-

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-32)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 126 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް (ދ)، (ތ)، (ލ)، (ގ) އަދި (ޏ) އިތުރުކުރުން.

އެދިގެން ވަޒީފާއިން ވަކިކުރުން 126

(ދ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ ހާލަތެއް މެދުވެރިވެގެން، ކަމާބެހޭ ގާނޫނަކުން ނުވަތަ އިލެކްށަންސް ކޮމިށަނުން އިންތިހާބު ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހު ފަސްކުރުމުގެ ސަބަބުން، މި މާއްދާގެ (ކ) ގައިވާ ފަދައިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަގުތީގޮތުން ވަކިކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމްސްގެ ވަޒީފާއަށް އަލުން ނުކުތުމަށް އެދި ހުށަހަޅާ މުވައްޒަފުން، އެ މުވައްޒަފު ވަގުތީގޮތުން ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރަން ވާނެއެވެ. މި މާއްދާގައިވާ ގޮތުގެ މަތިން މަގާމަށް އަނބުރާ ރުޖޫއަ ކުރެވޭ މުވައްޒަފުން، މި މާއްދާގެ (ކ) ގެ ދަށުން ދެން ވަގުތީގޮތުން ވަޒީފާއިން ވަކިކުރެވޭނީ އިލެކްށަންސް ކޮމިށަނުން އިންތިހާބު އަލުން ފެށުމަށް އިއުލާނު ކުރާ ތާރީހުން ފެށިގެންނެވެ.

(ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަގުތީގޮތުން ވަކިކުރާ މުވައްޒަފުންގެ ތެރެއިން އިންތިހާބު ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހު ފަސްވުމުގެ ސަބަބުން ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަވުމަށް އެދޭ މުވައްޒަފުން، އިންތިހާބު ފަސްކުރި ކަމަށް ކަނޑައަޅާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއަށް އަނބުރާ ރުޖޫއަވުމަށް އެދި ހުށަހަޅަން ވާނެއެވެ.

(ލ) މި މާއްދާގެ (ތ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު މި މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ފަދައިން އިންތިހާބު ފަސްކުރި ފަހުން 7 (ހަތެއް) ދުވަސް ހިނގައިފައިވާނަމަ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަވުމަށް އެދި ހުށަހަޅަންވާނެއެވެ.

(ގ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ތ) އާއި (ލ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއަށް އަނބުރާ ރުޖޫއަވުމަށް އެދި ހުށަހަޅައިފައި ނުވާ ނަމަ، އެ މުވައްޒަފަކު ވަޒީފާ ރުޖޫއު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ދޫކޮށްލީކަމަށް ބަލަންވާނެއެވެ.

(ޏ) މި މާއްދާގެ (ދ) ގެ ދަށުން ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްފައި އޮތް އޮތުން ބާޠިލުކޮށް، އެ މީހުން ތިބި ވަޒީފާއަށް އަލުން ރުޖޫއަ ކުރެވެނީ، ހާއްސަ ހާލަތްތަކުގައި އިންތިހާބު ދިގު މުއްދަތަކަށް ފަސްކުރުމާ ގުޅިގެން ކަމުގައި ވާތީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މުވައްޒަފުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް ރުޖޫއަ ކުރެވޭ ވަގުތުން ފެށިގެން، މި މާއްދާގެ (ދ) ގެ ދަށުން އަލުން ވަގުތީގޮތުން ވަޒީފާއިން ވަކިކުރެވެންދެން، އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިޔަށް ގެންގޮސްގެން ނުވާނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު