-

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-55)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 4 މާއްދާ އިތުރުކުރުން.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ލުއިދިނުމުގެ ބާރު  1-35.

ދިވެހިރާއްޖޭގައި އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިއުލާނު ކުރާ ދުވަހުން ފެށިގެން އެ ހާލަތު ނިމުނުކަމަށް އިއުލާނުކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މި މާއްދާގައިވާ ހާލަތު ހިނގަމުންދާ މުއްދަތުގައި އަލަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ގަވާއިދުގެ 2-35 ވަނަ މާއްދާގެ ދަށުން ލުއިދިނުން؛

(ށ) ހުއްދަ އައުކުރުމަށް އެދޭ ފަރާތްތަކަށް، ތިރީގައިވާ ގޮތްތަކުން ކުރެ ކޮންމެވެސް އެއްގޮތަކަށް ލުއިދޭން ކަނޑައެޅުން؛

  1. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ލުއިދޭ މުއްދަތު ކަނޑައަޅައި، މި ގަވާއިދުގެ 2-35 ވަނަ މާއްދާގައިވާ ލުއި ދިނުން؛ ނުވަތަ
  2. މި މާއްދާގައިވާ ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ފަހަރަކު 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށްދިނުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1. މި މާއްދާގައިވާ ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ފަރާތްތަކަށް؛ ނުވަތަ
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވިއިރު ހުއްދައަށް އެދި ހުށަހަޅައި އެ ހުށަހެޅުން ބާޠިލުކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ހުއްދަ އައުކުރަން އެދޭ ފަރާތްތަކަށް.

 

(ރ) މި މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅިގެން ދޫކުރާ ހުއްދައިގެ މުއްދަތު 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާގޮތަށް ކަނޑައެޅިދާނެއެވެ. އަދި ހުއްދައިގެ މުއްދަތު ހަމަވާއިރު ކުއްލި ނުރައްކަލުގެ ހާލަތުން މިންޖުނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އެ ފަރާތްތަކަށް ހުއްދަ އައުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

 

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ލުއި ދެވިދާނެ ކަންކަން 2-35.

ދިވެހިރާއްޖޭގައި އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިއުލާނުކުރާ ދުވަހުން ފެށިގެން އެ ހާލަތު ނިމުނުކަމަށް އިއުލާނުކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އަންނަނިވި ކަންކަމަށް، ތިރީގައި ބަޔާންކޮށްފައިވާ ލުއިތައް ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މާލީ ލިޔެކިއުން ހުށަހެޅުމުގައި މި ގަވާއިދު 12 ވަނަ މާއްދާގެ (ނ) ގެ (3) ގައި ބަޔާންކުރާ ގޮތަށް އޮޑިޓް ކުރުމާއެކު ހުށަހަޅަންޖެހޭގޮތަށް އޮތް އޮތުމުން އިސްތިސްނާކޮށްދިނުން؛

(ށ) މި ގަވާއިދު 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރުމަށް ބޭނުންވާ ލިޔެކިޔުމެއް އެހެން ބަހަކުން ތަރުޖަމާކުރާ ހާލަތުގައި، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތް ނިސްބަތްވާ ގައުމެއްގެ އެމްބަސީން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ގާނޫނީ ވަކީލަކު ނުވަތަ ލޯ ފާރމަކުން އަސްލާ އެއްގޮތްކަން ބަޔާންކޮށް ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުމުން އިސްތިސްނާކޮށްދިނުން؛

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން އެހެން އިދާރާއަކުން ދޫކުރާ ލިޔުމެއްގެ ބާވަތަށް ނުވަތަ ނަމަށް އަންނަ ބަދަލަކާ ގުޅިގެން ބަދަލުގައި ދޫކުރާ ލިޔުން ބަލައިގަތުން؛

(ރ) އެހެން ތަންތަނުން ސައްހަކަން ކަށަވަރުކުރަންޖެހޭ ލިޔެކިޔުން ސައްހަކަން ކަށަވަރުނުކޮށް ހުއްދަ ދޫކުރުން؛

(ބ) ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީއެއް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކަންޖެހޭ މުއްދަތަށް ބަދަލު ގެނައުން.

 

ކުއްލި ނުރައްކަލުގެ ހާލަތުގައި ދޭ ލުއިގެ މައުލޫމާތު އާންމުކޮށް އަންގައި އިއުލާނުކުރުން 3-35.

މި ގަވާއިދުގެ 1-35 ވަނަ މާއްދާއާއި 2-35 ވަނަ މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅޭ މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު، ލުއިދޭ މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި ގަވާއިދުގެ 1-35 ވަނަ މާއްދާއާއި 2-35 ވަނަ މާއްދާގެ ދަށުން ދޭ ލުއިދިނުމާ ގުޅިގެން ރަޖިސްޓަރީކުރުމަށްފަހު ޢަމަލުކުރަންވީ ގޮތް 4-35.

(ހ) މި ގަވާއިދުގެ 2-35 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ލުއިތައް ދެވޭނީ، މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި އެ ލިޔެކިޔުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އޮޑިޓްކޮށް ނުވަތަ އަސްލާ އެއްގޮތްކަން ބަޔާންކޮށް ހުށަހަޅަންޖެހޭގޮތަށެވެ.

(ށ) މި ގަވާއިދުގެ 2-35 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ބަދަލުގައި ދޫކުރާ ލިޔުމެއް ބަލައިގަނެފައިވާ ހިނދެއްގައި، އެ ލިޔުމަކީ ވަކި މުއްދަތެއްގެ ފަހުން ބަދަލުކުރަން ހުށަހަޅަންޖެހޭ ލިޔުމެއްނަމަ، އެ ލިޔުން ބަދަލުކުރުމަށްފަހު މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ 2-35 ވަނަ މާއްދާގެ (ރ) ގެ ދަށުން ލިޔެކިއުމުގެ ސައްހަކަން ކަށަވަރުނުކޮށް މިނިސްޓްރީން ރަޖިސްޓަރީކޮށްފައިވާނަމަ، އެ މާއްދާގައި ބަޔާންކުރާ ހާލަތު ނިމުމަކަށް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިޔުމެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ދޭ ލުއިތަކާ ގުޅިގެން ދޫކުރާ ރެޖިސްޓްރޭށަން ހަދައިދެވުނީ އޭރު ދިން އިސްތިސްނާތަކުގެ ދަށުށް ކަމަށްވެފައި، ހާލަތު ނިމި ލިޔެކިޔުމުގެ ސައްހަކަން ދެނެގަނެވި ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުމެއް އަލުން ހުށަހެޅުމަށް ދެވޭ ފުރުސަތުގައި އެކަން ކޮށްފައި ނުވާނަމަ، އެ ހުށަހެޅުމެއް ނުވަތަ ރެޖިސްޓްރޭށަން ބާޠިލު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރިއިރު ހުށަހަޅައިފައިވާ ލިޔެކިއުމެއް ސައްހަ ނޫން ނަމަ، މި ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު