގު 75،000،000  (ހަތްދިހަ ފަސް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ކުޑަނަމަ، އެ މަށްރޫއެއް ހިންގޭނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޮއިންޓް ވެންޗަރގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ފަހުގައެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ ދަށުން މަސައްކަތްކުރާ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިމާރާތް ކުރުމާ ގުޅޭ މަށްރޫއުތަކުގެ ތެރެއިން، މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ހިންގާ މަށްރޫއުތައް، ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ ހިލާފުނުވާހައިހިނދެއްގައި، މި މާއްދާއާ އެއްގޮތަށް ހިންގުމުން އިސްތިސްނާވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ތަކެތި ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން (SY) އާއި، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތް (CM) ގެ މައްޗަކަށް މި މާއްދާގެ (ރ) އާއި (ބ) ގައިވާ އުސޫލެއް ނުހިނގާނެއެވެ.

(ކ) މައި ކުންފުންޏެއްގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެއް ނަމަ، ސަބްސިޑަރީ ކުންފުނީގެ މަދުވެގެން %51 (ފަންސާސް އެކެއް އިންސައްތަ) ހިއްސާދާރަކީ މައި ކުންފުނި ކަމުގައި ވާންވާނެއެވެ. މިފަދައިން ރަޖިސްޓަރީވާ ފަރާތްތަކަށް، އިމާރާތް ކުރުމާ ގުޅޭ މަސައްކަތެއް ކުރެވޭނީ، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ވުމަށް ފަހުގައެވެ.
(އ) ސޯލް ޕްރޮޕްރިއެޓަރށިޕެއް އުވައިލުމަށްފަހު، އެ ސޯލް ޕްރޮޕްރިއެޓާރށިޕްގެ ހިއްސާދާރުގެ ހިއްސާއެއް ހިމެނޭ ކުންފުންޏެއް އެކުލަވައިލައިފައި، އެ ސޯލް ޕްރޮޕްރިއެޓަރށި ޕުން ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތްތަކާއި، ސޯލް ޕްރޮޕްރިއެޓަރށިޕުގެ މާލީ ލިޔެކިޔުންތައް، ރަޖިސްޓަރީވުމަށް ހުށަހަޅާ ކުންފުނީގެ ފާއިތުވި ތަނުގައި ކޮށްފައިވާ މަސައްކަތްތަކާއި މާލީ ލިޔެކިޔުންތަކުގެ ގޮތުގައި ބަލައިގަތުމަށް އެދި ހުށަހަޅާއިރު ސޯލް ޕްރޮޕްރިއެޓަރށިޕުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުންފުނީގެ ބޯޑުގެ ރިޒޮލިއުށަނެއް ހުށަހެޅުމުން ބަލައިގަނެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރު އަންނަވި ގޮތަށް އިސްލާހު ކުރުން.

10.(ހ)(6) އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ތަކެތި ސަޕްލައި ކޮށްދިނުމުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރުން (SY)

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ރަޖިސްޓަރޭށަނަށް އެދި ހުޅަހެޅުން 12.

ރަޖިސްޓަރޭށަނަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ، ފޯމުގައިވާ ތަރުތީބުންނެވެ.

(ހ) މިނިސްޓްރީން އާންމުކޮށްފައިވާ "އި މާރާތް ކުރުމުގެ ދާއިރާގެ އަމަ ލީ މަސައްކަތް ކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު؛

(ށ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތަށް ވިޔަފާރިއާބެހޭ ވުޒާރާއިން ދޫކޮށްފައިވާ ތިރީގައިވާ ލިޔެކިއުމުގެ ކޮޕީ:

  1. ވިޔަފާރި ހުއްދަ؛
  2. ކުންފުނީގެ ޕްރޮފައިލް؛
  3. ބިދޭސީ ކުންފުންޏެއް ނަމަ، މެމޮރަންޑަމް އޮފް އެސޯސިއޭށަން ނުވަތަ ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓް؛ އަދި
  4. ދިވެހި ކުންފުންޏެއް ނަމަ، މެމޮރަންޑަމް އޮފް އެސޯސިއޭށަން.

(ނ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ވަކި ގިންތިއެއްގައި ރަޖިސްޓަރީވުމަށްޓަކައި، މި ގަވާއިދުގެ ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދައިން ވޭތުވެދިޔަ 10 (ދިހައެއް) އަހަރުގެ ތެރެއިން 2 (ދޭއް) އަހަރެއްގެ މާލީ ލިޔެކިއުމާއި ފާއިތުވެދިޔަ އެންމެފަހު އަހަރުގެ މާލީ ލިޔެކިއުން،ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހެޅުން؛

  1. ދިވެހި ކުންފުންޏަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާލީ ލިޔެކިއުން ހުށަހެޅުން؛
    (i) ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ވިޔަފާރީގެ އެ އަހަރުގެ އާމްދަނީ 10،000،000 (ދިހަ މިލިޔަން) ރުފިޔާ 
    ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، މޯލްޑިވްސް އިން ލަންޑް ރެވެނިއު އޮތޯރިޓީ )މީރާ) އަށް ހުށަހަޅާ އޯޑިޓް ރިޕޯޓުގެ ކޮޕީ ހުށަހެޅުން؛
    (ii) ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ވިޔަފާރީގެ އެ އަހަރުގެ އާމްދަނީ 10،000،000 (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ ކުޑަ ނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާ ފައިނޭންށަލް ސްޓޭޓްމަންޓް ހުށަހެޅުން.
  2. މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތަކީ، ވިޔަފާރި ރަޖިސްޓަރީކުރިތާ (ތިނެއް) އަހަރުދުވަސް ނުވާ ކޮންޓްރެކްޓަރެއް ނަމަ، މާލީ ލިޔެކިއުންތައް ހުށަހަޅާނީ އެ ފަރާތަކުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
  3. ބިދޭސީ ކުންފުންޏަކުން ހުށަހަޅަންޖެހޭ 3 (ތިނެއް) އަހަރުދުވަހުގެ މާލީ ލިޔެކިއުންތަކުގެ ތެރެއިން ކޮންމެ މާލީ ލިޔެކިއުމެއްވެސް، ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ހުށަހެޅިދާނެއެވެ.
    (i) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީވެފައި ނުވާ ބިދޭސީ ފަރާތަކުން ތައްޔާރުކޮށްފައިވާ މާލީ ލިޔެކިއުން ހުށަހެޅުމުގައި، މި މާއްދާގެ (ކ) ގައިވާ ގޮތަށް އަސްލާ އެއްގޮތްކަން ބަޔާންކުރުމާއެކު، އެ ޑޮކިއުމަންޓް ތައްޔާރުކޮށްފައިވަނީ އެ ގައުމެއްގައި އޮޑިޓް ރިޕޯޓު އެކުލަވައިލުމަށް ހުއްދަ އޮތް ފަރާތެއްކަން ޔަގީންކޮށްފައިވާކަން ބަޔާންކޮށް އެ ފަރާތުން ތައްގަނޑު ޖަހައިފައި އިނގިރޭސި ބަހުން އޮތް އޮޑިޓް ރިޕޯޓެއް ހުށަހެޅުން؛
    (ii) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް ހުށަހެޅުން.

(ރ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ވަކި ގިންތިއެއްގައި ރަޖިސްޓަރީވުމަށް ޓަކައި، މި ގަވާއިދުގެ ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދައިން، ފާއިތުވެދިޔަ 10 (ދިހައެއް)  އަހަރުދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތާއި، މިހާރު ކުރަމުންގެންދާ މަސައްކަތުގެ ތަފުސީލު ހިމެނޭގޮތަށް، މަސައްކަތް ހަވާލުކުރާ ފަރާތުން ދޫކުރާ ލިޔުން ހުށަހެޅުން؛

  1. މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި، ތިރީގައިވާ މައުލޫމާތުތައް ހިމެނެންވާނެއެވެ.
    (i) މަސައްކަތުގެ ނަން؛
    (ii) މަސައްކަތް ކުރި ފަރާތުން އެ މަށްރޫއެއްގައި ކޮށްފައިވާ މަސައްކަތުގެ ތަފުސީލު؛
    (iii) މަސައްކަތުގެ އަގު؛
    (iv) މަސައްކަތް ނިންމަން ކަނޑައަޅައިފައިވާ ތާރީހު؛
    (v) ކޮށް ނިމިފައިވާ މަސައްކަތެއް ނަމަ، މަސައްކަތް ނިމުނު ތާރީހު؛ 
    އަދި
    (vi) ކޮށް ނިމިފައިވާ މަސައްކަތެއް ނަމަ، މަސައްކަތް ފުރިހަމަކުރި އިރު ޕްރޮޖެކްޓުގެ ޖުމުލަ އަގު.
  2. ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތުގެ އަގުކަމަށް ބެލޭނީ، ސަބްކޮންޓްރެކްޓަރު އެ މަސައްކަތެއް ކޮށްފައިވާ އަގަށެވެ.
  3. މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ކުރިޔަށްދާ މަށްރޫއުތަކާއި، އޭގެ ފަހުން ނިމޭ މަށްރޫއުތަކާއި، އޭގެ ފަހުން ފަށާ މަށްރޫއުތައް،މި މާއްދާގެ ބޭނުމަށް، ކުރަމުންދާ ނުވަތަ ކޮށްފައިވާ މަސައްކަތްތަކުގެ ގޮތުގައި ބަލައިގަނެވޭނީ ޕްރޮޖެކްޓް ލައިސެންސް ނަގައިފައިވާ ނަމައެވެ.

(ބ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތުން، އެ ފަރާތެއްގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ އެންމެ މަދުމިންވަރަށް، ރަޖިސްޓަރީވާން ބޭނުންވާ މަސައްކަތެއްގެ ބާވަތުން، ފަންނީ މީހުން ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުން؛

  1. މުވައްޒަފުގެ ތައުލީމީ ފެންވަރު އަންގައިދޭ، އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ؛
  2. ކުންފުންޏާއި މުވައްޒަފާ ދެމެދު ވެފައިވާ މަސައްކަތު އެއްބަސްވުމުގެ ކޮޕީ) ހަމައެކަނި ދިވެހި މުވައްޒަފުންނަށް(
  3. ދާއިމީ ދިވެހި މުވައްޒަފެއް ނަމަ، ޕެންށަނާ ބެހޭ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ކަމުގެ ލިޔުން؛
  4. މަސައްކަތުގައި ބައިވެރިވާ މުވައްޒަފުންގެ ވަނަވަރު؛ އަދި
  5. ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ ކާޑުގެ ކޮޕީ.
  6. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތުން އެ ފަރާތެއްގެ މަސައްކަތުގައި ށާމިލުވާ ވަގުތީ މުވައްޒަފުން، ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު7 ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަންނީ މީހުންގެ ގޮތުގައި ވެސް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ މުވައްޒަފުންނަކީ ދިވެހި ރައްޔިތުންކަމުގައި ވާންވާނެއެވެ. މިގޮތަށް ހުށަހަޅާނަމަ، ފަންނީ މުވައްޒަފާއި އެ ފަރާތާ ދެމެދު ވެފައިވާ މަސައްކަތުގެ އެއްބަސްވުން ހުށަހަޅަން ވާނެއެވެ. މި އެއްބަސްވުމުގެ މުއްދަތު، ރަޖިސްޓަރީވާ މުއްދަތަށް ވުރެ ކުރުވެގެން ނުވާނެއެވެ.

(ޅ) ހާބަރ ކޮންޓްރެކްޓަރުން (HC (ނާއި، ޔުޓިލިޓީ ކޮންޓްރެކްޓަރުން) UC (ގެ ގޮތުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ކުންފުނިތަކުން، އެ ކުންފުނިތަކުގައި 

މި މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އާލާތްތަކާއި އުޅަނދުތައް ހުރިކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. މި ތަކެތި ހުންނަންޖެހޭނެ އެންމެ މަދު މިންވަރު، މި ގަވާއިދުގެ ޖަދުވަލު 1 އިން ފެށިގެން ޖަދުވަލު 7 ގެ ނިޔަލަށް ލިސްޓުކުރެވިފައި ވާނެއެވެ.

  1. ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން، މަސައްކަތަކަށް ބޭނުންވާ އާލާތްތަކާއި އުޅަނދުތައް ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން،އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.
    (i) އުޅަނދުގެ ރަޖިސްޓަރޭށަން ސެޓުފިކެޓުގެ ކޮޕ: (ނޯޓު: މި މަސައްކަތުގައި ބޭނުންކުރާ އާލާތްތަކާއި އުޅަނދުތަކަކީ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަކެއްޗަށް ވާންޖެހޭނެއެވެ.) ނުވަތަ،
    (ii) ރަޖިސްޓަރީވާން ހުށަހަޅާ ފަރާތަކުން އެ މަސައްކަތަކަށް ބޭނުންވާ އާލާތްތަކާއި އުޅަނދުތައް، އާލާތްތަކާއި އުޅަނދުތައް ކުއްޔަށް ދޫކުރާ ފަރާތަކުން ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތަށް ރަޖިސްޓަރޭށަންގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ކަމަށް އެއްބަސްވާ އެއްބަސްވުން. ނުވަތަ؛ 
    (iii (ބިދޭސީ ކޮންޓްރެކްޓަރުން ވަކި ޕްރޮޖެކްޓަކަށް ބޭނުންކުރާ އާލާތްތަކާއި އުޅަނދުތަކުގެ ރަޖިސްޓަރީ ނެތް ނަމަ، ދިވެހިރާއްޖެއަށް އެ ތަކެތި އެތެރެކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

(ކ) މި ގަވާއިދުގެ ބޭނުމަށް ހުށަހަޅާ ލިޔެކިއުމެއް އިނގިރޭސިބަހުން ނުވަތަ ދިވެހިބަސްނޫން ބަހަކުން އެކުލަވައިލައިފައިވާ ނަމަ، އެފަދަ ލިޔެކިއުމެއް ހުށަހަޅަންވާނީ،އިނގިރޭސިބަހަށް ތަރުޖަމާކުރުމަށްފަހު، ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ގާނޫނީ ވަކީލަކު ނުވަތަ ލޯ ފަރމަކުން އަސްލާ އެއްގޮތްކަން ބަޔާންކޮށް )އެޓެސްޓުކޮށް( ތައްގަނޑު ޖަހައިފައެވެ. އަދި ގަވާއިދު ނަންބަރު 1067/2019 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު) އަށް އަމަލުކުރަން ފެށުމުން، އެ ފަދަ ލިޔެކިއުން ހުންނަންވާނީ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި (އެޓެސްޓުކޮށް) ފައެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3.(ހ) ބިދޭސީ ކުންފުންޏަކުން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައި ނުވާ ނަމަ،އިންޓަރނޭށަނަލް ބީލަންތަކަށް ކުރިމަތިލައިގެން ބީލަމަށް ހުށަހެޅުމުގެ ކުރިން،ކުރިމަތިލާން ބޭނުންވާ ދާއިރާގެ ގިންތިއަށް ށަރުތު ހަމަވޭތޯ ބެލުމުގެ ގޮތުން މި ގަވާއިދުގެ 12 ވަނަ މާއްދާގައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިފަދައިން ހުށަހެޅުމުގައި، ތިރީގައިވާ ކަންތައްތައް އިސްތިސްނާވާނެއެވެ.

  1. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައިވާ ލިޔުންތައް ހުށަހެޅުމުން އިސްތިސްނާވުން؛
  2. މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިއުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ކ) ގައިވާ ގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުން (އެޓެސްޓުކުރުމުން) އިސްތިސްނާކުރުން؛
  3. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ މުވައްޒަފުންގެ ލިޔެކިއުން ހުށަހެޅު މުން އިސްތިސްނާކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

13( .ނ( މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިއަށް ށަރުތު ފުރިހަމަވޭތޯ ބެލުމުގެ މަރުހަލާގައި ލިޔެކިއުން ހުށަހެޅުމުގައި ބައެއް ކަންތައްތައް އިސްތިސްނާކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަ ރީވުމަށް އެދި ހުށަހަޅާއިރު ލިޔެކިއުންތަކުގައި އެކަންކަން ފުރިހަމަކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަކީ އެ މާއްދާގެ (ށ) ކަމުގައި ހަމަޖައްސައި، (ށ) ގެ ކުރިޔަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

14.(ހ) މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ވާން ވާނީ ސައްހަލިޔެކިޔުންތަކަކަށެވެ. އަދި ސައްހަ ނޫން އެއްވެސް ލިޔެކިޔުމެއް ހުށަ ހަޅައިފި ނަމަ ބެލެވޭނީ މި ގަވާއިދާ ހިލާފަށް ހުށަހަޅައިފައިވާ ހުށަހެޅުމެއް ކަމުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15.(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ރަޖިސްޓަރޭށަން އައުކުރުމަށް ނުވަތަ ގިންތި މަތިކުރުމަށް އެދި ހުށަހެޅުމުން، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 20 (ވިހި) ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ރަޖިސްޓަރޭށަން އައުކޮށްދިނުން؛

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

15( .ނ( ރަޖިސްޓްރޭށަން އައުކުރުމަށް ނުވަތަ ގިންތި މަތިކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގިންތި މަތިކުރުމަށް ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވަނީ ކުރިން ރަޖިސްޓަރީކުރިތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކަމުގައި ނަމަ، ގިންތި މަތިވާ ދާއިރާތަކާއި، ކުރިން ދޫކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ދާއިރާތައް ވެސް ރަޖިސްޓަރީ ކުރުމަށް ފަހު އަލުން ދޫކުރާ ލިޔުމުގައި ހިމަނަންވާނެއެވެ. މިގޮތަށް ދޫކުރާ ރަޖިސްޓަރޭށަން ސެޓުފިކެޓުގެ މުއްދަތު ކަނޑައަޅަންވާނީ ކުރިން ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު ހަމަވާ ތާރީހަށް ހަމަވާގޮތަށެވެ.

(ރ) ރަޖިސްޓްރޭށަން އައުކުރުމަށް ނުވަތަ ގިންތި މަތިކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގިންތި މަތިކުރުމަށް ހުށަހަޅާ ފަރާތްތަކުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވަނީ ކުރިން ރަޖިސްޓަރީކުރި ތާރީހަށްވުރެ 3 (ތިނެއް) މަސްދުވަސް ފަހުން ކަމުގައި ވާ ނަމަ، ގިންތި މަތިވާ ދާއިރާތަކުގެ އިތުރުން،ކުރިން ދޫކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ދާއިރާތައް ވެސް ރަޖިސްޓަރީ ކުރުމަށް ފަހު، އަލުން ދޫކުރާ ރަޖިސްޓަރޭށަން ސެޓުފިކެޓުގައި ހިމަނަންވާނެއެވެ. ނަމަވެސް މި ފަރާތް ރަޖިސްޓަރީކޮށް އަލުން ލިޔުން ދޫކުރަންވާނީ، ލިޔުން ދޫކުރާ ތާރީހުން 2 (ދޭއް) އަހަރުދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓްރޭށަން އައުކޮށްދެވޭނީ، މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ރަޖިސްޓަރޭށަން ފީ ދެއްކުމަށްފަހުގައެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރޭށަން ފީ 16.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ޓަކައި ރަޖިސްޓްރޭށަން ފީއެއްގެ ގޮތުގައި، ތިރީގައިވާ ކޮންމެ ދާއިރާއަކުން 1،000  (އެއްހާސް) ރުފިޔާނަގަންވާނެއެވެ.

  1. ޖެނެރަލް ބިލްޑިންގ ކޮންޓްރެކްޓަރުން (GC01) އަދި ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން (GC02)؛
  2. ހާބަރ ކޮންޓްރެކްޓަރުން (HC)؛
  3. ޔުޓިލިޓީ ކޮންޓްރެކްޓަރުން (UC)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ރަޖިސްޓަރީވާ ބިދޭސީ ހިއްސާ އޮންނަ ކުންފުންޏެއް ނަމަ، އަދި ބިދޭސީ ޖޭ.ވީ. ކުންފުންޏެއް ނަމަ، ރަޖިސްޓަރީވާން އެދޭ ކޮންމެ ދާއިރާއަކަށް ރަޖިސްޓްރޭށަން ފީ ގެ ގޮތުގައި 1،000 (އެއްހާސް) އެމެރިކާ ޑޮލަރު ނަގަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރިވާ، ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ ދާއިރާއެއްގެ ރަޖިސްޓްރޭށަން ފީއަކީ 100 (އެއްސަތޭކަ) ރުފިޔާއެވެ.

  1. ސްޕެސިފިކް ބިލްޑިންގ ކޮންސްޓްރަކްށަން މަސައްކަތްކުރާ ކޮންޓްރެކްޓަރުން (OB)
  2. ސްޕެސިފިކް މެކޭނިކަލް/އިލެކްޓްރިކަލް މަސައްކަތްކުރާ ކޮންޓްރެކްޓަރުން  (ME)
  3. އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ތަކެތި ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން (SY)
  4. އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރާ ކޮންޓްރެކްޓަރުން (OT) 
  5. އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތައް (CM)

(ރ) މި މާއްދާގެ (ނ) ގައިވާ ދާއިރާތަކުން ދާއިރާއެއްގައި ބިދޭސީ ހިއްސާ އޮންނަ ކުންފުންޏެއް ނުވަތަ ބިދޭސީ ޖޭ.ވީ. ކުންފުންޏެއް ރަޖިސްޓަރީކުރާ ނަމަ، ރަަޖިސްޓަރީކުރާ ކޮންމެ ދާއިރާއަކަށް ރަޖިސްޓްރޭށަން ފީގެ ގޮތުގައި 100 (އެއްސަތޭކަ) އެމެރިކާ ޑޮލަރު ނަގަންވާނެއެވެ.

(ބ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކޮށް ލިޔުން ދޫކުރުމުގައި ފީއެއްގެ ގޮތުގައި، ގިންތި މަތިވާ ކޮންމެ ފަހަރަކު ރަޖިސްޓްރޭށަން ސެޓުފިކެޓުގައި ހިމަނާ ކޮންމެ ކެޓަގަރީއަކަށް ވެސް މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) ގައިވާ ފަދައިން ރަޖިސްޓްރޭށަން ފީ ނެގޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓްރޭށަނަށް އެދި ހުށަހަޅާ ހުށަހެޅުން ބާތިލުވުން 17.ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް ނަގާ ފީ ދެއްކުމަށް އެންގުމުން، 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ފީ ދައްކައިފައި ނުވާ ނަމަ، އެ ފަރާތުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން ބާތިލުވާނެއެވެ. އަދި ދެން އިތުރަށް އެ ފަރާތެއް ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަލުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

18.(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓްރޭށަން އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅައިގެން ރަޖިސްޓްރޭށަން އައުކޮށްދީފައި ނުވާ ނަމަ، ނުވަތަ ރަޖިސްޓްރޭށަން އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅައިފައި ނުވާ ނަމަ، ކުރިން ދޫކޮށްފައިވާ ރަޖިސްޓްރޭށަނުގެ މުއްދަތު ހަމަވުމުން، ރަޖިސްޓްރޭށަން ބާތިލުވާނެއެވެ. އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި އެ ފަރާތެއްގެ ރަޖިސްޓްރޭށަނުގެ މުއްދަތު ހަމަވެފައިވާކަމަށް ބަޔާންކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

18.(ނ) (2) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ މާލީ ފެންވަރު އަންގައިދޭ އޯޑިޓް ރިޕޯޓު؛

 

15 ވަނަ މާއްދ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22 (ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް އިމާރާތުގެ ސްޓްރަކްޗަރއާ ގުޅުންހުރި ނަމަ، ނުވަތަ ކުރާ މަސައްކަތުގެ އަގު 1،500،000 (ފަނަރަ ލައްކަ) ރުފިޔާ ނަމަ، ނުވަތަ އެއަށް ވުރެ ބޮޑުނަމަ، ޕްރޮޖެކްޓް ލައިސަންސް ނަގަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ (3) އުނިކުރުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވިގޮތަށް އަކުރުތައް އިތުރުކުރުން.

22.(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރޮޖެކްޓް ލައިސެންސް ދޫކުރެވޭނީ، މި ގަވާއިދުގެ ދަށުން އެ ކޮންޓްރެކްޓަރެއް ރަޖިސްޓަރީ ވެފައިވާ ދާއިރާއާއި ޕްރޮޖެކްޓް ލައިސަންސް ނަގަންޖެހޭ މަސައްކަތާ ގުޅޭ ނަމައެވެ. އަދި މިގޮތަށް ބަލައި ބެލުމުގައި، ކޮންޓްރެކްޓަރާއެކު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ތާރީހުގައި ނުވަތަ ބިޑަށް ހުށަހެޅިއިރު، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ދާއިރާއަކީ، އެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްތޯ ބަލައި، ޕްރޮޖެކްޓް ލައިސެންސް ލިޔުން ދޫކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީނުވެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށްފަހު، ރަޖިސްޓަރީވުމަށާއި ޕްރޮޖެކްޓް ލައިސަންސް ނެގުމަށް ހުށަހަޅާ ހާލަތެއްގައި، އެ ފަރާތަކާ މެދު، މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށްފަހު، އެ ފައިސާ ކަނޑައަޅައި ފައިވާ ގޮތުގެ މަތިން ދައްކަމުންދާ ނަމަ، ރަޖިސްޓަރީކޮށް، މި މާއްދާގައި ކަނޑައަޅައިފައިވާގޮތުގެ މަތިން ޕްރޮޖެކްޓަށް ލައިސަންސް ދޫކުރެވިދާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23 (ހ) ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ކުންފުނިތައް، މި ގަވާއިދުގެ ދަށުން ޖޮއިންޓު ވެންޗަރ ހަދަން ބޭނުންވާ ދާއިރާގައި ރަޖިސްޓަރީވެފައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ޕްރޮޖެކްޓަކަށް ވަކި ފަރާތަކާއެކު ފުރަތަމަ ފަހަރަށް ހަދާ ޖޮއިންޓް ވެންޗަރއެއް، އެ ޖޮއިންޓް ވެންޗަރގައި ބައިވެރިވާ ކުންފުނިތަކަކީ ވަކިން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކެއް ނަމަ، އަދި އެންމެ އިސް ހިއްސާދާރަކީ އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ފަރާތަކުން ކުރާ މަސައްކަތާ ގުޅޭ ދާއިރާއާއި ދަރަޖައިގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ނަމަ، މިފަދަ ވަކި މަސައްކަތަކަށް ހެދޭ ޖޮއިންޓް ވެންޗަރތައް ރަޖިސްޓަރީކުރާކަށެއް ނުޖެހޭނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރު އިތުރުކުރުން.

23.(ނ) (4) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޭ.ވީ. ކުންފުނީގެ ލިޔެކިއުން؛

(5) ޖޮއިންޓް ވެންޗަރ އެއްބަސްވުން؛

(6) ޖޮއިންޓު ވެންޗަރގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހާބަރ ކޮންޓްރެކްޓަރުން (HC) ނާއި، ޔުޓިލިޓީ ކޮންޓްރެކްޓަރުން (UC) ގައި ރަޖިސްޓަރީވުމަށް ބޭނުންވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުން ޖޮއިންޓް ޗެންޗަރގެ ފަރާތުން މި މަސައްކަތްތައް ފުރިހަމަ ކުރުމަށް ހުށަހަޅާ އާލާތްތަކާއި އުޅަނދުތައް ހުރިކަން ސާބިތުކޮށްދޭނެ ލިޔެކިއުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތަށް ހުށަހެޅުން؛ އަދި

(7) ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ ބިދޭސީ ކުންފުނި ނުވަތަ ކުންފުނިތަކަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ކުންފުންޏެއް ނުވަތަ ކުންފުނިތަކެއް ނޫން ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިއުން ފިޔަވައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިދޭސީ ކުންފުނި ނުވަތަ ކުންފުނިތަކުގެ ލިޔެކިއުންތައް.

(i (12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުން؛

(ii (12 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުން؛ އަދި

(iii (12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުން.

 

20 ވަނަ މާއްދާ ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23.(ރ) ޖޮއިންޓު ވެންޗަރ ހަދައިގެން ގިންތި މަތިކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިއިން ހާލަތަކަށް ނުފެތޭ ޖޮއިންޓް ވެންޗަރ ރަޖިސްޓަރީވާ ދާއިރާގެ ގިންތީގެ ގޮތުގައި ކަނޑައަޅާނީ، ޖޮއިންޓް ވެންޗަރުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެ ދާއިރާއެއްގެ އެންމެ މަތީ ގިންތި ލިބިފައިވާ ކޮންޓްރެކްޓަރުގެ ގިންތިއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

24.(ހ) މައި ކުންފުންޏެއްގެ ދަށުން ހިނގާ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފުރަތަމަ 3( ތިނެއް) އަހަރު ރަޖިސްޓަރީވާން ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އިން ފެށިގެން އެ މާއްދާގެ (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅާއިރު، މައި ކުންފުނީގެ ލިޔެކިޔުންތައް، ސަބްސިޑަރީ ކުންފުނީގެ ގޮތުގައި ހުށަހެޅިދާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

24.(ނ) ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރަމުން އައި ކުންފުންޏެއް  ރަޖިސްޓަރީކޮށްފައިވާ ފުރަތަމަ 3 (ތިނެއް)  އަހަރު ފާއިތުވުމަށްފަހު، ކުރިޔަށް  އޮތް އަހަރުތަކުގައި ރަޖިސްޓަރީވުމުގައި، ފާއިތުވެދިޔަ އަހަރުތަކުގެ ލިޔެކިއުން  ބެލުމުގައި ފުރަތަމަ 3 (ތިނެއް) އަހަރުގެ ތެރެއިން އަހަރުތަކެއް އެ މުއްދަތުގައި ހިމެނޭ ނަމަ، ރަޖިސްޓަރީވާން ހުށަހަޅާ ފަރާތްތަކުން، އެ މުއްދަތަށް މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އިން ފެށިގެން އެ މާއްދާގެ (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅާއިރު، މައި ކުންފުނީގެ ލިޔެކިޔުންތައް، ސަބްސިޑަރީ ކުންފުނީގެ ގޮތުގައި ހުށަހެޅިދާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

25.(ނ) (2) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ހާއްސަ ހުއްދައެއްގެ ދަށުން ހިންގުމަށް ފާސްކުރާ މަށްރޫއު ހިންގުމަށް.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

25.(ނ) (3) ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ހިންގާ މަށްރޫއުތައް ހިންގުމަށް.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގެ (11) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

25(ބ) (12) ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް؛ އަދި

(13) ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަނޑައަޅާ މަސައްކަތްތައް.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26.(ށ) ސަރުކާރުގެ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ ދަށުން މަސައްކަތްކުރާ އޮފީސްތަކާއި،މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިމާރާތް ކުރުމާ ގުޅޭ މަށްރޫއުތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ހާއްސަ ހުއްދައެއްގެ ދަށުން ހިންގުމަށް ފާސްކުރާ މަށްރޫއާއި ކޮންޓްރެކްޓަރ ފައިނޭންސިންގގެ ދަށުން ހިންގާ މަށްރޫއުތައް ފިޔަވައި އެހެން މަށްރޫއުތަކުގައި އެ ފަރާތެއް ރަޖިސްޓަރީވެފައިވާ ދާއިރާގެ ގިންތީގެ ތެރޭގައި ހިމެނޭ މަސައްކަތް ކުރުމާއި، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް މަސައްކަތްކުރުން؛

 

27 ވަނަ މައްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

26.(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ވަކި ދާއިރާއެއްގެ މަސައްކަތެއް ކުރުމަށް އުފައްދާ ކުންފުންޏެއް އެ ފަރާތެއް ރަޖިސްޓަރީ ވެފައިވާ ދާއިރާގެ ތެރޭގައި މަސައްކަތް ކުރުމުގައި ވަކި ގިންތިއެއްގައި މަސައްކަތް ކުރުން ލާޒިމެއް ނުވެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ ތާވަލު 2 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ގަވާއިދު ނަންބަރު 1019/2019)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު