-

މަސްވެރިކަމުގެ މަށްރޫއުތައް ގާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-91)

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ 13 ވަނަ ނަންބަރާއި، 29 ވަނަ މާއްދާގެ (ކ) އާއި، 55 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސްވެރިކަމުގެ މަށްރޫއުތައް ގާއިމްކުރުމަށް ހުއްދަ 
ދިނުމުގެ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަށްރޫއުތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ މަންފާ އެންމެ އެދެވޭގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަށްރޫއުތަކެއްކަން ކަށަވަރުކުރުމާއެކު، މަ ސްވެރިކަމުގެ މަށްރޫއުތަކަށް އިންވެސްޓްކޮށް، އެފަދަ މަށްރޫއުތައް ރާވައި ހިންގާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުމެވެ. އަދި މަސްވެރިކަމުގެ މަށްރޫއު ގާއިމް ކުރުމަށް މިނިސްޓްރީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ މަރުހަލާތައް ކަނޑައަޅައި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން އެ ކަންކަން ތަންފީޒު ކުރުމެވެ. 

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތް

މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރާއި، ފަޅާއި،މޫދާއި، ކުޅިއާއި، ރަށްރަށުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަށްރޫއުތައް ހިންގާ ފަރާތްތަކުގެ މައްޗަށެވެ. 

 

4 ވަނަ މާއްދާ - އިސްތިސްނާ ހާލަތު

(ހ) ތިރީގައި ބަޔާންކޮށްފައިވާ މަށްރޫއުތައް މި ގަވާއިދުން އިސްތިސްނާ ވާނެއެވެ.

  1. މިނިސްޓްރީން ހިންގާ މަސްވެރިކަމާ ގުޅުންހުރި މަށްރޫއުތައް؛
  2. މިނިސްޓްރީން އަޖުމަބެލުމުގެ ގޮތުން ހިންގާ މަށްރޫއުތައް؛
  3. ސަރުކާރުގެ އިދާރާތަކުން މިނިސްޓްރީއާ ގުޅިގެން ހިންގާ މަސްވެރިކަމާ ގުޅުންހުރި މަށްރޫއުތައް.

(ށ) މަސްކައްކައި ހިއްކުމަށް، ނުވަތަ ލޮނުމަސް އެޅުމަށް، ނުވަތަ ރިހާކުރު ފަދަ ތަކެތި ތައްޔާރުކުރުމަށް، ނުވަތަ ދިވެހިން އާންމުކޮށް ތައްޔާރުކޮށް އުޅޭ އެ ނޫން ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފެއްދުމަށް ރަށު ފެންވަރުގައް ޔާއި ފަރުދީ ފެންވަރުގައި ގާއިމްކުރާ ތަންތަނުގެ ތެރެއިން ދުވާލަކު 3 (ތިނެއް) ޓަނަށްވުރެ މަދުން މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަން މި ގަވާއިދުން އިސްތިސްނާ ވާނެއެވެ.

 

5 ވަނަ މާއްދާ - މަށްރޫއު ގާއިމްކުރުމުގެ ހުއްދަ ހޯދުން

މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަށްރޫއުތައް ހިންގަންވާނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެންނެވެ.

 

6 ވަނަ މާއްދާ - މިނިސްޓްރީން ނުވަތަ ކައުންސިލް އިދާރާތަކުން ހުއްދަ ދޭ މަށްރޫއުތައް

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ މަށްރޫއުތައް ފިޔަވައި، އެހެން މަށްރޫއުތައް ގާއިމްކުރުމުގެ ހުއްދަ ދޭނީ މިނިސްޓްރީންނެވެ.

(ށ) މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ގޭދޮށު މަސް ފެކްޓަރީތަކުގެ ތެރެއިން ދުވާލަކު 10 (ދިހައެއް) ޓަނަށްވުރެ ގިނަނޫން އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަންތަނަށް ހުއްދަދޭނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މަށްރޫއެއް ގާއިމްކުރާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއިން، އެ އިދާރާއަކުންހަމަޖައްސައިފައިވާ އިންތިޒާމެއްގެ ދަށުންނެވެ.

 

7 ވަނަ މާއްދާ - ކައުންސިލް އިދާރާއިން ހުއްދަ ދޫކުރުމުގައި އަމަލު ކުރަންޖެހޭ ގޮތް

މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގިންތިއަށް ފެތޭ، މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ މަސް ފެކްޓަރީތައް ގާއިމްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގައި، އެ މަށްރޫއަކަށް ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިން އަންނަނިވި މައުލޫމާތު ލިބޭނެ އިންތިޒާމްތައް ރަށު ކައުންސިލާއި ސިޓީ ކައުންސިލް އިދާރާތަކުން ހަމަޖައްސައި، މަށްރޫއު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އެ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) އެ ތަނެއްގައި އުފައްދާނެ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ ތަ ފުސީލު؛

(ށ) އެ ތަނެއްގައި އެންމެ ގިނަވެގެން ދުވާލަކު ޕްރޮސެސްކުރެވޭނެ ރޯމަހުގެ ޖުމުލަ މިންވަރު (24 ގަޑިއިރުގެ ތެރޭގައި ޕްރޮސެސް ކުރެވޭނެ މަހުގެ އަދަދު، މެޓްރިކް ޓަނުން)؛

(ނ) ޕްރޮސެސްކުރުމަށް ގަސްތުކުރާ ރޯމަހުގެ ބާވަތްތައް؛

(ރ) މަސް ގަނޑުކޮށް ފިނިކުރުމަށް ގާއިމްކުރުމަށް ގަސްތުކުރާ ވަސީލަތްތަކާއި، ގަނޑުކުރި މަހުގެ ގޮތުގައްޔާއި ފިނިކުރި މަހުގެ ގޮތުގައި ރައްކައުކުރުމަށް ތައްޔާރުކުރާ ސްޓޯރޭޖްތަކުގެ ކެޕޭސިޓީ (މެޓްރިކް ޓަނުން)؛

(ބ) މަސްވެރިންނަށް ފޯރުވައިދޭނެ އެހެނިހެން ހިދުމަތްތަކުގެ ތަފުސީލު (ތެލާއި، ފެނާއި، އައިސް ހިމެނޭ ގޮތަށް)؛

(ޅ) ފެސިލިޓީގެ ކެޕިޓަލް ހަރަދުތަކާއި، ރިކަރަންޓް ހަރަދުތައް؛

(ކ) ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދާނެ މުއްދަތާއި، މަސައްކަތް ކުރިޔަށްދާނެ ގޮތުގެ ތާވަލު؛

(ކ) ފެސިލިޓީއަށް ބޭނުންވާނެ ހަކަތައިގެ މިންވަރާއި، ހަކަތަ އުފެއްދުމަށް ނުވަތަ ހޯދުމަށް ގަސްތުކުރާ ގޮތް؛

(ވ) އެ ފެސިލިޓީއަކަށް ބޭނުންވާނެ ފެނުގެ މިންވަރާއި، ފެން އުފެއްދުމަށް ނުވަތަ ހޯދުމަށް ގަސްތުކުރާ ގޮތް؛

(މ) އެ ފެސިލިޓީއެއްގައި މަސައްކަތްކުރާނެ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ އަދަދު؛

(ފ) ސަރުކާރުގެ އެހެން ވުޒާރާއަކުން ނުވަތަ އިދާރާއަކުން އެފަދަ މަށްރޫއެ އް ކުރިޔަށް ގެންދިއުމަށް ހުއްދައެއް ނަގަންޖެހޭ ނަމަ، އެ ހުއްދައެއް.

 

8 ވަނަ މާއްދާ - މިނިސްޓްރީން ހުއްދަ ދޭ މަށްރޫއުތަކަށް ހުއްދައަށް އެދުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން މަށްރޫއު ގާއިމްކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ "މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރުމަށް ހުއްދައަށް އެދޭ ފޯމު" މެދުވެރިކޮށެވެ. އަދި މަށްރޫއުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި މިނިސްޓްރީން ކަނޑައަޅައިފައިވާ ވަކިވަކި ގިންތިތަކުގެ މަށްރޫއުތަކަށް، މިނިސްޓްރީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެ.

(ށ) "މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރުމަށް ހުއްދައަށް އެދޭ ފޯމު" ހުށަހަޅަންޖެހޭ މަށްރޫއުތަކާއި، ފޯމާއެކު ޕްރޮޖެކްޓް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ މަށްރޫއުތައް،މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ނ) "މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރުމަށް ހުއްދައަށް އެދޭ ފޯމު" އާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއި، ޕްރޮޖެކްޓް ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ކަޅުބިލަމަސް ގަނެ ޕްރޮސެސް ކުރުމުގެ މަށްރޫއޫތަކަށް ހުއްދަ ދިނުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރުމަށް ހުއްދައަށް އެދި ހުށަހަޅާ މަށްރޫއުތަކުގެ ތެރެއިން ކަޅުބިލަ މަސް ގަނެ ޕްރޮސެސްކުރުމަށް ހިންގާ މަށްރޫއުތަކަށް ހުއްދަ ދޭނީ މިނިސްޓްރީން އާންމުކޮށްފައިވާ "ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، ޕްރޮސެސް ކުރުމަށް ހުއްދަ ދިނުމާ ގުޅޭ ސިޔާސަތުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ މަށްރޫއުތަކަށެވެ.

 

10 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުން

މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދައަށް އެދި ހުށަހަޅާ މަށްރޫއުގެ ބާވަތުން އެ މަށްރޫއަކާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލިޔުމުން އެކަން އެ ފަރާތަށް އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - މަށްރޫއު ގާއިމް ކުރުމުގެ ހުއްދަ ދޫކުރުން

(.ހ) މަށްރޫއު ގާއިމް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް ވަޒަން ކުރުމަށްފަހު، މަށްރޫއު ހިންގުމަށް މިނިސްޓްރީން ހުއްދަދޭކަން ނުވަތަ ނުދޭކަން ބަޔާންކޮށް އެކަން އަންގައިދޭ ލިޔުން، މަށްރޫއު ހިންގަން އެދޭ ފޯމު ހުށަހަޅާތާ ނުވަތަ މަށްރޫއާ ގުޅޭގޮތުން މިނިސްޓްރީން އިތުރަށް ހޯދުމަށް އެދޭ މައުލޫމާތު ލިބޭތާ، ބަންދު ނޫން 20 (ވިހި) ދުވަހުގެ ތެރޭގައި ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ، މަށްރޫއުގެ ދަށުން ހުށަހަޅާ ކަމަކީ ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރެވޭ ކަމެއް ނަމަ، ނުވަތަ އެ ކަމަކަށް ހުއްދަ ދިނުމުގެ ކުރިން ބަލަންޖެހޭ ހާއްސަ ބެލުންތަކެއް ބެލުމަށްޓަކައި އެ މަށްރޫއަކާ މެދުގައި ގޮތެއް ނިންމައިފައި ލިޔުން ދޫކުރުމަށް 90 (ނުވަދިހަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ. 
(ނ) މި މާއްދާގެ (ށ) ގެ ދަށުން މަށްރޫއާ މެދުގައި ގޮތެއް ނިންމުމަށް މިނިސްޓްރީން ކަނޑައަޅާ މުއްދަތު، މަށްރޫއު ހިންގުމަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. 
(ރ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން، ނުވަތަ މެނޭޖްމަންޓް ޕްލޭނަކާ ހިލާފުވެގެން މިނިސްޓްރީއަށް ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކައިފައިނުވާ ފަރާތެއްނަމަ، އެ ފަރާތަކަށް ހުއްދަ ދޫނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ޕްރޮޖެކްޓް އިވެލުއޭށަން ކޮމެޓީ އެކުލަވައިލުން

މި ގަވާއިދުގެ ދަށުން މަސްވެރިކަމުގެ މަށްރޫއުތައް ފެށުމަށް ހުއްދައަށް އެދި ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް ވަޒަންކުރުމަށް މިނިސްޓްރީގެ ކަމާ ގުޅޭ ދާއިރާތަކުގެ ފަންނީ މުވައްޒަފުން ހިމެނޭގޮތަށްޕްރޮޖެކްޓް އިވެލުއޭށަން ކޮމެޓީއެއް، މިނިސްޓަރ އެކުލަވައިލަން ވާނެއެވެ.

 

13 ވަނަ މާއްދާ - މަށްރޫއު ގާއިމް ކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ މަސްވެރިކަމުގެ މަށްރޫއެއް ގާއިމްކުރުމަށް މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކުން އިތުރު ހުއްދައެއް ބޭނުންވާ ހާލަތްތަކުގައި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ހުއްދަ އެއް ހޯދުމަކީ މަށްރޫއު ކުރިޔަށް ގެންދާ ފަރާތުގެ ޒިންމާއެކެވެ.

(ށ) މަށްރޫއު ގާއިމް ކުރުމަށް ހުށަހަޅައިފައިވާ ތަން ނުވަތަ ސަރަހައްދު (ބިން، ނުވަތަ ފަޅު، ނުވަތަ ފަރު، ނުވަތަ ކަނޑު ނުވަތަ އެނޫން އެހެން ސަރަހައްދެއް) ގައި އެ މަށްރޫއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، އެ ތަނެއްގެ ނުވަތަ އެ ސަރަހައްދެއްގެ މިލްކުވެރި ފަރާތުގެ ކިބައިން ނުވަތަ ބެލެނިވެރި ފަރާތުގެ ކިބައިން، މަށްރޫއު ކުރިޔަށްގެންދާ ފަރާތުން ހުއްދަ ހޯދަންވާނެއެވެ.

 

14 ވަނަ މާއްދާ - ގާއިމްކުރާ މަށްރޫއުގެ ދަށުން ކުރާ މަސައްކަތަށް ނުވަތަ ދޭ ހިދުމަތަށް ލައިސަންސް ހޯދުން ނުވަތަ ހުއްދަ ނެގުން

(ހ) މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރަން ދޭ ހުއްދައިގެ ދަށުން ގާއިމްކުރާ މަށްރޫއުގެ ދަށުން ކުރާ މަސައްކަތަކީ ނުވަތަ ދޭ ހިދުމަތަކީ މިނިސްޓްރީން ލައިސަންސް ނަގައިގެން ކުރިޔަށް ގެންދަންޖެހޭ ކަމެއް ނަމަ، މިނިސްޓްރީގެ ކަމާ ގުޅޭ ގަވާއިދުގެ ދަށުން ލައިސަންސް ނަގަންވާނެއެވެ. އަދި އެއިން ކަމަކަށް ސަރުކާރުގެ އެހެން އިދާރާއަކުން އިތުރު ހުއްދައެއް ހޯދަންޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އެ ހުއްދައެއް ހޯދުމަކީ މަށްރޫއު ގާއިމް ކުރުމަށް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ރަށު ކައުންސިލް އިދާރާތަކުން ނުވަތަ ސިޓީ ކައުންސިލް އިދާރާތަކުން ހުއްދަ ލިބިގެން ގާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ ގޭދޮށު މަސް ފެކްޓަރީތައް ގާއިމްކޮށް ނިމި، މަހުގެ އުފެއްދުންތައް އުފައްދަން ފެށުމުގެ ކުރިން، ގަވާއިދު ނަންބަރު 92/2020 (މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީން މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސް ނަގަންވާނެއެވެ. 

 

15 ވަނަ މާއްދާ - މަށްރޫއު ގާއިމްކުރުމުގެ ހުއްދައިގެ މުއްދަތު ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން މަށްރޫއު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށަންޖެހޭ ތާރީހާއި، މަށްރޫއު ގާއިމްކޮށް ނިންމުމަށް މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މަށްރޫއު ގާއިމްކޮށް ނިންމުމަށް މުއްދަތު ކަނޑައެޅުމުގައި، މަށްރޫއުގެ ދަށުން ގާއިމްކުރާ އިންފްރާސްޓްރަކްޗަރއާއި، ވަސީލަތްތައް ގާއިމްކޮށް ނިންމައިލެވޭނެކަމަށްލަފާކޮށްފައި ހުށަހަޅާ މުއްދަތަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީން މަށްރޫއު ގާއިމްކުރުމަށް ދޭ ހުއްދައިގެ މުއްދަތު ކަނޑައެޅުމުގައި މަށްރޫއުގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި، ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި މިނިސްޓްރީން އަމަލުކުރަންވާނީ ހަމަހަމަކަމާއެކުއެވެ.

 

16 ވަނަ މާއްދާ - މުއްދަތަށް ބަދަލުގެނައުން

(ހ) މަށްރޫއު ގާއިމްކުރުމަށް މިނިސްޓްރީން ދޭ ހުއްދައިގެ މުއްދަތުގެ ތެރޭގައި މަށްރޫއުގެ އަމަލީ މަސައްކަތް ނުފެށިއްޖެ ނަމަ، ނުވަތަ މަށްރޫއު ގާއިމްކުރުމުގެ މަސައްކަތް ނިންމައި ނުލެވިއްޖެ ނަމަ، މިނިސްޓްރީއަށްހުށަހަޅައިގެން އެ މުއްދަތު އިތުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަށްރޫއު ކުރިޔަށް ގެންދިއުމުގެ ހުއްދަ އިތުރުކުރުމަށް އެދޭ ހާލަތްތަކުގައި، މަށްރޫއުގެ އަމަލީ މަސައްކަތް ކުރިޔަށް ގޮސްފައިވާ ގޮތާއި މިންވަރު ވަޒަންކުރުމަށްފަހު، މަގުބޫލު ސަބަބެއް ނެތި މަސައްކަތްކޮށް ނިންމައިފައި ނުވާނަމަ، ހުއްދައިގެ މުއްދަތު އިތުރުކޮށް ނުދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިފަދަ ހާލަތްތަކުގައި ހުއްދައިގެ މުއްދަތު އިތުރުކުރާއިރު، ކުރިން ކަނޑައަޅައިފައިވާ ހުއްދައިގެ ށަރުތަކަށް ބަދަލެއް ގެނައުމުގެ ނުވަތަ އުނިއިތުރެއް ގެނައުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ގުދުރަތީ ކާރިސާއެއްގެ ސަބަބުން ނުވަތަ އަމިއްލަ ބާރުނުފޯރާ އެ ނޫން އެހެން ހާލަތެއް މެދުވެރިވެގެން މަށްރޫއު ގާއިމް ކުރުމުގެ ހުއްދަ އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކަށް މިނިސްޓްރީން ހުއްދަ އިތުރުކޮށްދޭން ވާނެއެވެ. މިގޮތުން މުއްދަތު އިތުރުކުރުމުގައި، އެ ހާލަތެއް ދެމިގެންދިޔަ މުއްދަތަކާއި، އެކަމުގެ ސަބަބުން މަށްރޫއު ގާއިމްކުރުން ލަސްވެގެންދާނެ މުއްދަތަށް ރިއާޔަތްކުރަން ވާނެއެވެ. 

 

17 ވަނަ މާއްދާ - މަށްރޫއަށް ބަދަލުގެނައުން

(ހ) މަށްރޫއު ގާއިމް ކުރުމުގެ މަރުހަލާގެ ތެރޭގައި، ހުއްދަ ދީފައިވާ މަށްރޫއަކަށް،ތިރީގައިވާ ބަދަލުތަކުގެ ތެރެއިން ބަދަލެއް ނުވަތަ އެނޫން އެހެން ބަދަލެއް ގެންނަން ބޭނުންވާ ނަމަ، ނުވަތަ އެފަދަ ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ބަދަލެއް ގެނައުމުގެ ކުރިން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.

  1. މަށްރޫއުގެ ދާއިރާ ނުވަތަ މަގްސަދު؛
  2. މަށްރޫއުގެ ދަށުން ގާއިމްކުރުމަށް ހަމަޖެހިފައިވާ އެއްވެސް ވަސީލަތެއް ނުވަތަ ދިނުމަށް ހަމަޖެހިފައިވާ ހިދުމަތެއްގެ ބާވަތް ނުވަތަ މިންވަރު ؛
  3. މަށްރޫއު ހިންގަން ހުށަހަޅައިފައިވާ ތަން ނުވަތަ ސަރަހައްދު؛
  4. އެ މަށްރޫއެއްގެ ދަށުން އުފެއްދުމަށް ނުވަތަ ކަލްޗަރ ކުރުމަށް ނު ވަތަ ބެލެހެއްޓުމަށް ގަސްތުކުރާ މަހުގެ ބާވަތް ނުވަތަ ފެނުގެ ދިރުމުގެ ބާވަތް.

(ށ) ގާއިމްކޮށް ނިމިގެން ހިންގަން ފަށައިފައިވާ މަށްރޫއަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަދަލެއް ގެންނަން ބޭނުންވާ ނަމަ، އެ ބަދަލެއް ގެނައުމަށް ހުއްދައަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ދަށުން އައު މަށްރޫއެއް ގާއިމްކުރުމަށް ހުއްދައަށް އެދި ހުށަހެޅުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.

 

18 ވަނަ މާއްދާ - އެހެން ފަރާތަކަށް ހުއްދަ ބަދަލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރުމުގެ ހުއްދަ ނުވަތަ އެ ހުއްދައެއްގެ ދަށުން ލިބޭ ހައްގެއް ނުވަތަ އިމްތިޔާޒެއް އެހެން ފަރާތަކަށް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ، ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހުއްދައެއް ބަދަލުކުރަންވާނީ، އެ ހުއްދައެއް ބަދަލުކުރުމަށްމިނިސްޓްރީއަށް ހުށަހަޅައިގެން އެކަމަށް މިނިސްޓްރީގެ ހުއްދަ ލިބުމު ންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތް ބަދަލުކުރުމަށް ހުށަހަޅާއިރު، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮ ތުގެ މަތިން މަށްރޫއަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ނަމަ، ނުވަތަ އެފަދަ ބަދަލެއް ގެންނަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައިވާ ނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ބަދަލެއް ގެނައުމަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މަށްރޫއުގެ ހުއްދައެއް އެހެން ފަރާތަކަށް ބަދަލުކުރާއިރު، އެފަދަ މަށްރޫއުތަކުގެ ވެރިފަރާތް ބަދަލުކުރުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުންނާއި، ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރުން 

މި ގަވާއިދުގެ ދަށުން މަސްވެރިކަމުގެ މަށްރޫއު ގާއިމް ކުރުމަށް ދޫކުރާ ހުއްދަތަކުގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއެއް މިނިސްޓްރީން އެކުލަވައިލައި، އެ ރަޖިސްޓަރީ ބަލަހައްޓަން ވާނެއެވެ. މި ރަޖިސްޓަރީގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. މި ގަވާއިދުގެ ދަށުން ހުއްދައަށް އެދި ހުށަހެޅި ފަރާތްތައް؛
  2. މި ގަވާއިދުގެ ދަށުން ހުއްދަ ދިން ފަރާތްތައް؛
  3. ދޫކޮށްފައިވާ ހުއްދަތަކުގެ ތެރެއިން މުއްދަތު އިތުރުކުރި ހުއްދަތަކާއި، ބަދަލު ގެނައި ހުއްދަތަކާއި، އައުކޮށް ނުދޭ ހުއްދަތަކާއި، ބާތިލު ކުރި ހުއްދަތަކާ ގުޅޭ މައުލޫމާތު.

 

20 ވަނަ މާއްދާ - މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރުން 

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާ ގެ (ށ) ގެ ދަށުން ގާއިމްކުރާ މަސް ޕްރޮސެސްކުރާ ތަންތަން ނުވަތަ މަސް ފެކްޓަރީތަކަށް ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް އިދާރާތައް މެދުވެރިކޮށް ދޫކުރާ ހުއްދަތަކުގެ މައުލޫމާތު، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތުތައް ހިމެނޭގޮތުން މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ. އަދި އެފަދަ މަށްރޫއެއްގެ މަސައްކަތް ކުރިޔަށްގޮސްފައިވާ މިންވަރާ ގުޅޭ މައުލޫމާތަށް މިނިސްޓްރީން އެދިއްޖެ ހިނދެއްގައި،ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު މިނިސްޓްރީއަށް ހިއްސާކުރެވޭނެ އިންތިޒާ މް، އެ މަށްރޫއަކަށް ހުއްދަ ދޫކޮށްފައިވާ ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން ހަމަޖައްސަންވާނެއެވެ.

(ށ) މަސްވެރިކަމުގެ މަށްރޫއު ގާއިމްކުރުމަށް މިނިސްޓްރީން ހުއްދަ ދޭ މަށްރޫއުތަކުގެ ތެރެއިން މަށްރޫއު ގާއިމްކުރުމަށް ހޭދަވާ މުއްދަތު 4 (ހަތަރެއް) މަސްދުވަހަށްވުރެ އިތުރުވާ މަށްރޫއުތަކުން، މަށްރޫއު ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބަޔާންކޮށް ތައްޔާރުކުރާ ރިޕޯޓެއް، މަށްރޫއު ގާއިމްކުރުމުގެ ހުއްދަ ދޭ ދުވަހުން ފެށިގެން ކޮންމެ 4 (ހަތަރެއް) މަސްދުވަހަކުން، މަށްރޫއު ހިންގާ ފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) މައުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށް ނުވަތަ މަށްރޫއު ގާއިމް ކުރުމުގެ ހުއްދަ ދީފައިވާ ކައުންސިލް އިދާރާއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތުކަމަށް ވާންވާނެއެވެ. މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ސައްހަ ނޫންނުވަތަ ދޮގު މައުލޫމާތުކަމުގައި ވެގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - މަށްރޫއު މޮނިޓަރކުރުމާއި ރޭންޖަރުންނަށް އެއްބާރުލުން ދިނުން

މި ގަވާއިދުގެ ދަށުން ގާއިމްކުރުމަށް ހުއްދަ ދޭ މަށްރޫއެއް މޮނިޓަރ ކުރުމަށް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ ފިށަރީޒް ރޭންޖަރުން ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގެ މުވައްޒަފުން ނުވަތަ ލޯކަލް ކައުންސިލެއްގެ މުވައްޒަފުން ކުރިޔަށްގެންދާ އިންސްޕެކްށަންތަކުގައި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މަށްރޫއު ގާއިމްކުރާ ފަރާތުން ފުރިހަމައަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކުރަންވާނެއެވެ. 

 

22 ވަނަ މާއްދާ - ހުއްދަ ދޭ މަށްރޫއަކާ ގުޅިގެން މިނިސްޓްރީން ޒިންމާވާން ނުޖެހޭ ހާލަތްތައް

(ހ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައެއް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާތިލު ކޮށްފި ނަމަ، ނުވަތަ އަންނަނިވި ހާލަތެއް މެދުވެރިވުމުގެ ސަބަބުން ބާތިލު ކުރެވިއްޖެ ނަމަ، ނުވަތަ ހުއްދައިގެ ށަރުތަކަށް ބަދަލުގެންނަން ޖެހިއްޖެ ނަމަ، އެކަމުގެ ސަބަބުން ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒި ންމާވާކަށެއް ނުޖެހޭނެއެވެ.

  1. މިނިސްޓްރީއާއި މަށްރޫއު ހިންގާ ފަރާތުގެ އަމިއްލަ ބާރުނުފޯރާ ކަމެއް މެދުވެރިވެގެން، އަދި އެ ކަމެއް އެ ގޮތަށް ބަދަލުވެދާނެކަމަށް ބެލެވިފައި ނެތް ގޮތަކަށް ހާލަތު ބަދަލުވުމުގެ ސަބަބުން ނުވަތަ ތިމާވެށި ރައްކައުތެރި ކުރުމަށް ޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން ހުއްދަ ބާތިލު ކުރަން ޖެހުން ނުވަތަ ހުއްދައިގެ ށަރުތަކަށް ބަދަލުގެން ނަން ޖެހުން؛
  2. ބައިނަލްއަގްވާމީ ގޮތުން އަޅަން ލާޒިމްކުރާ ހާއްސަ ފިޔަވަޅެއްގެ ސަބަބުން ހުއްދަ ބާތިލު ކުރަން ޖެހުން ނުވަތަ ހުއްދައިގެ ށަރުތަކަށް ބަދަލުގެންނަން ޖެހުން.

(ށ) މަސްވެރިކަމުގެ ސިޔާސަތަށް ނުވަތަ ކަމާ ގުޅުންހުރި އެހެން ދާއިރާއެއްގެ ސިޔާސަތަށް އަންނަ ބަދަލަކާ ގުޅިގެން، ނުވަތަ ރާވައި ހިންގައި ބެލެހެއްޓުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަށްރޫއަށް ލިބޭ ގެއްލުމަށް މިނިސްޓްރީން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

 

23 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން އަދި ފިޔަވަޅު އެޅުން

(ހ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއްގެ މަތިން ނުވަތަ ގޮތްތަކެއްގެ މަތިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

  1. މި ގަވާއިދުގެ ދަށުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ އެ ގޮތާ ހިލާފު ގޮތަކަށް ކުރުން؛
  2. މި ގަވާއިދުގެ ދަށުން ހުއްދަ ނުނަގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެއްވެސް މަށްރޫއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތެއް ފެށުން؛
  3. މަށްރޫއު ގާއިމްކުރުމަށް ދޫކޮށްފައިވާ ހުއްދައަށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަދަލު ގެނައުމަކާ ނުލައި، މި ގަވާއިދުގެ 17 ވަނަމާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ބަދަލެއް މަށްރޫއަށް ގެނައުން؛
  4. މަށްރޫއުތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ ހުއްދަދޭ ކައުންސިލް އިދާރާއަކަށް ގަވާއިދުން ނުފޮނުވުން؛
  5. މަށްރޫއުގެ ދަށުން ގާއިމްކުރާ ވަސީލަތަކަށް ސަރުކާރުގެ އެހެން އިދާރާއަކުން ހުއްދަ ހޯދަންޖެހޭ ހާލަތްތަކުގައި އެ ހުއްދައެއް ހޯދުމަކާ ނުލައި އެ ވަސީލަތެއް ގާއިމްކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ ބެހޭ ގަވާ އިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އި ދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅުއަޅާނީ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ނެވެ.

 

24 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ބޭނުމަށް އަންނަނިވި ލަފުޒުތައް ނުވަތަ އިބާރާތްތައް ބޭނުންކޮށްފައި އެވަނީ އަންނަނިވި މާނައިގައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންތައްތައް ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މަސްވެރިކަމުގެ މަށްރޫއުތައް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ އެންމެހައި ގިންތިތަކުގެ މަށްރޫއުތަކަށެވެ.

(ނ) "މަހުގެ އުފެއްދުންތައް" ކަމަށް ބުނެފައި އެވަނީ، ފިނިކޮށްފައިވާ، ނު ވަތަ ފިނިކޮށް ގަނޑުކޮށްފައިވާ، ނުވަތަ ދަޅުގައި ބަންދުކޮށްފައިވާ، ނުވަތަ ހިއްކައިފައިވާ، ނުވަތަ ލޮނު އަޅައިފައިވާ، ނުވަތަ އެނޫން އެހެން ގޮތަކަށް އުފައްދައިފައިވާ މަހުގެ ނުވަތަ އެކުއަކަލްޗަރގެ އުފެއްދުމަށެވެ.

(ރ) "މަސް ޕްރޮސެސްކުރާ ތަންތަން" ނުވަތަ "މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި، އެފަދަ އެހެން ތަންތަނަށެވެ. އަދި އެ ތަނެއްގައި، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަން ކުރާ ތަންތަނަށެވެ.

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ހިއްކައި، ނުވަތަ އެނޫން އެހެން ގޮތަކަށްދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
  2. ބަންދުކޮށް / ޕެކެޓުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، ނުވަތަ ހިއްކައި، ނުވަތަ ސާފުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.

 

25 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު