-

ދާރުލްއާސާރު ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 38/2020)

 

އެއްވަނަ ބާބު

ފެށުން


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 52 ވަނަ މާއްދާއާއި 53 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދާރުލްއާސާރު ހިންގުމުގެ ގަވާއިދު" އެވެ. މި ގަވާއިދުގައި ހިމެނޭނީ، އަންނަނިވި ބައިތަކެވެ.

  1. ގައުމީ ދާރުލްއާސާރުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާނެ ގޮތް؛
  2. ގައުމީ ދާރުލްއާސާރުގައި ތަކެތި ޖަމާކުރުމާއި، އެ ތަކެތި ބެހެއްޓުން؛

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގައުމީ ދާރުލްއާސާރުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާނެ އުސޫލުތައް ބަޔާންކުރުން؛

(ށ) ގައުމީ ދާރުލްއާސާރުގައި ތަކެތި ޖަމާކުރުމާއި، އެ ތަކެތި ބެހެއްޓުމާބެހޭ އުސޫލުތައް ބަޔާންކުރުން؛

(ނ) އަމިއްލަ ފަރާތްތަކުގެ މިލްކުގައިވާ ސަގާފީ ތަރިކަ، ދާރުލްއާސާރުގައި ބެހެއްޓުމަށް އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން؛

(ރ) އަމިއްލަ ފަރާތްތަކުން ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް ރަޖިސްޓަރީކޮށްގެން ހިންގާނެ ގޮތް ބަޔާންކުރުން؛

(ބ) އަމިއްލަ ދާރުލްއާސާރުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލުތައް ބަޔާންކުރުން.

 

ދެވަނަ ބާބު

ގައުމީ ދާރުލްއާސާރުގެ އިދާރީ އިންތިޒާމުތައް


3 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނާނެ ދުވަސްތައް

(ހ) ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ރަސްމީ ބަންދު ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުކުރާ ދުވަސްދުވަހުގެ ތެރެއިން ވަޅު އީދު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހާއި ހޮނިހިރު ދުވަހު، ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ރަމަޒާން މަހާއި ށައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނާނީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހުއެވެ.

(ރ) މި މާއްދާގެ (ހ)، (ށ)، (ނ) އެހެން އޮތް ނަމަވެސް، ހާއްސަ ބޭނުމަކަށްޓަކައި މަރުކަޒުގެ ލަފާގެ މަތިން ބަންދު ދުވަހެއްގައި ގައުމީ ދާރުލްއާސާރު ހުޅުވިދާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ)، (ނ) އެހެން އޮތް ނަމަވެސް، ހާއްސަ ބޭނުމަކަށްޓަކައި މަރުކަޒުގެ ލަފާގެ މަތިން ގައުމީ ދާރުލްއާސާރު ބަންދުކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނާނެ ގަޑިތައް

(ހ) ރަމަޒާން މަސް ނޫން އެހެން މަސްމަހު، ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނާނީ، ހެނދުނު 10:15 ން ހަވީރު 4:00 އަށެވެ.

(ށ) ރަމަޒާން މަހު ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނާނީ، ސަރުކާރުގެ ރަސްމީ ގަޑީގައެވެ. އަދި ށައްވާލު މަހުގެ ފުރަތަމަ 7 (ހަތެއް) ދުވަހު ވެސް ގައުމީ ދާރުލްއާސާރު ހުޅުވައިފައި ހުންނާނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ.

(ނ) ރަސްމީ ބަންދު ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުކުރާ ދުވަސްދުވަހު، ގައުމީ ދާރުސްއާސާރު ހުޅުވައިފައި ހުންނާނީ، މެންދުރު 12:00 އިން ހަވީރު 6:00 އަށެވެ.

(ރ) ގައުމީ ދާރުލްއާސާރަށް ވަނުމުގެ ޓިކެޓް ވިއްކާނީ، ބަންދުކުރާ ގަޑިޖެހެން 30 (ތިރީސް) މިނެޓަށް ވާންދެނެވެ.

 

5 ވަނަ މާއްދާ - ހާއްސަ ބޭނުމަކަށްޓަކައި ގައުމީ ދާރުލްއާސާރު ހުޅުވުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާއްސަ ބޭނުމަކަށްޓަކައި ގައުމީ ދާރުލްއާސާރު ހުޅުވައިދިނުމަށް އެދޭ ފަރާތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ގައުމީ ދާރުލްއާސާރަށް ވަނުމަށް އެދޭ ފޯމު" ފުރުމަށްފަހު، ހުޅުވަން ބޭނުންވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން މަރުކަޒަށް ހުށަހަޅަންވާނެއެވެ.

(ށ) ފޯމު ހުށަހަޅާތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މަރުކަޒުން އެކަމަށް ގޮތެއް ނިންމައިފައި އެ ފަރާތަށް ޖަވާބެއް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ވަގުތީ ހާއްސަ މައުރަޒު ބޭއްވުން

މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތިން ވަގުތީ މައުރަޒުތައް ބޭއްވެނެ އިންތިޒާމުތައް ގައުމީ ދާރުލްއާސާރުން ހަމަޖައްސަންވާނެއެވެ.

 

7 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގައި ނުކުރެވޭނޭ ކަންކަން

ގައުމީ ދާރުލްއާސާރުގައި، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

(ހ) ގައުމީ ދާރުލްއާސާރުގެ ދަފުތަރުގައި ހިމެނޭ ތަކެތި ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ދާރުލްއާސާރުގައި ޑިސްޕްލޭ ކުރުން؛
 
(ށ) ގައުމީ ދާރުލްއާސާރުގައި ސުވެނިއަރގެ ގޮތުގައި ވެސް ދިވެހީންގެ އުފެއްދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ހަދިޔާ ކުރުން؛


8 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގެ ތެރޭގައި ކުރުން މަނާ ކަންކަން

ގައުމީ ދާރުލްއާސާރަށް ވަންނަ ފަރާތްތަކުން، ދާރުލްއާސާރުގެ ތެރޭގައި ކުރުން މަނާ ކަންކަން، ތިރީގައި މިވަނީއެވެ.

(ހ) ގައުމީ ދާރުލްއާސާރުގައި ހުންނަ އާސާރުތަކުގައި އަތްލުން؛
 
(ށ) ގައުމީ ދާރުލްއާސާރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން؛
 
(ނ) ގައުމީ ދާރުލްއާސާރުގެ ތެރެއަށް ކާބޯތަކެތި ވެއްދުން؛
 
(ރ) ގައުމީ ދާރުލްއާސާރުގެ ތެރޭގައި ފޮޓޯ ނުވަތަ ވީޑިޔޯ ނަގާއިރު ލައިޓާއި ފްލޭށް ބޭނުން ކުރުން؛


9 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރަށް ހިލޭ ވަނުން

ގައުމީ ދާރުލްއާސާރަށް ހިލޭ ވަދެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.

(ހ) ސްކޫލު މެދުވެރިވެގެން އަންނަ ދަރިވަރުން ނުވަތަ ސްކޫލުގެ ތައްގަނޑު އޮންނަ ފާހެއް އޮންނަ ދަރިވަރުން؛
(ށ) ސްކޫލުތައް މެދުވެރިވެގެން އަންނަ ކޮންމެ 10 (ދިހައެއް) ދަރިވަރަކަށް އެ ކުދީންނާއެކު އަންނަ 1 (އެކެއް) ޓީޗަރަކާއި 1 (އެކެއް) ބެލެނިވެރިއަކު؛
(ނ) އުމުރު އެނގޭ ރަސްމީ ލިޔުމެއް ގެންނަ 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީ މީހުން؛
(ރ) އުމުރުން 5 (ފަހެއް) އަހަރު ނުފުރޭ ކުޑަކުދިންނާއި، އެ ކުދިން ގޮވައިގެން އަންނަ ބެލެނިވެރިން؛
(ބ) ހާއްސަ ގޮތަކުން މަރުކަޒުން ހުއްދަ ދޭ ފަރާތްތައް.


10 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރަށް ވަދެވޭނެ މީހުންގެ އަދަދު

ގައުމީ ދާރުލްއާސާރަށް އެއްފަހަރާ ވަދެވޭނީ ގިނަވެގެން 50 (ފަންސާސް) މީހުންނަށެވެ.

 

11 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރަށް ވަންނަ ޓިކެޓުގެ އަގު

(ހ) ގައުމީ ދާރުލްއާސާރުގެ ޓިކެޓުގެ އަގުތައް، ތިރީގައި މިވަނީއެވެ.

  1. 18 (އަށާރަ) އަހަރުން މަތީ ކޮންމެ ދިވެއްސަކަށް 25 (ފަންސަވީސް) ރުފިޔާ؛
  2. 5 (ފަހެއް) އަހަރު ފުރި، 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖަކަށް 20 (ވިހި) ރުފިޔާ؛
  3. ޔުނިވަރސިޓީއެއްގެ ނުވަތަ ކޮލެޖެއްގެ ނުވަތަ ސްކޫލެއްގެ ދަރިވަރެއްކަން އަންގައިދޭ ލިޔުން އޮންނަ ދިވެހި ދަރިވަރަކަށް 15 (ފަނަރަ) ރުފިޔާ؛
  4. 18 (އަށާރަ) އަހަރުން މަތީ ބިދޭސީއަކަށް 10 (ދިހައެއް) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ފައިސާ؛
  5. 5 (ފަހެއް) އަހަރު ފުރި، 18 (އަށާރަ) އަހަރު ނުފުރޭ ބިދޭސީއަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ފައިސާ؛
  6. ޔުނިވަރސިޓީ/ކޮލެޖުގެ ދަރިވަރެއްކަން އަނގައިދޭ ކާޑު އޮންނަ ބިދޭސީ ދަރިވަރަކަށް 2 (ދޭއް) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ފައިސާ؛

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން ގައުމީ ދާރުލްއާސާރަށް ވަނުމުގެ ޓިކެޓާއި ހިދުމަތްތަކުގެ އަގު ނަގާނީ ދިވެހީންނާ އެއް އަގެއްގައެވެ.

  1. ދިވެހިރާއްޖޭގައި ދިރިއުޅުމަށް ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީން؛
  2. ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ވަރކް ޕަރމިޓް ލިބިފައިވާ ބިދޭސީން؛
  3. ޑިޕްލޮމެޓިކް ވިސާ އޮންނަ ފަރާތްތައް.


12 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުން އިތުރަށް ދެވޭ ހިދުމަތްތަކުގެ އަގު

(ހ) ސެލްފް ގައިޑިންގ ޑިވައިސް ބޭނުންކުރާ ނަމަ، ދިވެއްސަކަށް 10 (ދިހައެއް) ރުފިޔާ، ބިދޭސީންނަށް 1 (އެކެއް) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ފައިސާ ދައްކަންވާނެއެވެ.

(ށ) ދާރުލްއާސާރުގެ ޓިކެޓާއެކު ވައިފައި މެދުވެރިކޮށް 30 (ތިރީސް) މިނެޓުގެ އިންޓަރނެޓް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން، އިންޓަރނެޓުގެ ހިދުމަތް ބޭނުންވާނަމަ، އިތުރުކުރެވޭނީ 30 (ތިރީސް) މިނެޓަކުން 30 (ތިރީސް) މިނެޓަކުންނެވެ. މިއިން ކޮންމެ 30 (ތިރީސް) މިނެޓަކަށް ދިވެއްސަކު 10 (ދިހައެއް) ރުފިޔާ، ބިދޭސީއަކު 1 (އެކެއް) އެމެރިކާ ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ފައިސާ ދައްކަންވާނެއެވެ.

 

ތިންވަނަ ބާބު

ގައުމީ ދާރުލްއާސާރަށް ތަކެތި ހޯދައި އެއްކުރުމާއި، އެ ތަކެތި ބެހެއްޓުން


13 ވަނަ މާއްދާ - ތަކެތި އެއްކުރުމާއި، އެ ތަކެތި ބެހެއްޓުން

ގައުމީ ދާރުލްއާސާރަށް ތަކެތި ހޯދައި އެއްކޮށް، އެ ތަކެތި ބެލެހެއްޓުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

(ހ) ހަރުދަނާ ފަންނީ އުސޫލުތަކެއްގެ މަތިން ކުރުން؛

(ށ) ގައުމީ ދާރުލްއާސާރުގައި ބަހައްޓާ ތަކެއްޗަކީ ރައްކައުތެރިކަމާއެކު ޖީލުތަކަށް ދެމިގެންދާނޭ ތަކެތިކަން ކަށަވަރުކުރުން.

 

14 ވަނަ މާއްދާ - ތަކެތި ހޯދައި އެއްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ތަންފީޒު ކުރުމުގެ ޒިންމާ

މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ އުސޫލުތަކާއި، މިކަމާ ގުޅިގެން މަރުކަޒުން ހަދާ އެހެނިހެން އުސޫލުތައް ތަންފީޒުކުރާނީ ގައުމީ ދާރުލްއާސާރުންނެވެ.

 

15 ވަނަ މާއްދާ - ހޯދައި އެއްކުރާ ތަކެތި

(ހ) ގައުމީ ދާރުލްއާސާރަށް ހޯދައި އެއްކުރާ ތަކެތި ބަހައިލެވިފައިވާނީ އަންނަނިވި 2 (ދޭއް) ބަޔަށެވެ.

  1. ދާއިމީ ތަކެތި؛
  2. މާނަކުރާ ތަކެތި.

(ށ) ދާއިމީ ތަކެތީގެ ގޮތުގައި ހިމެނޭ ތަކެއްޗަކީ، އެންމެ އެވޭލާ ޒަމާނުއްސުރެ މިހާތަނަށް ދެމިގެން އައިސްފައިވާ ދިވެހީންގެ އިޖުތިމާއީ، އިގްތިސާދީ، ސަގާފީ، ތާރީހީ، އާދަކާދައާ ގުޅޭ އެއްކުރެވިފައިވާ ތަކެއްޗާއި އެއްކުރެވެމުންދާ ދޭސީ އަދި ބިދޭސީ ތަކެއްޗެވެ.

(ނ)

  1. މާނަކުރާ ތަކެތީގެ ގޮތުގައި ގައުމީ ދާރުލްއާސާރަށް ތަކެތި ހޯދައި އެއްކުރުމުގައި ހިމެނޭ ތަކެއްޗަކީ، ގައުމީ ދާރުލްއާސާރުން ހިންގާ އުނގަންނައިދޭ ޕްރޮގްރާމްތަކުގައި މައުލޫމާތު ދިނުމަށް ބޭނުންކުރާ ދިވެހީންގެ އިޖުތިމާއީ، އިގްތިސާދީ، ސަގާފީ، ތާރީހީ، އާދަކާދައާ ގުޅޭ އެއިން އެއްޗަކަށް ގެއްލުމެއް ލިބުނަސް މައްސަލައެއް ކުރިމަތިނުވާ ތަކެއްޗެވެ. މި ފަދަ ތަކެއްޗަކީ، ޒިޔާރަތްކުރާ ފަރާތްތަކުން ތަކެތީގައި އަތްލައިގެން އެ ތަކެތީގެ އިހްސާސްކުރުމުގެ ހުއްދަދެވިފައިވާ ތަކެއްޗެވެ. މި ތަކެއްޗަކީ ތަނުގެ ދާއިމީ ތަކެތީގެ ގޮތުގައި ލިސްޓުކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗެއް ނޫނެވެ.
  2. މާނަކުރާ ތަކެތީގެ ގޮތުގައި ހިމެނޭ ތަކެއްޗަކީ، މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ގައި ބަޔާންކޮށްފައިވާ ގައުމީ ދާރުލްއާސާރުން ހިންގާ އުނގަންނައިދޭ ޕްރޮގްރާމްތަކުގައި މައުލޫމާތު ދިނުމަށް ބޭނުންކުރެވިދާނެ އަންނަނިވި ތަކެއްޗެވެ.
    2.1 ފޮޓޯ، އޯޑިއޯ، ވީޑިއޯ؛
    2.2 ލިޔުމާއި، ބްރޯށަރއާއި، ލުއިފޮތް؛
    2.3 ދާއިމީ ތަކެތީގެ ނަކަލާއި، ދާއިމީ ތަކެތީގެ ތެރޭގައި ނުހިމެނޭ ތަކެތި.


16 ވަނަ މާއްދާ - ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބަލަހައްޓާނެ ގޮތް

މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ 1 ގައި ބަޔާންކޮށްފައިވާ ދާއިމީ ތަކެތި ބަލަހައްޓާނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ.

(ހ) ދާއިމީ ކޮންމެ އެއްޗެއްގެ މައުލޫމާތު ފުރިހަމައަށް ކެޓެލޮގްކޮށް، އަދި ބޭނުންވެއްޖެ ހިނދެއްގައި ނަކަލު ހަދައި (ރެޕްލިކާ ހެދުން) ފަރުވާދީ، ދިރާސާކޮށް، ރައްކައުތެރިކަމާއެކު ބަލަހައްޓަމުން ގެންދަންވާނީ، މި ތަކެތި ބެލެހެއްޓުމުގައި ބޭނުންކުރެވޭ ހަރުދަނާ ފަންނީ މިންގަނޑުތަކަށް ފެތޭގޮތަށެވެ.
(ށ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ގައި ބަޔާންކޮށްފައިވާ މާނަކުރާ ތަކެތި ބަލަހައްޓާނީ އަންނަނިވި ގޮތްތަކަށެވެ.
 
 މާނަކުރާ ތަކެތި ބެލެހެއްޓުމުގައި އެ ތަކެއްޗަކީ އަސްލު ނުވަތަ އަސްލާ މުޅީން އެއްގޮތަށް ހުންނަ ތަކެތިކަން ކަށަވަރު ކުރަންވާނެއެވެ.


17 ވަނަ މާއްދާ - ތަކެތި ހޯދައި އެއްކުރެވޭ ގޮތް

(ހ) ގައުމީ ދާރުލްއާސާރަށް ހޯދައި އެއްކުރާނީ، މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތޭ ތަކެއްޗެވެ.

(ށ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ލިބޭ ކޮންމެ އެއްޗެއްވެސް، ގައުމީ ދާރުލްއާސާރަށް ހޯދައި އެއްކުރެވިދާނެއެވެ.

  1. އެކި ފަރާތްތަކުން ހިލޭ ދޭ ތަކެތި؛
  2. ފަރުދަކު ކުރާ ވަސިއްޔަތެއްގެ ދަށުން ލިބޭ ތަކެތި
  3. ދާއިމީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގަނެގެން ހޯދާ ؛ތަކެތި؛
  4. އަމަލުކުރެވުމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ލިބޭ ތަކެތި.

 

18 ވަނަ މާއްދާ - ތަކެތި ބަލައިގަތުމުގައްޔާއި ބަލައިގަތުމަށްފަހު އަމަލުކުރާނެގޮތް

ގައުމީ ދާރުލްއާސާރަށް ތަކެތި ބަލައިގަތުމުގައްޔާއި ތަކެތި ބަލައިގަތުމަށްފަހު އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) ގައުމީ ދާރުލްއާސާރަށް ލިބޭ ހުރިހާ ތަކެތި ބަލައިގަންނާނީ ގައުމީ ދާރުލްއާސާރުންނެވެ.
 
(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ކޮންމެ އެއްޗެއް ގައުމީ ދާރުލްއާސާރަށް ބަލައިގަތުމަށްފަހު، އެ އެއްޗެއް ނުވަތަ އެ ތަކެތި ބަލައިގަތްކަމުގެ ލިޔުމެއް ދޭންވާނެއެވެ. މި ލިޔުމުގައި، އެ އެއްޗެއް ގެނައި ފަރާތާއި ބަލައިގަތް ފަރާތުން ސޮއިކުރަންވާނެއެވެ.
 
(ނ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ (3) ގައި ބަޔާންކޮށްފައިވާ ތަކެތި ގަތުމުގެ ކުރިން، އެ ތަކެތީގެ ފުރިހަމަ މައުލޫމާތު ހޯދުމަށްފަހު، އެއީ ދާއިމީ ތަކެތީގެ ތެރޭގައި ހިމެނިދާނެ އެއްޗެއްތޯ ކަނޑައަޅާނީ ނުވަތަ ނިންމާނީ، ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައިވާ ކޮމިޓީގެ ލަފާގެ މަތިން، މަރުކަޒުންނެވެ.
 
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެ މަތިން ކަނޑައެޅޭ ތަކެތި ގަތުމަށްފަހު، އެ މުއާމަލާތު ފުރިހަމަކުރިކަމުގެ ލިޔުމެއް، އެ އެއްޗެއް ވިއްކި ފަރާތުން، ގައުމީ ދާރުލްއާސާރަށް ހޯދަންވާނެއެވެ.
 
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހޯދާ ލިޔުމުގައި، ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތާއި ވިއްކި ފަރާތުން ސޮއިކުރަންވާނެއެވެ. އަދި މި ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، މަރުކަޒުގެ ފަރާތުން، ވިއްކި ފަރާތަށް ދޭންވާނެއެވެ.
 
(ޅ) މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ގައުމީ ދާރުލްއާސާރަށް ލިބޭ ކޮންމެ އެއްޗަކާ ގުޅޭގޮތުން ލިބެންހުރި ހުރިހާ މައުލޫމާތެއް، ގައުމީ ދާރުލްއާސާރުން ހޯދަންވާނެއެވެ. ލިޔުންތަކުންނާއި އަނގަބަހުން ލިބޭ މައުލޫމާތު ވެސް މީގެ ތެރޭގައި ހިމެނެއެވެ.
 
(ކ) ތަކެތި ބަލައިގަތުމަށްފަހު، އެ އެއްޗެއް ސާފުކޮށް، އެ އެއްޗަކަށް ބޭނުންވާ ގިނަދުވަހަށް ދެމެހެއްޓުމަށް ދޭންޖެހޭ ފަރުވާދީ ނިމެންދެން އެ އެއްޗެއް ހިމެނޭނީ ގައުމީ ދާރުލްއާސާރުގެ ވަގުތީ ތަކެތީގެ ގޮތުގައެވެ.
 
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަން ނިމުމަށްފަހު، އެ އެއްޗެއް ގައުމީ ދާރުލްއާސާރުގެ ދާއިމީ އެއްޗެއްގެ ގޮތުގައި ހިމަނަންވާނެއެވެ. އަދި މިކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރަންވާނެއެވެ.
 
(ވ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ގައުމީ ދާރުލްއާސާރަށް ތަކެތި ހޯދަންވާނީ، އެ ތަކެތީގެ މިލްކުވެރިކަން ހުރިހާ ހަމަތަކެއްގެ މަތިން ގައުމީ ދާރުލްއާސާރަށް ލިބުމާއެކު، އެ އެއްޗެއްގެ މައްޗަށް ފުރިހަމައަށް ބާރުފޯރުވޭ، އަދި މި މިލްކުވެރިކަން ގައުމީ ދާރުލްއާސާރުން ބޭނުންވެއްޖެ ހިނދެއްގައި އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރިހަމަ އިހްތިޔާރު ލިބޭގޮތަށެވެ.
(މ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ހޯދައި އެއްކުރެވޭ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ގައުމީ ދާރުލްއާސާރުގެ އެންމެ އިސްވެރިޔަކަށް ހުރި މީހެއްގެ ވާޖިބެކެވެ.
(ފ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ހޯދައި އެއްކުރެވޭ ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ގޮތެއް މެދުވެރި ނުވާހައި ހިނދެއްގައި ހިމެނޭނީ ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތީގެ ތެރޭގައެވެ.


19 ވަނަ މާއްދާ - ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުން

(ހ) ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ގޮތުގައި ހިމެނޭ އެއްޗެއް ދާއިމީ ތަކެތީގެ ތެރެއިން އުނިކުރަން ބޭނުންވާނަމަ، އެ އެއްޗެއްގެ މައުލޫމާތާއި، އުނިކުރަން ބޭނުންވާ ސަބަބު ބަޔާންކޮށް، ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތަކުން ސޮއިކޮށް، ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) އުނިކުރުމުގެ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރެވޭނީ، ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައިވާ ކޮމިޓީން އެކަމަށް ގޮތެއް ނިންމުމުންނެވެ.

 

20 ވަނަ މާއްދާ - ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމުގައި ބަލާ މިންގަނޑު

ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ގޮތުގައި ހިމެނޭ އެއްޗެއް ދާއިމީ ތަކެތީގެ ތެރެއިން އުނިކުރުމަށް ނިންމޭނީ، ތިރީގައި މިވާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެގެންނެވެ.

(ހ) ގައުމީ ދާރުލްއާސާރުގައި ހުރި ދާއިމީ ތަކެތީގެ ތެރެއިން އެ އެއްޗަކާ ގުޅޭގޮތުން ލިޔެފައިވާ މައުލޫމާތު އެއީ ސައްހަ ނޫން މައުލޫމާތުކަން ކަށަވަރުވެ، އެ މައުލޫމާތަށް ބަލާއިރު އެ އެއްޗަކީ ދާއިމީ ތަކެތީގެ ތެރޭގައި ހިމެނުމަށް އެކަށީގެން ނުވާ އެއްޗެއް ކަމުގައި ވުން؛

(ށ) އެއްވެސް ބޭނުމެއްގައި ބެނުން ކުރެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެ، އަލުން މަރާމާތުކޮށްގެންވެސް އޭގެ އަސްލު އިއާދަ ނުކުރެވޭވަރަށް ހަލާކުވުން؛
(ނ) އެއްޗެއް އުފެއްދުމަށް ބޭނުންކޮށްފައިވާ ބާވަތުގެ ސަބަބުން، އެއްޗެއް ނެތި ހަލާކުވަމުންދާއިރު، އެހެން ތަކެއްޗަށާއި މީހުންގެ ސަލާމަތަށް ގެއްލުމެއް ލިބިދާނެކަމަށް ފެނުން؛
(ރ) އެ އެއްޗެއްގެ އަސްލު ގެއްލިފައިވާ އެއްޗަކަށް ވުން؛
(ބ) އެ އެއްޗަކީ އޭގެ ބަދަލުގައި އެއަށްވުރެ މާނަފުން ރަނގަޅު އެއްޗެއް ލިބެންއޮތް އެއްޗަކަށް ވުން؛
(ޅ) އެ އެއްޗަކީ ގާނޫނީ ހަމަތަކުގެ މަތީން ވަކިފަރާތެއްގެ މިލްކުގައި ހުރި އެއްޗެއް ކަމުގައި ސާބިތުކުރުމާ ގުޅިގެން، އެ ފަރާތަކުން އެ އެއްޗެއް ހޯދުމަށް އެދުން.


21 ވަނަ މާއްދާ - ދާއިމީ ތަކެތީގެ ތެރެއިން އުނިކުރާ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ފަދައިން އުނިކުރުމަށް ނިންމާ ތަކެއްޗާމެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރެވިދާނެއެވެ.

(ހ) އެ އެއްޗަކީ ގައުމީ އަރުށީފާ ގުޅުންހުރި އެއްޗެއް ނަމަ، ގައުމީ އަރުށީފަށް ބަދަލުކުރުން؛
(ށ) ގައުމީ ދާރުލްއާސާރުގެ މާނަކުރާ ތަކެތީގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުކުރުން؛
(ނ) ގައުމީ ދާރުލްއާސާރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ތަކެތީގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުކުރުން؛
(ރ) ގައުމީ ދާރުލްއާސާރުގެ ގޮތްޕަކަށް ބަދަލުކުރުން؛
(ބ) މަރުކަޒުގައި ރަޖިސްޓަރީ ކޮށްފައިވާ ދާރުލްއާސާރަކަށް ނުވަތަ އުނގަންނައިދޭ ތަނަކަށް ނުވަތަ ތާރީހާއި ސަގާފަތާ ބެހޭ އިލްމް އުނގަންނައިދޭ މަރުކަޒަކަށް ވަގުތީގޮތުން ބޭނުންކުރަން ދޫކުރުން؛
(ޅ) އިސްވެދިޔަ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލު ކުރެވެން ނެތް ހާލަތެއްގައިވާ އެއްޗެއް ނައްތައިލުންނޫން އެހެން ގޮތެއް ނެތިއްޖެނަމަ، ނައްތައިލުމުގެ ކުރިން އެ އެއްޗަކާ ބެހޭގޮތުން ނިންމަންޖެހޭ ނިންމުންތައް ފުރިހަމައަށް ނިންމައި، މިކަމުގެ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، އެ އެއްޗެއް ނައްތައިލުން؛
(ކ) ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ގޮތުގައި ހިމެނޭ އެއްޗެއް ދާއިމީ ތަކެތީގެ ތެރެއިން އުނިކޮށް ނައްތައިލުމުގައި އެ އެއްޗަކާމެދު އަމަލު ކުރުމަށް ކަނޑައެޅުނު ގޮތްތަކުގެ ތެރެއިން ގޮތަކުން އެފަދަ އެއްވެސް އެއްޗެއް މިލްކު ކުރުމުގެ އެއްވެސް މުއާމަލާތެއްގައި ދާރުލްއާސާރުގެ ނުވަތަ މަރުކަޒުގެ މުވައްޒަފަކު، ނުވަތަ މުވައްޒަފެއްގެ އާއިލާގެ މީހަކު، ނުވަތަ ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީގެ މެންބަރަކު، ނުވަތަ މެންބަރެއްގެ އާއިލާގެ މީހަކު، ނުވަތަ މި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ މަންދޫބަކު ބައިވެރިވުމަކީ މަނާކަމެކެވެ. އާއިލާކަމުގައި ބަލާނީ، އަނބީން، ފިރީން، ދަރީން، އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ، ނުވަތަ އެއްބަނޑު މީހުންނެވެ.


22 ވަނަ މާއްދާ - ބަދަލުގައި ފައިސާ ލިބޭގޮތަށް ތަކެތި އުނިކޮށްގެން ލިބޭ ފައިސާ

ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ތެރެއިން އެއްޗެއް އުނިކުރުމުގައި އަމަލުކުރާ ގޮތަކުން ބަދަލުގައި ލިބޭ ފައިސާ ޖަމާކުރަންވާނީ، ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 18 ވަނަ މާއްދާގައި ބުނާ ޓްރަސްޓް ފަންޑަށެވެ.

 

23 ވަނަ މާއްދާ - އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތި

އަނބުރާ ރައްދުކުރާ ގޮތަށް ތަކެތި ގެނެވޭނީ، ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

(ހ) ގައުމީ ދާރުލްއާސާރުގައި ބާއްވާ ހާއްސަ ދައްކައިލުންތަކުގައި ބެހެއްޓުމަށް ނުވަތަ ދިރާސާއެއް ކުރުމަށް މިފަދަ ތަކެތި ހުރި މަރުކަޒުތަކުން ނުވަތަ އަމިއްލަ ފަރުދުންގެ އަތުން އަނބުރާ ރައްދުކުރާގޮތަށް ތަކެތި ގެނެވިދާނެއެވެ. މިފަދަ ބޭނުމަކަށް ގެންނަ ތަކެތި ގައުމީ ދާރުލްއާސާރުގައި ބެހެއްޓޭނީ، ދިގުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. މިއަށްވުރެ ދިގުމުއްދަތަކަށް މިފަދަ އެއްޗެއް ގައުމީ ދާރުލްއާސާރުގައި ބެހެއްޓޭނީ، އެ އެއްޗެއްގެ މިލްކުވެރި ފަރާތާއި މަރުކަޒު އެއްބަސްވާ ގޮތެއްގެ މަތިންނެވެ.
(ށ) އަނބުރާ ރައްދުކުރާ ގޮތަށް ގެނެވޭ އެއްވެސް އެއްޗެއް ގެނައުމުގެ ކުރިން އެ އެއްޗެއްގެ ވެރިފަރާތަކީ ކޮބައިކަން ގައުމީ ދާރުލްއާސާރުން ޔަގީންކުރަންވާނެއެވެ. ވެރިފަރާތުގެ ގޮތުގައި ގައުމީ ދާރުލްއާސާރަށް މައުލޫމާތު ލިބިފައިވާ ފަރާތުން އެ އެއްޗެއް ހޯދައިފައިވަނީ ނުވަތަ އެ ފަރާތަށް ލިބިފައިވަނީ ކޮންގޮތަކަށްތޯ ބަލަންވާނެއެވެ. އަދި އެ އެއްޗެއްގެ ވެރިފަރާތުން މިކަން ސާބިތުކޮށްދޭން ވާނެއެވެ.
(ނ) އަނބުރާ ރައްދުކުރާ ގޮތަށް އެއްޗެއް ގެނައުމުގެ ކުރިން، އެ އެއްޗަކީ ގައުމީ ދާރުލްއާސާރަށް ގެންނަ ގެނައުމުގައްޔާއި މައުރަޒެއްގައި ބައިވެރިކުރާ ކުރުމުގައްޔާއި، އަނބުރާ ރައްދުކުރުމުގެ ތެރޭގައި، އެ އެއްޗެއްގެ އަސްލަށް ނުވަތަ ހާލަތަށް ބަދަލެއް އަތުވެދާނެ އެއްޗެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި، ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތަކާއި އެ އެއްޗެއްގެ މިލްކުވެރި ފަރާތާ ގުޅިގެން ރިޕޯޓެއް ތައްޔާރު ކުރަން ވާނެއެވެ. މި ރިޕޯޓަކީ ގައުމީ ދާރުލްއާސާރުގެ ރެކޯޑަށާއި ސަލާމަތީ ބޭނުންތަކަށްވެސް ބޭނުންކުރެވޭނެ އެއްޗެކެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ރިޕޯޓުގައިވާ ކަންކަމަށް ބަލާއިރު، އެ އެއްޗަކީ ގައުމީ ދާރުލްއާސާރަށް ގެންނަ ގެނައުމުގައްޔާއި، މައުރަޒެއްގައި ބައިވެރިކުރާ ކުރުމުގައްޔާއި، އަނބުރާ ރައްދުކުރުމުގެ ތެރޭގައި އެ އެއްޗެއްގެ އަސްލަށް ނުވަތަ ހާލަތަށް ބަދަލެއް އަތުވެދާނެ އެއްޗެއް ކަމުގައި ފެނިއްޖެނަމަ، އެފަދަ އެއްވެސް އެއްޗެއް އަނބުރާ ރައްދުކުރާ އެއްޗެއްގެ ގޮތުގައި ގައުމީ ދާރުލައާސާރަށް ގެނެސްގެން ނުވާނެއެވެ.
(ބ) އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތި ގައުމީ ދާރުލްއާސާރުގައި ހުންނަ މުއްދަތުގެ ތެރޭގައި، ގައުމީ ދާރުލްއާސާރުގެ މިލްކުގެ ގޮތުގައި ހުންނަ ތަކެއްޗަށް ދެމުންގެންދާ ހުރިހާ ސަމާލުކަމަކާއި އެނޫންވެސް ހުރިހާ އިސްކަމެއް ތަފާތުކުރުމެއްނެތި އެ ތަކެއްޗަށްވެސް ދޭންވާނެއެވެ.
(ޅ) އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތީގެ ހުރިހާ ލިޔެކިޔުމަކާއި ރެކޯޑްތައް ލިޔެބަލަހައްޓާނީ، ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތަކުންނެވެ.


24 ވަނަ މާއްދާ - އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތި ގެނައުމުގައި އަމަލުކުރާނެ ގޮތް

އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތި ގެނައުމަށްޓަކައި އެ އެއްޗެއްގެ މިލްކުވެރި ފަރާތާއި ގައުމީ ދާރުލްއާސާރާ ދެމެދު ލިޔުމުން އެއްބަސްވެ، މިލްކުވެރި ފަރާތާއި ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތުން ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި، ތިރީގައިވާ ބައިތައް ބަޔާންކުރަންވާނެއެވެ.

(ހ) އަނބުރާ ރައްދުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި ހަމަތައް؛
(ށ) ދާރުލްއާސާރުގައި ބެހެއްޓުމަށް ވެރިފަރާތުން އެއްބަސްވެފައިވާ މުއްދަތު؛
(ނ) ދާރުލްއާސާރުގައި ބެހެއްޓުމަށް ވެރިފަރާތަށް ވަކި އަގެއް ދޭންޖެހޭނަމަ، އެ އަގަކާއި އަދި އަގެއް ނުނަގާނަމަ އެކަން؛
(ރ) އެއްބަސްވެފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވެރިފަރާތުން އެ އެއްޗެއް ގެންދަން ބޭނުންވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
(ބ) ބަދަލުދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެ ބަދަލުދޭންޖެހޭކަން ސާބިތުވެއްޖެނަމަ، އެ ބަދަލު ދޭންޖެހޭނެ ގޮތާއި މިންވަރާއި، ދެފަރާތުގެ ޒިންމާތައް؛
(ޅ) އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމަށްޓަކައި ބަންދުކުރުމާއި، އުފުލުމުގެ ކަންތައްތައް އިންތިޒާމުކުރާނީ ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތަކުންނެވެ. ބަދަލުދިނުމުގެ (އިންށުއަރެންސް) ބޭނުމަކަށް އެ އެޗެއްގެ އަގު ވަޒަންކުރާނަމަ، އެކަމަށް ހިނގާ ހަރަދެއް ދައްކާނީ މިލްކުވެރި ފަރާތުންނެވެ.

(ކ) އަނބުރާ ރައްދުކުރާގޮތަށް ގެނެވޭ ތަކެތި ގެނައުމުގައި ދެފަރާތުން އެއްބަސްވާ ގޮތާއި، ގާނޫނާއި ގަވާއިދުތައް ލާޒިމުކުރާ ހަމަތަކެއްގެ މަތިން އެ ތަކެތި އަނބުރާ މިލްކުވެރި ފަރާތަށް ރައްދުކުރުމަށް ގައުމީ ދާރުލްއާސާރުން އިސްކަންދޭންވާނެއެވެ.


25 ވަނަ މާއްދާ - އަނބުރާ ރައްދުކުރާގޮތަށް ދޫކުރާ ތަކެތި

ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް އަނބުރާ ދެއްކުމަށް ދޫކުރެވޭނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

(ހ) ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިން އަނބުރާ ދެއްކުމަށް އެއްވެސް އެއްޗެއް ދޫކުރެވޭނީ، ރަނގަޅު ފެންވަރެއްގައި ތަކެތި ބެލެހެއްޓުމުގެ މިންގަނޑުތަކެއް ގެންގުޅޭ ދާރުލްއާސާރުތަކަށެވެ. އަމިއްލަ ފަރުދަކަށް ދާރުލްއާސާރުގައިވާ އެއްވެސް އެއްޗެއް ދުލެއްނުކުރެވޭނެއެވެ.

(ށ) އަނބުރާ ދެއްކުމަށް ދޫކުރާ ތަކެތި ދޫކުރެވޭނީ ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. މިއަށްވުރެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އެ މުއްދަތު އިތުރުކުރެވިދާނެއެވެ. މުއްދަތު އިތުރުކުރުމަށް ވެވޭ އެއްބަސްވުމުގައި ތިރީގައިވާ ކަންކަމަށް ބަލަންވާނެއެވެ.

  1. ތަކެއްޗަށް ދީފައިވާ ރައްކައުތެރިކަން؛
  2. ގެންދިއުމަށްފަހު އައިސްފައިވާ މާއްދީ ބަދަލުތައް؛
  3.  ފޯރުކޮށްދެވޭ މައުލޫމާތުގެ މިންވަރު.

(ނ) ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިން އަނބުރާ ދެއްކުމަށް އެއްޗެއް ދޫކުރާނީ، އެ އެއްޗެއް އެއްތަނުން އަނެއްތަނަށް ގެންދިޔުމުން ނުވަތަ މައުރަޒެއްގައި ބެހެއްޓުމުގެ ސަބަބުން އެއްވެސްކަހަލަ ގެއްލުމެއް ނުލިބޭފަދަ ހާލަތުގައިވާ ތަކެތި އެކަންޏެވެ. އަދި ގައުމީ ދާރުލްއާސާރުގައި ހިނގަމުންދާ މައުރަޒެއްގައި ހުރި އެއްޗެއް ނުވަތަ ދިރާސާކުރުމުގެ މަސައްކަތެއްގައި ބޭނުންކުރަމުންދާ އެއްވެސް އެއްޗެއް އަނބުރާ ދެއްކުމަށް ދުލެއް ނުކުރެވޭނެއެވެ.

(ރ) އަނބުރާ ދެއްކުމަށް ދޫކުރާ އެއްޗެއް ދޫކުރެވޭނީ، ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީއަށް ހުށަހަޅައިގެން، އެ އެއްޗެއް ދޫކުރުމުގެ ހުއްދަ ލިބިގެންނެވެ.


26 ވަނަ މާއްދާ - އަނބުރާ ރައްދުކުރުމަށް ތަކެތި ދޫކުރުމުގައި އަމަލުކުރާ ގޮތް

(ހ) އަނބުރާ ދެއްކުމަށް ގައުމީ ދާރުލްއާސާރުން ތަކެތި ބޭނުންވާނަމަ، ލިޔުމަކުން ގައުމީ ދާރުލްއާސާރަށް ހުށަހަޅަންވާނެއެވެ. މި ހުށަހެޅުމުގައި، ބޭނުންވާ ތަކެތި، ބޭނުންވާ ސަބަބާއި، ބޭނުންވާ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިން އަނބުރާ ދެއްކުމަށް ތިރީގައި ބަޔާންވެގެންވާ ފަދަ އެއްވެސް އެއްޗެއް ދުލެއް ނުކުރެވޭނެއެވެ.

  1. އެ އެއްޗެއް އެއްތަނުން އަނެއްތަނަށް ގެންދިޔުމުން ނުވަތަ މައުރަޒެއްގައި ބެހެއްޓުމުގެ ސަބަބުން އެއްވެސްކަހަލަ ގެއްލުމެއް ލިބިދާނެކަމަށް ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީއަށް ފެންނަ ތަކެތި؛
  2. ހިނގަމުންދާ އެގްޒިބިށަނެއްގައި ހިމެނިފައިވާ ތަކެތި؛
  3. އެ އެއްޗެއް ދޫކުރުމުގެ ސަބަބުން ދިރާސާކުރުމުގެ މަސައްކަތަކަށް ހުރަސްއެޅޭ ތަކެތި.

(ނ) ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިން އަނބުރާ ދެއްކުމަށް އެއްވެސް އެއްޗެއް ދޫކުރެވޭ ފަދަ ރަނގަޅު ފެންވަރެއްގައި ތަކެތި ބެލެހެއްޓުމުގެ މިންގަނޑުތަކެއް ގެންގުޅޭ ތަނެއްތޯ، ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީން ބަލަންވާނެއެވެ.

(ރ) ތަކެތި ދޫކުރުމަށް އެދިފައިވާ ފަރާތަކީ ރަނގަޅު ފެންވަރެއްގައި ތަކެތި ބެލެހެއްޓުމުގެ މިންގަނޑުތަކެއް ގެންގުޅޭ ފަރާތެއްކަން ކަށަވަރުކޮށްދޭ ލިޔުމެއް އޮންނަންވާނެއެވެ.

(ބ) އަނބުރާ ދެއްކުމަށް ތަކެތި ދޫކުރާ އެއްބަސްވުމެއް ތައްޔާރުކޮށް، ތަކެތި ދޫކުރާ ފަރާތާއި ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތަކުން އެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގައިވާ ތަކެއްޗާއި، ރެކޯޑްތައް ދިރާސާކުރުން

ގައުމީ ދާރުލްއާސާރުގައިވާ ތަކެއްޗާއި އެ ތަކެއްޗާބެހޭ ރެކޯޑުތަކަކީ، އުނގެނުމަށް ކުރެވޭ ދިރާސާތަކާއި ދަސްކުރުމަށާއި މައުލޫމާތު މުއްސަނދިކުރުމުގެ ބޭނުންތަކަށް އާންމުންނަށް ބޭނުންކުރެވޭނެ މަގުފަހިވެފައިވާ ތަކެއްޗެވެ. އާންމުކޮށް ދާރުލްއާސާރު ބަލައިލައި ބަލައިލުމުގެ އިތުރުން، މައުލޫމާތު މުއްސަނދިކުރުމުގެ ބޭނުމަށް ތަނުގައިވާ އެއްޗެއް ނުވަތަ ރެކޯޑެއް ދިރާސާކުރުމަށް ބޭނުންވެއްޖެނަމަ، އެކަމަށް އެދޭ ފަރާތަށް، ގައުމީ ދާރުލްއާސާރުން މަގުފަހިކޮށްދޭނެއެވެ.

(ހ) ގައުމީ ދާރުލްއާސާރުގައިވާ ތަކެއްޗާއި ރެކޯޑްތައް ދިރާސާކުރުމާއި ދަސްކުރުމުގެ ބޭނުމަށް އެ ތަކެއްޗާއި ރެކޯޑްތައް ބެލުމުގެ މަގުފަހިކުރުން؛

(ށ) ދިރާސާތަކާއި މައުލޫމާތު މުއްސަނދިކުރުމުގެ ބޭނުމަށް ތަކެއްޗާއި މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ކުރަމުންދާ ދިރާސާއެއްގެ ސަބަބުން ނުވަތަ ހޯދަމުންދާ މައުލޫމާތު ހޯދުމުގައި އަމަލުކުރާ ގޮތުން ތިރީގައި މިވާ ފަދަ އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ، ވަގުތުން އެ ކަމެއް ހުއްޓުވުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ގައުމީ ދާރުލްއާސާރަށް ލިބިގެންވާކަން، މިފަދަ ދިރާސާތައްކޮށް މައުލޫމާތު މުއްސަނދިކުރުމުގެ ބޭނުމަށް ތަކެއްޗާއި މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތަކުން އެއްބަސްވުން؛

  1. އެއްޗެއްގެ މާއްދީ ސިފައަށް އެއްވެސް ކަހަލަ އުނިއިތުރުކަމެއް އަންނާނެ ކަމެއް ކުރުން؛
  2. އެއްޗެއްގެ މައުލޫމާތު އެކުލެވޭ ރެކޯޑްތަކުގައިވާ ލިޔުމަކަށް، ނުވަތަ ފޮޓޯއަކަށް، ނުވަތަ ކުރެހުމަކަށް، ނުވަތަ ރެކޯޑްތައް ލިޔެފައިވާ ކަރުދާހަކަށް، ނުވަތަ އެއްޗަކަށް އެއްވެސް މިންވަރެއްގެ އުނިއިތުރެއް އަދި އެއްވެސް ގެއްލުމެއް އަންނާނެ އެއްވެސް ކަމެއް ކުރުން؛
  3. ގައުމީ ދާރުލްއާސާރުން ކުރިޔަށްގެންދާ އިދާރީ މަސައްކަތަކަށް އަދި ފަންނީ މަސައްކަތަކަށް ދަތިވާނެ ކަމެއް ކުރުން؛
  4. ގައުމީ ދާރުލްއާސާރުން އާންމުކޮށް ދެމުންގެންދާ އެއްވެސް ހިދުމަތެއް ދިނުމަށް ދަތިކުރުން.

(ނ) ދިރާސާތަކާއި މައުލޫމާތު މުއްސަނދިކުރުމުގެ ބޭނުމަށް ތަކެއްޗާއި މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ބޭނުންވާ ކަންކަމަށް ހުއްދަދިނުމާއި ވާނުވާބެލުމުގެ ޒިންމާތައް އަދާކޮށް ކުރިމަތިވާ ކަންކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ ހުރިހާކަމެއް ކުރާނީ ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތުންނެވެ. އަޅާ ފިޔަވަޅަކާ ބެހޭގޮތުން ހައްލުކުރަން ދަތި މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެ ކަމެއް ހައްލުކުރާނީ ގާނޫނީ ލަފާ ހޯދުމަށް ފަހުގައެވެ.

(ރ) ގައުމީ ދާރުލްއާސާރުގައިވާ ތަކެއްޗާއި ރެކޯޑްތައް ބަލައިގެން ކުރާ ދިރާސާ ނިމުމުން، ކުރެވުނު ދިރާސާއިން ލިބުނު މައުލޫމާތުގެ ފުރިހަމަ ރިޕޯޓެއް، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ގައުމީ ދާރުލްއާސާރަށް ހުށަހަޅަންވާނެއެވެ.

(ބ) ދިރާސާކުރުމަށް އެދޭ ފަރާތުން ކުރަމުންދާ ދިރާސާއަކާ ގުޅިގެން ބަލަން ބޭނުންވާ ތަކެއްޗާއި ރެކޯޑްތައް ބެލުމުގެ މަސައްކަތް ކުރަމުން ގެންދަންވާނީ، ގައުމީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބެލެހެއްޓުމާ ހަވާލުވެހުރި ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

 

28 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލު ހެދުން

(ހ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލުހެދުމަކީ ހަމައެކަނި ގައުމީ ދާރުލްއާސާރަށް ނުވަތަ ގައުމީ ދާރުލްއާސާރުން ހުއްދަދޭ ފަރާތަކަށް ލިބިގެންވާ ހައްގެކެވެ. މިގޮތުން ހުއްދަ ލިބޭ ފަރާތަކުން މި ތަކެތި ނަކަލުކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ނުދެވޭނޭއެވެ.

(ށ) މިފަދަ އެއްވެސް އެއްޗެއްގެ ނަކަލެއް ހެދޭނީ، ހުއްދައަށްއެދޭ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތައް ބެލުމަށްފަހު، މަރުކަޒުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

(ނ) ގައުމީ ދާރުލްއާސާރު އިސްތިހާރުކޮށް ށައުގުވެރިކަން އިތުރުކުރުމަށްޓަކައި ވިޔަފާރީގެ ބޭނުމަށާއި އުނގަންނައިދިނުމުގެ ބޭނުމަށް ނޫންގޮތަކަށް ތަކެތީގެ ނަކަލުހެދުމަކީ މަނާކަމެކެވެ.

(ރ) ގައުމީ ދާރުލްއާސާރު އިސްތިހާރުކޮށް ށައުގުވެރިކަން އިތުރުކުރުމަށްޓަކައި ވިޔަފާރީގެ ބޭނުމަށާއި އުނގަންނައިދިނުމުގެ ބޭނުމަށް ތަކެތީގެ ނަކަލުހެދުމަށް ހުއްދަދެވޭ ފަރާތުން މިކަމަށް ދައްކަންޖެހޭ ފީއެއް ކަނޑައަޅާނީ، މަރުކަޒުގެ ލަފާގެ މަތިން، ގައުމީ ދާރުލްއާސާރުންނެވެ.

 

29 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލު ހެދުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް

(ހ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލު (ރެޕްލިކާ) ހެދުމުގެ ހުއްދަދެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އިލްމު އުނގަންނައިދޭ އިދާރާތަކަށާއި ސަގާފީ ތަރިކައާމެދު ހޭލުންތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށެވެ. މި ހުއްދައަކީ ހަމައެކަނި އެއްފަހަރު ބޭނުންކުރުމަށް ދެވޭ ހުއްދައެކެވެ. މި ހުއްދައިގެ ދަށުން ނަކަލުކުރެވޭ ކޮންމެ އެއްޗެއްވެސް ބޭނުންކުރެވޭނީ ހަމައެކަނި އުނގަންނައިދިނުމާއި ހޭލުންތެރިކުރުމުގެ ބޭނުންތަކުގައެވެ.

(ށ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލުހަދައި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރެވޭނީ ހަމައެކަނި ގައުމީ ދާރުލްއާސާރުގެ ބޭނުމަށް ނުވަތަ ގައުމީ ދާރުލްއާސާރުން ހުއްދަދިނުމުން އެ ހުއްދަ ދޭ ފަރާތަކަށެވެ.

(ނ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލުހަދައި، ވިޔަފާރީގެ ބޭނުމުގައި އެ ތަކެތި ބޭނުންކުރުމަށް އަމިއްލަ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނީ އެއްބަސްވެވޭ ވަކިމުއްދަތަކަށެވެ. މުއްދަތު އިތުރު ކުރަން ބޭނުންވެއްޖެނަމަ އައު ހުށަހެޅުމެއް ހުށަހަޅައިގެން ހުއްދައިގެ މުއްދަތު އިތުރުކުރާނީއެވެ.

(ރ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލުހަދައި ވިޔަފާރީގެ ބޭނުމުގައި އެ ތަކެތި ބޭނުންކުރުމަށް އަމިއްލަފަރާތްތަކަށް ދޫކުރެވޭ ހުއްދައިގެދަށުން ނަކަލުހެދުމުގެ ބޭނުމަށް އެއްވެސް އެއްޗެއްގެ ތައްގަނޑެއް (މޯލްޑް) ހަދައިފައިވާނަމަ، ހުއްދަ ދެވިފައިވާ މުއްދަތު ނިމުމުން، އެ ތައްގަނޑެއް (މޯލްޑް) އަގަކާ ނުލައި ގައުމީ ދާރުލްއާސާރާ ހަވާލުކުރަންވާނެއެވެ.

(ބ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ތެރެއިން ވިޔަފާރީގެ ބޭނުމަށް ނަކަލުހަދައިގެން އުފައްދާ ކޮންމެ އެއްޗެއްގައި، އެއީ ނަކަލެއްކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މި ލިޔުން އޮންނާނެ ގޮތް، ގައުމީ ދާރުލްއާސާރަށް ހުށަހަޅައިގެން ހުއްދަ ހޯދަންވާނެއެވެ. އަދި މިފަދަ ކޮންމެ އެއްޗެއް ވިއްކާއިރު، އެ އެއްޗަކާ ބެހޭގޮތުން ބަޔާންކޮށްފައިވާ މައުލޫމާތު އޮންނަންވާނީ ގައުމީ ދާރުލްއާސާރުން ލިބިފައިވާ މައުލޫމާތާ އެއްގޮތަށް، އެއްވެސް އުނިއިތުރުކަމެއް ނެތިއެވެ.

(ޅ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލުހަދައި ވިޔަފާރީގެ ބޭނުމުގައި އެ ތަކެތި ބޭނުންކުރުމަށް އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ހުއްދައިގެ ދަށުން ހަދާ ނަކަލުގެ އަދަދު، މިކަމުގެ ހުއްދައަށް އެދޭއިރު ހާމަކުރަންވާނެއެވެ. ނަކަލު ހެދުމަށް ދެވޭ ހުއްދައިގެ ދަށުން ހަދާ ނަކަލުގެ އަދަދު ކަނޑައެޅުމުން، އެ ނަކަލު ވިއްކާ އަގުގެ %10 (ދިހައެއް އިންސައްތަ) އަށްވާ ފައިސާ، ގައުމީ ދާރުލްއާސާރަށް ދައްކަންވާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކުރާ ނަކަލުން ލިބޭ ފައިސާ ޖަމާކުރަންވާނީ، ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 18 ވަނަ މާއްދާގައި ބުނާ ޓްރަސްޓް ފަންޑަށެވެ.

(އ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ނަކަލުހަދައިގެން ވިޔަފާރީގެ އުސޫލުން އެ ތަކެތި ބޭނުންކުރުމަށް ދޫކުރެވޭ ހުއްދައިގެ ކަންތައް ހަމަޖެހުމުގެ ކުރިން، ހުއްދައަށް އެދޭ ފަރާތުން ބޭނުންވެއްޖެނަމަ، ނަކަލު ހެދުމުގެ ހުއްދައަށް އެދި ހުށަހަޅައިފައިވާ އެއްޗެއްގެ ނުވަތަ ތަކެތީގެ ފޮޓޯނެގުމުގެ ހުއްދަ، ހުއްދައަށް އެދޭ ފަރާތަށް ގައުމީ ދާރުލްއާސާރުން ދޫކުރެވިދާނެއެވެ. އަދި މިކަމަށް ބެނުންވާ ފޮޓޯނެގުމަށް ހިނގާ ހުރިހާ ހަރަދެއް ކުރަންވާނީ ހުއްދައަށް އެދޭ ފަރާތުންނެވެ. އަދި މިގޮތަށް ނަގާ ހުރިހާ ފޮޓޯގެ ސޮފްޓްކޮޕީއެއް، ގައުމީ ދާރުލްއާސާރަށް ދޭންވާނެއެވެ.

 

30 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ފޮޓޯނެގުން ނުވަތަ ވީޑިއޯ ނެގުން

ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ފޮޓޯ ނެގޭނީ ނުވަތަ ވީޑިއޯ ނެގޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ދާރުލްއާސާރުގައިވާ ތަކެތީގެ ފޮޓޯ ނަގަންވާނީ ނުވަތަ ވީޑިއޯ ނަގަންވާނީ، ގައުމީ ދާރުލްއާސާރުގައިވާ ދުވަސްވީ ތަކެއްޗަށް އަލީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ފްލޭށް ނުވަތަ ގައުމީ ދާރުލްއާސާރުގައިވާ އާންމު އަލީގެ އިތުރުން، އިތުރު އައްޔެއް ބޭނުން ނުކޮށެވެ.

(ށ) ގައުމީ ދާރުލައާސާރަށް ޒިޔާރަތްކުރާ ފަރާތްތަކުން ވިޔަފާރީގެ ބޭނުންނޫން ބޭނުންތަކަށް ފޮޓޯ ނެގުމަށް ނުވަތަ ވީޑިއޯ ނެގުމަށް އެއްވެސްކަހަލަ ކެމެރާއެއް ނުވަތަ އެނޫންވެސް އެއްޗެއް ގައުމީ ދާރުލްއާސާރުގެ އެތެރެއަށް ވެއްދުމަށް ފީއެއް ނެގޭނެއެވެ. މި ފީ ކަނޑައަޅާނީ، މަރުކަޒުގެ ލަފާގެ މަތިން، ގައުމީ ދާރުލްއާސާރުންނެވެ. މި ފީއަކީ އަނބުރާ ނުލިބޭ އަދި ވަންނަ އެއްފަހަރު ނަގާ ފީއެކެވެ. މޯބައިލް ފޯނު ވެއްދުން މީގެ ތެރޭގައި ނުހިމެނެއެވެ.

(ނ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގައި، އެ ފޮޓޯ ނުވަތަ ވީޑިއޯ ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރެވޭނީ މަރުކަޒުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. ފޮތްފޮތުގައި ށާއިއުކުރުމާއި، ޕޯސްޓްކާޑް ފަދަ ތަކެތީގައި ހިމެނުމާއި، ފޮޓޯއާއި ވީޑިއޯ އޭގެ އަސްލުގޮތުގައި ތައްޔާރުކޮށް ވިއްކުންވެސް ބެލެވޭނީ ވިޔަފާރީގެ ބޭނުންކަމުގައެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތަށް ފޮޓޯ ނުވަތަ ވީޑިއޯ ބޭނުންކުރާއިރު ބޭނުންކުރަންވާނީ މިއީ ގައުމީ ދާރުލްއާސާރުގެ ތެރެއިން ނަގައިފައިވާ ފޮޓޯއެއްކަން އެނގޭނެ ގޮތަށެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތަށް ފޮޓޯ ނުވަތަ ވީޑިއޯ ބޭނުންކުރާއިރު، އެ ފޮޓޯ ނުވަތަ ވީޑިއޯގައިވާ އާސާރަކާބެހޭ މައުލޫމާތު ދޭންވާނީ ނުވަތަ ލިޔަންވާނީ ދާރުލްއާސާރުން ދީފައިވާ މައުލޫމާތާ އެއްގޮތަށް އެއްވެސް އުނިއިތުރުކަމެއް ނެތިއެވެ.

(ޅ) ދިރާސާކުރުމުގެ ބޭނުމެއްގައި ފޮޓޯ ނުވަތަ ވީޑިއޯ ނަގަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ގައުމީ ދާރުލްއާސާރަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. ދިރާސާކުރުމުގެ ބޭނުމަށް ނަގާ ފޮޓޯއާއި ވީޑިއޯ ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރުމާއި، އެފަދަ ބޭނުމެއް ކުރުމަށް އެއްވެސް ފަރާތަކަށް ދިނުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ކ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ފޮޓޯ ނުވަތަ ވީޑިއޯ ހިމެނޭ ލިޔުން ވިއްކުމުގެ ހުއްދަދީފައިވާ ފަރާތަކުން، އެފަދަ ފޮޓޯ ނުވަތަ ވީޑއޯ ހިމަނައިގެން ތައްޔާރުކޮށްފައިވާ އެއްޗެއް ގަންނަ ފަރާތުން އެ އެއްޗެއްގެ ކޮޕީހަދައިގެން ނުވަތަ އެނޫން ގޮތަކުންވެސް އުފައްދަން ބޭނުންވެއްޖެނަމަ، އެކަމުގެ ހުއްދައަށް މަރުކަޒުގައި އެދެންވާނެއެވެ.

(އ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތީގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަށް ހުށަހަޅާ ފަރާތުން ހުށަހަޅާ ތަކެތީގެ ތެރޭގައި ގައުމީ ދާރުލްއާސާރަށް ކޮޕީރައިޓާއި ޓްރޭޑްމާކް ފަދަ ބާރުތައް ލިބިފައިނުވާ ތަކެތީގެ ފޮޓޯ ނުވަތަ ވީޑިއޯ ހިމަނައިގެން ވިޔަފާރީގެ ބޭނުމަށް ތަކެތި އުފައްދައި ބޭނުންކުރުމުގެ ކުރިން، އެކަމަށް ބޭނުންވާ ހުއްދަތައް، ކަމާބެހޭ ފަރާތުން ހޯދުމަކީ، އެދޭ ފަރާތުގެ ޒިންމާއެކެވެ.

(ވ) ގައުމީ ދާރުލްއާސާރުގައިވާ ތަކެތި ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގެ ހުއްދަދިނުމުގައި ތިރީގައި މިވާ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް މަރުކަޒަށް ފެންނަ ތަކެތީގެ ފޮޓޯނެގުމުގެ ހުއްދައެއް ނުދެވޭނެއެވެ.

  1. ތަކެއްޗަށް ގެއްލުންވެ ނުރައްކާވުން؛
  2. އެއްޗެއްގެ އަސްލާއި، އުފެދިފައި ނުވަތަ އުފައްދައިފައިވާ ގޮތާއި، ކުރެވިފައިވާ ބޭނުމާ ބެހޭގޮތުން ދެވޭ މައުލޫމާތު ހަގީގަތާ އެއްގޮތްނުވެ އޮޅުންތަކެއް ކުރިމަތިވެދާނެކަމަށް ފެނުން؛
  3. އިދާރީގޮތުން ކުރުމަށް ދަތިވާ ފަދަ މަސައްކަތަކަށް ވުން؛
  4. އަނބުރާ ރައްދުކުރާގޮތަށް ގެނެވިފައިވާ އެއްޗެއް ގެނައުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން؛
  5. ކޮޕީރައިޓުގެ ހައްގަކަށް އުނިކަމެއް އައުން؛
  6. ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދާ ހިލާފު ކަމަކަށް ވުން؛
  7. އެއްވެސް ފަރާތެއްގެ އަމިއްލަ ޒާތީ ހައްގަކަށް ނުވަތަ ކަމަކަށް އުނިކަމެއް ލިބިދާނެ ކަމަކަށް ވުން؛
  8. އެއްވެސް ފަރުދެއް/ މުއައްސަސާއެއްގެ އަބުރަށް އަސަރުކުރުވާ، ނުވަތަ މަލާމާތް ރައްދުވާ ނުވަތަ ލަދުވެތިކަމެއް ލިބޭފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަކަށް ވުން؛
  9. އެއްވެސް އުފެއްދުމަކަށް ނުވަތަ ކުންފުންޏަކަށް އަދި އެނޫންވެސް ތަނަކަށް ސީދާ ފައިދާއެއް ހޯދައިދެވޭ ކަމަކަށް ވުން.

 

31 ވަނަ މާއްދާ - ގައުމީ ދާރުލްއާސާރުގެ ސްޓޯރޭޖަށް ވަނުމުގެ ހުއްދަ

ގައުމީ ދާރުލްއާސާރުގެ ސްޓޯރޭޖަށް ވަނުމުގައި އަންނަނިވި ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

(ހ) ސްޓޯރޭޖަށް ވަންނަންވާނީ، ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބަލަހައްޓާ ކިއުރޭޓަރ ނުވަތަ މަރުކަޒުން ކަނޑައަޅާ ފަރާތެއްގެ އެނގުމުގެ މަތިންނެވެ.

(ށ) މަރުކަޒުގެ މުވައްޒަފުން ފިޔަވައި ހާއްސަ ބޭނުމަކަށް ސްޓޯރޭޖަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ސްޓޯރޭޖަށް ވަދެވޭނީ، ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބަލަހައްޓާ ކިއުރޭޓަރއާއި ގައުމީ ދާރުލްއާސާރުގެ އިސްވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ނ) ސްޓޯރޭޖަށް ވަންނަންވާނީ، ގައުމީ ދާރުލްއާސާރުގެ އިސްވެރިޔާގެ ހުއްދަ ލިބިފައިވާ މަދުވެގެން 2 (ދޭއް) މުވައްޒަފުންނާ އެކުގައެވެ. މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން ހުއްދަ ދެވޭ ފަރާތްތަކަށްވެސް ސްޓޯރޭޖަށް ވަދެވޭނީ ގައުމީ ދާރުލްއާސާރުގެ އިސްވެރިޔާގެ ހުއްދަ ލިބިފައިވާ މަދުވެގެން 2 (ދޭއް) މުވައްޒަފުންނާ އެކުގައެވެ.

(ރ) ސްޓޯރޭޖަށް ވަންނަ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަކީ ދާރުލްއާސާރަށް އެއްކުރެވޭ ތަކެތި ބަލަހައްޓާ ކިއުރޭޓަރއާއި ގައުމީ ދާރުލްއާސާރުގެ އިސްވެރިޔާގެ ޒިންމާއެކެވެ.

 

ހަތަރުވަނަ ބާބު

އަމިއްލަ ފަރާތްތަކުން ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް ރަޖިސްޓަރީކޮށްގެން ހިންގުން


32 ވަނަ މާއްދާ - އަމިއްލަ ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް

(ހ) އަމިއްލަ ދާރުލްއާސާރުތަކަކީ، އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުރި ދިވެހީންގެ ތަރިކައިގެ ތެރޭގައި ހިމެނޭ ތަކެތި ރައްކައުތެރިކަމާއެކު ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ބަލަހައްޓައި، އެ ތަކެތީގެ މައްޗަށް އަލިއަޅުވައިދޭ މައުލޫމާތުތައް ހޯދައި، އެއްކޮށް، މާއްދީ ތަރިކަތައް މެދުވެރިކޮށްގެންނާއި އެފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް އުފައްދައިގެން އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނެވެ.

(ށ) އާޓް މިއުޒިއަމަކީ، ދިވެހީންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމާއި މައުނަވީ ތަރިކަ ދައްކައިދޭ ތަންތަނެވެ.

 

33 ވަނަ މާއްދާ - އަމިއްލަ ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގައި ހިމެނޭ އެއްވެސް ތަނެއް ހިންގަންވާނީ، މަރުކަޒުގެ ލަފާގެ މަތިން އެ ތަނެއްގެ އިހްތިސާސް ލިބިގެންވާ ކައުންސިލަށް ހުށަހަޅައި، ރަޖިސްޓަރީކޮށްގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ދާރުލްއާސާރުތައް، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ތަނެއްގެ އިހްތިސާސް ލިބިގެންވާ ކައުންސިލަށް ހުށަހަޅައި، ރަޖިސްޓަރީ ކުރަން ވާނެއެވެ.

(ނ) މި މާއްދާގައި ބުނާ ދާރުލްއާސާރުތައް ރަޖިސްޓަރީ ކުރަން އެދި ކައުންސިލްތަކަށް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "އަމިއްލަ ދާރުލްއާސާރުތައް ރަޖިސްޓަރީ ކޮށްދިނުމަށް އެދޭ ފޯމު" ންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފޯމު، އެ ތަނެއްގެ އިހްތިސާސް ލިބިގެންވާ ކައުންސިލަށް ހުށަހެޅުމުން، ރަޖިސްޓަރީ ކުރިކަމުގެ ލިޔުމެއް، ހުށަހެޅި ފަރާތަށް 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ކައުންސިލުން ދޫކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދޫކުރާ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ދޫކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީއެއް، ކައުންސިލުން މަރުކަޒަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރެވޭ ދާރުލްއާސާރުތަކާއި އެ ތަންތަނުގައި ހުންނަ ތަކެތީގެ ދަފުތަރު މަރުކަޒުން ބަލަހައްޓަންވާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްގެން ހިންގާ ތަންތަނަށް މަރުކަޒުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.

 

34 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ

(ހ) އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ސަގާފީ ތަރިކައިގެ މައުލޫމާތު މަރުކަޒަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތުތައް މަރުކަޒުގައި ދަފުތަރުކުރަން ވާނެއެވެ.

(ނ) އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ސަގާފީ ތަރިކައިގެ ލިސްޓު މަރުކަޒުން އަދާހަމަކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ރ) އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ސަގާފީ ތަރިކައެއް ރާއްޖެއިން ބޭރަށް ގެންދެވޭނީ، ގަވާއިދު ނަންބަރު 37/2020 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީގެ ލަފާގެ މަތިން، މަރުކަޒުގެ ހުއްދަޔާއެކުއެވެ.

 

35 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ތަކެތީގެ ރައްކައުތެރިކަން

(ހ) އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ދަފުތަރު ކުރެވިފައިވާ ތަކެތި ރައްކައުތެރިކޮށް ބެލެހެއްޓުމަށް މަރުކަޒުގެ އެހީ ބޭނުންވާނަމަ، އަންނަނިވި މައުލޫމާތާއެކު މަރުކަޒަށް ހުށަހެޅިދާނެއެވެ.

  1. އާސާރުގެ ދަފުތަރު ނަންބަރު؛
  2. އާސާރުގެ ވެރިފަރާތްކަން އެނގޭ ލިޔުމެއް؛
  3. އާސާރުގެ ހާލަތު ބަޔާންކުރާ ރިޕޯޓެއް؛
  4. ދެމެހެއްޓެނިވި ގޮތެއްގައި މި އާސާރު ރައްކައުތެރިކޮށް ބަލަހައްޓާނެ ގޮތުގެ ޕްލޭން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމެއް މަރުކަޒަށް ލިބިއްޖެނަމަ، އެ ހުށަހެޅުމެއް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ނ) އަމިއްލަ ފަރާތްތަކުގެ މިލްކުގެ ގޮތުގައި ހުންނަ ތަކެތި ރައްކައުތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތަކަށް އެދިއްޖެ ހާލަތެއްގައި މަރުކަޒުން އެ މައުލޫމާތު ދޭންވާނެއެވެ.

 

36 ވަނަ މާއްދާ - އަމިއްލަ ދާރުލްއާސާރުތަކާއި އާޓް މިޒުއަމްތައް ހިންގުން

(ހ) އަމިއްލަ ދާރުލްއާސާރުތަކުގައްޔާއި އާޓް މިއުޒިއަމްތަކުގައި ހާއްސަ ދާއިމީ ކަލެކްށަނެއް ހުންނަންވާނެއެވެ. އަދި އާޓް މިއުޒިއަމްތަކުގައި ދާއިމީކޮށާއި ވަގުތީކޮށް އެގްޒިބިޓް ކުރެވެން ހުންނަން ވާނެއެވެ.

(ށ) އަމިއްލަ ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތަކުގައި ހުންނަ ތަކެތީގެ ރައްކައުތެރިކަން އެ ތަންތަނުގެ ވެރިފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) މަރުކަޒުން ބޭނުންވެއްޖެ ހިނދެއްގައި، އަމިއްލަ ދާރުލްއާސާރުތަކާއި އާޓް މިއުޒިއަމްތައް ބެލުމަށް ފުރުސަތު ދޭންވާނެއެވެ.

(ރ) އަމިއްލަ ދާރުލްއާސާރުތަކުންނާއި އާޓް މިއުޒިއަމްތަކުން އާންމުކުރަމުން ގެންދަންވާނީ ސައްހަ މައުލޫމާތެވެ.

(ބ) އަމިއްލަ ދާރުލްއާސާރުތަކަށާއި އާޓް މިއުޒިއަމްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ބޭނުންވެއްޖެނަމަ، މަރުކަޒުގެ ލަފާގެ މަތިން ފީއެއް ނެގިދާނެއެވެ.

 

ފަސްވަނަ ބާބު

އެހެނިހެން ކަންކަން


37 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުމުން އަމަލުކުރާނެ ގޮތް

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެ ކަމަކާމެދު ގޮތެއް ނިންމާނީ މަރުކަޒުންނެވެ.

 

38 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސަގާފީ ތަރިކައިގެ ގާނޫނު (ގާނޫނު ނަންބަރު 12/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު