މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2020-93)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރަށް ރިއާޔަތްކޮށް ، އެ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާ ބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، އެކްސްޕޯޓަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގައި، މަސްވެރިންގެ އަތުން މަސް ގަނެގެން އެކްސްޕޯޓްކުރާ ފަރާތްތަކުން މަސްވެރިންނަށް ހުށަހެޅޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުން ޕްރޮސެސްކުރާ ނުވަތަ ރައްކައުކުރާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅައި އިއުލާނުކުރާ އަގުތަކުގައި މަސް ގަތުމަށް ލާޒިމުކުރާ އަގު ކަނޑައެޅުމުގައި މަސްވެރިންނާއި މަސް ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކަށް އިންސާފުވެރި ގޮތެއްގައި މިފަދަ އަގުތަކެއް ކަނޑައެޅުމުގެ ހަމަތައް އެކަށައެޅުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތްތައް
މި ގަވާއިދު ހިނގާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގައި ބާނާ މަސް ގަންނަ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ޕްރޮސެސް ކުރުމުގެ ނުވަތަ ރައްކައު ކުރުމުގެ ލައިސަންސް ލިބިގެން މަސް ގަތުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި އެ ފަރާތްތަކުން އޮޕަރޭޓްކުރާ ކަލެކްޓަރ ބޯޓުފަހަރު؛
(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްގަތުމުގައި ހަރަކާތްތެރިވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ބޭރުގެ އުޅަނދުފަހަރު.
4 ވަނަ މާއްދާ - މަސް ގަންނަ އެންމެ ދަށް އަގު (ފްލޯ ޕްރައިސް) ކަނޑައެޅުން
(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން މަސްވެރިންގެ އަތުން މަސް ގަނެވޭނެ އެންމެ ދަށް އަގު، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. މިގޮތުން ކަނޑައަޅާ އަގުތައް ކަނޑައެޅުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން މަސް ގަންނަ އެންމެ ދަށް އަގު ކަ ނޑައަޅާ ކޮންމެ މަސްވެރިކަމަކަށް ކަނޑައަޅާ މަސް ގަނެވޭނެ އެންމެ ދަށް އަގު، މަދުވެގެން ކޮންމެ 12 (ބާރަ) މަސްދުވަހަކުން އެއްފަހަރު މުރާޖައާކޮށް އިއުލާނު ކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ މަސްވެރިކަމުން ބާނާ މަސް، މި ގަވާއިދުގެ ތަރަހައިގެ ތެރެއަށް ފެތޭ އެއްވެސް ފަރާތަކުން ގަންނަންވާނީ، މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާނުކުރާ އަގާ އެއް އަގަކަށް ނުވަތަ އެއަށްވުރެ ބޮޑު އަގަކަށެވެ.
5 ވަނަ މާއްދާ - އަގު ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން
މި ގަވާއިދުގެ ދަށުން މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމުގައި މިނިސްޓްރީގެ ފަރާތުން އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) މަސްވެރިންގެ އާމްދަނީއާއި، މަސްވެރިކަމަށް ކުރާ ހޭދަ ނުވަތަ އެކަމަށް ކުރާ ހަރަދު؛
(ށ) މަސްވެރިކަމުން އުޅަނދަށް ލިބޭ އާމްދަނީއާއި، މަސްވެރިކަމުގެ ހަރަދު (އުޅަނދު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނު ހިމެނޭ ގޮތަށް)؛
(ނ) މަސް ގަންނަ ފަރާތްތަކުގެ އާމްދަނީއާއި، މަސް ގަނެ ޕްރޮސެސްކޮށް ރައްކައުކޮށް އެކްސްޕޯޓް ކުރުމަށް ކުރާ ހޭދަ ނުވަތަ އެކަމަށް ކުރާ ހަރަދު؛
(ރ) މަސް ގަންނަ ފެސިލިޓީ ގާއިމުކުރުމަށް އެ ފަރާތްތަކުން ކުރާ ހޭދައާއި އިންވެސްޓްމަންޓުގެ އަގު؛
(ބ) ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރު؛
(ޅ) މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅޭ މަސްވެރިކަމުގައި ބާނާ މަހަށް ބޭރުގެ ބާޒާރުގައި )އެކްސްޕޯޓް ކުރުމުން( ލިބޭ އަގު؛
(ކ) ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އާންމު ހަރަދުތައް؛
(އ) މަސައްކަތްތެރިންނަށް ދިނުމަށް އެންމެ ދަށް އުޖޫރައެއް ކަނޑައަޅައިފައިވާނަމަ، އެ އުޖޫރައިގެ މިންވަރު.
6 ވަނަ މާއްދާ - މިނިސްޓްރީއަށް މައުލޫމާތު ފޯރުވައިދިނުން
މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މަސް ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުން، މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމަށް މި ގަވާއިދުގެ 5 ވަނަ މާއްދާގެ ތެރޭގައި ހިމެނޭ ދާއިރާއަކުން މައުލޫމާތު ހޯދުމަށް މިނިސްޓްރީން އެދިއްޖެނަމަ، އެ މައުލޫމާތު ވީ އެންމެ ފުރިހަމައަށް މިނިސްޓްރީއަށް ފޯރުވައިދޭންވާނެއެވެ. މިގޮތުން ފޯރުވައިދޭ މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތަށް ވާން ޖެހޭނެއެވެ.
7 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން
(ހ) މި ގަވާއިދުގެ ދަށުން ކަނޑައަޅާ މަސް ގަންނަ އެންމެ ދަށް އަގަށްވުރެ ކުޑަ އަގެއްގައި، މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މަސްވެރިކަމެއްގައި މަސް ގަތުމަކީ ނުވަތަ މަސް ގަންނަން ހުށަހެޅުމަކީ މަނާކަމެކެވެ.
(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ދޭންޖެހޭ މައުލޫމާތު އޮޅުވައިލުމަކީ ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުމަކީ ނުވަތަ މައުލޫމާތު ދިނުމަށް އިންކާރު ކުރުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަމަލެއް ހިންގައިފި ނަމަ، އެ ފަރާތަކަށް މަސްގަތުމުގެ ހުއްދަ ނުވަތަ ލައިސަންސް ދޫކޮށްފައިވާ ގަވާއިދުގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއްގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ނުވަތަ އިދާރީ ފިޔަވަޅު އެޅޭނެއެވެ.
(ރ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 74/2020 (މަސްވެރިކަމުގެ ގާނޫނާއި މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
8 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭ ގޮތަށް މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަ ވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މަސް" ކަމުގައި ބުނެފައި އެވަނީ، ޖަނަވާރެއްގެ ނުވަތަ ގަހެއްގެ، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭ ތަކެތީގެ ޅަ އެއްޗެއްސާއި، އެ ތަކެތީގެ ފަންޏާއި ބިސް ހިމެނެއެވެ.
(ނ) "އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫން ވެސް އުޅަނދަކަށެވެ.
(ރ) "ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ:
- ބޭރު ގައުމެއްގައި، އެ ގައުމެއްގެ ކަމާ ގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި ނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމްނުވާ އުޅަނދު.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު