ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2020-41)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލަންޖެހޭ ދާއިމީ ސަބް ކޮމިޓީތައް އެކުލަވައިލައި، ދާއިމީ ސަބް ކޮމިޓީތައް ހިންގާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ސަބް ކޮމިޓީތައް އެކުލެވިގެންވާ ގޮތް
ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކާއި، އެ ކޮމިޓީތަކަށް އައްޔަނު ކުރެވޭ މެންބަރުންގެ އަދަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ލައިސެންސިންގ ކޮމިޓީއަށް 3 (ތިނެއް) މެންބަރުން؛
(ށ) އެތިކްސް ކޮމިޓީއަށް 9 (ނުވައެއް) މެންބަރުން؛
(ނ) އިސްތިއުނާފު ކޮމިޓީއަށް 3 (ތިނެއް) މެންބަރުން؛
(ރ) ގާނޫނީ ތައުލީމު ކޮމިޓީއަށް 5 (ފަހެއް) މެންބަރުން؛
(ބ) ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއަށް 5 (ފަހެއް) މެންބަރުން، މިއެވެ.
3 ވަނަ މާއްދާ - މެންބަރުން އައްޔަނުކުރުން
މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިމީ ސަބް ކޮމިޓީތަކަށް މެންބަރުން އައްޔަނު ކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތިން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.
4 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތުތައް
(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިމީ ސަބް ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ މީހެއް ކަމުގައި ވުން؛
- ގާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
- ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ށަރުއީ ކޯޓަކަށް، ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން މުހިންމުކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ފެންނަ ށަރުތެއް ހިމެނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
5 ވަނަ މާއްދާ - މެންބަރުންގެ ދައުރު
ދާއިމީ ސަބް ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންގެ ދައުރަކީ 3 (ތިނެއް) އަހަރުދުވަހެވެ.
6 ވަނަ މާއްދާ – އުޖޫރަ
ދާއިމީ ސަބް ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންނަށް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ގޮތެއްގެ މަތިން "ސިޓިންގ އެލަވަންސް" އެއް ދެވޭނެއެވެ.
7 ވަނަ މާއްދާ - ކޮމިޓީގެ މެންބަރަކާ ގުޅޭގޮތުން ށަކުވާ ހުށަހެޅުން
(ހ) ދާއިމީ ސަބް ކޮމިޓީއެއްގެ މެންބަރަކާމެދު އެއްވެސް ށަކުވާއެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، ނުވަތަ އެފަދަ މައްސަލައެއް، ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ބަލަން ފަށައިފިނަމަ، އެ މައްސަލައެއް ބަލައި ވަކިގޮތަކަށް ނިމެންދެން، އެ މެންބަރަކު ކޮމިޓީގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ށަކުވާއެއް އެގްޒެކެޓިވް ކޮމިޓީން ބަލައި ގޮތެއް ނިންމަންވާނީ، ޑިއު ޕްރޮސެސްގެ އުސޫލުތަކާ ހިލާފު ނުވާނެ ގޮތުގެ މަތިން، އެކަށީގެންވާ އަވަސް މުއްދަތެއްގައެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ދާއިމީ ސަބް ކޮމިޓީއެއްގެ މެންބަރަކާމެދު ޖިނާއީ ތުހުމަތެއް ކުރެވިއްޖެނަމަ، އެ ކަމެއް ތަހުގީގު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް، އެގްޒެކެޓިވް ކޮމިޓީން ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހެޅުނު މައްސަލައަކީ، ސުލޫކީ މައްސަލައެއް ކަމުގައި ވާނަމަ، އެ މައްސަލައެއް ބެލުމުގެ ކަންކަން ކުރިޔަށް ގެންދާނީ، ބާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
8 ވަނަ މާއްދާ - މެންބަރުން ވަކިވުމާއި އިސްތިއުފާދިނުން
(ހ) ދާއިމީ ސަބް ކޮމިޓީތަކަށް އައްޔަނު ކޮށްފައިވާ މެންބަރުންގެ މަގާމު ނިމުމަކަށް އަންނާނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.
- މެންބަރުކަމުން އިސްތިއުފާ ދިނުން؛
- މެންބަރަކަށް ވުމުގެ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛
- ޖިނާއީ ކުށެއް ސާބިތުވުން؛
- މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރާކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް، ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީއަށް ފެނިގެން ނުވަތަ މެންބަރަކާ ގުޅިގެން މައްސަލައެއް ބެލުމަށްފަހު، އެ މެންބަރަކު ވަކިކުރުމަށް، ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީން ނިންމުން؛
- މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ފަދަ ދާއިމީ ހާލަތެއް މެދުވެރިވުން؛
- މަގާމުގެ ދައުރު ހަމަވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ދާއިމީ ސަބް ކޮމިޓީއެއްގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، ބާ ކައުންސިލުގެ ރައީސަށް ސިޓީއެއް ހުށަހަޅައި، ބާ ކައުންސިލުގެ ރައީސަށް އެ ސިޓީ ލިބުމުން އެ މީހަކު މެންބަރުކަމުން ވަކިވީއެވެ.
(ނ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެކްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެ މެންބަރަކަށް އެ މެންބަރެއްގެ ދިފާއުގައި ވާހަކަ ދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ. އަދި އެކްޒެކެޓިވް ކޮމިޓީން ނިންމުމެއް ނިންމާއިރު، އެ މެންބަރަކު ދިފާއުގައި ދައްކާ ވާހަކައާއި ހުށަހަޅައިފައިވާ ހެކިތަކަށް ރިއާޔަތް ކުރަންވާނެއެވެ.
9 ވަނަ މާއްދާ - މަގާމު ހުސްވުން
ދާއިމީ ކޮމިޓީއެއްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 20 (ވިހި) ދުވަހުގެ ތެރޭގައި، އެ ހުސްވާ މަގާމަށް މީހަކު އައްޔަނު ކުރަން ވާނެއެވެ.
10 ވަނަ މާއްދާ - ލައިސެންސިންގ ކޮމިޓީގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސެންސިންގ ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދަ ދިނުމާއި، ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާތިލުކުރުމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ށ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދައާ ގުޅޭ ފަންނީ މިންގަނޑުތައް އެކަށައެޅުމާއި، އެ މިންގަނޑުތައް މުރާޖައާކޮށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ރ) ގާނޫނީ ހިދުމަތަކީ، ހަމައެކަނި ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތަކުން ފޯރުކޮށްދޭ ހިދުމަތެއްކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
(ބ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ގާނޫނީ ވަކީލުންގެ ދަރަޖަތަކުގެ ފެންވަރާއި ށަރުތުތައް ކަނޑައެޅުމުގައި ބަލަންވީ މިންގަނޑުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ޅ) ލައިސެންސިންގ ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
11 ވަނަ މާއްދާ - އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގާނޫނީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައެޅުމަށްޓަކައި އެކަމުގެ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ށ) ގާނޫނީ ވަކީލުންގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
(ނ) ގާނޫނީ ވަކީލުންގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ރ) އެތިކްސް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
12 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ބާ ކައުންސިލުން ގާނޫނީ ވަކީލަކާމެދު އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިގެން، އެ ނިންމުން އިސްތިއުނާފު ކޮށްފި ނަމަ، އެ މައްސަލަ ބަލައި، ގޮތެއް ނިންމުން؛
(ށ) އިސްތިއުނާފު ކުރެވޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް އެކުލަވައިލުމާއި، އެ އުސޫލަށް އިސްލާހު ގެންނަން ޖެހޭކަމަށް ފާހަގަވާނަމަ، އެކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ނ) އިންތިއުނާފު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
13 ވަނަ މާއްދާ - ގާނޫނީ ތައުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގާނޫނީ ތައުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިޔަށް ގެންދާ ގާނޫނީ ތައުލީމު ކުރިއެރުވުމުގެ ގޮތުންނާއި، އެ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ށ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާއި، ކޯހުގެ މުއްދަތާއި، އެ ކޯސްތަކުގައި ބައިވެރިވުމުގެ ށަރުތުތަކާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދު އެކުލަވައިލުމަށްޓަކައި، އެ ކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ނ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ ކިޔަވައިދިނުން ބަލައި، އިސްލާހު ގެންނަންޖެހޭ ކަންކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ރ) ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިމްތިހާނުތަކުގެ އެސެސްމަންޓް ހަދައި، އިމްތިހާނުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
(ބ) ބާ ކައުންސިލުން ގަބޫލުކުރާނެ މަތީ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާ ގުޅޭ ގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުން؛
(ޅ) ގާނޫނީ ތައުލީމު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
14 ވަނަ މާއްދާ - ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގާނޫނީ ހިދުމަތާ ގުޅުންހުރި އެކިއެކި ކަންތައްތަކުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެގޮތުން ކުރެވޭ ދިރާސާތަކުގެ ރިޕޯޓު، އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން؛
(ށ) އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނާއި ގަވާއިދުތައް ބަލައި ދިރާސާކުރުމަށްފަހު، އެފަދަ ކަންކަމާ ގުޅިގެން، ބާ ކައުންސިލުގެ ރައުޔާއި މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
(ނ) ގާނޫނާއި ގަވާއިދުތައް އެކުލަވައިލުމާއި އިސްލާހުކުރުމުގައި ދައުލަތުގެ އިދާރާތަކުން، ބާ ކައުންސިލުގެ ލަފާ ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް އެއްބާރުލުން ދިނުމަށްޓަކައި، ބާ ކައުންސިލުން ދޭންޖެހޭ ލަފާ ތައްޔާރުކޮށް، އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން؛
(ރ) ށަރުއީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކީ، އާންމު މަސްލަހަތު ހިމެނޭ ނުވަތަ މުޖުތަމައުގެ ބޮޑު ބައެއްގެ މަސްލަހަތާ ގުޅޭ ގާނޫނީގޮތުންނާއި ދުސްތޫރީގޮތުން މުހިންމު ނިންމުމެއް ނިންމުމުގެ އިހްތިމާލު އޮތް މައްސަލައެއް ނަމަ، އެ މައްސަލައަށް ތަދައްހުލުވުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
(ބ) ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
15 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތްތައް
ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުންގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް ނިންމުމެއް ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މަސްލަހަތު ފުށުއަރާ ކަމެއް އެޖެންޑާ ކުރެވިފައިވާ ނަމަ، އެ ބައްދަލުވުމަކުން އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.
16 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
މަގާމުގެ ހައިސިއްޔަތުން ދާއިމީ ސަބް ކޮމިޓީއެއްގެ މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެފަދަ މައުލޫމާތެއް، ރަސްމީ ހައިސިއްޔަތުން އެ މައުލޫމާތު ހާމަކުރަންޖެހޭ ފަރާތެއް ފިޔަވައި، އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
17 ވަނަ މާއްދާ - ކޮމިޓީ ބައްދަލުވުންތައް
(ހ) ދާއިމީ ސަބް ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެކެވެ.
(ށ) ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަނު ކޮށްގެން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި، އެ ބައްދަލުވުމަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން، އެ ކޮމިޓީއެއްގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަނެއް އިންތިހާބު ކުރަން ވާނެއެވެ.
(ނ) ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ ކޮމިޓީއެއްގެ ޗެއަރޕަރސަނެވެ. އަދި އެ ކޮމިޓީއެއްގެ ޗެއަރޕަރސަން ނެތް ހާލަތްތަކުގައި، ރިޔާސަތު ބަލަހައްޓާނީ އެ ކޮމިޓީއެއްގެ ވައިސް ޗެއަރޕަރސަނެވެ. އަދި ވައިސް ޗެއަރޕަރސަން ނެތް ހާލަތްތަކުގައި، އެ ކޮމިޓީއެއްގެ ބައްދަލުވުމަށް ހާޒިރުވެ ތިބި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާ މެންބަރެކެވެ.
(ރ) ދާއިމީ ސަބް ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި، ގަޑި ކަނޑައަޅާނީ ކޮމިޓީގެ ޗެއަރޕަރސަނެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކޮމިޓީއެއްގެ މެންބަރުންގެ އަޣުލަބިއްޔަތުން ބައްދަލުވުމެއް ބާއްވަން އެދިއްޖެނަމަ، އެ ކޮމިޓީއެއްގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ޅ) ދާއިމީ ސަބް ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ބަލަހައްޓައި، ކޮމިޓީގެ މަސައްކަތުގެ އިދާރީ ކަންކަން އިންތިޒާމުކުރުމަކީ، ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
18 ވަނަ މާއްދާ - ށަކުވާ ބެލުމުގެ ޕެނަލްތަކުން ހާއްސަ އުސޫލުން އަމަލުކުރުން
މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލާ ށަކުވާ ބެލުމުގެ ޕެނަލްތަކުން އަމަލުކުރާނީ، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދުގައި އެ ޕެނަލްތަކުން އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގެ ދަށުންނެވެ.
19 ވަނަ މާއްދާ - ކޮމިޓީގެ ނިންމުންތައް
(ހ) ދާއިމީ ސަބް ކޮމިޓީތަކުން އެއްވެސް ކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
(ށ) ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުން ނިންމާ ނިންމުންތަކާއި، ތައްޔާރުކުރާ ލަފަޔާއި ރިޕޯޓުތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން
މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.
21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-41)
ކިޔުންތެރިންގެ ހިޔާލު